ނަބީލާ އައްމާރު ނުކުންނަން އަތުން އިޝާރާތްކުރިއިރު މޫނު ހީވީ ކަޅުފޮއި ރޭގަނޑެއްހެންނެވެ. އައްމާރުގެ މޫނުގެ ކުލަވެސް ބަދަލުވިއެވެ. ބާރުބާރަށް ހިނގާލާފައި ނުކުމެގެން ދިޔައިރު އީމާ އާއި ޒަކާ ކޮންމެވެސް ކަމަކާއި އަރައިރުންވާން ތިބެފައި އައްމާރު އަށް ގޮވިއެވެ. އޭނަ އިވުނުކަމަށް ހަދާނުލާ ދޮރު ހުޅުވާލާފައި ނުކުތީ ހާމަ ވައިކޮޅަކަށް އެވަގުތު ބޭނުންވެގެންނެވެ.

ރައިޝާ ސާރާއަށް ގުޅާފައި ދިން ޚަބަރަކުން ސާރާގެ ފައިދަށުން ބިންގަޑު ދެމިގަތްހެން ހީވިއެވެ. އީމާވެސް އަމިއްލަ ފުރާނަ ނަގާލަންވެގެން ބްލީޗް ބޮއިގެން މިހާރު އޮތީ ހޮސްޕިޓަލުގައެވެ. ސާރާގެ ލޮލުގެ ކުރިމަތީގައި ފްލޭޝްވެގެން ދިޔައީ ކާއިއާގެ މޫނެވެ. އެކުއްޖާ މަރުވާން އުޅުނު ދުވަހު އޭނައަށް ކުރި ފުން އަސަރުތަކެވެ.

ސާރާ އަވަސްވެގަތީ އަވަހަށް އައްމާރުއަށް ގުޅުމަށެވެ. އޭރު އައްމާރު ހުރީ ވިލިމާލެއަށް ދާންވެގެން ފެރީ ޓާމިނަލްގައި ޓިކެޓް ކިއޫގައެވެ. ސާރާގެ ފޯނަށްފަހު އޭނަ އަވަސްވެގަތީ އީމާގެ ހާލުދެކެލަން އައިޖީއެމްއެޗަށް ދިޔުމަށެވެ. ދިޔަމަގުމަތީގައި ތުނިކޮށް ވާރޭވެހެމުން ދިޔައެވެ. މީހަކު އޭނައަށް ފާރަލާކަމުގައި ކުރިންވެސް ހީކުރެވުނެވެ. ހޮސްޕިޓަލާއި އަރާ ހަމަވޭވޭ ހުއްޓާ ފަހަތުން އެކަޅު ކާރު އައިގޮތަށް މަޑުކޮށްލާފައި ބިއްލޫރި ތިރިކޮށްލިގޮތަށް ފެނުނީ އޭނަ ކުރިންވެސް ދެކޭ މޫނެކެވެ.

"އައްމާރުދޯ. ފޭސް ޓު ފޭސް އެއްޗެކޭ ބުނެލަން މިއައީ......." އެ ޒުވާނާގެ އަޑުބަރެވެ.

"ޓެލް މީ...." އައްމާރުގެ ހިތް އަވަސްވެލިއެވެ.

އައްމާރުއަށް އެ ޒުވާނާ ދިން އިންޒާރުތަކާއިމެދު ވިސްނަން އޭނަ ވާރޭގައި ހުރިގޮތަށް ކާރުގޮސް ލޯމަތިން ގެއްލެންދެން ހުއްޓެވެ. އޭނައަށް މިހާރު އޮތީ އެހެން ކޮން މަގެއްހެއްޔެވެ؟ ތެމިގެން ހުރެ އޭނަގޮސް އައިޖީއެމްއެޗަށް ވަންނަ އިރަށް މަންމަ އިސްތިގުބާލުގައި ހުރެފައި ދިއްކޮށްލީ ބޭސްސިޓީއެކެވެ. އޭނަ ޖެހުނީ އީމާގެ ބޭސްސިޓީ ގަންނަން ދާށެވެ. އަމިއްލައަށް މަރުވާން އުޅޭ މީހުންނަށް އާސައިންދައިގެ ދަށުން ޚިދުމަތްދޭކަށް ނޯވެއެވެ. އެކަމާއިހުރެ ނަބީލާ އެތާހުރެ މުވައްޒަފުންނަށް އެތިވަރު ގޮވާލިއެވެ. އޭނަދެކޭގޮތުން މިއީ ބޭއިންސާފެވެ. ނިކަމެތިންގެ ދަރިން "ޑިޕްރެޝަން"އަށް ދާންޖެހެނީ މައިންބަފައިންގެ އިހުމާލުންނެއް ނޫނެވެ.

