ނަބީލާވިލާގެ ކޮޓަރިއެއްގައި ކައިވެނިކުރަންވެގެން މޭޒު ތައްޔާރުކޮށްފައިވާއިރު އެގޭތެރެއިން މާގިނަ ބަޔަކު ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. ސިއްރުންކުރާ ކަމަކަށްވާތީ އިތުރު މީހަކަށް އެންގުމުގެ ބޭނުމެއް ނެތީއެވެ. ޝުވޭކާރު ދޮރުމަތީގައި ގާޒީންގެ އިންތިޒާރުގައި ހުރިއިރު އޭނަގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ފެނެއެވެ. ވިއްސާރަކަމުން ގާޒީންނަށް އައުން ފަސޭހަވާނެހެއްޔެވެ؟ ވައިގަދަކަމުން ވަށައިގެންވާހާ ގަސްތައް މުލުން ލުހެލާފާނެހެން ހީވި އެވެ. ވަންނިވަންނި ލަމުންދާ ހުދުރޮގުތަކެއްހެން ފެނިލާ ވިދުވަރުގެ އައްޔާއިއެކު ޖަހާލާ ގުގުރީގެ ސަބަބުން ބިރުން ފިތްކެނޑޭހާވިއެވެ. ޝުވޭކާރު ފެންޑާގައި ދެކޮޅަށް ހިނގަންފެށިއެވެ. ކައިވެނީގެ ފުރަތަމަ ރޭ މިހާ ބިރުވެރި ތޫފާނީ ރެއަކަށް އެވީ ކީއްވެހެއްޔެވެ؟ އެންގޭޖްމެންޓް ރޭގައިވެސް އެހާ ވިއްސާރައެވެ. އޭނަފަދަ ތަޢުލީމީ އަންހެނަކު މިފަދަ ވަހުމްތަކުގެ ޝިކާރައަކަށްވީ ކީއްވެބާވައެވެ. އަބަދާއަބަދު ބިރުގަނެ ހިތް ހާސްވަނީ ކީއްވެހެއްޔެވެ؟

"މަންމާ، ކޮބާ ދޮންބެ؟ ފޯނެއްވެސް ނުނަގާ........" ކާއިއާ ގޮވާލުމުން ޝުވޭކާރު އެނބުރި ބަލާލައިފިއެވެ. އޭރު ޝުވޭކާރުގެ މޫނުގައިވާ ފިޔާތޮށިކަން ކެނޑި ހުދުކުލައަކަށް ގޮސް ނިތްކުރީގައި ފިނިދާތިކިތައް ހިއްލާލައިފިއެވެ. ކިޔަންއަށް ކަމެއްވީބާވައޭ ހިތަށް އަރާ ހިތަށް އިންތިހާއަށް ބިރުވެރިކަންވަނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނަވަނީ މުޅިން ބަދަލުވެފައެވެ. ބިރުވެރިކަމާއި ހާސްކަން މީހާ ވަށާލާފައިވެއެވެ. ކޮންމެ ފަދަ ވަގުތަކުވެސް ލޯބިވާ މީހަކަށް ކަމެއް ދިމާވާން އުޅެނީއޭ ހިތަށް އަރާވަރުން ގޮސް ހިތުގެ ހަމަނުޖެހުން ފޭރިގެންފިއެވެ. ހުވަފެނުގައި ފެންނަހެން ބޮޑުކަމެއްވާން އުޅެނީކަމާއިމެދު ޝައްކެއް ނެތެވެ.

ޝުވޭކާރު ކާއިއާގެ ސުވާލަށް ޖަވާބުނުދީ ލޯ ތިރިކޮށްލަމުން ފޯނަށް ބަލައިލިއެވެ.

"ދޮންބެ މިއޮތް އައީނު، ކޮބާތަ ބުކޭ؟ " ކާއިއާއަހާލިއެވެ.

"ސޮރީ އައިމިނަބީ ހަނދާންނެތުނީ، ދެން މާބޮނޑިއެއް ނެތަސް ފޮޓޯނެގިދާނެ، އެޑިޓްވެސް ކޮށްލެވިދާނެ...." ކިޔަން އިސްތަށިގަނޑުން ފެންތައް ފޮޅާލަމުން ކާއިއާ ރުޅިއަރުވާލަންވެގެން ބުނެލިއެވެ. ކާއިއާ ރުޅިއައިސްގެން ކަރުތެރެއިން ވައްތަރެއް ޖައްސާލާފައި ކިޔަންގެ ގަޔަށް އަރައިގަންނަން އުޅެފައިވެސް ހެދުމާއިމެދު ވިސްނާލާފައި މައިތިރިވިއެވެ. ކާރުގައި އޮތް ލިލީ މާބޮނޑި ގެނެސްދިނުމުން ކާއިއާ އުފަލުން މަލެއްފަދައިން ފޮޅުނެވެ. ހުދުކުލައިގެ ވެޑިން ހެދުމެއްލައިގެން ހުރިއިރު ޝާހީ ރަނިކަނބަލެއްފަދައެވެ. ބޮލުގައި އަޅާފައިވާ ތާޖުކޮޅެއްފަދަ ބޭންޑްގައި މުތްތައް ވިދަނީ ހުދު ޖަވާހިރުތަކެއްފަދައިންނެވެ. ހެދުމުގެ ފަސްބައި އުފުލާލައިގެން ހުރިއިރު އެބޮޑުދެލޮލުގެ ވިދުވަރާއި އުޖާލާކަން އެހެން ދުވަހަށްވުރެ އެތައް ގުނަ އިތުރުވެފައިވުމުން ދަރިފުޅަށް ލިބިފައިވާކަން ޝުވޭކާރަށް އިހުސާސްކުރެވުނެވެ. އެސްފީނާނުޖެހުމަށް އެދި ދުޢާކުރެވުނެވެ. ކާއިއާގެ އުފަލުގައި ބައިވެރިވެ ހިނިތުންވެލެވުނެވެ.

