ހެނދުނު އައްމާރު ސައިވެސް ނުބޮއި ޑިއުޓީއަށް ދިޔުމުން ސާރާ އިނީ ބިރުގެންފައެވެ. ކޮޓަރި ތަޅުލައިގެން އިންއިރުވެސް ޝައްކާއި ވަހުމުން ހިތް ފުރުނެވެ. އޭނަގެ އެކަނިވެރިކަމުން ފައިދާ ހާސިލުކުރަން ޖިދާން މަސައްކަތްކޮށްފާނެ ހެއްޔެވެ؟ އޭނައަކީ ކާކުކަން ނޭގުނަސް އަންހެނުންނާއިހެދި މަރުދަން ޖެހޭ މީހަކަށް އެއީ މާ ބޮޑުކަމަކަށް ނުވާނެއެވެ. ކޮޓަރިން ނުނިކުންނަން އިންދާ ނަބީލާ ގޮވާލާފައި ބުނީ މެންދުރަށް ކެއްކުމަށެވެ. ރައިޝާ ބޮލުގައި ރިއްސާތީ ބައިވެރިނުވެވޭވެ ކަމަށް ބުނެ ފާޑަކަށް އަމުރުކޮށްލާފައި ދިޔައީއެވެ. ސާރާ މަސައްކަތުގައި އުޅުނީ ހިތް އަތްމައްޗަށް ލައިގެންނެވެ.

"ފަހަރެއްގައި ޖިދާން ބަދަލުވެފައި ހުރެދާނެ، ކޮއްކޮއެއްގެ އަންހެނުންނާއި ބެހޭކަށް ނުކެރޭނެތާ. އެކަމަކު......." ސާރާގެ ލޮލުގެ ކުރިމަތިން ފެނުނު މަންޒަރު ހަނދާނުގެ ސްކްރީނަށް އެރުމާއިއެކު ހިތް ބަދަލުވިއެވެ.

"ހެލްޕެއް ބޭނުންތަ؟ "ޖިދާންގެ އަޑު އިވުނީ ދާދި ކައިރިންނެވެ.

ސާރާގެ އަތުގައި ހުރި ފެންތަށި ބަންޑުންވިގޮތަށް ބިންމަތީގައި ޖެހިފައި ކުދިކުދިވެގެން ދިޔައެވެ. އޭރު އޭނަގެ ހަތަރެސްފައި ފިނިވެ ގަނޑުފެންކޮޅަކަށް ވެއްޖެއެވެ.

"އަހަރެން ފެނުމުން ފަހަރި ފެއިންޓްވެދާން އުޅޭ، ބިރުވެރި ދެޔޯއެއް ތިރިކޮށްލިޔަސް ތިވަރެއްނުވާނެ، ކޮބާތަ ސަބަބަކީ؟ އަހަންނަށް ބަލާލާފައި އެހާ ބިރުވެރި ވައްތަރެއް ޖަހަނީތަ؟ " ޖިދާން ފްރިޖް ހުޅުވާލައިގެން ހުރެ ހާވަނީ ކޯންޗެއް ނުފެނިގެން ކަމެއްވެސް ނޭގެއެވެ.

ސާރާ ޖަވާބުނުދިނީ މިނުލަފާ އިންސާނާއާއި އަނގައިން ބުނާހިތް ނުވީމައެވެ. ނަފްރަތާއި ބިރުވެރިކަން އޭނަގެ ސިކުނޑީގައި ވަކި ހިއްޕާލާފައިވެސް ވެއެވެ. ހަށިގަނޑުވެސް ގަނޑުކޮށްލާހާވެއެވެ. އޭނަގެ މަންމަ އަބަދު "ސްލީޕް ޕެރެލިސިސް"އެއްގެ ވާހަކަ ދައްކާނެއެވެ. ދެބަދޭތެރޭގައި އޮތްވާ ކޮންމެވެސް މީހަކު އަނގައިގާ ހިފެހެއްޓީމަ ދެން އަތްފައި ގުޑުވާނުލެވި އަނގަ ހުޅުވާލެވޭކަށްވެސް ނޯންނަކަމުގައި ވެއެވެ. ބައެއްފަހަރު ބިރުވެރި އެއްޗެއްގެ ސިފައިގާ މޭމައްޗަށް އަރާ އިނދެ ބިރުގަންނަވައެވެ. މަންމަމެން ގަބޫލުކުރަނީ އެއީ ރޫހާނީކަމެއްގެ ގޮތުގައެވެ. މި ޖިދާން ފެނުމުން އޭނައަށްވެސްވަނީ އެހާ ނުބައި ގޮތެކެވެ.

