ޝުވޭކާރު އިސްތަށިގަނޑުގައި ފުނާއަޅަން އިންދާ ފައިސަލް ފޯނު ހިފައިގެން ބެލްކަންޏަށް ނުކުތެވެ. ޝުވޭކާރުގެ ކަންފަތް ރަގަޅަށް ހުޅުވާލައިގެން އިންއިރުވެސް ވައިރޯޅިތައް ބާރުކަމުން ކިޔާ އެއްޗެއް ދޭހައެއްނުވިއެވެ. އެދައްކާ ވާހަކައަށް ކިތަންމެ ވަރަކަށް ޝއުގުވެރިވިނަމަވެސް މިފަހަކަށް އައިސް ފައިސަލްގެ ހުރިހާކަމެއް އޭނައަށް ސިއްރުވެ ބީރައްޓެއްސެކޭ ތަފާތެއްނެތެވެ. ޝުވޭކާރު ރީތިވެލުމަށްފަހު ތެދުވުނުތަނާ ފައިސަލް އަރާ ހަމަވެފައި މޫނަށް ވީއްލައިލި އެތިފަހަރަކުން ކުދިކޮކާތައް ބުރައިގެން ދިޔަހެން ހީވިއެވެ. ވީތަދާއިއެކު ކަންކަށިމަތީގައި ފިރުމަން ހުރިއިރު ދެލޮލަށް ކަރުނަވެސް ބޮނޑިވެގެންފިއެވެ.

"ބޭނުންވި އެތި ހެދިފައެއްނު މިއޮތީ. ޖިޔާދު އަންގަނީ ނަބީލާކިޔާ އަންހެނެއްގެ ދެފިރިހެންދަރިންގެ ޑީއެންއޭ ޓެސްޓް ހަދަން......" ފައިސަލްގެ މޫނުމަތީގައިވި ރުޅިވެރިކަމުން ޝުވޭކާރުގެ ހިތް ބިރުން ރޫރޫއަޅައިގަތެވެ. ނަބީލާއޭ ބުނުމުން އެވަގުތު ވިސްނުމަކަށް އެއްޗެއްނައެވެ.


"ކޮން ނަބީލާއެއް؟ "ޝުވޭކާރު ސިހިފައި އަހައިލިއެވެ.

"އައްމާރުއާއި އޭނަގެ ބޭބެ. އެބުނާ ނައީމާގެ ފިރިހެންދަރި ބަލާބޮޑުކުރި މީހަކީ ނަބީލާކަމުގައި ވަނީ. ތި ސްޓުޕިޑް އަންހެނާއަށް ވިސްނިއްޖެތަ؟ މިވާންއުޅޭ އެއްޗެއް ރޭކާލައިފިތަ؟ އެކަކީ އަހަރެމެންގެ އަންހެންދަރިއެއްގެ ފިރިމީހާ، ދެން ހުރީ ކުށްވެރިއެއް. ގާތިލެއް. އެއިން އެކަކުވެސް އަހަރެމެންގެ ދަރިއަކަށްވާން ބޭނުންވާނެތަ؟ ހުރިހާވެސް ނުބަޔެއްހެދި މީހަކީ ތިއީ.........." ފައިސަލް ވާހަކަދައްކަމުން ދިޔައިރު ޝުވޭކާރު ހުރީ ބުދެއްހެން ގަނޑުވެ ހަރަކާތެއްކޮށްލަންވެސް ނޭގިފައެވެ. މޫނު ކަފަކޮޅެއްހެން ވެ އޭނަ އަނބުރައިގެންފާނެހެން ހީވި ދަނޑިވަޅެއްވެސް ދިޔައެވެ. ނިތްކުރީގައި ވިދަވިދާހުރި ފިނިދާތައް އޮބިގެން ދިޔައިރު ޝުވޭކާރު ފާރުގެ އެހީ ހޯދައިފިއެވެ. ކުރެހުން އަޅާފައިވާ ފާރަށް ލެނގިލައިގެން ހުރިއިރު އޭނަގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. ފައިސަލްގެ ވާހަކަތައް ސިކުނޑީގައި ޖެހިގަތްގޮތަށް ހަލަބޮލިވެގަތެވެ.

"އިޓްސް ނޮޓް ޕޮސިބަލް، އެހެންވެގެން ނުވާނެ...." ޝުވޭކާރު ތުންތަޅުވައިލިއެވެ.

"އެއޮތީ ވެފައެއްނު. ފާފައިގެ މައްޗަށް ފާފަ ކޮށް ނަސްލު އޮޅުވައިލިއިރު މިކަހަލަ ދުވަހެއް އައިސްދާނެކަމަށް ހިޔެއްނުކުރި........" ފައިސަލް ކިތަންމެ ރުޅިގަދަވެފައިހުއްޓަސް އޭނަގެ ހިތާމަތައްވެސް މާ ބޮޑުވިއެވެ. އަދިވެސް އޭނަ ގަބޫލުކުރަނީ އެއީ ޖިޔާދުއަށް އެރި އޮޅުމެއްކަމަށެވެ. އެއީ އެހެން ނަބީލާއަކަށްވެސް ވެދާނެއެވެ.

"ފޭޓް މިހާ ކްރުއެލްއެއް ނުވާނެ......" ޝުވޭކާރުގެ ހިތުގައި މީހަކު ހިފާ ބާރުކުރަމުންދާފަދަ އިހުސާސްތަކެއް ކުރެވުނެވެ.

"ތިމާ އަމިއްލައަށް އުޅުނުގޮތް ހަނދާންކުރަންވީނު، އަމިއްލަ ޗޮއިސް އޮތެއްނު..." ފައިސަލް ކުށްވެރިކުރިއެވެ.

