ފުލުހުން އެގެއަށް ވަދެ މުޅި ގެ ފާސްކޮށް ޖަމީލު ސިހުރު ހަދަން ބޭނުން ކުރާ ސާމާނު ގެންގޮސް ޖަމީލު ހައްޔަރުކުރިތަން ފެނިފައި ނަބީލާގެ ދެލޯ މުދުނަށް އެރިއެވެ. ރުޅިގަދަވެގެން އެމީހުންނާއި ދިމާލަށް ދުލަށް އައިހާ އެއްޗެއް ގޮވާލިއެވެ. އީމާ ހުރީ މަންމަގެ އެ އަމަލުން ހިނިއައިސް ހަލާކުވެފައެވެ. އޭރު އެ ޚަބަރު ލިބިގެން ޖިދާންވެސް އެގެއަށް އައިސްވަނީއެވެ. ނުފޫޒު ބޭނުންކޮށްގެން އެކަން ހުއްޓުވަން އޭނަ އެކި ފަރާތްފަރާތަށް ގުޅުމުންވެސް މައްސަލައިގެ ގޮތުން މަދަދު ލިބޭގޮތެއް ނުވިއެވެ. ސަރުކާރުގެ އިސްފަރާތެއް އަވަހާރަކޮށްލަން ޖަމީލު ސިހުރުހެދުމަކީ ގަބޫލުކުރެވޭ ޒާތުގެ ކަމެއްނޫނެވެ.
"ކަލޭވެސް ފާޑުފާޑަށް ހޭނެކަމެއްނެތް....." އެންމެން ގޮސް އެޕާޓްމެންޓްތެރެ ހިމޭން ވުމުން ނަބީލާ އީމާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
"ކަލޭމެން ދެމީހުން އެކީ ޖަލަށް ލިނަމަ އަދި މާރަގަޅުވީސް. ލަދުގަނޭ ޕޭރެންޓުންގެ ނަން ބުނަންވިޔަސް......." އީމާ ރުޅިއަންނަ ގޮތްވިއެވެ.
"ސާބަހޭ އީމާ، މަންމަގެ މޫނުމަތީގައި ޒުވާބުކުރަން ދަސްކުރީތަ؟ " ޖިދާން ހައިރާންވިއެވެ.
"ރަންދަރި މަޑުން ހުއްޓަސް ހިމޭނުން ހުންނާކަށް ދެނެއް ނެތިން. އަހަރެމެންދެކެ ލޯބިވާ މަންމައެއް ބައްޕައެއްވެސް ނުހުރޭ، ފޫހިވޭ ހުވާ....." އީމާ އަތުކޮޅަށް ދޮރު ލައްޕާލާފައި އެތެރެއަށް ވަނެވެ.
"މިގެއަށް ގެނައި ސުންޕާ ދެއަންހެނުން ގެ ފަރާތުންނޭ އެކުއްޖާ ވިޔާނުދާ ކަންތައް ކޮޕީކުރީ، ޖިދާން، ދަރިފުޅާ، މަންމަ މިއުޅެނީ ސަބްމެރިންއެއް ކާހިތުން، މެންދުރުވެސް ނުކައި މިހިރީ، އެއާއިއެކު ކާނެ ރަގަޅު ޖޫހެއް އެއްޗެއްވެސް ގެނެސްދެއްޗޭ. އަބަދު ބަނޑުގައި ރިއްސާފައި އެއްޗެއް ނުކެވި އުދަގޫތައްވަނީ..........." ނަބީލާ ސޯފާގައި ޖައްސާލަމުން ޓީވީ ހުޅުވާލިއިރު ދެންމެ ހިނގި ހާދިސާއެއްކޮށް ހަނދާންނެތިއްޖެއެވެ.
