ރަޖާގެ ދަށުގައި އޮވެގެންވެސް އޭނަ ޗެޓްކުރަނީކަން ޝުވޭކާރު ދެނެގަތެވެ. މިއަދު އޭނަގެ ހިތަށް ނުބައި އަސަރުތަކެއް ނުކުރިއެވެ. އޭގެ ބަދަލުގައި ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް ކޮންމެވެސް ކަމެއް ހަނދާނުގެ މަޑިކިލަބުގައި ފިޔަޖަހައިލުމުން އެ ހިނިތުންވުން ގެއްލުނެވެ. އޭނަ އަވަސްވެގަތީ ފައިސަލް ހުރި ހިސާބެއް ހޯދުމަށެވެ. ފައިސަލް އޭރުވެސް އިނީ ލައިބްރަރީގައި ކޮންމެވެސް މަސައްކަތެއްގައެވެ. އެތަނުގެ އޭސީ ތަންކޮޅެއް ދަށްކޮށްފައިވާތީ އަރާމު ހޫނުކަމެއް އިހުސާސްކުރެވުނެވެ.

"ފައިސަލް، ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އޮތީމަ މިއައީ....." ޝުވޭކާރު މަޑުމަޑުން ބުނެލިއެވެ. ދެމީހުންގެ ކައިވެންޏަށް އެތައް އަހަރެއްވީއިރުވެސް މިފަދަ ބޯފާރެއް ލެވި މިހާ ދުރުކަން އިހުސާސް ކުރެވިފައެއް ނުވެއެވެ. ޝުވޭކާރު އެއްލާލި ދަރިފުޅުގެ ސަބަބުން ހަޔާތަށް ބަނަކަމުގެ ވިލާގަނޑެއް އެޅިއްޖެއެވެ. މި ބޮޑު ވިލާގަނޑި ކެހިގެންދާނެ ދުވަހެއް ލަފާކޮށްލާކަށްވެސް އެނގެނީއެއް ނޫނެވެ.

"ފައިސަލް، ކާއިއާގެ ބޯއިފްރެންޑްގެ ބޭބެއަކީ މީހުން މަރާ މީހެއް. އެކަހަލަ ފެމިލީއަކާއި ގުޅިގެން ކާއިއާއަށް ދެރަގޮތެއް ނުވާނެބާވައޭ ހިތަށް އަރާ....." ޝުވޭކާރުގެ ޖުމްލަތަކުން ފައިސަލް ކޮންމެވެސް ވަރަކަށް ކަންބޮޑުވިކަމުގެ ކުލަވަރު މޫނަށް ވެރިވިއެވެ.

"އެހެނޭ ކިޔާފައި ކާއިއާ އެކަމުން ދުރުވާނެތަ؟ މާރޑަރ އަކާއި އިނދެގެންވެސް އެކުއްޖާ ދުނިޔޭގައި ހުރިއްޔާ އެނިމުނީ...." ފައިސަލް އިރުކޮޅެއްފަހުން ޖަވާބުދިނެވެ.

"އެފިރިހެން ކުއްޖާ، އިމީ.....ވަރަށް ރަގަޅު..." ޝުވޭކާރަށް ހުރެވުނީ އެޒުވާނާއާއި އެއްބަޔަށެވެ. ކިޔަންއާއި އެއްވަރަށް އައްމާރުއާއިމެދު ހިތުގައި ލޯބި އުފެދިއްޖެއެވެ. ވާނީވެސް އެހެންނެވެ. އެއީވެސް ވާންއުޅޭ ފިރިހެން ދަރިއެކެވެ. ފެންނަ ކޮންމެ މީހެއްގެ ހިތް ތަޢުރީފުކުރުވާފަދަ ޒުވާނެކެވެ.

"އޯކޭ....." ފައިސަލް ވާހަކަ ކުރުކޮށްލާފައި ކުރަން އިން މަސައްކަތަށް ސަމާލުކަން ދިނެވެ. ޝުވޭކާރުގެ ހިތަށް ތަދުވިއެވެ. އޭނައާއި ލޯބިވާ ފިރިމީހާއާއި ދޭތެރޭގައި މިކަހަލަ މައްސަލައެއް ޖެހި ވަރިފަށަށް އަރާކަށް އޭނަ ނޭދެއެވެ. ވާހަކަދައްކައިގެން ނޫނީ މައްސަލަތަކެއް ހައްލެއްނުވާނެއެވެ.

