އައްމާރު އާއި ސާރާ ކޮޓަރީގައި ތިބިއިރު ކޮންމެވެސް ވަރަކަށް ވާރޭވެހޭ އަޑުން ފަޒާގެ ހިމޭންކަން ކަނޑުވާލާފައިވިއެވެ. އައްމާރު މިރޭ ކާއިއާއާއި ވާހަކަނުދައްކާތީ ސާރާއަށް ލިބިފައިވާ ހަމަޖެހުން ބުނެދޭކަށްވެސް ނޭގުނެވެ. އައްމާރުގެ ހުރިހާ ސަމާލުކަމާއި ލޯތްބެއް އޭނައަށް ޚާއްސަވެފައިވިއެވެ. ދެމީހުން އަމިއްލަ ދުނިޔެއެއްގައި ތިއްބާ ސިޓިން ރޫމްގެ ބޮކިތައް ދިއްލައިގެން ކޮންމެވެސް ބަޔަކު ވާހަކަދައްކާ އަޑުއިވެން ފެށިއެވެ.

"އަހަރެންގެ ބައްޕަ އައީހެން ހީވަނީ......" އައްމާރުގެ މޫޑު ސަކަރާތްވިއެވެ.

"ބައްޕައަކީ ސިހުރުވެރިއެއްތަ؟ އެއީ ތެދުވާހަކައެއްތަ؟ " ސާރާ ޔަގީންކޮށްލަން ބޭނުންވިއެވެ.

"ތިވާހަކަ ނުދެއްކިއްޔާ ރަގަޅީ............" އައްމާރު ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަނެއް ފަރާތަށް އެނބުރި ބަންޑުންވެލިއެވެ. ޔަގީނެވެ. މިރޭ ކާއިއާއާއި ވާހަކަ ނުދެއްކުނީމަ އައްމާރުގެ ތަބީއަތަށް އަންނަ ބަދަލުތަކެވެ. އައްމާރުގެ އުޅުމާއި ވާހަކަތަކުން ސާރާދެކެ ލޯބިވާކަމަށް ހީކުރެވޭފަހަރު އާދެއެވެ. ނަމަވެސް އޭނަގެ ހިތުގައި ޝައްކުގެ އޮށް އިންދިފައިވާކަން އައްމާރުއަކަށް ހާމައެއް ނުކުރެއެވެ. ކާއިއާގެ ސަބަބުން އެދޭތެރޭގައި އޮންނަންވާ އިތުބާރާއި ފުރިހަމަ ލޯތްބަށް ހުރަސްއެޅި ޝައްކާއި ވަހުމުގެ ޝިކާރައަކަށް ސާރާވެއްޖެއެވެ.

ސާރާ ހިމޭންވިއެވެ. އައްމާރުއާއި ޖަދަލުނުކޮށް ހިމޭންކަން ޚިޔާރުކުރުމުން ބޮލަށް ފަސޭހަވާނެއެވެ. އައްމާރު އެހާ ރުޅި އަންނާނީ ހަގީގަތުގައި ބައްޕައަކީ ނުބައި މީހަކަށްވީމައެވެ.

ހެނދުނު ހޭލައިގެން ސާރާ ބޭރަށް ނުކުތްއިރު އައްމާރުގެ ބައްޕަ ޖަމީލުއާއި ނަބީލާ ފޮށިތައް ބަންދުކުރުމުގެ މަސައްކަތުގައި އުޅުނެވެ. ފަރުނީޗަރުތައް ރެއިން ފެށިގެން ގެންގޮސް މިހާރު ސިޓިންރޫމްވެސް އޮތީ ފަޅުކޮށެވެ. ގޭތެރެ ހިރަފުސްގަދަކަމުން ސާރާ ހުރީ ނޭވާއަށް އުދަގޫވެފައެވެ. އައްމާރުގެ ސިގްރެޓްގެ އާދައާއި އެކު ކުޑައިރުގެ މައްސަލަގަނޑު ހިލެންފަށާފައިވާ ދުވަސްކޮޅެކެވެ. ދެތިން ކިނިބިހި އެއްފަހަރާ އެޅުނުއިރު ނޭފަތުން ފެން އަންނަން ފެށިއެވެ.

