ސާރާގެ މަންމަ ގުޅަން ފެށުމުން ލިބުނު ހައިރާންކަމުގައި ސާރާ އަވަހަށް ތެދުވެގެންގޮސް ކުޑަދޮރު ކައިރީގައި ހުއްޓިފައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

"ސާރާއަކީ ބަސްނާހާ އުޅުނު ކުއްޖެއްނޫން، އެންމެ ފުރަތަމަވެސް ބުނިން ގޮތްނޭގޭ މީހުންނާއިއެކު ނުދާށޭ، ދެންވެސް އަވަހަށް ރަށަށް އާދޭ......." މަންމަ އަމުރުކޮށްލާފައި އޭނައަށް އަނގައިން ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑާލައިފިއެވެ.

"ކާކުތަ؟ " އައްމާރު އަހާލުމުން ސާރާ ހީލުމަކުން ފުއްދާލައިފިއެވެ. އޭނަ އައްމާރު ކައިރީ ހަގީގަތް ކިޔައެއްނުދޭނެއެވެ. މަންމަމެން ބޭނުމީ އެކަނި އޭނަ ރަށަށް ގެންނަންކަމަށް ބުނެފިއްޔާ އައްމާރު އޭނައާއިއެކު ދާން ދެކޮޅުހަދާނެއެވެ. ތަފާތު ޚިޔާލުތައް ސިކުނޑި ފުނިޖެހެމުން ދިޔައިރު އައްމާރުއާއި ހަމަޔަށް އެވާހަކަ ގެނެސްދޭންވީގޮތް ހިތުތެރޭގައި ރާވަމުން ސާރާ ދިޔައެވެ.

ޖިދާންއާއި އައްމާރުގެ ދޭތެރޭގައި ދެކެވުނު ވާހަކަތައް ނިމުނީ އަރައިރުމަކުންނެވެ. އައްމާރުއަށް ދަޅަދެއްކުމަށްފަހު އެންމެ ފަހުން ޖިދާން ބުނީ އެހާ އަވަހަށް ލޯނެއް ނުދެވޭނެކަމުގައެވެ. އައްމާރުއަށް މުސާރަ ލިބޭނީވެސް ދެތިން މަހަށް މަސައްކަތްކޮށްގެން ކަމަށް ބުނުމުން އެހިސާބުން ޖިދާންއަށް އިތުބާރުކުރެވުނު ކަމުގެ މޮޔަ ހީވިއެވެ. ނަމަވެސް ފައިސާއަށް ބޭނުންވެފައި ހުރިވަރުން އޭނަ ބޭބެއަށް އާދޭސްކުރިއެވެ. އޭނަ އަންހެންކުއްޖަކު ދެކެ ލޯބިވާވަރާއި އިންތިޒާރު ކުރާވަރު ހާމަކޮށްދިނެވެ. ވަގުތީގޮތުން ނަމަވެސް ފަސްހާސް ޑޮލަރު ދޭން އެދުނެވެ. ޖިދާން ދެކޮޅު ހެދިއެވެ. އައްމާރުއަށް މަލާމަތްކުރިއެވެ.

"މުއްސަދި އަރަބިންނެކޭ ކަލެއެކޭ ތަފާތެއްނެތް، އެފެންވަރަށް ގޮސް ހަތަރު އަނބިން ހަމަކުރަން ތިއުޅެނީ؟ ބަލަ އެމީހުންގެ އެފެންވަރު ހުރެޔޭ، ކަލޭ ތިއުޅެނީ އެންމެ އަންހެނަކު ނުބެލެހެއްޓިގެން، ލޯބިވާން އެކަށީގެންވާމީހެއް ނޫނޭ ތިއީ. އަދި ޔޫކޭގައި ހުރި އަންހެންކުއްޖަކާއި ނެޓުން ގުޅިގެން އޭނަ ދައްކާހާ ވާހަކަތަކަށް ހެއްލިފައި ދޯ ތިހިރީ، އޭނައަށް އެއްޗެއް ލިބޭނަމަ އޭނަވެސް މާލެއަށް އަންނާނެއްނު، ކަލޭ ތިމޮޔަ ޚިޔާލު ދޫކޮށްލާފައި އެކަށީގެންވާ ތާކު ހިފާބަލަ........." ޖިދާންގެ ހިތަށް އެއްވެސް ރަހުމެއްނުވަނެވެ.

އައްމާރުގެ ހިތުގައި ޖިދާންއާއިމެދު އޮތް ފޫހިކަން އިތުރުވިއެވެ. މުށްކަވާލެވުނު އަތް ޖީބަށް ޖަހާލައިގެން ހުރެ އޭނަ އަވަސްއަވަހަށް އެތަނުން ދުރަށް ދިޔައީ އިތުރު ޒުވާބެއްނުކުރަން ވެގެންނެވެ.

