"ވަޒީފާގައި ހުންނަތާ ކޮން ދުވަހެއް؟ އެކަމަކު ދުވަހަކު ބަރާބަރަށް ފައިސާއެއް ލިބެނީއެއްނޫން، އަމިއްލަ ކަމެއްގެ ގޮތުގައި މިހުރިހާ ދުވަހު ކޮށްދިނީ. ދެން ހުންނާކަށް ބޭނުމެއްނޫން. އައިމް ސޮރީ....." އައްމާރު ދާން ހިނގައިގަތުމުން ފަހަތުން އައިގޮތަށް ގަމީހުގައި ހިފާ ދަމައިގަތެވެ. އައްމާރު ޖިދާން ކޮށްޕާލިގޮތަށް ފަހަތަށް ޖެހެމުންގޮސް ލައްވެލީ މޭޒުގައެވެ. އައްމާރު އެފަދަ ގޮތަކަށް އޭނަގެ ގަޔަށް އަތްލަފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ކޮންމެ ގޮތެއް ހެދިޔަސް ހުންނަން ޖެހޭނީ އަޅުވެތިވެފައެވެ.

"ކަލެއަށް އިހުސާންތެރިވީމަ ބަދަލުދޭން އެނގުނުގޮތަކީ މިއީތަ؟ އެހެން ވަޒީފާއަކަށް ދާކަށް ލާހިކެއްނޫން، ކަލެއަށް ކުޅިދައްކާލާނަން......ފައިސަލްގެ ދަރިއަކާއި އިނދެވުނީމަ މިހާރު އެމީހުންގެ ވިޔަފާރިއަށް އަތްގަދަކޮށްލަން އުޅޭއިރު އެމީހުންނަށް ކަލެއަކީ ކާކުކަމެއްވެސް އަދި ނޭގޭނެ، ރަގަޅަށްވިއްޔާ ބައްޕަ ކަށަވަރުނުވާ މީހެއް، ނަހަލާލަށް ވިހާފައި އެއްލާލާފައި އޮތްވާ މަންމަގެ ހިތަށް ރަހުމް ވަދެގެންބަލާ ބޮޑުކުރީ، އެވަރުވެސް އިންލޯސް އިންނަކަށް އޮޅުން ފިލާފައި އޮތްހެނެއް ހިޔެއްނުވޭ، ތި ކައިވެނީގެ ކުރިން މިކަންތައް އެމީހުންނަށް އަންގަން މަށަށް މަޖުބޫރުނުކުރޭ......." ޖިދާން ވާހަކަދެއްކީ ބިރުގަންނަވާފަދަ ގޮތަކަށެވެ. އަބަދުވެސް އައްމާރު އޭނައަށް ކިޔަމަންވާހެން ވާނެކަމަށް އޭނަ ހީކުރިއެވެ.

"އައި ޑޯންޓް ކެއަރ، ހުއްޓުވޭނެގޮތަކަށް ހުއްޓުވާ...." އައްމާރު ރުޅިއަޔަސް މޫނުމަތިން އެކަމެއް ނުދައްކައެވެ. އަތްވެސް ޖަހައިލީ ޖިންސްގެ ޖީބަށެވެ. ހުރިހާ ޖަޒުބާތެއް ފާޅުގައި ދައްކަމުން ދިޔަ މީހަކީ ޖިދާންއެވެ. އައްމާރު ކުއްލިއަކަށް އެހޯދައިގަތް މޮޅުކަމާއި މުއްސަދިކަން އޭނަގެ ހިތަށް ތަދުކުރަނީއެވެ. އަމިއްލައަށް އެހާ ކުރީގައި އުޅޭއިރުވެސް އައްމާރުއަށް އެފަދަ މަގާމެއް ލިބުމަކަށް އޭނަ ނޭދެއެވެ.