އައްމާރު މަންމަ ރުއްސަންވެގެން ކެންޓީނަށްވެސް ގެންދިޔައެވެ. އެތާ އިނދެގެން އަނގަ ތަޅަމުންގޮސް މިހުރިހާ ދުވަސްވާންދެން މަންމަ ހިފަހައްޓައިގެން ހުރި ސިއްރެއް ކިޔާދިނެވެ. އައްމާރު އިނީ ހައިރާންވެ އަންތަރީސްވެފައެވެ. މާމަދެކެ ރުޅިއަންނަގޮތްވިއެވެ. މައުސޫމްކަމުން ފުރިފައިވާ މީހަކަށްވިޔަސް އެއުމުރަށް ދިޔައީ ލިބުނު އަންހެންދަރި ފިރިހެނުންނަށް ވިއްކާފައެވެ. ނުވީތާކަށް ދޮންބައްޕައަށްވެސް ދަރިފުޅު ހިބައިން ދިނީއެވެ. އައްމާރުގެ ހިތް އެއްފަހަރާ މަންމައަށްޓަކާ ސާފުވިއެވެ. މަންމަ ނުލަފާ ރުންކުރު މީހަކަށްވީ މައިމީހާގެ ނުބައިކަމުންނާއި ހުރި ޖާހިލުކަމުންނެވެ. މާމައަށް އެކަމުގެ ސަޒާ ލިބެން ޖެހޭނެއެވެ. ނަމަވެސް ދެރައީ އުމުރުން ދުވަސްވެ ހާލުގައި ޖެހުނު ދުވަހު ބިކަކޮށްލުމުންނެވެ. ކުރިން އެވާހަކަ އަންގަން ޖެހުނު ފަރާތްތަކަށް ނޭންގީމައެވެ. ދޮންކާފައަށް ދުނިޔެއިން އެކަމުގެ އަދަބު ނުލިބި ދުނިޔެއާއި ވަކިވީމައެވެ.

ހުކުރު ދުވަސްކަމުން ސާރާއާއި ސުދާ އުޅުނީ ގެ ސާފުކުރުމުގެ މަސައްކަތުގައެވެ. އެގޭގައި ހުންނަ ކުޑަ ކޮޓަރިގަނޑުވެސް ސާފުކުރަން އެދުވަހު ނިންމިއެވެ. ނުހުޅުވާ ގިނަދުވަސްވުމުގެ ސަބަބުން އެތަނުގެ ހިރަފުސްގަދަކަމުން ސާރާ ނުވަންނަން ސުދާ އެންގިއެވެ.

"އެސްމެޓިކް އެޓޭކެއް އައިސްދާނެ، މިތާގައި ހީވާގޮތުން ކޮކްރޯޗް އެއްޗެހިވެސް އުޅޭނެ....." ސާރާ ބިރުގަންނަވާލަންވެގެން ސުދާ ކިޔާލައިފިއެވެ. ސުދާގެ ބިރުކުޑަކަމުން އޭނައެކޭ ފިރިހެނެކޭ އެއްގޮތެވެ. ނަންނުގައްޗެއް ފެނުނަސް ފަހާ ދުއްވައިގަންނާނެއެވެ. ސުދާ ބުނާގޮތުން ވިއްޔާ ހުރިހާ ސޫތްޕަކަށްވުރެވެސް ބޮޑަށް ނުރައްކާތެރި މަޚުލޫގަކީ އިންސާނުންނެވެ.

"މިއަދު އިމީ ނުތެދުވާ ދުވަހަކީތަ؟ " ސާރާ އަހާލިއެވެ.

"ރޭ ވަރަށް ލަހުން ގެއަށް އައީ......" ސާރާ ފަންއިސްތަށިގަނޑު މައްޗަށް ނަގާފައި ހުޅިއެއް ޖެހިއެވެ. ރޭ ވިއްސާރަ ވިއެއް ކަމަކު މިއަދު ހޫނުގަދަވެ ދިލަ އާތްވެއް ދޭހެން ހީވެއެވެ.

"އެއީ ކީއްވެ؟ " ސުދާ އޮޅުންފިލުވަން އުޅުނެވެ.

"އިމީ ކޮއްކޮ ބްލީޗް ބޮއިގެން......" ސާރާ ކުއްލިއަކަށް ކަންބޮޑުވެފައި ތުންފަތުގައި ދަތްއަޅާލައިފިއެވެ. އެއީ ކޮންކަހަލަ އާއިލާއެއްކަން އެނގޭވަރަކަށް ދޮންތަގެ ހިތްވެސް ޝައްކާއި ވަހުމުން ފުރޭނެއެވެ.