"ފައިސަލް އެ ޢާއިލާއާއި ބައްދަލުކުރިނަމަ. އެކަނި ނިންމޭވަރުގެ ބޮޑުކަމެއް ނޫނެއްނު މިއީ. އެންގޭޖްމެންޓާއި ކައިވެނީގެ ކަންތައްތައް ނިންމާށޭ ބުނެލިކަމުގައި ވިޔަސް އެހާ ފަސޭހައިން އެކަނި ނުނިންމޭނެ. ކޮންތާކު އެންގޭޖްމެންޓް ބާއްވާނީ؟ ޕާޓީ ބާއްވާނެ ތަނާއި ދައުވަތުދޭނެ މީހުންގެ ލިސްޓް ހަދާ ކާޑު ޑިޒައިންކޮށް ކިތަންމެ ކަމެއް ކުރަންޖެހޭ، އެފިރިހެންކުއްޖާގެ އާއިލާއަކު އެކަހަލަ ގާބިލުކަމެއްނެތް......" ޝުވޭކާރު ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފައިސަލް ލައްވާ ވާހަކަ ދައްކުވާށެވެ.

"އަހަރެން ކައިއާއި ވާހަކަދައްކާނަން....." ފައިސަލްގެ ޖުމްލައެކޭ އޭނަގެ މޫނުމަތީގައި ޖެހި އެތިފަހެރެކޭ އެއްވަރުވިއެވެ. ފައިސަލް އެހެރީ އޭނައާއި ކައިރިނުވާން އަޒުމް ކަނޑައަޅައިގެންކަން ޔަގީންވިއެވެ. އިސްވެ ވާހަކަ ދެއްކުމުންވެސް ލަދުގަންނަން ޖެހުނީ އޭނަ އެވެ.

"ތިހިރީ އެކުއްޖާ ނުފެންނަނީސް ވާހަކަ ނުދައްކަން ހުވާކޮށްގެންތަ؟ މާލެ އައިފަހުން އެކަމާއި އުޅޭތަނެއް ނުފެނޭ، އެއްވެސް މަސައްކަތެއް ކުރަންތަ؟ މިބުނީ ޑިޓެކްޓިވެއްތަ ހޯދީ؟ " ޝުވޭކާރު ސުވާލު ފަތްޗެއް އަމުނާލުމުންވެސް ފައިސަލް އިސްއުފުލާ ބަލައިވެސްނުލިއެވެ.

ލިބުނު ނާކާމިޔާބާއިއެކު ޝުވޭކާރު އެތަނުން ނުކުމެގެން އައިއިރު އޭނަގެ ދެލޮލުން ކުޑަ ކުޑަ ތެތްކަމެއް ފެނުނެވެ.

އައްމާރު އޭނަގެ މާމަގެ ކޮޓަރިއަށް ވަންއިރު މާމައިނީ ފާރަށް ބަލަހައްޓައިގެން ނިކަން ހިމޭނުންނެވެ. އެނދުގެ ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ކަޅުސައިތަށްޓަކާއި ބަނަހެއް އޮތެވެ. އެހެން އެންމެން މީރުކޮށް ކައިގެން އަރާމުގައި ނިދާއިރު މާމައަށް ކަޅުސަޔާއި ބަނަހާއި ކާން ދޭތަން ނޫނީ އޭނައަށް ފެނިފައެއްނުވެއެވެ. ހިތެއްވެސް ނެތް ބަޔަކީހެއްޔެވެ؟ ޚުދު އޭނަވެސް އެކަމުގައި ޝާމިލުވާކަމުގައި ބުނެ އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނެވެ. މާމަ ކުއްލިއަކަށް ތަންމަތީގައި އޮތް ބަލމީހެއްފަދަ ވެއްޖެއެވެ. ހިކިކަމުން ކަށިތަކުގައި ހަންކޮޅު ތަތްލަވާފައިވާއިރު އެންމެ މަސްކޮޅެއްވެސް ގައިގާ ހުރިހެނެއް ހިޔެއްނުވެއެވެ. އަނގައިގާ ދަތްތައް ނެތުމުން "ކިއުޓް" ކަމުން އަލަށް އުފަންވި ތުއްތު ކުއްޖެކޭ ތަފާތެއްނެތެވެ. ކުޑަކުއްޖެއްހެން ތުން ފިތާލާ ބާރުކޮށްލައިގެން އިންތަން ފެނިފައި އައްމާރުގެ ހިތަށް އަސަރުކޮށްގެން މާމަގެ ކައިރީގައި އިށީދެފައި ގެނެސް ގައިގާ ޖައްސާ ބާރުކޮށްލުމުންވެސް މާމަގެ ފަރާތުން އިޝާރާތެއް ނުވިއެވެ. މާމައިނީ މޮޔަވެފައިބާވައޭ ހިތަށް އެރިއެވެ. އިރުކޮޅެއްނުވެ ނަބީލާ ކޮޓަރިއަށް ވަދެފައި ކޮފީ ބޯން އަންނަން ބުނެލިއެވެ.

