ޝެހެނާޒާއި ބައްދަލުކުރަން މީހަކު އައިސްފާ ހުރި ވާހަކަ ބުނުމުން ޝެހެނާޒް ނުކުތްއިރު ދޮރުމަތީގައި ހުރި މީހާ ފެނުމުން ޝެހެނާޒްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ އެނގޭވަރަށެވެ. މޫނުމަތީގައި ދޮރުލައްޕާލަންވެސް ހިތް އެދުނެވެ.

"ކީއްކުރަން އަހަރެން ހޯދަނީ؟ " ޝެހެނާޒް ރުޅިވެރިގޮތަކަށް ސުވާލުކުރިއެވެ.

"އަހަރެންގެ މަންމައާއި ބައްދަލުކުރުވަދީ....." ނަބީލާގެ މޫނުމަތިން ޖެހިލުންވުމުގެ ކުލަވަރެއް ނުފެނުނަސް އޭނަ އިސްޖަހައިލީ ލަދުން ހުރެ ކަހަލަގޮތަކަށެވެ. ޝެހެނާޒްގެ މޫނުމަތިން ފޫހިވީކަމުގެ އަސަރު ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ މި އަންހެނާގެ ނުބައި ފިރިހެންދަރިވަނީ އޭނަގެ ދަރިފުޅު ސަނާގެ ދިރިހުރުމުގެ ބައްތި އަބަދަށްޓަކާ ނިވާލާފައެވެ. ނުވީތާކަށް ތިމާގެ މައިމީހާއާއިމެދު އަނިޔާވެރިވެ އިހާނެތިކޮށް ހަދާފައި މިއަދު މަންމަގެ ނަން ކިޔަން އަނގަ ހުޅުވަންވެސް ނަބީލާ ލަދުގަންނަންޖެހޭނެއެވެ.

"މިއަދުތަ މަންމައެއް ހުރިކަން ހަނދާންވީ. އެތައް އަހަރެއްވީއިރުވެސް ތިމާގެ މައިމީހާ އުޅުނު ހާލެއް ބަލާ ނުލާ މީހަކު އައިސް ތިހެން ބުނާކަށް ލަދެއްނުގަނޭތަ؟ "ޝެހެނާޒް އޭރުވެސް ހުރީ ދޮރުމަތީގައެވެ. ނަބީލާ ވަންނަން ތަންދޭކަށް އޭނަގެ ހިތާއި ހަށިވެސް ނުރުހެއެވެ. އެފަދަ ހުއްދައެއް ދިނުން އެއްވެސް ގޮތަކުން ހުއްދަމީހެއްނޫނެވެ.

"ނުވާނެ ތިކަމެއް......" ޝެހެނާޒް ހަރުކަށިކޮށް ޖަވާބު ދިނެވެ.

"މަންމައާއި ބައްދަލުކޮށް ނުދިނަސް އެންމެ ރަގަޅު، ސާރާގާތު އެއްޗެކޭ ބުނަން ބޭނުމޭ. މިގެއަށް ސާރާ ވަންތަން ފެނިފައި އަހަރެން މިއައީ...." ނަބީލާ އެއްފަރާތަކަށް ޖެހިލިއެވެ. ޝެހެނާޒްގެ ހިތުގައި މި އަންހެނާގެ މައްޗަށް އެއްވެސް ކަހަލަ ރަހުމެއް ހަމްދަރުދީއެއް ނެތަސް ސާރާއާއި އައްމާރު މިވަގުތު ގޭގައި އުޅޭތީއާއިއެކު ސާރާއާއި ބައްދަލުކޮށް ދައްކާ ވާހަކައެއް އޮޅުންފިލުވަން ބޭނުންވާތީ އެތެރެއަށްވަދެ ސާރާއަށް ގޮވައިލިއެވެ.

"ސާރާއާއި ބައްދަލުކުރަން މީހަކު އެބަހުރި...." ޝެހެނާޒް ފޫހިގޮތަކަށް ބުނެލުމުން ސާރާވެސް ނުކުތީ ކަންބޮޑުވެފައިހުރެއެވެ. އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް އައްމާރުވެސް އައެވެ. ދޮރުމަތީގައި ހުރި ނަބީލާ ފެނިފައި ދެމީހުންގެ މޫނުމަތިންވެސް ރުޅިވެރިކަމުގެ އަސަރުތައް ފެނިލިއެވެ. ޝެހެނާޒް ފަދައިންނެވެ. އެއްވެސް މީހަކު އޭނަ ފެނިފައި އުފާނުވާކަން އެނގުމުން ނަބީލާގެ ހިތަށް ނުބައިގޮތެއްވިއެވެ. އޭނަގެ އަމިއްލަ ދަރިންވެސް އޭނަ ބަލިމީހަކަށް ވުމުން އޭނައާއިމެދު ކަންތައްކުރީ އެހާ އިހާނެތިކޮށެވެ. އަދިވެސް އައްމާރު އޭނައަށް ހެޔޮކޮށް ހިތާ މަރުހަބާ ކިޔާނެކަމުގައި އޭނަ އުއްމީދުކުރިއެވެ. ނަމަވެސް އައްމާރުގެ މޫނުގެ ކުލަވަރު ފެނުމުން އުއްމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ. އެމީހުންގެ ދިރިއުޅުމުން އޭނައަށް ޖާގައެއް ނެތެވެ. އައި ބޭނުމުގެ ވާހަކަ ބުނަން ޖެހިލުންވެ ކަރު އެލޭގޮތްވިއެވެ.

"މާމަ ކިހިނެއް އައްމާރު؟ " ނަބީލާ އަހައިލިއެވެ.

"ކީއްކުރަން މިގެއަށް ތިއައީ؟ މިތަނުން ދިޔައްޔާ އަހަރެމެންނަށް ރަގަޅީ....." އައްމާރުއަށް ވުރެ ކުރިން ސާރާ ޖަވާބުދިނެވެ. ނަބީލާ އެންމެނަށް އޮޅުވާލާ މާމައާއިމެދު ކަންތައްކުރި އިންސާނިއްޔަތާއި ޚިލާފުގޮތުން ދުވަހަކު އޭނަ މި އަންހެނާއަށް މާފެއްނުކުރާނެއެވެ. އަމިއްލަ މާމަ ކަމުގައި ނުވިޔަސް އޭނަ އެހާދުވަސްވާންދެން މާމަ ގެންގުޅުމުގެ ސަބަބުން އަމިއްލަ މާމައެއްދެކެ ނުވާނެ ލޯބި ހިތުގައި އުފެދިފައިވެއެވެ.