"ސުއިސައިޑްވާން ވެގެންތަ؟ " ސުދާ ފޮށިގަނޑެއް ހުޅުވާލައިގެން ހުރެ އޭގައިވާ އެއްޗެއް ހާވާތަން ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ސާރާއަށް ފެނުނެވެ. ޖެހިގެން ހުރި ގޯތިތެރޭގައި އިމާރާތެއް އެޅުމުގެ މަސައްކަތް ހިގަމުންދާތީ އޭނަ އިންހޭލަރ ބޭނުންކުރާވަރު ތަންކޮޅެއް އިތުރުވެފައިވެއެވެ. އެގެއަށް އަންނަން އުޅޭ ބަޔަކާއިމެދު ސާރާގެ ހިތުގައި ޝައުގު އުފެދުނެވެ. ނޫނީ ބައްޕަ ހިތަށް އަރައިފިއްޔާ އެގެވެސް ގަނެލާކަށް ފަހެއް ނުޖެހޭނެއެވެ.

"ސާރާ، ސާރާ. ބަލާބަލަ މިއޮތް އެނގުނު ކަމެއް. ނިކަން ކިޔާބަލަ މިއޮތް އާޓިކަލް.........." ސުދާ ތަންކޮޅެއް ކުރީގެ ނޫހެއް ހިފައިގެން ނުކުމެގެން އައިއިރު މޫނުމަތީގައި ދާތިކިތައް ބަބުޅައެވެ. ކުޑަކޮށް ބުމަ ކައިރިކޮށްލައިގެން ހުރިއިރު އޭނަ ހިތްހަމަނުޖެހިފައި ހުރިކަންވެސް އެނގުނެވެ. ސާރާ އޭގެ ސުރުޚީ ކިޔާލުމާއިއެކު ބޮލަށް އެނބުރުން އަރާގޮތްވިއެވެ. އެއީ ސަނާގެ މަރާއި ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައިވާ ޚަބަރެކެވެ.

"މިދިޔަ އާދީއްތަ ދުވަހު ރޭޕްކޮށް މަރާލާފައިވަނިކޮށް ފެނުނު ސަނާ ނާޒިމްގެ މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ނަބީލާވިލާ އަހުމަދު ޖިދާންއެވެ. ޖިދާންއަކީ މީގެ ކުރިން އެއްވެސް މައްސަލައއެއްގައި ތުހުމަތު ކުރެވިފައިވާ ކުއްޖެއް ނޫންކަމަށާއި އަޚުލާގު ރަގަޅު ޒުވާނެއްގެ ގޮތުގައިވަނީ ފާހަގަކުރެވިފައެވެ. ފުލުހުން ބުނެފައިވާ ގޮތުން އަދި އެޒުވާނާއާއި ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައެއް ނެތެވެ.

ސަނާ މަރުވެފައިވަނީ އޭނައަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު ހަޔެއް ޖެހިއިރުއެވެ. "

އެ ޚަބަރު ކިޔަންފެށިގޮތަށް ސާރާގެ ލޮލުގެ އެސްފިޔަތަކުގައި ގިނަވެގަތް ކަރުނަތައް ފައިބަން ފެށިތަނާ މަންމަ އެހެންލާފައި ހުރަސްކުރަނިކޮށް އެމަންޒަރު ފެނިފައި ވެގެން އުޅޭ ކަމަކާއި ބެހޭގޮތުން ސުވާލުކުރިއެވެ. ސާރާގެ ހިތް ތެޅިގަތެވެ. އަތްފައި ކުރިއަށް ވުރެ ފިނިވެލިއެވެ. ސުދާއަށްވަނީ ރައިޝާގެ ފިރިމީހާއަކީ ޖިދާންކަމާއި އައްމާރުގެ ބޭބެކަން އެނގިފައެވެ. ރައިޝާ މިގެއަށް އަންނަން ފެށުމަކީ ސާރާގެ ބަދުނަސީބެވެ.

"މަންމާ، މިއީ ސަނާގެ ގާތިލު ކުރިން އުޅުނުގެ.........." ސުދާ ފޮރުވާކަށް ނޫޅުނެވެ.

"މާނައަކީ؟" ޝެހެނާޒަށް އެކައްޗެއްވެސް ނުވިސްނުނެވެ.

"އައްމާރުގެ ބޭބެ ޖިދާން ސަނާ މަރާލީ. މަންމަ ނިކަން މި ނޫހުގައިވާ އެއްޗެއް ކިޔާބަލަ، ސާރާއަށް މިކަން ނޭގި މިހުރިހާ ދުވަހު އޮތީމަ ހައިރާންވެއްޖެ، ޖިދާން ލޮލުން ފެނިފައި ހުރިއިރު ސާރާއަށް ޔަގީން ނުވާންވީ ސަބަބެއްނެތް، އެކޮޓަރިތެރެއިން ޖިދާން ފެނިފައި ސިފަވެސް ކިޔާދޭން އެނގުނު މީހަކީ ސާރާ.........." ސުދާގެ ޖުމްލައިން އެތަނުގައި ބޮމެއް ގޮއްވުމެކޭ އެއްވަރުވިއެވެ. ސާރާ ދުވަމުންގޮސް ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގެން ބާރުބާރަށް ރޯންފެށިއިރުވެސް އައްމާރު އޮތީ ގުޑިވެސްނުލައެވެ. ވެގެން އުޅޭގޮތާއި ބެހޭގޮތުންވެސް އޭނަ ސުވާލެއް ނުކުރެއެވެ.

