ޝުވޭކާރު އެގެއިން ނުކުތީ މަގުގެ ދެކޮޅު ބަލާލާފައި ނިކަން ސިއްރުންނެވެ. އޭނަ ލޮލުގައި އަވި އައިނު އަޅަމުން ހަށިފުރާ ނޭވާއެއްލިއެވެ. އަމިއްލަ ދަރިފުޅު ލޮލުން ފެނުމަށްފަހު އޭނަގެ ހިތަކަށް އެއްވެސް ކަހަލަ އަސަރެއްނުކުރިއެވެ. ކުލުނޭ ކިޔާ އެއްޗެއްވެސް އޮންނަކަން އޭނަ ދަނެއެވެ. އެހާ ތުއްތު އިރު އެއްލާލެވުމުން އެހުރިހާ ޖަޒުބާތެއް ނެތިގެން ދަނީކަން ޝުވޭކާރަށް ޔަގީންވިއެވެ. އޭނަގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.

ޝުވޭކާރު އަވަސްއަރުވާލާފައި ބަލާނުލާ ދޮރު ހުޅުވާލަން ހަދައިގެން ހިނގީ ހީނުކުރާފަދަ ހިތާމަވެރި ހާދިސާއެކެވެ. ސައިކަލުގައި އައި ޒުވާނެއްގެ ގައިގާ އަޅައިގެންފާ އެޒުވާނާ ވިއްސައިގެންގޮސް ޖެހުނުތަން ފެނިފާ ޝުވޭކާރަށް ދުއްވައިގަނެވުނެވެ.

"ސޮރީ ސޮރީ، އައިމް ސޮރީ........" ޝުވޭކާރު އެޒުވާނާއާއި ދިމާލަށް ގުދުވެލިއިރަށް މީހުންތައް އެކިދިމާލުން އައިސް އެތަން ފުރާލައިފިއެވެ. އެ ޒުވާނާ ވެއްޓުނުގޮތަށް ހެޔަށް ގޮތެއްވީކަން ޔަގީނެވެ. ސިކުންތުކޮޅެއްވާންދެން އެހެން އޮވެލާފައި ދެލޯ ހުޅުވާލިގޮތަށް ތެދުވުނުއިރު ބުމަ ފަޅައިގެންގޮސް ލޭ އޮހެމުން ދާތަން ފެނުނެވެ. އެންމެ ދެރަވީ އޭނަގެ ފޯނު ފުނޑު ފުނޑުވެފައި އޮތްތަން ފެނިފައެވެ.

"ޔޫ ނީޑް އެ ޗެކަޕް. މިހާރު ސައިކަލްގައި ދުއްވާފައެއް ނުދެވޭނެކަން ޔަގީން އެހެންވީމަ އަހަރެން ހޮސްޕިޓަލާއި ހަމަޔަށް ގެންގޮސްދޭނަން......." ޝުވޭކާރު އަތުގައި ހިފުމުން ދެބަސްވުމެއްނެތި އޭނަ ގޮސް ކާރުގެ ކުރީ ސީޓަށް އެރިއިރުވެސް މޫނުގެ ހުދުކަމެއް ނުކެނޑެއެވެ. ފެންތިކިތައް އެތަނަވަސް ނިތްކުރީގައި ބަބުޅައެވެ. އެޒުވާނާ އަދިވެސް އިނީ ޝޮކެއްގައި ކަމާއި ވާނުވާ ރަގަޅަށް ނޭގޭތީ އޭނައާއިއެކު ކާރަށް އެރީކަން ޝުވޭކާރު އަށް ރަގަޅަށް ވިސްނުނެވެ. ޖެހުނުލެއް ބާރުކަމުން ބުރާންތިވީއެވެ.

ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް އައްމާރު ވައްދާއިރަށް ނަރުހަކު އައިސް އައްމާރުގެ މޫނުމަތި ސާފުކުރަންފެށިއެވެ. ޝުވޭކާރު ބުނީ ސައިކަލުން ވެއްޓުނީކަމަށާއި އިރުކޮޅެއްވާންދެން ހޭނެތުނުކަމުގައިވެސް ބުނެލިއެވެ. އައްމާރު އޮށޯވެލައިގެން ދެލޯ މަރާލައިގެން އޮތްއިރު މި އަންހެންމީހާ ކޮންމެވެސް ތާކުން ދުށް ހަދާނެއްވެ ވިސްނަންފެށިއެވެ. ސިކުނޑިއަށް ބާރުލުމުންވެސް އެވަގުތު ހަނދާނެއްނުވިއެވެ. ކުއްލިއަކަށް އެނގުނީ ކާއިއާ އޭނަގެ މަންމައާއިއެކު ނަގާފައި ހުރި ފޮޓޯއެއް ފޮނުވި ހަނދާނެކެވެ. އިސްތަށިގަނޑުގައި މުށިކުލައެއް ޖައްސާފައި ހުރިއިރު މައްޗަށް ހިއްލިފައިވާ ހިމަ ބުމައަކާއި ފުޅާ އަނގަވެސް ކާއިއާގެ މަންމައާއި ތަފާތެއްނެތެވެ.