ޖަމީލު ސުވާލުގެ ނަޒަރަކުން ބަލާލުމާއިއެކު ނަބީލާ ހިނިއައިސްފާ ހުރެ އޭނައަށް ތަޢާރަފުކޮށްދިނެވެ. ޖަމީލު ބަލައިލިގޮތަކުން ސާރާ ބިރުގަތެވެ. މޫނުމަތީގައި އެއްވެސް ކަހަލަ ހިނިތުންވުމެއް ނެތެވެ. ރުޅިވެރި ދެލޮލެވެ. މޫނުކުނިކޮށްލައިގެން އިންއިރު މީހާގެ މޫނުމަތީގައި އަލިކަމުގެ ކަންފުޅެއް ނެތެވެ. ލޮލުގައި ހުރީ މަކަރުވެރިކަމުގެ ކުލަވަރެވެ. އީމާ ބުނިފަދައިން ސިހުރުވެރިއެއްކަމާއި މެދު ޝައްކު ނުވާވަރެއް ނޫނެވެ.

"ކޮފީހަދަން ދޯ ތިއުޅެނީ؟ ހުރިހާ އެއްޗެހި ބަންދުކޮށްލާފައިވަނީ، އައްމާރު އާއި ދެކުދިން ރެސްޓޯރެންޓަކަށް ގޮސްފައި ސައި ބޯލަންވީނު....." ނަބީލާ ސަތޭކަ ރުފިޔާ ދިއްކޮށްލުމުން ނުހިފާ ހުންނާކަށް ސާރާއަކަށް ނުކެރުނެވެ. މައިދައިތަ މާ ހެޔޮވެގެން އުޅޭ ދުވަސްކޮޅެކެވެ. ކިހިނެއްވީ ބާވައެވެ.

ސާރާ ކޮޓަރިއަށް ވަންއިރު އައްމާރު ފެންވަރާލައިގެން ނުކުމެ އިސްތަށިގަނޑުގައި ޖެލްލާން ހުއްޓެވެ. އަދިވެސް މޫޑު ރަގަޅުވީހެނެއް ހިޔެއްނުވެއެވެ. އެވަރުގަދަ ބުމަ ކައިރިކޮށްލައިގެން ހުރިއިރު މުށި ދެލޮލުގައިވާ ޝުއޫރުތައް ކިޔައިލެވޭވަރެއް ނުވެއެވެ. ތުންފަތުގައި ހުންނަ ހިނިތުންވުމުގެ އަސަރެއްނެތެވެ.

"މިކޮޓަރީގައި އެކަނި ފަރުނީޗަރު ހުރީ، މުޅި ގެ ހުސްކޮށްލައިފި، އަހަރެމެންގެ ޒިންމާއެއްކަން ނޭގޭ މިބައި ހުސްކޮށްލުމަކީ، އިމީ މަތީ ބައިގާ އުޅޭ މީހުންވެސް ދިޔައީތަ؟ އެމީހުނެއް ވެސް ނުފެނޭ......" ސާރާ އެނދުގައި ހުރި ބެޑްސީޓުތައް ނަގަންފެށިއެވެ.

"އެމީހުން ދިޔަތާ ތިން ދުވަހެއް ވަރުވެދާނެ....." އައްމާރު ބުނެލިއެވެ.

"އިމީ، އަހަރެމެން ދަނީ އިމީ މަންމަމެންނާއި އެކުތަ؟ ނޫނީ އިހަށް ވިލިމާލޭގައި މަޑުކޮށްލާނީތަ؟" ސާރާ އޮޅުން ފިލުވަން ބޭނުންވިއެވެ.

"ހިތަށް އަރާ އެއްޗެއް ބުނަންތަ؟ މިގެ ގަތް ބަޔަކު ކައިރިން ކޮޓަރިއަށް ކުއްޔަށް ހިފާނީއޭ، މަތީބައިގާ ހުންނާނެ ދެކޮޓަރި، އެތަނުން ރޫމެއް ދީފާނެއްނު، ތެދަށް ބުނަންޏާ ވަރަށް އެޓޭޗްވެފައިވަނީ...." އަމިއްލަ ޢާއިލާއާއި ގުޅުމެއް ނެތަސް މިގެއަކީ އައްމާރު ކުޑައިރުއްސުރެ އުޅެ ބޮޑުވިތަން ކަމުން ގެދޫކޮށްލާފައި ދާންވުމުން އޭނަ ހުރީ އުދަގޫވެފައެވެ. އެތައް ހަނދާންތަކެއް މިގެއާއި ގުޅިފައިވެއެވެ.

"ގުޑް އައިޑިއާ އެއް...." ސާރާ ބުނެލިއެވެ.