ކައިވެނި ކުރަން ހަމަޖެހިފައިވާ ގަޑިއަށް އައްމާރު ފިޔަވާ އެންމެން އެގެއަށް ހާޟިވިތަން ފެނިފާ ޝުވޭކާރު ކާއިއާއާއި ސުވާލުކުރަންފެށިގޮތަށް އޭނަގެ ހިތް ހީވަނީ މޭފަޅާލާފައި ކޮންމެ ވަގުތަކުވެސް ފުންމާލަފާނެހެންނެވެ. ބޭރުގައިވާ ތޫފާނަށްވުރެ ސިކުނޑި ހަލަބޮލިވެފައިވިއެވެ. އައްމާރުއަށް ބޮޑުކަމެއް ދިމާވީހެއްޔެވެ؟ ނޫނީ އޭނަ އެންމެފަހު ވަގުތު ކެހިދީފައި ފިލީހެއްޔެވެ؟ އެމީހުންގެ ފަރާތުން ބަދަލުހިފަންވެގެން އެޒުވާނާ ނިންމީހެއްޔެވެ؟

އައްމާރު ލަސްވާންފެށުމުން ހިތަށް ވާންފެށި އުދަގޫތަކުގެ ސަބަބުން ސިކުނޑި ހަމަޖައްސައިލަންވެގެން އޭނަގެ އަންހެންކޮއްކޮ މާހްނޫރު ގޮވައިގެން ދިޔައީ މަތީބަޔަށެވެ. މާހުނޫރު ނޫނީ އާއިލާގެ އެހެން މީހަކު މި ކުޑަ ހަފްލާގައި ބައިވެރިކުރާކަށް ފައިސަލް ހުއްދައެއްނުދިނެވެ. ކާއިއާއަށްޓަކާ މާހުނޫރު އަޅާދީފައިވާ ކޭކު އެކަމަށްޓަކާ ޚާއްސަކޮށްހަދާފައިވާ ކުޑަ މޭޒެއްގެ މަތީގައި ބަހައްޓާފައިވާއިރު ޗާލުކަމުން ދެކޭ ކޮންމެ މީހެއްގެ ހިތް އާޝޯޚުކުރުވާނެއެވެ. ފަސްބަރިއަށް އަޅާފައިވާ ކޭކުގެ އަރިމަތީގައި ވެލެއްހެން ހުދުފިނިފެންމަލުގެ ޑިޒައިނެއްކޮށްފައިވެއެވެ. ބޯޑަރުއަޅާފައި ކުރެހުން އަޅާފައިވަނީ އެހާ ފާޑުވެރިކަމާއިއެކުގައެވެ. ވަށައިގެންވާ އުއްބައްތިތައް ދިއްލާލާނީ ކޭކު ފަޅާލާއިރުގައެވެ. ކޭކުގެ ޒީނަތްތެރިކަމުން ޝުވޭކާރުގެ ސިކުނޑިން އެހެން ހުރިހާކަމެއް އެއްފަރާތްކޮށްލާފައި އެއަށް ސަމާލުކަންދިނެވެ.

"ކައި އުފަލުން މޮޔަވާނެ، ނޫރު ހަމަ ކުޅަދާނަ....." ޝުވޭކާރު ހިންދެމިލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އާރ ޔޫ އޯކޭ ދޮންތާ؟ ފެށުނީއްސުރެން އެބަ އެނގޭ ކޮންމެވެސް ބޮޑުކަމަކާ ތިންކު ކުރާކަން. ދޮންތަވެސް އެހާ ލައިކްނުވާކަން އެނގޭ، ކާކު ބޭނުންވާނީ އެހާ ގޮތެއް ފޮތެއްނެތް އާއިލާއެއްގެ ފިރިހެންދަރިއަކާއި ކާއިއާ އިންނަން؟ އެކަމަކު އެފިރިހެންކުއްޖާ ފެނުމުން ރުހެވުނު....ތަންކޮޅެއް އަވަސްއަރުވާލާފައި މިކަން ކުރެވޭތީ ކަމުނުދަނީ، ކައިގެ ސްޓަބްންކަމުން ޑިލޭވެސް ނުކުރެވުނީ ދޯ......" މާހުނޫރު ގަޑިއަށް ބަލައިލިއެވެ.