"މަންމާ، މާމަ ޑޮކްޓަރަކަށް ދައްކަންވެއްޖެއެއްނު. މާމައަށް ކިހިނެއްވެފައި މިއިންނަނީ؟ ހާދަ ދެރަވެފައޭ......." އައްމާރު ރޫގުޅައަކަށް ވެފައިވާ މާމަގެ އަތުގައި ފިރުމަން ފެށިއެވެ.

"އައްމާރުއަށް މަންމަގެ ޒުވާން އުމުރު ތިގޮތަށް ފާރަށް ބަލަހައްޓައިގެން އިންނަތަން ނުފެނުނެއްނު، ބަލަ މަންމަވެސް އުޅުނީ ތިހާލުގައޭ، ތިހާ މޮޔަވި، ތި އަންހެނާއަށް ލިބެނީ އެކަމުގެ އަޒާބުކަން ނޭގެއެއްނު، ތިމާގެ އަންހެން ދަރި ހިލޭ ފިރިހެނުންނާއި ފިރިކަލޭގެއަށް ހިބައިން ދީގެން ފައިސާ ހޯދައިގެން ދިރިއުޅުނު އަންހެނެއްގެ ނިމުން މާ ރީއްޗެއް ނުވާނެ، މޮޔަވީ ހަމަ ރަގަޅަށް، މަގޭ ހިތަކު މިއަދަކު އެއްވެސް ރަހުމެއް ކުލުނެއް ނެތް، މަރުވިޔަސް ހެވޭ........" ނަބީލާ މޫނު ހުތުރުކޮށްގެން ބަލަން އިންދާ ޒަކާއައިސް ދޮރުން ބޯދިއްކޮށްލިއެވެ.

"ތެދެއް އިމީ. މާމައަކީ ރަގަޅު މީހެއްނޫނޭ، މޮޔައެއްކަމަށް ހެދިގެން އިންނަނީ، ކޮންއިރަކުންތަ ވެޑިން އޮތީ؟ ވެޑިން ތީމްއަކީ ކޮބާތަ؟ ހެދުން ފައްސަން އެނގޭނީވެސް އޭރުން. ނީޑް ސަމް ކޭޝް ޓޫ. ރިޗް ފަހަރިއެއް ލިބެން އުޅޭތީ ވަރަށް ފޮނިވެފައި މިހުންނަނީ......." ޒަކާ ކޮފީތަށި ތުނބުގައި ޖަހައިގެން ހުރިއިރު އަނެއް އަތުގައި ޕިއްޒާ ފޮތްޗެއް އޮތެވެ. އީމާވެސް އައިގޮތަށް އަނގަތަޅަންފެށިއެވެ. ޕާޓީގެ ވާހަކަދައްކަން ފެށިއެވެ. އައްމާރު އޭރު އިނީ ރުޅިގަދަވަގެންގޮސް މަރުވާވަރުވެފައެވެ. މާމަ ކިތަންމެ ނުބައި މީހަކަށްވިޔަސް އެމީހުންގެ އާއިލާގެ އިސްފަރާތެވެ. އެހާ އިހާނެތިކޮށް ހަދާކަށް ނުޖެހޭނެއެވެ. އެމީހަކު ކުރި ފާފައެއްގެ އަޒާބު ވަކި ފަރާތަކުން ދެއްވާނެއެވެ.