"އިންސާނަކަށް ކުށެއްކުރެވިދާނެ. މާފުދިނުމަކީ ނެތްކަމެއްނޫން ސާރާ. އަހަރެންގެ ދަރިންވެސް ހާލުގައި ޖެހުނުދުވަހު ނިކަމެތިކޮށް އެއްލައިލީ، ކާއެތިކޮޅެއްވެސް ނުދީ ބިކަހާލުގައި ޖެއްސީ، މިއަދު އައްމާރު ފިޔަވާ މަގޭ އެހެން ދަރިއެއްނެތް. ޖިދާންގެ އަންހެނުންވެސް އަހަރެން ގެއިން ނެރެލައިފި......." ނަބީލާ ޝަކުވާކުރިއެވެ. އައްމާރުއާއި ސާރާ އެކަކު އަނެކަކަށް ބަލާފައި ހިމޭނުން ތިބީ ނަބީލާ ވާހަކަދައްކަން ފުރުސަތުދީގެންނެވެ. އެމީހުންވަނީ އެތައް ޒަމާނެއްވާންދެން އޭނައާއިއެކު އުޅެ އޭނަގެ މިޒާޖު ދަސްކޮށްފައެވެ.

"ނައީމާ ކައިރިއަށްވެސް ދިޔައިން. އެއްބަނޑު އަންހެނަކަށް ހުރީ އެކަނި އޭނަ. އޭނަވެސް މަގޭ މޫނުމަތީގައި ދޮރު ލެއްޕީ. ނައީމާއަކީ މާކުރީއްސުރެން އަދި އަހަންނާއި ގުޅުން ކަނޑާލާފައި މުއްސަދިކޮށް އުޅުނު މީހެއް. އޭނަވެސް ހުރީ މަންމަ ބަލާގޮތަކަށްނޫން. އަހަރެން އެވަރުކޮށްލިކަންވެސް ރަގަޅެއްނު، މިޒަމާނުގައި މުސްކުޅިވީމަ މައިންބަފައިން ބެލުން ދަރިންނަށް ފަސޭހަކަމަކަށްނުވޭ، ބަންގާޅިން ލައްވާ ބެލުވޭނީވެސް ފައިސާ ހުރި ތަނަވަސްމީހުންނަށްވިއްޔަ. އައްމާރު. މަންމަ މިވަނީ ކެންސަރުޖެހި ފައިސާގެ އެހީއަށް ވަރަށް ބޭނުންވެފައި. ދެއަހަރުކުރިން ކަރު ދުޅަވެގެން އިންޑިއާއަށް ދައްކަން ޖިދާން ގެންދިޔަ. ޖިދާން ބުނި ބޭސްކެއީމަ ރަގަޅުވާނެޔޯ. މިފަހުން ބަލިވެގެން ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރު ބުނީ އޭރުވެސް ކެންސަރުޖެހިގެން އިންޑިއާއިން ފަރުވާދޭން ޑޮކްޓަރު ލަފާދީފައި އޮތް ނޫންހޭ. ޖިދާން ބުނީ ތިމަންނައަށް ހުރެވެން ނެތީމަޔޯ. ޑޮކްޓަރު ބުނީ އޭރު ފަރުވާ ކުރިނަމަ ރަގަޅުވާނެޔޯ. މިހާލުގައި ޖެހުނީ މަންމައާއިމެދު ގޮދު ވާހަކައެއް ފެތުރީމަކަމަށްވާނީ......." ނަބީލާގެ ބަރު އަޑު ދިޔަތަނެއްވެސް ނޭގެއެވެ. ހިތާމައާއި މޮޅިވެރިކަމުގެ ސަބަބުން މިއަދު ނަބީލާގެ އަޑުވެސް ވަނީ ބަލިކަށިވެފައެވެ. ކިރިޔާ އަޑު ނުކުންނަކަމެވެ. އަސަރުން ފޯވެފައެވެ.

"އާސަންދަ ލިބޭނެއްނު......" ހަމްދަރުދީވިނަމަވެސް ސާރާ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

"އެކީގައި ދާނެ މީހެއްނެތް. ޑޮކްޓަރު ލަފާދެނީ އިންޑިއާއަށް ދާށޭ....." ނަބީލާ ބުނެލިއެވެ.

"މާމައާއި ބެހޭގޮތުން ދޮގުވާހަކަ ފެތުރީއޭ. އަހަރެން ކައިރީ ބުނީމެއްނު ދޮންބައްޕަގެ ނުބައިކަމުގެ ވާހަކަ. މާމަ އެވަރުންވެސް އަޅާނުލިވާހަކަ......" އައްމާރު ހުރީ ބުމަގޮށްޖަހާލައިގެން ހަށަން ބަދެލައިގެންނެވެ. ކެންސަރުގެ ވާހަކަ ދައްކަނީ އޭނަގެ ހިތް މަޑުވާނެކަމަށްހެއްޔެވެ؟ ހަގީގަތަކީ މިއަދު ނަބީލާގެ އެއްވެސް ވާހަކައަކުން އޭނަގެ ހިތަށް އަސަރު ނުކުރި ކަމެވެ. އެއް އިރެއްގައި އޭނަ އެމަންމައަށް ހާދަ އިހުތިރާމެއްކުރިއެވެ. ހާދަ ގަދަރެއްކުރިއެވެ. މާޒީގެ ސަފުހާތައް އޭނަވަނީ އެއްކޮށް ހިތުން ފޮހެލާފައެވެ. އޭނަގެ ހިތުން ނަބީލާއަށް އެއްވެސް ޖާގައެއްނެތެވެ.