"ނޫރު، އައި ހޭވް ޓު ޓެލް ޔޫ ސަމްތިންގް....." ޝުވޭކާރު މާހުނޫރުއާއި ކައިރިއަށް ޖެހިލަމުން މަޑުމަޑުން ބުނެލިއެވެ.

"އެނގޭ ސަމްތިން އިޒް ބޮދަރިން ޔޫ ކަމާއި ގަދަކަމުން ހިނިތުންވެގެން ހުންނަކަން، ދޮންތަގެ އަސްލު އިމޭޖް އެންމެ ރަގަޅަށް އެނގޭނީވެސް އަހަންނަކަށްނު........" މާހުނޫރުގެ ހިތް އަވަސްވެލިއެވެ. އެބުނަން އުޅޭ ވާހަކައެއް އަޑުއަހާހިތުން ދެން އެންމެ ސިކުންތުކޮޅަކަށްވެސް ކެތެއްނުކުރެވޭނެއެވެ. ކުޑައިރުއްސުރެން މީހުންގެ ސިއްރުތައް ކޮންނަހިތުން ތަންތަން ހާވާވަރުން ޝުވޭކާރުވެސް އޭރު ރުޅިއާދެއެވެ. މާހުނޫރާއި އަރައިރުންވެ ތަޅައިގަންނަ ހިސާބަށް ދެއެވެ. އޭނަ ޑައިރީއެއް ލިޔެފައި އޮތަސް ސިއްރުން އެކުއްޖާ ކިޔާފައި ނުލަފާހިންޏެއް އައިސްފަ ހުރެގެން އެވާހަކަ ދައްކާނީ އެންމެ ނުބައިގަޑީގައެވެ. އެކަމަކު ފުރާވަރަށް އެޅީއްސުރެން ދެބެންގެ ދެމެދުގައި ގާތްގުޅުމެއް އޮވެއެވެ.

"ނޫރު، މެރީނުކުރަނީސް އައި ގޮޓް ޕްރެގްނެންޓް........." ޝުވޭކާރުގެ ޖުމްލައިން މާހުނޫރު ހުރީ އަނގަ ހުޅުވިގޮތަށް ލައްޕާލަން ނޭގިފައެވެ. މާތް ރަގަޅު އާއިލާއެއްގެ ތެރޭގެ ހާލަތު މިހެން ހުރިކަމަށް ވަންޏާ އެހެން މީހުން އުޅޭނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ ސުވާލުގެ ނަޒަރަކުން އޭނަ ބަލަން ހުރިއިރު ބޯކޮށް ވާރޭވެހޭ އަޑު އެއްއަޑަކަށް ގުގުމާލާފައި އޮތެވެ.

"އެފިރިހެންކުއްޖާ ދުނިޔޭގައި އެބަހުރި......" ޝުވޭކާރު އިތުރަށް ބުނެދިނެވެ.

"އެއީ ކާކުތަ؟ ކޮންތާކު ހުރީ؟ އެހާ ބޮޑު ސިއްރެއް ފޮރުވައިގެން ސެންޗުރީއަކަށް؟ އޯމައިގޯޑް، ބުނާނެ އެއްޗެއްވެސް ނޭގޭ، ކޮބައިތަ މައި ލޯންގް ލޮސްޓް ނެފިއު.........ގޯޑް ދިސް އިޒް ގްރޭޓް ނިއުސް، ކިޔަންހާ ލާނެތް ކުއްޖަކަށްވާނެކަން ޔަގީން، ވަން މޯރ ތިންގް، އެއީވެސް ފައިސަލްބެ ގެތަ؟ "މާހުނޫރު އުފާވެފައި ހުރިވަރުން ތަންކޮޅެއް ދޫ ވެސް ހަލުތްވެވެ. ޝުވޭކާރުގެ އަތުގައިވެސް ހިފާލެވިއްޖެއެވެ.

"އާނ ނޫރު. ދޮންތަމެންނަށްވަނީ އެފާފަ ކުރެވިފައި. އެކަމަކު އެކުއްޖާ ހުރި ތަނެއް އަދި ބުނެވޭކަށްނެތް، ފައިސަލްއަށްވެސް އެކަން އަންގާކަށް ބޭނުމެއްނުވޭ......" ޝުވޭކާރުގެ އެޖުމްލަތަކާއިއެކު މާހުނޫރުގެ މޫނުގައިވި އުފާވެރިކުލަ ފަނޑުވެ ހިނިތުންވުންވެސް ގެއްލިގެން ހިނގައްޖެއެވެ.

"ހުރިހާކަމެއް ވަރަށް ކޮމްޕްލިކޭޓެޑްހެން ހީވާންފަށައިފި......"މާހުނޫރު ބޯ ހޫރާލިއެވެ.

