ސާރާ ގެއަށް ވަނުމާއިއެކު ކުޑަ ރަތްޓޮޕަކާއި ސޯޓެއްލައިގެން ހުރި ރީތި އަންހެންކުއްޖަކު ދުވަމުން ދުވަމުން އައިސް އޭނަގެ އުރަށް އެރިއެވެ. އެކުއްޖާ ފެނުމާއިއެކު ސާރާގެ ހިތާމަތައް ކުޑަ ހިނދުކޮޅަކަށްނަމަވެސް ފިލާދިޔައެވެ. މިއީ އޭނަގެ ހުރިހާ އުފާތަކެވެ. އޭނަގެ ފުރާނައެވެ. ދުނިޔެއަށް ނޭވާލާ ސަބަބެވެ.

"ސާރާ ހާދަ ލަހުން ތިއައީ؟ މަންމަ ވަރަށް ގުޅައިފިން. ޚަލީސީ ތިހިރީ ބުއްތަށިވެސް ނުބޮއި. މާމަވެސް ޚަލީސީއަކަށް ދޫނުކުރޭ، ދެކުދިން ބުދަކާއިހެދި މާ ވަރަކުން އުޅުނީ، އެކަމަކު ޚަލީސީ ހާދަ ލޯބިއޭ. މިހާ ކުޑައިރުވެސް މިކުއްޖާގެ އެބަހުރި ދީލަތިކަން އެހާ ބޭނުންވީއިރުވެސް މާމައަށް ދީފައި އައިސް އެހެރީ....... "ޝެހެނާޒް ޕޮޓްތަކުގައި ހުރި މާގަސްތަކަށް ފެންދޭން ހުރެފައި ފެންދޭ އެތި ބަހައްޓާފައި އައެވެ.

"މާމަ އެއްޗެއް ކައިފިތަ؟ " ސާރާ ޚަލީސީގެ ފަން އިސްތަށިގަނޑާއި ކުޅެލަމުން މަންމައަށް ބަލައިލިއެވެ.

"ޑޮކްޓަރު ބުނީ ދެން ފީޑިން ޓިއުބް ޖަހަންވީއޭ،ކިހާ ދުވަހެއްވާންދެން ސާރާ އެކަމާއި އިންކާރުކުރަންވީ؟ މާމައަކަށް ނޭގޭ ދިރުވާލާކަށް، އަނގަޔަށް ލާގޮތަށް ކިތަންމެ އިރެއްވިޔަސް އެހެން އިންނަނީ، އެންމެ ދެރައީ ކޮށި އަރާވަރުން، ސާރާ، މަންމައަށް ފެންނަނީ ދަރިފުޅު އެމީހުން ބުނާގޮތަށް ހެދުން...." ޝެހެނާޒް މޫނުގައިވާ ދާތިކިތައް ފޮހެލާފައިގޮސް އުނދޯލީގައި އިށީދެއްޖެއެވެ.

"މާމައަށް ހާދަ އަނިޔާވާނެއޭ.........." ސާރާ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ފޯނު ރިންގުވާން ފެށުމުން ކަންފަތުގައި ފޯނު ޖައްސައިލިއިރު އޭނަގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. މޫނުމަތީގައި ވިދާ ބަބުޅަންފެށި ދާތިކިތަކުން އޭނަ ހާސްވެފައި ހުރިވަރު ކިތަންމެ ރީއްޗަށްވެސް ފެންނަން ހުއްޓެވެ.

"ކިޔަން. އިމީގެ ހާލު ކިހިނެއްތަ؟" ސާރާގެ އަޑުގައި އަވަސްކަމެއް ހުއްޓެވެ.

"ސާރާ، އިމީ ހޭ އަރައިފި......" ކިޔަން ޖަވާބުދިނެވެ.

"ތޭންކް ގޯޑް......" ސާރާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ.