"ގޯޑް، މައިދައިތައާއި މިއޮތް ބައްދަލުވިގޮތެއްދޯ، މަށަކީ ކާކުކަން އެނގުނުނަމަ ކާރުދަށު ލާނެކަން ނޭގޭ، އެހާވަރުން މިތަނަށް ގެނައީވެސް އޭނަގެ ކާރުގައި ޖެހިފައި ހިނގިކަމެއްވީމަ. އެކަމަކު ތަގުދީރުވެސް ކުރި ސަމާސާއެއް، ކާއިއަށް އެނގޭއިރަކުން ހާދަ ވަރަކަށް ހޭނެ....." އައްމާރު ދެލޯ ނުހުޅުވާ އޮތްއިރުވެސް އޮތީ އަޑުއަހާށެވެ. ޝުވޭކާރުގެ އަޑު މައިތިރިނަމަވެސް ކާއިއާ ބުނާފަދައިން ހަރުކަށިގޮތެއް ހުއްޓެވެ. ކާއިއާ އޭނައަށް އެއްވެސް ކަމެއް ސިއްރެއްނުކުރެއެވެ. މަންމަގެ ހުރި އުނިކަމެއް ވެއްޖެއްޔާވެސް އޭނަ ހުންނަނީ އައްމާރުއާއި ހިއްސާކުރަން ތައްޔާރަށެވެ. މަޑުމަޑުންގޮސް އައްމާރުއަށް އެގޭތެރޭގައި ނޭގޭ އެންމެ ސިއްރެއްވެސް ނެތެވެ.

"އެކަމަކު ކާއިއާގެ މަންމަ މާލޭގައި ކުރަނީ ކީއްތަ؟ ކާއިއާ މާލެ އަންނަ ވާހަކައެއް ނުބުނޭ. މަންމަގެ ބަދަލުގައި ކާއިއާ އައިނަމަ. މަގޭ ކާއިއާގެ ދެލޮލުން އަންނަ ކަރުނަތައް ފޮހެލަދޭން ހާދަ ބޭނުންވެއޭ. އަބަދު އަބަދު ރޮމުންގޮސް ކާއިގެ ރީތިކަން ފަނޑުވާން ފަށައިފި، ދެލޯ ކައިރި ކަޅުވެއްޖެ، އެވަރުންވެސް މި މަންމައަށް އެއްޗެއް ނުވިސްނޭނީތަ؟ ކީއްތަވާނީ އަހަރެމެންގެ ގުޅުމަށް އެއްބަސްވެއްޖެއްޔާ، އަހަރެން ކައިގެ ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލާ ގެންގުޅޭނަން، ކާއި އާއި ބައްދަލުވީ އެންމެ ފަހަރަކު، ވަގުތުން އެޓްރެކްޓްވި، ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް މިގުޅުން ކަނޑާލާނީ ކިހިނެއްތަ؟ އެވަރަށް އަރައިރުންވެ ރުޅިވާ ހިސާބަށް ގޮސްފައިވެސް ކޮންމެވެސް ސަބަބަކާއި ހުރެ ގުޅޭނީ ކޮންމެވެސް ސަބަބެއް އޮތީމައެއްނު، އަހަންނަށް އެނގޭހާ އެއްޗަކީ ކައި އަހަރެންދެކެ ވާ ލޯބި އަހަންނަށްވެސް ނުވެވޭކަން، އެއީ ލޯބީގެ ލާމަސީލު މިސާލެއް، ޖޫލިއެޓްކަމުގައި އަހަންނަށްވެސް ގަބޫލުކުރެވިއްޖެ، އެހާ މުއްސަދި އަންހެންކުއްޖަކާއި އިންނަން މިލިއަނަރުން ތިބިއިރުވެސް ނޫނެކޭ ބުނާނީ ކޮންމެވެސް ކަމެއްވީމައެއްނު. އެވަރުންވެސް މި ރަހުމްކުޑަ ހިލަހިތުގެ ވެރިން އަހަރެމެން ދުރުކުރަން މަސައްކަތްކުރަނީ، ނޫން، ނޫން އެހެނެއް ނުވާނެ، ކައި އަހަންނަށް ނުލިބެނީސް އަހަންނަށްވެސް ދެންހަމަޖެހުމުގެ ނޭވައެއް ނުލެވޭނެ. އެއީ އަހަރެންގެ ފުރާނަ......" އައްމާރު ދެލޯ މަރާލައިގެން އޮތްއިރުވެސް އޭނަގެ ގައިގެ އެތަންމިތަނުގައި ކޮންމެވެސް އެއްޗެއް ލާފައި ސާފުކުރާކަން އެނގުނެވެ. އެއްޗެއް އުނގުޅާލުމުން ފިނިވިއިރު ކޮންމެވެސް ވަރެއްގެ ކެރުމެއް ހުއްޓެވެ.