"އެއޮތް ގުޅަނީ. އަންނާށޯ އަވަހަށް، އިމީ އައީކަމަށްވާނީ، ފާޑެއްގެ ބިރުވެރިކަމެއްގެ ތެރޭގައި އުޅެވޭތީ ބައެއްފަހަރު އަމިއްލަ ނަފުސަށް ކުރިން އޮތް އިތުބާރުވެސް ގެއްލިއްޖެ، ބޮޑުކަމެއްވާން އުޅޭކަމުގައި އަބަދު ހީވެފައި ހުންނަނީ، ކައި މެރީކުރީމަ ދެން ހަމަޖެހިދާނެއޭވެސް ހިތަށް އަރާ، އެކަމަކު ވައި ދިސް ފީލިން...." ޝުވޭކާރު ފުންނޭވައެއް ދޫކޮށްލިއެވެ.

"ދޮންތާ ބީ ޕޮޒިޓިވް.....އަހަރެމެންގެ ލޭވެސް ބީ ޕޮޒިޓިވްވީ ސަބަބެއްނެތިއެއް ނޫން...." މާހުނޫރު ހިނިގަނޑެއް ޖަހާލާފައި ޝުވޭކާރުގެ އަތުގައި ހިފައިގެން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ވައިގެ ބޫންއަޑު ފަޒާގައި ހިފާލާފައިވެއެވެ. މިއިން އިރެއްގައިވެސް ވައިމަޑުވާނެހެނެއް ހިޔެއްނުވެއެވެ.

ފައިސަލް ކޮޓަރީގެ ބެލްކަނީގައި އެކުވެރިޔާއަށް ގުޅައިގެން ހުރިއިރު މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. އަތުގައި ރޯކޮށްލެވިފައިވާ ސިގްރެޓެއްހުރިއިރު އަވަސްއަވަހަށް ބޮމުން ދިޔައެވެ. އެހުރިތާ ހުރެ އޭނަ ދެތިން ސިގްރެޓް ހުލިކޮށްލައިފިއެވެ. ބަލައިލި ކޮންމެ މީހަކަށް އޭނަ ހުރީ އިންތިހާއަށް ފިކުރުބޮޑުވެފައިކަން ނޭގިއެއް ނުދާނެއެވެ.

"ނައީމާއާއި އެކުއްޖާގެ ޑީއެންއޭ ދިމާވާންވީ ކީއްވެތަ؟ އެހެންވެގެން ނުވާނެއްނު. ނައީމާއާއިއެކު ތިހާވަރަށް ޑޭޓަށް ދާއިރުވެސް ދަރިފުޅުގެ ސިއްރުތައް ކިޔާދޭކަށް ނޫޅުނުކަމީވެސް އަޖައިބެއް. ހިތް ނުތަނަވަސްވާކަމަކީ އެދެމީހުންގެ ޑީއެންއޭ މެޗްވަންޏާ އެ ދަރިފުޅު ކޮބާތަ؟ ނައީމާގެ އެނޫން ދަރިއެއް ހަމަ ނެތީތަ؟ ފަހަރެއްގައި އަދި އެ އަންހެންމީހާއަކީ ނައީމާއަށް ނުވުންވެސް އެކަށީގެންވެއެއްނު، ރަގަޅަށް އޮޅުން ފިލުވަބަ.. ބޭނުންވަރަކަށް ފައިސާ ލިބޭނެ، އަވަސްކޮށްދޭންވާނެ އިނގޭ. މިކަހަލަ ސިޗުއޭޝަނެއްގައި އަހަރެން ހާސްވާނެވަރު އެނގެއެއްނު. ކޮން ޒަމާނެއް ސިގްރެޓެއްގައި އަތްނުލާތާ، މިހާރު އެނޫންގޮތަކަށް ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބޭ..........." ފައިސަލް ގަޑިއަށް ބަލައިލިއެވެ. އެކުވެރިޔާ ކައިރީގައި އަންހެން ދަރިފުޅުގެ ކައިވެނީގެ ވާހަކަ ދައްކަން އުޅެފައިވެސް އޭނަ ހިމޭންވިއެވެ. އެއްވެސް މީހަކަށް އެކަން އެންގުމުގެ މާނައެއްނެތެވެ.

ޝުވޭކާރު ގުޅަން ފެށުމުން ފައިސަލް އަޅިކެނޑީގައިވާހާ އެއްޗެއް ޑަސްބިނަށް ލާފައި އަޅިކެނޑި ދޮވުނެވެ. ޝުވޭކާރަށް އޭނަ ސިގްރެޓްބޯކަން އަންގާކަށް އޭނަ ބޭނުމެއްނޫނެވެ. ދެމީހުންގެ ގުޅުން ހީނަރުވެފައި އޮތަސް އަންހެނުންގެ ކައިރީގައި ވަޢުދުވެފައިވާއިރު އޭނައަށް ދައްކައިގެން ސިގްރެޓް ބޯކަށް ބޭނުމެއްނޫނެވެ. އޭނަ ބުނެފައިވަނީ އޭނަ ސިގްރެޓް ބޯތަނެއް ދުވަހަކު ޝުވޭކާރަށް ދެން ނުފެންނާނެކަމުގައެވެ.