"އަމިއްލަ ނަފުސަށް ބްލޭމް ކުރާކަށް ނުވާނެ، ހުރިހާ ކަމެއް ރަގަޅުވާނެ، އަހަންނަށް ގާތްގަޑަކަށް ޔަގީން އިމީގެ ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ދެންވެސް ހުންނާނީ ސާރާކަން، އިމީ އަމިއްލައަށް މަރުވާން ކުރިކަމެކޭ އަހަރެން ނުބުނާނަން. ކޮބާތަ ޚަލީސީ........." ކިޔަން އޭނަގެ ބޭބެގެ ދަރިފުޅުގެ ޚަބަރު އޮޅުން ފިލުވިއެވެ. ޚަލީސީއަކީ އައްމާރުއާއި ސާރާގެ ދަރިފުޅުކަން އެ އާއިލާއިން ގަބޫލުކުރި އެކަނި މީހަކީ ކިޔަންއެވެ. ޝެހެނާޒްގެ ފަރާތުން އެކަން އެނގުމުން ޝުވޭކާރުގެ ހިތުގައި އެތައް ޝައްކުތަކެއް ހިނގިއެވެ. ސާރާގެ އުޅުމާއި އަޚުލާގު ހުރިގޮތުންނާއި ޚަލީސީގެ ލޮލުގައި ހުރި ތަފާތު ކުލައިން އެއީ އައްމާރުގެ ދަރިއެއް ނޫންކަމަށް ޝުވޭކާރު ނިންމިއެވެ. ނަމަވެސް ޝުވޭކާރު ކިޔަންގެ ކައިރީގައި އެވާހަކަ ބުނުމަށްފަހު ކިޔަން ހުރީ ސާރާ މާލެ އަންނަ ދުވަހަކަށް އިންތިޒާރުކޮށް ކޮށެވެ.

ސާރާ މާލެއައުމަށްފަހުގައި ކިޔަން އެދެމައިންނާއި ބައްދަލުކުރުމަށްފަހު ކިޔަންގެ ހިތްވެސް ޝައްކުން ފުރުނެވެ. ޚަލީސީ ރާއްޖޭގެ ކުއްޖަކާއި ވައްތަރެއްނޫނެވެ. އިސްތަށިގަނޑުގެ މުށިކުލައާއި ކަޅީގައި ހުރީ ޔޫރަޕްކުދިންގެ ކުލައެވެ. ސާރާ މިހުރިހާ ދުވަހު ކިޔަވަން ހުރީ އޮސްޓްރޭލިއާގައި ކަމުން ޝައްކުކުރާނެ ޖާގަވެސް އޮތެވެ. ކަޅުހެދުން ލައިގެން ހުރުމީ މީހާ މާތްވުމުގެ ހެއްކެއް ނޫންކަމުގައި ކިޔަން ދެކުނެވެ. އައްމާރުއަށް އެތައް އަހަރުގެ ޖަލުގެ ހުކުމެއް އައިސް އޭނަ ޖަލުގައި ވާކަން ސާރާއަށް އޮތީ އެނގިފައެވެ. އެކަމަކު އައްމާރު މީހަކު މަރާފާނެކަމަކަށް ސާރާގެ ޟަމީރު ގަބޫލެއްނުކުރިއެވެ. ނަމަވެސް ހެކިތަކުން ސާބިތުވެ އަމިއްލައަށް އިއުތިރާފުވުމަށްފަހު އެހެން މީހުން އެހީވާނީ ކޮން ގޮތަކުން ހެއްޔެވެ؟ ސާރާ އައްމާރުއާއި ބައްދަލުކޮށް ސުވާލުކުރަން ބޭނުންވިއެވެ. އެފަދަ ޖަރީމާއެއް އައްމާރު ހިންގިހެއްޔެވެ؟ ބޭނުމަކީ ކޮބާހެއްޔެވެ؟ އައްމާރު އެހާ މާޔޫސީވެ ދިރިއުޅުންދެކެ ފޫހިނުވާނަމަ އެހެންމީހެއްގެ ފުރާނައަށްވެސް ގެއްލުމެއް ނުދިނީސްކަން ޔަގީނެވެ. އެތައް ސުވާލުތަކުން ސާރާގެ ސިކުނޑި ފުނިޖެހުނެވެ.