ސާރާ ހުރީ މަތީބައި ދެކެލަން ދާހިތުން ކެތްތެރިކަން ކޮޅުންލާފައެވެ. މިގޭގެ އާވެރިން އެމީހުންނަށް އެފަދަ އިހުސާންތެރިކަމެއް ވެދޭނެނަމައެވެ. އެމީހުން ހިލޭ ހޯދަން އުޅެނީއެއް ނޫނެވެ. އެހެން މީހުން ފަދައިން ބޭނުމީ ރަގަޅު އަގެއްގައި ކުއްޔަށް ހޯދުމެވެ. ނަމަވެސް ވަޒީފާއެއްނެތި އެމީހުން ކުލި ދައްކާނީ ކިހިނެއްހެއްޔެވެ؟ އައްމާރު ފޯނު ހިފައިގެން އިނުމުން އިތުރު ސުވާލުތަކެއް ކުރާކަށް ސާރާ އަކަށް ނުކެރުނެވެ. ގިނަވަގުތު އޭނަ އެއިންނަނީ އަމިއްލަ ދުނިޔެއެއްގައެވެ. ކާއިއާގެ ދުނިޔޭގައެވެ. އެހެން ހިތަށް އަރާއިރަށް މެޔަށް ގޮތެއްވެ ހިތް ނުތަނަސްވާގޮތްވެދެއެވެ.

"އައި ހޭޓް ހާރ...." ސާރާގެ ސިކުނޑީގައި އިރުއިރުކޮޅާ ހިނގާލަނީ އެޖުމްލައެވެ. ދުވަހަކު ދެކެފައިނުވާ ބީރައްޓެހި އަންހެންކުއްޖަކަށްޓަކާ ހިތުގައި އެހާ ވަރުގަދަ ޖަޒުބާތުތަކެއް އުފެދޭކަށް ނުވެސް ޖެހޭނެއެވެ. ނަމަވެސް އެކުއްޖާގެ ސަބަބުން އޭނަގެ އަތުން އައްމާރު ބީވެގެން ދަނީކަމުގައި ހިތް ސިއްރުން އަންގަނީއެވެ. އެކަމާއި ނުވިސްނަން ހުއްޓަސް އުފާވެރިކަމާއި ހިތްހަމަޖެހުން ނެތިކޮށްލާ މީހަކަށް ކާއިއާ ވެއްޖެއެވެ. ކާއިއާދެކެ ނަފްރަތު ކުރެވެން ފެށިއެވެ. އެނަން އިވުނަސް ގައިގާ އަލިފާން ހިފާފަދަ ގޮތެއްވެއެވެ.

އައްމާރު އެހާ ކާކަށް ފޯރިއެއްނެތެވެ. އެކަމަކު ސާރާ ބަނޑުފައިވެފައިވާލެއް ބޮޑުކަމުން އެހެން ކިޔަން ފެށުމުން ރެސްޓޯރެންޓަކަށް ދާން ނުކުތެވެ. މަގުންދިޔައިރުވެސް އައްމާރު ހުރީ ފޯނުގައެވެ. ގަސްތަކުން ހިޔާއަޅާފައިވާ ހިމޭން މަގަކުން ލާފައި ކުރިއަށް ދިޔައިރު ދިމާވި އަންހެންކުދިންގެ ފުން ނަޒަރު އައްމާރުއަށް ހުއްޓުނެވެ. އެހާވެސް ފިރިހެންވަންތަ ގޮތެއް އޭނަގެ އެބަހުއްޓެވެ. އަދި ފެންވަރާ ތާޒާވެލައިގެން ސެންޓު ޖަހާލުމުން ހާދަ ސްމާޓެވެ. ރީތި ފިރިހެނުންގެ ތެރެއިންވެސް ހޮވާލެވޭނެއެވެ. އަންހެންކުދިން ބެލުމުން ސާރާ ބިރުގަތެވެ. އެސްފީނާ ނުޖެހުމަށް އެދި ދުޢާކުރެވުނެވެ. އަދި އައްމާރުގެ އަތުގައި ހިފާލެވުނެވެ. އައްމާރު ބަލާލާފައި ލުއިކޮށް ހިނިތުންވެލިއެވެ.

"ކިހިނެއްވީ ބޭބީ؟ އަހަރެން ނުގެއްލޭނެއޭ....' އައްމާރު ސަމާސާ ރާގަކަށް ބުނެލިއެވެ.