އައްމާރު ކޮފީ ބޯކަށްވެސް ބޭނުމެއްނުވިއެވެ. އޭނަ ބުނީ ދެންމެ ސައިބޮއިގެން އައީކަމަށާއި ތަނަކަށް ދާންޖެހިފައިވާ ކަމަށެވެ. ޕާޓީއާއި ބެހޭގޮތުން އަދި އެއްވެސް ކަމެއް ނުނިންމާ ކަމުގައި ބުނެފައި އޭނަ އެތަނުން ނުކުތްގޮތަށް އަވަސްވެގަތީ ސާރާއާއި ބައްދަލުކުރަން ދާށެވެ. ސާރާ ކުރީދުވަހު ވާރެޔާއި ތެމިގެން ގެއަށް އައިގޮތަށް އޭނަ ހުރީ ހުން ވައްތަރުވާލެފައެވެ. އައްމާރު އައިއިރު ސާރާ އިނީ ލޯގަނޑަކަށް ފެންއަޅައިގެން ބޮލާއިއެކު ތުވާލި އަޅައިގެންނެވެ.

"ބޭބީ ކީއްކުރަނީތަ؟" އައްމާރު ނިކަން ލޯބިން އަހައިލިއެވެ.

"ނޮޓް ފީލިން ގުޑް. ކަރުގައި ރިއްސާތީ ހޫނު ފެންފޮދަކުން ގާގްލްވެސް ކޮށްލައިފިން......" އޭނަ މޫނުން ތުވާލި ނެގިއެވެ. އެއްފަހަރާ ދެތިން ކިބިހި އެއްފަހަރާ އަޅާލިއިރު ނޭފަތުން ފެންފައިބަންފެށިއެވެ. ނޭފަތުކުރިއާއިއެކު މޫނަށް ރަތްކުލަ އަރާފައިވިއެވެ.

"ސްޓީމް ނަގަނީ ދޯ މިހާރު، ބޭބީ ވާހަކައެއް ބުނެލަން މިއައީ....." އައްމާރުގެ ލަފުޒުތަކުން ސާރާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. މޫނުމަތިން އެތައް އަސަރުތަކެއް ފާޅުވިއެވެ. ދެލޯ ބޮޑުކޮށްގެން އިންގޮތުން އޭނައަށް ވެފައިވާވަރު ފެނިފައި އައްމާރު ގަސްތުކުރީ އެވާހަކަ އިހަށް ނުބުނުމަށެވެ. އެހެންވެ ފެށީ މާމަގެ ވާހަކައެވެ. ދުވަސްކޮޅަކަށް މިގެއަށް މާމަ ގެނެސްގެން ސާރާއަށް ބެލިދާނެހެއްޔޭ އަހައިލިއިރު އެއީ ވަޒީފާއެއްގައި އުޅޭ ކުއްޖަކަށް ފަސޭހަ ނުވާނެކަމެއް ކަންވެސް އެނގުނެވެ. އެޚަބަރުން ސާރާގެ މޫނުމަތި އަލިވެގެން ދިޔައެވެ.

"ތިއީ އެއްވެސް ކަމެއްނޫން އިމީ، އެކަމަކު މާމަ އެކަނިވާނެއްނު ޑިއުޓީއަށް ދިޔައިމަ...." ސާރާ ބުނެލިއެވެ.