ސާރާ މާލެއައިތަނާހެން އައްމާރުގެ ޖަލުގެ ހުކުމް ގޭ ބަންދަށް ބަދަލުކުރެވުނެވެ. އައްމާރުގެ ސިކުނޑީގައި މައްސަލައެއް އުޅޭކަމަށްބުނެ ނަފްސާނީ ޑޮކްޓަރަކު ސެޓްފިކެޓް ދިނުމުން އެކޭސް އަލުން ހުޅުވާފައި ދެން އިވުނީ އައްމާރު ޖަލުން ނެރުނު ޚަބަރެވެ. މުއްސަދިކަމާއި ފައިސާގެ ނުފޫޒުން ކުރުވިކަމެއްކަމަށް އެންމެން ކިޔުނަސް ޝުވޭކާރު އޭނަގެ މަސައްކަތް ކާމިޔާބުކޮށް ދަރިފުޅު ގެއާއި ހަމަޔަށް ގެނައުމުގައި ކާމިޔާބުކުރިއެވެ. އައްމާރު އޭނަގެ މަންމައާއި ހަމަޔަށް އައިއިރު މަންމަގެ ކައިރީގައިވަނީ ކިޔަން އެކަނިއެވެ. ފައިސަލްއާއި ޝުވޭކާރުވަނީ މާ ކުރިން ވަކިވެފައެވެ. ކާއިއާ ޚިޔާރުކުރީ ބައްޕަ ކައިރީގައި ލަންޑަނުގައި ހުރުމަށެވެ. މިދެ އަހަރުތެރޭގައި މާލެ އަންނަންވެސް އޭނަވަނީ އިންކާރުކޮށްފައެވެ. މަޑުމަޑުންގޮސް ފައިސަލްގެ އާއިލާއަށް ވަނީ ކޮންމެވެސް ވަރަކަށް އައްމާރުގެ ސިއްރު އެނގިފައެވެ. އައްމާރުއަކީ ޝުވޭކާރު ނަހަލާލަށް ވިހާފައި އެއްލާލި ކުއްޖެއްކަމުގައި އެއާއިލާއަށް އެނގުމަށްފަހު އެމީހުންގެ ހިތްތަކުގައި ޝުވޭކާރަށް އޮތީ ރުޅިވެރިކަމާއި ހަސަދަވެރިކަމެވެ. އެމީހުންނަށް އައްމާރުގެ ބައްޕައަކީ ކާކުކަން ޝުވޭކާރު އޮތީ ފޮރުވާފައެވެ.

ސާރާއާއި އައްމާރު ބައްދަލުކުރުމުގައި އެހީތެރިވެދިނީ ކިޔަންއެވެ. ސާރާއަށްވެސް އައްމާރުއާއި ކާއިއާ ވަކިވާން ޖެހުނު ސަބަބެއް ނޭގުނެވެ. ކިޔަން ބުނެފައިވަނީ ކާއިއާ ލަންޑަނަށް ބަދަލުވީ ވާހަކައެވެ. އައްމާރު އެކަނިވެރިވެފައިވާ މިންވަރާއި އަންހެންކުއްޖެއްގެ އެހީ ނެތި ދިރިއުޅުމުގައި އެންމެ ފިޔަވަޅެއްވެސް އަޅަން އައްމާރުއަށް އުދަގޫވެފައިވާ މިންވަރެވެ. ސާރާގެ ހިތަށް ބުނަން ނޭގޭފަދަ އަސަރުތަކެއްކުރިއެވެ. އައްމާރުއާއި ބައްދަލުކުރާހިތުން ކެތްމަދުވިއެވެ. މިދެއަހަރު އޭނަ ވޭތުކުރީ ކިހިނެއްކަން އެހެން މީހަކަށް އިހުސާސް ނުކުރެވޭނެއެވެ. ކޮންމެ ދުވަހެއް ވޭތުކުރީ އައްމާރުގެ ހަނދާންތަކުގައެވެ. އައްމާރު އޭނަ ހޯދަން އަންނާނެކަމުގެ އުއްމީދުގައެވެ. އިންތިޒާރުގައެވެ. އައްމާރު ކަންތައް ކުރިގޮތުން ފޫހިވި ދުވަހެއް އައިނަމަވެސް އޭނަވަނީ މާފު ދީފައެވެ. ދަރިފުޅުގެ ސަބަބުން އައްމާރުއާއި ވަކިވާކަށް އޭނަ ބޭނުމެއްނޫނެވެ. ލޯބިވަންޏާ ކޮންމެ ފަދަ ކުށެއްކުރިޔަސް މާފުކޮށްދެވޭނެއެވެ. ނަމަވެސް އޭނަ ފުރަތަމަ އައްމާރުއަށް ދައްކާނީ އެހެން ކުލަވަރެކެވެ. އޭނަ ދެރަކޮށްލީތީ އެކަމާއި ޝަކުވާ ކުރުމުގެ ހައްގު އޭނައަށް އޮންނާނެއެވެ. އައްމާރުއާއި ބައްދަލުކުރަން ސާރާ ވަގުތުން އެއްބަސްވިއެވެ.