ހުކުރަށް ދާންވެގެން އައްމާރު ތެދުވުނުއިރުވެސް ސާރާއޮތީ އޮތްގޮތަށް ބަންޑުންވެގެންނެވެ. ރޮއި ރޮއި ވަރުބަލިވެގެން ނިދުނީކަމަށް ހީކޮށްފައި އޭނަ ފެންވަރާލައިގެން ތައްޔާރުވެލިއެވެ. ބޭރުގައި މާ އަޑުގަދަވެގެން އުޅޭހެން ހީވެގެން ސާރާ ކައިރިން ވެގެން އުޅޭގޮތް އޮޅުން ފިލުވަން ސުވާލުކުރުމުން ހަގީގަތް ކިޔާދޭންފެށިއެވެ. އައްމާރު ހިމޭނުންހުރެ އެހުރިހާ ވާހަކައެއް އަޑުއެހިއެވެ. އެކަމާއި ދެކޮޅަށް އެއްޗެކޭ ނުބުނެ އޭނަ ސިޑިން ފައިބައިގެން ތިރިއަށް ދިޔައިރު އެންމެންގެ ނުރުހުމުގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. އައްމާރު ލަދުގަންނަވަރުވިއެވެ. ޖިދާން ކުރި ކުށުގެ ސަބަބުން ލަދުގަންނަން ޖެހުނީ އެހެން މީހުންނެވެ.

އައްމާރު ހުކުރުން އައިސް ގެއަށް ވަންނަން އެއް ފިޔަވަޅު އެޅިތަނާ އޭނަގެ ކަންކަށިމައްޗަށް ހޫނު ދެތިންފަހަރު އަރައިގެން ދިޔައެވެ.

"ކަލޭ މިދޮރުން އެތެރެއަށް އެންމެ ފިޔަވަޅެއްވެސް އަޅައިގެން ނުވާނެ، މިހިރީ ކަލޭގެ ސާމާނު....." ނާޒިމް ދަބަސް ބޭރަށް ހޫރާލައިފިއެވެ. ސާރާ ރޮމުން ރޮމުން އައިސް އޭނަގެ ބައްޕައާއި އައްމާރު އާއި ދޭތެރެއަށް ވަންނަން މަސައްކަތްކުރިއެވެ.

"ބައްޕާ، ހެޔޮނުވާނެ، އައްމާރުއަށް އަނިޔާނުކޮށްބަލަ، އޭނަގެ ކުށެއްނެތޭ......" ސާރާގެ ދެލޯ ދުޅަވެގެންގޮސް ހީވަނީ އެހެންކަމެއްހެންނެވެ. ދިގު އެސްފިޔަތަކުގައި ކަރުނަ ހަރުލާފައި ހުއްޓެވެ. ހިތާމައާއި މޮޅިވެރިކަމުގެ ތަސްވީރެއްފަދައެވެ. ސާރާ އެހާލުގައިވަނިކޮށް ފެނުމުން އައްމާރުގެ ހިތަށް ބުނަން ނޭގޭފަދަ އަސަރުތަކެއްކުރިއެވެ. އޭނަދެކެ ސާރާވާ ލޯބި އޭނައަށް ކިތަންމެ ރަގަޅަށްވެސް އިހުސާސްކުރެވެއެވެ. ނަމަވެސް ދުނިޔެއަކީ ކެހިވެރިތަނެކެވެ. ލޯބިވެރިންނަށްޓަކާ ހިތާމަ ނޫން އެހެން އެއްޗެއް ގެނެސްދޭތަނެއް ނޫނެވެ. ނޫނީ އޭނަގެ ބަދުނަސީބު ހެއްޔެވެ؟ އޭނަ ލޯބިވާ އަންހެންކުއްޖަކު ލިބުން ނެތީހެއްޔެވެ؟ ފުރަތަމަ ކާއިއާއެވެ. ދެން ސާރާއެވެ.