"ކަލެއަށް ވަރިހަމަކަން އަންގާލަދޭނަން...."ޖިދާންގެ ކޮންމެ ޖުމްލައެއްގައިވާ އިންޒާރުގެ ރާގެވެ. މިއަދު އައްމާރުގެ ހިތަކަށް އެއްޗެކޭ ނޭރިއެވެ. ވަރަށް ގިނަދުވަހު އޭނަ ކެތްކޮށްފިއެވެ. އެމީހުންގެ އަޅަކަށްވެގެންނެވެ. އާރާއި ބާރު ލިބިގެން އޭނަ ބޮޑާވަނީއެއް ނޫނެވެ. ނަމަވެސް މިއަދު އޭނަވަނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން ބޭނުންވެފައެވެ. ދެއަނބިން ގެންގުޅެވޭނީ އެކަމަށް ގާބިލުމީހަކަށް ވެވިގެންނެވެ.

"ކާމް ޑައުން ބްރަދަރ. ރިޒައިން ކުރިއޭ ކިޔާފައި އަދި ތްރެޓް ކުރާހިސާބަކަށް ދާކަށް ނުވޭ، މީހަކު ނުވެގެން އުޅެންޏާ ފެންވަރު ރަގަޅު މީހެއް ހޯދަދީފާނަން. އެކީގައި އުޅުނުއިރު ނުބެހެއްޓި ގާތްކަމެއް މިއަދު ދާންވީއިރު ބަހައްޓަން އުޅުމުގެ މާނައެއްނެތް. ސޮރީ. އިޓްސް ލޭޓް....." އައްމާރު ހިނިތުންވެލިއެވެ.

"އާ ކުކުޅަކަށް ގާބިހެއް އެޅެނީދޯ، އެވަރަށް މައްޗަށް އަރައިގެން އުޅެނިކޮށް ވެއްޓޭނެ އަދި....." ޖިދާން ދަތްކުނޑި ވިކައިގަތެވެ.

"ވަޓްއެވަރ...." އައްމާރު ޖީބަށް އަތްޖަހާލައިގެން ހުރެ އެތަނުން ނުކުމެފައި ފުންނޭވަޔެއްލިއެވެ. ޖިދާންމެންގެ ހިތުގައި އޭނަގެ މައްޗަށް ލޯތްބެއް ކުލުނެއްނެތްކަން މިއަދުވެސް އަންގާލަދީފިއެވެ. ރުޅިއައުމުން ދުލުން ބޭރުވާނީ ހިތުގައި ފޮރުވާފައި ހުންނަ އެއްޗިއްސެވެ. ހަގީގަތަކީ އެއީއެއްނޫނެވެ. ޖިދާން ހީކުރާގޮތަކަށް އޭނަ ފޮނިބޮޑުވީއެއްނޫނެވެ. ކާއިއާގެ މުދަލަށްޓަކާ މޮޔަބޮޑުވެގެންނެއްވެސް އޭނަ ނޫޅެއެވެ. އޭނަ ބޭނުމީ މޮޅުކަމާއި މުއްސަދިކަމެއްނޫނެވެ. އޭނަ ބޭނުމީ ލޯތްބެވެ. ކާއިއާ އަދި ސާރާ އޭނަދެކެވާ ލޯބީގެ މަތިވެރިކަމުން އެކަނިވެސް އޭނައަށް ދުނިޔޭގައި އުޅެވިދާނެއެވެ. އޭނަ އަބަދުވެސް ހީކުރީ ކާއިއާ ފިލައިގެން އޭނަގެ ކައިރިއަށް އަންނާނީ ކަމުގައެވެ. އެޢާއިލާގެ ރުހުން ލިބިދާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. ކާއިއާ އޭނަގެ މަންމަގެ މިޒާޖު ކިޔައިދީފައިވާ ގޮތުން ހުވަފެނެއްގައިވެސް މިފަދަ ގޮތަކަށް ރާޒުވާގެ ކުޅިބައި އެތުރިގެން ދާނެކަމަކަށް ހީވެފައެއްނެތެވެ. މިހާރުވެސް ކާއިއާގެ ބައްޕަގެ ކުންފުނިން ވަޒީފާއެއް ދިނަސް އެކަމަށް އެކަނި ބަރޯސާވާކަށް އޭނަ ނެތެވެ. އެތަނުން ކަނޑާލާ ދުވަހަކުން އޭނަ މިހުރީ ލޯބިވާ މީހުންނަށްޓަކާ ކިތަންމެ ބުރަ މަސައްކަތެއްކުރަން ޖެހުނަސް ފަސްނުޖެހި ކުރާށެވެ. މިއަދު މުއްސަންޖެއްގެ ފަރާތުން އެހީލިބޭކަމީ އޭނައަށް މިވަގުތު ލެއްވި ރަހުމަތެކެވެ. ނިއުމަތެއް ލިބޭހިނދު ބޮޑާވާކަށް އޭނަ ނެތެވެ.