އައްމާރު އެ ޕާކަށް އައީ އެއްވެސް ގޮތަކަށް ކިޔަން ކުރަން އުޅޭކަމެއް އެނގިގެނެއްނޫނެވެ. ކިޔަންއާއި އައްމާރު އެކީގައި ކޮފީއެއް ބޮއިގެން އަންނަމުން ވާހަކަދައްކާލަން ގަހެއްގެ ހިޔަލުގައިވާ ބެންޗެއްގައި ތިބެފައި ކިޔަން އެބައަންނަމޭ ކިޔާފައި ދިޔައީއެވެ. އައްމާރު ސިގްރެޓް ބޯން އިންދާ ދާދި ކައިރިން މީހެއްގެ ހިލަންވެގެން އިސްއުފުލާފައި ބަލައިލިއިރު ކުރިމަތީގައި ހުރި ސާރާ ފެނިފައި އައްމާރުއަށް ބުނަން ނޭގޭފަދަ ގޮތެއްވިއެވެ. ލަސްލަހުން ގޮނޑިން ތެދުވުމާއިއެކު އަތުގައި އޮތް ސިގްރެޓް ދޫވިއެވެ. ޖިންސްފޮތީގެ އަބާޔާއަކާއި ގުޅޭ ޝޯލެއް އަޅައިގެން ހުރިއިރު އެދޮންމޫނު ފެންނަލެއް ރީތިކަމުން ބުރުގާ މޮޑެލްއިން ފަހަތަށް ޖައްސާލާނެއެވެ.

"އިމީ......." ސާރާ ގޮވާލިއެވެ. އައްމާރު ހާދަ ބޮޑަށް ބަދަލުވެއްޖެއެވެ. ހިކިކަމުން ދެލޮލާއި ކޯތާފަތް ވަޅުވަދެފައިވާއިރު ތުނިކޮށް ތުނބުޅި ބަހައްޓާފައިވެއެވެ. ސިގްރެޓްބޮއި ބޮއި އެތުންފަތުގެ ކުލަވެސް ފަނޑުވެއްޖެއެވެ. ނަމަވެސް ހާދަ ފިރިހެންވަންތައެވެ. އެންމެ ބަލައިލުމަކުންވެސް ސާރާގެ ހިތް ވިރުވާލިއެވެ. ސާރާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އައްމާރުގެ ދެއަތުގައި އެފިނި އަތުން ހިފާލިއެވެ.

"އަދިވެސް މިހިރީ އިމީގެ އަންބެއްގެ މަގާމުގައި. އިމީގެ ކައިރިއަށް މިއައީ. ގަބޫލުކުރާނަންތަ؟ މިހާރު ފުދޭވަރުވެއްޖެކަން ނޭގޭ، އިމީ ދުރަށް ދުވިޔަސް އަބަދު މިހިރީ އިންތިޒާރުގައި. ކޮންމެވެސް ދުވަހަކުން އިމީ އަންނާނެކަމަށް ހީކޮށްގެން ހުރީ. އެންމެފަހުން އިމީ ތިއައީ ދޯ. ބުނެބަލަ. ވާހަކަދައްކަބަލަ ޕްލީޒް އިމީ......................." ސާރާ ހިތާހިތުން ވާހަކަދެއްކިޔަސް އޭނަގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެލޯބި ފާޅުކުރަން އަދި މާ އަވަހެވެ.

"ކިޔަން ވަރަށް ބުނެގެން ބައްދަލުކުރަން މިއައީ، ކޮންމެހެން އިމީ ހެދިގޮތްތައް ހަދާން ނައްތާލާފައި އެނބުރި އައީއެއްނޫނޭ، ދުވަހަކު އެކަމަށް މާފުކޮށްދެވޭނެތަ؟ ހާދަ ވަރަކަށޭ ހިތުގައި ޖެއްސީ. ހާދަ ވަރަކަށޭ ރޮއްވީ، އެންމެ ދުވަހަކުވެސް ލޮލުން ކަރުނަ ހިކުނީއެއް ނޫން، ހާދަ ހިތާމައެއްކުރީމޭ، އިމީއަކަށް ރޭކާ ނުލާނެ. އެނގޭތަ މާމަ ބަލިކަން؟ މާމަ އިމީގެ މަންމައާއި ހެދި ކުރިން ވަރަށް އުޅުނު، އެހާ އަނިޔާވެރިވީއިރުވެސް މާމަ ނަބީލާގެ މައްޗަށް ހިތްބުރަކޮށްފައި އެއްޗެކޭ ބުނާކަށް ބޭނުމެއްނުވި، ނަބީލާގެ ވާހަކަ ކޮންމެވެސް ވަރަކަށް ދައްކާހެދި، އިމީގެ ނަން އަބަދު ދުލުކުރީގައި އޮތީ. ފަހުން މަޑުމަޑުންގޮސް ކަންތައް ހަނދާން ނެތެމުންގޮސް މިއަދު މާމައަކަށް އިމީ ފެނުނަސް ނޭގޭނެ، މާމަ ވަރަށް ފަހަކާއި ޖެހެންދެން ސާރާ ސާރާ ކިޔާފައި އަބަދު ގޮވާއުޅުނު، މިހާރު އެނަން ކިޔުންވެސް ހުއްޓާލައިފި، އެކަކުވެސް ނޭގޭ، މާމައަށް އެންމެ ލޯބި ބޭނުންވި ވަގުތު އިމީ ދިޔައީ ކީއްވެ؟ އަހަރެން ދޫކޮށްލާފައި ދާން ކެރުނަސް އެންމެ ރަގަޅު، އެކަމަކު އިމީ ބުނެބަލަ މާމަގެ ކުށަކީ ކޮބާ؟ އެހާ މާމަދެރަކޮށްލީ ކީއްވެތަ؟ އެފަކީރު ހިތާމަކޮށްކޮށް އިމީނުފެނިގެން އުޅެމުންގޮސް އެންމެފަހުން މީހުން ވަކިނުވާވަރުވީ؟ އިމީ ކީއްވެ އެހެން ހެދީ؟ ޖަވާބުދީބަލަ............" ސާރާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަން ފެށިއެވެ.

