ރޭގައިވެސް ނުނިދާ ހުރުމުގެ ސަބަބުން އޭނަގެ ދެލޮލަށް ނިދި ސަވާރުވާން މާގިނައިރުތަކެއް ނުވިއެވެ. ދެލޯ ހުޅުވަން މަސައްކަތްކުރަމުން ދަނިކޮށް ދެލޯ މެރި ހުވަފެނުގެ ރީތި ޢާލަމަކަށް ގެނބުނެވެ.

ކަނު އަނދިރީގެ ތެރެއިން ކޮންމެވެސް މީހަކު ދޮރު ތަޅުހުޅުވާލިގޮތަށް ސާރާ އޮތް އެނދާއި ދިމާލަށް އަންނަން ފެށިއެވެ.

ނިދާހަރުވެފައި އޮތް ސާރާގެ ގައިގާ ފިރުމަފިރުމާފައި އޭނަގެ ގައިމަތީގައި އަޅާފައި އޮތް ރަޖާ ނެގިއިރުވެސް ސާރާއަކަށް ހިލަމެއްނުވިއެވެ. ނިދާހެދުން ހަށިގަނޑާއި ވަކިވެގެންދާން ފެށުމުން ސާރާ ދެލޯ ހުޅުވާލިއިރު ފިރިހެން އަތެއްގެ ބީހުން އިހުސާސްކުރެވުނެވެ.

"އިމީ......" ނިދީގައި އޮވެ ކިޔާލަމުން ސާރާ އެމީހެއްގެ އަތުތެރޭގައި ބޮނޑިވެލިއެވެ.

"ޝްޝްޝް......" އެމީހަކު ސާރާގެ ތުންފަތުގައި އިނގިލިޖެއްސިއެވެ.

އޭނަގެ ގައިގާ ބީހި އުފާހޯދަމުން ދިޔައީ އައްމާރު ނޫންކަން އެނގެން ހިނދުކޮޅެއްނެގިއެވެ. އެއާއިއެކު ސާރާ އެމީހާގެ އަތުގައި ދަތްއަޅައިގެންފާ ސަލާމަތްވާން މަސައްކަތްކުރަންފެށިއެވެ. އެމީހެއްގެ ބާރުގަދަކަމުން ތަބެކޭ ތަފާތެއްނެތެވެ. ގުޑުވައެއްވެސް ނުލެވުނެވެ. ގައިމަތީގައި ގުދުވެގެން އޮތް މީހާ އަނދިރި ހިޔަންޏެއްފަދައިން ފެނުނުނަމަވެސް ދެލޯ ހޭނެން ފެށުމުން ޖިދާންގެ ދެލޯ ކަން ޔަގީންވިއެވެ. ސާރާ ހަޅޭއްލަވައިގަންނަން މަސައްކަތްކުރިއެވެ. ޖިދާން ސާރާގެ އަނގަމަތީގައި އަތްއަޅާ ފިތައިގަތެވެ.

"ސާރާ ފެނުނީއްސުރެން އަހަރެން މިހިރީ ސާރާއަށް ބޭނުންވެފައި. ރައިޝާ ފެނިފައިވެސް މިހާ ގޮތްގޮތެއްނުވޭ....." ޖިދާންގެ ދެލޮލުން ފެނުނީ މަސްތުކަމެކެވެ.

"ޖިމް ޖިމް....ކޮންތާކުތަ ތިހިރީ......" ކަރަންޓު ނެތުމުން ހިމޭންކަމުން ފުރިފައިވާ ގޭތެރޭގައި ރައިޝާގެ އަޑު ގުގުމާލިއެވެ. އެއީ ސާރާއަށް ލެއްވި ރަހުމަތެއްފަދައެވެ.

"ޖިމް...." ރައިޝާ އެތަންމިތަނަށް ބޯ ދީފައި ޖިދާންއަށް ގޮވިއެވެ.