"އަންހެންކުއްޖާ، އަހަރެން ވާހަކަދެއްކީމަ އަނގައިން ބުނަންވާނެ، ރެސްޕެކްޓަކީ ކޯންޗެއްކަމެއް ނޭގޭތަ؟ " އައްމާރު ކުއްލިއަކަށް ސާރާގެ އަތުގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލުމުން ހަޅޭއްލަވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ރައިޝާ ހުރިތާކު ހުރެފައި ނުކުމެގެން ދުވެފައި އައެވެ.

"ކިހިނެއްވީތަ؟ސާރާ...." ރައިޝާ އައިގޮތަށް ޖިދާންގެ އަތުގައި އެލިގަތެވެ.

"ތަށި ތެޅުނީ....." ޖިދާން ރައިޝާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. މީހުންގެތެރޭގައި އިޝްތިހާރުނުކުރިޔަސް ލޯބިވެރިން ކޮޓަރީގެ ފާރުން އެތެރޭގައި އެފަދަ ކިތަންމެ ކަމެއް ހިންގާނެއެވެ. ދައްކަން އުޅުމުން ސާރާ ވީ ފޫއްސެވެ.

"އައި ތޯޓް ކޮކްރޯޗެއްކަމަށް.........." ރައިޝާ ހީލިއެވެ.

"ރައިޝާގެ ފިރިމީހާއެކޭ ކުރަތްޕެކޭ ތަފާތެއް އެބަހުރިތަ؟ މީހަކު ފެންނައިރަށް ފަހާ އަތުލާ ގަޔަށް އަރައިގަންނަ ވައްތަރު މިވެސް. ބަޓް ކުރަފިވެސް މިހާ ނުބަޔެއްނޫން......." ސާރާގެ ދުލުން އެބަސްތައް ބޭރުނުވިޔަސް ހިތުގައިވާ ފޫހިކަން އިންތިހާއަށް ދިޔައެވެ. ޖިދާންގެ މޫނުމަތި ރީތިކޮށް ހުއްޓަސް އެދެލޮލުން އޭނައަށް ފެންނަނީ މަކަރުވެރިކަމާއި ޝައިތާނީ ވިދުވަރެކެވެ. ރީތި ސިފައެއްގެ ނިވަލުގައި ހުރެގެން މުޑުދާރު ޖަރީމާތައް ހިންގަން ލިބޭ ފުރުސަތު ގިނައީ ހެއްޔެވެ؟ އަންހެންކުދިން ހައްލާލެވޭފަދަ ރީތިކަމެއް ޖިދާނަށްވެސް ލިބިފައިވެއެވެ. ފަހަރަކު އަންހެންކުއްޖަކާއި ރައްޓެހިވަމުން އަދި ގަދަކަމުން އަންހެންކުދިންނާއި ބެހޭ ވައްތަރު މީހުންނަށްޓަކާ ސާރާގެ ހިތް ވަނީ ނަފްރަތުން ފުރިފައެވެ.