އައްމާރު ހުރީ ހިމޭނުންނެވެ. އޭނަގެ މޫނުމަތިން އިތުރު ޝުޢޫރެއް ނުފެނުނެވެ. ހުރިހާ އިހުސާސްތަކެއް ވަޅުލީކަން ނޭގެއެވެ. ޖަލުގައި އަހަރުތަކެއް ވޭތުކުރުމުން އިންސާނިއްޔަތުކަން ނެތިގެން ދިޔައީ ބާވައެވެ.

"މާމަ ހަޔާތުގެ އެންމެ ފަހުގެ ދުވަސްތައް އެވޭތުކުރަނީ ހަގީގަތުގައި މާމައާއި އެއްވެސް ގުޅުމެއްނެތް ބަޔެއްގެ ކައިރީގައި. އެނގޭތަ؟ މިހާރު މާމަ ކިރިޔާ ދުނިޔޭގައި އޮތްކަން، ނުއެއްކެވޭ. ކާންދޭން އުޅޭ ކޮންމެ ފަހަރަކު މާމަ ޗޯކްވާ ގޮތްވޭ. ދޭތެރެއަކުން ކޮށިއަރައިގަނެގެން ހޮސްޕިޓަލުގައި ބާއްވަން ޖެހޭ. ޑޮކްޓަރު ބުނަނީ ޓިއުބަކުން ކާންދިނުން ސޭފްކަމަށް، އެކަމަކު ހިތަށް އަރަނީ އެންމެ ރަގަޅުގޮތަކީ އެއީ ބާވައޭ. ބައެއްފަހަރު ހިތަށް އަރާ މާމަގެ ފުރާނަ ނުގެންދަވާ އެއޮތީ އިމީއަށް ފެނިފައި ދާންވެގެންނޭ. އިމީ ކީއްވެ ތިހާ ޗޭންޖްވީ؟ ތިހާ ހަރުކަށިވީ ކީއްވެތަ؟ މީހުން މަރާ ހިސާބަށް ދާން ޖެހުނު ގޮތެއް ކިޔާދީބަލަ.....ޕްލީޒް..." ސާރާ ކަރުނަތައް އައްމާރުއަށް ފޮރުވާކަށް އޭނަ މަސައްކަތެއް ނުކުރެއެވެ.

"ސާރާ ތޭންކްސް......." އައްމާރު ފުންނޭވަޔަށް ދޫކޮށްލަމުން ޖިންސްގެ ޖީބަށް އަތްޖެހިއެވެ.

"ކޮން ކަމަކަށްތަ؟ " ސާރާގެ ހިތަށް އަސަރުކުރިއެވެ. އެހާ ޒަމާންކޮށްފައި ބައްދަލުވުމުންވެސް އެކަނި ޝުކުރު އަދާކޮށްފައި ދިޔުމަކީ އިންސާފެއްނޫނެވެ.