އައްމާރު ސެމިނާރެއްގައި ފުރަން އުޅޭ ވާހަކަ ބުނެ ޕެކްކުރަން ފެށީއްސުރެން ސާރާގެ މޫޑު ގޯސްވެ ނުރޮވި ހުރީ ހަމަކިރިޔާއެވެ. އައްމާރުއާއި ނުލައި އޭނަ އެންމެ ދުވަހެއްވެސް ވޭތުކުރާނެ ގޮތެއް ވިސްނުމަކަށްނައެވެ. އޭނަގެ ހުރި އެކަނި މީހަކީ އައްމާރުއެވެ. އާއިލާވެސް ވަނީ މާދުރަށް ގޮސްފައެވެ. ވީއިރު އެކަނިމާއެކަނި އޭނަ އުޅޭނީ ކިހިނެއްހެއްޔެވެ؟ ސާރާ އާދޭސްކޮށްފައިބުނީ ކޮންމެވެސް އެހެން މީހަކު ސެމިނާރަށް ފޮނުވުމަށެވެ. އެހާވަރުން އޮސްޓްރޭލިއާއަށް ދިޔުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ހާދަ ދިގު ދަތުރެކެވެ. އޭނަ ގޮވައިގެން ދާނެނަމަވެސް އެންމެ ރަގަޅުވީހެވެ. އައްމާރު ސާރާގެ ގައިގާ ބައްދާފައި ފިރުމާފައި ބުނީ ދެރަނުވުމަށެވެ. އިންތިޒާރުކުރުމަށެވެ. އޭނަ އަބަދުވެސް ސާރާއާއިއެކުގައި ވާނެކަމުގައެވެ. ވަކިނުވާނެކަމުގައެވެ. އޭނަގެ މުސްތަގުބަލާއި އުފާވެރިކަމާއިމެދު ވިސްނުމަށް އައްމާރު އެދުނެވެ. އެއީވެސް ތެދެކެވެ. އައްމާރުގެ ކުރިއެރުމަށް އޭނަ ހުރަސް އަޅައިގެން ނުވާނެއެވެ. އޭނަ އެއަރޕޯޓަށް ދާން އުޅުމުންވެސް އައްމާރު އެއްބަސްވާގޮތެއްނުވިއެވެ. އެހާ ވިއްސާރަ ދުވަހެއްގައި ކޮންމެހެން ސާރާ ނުދިޔަސް ރަގަޅުވާނެކަމުގައި ބުނެލަމުން އައްމާރު ސާރާގެ ނިތްކުރީގައި ބޮސްދިނެވެ. ކަރުނަތައް ހިފަހައްޓައިގެން ހުރެ ސާރާ އައްމާރުގެ ހެދުންތައް ފަށްޖަހާދިނެވެ.

ވިދާލާ ވިދުވަރުގެ ތޫނު އަލިކަމާއިއެކު ކަންފަތް ބައް ވާހާ ބާރަށް ގުގުރިޖަހަން ފެށުމުން ސާރާ ހުރީ ބިރުން މަރުވާވަރުވެފައެވެ. އެންމެ ހާސްވަނީ މިހާ ތޫފާނީ ދުވަހެއްގައި އައްމާރު ފްލައިޓުގައި ދަތުރުކުރަން ޖެހޭތީއެވެ. އޭނަ ފްލައިޓަށް އަރައިފިއްޔާ ޕެނިކީވެގެންގޮސް އަނބުރައިގަންނަ ވަރުވެއެވެ. އެކިމީހުންގެ ފޯބިއާ ހުންނަނީ އެކި ކަންތައްތަކަށެވެ. ސާރާ އެންމެ ބިރުގަންނަނީ ފްލައިޓް ދަތުރުތަކަށެވެ. އެހުރިހާ ކަމެއް އެހެން އޮތްވާ އަދި އަމިއްލަ ނަފުސަށްވުރެ ބޮޑަށް ލޯބިވާ ފަރާތެއް މިހާ ވިއްސާރައިގާ ފުރާއިރުވެސް ޕެނިކްއެޓޭކް ނުޖެހި ހުންނާނީ ކިހިނެއްހެއްޔެވެ؟ އައްމާރު ތައްޔާރުވާތަން ބަލަން ސާރާ ހުރީ ކަރުނަ ދިރުވާލައިގެންނެވެ.

"އިމީ. މާދަމާއަށް ލަސްކޮށްލަންވީނު...." ސާރާ އައްމާރުގެ ޓައީ ރީތިކޮށްލަދެމުން ބުނެލިއެވެ.

"ނޫނޭ ބޭބީ. ޑިލޭކުރެވޭކަހަލަ ކަންތަކެއްނޫނޭ މިއީ. ދިހަދުވަސްފަހުން އެނބުރި އަންނާނަން....." އައްމާރު ޔަގީންކަމާއިއެކު ބުނެލުމުން ވަކިންބޮޑަށް ސާރާގެ ހިތަށް ބިރުވެރިކަން ވަނެވެ.

"އިރާދައާއިނުލައި ތިހެން ބުނާކަށްނުވާނެ....." ސާރާ އައްމާރުގެ ދެކޯތާފަތުގައި މަޑުމަޑުން ފިރުމައިލިއެވެ.

