ޝުވޭކާރު އައްމާރުގެ ހިތް އަތުލަން ތަފާތު ގޮތްގޮތަށް ވިސްނިއެވެ. ސާރާ ހޯދައިގެން އެގެއަށް ގެނައުމަކީ އޭނަގެ މަގުސަދެވެ. ތައްޔާރުވެލައިގެން އޭނަ ނަބީލާމެން ދިރިއުޅޭގެއަށް ވަންނަން ދިޔައިރު ހިތުގައި ފޫހިކަމެއްވެސް ވިއެވެ. މިއީ އޭނަގެ ދަރިފުޅުގެ ހަޔާތް ބަރުބާދުކޮށްލި ނުލަފާ މީހުން ދިރިއުޅޭގެއެވެ. އެ އަންހެނާ ހޯދާފައި އެމީހާގެ މޫނުމަތި ނޮޅާލާފައި ސުވާލުކުރަން އޭނަ ބޭނުމެވެ. ނަމަވެސް އަމިއްލަ ކުށް ހަނދާންކޮށްފައި އެކަންތައް އެއްފަރާތްކޮށްލަނީއެވެ. އޭނަ ބެލް ޖެހުމުން ނުކުމެގެން އައީ ޖިދާން ފިޔަވާ ދެވަނަމީހެއް ނޫނެވެ. އޭނަ ހުރީ ނުލަފާ ހިންޏެއް އައިސްފައެވެ.

"އައްމާރުގެ މައިދައިތަ. ކާކުބުނާނީ ޒުވާން އަންހެންދަރިއެއްގެ މަންމައެކޭ............" ޖިދާންގެ ނަޒަރު ޝުވޭކާރުގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ދަތުރުކުރިއެވެ.

ޖިދާންފަދަ ޒުވާނަކު އެހާ ލަދެއްނެތި ބަލައިލިގޮތުންނާއި ވާހަކަ ހުރި މަގުން ޝުވޭކާރު ގަތީ ލަދެވެ. އޭނަ އައީ އެންމެ ބޭނުމަކުއެވެ. ޝުވޭކާރު މަންމަ ކޮބައިތޯ އަހައިލިއެވެ.

"މަންމަ ބަލިވެއުޅޭތީ ޑޮކްޓަރަށް ދައްކާލަންގޮސްފައި ވީ. މަންމަ ނެތަސް މެހުމާންދާރީ އަދާކުރަން މިހިރީ ބޮޑުސިންގާ ފިރިހެނެއް. އަޅުގަނޑަކީ އެމްޕީއަކަށްވިޔަސް ތިހާ މަތީ ފެންވަރުގެ އަންހެން ކަނބަލަކަށް ޚިދުމަތްކޮށްދިނުމަކީ ހަމަ އުފަލެއް، އިށީންނަވާ....." ޖިދާން ގޮނޑިއަކަށް އިޝާރާތްކޮށްލިއެވެ. ފޮނި ބޮޑާގޮތެއް މޫނުމަތިން ފެންނަން ހުއްޓެވެ.

"ތެންކިއު. އަސްލު މިއައީ އައްމާރުގެ ވައިފް ސާރާ އާއި ބައްދަލުކޮށްލަންވެގެން......" ޝުވޭކާރުގެ ޖުމްލައިން ޖިދާން ސިހޭގޮތްވިއެވެ. މި މީހުން ސާރާވެސް އައްމާރުގެ އަންބެއްގެ ގޮތުގައި ބަލައިގަންނަނީ ހެއްޔެވެ؟ އެހެންވެގެން ކަމަކުނުދާނެއެވެ. އެހާ ނަސީބު ރަގަޅު މީހަކަށް އޭނަވެގެން ނުވާނެއެވެ. އައްމާރު ރީތި ރީތި ދެއަންހެންކުދިންނާއިއެކު އުޅޭތަން ދެކޭކަށް އޭނަ ތައްޔާރެއްނޫނެވެ.

"ސާރާގެ ވާހަކަ އެހީމަ ބުނެފާނަން. އެއީ ފައްކާ ނާސިއެއް. މިހެން ބުންޏަސް ގަބޫލުނުކުރެވޭނެކަން ނޭގޭ. ހެކިވެސް ދައްކަފާނަން. މެޑަމް އިށީންނަވާ. މިގޭގައި ފައިންޕުޅު ބީއްސެވިކަމަށްޓަކާ ވަރަށް އުފާވެއްޖެ......" ޖިދާން އެއްލޯ މަރާލާފައި ދާން ހިނގައިގަތެވެ. ޝުވޭކާރު ރުޅިގަދަވެ ފަޅަފަޅައިގެންދާ ވަރުވިޔަސް ކެތްކުރިއެވެ. އޭނައަކީ ތިމާގެ މައިމީހާގެ އުމުރުގެ މީހެއްކަން ހަނދާން ނައްތާލާފައި އެއުޅެނީ މީހަކު ފޫހިނުވާ ވައްތަރަކަށް ނޫނެވެ. މިކަހަލަ މީހުން ކޮންމެ އުމުރެއްގެ އަންހެނަކު ފެނުނަސް ކަބިވާނެއެވެ. މާގިނަ އިރުތަކެއްނުވަނީސް ޖިދާން ކޮޓަރިން ނުކުމެގެން އައިއިރުވެސް ދެލޯ ޝުވޭކާރުގެ ހަށިގަނޑަކުން ކައްސައެއްނުލައެވެ. އޭނަގެ ލެޕް ގެނެސްފައި ޝުވޭކާރަށް ދައްކަންފެށީ ސާރާގެ ނިވާކަމެއްނެތް ހަށިގަނޑުގެ ފޮޓޯތަކެވެ. ފޮޓޯތަކުން ޝުވޭކާރުގެ ސިކުނޑިން ޖިދާންގެ "ފްލާޓް" ކުރުން ވަގުތީގޮތުން ހަނދާން ނެތިއްޖެއެވެ.