"މާމަ ބަލާދިނީތީ. އައި ފެއިލްޑް ހާރ ޓޫ......." އައްމާރު އަނެއް ފަރާތަށް އެނބުރުނެވެ. އޭނަގެ ހިތަށް ކުޅަދާނަނުވާ ވަރަށް ސާރާގެ ވާހަކަތަކުން އަސަރުކޮށް ހިތް ރޮއްވާލައިފިއެވެ. ލޮލުން ކަރުނަ ނަޔަސް ހިތަށް ވެފައިވާގޮތް ބަޔާންކޮށްދޭނެ ގޮތެއް ނެތެވެ. އޭނަދެކެ ލޯބިވާ މީހުންނަށްޓަކާ އޭނައަށް އެއްވެސް ކަމެއްކޮށެއް ނުދެވުނެވެ. އޭނައަކީ ނާކާމިޔާބު މީހެކެވެ. ސާރާއާއި މާމައަކީ އޭނަގެ އެއްވެސް މީހަކު ނެތް ދުވަހު ލޯބި ދިން ދެމީހުންނެވެ. އެދެމީހުންނަށް އޭނަ އަނިޔާވެރިވެ ދުރަށް ދިޔައީއެވެ. ހަގީގަތުގައި އޭރުވެސް އޭނަ ދިޔައީ އަމިއްލަ ނާގާބިލުކަމުން ސާރާއާއި އެކަށީގެން ނުވާކަމަށް ދެކުމުންނެވެ. ނަމަވެސް މިއަދު ވިސްނިއްޖެއެވެ. އޭނަ ހެދީ ރަގަޅަކަށް ނޫނެވެ. ލޯބިވާ ފަރާތްތަކާއި ވަކިވެގެން ދިޔުމަކީ ކުރެވުނު މޮޔަކަމެކެވެ.

"އިމީ ނުދާނަންތަ މާމަ ދެކޭކަށް؟ " ސާރާ އެހިއެވެ.

"ދިޔުމުގެ ބޭނުމެއްނެތް ވާހަކަ ސާރާ ކުރިން ބުނެފީމެއްނު......." އައްމާރު ތުންފަތުގައި ދަތް އަޅާލިއެވެ.

"ކޮންއިރަކު އެހެން ބުނީ؟ އެހެން ނުބުނަމެއްނު....." ސާރާ ހައިރާންވިއެވެ.

"މާމައަށް މީހުން ވަކިކުރަން ނޭގެންޏާ ދިޔުމުގެ މާނައެއްނެތް.........." އައްމާރު ދާން ހިނގައިގަތެވެ. އޭރު އިރުއޮއްސުމުގެ ކުލަވަރު އުޑުމަތިން ފެންނަން ފަށައިފިއެވެ. ވިއްސާރާ ވިލާތައް ގިނަކަމުން އުޑު ފެންނަނީ ރަތްކުލައެއްގައެވެ. އައްމާރުގެ ހާމަޔަށް ހުރި އަތުގެ ކުލަ ފެންނަލެއް އެހާމެ ޗާލެވެ. ސާރާ އިރުކޮޅެއްވާންދެން ބަލަން ހުރުމަށްފަހު ދުވަމުން ކަހަލަގޮތަކަށް ގޮސް އައްމާރުގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އައްމާރުގެ ފިޔަވަޅުތައް ހުއްޓެން މަޖުބޫރުކުރިއެވެ.

"އިމީގެ ހިތް ހިލައަކަށްވުރެ ހަރުވެއްޖެކަން ތި އަންގާދިނީ، ރަގަޅަށް ތިބުނީ، މާމައަކަށް ނޭގޭ، އިމީ ގޮސް ކިތަންމެ ވާހަކަތައް ދެއްކިޔަސް މިއަދު ނޭގޭނެ. އެކަމަކު އެހެނޭ ކިޔާފައި މަރުވިޔަސް މޫނު ބަލާކަށްވެސް ނުދާނަން ދޯ. ރަގަޅު، އިމީދެކެ ލޯބިވެ އަޅާލި މީހަކު ހާލުގައި ޖެހި ބަލިވީ ދުވަހު ނަގާ އެއްލާލާފައި ނުވީތާކަށް ފެނިލާކަށްވެސް ނުދިޔައީ. ހިތަކަށް ނާރާ އިމީއަކީ ތިކަހަލަ މީހެކޭ، އަހަރެން ލޯބިވި އިމީ އެއް ނޫން ތިއީ......." ސާރާގެ ޖުމްލަތަކާއިއެކު އައްމާރު ގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔުމާއިއެކު ކުއްލިއަކަށް ސާރާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިގޮތުން އައްމާރުގެ ތަބީއަތަށް އައި ބަދަލު ރަގަޅަށް އެނގުނެވެ.