"އެކަނިވެރިކަންވެސް މާ ހިތަށް ފަސޭހަވާނެ، އެތާގައި އިނދެގެން މާމަ މޮޔަވެދާނެ، ކޮން ދުވަހެއް މާމަ އެހާލުގައި އެގޭގައި އިންނަތާ، މީހަކަށް ކުރެވުނު ކުށެއްގެ ބަދަލު ހިފުމަށް އެންމެ އެކަށީގެންވާ ގޮތް ބާވައޭ ހިތަށް އަރާ، މާމަގެ ކުރިމަތީގައި އެންމެން ކާއިރު އެކަނި ކަޅުސަޔާއި ރޮށްޓެއް ދީފައި އެހެން މީހުން މީރުކޮށް ކައިނެގީ، މާމަ އޮންނަ އެނދުގައި އެހާ ތުނި ގޮދަޑިއެއް، އަޖައިބުވަނީ މާމައަށް އަހަރެން އެއްޗެއް ދިނަސް ކާކަށް ބޭނުމެއް ނުވާނެ، ނުއެއް ކާނެ، އަހަރެން ކުރިން ހީކުރީ މަންމަ ބުނާގޮތަށް ހަމަ މާމަގެ އުމުރުން އެހާ ދުވަސްވީމަ ކުރީގެ ކެއުންތަކަށް ލޯބިކުރަނީ ކަމަށް، މިހާރު މިއެނގުނީ މަންމަގެ އަނިޔާވެރިކަން......" އައްމާރު އެނދުގައި އޮށޯތްގޮތަށް ސާރާގެ ކައިރީގައި އެދުނީ ގާތަށް އައުމަށެވެ.

"ނޫން އިމީ ބަލިވެދާނެ، ފްލޫ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާނެ....." ސާރާ އަޅާލާވަރު އެކަމުންވެސް އެނގުނެވެ.

"އެހެން ވާހަކައެއް ބުނަންވެގެންނޭ...." އައްމާރު އަތް ދިއްކޮށްލަމުން ދަޢުވަތު ދިނެވެ. ސާރާ ދެކޮޅު ހަދަހަދާފައިވެސް އައްމާރު ދޫނުކުރުމުން ކައިރިއަށް އައުމުން ގެނެސް މޭމަތީގައި ބޭއްވިއެވެ. އެއަތުގެ ހިމާޔަތް ލިބުމުން އަރާމުވެ ހޫނުކަމެއް އިހުސާސްކުރެވުނެވެ.

"ލަވް ޔޫ ބޭބީ...." އައްމާރު ކިޔާލިއެވެ.

"އިމީ ބުނަން އުޅުނީ އެވާހަކަތަ؟ " އެކައްޗެއްވެސް ނޭގި އޮވެ ސާރާ އަހައިލިއެވެ. އޭނަ ހީކުރަނީ މިހާރު އައްމާރު ކާއިއާއާއި ގުޅުމެއް ނެތްކަމަށެވެ. އަބަދު ދުޢާކުރަނީ އެކުއްޖާއަށް ލޯބިވާ އެހެން ބައިވެރިޔަކު ލިބުމަށް އެދިއެވެ.

"ހޫމް....... " އައްމާރު ސީލިންއަށް ބަލަން އޮވެފައި ބުނެލިއެވެ.

އެރޭ ދެކެވުނު ވާހަކައެއްގައި އައްމާރު އޭނަ ކާއިއާއާއި ކައިވެނި ވީހާވެސް އަވަހަށް ކުރަން ބޭނުންވާ ކަމުގައި ބުނުމުން ސާރާ ރޯންފެށިއެވެ. އުފާތަކެއް ދީފައި ރޮއްވަން އުޅެނީ ހެއްޔޭ އަހައިލިއެވެ. އޭނަގެ އާއިލާއާއި ވަކިވެގެން އައުމަށްފަހު އައްމާރު މިގޮތަށް ކަންތައްކޮށްފިއްޔާ އޭނަގެ އާއިލާ އަދި އެކުވެރިންގެ މަލާމާތް ލިބޭނެކަމުގައި ކިޔެއެވެ. އޭނަދެކެ އައްމާރު ލޯބިވާކަމުގައި ގަބޫލުކުރާނީ ކާކުހެއްޔޭ އަހައިލިއެވެ. އައްމާރު ބުނީ އޭނަ ސާރާއާއި އެއްވަރަށް ކާއިއާ ދެކެވެސް ލޯބިވާކަމަށާއި ތިން މީހުން އެކީގައި އުޅޭ ދުވަހެއް ދެކެން ބޭނުންވާ ކަމުގައެވެ. އެހެން ނުވެއްޖެއްޔާ އޭނަ ދެމީހުން ދޫކޮށްލާފައި މާ ދުރަށް ހިނގައިދާނެކަމުގައި ބުނުމުން ސާރާގެ ހިތް ކަތިލެވިގެން ދިޔައެވެ. ސާރާދެކެ ލޯބިވާނަމަ އެހެނެއް ނުބުނާނެކަން އޭނައަށް ޔަގީނެވެ. އޭނަ ކޮންމެ އެއްޗެއް ބުނި ކަމުގައިވިޔަސް ކާއިއާ ދޫކޮށްލާފައެއް ނުދާނެއެވެ.