"ބުމަމަތި ފަހާލަން ޖެހެނީ، މިއުޅެނީ އައްސިކުރާ އިންޖެކްޝަން ޖަހަން އިނގޭ........" ފިރިހެނަކު ބުނެލި އަޑުއިވުނެވެ.

އޭރުވެސް އައްމާރު އޮތީ އަމިއްލަ ދުނިޔެއެއްގައެވެ.

އެމީހުން ކުރާހާ ކަމެއްކޮށް ނިމުމަށްފަހު ގެއަށް ފޮނުވާލާ ވާހަކަ ބުނެލިއިރު ޝުވޭކާރު އޭނައަށް ކުރަންޖެހޭހާ ޚަރަދެއްކޮށް ނިންމާލައިފިއެވެ. އައްމާރުގެ ސަބަބުން އޭނަގެ އަޑުގައި އާއްމުކޮށް ހުންނަ ހަރުކަށިކަންވެސް ފިލައިގެން ހިނގައްޖެއެވެ. ހަޔާތުގައި ދިމާވާ ކުޑަ ކުޑަ ކަމަކުންވެސް މީހާ ބަދަލުވާފަހަރު އާދެއެވެ. އޭނަގެ އަތުން މީހެއްގެ ފުރާނަ ނުދިޔައީ ހަމަ ކިރިޔާއެވެ. ސަލާމަތްވުމުން ޝުވޭކާރަށް އެކަން ނަގައިގަނެވުނީ ވަރަށް ތަފާތުގޮތަކަށެވެ.

"އަހަރެން ކާރުގައި ގެއަށް ގެންގޮސްދީފާނަން...." މަޑުމައިތިރި އަޑަކުން ޝުވޭކާރު ބުނެލައިފިއެވެ.

އައްމާރު ދެކޮޅުހަދަން އުޅެފައިވެސް އަދި ބޭނުންވީ ޝުވޭކާރުގެ ހިތުން ނުފިލާގޮތަކަށް މި ބައްދަލުވުން ކުރިއަށް ގެންދިއުމަށެވެ. މައިދައިތަ ތަޅުވާލާފައި އޭނަގެ ހަގީގަތް އެނގެން ޖެހޭނެއެވެ. ނޫނީ ނުބުނަންވީ ހެއްޔެވެ؟ އޭނަ އެނދުގައި އިށީދެލާފައި ޝުވޭކާރާއި ހަތަރުކަޅިހަމަކޮށްލައިފިއެވެ. ގަދަ ޗޮކްލެޓްކުލައިގެ ބޮޑު ދެލޮލުގައި އަނދުން އަޅާލާފައިވާ އިރު ތޫނުކަމެއް ހުއްޓެވެ. އައްމާރުއަށްވެސް ބަލައިލަން އުދަގޫވި ދެލޮލެވެ. ކާއިއާގެ މަންމައަށް ވުމުން ގަދަރުކުރެވޭގޮތްވެސް ވިއެވެ. އިސްޖަހައިލަމުން އަތުގައި އަޅާފައިވާ ކްރެޕް ބެންޑޭޖާއި ކުޅެން ފެށުނެވެ.