"އާނ. ކޮން އިރަކު އަހަރެން ރަގަޅު މީހެކޭ ސާރާ ކައިރީގައި ބުނީ. ކޮންދުވަހަކު އެކަން ސާބިތުކޮށްދޭން މަސައްކަތްކުރީ؟ ދުވަހަކު ނުބުނަން އަހަންނަކީ މާތް މީހެކޭ. މަލާއިކަތެކޭ. އެގޮތަށް ހީކުރުމަކީ ސާރާގެ މައްސަލައެއް. އަހަރެންގެ ފަހަތުން ތި އަންނަނީ އަމިއްލައަށް. ހިލަހިތެއްގެ ވެރިއެއްގެ ކައިރިއަށް ނައިސް ރަގަޅު މީހެއް ހޯދަބަލަ................." ސާރާ އައްމާރުގެ ހިތުގެ އެންމެ ހިމަ ނާރާއި ކުޅެލާފަދަ ގޮތަކަށް ވާހަކަދެއްކުމުން އައްމާރުގެ ކޮންޓްރޯލް އޭނަގެ އަތްދަށުން ބީވެގެންގޮސް ހަޅޭއްލަވައިގަންނަ ހިސާބަށްވެސް ދިޔައީއެވެ. ތަންކޮޅެއް ދުރުގައި ތިބިބަޔަކު އެނބުރި އެނބުރިފައި ބަލަން ފެށީމަ ސާރާ ލަދުގަންނަގޮތްވެ މޫނުން ރަތްކުލަ ފާއްދާލައިފިއެވެ.

"އިމީ، މަޑުން ވާހަކަދައްކަބަލަ. މީހުން ބަލަން ފަށައިފި. ޕަބްލިކްތަނެއްގައޭ މިތިބީ............." ސާރާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އޭރު އައްމާރުގެ ލޮލުގެ އެސްފިޔަތައްވެސް ތެމިއްޖެއެވެ. ސާރާއަށްވެސް އަސަރުކުރިވަރުން ފެންކަޅިވެ ލޮލުން އޮހުނު ކަރުނަތިކި ފޮހެލަން ޖެހުނެވެ. ދެމަފިރިންނަށްވެސް އިރުކޮޅެއްވާންދެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނުއިރު ހިމޭންކަމުގެ ބަސްމޮށުމުން ކިތަންމެ ވާހަކައެއް ދެކެވިއްޖެއެވެ. ކިތަންމެ ވަރަކަށްވެސް ލޯބިވާކަން ލޯ ހެކިދިނެވެ. ނަމަވެސް ދެފަރާތުންކުރެ ފަރާތަކުން އިސްވެ އެ ވާހަކަ ބުނާކަށް ބޭނުމެއްނުވިއެވެ. ލޯބި ފާޅުކުރާކަށް ހިތް ތަނެއް ނުދިނެވެ.

"ދިޔުމުގެ ކުރިން މުހިއްމު ވާހަކައެއް ބުނަން އެބައޮތް. އިމީ ދެކޭހިތުން އުޅޭ ކުއްޖަކު އެބަހުރި، އެކުއްޖާގެ ނަމަކީ ޚަލީސީ......." ސާރާ ދުރުދުރުން ފެށިއެވެ.

"ޚަލީސީ؟ " އައްމާރުގެ ތުންފަތަށް ކުޑަ ކުޑަ ހިނިތުންވުމެއް ވެރިވާން އުޅުނެވެ.

"ގޭމްސް އޮފް ތްރޯންސްގައި އުޅޭ ޚަލީސީއެއް ނޫނޭ، މިބުނާ ޚަލީސީއަކީ ވަރަށް ސްވީޓް ކުޑަ ކުޑަކުއްޖެއް. އިމީ ނުފެނިގެން އުޅޭތާ ކޮން ދުވަހެއް؟ ޔޫ ޝުޑް މީޓް ދެޓް ގާލް........." ސާރާ ދުރުދުރުން ވާހަކަފެށިއެވެ. އެއީ އައްމާރުގެ ދަރިއެކޭ ބުނެފިއްޔާ އައްމާރު އުފާވާނެހެއްޔެވެ؟ އުފަލުންގޮސް އޭނަ އުރާލާނެހެއްޔެވެ؟ ނޫނީ އަންނާނީ ރުޅިހެއްޔެވެ؟ ނުބުނެހުރީތީ މައްސަލަ ޖައްސަފާނެއެވެ. ބުނަން ބޭނުންވިޔަސް ބުނާނީ ކޮންގޮތަކަށް ހެއްޔެވެ؟ އޭރު އޭނަ ހުރީ އޮސްޓްރޭލިއާގައެވެ. އައްމާރު އޮތީ ޖަލުގައެވެ.