ނަސީބަކުން އެފަހުން ޖިދާންގެ އުދަގުލެއް ނުފޯރިއެވެ. އަތްމަތި އަވަސްކޮށްލާފައި ކައްކާ ނިމިގެން އޭނަ ކޮޓަރިއާއި ދިމާލަށް ހިނގައިގަތްވަގުތު ނަބީލާގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން އެދިމާލަށް ބަލައިލެވުނީ ކޮންމެހެން ކަމެއް ފެނިދާނެ ކަމަކަށް ނޫނެވެ. އޭނައަށް ފެނުނީ ޝޮކެއް ލިބޭވަރުގެ މަންޒަރެކެވެ. ނަބީލާ މާމަ ދަމާ ކޫއްތަމުން ފާޚާނާއާއި ދިމާލަށް ގެންދާތަނެވެ. ސާރާގެ ހިތަށް ކުރި ނުބައި އަސަރުތަކުން ދެލޯ ތެމުނެވެ. ކޮޓަރިއަށްވަންގޮތަށް އެނދުގައި އިށީދެވުނީ ކަމެއް ކުރާ ހިތްނުވެފައެވެ.

"ސުބުނާﷲ، އެމަންޒަރު ހިތުން ފިލުވާލާނެގޮތެއްވެސް ނޭގޭ، މުސްކުޅިންނަށް ކަމޭހިތަން ދީނުގައި އަންގަވާފައިވާއިރު ހިތެއްނެތް މީހެއް ނޫނީ އެވަރުގެ މުސްކުޅިއަކަށް އަނިޔާނުކުރާނެ. މިގޭތެރެއިން އަބަދު ފެންނަ ކަންތައްތަކުގެ ސަބަބުން މިގޭގައި އެންމެ ހިނދުކޮޅަކަށްވެސް ހުންނާކަށް ބޭނުމެއްނޫން، އެކަމަކު ވަކިދާނީ ކޮންތާކަށްތަ؟ ބައްޕަމެންގެ އެހީ ލިބޭނެނަމަ ކިތަންމެ ފަސޭހަކޮށްވެސް އުޅެވިދާނެ، ބައްޕަމެންނަށް ގުޅާކަށް އިމީ ގަބޫލެއްވެސް ނުވާނެ، ދެން ކިހިނެއް ހަދާނީ؟ އެ ނުލަފާ މީހާ އަހަރެންގެ އަތުގައިވެސް ހިފީ، ދެން އެއަށްވުރެ ބޮޑުކަމެއް ނުކުރާނެކަމުގެ ޔަގީންކަމެއް ނެތް، އިމީގެ ކައިރީގައި އެމީހާގެ ވާހަކަތައް ކިޔާދީފައި މިތަނުން އެހެން ތާކަށް ގެންދަން ބުނަންވީ، ހާދިސާއެއް ހިގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ......" ސާރާ ދެކަކޫ މޭގައި ޖައްސާލައިގެން އިންއިރު ދެލޮލުގައި ކަރުނައިގެ އަސަރު ހިނގާލާފައިވެއެވެ.

ލޯބިވާ ކޮއްކޮގެ މަތިން ހަނދާންވެ ކަރުނަތައް ދެކޯތާފަތްމަތިން ދަތުރުކުރަން ފެށިއެވެ.

އައްމާރު ގެއަށް އައުމުން ޝަކުވާކުރަން އުޅުނުއިރު އަދި އައްމާރު ގެނައީ މާބިރުވެރި ޚަބަރެކެވެ.

"ކޭޝް ކައުންޓަރުން ބައިވަރު ފައިސާތަކެއް މަދުވެ އަހަރެންގެ ބޮލުގައި އެޅުނީ، އަހަރެން ބޭނުމެއްނޫން ދެން އެތާކަށް ވަޒީފާއަށް ދާކަށް......" އައްމާރު އެނދުގެ މަގަތުގައި އިށީދެލާފައި ސާރާ ގެނެސްމޭގައި ޖައްސާލިއެވެ. އައްމާރުގެ ދެލޮލުން ކަންބޮޑުވުމާއި ނުތަނަވަސްކަން ފެނިފާ ސާރާގެ ހިތަށް އަސަރުކުރިއެވެ.