"އިމީ އަބަދު ފޯނުގައިތަ؟ އަހަންނަށް ޓައިމެއް ނުދޭނީތަ؟ " ސާރާ އަހާލިއެވެ.

"ކާއިއާ ވަރަށް އަޕްސެޓްވެފައި ހުރީ. އަބަދު އެނޫން ކަމެއް އަހަންނަކަށްވެސް ނުކުރެވެނީ އެހެންވެ......" އައްމާރު ކުރުކޮށް ބުނެލިއެވެ.

"ކޮންކަމަކާތަ؟ އިމީ ބުނީތަ މެރީޑް އޭ....." ސާރާގެ ހިތް ތެޅެންފެށިއެވެ.

"ނޫން، އޭނައަކަށް ނޭގޭނެ އަހަރެން މެރީކުރިކަމެއް....." އައްމާރު ނުތަނަސްވެފައި ފުން ނޭވައެއްލިއެވެ.

"އިމީ ނުބުނެ ހުއްޓާ ކޮންމެވެސް ގޮތަކުން މެރީ ކުރިކަން އެނގިއްޖެއްޔާ ހިތަށް އަރާނީ އިމީ ބޭވަފާތެރިވީއޭ......" ސާރާގެ އެޖުމްލައިން އައްމާރުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ފެނުނެވެ.

"ޔޫ އާރ ރައިޓް....." އައްމާރު ވިސްނުމެއްގެ ތެރޭގައި ހުރެ ކިޔާލައިފިއެވެ.

"ހޫމް އިމީ، އިޓްސް އެ ބިޓްރޭޔަލް.......އެނުވާނެ އެހެން ގޮތަކަށް، އަދިވެސް އެކުއްޖާ ކައިރީގައި އިމީ ނުބުނަމެއްނު މީހެއްގެ ފިރިއަކަށް ވީކަމާއި އެހެން މީހަކު ދެކެ ލޯބިވާވާހަކަ، އޭނައަށް އެނގުމުގެ ހައްގެއްނެތްތަ؟ އެކަން އެނގުމަށްފަހު އެވަރަށް އިމީދެކެ ލޯބިވާނެތަ؟ އެވަރަށް ކެއަރ ކުރާނެތަ؟ އޭނަ ފޫހިވެދާނެ ކަން ނޭގޭ އިމީ އޭނައަށް ސިއްރުން އެހެން މީހަކާއި އިނީމަ......."ސާރާގެ އެދުމަކީވެސް އެއީއެވެ.

"ސާރާއަށް ކާއިއާ ނޭގޭތީ ތިހެން ބުނަނީ، އޭނަ ހުންނަނީ އަހަންނަށްޓަކާ ފުރާނަވެސް ދުއްވާލަން، އެތައްފަހަރު ބުނެފި އިމީ ނުލިބިއްޖެއްޔާ ފެންނާނީ ފުރާނަނެތް މަސްގަނޑޭ، ވަރަށް ބިރުގަނޭ، އެހެންވެ އަހަރެން މިވާހަކަ ނުބުނަން މިހިރީ، އަހަރެން ދެކެ އޭނަ ލޯބިވާވަރުން ކޮށްފާނެ ކަމަކާއިމެދު ވިސްނޭ. ކިތަންމެ ފަހަރަކު ބުނެފި ބޭސްކައިފާނަމޭ، ކޯރަކަށް ފުންމާލާނީއޭ، އަތުގެ ނާރު ބުރިކޮށްލާނަމޭ. ސުއިސައިޑްވާން އުޅޭތީ މައްސަލައެއް. އެފެމިލީ މީހުން ރިޗްވީމަ އެމީހުން ބޭނުންވަނީ ކައި އެހެން މީހަކާއި ކައިވެނިކުރުވަން، ބިޒިނަސްމޭންއިން ކަހަލަ މީހުން ކަން ނޭގޭ އެމީހުންނަށް ކަމުދަނީ. އެކަމަކު އަންނަހާ ޕްރޮޕޯސަލްތައް އޭނަ ރިޖެކްޓްކޮށްލާ، އެކަނި އަހަންނަށްޓަކާ......." އައްމާރު ވާހަކަދެއްކިއިރު އަޑުގައި ހިތާމަވެރިގޮތެއް ހުއްޓެވެ.

"ދެން އެހާ ލޯބިވާކުއްޖަކު ހުއްޓާ އިމީ އަހަންނާއި މެރީ ކުރުން ތިއީ މިސްޓޭކެއްތަ؟ " ސާރާގެ ހިތަށް ތަދުވިއެވެ.

