"ޖިމް މީހަކާއި އިނީމަ އެހެންވެ ޢާއިލާ މީހުންނަށް އެ އަންހެންކުއްޖާގެ ގޭގައި ކުޑަ ކެއުމެއްދިނީ، އަހަންނަށްވެސް ނުދެވުނީމަ މިގެއަށް ވާވަރަށް ފޮނުވާފައި މިހިރީ. އެކަމަކު އެމަންޖެ ބޭނުންވަނީ މިގޭގައި ހުންނާށޯ، އައްމާރުމެންގެ ކޮޓަރި ޖިމްއަށް ދީފައި ޖިމް އުޅޭ ކޮޓަރިއަށް އައްމާރު ބަދަލުވާންވީނު. ޖިމްގެ ކޮޓަރީގައި މިހާރު ޒަކާމެން އެއުޅެނީ، ދެން ޒަކާމެން އުޅުނު ކޮޓަރީގެ ފާޚާނާ ބޭރުގައި ހުރީމަ ޖިމްއަކަށްވެގެން އެތާ އުޅޭކަށް ފަސޭހައެއް ނުވާނެއޯ ބުނީ........" ނަބީލާގެ ޖުމްލައިން އައްމާރުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ސާރާއަށް ފެނުނެވެ.

އައްމާރު އެއްޗެކޭ ބުނަން އުޅެނިކޮށް ކޮންމެވެސް ދޮރުގައި ޓަކިދޭންފެށިއެވެ. ނަބީލާ ގޮސް ދޮރުހުޅުވާލުމާއިއެކު ސާރާގެ ހިތަށް ބިރުވެރިކަން ވަދެ ގައިން ހީބިހި ހަލުވާލައިފިއެވެ. ޖިދާން ފެނުމުން ހިތަށް ވަދެގެންދަނީ ބަޔާންނުކުރެވޭފަދަ ބިރުވެރިކަމެކެވެ. ޖިދާންގެ ފަހަތުން އަންހެނުން ރައިޝާ ވަންއިރު އޭނަ ހުރީ ހުދުކުލައިގެ ކައިވެނި ހެދުމެއްގައެވެ. އެދެމަފިރިން ވަނުމުން ނަބީލާ ކުޑަކޮށް ހީލާފައި ރައިޝާއާއި ވާހަކަދައްކަން ފެށިއެވެ. ރައިޝާ އަމިއްލައަށް ސާރާއަކީ ކާކުކަން އޮޅުން ފިލުވަން އުޅުމުން ސާރާ އަމިއްލައަށް ތަޢާރަފުވެލިއެވެ. ރައިޝާ ހުރީ ބުރުގާ އަޅާފައި ކަމުން މާތް ފާޑެއްޖެހިއެވެ. މޫނުމަތި އެހާ އަލިވެފައި ހިނިތުންވުމުގެ އަސަރު ފެންނަން ހުއްޓެވެ. ޖިދާން މިހާ ރަގަޅު ކުއްޖެއް ހޯދައިގަތީ އޭނަގެ ހުރި ފިރިހެންވަންތަކަމެއްގެ ސަބަބުންކަން ނޭގެއެވެ. އެހެންނޫނަސް އަންހެންކުދިން "ބޭޑް" ފިރިހެންކުދިންނަށް ހިތް ކިޔަނީ ހެއްޔެވެ؟ ޔަގީނުންވެސް ސާރާ ބޭނުންވީ އަބަދުވެސް އައްމާރު ފަދަ ރަގަޅު މަޑުމައިތިރި ޒުވާނެކެވެ.

ޖިދާން ރައިޝާގެ ކައިރީގައި ކާން އިށީންނަން ބުނުމުން ނަބީލާ ބުނީ ކައިވެނި ހެދުން ބާލާފައި ކެއުމަށެވެ. ޖިދާން ދަބަސް ހިފައިގެން އައްމާރު އުޅޭ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ރައިޝާވެސް ފަހަތުން ދިޔައެވެ.

"އިމީ، އަދި އަހަރެމެންގެ އެއްޗެހި ހުންނާނެއްނު....." ސާރާ ކަންބޮޑުވެފައި އައްމާރުގެ ކައިރީގައި ކިޔާލިއެވެ.

"ހޫމް......" އައްމާރު އިނީ އިސްއުފުލާނުލައެވެ. ސާރާއަށް އެމޫނުމަތިން ފެނުނީ މޮޅިވެރިކަމުގެ އިންތިހާއެވެ. އުފާވެރިކަމުގެ ކުލަވަރެއްނެތެވެ. ޢާއިލާމީހުންގެ ކުރިމަތީގައި އޭނަ ދައްކަނީ މުޅިން އެހެން މޫނެކެވެ. ކޮޓަރީގައި އުޅޭއިރު ހީހީފައި ސަމާސާކުރިޔަސް އަދި އޭނަ އެހެން މީހުންނާއި އެގާތްކަމެއް ނެތެވެ.

"އައްމާރު، ކިހިނެއްތަ؟ " ޖިދާން ތަށްޓަށް ނޫޑުލްސް އެޅިއެވެ.

"ރަގަޅު....." އައްމާރު އޭނަގެ ބޭބެއާއި ހަތަރުކަޅި ހަމަކުރުމެއް ނެތި ބުނެލިއެވެ.

"މާމަޑުން ތިއިންނަނީ ޔޯ. އަހަންނަށް މަރުހަބާ ނުކިޔާނަންތަ؟ " ޖިދާން ބުމަ އަރުވާލިއެވެ.

"އަދި ނުކީފައި ނެތެއްނު، ކޮންގްރޭޓްސް......" އައްމާރު އަސަރެއްނެތް ގޮތެއްގައި ބުނެލިއިރު ހިތުގެ އަޑިން ބުނި ޖުމްލައެއް ނޫންކަން ސާރާއަށް ވިސްނުނެވެ. މިދެބެންގެ ދޭތެރޭގައިވެސް ވާ ނުތަނަވަސްކަން ވަޅިއަކުން ކަނޑާނަގާލެވޭހާ ފުނެވެ. ބީރައްޓެހި ދެމީހެއްގެ ޑައިލޮގްވެސް އެއަށްވުރެ ދިގުވާނެއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ސާރާ ކާ ހިތް ކެނޑުނެވެ. ހަށިގަނޑުގެ ކޮންމެ ސެލްއެއްވެސް ޖިދާންއާއި ދެކޮޅަށް ބަޣާވާތް ކުރަނީއެވެ. އިންސާނަކަށްޓަކާ މިހާ ވަރުގަދަ ނަފްރަތެއް ހިތުގައި އުފެދިދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އެ ނަފްރަތުގެ އަލިފާނުގައި އަނދާ ފިހެމުންދާއިރު ސާރާއަށް މަޑުން އިނދެވޭކަމާއިމެދުވެސް ހައިރާންވިއެވެ. ޖިދާން ކުރި ކުށަށްފަހު އެހާ ފަސޭހައިން މިނިވަންވެ އުފަލުގައި އުޅޭއިރު އޭނަގެ އާއިލާ އުފުލި ވޭނާއި ހިތާމަ އަދި ނިމުމަކަށް ނާދެއެވެ. އަތްދަމާފައި މޫނުމަތީގައި ޖަހާފައި އެންމެންގެ ތެރޭގައި ފަޟީހަތްކުރަންވީއެވެ.

"މި މީހާއަކަށް އަހަރެން ވަކިކުރާކަށް ނޭގުނު، ހެއްދެވި ފަރާތަށް ޝުކުރުހުރި، އެހެންނޫންނަމަ ވާނެ ގޮތެއްވެސް ނޭގޭ. އެކަމަކު އަހަންނަށް މިގެއަކު ނުހުރެވޭނެ، މިމީހާއާއި އެއްފުރާޅެއްގެ ދަށުގައި ހުރުމަކީވެސް ކޮއްކޮއަށް ވެވޭ ބޭއަދަބީކަމެއް. މުޑުދާރު މީހާގަނޑު ރީތި ސިފައެއްގައި ހުއްޓަސް ހަމަ ޝައިތާނެއް..........." ހިނދަކަށްވުރެ ހިނދެއް ރުޅިގަދަވަމުން ދާން ފެށުމުން ސާރާ އެތަނުން ދާންބޭނުންވިއެވެ.

ހިމޭންކަމާއިއެކުގައި އެންމެން ކާން ތިބިއިރު ޖިދާން އިނީ ކަންފަތުގައި ހެޑްސެޓް އަޅައިގެންނެވެ. ސާރާއާއި ދިމާލަށް އޭނަ ބަލާވެސް ނުލައެވެ. ތިމާއަށް ރީތި އަންބަކު ލިބުނީމަ އެހެން އަންހެންކުއްޖަކަށް ބަލާނުލަން ހުވާކުރީކަން ނޭގެއެވެ.

ފަނަރަވަރަކަށް މިނިޓްފަހުން ރައިޝާ ނުކުތްއިރު އޭނަ ހުރީ ބާރު ޓޮޕްކޮޅަކާއި ޓައިޓެއްލައިގެންނެވެ. ކުދި ސްކާފަކުން އިސްތަށިގަނޑު ފޮރުވާލައިގެންނެވެ. މޫނުމަތީގައިވި މޭކަޕް ފިލުވާލައިގެން ހުރުމުން މާ ރީތިހެން ހީވިއެވެ. މޭކަޕްކޮށްލައިގެން ހުރިއިރު މާ ހަރުކަމަށް ދެއްކިއެވެ. ނަބީލާއާއި ރައިޝާއާއި ދެމީހުން ގޮނޑިތައް ދަމާލައިގެން އިށީނެވެ. ސިޓިންރޫމްގައި ދިއްލާލާފައިވާ އޮރެންޖްއަލި މުޅިތަނަށް ވެރިވެފައިވެއެވެ. ނަބީލާއަށް އާ ޅީދަރިއަކު ލިބުމުން އޭނަ ވަރަށް އުފަލުން އިންހެން ހީވިއެވެ. ސާރާ އައި ދުވަހު އޭނަ ދުރުކޮށްލިގޮތަށް ދުރުކުރާކަށް ނޫޅެ ތަންކޮޅެއް ރީތިކޮށް ވާހަކަދައްކަންފެށިއެވެ. އެހެން ޢާއިލާތައް ފަދައިން ހޫނު މަރުހަބާއެއް ނުކިޔަނީ މިއާއިލާގެ ތަފާތުކަމާއި އެކަކު އަނެކަކާއި އެހާ ގުޅިގެން ނޫޅޭތީއެވެ. ޒަކާއާއި އީމާވެސް ކޮޓަރިއަކުން ބޭރަކަށް ނުނިކުމެއެވެ. އެދެމީހުންގެ ފަހަރިއަކާއި ބައްދަލުކުރަން ބޭނުން ނުވިތާގައި ކާކަށްވެސް ނާދެއެވެ. މާމަ ކޮޓަރީގެ ތެރޭގައި އޮވެ ގޮވާއަޑު ސިޓިންރޫމްތެރެއަށް އިވޭއިރުވެސް ނަބީލާ އިވުނުކަމަކަށް ނަހަދައެވެ.

"އެއީ ކާކުތަ؟ " ރައިޝާއަށްވެސް އުދަގޫވީކަން ނޭގެއެވެ.

"އަހަރެމެންގެ މާމަ، ވަރަށް ކަންތައް ބޮޑުވާނެ، ބައެއްފަހަރު ބޮލަށް އުދަގޫވާވަރުވޭ، ކީއްވެތަ ރާއްޖޭގައި ނާސިންހޯމްތައް ނުހުންނަނީ؟ މުސްކުޅިވީމަ އެކަހަލަ ތަނަކަށް ލާފައި ބައިންދަން ޖެހޭނީ، ނޫނީ އެހެން މީހުންނަށް ހުރިހާ މުސީބާތެއް؟ " ޖިދާން ވާހަކަދެއްކީ ރަހުމެއްނެތް ގޮތަކަށެވެ. ރަހުމް ކުޑަމީހުން އުޅުނަސް ތިމާގެ މުސްކުޅި މާމައާއި ދޭތެރޭގައި އެގޮތަށް ވާހަކަދައްކާނީ އަދި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހެކެވެ. ސާރާ އަޖައިބުވީ ނަބީލާ އަދި އަމިއްލަ ދަރިއަށް ސާބަސް ދީގެން ކަހަލަ ގޮތަކަށް ހިނިއައިސްފާ ބަލަން އިންތަން ފެނިފައެވެ. ސާރާގެ ހިތަށް އަސަރުކުރިއެވެ. މިފަދަ ގެއެއްގެ ތެރޭގައި އެންމެ ހިނދުކޮޅަކަށްވެސް ހުންނާކަށް އޭނައަށް ކެތެއް ނުކުރެވޭނެއެވެ.

ކައިނިމިގެން އެންމެން ދިޔައީ މޭޒުމަތިން ތަށިތައް ނުނަގައެވެ. އެގޮތަށް ތަން ހަޑިކޮށްލާފައި ދާކަށް ސާރާގެ ހިތެއް ނުރުހުނެވެ. ތަށިތައް ދޮވެ ފެން ހިއްކަން ބެހެއްޓިއިރުވެސް އައްމާރު އިނީ ފޯނުގައެވެ. އައްމާރު ވާހަކަދައްކަނީ އޭނަގެ ލޯބިވެރިޔާއާއި ހެއްޔެވެ؟ އެމަންޒަރު ފެނިފައި ލޮލަށް ކަރުނަ އަންނަގޮތްވެފައިވެސް ސާރާގެ ހިތަށް ވިސްނާދިނެވެ.

"ހީޒް މައިން، އިމީ ވާހަކަ އެދައްކަނީ އެތައް މޭލުދުރުގައި ހުރި ޚިޔާލީ މީހަކާއި، ވީއިރު އަހަރެން މިގޮތަށް ކަރުނަ އޮއްސުމުގެ ބޭނުމަކީ ކޮބާ؟ އެކަމަކު ހީވާން ފަށައިފި އަހަންނަށްވުރެ އެކުއްޖާއަށް އިމީގެ ޓައިމް ދޭންފަށައިފިހެން. ޖެލަސްނުވާން ހުއްޓަސް އެބަވޭ....." ސާރާ އަމިއްލަ ޒަމީރާއި ވާހަކަދެއްކިއެވެ. މަސައްކަތް ނިންމާލާފައި ގޮސް އައްމާރުގެ ކައިރީގައި އިށީދެލާފައި ބަލައިލިއިރު އައްމާރު އިނީ ޤުރުއާން އެޕެއް ހުޅުވައިގެން ތަރުމަޖާ ކިޔާށެވެ. އައްމާރުއާއިމެދު ޝައްކުކުރެވުނީތީ ދެރަވިއެވެ. އައްމާރު ހާދަ ރަގަޅެވެ. އޭނައަށް ޤުރުއާނުން ފޮޅުވަތެއް ކިޔާނުލެވޭތާ ކޮން ދުވަހެއްހެއްޔެވެ؟ ލޯބީގެ މަސްތުގައި ޖެހި ކަނުވެގެން ވާޖިބުތައްވެސް ހަނދާން ނައްތާލެވުނީއެވެ. އޭނަ އުޅެބޮޑުވި މާހައުލުގައި ދީނީ ކަންތައްތަކަށް ހޭލުންތެރިވެފައިވާ ވަރުން އޭނަ ވީ ބަސްއަހާ ރަގަޅުކުއްޖަކަށެވެ. ނަމަވެސް އައްމާރުގެ ލޯބި އޭނަގެ މުޅިން މަގުން ކައްސުވާލައިފިއެވެ. މީހަކާއި އިނުމުން ހުރިހާ އަންހެންކުދިންނަށް ވާގޮތް ހެއްޔެވެ؟ ނޫނީ ފަރުވާކުޑަކޮށްލެވުނީ އޭނައަށް ކަމަށް ވެދާނެއެވެ.

އައްމާރުއާއި ސާރާގެ އެއްޗެހި ބަލާ ކޮޓަރިއަށް ވަންއިރު ޖިދާން އޮތީ އެކަނި ބޮކްސާކޮޅުގައެވެ. ރައިޝާވެސް ނައިޓީލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ނިއުޅާލާފައެވެ.

"މަންމަ ކުރިއަކުން ނުބުނޭދޯ، ދެން ނިދާގަޑީގައިތަ މި މަސައްކަތްކުރަން ޖެހުނީ، އަވަސްކުރޭ......" ޖިދާން ރުންކުރުވެފައިވާގޮތަކަށް ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ.

"ލަހެއްނުވާނެ....." އައްމާރު ބުނެލިއެވެ.

"ޒަކާއާއި އީމާ ވަނީ ކޮންތާކަށް؟ އެދެމީހުންވެސް މިރޭ ފެންނާކަށްނެތް....." ޖިދާން ސާރާއާއި ދިމާލަށް ބަލައިލިހެން ހީވެފައިވެސް ބިރުވެރިކަން ހިތަށް ވަނެވެ. އޭރު އައްމާރު ފާޚާނާއަށް ވަދެފައި އެމީހުން ގެންގުޅޭ ހުރިހާ ސާމާނެއް ގެނެސް ދަބަހަށް ލައިފިއެވެ.

ސާރާ ޖަވާބެއްނުދިނެވެ.

"އައްމާރުގެ އަންހެނުންނަކީ މަންމަނެއްތަ؟ އަނގައިން ބުނެވޭކަމަކަށްވެސް ނުވޭ........" ޖިދާން މަލާމާތުގެ ފާޑަކަށް ބަލަން ހުއްޓެވެ.

"ސަބަބަކީ ސާރާއަކަށް އެ ސުވާލުގެ ޖަވާބު ދޭން ނޭގޭތީ، މަންމައަކަށްނު އެނގޭނީ، ޒަކާއާއި އީމާ އުޅޭތަނެއް ބެލުން މަންމައަށް މުހިއްމުތަ؟ އެއްވެސް މީހަކަށް އަނެކަކު ކުރާކަމަކާއި އުޅޭތަނެއް ބެލުން މުހިއްމުކަމެއް އެނގިފައެއް ނެތް..........." އައްމާރުވެސް ވާހަކަދެއްކީ ނުރުހިފައިވާ ފާޑަކަށެވެ. ދެމީހުންގެ ދޭތެރޭގައިވާ ނުތަނަވަސްކަމުގައި އަލިފާން ހުޅުހިފާ އަނދަން ފަށާފާނެކަމުގެ ބިރުހީވީ ޖިދާން ބުމަ ގޮށްޖަހައިލި ގޮތުންނެވެ. ކުރިއަށް ފިޔަވަޅެއް އެޅިއިރު އަތްވެސް މުށްކަވާލިއެވެ. ސާރާ ނޭވާ ހިފަހައްޓާލާފައި އައްމާރުގެ އަތުގައި ހިފާލިގޮތަށް ކުޑަކޮށް ދަމާލިއެވެ. ނަސީބަކުން އޭރު އެމީހުންގެ ސާމާނުތައް ދަބަހަށް ލެވިފައި ހުރިކަމުން އިތުރަށް ވާހަކަދައްކަން ނަހަދާ ދަބަސް އުފުލާލައިގެން ހުރެ އައްމާރު އެތަނުން ނުކުތެވެ.

"ތޭންކް ގޯޑް އޭނައަށް އަހަރެން ވަކިކުރާކަށް ނޭގުނު، އެކަމަކު ފަހަރެއްގައި ވާގޮތަކުން ރޭކާލިޔަސް އަހަރެންގެ ދުވަސް ދިޔައީ......." ސާރާ ކިތަންމެ ވަރަކަށް ނުވިސްނަން ހުއްޓަސް އެކި ޚިޔާލުތައް ހިތަށް އުދަގޫކުރިއެވެ.

ޖިދާން އުޅުނު ކޮޓަރީގެ އެތެރެއަކީ ގޮނޑެކޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ތަނުގައި ހިފާފައިވާ ތަތްމުޑު ވަހުން ނޯށްދަމާލާކަށް ނުކެރެއެވެ. އެތަން މިތަނަށް އުކާލާފައި ހުރީ އޭނަގެ އަންނައުނެވެ. އެއްވެސް އެއްޗެއް ތަރުތީބުން ބަހައްޓާފައެއް ނެތެވެ. ފާޚާނާގެ ދޮރު ހުޅުވާލާފައި ސާރާ އޯކަށް ދަމާގޮތްވިއެވެ.

"އިމީގެ ދޮންބެ އެއްކަމަކު ހާދަ އުޅުމެއްނެތޭ، އޭނަ ހީވަނީ އިމީއާއި ޖައްސާލާފައި ހުރިހެން. ކީއްވެތަ އިމީދެކެ ރުޅިއަންނަނީ؟ ގަޔަށް އަތްލާ ހިސާބަށް ގޮސްދާނެތީ އަވަހަށް އަންނާށޭ ބުނީ، އިމީ ބުނީމެއްނު އޭނަ ޖަލަށް ލި ވާހަކަ، ޖަލަށް ލީ ކޮންކަމެއް ވެގެންތަ؟ " ސާރާގެ އަތްފައި ކުރިއަށްވުރެވެސް ފިނިވިއެވެ.

"އެވާހަކަ ނާހަފާނަންތަ؟" އައްމާރުގެ މޫޑު ކުއްލިއަކަށް ގޯސްވެފައި ފާރުގައި އަތުން ޖެހިއެވެ.

ސާރާގެ ހިތަށް ނުބައިގޮތެއްވިއެވެ. އައްމާރުއަކީ އޭނަގެ ފިރިމީހާއަށް ވެހުރެ ކަންތައްތަކެއް ސިއްރުކުރަނީ ކީއްވެހެއްޔެވެ؟ ޖިދާންގެ ނުބައިކަން އޭނައަށް ކިޔާދޭން އައްމާރު ޖެހޭނެ ނޫންހެއްޔެވެ؟ ފޮރުވައިގެން ހުރެގެން މައްސަލަ ގޯސްވުން ނޫންކަމެއް ނުވާނެއެވެ.

"އޯކޭ.........."ސާރާ ޖަދަލުކުރާކަށް ނޫޅުނެވެ. އައްމާރުގެ މިޒާޖު ނޭގުނަސް އޭނަ ބޭނުންނުވާ ވާހަކައެއް ދައްކަން މަޖުބޫރުކުރުވައިފިއްޔާ އައްމާރުގެ މޫނަށް ވެރިވާ ކުލަވަރު އޭނައަށް ފެނެއެވެ. އަދި އައްމާރު އަމިއްލައަށް އިސްވެ ދައްކާ ވާހަކައެއް ނޫނީ ނުދައްކާނެކަންވެސް އެނގެއެވެ. އައްމާރުގެ މިޒާޖު ދަސްކުރަން އުޅުނަސް އެކަމުގައި ކާމިޔާބެއްނުވާތީ ހިތަށް ލިބޭ ދަތިކަން ދުވަހަކަށްވުރެ ދުވަހަކަށްދަނީ އިތުރުވަމުންނެވެ.

ގަޑިއެއްހާއިރުގެ މަސައްކަތަށްފަހު ކޮޓަރިއާއި ފާޚާނާތެރޭގައި އުޅެލެވޭވަރުވިކަމީ ނަސީބެކެވެ. ސާރާ ހުރީ ވަރުބަލިވެފައެވެ. ނިދާގަޑީގައި އައްމާރުއާއިއެކު އިޝްގީ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނަސީބެއްވެސް ނުލިބުނެވެ. އައްމާރުގެ ލޯބިވެރިޔާ ކާއިއާ ގުޅައިގެން އޭނަ ހެޑްސެޓް ކަންފަތުގައި އަޅައިގެން ބިންމަތީގައި އިށީދެލިއެވެ. ސާރާ އެނދުގައި އޮށޯވެ އައްމާރުގެ އިންތިޒާރުގައި އޮތްވާ ގަޑިއެއްހާއިރު ފާއިތުވިއެވެ. އައްމާރު ކާއިއާއާއި ވާހަކަދައްކާލެއް ލޯބިކަމާއި ކުރާ ސަމާސާތަކުން ސާރާއަށް އަސަރުކޮށް ދެލޮލުން ކަރުނަ އޮހޮރުވާލައިފިއެވެ. ކަރުނަ ހިފަހައްޓަން ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނަ ބާލީހުގައި މޫނު ޖައްސާ ބާރުކޮށްލިއެވެ.

"ހޭއި ބޭބީ، ކިހިނެއް ތިވަނީ ރޮނީތަ؟" އައްމާރު ކައިރީގައި އޮށޯވެލާފައި ގަދަކަމުން މޫނުމަތިން ބާލީސް ނައްޓަން މަސައްކަތްކުރިއެވެ.

ސާރާގެ ހިތުގައި ޖެހުނުވަރުން އައްމާރުގެ އަތުގެ ތެރެއިން ސަލާމަތްވާން އުޅެއުޅެފައިވެސް އެއަތުގެ ތެރޭގައި ބޮނޑިވުން ނޫން އެހެން ގޮތެއް ނުފެނުނެވެ. އައްމާރު ސާރާގަދަކަމުން ގެނެސް މޭގައި ޖައްސާލިއެވެ.

"ބޭބީ ތިރޮނީ އަހަރެން ކާއިއާއާއި ވާހަކަ ދެއްކީމަތަ؟ އަހަރެން ބުނީމެއްނު އަހަންނަށް އޭނަ ދޫކޮށްލެވޭކަށް ނެތޭ، އެހެނޭ ކިޔާފައި އަހަރެން ބޭބީއަށް ދެރަގޮތެއް ނަހަދަމެއްނު، ކިހާ ލޯބިން މިއުޅެނީ، ޓްރަސްޓްމީ ބޭބީ، އަހަރެން ދުވަހަކުވެސް ސާރާ ދޫކޮށެއްނުލާނަން، އަބަދަށް އެކީގައި ވާނަން، އަހަރެން ހަނދާން ނުނެތޭނެ އާއިލާއާއި ދެކޮޅަށް އައިކަމާއި އަހަރެންދެކެ ކެއަރ ކުރާވަރު، އަހަންނަށް މިފަދަ ބައިވެރިޔެއް ލިބުނީމަ ހެއްދެވި ފަރާތަށް ހަމްދުކުރަން، ލަވް ޔޫ ބޭބީ، ލަވް ޔޫ ސޯ މަޗް......." އައްމާރުގެ ވާހަކަތަކުން ޖަޒުބާތީވެވިފައި އިތުރަށް ރޮވުން ނޫންކަމެއް ނުވެއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އައްމާރުގެ ލޯބިވެރިޔަކު ހުރުމުގެ އިތުރަށް މި ޢާއިލާއަކީ ކޮންކަހަލަ ބަޔެއްކަން އެނގުމުން މުސްތަގުބަލާއިމެދު ވަނީ ސުވާލު އުފެދިފައެވެ. ހީކުރިފަދަ އުފާވެރި ދިރިއުޅުމެއް މިގެއިން ލިބިދާނެކަމާއިމެދު ޝައްކުވިއެވެ. މައިންބަފައިންނާއި ޢާއިލާގެ އެންމެންގެ ލޯތްބާއި ހިމާޔަތް ދޫކޮށްލާފައި އައުމުން ވާން އުޅޭގޮތެއް ހިތަކަށް ނުގެނެވެއެވެ. ކޮންމެވެސް ނުބަޔެއްވާން އުޅޭކަމުގެ ޝައްކުތައް އަބަދު ހިތް ތޮރުފަނީއެވެ.

އައްމާރު އެކިގޮތްގޮތަށް ވިސްނާދިނުމުންވެސް ސާރާގެ ކަރުނަތަކަށް ނިމުމެއް ނައެވެ.

"އިނަފް، ސްޓޮޕް ނައު ބޭބީ، މިހާރު ވާވަރަށްވުރެ އިތުރަށް ރޮވިއްޖެ. ދެން އިތުރަށް ރޮއެގެން ނުވާނެ. ލުކް އެޓް މައި އައިސް......" އައްމާރު ސާރާގެ މޫނު މޭމަތިން ދުރުކޮށްލާފައި ދެއަތުން ހިފެހެއްޓިއިރު އައްމާރުގެ ދެލޮލުން ކަންބޮޑުވުމުގެ އަސަރު ފާޅުވިޔަސް އޭނަ އޮތީ ހިނިތުންވެލައިގެންނެވެ. ސާރާގެ ހިތް ފުރިގެން ބަންޑުންވިއެވެ. އެދެލޮލަށް ބަލައިލުމުން ލޯބި ހައްތަހާ އިތުރުވީއެވެ. ކޮންފަދަ ރީތި ފުރިހަމަ ދެލޯހެއްޔެވެ؟ އެސްފީނާ ނުޖެހުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. އެދެލޮލަކީ އެކަނި އޭނަގެ މިލްކެއް ނޫންކަން ހަނދާންވެފައި ހިތަށް ތަދުވާންފެށީވެސް އެހާވަރަށެވެ. އެސްފިޔަތަކުން ފޭދުނު ކަރުނަތިކި އައްމާރުގެ ބޮސްދިނުން ތަކުން ފޮހެވުނެވެ. އެހާވަރަށް ގޯނާކުރަން ފެށުމުން ސާރާއަށް މަޖުބޫރުވީ ހިނިތުންވެލާފައި ވަގުތީގޮތުން ނަމަވެސް ހިތާމަތައް އެއްފަރާތްކޮށްލުމަށެވެ.

ހެނދުނު އައްމާރު ސައިވެސް ނުބޮއި ޑިއުޓީއަށް ދިޔުމުން ސާރާ އިނީ ބިރުގެންފައެވެ. ކޮޓަރި ތަޅުލައިގެން އިންއިރުވެސް ޝައްކާއި ވަހުމުން ހިތް ފުރުނެވެ. އޭނަގެ އެކަނިވެރިކަމުން ފައިދާ ހާސިލުކުރަން ޖިދާން މަސައްކަތްކޮށްފާނެ ހެއްޔެވެ؟ އޭނައަކީ ކާކުކަން ނޭގުނަސް އަންހެނުންނާއިހެދި މަރުދަން ޖެހޭ މީހަކަށް އެއީ މާ ބޮޑުކަމަކަށް ނުވާނެއެވެ. ކޮޓަރިން ނުނިކުންނަން އިންދާ ނަބީލާ ގޮވާލާފައި ބުނީ މެންދުރަށް ކެއްކުމަށެވެ. ރައިޝާ ބޮލުގައި ރިއްސާތީ ބައިވެރިނުވެވޭވެކަމަށް ބުނެ ފާޑަކަށް އަމުރުކޮށްލާފައި ދިޔައީއެވެ. ސާރާ މަސައްކަތުގައި އުޅުނީ ހިތް އަތްމައްޗަށް ލައިގެންނެވެ.

"ފަހަރެއްގައި ޖިދާން ބަދަލުވެފައި ހުރެދާނެ، ކޮއްކޮއެއްގެ އަންހެނުންނާއި ބެހޭކަށް ނުކެރޭނެތާ. އެކަމަކު......." ސާރާގެ ލޮލުގެ ކުރިމަތިން ފެނުނު މަންޒަރު ހަނދާނުގެ ސްކްރީނަށް އެރުމާއިއެކު ހިތް ބަދަލުވިއެވެ.

"ހެލްޕެއް ބޭނުންތަ؟ "ޖިދާންގެ އަޑު އިވުނީ ދާދި ކައިރިންނެވެ.

(ނުނިމޭ)

ކޮމެންޓް 0