އިރުކޮޅެއްނުވަނީސް އޭނަގެ މަންމައާއި ހަމަޔަށް އެޚަބަރު ދިޔައެވެ. ނަބީލާވެސް ހިތްވަރު ދިނުމުގެ ބަދަލުގައި އެއްޗެހި ކިޔާ މަލާމާތްކުރިއެވެ. އަމިއްލަ ޢާއިލާއިން އޭނައާއި ދޭތެރޭ ކަންތައް ކުރާ އިހާނެތި ގޮތާއިމެދު އޭނަ ވިސްނާތާ ކޮން ދުވަހެއްހެއްޔެވެ؟ ބައްޕަ އައުމަށްފަހު އަދި މިގޭތެރޭގައި އުޅެން ވަކިން ދަތިވާނެއެވެ. ކުޑައިރު އޭނަގެ ގައިގާ ތަޅާ އަނިޔާކޮށް ބިރުގެންނެވުމުގެ އިތުރުން އޭނަ ކޮޓަރީގައި ބަންދުކޮށްފައި ބަހައްޓާ ދުވަސްތައް އޭރު އޮތީ ގިނަވެފައެވެ. މާމަ އޭނަ ދިފާއުކުރަން އައި ދުވަހެއްނަމަ މާމަގެ ލޮލުން ކަރުނަ އަންނަވަރު ކުރާނެއެވެ. މިއަދު މުސްކުޅިވެ ބިކަ ހާލުގައި ޖެހިފައި އިން މާމައާއިމެދު އައްމާރުގެ ހިތް ހަމްދަރުދީއިން ފުރިފައިވެއެވެ. އެމާމައާއި އަޅާލާ ކާއެތިކޮޅެއް ދޭނެ މީހަކުވެސް ނުހުރެއެވެ. އެންމެން މީރުކޮށް ކައްކައިގެން ކާއިރު ގިނަފަހަރު ކަޅުސަޔާއި ރޮށިކޮޅެއް ކަހަލަ އެއްޗެއް ނޫނީ ކާކަށް ނުދެއެވެ. ލޯމައްޗަށް ބުމަ ވެއްޓިފައިވާއިރު އެ މުސްކުޅި ދެލޮލުން އަބަދުހެން ފެންނަނީ ކަރުނައެވެ. އެހެންވާންވީ ދޮންކާފަ އާއި ބެހޭގޮތުން މަންމަ ދައްކަމުން ދިޔަ ވާހަކަތައް މާމަ ގަބޫލުނުކުރީމަ ހެއްޔެވެ؟ މަންމަ އެކަމުގެ ބަދަލު ހިފަނީ ބާވައެވެ. ނަމަވެސް މިއީ އިންސާފެއް ނޫނެވެ. މާމަ އަދި އެވާހަކަތަކާއިމެދު އިހުމާލު ވިޔަސް މުސްކުޅި އުމުރަށް ދިޔައީމަ އެހާ އިހާނެތިކޮށް ހަދާކަށް ނުވާނެއެވެ. ދަރިން ޖެހޭނީ މައިންބަފައިންގެ ހައްގު އަދާކުރާށެވެ. އޭނަގެ މަންމަ އޭނައާއި ދޭތެރޭ ކަންތައްކުރާ ގޮތާއިމެދު ކެތްކޮށްލައިގެން ޗުއްޕުވެސް ބުނެނުލާ ހުންނަނީ އެކަމާއިހެދިއެވެ. މައިންބަފައިންނަށް ކަމޭހިތަން ދީން އެހާވެސް ބާރުއަޅާތީއެވެ.

ކުޑައިރުއްސުރެން އައްމާރުއަށް މުޅިންވެސް ފެނިފައިވަނީ މިފަދަ މަންޒަރުތަކެވެ. ލޯތްބާއި އަޅާލުމަކީ ކޮބާކަން އޭނައަށް ދަސްކޮށްދިނީ ކާއިއާއެވެ. އެހާބޮޑު ގަދަރެއް އެކުއްޖާއަށް ދެވުނު އެއް ސަބަބަކީ އެއީއެވެ. މި މާހައުލުން ސަލާމަތްވާންވެގެން ސާރާފަދަ ރަގަޅު އަންހެންކުއްޖަކު ހަޔާތުގެ ބައިވެރިޔަކަށް ހަދަން އޭނަ ނިންމިއެވެ. ނަމަވެސް އެ ޢާއިލާއިންވެސް އޭނަ ގަބޫލުނުކުރީއެވެ. ފިރިހެނަކަށްވިޔަސް އެޒުވާން ހިތަށް އަސަރުކުރިއެވެ. ހިނިތުންވުންތަކުގެ ފަހަތުގައި އެރިހުންތައް ފޮރުވައިގެން ހުރެ އޭނަ އަނެއްކާވެސް ޖަލެއްފަދަ ތަނަކަށް އެނބުރި އައީ ދެވަނަ އެހެން ގޮތެއް ނެތުމުންނެވެ.

އައްމާރު ފާޚާނާގައި ހުއްޓާ ކުއްލިއަކަށް ސާރާ ދޮރު ހުޅުވާލިއެވެ.

"ބޭބީގެ ހުންނަ އެންމެ ނުބައި އާދައަކީ ތިގޮތަށް ކުއްލިއަކަށް ދޮރު ހުޅުވާލުން....." ސިގްރެޓެއް ތުނބުގައި ޖަހާލައިގެން ފާރަށް ލެނގިލައިގެން ހުރި އައްމާރުގެ ދެލޮލުގައިވި ރިހުން ސާރާއަށް ފެނުނެވެ. އެ ރީތި ހިނިތުންވުމަށްވެސް އެކަން ފޮރުވައެއް ނުލެވުނެވެ.

"އިމީ އަހަންނަށް ކިޔާދީބަލަ، ކޮންކަމަކާ ތިހާ ހިތާމަކުރަނީ؟ މިއީ ކިހިނެއްވެފައި ހުރިތަނެއްތަ؟ " ސާރާ އައްމާރުގެ ހާމަޔަށް ހުރި ދެއަތުގައި ހިފެހެއްޓިއެވެ.