"އަހަންނަކީ ޑޮކްޓަރ ޝުވޭކާރު....." ޝުވޭކާރު އަމިއްލަ ނަފުސް ތައާރަފު ކޮށްދިނެވެ. މިޒުވާން ރީތި ފިރިހެންކުއްޖާގެ މޫނުގައިވި މަޑުމައިތިރިކަމާއި ދެލޮލުގެ ރީތިކަމުން އޭނައަށްވެސް ވަނީ އަސަރުތަކެއްކޮށްފައެވެ. އެމޫނަށް ބަލަން އިނދެވުނީ ބެލުމުން ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ. އަމިއްލަ ދަރިއެއްގެ އުމުރުގެ ފިރިހެންކުއްޖެކެވެ. އިޝްގީ ނަޒަރަކުން ބަލައިނުލެވުނަސް ރީތި އެއްޗެހި ފެނުމުން މީހުންގެ ހިތަށް އަރާމާއި އުފާލިބެއެއް ނޫންހެއްޔެވެ؟ އެމޫނުން ނަޒަރު ވަކިކޮށް ނުލެވުނީ އެހެންވެއެވެ. އޭނަގެ ސަބަބުން އެ ފުރިހަމަ މޫނުގައި ލަކުނުތަކެއް ލައްވާލެވިއްޖެއެވެ. އިސްތަށިގަނޑާއިއެކު މޫނު ބެންޑޭޖްކޮށްފައިވާއިރު ގައިގެ އެތަން މިތަނުގައި ބޭސްއަޅާފައި ހުރުމުން މަމީއެއް ފަދައެވެ.

"ބަލައިނުލާ ކާރުގެ ދޮރު ހުޅުވުމަކީ ކުރާ ކަމެއްނޫން، ނަމަވެސް ކަމެއް ދިމާވާން ހުރެއްޖެއްޔާ ނުފިހެއްޓޭނެ...." ޝުވޭކާރު ކުޑަކޮށް ހީލިއެވެ. މިކުއްޖާއަށް މާބޮޑުކަމެއް ނުވީތީ އޭނަގެ ހިތަށް ބަޔާންނުކުރެވޭވަރުގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ފިލާވަޅެއްވެސް ލިބިއްޖެއެވެ.

"މޭބީ، އަޅުގަނޑުމެން ދިމާވާން ހުރީމަ......" އައްމާރު ތެދުވުމުން ކުޑަކޮށް ބޮލަށް އެނބުރުން އެރިއެވެ.

"އާރ ޔޫ އޯކޭ؟ " އައްމާރުގެ ބެލެންސް ގެއްލޭގޮތްވުމުން ޝުވޭކާރު ކުރިއަށް ޖެހިލުމުން އައްމާރުއަށް ހިފައިލެވުނީ ޝުވޭކާރުގެ ކޮނޑުގައެވެ. ޝުވޭކާރު ދުރުކޮށްލާކަށްވެސް ބޭނުމެއްނުވިއެވެ.

"އައިމް ފައިން........." އައްމާރު ކޮނޑުން އަތްނެގުމުންވެސް ޝުވޭކާރު ހުރީ އައްމާރުގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

"ހިޔެއްނުވޭ، އިރުކޮޅަކަށް އޮވެލާފައި ދާންވީއެއްނު، ލަސްވެގެން އެއްވެސް މީހަކު ނޫޅޭ....." ޝުވޭކާރު ހުރީ ފިކުރުބޮޑުވެފައެވެ.

"ނޫން، މުޅިން ރަގަޅު، ކުޑަކޮށް ޑިޒީވީ...." އައްމާރު އެއްގޮތަކަށްވެސް މިތާކު މަޑުކުރާކަށް ބޭނުމެއްނޫނެވެ. ހޮސްޕިޓަލުތެރޭގައި ދުވާވަހުން އޭނަ އަބަދުވެސް އަނބުރައިގަންނަގޮތްވެއެވެ. އެތާގައި އެމީހުން ލަނީ ކޯންޗެއްބާވައޭވެސް ހިތަށް އަރައެވެ. ޑޮކްޓަރަކަށްވިނަމަ އޭނަ ވަޒީފާ އަދާކުރާނީ ވެސް ކިހިނެއްހެއްޔެވެ؟ އެދާއިރާއަށް ނުވަދެވުނުކަން ނަސީބެކެވެ.

"ސިކުނޑިއަށް ލޮޅުން އެރީމަކަމަށްވާނީ....." ޝުވޭކާރު އައްމާރުގެ އަތުން ދޫކޮށްލައިފިއެވެ. އޭނަ ޑޮކްޓަރަކަށްވިޔަސް މިދޭތެރޭގައި އަދި އެހާ ގާތްގުޅުމެއް ނެތެވެ. އައްމާރުއަކީ އޭނަގެ ބަލިމީހެއްނޫނެވެ. އޭނަގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތެކެވެ.