"ދޮންބައްޕައަކީ ވަރަށް ރަގަޅު ދީންވެރި މީހެއް. އެހެންވެ އޭރުވެސް މަންމަ ދިފާއުކުރީ، މަންމައަށް އޭރުވެސް އެނގޭނެ އަހަރެން ދޮންބައްޕައޭ ކިޔައިގެން ދޮގުވާހަކަދެއްކީކަމާއި އެފަދަ ގޮތަކަށް ދޮންބައްޕަ އަހަންނާއި ދިމާލަށް ބަލާވެސް ނުލާނެކަން. މިއަދު އަހަންނަށް ހެޔޮނުބައި ވިސްނިއްޖެ. އެހާރަގަޅު ދޮންބައްޕައަކާއި މަންމައެއް ލިބުނީމަ އަހަންނަށް ފަރުވާކުޑަކޮށްނުލެވުނީ، އެމަންމަގެ ދެލޮލުން އޮހުނު ކަރުނަތަކުން އެއްވެސް އަސަރެއްނުކުރި، މަންމަދިން ތަރުބިއްޔަތާއި ދިން ނަސޭހަތްތައް އަޑުނީވުނީ. މިހާރު އެކަމާއި ހިތާމަކުރަން ޖެހިފައިމިވަނީ. މަންމަ އެއްފަހަރުވެސް އަހަންނަށް ބަދު ދުޢާއެއް ނުކުރޭ، އަބަދުވެސް ބުނާނީ ނަބީލާއާއި ނައީމާއަށް ތިމަންނަގެ ހިތް ހެވޭ. އައްމާރުއަށް ހުރިހާކަމެއް ފެނިފައި ހުންނާނީ. މަންމައަށް ކަޅުސަޔާއި ހިކި ފާރޮށިކޮޅެއް ދީގެން އަހަރެމެން މީރުކޮށް ކައި އުޅުނުއިރު މަންމަގެ ލޮލުގައި ކަރުނަ ހިލިފައި ހުރޭ. އެކަނި ނޯވެވިގެން އުޅުނުއިރުވެސް ފާޚާނާއަށް ދާން ނުތެދުވެވިގެން ހާސްފަހަރު ގޮވިއިރުވެސް ބީރުކަންފަތެއް ދެވުނީ. އެހެންވެ މިއަދު މިއާދެވުނީ މަންމަގެ ކައިރިން މާފަށް އެދެންވެގެން. އޭރުން ދެން މިހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނީ. ހެޔޮނުވާނެ. މަންމައާއި ބައްދަލުކުރުވަދީ. ސާރާގެ މަންމަ އަދި ބުނެފި ނުވާނެއޭވެސް. އާދޭސްކޮށްފައި މިބުނަނީ، މަރުވުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް މަންމަގެ މޫނު ދެކެލަން ބޭނުން............" ނަބީލާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

"މާމަވަނީ ދިވެހިން ކިޔާގޮތުންވިއްޔާ މުސްކުޅި ބަލިޖެހި އަބަހައްދަވެފައި. މާމައަކާއި ވާހަކަދެއްކުމެކޭ މިހިރަ ފާރާއި ވާހަކަދެއްކުމެކޭ އެއްވެސް ތަފާތެއްނެތް. މާމައަކަށް އެއްވެސް މީހަކު ވަކިކުރާކަށް ނޭގޭ. މާމަ ބަލިވުމުގެ ކުރިން އެއްފަހަރު އަހަރެން އައްމާރުގެ އަތުން ގެނައި ނަބީލާގެ ތަންކޮޅެއް ކުޑައިރުގެ ފޮޓޯއެއް ދެއްކީމަ ހީލާފައި ބުނި މަގޭ ދަރިއޭ، ކޮންމެ ގޮތެއްވިޔަސް ލޯބިވެއޭ ދެދަރިންދެކެ. މިހާރު މިއެގުނީ އެބުނާ އަނެއްދަރިއަކީ ނައީމާކަމާއި އޭނަވެސް މާމަ އެއްލައިލީކަން. އެއީ މާމަ ނަބީލާގެ ވާހަކަދެއްކި އެންމެ ފަހު ދުވަސް. އެފަހުން މާމަ ހަމަނުޖެހޭ ވާހަކަދައްކަންފެށީ، މިވަގުތު މާމަ ފެންވަރުވާފައި ކާންދީފައި ނިދަން ބާއްވާފައި މިއައީ..އަހަރެންގެ މާމައެއް ނޫން އެއީ، އެކަމަކު އަމިއްލަ މަންމައެއްފަދައިން މާމަ ގެންގުޅުނީ. ކަންބޮޑުނުވޭ، އިރާދަކުރެއްވިއްޔާ އެންމެ ފަހު ވަގުތާއި ހަމަޔަށް މާމައަށް ނިކަމެތިކަމެއް ނުލިބި ހިތްހަމަޖައްސާދީގެން ގެންގުޅޭނަން........." ސާރާ ބުނެލިއެވެ.

ނަބީލާގެ ދެލޮލުގައި ކަރުނަ ވިދައިލިއެވެ. އެހަރު ހިލަގަނޑެއްފަދަ ހިތަށްވެސް ސާރާގެ ވާހަކައިން އަސަރުކޮށްފިއެވެ.

"އަމިއްލަ ދަރިންނަށް ނުވިކަންތައް ސާރާ ކޮށްދިނީތީ މިހިތް ޝުކުރުން ފުރިއްޖެ. ބުނާނެ އިތުރު އެއްޗެއްވެސް ނެތް......." ނަބީލާއަށް ރޮވޭގޮތްވިއެވެ.

"ސާރާ. މާމައަށް ނޭގުނަސް ދެން މާމައާއި ބައްދަލުކުރުވާ....." އައްމާރު ފާޑަކަށް ބަލަން ހުރެފައި އަނެއް ފަރާތަށް އެނބުރުނެވެ. އޭނަ ދެން އެރީ ޓެރެސްއަށެވެ. ސިގިރެޓެއް ރޯކޮށްލައިގެން ރެއިލިންގައި އަތްއަޅުވާލައިގެން ބޭރަށް ބަލަން ހުރިއިރު އުޑުމަތީގައި ކުޑަކޮށް ވިލާ އެއްވެ ވިއްސާރައިގެ ކުލަ ޖެހެމުންދިޔައެވެ.