"ކޮންމެ ފަހަރަކު ކުށްވެރިވާނީ އަންހެނާ. ފިރިހެނާ ފާފައިގެ އަނެއް ކޮޅުގައި ހިފާފައިވެސް އެކަން އޮންނާނީ ފޮރުވިފައި. އަންހެންމީހާގެފައިސަލް ކުރި ކުށެއް މިހާރު ހަނދާނެއްނެތް................." ޝުވޭކާރު އަމިއްލަ ނަފުސްގެ ދިފާއުގައި ވާހަކަދެއްކިޔަސް އޭގައި އެހާ ބުރަދަނެއްނެތްކަމަށް އަމިއްލައަށް ގަބޫލުކުރެވުނެވެ. ފައިސަލް ދަރިފުޅު އެއްލާލުންފަދަ ނުބައިކަމެއް ނުކުރޭ ނޫންހެއްޔެވެ؟ އެގޯސްހެދީ އޭނައެވެ.

"އަހަރެން ފިރިހެނަކަށްވެ ހުރެވެސް ތުއްތު ކުއްޖަކު އެއްލާލާކަށް ނުކެރޭނެ. އަމިއްލަ ބަނޑުގައި އަޅާވިހޭ މައުސޫމް ދަރިފުޅަށް އެހާ އަނިޔާވެރިވެފައި އަދި އަހަރެން ކުރިކުށުގެ ވާހަކަ ދައްކަން އަނގަ ހުޅުވާލަން ކެރިއްޖެއެއްނު. ޝޭމް އޮން ޔޫ.........ޑޮކްޓަރެއްގެ ނަމުގައި ހުރެ މީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާއިރު އަމިއްލަ ފިރިހެން ދަރިއަށް ކޮންފަދަ އިހާނެތިކޮށް ކަންތައްކުރީ. މިކަން ބޭޒާރުވާއިރަކުން ބަދުނާމުވާނީ ކާކުތަ؟ ލަދުން ބޯ ހަލާކު. އެޓްލީސްޓް އަހަރެން ދުޢާކުރަން އެއީ އައްމާރުއަށް ނުވާނެކަމަށް. އޭރަށް އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވެ ނިމިގެންދާނީ......" ފައިސަލް ބުމަ ގޮށްޖަހާލައިގެން ހުރެ ނުކުމެގެން ދާން ހިނގައިގަތެވެ.

ޝުވޭކާރު މާޔޫސްކަންމަތީގައި ހުރެ ގޮސް އެނދުގައި އޮށޯތްގޮތަށް ލޮލުފިޔަ ޖެހުނުކަމަކަށް ނުވިއެވެ. އަދިވެސް މިއީ ހަގީގަތެއްކަމަކަށް ގަބޫލުކުރާކަށް އޭނަ ބޭނުމެއްނޫނެވެ. މިއީ ނައީމާކުޅޭ ނުބައި ކުޅިގަނޑެކެވެ. އޭނަ ބިރުގަންނަވާ ތަޅުވާލަންވެގެން އައްމާރުއަކީ ދަރިއެކޭ ކިޔައިގެން އުޅެނީއެވެ. މިޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ދަރިން ވަކިކުރުމުގެ ގާބިލުކަން ލިބިފައިވާކަމެއް ނައީމާއަށް ނޭގުނީއެވެ. މިރޭ އެ މަޑުމަޑު އެނދުން ލިބުނު އަރާމެއްނެތެވެ. އަނގުރު ތަންމައްޗެއް ކަމުގައި އެވެސް ވިއެވެ. ދެފަރާތަށް ފުރޮޅިފުރޮޅި އޮތުމަށްފަހު ތެދުވެގެންގޮސް ވުޟޫކޮށްލައިގެން އޭނަ ނަމާދުކުރަންފެށިއެވެ. ގަވާއިދުން ނަމާދު ނުކުރިޔަސް އޭނައަކީ މުސްލިމެކެވެ. ޒަމާނީ އޮއިވަރުގައި ޖެހިގެން ގިނަފަހަރު އޮންނަނީ ވާޖިބު އަދާނުކުރެވިފައެވެ. ނަމާދުކޮށްގެން ދުޢާކުރިއިރު ޝުވޭކާރުގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ. އައްމާރުއަކީ ކޮންމެ މަޔަކު ފަޚުރުވެރިވާނެ މިޒާޖެއްގެ ޒުވާނަކަށްވިޔަސް މިއަދު އޭނަ ދުޢާކުރީ އެއީ އޭނަގެ ދަރިއަކަށް ނުވުމަށެވެ. ޖިދާންފަދަ ގާތިލަކަށް އެމަގާމު ދޭންޖެހުނަސް އޭނައަށް ހެވެވެ. އެއީ އައްމާރުކަމަށް ވެއްޖެއްޔާ ފައިސަލް ބުނިހެން މިގެއަށް ކުޑަވަރެއްގެ ގިޔާމަތެއް އަންނާނެކަމާއިމެދު ޝައްކެއް ނެތެވެ. އެކަނި ހިތް ހުއްޓޭނީ އޭނައާއި ފައިސަލް ގެއެއް ނޫނެވެ. އައްމާރުއާއި ކާއިއާއަށް އެކަމުން ކުރާނެ ފުން އަސަރާއި ވާނެ ދެރަ ހިތަށް ނުވެސް ގެނެވޭނެއެވެ. އެހެން ހިތަށް އެރުމުންވެސް ޝުވޭކާރުގެ ފުރާނަވެސް ހަށިގަނޑުދޫކޮށް އުދުހިގެން ހިނގައިދާނެހެން ހީވިއެވެ. ނޫނެކެވެ. އޭނަ ކުރި ފާފައިގެ ސަޒާ އެހެންކޮންމެ ގޮތަކަށް ލިބުނަސް އޭނައަށް ރަގަޅެވެ. ނަމަވެސް މިއީ އޭނައަށް ކެތްކުރެވޭވަރުގެ އަދަބަކަށްނުވާނެއެވެ. ކޮންމެއަކަސް ދުޢާކުރުމުން ކޮންމެވެސް ކަހަލަ ފިނިކަމެއް ހިތަށް ލިބުނެވެ.