"ހިތަށް އަރާ މަރުވިނަމަ މާ ރަގަޅޭ. ކީއްވެތަ މަރުނުވީ؟ " ހިނގައިގަނެފައި އައްމާރު ބުނި އެއްޗަކުން ޝުވޭކާރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ރީއްޗަސް މި ޒުވާނާގެ ނަފްސާނީ މައްސަލައެއް ހުރީހެއްޔެވެ؟ ޑްރަގްނަގާ މީހަކީހެއްޔެވެ؟ އެމީހުންގެ ސިފައެއްވެސް ނެތެވެ. ރީއްޗަށް ބޯ ކޮށާލާފައި މާތްކޮށް ހެދުން އަޅައިގެން ހުރި މާތް ވައްތަރު ޖަހާ ޒުވާނެކެވެ. ނަމަވެސް މީހަކަށް ބަލާފައި ވަގުތުން އެމީހަކު ދަހެއްނުވާނެއެވެ.

"ތިދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟ ތިދައްކަނީ މާޔޫސްވެ ދުނިޔެދެކެ ފޫހިވެފައި ހުރި މީހަކު ދައްކާނެ ކަހަލަ ވާހަކަ................" ޝުވޭކާރު ހަނދާންވީ ކާއިއާގެ މަތިންނެވެ. އަމިއްލަ ދަރިފުޅު އަމިއްލައަށް މަރުވާން އުޅުނު ކަން ހަނދާންވުމުން ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލައިފިއެވެ. މިފަދަ ކިތައް ޒުވާނުން ދުނިޔޭގައިވޭހެއްޔެވެ؟ މިކަންތަކުން ޒުވާނުން ސަލާމަތްކުރާނީ ކިހިނެއްހެއްޔެވެ؟ ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ދަރިން ރަގަޅަށް ނުބެލެހެއްޓެނީއެވެ. އެކުދިންގެ ޝުޢޫރުތަކާއި އަޅާނުލެވެނީއެވެ.

"މާޔޫސްވެ މަރުވާ ލިސްޓުގައި އަޅުގަނޑުގެ ނަންވެސް ޖެހޭނެ....." އައްމާރު ހިތާހިތުން ހިނިއައެވެ. ޝުވޭކާރަށް އޭނަ އަކީ ކާކުކަން އެނގޭނެނަމައެވެ. ކާއިއާ މަރުދަންޖެހެނީ އޭނައާއި ހެދިކަން އެނގިއްޖެއްޔާ ޝުވޭކާރު މިހާ ރީތިކޮށް ވާހަކަދައްކާނެހެއްޔެވެ؟

"ޔޫ ޝުޑް ސީ އެ ސައިކިއޭޓްރިސްޓް، ލަސްވުމުގެ ކުރިން......" ޝުވޭކާރުއާއި އައްމާރު އެތަނުގެ ދޮރުން ބޭރަށް ނުކުތްއިރު އެތައް ބަޔެއްގެ ނަޒަރު އައްމާރުގެ މޫނަށް ހުއްޓުނުކަން އެނގުނެވެ. އޭނަގެ މުޅިގައިގާ ބޭސްއަޅާފައި ހުރުމުން ހެއްޔެވެ؟ އަޖައިބެކެވެ. އެވަރަށް ބަލަން ޖެހޭހެއްޔެވެ؟

"ސައިކިއޭޓްރިސްޓަކަށް ހެލްޕް ނުވެވޭނެ، އެކަނި ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާގެ މަންމައަށް އެކަން ކުރެވޭނީ......" އައްމާރު އިތުރަށް ބުނެދިނެވެ.

"އެކުއްޖާގެ މަންމަ ގަބޫލުނުވާންވީ ކޮންމެވެސް ސަބަބެއް އޮންނާނެއްނު....." ޝުވޭކާރުގެ ހިތް ތެޅިލިއެވެ. އޭނަވެސް ވަނީ އެފަދަ ތަޖުރިބާއެއްކޮށްފައެވެ.

"ވެލް.............." އައްމާރު ހުރީ ދޭނެ ޖަވާބެއް ނޭގިފައެވެ.