ސާރާ ނަބީލާ ގޮވައިގެން މާމައޮތް ކޮޓަރިއާއި ހަމަޔަށް ގެންދިޔައެވެ. މާމައޮތީ ރީތިކޮށް ހަދާފައިވާ ހިތްފަސޭހަ ކޮޓަރިއެއްގައެވެ. ބަލިމީހުން ގެންގުޅޭކަހަލަ އެނދެއްގައި ބާއްވާފައިއޮތްއިރު ވަށައިގެން ބާލީސްތަކާއި ކުޝަންތައް ކައިރިކޮށްލާފައި ބޯ ރަޖާއެއް އަޅާލަދީފައިއޮތްއިރު ނިކަން އަރާމުކޮށް ނިދާފައި އޮތްކަން އެނގުނެވެ. ބަލީގެ ގޮތުން މުސްކުޅިވެގެންގޮސް ކޯތާފަތް ވަޅުވަދެ އިސްތަށިގަނޑު އެއްކޮށް ނުރަވެފައިވިޔަސް "ބޭބީ" އެއްފަދަ ލޯބި މައުސޫމްކަމެއް މޫނުގައިވިއެވެ. ތަނުގައި ހިފާފައިވަނީ މީރުވަހެކެވެ. ނަބީލާގެ ހިތަށް ބުނަންވެސް ނޭގޭފަދަ އަސަރުތަކެއްކުރިއެވެ.

"މަންމާ......" ނަބީލާ އެ ރޫގުޅައަކަށްވެފައިވާ އަތުގައި ފިރުމައިލިއެވެ. ކޮންމެ ދުވަހަކު މިގަޑީގައި ކައިގެން ނިދިޔަސް ނަބީލާ އެހާވަރުން މާފަށް އެދެން އައުމުން އުދަގޫނުކޮށް ބާއްވަން ބުނާކަށް ސާރާއަކަށްވެސް ނުކެރުނެވެ. ނަބީލާ ބޭނުންވަރަކަށް ވާހަކަދެއްކުމުގެ ފުރުސަތުދޭނީއެވެ. މާމަ ހޭލިޔަކަސް ނަބީލާއަކީ ކާކުކަމެއް ނޭގޭނެއެވެ.

"މަންމާ. މިއީ ނަބީލާއޭ، އަހަންނަށް ހިތްހެޔޮ............" ނަބީލާގެ ދެލޮލުން ކަރުނައަންނަން ފެށިއެވެ.

"މަންމަގެ މާތްކަމާއި ރަގަޅުކަން އެނގުނުއިރު މިވަނީ ވަގުތު ފާއިތުވެފައި. މަންމަ ކިތައްފަހަރު ބުނި ހިލޭ ފިރިހެނުން ގެއަށް ނުވައްދާށޭ. އެކަމާއި ރުޅިއައިސްގެން އަހަރެން ދޮންބައްޕައާއި މަންމަ ބަދުނާމްކުރަން ވެގެން ދޮންބައްޕަ އަހަންނާއި ބެހޭކަމުގެ ވާހަކަ މުޅި ރަށަށް ފަތުރާލީ، އެވަރުންވެސް މަންމަ ކެތްކުރި. އަހަރެން އެންމެން ކައިރީ ބުނީ މަންމައަށް ހުރިހާ ކަމެއް އެނގިހުރެ ދޮންބައްޕަ ދިފާއުކުރީއޭ، އަމިއްލަ ދަރިންނަށްވެސް އަހަރެން އެވާހަކަ ކިޔައިދިނީ އޮޅުވާލާފައި. އެވަރުންވެސް މަންމަ ޗުއްޕުވެސް ނުބުނެ ކެތްކޮށްލައިގެން ހުރީ، މިއަދު އެކަމުގެ ސަޒާ މިލިބުނީ، މަންމާ، އަހަންނަށްމިވަނީ ނުރައްކާތެރި ބަލިޖެހި މުޅި ހަށިގަނޑަށް ކެންސަރު ފެތުރިފައި، ބުނެދޭން ނޭގޭފަދަ ގަދަ ވޭނެއްގައި އަބަދުހެން އުޅެން ޖެހިފައިމިވަނީ. މިހާލުގައި އުޅޭއިރު ޒަކާވެސް ފިރިމީހާއާއިއެކު ވަކިން އުޅެނީ. އީމާވެސް މަގުމަތީގައި ނާސިއެއްހެން އުޅެނީ، ޖިދާންގެ އަންހެނުންގެ ބަސް ގަބޫލުކޮށްގެން އަހަރެން ނެރެލައިފި. މިއަދު ބިކަ ހާލުގައި ޖެހިފައި މިވަނީ، މަންމައަށް އެނގޭނީ އައްމާރުއަކީ އަހަރެންގެ ދަރިއެއް ނޫންކަމާއި ނައީމާ މަންމައާއި ހަވާލުކުރި ކުއްޖެއްކަން. އެކުއްޖާ ގެނެސްފައި މަންމަ އަހަރެންގެ ކައިރީ ބުނީ މިޔަތީމު ކުއްޖާ ރަގަޅަށް ބަލާދޭށޭ. ޔަތީމުކުދިންގެ ބަލަދުވެރިޔަކީ ހެއްދެވި ފަރާތޯ. ފަހުން ރަގަޅުގޮތެއްވެސް ވެދާނެޔޯ، މަންމަގެ އެ އަގުހުރި ނަސޭހަތްވެސް ގަބޫލުނުކޮށް އަހަރެން އެކުއްޖާފުޅަށް އަނިޔާވެރިވީ. މަންމަ އައްމާރުއަށް ހެޔޮކޮށް ހިތާތީ ހިތުގައި ވަކިން ބޮޑަށް ހަސަދަވެރިކަން އުފެދި އަނިޔާކުރެވުނީ........." ނަބީލާއަށް ވާހަކަ ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.