"އެހެނެއް ނުބުނަމެއްނު، ފެމިލީއާއިއެކު އުޅެން އުދަގޫވަމުންގޮސް ބޭނުންވީ ތަންކޮޅެއް ރަގަޅު ފެމިލީއަކާއިއެކު ލައިފެއް ފަށަން. ސާރާ ފެނުމުން ލޯބިވެސްވެވުނީ، ސާރާގެ ފެމިލީމީހުންގެ ރަގަޅުކަން އެނގުނީމަ އެމީހުންގެ ގާތްކަމަށް ބޭނުންވީ، އައި ޑޯނޯ. ދެން މިއޮތީ މިކަން ކުރެވިފައި އެކަމަކު ސާރާގެ ފެމިލީވެސް އެކްސެޕްޓް ނުކުރިއެއްނު. މިހާރު މިވިސްނަނީ މިވާހަކަ ބުނެފިއްޔާ ކައި ހަދާނެގޮތެއް ނޭގޭތީ، އެކަމަކު އެހެން ފަރާތަކުން އެނގުމުގެ ކުރިން ބުނަން އެބަޖެހޭ. ކޯންޗެއް ކާނީ، ކައި ކައި ފަލަނުވާ ކުއްޖެއް މި ނޫނީ ނުދެކެން......" އައްމާރު ފޯނު ޖީބަށް ލިއެވެ.

ދެމީހުން އެކީގައި ގޮސް ރެސްޓޯރެންޓަށް ވަންގޮތަށް ސާރާ ދައްކަން ފެށީ ތަނުގެ ރީތިކަމުގެ ވާހަކައެވެ. ކާއެއްޗެހީގެ މީރުކަމުގެ ވާހަކައެވެ. ކުރާނެ މަސައްކަތަކަށް ރެސްޓޯރެންޓެއް ހިންގުމުގެ ވާހަކައެވެ. ވިލިމާލޭގެ ހިތްގައިމު ކަމުގެ ވާހަކައެވެ. އައްމާރު އިނީ އަޑުއަހާށެވެ. އެހާ ގިނަ ވާހަކައެއް ދައްކާކަށް ޝައުގެއްނެތެވެ. ސާރާ ދޭތެރެއަކުން ހިތްދަތިވެލައެވެ. އައްމާރު ލޯބިވަނީ އެކަނި ކާއިއާދެކެ ހެއްޔެވެ؟ އަބަދު އެވިސްނަނީ އެކަމާހެއްޔެވެ؟ އެކުއްޖާ ނުލިބިގެން އެނޫން ޚިޔާލެއް ނުކުރެވީހެއްޔެވެ؟ ހާދަ ދެރައެވެ. އޭނަގެ ޢާއިލާ ދޫކޮށްލާފައި އައްމާރުގެ ކައިރިއަށް އައުމުން އައްމާރު އޭނައާއި ދޭތެރޭގައި ކަންތައް މިކުރަނީ އިންސާފަކުން ނޫނެވެ. ނަމަވެސް ހިތުގައިވާ ހާ އެއްޗެއް ބަންޑުންކޮށްލާނެ ހިތްވަރެއް އަމުދުން ނެތެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ހިތަށް ކުރާ ބާރު ބޮޑުވަންޏާ އޭނަ ހިތުގައިވާ އެއްޗެއް ހާމަކުރަން ޖެހޭނެއެވެ. ދެރައީ އައްމާރުގެ ހިތުގައިވާ އެއްޗެއް ކިޔަން ނޭގޭކަމެވެ. އެހިތުގައި ވަނީ ބޮޑަށް ވަނީ އޭނަގެ ލޯބި ހެއްޔެވެ؟ ކާއިއާގެ ހެއްޔެވެ؟ ވާހަކަތަކާއި ފިލްމުތަކުން އޭނަވަނީ މިފަދަ ލޯބިވެރިންނާއި ފިރިން ދެކެފައެވެ. އޭނަގެ ހަޔާތަށް މިފަދަ ޒުވާނަކު އައިސްދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އޭރު އޭނަގެ ހިތަށް އެރިއެވެ. އެފަދަ މީހަކާއިއެކު އެންމެ ދުވަހަކަށްވެސް އޭނަ ކެތްކޮށްގެން ނުހުންނާނެއެވެ. ވަގުތުން ދުރަށް ދާނެއެވެ. ނަމަވެސް ލޯބީގެ ބާރު އެއަށްވުރެ ގަދައެވެ. ލޯބިވަންޏާ ކޮންމެ ހާލެއްގައިވެސް އެކީގައި އުޅެން ބޭނުންވާނެއެވެ.