"ވިލް ބީ ބެކް....." ޖިދާން ސާރާގެ އަނގަޔަށް ފިތާލާފައި އަވަހަށް ނުކުމެގެން ދާން ހިނގައިގަތެވެ. އޭރު ސާރާގެ ހިތުގެ ތެޅުން އިންތިހާއަށް ބާރެވެ. ބިރުންގޮސް މީހާގެ ނޭވާ ހުއްޓުދާނެހެން ހީވިއެވެ. މިގޭތެރޭގައި އެންމެ ހިނދުކޮޅަކަށްވެސް އޭނަ ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް އޭނަގެ މައިންބަފައިންނާއި ދެކޮޅަށް އައްމާރުއާއި ކައިވެނިކޮށްގެން ގެ ދޫކޮށްލާފައި އައިކަން ހަނދާންނައްތާލެވޭކަށްވެސް ނެތެވެ. އެހީވާން ތިބީވެސް އެމީހުންނެވެ. އައްމާރުއަކީ އޭނަގެ ހިތާއި ފުރާނައެވެ. ދިރިހުރުމުގެ ހުރިހާ އުފަލެކެވެ. ނަމަވެސް އޭނަގެ ފޯރުންތެރިކަމެއް ނެތުމުން އަދި ހިމާޔަތް ދެވޭކަށް ނެތެވެ.

ސާރާ ފާޚާނާތެރެއަށް ވަދެފައި އެންމެ ކުރިން ގުޅީ އައްމާރުއަށެވެ. ކަރަންޓުނެތިގެން ބިރުން ނުނިދިގެން އުޅޭވާހަކަ ބުނުމުން މިއަންނަނީކަމުގައި ބުނެ ހިތްހަމަޖައްސާލަދިނެވެ. އޭރުވެސް ސާރާގެ މޫނުމަތީގައި އޮށްދާ ހިއްލާލާފައި ހުއްޓެވެ. ކިރިޔާ އަޑެއް އިވިލިޔަސް އޭނައަށް ހީވަނީ ޖިދާން އެނބުރި އަންނަނީކަމުގައެވެ. އެންމެފަހުން ހިތާއި ދެކޮޅަށް ސާރާ އޭނަގެ ދޮންބެއަށް ގުޅައިގެން ހަގީގަތް ކިޔާދިނެވެ.

"ވަޓް؟ އެމީހާގެ ކޮއްކޮއަކާއި ސާރާ ކައިވެނިކުރީ؟ ކިހާ ލަދުހުތުރުކަމެއް، މަންމަމެންނަށް އެނގިއްޖެއްޔާ ލަދުން މަރުވެދާނެ، ތިމީހެއްގެ ކައިރިން ވަރިވެގެން އަވަހަށް ރަށަށް އެނބުރި އާދޭ. ކޮއްކޮގެ ގާތިލްގެ ޢާއިލާ މީހަކަށް އަހަރެމެންގެ ގެއިން ޖާގައެއް ނުލިބޭނެ......." ސާހިލް ހަރުކަށިކަމާއިއެކު ބުނެލިއެވެ.

"އައްމާރުއާއިމެދު މިގޭ މީހުން ކަންތައްކުރަނީ ހިލޭމީހަކާއި ދޭތެރޭ ކަންތައްކުރާ އުސޫލުން، އައްމާރުއަކީ ގޮނޑުން ހޮވައިގެން ގެނައި ކުއްޖެކޯ، އޭނައަކީ އަދި މިމީހުންނާއި ލޭގެ ގޮތުން ގުޅުމެއްނެތް ބަޔަކަށްވެސް ވެދާނެއްނު، ދޮންބޭ، ހެޔޮނުވާނެ، ބައްޕަމެން ކައިރީގައި ބުނެދީ، މިގޭގައި އެންމެ ސިކުންތަކަށްވެސް ހުންނާކަށް ބޭނުމެއްނޫން، މަންމަމެންނާއިއެކު އައްމާރު އުޅެންފެށީމަ ވިސްނޭނެ ކިހާ މާތް ޒުވާނެއްކަން..މަންމަ ކައިރީ ބުނެދީބަލަ. ޕްލީޒް...." ސާރާ އާދޭސްކުރަންފެށިއެވެ.