އިރުކޮޅެއްވާންދެން ނަބީލާ އޭނަގެ މުސްކުޅި މަންމަގެ އަތުގައި ފިރުމާލަން އިނެވެ. ސާރާ އެމަންޒަރު ބަލަން ދުރުގައި ހުރި ސޯފާގައި ފޯނާއި ކުޅެލަ ކުޅެލާއިނެވެ. ނަބީލާއަށް ހެޔޮވިސްނި މާފަށް އެދުނީތީ ސާރާ އުފާވިއެވެ. ނައީމާވެސް މިގޮތަށް އަންނާނެބާވައެވެ. ނައީމާއަކީ ކިހާވަރެއްގެ ކެހިވެރި މަކަރުވެރިއެއްކަން ސާރާއަށް ވަނީ އޮޅުންފިލާފައެވެ. ނައީމާގެ ފިރިހެންދަރިފުޅު އަކްސަމްއަކީ ޝުވޭކާރުގެ ދަރިފުޅުކަމުގައި ހަދައިގެން ޝުވޭކާރަށް އޮޅުވާލައިގެން ޝުވޭކާރު ދިންހާ ފައިސާ ޚަރަދުކުރީ އެފިރިހެންކުއްޖާއަށެވެ. އަކްސަމްއަކީ ޑޮކްޓަރަކަށްވެ ހުރެވެސް މަންމަގެ މިޒާޖުގެ މީހެއްކަން އޭނަވަނީ ސާބިތުކޮށްދީފައެވެ. އެހެންނޫންނަމަ މާމަ ދުނިޔޭގައި ހުރިއިރު ދެކެލަން އައީހެވެ.

ނަބީލާ މާޒީގެ އެކި ދުވަސްތައް ހަނދާންކޮށްފައި އޭނަގެ މަންމައާއި ވާހަކަދެއްކިއެވެ. އެތައްފަހަރު މާފަށް އެދުނެވެ. ހިތްހެޔޮކުރަން އެދުނެވެ. އައްމާރުއާއި މަންމައަށް އޭނަ ކުރި އަނިޔާތަކުގެ ވާހަކަ ނަބީލާގެ ދުލުން އިވެންފެށުމުން ސާރާގެ ހިތަށް އަސަރުކޮށްގެން ފެންކަޅިވިއެވެ. މިއަދު އައްމާރުއާއި މަންމައަށް އެކަމުގެ ނިއުމަތް ދުނިޔެއިންވެސް ލިބިއްޖެއެވެ. އައްމާރުގެ ދިރިއުޅުމަށްވެސް އެއައީ ހިތަށް ނާރާވަރުގެ ބޮޑު ބަދަލެކެވެ. މުއްސަދި ދެމަފިރިއެއްގެ ދަރިއަކަށް ވުމުގެ އިތުރަށް އެމީހުންގެ ފަރާތުން އެލިބޭ ލޯތްބާއި އަޅާލުން ސާރާއަށްވަނީ ފެނިފައެވެ. އަދިވެސް އެކަން ބަލައިނުގަނެވެނީ އައްމާރުއަށެވެ.

މާމަ ހިރިވެސް ނުލައެވެ. ނަބީލާ ގަދަޔަށް ރޮއި އަޑުގަދަވުމުން މާމަ ހޭލަފާނެކަމަށް ސާރާ ހީކުރިއެވެ. އެވަރުންވެސް ދެލޯ ހުޅުވާނުލިއެވެ. އެންމެފަހުން ސާރާއަށް ކެތްނުކުރެވިގެންގޮސް ނަބީލާގެ ކޮނޑުގައި ހިފަހައްޓާލާފައި ރުއިން ހުއްޓާލަން އެދުނެވެ. އިންސާނަކު ހެޔޮހިތުން ތައުބާވުމުން ހެއްދެވިފަރާތުންވެސް ތައުބާ ގަބޫލުކުރައްވާކަން ހަދާންކޮށްދިނެވެ.

"މާމަ ދުވަހަކުވެސް ހިތް ނުބައި ހެނެއް ހިޔެއްނުވޭ. އެންމެފަހުންވެސް މާމަ ދެދަރިންދެކެ ލޯބިވާ ވާހަކަ ބުނި. މާމައަކީ ވަރަށް ހިތްހެޔޮ ރަގަޅު މާމައެއް. މާމަ އެހެން ދުވަހު މިހާ ނިދި ގަދައެއްވެސް ނޫން. މިއަދު މިވަރަށް ވާހަކަދައްކާއިރުވެސް ނިދަނީ ވިއްސާރަކޮށް އުޑުމަތި އޮތީމަކަން ނޭގޭ...." ސާރާވެސް ހުރީ ފެންކަޅިވެފައެވެ. އޭނަ މާމަގެ މޫނުގައި ކުޑަކޮށް ފިރުމައިލިއިރު ފިނިހެން ހީވިއެވެ. ހަށިގަނޑު އޮތީ ހާދަ ފިނިކޮށެވެ. ސާރާ މަޑުމަޑުން މާމައަށް ގޮވަންފެށިއެވެ. ކުޑަކޮށް ތަޅުވާހެދިއެވެ. އެވަރުންވެސް މާމައޮތީ ހިމޭންވެފައެވެ. ނަބީލާގެ ހިތަށް ހޫނުފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. އޭނަގެ މަންމަގެ ނޭފަތާއި އަތް ކައިރިކޮށްލިއެވެ. ނޭވާނުލާކަން ޔަގީންވިއެވެ.

"ސާރާ. މާމަ މިއޮތީ މަރުވެފައި....." ނަބީލާ ރޮއިގަތެވެ. އޭނަދެއްކި އެއްވެސް ވާހަކައެއް މަންމައަށް ނުވެސް އިވުނީހެއްޔެވެ؟ އޭނައަށް ހިތްހެޔޮނުކޮށް މަންމަ މިދުނިޔެއަށް އަލްވިދާއު ކިޔައިފިއެވެ.