ސާރާ ރެސްޓޯރެންޓުން ނުކުމެފައި އޭނަގެ މަންމައަށް ގުޅުމުން ހައިރާންވާފަދަ ޚަބަރެއް ލިބުނެވެ. ސާރާ ގާތުގައި މަންމަ އެދުނީ އިހަށް ރަށަށް އަންނަން ޚިޔާލުނުކޮށް މާލޭގައި ހުރުމަށެވެ. މަންމަ އެހެން ބުނަން ޖެހުނީ ކީއްވެކަމެއް އޭރަކު ސާރާއަކަށް ނޭގުނެވެ. އަދި އޭނަ މިހާރު ރަށަށް ދިޔުމުގެ މާ ބޮޑު ބޭނުމެއްނެތްކަމުގައި ބުނާކަށްވެސް ނުކެރުނެވެ. ޖިދާންގެ ފަރާތުން ސަލާމަތްވެވޭތީ ހިތަށް ވަރަށް ބޮޑު ލުޔެއް ލިބިފައިވާއިރު ރައިޝާގެ ހާލާއިމެދު ވެސް އޭނަ ވިސްނަން އެބަޖެހެއެވެ.

"ސާރާ މޮޔަވީތަ؟ އަމިއްލައަށް ލިބިފައިވާ ހިތްދަތިކަން ވަކި ކުޑައެއްނޫން، އެންމެންގެ ޓެންޝަން ނަގަން ހަދައިގެން ބޯ ގޮވާފާނެއްނު، ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަގަޅަށޭ ބުނެއުޅެއެއްނު، ހުރިހާ ކަމަކާއި ވިސްނަން ނަހަދާ އައްމާރުއާއިއެކު ވަކި ދިރިއުޅުމެއް ފަށަންވީ، މާތް ﷲ މިވަނީ އެކަމަށް މަގު ފަހިކުރައްވާފައި. ޖިދާންގެ ފަރާތުންވެސް ސަލާމަތްކުރައްވާފައި މިއޮތީ. ދެމީހުން ޖޮބަށްދާން ފެށީމަ ތަނެއް ކުއްޔަށް ހިފައިގެން އުޅެވިދާނެ، ދެން ވިސްނަންވީ ކޮންކަމަކާއިތަ؟ "ސާރާ އަމިއްލަ ނަފުސަށް ވިސްނާދީފައި ހިނިތުންވެލިއެވެ.

ގެއާއި ހަމަޔަށް ފޯރިއިރު ރައިޝާ ތައްޔާރުވެލައިގެން ދޮރުމަތީގައި ހުއްޓާ ސާރާ ހީލާފައި އަތުގައި ހިފާލިއެވެ. ކުއްލިއަކަށް މީހަކު މާބާރަކަށް ރައިޝާއަށް ގޮވާލުމުން ހީވީ ކަންފަތްކައިރީގައި ގުގުރިއެއް ޖެހިހެންނެވެ. ސިހޭވަރުވިއެވެ. ޖިދާން ވާހަކަދެއްކިޔަސް ރައިޝާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

"މަގޭ ހެޑްސެޓް ޑަސްބިނަށް ލާންތަ އެނގުނީ؟ނުފެނިގެން ހޯދަހޯދާފައި ނަސީބެއް އެދިމާލަށް ކަޅިއެއްލުނުކަން..ބޮޑު މޮޔަގަނޑު، އެއްކަމެއްވެސް ކަލެއަށް ރަގަޅަށް ކުރާކަށް ނޭގެއެއްނު...." ޖިދާން ހުރީ ބުމަކައިރިކޮށްލައިގެންނެވެ.

ރައިޝާގެ ދެލޮލަށް ކަރުނަ ޖަމާވީތަން ސާރާއަށް ފެނުނެވެ. މީހުންގެ ކުރިމަތީގައިވެސް ޖިދާން މިހާރު ހަޅޭއްލަވަންފެށީއެވެ. ރައިޝާ ހުރީ ލަދުވެސް ގެންފައެވެ. އެކުއްޖާގެ މަގާމުގައި އޭނަ ނެތްކަމާއިމެދު ސާރާ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. އެންމެން ނުކުންނަމުންގޮސް އެންމެފަހުން ގެއިން ނުކުތް މީހަކީ މާމައެވެ. އީމާ މާމަ އަތުގައި ހިފައިގެން ދަމަމުންކަހަލަ ގޮތަކަށް ދާން ފެށިތަން ފެނިފައި އައްމާރު ގޮސް އީމާ ދުރުކޮށްލިއެވެ.