"ނުވާނެ ތިކަމެއް، ސާރާ އަމިއްލައަށް ހޯދައިގަތް ބޮނޑިއެއް ތިއީ، އަހަންނަށް ކޮށްދެވޭނެކަމެއް ނެތް....." ސާހިލްގެ ޖުމްލައާއިއެކު ސާރާ އަވަހަށް ފޯނު ކަނޑާލައިފިއެވެ. އަމިއްލަ ޢާއިލާއިންވެސް ހިމާޔަތެއް ނުލިބުނެވެ. އޭނަގެ ބޭބެމެންވެސް އޭނައަށްޓަކާ އެއްވެސް ކަމެއްކޮށްދޭކަށް ނެތެވެ. އައްމާރުގެ ދޮންބެ ފާފައެއްކުރިޔަސް އައްމާރު އެކަމުގައި ބައިވެރިވީއެއް ނޫނެވެ. އެމީހަކު ކުރިކަމެއް އެމީހަކަށެވެ. އެހެނޭ ކިޔާފައި އައްމާރު ދުޝްމަނަކަށް ހަދަން ޖެހޭހެއްޔެވެ؟

އައްމާރުގެ ޢާއިލާއެކޭ އޭނަގެ އާއިލާގެ ހުރީ ކޮން ތަފާތެއްހެއްޔެވެ؟ ރަށުގެ ގަދަރުހުރި ޢާއިލާއަކަށް ނިސްބަތްވާ ބަޔަކަށް ވިޔަސް އަންހެންދަރިފުޅާއިމެދު ކަންތައް މިކުރީ ކޮން އުސޫލަކުން ހެއްޔެވެ؟ ޖިދާންފަދަ ގާތިލަކާއިއެކު އެއްގެއެއްގައި އުޅޭކަން އެނގުމުންވެސް ހަމްދަރުދީނުވީއެވެ. ސާރާގެ ހިތް ޝަކުވާއިން ފުރުނެވެ. ދުވަހަކު އެމީހުންނަށް މާފުނުދޭން ނިންމިއެވެ.

ކޮޓަރިއަށް ވަނީ ކަރަންޓުގެ އަލިކަން ފާޚާނާގެ ދޮރުގެ ހިންމިތަކުން ވަންނަން ފެށުމުންނެވެ. ހެދުންތައް ފަށްޖަހަން ހުއްޓާ ފަހަތުން އައްމާރު އައިގޮތަށް އުފުލާލުމުންވެސް ހަޅޭއްލަވައިގަނެވުނީއެވެ.

"ކިހިނެއްވަނީ މައި ލިޓްލް ގާލް......."އައްމާރު ސާރާގެ މޫނުގެ އެތަންމިތާގައި ބޮސްދިނެވެ. އައްމާރުގެ އިޝްގީކަން އޭނަގެ ރީތިކަން އެތައް ގުނަ އިތުރުކުރުވައެވެ. އެއީ އެހެން މީހުންނަށް ފެންނާނެ ސިފައެއްނޫނެވެ. އެކަނި އޭނައަށް ޚާއްސަ ސިފައެކެވެ. އައްމާރުގެ ލޯބިން ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނަސް އައްމާރު ހަތަރުދަމު އޭނަގެ ކައިރީގައި ފާރައަށް ނުހުންނާނެކަންވެސް އެނގުނެވެ. ދެރަވަނީ އެހެންވެއެވެ. އައްމާރު ލިބުމުން ދުނިޔޭގެ ހުރިހާ އުފަލެއް ފުރިހަމަވިކަމަށް ހީކުރެވުނަސް ދުނިޔެއަކީ އެހެން ކަހަލަ ތަނެކެވެ. ހުރިހާއުފަލެއް ނުހޯދޭނެއެވެ. ކިތަންމެ ފުރިހަމަ ދިރިއުޅުމެއްގައިވެސް ކޮންމެވެސް ކަހަލަ އުނިކަމެއް ހުންނާނެއެވެ.