"އިންޝާﷲ........" އައްމާރު ކޯތާފަތަށް އެރީތި އަޑިކޮޅު އަޅުވާލަމުން ކުށްރަގަޅުކުރިއެވެ. ވަގުތު ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލައިލެވުނެވެ. ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަން ތިބެވުނުއިރު ދެލޮލުގެ ހިމޭން ބަސްމޮށުމުން ލޯބިވާވަރު އަންގާދިނެވެ. ސާރާގެ މައުސޫމްކަމާއި އޭނަދެކެ ލޯބިވާވަރު ފެނިފައި އައްމާރުއަށް އަސަރުކުރިއެވެ. ހަގީގަތް ކިޔައިދޭންވީހެއްޔެވެ؟ ސާރާ ކައިރީގައި ބުނަންވީހެއްޔެވެ؟ އޭނަ މިދަނީ ކާއިއާއާއި ކައިވެނިކޮށްގެން ދިހަދުވަހުގެ ދަތުރެއްގައި ޔޫރަޕަށެވެ. މާލެއައުމަށްފަހު ހަގީގަތް އެނގޭކަށް މާގިނަ ދުވަހެއްނުނަގާނެއެވެ. އެނގުމުން ސާރާގެ ހިތް ފަޅައިގެންދާނެއެވެ. ކުށްވެރިއަކީ ޚުދު އޭނައެވެ. ކާއިއާއަށް ނާންގާ ސާރާއާއި ކައިވެނިކުރިގޮތަށް އޭނަ މިދަނީ ސާރާއަށް އެކެހި ދޭށެވެ. ދެފަރާތް ހަމަހަމަވިއެވެ. އޭނަ ދެ އަންހެންކުދިންދެކެވެސް ލޯބިވެއެވެ. ވަރަށް ބޮޑަށް ލޯބިވެއެވެ. މަޖުބޫރީ ހާލަތުގެ ސަބަބުން ކަންތަކެއް ފޮރުވިޔަސް މިއީ ދޮގުހެދުމެއްނޫނެވެ. މަސްލަހަތަށް ބެލެނީއެވެ.

އައްމާރު ފޯނުން ގަޑިއަށް ބަލައިލިއެވެ.

"ބޭބީ، ވަރަށް ލަސްވެއްޖެ. ދެރަނުވައްޗޭ އިނގޭ......." އައްމާރު ސާރާގެ މޫނުގައި ބޮޑުވާ އިނގިލި ކާއްތާލުމާއިއެކު އެހުރިހާ އިރުވަންދެން ހިފަހައްޓައިގެން ހުރި ކުއްޖާއަށް ރޮއިގަނެވިއްޖެއެވެ. ނުދާށޭ ބުނަމުން އައްމާރުގެ ގައިގާ ދެއަތުން ބައްދައިގަނެވުނުގޮތަށް ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އޭނަގެ ހިތް ބުނަނީއެވެ. ކޮންމެވެސް ކަހަލަ ނުރައްކަލެއްވާން އެބައުޅެއެވެ. އައްމާރު އޭނައާއި ވަކިވެގެން ދަނީއެވެ. މިދުވަސްކޮޅު އޭނަގެ ހާލުވެސް އެހާ ރަގަޅެއްނޫނެވެ. އަބަދު ވަރުބަލިވެ ނިދިއަންނަގޮތްވުމާއި ހޮޑުލެވުންފަދަ އުދަގޫތަކެއް ކުރިމަތިވެފައިވެއެވެ. މޫސުމުގެ ގޮތުން ކަމަށްވެދާނެއެވެ. އައްމާރުއަށްވެސް ސާރާ ހެދިގޮތުން ލޯ ތެމޭގޮތްވިއެވެ. ސާރާ ގެނެސް މޭގައި ޖައްސާ ބާރުކޮށްލަމުން އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. އަދި އޯގާތެރިކަމާއިއެކު ދެއްކި ވާހަކަތަކުން ސާރާގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. އަމިއްލަ އެދުންބޮޑުވެގެން އައްމާރުގެ އުފާވެރިކަން ނިގުޅައިނުގަންނަން އޭނަ ހިތަށް ވަޢުދުވިތާ ކިތަންމެ ދުވަހެކެވެ.

މާމަ ސޯފާގައި އިންދާ އައްމާރު މާމަގެ ކައިރީ އިށީދެލާފައި މާމަގެ ގައިގާ ބައްދައިލަމުން ދުވަސްކޮޅަކަށް ވަކިވާ ވާހަކަ ބުނުމުން މާމައަށް ޝޮކެއްލިބުނު ކަހަލައެވެ. ފުރަތަމަފަހަރަށް މާމަ ދަރިފުޅާއި ހަތަރުކަޅި ހަމަކޮށްލިއިރު އެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ނުދާށޭ ބުނާފަދަ ގޮތަކަށް ބޯ ހޫރާލިއެވެ. އޭރު ސާރާވެސް އަސަރާއިއެކު އެމަންޒަރުދެކެން އެއްފަރާތުގައި ހުއްޓެވެ. ރީދޫކުލައިގެ ޓޮޕަކާއި ސްކިނީއެއްލައިގެން ހުރިއިރު އެދޮން މޫނުމަތިވަނީ ރުއިމުގެ ސަބަބުން ރަތްވެލާފައެވެ. އެވަރުންވެސް ލޮލުގެ އުޖާލާކަމާއި ތޫނުފިލިކަމަށް ބަދަލެއްނާދެއެވެ.