"ޑީޓެއިލްސްތައް ކިޔާދީބަލަ އިމީ. ފުލުހުން އައިތަ؟ " ސާރާ އައްމާރުގެ މޫނުގައި އަތުން ފިރުމިއެވެ.

"ފުލުހުން ނުގެންނާނެއްނު، އެކުވެރިއެއްގެ ރިޒޯޓެކޭ އެއީ. ބޭބީ އަހަންނަށް ނޭގޭ، އަހަރެންގެ ބަދުނަސީބުކަމުން އެއްވެސް ކަމެއް ކާމިޔާބުވާގޮތެއްނުވޭ، ކުޑައިރުއްސުރެން މަސައްކަތް މިކުރަނީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ނުފެނިގެން. އެކަކުވެސް އެހީއެއް ނުވޭ......."އައްމާރު އިނީ ދެރަވެފައެވެ. ސާރާ އައްމާރުގެ މޫނުގަޔާއި އިސްތަށިގަނޑުގައި ފިރުމަމުންގޮސް ބޮލުގައި ދުޅަވެފައިވާ ތަންކޮޅެއް ފެނިގެން ސުވާލުކުރަންފެށިއެވެ.

"އެއީ ކުޑައިރު ލިބުނު އަނިޔާއެއް......" އައްމާރު ސާރާގެ އަތުގައި ހިފެހެއްޓިއެވެ.

"ކާކުތަ؟ " ސާރާ އޮޅުން ފިލުވަން ބޭނުންވިއެވެ.

"ބައްޕަ......" އައްމާރު ކޮންމެވެސް ވަރަކަށް ސާރާއަށް އޭނަގެ ހަޔާތުގެ ސަފުހާއެއް ހުޅުވާލަދިނެވެ.

"ކީއްވެތަ؟ އަނިޔާވެރި ބައްޕައެއް ދޯ އިމީގެ ހުރީ....." ސާރާގެ ހިތް ތެޅިލިއެވެ. އައްމާރުގެ "ޑިޕްރެޝަން" ގެ އަސްލަކީ އޭނަގެ އަނިޔާވެރި ޢާއިލާތާއެވެ. މިގޭތެރެއިން ފެންނަ މަންޒަރުތައް އެކަމަށް ހެކިދެއެވެ. އައްމާރުގެ މިޒާޖުގައި އެހުންނަ ކަންތައްތަކާއި ސިގްރެޓް ބުއިމަކީ އޭނަ ދެކޭގޮތުން އައްމާރު ޑިޕްރެޝަންގެ ޝިކާރައަކަށްވެފައި ވުމެވެ. ޖިދާންކަހަލަ ބޭބެއެއް ލިބިފައިވާ ޒުވާނަކު ރަގަޅުވެދާނެއޭ ހީކުރާނީ ކާކުހެއްޔެވެ؟ އަހިވަކާއި ޖެހި އަހިވައް ފާވެއޭ ބުނާ އުސޫލު އޭނަ ގަބޫލެއް ނުކުރެއެވެ.