ޑިއުޓީއަށް ދާން ދެމީހުން އެކީގައި ތައްޔާރުވެ ނިމުނުއިރުވެސް ދެމީހުން ތިބީ ހިމޭނުންނެވެ. ސާރާގެ ދެލޮލުން ހެކިދިނީ ރޭގައި އެންމެ ފަހަރަކުވެސް ނުނިދާ ރޮއިފާ ހުރިކަމެވެ. ދާން އުޅެނިކޮށް އައްމާރު ގޮވާ ގެނެސް ބައްދައިލީ ދޫކޮށްލަން ބޭނުންނުވާ ފަދަ ގޮތަކަށެވެ. އެއަތުގެ ހޫނުކަމާއި ހިމާޔަތް ލިބުމުން ކުރި އަސަރެއްގެ ބޮޑުކަމުން ދެލޯ ކަރުނުން ފުރުނެވެ.

"ބޭބީ. ޔޫ ނޯވަޓް؟ އައި ލަވް ޔޫ. އަހަރެން ނެތީމޭ ދުވަހަކުވެސް ދޫކޮށްފައި ދާކަށް، އެއަށް ވުރެ ބޮޑަށް ލޯބިވޭ، ބައެއްފަހަރު ކަންތަކާއި ހިތްހަމަނުޖެހުނީމަ އެކަހަލަ ގޮތަކަށް ވާހަކަ ދެއްކެނީ، ނުރޮއްޗޭ، ދެރަނުވައްޗޭ. އަހަރެން އަބަދުވެސް ސާރާއާއިއެކުގައި ވާނަން...." އައްމާރު ޔަގީންކަން ދިނެވެ.

ސާރާ ނިދުމުން އައްމާރު ބެލްކަންޏަށް ނުކުމެ ސިގްރެޓަކަށްފަހު ސިގްރެޓެއް ހުލިކުރަމުން ދިޔައިރު ވިސްނެމުން ދިޔައީ ދެން ކަންތައް ވެދާނެ ގޮތަކާއިމެދުގައެވެ. ކާއިއާއާއި ކައިވެނިކުރާކަށް ސާރާ މިހާރު ގަބޫލެއްނޫނެވެ. އެކަން ނުކޮށްވާކަށްވެސް ނެތެވެ. މާދަމާ ރޭ އެންގޭޖްމެންޓްގެ ރަސްމިއްޔާތު އެބައޮތެވެ. އަންނަ ހަފްތާގައި ކައިވެންޏެވެ. ސާރާއަށް އެ ޚަބަރު ދޭންވީ ގޮތަކާއިމެދު ވިސްނުމުން ނުތަނަވަސްވާގޮތްވިއެވެ.

"އައި ލަވް ހާރ ޓޫ، އެކަމަކު އެކަން ގަބޫލުކުރާނީ ކާކުތަ؟ ތެދުވެރި ލޯތްބެއް ވެވޭނީ އެންމެ މީހެއް ދެކެޔޭ ކިޔަނީ ކީއްވެތަ؟ އަހަންނަށް ދެ އަންހެންކުދިން ދެކެ ލޯބިވުމަކީ މިއީ ކުށެއްތަ؟ އަމިއްލަ ހިތުގެ މައްޗަށް ބާރު ނުފޯރުވުނީ، މިހާރު އެކަކު ހޮވަން މަޖުބޫރުވިޔަސް ދާނެ ކޮޅެއް ނޭގޭނެ، ސާރާ އެހާ ރަގަޅު، އެހާ މާތް އަންހެންކުއްޖެއް މީހަކަށް ނުލިބޭނެ، ޕާފެކްޓް ވައިފް........" އައްމާރު ބަލަން ހުރީ އުޑުމަތީގައި ރަނިކަން ކުރަމުން ދިޔަ ހަނދަށެވެ.