"ނުބުނަންތަ؟ ސިގްރެޓުން އަންދާލީ......." އައްމާރު ބުނެދިނެވެ.

"ދެން މިހިރީވެސް އަމިއްލައަށް ކަޓްކޮށްފައި ދޯ، އިމީ ޕްލީޒް އަމިއްލަ ނަފުސަށް ގެއްލުން ނުދީ އަހަންނާއި ޝެއަރކޮށްބަލަ، ހަޔާތުގެ ބައިވެރިޔަކު ހުންނަނީ ކޮންމެވެސް ބޭނުމެއްގައެއްނު، އެކަނި ދާން ފަޅުފިލުވާކަށް ނޫން، އުފާތައް ހިއްސާކުރާކަށްވެސް ނޫން، އުފަލެކޭ އެއްފަދައިން ހިތާމައާއި ބިރުވެސް ހިއްސާކުރުމަށް، އިމީ ވިސްނަނީ ކޮންކަމަކާތަ؟ "ސާރާ ތަންކޮޅެއް ހަރުކުއްޖެއްހެން ވާހަކަ ދައްކަން ފެށުމުން އައްމާރުއަށް ހުރެވުނީ ބަލާށެވެ. ސާރާގެ ދެލޮލުންވެސް އޭނައަށް ފެނުނީ ކާއިއާފަދައިން ސާފު ތާހިރު ލޯތްބެވެ. އަމިއްލަ އެދުމެއްނެތް ލޯތްބެވެ. މުޅި ހަޔާތުގައި އޭނަދެކެ ލޯބިވީ އެކަނި މި ދެއަންހެންކުދިންނެވެ.

"ހަމަޖެހިބަލަ ބޭބީ، ހަމަޖެހިބަލަ، މިއީ ވަރަށް ކުރީގެ މާކްތަކެކޭ، މިހާރު އަހަރެންވެސް އެހާ މޮޔަކަމެއް ނުކުރާނެއްނު، ހެއްދެވިފަރާތަށް ބިރުގަނޭ....." އައްމާރު ޔަގީންކަން ދިނުމުން ސާރާގެ ހިތަށް ކުޑަ ލުޔެއްލިބުނެވެ. ނަމަވެސް އައްމާރުގެ މާޒީގެ އަނދިރިކަން ހިތަށް ގެނެވުނެވެ. އައްމާރު "ޑިޕްރެޝަން" ގެ ޝިކާރައަކަށްވެފައިވާ މިންވަރު ހާމަވިއެވެ. ފިރިހެންކުދިންވެސް އަންހެންކުދިން ފަދައިން އެކަހަލަ ވިސްނުން ގެންގުޅޭކަން އެނގިއްޖެއެވެ. އަނިޔާވެރި މާހައުލެއްގައި އުޅެ ބޮޑުވުމުގެ އަސަރުކަމުގައި ބުނެގެން ކުށްވެރިން ދިފާޢެއް ނުކުރެވޭނެއެވެ. ނަމަވެސް އަމިއްލައަށް އަނިޔާދީ ގެއްލުން ދިނަސް އޭނަގެ އައްމާރު އެހެން މީހުންނަށް އުދަގޫ ނުކުރޭ ނޫންހެއްޔެވެ؟ ނޫނީ ކުރިހެއްޔެވެ؟ އެ ސަފުހާތައް ކިޔާހިތުން ހުރެވެނީއެއް ނޫނެވެ. ނަމަވެސް އެވަރަށް އައްމާރުއަށް މަޖުބޫރުކުރާކަށް ހިތެއް ނުރުހެއެވެ. މަޑުމަޑުން އޭނައަށް އައްމާރު ދަސްވިޔަސް ޝަކުވާއެއް ނެތެވެ. ދިރިދުނިޔޭގައި ލަހައްޓަވައިފިއްޔާ އޭނަ އާއި އައްމާރު އެކީގައި ވާނެކަމުގައި އޭނަ ދުޢާކުރެއެވެ.

އެވަގުތު ސާރާ ކޮންމެވެސް ވަރަކަށް ކެއްސަންފެށިއެވެ. ކުޑައިރު އޭނައަކީ ނޭވާއަށް އުދަގޫ ކުރި ކުއްޖެއްކަމަށް މަންމަ ވަނީ ބުނެފައެވެ. މިފަހަކަށް އައިސް ބްލީޗް އެއަރްފްރެޝްނަރ ފަދަ ކެމިކަލްތަކުގެ ވަހުން އޭނައަށް ކޮންމެވެސް ވަރެއްގެ އުދަގޫތަކެއްވާން ފެށިއެވެ. ސިގްރެޓްވަހުން އެހާ އުދަގޫވާއިރުވެސް އައްމާރުގެ ލޯތްބަށްޓަކާ އޭނަ އަމިއްލައަށް އުދަގޫވާ ވާހަކަ ބުނާކަށް ބޭނުމެއްނުވިއެވެ. އޭގެ ބަދަލުގައި އޭނަ ބުނެދިނީ ސިގްރެޓުން ހުރި ގެއްލުމުގެ ވާހަކައެވެ.