"މިއޮތީ ކާރު، އަވަހަށް އަރާ......" ޝުވޭކާރު ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ. އޭނަ ކާރަށް އަރަނިކޮށް ކޮންމެވެސް މީހަކު މާބާރަކަށް " އިމީ" އޭ ކިޔާލުމުން ޝުވޭކާރުވެސް ސިހިފައި އެދިމާލަށް ބަލައިލިއެވެ. އޭރު އިސްކޮޅުން ދިގުކޮށް ބިޔަކޮށް ހުރި ޒުވާނަކު އެދިމާލަށް އާދެއެވެ. އޭނައާއިއެކީގައި އެހެން މީހުން ތިއްބަސް ގޮވާލީ އޭނަކަމާއިމެދު ޝައްކެއްނެތެވެ. އޭނަގެ ދަރިފުޅުވެސް ރައްޓެހިވެގެން އުޅެނީ އިމީއަކާއެވެ. މިއީ އެއިމީއަށް ވެދާނެހެއްޔެވެ؟ އޭނަ ހުރީ ދުވަހަކުވެސް އިމީގެ ސޫރަ ނުދެކެން ވެގެންނެވެ. ފޮޓޯތައް ކާއިއާ ގެންގުޅޭއިރުވެސް އޭނަ ހުރީ ނުބަލާށެވެ. ކާއިއާ ދުވަހަކުވެސް އައްމާރުއޭ ކިޔައިގެން ވާހަކަދައްކާފައެއް ނުވެއެވެ. ފަހަރެއްގައި އެނަން ކިޔާފައި އޮތަސް އޭނަ އެހަނދާނެއް ނެތެވެ. އަބަދާ އަބަދު ކާއިއާގެ ދުލުގެ ކުރީގައި އޮންނަނީ އެ އިމީއެކެވެ. ޝުވޭކާރު ދެލޯ ބޮޑުކޮށްގެން ހުރެ އައްމާރުގެ މޫނަށް ބަލައިލިއިރު އައްމާރު ބަލަމުން ދިޔައީ އެދިމާލަށް އަންނަ ޒުވާނުން ތަކަކަށެވެ.

"ބަލަ ކިހިނެއްވެފައި ތިހިރީ؟ މީހާ ފުނޑާލަފައެއްނު ތިއޮތީ، ކޮންތާކަށް ވަދެފަ؟ " ޖިދާން އައްމާރުގެ ކޮނޑުގައި ހިފާލިއިރު ކުރިމަތީގައި ހުރި ރީތި އަންހެނާއަށްވެސް ނިކަން ފުންކޮށް ބަލައިލިއެވެ. ކޮންމެ އުމުރެއްގެ އަންހެނަކުވެސް ސްކޭން ނުކޮށެއް ނުދާނެއެވެ.

"ސައިކުން ވެއްޓުނީ...." އައްމާރު ކާރަށް ނާރަންވެގެން ދޮރު ލައްޕާލައިފިއެވެ.

"މެޑަމް ތޭންކްސް ހުރިހާ ކަމަކަށް، މިއީ އަޅުގަނޑުގެ ދޮންބެ. އޭނައާއިއެކު ގެއަށް ދެވިދާނެ....." އައްމާރު ހިނިތުންވުމެއް ހަދިޔާކޮށްލާފައި ޖިދާންއާއިއެކު ދާންއުޅުމުން ޖިދާން ހުއްޓުވިއެވެ.

"ސޯ ޝީ ހެލްޕްޑް ޔޫ ތަ؟ ލަކީ ޔޫ ސަން އޮފް އެ ......" ޖިދާން ކިޔާލި އެއްޗަކުން އައްމާރުގެ މޫނަށް ނުރުހުމުގެ ކުލަވެރިވިއިރު ޝުވޭކާރު އަދިވެސް ހުރީ ވާނުވާ ނޭގިފައެވެ. ޖިދާން ލަދެއްނެތި ޝުވޭކާރުގެ އަތުގައި ހިފާ ސަލާމްކޮށްލިއެވެ. މީހާގެ މޫނަށް ބަލާލާފައިވެސް އޭނަ އެއީ ޝާހީ މުއްސަދި މީހެއްކަން ދެނެގަތެވެ. ކާރުވެސް އެކަމަށް ހެކިވެއެވެ.

"ތޭންކްސް ފޯރ ހެލްޕިން މައި ލިޓްލް ބްރަދަރ މެޑަމް.....އަދި ނަމެއްވެސް އަހާނުލެވޭ. އަޅުގަނޑަކީ ޖިދާން....." ޖިދާން ވާހަކަދެއްކީ ވަރަށް ހެވިލާފައި ހުރެއެވެ. އައްމާރު ހުރީ ފޫހިވެފައެވެ. ޖިދާން ކޮންމެ އުމުރެއްގެ މީހެއްގެ ފަހަތުން އުޅެންޖެހޭހެއްޔެވެ؟ ފައިސާ ހުރިއްޔާ މުނި މާމައަކާއިވެސް އިނދެފާނެކަން ނޭގެއެވެ. ކްއީން އެލިޒަބަތަށްވެސް އޭނަ ހިތްދޭކަށް ފަހެއް ނުޖެހޭނެއެވެ.