"އައްމާރު ދެން ވަރަށް އޯވާވާނެ، އެހާ ކައިންޑްވެގެން ކަމަކުނުދާނެ ދޯ. ސާރާ ކުރި ކަންތައް އެނގިހުރެވެސް ހަމަ ތިގޭ ޅީދަރިއަކަށް ހަދަން ގެންދަނީ، ވާއު، ގަބޫލެއްވެސް ނުކުރެވޭ، ހަމަ ތެދަށް މިބުނީ މަގޭ ރޫމްގައި ކިތަންމެ ރެއެއް ހޭދަކުރި. އެކަން އެންމެ ރަގަޅަށް ދެނެހުރި މީހަކީވެސް އައްމާރު. ޑިނައި ކުރިޔަސް. ތި ފެމިލީ ބަދުނާމުކޮށްފައި ސާރާ ހުއްޓާލާނީ، އައްމާރު ކައިރީ ބުނޭ އެގެއަށް ގެންނާކަށް ހުއްދަނުދޭނަމޭ. ގޭގެ މަލިކާއަށްވީމަ ހުރިހާ ޕަވަރެއް އެއް އޮންނާނެއްނު......." ޖިދާން ޝުވޭކާރަށް އޮޅުވަން ކުރި މަސައްކަތް ކާމިޔާބުވާންފެށިކަން އެނގުނީ އޭނަގެ މޫނަށް ހަދާލައިގެން އިންގޮތުންނެވެ.

ޝުވޭކާރަށް ނުވިސްނޭކަމަށް ހީކޮށްފައި ޖިދާން ޝުވޭކާރުއާއި ކައިރިވަމުން އައިސް ޖެހި ފިތޭގޮތްވިއެވެ. އަދި ކުއްލިއަކަށް ޝުވޭކާރުގެ ފައިގެ ފަލަމަސްގަނޑުގައި އިނގިލިން ބީއްސާލުމާއެކު ޖިދާންގެ ކަންކަށިމައްޗަށް އެރި ދިލަހޫނުކަމުން ޖިދާންއަށް ޝޮކެއްލިބޭގޮތްވިއެވެ. އޭނަ ހުރީ އެފަދަ ހަމަލާއަކަށް ތައްޔާރުވެގެނެއްނޫނެވެ. އަންހެނެއްގެ ފަރާތުން އެފަދަ ހަދިޔާއެއް ލިބުމުން ގަތްލަދު ފޮރުވަން އޭނަ ޖަހައިލީ ހިނިގަނޑެކެވެ. ހިތާހިތުން ޝުވޭކާރަށް އިންޒާރެއް ޖަހައިލުށްފަހު ތުންފަތުގައި އިނގިލި ހިންގާލަމުން ބަލަންހުރިއިރު ލޮލުގައި ނުލަފާ ވިދުވަރެއްވިއެވެ.

ޝުވޭކާރު އެގެއިން ނުކުމެގެން ދިޔައިރު އޭނަހުރީ ޖިދާންގެ އިތުރުން ސާރާދެކެވެސް އިންތިހާއަށް ފޫހިވެފައެވެ. ޝެހެނާޒްގެ ދަރިއަކަށްވިޔަސް އޭނަ ސާރާ އާއި ގަބޫލެއްނޫނެވެ. އައްމާރުއަށްޓަކާ ހޯދަދޭނީ ފުރިހަމަ އަންހެންކުއްޖެކެވެ. އަބުރު ގެއްލިފައިވާ ކުއްޖަކަށް ޅީދަރިއެއްގެ މަގާމުދޭކަށް އޭނަގެ ހިތް ދުވަހަކު އެއްބަހެއްނުވާނެއެވެ. ދެން ހުރީ ޖިދާންއެވެ. ޖިދާންވެސް ލަދެއްނެތި އޭނަގެ ގަޔަށް އަތްފޯރުކުރުވުމުން އައި ރުޅީގެ ސަބަބުން ބޭރަށް ނުކުތްއިރުވެސް ހަށިގަނޑުވަނީ ހޫނުވެފައެވެ. މާހައުލުވެސް އެހާހޫނެވެ. ދިލަ އާތްވެއް ވައިގާ ހިފާލާފައިވިއެވެ.