"އަނދިރިކަމުން ބިރުގެންފައި ހުރީ....." ސާރާ ކުޑަކޮށް ހިނިތުންވެލިއެވެ.

"ދެން ފޮށި ތައްޔާރުކުރަނީޔޯ......" އައްމާރު ސާރާ އޭނައާއި ދިމާލަށް އަނބުރުވާލިއެވެ.

"ރަށަށް ދާންކަމަށް މިއުޅެނީ. އިމީ ކޮންމެހެން ގޭގައި ނޫޅެވުނަސް ރަށުގައި ކުއްޔަށް ތިއްބަސް މާ ހިތްފަސޭހަވާނެ. ތެދަށް ބުނަންޏާ މިގޭގައި އުޅެން އަހަރެން ބިރުގަނޭ. އަބަދު ހީވަނީ ކޮންމެވެސް ބޮޑުކަމެއްވާން އުޅޭހެން، އިމީ ބުނާނެ ބީ ޕޮޒިޓިވްއޭ އެކަމަކު ބިރުވެރިކަމެއްގެ ތެރޭގައި ހުންނަން އެކަކުވެސް ބޭނުމެއްނުވާނެ. އިމީ އަހަރެމެންނަށް މިތަން ދޫކޮށްފައި ދެވިދާނެތަ؟ ނޫނެކޭ ނުބުނައްޗޭ ޕްލީޒް...." ސާރާ އައްމާރުގެ މޫނުގައި ދެއަތްތިލައިން ހިފަހައްޓާލަމުން އެފުން ދެލޮލަށް ބަލައިލިއެވެ. ހިތާމައާއި އެކުގައިވެސް ބައެއްފަހަރު ލާނެތްކަމާއި އުފާވެރިކަން އެލޮލުގައި ނަށަނަށާ ހުރެއެވެ. ތޫނުފިލިކަމުން ފުރިފައިވާ ދެލޮލެވެ. ނަބީލާ އަމިއްލަ ދަރިއާއިމެދު ހަސަދަލައިގެން އުޅެނީ އައްމާރުގެ އެހެރަ ރީތިކަމުންކަމަށް ވެދާނެއެވެ.

"ނޫނޭ ސާރާ، އަހަންނަށް ތިކަން ވާކަށްނެތް، މިރޭ ދޮންބެ އަހަންނާއި ވާހަކަދެއްކި، ދޮންބެ ކޮންމެވެސް ކަހަލަ ޑީލެއް ހަދައިގެން ބައިވަރު ފައިސާތަކެއް ލިބިގެން އުޅެނީ، އަހަންނަށް ހެލްޕްވާނަމޭވެސް ބުނި، އެހެންވެ ދޮންބެ ބުނާ ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށް މިހިރީ. އިހަށް ރަށަށް ނުދާނީ، ބައިވަރު ފައިސާތަކެއް ލިބެން އޮތްވާ އަދި އަމިއްލަ ބޭބެ އެހީވާން ހުއްޓާ ދުރަށް ދުވާކަށް ނުވާނެ، އަހަންނަށްޓަކާ ބޭބީ ކުޑަކޮށް ކެތްކޮށްލަދީ......." އައްމާރު އެދުނެވެ.

ސާރާގެ ހިތަށް ބިރުވެރިކަންވަނެވެ. އައްމާރުގެ ވިސްނުންތޫނުކަމާއި އެކުގައިވެސް ޖިދާންއަށް އިތުބާރުކުރީ ކީއްވެހެއްޔެވެ؟ ޖިދާން ރަގަޅު ވިޔަފާރިއެއް ނުކުރާނެއެވެ. ޑްރަގް ޑީލަރެއް ނޫންކަމެއްވެސް ނޭގެއެވެ. ނަމަވެސް އެވާހަކަ ބުނާކަށް ނުކެރުނެވެ.