މާމަ ފެންވަރާލައިގެން ނުކުތުމުން އަތުގައި ހިފައިގެންގޮސް އޭނަ އެނދުގައި ބޭންދިއެވެ. ފުނާއަޅުވާދީފައި މޫނުގައި ފުށްޖަހާދިނުމުން މާމަގެ ދެލޮލުން ކަރުނަ ފޭބީ އުފަލުންގޮހެވެ. އެތައް ޒަމާނެއްފަހުން ކަރުނަތަކާއިއެކު ހިނިތުންވެލަމުން ސާރާގެ ދެލޮލަށް ބަލައިލީ ޝުކުރުވެރިކަމުން ފުރިފައިވާ ގޮތަކަށެވެ. އެފަދަ ކުދިކުދި ކަންތައްތަކަކީ އިންސާނެއްގެ ހިތެއް ހަމަޖެހުން ލިއްބާދޭ އަމަލުތަކެވެ.

"މާމައަށް އެނގޭތަ؟ އަހަރެންގެ މާމަ މަރުވި ދުވަހު ވަރަށް ދެރަވި، ވަރަށް ރުއިން. އަދި އަދަށްދާންދެންވެސް މާމަގެ މަތިން ވަރަށް ހަދާންވޭ. ހެއްދެވިފަރާތަށް ޝުކުރުކުރަން. މިއަދު އެހެން މާމައެއް ލިބިއްޖެ. އައްމާރުގެ މާމައަކީ އަހަރެންގެވެސް މާމަ. އިރާދަކުރެއްވިއްޔާ އަބަދުވެސް މާމައާއިއެކީގައި ވާނަން. ބޭނުމީ މާމަ އުފަލުގައި އިންނަން، ސާރައަށްޓަކާ މާމަ ކަމެއްކޮށްދޭންވީނު، މިއަދު މާމައަށް ގެނެސްދޭ އެއްޗެއް މާމަ ކާންވާނެ އިނގޭ، މާމައަށް މީރުވާނެއްނު އަލަނާސި އަދި ފަޅޯ ކަހަލަ މޭވާތައް......." ސާރާ ވާހަކަދައްކަން ފެށުމުން މާމަގެ ދެލޮލުގެ އުޖާލާކަން އިތުރުވިއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

ސާރާ މާމައަށް މޭވާ ގެނެސްދިނުމުން ކެއެވެ. އެއްޗެކޭ ބުނަން މަސައްކަތްކުރިހެންވެސް ހީވިއެވެ. އަނގަ ހުޅުވާލަފައި ލައްޕާލާފައި ސާރާގެ އަތަށް ބާރުކޮށްލިއެވެ. އެއީ ސާރާ ދެކޭގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މާމަ "ޑިމެންޝިއާ" ކަމުގައި ވިޔަސް ލޯތްބާއި އަޅާލުން ދީގެން އޭނަ މާމަގެ ދިރިއުޅުމުގެ ބާކީބައި ހިތާމައިގެ ހިޔަނި ނޭޅި ގެންގުޅެން މަސައްކަތްކުރާނެއެވެ. ނުބައި އަންހެންދަރިއެއްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން މޮޔަނުވަނީސް މާމަ ދަރިފުޅު މިވަނީ ސަލާމަތުގެ އައްސޭރިފަށަށް ގެނެސްދީފައެވެ.

ކިޔަން އައްމާރުއަށް އޭނަގެ ކެބިން ދެއްކުމަށްފަހު ކޮންމެވެސް ވަރަކަށް މަސައްކަތްކުރަންވީގޮތާއި އޮފީހުގެ ގަވާއިދުތައް ކިޔާދިނެވެ. ކިޔަންވެސް ކުރިން އެހާވަރަށް އިންޒާރުކޮށްފައި މިހާރު އުޅޭގޮތުން ހީވަނީ އެތައް ދުވަހަކަށްސުރެން ދެނެ ފަރިތަ ދެ ރައްޓެހިންހެނެވެ. އެތަނުން ނިމިގެން ދެމީހުން ރެސްޓޯރެންޓަކަށްވަދެ ކިޔަންގެ ޚަރަދުގައި ކޮފީދިނެވެ.