ކާއިއާގެ ބޮލަށް ސަވާރުވެފައިވާ އިޝްގުގެ ބަލިމަޑުކަން މަޑުމަޑުން ނެތިގެންގޮސް އައްމާރުއާއިމެދު އެހެން ނަޒަރަކުން ދެކެން މަޖުބޫރުވިއެވެ. ރަގަޅަށް ވިސްނެން ފެށުމުން ލަދުން މަރުވާވަރުވިއެވެ. ކޮޓަރި ތަޅުލައިގެން އިނދެ އެހެންމީހަކަށް ފެންނަންވެސް އޭނަ އިންކާރުކުރިއެވެ. ނުކައި ނުބޮއި އަމިއްލަ ޖިސްމާއި ފުރާނައަށް ގެއްލުން ދޭން އޭނަ ބޭނުންވާހެން ހީވިއެވެ. ފޯނު ނިއްވާލައިގެން އޮވެ އޭނަ އެނދުގައި އެހެން އޮވެ ހިތާމަކުރުން ނޫންކަމެއް ނުކުރެއެވެ. ކަރުނަތައްވެސް ހިނދުނީބާވައޭ ހިތަށް އެރިއެވެ. ނުއެއް ރޮވެއެވެ.

"މިހިސާބުން އަހަރެންގެ ދިރިއުޅުން ނިމުނީ، ދެން އަލުން މިހިތަކަށް އުފަލެއް ނުލިބޭނެކަން ޔަގީން، ކިހާ އުއްމީދެއްކުރިން، ޖޮބަށް ގޮސްފައި އެހެން އަންހެންކުދިން ފަދައިން ރީތި ދިރިއުޅުމެއް ހޯދަން. އެކަމަކު މިވީ ކިހިނެއްތަ؟ ލަދުން މަރުވެދާނެ. ހިތާމައިން ހިތް ހަލާކުވެއްޖެ. ކާކަށް އަންޑަސްޓޭންޑްވާނީ މިހިތުގެ ހާލު. ކީއްވެ މިހެން ވާންވީ؟ މަންމަމެން އެހެން ކަންތައްކުރީ ކީއްވެތަ؟ ކުރިން އެނގުނުނަމަ.......ކީއްވެ އަހަރެމެން ވިކްޓިމްސް އިންނަށް ވީ؟ " ކާއިއާ ސީލިންއަށް ބަލަން އޮތީ ކަޅިވެސް ޖަހާނުލައެވެ.

"ރަގަޅުވާނީ އަމިއްލައަށް މަރުވީމަ. އެހެންގޮތެއް ނެތް، މިއީ ހަމަ ދުނިޔޭގެ ހެލް. އެކަކުވެސް ނެތް އެހީވާކަށް. މަރުވީމާކަން ނޭގޭ އެންމެންގެ ހިތަށް ހަމަޖެހުމެއްލިބޭނީ، މަންމަމެން ލޯބިވިނަމަ މިހެނެއްނުވާނެ، ދަރިންދެކެ ލޯބިވާ މަންމައަކާއި ބައްޕައެއްނޫން އަހަންނަށް ލިބުނީ، ފޭކް ލޯބި. ހައްތަހާ ފޭކް މީހުން. ތެދުވެރި ލޯތްބާއި އަޅާލުމަކީ ދުނިޔޭގައި ލައްވާފައިވާ އެއްޗެއްނޫން. ލޯބި ކިޔާ އެއްޗެއް ވާނަމަ މިގޮތަކަށް ނުވާނެ. ދިސް ލައިފް. މިހާރު ދުނިޔެއަކު ނެތް އިތުރަށް ބޭނުން އެއްވެސް އެއްޗެއް. އައިމް ނަތިން. ޔޫޒްލެސް. ނޯ ވަން ލަވްސް މީ. ހެއްދެވިފަރާތުންވެސް ލޯބިވާނަމަ މިހާ ދެރަގޮތެއްނުވީސް، ދުނިޔޭގެ އެއްވެސް އަންހެންކުއްޖަކު ބޭބެ ދެކެ ލޯބިވާނެތަ؟ ނުވާނެ. ކީއްވެ ބޭބެދެކެ ލޯބިވާންވީ؟ އެހެން މީހުންނަށް އެ ހަގީގަތް މިހުރިހާ ދުވަހު އެނގިފައި ނެތަސް ގޯޑް ނޯސް، ދެން މިހާ ދެރަގޮތެއް މެދުވެރިނުކުރެއްވިނަމަ............" ޚިޔާލުކުރިވަރަކަށް އޭނަގެ ސިކުނޑި މިސްރާބުޖެހީ މޮޔަ ދިމާލަކަށެވެ. ހިތާމަތަކާއި ދެރަގޮތްގޮތް ވުމަކީ އިމްތިހާނެއްކަން ނޭގި ހިތް ޝަކުވާއިން ފުރެމުން ދިޔައީއެވެ. އިންސާނާއަށް މުސީބާތްޖެހޭ ވަގުތު އަދި ބިރުގަންނަ ވަގުތު ޝައިތާނާ ސިކުނޑިއަށް ވަސްވާސްދީ ކުފުރާއި ދިމާލަށްވެސް ގެންދާންފަށައެވެ. އެއީ އީމާންތެރިކަން ބަލިކަށިވުމުން ވާ ގޮތެވެ. ކާއިއާވެސް ދީނާއި ދުރުކަމުން އެކުއްޖާގެ ވިސްނުމާއި ފިކުރުވެސް ދިޔައީ އެންމެ ނުބައި ދިމާލަށެވެ.