"ސާރާ އަނގަ މަޑުން ލައިގެން ހުރެބަލަ. އެންމެ ފުރަތަމަވެސް އަހަރެން ތިކައިވެންޏަކާއި ގަބޫލެއްނޫނޭ، އޭރުވެސް ރަގަޅަށްވިއްޔާ ސާރާއަށް ހުރިހާ ކަމެއް އެނގޭނެ، ތިމާގެ ކޮއްކޮއަށްޓަކާ ލޯބީގެ ކުނޑިފަށެއްވާނަމަވެސް އެކުއްޖާގެ ގާތިލުގެ އާއިލާއެއްގެ ތެރެއަށް ވަންނަން ހިތަށް އަރުވާކަށްވެސް ނުކެރޭނެ. އިންސާފު ނުލިބުނުކަން އެނގުމަށްފަހު މިހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭނީ އެ ޝައިތާނާ މިދެއަތުން ކުދިކުދިކޮށްލެވުނީމަ. ސާރާ ތިގޮތަށް ކަރުނަ އޮއްސައިގެން މިއަދު އަހަރެންގެ ހިތަކަށްވެސް ރަހުމެއް ނުވަންނާނެ. ސާރާ މިއަދަށްފަހު ޖެހޭނީ ހުރިހާ އެއްޗެއް ރަގަޅަށް ސާފުވެ ހުރެ ކޮންމެވެސް އެއްކޮޅެއް ނަގަން، މިހިރަ ފިރިހެނާ ނޫނީ އާއިލާ، އޭނައާއި އެއްކޮށް ދާން ހުރެއްޖެއްޔާ ސާރާވެސް މިގެއިން ނުކުމެގެން ދޭ. ކަލޭގެ ފިރިމީހާއަށް މިގެއިން ޖާގައެއް ނެތް، ދުވަހަކު ހިތްހެވެއް ނުކުރާނަން، އެއާއިލާއާއި ލޭގެ ގޮތުން ގުޅުމެއް އޮތްމީހަކުވެސް މިގެއަށް ވަންނާކަށް ހިތް ނޭދޭ. ދުވަހަކުވެސް އެމަންޒަރު މިހިތުން ފިލައިގެން ދާނެކަމަށް ހީނުކުރާތި......." ނާޒިމްގެ އަޑު ގޭތެރޭގައި ގުގުމާލާފައިވެއެވެ. ޝެހެނާޒްވެސް ބަލަން ހުރީ ރުޅިއާއި ނަފްރަތުން ކަޅިވެފައިވާ ނަޒަރަކުންނެވެ.

އައްމާރު އަނގައިން ބުނުމެއްނެތި ދަބަސް އުފުލާލުމަށްފަހު ދާން ހިނގައިގަތުމުން ސާރާ ފަހަތުން ދުވެފައިގޮސް އައްމާރުގެ އަތުގައި ހިފިއެވެ.

"އިމީ، އަހަންނަކީވެސް މިހާރު ކުޑަކުއްޖެއްނޫން، ވިސްނޭ އަންހެނެއް، އަމިއްލަ ޑިޒިޝަން ނެގޭނެ، އިމީގެ ކުށެއްނެތްކަން އެނގޭއިރު އިމީއާއި ދުރުވާކަށް ބޭނުމެއްނޫން، ޕްލީޒް ގެންދޭ. ކޮންމެ ހާލެއްގައިވެސް އިމީއާއިއެކު ވާން ބޭނުމީ......" ސާރާ އާދޭސްކުރާފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

"ސޮރީ ސާރާ، ތިކަމެއް ކުރެވޭކަށް ނެތް، އަހަރެން......" އައްމާރު ސާރާގެ އަތުގައި ހިފާ ގަދަކަމުން ވަކިކޮށްލާފައި ބާރުބާރަށް ހިނގާލާފައިގޮސް ދޮރާށްޓާއި އަރާހަމަވީއިރު ސާރަ ދުވަމުން އައިސް އައްމާރުގެ ކުރިބެއްދިއެވެ. އޭރު ސުދާވެސް ކައިރީގައި ޖައްސާލާފައި ހުއްޓެވެ. ކޮއްކޮގެ މޮޔަކަމާއިހެދި އާގަމަވެފައެވެ.

"ލިސެން ސާރާ، އަހަރެން ސާރާއާއި ކައިވެނިކުރީ ލޯތްބަކުންނޫން، ފައިސާއާއި މުދަލާއިހެދި ކުރިކަމެއް. މުއްސަންޖެއްގެ ދަރިއެއްކަން އެނގުނީމަ އިނީ. އެއްޗެއް ނުލިބުނީމަ ކޮންމެހެން ބޭނުންވެގެންނެއް ނޫޅެން، ފަހަތުން ނާންނާތި، ޖިދާންއަށްވުރެ އަހަރެން މާ ނުބައިވާނެ، އޯކޭ؟ އަޑުއިވެއްޖެތަ؟ އޭނ މިކިޔާ އެއްޗެއް އިވޭތަ؟ ރަގަޅަށް އަޑުއަހާތި، މީގެ ފަހުން ހަޔާތަށް އައްމާރު ކިޔާ މީހަކު އައިކަންވެސް ހަނދާން ނައްތާލާ، ގުޑްބައި...." އައްމާރުގެ ހަރުކަށި ޖުމްލަތަކުން ސާރާ ހުރީ ގަނޑުވެފައެވެ. އަނގައިން ބަސްހުސްވެފައެވެ. ހަރަތާކެއްނެތް ބުދެއްފަދައިން ހިމޭނުންހުރިއިރު އެދެލޮލުން އެތައް އަސަރުތަކެއް އައްމާރުއަށް ފެނުނެވެ. މާޔޫސީކަމެވެ. ބިރުވެރިކަމެވެ. އިންތިހާ ދަރަޖައިގެ ހިތާމައެވެ. ހަޔާތުގެ އެންމެ ފަހު ހުޅުކޮޅު މަޑުމަޑުން ނިވެމުންގޮސް ނިވެމުންދިޔައީ އޭނަ ބަލަން ހުއްޓައެވެ.