ޖަމީލު ހައްޔަރުކޮށްގެން ގެންދިއުމަށްފަހު ނަބީލާގެ އެކަނިވެރިކަން އިތުރުވިއެވެ. ކޮންމެވެސް ވަރަކަށް އޭނަގެ މަންމައާއި ޒަކާގެ މަތިން ހަނދާންވާންފެށިއެވެ. ޒަކާވެސް މީހަކާއި އިނދެގެން ދިޔަގޮތަށް ޚަބަރެއްވެސް ވެލީއެއްނޫނެވެ. މަންމަ ރާއްޖޭގައި ނެތްކަން އެނގުނީ ދާދިފަހުންނެވެ. އައްމާރުއާއި ސާރާ ވަކިވިކަމަށްވެސް ޚަބަރުލިބިފައިވެއެވެ. އައްމާރު މާމަ އެއަންހެންކުއްޖާއާއިއެކު ފޮނުވައިލީ ކީއްކުރަންހެއްޔެވެ؟ އެތައް އަހަރެއްފަހުން ފިނިހިތަކުން ވިސްނައިލުމުން އަމިއްލަ މަންމައާއިމެދު ކަންތައްކުރެވުނީ އިންސާފުންބާވައޭ ހިތަށް އަރަންފެށިއެވެ. އޭނަގެ ދަރިން އެވައްތަރަށް އުޅެންފެށީ އޭނަ ނަކަލުކޮށްގެންނެވެ. އޭނައާއިމެދު އިހާނެތިކޮށް ކަންތައްކުރަން ފެށިގޮތުން މަންމަގެ އުމުރަށްދާއިރު ގެންގުޅޭނެ ގޮތެއް ޚިޔާލަށްވެސް ނުގެނެވެއެވެ.
"ޖިދާން މަންމަ ބަލާދޭންވީނު، ޖިދާން ހުންނަ ގެއަށް މަންމަ ގެންދަންވީނު....." ނަބީލާ އަހާލިއެވެ.
"އޭރުން އީމަ ބަލާނީ ކާކުތަ؟ އެހެންނޫނަސް އަހަރެންގެ އަންހެނުން ބޭނުމެއްނުވެޔޯ މައިދައިތައާއިއެކު އުޅެން، އަހަރެންވެސް ޕްރައިވެސީ ބޭނުންވޭ. މަންމައަށް ރީތި އެޕާޓްމެންޓެއް ހޯދާފައި ބޭނުންވާހާ އެއްޗެއް ހޯދަދޭނަން، ހާސްނުވޭ، ބަލިވެއްޖެއްޔާ ބަންގާޅީއެއްވެސް ގެނުވޭނެ ފެންވަރު އެބަހުރި، އަހަރެން މަންމަ އެއްލައެއްނުލާނަން......." ޖިދާން ޔަގީންކަން ދިނެވެ.
"ޖިދާންވެސް ދައްކާ މޮޔަވާހަކަ. އަދި ބަލިވާ އުމުރަކަށް މަންމަ ނުދޭ......" ނަބީލާ ހިނިގަނޑެއް ޖަހައިލިއެވެ.
އައްމާރު ސާރާގެ މަތިން މާބޮޑަށް ހަދާންވުމުން ސާރާ ހޯދާފައި ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމިއެވެ. އޭނައަކީ ނަހަލާލު ދަރިއަކަށްވެގެން ސާރާ ދުރުވާން ބޭނުންވެއްޖެއްޔާ އެކަން ފައިސަލާ ކުރާނީ ޚުދު ސާރާއެވެ. އަމިއްލައަށް ސުންޕާމީހެއްކަމަށް ނިންމާ ސާރާއާއި ދުރުވުމަކީ ސާރާގެ ހިތަށް ދެވޭ އަނިޔާއެކެވެ. ބޭއިންސާފީއެކެވެ. އައްމާރު ސާރާ ހޯދަންފެށިގޮތަށް ނީޒާމެންގެއަށް ދިޔަ ދުވަހަކީ ސާރާ އޮސްޓްރޭލިއާއަށް ފުރިދުވަހެވެ. މާމަވެސް ގޮވައިގެންނެވެ. ނީޒާ އައްމާރު ގޮވައިގެން އެއްފަރާތަކަށް ގެންގޮސް އެ ޚަބަރުދިނެވެ. އައްމާރުގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ނީޒާ "ފްލަފީ" އައްމާރުގެ އަތަށް ލައްވާދިނެވެ.