ޝުވޭކާރު ކުޑަކޮށް ހީލާފައިވެސް ފޯނެއް އައުމުން އަވަހަށް ކާރަށް އެރިއެވެ. އޭނަ ޖިދާންއާއި ވާހަކަދެއްކުމުގެ އެއްވެސް ޝައުގެއް ނެތެވެ.

ސާރާ ހުރީ ވަރަށް ފިކުރުބޮޑުވެފައެވެ. އައްމާރު މިއިން ދުވަހަކުވެސް އޭނަ ޑިއުޓީއިން އަންނައިރު ބަލާ ނައިހެއް ނުހުރެއެވެ. މިއަދު މިވީ ކިހިނެއްހެއްޔެވެ؟ އެކަނި ހިނގާލާފައި ދާން ޖެހުމުން ކޮންމެވެސް ވަރަކަށް އުދަގޫވިއެވެ. ގެއަށް އައިގޮތަށްވެސް އޭނަ ކިތަންމެ ފަހަރަކު އައްމާރުއަށް ގުޅަން މަސައްކަތްކޮށްފިއެވެ. ފޯނު އޮންނަނީ ނިވާލާފައެވެ. ފެންވަރާ ރީތިވެލައިގެން ދޮރާށި ދޮށަން ނުކުމެފައި ބަލަން ހުރެ ހުރެވެސް ޚަބަރެއްނުވިއެވެ.

"އިމީ ކިހިނެއްވީތަ؟ ކޮންމެގޮތެއްވިޔަސް ތިހާ އިތުބާރުކުރެވޭ އިންސާނެއްނެތް، ކޮންމެވެސް ކަމެއްވެގެން ނޫނީ އިމީ ތިހެނެއް ކަންތައް ނުކުރާނެ، ހަދަންވީގޮތެއްވެސް ނޭގޭ، ކީއްވެ އިމީ ފޯނު ނިވާލާފާ އޮންނަން ޖެހުނީ؟ ފޯނަށް ކަމެއްވިޔަސް އަދި އެހެން ގޮތަކަށްވެސް އޭނަ ދުނިޔޭގައި ހުރިކަންވެސް އަންގަން ޖެހޭނެއްނު، އެނގޭނެއްނު އަހަރެން ފިކުރުބޮޑުވާނެވަރާއި ދެރަވާނެވަރު، އިމީ ކީއްވެ މިހެން ކަންތައް ކުރަނީ؟ " ސާރާ އެވީ ވަގުތުކޮޅުވެސް އެތައް މެސެޖެއްކޮށްލައިފިއެވެ. އެތައްފަހަރަކު ރިންގްކުރިއެވެ.

ހިތާއި ދެކޮޅަށް އޭނަ ޖިދާންއަށް ގުޅިއެވެ. މިހާރަކަށްއައިސް އައްމާރު އޭނައާއިއެކު ވަގުތުތައް ހޭދަކުރަންޏާ އޭނައަށް އައްމާރު ވީތަނެއް އެނގޭނެކަމުގައި ސާރާ ޔަގީންކުރިއެވެ.

" މަ އެންމެ ފަހަށް ދެކުނީ ބިޓަކާއިއެކު ކާރަށް އަރަނިކޮށް. ހަމަ ހުވާކޮށްފައި މިބުނީ، ޑޯންޓް ވޮރީ، ހީޒް އެލައިވް، ފިރިހެނުން އެހާ ސޯލިހެއް ނުވާނެ، ސާރާ މަގޭ މަތިން ހަނދާންވެގެން ހަމަ އެއްޗެކޭ ކިޔާފައި ގުޅަންވެގެން ކަން ޔަގީން، ޖައްސާލަންވީނު މިގެއަށް، މަގޭ އަތުގައި އެބަހުއްޓޭ ވީޑިއޯ...." ޖިދާން ވާހަކަ ފެށުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ސާރާ ފޯނު ކަނޑާލައިފިއެވެ. ފޯނު އެއްލައިނުލެވުނީވެސް ކިރިޔާއެވެ.