ވަޒީފާއަށް ދާހިތް ނުވިޔަސް އައްމާރު ގަދަކަމުން ހިތަށް ވިސްނައިދީގެން މިތަނަށް އައީ ފައިސަލްމެންގެ ކުންފުންޏެއްގައި މަސައްކަތްނުކުރަން ވެގެންނެވެ. އައްމާރު އޮފީހަށްގޮސް އޭނަގެ ކެބިނާއި ދިމާލަށް ހިނގައިގަތްއިރު ގިނަ އަންހެންކުދިން ތަކެއްގެ އަމާޒު އޭނައަށް ހުއްޓުނުތަން ފާހަގަވިއެވެ. ތުއިވެލާފައި އެކަކު އަނެކަކު ކައިރީގައި ދެއްކީ އޭނަގެ ވާހަކަކަން އެނގުނެވެ. އެކުދިންގެ މޮޔަކަމާއިމެދު އޭނަ ހިނި އައެވެ. އޭނައަކީ ކާކުކަން އެނގޭނެނަމައެވެ. އޭނަގެ ހަޔާތަށް އައި މީހަކަށްވެސް ސުންޕާކަމުގެ ހިޔަނި ނޭޅިއެއް ނުދާނެއެވެ.

އެމްޑީގެ ކެބިނަށް އޭނަ ދާންޖެހިގެން ގޮސް ވަނުމާއިއެކު ދެލޯބޮޑުވެގެން ދިޔައެވެ.

"ބްރޯ. ސަޕްރައިޒެއް ދޯ ލިބުނީ، މަ ހަމަ ސިއްސުވާލާހިތުން ދުރުދުރުން އުޅުނީ. އިމީގެ ނަން ފެންނައިރަށް މަ ބުނިން އެހެން މީހުނާއި އިންޓަވިއު ކުރާނެކަމެއްނެތޭ، އެނގެއެއްނު އިމީ ހުއްޓާ އެހެން މީހަކަށް މި ޖޮބް މަ ނުދޭނެކަން. ސޯ ފަސްޓް ޑޭ ކިހިނެއް؟ އައިމް ސޯ ގްލޭޑް އިމީ މިތާ ވޯކް ކުރަންފެށީމަ....." ސަބީ ތެދުވެގެން އައިސް އައްމާރުގެ ކޮނޑަށް އަތް ވައްޓައިލިއެވެ. އެކުވެރިންނާއި އާއިލާގެ މުހިއްމުކަން އެނގެނީ މިފަދަ ވަގުތުގައެވެ. ސަބީއަކީ ކުރިންވެސް އޭނައަށް ތަފާތުގޮތްގޮތުން އެހީތެރިވެދިން ހެޔޮއެދޭ އެކުވެރިއެކެވެ. ދުރުން އުޅެންފެށީވެސް އައްމާރެވެ. ޝަކުވާކުރުމުގެ ހައްގެއް އޭނައަކަށް ނެތަސް އެހެން ބުނެލަން ޖެހޭނެއެވެ.

"މިހުރިހާ ދުވަހު ޚަބަރެއްނުވެ ކޮންތާކު އުޅުނީ؟ " އައްމާރު އަހާލިއެވެ.

"އެތަންމިތާގައި ހަމަ ދަތުރުކޮށްލީ. މީހަކާއި ދެވާ ވާހަކަ ފެށީމަހިތަށް އެރީ އޭގެ ކުރިން އެކުވެރިންނާއިއެކު ބުރު ތަޅާލާނީއޭ. އަންހެނަކާއި ޖެހުނީމަ ދެން އެކުވެރިންނާއިއެކު އުޅެވުނަނުދޭނެ. ފްރެންޑުން ބުނާގޮތުން ވިއްޔާ ފާޑަކަށް ބަދެލާފައި ބަހައްޓާނީ. އެހެން ބުނީމަ ހަނދާންމިވީ. އިމީ ގެ ގާލްސް ކޮބާތަ؟ " ސަބީ އާދައިގެ ގޮތަކަށް އަހާލިއެވެ.