ސާރާގެ މޫނަށް އަނދިރިވާގޮތްވެ އަރިއަޅާނުލީ ހަމަކިރިޔާއެވެ. އޭނަގެ ލޯބިވާ މާމަ ކުއްލިއަކަށް އެމީހުންނާއި ވަކިވެގެން ދިޔައީހެއްޔެވެ؟ ނައިސް ނުދާނެ ދުވަހެއްކަން އެނގުނަސް އެފަދަ ވަކިވުމަކަށް އޭނަގެ ސިކުނޑި ތައްޔާރުވެފައެއް ނުވެސް ނެތެވެ. އަޑުކޮޅަށް އޭނަ މަންމައާއި އައްމާރުއަށް ގޮވަންފެށުމުން އެންމެން ދުވެފައި ކަހަލަގޮތަކަށް އެތަނަށް އައެވެ. އެންމެފަހު ވަގުތުވެސް އުއްމީދު ކަނޑާލަން ބޭނުންނުވެ އެމީހުން އަވަސްވެގެން މާމަ ހޮސްޕިޓަލަށްވެސް ގެންދިޔައެވެ. ޑޮކްޓަރު ބަލާފައި ބުނީ އެތަނަށް ގެނައިއިރުވެސް މާމަ ނިޔާވެފައިވާ ކަމަށެވެ. ނަބީލާގެ ރުއިމުގެ އަޑު މުޅި އެތަނުގައި ގުގުމާލާފައިވިއެވެ. މިއަދު ރުއިމަކުން ކުރާނެ ފައިދާއެއްނެތެވެ. މާމައަށް ޚިދުމަތްކޮށް ލޯބިދޭނެ ކިތަންމެ ފުރުސަތެއް ނަބީލާއަށްވެސް ލިބުނެވެ. ވަކިވެގެން ދިޔުމުން ކަރުނައިން ކުރާނެ އެއްވެސް ފައިދާއެއް އޮތީއެއް ނޫނެވެ. ލޯބިވާމީހުންނަށް ބޭނުންވަނީ ދުނިޔޭގައި ތިބިއިރު އަޅާލުމާއި ލޯތްބެވެ. އައްމާރު ސާރާ ގެނެސް މޭގައި ޖައްސާލައިގެން ހުރިއިރު އައްމާރުގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފޭބިއެވެ. ޝެހެނާޒްއާއި އެއާއިލާގެ އެހެން މީހުންވެސް ތިބީ ދެރަވެފައެވެ. މާމަ މަރުވިކަން އެންގުމުން ނައީމާވެސް އަކްސަމް ގޮވައިގެން އައެވެ. ނައީމާގެ ހިތް ހަރުކަމުގެ އިންތިހާއެވެ. މާމައަށްޓަކާ އެދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުފޭބިއެވެ. ޖެހި ބުދެއްފަދައިން މާމަގެ ބޯލާކޮޅުގައި ހުރީއެވެ. އެދެލޮލުން އެއްވެސް އަސަރެއް ޝުއޫރެއް ފާޅެއްނުވިއެވެ.

ޝުވޭކާރުއާއި އާއިލީގޮތުން އެއްވެސް ގުޅުމެއްނެތް މީހަކަށް ވިޔަސް ޑޮކްޓަރެއްގެ ހައިސިއްޔަތުން ދިމާވެފައި ހުރުމާއި އައްމާރުގެ މާމައެއްގެ ގޮތުގައި ހުރެދިންކަމަށްޓަކާ ވަރަށް ޚަރަދުކުރިއެވެ. އެންމެ އަގު ބޮޑު އަތަރު ގެނެސްދިނެވެ. މާމަގެ ގައިގާ އަތަރު ލައްވާދިނުމުގައިވެސް ބައިވެރިވިއެވެ.

އައްމާރު ޚަލީސީ ގެންގޮސް މާމާގެ ނިތްކުރީގައި ބޮސްދިން މަންޒަރު އެންމެންގެ ހިތުގައި ބީހިލިކަން ޔަގީނެވެ. އެ މަންޒަރު ފެނުނު އެންމެނަށް އަސަރުކުރިއެވެ. ޚަލީސީ މާމައަށް ގޮވާވެސް ހެދިއެވެ. މޫނުގައި އެތުއްތު އަތުން ފިރުމިއެވެ. ޚަލީސީ އެންމެ ފަހުން ބުނީ މާމަ ނިދަނީކަމުގައެވެ.

މާމަ ވަޅުލުމުގެ ކަންތަކުން ނިމުނުއިރު ނަގާފައި ހުރި ވިލާގަނޑުން ތުނިކޮށް ވާރޭވެހެން ފެށިއެވެ. ފައިސަލް ބުނެގެން ސާރާއާއި ޚަލީސީވެސް އައްމާރުއާއިއެކު އެގެއަށް ދިޔައެވެ. ފައިސަލް ބުނިގޮތުން ސާރާއަށް މިވަގުތަށް އެންމެ ރަގަޅީ އެ މާހައުލާއި ދުރުން އުޅުމެވެ. ހިތާމަތައް އަވަހަށް ލުއިވާނީ އޭރުންނެވެ. ޚަލީސީ ނިދުމުން އައްމާރު ވަރަށް ކިޔައިގެން ސާރާ އެއްޗެއް ކާލަން ވެގެން ތިރިއަށް ފޭބިއެވެ. ހެނދުނު ސައިބުއިގޮތަށް އެއްޗެއް ނުކައި ހިތާމަކުރުމުގެ ސަބަބުން ސާރާ ހުރީ ވަރުދެރަވާގޮތްވެފައެވެ. އެރީތި ދެލޯ ދުޅަކަމުން ހީވަނީ އެހެންކަމެއް ހެންނެވެ.

"ފުރަތަމަ މޭވާއެއް ކާލަންވީނު......." މޭޒުމަތީގައި ހުރި މޭވާ ވަށިގަނޑު ތަފާތު ވައްތަރުގެ މޭވާތަކުން ފުރިފައިވާތަން ފެނިފައި އައްމާރު އެޕްރިކޮޓެއް ނަގާފައި ދޮވެލަދިނެވެ. ސާރާ އެމޭވާ އަތުލައިގެން ރަހަ ބަލައިލިއެވެ. މޭވާއަކީ އޭނަގެ ފެވެރިޓެވެ. ބައްޔެއްވެގެން ކާއެއްޗެއް އެއްގޮތަކަށްވެސް އަނގަޔަށް ނުލެވޭ އިރުވެސް އޭނައަށް މޭވާ ކެވިދާނެއެވެ. އައްމާރު ލަވާޒާ މެޝިނުން މަގަކަށް އަޅައިގެން އައިސް ބޯންފެށިއެވެ. އޭރު ކުޑަދޮރުން ވާރޭވެހޭ މަންޒަރު ކޮންމެވެސް ވަރަކަށް ފެންނަން ހުރުމުން ވަރަށް ހިތްގައިމެވެ.

"ނީޒާ އިއްޔެ އައެއްނު. އަހަންނާއި ދިމާވެގެން މާފަށް އެދުނު........" ސާރާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް ބުނެލިއެވެ.

"ކޮންކަމަކާތަ؟ " ސާރާގެ މޫނަށް އެތޫނު ދެލޯ ހުއްޓާލަމުން އައްމާރު އެހިއެވެ.