ފައިސަލް ކޮންމެވެސް މީހަކަށް ގުޅައިގެން ހުރެ ވާހަކަތަކެއް ދެއްކިއެވެ.

"ހީވާގޮތުން އޭނަ ކާރެއްގައެއް ނޫން ދާނީ، ހިނގާފައި ދިޔައްޔާ ކައިރި ހިސާބެއްގައި ހުރި ގެއެއްކަމަށް ވެދާނެ. އިތުރު މައުލޫމާތެއް ބުނާކަށް ނޭގޭ، ކޮންމެ ގޮތެއް ހަދާފައިވެސް މިކަން ކޮށްދީ، ބުނި އަގެއް ދޭނަން، ބްލޭންކް ޗެކެއްވިޔަސް ހެޔޮ..........." ފައިސަލްގެ ވާހަކަތައް އަހަން ހުރި ކިޔަންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ ކާކުހެއްޔެވެ؟ އެމީހާއަށް ވުރެ ކުރިން ކިޔަން އެކަމާއި އުޅެންވީކަން ނޭގެއެވެ. ކިތަންމެ މަޑުން ބައްޕަ ވާހަކަދެއްކިޔަސް ކިޔަންއަށް އެއީ ކޮން ވާހަކައެއްކަން އެނގިއްޖެއެވެ. ބައްޕަ އެއުޅެނީ ގެއްލިފައިވާ ދަރިފުޅު ހޯދާށެވެ. މުޅި މިލްކިއްޔާތު ހުސްކޮށްލައިގެންވެސް އެހެރީ އެކަން ކުރަން ނިންމައިގެންކަން ޔަގީނެވެ.

"އެއީ ކީއްކުރަން ޝުވޭގެ ފޯނު ނަމްބަރު ބޭނުންވަނީ؟ " ފައިސަލް އަހާލިއެވެ. ކިޔަން އަޖައިބުވީ ބައްޕަހާ ވިސްނުން ތޫނު މީހަކަށް އެއީ ކިހާ މުހިއްމުކަމެއްކަން ނުވިސްނުނީތީއެވެ. ޑިޓެކްޓިވްއިން ހުރިހާ ކަމެއްވެސް ދެނެގަންނަން ބޭނުންވާނެއެވެ. މިސާލަކަށް އޭނަ ދަންނަ މީހަކު މުވާސަލާތީ ޚިދުމަތްދޭ ތަނެއްގައި ހުރެއްޖެއްޔާ މަންމަ ގުޅާފައިވާ ނަމްބަރުތައް ހޯދަންވެސް ބުނެފާނެއެވެ.

"އޯކޭ އޯކޭ.......މިދެނީ އެނަމްބަރު....."އެކޮޅުން ދެއްކި ވާހަކައަކުން ފައިސަލް ހިނގަނޑެއް ޖަހާލާފައި ނަމްބަރު ބުނެދިނެވެ.

ނަބީލާ ވިލާގެ ގޯތިތެރޭގައި ހުރި ފަރުނީޗަރުތައް ގޭތެރެއަށް ވެއްދުމުގައި މަސައްކަތުމީހުން އުޅުނުއިރު އެމަންޒަރު ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ތިބި ޝުވޭކާރާއި ކާއިއާއަށް ރީތިކޮށް ފެނުނެވެ. ޝުވޭކާރު މޭޒުމަތީގައި ބެހެއްޓި މަޚުމާ ފޮށީގެ މަތިގަނޑު ނަގާފައި ކާއިއާގެ ލޯ ވެސް ތަރަތަރަޖަހައިގެން ދިޔައެވެ.

"ވާއު ސޯ ބިއުޓިފުލް......" ކާއިއާ ދެއަނގޮޓި ނަގާފައި ބަލަންފެށިއެވެ.