"އޭރު އަހަންނަށް ވީ ދިހަ އަހަރު، ބައްޕަގެ ސިގްރެޓްފޮށި ފެނިގެން ސިގްރެޓެއް ރޯކުރިތަން ދޮންބެ އަށް ފެނިގެންގޮސް މަންމަ ކައިރީ ދޮގުހެދީ، ސިގްރެޓެއް ބޮއިފިއޭ ބުނީ. ބައްޕަ ވަޒީފާއިން ގެއަށް އައުމާއިއެކު މަންމަ އެވާހަކަ ބުނުމުން ބައްޕަ އަހަރެންގެ ގައިގާ ތަޅައިގަތްއިރު މަންމަ ހުރީ ހިތްވަރުދޭން، ދޮންބެ ހުރީ ހޭން. ބައްޕަ ތަޅާނެ ވަރަކަށް ތަޅާފައި އަތުގައި އޮތް ދަނޑިގަނޑު އެއްލާލުމުން ހިނގައިގަތްއިރު މޫނަށް އަނދިރިވާގޮތްވި، މަގަށް ނުކުތްފަހުން އިހުސާސްކުރެވުނީ މީހަކު ފަހަތުން އަންނަހެން، އެއާއިއެކު ބާރަށް އައި ގާގަނޑަކުން ބޮލުގައި ޖެހިގެން ބަލާލިއިރު ދޮންބެ. ތިއީ މާލޭ ގޮނޑުން ހޮވައިގެން ގެނެސް މަންމަމެން ގެންގުޅޭ ކުއްޖެކޯ............." އައްމާރު ވާހަކަ މެދުކަނޑާލިއެވެ.

ސާރާގެ ލޮލުގައި ކަރުނަ ގިނަވިއެވެ.

"އެއީ ތެދެއްތަ؟ މަންމަމެން ދެރައެއްވެސް ނުވޭތަ؟ "ސާރާގެ އަޑު ކުރެހުނެވެ.

"ޑޮކްޓަރަކަށް ދައްކަން ގެންދިޔަ، މަގުމަތީގައި ކުދިންގެ ގްރޫޕަކާއިއެކު ސަކަރާތްޖަހާފައި އަނިޔާވީއޭ ކިޔާފައި މަންމަމެން ދޮގުހެދީ، ޑޮކްޓަރ ޖެހުނީ ސްޓިޗްކުރަން، ގޮނޑުން ހޮވައިގެން ގެނައޭ ކިޔަނީ ދިމާކުރަން ކަމަށްވާނީ ދޯ. ސަބަބަކީ އުފަންދުވަހުގެ ސެޓްފިކެޓްގައި އިންނަނީ ބައްޕަގެ ނަން......" އައްމާރު ބުނެދިނެވެ.

"އިމީ މަންމަ ކައިރީ ނުބުނަންތަ ޖިދާން އިމީއަށް އަނިޔާކުރި ވާހަކަ......" ސާރާއަށް ބަދަލު ހިފޭނެނަމައެވެ. ތަންކޮޅެއް ހިތްވަރުގަދަ ކުއްޖަކަށްވާނެނަމައެވެ. ޖިދާންގެ މޫނުމަތި ނޮޅާލެވޭނެނަމަ އޭނަ އެކަންވެސް ކުރީހެވެ.

"ބުނުމުގެ މާނައެއްނެތް، މަންމަގެ ފެވެރިޓަކީ ދޮންބެ. ބޭބީ އެވާހަކަ ކިޔާނުދޭނީ މިހެންވީމައޭ، މިހާރު ކޮންކަމެއް؟ ބޭބީ ތިރޮނީ މާކުރީގެ ކަމެއް ކިޔާދިނީމަ، ޑޯންޓް ކްރައި........." އައްމާރު ކުޑަކޮށް ހިނިތުންވެލިއެވެ. ސާރާ އައްމާރުގެ ބޮލުގައި ބޮސްދިނެވެ. ފައިގާ ބޮސްދިނުމުން އައްމާރު ހީގަނެފައި ބުނީ އެއީ ހިންދީ މީހުން ކުރާކަމެއްގަމުގައެވެ. ސާރާއަށް އައްމާރުގެ ވާހަކަތައް މަޖާވިއެވެ. އައްމާރު ބައްދާލީ ނިކަން ލޯބިންނެވެ. އެބާރުގަދަ އަތުގެ ހިމާޔަތް ލިބުމުން ދުނިޔޭގެ ހުރިހާ ދަތިކަމަކާއި ހިތާމައެއް ހަނދާން ނައްތާލެވުނެވެ. އަބަދަށްޓަކާއި އައްމާރުއާއިއެކު އުފަލުގައި އުޅެވިދާނެކަމަށް ހީކުރެވުނެވެ. ނަމަވެސް އިރުކޮޅަކަށެވެ. އައްމާރު އިޝާ ނަމާދުކޮށްލައިގެން އައިގޮތަށް ކާއިއާއާއި ޗެޓްކުރަން ފެށުމުން ސާރާ މާޔޫސްވެ އެނދުގައި އޮންނަން ޖެހުނީ އެކަނިއެވެ. އެތައް އިރެއްވާންދެން އައްމާރު ވާހަކަދެއްކިއިރު ކާއިއާދެކެ ލޯބިވާ ވާހަކަ ފަށްފަށުން ބުނެލިއެވެ. ބޭބީގާލް ފަދަ އެތައް ލަފުޒުތަކުން ކާއިއާއާއި މުޚާތަބުކުރުމުން އައްމާރުއަކީ އެކަނި އޭނަގެ ހައްގެއްކަމަށް ހީކުރެވުނީ އަދި ރަގަޅަކަށް ނޫންކަން ވިސްނިފައި ކަރުނަތައް ހިފެހެއްޓުން ފަސޭހަކަމަކަށް ނުވިއެވެ.