"ދެއަނބިގެން ގެންގުޅެން ފަސޭހަވާނެތަ؟ "ކިޔަން ކުއްލިއަކަށް އަހާލިއެވެ.

"ނޭގޭ......." އައްމާރު އުދަގޫވެފައި ހުރެ ހީލިއެވެ.

"ކައި ވަރަށް ޑިޕްރެސްވެފައި ހުންނަނީ، ބޭސް ކާތީ ތަންކޮޅެއް ހަމަޖެހިގެން އެކުއްޖާ އުޅުނަސް ކިރިޔާވެސް ހިތާމައެއް ކުރިމަތިވެއްޖެއްޔާ އޭނަ ސުއިސައިޑް ކަހަލަކަމެއްކޮށްފާނެ، އިމީއަށް ކިހާވަރެއްގެ ރެސްޕޯންސިބިލިޓީއެއް ނެގިދާނެތަ؟ އައި މީން ކައިގެ ޝަރުތުތައް އެކްސެޕްޓްކުރުން ފަސޭހައެއްވެސް ނުވާނެއްނު. ސާރާކަހަލަ ރީތި އަންބެއްހުރިއިރު...." ކިޔަންގެ ވާހަކަތަކުން އައްމާރުގެ ހިތަށް ނުބައި ގޮތެއްވިއެވެ. ކާއިއާ އަމިއްލަ ބޭބެކައިރީގައިވެސް ހުރިހާ ސިއްރެއް ހިއްސާކުރަނީހެއްޔެވެ؟ ކައިއާގެ ޝަރުތުތައްވެސް ކިޔަންއަށް އެނގެން ޖެހޭހެއްޔެވެ؟

"ސައިކޭޓްރިސްޓަކަށް ދައްކާނީ، ކިޔަން ހާސްނުވޭ، އަހަރެން ހުރިހާ ޒިންމާއެއް ނަގާނަން....." އައްމާރު ކޮފީތަށިން ކޯވަރެއް ބޯލިއެވެ.

"އިފް ޔޫ ހާޓް ހާރ އަހަންނަށްވެސް ކެތެއްނުކުރެވޭނެ. ހުރި އެންމެ ސިބްލިންއެއް....." ކިޔަން އައްމާރުގެ ދެލޮލަށް ބަލައިލިއެވެ.

އައްމާރުއާއި ކިޔަން ރެސްޓޯރެންޓުން ބޭރަށް ނުކުތްއިރު ވެހެންފެށި ވާރޭ ހުއްޓާނުލުމުގެ ސަބަބުން މަގުތަކުގައި ފެންހެދި ދުއްވަން އުދަގޫތަކާއި ކުރިމަތިވެފައިވިއެވެ. ކައިވެނީގެ ދުވަސް ޖެހުނުއިރުވެސް ވިއްސާރަ މައިތިރިނުވުމުގެ ސަބަބުން ކާއިއާ ބޭނުންވިފަދައިން ރިޒޯޓެއްގައި ހުވަފެނީ ބީޗްޕާޓީއެއް ބޭއްވިދާނެކަމުގެ މާބޮޑު އުއްމީދެއްނެތެވެ. މިހާރުވެސް މެޓުން އިންޒާރުކުރަނީ އުދައަރާފާނެކަމުގައެވެ. ވިލާތައް އަދިވެސް ރާއްޖެ މައްޗަށް އަރަމުން އަންނަކަމަށާއި ވައިބާރުވާނެކަމުގައެވެ. ވިދާގުގުރާނެވާހަކައެވެ. ކޮންމެގޮތެއްވިޔަސް ކާއިއާ ބޭނުމީ ވީހާވެސް ކައިވެނި އަވަސްކުރުމެވެ. އަނެއްކޮޅުން ޝުވޭކާރު ހުންނަނީ ނޭގޭ ބިރަކުން ހިތްތެޅިތެޅިއެވެ. ނުބަޔެއް އުޅޭކަމުގެ ހިޔެއްވަނީއެވެ. ކިޔަންގެ މީހުންނާއި ދޭތެރޭގައި ފައިސަލްގެ އާއިލާއިން ދެކޭގޮތުގެ ސަބަބުން އެކައިވެނި ހުއްޓުވަން ބާރުއަޅާ ފަރާތްތައް ގިނަވަމުންއައެވެ. އެންމެފަހުން ފައިސަލްގެ މަންމައަށް ހާޓްއެޓޭކެއް ޖެހިގެން އެޑްމިޓްކުރުން ވެގެން ދިޔައީ ފައިސަލްވެސް އެކަމާއި ދެވަނަފަހަރަށް ވިސްނާލަން މަޖުބޫރުކުރުވިކަމަކަށެވެ.