"ދުވާލަކު އެކަތި ބޯލުމަކުން ތިހާ ބޮޑު އަސަރެއްނުކުރާނެއްނު ބޭބީ، ޓީން ކުދިންނަށް ބޮޑު ގެއްލުންތައް ވިޔަސް ބޮޑު މާސިންގާ ފިރިހެނަކަށްވީމަ ދެން އެހާ ބޮޑުކަމެއްނުވާނެ، އިރާދަކުރެއްވީތީ ސިއްހަތު ވަރަށް ރަގަޅު، އެހާ ސްޓްރޯންގް، ކީއްވެކަން ފަހުން ބުނެދޭނަން. މިހާރު ނާހާތި އިނގޭ، ބޭބީ ބޭނުންވިޔަސް އެވާހަކަ ނުބުނާނަން، އޭރުން މާ ބޮޑަށް ވިސްނާނެ، ބޭބީ މާ ގަދަޔަށޭ ކަންތަކާއިމެދު ވިސްނަނީ. އައި ސްވިއަރ އަހަރެން ވަރަށް އަވަހަށް މިކަންތައް ހުއްޓާނަން........" އައްމާރު އެއްލޯ މަރާލަމުން ސާރާގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.

އައްމާރު ސާރާއާއިއެކު ހޭދަކުރާ ކޮންމެ ވަގުތެއް ހިތުން ފިލައިގެން ނުދާވާރުވެއެވެ. ހަނީމޫން ދުވަސްވަރަކީ އަނބުރާ ހޯދޭނެ ދުވަސްތަކެއްނޫންކަން އޭނަ ދަނެއެވެ. އެދުވަސްކޮޅު ޚާއްސަކަންތަކެއް ކޮށްލުން ކިތަންމެހާވެސް މުހިއްމެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ތިއްބަސް ދެމަފިރިން އެކީގައި ތިބޭވަގުތު އުޅެވުނީ ނިކަން ލޯބިންނެވެ. އައްމާރުގެ ހިތް ކަތިލާފަދަ އަދާތަކާއި އެރީތި ހިނިތުންވުމާއި ބަލައިލުންތަކުން ސާރާގެ ހިތުގައިވާ ލޯބީގެ ބައްތިއަށް އިތުރަށް ތެޔޮއަޅާ ގަދަޔަށް ދިއްލުނެވެ. އައްމާރުއާއި ނުލާ ސިކުންތުކޮޅެއް ވޭތުކޮށްލުން އުދަގޫވާހާ ބޮޑަށް ލޯބިވެވުނެވެ. ސާރާއަށް އަސަރުކުރަނީ އެކަނި ކާއިއާއާއިއެކު ގުޅުން ބާއްވާތީއެވެ. ވަގުތު ދޭތީއެވެ. އެއްވަރަކަށް ވަގުތު ދޭން އޭނަ މަސައްކަތްކުރާހެން ހީވެފައެވެ. އެހެން އަންހެންކުދިންނަށްވެސް މިފަދަ ނުބައި ތަޖުރިބާ ކުރެވޭހެއްޔެވެ؟ ތިމާގެ ލޯބިވެރިޔާ ނުވަތަ ފިރިމީހާ އެހެން މީހަކަށް ޚާއްސަގޮތެއް ބަހައްޓާތަން ފެނުމުން އަސަރުނުކުރާނީ ކާކަށް ހެއްޔެވެ؟

ސާރާ އެއްގޮތަކަށްވެސް އައްމާރު އެހެން ފަރާތަކާއި ހިއްސާކުރާކަށް ބޭނުމެއްނޫނެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އެހާވަރަށް ދުޢާކުރެވި އާދޭސް ދެންނެވުނެވެ. ކޮންމެވެސް ދުވަހަކުން އައްމާރުގެ ހިތުން އެކުއްޖާގެ ނަން ފޮހެވޭނެކަމަށް އޭނަ އުއްމީދުކުރިއެވެ. ޕޮޒިޓިވްކޮށް ވިސްނުމުން އޭގެ އަސަރު ކުރާނީ ރަގަޅަށެވެ.

އެރޭ ނަސީބަކުން ކާއިއާ ނުގުޅައެވެ. އައްމާރު ބުނީ ކޮލެޖްގައި ބިޒީވީކަމުގައެވެ. އަބަދު އެކުއްޖާ ބިޒީވުމަށް މެދުވެރިކުރައްވާނެއެވެ. ސާރާ ދުޢާކުރިއެވެ. އެރޭ އައްމާރުއާއި ދެމީހުން ނިދަން ތިބެފައި ސާރާ ދުރުދުރުން އެވާހަކަފެށިއެވެ. މަންމަ ބޭނުންވަނީ އެދެމީހުން ރަށަށް ބަދަލުވާންކަމުގައި ބުނެލިއެވެ. ރަށުން މާރަގަޅު ވަޒީފާއެއް ލިބިދާނެކަމަށާއި މިފަދަ ތަނެއްގައި ހުރުމުގެ ބިރުވެރިކަން އެތައްގުނަ އިތުރުވެފައިވާކަމަށް އޭނަބުނެލިއެވެ. އެވަރުންވެސް އައްމާރު ގަބޫލުކުރާގޮތެއްނުވިއެވެ.

"ޖިދާން އަހަރެން ރޭޕްކުރަން ރޫމަށްވަން ވާހަކަ ބުނަންވީކަން ނޭގޭ، އިމީ ލައްވާ ހުވާކުރުވާނީ ޖިދާންއާއި ދިމާލަށް އެއްޗެއް ނުބުނަން......" ސާރާ ވިސްނިއެވެ.

ސާރާ އެވާހަކަ ފަށަން އުޅެނިކޮށް ކާއިއާ ގުޅަން ފެށުމުން ސާރާ ކާއިއާއާއި ބެހޭގޮތުން ރަގަޅު މައުލޫމާތެއް ދޭށޭ ކިޔަން ފެށުމުން އައްމާރު ހޭންފެށިއެވެ. އަވަދިނެތި އުޅެމުން ނުގުޅޭނެއޭ ކިޔާފައިވެސް ނުގުޅާ ނުހުރެވުނެވެ. އުދަގޫ ބޮޑު ކުއްޖެކެވެ.