އައްމާރުގެ ޚިޔާލު ބަދަލުވާން އުޅުނެވެ. އަތްދިއްކޮށްލާފައި ސާރާ ގެނެސް އަތުތެރޭގައި ފޮރުވާލާފައި އެދެލޮލުގައި ބޮސްދޭން ހިތްއެދުނެވެ. އެހެން ފަހަރުތަކުގައި އޭނަގެ އާދައަކީ އެއީއެވެ. ކޮންމެފަހަރަކު އޭނަ ގެއަށް ވަންނައިރަށް ލޯތްބާއިއެކު އިސްތިގުބާލުކުރާ އަންހެންކުއްޖެކެވެ. ގަޑިން ގަޑިއަށް މީރުހެން ހީވާހާ އެއްޗެއް ތައްޔާރުކޮށްފައި ބަހައްޓައެވެ. ހެދުންތައް ދޮވެ އިސްތިރިކޮށް ކޮޓަރި އޮފްއަރުވާލާފައި ބަހައްޓައެވެ. ބޫޓު ލައްވާ ޓައީ އަޅުވާއޭނަ ދެވަނަފަހަރަކު ކަމަކު ބުނުވާކަށް ނުޖައްސައެވެ. އެހާ ލޯބިން އުޅެނިކޮށް މިވީ ކިހިނެއްހެއްޔެވެ؟

ސުދާ ސާރާގެ އަތުގައި ހިފުމުން ގަދަހެދުމެއްނެތި ޗާބީދީފައިވާ ބުދެއްހެން ކުރިއަށް އައެވެ. ގެނެސް ކޮޓަރީގައި ބޭންދުމަށްފަހު ސުދާ ބުނީ ކުޑަކޮށް ނިދާލުމުން ހަމަޖެހިދާނެކަމަށެވެ. އައްމާރުގެ ގޮތްކުޑަކަމާއި ލަދުހަޔާތެއް ނެތްކަން އެނގުމުން އޭނަދެކެ ވަރަށް ފޫހިވެއްޖެކަމަށާއި އެނުލަފާ މީހާގެ މަތިން އެއްކޮށް ހަނދާން ނައްތާލަން ސުދާ ޚިޔާލުދިނެވެ.

"ފިރިހެނުން މަކަރުވެރިވާނެ، ކޮއްކޮއަށް އަދި ކިރިޔާ ތިއެނގުނީ ރީތި ސިފައެއްގެ ފުރަގަހުގައި ހުރީ ކިހާވަރެއްގެ ކެހިވެރިޔެއްކަން، ބައްޕަގެ ދަރިއަކު މަރާލާފައި ހުރި މީހެއްގެ ކޮއްކޮއަކަށް ބައްޕަވެސް އަމިއްލަ ގެއަކުން މަރުހަބާ ނުކިޔާނެކަން އޭނައަށް އެނގެންވާނެ، ކޮއްކޮ އަމިއްލަ މައިންބަފައިންނަށްވުރެ އިސްކަންދިނީ އޭނައަށް، ޗޫޒްކުރީ އޭނަ، އެކަމަކު ތިމާއަށް އެ ޒިންމާ ނުނެގޭނެތީ އަދި ލޯބިނުވާތީ ކެތްނުކުރެވިގެން ހިތުގައިވާހާ އެއްޗެއް އެންމެ ފަހުން ބޭރުކޮށްލީ، ފޫހި މީހެއް، ހިތްހެޔޮކަމާއި ރަގަޅުކަމުން ހީކުރީ މާތްމީހެއްކަމަށޭ. އެކަމަކު....އޯގޯޑް، ކޮންކަހަލަ މީހެއް. އެއީ ތަ މީހުން މީހުންދެކެ ލޯބިވާގޮތަކީ. ޖަސްޓް ފޮގެޓް އޯލް އެބައުޓް ހިމް. އެކަހަލަ މީހަކަށްޓަކާ ކަރުނަ އޮއްސުމަކީ ބޭކާރުކަމެއް...ނުރޮއި ސާރާ......" ސުދާ ސާރާގެ އިސްތަށިގަނޑުގައި ފިރުމާލާފައި ދިޔައީއެވެ.