"ސާރާ ބުނި މި ކެޓް ދެކެ ވަރަށް ރުޅިއާދެއޭ، ވަރަށް އަނިޔާވެސް ކުރި. އައްމާރު ގިފްޓް ކުރި އެއްޗެއްތަ؟ އެހެން ހިތަށް އަރާފައި ސިމްޕަތީވެގެން އަހަރެން ވަރަށް ދެރަވެގެން އާދޭސްކޮށްގެން މި ބުޅާ އަތުލީ. ޝީ ހޭޓްސް ޔޫ. އެހެން މީހަކާއި މެރީކޮށްގެން އޭނަ ދޫކޮށްލާފައި ދިޔައީމަ ކަމަށްވާނީ............ "ނީޒާ ހުރީ ހިނިތުންވެލައިގެންނެވެ.
އައްމާރު ހުރީ ހުއްޓުން އަރާފައެވެ. ސާރާއާއި ބެހޭގޮތުން ޖިދާން ދެއްކި ވާހަކަވެސް އޭނަ ހުރީ ގަބޫލުކުރާގޮތަކަށް ނޫނެވެ. ނަމަވެސް ސާރާގެ މިހާ ގާތްއެކުވެރިއަކު އެހާ ރީތިކޮށް ބުނެދިނުމުން އައްމާރު އަށް އޮޅޭގޮތްވިއެވެ. ހަގީގަތުގައިވެސް ސާރާގެ ހިތް ބަދަލުވީހެއްޔެވެ؟ އަންހެންކުދިންގެ ހިތަކީ ފަސޭހައިން ބަދަލުވާ އެއްޗެއްކަމަށް ބުނެވުނަސް އޭނަ ހުރީ ގަބޫލުކުރާގޮތަކަށް ނޫނެވެ.
"ސާރާ ބުނި ގޮސް އެޑްރެސް ފޮނުވާދޭނަމޭ. މާދަންރޭ ވައިބަރ ކުރާނެ، އިމީ އަންނަންވީނު މިގެއަށް......" ނީޒާ އޭނަ އޮފީސް ނިމިގެން އަންނަ ގަޑި ބުނެލިއެވެ.
"ވައިބަރކޮށްލަންވީނު....." އައްމާރު ދެރަވެފައި ހުއްޓަސް އެކަމެއް ނުދެއްކިއެވެ.
"އޯ........ތިކަން ވެދާނެ. މައްސަލައެއްނެތް...." ނީޒާ އެއްބަސްވެގެން އައްމާރުގެ ނަމްބަރު އަތުލިއެވެ. ނީޒާހުރީ އުފަލުން ފަރިވެފައެވެ. އައްމާރުއާއި ވާހަކަދައްކާނެ ފުރުސަތެއް ފަހިވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އެރެއިން ފެށިގެން އެކުވެރިއެއްގެ ހައިސިއްޔަތުން ނީޒާ އައްމާރުއަށް ވައިބަރ ކޮށް ގުޅުން އުފައްދަން މަސައްކަތްފެށިއެވެ.
ސާރާ ނީޒާއަށް ގުޅާފައި ވަރަށް ހާސްވެފައި ބުނީ ކޮންމެވެސް މީހަކު އޭނަގެ ހުރިހާ އެކައުންޓްތައް ހެކް ކޮށްފިކަމުގައެވެ. ޕާސްވޯޑް އެނގޭ މީހުންގެ ތެރޭގައި އައްމާރު ހިމެނޭނެއެވެ. ސާރާދިން ޚަބަރުން ނީޒާ އެކަމާއި ހިތާމަކޮށް ވަރަށް ވާހަކަދެއްކިއެވެ. ކޮންމެ ކަމަކަށްވެސް ސަބަބެއް މެދުވެރިވާނެކަމަށް ބުނަމުން ދެން އެންމެ ރަގަޅުވާނީ އާ އެކައުންޓްތައް ހުޅުވުން ކަމުގައި ވިސްނާދިނެވެ. ނީޒާ ޝައްކުކުރީ އައްމާރުއާއި މެދުގައެވެ.