"އީމާ، މާމަ ތިހާ ސްޓްރޯންގެއް ނޫން އިނގޭ، މާމައަށް ހިނގޭވަރަކުން ގެންދެބަލަ، އޯކޭ؟ " އައްމާރު ހީލާފައި ބުނިއިރުވެސް އޭނަ ނުރުހުންވެފައިވާވަރު ސާރާއަށް ވިސްނުނެވެ. ހަގީގަތުގައި ސާރާ މިގޭ އެންމެންދެކެ ހާދަ ފޫއްސެއްވެއެވެ. ކުޑަޔަސް ބޮޑަސް އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ލިބިފައެއްނެތެވެ. އީމާއަށް ފެންނާނީ އޭނަގެ މަންމަ ކަންތައް ކުރާގޮތެވެ. މާމައާއި ދޭތެރޭގައި ނަބީލާ އެހެން ކަންތައް ކުރަނީ ކޮންކަމަކާ ހެއްޔެވެ؟ މާމައާއި އަޅާލަން އޭނަ ބޭނުމެވެ. ނަބީލާއާއިހެދި އެފަދަ ފުރުސަތެއް ނުލިބިގެން އުޅެނިކޮށް ދުރަށް ދަނީއެވެ. އޭނަ ވިސްނާލާފައި ގޮސް ރައިޝާއާއި އަރާ ހަމަކުރިއެވެ. މާމައާއި އަޅާލަދޭން އެދުނެވެ. ރައިޝާ ޔަގީންކަން ދިނެވެ.

އެންމެން ގޮސް ގޭތެރެ ހިމޭންވުމުން ސާރާ ސިޑިން މަތީބަޔަށް އެރިއެވެ. މަތީބައި އަދި ވަރަށް އަރާމެވެ. އެތަނުން މޫދުވެސް ފެންނަން އޮތެވެ. އެއްފަރާތުގައި ގަސްތަކެވެ. ހާދަ ހިތްގައިމެވެ. މިތަން ލިބޭ ބަޔަކީ ނަސީބުވެރިންނެވެ. ސާރާ ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އުޑަށް ނަޒަރު ހުއްޓާލިއިރު ކަޅު ވިލާތަކުން އުޑުމަތި ބައްދަމުންދާތަން ފެނުނެވެ. އިރުގެ އަލިކަމުން ދުނިޔެ މަހުރޫމްކޮށްލައިފިއެވެ. ޖެހޭ ގަދަ ވައިން ފަޒާ ގުގުމާލާފައިވާއިރު ދެންމެ ދެންމެ ތޫފާނެއް އަންނަން އުޅޭކަމުގެ ނިޝާންތަކެވެ. ފަހަތުން އައިސް އައްމާރު ބައްދާލަމުން އޭނަގެ ކޯތާފަތާއި އައްމާރުގެ ކޯތާފަތް ޖެހި ފިތުނެވެ. އެހޫނު ނޭވާތައް މޫނަށް އެޅުމުން ސާރާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ.

"ބޭބީ ވައިފް ކޯންޗެއް ތިވިސްނަނީ؟ " އައްމާރު އަހާލިއެވެ.

"އިމީއާއި ދޭތެރޭ..........ލަވް ޔޫ..." ސާރާ އެ ވަރުގަދަ އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލަމުން ލޯބިން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ.

"އެނގޭ ބޭބީ އެހެން ކަމަކާއިމެދު އަބަދު ވިސްނާކަން، އައިމް ޔޯ ހަޒްބެންޑް، ހުރިހާ ވާހަކައެއް ޝެއަރ ކުރެވެން ޖެހޭނެއްނު، މިހެން ބުނާއިރުވެސް އެނގޭ އެހިޔަސް ނުބުނާނެކަން...." އައްމާރު ހިނިތުންވެލިއެވެ. ކޯތާފަތަށް އެޅުނު އަޑިކޮޅުން ކާއިއާގެ މަތިން ހަނދާންވުމާއިއެކު ސާރާގެ މޫނުގެ ކުލަ ފަނޑުވެގެން ހިގައްޖެއެވެ. އޭނައާއި އައްމާރު ކައިރިވެލާވަގުތުވެސް އެދޭތެރެއަށް ކާއިއާ ފުންމާލަން ވެއްޖެއްޔާ ސިކުނޑިއަށް ހަމަޖެހުމެއްލިބި ލޯބި އާރާސްތުވާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟

"ތެދަށް ބުނަންޏާ މިވަގުތު ހިތަށް އެރީ އަސްލު މިގެ އެއްކޮށް ލިބޭނެނަމައޭ، އިމީއާއި އަހަންނާއިއެކު އެކަނި އެއްގެއްގައި އުޅޭނެ ދުވަސްތަކެއް ދެކެން ބޭނުމީ....." ސާރާ ބުނެލިއިރު ހިތުން އެހެން އަޑެއް އިވުނެވެ. އައްމާރުގެ ވިސްނުމަކީ އެއީއެއްނޫނެވެ. އައްމާރުގެ ހުވަފެނަކީ އައްމާރުއާއި އޭނައާއިއެކު ކާއިއާވެސް އުޅުމެވެ. ސާރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ބާރު ވައިރޯޅިއަކާއިއެކު ކައިރީގައި ހުރި ގަހުގެ ގޮތްޕެއް ލެނބިގެން އައިސް ފަތްތައް އެމީހުންގެ މޫނުގައި ކޭއްތިލިއެވެ.

"ވާއު، ދިސް އިޒް ސޯ ބިއުޓިފުލް، އިމީ މި ބެލްކަނީއިން އެނބުރި ދާކަށް ބޭނުމެއްނޫން، ހާދަ ކޮމްފީއޭ ދޯ......" ސާރާ އައްމާރުގެ ގަޔަށް ލެނގިލައިގެން ހުރިއިރު ނޭފަތުގައި ހަރުލާފައިވަނީ އައްމާރުގެ ގައިން ދުވާ މީރުވަހެވެ.

"ލިބޭނެ ގޯޑް ވިލިން...." އައްމާރު އެހެން ބުންޏަސް އެއީ ވުމަށްވުރެ ނުވުން އެކަށީގެންވާކަމެކެވެ. އޭނަގެ ހިތުގައި އެންމެނާއިމެދު ޝަކުވާ އުފެދުނެވެ. މިހާ ބޮޑު ނިންމުމެއް ނިންމާއިރު އޭނަގެ ޚިޔާލު ބަލައިލުމެއް ނެތެވެ. މަންމަގެ ނަމުގައި އޮތްތަނެއް ވީމަ ވިއްކާލީއެވެ. އެވެސް ނުއަގުގައެވެ. ޖިދާންވެސް ކުއްލިއަކަށް ފައިސާތަކެއް ހޯދައިގަތްތަނެއް ނޭގެއެވެ. އޭނަ ހަދައިގެން އުޅޭ ޑީލެއްވެސް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ.

ދެމީހުން ހިމޭނުން އިރުކޮޅެއްވާންދެން ތިބެލާއިރަށް ވަޔާއިއެކު ވާރޭ އައިސް އެދެމަފިރިންގެ ގައިގާ ބީހެންފެށިއެވެ. ބިންގަނޑާއި ގަސްތައް ތެންމާލައިފިއެވެ. ފިނި ވާރޭތިކިތައް ވެއްސަން ފެށުމުން ހިޔާވެލަން އެތެރެއަށް ޖެހިލިގޮތަށް އެދިމާލުގައި އިށީދެލައިގެން ވާރޭ ވެހޭ މަންޒަރުދެކެލަން އެތައް އިރެއްވާންދެން ތިއްބެވެ. އައްމާރުގެ އަތްވަނީ ސާރާ ވަށާލެވިފައެވެ. އުމުރަށްވެސް އެގޮތުގައި އެހެން އިނދެވޭނެނަމައެވެ. ނަސީބަކުން އައްމާރު ފޯނު ނަގާކަށް ނޫޅުނެވެ. ތިރިއަށް އައިއިރުވެސް އަދިވެސް ގޭގެ ވެރިފަރާތުން އެގެއަކަށް ނާދެއެވެ. ކޮޓަރީގެ ސާމާނުތައް މުޅިންހެން ޕެކްކޮށް ނިމިގެން ފަރުނީޗަރުތައް އެކަނި ބަހައްޓައިގެން އިންތިޒާރުގައި ތިއްބާ ކޮންމެވެސް މީހަކު ސަލާމް ގޮވާލި އަޑު އިވިފައި ސާރާގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފު ބާރަށެވެ.

ކޮމެންޓް 0