"މާމަ ދެރަނުވައްޗޭ، އަމިއްލަ ނަފުސަށްވުރެ އިތުބާރު ކުރާ ކުއްޖަކާއި މާމަ ހަވާލުކޮށްފައި މިދަނީ، އެނގޭ ސާރާ މާމައާއި އަޅާލާނެކަން، އެހީވާނެކަން، މާމަ މި ދަރިފުޅަށް ދުޢާކޮށްދެއްޗޭ....." އައްމާރު ތެދުވަމުން ދަބަސް ނެގިއެވެ. ކޮންފަދަ ފުރިހަމަކަމެއްހެއްޔެވެ؟ އަތްދިގު ގަމީހާއި ފަޓުލޫނުގައި ރަސްމީކޮށް ހުރުމުން ހާދަ ސްމާޓެވެ. އެ ފަން ބޯ އިސްތަށިގަނޑާއި ވައިގެ ރޯޅިތައް ސަމާސާކޮށްލާތަން ފެނުނެވެ. "މައި ހެންޑްސަމް ބޭބީ" ސާރާގެ ހިތް ގޮވައިލީ އަނެއްކާވެސް ދުވެގޮސް އޭނަ ހުއްޓުވުމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ނެތް ހިތްވަރުލާފައި ސާރާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. އެރީތި ހިނިތުންވުން އައްމާރުގެ ހިތުގެފުންމިނަށް އަސަރުކުރުވިއެވެ. ދިރިއުޅުމަކީ ހާދަ އަނިޔާވެރި އެއްޗެކޭ ހިތަށް އެރިއެވެ. ބައެއްފަހަރު އުފަލުން ހެއްވާލާއިރު ފަހަތުން އައިސް ރޮއްވާލާއެވެ. ކަރުނައާއި ހިނިތުންވުން ހިނގަ ހިނގާ ހުންނަނީ އެކީގައެވެ. ކުރި ހޯދަނީ ފަހަރަކު އެއްޗެކެވެ.

އަސަރުގަދަ ވަދާޢުގެ ސަލާމަކަށްފަހު އައްމާރު ކާރަށް އަރާ ދޮރުލެއްޕުމުންވެސް ސާރާ ބަލަން ހުރެފައި އަތްހޫރާލިއެވެ. ގެއަށްވަންއިރު މުސްކުޅި މާމަގެ ލޮލުން ކަރުނަ އޮހޭތަން ފެނިފައި ސާރާގެ ހިތްފަޅިފަޅިވެގެން ދިޔައެވެ. އަމިއްލަ ހިތުގެ ހާލު އެހާ ބޮޑުއިރު މާމަ އެގޮތަށް ރޯތަން ފެނިފައި ސާރާއަށްވެސް ރޮވުނީއެވެ. މާމަގެ ކައިރީގައި ނުރޯށޭ ބުނެ ވާހަކަދައްކަން ފެށިކުއްޖާއަށް މާ ބޮޑުވަރުވާން ފެށުމުން އެނދަށް ވެއްޓިގަތްގޮތަށް ބާލީހުގައި މޫނު ޖައްސާ ބާރުކޮށްލަމުން ގިސްލުން މަތަކުރެވޭތޯބެލިއެވެ. މާމަގެ އުމުރުން ދުވަސްވުމުގެ ސަބަބުން ބުރަކަށި ގުދުވުމުގެ ސަބަބުން ހިނގާ އުޅޭކަށް ފަސޭހައެއްނޫނެވެ. ތަންތަނުގައި ހިފަމުންގޮސް އެނދުގެ ކައިރީގައި ހުއްޓިލާފައި ސާރާގެ އިސްތަށިގަނޑުގައި މާމަ އަތްޖައްސައިލިއެވެ. މާމަގެ މަޑު މަޑު އަތުގެ ފިރުމުމުން ސާރާގެ ގިސްލުން ވަގުތުން ހުއްޓުނެވެ.

"ނުރޮއި...... މަގޭ......ދަރި....." މާމަ އެތައް ދުވަހެއްފަހުން އަނގައިން ބުނެލުމުން ސާރާ ސިހިފައި ތެދުވެ ބަލައިލިއެވެ.

"މާމާ......" ސާރާ އިސްތަށިގަނޑު ރީތިކޮށްލަމުން ހުޅިއެއް ޖެހިއެވެ.

"ރަގަޅު..ކުދިންނަށް މާތް ރަސްކަލާނގެ.... ދެރަގޮތެއް...... މެދުވެރިނުކުރައްވާނެ....." މާމަ ލަސްލަހުން ހުއްޓަހުއްޓާފައިވެސް ބުނި އެއްޗެއް ސާރާއަށް ދޭހަވިއެވެ. އަޑު ބޭރުވަނީ އެހާ އުދަގުލުންނެވެ.

"މާމާ ހާދަ އުފާވެއްޖެއޭ. އިމީ ދިޔުމުން އެހާ ދެރަވިކަންވެސް މިހާރު ހަދާން ނެތިއްޖެ. މާމަ ވާހަކަދައްކަންޏާ ސާރާ އެކަނިވާނެ ގޮތެއްނޯންނާނެ. މާމަ ވާހަކަދައްކާނެ ދުވަހެއްގެ އިންތިޒާރުގައި އަބަދު މިހިރީ، އެހާ ވަރަށް މާމައަށް ވާހަކަ ކިޔާދޭއިރުވެސް މާމަ ސާރާއަކަށް ވާހަކައެއްވެސް ކިޔާނުދެމެއްނު......" ސާރާ މާމާގެނެސް އެނދުގައި ބައިންދަމުން އޯގާތެރިކަމާއިއެކު ވާހަކަދެއްކިއެވެ. ކުޑަކުއްޖަކާއި ވާހަކަ ދައްކާފަދަގޮތަކަށެވެ. އެއަތުގައި ފިރުމަމުންނެވެ. އަދި މާމަގެ އަތާއި އަތް މަހާލަމުން ނެގި ފޮޓޯ ވައިބަރގެ ޕްރޮފައިލަށް ލާފައި ސާރާ ހިނިތުންވެލިއެވެ. މާމަ ވާހަކަދެއްކިކަން އެނގުނީމަ އައްމާރުވެސް ހާދަހާ ބޮޑަށް އުފާކުރާނެއެވެ. މާމައަށް ވާހަކަދައްކަން އެހާ ފަސޭހަ ނޫންކަން އެނގޭތީ އެހާވަރުން ވާހަކަދައްކާކަށް އޭނަ މަޖުބޫރެއްނުކުރާނެއެވެ. މާމަ ބޭނުންވާވަރަކަށް ވާހަކަ ދައްކާނެތާއެވެ. އިރުކޮޅެއްވާންދެން މާމައާއި ވާހަކަދައްކަން އިނުމަށްފަހު ދެމީހުން އެކީގައި އެއްޗެއް ކައިގެން ސާރާ ދިޔައީ ނަމާދަށެވެ. ރައިޝާވެސް އެރޭ ނިދަން އެގެއަށް އައެވެ. ތޫފާނީ ރެއަކަށްވެފައި ސާރާ ބިރުން އުޅޭކަން އެނގުމުން ރައިޝާ މަންމަ ކައިރިން ހުއްދަހޯދީއެވެ. މަންމަ އަދިވެސް ހުންނަނީ ޖިދާންގެ ފަރާތުން ރައިޝާއަށް ގޯނާއެއް ކުރިމަތިވެދާނެތީ ބިރުގެންފައެވެ. ނަމަވެސް މާ ސިޔާސީވެގެން ޖިދާން އުޅޭ ދުވަސްވަރެއްގައި އަމިއްލަ އަބުރަށް ހުތުރުވާނެގޮތަކަށް އޭނަވެސް ނޫޅޭނެކަމަށް ރައިޝާ މަންމައަށް ވިސްނައިދިނެވެ.

ނަބީލާވިލާގެ ކޮޓަރިއެއްގެ މޭޒުދޮށުގައި އައްމާރުގެ އިންތިޒާރުގައި އެންމެން ތިބިތަން ފެނިފައި އައްމާރުގެ މޫނަށް ކުޑަރަތްކަމެއް ވެރިވެގެންދިޔައެވެ. ވިއްސާރަވުމުން ލަސްވީކަމުގައި ބުނެ މާފަށް އެދިފައި އޭނަ ގޮނޑީގައި އިށީނދެލާފައި ކާއިއާއަށް ބަލައިލިއެވެ. އޭރު ދެހިތުގެ ވިންދުވަނީ އަވަސްވެފައެވެ. ކައިވެނީގެ ޚުތުބާކިޔަމުން ދިޔައިރު އެންމެންވެސް ހިމޭންކަމާއި މަޑުމައިތިރިކަމާއިއެކު އަޑުއަހަން ތިއްބެވެ.

"އަނބި ގަބޫލުކޮށްފިން......." އައްމާރުގެ ދުލުން އެ ޖުމްލަ އިވުމާއިއެކު ކާއިއާގެ ހިތަށް ލިބުނު އުފާތައް ބަޔާންކޮށެއް ނުދެވޭނެއެވެ. މުޅި ހަށިގަނޑުވެސް ލުއިވެސް ފަތެއްހެން ފަޒާގައި އުދުހެވެންފެށިހެން ހީވިއެވެ. އައްމާރު ކާއިއާގެ ގަނޑުފެންކޮޅެއްފަދަ ފިނި އަތުގައި ހިފާލުމާއިއެކު ދެއަތުގެ އިނގިލިތައް ލާމެހުނެވެ. ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު ފެނުނީ ނިމުމެއްނެތް ލޯތްބާއި ދީވާނާކަމުގެ އަސަރުތަކެވެ. އެމަންޒަރު ދެކެން އިން ޝުވޭކާރުގެ ދެލޯ ފެންކަޅިވެގެން ދިޔައީ އުފަލުންނެވެ.

ކޮމެންޓް 0