އެރޭ ސާރާއަކަށް ނުނިދުނެވެ. ސީލިންއަށް ބަލަހައްޓައިގެން ތަގުދީރާއި ޝަކުވާކޮށްލަކޮށްލާ އޮވެވުނީއެވެ. އާދައިގެ މަތިން އައްމާރު އޭނަގެ ލޯބިވެރިޔާއާއި ވާހަކަދެއްކިއެވެ. ރަގަޅު ތަންކޮޅަކީ އޭނަބޭނުންވާހާ ކަމެއްކޮށްދީފައި ހިތްހަމަޖައްސާލަދޭކަމެވެ. ދެއަނބިން ގެންގުޅެން އައްމާރު ނިކަން މޮޅުވާނެއެވެ. އޭނައާއި ކާއިއާއިއާއި އެކީގައި ގެންގުޅެން އައްމާރު ވިސްނާފައި އެބައޮތްހެއްޔެވެ؟ އަހާކަށް ސާރާ ބޭނުމެއްނުވިއެވެ. ތިން މީހުން އެކީގައި އުޅޭ ހަޔާތެއް އޭނަގެ ޚިޔާލަކަށް ނުގެނެވޭނެއެވެ. އޭނައަށް ރަގަޅީ އެފަދަ ދުވަހެއް ފެނުމުގެ ކުރިން އޭނަގެ ފުރާނަ ގެންދަވައިފިއްޔާއެވެ. އައްމާރު އެހެން މީހަކާއި ހިއްސާކުރާކަށް އޭނަގެ ހިތް ދުވަހެއްގެ ކޮޅުންވެސް ގަބޫލެއްނުވާނެއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ސާރާ ތެދުވުނުއިރު އައްމާރުއާއި ޖިދާން މޭޒުދޮށުގައި ވަރަށް ހަމަޖެހިލާފައި ވާހަކަދައްކަން ތިބިތަން ފެނުނެވެ. ދެމީހުންގެ ކުރިމަތީގައި އާވިއަރައަރާހުރި ކޮފީއެވެ. ސާރާ އަވަހަށް އެތެރެއަށް ދެމިގަތެވެ. އެނުލަފާ އިންސާނާގެ ފަރާތުން ސަލާމަތްވާން ހަދާންވީ ކިހިނެއްހެއްޔެވެ؟

އައްމާރުގެ ކައިރީ ބުނެފިއްޔާ އައްމާރު ޖިދާންގެ ގައިގާ ޖަހަން ދާނެކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ.

"އޭރަށް އެ ނުލަފާ މީހާ އިމީއަށް ކޮށްލާނެ ވަރެއް އެނގެނީއެއް ނޫން، ޖަލުގައި އޮވެފައި އައި ކުށްވެރިޔަކު އަމިއްލަ ކޮއްކޮ މަރާލާކަށްވެސް ފަހެއްނުޖެހޭނެ، އިމީއަކީ ގޮނޑުން ހޮވި ކުއްޖެކޭ ކިޔާއިރު އިމީ އެކަން ގަބޫލުނުކުރިޔަސް އެވެދާނެ ހަގީގަތަކަށްވެސް، އެމީހުންގެ ހިތުގައި އިމީއާއި ދޭތެރޭގައި އެއްވެސް ކުލުނެއް ހަމްދަރުދީއެއް ނެތީ އެހެންވީމަ ކަން ޔަގީން، ވީއިރު އަހަރެންގެ އުފަލަށްޓަކާ އަހަރެން އިމީގެ ކައިރީ ޖިދާންގެ ވާހަކަ ބުނަންވީތަ؟ ނުބުންޏަސް ރަގަޅުކަމަކަށް ނުވާނެ، ދެވަނަފަހަރަށް ތަކުރާރުކޮށް އެމީހާ ލައްވާ ކުށްކުރުވަން ދެވޭ ފުރުސަތަކަށް ނޫނީ ނުވާނެ، އަދިވެސް ފެމިލީއަށް ގުޅާފައި ބުނަންވީ، ނޫނީ ވަގުތީގޮތުން އަހަރެން ރަށަށް ދާންވީކަން ނޭގޭ. އިމީ ފޮނުވާނެތަ؟ " ސާރާ ގެ ޚިޔާލު އެކިގޮތްގޮތަށް ދަތުރުކުރިއެވެ.