އޭނަ ލޯބިވާ ޢާއިލާ ދޫކޮށްލާފައި އައްމާރުގެ ހައްގުގައިވި ގުރުބާނީ އެއްޗަކަށް ނުވަނީހެއްޔެވެ؟ އޭނަގެ މަގާމަކީ ކޮބާހެއްޔެވެ؟ އައްމާރުގެ ހިތުން އެހެން މީހަކަށް ބޮޑު ޖާގައެއް ދީފައިވާއިރު އޭނައަކީ އައްމާރުގެ ލޯތްބަށް ކުރިމަތިވެފައިވާ ހުރަހެއްކަމުގައިވެސް ހީކުރެވެންފެށިއެވެ. ނިދާކަމަށް ހެދިގެން ބާލީހުގައި ބައްދާލައިގެން އޮތަސް އައްމާރުއަކަށް ސިއްރެއްނުވިއެވެ. ސާރާ ރޮނީކަން އެނގިފައި އައްމާރު ބާލީސް ދަމައިގަތެވެ. ދެން އާދައިގެ މަތިން ގަދަކަމުން ކަހަލަ ގޮތަކަށް ސާރާ ގެނެސް އަތުތެރެއަށް ލިއެވެ.

"ސަމްވަން ތިންކްސް އަހަރެން ލޯބިނުވާކަމަށް، އަހަރެން ކެއަރ ނުކުރާކަމަށް، އެހެންވެ ކުއްޖަކު ވަރަށް ރުޅިގަދަވެފައި، އެކަމަކު އެކުއްޖާއަށް އެނގޭނެނަމަ، އަހަރެން ލޯބިވާވަރު އެނގޭނެނަމަ. އަހަރެން ކެއަރ ކުރާވަރު އެނގޭނެނަމަ...." އައްމާރު ހީހީފައި ސަކަރާތް ޖަހާކަހަލަ ގޮތަކަށް ކިޔަމުން ސާރާގެ ބަނޑުގައި އަތް ޖައްސާލުމުން ސާރާއަށް ހިމޭންކަން ޚިޔާރުކޮށްގެން އޮވެވޭނެ ގޮތެއްނުވިއެވެ. އޭނަ ހޭންފެށިއެވެ. އައްމާރުދެކެ ރުޅިއައިސްގެންވެސް މަޑުން އޮވެވޭކަށް ނޯންނާނެއެވެ.