"އެއީ ޖިންނި ކުއްޖެކޭ ބުނެފިއްޔާ......." އައްމާރު ހުރީ މަޖާ މޫޑެއްގައެވެ.

"ވަޓް؟ "ސާރާ ދެލޯ ބޮޑުކޮށްލިއެވެ.

"މީހަކު އެއްޗެކޭ ބުނާއިރަށް ގަބޫލުކޮށްގެން ބިރުން ވިރިފައި ތިހިރީ، އަހަރެންގެ ފުރާނަޔާ، ކިހާވަރަކަށް ބުނެދޭނީ؟ ކާއިއާއަކީ އަހަރެންގެ ފަރސްޓް ލަވް........." އައްމާރުގެ އެޖުމްލައާއިއެކު ސާރާ އެދުނީ އެކުއްޖާ މިރޭ އޭނައަށް ދެއްކުމަށެވެ. އައްމާރު އެހާ ލޯބިވާ އަންހެންކުއްޖަކީ ކިހާވަރެއްގެ މީހެއްކަން އޭނައަށް އެނގެންވާނެއެވެ. ވީޑިއޯ ކޯލުކޮށްގެން ހުރެ ސާރާއަށް ކާއިއާ ފެންނަގޮތަށް ހެދުމުން ސާރާގެ ހިތަށް ނުބައިގޮތެއްވެގެން ދިޔައެވެ. މޭކަޕްކޮށްގެންނާއި އިސްތަށިގަނޑު ރަންކުލައިން ހައިލައިޓްކޮށްފައި ހުރުމުން އެހާ ރީތީހެއްޔެވެ؟ ކާއިއާ ހީކުރިވަރަށްވުރެ މާ ރީއްޗެވެ. ބުޅި އިސްތަށިގަނޑު ހިތުގެ ބައްޓަމަށްވާ މޫނުމައްޗަށް ކޮންމެވެސް ވަރަކަށް ހިޔާ އަޅާފައިއޮތެވެ. ހިނިތުންވެފައިވާ ވިދުންގަދަ ދެލޮލުގައި ހުރީ މަޑު މުށިކުލައެވެ. ހީލުމުން އައްމާރުއެކޭ އެއްފަދައިން ކޮލަށް އަޑިކޮޅު އެޅިގެންދިޔައެވެ. އޮމާން ކަނދުރާއާއި މޫނު ހާމަޔަށްވާއިރު ލައިގެން އިން ކަޅުކުލައިގެ ނައިޓީކޮޅުން އެކުއްޖާގެ ރީތިކަން ހާމަވެފައިވިއެވެ.

"ޝީޒް......." ސާރާ ހުއްޓާލިއެވެ

"ހުމްމް؟ " އައްމާރު ބުމަ އަރުވާލިއެވެ.

"އަގްލީ......" ސާރާއަށް ބުނެވުނެވެ.

"ބޭބީވެސް ޖޭވީތަ؟ އޯ މައި ގޯޑް........." އައްމާރު ހިނި އަންނަގޮތްވިއެވެ.

"ޑޭމް ޕްރިޓީ، އެކުއްޖާ އިމީއާއި ވައްތަރު. ތަފާތެއްނެތް ޑިމްޕްލްސް......" ސާރާ ކިތަންމެ ވަރަކަށް ހިތް ސާފުކުރަން އުޅުނަސް އެކަމެއްނުވިއެވެ. ކާއިއާގެ ރީތި ސިފަތައް ބިރަކަށްވެގެން ހިނގައްޖެއެވެ. ކާއިއާއާއި ވާދަކުރުމަކީ އޭނައަށް ވަރަށް އުދަގޫވާނެކަމެއްކަމަށް ހިތް ބުނަންފެށިއެވެ.

"ހެހެ. ލަވް ޔޫ..........." އައްމާރު ސާރާގެ ކޮލުގައި ޖަހާލާފައި އާދައިގެ މަތިން ކާއިއާއަށް ސަމާލުކަން ދިނެވެ. އެހެންރެއަށްވުރެ ސާރާގެ ހިތުގައިވި ހަސަދައިގެ ހުޅުކޮޅު އެތައް ގުނަ ބޮޑުވެ މުޅި ޖިސްމަށް އޭގެ އަސަރުކޮށް ސިކުނޑި ފިއްސަންފެށިއެވެ. ދެއަތަށް ފުރޮޅި އޮވެވެސް ނިދީގެ ފޮނިމީރުކަމެއްވެސް ނުލިބުނެވެ. ދެލޯ މަރާލިޔަސް ފެންނަނީ ކާއިއާގެ އަޑިކޮޅުލާފައިވި ހިނިތުންވުމެވެ. އުފާވެރިކަމާއި ލާނެތްކަމުގެ ނަމޫނާއެއްފަދައެވެ.

"މަގޭ ހިތަށް އަރާ އަހަރެން ލޯބިވާ ދެ އަންހެންކުދިން ދެފަރާތުގައި ތިބެ ތަޅާ ފޮޅާނެ ވަރު......." އައްމާރު ހީލާފައި ކިޔާލުމުން ސާރާގެ ހިތަށް ހައްތަހާ ބޮޑަށް އަސަރުކުރިއެވެ.