ބައިގަޑިއެއްހާއިރު ފަހުން އައްމާރު ކޮޓަރިއަށްވަން އިރު އެރީތި ދެލޮލުގެ އުޖާލާކަން އިތުރުވެފައިވެއެވެ. މުށިކުލައިގެ ފަޓުލޫނާއި ހުދުކުލައިގެ ޓީޝާޓު ގަޔަށް ހިފާލާފައިވާއިރު އެ ފުޅާމޭމަތި ދެކޭ ކޮންމެ އަންހެންކުއްޖަކު ލޮލުގައި އަޅައިގަންނަހާވެއެވެ. އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށް އޮތުމުންނާއި މޫނުގެ އޮމާންކަމުން އެހާ ތާޒާކަމަށް ދައްކައެވެ. އައްމާރު އެއައިގޮތަށް ސާރާ އުފުލާލިއެވެ. ކުދިކުދި ގޯނާކުރަން ފެށުމުން ސާރާ ހެމުން އެނދަށް ވެއްޓިގަތެވެ.

"ތިނޫން ކޮންމެ ކަމެއްކުރިޔަސް ހެވޭ ދެން...." ބަނޑުގައި އައްމާރު އަތް ޖެއްސުމުން ސާރާ ހެމުން ބުނެލިއެވެ.

"ޔަގީންތަ؟" އައްމާރު ހިނިތުންވެލިއެވެ. އިރުކޮޅެއްވާންދެން ސަކަރާތެއް ޖަހަން ތިބެފައި ސާރާ ކުއްލިއަކަށް ތަބީޢަތު ގޯސްވެ ހިނިތުންވުން ގެއްލިއްޖެއެވެ. އައްމާރު ސުވާލުކުރަންފެށިއެވެ.

"މަގޭ އަގްލީ ވައިފް، މަގޭ ކުޑަ ކުޑަ ވައިފް..މިހާރު ކުއްލިއަކަށް މޫޑު އޮފްވީޔޯ. ތިހެން ހެދީމަ ޕެޝަންސް ޑައި އިނގޭ، ޑޯންޓް ޑޫ ދިސް ބޭބީ..............." އައްމާރު ހީލާފައި ވާހަކަ ފެށިޔަސް ނިންމާލިއިރު މޫނުމަތިން ސީރިޔަސްކަން ފާޅުވިއެވެ. ސާރާ އަބަދު ތިމަންނަ މާ ހިކަމުން ހަޑިއޭ ކިޔާތީ އައްމާރު ދޭތެރެއަކުން ޖެއްސުމެއްކޮށްލައެވެ.

"އިމީ އާއި އޭނަ ޑީލްއެއް ހެދީމަދެން މިގެއިން ނުދާނީތަ؟ އަހަރެން ބޭނުމީ ކޮންމެވެސް ގޮތަކުން ޖޮބެއް ހޯދައިގެން އެހެންތާކަށް ބަދަލުވާން....." ސާރާ ބުނެލިއެވެ.

"އަޑުއަހާބަލަ ސާރާ، ދޮންބެ ވަނީ އަހަންނަށް ލޯނެއްދޭން އެއްބަސްވެފައި، އަސްލު އަހަރެން ކުރިން ލިބުނުހާ ފައިސާއެއް ޚަރަދުކުރީ މަންމަމެންނަށް، ދޮންބެގެ ފަރާތުން މަންމަމެންނަށް ދުވަހަކު އެއްޗެއް ލިބިފައެއްނުވާނެ، މާމަ ބަލިކަމުން މާމައަށްވެސް ޚަރަދުކުރަން، ދެން ތިބީ ކޮއްކޮމެން، އެކުދިންނަށް ދެން އަޅާލާނީ ކާކުތަ؟ " އައްމާރު ވިސްނާދޭފަދަ ރާގަކަށް ބުނެލިއެވެ.

"އެކަމަކު........" ސާރާ ހިންދިރުވާލިއެވެ.