" ސާރާ އޭނައަށް ވަރަށް އިތުބާރުކުރަންދޯ، ތި ހެކްކުރީ އޭނަކަމާއިމެދު ޝައްކެއްނުކުރަން. ބުނަން ސާރާ، ކުރީރޭ ފެނުނު އޭނައާއި ވައިފް ރެސްޓޯރެންޓެއްގައި ސަބްމެރިން ކާން ތިއްބާ. ވަރަށް ލޯބިން އުޅުނީ، ވަރަށް ދެރަވި، ހަމަ ހާޓްބްރޭކިން ސީންއެއް. މީހުންގެ ތެރޭގައި އެހާ ޝޯއޮފް ނުކުރިޔަސް ދެމަފިރިންކަން އެންމެނަށްވެސް އެނގޭނެ. އައްމާރު ކިހާ ފޭކް. ދެން ސާރާ އެހަނދާންތަކާއި ދުރުވިއްޔާ އެންމެ ރަގަޅުވާނީ........"ނީޒާ ކިޔައިދިނެވެ.
"ވިލް ޓްރައި......" ސާރާގެ ހިތުގެ ރިހުން އެހާ ދުރުންވެސް ނީޒާއަށް އިހުސާސްކުރެވުނެވެ.
އައްމާރުއާއި ސަބީގެ ލޯބިވެރިޔާ ލާނާ ސަބީގެ އިންތިޒާރުގައި ރެސްޓޯރެންޓްގައި ތިއްބާ ނީޒާ ބަލާލާފައި ދިޔަގޮތުން އޭނައަށް އޮޅޭނެކަން އައްމާރުއަށް ރަގަޅަށް އެނގުނެވެ. ފަހަތުން ފެންނައިރު ކާއިއާއާއި ލާނާގެ މާ ބޮޑު ތަފާތެއް ނުހުންނާނެއެވެ. އިސްތަށިކޮޅާއި ރޫފަވެސްމެއެވެ. އެދާގޮތަށްގޮސް ސާރާގެ ކަންފަތާއި ހަމަޔަށް ނީޒާ އެ ޚަބަރު ނުފޯރުވާނެބާވައެވެ. އެނގުނަސް އެއީ އާވާހަކައަކަށް ނުވާނެއެވެ. ސާރާއަކަށް އޭނައާއި ކާއިއާގެ މައްސަލަ ޖެހުނުކަމެއް ނޭގޭނެއެވެ. ކާއިއާއަކީ އޭނަގެ ކޮއްކޮކަމެއްވެސް ނޭގޭނެއެވެ. ވީއިރު އެކަމާއި ހާސްވާންވީ ކީއްވެހެއްޔެވެ؟ ނީޒާއަށް ހަގީގަތް ކިޔާދޭން ވައިބަރގައި ލިޔަން ފަށާފައިވެސް އައްމާރު ފޮހެލިއެވެ.
ޝުވޭކާރު އައްމާރުއަށް އިރުއިރުކޮޅާ ގުޅާލައެވެ. ނޫނީ މެސެޖްކުރެއެވެ. ތަކުރާރުކޮށް އޭނަގެ ފަރާތުން އެދެނީ މާފުދިނުމަށެވެ. އެނބުރި ގެއަށް އައުމަށެވެ. މަންމަ އަމިއްލަ ދަރިފުޅަށް އާދޭސްކުރާވަރު ފެނިފައި އައްމާރު ހުންނަނީ އިންތިހާއަށް މޮޅިވެރިވެފައެވެ. އަމިއްލަ އުސޫލުތައް ދޫކޮށްލާފައި އެގެއަށްދާންވެސް ހިތަށް އެރިއެވެ. ނަމަވެސް ފަސްޖެހެވެނީއެވެ. އަނެއްކޮޅުން އޭނަ ގެއަށް ދިޔަކަން ކާއިއާއަށް އެނގިއްޖެއްޔާ ކާއިއާ ދުރަށް ދިޔުން ނޫންކަމެއް ނުވާނެއެވެ.
"އެންމެ ރަގަޅު. ފުރަތަމަ ނަބީލާވިލާގައި އުޅެދާނަން....." އައްމާރު އެންމެފަހުން ހަތިޔާރު ބަހައްޓަން ނިންމިއެވެ.