"އައި ހޭޓް ހާރ....." ސާރާ ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ސިކުނޑިތެރޭގައިވާ ޝައިތާނުންގެ އައުވާނުންތައް އޭނަ ލައްވާ ގޯސްހައްދަން ބޭނުންވަނީއެވެ. އައްމާރު އޭނަދެކެ އެހާ ލޯބިވާއިރު އޭނަ އައްމާރުގެ އުފަލާއި ހިތްހަމަޖެހުމާއިމެދު ވިސްނާކަށް ނުޖެހޭހެއްޔެވެ؟ އައްމާރު އެކުއްޖާއާއި ވާހަކަދައްކާއިރު އެފެންނަ އުފާވެރިކަމާއި ލޯބި އޭނައާއިއެކުގައި އުޅޭއިރުވެސް ނުފެނެއެވެ. ނޫނީ އޭނައަށް އެހެން ހީކުރެވެނީހެއްޔެވެ؟ ދުވަސްތައް ވޭތުވަމުންދާ ވަރަކަށް އައްމާރު ބޮޑަށް ލޯބިވަނީ ކާކުކަން އެނގޭނެއެވެ. ކަރުނަތައް ދިރުވާލާފައި ސާރާ އިންތިޒާރުގައި އޮތްވާ ނަސީބަކުން މާގިނައިރެއްނުވެ އައްމާރު ފޯނު ކުރުކޮށްލާފައި އޭނައާއި ހަމަޔަށް އައެވެ. އައްމާރުގެ އަތުތެރޭގައި ބޮނޑިވެލުމުން އެ ޖިސްމުގައި ހިފާފައިވާ މީރުވަސް ސާރާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.

"އިމީ، މަންމަ އުޅެނީ ވަރަށް ބަލިކޮށް، ރަށަށް ދާން ބޭނުން، އެކަމަކު އިމީ ކަމެއްކޮށްދީފާނަންތަ؟ އަހަންނާއިއެކު ރަށާއި ހަމަޔަށް ދެވިދާނެތަ؟ އަދި އަހަރެމެން ފުރަންދެން އިމީ އަހަންނާއި ދުރަށް ނުގޮސް އެކީގައި ހުރެފާނަންތަ؟ މަހުރަމަކު ނެތި އަންހެންކުދިން ދަތުރުކުރުން ރަގަޅެއްނޫނެއްނު......" ސާރާ ހަނދާންކޮށްލަދިނެވެ.

"ވަޒީފާގަނޑެއް ނެތްމީހަކަށް ތިކަން ކޮށްލަދެވިދާނެ، އެކަމަކު ދެކޮޅު ޓިކެޓޯ......" އައްމާރު ސުވާލުކުރިއެވެ.

"އެކަން ހަމަޖެހިދާނެ......" ސާރާ އައްމާރުގެ ކޯތާފަތުގައި ހިފާލަމުން ބުނެލިއެވެ.

އެރޭ ސާރާ ނިދީ ހަމަޖެހިގެން އަރާމުގައެވެ. އައްމާރު އޭނައާއިއެކީގައި ވަނިކޮށް އެނުލަފާ ޖިދާންއަށް އެކަހަލަ ނުބައި ޚިޔާލެއްގައި އޭނައާއި ދިމާލަށް ބަލާލާކަށްވެސް ނުކެރޭނެއެވެ. އައްމާރު އެއްޗެއް ކާލަންވެގެން ސާރާ ގޮވައިގެން ބޭރަށް ނުކުތްއިރު ޓީވީ ހުރީ ޖައްސާފައެވެ. މުޒާހަރާއެއް ލައިވްކޮށް ދައްކަމުން ދިޔައިރު އެންމެ ކުރީގައި ނަބީލާ އޮތްތަން ފެނިފައި އައްމާރު ބޯ ހޫރާލިއެވެ. އަންހެންދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި މަންމަ އެއުޅެނީ ސިޔާސީ މައިދާނުގެ އެންމެ ކުރީގައެވެ. އެކަމުން ލިބޭ ފައިދާއެއް އޮތީއެއްނޫނެވެ. ޒަކާއާއި އީމާވެސް ގޭގައުޅެނީއެއް ނޫނެވެ. އެންމެފަހުން އައްމާރު ޚަބަރު ބަލައިލިއިރު ދެކުދިން ބުނީ ޝޯބަލަން ގޮސްފައި ކަމުގައެވެ.