"އިމީ އެގެއަށް ދިޔުމުން އިމީއަށް އޮޅުވާލަން ވާހަކަތަކެއް ދެއްކީޔޯ. އޭރު ނީޒް ބޭނުންވީޔޯ އަހަރެމެން ރުޅިކުރުވަން. އިމީއާއި އަހަރެން އަލުން ގުޅެން ނީޒް ބޭނުމެއްނުވީ. އެހެންވެގެންނޯ ތިމަންނަ ބުނީ ފްލަފީދެކެ ސާރާ ހޭޓްކުރެޔޯ. އިމީއާއި ބައްދަލުކޮށްފަވެސް މާފަށް އެދޭނަމޯ ބުނި. އެކަމަކު ނޭގިވެސް ނީޒްވެސް އެހެދީ މިސްޓޭކެއް. ހަގީގަތުގައި ފެމިލީ އެންޑް ފްރެންޑުންވެސް ނުޖެހޭނެ ދޯ އެހެން މީހުންގެ މަތިން ކަންތައްތައް ޑިސައިޑްކުރާކަށްވެސް. އިޓްސް އަވަރ ލައިފް. ނީޒްވެސް އަސްލު ވަރަށް ރަގަޅު ފްރެންޑެއް އެކަމަކު ބައެއްފަހަރު ލޯބިވާ މީހުންނަށްޓަކާ އެކަހަލަ ކަންތައް ކުރެވޭނެކަން ވިސްނި މާފު ދިނީ........" ސާރާގެ ވާހަކަތައް އިވިފާ އައްމާރު އެބުނާ ދުވަސްމަތިން ހަނދާންވިއެވެ.

"އަދި އެދުވަސްކޮޅު އަހަންނަށް އެފްބީ އެއްޗެއްސަށްވެސް ނުވަދެވޭ، ޕާސްވޯޑްތައް ޗޭންޖުކޮށްލާފައި ހުރީ، އޭރު ހީކުރީ އިމީގެ ކަމަކަށޭވާނީ. ނީޒްއަށް ޕާސްވޯޑް އެނގޭނެ އެކަމަކު ހިތަކަށް ނޭރި ނީޒް އެކަހަލަ ކަމެއްކޮށްފާނެއޭ. ނީޒް އަމިއްލައަށް އެކަމަށް އިއުތިރާފުވީ. އެހުރިހާ ގަނޑެއް ނީޒް ގަތީ އަހަރެމެން ރުޅި ކުރުވާށޭ......." ސާރާ ސިއްރުކުރީ އެންމެ ވާހަކައެކެވެ. އޭރު ނީޒާގެ ހިތުގައި އައްމާރުގެ ލޯބި އުފެދިފައިވިކަމެވެ. ނަމަވެސް ފަހުން ނީޒާއަށް އެއީ ވުމަށްވުރެ ނުވުން ކައިރިކަމެއްކަން ޔަގީންވެ އެހެން ޒުވާނަކާއި ލޯބީގެ ގޮތުން ގުޅުނީއެވެ. މިހާރު ނީޒާއާއި ވިކާޝް ތައްޔާރުވަނީ ކައިވެނީގެ ގޮށް ދާދި އަވަހަށް ޖަހާލުމަށެވެ.

"ހުރިހާ ކަމެއް އޮޅުންފިލުމަށްފަހު ސާރާ އަދިވެސް ދުރަށް ދާން ބޭނުންތަ؟ " އައްމާރު ސާރާގެ އަތްތިލަމަތީގައި އަތް ބޭއްވިއެވެ. ފިނިގަދަ މާހައުލެއްގައި އެ ހަރަކާތުން އެކަނިވެސް ސާރާގެ ހީފިލާގޮތްވިއެވެ.

"ގޮސްފިއްޔާ އިމީ ހަދާނީ ކިހިނެއްތަ؟ "ސާރާވެސް ކުރީ ސުވާލެކެވެ.

"އޭރުން އަހަރެން މޮޔަވެދާނެ......" އައްމާރު ބަލާވަރުން ސާރާ ލަދުގަންނަގޮތްވިއެވެ. ފިރިމީހާއަށް ވިޔަސް އަދިވެސް ލަދުވެތިކަން ސާރާގެ ގައިގާ ހަރުލާފައި ހުންނަ ރީތި ސިފައަކަށްވެފައިވެއެވެ.

"އެކަމަކު ކައި........" ސާރާ އެއްޗެކޭ ބުނަން އުޅުނެވެ.

"އެއީ އަހަރެންގެ ސިސްއޭ. އަހަރެމެން ދެން އެކަން ގަބޫލުނުކޮށް ކުރާނެ އިތުރުކަމެއްނެތް، އަހަރެންވެސް ޕްލޭންކުރީ ދެ އަންހެންކުދިންނާއިއެކު ލައިފް ކުރިއަށް ގެންދާކަށްނޫންތަ؟ އެކަމަކު ތަގުދީރުގެ ޕްލޭން އޮތީ އެހެން ގޮތަކަށްވީމަ އަހަރެމެންގެ ބާރެއް ނުފޯރާނެ....." ސާރާ މޭވާ ހުސްކޮށްލިތަން ފެނިފާ އައްމާރު އިތުރު މޭވާތަކެއް ތަށްޓައް ލާދިނެވެ. ސާރާވެސް ދެކޮޅު ނަހަދާ ލަސްލަހުން ކަމުންދިޔައެވެ.

"އިމީ އަހަރެމެންގެ ގެއަށް ހިނގާ. މިގޭގައި އުޅޭކަށް ފަސޭހައެއްނުވާނެ....."ސާރާއަށް ފެންނަ އެންމެ ރަގަޅުގޮތް އޭނަ ބުނެލިއެވެ. އެގޭގައިވެސް އޭނައަށްޓަކާ އަރާމު ކޮޓަރިއެއްހުރެއެވެ. އަމިއްލަ ތަނަކަށްވުމުން އެހެން މީހެއްގެ ފަރާތުން ފާޑުފާޑުގެ ބަސްތައް އަޑުއަހާކަށްވެސް ނުޖެހޭނެއެވެ. ކާއިއާއަކީ ކޮއްކޮ ކަމުގައިވިޔަސް އެކުއްޖާ އުމުރަށްވެސް ހުންނާނީ ސާރާއާއި ޒާތީގޮތުން ޖައްސާލާ ހަސަދަ ފިލުވައިލާނެ ދަނޑިވަޅަކަށް ބަލަބަލާކަން އޭނައަށް ނޭގެނީއެއްނޫނެވެ. ކާއިއާ ނެތްނަމަ މިގޭގައި އުޅޭކަށް ސާރާއަށް އުދަގުލެއްނުވާނެއެވެ. ނަމަވެސް ކާއިއާއާއިއެކު އެއްގެއެއްގައި އުޅެންޏާ މިގެއަކީ ޖަލަކަށްވާނެއެވެ.