ކިޔަންގެ އެދުމުގެ މަތިން އޭނަގެ މައިންބަފައިން ޓެރެސްއަށް ވާހަކަދައްކާލަން އައިއިރު ކިޔަންއިނީ ހެމޮކްގައި އިށީދެލައިގެންނެވެ. ކިޔަންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. ދެމީހުން ކައިރީގައި އޭނަ އެދުނީ ކުރިމަތީގައި ހުރި ސޯފާގައި އިށީދެލުމަށެވެ. އޭނަ ގެނެސްދޭ ޚަބަރަކުން އެމީހުންނަށް ނުބައި އަސަރެއް ކުރާނެކަން ކިޔަންއަށް ޔަގީނެވެ. ނަމަވެސް މިވާހަކަ އިއްވާނުލައި ހިމޭނުން ހުރުމަކީ ކުށެކެވެ.

"ބައްޕާ. މަންމާ. އަޅުގަނޑު ބޭނުން ވަރަށް އެހެން ކަހަލަ ޚަބަރެއްދޭން......" ކިޔަންގެ ވާހަކައިން ދެމަފރިންނަށް ސިހުމެއްލިބުނެވެ. ކިޔަން ދައްކަންއުޅެނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ އެމީހުންނަށް ނާންގާ ފާޑެއްގެ އަންހެންކުއްޖަކާއި އިނީހެއްޔެވެ؟ ނޫނީ ކިޔަން ޑްރަގްނެގުން ފަދަ ކަމެއްކުރަން ފެށީހެއްޔެވެ؟

"ކިޔަން އާ ޔޫ ޑުއިން ޑްރަގްސް...." ފިކުރުތަކުގެ ދުނިޔެއެއްގައި ބަދެވި ވިސްނުން އުދުހިގެންދާ ހިސާބަށް ގޮސްފައި ހުރި ޝުވޭކާރަށް ކޮންމެ ކަމެއްވެސް ނެގެނީ އޭގެ އެންމެ ނުބައިގޮތުގައެވެ.

"އިޓްސް ނޮޓް އެބައުޓް މީ....." ކިޔަން ފުން ނޭވަޔެއްދޫކޮށްލިއެވެ.

"ހާދަ ދުރުދުރުން ގެންދާ ވާހަކައެކޭ، ކޮންމެފަދަ ވާހަކައެއް ދެއްކިކަމުގައި ވިޔަސް ރުޅިއެއް ނާންނާނަން. ކޮންމެފަދަ ވާހަކައަކަށް ވި ކަމުގައިވިޔަސް ޝެއަރކުރަން ތިބި ބަޔަކީ ހަމަ މަންމައާއި ބައްޕަ. އެކަމަކު އެހެން މީހެއްގެ ވާހަކައެކޭ ތިބުނީ ކީއްވެތަ؟ ކޮއްކޮގެ މައްސަލައެއް އުޅެނީތަ؟ "ޝުވޭކާރުއަށް ކެތްނުކުރެވިގެން ތެދުވެގެން ގޮސް ކިޔަންގެ ކައިރީގައި އިށީދެ އަތުގައި ފިރުމައިލީ އެވާހަކަދައްކަން ހިތްވަރުދޭފަދަ ގޮތަކަށެވެ.

"ތިއިން އެއްވެސް ކަހަލަ މައްސަލައެއް އުޅެނީއެއްނޫނޭ މަންމާ. އަޅުގަނޑުގެ ޝަކުވާއަކީ ބޭބެއެއް ހުރުމާއިއެކުވެސް އެކަން ފޮރުވާފައި މިހާ ދުވަސްވަންދެން މަންމަމެން ތިބުން، އެކަމުގެ ސަބަބުން އެހެންމީހުންނަށް ލިބިދާނެ ހިތާމައަކަށް އެއްވެސް މީހަކު ނުވިސްނިކަން......." ކިޔަން މަންމައާއި ހަތަރުކަޅި ހަމަކޮށްލާފައި އެބުނި ޖުމްލަތަކާއިއެކު ޝުވޭކާރުގެ މޫނަށް ލޭތައް ޖަމާވާން މާގިނައިރެއް ނުނެގިއެވެ. ފައިސަލްއަށްވެސް ލިބުނީ ޝޮކެކެވެ. ކިޔަންމެންނާއި ހަމަޔަށް މިވާހަކަ އައީ ކިހިނެއްބާވައޭވެސް ހިތަށް އެރިއެވެ. އަމިއްލަ ދަރިންނަށް އަންގަންވެސް ފައިސަލްމެން ޖެހިލުންވާފަދަ ސިއްރެކެވެ. ކުދިންނަށް ނަމޫނާއަކަށްވެގެން ތިބި މައިންބަފައިންގެ ފަތިފުށް އެނގުމުން އެކުދިންނަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްހެއްޔެވެ؟ ގަދަރުވެރި އިހުތިރާމް ލިބިފައިވާ ބަޔަކު އެފަދަ ފާފައެއްކޮށް އެކަން ފޮރުވަން ދަރިފުޅު ވިހެއުމާއިއެކު އެއްލާލީކަން އެނގުމުން އެދެވުނީ ނުބައި މެސެޖެއްކަން ޔަގީނެވެ. ފައިސަލްގެ ނުރުހުމުގެ ނަޒަރު އެވަގުތުވެސް ޝުވޭކާރަށް ހުއްޓުނެވެ.