"މިއޮތީ ނަމްބަރު. އިމީ ގުޅާލައްޗޭ....." ސާރާ އައްމާރުގެ އަތަށް ކަރުދާސްކޮޅެއް ލައްވާފައި ގޮސް ގަސްތަކާއި ނިވާވަންދެން ބަލަހައްޓައިގެން ހުރެވުނީ ހިތާމަވެރި ނަޒަރަކުންނެވެ. ލޮލުގައި ގިނަވެގަތް ކަރުނަތަކުން މަންޒަރު ފުސްވާގޮތްވިއިރުވެސް ކަރުނަތައް ފޮހެލާކަށް ބޭނުމެއްނުވިއެވެ. އަތުގައިވާ ކަރުދާސްކޮޅު ޖިންސްގެ ޖީބަށް ލައިގެން އެތަނުން ދާން ހިނގައިގަތްތަނާ ކިޔަން ދުރުން އަންނާތީ ފެނުނެވެ.

ސާރާ ޚަލީސީ ފެންވަރުވާ ރީތިކޮށްލާފައި ފިޔާތޮށިކުލައިގެ ޕިޖާމާއެއް ލައްވާފައި އެނދުގައި ބޭއްވިއެވެ. ދަރިފުޅާއި ސަމާސާކޮށް ވާހަކަދައްކަމުންގޮސް ބައްޕަ މިއަދު ޕާކުން ދިމާވި ވާހަކަ ބުނެލިއެވެ. ބައްޕަ ވަރަށް އަވަހަށް ޚަލީސީ ކައިރިއަށް އަންނާނެ ކަމަށާއި ޚަލީސީދެކެ ވަރަށް ލޯބިވާ ވާހަކަ ބުނެދިނެވެ. ޚަލީސީ އޮތީ ގަޔާވެލާފައި އަޑުއަހާށެވެ.

"މިއީ ކާކުތަ؟ "ސާރާ ފޮޓޯއެއް ދެއްކިއެވެ.

"ޑޭޑީ......" ޚަލީސީ ތުއްތު އަޑަކުން ބުނެލިއެވެ.

"އާވް ސްވީޓްހާޓް، ދަރިފުޅަށް އެނގެއެއްނު ޑެޑީ. މަންމަ އަބަދު ބައްޕަގެ ފޮޓޯތައް ދައްކަންޏާ ކިހިނެއް އޮޅޭނީ؟ ބައްޕައާއި ބޭބީ ދިމާވީމަ ވާނެގޮތެއް އިމޭޖިންކޮށްލާކަށްވެސް ނޭގޭ. މިއީ ހެއްދެވިފަރާތުން ދެއްވި އެންމެ އަގުބޮޑު ހަދިޔާކަމުގައި އިމީވެސް ގަބޫލުކުރާނެކަން ޔަގީން. ޑެޑީވެސް ދަރިފުޅުދެކެ ވަރަށް ލޯބިވެޔޭ، އެނގޭތަ އެކަން............" ސާރާ އަމިއްލަ ނަފުސާއި ވާހަކަދައްކާ ފަދަ ގޮތަކަށް ވާހަކަ ދައްކަމުން ޚަލީސީގެ މޫނުކޮޅުގަޔާއި އެތަން މިތާގައި ބޮސްދޭން ފެށުމުން ހީލިކަރުވައިގަތެވެ. އެތުއްތު ހުނުމުގެ އަޑު ކޮޓަރީގައި ގުގުމާލިއެވެ. ސާރާއަށް އޭރުވެސް ބެލެމުން ދިޔައީ ފޯނަށެވެ. އައްމާރުގެ ފޯނުގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި އޮތްވަރުން މިރޭ ދަރިފުޅާއިމެދުވެސް އެހާ ސަމާލުކަމެއް ނުދެވުނެވެ. ކޮންމެ ފަހަރަކު ފޯނު ރިންގްވެލާއިރަށް ބަލައިލެވެނީ ހިތް އަވަސްވެފައި ހުރެއެވެ. އައްމާރު ނޫންކަން އެނގުމުން މާޔޫސްވެދެއެވެ. ޚަލީސީ ނިދުމުން ކައިރީގައި ބާއްވައިގެން އޮށޯވެލައިގެން އޮތްއިރު މާޒީގެ އެކި ދުވަސްތައް ސާރާގެ ހަނދާނުގެ ސްކްރީނުގައި ފިޔަޖަހަމުން ދިޔައެވެ. އެންމެފަހުން ލޮލުގެ އެސްފިޔަތައް ބަރުވެ ނިދީގެ އާލަމާއި ދިމާލަށް މިސްރާބު ޖެހިތަނާހެން އައި ފޯނު ކޯލަކުން އޭނަގެ ހުރިހާ އުއްމީދުތަކެއް ފުނޑުފުނޑުވެގެން ދިޔަކަމުގެ ނުބައި އިހުސާސްކުރެވުނެވެ.

ކޮމެންޓް 0