"އެކަންތައް ނިމިއްޖެ....." އައްމާރުގެ ދެލޮލުން ކޮންމެވެސް ކަހަލަ އަސަރުތަކެއް ފެނުނެވެ. އޭނަގެ ވާހަކައިން އައްމާރުއަށް އުދަގޫތަކެއްވެއްޖެކަން ޔަގީނެވެ.

"ވާއު، ކާމިޔާބޭ ދޯ. އެހާ ޅައުމުރުގައި ދެ އަނބިން ގެންގުޅުނީ. ދެރައީ އެކަން ނިމުމަކަށް އައިކަން. ބަޓް ޑޯންޓް ވޮރީ އަދި ދުނިޔެއިން އަންހެނުން ހުހެއްނުވޭ. އިމީ އަދި ވާހަކައެއް ބުނަންތަ؟ ޔޫ ލުކް ސޯ ސްމާޓް. މިތާ އަންހެންކުދިން ހަމަ މޮޔަވާހާ ވަރުވޭ....." ސަބީ ހިނިގަނޑެއް ޖަހައިލިއެވެ. ދެމީހުން އިރުގަނޑެއްވާންދެން ވާހަކަ ދައްކަން ތިބެފައި އައްމާރުގެ އަތުގައި ފޯނެއްނެތްކަން އެނގިގެން ސަބީ ދޫނުކޮށް ފޯނެއް ގަނެދިނެވެ. ގަނެދިނީވެސް އައިފޯނެކެވެ. އެހާ އަގުބޮޑު އެއްޗެއް އޭނަ ބޭނުމެއް ނުވިޔަސް ފޯނެއްގެ ބޭނުންތެރިކަމުންނާއި ސަބީގެ މަޖުބޫރުކުރުމުގެ ސަބަބުން އެހެން ގޮތެއް ނެތެވެ.

ކުރީގެ ސިމް އަލުން ނަގަން އުޅެފައި އައްމާރު ގަސްތުކުރީ އާ ސިމެއް ނެގުމަށެވެ. މާޒީއާއި ދުރަށް ދުވުން ނޫންގޮތެއް މިއަދަކު އޭނައަކަށްނެތެވެ.

އައްމާރު އޮފީހުން ނުކުމެގެން އައީ ފޯނާއި ކުޅެމުންނެވެ. އަވިގަދަކަމުން ލޮލުގައި އައިނު އެޅުމަށްފަހު ހިނގައިގަތްތަނާ ކައިރިއަށް އައި ކާރެއް މަޑުކޮށްލާފައި ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލައިފިއެވެ.

"އިމީ....." ކިޔަން ގޮވާލުމުން އަޅާނުލާ އައްމާރު ކުރިއަށް ހިނގައިގަތެވެ.

އިރުކޮޅެއްނުވެ ކިޔަން ކާރު ޕާކްކޮށްލާފައި އޭނަގެ ފަހަތުން އައިސް އަރާހަމަކުރިއެވެ. އައްމާރު އެތަނުގައި ހުއްޓިލަމުން ލޮލުގައިވާ އަވި އައިނުނެގިއެވެ.

"އަހަރެންދެކެ ރުޅިއަންނަންވީ ސަބަބަކީ ކޮބާ؟ އައި ޑިޑްންޓް ޑޫ އެނީ ތިންގް ރޯންގް އިމީ. މަންމަމެން ކުރި ކުށެއްގެ ސަބަބުން އަހަރެމެން ވަކިވާން ޖެހޭނެކަމަކަށް ގަބޫލެއްނުކުރަން. އިމީ މިއައީ ވާހަކައެއް ބުނެލަން......"ކިޔަން ހުރީ ބޭބެއާއި ހަތަރުކަޅި ހަމަކުރަން އުދަގޫވެފައެވެ. އައްމާރުއަށް ހަގީގަތް އެނގުމަށްފަހު ގެ ދޫކޮށްލާފައި ދިޔުމުން އެންމެނަށް ލިބިފައިވަނީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.

"އަހަރެން މިހިރީ އަޑުއަހަން..." އައްމާރު ފަރުވާކުޑަގޮތަކަށް ކިޔާލައިފިއެވެ.

"ކާއިއާވެސް ވަރަށް ބަލި، ކޮޓަރިން ބޭރަށް ނުނިކުމޭ، މީހަކާއި ވާހަކައެއް ނުދައްކާ. މަންމަގެ ހާލު އެހާ ބޮޑު، ބައްޕަވެސް އޮފީހަކަށް ނުދުރުވޭ. އިމީ ފެނިލީމަ އެންމެން ހަމަޖެހިދާނެކަން ނޭގޭ......" ކިޔަން ބުނެލިއެވެ.

"މިހުރިހާ ދުވަހުވެސް އެންމެން އުޅުނީނު، އަހަންނެއް ނެތިން، ދެން ކީއްވެތަ މިހާރު؟ " އައްމާރު ބުމަގޮށްޖަހައިލިއެވެ.

"އޭރާއި މިހާރު ހާސްބައި ތަފާތުކަން އިމީއަށް އެނގޭނެ....." ކިޔަން ހުރީ ފިނިވެފައެވެ. އައްމާރު ނޫނެކޭ ބުނެފާނެތީ ހާސްވެފައެވެ. އޭނަމިއައީ ވަރަށް ބޮޑު އުއްމީދަކާއިއެކުގައެވެ.

"ވެލް. އެންމެނަށް އެނގޭނެ އަހަންނަށް އެގެއަށް ދިޔުން ފަސޭހަނުވާނެކަން، ކިޔަން ވިސްނާދޭންވީނު، އަހަރެން އަދި މަރެއްނުވޭ، މަރުވީ ދުވަހަކުންތާ ތިހާ ބޮޑު ހިތާމައެއްކުރަންވީ. ގޮސް ބުނޭ އަހަރެން ދުނިޔޭގައި އެބަހުއްޓޭ. އެންޑް ޖޮބެއްވެސް ލިބިއްޖެއޭ. ފޯނު ވަގަށް ނެގީމަ އައި ފޯނެއްވެސް މީހަކު ހަދިޔާކޮށްފި. ވީމަ އަހަންނަށްޓަކާ އެއްވެސް މީހަކު އަދި ކަންބޮޑުވާކަށް ނުޖެހޭ....." އައްމާރުގެ ވާހަކަތަކުން ކިޔަން އަށް ހީވީ މަލާމާތްކުރީ ކަމުގައެވެ. އޭނަ ލައިގެން ހުރި ޑިޒައިނަރ ޓީޝާޓު ބޫޓު އަދި އަތުކުރީގައިވާ އަގުބޮޑު ގަޑި ފެނުމުން އައްމާރު ހިތްހަމަނުޖެހުނީ ކަމަށެވެ. އައްމާރު އެހެން ވިސްނަންވީ ކީއްވެހެއްޔެވެ؟ މިހާރު އޭނަގެ މައިންބަފައިންގެ މުދަލަކީ އައްމާރުގެ ވެސް އެއްޗިއްސެވެ.

"ޕްލީޒް........" ކިޔަން އާދޭސްކުރިއެވެ.

އައްމާރު ހުރީ ބުނާނެ އެއްޗެއް ނޭގިފައި ބަލާށެވެ. ދެފިކުރެއްގައެވެ. އޭނަގެ "އެންޖެލިކް" ބައި ގަދަކޮށްލަން އުޅޭއިރު އޭގެ އިދިކޮޅުބައި އެހެންގޮތަކަށް ވިސްނާދޭން އުޅުނެވެ.

"އިމީއަކީ އެހާ ގޯސްމީހެއްނޫން. އަބަދުވެސް ކައިންޑްހާޓެޑް ކަމަށް ފާހަގަކުރެވޭ. އެހާ ސްވީޓް......"

"ދެން ގޯނިފުލަށް ނުލިޔަސް އެންމެރަގަޅޭ، ތިހާވަރަށް އާދޭސްކުރަންޏާ ގޮސްދާނަން. އެކަމަކު އެހާވަގުތެއްނެތް. ވަދެލާފައި އަންނަގޮތަށް....." އައްމާރު ގޮތެއް ނިންމިއެވެ. ކިޔަންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ސާރާ އާއި ނީޒާ ބާޒާރުކޮށްލައިގެން ކޮތަޅުތައް ހިފައިގެން ނުކުތްއިރުވެސް ހޫނުކަމުގެ އިންތިހާއެވެ. އޭސީން ނުކުމެވުމާއިއެކު އަވަނަކަށް އެރުނުފަދައެވެ. ދިލަ އާތްވެކެވެ. ސާރާގެ ދޮން ނިތްކުރީގައި ދާތިކިތައް އެތުރިފައި ހުއްޓެވެ. އޭނަ އަނެއްފަޅިއަށް ބަލައިލިއިރު ފެނުނީ އައްމާރުއާއި ކިޔަން ވާހަކަދައްކަން ތިބި މަންޒަރެވެ. އައްމާރުގެ ސްމާޓްކަމާއި ރީތިކަން ފެނުމުން ހުއްޓުން އަރާފައި ހުއްޓާ ބަލާވެސް ނުލާ ކިޔަންގެ ކާރަށް އެރިތަން ފެނުނެވެ.

"ޔަގީނޭ ކާއިއާގެ ބައްޕަގެ އޮފީހެއްގެ އިސްވެރިއަކަށް އިމީ ހުންނާނީ، ކިހާ ލަކީ، އަހަރެން މަތިން އިމީ ފޫހިވީކަން ނޭގޭ، ދެން އެހާ ޒުވާން އުމުރުގައި ދެއަނބިން ގެންގުޅޭކަށް އޭނަވެސް ބޭނުމެއްނުވާނެ، އަދި އެ ފެމިލީއިން ވެސް މަޖުބޫރުކުރީކަމަށްވާނީ، އަހަރެން އެހާވަރަށް ގުޅީމަ އެންމެ ފަހަރަކު ޖަވާބެއްދިންނަމަ، އިމީ ކިހިނެއްތިހެދީ؟ ހާދަ ދެރަވެއޭ، ހިތްހަލާކުވާވަރުވޭ، މިދަރިފުޅަށްޓަކާ އެހާ އާދޭސްކުރީމަވެސް ބުނަން އެގުނީ ދަރި ވައްޓާލާށޭ ބޭނުމެއް ނޫނޭ. ދެން ދުވަހަކު އިމީއަށް އުދަގުލެއްނުކުރާނަން، ދުވަހަކު ކަމަކު ނުބުނާނަން. މިދަރިފުޅަކީ އިމީގެ ލޯބީގެ ނިޝާނެއް، އިމީ ތިހެން ހެދިކަމުގައި ވިޔަސް ދުވަހަކު ލޯބި ފޮހެވިގެނެއްނުދާނެ، ވަރަށް ލޯބިވޭ، އަބަދަށް ލޯބިވާނަން. ދަރިފުޅަށްވެސް ފޮޓޯ ދައްކާފައި ބުނާނަން ދަރިފުޅުގެ ލޯބިވާ ބައްޕައޭ............" ސާރާ ހިތާހިތުން ވާހަކަދެއްކިއެވެ. އަދި ލޮލުގައި ކަރުނަ ވިދަންފެށުމުން އަތުގެ ނުފުށުން ފޮހެލިއެވެ. އޭރު ނީޒާ އުޅުނީ އަތްމަތި ބަރުކަމުން ކާރެއް ހޯދުމުގައި އަވަދިނެތިއެވެ. ސާރާއަށް ވެފައި ހުރި ގޮތެއް އޭނައަކަށް ނުވިސްނުނެވެ.

"ހުވާ ރުޅިއާދޭ، މި މާލޭގަނޑުން ކާރެއް ލިބޭކަށްވެސް ނޯވޭ. ކިތައް ކާރު ގޮސްފި. މާރަގަޅުވާނެ ދަމާ ގާޑިޔަލެއް ހޯދައިގެން އެއްޗެހި ލައިގެން ދުއްވާފައި ދިޔައްޔާ...." ނީޒާ ކުދި ކިޔާލަކިޔާލާ ހުއްޓެވެ.

"ގެ އެހާ ދުރެއްނޫނެއްނު، ނީޒް، ހިނގާ ދަމުން ދަމުން ކާރެއް ފެނިއްޖެއްޔާ ހުއްޓުވާނީ...." ސާރާ ކުރިއަށް ދާންފެށިއެވެ.

"ހާދަ ބަރޭ. މަންމަގެ ޝޮޕިން ލިސްޓް ބަރުކަމުން. ނީޑް އެ ވީލް ބަރޯ......" ނީޒާ ވައްތަރެއް ޖައްސައިލިއެވެ.

"ހެހެ..." ސާރާ ކުޑަކޮށް ހީލިއެވެ. ސާރާ އެހާ ވިސްނުމަކާއި ނުލައި މަގު ހުރަސްކުރަން އުޅުނުތަނާ އެހެން ލާފައި ރޭސްޖަހާފައި އައި ސައިކަލެއްގައި އަޅައިނުގަތީ ހަމަކިރިޔާއެވެ. ނީޒާ ހަޅޭއްލަވައިގަތެވެ.

"ސްޓުޕިޑް، ހަމަތެދެއް ބިރުން ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ.. މަގު ހުރަސްކުރާއިރު އަބަދު ބަލައިގެން އުޅޭކުއްޖާއަށް ކިހިނެއްވެފައި ތިހިރީ......" ނީޒާ ދެރަވިވަރުން ސާރާގެ އަތުގައި ބޮނޑިއެއް އެޅިއެވެ. ސާރާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ތެދެކެވެ. އޭނަގެ ޚިޔާލާއި ހިތްވަނީ އައްމާރުއާއި އެކުގައެވެ. ނީޒާގެ ވާހަކައަށް ހީލިކަމުގައި ވިޔަސް ވިސްނީ އައްމާރުއާއި ދޭތެރޭގައެވެ. އެކްސިޑެންޓްވާން އުޅުނީވެސް އަމިއްލަ ނަފުސާއިމެދު އިހުމާލުވެވުނީވެސް އެހެންވެއެވެ.

ގެއަށްގޮސް ރޭގަނޑަށް ކެއްކުމުގައި މަޝްޣޫލުވެ އުޅުނީ ފިކުރުތަކާއި ދުރުވުމަށެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވިއެވެ. ހުރިހާ ކަމަކުން ނިމިގެން ކޮޓަރިއަށް އައިސް މާމައާއިއެކު އެކަނިވާއިރަށް ސާރާ މާމައާއި ދެއްކީ އައްމާރު ފެނުނު ވާހަކައެވެ.

"މާމަގެ އައްމާރު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެނީ، ވަރަށް އުފަލުން ހުންނަނީ، ރީތި ރީތި އަންބެއްވެސް ހުރޭ. މާމަވެސް ވަރަށް އުފާވޭ ދޯ....." ސާރާ އެހެން ބުނާއިރަށް މާމަ މައުސޫމްގޮތަކަށް ހޭންފެށިއެވެ. ނަމަވެސް ލޮލުން ކަރުނަވެސް އައެވެ. މާމައަށް ކޮންމެވެސް ވަރަކަށް އެނގެނީހެއްޔެވެ؟ އައްމާރު ނާންނާތީ މާމަ އެކަމާ ހިތާމަކުރަނީބާވައެވެ. އެންމެ ރަގަޅުވާނީ އެހެން ވާހަކައެއް ފެށީމައެވެ.

"މާމަގެ ދެ އަންހެންކުދިން....." މާމަ ހަނދާންކުރާ ކަހަލަ ގޮތަކަށް ދެލޯ ކުޑަކޮށްލިއެވެ.

"ޒަކާ އާއި އީމާތަ؟ އެކުދިންވެސް އޯކޭ....." ސާރާ މާމައާއި ވާހަކަދައްކަން އިނދެލާފައި މާމަ ނިދަން ބާއްވާފައި ރަޖާއަޅާލަދިނެވެ. ފާޚާނާއަށް ދާން ހިނގައިގަތްތަނުން މާމަ މާ ބާރަކަށް އެނދުން ފައިބައިގެން އަންނަތަން ފެނިފައި ސާރާ ހާސްވިއެވެ. މާމަ އިޝާރާތްކޮށްފައި ބުނީ ކޮޓަރިތެރޭގައި ހަންޑިއެއް އެބަހުރިކަމުގައެވެ. ސާރާއަށް ވިސްނުނެވެ. ޑިމެންޝިއާގެ ސަބަބުން ނެތް އެއްޗެހި ފެނި އަޑުތައްވެސް އިވޭނެއެވެ. ސާރާ މާމަގައިގާ ބައްދާލައިގެން ނިދެންދެން އޮތުމުން މާމަ އޮތީ ނިކަން ހިތްހަމަޖެހިފައެވެ.

އައްމާރު ކިޔަންގެ ފަހަތުން ވަނީ ހިތާއި ދެކޮޅަށެވެ. މިގެއިން ކުރިމަތިވެދާނެ ކަމަކަށްޓަކާ އޭނަ ބިރުގަނެއެވެ. އެއްފަރާތުގައި ޕާކުކޮށްފައިވާ ކާރު ފޮހެން ހުރިމީހާ އައްމާރުމެން ފެނުމުން ހިނިތުންވެލިއެވެ. ގޭގެނޯކަރުންނާއިވެސް ގުޅޭ ހިތްހެޔޮ ޒުވާނުންނަށްވުމުން އެންމެންނާއި ވެސް ވާހަކަ ދައްކާ ހަދާތީ ދުރުކަމެއް ނެތެވެ.

"ކިޔަން، ކޮބާ ބޭނުމަކީ، މިގޮތަށް މިގެއަށް ގެނަޔަސް އަހަރެންނާއި ކިޔަންގެ މަންމަމެންނާއި ދޭތެރޭގައި އޮތް ގުޅުން އޮންނާނީ އެއް ހިސާބެއްގައި، ވީއިރު ނޭގޭ ...." އައްމާރު ހީވަނީ ގޮތުގައި ހިފަހައްޓަން މަސައްކަތްކުރާހެންނެވެ. މަންމަމެންގެ މަގާމު ދީނުގައި އޮތްގޮތް އެނގުނަސް މިފަދަ މަންމަމެންނަށް ހިތްހެޔޮކޮށް ކަމޭހިތަންވާނެބާވައެވެ. އޭނައަށް އެ ސުވާލުގެ ޖަވާބުއެނގެއެވެ. މައިންބަފައިން ދަރިންގެ ހައްގުތައް އަދާނުކުރުން އެއީ އެމީހުންގެ ކަމެކެވެ. ދަރިން މައިންބަފައިންނަށް ހެޔޮކޮށް ހިތަންޖެހޭނެއެވެ. ކޮންމެ ހާލެއްގައިވެސް ވެއެވެ. ކުއްލިއަކަށް ހަނދާންވީ އޭނަގެ މާމައެވެ. މާމަ ދަރިފުޅަށް ދިން އަނިޔާތަކެވެ. ނަބީލާ އެކަމުގެ ބަދަލުހިފި ނުބައިގޮތެވެ. އޭނަވެސް ދަސްކުރަންވީ ނަބީލާ އުޅުނު ގޮތްތައްހެއްޔެވެ؟

އައްމާރުގެ ހިތަށް ބުނެދޭންނޭގޭ ފަދަ ގޮތްތަކެއް ވެގެން ދިޔައެވެ.

ކޮމެންޓް 0