ޓިކެޓް ބާރުބޮޑުކަމުން ޓިކެޓް ލިބެން އޮތީ ހަފްތާއެއްހާ ދުވަސްފަހުންނެވެ. އެގޭތެރޭގައި ހަފްތާއަކަށް ކެތްކުރުން ފަސޭހަ ނުވިޔަސް އެހެންގޮތެއްނެތެވެ. ނަސީބަކުން ޖިދާންއާއި ރައިޝާގިނަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. އެއީ ލެއްވި ރަހުމަތެކެވެ. ނަމަވެސް ދޭތެރެއަކުން ގެއަށް ވަދެފައި އުޅޭގޮތުން ހީވަނީ އެންމެން ފުރަން ތައްޔާރުވާހެންނެވެ. ނަބީލާވެސް އުޅެނީ އެކަހަލަ ގޮތަކަށެވެ. ބޮޑު ޗުއްޓީއާއި ދިމާކޮށް އެންމެން ބޭރު ގައުމުތަކަށް ދާންއުޅެނީތާއެވެ. ޑިސެމްބަރަށްވެފައި ވާރޭ މޫސުމަކަށްވެސް ވިއެވެ. ގިނަރޭރޭ ބޯކޮށް ވާރޭވެހި ތޫފާނީ ރޭތަކަކަށްވިއެވެ. ދޭތެރެއަކުން ކަރަންޓު ކަނޑާލައެވެ. ސިޓީއަށްވިޔަސް ހުރިހާ ޚިދުމަތެއް އެންމެ ބަރާބަރެއް ނޫނެވެ. އެފަދަ ރޭތަކުގައި ސާރާގެ ހިތްހަމަޖެހުމަކަށްވީ އައްމާރު ވަޢުދުވިފަދައިން އަބަދު ގާތުގައި ހުރުމެވެ. ޒަކާ ގެއްލުނުކަން އެނގުނީވެސް އެފަދަ ވިއްސާރަ ރެއެއްގައެވެ. އޭނަކުރީ ރޭގައި ނިދަން ނައިކަން އެނގޭއިރުވެސް އެވާހަކަ ބުނުން އީމާއަކަށް މުހިމެއްނެއްނުވިއެވެ. ނަބީލާއަކަށްވެސް އެކަމެއް ނޭގުނެވެ. ފަހުރޭ އޭނަ ދާނެހެން ހީވާތަންތަން ބަލަބަލާފައި ފުލުހުންނަށް ގުޅަން މަޖުބޫރުވިއެވެ. ސާރާ ހުރީ ވަރަށް ހާސްވެފައެވެ. އެހާ ގާތް ގުޅުމެއް ނެތަސް އެއްތާކުން އަބަދުހެން ފެނުނު ކުއްޖަކު ގެއްލުމުން ހިތަށް ބިރުވެރިކަން ވަނެވެ. އެކުއްޖާއަށް ވީ ކީއްހެއްޔެވެ؟ އީމާ އެކަނި ކޮޓަރީގައި އިންދާ ސާރާ އެކޮޓަރިއަށް ވަނެވެ. އެކޮޓަރީގައި ހުރީ އެންމެ އުއްބައްތިއެއް ދިއްލާލާފައެވެ. އީމާ އިނީ ހިޔަންޏާއި ކުޅޭށެވެ. ލާފައި ހުރި ކަޅުހެދުމާއި ކަޅުރަތްކުލައެއްގެ ލިޕްސްޓިކް ޖައްސައިގެން ހުރުމުން ކުޑަކޮށް ބިރުވެރިގޮތެއް ހުއްޓެވެ.

"ޒަކާ ގެންދިޔައީ ޖިންނިއެއްކަމަށްވާނީ، ސިކްރެޓެއް ބުނަންތަ؟ އަހަންނަށް މިގެއިން ފެނޭ ގޯސްޓްތައް. މިގެ ކިހާ ހޯންޓެޑް. ބައްޕަ ސިހުރު ހަދާމީހެކޭ އައްމާރު ބުނެފައި ދޯ ވަނީ، ބޮޑެތި ފޮތްތައް ހިފައިގެން އަބަދު އުޅޭނީ، އެކޮޓަރިއަށް ވަދެއްޖެއްޔާ ފެންނާނެ މުސްކުޅި ފޮތްތަކާއި އެއްޗެހި....." އީމާ އުއްބައްތީގެ އުއްކޮޅެއް ވިރުވާފާލާފައި އަތަށް އެޅިއެވެ. އެއަލީގައި އީމާގެ ލޮލުން ނުރައްކާތެރި ވިދުވަރެއް ފެނުނެވެ. ގޮތިކް ފިލްމުތަކުން ފެންނަ ކަހަލަ އަންހެންކުއްޖަކާއި އީމާ ތަފާތެއްނެތެވެ.

ސާރާގެ ގައިން ހީބިހިނެގިއެވެ.

"އަހަރެމެން މިގެއިން ނުކުންނަން ޖެހޭ އެންމެ ފަހު ތާރީޚަކީ މާދަން، ކޮންމެވެސް ބަޔަކަށް މިގެ ވިއްކާލީޔޯ ބައްޕަ އެތައް ލައްކަ ރުފިޔާއަށް، ދެން މާލެއިން ތަނެއް ކުއްޔަށް ހިފައިގެންދާން އުޅެނީ، ޒަކާ ބުނި ބައްޕަ ވަރަށް މޮޔަމީހެކޭ. މިހާ ބޮޑު ބިމަކަށް އެލިބުނު ފައިސާ މާ މަދުކަމަށް ޒަކާ ބުނީ. އެކަމަކު ދެން ބައްޕަ ސިހުރު ހަދައިގެން އެހެން ބިމެއް ހޯދަފާނެއްނު، ތަނެއް ފަޅުވެސް ކޮށްލަފާނެއްނު........" އީމާ ވާހަކަދައްކާ ގޮތުން ހީވަނީ ބޮޑު އަންހެނެއްހެންނެވެ. ޒަކާއާއި ޚިލާފަށް މިހުރިހާ ދުވަހު އީމާ ހުންނަނީ ބަސްމަދުކޮށެވެ. ކިތަންމެ ވާހަކަ ދައްކަން އުޅުނަސް އޭނަ އަނގައިން ބުނާގޮތެއް ނުވެއެވެ. ކުއްލިއަކަށް އީމާ އަނގަގަދަ ކުއްޖަކަށްވެ އެތައް ސިއްރެއް އެއްފަހަރާ ބޭޒާރުކޮށްލައިފިއެވެ.