އާއިލާގެ އެންމެން އެކީގައި މިރޭ ކާން ތިބިއިރު ވާރޭގެ އަޑުން ތަނުގެ ހިމޭންކަން މުގުރާލާފައިވިއެވެ. ދޮރުތަކުގައި ބީހެމުންދާ ވާރޭގެ ތިކިތަކަށް ބަލަން ޝުވޭކާރު އިންއިރު މާޒީގެ އުފާވެރި ދުވަސްތައް ސިކުނޑީގައި ނިއުޅެމުންދިޔައެވެ. ކާއިއާ ކާންއިންއިރުވެސް ފޯނު އަތުން ދޫވާގޮތެއްނެތެވެ.

"ވިއްސާރަ އަލިވާގޮތެއްނުވި، ކައި ބާއްވަން ބޭނުންވާ ބީޗްޕާޓީވެސް ފަނިވަނީނު. އަދިވެސް މާމަ ސިކް..........." ކިޔަން ކާއިއާއަށް ބަލައިލަމުން އަހާލިއެވެ. ކާއިއާ ކަރުއެލުވާލިއެވެ.

"ތެމިގެންވެސް ބީޗްގައި ޕާޓީބާއްވާނީއޭ ހިތަށް އަރާ. މާ މެމޮރަބްލްވާނެއްނު. މާމަ މިހާރު އައިސީޔޫއިން ނެރެފި. މާމަ ރިފިއުޒްކުރަނީ އެއްވެސް ކަހަލަ ރީޒަނަބްލް ކަމަކާއެއްނޫނޭ، އިމީގެ ފެމިލީ މީހުންނަކާއި ނޫނެއްނު ކައި މެރީކުރަނީ؟ މާމަމެންނަށް ރަގަޅީ ދެން އައިސީޔޫގައި ކައި އޮތިއްޔާ......" ކާއިއާ ތުންފިތާލަމުން ކެއުން ހުއްޓާލައިފިއެވެ.

"ދަރިފުޅާ ކައި، އެންމެންގެ އުފަލާއިމެދު ވިސްނާ ބަޔަކަށް ބައްޕަމެންވާނީ، ކައި ބޭނުންވާކަމެއް ހުއްޓުވާކަށް ދެރަކޮށްލާކަށް ނެތިން، އެކަމަކު މާމަ އެހާ ބަލިއިރު ދެވަނަ ހާޓްއެޓޭކެއް ޖެހެން ކައި ބޭނުންވޭތަ؟ ނުވާނެކަން ބައްޕައަށް ޔަގީނޭ، ވީއިރު މިގޮތަށް ހަދަމާ ހިގާ، އިހަށް ކައިވެނި ކުރަން އޮތްދުވަހު އެހެންމީހުންނަށް ނާންގާ ސިއްރުން އެކަންތައް ނިންމާލާނީ، މިގޭގައި ބައްޕަމެން އެކަނި ތިބެގެން ކޭކު ފަޅާލާ ކައިގެ އުފަލުގައި ބައިވެރިވާނީ، އެއަށްފަހު ކައިއާއި އިމީ ހަނީމޫނަށްދާނީ، އޮޕެންކޮށް ޕާޓީ ބާއްވައިފިއްޔާ މަސްލަހަތާއި ފުށުއަރާނެ، ކައިއަށް ވިސްނޭނެކަމަށް ބައްޕަ ހީކުރަން، އެކަމަކު ހިތުގައި އެއްޗެއްވާނަމަ ޑިރެކްޓްކޮށް ބުނަންވާނެ އިނގޭ......."ފައިސަލް ވާހަކަދެއްކީ ވިސްނާދޭފަދަ ގޮތަކަށެވެ.