"އިމީއަށް ފެންނަގޮތެއް..........." އައްމާރު އެގެއަށް ބަދަލުވާން ނިންމުމަކީ ހެޔޮފާލެއްކަމުގައި ޝުވޭކާރު ދެކުނެވެ. ފަހުން ވިސްނާލުމުން އެގެއިން އައްމާރުއަށް ލިބޭނެ ހިތްހަމަޖެހުމެއް ނެތްކަން ވިސްނުނެވެ. އެގޭގައި ކާއިއާގެ ކިތަންމެ ހަނދާނެއްވާނެއެވެ. އައްމާރުގެ ހިތަށް ކުރާނެ އަސަރު ޝުވޭކާރަށް ވިސްނި ލޮލުން ކަރުނަ ހިލުނެވެ.
އައްމާރު ނަބީލާވިލާގައި ދިރިއުޅެން ނިންމުމުން ކިޔަންވެސް މަރުހަބާ ކިޔެވެ. މަންމައާއި ބައްޕަ ތިބީ ވަރަށް އުފަލުންކަމުގައި އޭނަ ބުނެލިއެވެ. އެރޭ ކާއެއްޗެހި ހިފައިގެންވެސް ކިޔަން އައެވެ. އެކަމާއި އެއްޗެކޭ ބުނަންއުޅެފައިވެސް އައްމާރު ހިމޭންކަން ޚިޔާރުކުރިއެވެ. މަންމަމެން ދިން އެއްޗެއް ކެއުމަކުން ވާނެ ގެއްލުމެއްނެތެވެ. ނޫނީ އޭނަ ޖެހޭނީ ރެސްޓޯރެންޓަކަށް ދާށެވެ. ހޫނުގަދަ ދުވަހަކަށްފަހު ރޭގަނޑަށް ވިއްސާރަވެފައި އޮތުމުން ކޮންމެ އިރެއްގައިވެސް ވާރޭ ވެހިގެންފާނެކަމުގެ އިންޒާރުދެމުން ދިޔައެވެ. އައްމާރު ގަސްތުކުރީ ކެއުމަށްފަހު އަވަހަށް ނިދަން ކޮޓަރިއަށް ވަނުމަށެވެ. އެކަނިވެރިކަން އޭނަ ވަށާ ފިތަމުންދާ ކަމުގެ އިހުސާސްކުރެވޭލެއް ބޮޑުކަމުން ނުނިދޭތާ ދުވަސްކޮޅެއްވެފައިވެއެވެ. މިވަގުތަށް އެންމެ މުހިއްމުވެފައިވަނީ ކެއުމާއި ނިދުމެވެ.
ފައިސަލްއާއި ޝުވޭކާރު ކާކޮޓަރީގައި ކޮފީ ބޯން ތިބިއިރު ފުރާޅުގައި ވާރޭތިކިތައް ބީހޭއަޑު ރީއްޗަށް އިވުނެވެ.
"ރާއްޖޭގެ މޫސުމް ބަދަލުވާނެ އިރެއްނޭގޭ. ރީއްޗަށް އޮވެލާފައި ވެހިގެންފާނެ. ކިޔަން ނިދީތަ؟" ފައިސަލް ޝުވޭކާރު ގަޔާއި ކައިރިކޮށްލިއެވެ.
" މާލޭގައި ވައިރަލް ހުންގަނޑެއް އެބައޮތެއްނު. ކިޔަންވެސް އަބަދު މޫދުގައި އުޅޭތީ މާ ބޮޑަށްފިނިވެ ރޯގާ ވައްތަރުވެފައި ހުރީ. ސްޓީމް ނަގައިގެން ޗިކަން ސޫޕް ބޮއިގެން ކޮޓަރިއަށް ވަނީ.........." ޝުވޭކާރު ފައިސަލްގެ މޭގައި ބޯއަޅައިލިއެވެ. އެތައް ދުވަހަކަށްފަހު އެދޭތެރޭގައި ވާ ހިލައިގެ ފާރު ބިމާއި ހަމަވެއްޖެއެވެ. ކުރީގެ އޮތް ގުޅުން މަޑުމަޑުން އިއާދަވެއްޖެއެވެ. އެކި ވާހަކަތަކުގައި ތިއްބާ ކުއްލިއަކަށް މީހަކު ހަޅޭއްލަވައިގަތްކަހަލަ އަޑުފަށްގަނޑެއް އިވުނެވެ. ޖެހިގެން ހުރި ގޭތެރެއިން ބަޔަކު ސަކަރާތްޖަހާ އެއްޗެހިތަޅާ އަޑުކަހަލަ އަޑެއް ވާރޭގެ ތެރެއިން އިވުމުން ދެމަފިރިން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.