"ކިޔަން ކައިރީ މީހަކު އެއްޗެކޭ ބުނީތަ؟ "ފައިސަލް އިނީ ދެއަތްތިލައިގެ އިނގިލިތައް މަހާލައިގެން ކުޑަކޮށް ކުރިއަށް ޖެހިލައިގެންނެވެ. ކިޔަންއާއި އޭނައާއި ދޭތެރޭގައިވާ ދުރުމިން ކުރިއަށްވުރެ ކައިރިކޮށްލަން ބޭނުންވީއެވެ.

"ނޫން ބައްޕާ. އެކަމަކު.." ކިޔަން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ކަރުކެހިލީ ކަރުގައި އެއްޗެއް ތާށިވެގެން އުޅޭފަދަ ގޮތަކަށެވެ.

"ދަރިފުޅާ، ބައްޕަމެންނަށްވެސް އަދި ޔަގީނެއްނުވޭ އެކުއްޖަކީ ކޮބާކަމެއް؟ " ފައިސަލް ޝުވޭކާރު ކުށްވެރިކުރާކަށް މަސައްކަތެއްނުކޮށް ހިމޭންވިއެވެ. އެހެންނޫންނަމަ އެވަގުތުވެސް ހިތުގައި ޝަކުވާ އުފެދުނެވެ. ޝުވޭކާރުގެ ސަބަބުން ނޫންނަމަ މިފަދަ ބޮޑު ލޮޅުމެއް އެންމެންގެ ހަޔާތަށް އަންނާނެހެނެއް ހިޔެއްނުވެއެވެ. އޮމާންކޮށް ކުރިޔަށް ދިޔަ ހަޔާތަށް މިހާބޮޑު ކޮޅިގަނޑެއް ބިންދާލުމުގެ އަސްލަކީ ޝުވޭކާރެވެ. ނަމަވެސް ދަރިންގެ ކުރިމަތީގައި މަންމަ ނިކަމެތިކޮށް ދެރަކޮށްލުމަކީ ފައިސަލް ދުވަހަކުވެސް ކުރާހިތްވާކަމެއް ނޫނެވެ. އަރައިރުންވާން ޖެހޭނީ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައެވެ.

"ސިއްރުވެފައި އޮތްގޮތަށް އޮތްނަމަ މާރަގަޅުވީސްކަން ނޭގެއޭ ހިތަށް އަރައިފި، އެކަމަކު ހަގީގަތް އެނގުމަށްފަހު އެކަން ފޮރުވައިގެން ހުންނާކަށްވެސް ފަސޭހަނުވެ ހިނގައިދާނެ، ދެރަވަނީ ކޮއްކޮ ނަފްސާނީ މައްސަލަޖެހިފައި ހުރި ކުއްޖަކަށް މި ޚަބަރުލިބިގެން އެކުއްޖާ ހަދާނެގޮތެއް ނޭގޭތީ. ޝައްކުވާންފެށީ ތިން މީހުނަށް އެކީގައި ނެގުނު ސެލްފީއަކުން. އެކަހަލަ އެއްޗެއް ހީވެގެން އަޅުގަނޑު އެކުވެރިއެއްލައްވާ ޑީއެންއޭ ހެދީ، ރިޒަލްޓް ލިބުމުން އަޅުގަނޑުގެ ހިތަށް ކުރި އަސަރު ބަޔާންކޮށެއްނުދެވޭނެ. އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑު މިހާ ދެރަވިއިރު ކޮއްކޮއަށް ވާނީ ކިހިނެއްބާވައޭ، މިއޮތީ ނަތީޖާ........." ކިޔަން ހިތްވަރުކޮށްލާފައި ސިޓީ އުރަދިއްކޮށްލުމުން ފައިސަލް އޭގައި ހިފިގޮތަށް ބަލައިލަން ނުކެރި އިނީ ކިޔަން ދެއްކި ވާހަކައިން ވިސްނުނު އެއްޗަކުންނެވެ. މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. އޭރު ހިތް ތެޅެމުންދިޔައީ އެންމެ ބާރުމިނުގައެވެ. ޝުވޭކާރުވެސް އިނީ ފައިސަލްގެ މޫނަށް ބަލާށެވެ. މޫނު ހުދުވެފައެވެ.

ތިންމީހުން އެކީގައި ނެގި ސެލްފީއޭ ބުނުމާއިއެކު ޝުވޭކާރަށްވެސް އެއްޗެއް ވިސްނިއްޖެއެވެ. ގަނޑުވެފައިވާ ބުދެއްހެން އިނދެލާފައިވެސް އޭނަ ފުންމައިގެން ތެދުވިގޮތަށް ފައިސަލްއާއި ކައިރިއަށް ޖެހިލިއެވެ. އެލިޔުމުގައިވާ އެއްޗެއް ބަލައިލީ ޔަގީންކުރުމަށެވެ.

"މިވީ ކިހިނެއް؟ މިވީ ކިހިނެއް؟ "އެތަނުގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނަސް އެހާވަރުގެ ޝޮކެއް ލިބޭނެކަމެއް ނޭގެއެވެ. ޝުވޭކާރު ކިޔަންގެ ކައިރީގައި އިށީނެވެ. އިރުކޮޅެއްވާންދެން އެތަނަށްވެރިވެގެން ދިޔަ ކަށްވަޅުފަދަ ހިމޭންކަން ވަޅިން ކަނޑާލެވޭހާ ފުންވިއެވެ. އެހިމޭންކަން މުގުރާލީ ޝުވޭކާރެވެ. ކިޔަންގެ ގައިގާ ހިފައިގެން ކުއްލިއަކަށް ރޮއިގަތީ ހިތްފަޅައިގެން ދާފަދަ ގޮތެއްވެގެން ދިޔުމުންނެވެ. ކިޔަންގެ ދެލޮލަށްވެސް އޭރު ކަރުނަ ޖަމާވެއްޖެއެވެ.

"މަމް ނުރޮއި، ޕްލީޒް މަމް ކެތްކުރޭ......" ކިޔަން އޭނަގެ މަންމަގެ ބޮލުގައި ފިރުމަމުން މަޑުމަޑުން ބުނެލިއެވެ.

އެފަދަ ބިރުވެރި ނުބައި ޚަބަރެއް ހިފައިގެން އައި މެސެންޖަރަކަށްވާކަށް ކިޔަން ކޮންމެހެން ނޭދެއެވެ. ނަމަވެސް އޭނަވަނީ އަމިއްލަ ބޭބެއެއް ހުރިކަން އެނގުނު ދުވަހުން ފެށިގެން އެއީ ކާކުކަން ހޯދަން މަސައްކަތްފަށާފައެވެ. އެކަމުގައި ކާމިޔާބުވީ އޭނަގެ މޮޅުކަމަކުންވެސް ނޫނެވެ. ކަންތައް ލަފާކޮށްލުމުގައި ޟަމީރު އެހީތެރިވެދިނީއެވެ.

ފައިސަލްވެސް ހުރީ ޝޮކެއްގައި ކަން ނޭގެއެވެ. އަނގައިން ބުނުމެއްނެތި ރޫހު މަރުވެފައިވާ މީހެއްފަދައިން އޭނަ އިސްއޮބާލައިގެން ހުރެ ކޮޓަރިއާއި ދިމާލަށް ހިނގައިގަންނަމުން ލޯފޮހެލިތަން ކިޔަންއަށް ފެނުނެވެ. އަބަދާއަބަދު އިސްއުފުލާލައިގެން ހިނގަން އާދަވެފައިވާތީ އެގޮތަށް ހިނގަން ފައިސަލް ދަރިންނަށްވެސް ބާރުއެޅިއެވެ. އޭނަގެ މަންމަ އޭނަ ނިންދެވީ ހަރު ބިންމަތީގައެވެ. ބުރަކަށި ސީދާކުރުމަށެވެ. އެހާ ސްމާޓްވީ ސަބަބަކީ އެއީއެވެ. ނަމަވެސް މިއަދު އެދިޔައީ ކޮނޑު އެލުވާލައިގެންނެވެ.

"ދަރިފުޅާ، މިމަންމަގެ ކުށަށް މާފުކޮށްދީ، މަންމަގެ ސަބަބުން މިއާއިލާ މި ވައްޓާލެވުނީ ކޮންފަދަ ބޮޑު ހިތާމައަކަށްތަ؟ ކާއިއާއަށް މި ޚަބަރު ލިބޭއިރަށް އޭނަ އަމިއްލަ ފުރާނަ ދުއްވާލާކަށްވެސް ފަހެއްނުޖެހޭނެ. ކިޔަން، މަންމަ ކައިރީ ބުނެބަލަ މިއީ ދޮގެކޭ، މަންމަމެންނާއި ކޮށްލި ސަމާސާއެކޭ، އެހެން ބުންޏަސް މިއަދު މަންމަ ރުޅިއެއް ނާންނާނެ....." ޝުވޭކާރަށް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭގުނެވެ.

"މިއީ މީހުން ސަމާސާކުރާ ޒާތުގެ ކަމެއްނޫނޭ މަންމާ......" ކިޔަން މަންމަ ހިތްހަމަޖައްސާލަންވެސް ދޮގުހަދާކަށް ނެތެވެ. ހަގީގަތް މިއޮތީ ދިމާލަށް ފެންނާށެވެ.

"ތަގުދީރު މިކޮށްލީ ކޮންފަދަ ނުބައި ސަމާސާއެއްތަ؟ ކިހިނެއް ހަދާނީ؟ "ޝުވޭކާރު ވަކިން ބޮޑަށްގިސްލާފައި ރޯންފެށިއެވެ. ކިޔަންވެސް އެއްޗެކޭ ނުބުނެ މަންމަ ރޮއި ނިމެންދެން އިނީއެވެ. ދައްކާ ވާހަކައަކުން ކުރާކަމަކުން އެކެއްގެ ހިތަކަށްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. މީހަކު މަރުވެގެން ކުރާނެހިތާމަ ޝުވޭކާރު ކޮށްފިއެވެ. އެދެލޮލުން އެހާ ކަރުނަ އޮހޮރުވައިފިއެވެ.

"އެކުދިން ވަކިކުރުވާނީވެސް ކިހިނެއް؟ ކާކުލައްވާ ދެން ބުނުވާނީ؟ ހާދަ ލަދުގަންނާނެއޭ. އަހަރެންގެ ކާއިއާއަށް މި ޚަބަރު ލިބޭއިރަށް އެކުއްޖާ މަރުވެގަންނާނެ. އެކަމަކު މިއީ ފޮބިޑަން ލަވްއަކަށްވާނެ އެއްވެސް ގޮތެއްނެތް، އެކުދިންނަށް ނޭގި ސާފު ތާހިރު ލޯތްބެއްވެވުނީ، ދެބެންނަށް ވުމުން ހިތުގައި އުފެދުނު ލޯބި އެހެން ސިފައެއް ޚިޔާރުކުރީ ހަގީގީ ދެބެންކަން ނޭގުނީމަ، އިމީ އަދި ކައިގެ އެއްވެސް ކުށެއްނެތް، ދޭ އާރ އިނޮސެންޓް. ކުށްވެރިއަކީ ހަމަ މަންމަ، އެކުދިން ފާފައިގެ ތެރެއަށް ވައްދާލީ މި މަންމަގެ ދެއަތުން. އަމިއްލަ ނަފުސަށް ދުވަހަކު މާފެއްނުދެވޭނެ............." ޝުވޭކާރު ކިޔަންގެ ކޮނޑުން ބޯ ނެގިއެވެ. ޓިޝޫއިން މޫނާއި ނޭފަތް ފޮހެމުން ވާހަކަވެސް ދެއްކިއެވެ.

މަންމަ ވިސްނީ އެކަނި ކާއިއާއަށް އެކަމުން ކުރާނެ އަސަރެވެ. އައްމާރު ލަދުގަންނާނެވަރާއި ނަފްސާނީގޮތުން ލިބޭނެ ގެއްލުން ކިޔަންއަށް އިހުސާސްކުރެވުނީ އޭނައަކީ ފިރިހެނަކަށްވީމައެވެ. އަމިއްލަ ކޮއްކޮއާއި އެކަހަލަ ގުޅުމެއް ބާއްވަން ހިތަށްވެސް އަރުވާލާކަށް ނުކެރޭނެއެވެ. ކޮންފަދަ އަނިޔާވެރި ދުނިޔެއެއްހެއްޔެވެ؟ ނޫނެކެވެ. އަނިޔާވެރީ ދުނިޔެއެއްނޫނެވެ. އެބަޔަކު އަމިއްލައަށް ހޯދައިގަންނަ ބޮނޑިއެވެ. ޒިނޭ ހަރާމްކުރައްވާފައިވާއިރު އެފަދަފާފައަކަށް އަރައިގަތުމުން ލިބޭ ދަރިންނަށްވެސް ދެވެނީ އަނިޔާއެވެ. އެކި ސިފަސިފައިގައެވެ. ހަރާމްދަރިއެއްގެ ލޭބަލް އެޅުވުން އެކަނިއެއްނޫނެވެ. މިލިބުނު ގެއްލުން ވަކި ކުޑަހެއްޔެވެ؟ ކިޔަންގެ ހިތް އޭނަގެ މަންމައާއިމެދު ޝަކުވާއިން ފުރުނެވެ. ޔަގީނުންވެސް އޭނަ ކައިވެނީގެ ކުރިން އެއްވެސް އަންހެންކުއްޖަކާއި ގުޅުމެއް ނުބާއްވާނެއެވެ. އަމިއްލަ ނަފުސަށް އޭނަ އެވައުދުވީ މިލިބުނު އިބުރަތުންނެވެ.

ޑީއެންއޭ ޓެސްޓް ޔަގީންކޮށްދިނީ އައްމާރުއަކީ ފައިސަލްގެ ދަރިއެއްކަމެވެ. ކިޔަންއާއި ކާއިއާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ޝުވޭކާރު ސިއްރުން ގެންގޮސް އެއްލައިލި ދަރިފުޅެވެ. ޖެނެޓިކް ޓެސްޓްތައް ހަދައިގެން ބައްޕަ ކަށަވަރުވުމަށްފަހު ދެން އިތުރަށް ދެނެގަންނަން އޮތީ ކޮންކަމެއްހެއްޔެވެ؟ ކުޑަ ކުޑަ ކަރުދާސްކޮޅެއްގެ ސިފައިގަވެސް އެއޮތީ އެންމެންގެ ހިތްތަކަށް ހަރައިލެވުނު ވިހަގަދަ ޚަންޖަރެކެވެ.

އިރުއޮއްސި އަނދިރިވުމަށްފަހުގައިވެސް އެގެއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. މީހަކު މަރުވެގެން އުޅޭތަނެއްފަދައިން ފަޅުކަން ވެރިވެ އެމީހަކު ޖެހުނުތާކު ތިބެގެން ހިތާމަކުރަނީއެވެ. ކާކަށް ބޯކަށް ބޭނުންވި މީހެއްނެތެވެ. ކިޔަން ބަނޑުހައިވެގެން ކާކޮޓަރިއަށްވަދެ ކޮފީ މެޝިނުން ކޮފީއެއް ހަދައިގެން ސެންޑްވިޗެއް ތައްޔާރުކޮށްލައިގެން އަނދިރިކޮށްފައިވާ ބެލްކަންޏަށް ނުކުތެވެ. ކުރިމަތީގައި ހުރި ނަބީލާވިލާގެ ކޮޓަރިއެއްގެ ބޮކިތައް ދިއްލާލާފައިވިއެވެ. ރީތި އިޝްގީ ލަވައެއްގެ އަޑު ފުރރޭނިގެން އައިސް ކިޔަންގެ ކަންފަތުގައި ޖެހުމުން އޭނަގެ ގައިން ހީބިހި ހަލުވާލައިފިއެވެ. އެނގިހުރެގެން އެދެމީހުން ލައްވާ ފާފަކުރުވަން މަންމަމެން ހިމޭނުން އެތިބީ ކީއްވެހެއްޔެވެ؟ ވަގުތުން ވަގުތަށްގޮސް އެކަން ހުއްޓުވަންވީއެވެ. ދެމީހުންނަކީ އެފަދަ ގުޅުމެއް ހުއްދަނޫން ބަޔެއްކަން އަންގަންވީއެވެ.

ނަމަވެސް އެމީހުންނާއި ހަމަޔަށް އެވާހަކަ ގެންދާނެ ހިތްވަރެއް ހުރީ ކާކުގެ ހެއްޔެވެ؟ އެތިންމީހުންނަށް ނުކެރިފައި ތިބިއިރު އެކުވެރިޔަކާއިވެސް އެފަދަ ވާހަކައެއް ހިއްސާކުރަން ޖެހިލުންވެއެވެ.

ކިޔަންއަށް ދެން ފެނުނީ އައްމާރުއާއި ކާއިއާ އަތުގުޅުވާލައިގެން ގޭގެ ދޮރާށިން ނުކުމެގެން ދާތަނެވެ. ކޮންމެވެސް ސަކަރާތެއް ޖަހަމުންނެވެ. ހިނގާލަން ދިޔައީކަމަށް ވެދާނެއެވެ.

"އޯ މައި ގޯޑް. ކިހިނެއް ހަދަންވީ؟ މިރޭވެސް އެބަޖެހޭ އިމީއަށް ކިޔާދޭން. އެފަދަ ކަމެއް އެނގުމަށްފަހު ސިއްރުކުރުމަކީ ފާފައެއް. ހަގީގަތް އެނގުމުން އިމީ މި ފެމިލީދެކެ ހޭޓްކުރަން ނުފަށާނެބާ. މަންމަދެކެ ކިހާ ފޫއްސެއްވާނެ. ދުވަހަކު މާފުނުކުރާނެކަން ނޭގޭ. އިމީ އުޅުނީ އެހާވެސް ނުބައި އާއިލާއަކާއި އެކީކަން އެނގިފައިމިވަނީ. އަދި އެމްޕީއަކަށް އެހުންނަ ޖިދާންގެ ފޮނި ކެނޑުމާއި އުޅޭގޮތްތައް ފެނިފައިވެސް އެންމެން ހާދަ ފޫއްސެއްވެއޭ. އެއޮތް ކެރެކްޓަރއެއް. ކުރިން މަންމަމެންނަށް އެއްވެސް ކަހަލަ އިހުސާސެއްވެސް ނުކުރެވޭބާ އިމީ ފެނުނީމަ. ފިލްމުތަކުން ގެއްލިފައި ތިބޭ ކުދިންނާއި ދިމާވީމަ ގޮތްގޮތްވެއޭ. އެކަމަކު އެއީ ހަގީގަތެއްނޫންކަމަށް ވާނީ. މަންމަމެންނަށް އަހަރެމެންގެ ހުރި އެއްވައްތަރު ސިފަތަކެއްވެސް ނޭގުނު. އެއީ ކީއްވެބާވައޭ ހިތަށް އަރާ......." ކިޔަން ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު އެތާހުރި ސަންބެޑްގައި އިށީދެ ދުރަށް ބަލަހައްޓައިގެން އިންއިރު ތަފާތު އެއްޗެހި ސިކުނޑިއަށް އަރާ ފޭބިއެވެ.

އެންމެފަހުން ކިޔަން އެތަނުން ތެދުވެގެން ދާން ހިނގައިގަތީ މަންމަގެ ހާލު ބަލައިލުމަށެވެ. މަންމަ އެހާވަރަށް ރޮއިފާ ހިތާމަކުރިތަން މިފެނުނީ އަލަށެވެ. ކާއިއާ އަމިއްލައަށް މަރުވާން އުޅުނު ދުވަހުވެސް މަންމަ މިގޮތަށް ކަރުނަ އޮއްސާފައެއް ނުވެއެވެ. ކިޔަން މަންމައަށް ކޮފީއާއިއެކު ޕިއްޒާ ފޮތްޗެއް ގެންގޮސްދިނެވެ. އޭނަ ފެނުމުން އަނެއްކާ މަންމަގެ ލޮލުގައި ތާޒާކަރުނަ ގިނަވެގަތެވެ. ރޮއިރޮއި ފާރުވެފައިވާ ދެލޯ ދުޅަކަމުން ހީވަނީ އެހެންކަމެއްހެންނެވެ. ކިޔަން މަންމަގެ ހިތްހަމަޖައްސައިދޭން ވާހަކަތައް ދެއްކިއެވެ. އެއަށްފަހު ބައްޕައަށް ކޮފީ ތަބައް ހިފައިގެން ދިޔައިރު ބައްޕަ އިނީ ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. ކިޔަން ފެނުމުން ފޯނު ބާއްވާފައި ހީލިގޮތުން އެކަނިވެސް ބައްޕަ ދެރަވެފައިއިންވަރު ކިޔަންއަށް އެނގުނެވެ.

"މައިންބަފައިން ބުނާގޮތަށްވެސް ހަދަންވާނެ ދޯ ދަރިފުޅާ، ބައްޕައަށް މިލަނޑު ލިބުނީ މާމަގެ ނުރުހުމުގައި ސިއްރުން މިކައިވެނިކޮށްދެވުނީމަ........" ފައިސަލް ނިތްކުރީގައި އިނގިލިތަކުން ފިރުމައިލިއެވެ. ދެލޯ ފެންކަޅިވެފައިވާއިރު ބައްޕަގެ ހިތަށްވެފައިވާވަރު އަންދާޒާކުރެވުނެވެ. އަމިއްލަ ދަރިފުޅުގެ ހަގީގަތް ހޯދަން ބައްޕަ ކުރި މަސައްތަކުން އެކުއްޖާ ހޯދިއްޖެއެވެ. ނަމަވެސް މިހާ ބިރުވެރި ނަތީޖާއަކަށްވާނެކަން އެނގޭނެނަމަ ބައްޕަ ކުރީސްހެއްޔެވެ؟

"އައިމް ޕްރައުޑް އޮފް ޔޫ ކިޔަން. ޖިޔާދުއަށްވުރެ ދެރައެއްނޫން. އެންމެ ފޮޓޯއަކަށް ބަލާފައި އަސްލު ކުއްޖާ ދެނެގަތީ........ކިޔަން، އިމީއާއި ބައްދަލުކޮށްފައި ބުނަންވީނު މިގެއަށް އައިސް ބަލާށޭ، މިކަންތައް ސިއްރުކޮށްގެން ތިބުމަށް ދީންވެސް ހުއްދައެއް ނުކުރޭ......" ފައިސަލް އިނީ އިސްއުފުލައިލަން އުދަގޫވެފައެވެ.

"ތޭންކްސް ބައްޕާ. އަޅުގަނޑަށް އެނގޭ އެތައް އަހަރެއްފަހުން އަމިއްލަ ދަރިފުޅާއި ބައްދަލުވާން ޖެހޭގޮތަކަށް ނޫންކަން މީޓްވާން މިއުޅެނީ. އިމީއަށްވެސް ޝޮކެއް ލިބޭނީ، އެހެން މީހަކު މެދުވެރިކުރުން ބައްޕައަށް ފެނިލައްވާތަ؟ "ކިޔަން ވިސްނާލަން އިނދެފައި ކިޔާލިއެވެ.

"ނޫނޭ ކިޔަން. އެހެން މީހުން މިކަމާއި އިންވޯލްވް ކުރާނެކަމެއްނެތް. އޭރުން ބައްޕަމެންގެ އަގު ވެއްޓުން ނޫންކަމެއްނުވާނެ. އެންމެންގެ ތެރޭގައި ފަޟީހަތްވުމަށްވުރެ ސިއްރުކުރުން މިވަގުތަށް ފެންނަނީ. އެކަމަކު އެނގެން ޖެހޭ ފަރާތްތަކަށް ނާންގައެއް ނުތިބެވޭނެ. ބައްޕައަށްވެސް އެނގޭ ކިހާވަރެއްގެ ޓަފްކަމެއް ކަމާއި ނަގައިގަތުން އުދަގޫވާނެވަރު، އެކަންތައް އެނގުމަށްފަހު ދިރިހުއްޓާ ވަޅުލެވުނުފަދަ އިހުސާސެއް ކުރެވުނީ. ކުށްވެރިއަކީ ބައްޕަ....." ފައިސަލް އެގޮތަށް ނިންމުމުން ކިޔަންއަށް ހައިރާންކަމެއް ލިބުނެވެ. ބައްޕަ އަމިއްލަ ނަފުސް ކުށްވެރިކުރީ ކީއްވެހެއްޔެވެ؟ ވެދާނެއެވެ. ލޯބީގެ ނަމުގައި އެކަހަލަ ފާފައެއް ކުރި އެކަކީ ބައްޕައަށް ވީމަ ބުނި އެއްޗަކީ އެވެ.

އައްމާރުގެ މާމަ މަޑުމަޑުން ކަންތައް ހަނދާންނެތިވެ ޑިމެންޝިއާ ކިޔާ ބަލީގެ އަސަރު ފެންނަން ފެށިއެވެ. މޮޔަ ވާހަކަތައްވެސް ކޮންމެވެސް ވަރަކަށް ދައްކާހަދައެވެ. ކުރާކަންތައްތަކުން އެހެން މީހުން ހެއްވާލާނެއެވެ. ނީޒާގެ މަންމަގެ ފަރާތުން އަޅާލުމާއި އެހީތެރިކަން ލިބޭލެއް ބޮޑުކަމުން ސާރާއަށް މާމަ ބަލަން ކިތަންމެހާވެސް ފަސޭހަވިއެވެ. ކުރުނުކޮށް ސާރާ ނީޒާއާއިއެކު ބާޒާރަށްފަދަ ތަންތަނަށް ފޮނުވައެވެ. ގޭތެރޭގައި އަބަދު ތިބެންވެއްޖެއްޔާ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރަން ފަށާނެކަމުގައި އޭނަ ކިޔާނެއެވެ. މާމަގޮވައިގެން އެމީހުން އުޅޭ ބަޔަށްގޮސް ހަދަންފެށިއެވެ. މާމަ ދައްކާ ވާހަކަތަކުން ފޫހިވެސް ފިލާނެއެވެ. އެހެންމީހުންނަށް އެވާހަކަތައް އަޑުއަހަން ތިބެވިދާނެއެވެ. އެހާ ލޯބި ލޯބި މާމައެއް ލިބުމަކީ އެއާއިލާއަށް ލިބުނު އުފަލެކެވެ. އަމިއްލަ އާއިލާއިން ބަލައިނުގަތްކަމުގައި ވިޔަސް ހިލޭ މީހުންވެސް މާހެޔޮ ވާފަހަރު އާދެއެވެ.

ނީޒާއާއި ސާރާ ފިހާރައަށް ވަދެފައި ނުކުމެގެން ހިނގައިގަތްތަނާ ފެނުނު މަންޒަރަކުން ސާރާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

ކޮމެންޓް 0