"ބައްޕަ ބުނާގޮތަށް ހަދާނަމޭ...." ކާއިއާގެ ހިތް ބަޣާވާތްކުރިއިރުވެސް އޭނަ ހިނިތުންވެލަމުން އެކަން ފޮރުވިއެވެ.

"އައިމް ސޯ ޕްރައުޑް އޮފް ޔޫ ސްވީޓްހާޓް...." ފައިސަލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބިގެން ހިނގައްޖެއެވެ. ގޮތްދޫނުކުރާ މަންމައަކާއި އަންހެންދަރިއެއް ހުރިމީހަކަށް މިފަދަ ދަނޑިވަޅެއްގައި ކުރެވޭނެ އިހުސާސް ބަޔާންކޮށްދިނަސް އެހެން މީހަކަށް އެކަމެއް ނޭގޭނެއެވެ.

ޝުވޭކާރުވެސް ހައިރާންވިއެވެ. ކާއިއާގެ މިޒާޖަށް ހާދަ ބޮޑު ބަދަލުތަކެއް އައިސްފިއެވެ. އެހާ ފަސޭހައިން ގޮތްދޫކޮށްފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އަދި ފައިސަލަށްވެސް ކާއިއާއަށް ވިސްނައިދެވިދާނެ ކަމަކަށް ހިޔެއްނުކުރެއެވެ. ކޮންމެގޮތެއްވާނީވެސް ރަގަޅަކަށެވެ. އިހަށް މީހުންގެ ވިހަ ދޫތަކުން ސަލާމަތްވާނެ ފުރުސަތު ލިބިއްޖެއެވެ. ސިއްރުސިއްރުން ކައިވެނީގެ ކަންތައް ކުރިއަށް ގެންގޮސްފައި ހަނީމޫން ނިމެންވާއިރަށް ރަގަޅުގޮތެއްވެސް މެދުވެރިކުރައްވަފާނެއެވެ.

ބިސްގަނޑުގެ ވަސްޖެހުމުން ހޮޑުލަވާގޮތްވުމުން ސާރާ ދުއްވައިގަތީ ފާޚާނާއާއި ދިމާލަށެވެ. އޭރު އައްމާރު ސޯފާގައި އިށީދެލައިގެން ލެޕުން ކޮންމެވެސް މަސައްކަތެއްކުރަން އިނެވެ. މާމައިނީ ޓީވީން ދައްކާ ކާޓޫނެއް ބަލާށެވެ. ކުޑަކުއްޖެކޭ މާމައެކޭ މާ ބޮޑުތަފާތެއް މިހާރަކުނެތެވެ.

"ކިހިނެއްވީ ބޭބީ؟ " އައްމާރު ކުރަންއިން މަސައްކަތް ހުއްޓާލާފައި އައިގޮތަށް ސާރާގެ ބޮލުގައި ހިފަހައްޓާލިއެވެ.

"ރޭ ރަގަޅަށް ނުކައި ހުރީމަ ކުޑަކޮށް މޭ އަންދާގޮތްވެފައި މިހިރީ، އައިމް އޯކޭ....." ސާރާ އެހެން ބުނަމުން އިސްކުރަށް ދޫކޮށްލިތަން ފެނިފައި އައްމާރު މޫނުގައި ފެން އުނގުޅާލަދިނެވެ. އަދި އިސްތަށިގަނޑު އެއްކޮށްލާފައި ވޫލްކޮޅު އައްސާލަދިނެވެ. އޭރުވެސް އޭނަ ހުރީ މޭބޮޑުވެ ބޮލަށް އެނބުރުން އަރާފައެވެ. ކިއްލިކޮޅެއް ކާލުމުން ތުންފަތަށް ރަތްކުލަވެރިވިއެވެ.

"ބިރުން ހަލާކުވާވަރުވި. ކުއްލިއަކަށް އޯކަށް ދަމަންފެށީމަ ހީކުރީ ވަރަށް ބޮޑަށް ބަލިވީކަމަށޭ. ތޭންކް ގޯޑް މާބޮޑުކަމަކަށްނުވީމަ........." އައްމާރު ހިނިތުންވެލަމުން ސޯފާއަށް ވެއްޓިގަތެވެ.