އެތައް އިރެއްވާންދެން ސީލިންއަށް ބަލަހައްޓައިގެން ރޯންވެސް ނޭގިފައި ސާރާއޮތްއިރު ސިކުނޑިއަށް އެއްވެސް އެއްޗެއް ނާދެއެވެ. ލިބުނު ޝޮކް ބޮޑުކަމުން ހަމަހޭވެރިކަން ފިލާފައި އެތައް އިރެއްވާންދެން އޮތެވެ. އެންމެފަހުން މަޑުމަޑުންގޮސް ތަފާތު ޚިޔާލުތައް ސިކުނޑި ހަލަބޮލިކޮށްލައިފިއެވެ. އައްމާރު އެހާ ފޫހިވާންވީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް އެގޮތަށް އޭނަ ދޫކޮށްލަން ޖެހުނީ ކީއްވެހެއްޔެވެ؟ ބައްޕަ އެހާ ހަޑި ބަހުން މުޚާތަބުކުރީމަ ދުރަށް ދާން ބޭނުންވީކަމަށް ވެދާނެއެވެ. އައްމާރު އަކީ ތަފާތު ޒުވާނެކެވެ. އަނިޔާލިބި ޑިޕްރެޝަންގެ މައްސަލަތައް ހުރި ޒުވާނެއްކަމުން އޭނައަށް އެކަންތައް ނަގައިގަތުން އުދަގޫވީއެވެ. ހުރިހާ ރުޅިއެއް އޭނަ ބާލާނީ ސާރާއަށް ތާއެވެ. ނަމަވެސް އެހާ ހަރުކަށިކޮށް ވާހަކަދެއްކީ ކީއްވެހެއްޔެވެ؟ ހަގީގަތުގައިވެސް އައްމާރު އޭނަދެކެ ލޯބިނުވަނީހެއްޔެވެ؟ ދޫކޮށްނުލާނެކަމަށް ބުނެ އެތައް ވަޢުދުތަކެއްކުރިއިރު އެއްވެސް އަގެއްނެތެވެ. އެހުވާތަކުގެ ބޭނުމެއް މިއަދަކު ނެތެވެ. އޭނަމިވަނީ އެކަނިވެރި ވެފައެވެ. ދުނިޔެއަށް ގިނަވެފައެވެ. އެންމެ އަސަރުކުރަނީ ދުނިޔޭން އެންމެ ލޯބިވާ އިންސާނާ ބީވެގެން ދިޔައީމައެވެ. ނޫނެކެވެ. އޭނައަށް ކެތެއްނުވާނެއެވެ. އެލޯތްބާއި ނުލައި އޭނައަކަށް ނޫޅެވޭނެއެވެ.

ކޮންމެ ދުވަހަކު ވަޒީފާއަށް ދާއިރު އަދި އަންނަގޮތަށް ބައްދާލާފައި ދޮންދިނުމަކީ ސާރާ އެންމެ ބޮޑަށް ހަދާންވާނެ އެއްކަމެވެ. އެތައް ފަހަރަކު ލޯބިވާވާހަކަ ބުނެއެވެ. އަބަދު ނިދަނީ ބައްދާލައިގެން އޮވެއެވެ. ބާލީހުގައި ބައްދައިގެން ނިދަން އާދަވެފައިވާ ސާރާގެ އެ އާދަ ބަދަލުވީ އައްމާރު ދިރިއުޅުމަށް އައުމުންނެވެ. ކިތަންމެ ލަހުން އެނދަށް އައިކަމުގައި ވިޔަސް ސާރާގެ ގައިގާ ބައްދާލައިގެން އޮވެ ނޫނީ އައްމާރު ނުނިދާނެއެވެ. އެރީތި ހިނިތުންވުމާއި އޯގާތެރި ބަސްތަކުން އޭނަގެ ހިތުގައި ފިރުމަ ފިރުމާފައި އެހެދީ ކޯންޗެއް ހެއްޔެވެ؟

ކެތްނުކުރެވިގެން އޭނަ ރައިޝާއަށް ގުޅާފައި އައްމާރު ހުރިތަނެއް ބަލާލަދޭން އެދުނެވެ. ރައިޝާވެސް ފެށީ ރޯށެވެ.

"ސާރާ. އަހަރެންވެސް މިހިރީ ބޯގޮވާފައި، މި އާއިލާގެ މީހުންގެ ނުލަފާކަން ހަމަ ބޮޑީ، ޖިދާން ދެތިންފަހަރު އަހަރެން ވަރިކޮށްފި، ބިރުންގޮސް އެހެން މީހެއްގެ ކައިރީގައި އޭނަގެ ވާހަކަ ބުނަން ނުކެރިފައި މިހިރީ، އެކަމަކު ފާފައަކަށް ނުވާނެތަ؟ ކޮންމެ ފަހަރަކު ބުނާނެ މީން ކޮށްފައެއް ނޫނޭ ބުނަނީ، ވަރިއަކަށް ނުވާނެއޭ، އެކީ ނިދަންވީމަ އަންބަކަށްވޭ، ޓެރަރައިޒްކުރަމުންގޮސް އޭނައާއިއެކީގައި ނޫޅެވޭ ހިސާބަށް ގޮސްފި..ރުޅިއަންނަ އިރަށް ވަރިކޮށްލާފައި އިރުކޮޅަކުން އަންބަކަށް ހަދަން މިއީ ކުޅޭ ކުޅިވަރެއްނޫން ވިއްޔަ. ސާރާ ބުނެބަލަ ހަދަންވީގޮތެއް............" ރައިޝާ ހާލު ބަޔާންކޮށްދިނެވެ.

"ސިއްރުން މަންމަމެން ކައިރިއަށް ދޭ....." ސާރާ ބުނެލިއެވެ.

"އޭރުން ބްލެކްމެއިލް ކުރާނެ...." ރައިޝާ ހަނދާންކޮށްދިނީ ވީޑިއޯތައް މަތިންނެވެ.

"އެންމެނަށް އެނގޭނެއްނު ކުރިކަމެއް ކުރީ އޭނަގެ އަންހެނުން ގޮތުގައި ހުރެކަން، ފުލުހުންނަށް ގުޅާފައި ބުނާނީ. ފުރަތަމަ ހިނގާ އޭނަގެ ލެޕްގައި ހުރި އެއްޗެހިތައް ފޮހެލަން، އަދި ހުރި ހާޑްތަކެއްވިއްޔާވެސް ބަލަންވީނު. ދަންތަ ތިގެއަށް؟ "ސާރާއަށް ދިމާވެފައިވާ ހާދިސާއަށްފަހު އޭނަ ހުރީ ރައިޝާއަށް އެހީވާން ނިންމައިގެންނެވެ. ނުކެރި ފިނިޑިވެގެން ތިބެ މުޅި އުމުރަށް ކަރުނަ އޮއްސަން ޖެހޭނެކަމަކަށް ސާރާ ގަބޫލެއްނުކުރެއެވެ.

ސާރާ އެގެއަށް ދިޔައީ ޖިދާން ވަޒީފާއަށް ދިޔުމަށްފަހު އެގެއިންމީހުން މަދުވި ގަޑި ބަލާފައެވެ. އެޕާޓްމެންޓަށް ވަދެފައި ސާރާގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ހާދަ އަރާމު ތަނެކެވެ. އޭސީގެ ފިނިކަމުން ހީކަރުވާގޮތްވިއިރު ބަނޑުހައިކަމުގެ އިހުސާސް ގަދަވެގެން އޭނައަށް މޭގައި ފިރުމާލެވުނެވެ. އެންމެފަހުން އަނގަޔަށް އެއްޗެއް ލީ ކޮންގަޑިއެއްގައި ކަމެއްވެސް ހަނދާނެއްނުވިއެވެ.

"ވާއު، ސޯ ކޮމްފީ......" ސާރާ ތައުރީފުކުރިއެވެ.

"ކުއްލިއަކަށް މިލިއަނަރަކަށް ވީމަ ސުވާލެއް ނުއުފެދޭތަ؟ ހީޒް އެ ކްރިމިނަލް، ގޭންގްސްޓަރ އެއް..ޕުއަރ މީ، އެމީހާގެ ރީތިކަމުގެ ދަލުގައި ޖެހިގެން ރަގަޅު ބޮނޑިއެއް ބޮވުނީ..ސާރާ ޔޫ ލުކް ސޯ ޕްރިޓީ، މި މެރޫން ޓޮޕާއި ވަރަށް ގުޅޭ........." ރައިޝާ މަޑުމަޑުން ކިޔާލިއެވެ. ދެކުދިން ވާހަކަދައްކަމުންގޮސް ރައިޝާގެ ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ. ދެމީހުންވެގެން ޖިދާންގެ ލެޕްގެ ޕާސްވޯޑް ޖަހަން މަސައްކަތްކުރަމުން ދިޔައިރު ދެމީހުންވެސް ތިބީ ހަމަޖެހިލާފައެވެ. ކުއްލިއަކަށް މީހަކު ދޮރުގެ ތަޅުގައި ހިފާލުމުން ރައިޝާ ސިއްސައިގެންގޮސްފާ މޭގައި އަތްއަޅާލެވިއްޖެއެވެ.

ކޮމެންޓް 0