"ބޭބީ، އަހަންނަށްޓަކާ ދުވަސްކޮޅަކަށް ކެތްކޮށްލަދީ، އަހަރެން މިހުރިހާކަމެއް މިކުރަނީ ހަމަ އަހަރެމެންގެ މުސްތަގުބަލަށްޓަކާ.........." އައްމާރު ސާރާ ގެނެސް މޭމަތީގައި ބޭއްވިއެވެ. ސާރާއަށް އޮވެވުނީ އައްމާރުގެ ހިތުގެ ތެޅުމުގެ އަޑުއަހާށެވެ. އެހިތް އެއްވަރަކަށް ތެޅެމުން ދިޔައިރު އެއީ އޭނައަށްޓަކާ ޖަހާ ވިންދުތަކަކަށް ވާނެނަމައޭ ހިތަށް އެރިއެވެ. ކާއިއާގެ ނަން ހިތަށް އެރުމުންވެސް ތުންފަތުގައި ދަތްއަޅާލެވި ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އައްމާރުއަކީ އެކަނި އޭނަގެ މީހެއްނޫންކަން ހަނދާންވުމުން އެހިތަށް ލިބޭ ވޭން ކިޔާދޭނީ ކިހިނެއްހެއްޔެވެ؟ ހަޔާތުގެ ފަހު ސަފުހާތައް އަދި އޭނައަކަށް އެނގިފައެއްނެތެވެ. ކުރިން އެނގޭނެނަމައެވެ. ކާއިއާ ހަމަ ދުރަށް ނުދާނީހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ. އައްމާރުވަނީ އޭނައާއި އެންމެ ކައިރީގައެވެ. މިހާރުވެސް ދަރިއަކު ލިބި ހަމަޔަކަށް އެޅުނީމަ ކާއިއާގެ މަތިން އައްމާރު ހަނދާންނެތިދާނެއެވެ.

"ސިއްރެއް ބުނެފާނަން؟ ލޯނު ނަގައިގެން ފުރަތަމަ ބޭނުމީ ޔޫކޭއަށް ދާން....." އައްމާރުގެ ޖުމްލައިން ސާރާ ގެ އުއްމީދުތައް ފުނޑުފުނޑުވެގެން ފައިބައިގަތްހެން ހީވިއެވެ. އޭނަ މިއުޅެނީ މިގެއިން ސަލާމަތްނުވެވިގެންނެވެ. ވަޒީފާގަނޑެއް ނުލިބިގެންނެވެ. އަމިއްލަ ޢާއިލާ ދޫކޮށްލާފައި އައިސް އޭނަ މިހިރީ އައްމާރުއަށްޓަކައެވެ. އެވަރުންވެސް އޭނަގެ ހިތުގެ އަޑު އައްމާރުގެ ކަންފަތަކަށް ނުފޯރިއެވެ. އޭނަ ބޭނުންވީ ޚިޔާލީ ލޯބިވެރިޔާ ހޯދަން އެތައް މޭލުދުރަކަށް ދަތުރުކުރާށެވެ. ކާމިޔާބުލިބޭނެކަމެއްވެސް އެނގެނީއެއްނޫނެވެ. އިންޓަނެޓަށް ބަރޯސާވާން ޖެހޭހެއްޔެވެ؟

"ޕްލީޒް އިމީ، އަހަރެންގެ ހިތުގެ އަޑު އެންމެ ފަހަރަކުވެސް އަހާބަލަ، އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އިމީގެ ޝައިތާނީ ބޭބެގެ ފަރާތުން އަހަރެން ސަލާމަތްކޮށްދީ، ލޯބިވެއޭ ބުންޏަސް ލޯބިން އުޅުނަސް އިމީއަކަށް އަދި އަހަންނަށް އިސްކަމެއް ނުދެވޭ، އަބަދު ދުލުކުރީގައި ތިއޮންނަނީ އެލޯބިވެރިޔާގެ ނަން، އެއީ ކާކުތަ؟ އޭނަ އެހާ ޚާއްސަވާންޖެހުނީ ކީއްވެތަ؟ އޭނަގެ ނަން ފިޔަވާ އިތުރު އެއްޗެއް ބުނެދޭކަށްވެސް އިމީބޭނުމެއްނުވޭ......" ސާރާ ފާޑަކަށް އައްމާރުގެ މޫނަށް ބަލަން އޮވެ ހިތާހިތުން ވާހަކަދެއްކިއެވެ.