"ކައި ގުޅާފައި ބުނި މެރީކުރަން އުޅެފައި މާމަ އައިސީޔޫގައި އޮތީމަ ފަސްކޮށްލީއޭ، މެރީކުރަން އުޅޭ ވާހަކަވެސް އިމީ ނުބުނަމެއްނު...." ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ބުމަ ކައިރިކޮށްލަމުން ސާރާ ބުނެލިއެވެ. ރަތްކުލައިގެ ޓޮޕަކާއި މަޑުނޫ ޖިންސެއްގައި ސާރާގެ ހަށިގަނޑު ފެންނަލެއް އަންހެންވަންތަކަމުން އައްމާރުގެ ހިއްސުތަކަށް އެނގުންވެލިއެވެ. ކޮންމެ ވަގުތެއްގައި ފެނިލިޔަސް އޭނަ ސާރާއަށް ބޭނުންވެއެވެ. ކާއިއާ ފެނުމުންވެސް އެކަހަލަ އިހުސާސްތަކެއްނުކުރެއެވެ. ކާއިއާއާއި ގުޅިފައިވަނީ ހިތްކަމަށްވެދާނެއެވެ. ހަށިގަނޑަކީ ސާރާގެ މިލްކެއްކަމަށްވާތީ އޭނަ ސާރާއަށް ބޭނުންވަނީއެވެ. އެނޫން ސިއްރެއް އެކަމުގައި ވެދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

"އަދި ނުބުނެވިފަ ނެތެއްނު، އާދެބަލަ ކައިރިއަށް......." އައްމާރު އަތް ދިއްކޮށްލިއެވެ. ލަހެއްފަހެއްނެތި ސާރާ ގޮސް އައްމާރުގެ ކަނދުރާގައި އަތްއަޅުވާލަމުން އުނގުގައި އިށީންއިރު ދެމޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. އައްމާރު ބޭނުންވީ ސާރާގެ ކައިރީގައި ހުރިހާ ވާހަކަތަކެއް ކިޔާދޭށެވެ. ފައިސަލްގެ ކުންފުންޏަކުން ވަޒީފާ ހަމަޖެހުނު ވާހަކައާއި ސިއްރުން ކައިވެނިކުރަން އުޅޭވާހަކަ ބުނާށެވެ. ކައިވެންޏަށްފަހު ހަނީމޫނަށް ދުވަސްކޮޅަކަށް ޔޫރަޕަށް ފުރަންއުޅޭ ވާހަކަވެސް ބުނަން ބޭނުންވިއެވެ. އެކަމަކު މީހަކު ބެލްޖަހަން ފެށުމުން ސާރާ ދުއްވައިގަތީ އެއީ ރައިޝާކަން ޔަގީންވެފައެވެ. ރައިޝާ އަންނަން އުޅޭ ވާހަކަ ބުންޏަސް މިހާ ހެދުނު ގަޑިއެއްގައި އަންނާނެކަމަކަށް ހިޔެއްނުކުރެއެވެ. ހުކުރު ދުވަސްކަމުން އޭނަވެސް ހުރީ އައްމާރުއާއިއެކު މުޅިދުވަސް ވޭތުކޮށްލާހިތުންނެވެ. ނަމަވެސް ހިތުގައި ޝަކުވާއެއްނެތެވެ. އެކުވެރިންނަށްވެސް ވަގުތު ދޭންވާނެއެވެ. އޭނަ ޑިއުޓީގަޑީގައި މާމަ ބަލާދޭ ކުއްޖަކީވެސް ރައިޝާއެވެ.