"ކައިގެ އަނގޮޓި ހުދުރަނުން ތިއޮތީ. ފިރިހެނުން ރަން އެޅުން ދީނުގައި ހުއްދައެއްނޫން ސޯ އިމީއަށް މިއޮތީ ރިހި އަނގޮޓިއެއް ހައްދާފައި......." ޝުވޭކާރު ދަރިފުޅުގެ އުޖާލާ ދެލޮލަށް ބަލައިލަމުން ހިނިތުންވެލިއެވެ. ކާއިއާ އުފަލުން އިންނަތަން ފެނުމުން އޭނަގެ ފިކުރުތައްވަނީ ތަންކޮޅެއް ދުރުވެފައެވެ. އޭނަގެ ގެއްލިފައިވާ ދަރިފުޅު ހޯދުން އޭނައަށް މުހިއްމެއްނޫނެވެ. އެކުއްޖާގެ ފޮޓޯ ފެނުމުން އޭނަގެ މައިވަންތަކަން ހޭލައެއް ނުގަތެވެ. އަމިއްލަ ދަރިއެއްހެން ހިޔެއްނުވިއެވެ. ދުރުގައި ހުރެގެން ބޮޑުވުމުން ލޯތްބާއި ކުލުނު ނުޖެހުނީކަން ނޭގެއެވެ. ފިލްމުތަކުންނާއި ވާހަކަތަކުން އެގޮތަށް ގެއްލިފައިވާ ދެމައިން ފެންނައިރު އެކުރުވާ އިހުސާސްތަކަކީ ދޮގުކަން އޭނައަށް މިހާރު ޔަގީން ކުރެވިއްޖެއެވެ. ކުރިން ކިޔަންއާއި ކާއިއާއާއިމެދު ތަންކޮޅެއް ހަރުކަށިކޮށް ކަންތައް ކުރެވުނީ އެކަކު ބާކީކޮށްލެވުނީތީ އެކަމުގެ ސަބަބުން އަމިއްލަ ނަފުސް ކުށްވެރިނުކުރާން ވެގެންނެވެ. ނަމަވެސް އެއީ ބޭކާރުކަމެއްކަން މިހާރު ޔަގީންވެއްޖެއެވެ. އޭނަގެ ހިތުގައިވާ ލޯތްބެއް ވިއްޔާ ހުރީ އެކަނި ކިޔަންއާއި ކާއިއާއަށެވެ. އެއްލާލި ދަރިފުޅަށް އެހިތުން ޖާގައެއް ނެތެވެ.

"އަކްސަމް އެފެނުނީ ފޮޓޯއަކުން، ކައިރިން ފެނިއްޖެއްޔާ ތަފާތުވާނެ...." ސިކުނޑީގެ ކަނަކުން ބުނެލިހެން ހީވިއެވެ.

ކާއިއާގެ ފޯނު ދިއްލެން ފެށުމުން އޭނަ އަވަހަށް ތެދުވެގެންގޮސް ތަންކޮޅެއް ދުރުގައި މަޑުކޮށްލިއިރު އެ ރީތި ތުންފަތްވަނީ މަލެއްހެން ފަރިވެފައެވެ.

"ޔެސް ހަނީ؟ " ކާއިއާ ވަރަށް ލޯބިން ގޮވާލިއެވެ.

"މަންމަމެންނަށް އޮޅުވާލާފައި މެރީކުރުން ރަގަޅުވާނެތަ؟ ސާރާގެ ކަންތައްވެސް ސިއްރުކޮށްފައެއް ނުބޭއްވޭނެއްނު ބޭބީ. އޭނައަކީ ކޮންމެ ގޮތެއްވިޔަސް މަގޭ ފުރަތަމަ އަންހެނުން، ކައިވެނީގެ ރަސްމިއްޔާތުގައިވެސް ބައިވެރިވާން ޖެހޭނެއްނު......" އައްމާރު ފެށި ވާހަކައަކުން ކާއިއާގެ މޫޑު ސަކަރާތްވިއެވެ. ކުއްލިއަކަށް ސާރާގެ މަތިން ހަނދާންވިއެވެ. އޭނައާއި ކިޔަން އުޅެން "ނަބީލާވިލާ" ތައްޔާރުކުރާއިރު އޭނަ ފަހަރެއްގައިވެސް ސާރާއާއިމެދު ޚިޔާލުކޮށްފައެއްނުވެއެވެ. މަންމައާއި ދިމާލަށް ބަލައިލިއިރު މަންމަ އިނީ އަނގޮޓިތަކަށް ބަލާށެވެ.

"ނޯ ނޯ ނޯ......" ކާއިއާއަށް ބުނެވުނެވެ.

ކޮމެންޓް 0