"އިމީ ސިގްރެޓް ބޯކަން އެނގޭ، އެކަމަކު ޑްރަގްކަހަލަ ކަމެއްގައި އުޅޭކުއްޖެއްހެން ހިޔެއްނުވޭ، ދަންވަރު ރައްޓެހިން ގެއަށް ވައްދައިގެން ކޮން ސަކަރާތެއްބާ އެޖަހަނީ؟ އެކަމަކު އެކަންތައް ނުހުއްޓުވުނަސް ވާނުވާ ބަލަން އަހަރެމެން ޖެހޭނެދޯ.........."ފައިސަލް ބެލްކަންޏަށް ނުކުތްއިރު ފެނުނީ ގޭޓުން ނުކުމެގެން ދުއްވައިގަތް ބަޔެކެވެ. އަނދިރިކަމުން ރަގަޅަށް މޫނު ނުފެނުނަސް މާސްކު އަޅައިގެން ހެން ހީވެފައި އިންޒާރުގެ ރަގަބީލު ޖެހިއެވެ. ފައިސަލް ދުވަމުން ކަހަލަ ގޮތަކަށް ސިޑި ގިރާކުރިއިރު ޝުވޭކާރުވެސް ހުރީ ފަހަތު ޖައްސާލާފައެވެ. ދެމަފިރިންނަށް ނަބީލާ ވިލާއާއި ހަމަޔަށް ފޯރިއިރު ވާރޭގެ ބޮޑެތި ތިކިތަކުން ދެމީހުން ތެންމާލައިފިއެވެ. ގޭގެ ދޮރުހުރީ ތަންމިނަށް ހުޅުވާފައެވެ. ބޮޑުކޮޓަރީގައިވާ ހުރިހާ އެއްޗެއް ހުރީ އެތަންމިތަނަށް އުކާފައެވެ.
"އިމީ......." ފައިސަލް އައްމާރުއަށް ގޮވަމުން ސިޑިއާއި ދިމާލަށް ދިޔައެވެ. އެހިސާބުން ލޭގެ އަސަރު ފެނިފައި ޝުވޭކާރުގެ މޭގަނޑު ބިރުވެރިގޮތަކަށް ނެގިނެގިފައި ޖެހެންފެށިއެވެ. ޕާޓޭންގެ ސަބަބުން މަގުމަތީގައި އެއްވެސް ވަރަކަށް ރައްކާތެރިކަމެއްނެތް ދުވަސްކޮޅެކެވެ. އަބަދާއަބަދު ނޫސްތަކުން ފެންނަނީ ކޮންމެވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭ ވާހަކައެވެ. އެކަހަލަ ބައިގަނޑެއް އައިސް އޭނަގެ އައްމާރަށް އަނިޔާކުރީހެއްޔެވެ؟ އޭނަގެ ދަރިފުޅު ސަލާމަތުން ހުރެ ފެނުމަށް އެދި ދުޢާކުރެވުނެވެ. ފައިސަލް ސިޑިން މައްޗަށް އަރައިގެން ދިޔައިރުވެސް ޝުވޭކާރު ހުރީ ސިޑީގެ ރެއިލިންގައި ހިފެހެއްޓިގޮތަށް ހިތްއަވަސްވެފައެވެ. ފައިސަލްގެ ފަރާތުން އިޝާރާތެއް ލިބިގެން ނޫނީ އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރެއްވެސް އޭނަގެ ނެތެވެ.
"ޝުވޭ، ނިކަން އަވަހަށް އާދެބަލަ......." ފައިސަލްގެ އަޑުގައި ވި އަވަސްކަމުން ޝުވޭކާރުގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. ނަމަވެސް ދެފަޔަށް ލެވުނުހާ ބާރެއްލާފައި ސިޑިން އަރައިގެން ދިޔައީ ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައެވެ.