ދެމީހުން ހިމޭނުން އިރުކޮޅެއްވާންދެން ތިބެލާއިރަށް ވަޔާއިއެކު ވާރޭ އައިސް އެދެމަފިރިންގެ ގައިގާ ބީހެންފެށިއެވެ. ބިންގަނޑާއި ގަސްތައް ތެންމާލައިފިއެވެ. ފިނި ވާރޭތިކިތައް ވެއްސަން ފެށުމުން ހިޔާވެލަން އެތެރެއަށް ޖެހިލިގޮތަށް އެދިމާލުގައި އިށީދެލައިގެން ވާރޭ ވެހޭ މަންޒަރުދެކެލަން އެތައް އިރެއްވާންދެން ތިއްބެވެ. އައްމާރުގެ އަތްވަނީ ސާރާ ވަށާލެވިފައެވެ. އުމުރަށްވެސް އެގޮތުގައި އެހެން އިނދެވޭނެނަމައެވެ. ނަސީބަކުން އައްމާރު ފޯނު ނަގާކަށް ނޫޅުނެވެ. ތިރިއަށް އައިއިރުވެސް އަދިވެސް ގޭގެ ވެރިފަރާތުން އެގެއަކަށް ނާދެއެވެ. ކޮޓަރީގެ ސާމާނުތައް މުޅިންހެން ޕެކްކޮށް ނިމިގެން ފަރުނީޗަރުތައް އެކަނި ބަހައްޓައިގެން އިންތިޒާރުގައި ތިއްބާ ކޮންމެވެސް މީހަކު ސަލާމް ގޮވާލި އަޑު އިވިފައި ސާރާގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފު ބާރަށެވެ.

އެއީ އޭނަގެ މަންމަގެ އަޑުހެއްޔެވެ؟ މަންމައާއި އޭނަ ވާހަކަދެއްކިތާ އަދި މާ ގިނަ ގަޑިތަކެއް ފާއިތުވީއެއް ނޫނެވެ. މަންމަ މާލެއަށް އަންނަންވީ ސަބަބަކީ ކޮބާހެއްޔެވެ؟

"މިގޭގެ އާ ވެރިން އައީ ދޯ، ހިނގާބަލަ ތިރިއަށް......." އައްމާރު ސާރާގެ އުނަގަނޑުގައި އަތް ޖައްސާލިއެވެ.

"އިހަށް.. އިހަށް އިމީ މިތާ މަޑުކޮށްލަދީފާނަން؟ ޕްލީޒް ޕްލީޒް...." ސާރާ އައްމާރުގެ ދެއަތުގައި ހިފާލިއިރު ލޮލުގައިވަނީ އާދޭހުގެ އަސަރެވެ.

"އާރ ޔޫ އޯލްރައިޓް؟ ބޭބީއަށް ކިހިނެއްވެފަ ތިހިރީ؟ " އައްމާރު ހައިރާންވިއެވެ.

"ވަން މިނިޓް އިމީ......." ސާރާ އައްމާރުގެ ތުންފަތުގައި އިނގިލި ޖެއްސިއެވެ. އައްމާރުގެ ސިކުނޑީގައި ސުވާލުމާކްތަކެއް ޖެއްސުމަށްފަހު އުދުހިލާފައި ކަހަލަ ގޮތަކަށް ސިޑި ކަޑައްތުކޮށްލިތަން އޭނައަށް ފެނުނެވެ. ފަހަތުން ދާން އުޅެފައިވެސް އޭނަ ރެއިލިންގައި އަތް އަޅުވާލިއެވެ.

ސާރާ ސިޓިންރޫމާއި އަރާހަމަވީއިރު އޭނަގެ މަންމައާއި ބައްޕަ އެގޭގެ ކޮޓަރިތައް ހުޅުވުމުގައި އުޅެއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެނުނީ ހިތްހަމަޖެހިފައި ތިބިކަމުގެ ކުލަވަރެވެ. އޭނައަށް ޔަގީނެވެ. މިގެ ގަތް މީހަކީ އޭނަގެ ބައްޕަ ނާޒިމްއެވެ. ބޮޑު ޚަރަދެއްކޮށްލައިގެން ލިބުނު ގެއާއިމެދު ހިތްހަމަޖެހިފައިތިބީކަން ޔަގީނެވެ. ދެމީހުންވެސް ހައިރާންވީ ސާރާ ފެނިފައެވެ.

"ސާރާ، ކިހިނެއް އެނގުނީ؟ " މަންމަގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވިއެވެ.