"މަގޭ ބޭބީ ވައިފް ތިގޮތަށް ނުރޮއްޗޭ އިނގޭ. އައި ލަވް ޔޫ ސްޓުޕިޑް........" އައްމާރު ދެން އެދުނީ އެގޮތަށް ކަމަކާއި ނުލައި ނުރުއިމަށެވެ. އޭނައަކީ ސާރާގެ ފިރިމީހާކަމުގައި ވުމަށްފަހު ދެން ސާރާ ދޫކޮށްލުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ބުނެލިއެވެ. ކާއިއާއާއި ކައިވެނިނުކޮށް ވާނެ އެއްވެސް ގޮތެއްނެތް ކަމާއި ކާއިއާ އޭނަދެކެ ވާ މަތިވެރި ލޯބި ބަޔާންކޮށްދިނެވެ. ކާއިއާ އޭނައަށްޓަކާ އިންތިޒާރުކުރާތާ ހަތް އަހަރުވެފައިވާއިރު އޭނައަށް އެކަން ހުއްޓާލުމުގެ ހިތްވަރެއްނެތްކަމަށްވެސް ބުނެލިއެވެ. އޭނަގެ ހިތަކީ ދެއަންހެންކުދިންނަށް ހަމަހަމަޔަށް ދީފައިވާ އެއްޗެއްކަމަށް ގަބޫލުކުރަންވެސް އެދުނެވެ. ކިތަންމެ ވަރަށް ވިސްނާދިނަސް ތިމާގެ ފިރިމީހާ އެހެން އަންހެންކުއްޖަކު ދެކެ ލޯބިވެ ރައްޓެހިވެގެން އުޅޭކަން އެނގިހުރެ ހިތަށް ކެތްވާނެހެއްޔެވެ؟ އެހެން މީހުން އުޅެނީ ސިއްރުންނެވެ. އައްމާރު ލޯބިވެރިޔަކު މިގެންގުޅެނީ ފާޅުގައެވެ. ތަފާތަކީ އިންޓަނެޓުން ގެންގުޅޭ ޚިޔާލީ ލޯބިވެރިޔަކަށް ވީކަމެވެ. ނަމަވެސް އޭނައަށް ވަގުތު ނުދީ ރޭގަނޑު ހަތަރުދަން އެޚިޔާލީ ލޯބިވެރިޔާއަށް ދޭންވެއްޖެއްޔާ އޭނަގެ ހިތް ވެސް ހަސަދައިން ފުރޭނެއެވެ.

"އަހަރެން ބޭނުމެއްނުވޭ ސާރާއަށް ސިއްރުން ކާއިއާއާއި ވާހަކަ ދައްކަން، އަޑުއިވޭ ހިސާބުގައި ދައްކަނީ އެހެންވެ، ޗެޓްލޮގް ބަލާލަން ބޭނުންވިޔަސް ހެވޭ، ބޭބީ ތިއީ މެޗުއަރ އަންހެންކުއްޖެއް، އަހަންނަށް އެހީވާން ތިނޫން މީހަކު ހުރީއެއްނޫން، ޕްލީޒް ހެލްޕް މީ......" އައްމާރު އެދުނެވެ.

"އޯކޭ....." ސާރާ ގަދަކަމުން ހިނިތުންވެލިއެވެ.

"އިމީ....." ސާރާ ގަސްތުކުރީ ދެން މައުޟޫ ބަދަލުކޮށްލާށެވެ. އައްމާރުގެ ހިތަށް އަސަރުކުރާފަދަ ވާހަކަތަކާއި ހިތި މާޒ ހަނދާން ކުރުމުގެ މާނައެއްނެތެވެ. އޭނަ ބޭނުމީ އައްމާރު އުފަލުން ހުރުމެވެ. އަބަދާ އަބަދު ހިނިތުންވެލައިގެން ހުންނަ ތަން ދުށުމެވެ.

"އިމީ ބުނީމެއްނު ބުރުގާ އަޅާށޭ......." ސާރާބުނެލިއެވެ.