"މަންމަމެން ގަބޫލެއްނުވާނެ...." އައްމާރުގެ ވިސްނުން ހުރީ މިހާރު މަންމަމެންނާއިއެކު ދިރިއުޅުމަށެވެ. ދުވަސްތައް ވޭތުވަމުންދާވަރަކަށް އޭނައާއި މަންމަމެންގެ ގުޅުން ރަގަޅުވަމުން ގާތްވަމުން އެބަދެއެވެ. އެއީ އައްމާރުގެ ހުވަފެން ހަގީގަތަކަށްވުމެވެ.

"ދެން ތިކަމާއި ވިސްނާނީ....." ސާރާ ހިނިތުންވެލިއެވެ. ދެމީހުން ކައިގެން ސިޓިންރޫމަށް އައިއިރު ޓީވީ އިން ފެންނަނީ ޖިދާންއެވެ. ޖިދާން މިނިސްޓަރަކަށް ވިފަހުން ކުރިއަށްވުރެ ބޮޑާގޮތެއް ހުއްޓެވެ. މިދެއަހަރުދުވަހުގެ ތެރޭގައި ޝަޚުސީ ބަނޑެއްވެސް ލައިފިއެވެ. ރައްޔިތުން އޮޅުވާލަން ފޮނި ވާހަކަތަކެއް ދައްކަމުން ދިޔަސް މިއީ މަންމައަށް ހާދަ ނުބައި އިންސާނެކޭ ސާރާގެ ހިތަށް އެރިއެވެ. އޭނަގެ އަގު ވައްޓާލަންވެގެން ހެދި ވީޑިއޯތައް ބޭޒާރުނުކުރީވެސް އަމިއްލަ އެދުން ބޮޑުކަމުންނެވެ. ތިމާގެ ނުބައިކަންވެސް ފޮރުވާންވެގެންނެވެ. ސަނާގެ ގާތިލް އެހެރީ މަކަރުވެރިކަމުން އެންމެ މަތީފަޑިއަށް އަރާފައެވެ. އެވަރުން ދަންޏާ ރައީސްކަމަށްވެސް ކުރިމަތިލާނެއެވެ. އެހާ ގަދަޔަށް ކިޔަވައިގެން ނެތަސް އޭނަގެ ޕާޓީއަށް ވެރިކަން ލިބުމުން އޭނައަށް މަތީ މަގާމެއް ލިބުނީއެވެ. ސާރާ މޭނުބައިކުރާގޮތްވިއެވެ.

"އެމީހާ އަދި އަމިއްލަ މާމަ ނިޔާވިކަން އެނގުމުން ދެކެލަން ނައިސް އެއިނީނު ލައިވް ކޮންފެރެންސްއަކަށް އަރާފައި. އެހާ ފޫހިވާ އިންސާނެއް ދުނިޔެއަކުވެސް ނުހުންނާނެ...." ސާރާ ވަގުތުން ޓީވީ ނިވާލައިފިއެވެ. އޭރު އައްމާރު އިނީ ސާރާގެ ކޮނޑުގައި އަތް ބާއްވާލައިގެންނެވެ. އެފިރިހެންވަންތަ އަތުގެ އެފަދަ ބީހިލުމަކުންވެސް ގައިން ހީބިހި ނަގައިލިއެވެ. އެގޮތަށް ލުއިކޮށް ބައްދާލުމުންވެސް ހިތަށް ލިބޭ ހަމަޖެހުން ބަޔާންކޮށްދޭކަށްވެސް ނޭގެއެވެ. ސާރާ އައްމާރުގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އައްމާރު އަދިވެސް އެދޭތެރޭގައިވާ ދުރުމިން ކައިރިކޮށްލިއިރު ދެހިތުގެ ވިންދު ކުރިއަށްވުރެ އަވަސްވެއްޖެއެވެ.

ކާއިއާ ސިޑިމަތީގައި ހުރިއިރު އައްމާރުއާއި ސާރާގެ ގާތްކަން ފެނިފައި ބޮލަށް އެނބުރުން އަރާކަހަލަ ގޮތެއްވިއެވެ. އޭނަގެ ލޮލަށް ޖަމާވި ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން ދުވެފައިގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލައިފިއެވެ.

"ކިހިނެއް ދެން ހަދާނީ؟ އަބަދު ފެންނާނީ އެމަންޒަރު، މިގޭގައި ދެލޯ މަރާލައިގެން ނުހިގޭނެ. ސާރާ ގަސްތުގައި ޖެއްސުމަށް އަހަންނަށް ދެއްކެންވެގެން އެއުޅެނީ. މާ ރޮމެންޓިކް ކަޕްލްއަކަށްވެގެން ދެން މަށަށް ފެންނަހާ ތަންތާ ހަގްކޮށް ކިސްވެސް ކުރާނެ.."

"............ ޔޫ އިމީ." ކާއިއާ ފާރުގައި ދެއަތުން ތަޅައިގަތެވެ. އެންމެފަހުން ރުޅިގަދަވެގެން ކުރާނެކަމެއް ނޭގިގެން އޭނަ ކަބަޑް ހުޅުވާފައި ބަލައިލިއެވެ. ގަވާއިދުން ކާން ޖެހޭ ބޭސްތައް ނުކައި ރައްކާކޮށްފައި ހުރުމުން އޭގައި އެތައް ބޭސްގުޅަތަކެއް ހުއްޓެވެ. އެބޭސްތައް ކައިގެން އަބަދަށްޓަކާ ނިދާލައިފިއްޔާ އޭނައާއި އެހެންމީހުންގެ ބޮލުގެ ރިހުން ކެނޑިދާނެއެވެ. މިހާލުގައި ދިރިހުރުމުގެ މާނައެއްނެތެވެ.

ކޮމެންޓް 0