ބުނަން އުޅުނު ވަގުތުގައި އެ ޚަބަރު ނުދެވުމުން އައްމާރުހުރީ ދެފިކުރެއްގައެވެ. ސާރާ ކައިރީގައި ބުނެގެން ސާރާގެ ހިތަށް އުދަގޫކުރުވުމަށްވުރެ ކުޑަ ދޮގެއް ހެދުމުން މަސްލަހަތު ހިފެހެއްޓޭނެއެވެ. ވިޔަފާރި ދަތުރެއްގައި ބޭރަށް ފުރާ ވާހަކަ ބުނުމުން ސާރާ ގަބޫލުކޮށްފާނެއެވެ. ސާރާ އުފަލުން ގެންގުޅުން އޭނައަށް ވަރަށް މުހިއްމުވެފައިވެއެވެ. އެރޭ ސާރާ ބޯ އަނބުރާ އުދަގޫވެގެން އުޅޭތީ އައްމާރު ބޯ މޮޑެދިނެވެ. ވަރުބަލިވަނީއޭ ކިޔާފައި އުޅުމުން ގައި މަސާޖްކޮށްލަދިނެވެ. އެ އަތުގެ ބީހިލުންތަކުން އަރާމުވީ އިންތިހާއަށެވެ. މަސާޖް ޕާލާއަކުންވެސް އެހާ އަރާމުކޮށް މަސާޖްކޮށްނުދެވޭނެކަން ޔަގީނެވެ. އައްމާރުގެ އަތަކީވެސް ޖާދޫއެކެވެ. އައްމާރުގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުން އެހެން ހުރިހާ ފިކުރުތަކުން ސަލާމަތް ފޮނި ނިންޖަކަށް ގެނބުނުއިރުވެސް އައްމާރު އޮތީ ނުނިދިފައެވެ. ބައެއްފަހަރު ސާރާގެ މޫނަށް ބަލަން އެހެން އޮވެވޭފަހަރު ގިނަވިއެވެ. ނިދާފައި އޮންނައިރު ވަކިން ރީއްޗެވެ. އެމޫނުގައި ބޮސްދެވުނެވެ. އަތުތެރޭގައި ބާއްވައިގެން އޮންނައިރު ދޭތެރެއަކުން ބާރަށް މޭގައި ޖައްސާލެވެއެވެ.

"ލަވް ޔޫ ބޭބީ. ލަވްޔޫ ސޯ މަޗް....."އައްމާރު ސާރާގެ ނިތްކުރީގައި ބޮސްދިނެވެ.

ނަބީލާވިލާގެ ކޮޓަރިއެއްގައި ކައިވެނިކުރަންވެގެން މޭޒު ތައްޔާރުކޮށްފައިވާއިރު އެގޭތެރެއިން މާގިނަ ބަޔަކު ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. ސިއްރުންކުރާ ކަމަކަށްވާތީ އިތުރު މީހަކަށް އެންގުމުގެ ބޭނުމެއް ނެތީއެވެ. ޝުވޭކާރު ދޮރުމަތީގައި ގާޒީންގެ އިންތިޒާރުގައި ހުރިއިރު އޭނަގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ފެނެއެވެ. ވިއްސާރަކަމުން ގާޒީންނަށް އައުން ފަސޭހަވާނެހެއްޔެވެ؟ ވައިގަދަކަމުން ވަށައިގެންވާހާ ގަސްތައް މުލުން ލުހެލާފާނެހެން ހީވި އެވެ. ވަންނިވަންނި ލަމުންދާ ހުދުރޮގުތަކެއްހެން ފެނިލާ ވިދުވަރުގެ އައްޔާއިއެކު ޖަހާލާ ގުގުރީގެ ސަބަބުން ބިރުން ފިތްކެނޑޭހާވިއެވެ. ޝުވޭކާރު ފެންޑާގައި ދެކޮޅަށް ހިނގަންފެށިއެވެ. ކައިވެނީގެ ފުރަތަމަ ރޭ މިހާ ބިރުވެރި ތޫފާނީ ރެއަކަށް އެވީ ކީއްވެހެއްޔެވެ؟ އެންގޭޖްމެންޓް ރޭގައިވެސް އެހާ ވިއްސާރައެވެ. އޭނަފަދަ ތަޢުލީމީ އަންހެނަކު މިފަދަ ވަހުމްތަކުގެ ޝިކާރައަކަށްވީ ކީއްވެބާވައެވެ. އަބަދާއަބަދު ބިރުގަނެ ހިތް ހާސްވަނީ ކީއްވެހެއްޔެވެ؟

"މަންމާ، ކޮބާ ދޮންބެ؟ ފޯނެއްވެސް ނުނަގާ........" ކާއިއާ ގޮވާލުމުން ޝުވޭކާރު އެނބުރި ބަލާލައިފިއެވެ.

ކޮމެންޓް 0