"އަހަންނަކީ ކަންކަމު ތަކުރާރުކޮށް ކިޔާމީހެއްނޫން. ކުޑައިރު ބަނޑުހައިވިޔަސް ބުނާނީ އެންމެ ފަހަރަކު، ނުވިއްޔާ އެވީ. ސާރާގެ ކައިރީގައި ބުރުގާ ނަގަން ބުނެފައި އަޅަންވެސް ބުނީ، ދެން ނުބުނާނަން، ބޭބީއަށް ފެންނަގޮތެއް ހަދަންވީ...އޯކޭ؟" އައްމާރު އޭނަގެ ޚިޔާލު ހުރިގޮތް އެންގިއެވެ.

ޖެހިގެން އައިދުވަހު އައްމާރު ގަސްތުކުރީ މަސްހިފަން ދިޔުމަށެވެ. ދޮށީ މަސްވެރިކަމަށް ފޯރިއެއްނެތަސް ފަރުކައިރިއަށް ފީނައިގެން މަސްބޭނުމަކީ ޒުވާނުންނަށް މަޖާވެސް ކަމެކެވެ. އެކަމުން އާމްދަނީވެސް ހޯދިދާނެއެވެ. ވަޒީފާއަކަށް އެދި އެހެން މީހުންނަށް އާދޭސްނުކޮށް އަމިއްލައަށް އެފަދަ ކަމެއްކުރަން އައްމާރު ވިސްނާފައި އެރޭ ސާރާގެ ކައިރީގައިވެސް ނުބުނެ އެކުވެރިޔަކާއިއެކު މަސްބާނަން ދިޔައީއެވެ. ފޯނުކޮށްފައި ބުނީ އޭނަ ވީ ރަށުން ބޭރުގައި ކަމަށާއި ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުންކަމަށެވެ.

"ކިހިނެއް ނިދަން ކެރޭނީ؟ އިމީއަށް އެނގޭނެނަމަ..ޖިދާންއަކީ ޝައިތޯނެއްކަހަލަ މީހެއްކަން އެނގޭނަމަ އިމީ އަހަރެން ދޫކޮށްފައެއްނުދާނެ، އޭނަ ކެއަރ ނުކުރަނީތަ؟ އިމީ އެކްޓްކުރަނީބާ، ހިތް ފުރޭހާ ލޯބިން ވާހަކަދެއްކިޔަސް އަމަލުން ލޯބި ދެއްކިޔަސް އަހަރެންދެކެ ލޯބިނުވަނީ ކަމަށްވާނީ، އޭނައަށް ޖިދާން އެނގޭނެއްނު، ކުރި އަނިޔާވެސް އިމީގެ ހިތުން ފިލައިގެން ދިޔައީކީނޫން. ވީއިރު ޓްރަސްޓްކޮށްފަ އަހަރެން ދޫކޮށްލާފައި ދިޔައީ ކީއްވެތަ؟ އެނގޭތަ އަހަރެން ބިރުގަންނަ ވަރު........" ސާރާ ދޮރާއި ދިމާލަށް ބަލައިގެން އޮތީ ކަޅި ޖަހާނުލައެވެ. ދޮރުގައި ހުރި އެޕޯލޯ ތަޅަށް އޭނަ އިތުބާރެއް ނުކުރެއެވެ. ތަންޑެއްހާ މިންވަރުވެސް ނެތެވެ.

ރޭގައިވެސް ނުނިދާ ހުރުމުގެ ސަބަބުން އޭނަގެ ދެލޮލަށް ނިދި ސަވާރުވާން މާގިނައިރުތަކެއް ނުވިއެވެ. ދެލޯ ހުޅުވަން މަސައްކަތްކުރަމުން ދަނިކޮށް ދެލޯ މެރި ހުވަފެނުގެ ރީތި ޢާލަމަކަށް ގެނބުނެވެ.

ކަނު އަނދިރީގެ ތެރެއިން ކޮންމެވެސް މީހަކު ދޮރު ތަޅުހުޅުވާލިގޮތަށް ސާރާ އޮތް އެނދާއި ދިމާލަށް އަންނަން ފެށިއެވެ.

ކޮމެންޓް 0