ޖިދާން ދެއްކި ވާހަކަ މުޅިން ގަބޫލުނުކުރިޔަސް އައްމާރު ހެޔޮ ހާލުގައި ވާކަމުގައި ހިތް ބުނެލިއެވެ. ކިތަންމެ އަންހެނުންނާއިއެކު ދިޔަސް އޭނަ އަނބުރާ އަތުވެއްޖެއްޔާ ސާރާއަށް އެންމެ ރަގަޅެވެ. ކުއްލިއަކަށް ހަނދާންވީ އަލަށް ވަޒީފާއަށް ވަން ކުއްޖަކު ހަވީރު ސަޔަށް ދައުވަތުދީފައި އޮތް ކަމެވެ. އޭނަ ކުޑަގޮތަކަށް ތައްޔާރުވެލައިގެން ދަމުން ނޯޓްކޮޅެއް ލިޔުނެވެ. އެއަށްފަހު ރެސްޓޯރެންޓަށް ފޯރިއިރު ހުރިހާ ކުދިން އިންތިޒާރުގައި ތިއްބެވެ. ކާންފަށާފައި އެންމެން ދެއްކީ ފިރިން ނުވަތަ ލޯބިވެރިންގެ ވާހަކައެވެ. ގިނަކުދިންނަށް އައްމާރު ފެނިފައިވާތީ ސާރާއަކީ ނަސީބުވެރި ކުއްޖެއްކަމަށް ކިޔާ ހެދިއެވެ.

"ސާރާވެސް ކިހާ ރީތި، ޔަގީން އައްމާރު ސާރާ ނޫން ފަރާތަކަށް ނުލެނބޭނެކަން، އެކަމަކު މިބުނީ މަގޭ ފިރިމީހާ ކަންތައްކުރިގޮތް، ރިޗް ގާލް އެއް ފެންނައިރަށް އަހަރެން ހަނދާން ނައްތާލީ، ދުވަހަކު އިތުބާރެއް ނުކުރާނަން، ސިއްރުން އެކުއްޖާއާއި އެކު އުޅެނިކޮށް އެއްދުވަހު ޗެޓްލޮގް ފެނިފައި ހަމަ ވަރަށް ކަޑަވި.. މަގޭ އުނިކަމެއް ހުރެގެނެއްނޫން އެދިޔައީ، ނޫނީ މަށަށް ނޭގި ކަމެއް ހުރީބާ. ވިސްނަ ވިސްނާ ނޭގުނު...." ރީނާ ވަރަށް ދެރަވެފައި އިނދެ އޭނަގެ ފަސާނާ ކިޔައިދިނެވެ.

"ސާރާ ރިޗް ކުއްޖެއްވެސް ވީމަ އައްމާރު ކީއްކުރަން އެހެން ތަނެއް ހޯދަންވީ....." އެކަކު ދިމާކޮށްލިއެވެ.

އެންމެން ސާރާއާއި އެހާވަރަށް ދިމާކުރީ ހަގީގަތުގައި އެންމެނަށް އައްމާރުގެ ރީތިކަމާއި މަޑުމައިތިރިކަން ފާހަގަކުރެވިފައި ހުރީމައެވެ. އައްމާރު އެހާ ވަފާތެރިވާނެކަމަށް އެންމެން ޔަގީންކުރިއެވެ.

ސާރާ ވަރަށް ވިސްނިއެވެ. އެންމެނަށް ބޭޒާރުވާ ދުވަހަކުން އޭނަގެ އަގުވެސް ވެއްޓިދާނެއެވެ. އޭނަގެ އާއިލާ އަދި އެކުވެރިންނަށްވެސް އައްމާރު ވަރެއްނެތެވެ. ހަމަ "އެންޖެލް" އެކެވެ. އޭނަގެވެސް މާޒީއެއް ވާކަމަށް އޭނަ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟

ޝުވޭކާރު ކާއިއާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ބަލައިލިއެވެ. ކާއިއާ އޮތީ އަތް ކެނޑި ޓޮޕްކޮޅަކާއި ފަށުވި ސޯޓެއްލައިގެންނެވެ. އުފާވެރި ރާގެއް އަޅުވާލާފައި މިއުޒިކާއި އެއްވަރަށް ދެފައި ހަލުވަހަލުވާ އޮތްއިރު އެކުއްޖާގެ އުފާވެރިކަން މޫނުމަތިން ފާޅުވެއެވެ.

"މޭ އައި ކަމް އިން...." ޝުވޭކާރު ހިނިތުންވެލިއެވެ.

ކޮމެންޓް 0