"ޖިދާންގެ ބައްޕައަކީ އަދި އެހެން މީހެއް، އޭނަ ވަރަށް ތަފާތެއްނު. މިހާރު އިސްތަށިގަނޑު ކޮށާލައިގެން ޑީސެންޓްވެގެން ހުއްޓަސް ހީޒް އެ ބޭޑް ބޯއި......." އީމާ އެންމެ ފަހު ޖުމްލަ ބުނެލީ ވައިއަޑަކުންނެވެ. އެހެން މީހަކަށް އިވިދާނެތީ ބިރުގަތީކަން ނޭގެއެވެ.

"ކީއްވެ ތިހެން ބުނީ؟ "ސާރާއަށް އީމާ ބުމަގޮށްޖަހާލި ގޮތަކުން ކުރެވުނު ހީއެއްގެ ނުބައިކަމުން ސުވާލުނުކޮށެއް ނުހުރެވުނެވެ. ޖިދާން ފަދަ ނުލަފާ ފިރިހެނަކަށް ކޮއްކޮމެން ވަކިކުރަން އެނގޭނެކަމާއިމެދު އޭނަ ޝައްކެވެ. އެބުނާހެން މިހާރު އިސްތަށިގަނޑު ކޮށާލާ އައްމާރު ނަކަލުކުރަން މަސައްކަތްކުރަނީ އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވަންބާވައެވެ. އޭނަގެ ހިތުގެ ކަޅުކަން އެނގޭ ކިތަންމެ އިންސާނުންނެއް މިރާއްޖޭގައި އެބަތިއްބެވެ. އީމާ ކަޅިއަޅާލިއެވެ. އަދި ކުއްލިއަކަށް އުއްބައްތީގެ ހުޅުކޮޅުގައި ހިފާފައި ނިވާލުމުން ކޮޓަރި ކަނު އަނދިރީގެ ތެރެއަށް ގެނބުނެވެ. އީމާގެ ވާހަކައަދި އަމަލު ހުރިގޮތުން އެކުއްޖާއާއިމެދު ވިސްނާލަން ސާރާއަށް މަޖުބޫރުވިއެވެ. ސާރާ ބޭރަށް ނުކުމެފައި އައްމާރުގެ ކައިރިން އަހާލުމުން ބުނީ އީމާވެސް ނަފްސާނީ މައްސަލައެއް ހުންނަނީކަމަށެވެ. ނަމަވެސް އީމާގެ ބައްޕައާއި ބެހޭގޮތުން ދެއްކީ ތެދުވާހަކަ ކަމަށް ބުނެލިއެވެ.

"ވީއިރު މިގެ ފަޅުކުރަން ފަންޑިތަ ހަދާފައިތަ އެހެން ބަޔަކަށް ވިއްކާލަން އެއުޅެނީ؟ "ސާރާ ގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

"މަންމަ މާލެ ބަދަލުނުވެގެން ޝަކުވާކުރާވަރުން މިގެ ވިއްކާލަން އުޅޭތާ މިހާރު މަސްތަކެއް ވެއްޖެ، މާލެއިން ތިންކޮޓަރީގެ އެޕާޓްމެންޓެއްވެސް ހޯދައިފި. ޖިދާންވެސް އެހާ ގަބޫލުކަމަކަށް ނުވި މިހާ ބޮޑުތަނެއް ނުއަގެއްގައި ވިއްކާލަން، އެކަމަކު ފަހުން ކުއްލިއަކަށް ފެނުނީ މާވަރަކަށް އެކަމާއި އެއްބަސްވެފައި ހުރިތަން. ޖިދާންއަށްވެސް ކުއްލިއަކަށް ފައިސާ އޮހެން ފަށައިފި.........ގުޑް ފޯރ ދެމް...." އައްމާރު ފިނިގޮތަކަށް ހިނިތުންވެލިއެވެ. އެކަމުން އައްމާރުއަށް އުފަލެއް ނުލިބެއެވެ.

ސާރާ ދެރަވިއެވެ. އޭނައަށް ލިބުނީ ކިހާ ރަގަޅު އާއިލާއެއް ހެއްޔެވެ؟ ގުޅިގެން އެކީގައި އުޅުނު އާއިލާއަކުން މިފަދަ ހަމަނުޖެހުން ބޮޑު ތަނަކަށް ވަދެވުމުން ކުރިން ލިބިފައިވި ނިއުމަތާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ. ޖެހިގެން އައި ދުވަހުވެސް އުޑުމަތި އޮތީ ފުދޭވަރަކަށް ބަނަކޮށެވެ. ދޭތެރެއަކުން ވާރޭ ކަނިޖަހާލައެވެ. އައްމާރު ބޮޑުކޮޓަރީގައި ފޯނެއްގައި އިނުމުން ސާރާ ކުޑަދޮރު ހުޅުވާލާފައި ބޭރަށް ބަލާލިއިރު އީމާ ފާރުކަނުގައި ކޮންމެވެސް އެއްޗެއް ވަޅުލާން އުޅޭތަން ފެނުނެވެ. ސާރާ ގަސްތުކުރީ އީމާއާއި ވާހަކަދައްކާލަން ނުކުތުމަށެވެ. ކުއްލިއަކަށް އީމާގެ މޫނުމަތިން ހާސްކަން ފެނުނެވެ.

"އަހަރެން ކުރިކަމެއް ފެނުނުތަ؟ " އީމާ ދެލޯ ތަންމިނަށް ހުޅުވާލިއެވެ.

ކޮމެންޓް 0