"މިގޭގައި އުޅުނީ، އެހެރަ ކޮޓަރީގައި....." ސާރާ ކުޑަކޮށް ހީލަން އުޅެފައިވެސް މަންމަގެ މޫނުމަތި ފެނިފާ އަނގަލެއްޕިއެވެ. ބައްޕަ ހީވަނީ ސާރާއާއި އަނގައިން ނުބުނަން ހުވާކޮށްގެން ހުރިހެންނެވެ. ބައްޕަހުރީ އެހާވެސް އޭނަދެކެ ރުޅިއައިސްފައެވެ. އަމިއްލަ ދަރިއެއް ނޫންކަމަށް ހަދާފައެވެ. ނަމަވެސް މައިވަންތަކަމުގެ ލޯބި ތަފާތީއެވެ. މަންމައަކަށް ދަރިއަކާއި ދޭތެރޭގައި ހިތްބަރުކޮށްގެން ހުރެވޭނީ ދުވަސްކޮޅަކަށެވެ. ދަރިފުޅު ހާލުގައި ޖެހޭތަން ދެކެން މަންމަގެ ލަނގޮޑިއަކަށް ކެތެއްނުވާނެއެވެ. ސާރާގެ މަންމަ ޝެހެނާޒް އެކޮޓަރީގެ ދޮރު ހުޅުވާލާފައި ބަލައިލިއިރު ފެނުނީ ހުރިހާ އެއްޗެއް ޕެކްކޮށްފައި ހުއްޓައެވެ.

"މިއީ އަޖައިބެއްކަހަލަ އިއްތިފާގެއްނު، ސާރާގެ ފިރިމީހާއަކީ މިގޭ ކުއްޖަކީތަ؟ " ޝެހެނާޒް އަހާލިއެވެ.

"ހޫމް...." ސާރާ ބިރުން ހުރެ ބޯ ޖަހައިލިއެވެ. އޭނަގެ މަންމައަށް ޖިދާން އެނގިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

"އެހެން އެންމެން ކޮބާ "ސާރާ އަހާލިއެވެ.

"އެންމެނަށް މާލެއަކަށް ބަދަލުވުން ފަސޭހަކަމަކަށް ނުވާނެއްނު، ދޮންބެގެ ވަޒީފާ މިކޮޅުން ހަމަޖެހޭކަށް ނެތް، ހުރިހާކަމެއް ހަމަޔަކަށް އެޅުނީމަ ދޮންބެ މާލެ ބަދަލުވާނެ. އަނެއް ދެމީހުން އައި. އެކަމަކު އަދި ހޮޓަލުގައިވީ. ސާރާމެން ދަނީ ކޮންތާކަށްތަ؟ " ޝެހެނާޒް އޮޅުންފިލުވަން ބޭނުންވިއެވެ. އެމީހުންވެސް މިރޭ މަޑުކުރަން ޖެހެނީ ހޮޓަލެއްގައެވެ. ފަރުނީޗަރު ގެނެސްގެން ނޫނީ އަދި މިގެއަށް ބަދަލުވެވޭކަށް ނެތެވެ. ދެން އޮތީ މުޅިންވެސް ވިޔަފާރިކުރުމެވެ. އެތައް ލައްކަ ރުފިޔާއެއް އެކަނި އެކަމަށްވެސް ޚަރަދުވާނެއެވެ.

"އަދި ތަނެއް ހަމަނުޖެހޭ، އެކަމަކު ދުވަސްކޮޅަކަށް މިގޭގައި......." ސާރާގެ ހިތް އަވަސްވި ނަމަވެސް އޭނަ ގަދަކޮށްލާފައި ބުނެލިއެވެ. ކޮންމެވެސް އެއް ޖަވާބެއް ލިބޭނެތާއެވެ. ނޫނެކޭ ބުނެފިއްޔާ އައްމާރު ތަނެއް ހޯދަފާނެއެވެ.

"އައްމާރު ކުރިންވެސް ޕްލޭންކޮށްގެންހުރީ މިގެއަށް ކޮންމެ ބަޔަކު އަޔަސް މަތިން ކޮޓަރިއެއް ކުއްޔަށް ހޯދަން......" ސާރާ އިތުރުކޮށްލިއެވެ.

"ކުއްޔަށް ތިބޭކަށް ދެން ނުޖެހޭނެ، ސާރާއަށް މަތިން ކޮޓަރިއެއް ލިބިދާނެ......."ޝެހެނާޒް ހަމަޖެހިލާފައި ހުރެ ހީވެސް ލައިފިއެވެ. މަންމައަށް އައިސްފައިވާ ބަދަލުތަކުން ސާރާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. މަންމައާއި ބައްޕަ އެހާބޮޑަށް ރުޅިއައިސްފައި ތިބެފައި ކުއްލިއަކަށް އޭނައަށް ގެއިން ކޮޓަރިއެއް ދޭން އެއްބަސްވެއްޖެއެވެ. ބައްޕަ އަނގައިން ނުބުނި ކަމުގައިވިޔަސް ހުރީ ތަންކޮޅެއް މައިތިރިވެފައެވެ. ދޭތެރެއަކުން ގެއާއި ބެހޭގޮތުން ބައްޕަ ނާޒިމް ކޮންމެވެސް އެއްޗެއް ބުނެލައެވެ.

އިރުކޮޅެއްފަހުން މަންމަމެން ސާރާއާއި ސަލާމް ކުރުމަށްފަހު ފަހުން ބައްދަލުވާނެ ކަމަށް ބުނެފައި ތަޅުދަނޑިފަތިވެސް ސާރާ އަތަށް ދީފިއެވެ. ސާރާގެ ހިތް އުފަލުން އާސްމާނުގައި އުދުއްސައިގަތެވެ. ދެފައިވެސް ބިންމަތީގައި ހަރުނުލާނެހެން ހީވި ވަގުތުކޮޅެކެވެ. އަތުގައިވާ ތަޅުދަނޑިފަތި ތަކަށް ބަލަން ހުރީ ޔަގީން ނުކުރެވިފައެވެ. ދުވަން ދުވަމުންގޮސް އައްމާރުގެ ގައިގާ އޮޅުލައިގަނެވުނެވެ.

"އިމީ، އިމީ، އަހަރެންގެ ގައިގާ ވިކާބަލަ، ހުވަފެނެއްނޫންކަން ޔަގީންކުރަން ބޭނުން....." ސާރާ ހުރިހާ ދަތްތައް ދައްކާލައިގެން ހުރެ ހީލަމުން ވަށައިގެން އެނބުރިލިއެވެ.

"ލެޓް މީ ގެސް....މިގެ ހިބައިން ލިބުނީތަ؟ ނަސީބު ނަމްބަރެއްވެސް ދިމާވެދާނެއްނު....." އައްމާރު ސާރާގެ ނޭފަތުގައި ވިކާލުމުން ސާރާ ހަޅޭއްލަވަންފެށިއެވެ.

"މިގެ ގަތީ ބައްޕައޭ އިމީ....." ސާރާގެ ޖުމްލައިން ތަނުގައި ބޮމެއް ގޮއްވާލިފަދަ އިހުސާސްތަކެއް އައްމާރުއަށް ކުރެވިގެން ދިޔައެވެ.

"ވަޓް ޑިޑް ޔޫ ޖަސްޓް ސޭ...." އައްމާރު ސާރާގެ ދެކޮނޑުގައި ހިފާ ބާރުކޮށްލިއެވެ. ސާރާ އެޖުމްލަ ތަކުރާރުކޮށްލުމާއިއެކު އައްމާރުއާއި ހަތަރުކަޅި ހަމަވިއެވެ. އައްމާރުގެ ލޮލުން ފެނުނު ނުރުހުމުގެ ކުލަވަރުން ސާރާގެ ހުރިހާ އުފާތައް ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ނެތިގެން ދިޔައީ ސައިބޯނި ބޮއްކެއް ފަދައިންނެވެ.

"ސާރާ، އަހަންނަށް ތި ޚަބަރަކުން އުފަލެއް ނުލިބޭ، ރާއްޖޭގެ އެހެން ކޮންމެ މީހަކު މިގެ ގަތަސް މާ ރަގަޅު، ސާރާގެ މައިންބަފައިންނާއި އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅުމަކީ އަހަންނަށް ކެތްކުރެވޭވަރުގެ ކަމެއްނޫން، އެހެން ތަނެއް ހޯދައިގެން ދާން ޖެހޭނީ، ހަނދާނެއް ނުނެތޭ އެމީހުން ކީ އެއްޗިއްސެއް، އެމީހުންގެ ދިރިއުޅުމުން ސާރާ ބޭރުކޮށްލިގޮތެއް ދިރިހުރިހާ ހިނދަކު ހަނދާން ނައްތައެއްނުލެވޭނެ، އެމީހުންގެ ފަރާތުން ފައިދާތަކެއް ހޯދަންކަމަށް އެމީހުން ހީކުރީ؟ އިޓްސް ޓޯޓަލީ ރޯންގް، އެމީހުންނަށް އެގޮތަށް އިމްޕްރެޝަން ދޭކަށް މިއަދަކު ބޭނުމެއްނޫން، ރަގަޅު އާއިލާއަކާއިއެކު ތަފާތި ދިރިއުޅުމެއް ހޯދަން މަސައްކަތްކުރީމަ ހިއުމިލިއޭޓްކޮށް އެއްފަރާތްކުރީ. ދެންވީ ހަދާން ނައްތާލާފައި މާފުދޭންތަ؟ ސާރާ، ޔޫ އާރ މައި ވައިފް، އަހަރެން ދާތާކަށް ސާރާ ދާން ޖެހޭނީ، މަގުމަތީގައި އުޅެން ޖެހުނަސް މާ ހެޔޮ. ބޭނުމެއްނޫން ސާރާގެ މީހުންނާއިއެކު އުޅޭކަށް. ޑޭމްއިޓް، ސާރާ ކީކޭ ހިތަށް އަރާފައި އެމީހުންނާއިއެކު އުޅެން ނިންމީ؟ އަހަރެން ގަބޫލެއްނޫން......." އައްމާރު ބާރަކަށް ތިރިއަށް ދާން ހިނގައިގަތުމުން ސާރާ ފަހަތުން ދިޔައެވެ.

"އިމީ ޕްލީޒް އަޑުއަހާބަލަ. މިބުނާ އެއްޗެއް އަހާފައި ދޭ........" ސާރާ އާދޭސްކުރަމުންގޮސް އަތުގައި ހިފެހެއްޓިއެވެ.

"ޓެލް މީ...." އައްމާރު ހުރީ ސީރިޔަސްވެފައެވެ.

"ކުއްޔަށޭ ތިބޭނީ، މަތީބައިގާ، ކޮންމެހެން އެމީހުންގެ ފަރާތުން އުޅޭށެކޭ ނުބުނަމެއްނު އިމީ........" ސާރާ ވަރަށް ދެރަވެ ކަރުއެލުވާލައިގެން ހުރިތަން ފެނިފާ އައްމާރުގެ ހިތަށް ހަމްދަރުދީ ވަނެވެ.

"ކުއްޔަށް ކިތަންމެ ތަނެއް ލިބިދާނެ، ނޫން ސާރާ، އަހަންނަށް މަޖުބޫރު ނުކުރޭ، އެކަނި ސާރާގެ އުފަލަށްޓަކާ އަހަރެންގެ ހުރިހާ އުސޫލުތައް ނައްތާލަން މަސައްކަތްނުކުރޭ..ކިތަންމެ ނިކަމެތިވިޔަސް އަހަރެންގެ އަގެއް އޮންނާނެ ދޯ، މީހުންގެ ފަރާތުން ފާޑުފާޑުގެ ވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން......." އައްމާރު އެދުނެވެ.

އައްމާރު އެހެން ތަނަކަށް ބަދަލުވާން މަސައްކަތްކުރަމުން ދަނިކޮށް އެރޭ ވަރަށް ވިއްސާރަވިއެވެ. ތޫފާނީރެއަކަށްވިއެވެ. ފުރާޅުވެސް އެއްލާލަފާނެހެން ހީވި ވަގުތުތައް އައެވެ. އައްމާރު އުޅެ އުޅެ އެހެން ތަނަކުން ކޮޓަރިއެއް ލިބޭނެގޮތެއްވެސް ނުވިއެވެ. ޗުއްޓީ ދުވަސްވަރުކަމުން ބާރު ބޮޑީއެވެ. ހުރިހާތަނެއްހެން ވަނީ ބުކްކޮށްފައެވެ. ދާއިމަށް ތަނެއް ހޯދަން ބަލާލިއިރު އެޑްވާންސަށް ބޮޑުއެއްޗެއް ދައްކަން ޖެހޭތީ އެކަމެއްވެސް ނުކުރެވުނެވެ. އައްމާރު އެންމެފަހުން އޭނަގެ އެކުވެރިޔާއަށް ގުޅައިގެންވެސް ތަނެއް ހޯދަން މަސައްކަތްކުރިއެވެ. އޭނަ ބުނަނީ ފެންވަރު ރަގަޅު ތަންތަނުގެ ވާހަކައެވެ. އެކުވެރިޔާގެ ފަރާތުން އެފަދަ ދީލަތި އެހީއެއް ހޯދަން އޭނަ ހުރީ ތައްޔާރަށް ނޫނެވެ. އަގުބޮޑުތަނެއްގައި އުޅެވޭނެ ފެންވަރެއް އަދި އޭނަގެ ނެތެވެ. ތަނެއް ނުލިބި ދެތިން ދުވަސްވީއިރު ސާރާގެ މަންމަމެން އެގެއަށް ފަރުނީޗަރު ހަމަކޮށްގެން ބަދަލުވެއްޖެއެވެ. އައްމާރުމެންނަށް ޖެހުނީ ވަގުތީގޮތުން މަތީބަޔަށް ބަދަލުވާށެވެ. އެއީ ސާރާ ބޭނުންވި ގޮތެވެ. އޭނަގެ ހުވަފެނެވެ. މަތީބައިގެ ދެކޮޓަރި ހުރިއިރު އެއްކޮޓަރި ހުރީ ހުހަށެވެ. އައްމާރުމެންނަށް އިންތިހާއަށް މިނިވަންކަން ލިބުނެވެ. އެހާވެސް ހިތްފަސޭހައެވެ. ކޮޓަރި ތަނަވަސްވެފައި އުޅެން ފަސޭހައެވެ. ކުޑަދޮރުތައް ހުޅުވާލައިގެން ބޭރަށް ބަލަން އިނުމުން ސިކުނޑި ހުޅުވާލެވި ހިތަށް ފިނިކަން ލިބެއެވެ.

ސާރާގެ މަންމައާއި ބައްޕަގެ އިތުރުން ސާރާގެ ދައްތައަކާއި ފިރިހެންކޮއްކޮވެސް އެގެއަށް ބަދަލުވިއެވެ. އައްމާރު ކިތަންމެ ދުރުން އުޅުނަސް އެންމެން އޭނައާއި ވާހަކަދައްކަންވެސް ފެށިއެވެ. އެމީހުން ކައްކާ އެއްޗެހި ސާރާމެންނަށް ގެންގޮސްދެއެވެ. މަޑުމަޑުން ގުޅުން ރަގަޅުވަމުންގޮސް އައްމާރުގެ ހިތުން އެމީހުން ޖާގަ ހޯދިއެވެ. އަދި އެމީހުންވެސް އައްމާރުއާއި ދޭތެރޭގައި ދެކުނުގޮތް ތަފާތުވާންފެށިއެވެ. އޭރުވެސް އެމީހުންނަށް އައްމާރުއަކީ ޖިދާންގެ ބޭބެކަން އެނގިފައެއްނުވެއެވެ. މިއީ ކޮއްކޮގެ އަނިޔާވެރި ގާތިލު އުޅުނު ގެކަމަށް ހީކުރެވިފައެއްވެސް ނެތެވެ. އެކަން އެނގޭދުވަހަކުން އެގެއަށް ޒަލްޒަލާއެއް އަންނާނެއެވެ. މިހާރުއްސުރެން ސާރާއަށް ލިބެންވާ އެންމެ ބޮޑު އުފާތައް ނުލިބި އަބަދު ބިރުވެރިކަމުގެ ތެރޭގައި ހުންނަން ޖެހިފައިވާ ސަބަބަކީ އެއީއެވެ.

އައްމާރުގެ އުޅުން ވަކި ތަފާތެއްނުވެއެވެ. ސާރާގެ ފަރާތުން ލިބޭ ލޯތްބާއި އެއްވަރަށް އައްމާރުވެސް ލޯބިދެއެވެ. ފެންނަ ކޮންމެ ފަހަރަކު ބައްދާލާ ބޮސްދެއެވެ. ލޯބިވާވާހަކަ އެތައް ފަހަރަކު ބުނެލައެވެ. ލޯބިން ބުނެލާ ވާހަކަތަކުގައި އިޚުލާސްތެރިކަން ހުންނަކަން އެނގެއެވެ. ދެރައީ އެކަނި ކާއިއާދެކެ އައްމާރުވާ ލޯތްބަށް ބަދަލެއް ނައުމުންނެވެ. ސާރާގެ އިންތިހާ ލޯބިންވެސް އައްމާރުއަށް އޭނަގެ ލޯބިވެރިޔާ މަތިން ހަނދާން ނައްތާ ނުލެވުނުކަމެވެ. ސާރާގެ އަޒުމަކަށް ގުނޑުމެއް އަރުވާނުލައެވެ. އައްމާރުގެ ޚިދުމަތުގައި އޭނަ ހަތަރުދަމު ހުރެގެން އައްމާރުގެ ހިތް އެކީގައި އަތުލާނެއެވެ.

އޭނަގެ އެ އަޒުމަށް ކިރިޔާވެސް ލޮޅުމެއް އެރީ ހިތަށްވެސް ނާރާ ހުއްޓައެވެ.

އެއީ ވަރަށް ވިއްސާރަ ރެއެކެވެ. ސާރާ ކުޑަދޮރު ހުޅުވާލައިގެން ދޮރުގެ ދާރަމަތީގައި އިށީދެލައިގެން އިންއިރު ވައިގެ ބޫންއަޑު ފަޒާގައި ގުގުމާލާފައިވެއެވެ. އޭނަ އިނީ ރައިޝާއާއި ވައިބަރއިން ވާހަކަދައްކާށެވެ. ރައިޝާގެ ހިތާމަވެރި ފަސާނާ އަޑުއަހަން ޖެހޭތީ ރައިޝާއާއި ވާހަކަދައްކާހިތެއް ނުވެސް ވެއެވެ. ނަމަވެސް އޭރުން އޭނަ ކިހާ އެކަނިވެރިވާނެ ހެއްޔެވެ؟ ޖިދާންގެ މުށުތެރޭގައި ހައްޔަރުވެފައިވާ ދޫންޏެކޭ އޭނައެކޭ އެއްގޮތެވެ. ރައިޝާ ބުނީ އޭނަ ދޭތެރެދުރުކުރާ ބޭސްކާކަން އެނގިގެން ޖިދާން އަނިޔާކުރީކަމުގައެވެ. ތަފުސީލަކަށް އޭނަ ނުދިޔައެވެ. ނަމަވެސް ރައިޝާ އަށް ކޮށްފައިވާ އަސަރާއި އޭނަގެ ލޮލުން ކަރުނަ ނުހިކޭވަރުން ސާރާއަށް އެކުއްޖާއަށް ލިބެމުންދާ އަނިޔާގެ މިންވަރު އަންދާޒާކުރެވުނެވެ. ސާރާ އެހެން އިނދެފައި ބަލާލިއިރު އައްމާރު އިނީ ވަރަށް ހިނިތުންވެފައި ކާއިއާއާއި ޗެޓްކުރާށެވެ.

"ހޫމް ވަރަށް ލޯބިވޭ މިލިއަން ފަހަރު ނޫން ބިލިއަން ފަހަރަށްވެސް ލޯބިވޭ ބޭބީ ގާލް......" އެތައްފަހަރަކު ބޮސްދެމުން އައްމާރު ބުނެލިއަޑު އިވިފާ ސާރަގެ ހިތަށް ތޫފާނެއް އައެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދާގޮތްވިއެވެ. އައްމާރު އޭނައަށްވުރެ ކާއިއާދެކެ ލޯބިވަނީ ހެއްޔެވެ؟ ސީރިޔަސްހެއްޔެވެ؟ އޭނަ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟

"އައިމް އޯލް ޔޯރސް ޑޯލް. ދެރަނުވައްޗޭ، ހަމަ ނުދެވިފައި މިހުންނަނީ، ވަރަށް އަވަހަށް ދާނަން. ހޫމް، އޭރަށް އަބަދު އަހަންނާއިއެކު ކައި ވާނީ، ރޭގަނޑު އެކަންޏެއްނޫން، ދުވާލުވެސް ހަތަރުދަމު............" އައްމާރު ވާހަކަދައްކާއިރު މޫނުމަތީގައި އެވާ އޯގާތެރިކަމާއި ކުލުން ފެންނަން ހުއްޓެވެ. އެހިތުގައި ކާއިއާއަށް ދެވިފައިވާ މަގާމު އޮޅުމެއްނެތި ފެންނަންއެހެރީއެވެ.

"ނޫން، ހަމައެކަނި ކައިގެ.....ޓްރަސްޓްމީ....." އައްމާރު ޔަގީންކަން އެދިނީ ކޮންކަމަކަށްހެއްޔެވެ؟ ސާރާގެ ހިތް އެދުނީ ފޯނު ޖަހައިގަތުމަށެވެ. އިތުރަށް ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނައަކީ އައްމާރުގެ އަންހެނުންނެވެ. އޭނަގެ ކުރިމަތީގައި އިނދެގެން އެހެން އަންހެނަކާއި ގުޅުން ބާއްވާއިރު ހިތުން އޮހެނީ ލޭކަރުނައެވެ. ރުޅިގަދަވާން އުޅެފައިވެސް އެހެން ސިފައެއް ޚިޔާރުކުރިއެވެ. ރޮވެންފެށިއެވެ. ދެލޮލުން އޮހެން ފެށި ކަރުނަތައް ބާލީސް ތެންމަންފެށިއެވެ. ސާރާ ޔަގީންކުރިއެވެ. މިރޭވެސް އައްމާރު އައިސް އޭނަގެ ގައިގާ ފިރުމާނެއެވެ. މާފަށް އެދޭނެއެވެ. ލޯބިން ހިތް ބަންޑުންކުރާވަރުކުރާނެއެވެ. އެއީ ކޮންމެ ރެއެއްގެ އާދައެވެ.

ނަމަވެސް އެރޭ ކަންތައް ހިނގީ އޭގެ ދިމާއިދިކޮޅަށެވެ. އައްމާރު އޭނަގެ މޫނުމަތީގައިވާ ބާލީސްތައް ދަމައިގެންފާ ރޮނީ ހެއްޔޭ ސުވާލުކުރިއެވެ. ސާރާ ނޫނެކޭ ބުންޏަސް ދެލޮލުގައިވި ކަރުނަތައް އެކަމަށް ހެކިދިނެވެ. އައްމާރުގެ މޫނުމަތިން ކުއްލިއަކަށް ފެނިގެން ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކެވެ. ރުޅިވެރިކަމާއިއެކު ބާލީސް ބިމަށް ހޫރާލިއެވެ. ފާރުގައި އަތުން ޖެހިއެވެ. އޭނައަށް އައްމާރުގެ އެފަރާތް އަދި ފެނިފައެއްނެތެވެ.

"އަހަންނަށް ސާރާ އުފާކޮށެއް ނުދެވެއެއްނު، ސާރާއާއި އިނީ ކޮންމެހެން ރޮއްވާކަށްނޫން، ތިގޮތަށް ކޮންމެ ރެއަކު ރޮންޏާ ބޭނުމެއްނޫން ދެން މިގޭގައި އުޅެން، ހީކުރީ އަހަންނަށް ދާން ނުކެރޭނެކަމަށްތަ؟ ވަރަށް ފޫހިވެއްޖެ، ގެނޭ އަހަރެންގެ އައިޑީއާއި އެއްޗެހި ދާންވެއްޖެ، ހަމަ މިރޭ މިގެއިން ނުކުމެގެން ދާނީ، މަގުމަތީގައި އޮންނަން ޖެހުނަސް މިއަށްވުރެ ބޮލަށް ފަސޭހަވާނެ. ކެތްވާނީވެސް ވަކިވަރަކަށް، ކިތައްފަހަރު ބުނާނީ ތިވައްތަރަށް ނޫޅޭށޭ، ހީކުރީ ވަރަށް އަންޑަސްޓޭންޑިންކަމަށް، ހުރިހާ ވާހަކައެއް ކިޔާދެވުނީ މޮޔަކަމުން، ކާކަށް އަންޑަސްޓްވާނީ؟ ނުވޭ އެކަކަށްވެސް.....ބެޓަރ އައި ލީވް ދިސް މިނިޓް......" އައްމާރު ކުއްލިއަކަށް އަލަމާރީގައި އަޅުވާފައި ހުރި އޭނަގެ ހެދުމާއި ޖިންސްތައް ދަބަހަށް ލާންފެށިއެވެ. ފާޚާނާއަށްވަދެ އޭނަ ބޭނުންކުރާ އެއްޗެހި ގެނެސް ދަބަސްތެރެއަށް އެއްލިއެވެ. ބޭރުން އިވެމުންދާ ވާރެއާއިއެކު އަޑު ޣަރަގުވެގެން ނުދާނަމަ ތިރިއަށް އިވޭނެކަން ނޭގެއެވެ. ވިއްސާރައަކީ ރަހުމަތެއްކަން ސާރާއަށް ޔަގީންވިއެވެ.

އޭރު އައްމާރުގެ މޫނުވަނީ ރުޅީގެ ސަބަބުން ރަތްވެ އަލިފާންވެފައެވެ.

ސާރާ އޮތީ ހިރިލާންނުކެރިފައި ކަރުނައިން ފުރިގެންވާ ދެލޮލުން ބަލާށެވެ. ގަނޑުވެފައެވެ. ޝޮކެއްގައެވެ. މިފެންނަ މަންޒަރު ގަބޫލުނުކުރެވިފައެވެ. އައްމާރު އޭނައާއި އަބަދަށްޓަކާ ވަކިވެގެންދަނީއެވެ. އޭނަގެ އެއްވެސް ކުށެއްނެތިއެވެ. އެކަނި ރުއިކަމަށްޓަކައެވެ. އިންތިހާ ދަރަޖައިގެ ބިރުވެރިކަން ސިކުނޑީގައި ވަކި ހިއްޕާލުމުން މީހާގެ އެއްވެސް ހިއްސެއް މަސައްކަތެއްނުކުރާނެއެވެ. އޭނައަށް ވެފައި އޮތީ އެކަހަލަ ގޮތެކެވެ. ލޮލުގައި ހުރި ކަރުނަތައްވެސް ގަނޑުވެއްޖެއެވެ. ދުލެކޭ ނެތް އެއްޗެކޭ އެއްވަރުވިއެވެ.

އެސްފިޔައެއް ޖަހާލަންވެސް ނޭގިފައި އޮތްވާ މިއޮތް ވިއްސާރާރޭ އައްމާރު ދަބަސްހިފައިގެން މިސްރާބު ޖެހީ ދޮރުން ނުކުތުމަށެވެ. ސާރާގެ ހިތްފަޅައިގެންދާފަދަ ގޮތެއްވެފައި އޮތްތަނުން ތެދުވެވިއްޖެއެވެ. ރަބަރުގަނޑެއްފަދައިން ވެފައިވާ ދެފައި ދަމަމުންގޮސް އައްމާރުގެ ކުރި ބެއްދުމާއިއެކު އަތުގައި ހިފާލެވުނެވެ.

"އިމީ ނުދޭ، އައި ބެގް ޔޫ........" ސާރާ އާދޭސްކުރަމުން ގެނބެމުން ދިޔަ އަޑަކުން ބުނެލިއެވެ.

"ދެން ނުރޯނަން، ވައުދުވަން، ނުރޯނެކަމަށް ވައުދުވަން، އެކަމަކު ނުދައްޗޭ، މިހިތަކަށް ކެތްނުކުރެވޭނެ، އިމީއައި ވަކިން ނޫޅެވޭނެ، ހެވޭ އޭނައާއި ވާހަކަދެއްކިޔަސް، މިރެއިން ފެށިގެން ނުބުނާނަން އެއްޗެކޭ. އާނ،އިމީގެ ސަބަބުން ހަޔާތުގައި މިވަރުގެ ހިތްހަމަޖެހުމެއް ލިބުނީ، ލަވް ޔޫ އިމީ....." ސާރާ އައްމާރުގެ މޭގައި ބޯ އަޅާލިއެވެ.

"އޯކޭ، އެކަމަކު ދެން ތިގޮތަށް ނުރޮއްޗޭ ދެން. އަހަންނަށް ކެތްނުކުރެވުނީ އެހެންވެ. އަހަރެންގެ އަމިއްލަ އުފަލަށްވުރެ ބޮޑަށް ސާރާގެ އުފަލާއިމެދު މިވިސްނަނީ. ކޮންމެ ދުވަހަކު ރޮންޏާ އޭގެ މާނައަކީ އަހަންނަށް އެކަން ކޮށެއްނުދެވެއޭ. މިވަރަށް ސާރާގެ ހިތްހަމަޖައްސާދީ ވެވުނުހާ ލޯތްބެއް ދޭން މަސައްކަތްކުރާއިރުވެސް ގަބޫލުނުކުރާތީ މިރޭ ދެން ހަމަ ކެތްނުވެވުނީ، އަބަދަށްޓަކާ މިހެން ނުހުރެވޭނެއްނު، ކޮންމެވެސް ދުވަހަކުން ބްރޭކްވާނެ، އެކަހަލަ ދުވަހެއް އަތުވެއްޖެއްޔާ އެހެން މީހުންގެ ކަރުނަތަކުންވެސް އަސަރު ނުކުރާ ހިސާބަށް ގޮސްދާނެ، ސާރާ އަހަރެން ބުނާގޮތަށްވެސް ނަހަދަމެއްނު، ދެތިންފަހަރު ބުންޏަސް އަޑެއްނީވޭ، ބުރުގާ އަޅާށޭ ބުނީމަވެސް ގަބޫލެއްނުކުރި، ކޮންމެ ކަމެއް އެތައް ފަހަރު ހަދާންކޮށްދޭން ޖެހޭ، އޯކޭ ދެން ނުދާނަން، ބަސްއަހައިގެން ނިދާލާ....." އައްމާރު ސާރާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

އެރެއިން ފެށިގެން ސާރާ ޔަގީންކުރީ އައްމާރުއަށް އޭނަގެ ހިތުގެ ހާލު އިހުސާސްކުރެވިގެން އޭނަގެ ކުރިމަތީގައި ކާއިއާއާއި ވާހަކަ ނުދައްކާނެކަމުގައެވެ. ކޮންމެވެސް ވަރަކަށް ސިއްރުކުރާނެކަމުގައެވެ. އައްމާރު ލޯބި މާނަކުރާގޮތެއް އޭނައަކަށް ނުވިސްނެއެވެ. އޭނަގެ އިހުސާސްތަކަށް ގަދަރުކުރަން އެނގެންވާނެއެވެ. މިލޯބީގެ ފަސާނާގައި ވެދާނެގޮތެއް ވާން އުޅޭގޮތެއް އެއްގޮތަކަށްވެސް ޚިޔާލަކަށް ނުގެނެވެއެވެ. އޭނައަށް އައްމާރު ގެއްލޭނެ ބާވައެވެ. އެއީވެސް ވުން ކައިރިކަމެކެވެ. މަންމަމެންނަށް އައްމާރުގެ އާއިލާގެ ހަގީގަތް އެނގޭއިރަށް ގަދަބާރުންވެސް އޭނައާއި އައްމާރު ވަކިކުރުވާނެއެވެ. ނޫނީ ކާއިއާގެ ސަބަބުން އައްމާރު ދުރަށް ހިނގައިދާނެބާވައެވެ.

ދެތިން ދުވަސްފަހުން އެއްރޭ އައްމާރު ފޯނު ހިފައިގެން ބެލްކަނީގައި ހުރެފައި ކޮޓަރިއަށްވަންއިރު ހިތާމައިގެ ތަސްވީރެއްފަދައެވެ. އަޖައިބެއްފަދަ ރީތި ދެލޮލުގެ ރީތިކަން އިތުރުވެފައިވަނީ އެލޮލުގެ އެސްފިޔަތައް ތެމިފައި ހުރީމައެވެ. ސާރާ އެނދުގައި އޮށޯވެލައިގެން ފޯނުން ފޮޓޯ ގެލެރީބަލަން އޮތްވާ ކައިރީގައި އޮށޯވެލާފައި ބައްދާލިއެވެ.

"ސާރާ ބޭނުންގޮތް ވެއްޖެ....." އައްމާރު ބުނެލިއެވެ.

"ވަޓް ހެޕެންޑް...." ސާރާގެ ހިތް އަވަސްވިއެވެ. އައްމާރު ބުނަން އުޅެނީ ކޮންފަދަ ވާހަކައެއް ހެއްޔެވެ؟

ކޮމެންޓް 0