"ވަޓް...؟ " އައްމާރު ހިނިތުންވެލިއެވެ.

"އެދަތުރު އެހާ މުހިއްމުތަ؟ " ސާރާގެ ހިތަށް އަސަރުކުރިއެވެ. ޒުވާބުކޮށް އަޑުގަދަކުރަން ހިތަށް އަރާފައިވެސް އެހެން ހަދާކަށް ނުކެރުނެވެ.

"އެހެން ހުރިހާކަމަކަށްވުރެ މުހިއްމު، ކާއިއާ ބޭނުމީ ސިއްރުން މެރީކުރަން. ފެމިލީއަށް ފިލައިގެންގޮސް މެރީކުރަން އޭނަ މިހާރު ހުރީ ތައްޔާރަށް، ކާއިއާ އަހަރެންދެކެ އާދަޔާ ޚިލާފަށް ލޯބިވޭ، ވަރަށް ވަރަށް ލޯބިވޭ، އަބަދުހެން ގުޅާ މެސެޖްކޮށް އެތައްވަރަށް ރޮއި އާދޭސްކޮށް ހަދާ، އެކުއްޖާވާ ލޯބީގެ އަގު ވަޒަންކުރާކަށް އަހަރެން ނުޖެހޭނެތަ؟ ހަތްއަހަރު ފާއިތުވެގެން މިދަނީ ޗޭންޖުވުމެއްނެތި......." އައްމާރު ސާރާއަށް ހިތް ހުޅުވާލިއެވެ.

"އަހަރެންވެސް ލޯބިވޭ....." ސާރާއަށް ބުނެވުނީ އެހާވަރަށެވެ.

"ގަބޫލުކުރަމޭ، ބޭބީއަށް އަހަރެން ލިބިފައެއްނު މިހިރީ. އޭނަ އެހާ ދުވަސްވަންދެން އިންތިޒާރުކުރިއިރު އަދި އަހަރެންގެ ގައިގާ އަތްލުމުގެ ފުރުސަތެއްވެސް ނުލިބޭ، އިމްތިހާނެއްފަދައިން ހުރިހާކަމެއް މިދަނީ، ހެއްދެވިފަރާތް އެކަނި ދެނެވޮޑިގެންވަނީ މި ލޯބި ކާމިޔާބުނުވެގެން އުޅެނީ ކީއްވެކަން، އެނގޭހާވެސް އެއްޗަކީ އަހަރެމެންނަށް ވަރަށް ޓްރައި ކުރެވިއްޖެކަން......" އައްމާރު ބޯދަށަށް އަތްލައްވައިގެން ސީލިންއަށް ނަޒަރު ހުއްޓާލިއިރު ލޯ ތެމިފައިވާތަން ސާރާއަށް ފެނުނެވެ.

ސާރާގެ މަންމަ ގުޅަން ފެށުމުން ލިބުނު ހައިރާންކަމުގައި ސާރާ އަވަހަށް ތެދުވެގެންގޮސް ކުޑަދޮރު ކައިރީގައި ހުއްޓިފައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

"ސާރާއަކީ ބަސްނާހާ އުޅުނު ކުއްޖެއްނޫން، އެންމެ ފުރަތަމަވެސް ބުނިން ގޮތްނޭގޭ މީހުންނާއިއެކު ނުދާށޭ، ދެންވެސް އަވަހަށް ރަށަށް އާދޭ......." މަންމަ އަމުރުކޮށްލާފައި އޭނައަށް އަނގައިން ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑާލައިފިއެވެ.

"ކާކުތަ؟ " އައްމާރު އަހާލުމުން ސާރާ ހީލުމަކުން ފުއްދާލައިފިއެވެ.

ކޮމެންޓް 0