އައްމާރު ބުނިގޮތަށް އައްމާރު "މޫޑްސް" ގެނައީވެސް ކާއިއާއަށް އޮޅުވާލާށެވެ. ދޭތެރެ ދުރުކުރުން އައްމާރުއަށް ވެފައިވާނީ ވާޖިބަކަށެވެ. ލޯބިވެރިޔާ ބުނެފިއްޔާ އައްމާރު މާރސްއަށްވެސް ހިނގައިދާނެއެވެ. އޭނަގެ ބޮސްކަމަށް ވެގެން ކާއިއާ އަމުރުކުރާތީ ސާރާ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެވަރު އައްމާރުއަށް ނުވިސްނޭހެއްޔެވެ؟ މާ ވަރެއްގެ ލޯތްބެކެވެ. އަންހެންކުއްޖާ ކޮންމެ ކަމަކު ބުންޏަސް އައްމާރު އެކަމެއް ކޮށްދޭގޮތުން ހާދަ ފޫއްސެއް ވެއެވެ. އައްމާރު ބުނާނީ މަރުވެދާނެތީ ކަމަށެވެ. މިހާރު ބިރަކީ އެހާ ބަލައިގެން އުޅެނިކޮށް އޭނަގެ ޕީރިއެޑް ލަސްވާންވީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ހަށިގަނޑުގައި ފިނި ރާޅުތަކެއް ދުވެލައިފިއެވެ. ހިތް ތެޅިގަތްލެއް ބާރުކަމުން ހުއްޓިދާނެހެން ހީވިއެވެ.
"އޯ ގޯޑް......އޯ މައިގޯޑް.....ނޫން ނޫން...." ސާރާ ބޮލުގައި ދެއަތުން ހިފަހައްޓާލިއިރު ބޮލުތެރޭގައި ހަނގުރާމައެއް ކުރެވެމުންދާހެން ހީވިއެވެ.
އޭނަ ބަލިވެ މިއިނީ އަނެއްކާ ޖިދާންގެ ދަރިއަކަށް ހެއްޔެވެ؟

އޭނަ ހުރި ދިމާލަށް ތިރިވެ ގުޅައަކަށްވެގެން އިނދެ އަނގަމަތީގައި އަތްއަޅާ ބާރުކޮށްލީ އަޑު ވީއްލިޔަ ނުދޭންވެގެންނެވެ. ނަމަވެސް ކާމިޔާބުނުވެ ބާރުބާރަށް ރޯންފެށުނެވެ. އިރުކޮޅަކުން ބާރުގަދަ ދެއަތް އޭނަ ވަށައިލެވިގެން ދިޔައެވެ. އެއަތެއްގެ ހިމާޔަތަކަށް އެދި އެދި ހުރި ފަރާތުން އެފަދަ ގޮތަކަށް ބައްދައިލުމާއިއެކު ގެނެސް މޭގައި ޖެއްސިއެވެ. އެ ތަނަވަސް މޭގައި މޫނު ފޮރުވުމާއިއެކު ސާރާގެ ރުއިމުގެ އަޑު ކެނޑުނަސް ގިސްލެވޭވަރުން ހަށިގަނޑަށް ލޮޅުން އަރަމުން ދިޔައެވެ. އޭނަ ހާދަ ބިރުގަނެއްޖެއެވެ. ހާދަ ބޮޑަށް ދެރަވެއްޖެއެވެ. މިލިބެނީ ކޮންފަދަ ކުށެއްގެ ސަޒާހެއްޔެވެ؟ އޭނަ ބުރުގާ ނަގާފައި އަދި މައިންބަފައިންގެ ހުއްދަނެތި ކައިވެނިކުރުމުގެ ހިތި ނަތީޖާ ދުނިޔެއިންވެސް ފެނުނީހެއްޔެވެ؟ ހިތާމައިގެ ކޮޅެއްނެތެވެ. މިއީ ބިރުވެރި ހުވަފެނެކެވެ. ހަގީގަތަކަށް ވެއްޖެއްޔާ ދުވަހަކު ކޮޅުންވެސް ހިތަށް އުދަލެއް ނުލިބޭނެއެވެ. ޖިދާން އޭނައަށް މަސްތުވާ ތަކެތި ދީގެން ކުރިކަމެއް އޭނައަށް އަދިވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް މިހާރު ބިރުގަންނަނީ އޭނައަށް ނޭގި ޖިދާން ކޮށްފައިވާ ބޮޑުކަމެއް ގެ ނަތީޖާ ނުބައި ގޮތަކަށް ފެނިއްޖެހެން ހީވެފައެވެ. އެކަން ފަޅާ އަރައިފިއްޔާ އައްމާރު ގެއްލޭނެކަން ޔަގީނެވެ.

"ޝްޝްޝޫ.....ނުރޮއި، އައިމް ސޮރީ ބޭބީ، އައިމް ސޯ ސޮރީ، އެހާ ދެރަވެދާނެކަމަކަށް ނޫނޭ އެހެން ބުނީ، އެނގެއެއްނު ކާއިއަ ގެ ސްޓުޕިޑްކަން، އޭނަ މަރުވާން އުޅުނުކަން، އަހަރެން ބިރަކުން ނޫނޭ، އަންހެންކުއްޖެއް ދެކެ އަހަރެން ބިރުގަންނާނެތަ؟ ހެހެ....ނޫން، އެހެނެއްނޫން، އަހަރެން ބޭބީދެކެ ވަރަށް ލޯބިވޭ، ދުވަހަކު ދުރަކަށް ނުދާނަމޭ. އެހެން ބުނީމަ ދޯ ތިވަރަށް ރޮނީ. ދެން ނުރޮއި. މިހިރީނު އެންމެ ގާތުގައި. ނުދާނަމޭ ދޫކޮށްފައެއް. އައި ޕްރޮމިސް. ނައު ލުކް އެޓް މައި އައިސް........." އައްމާރު ބުނެލަމުން ދެކޯތާފަތުގައި ހިފާފައި ފިތާލިއެވެ.

އެހެރީ އައްމާރުގެ އާދައެވެ. ކިތަންމެ ގަދަޔަށް ރުޅިއައިސްފައިވެސް އޭނައަށް ރޮވޭއިރަށް ނިކަން ލޯބިން ވާހަކަދައްކާނެއެވެ. އެކަހަލަ ކުދިކުދި ސަމާސާތަކުން ސާރާގެ ހިތް އުފާކޮށްދޭނެއެވެ. އޭނަ ޖެހޭނީ ހިތް ހެޔޮކޮށްފައި ވެދިޔަ ތަން ހަނދާން ނައްތާލާށެވެ. އައްމާރުގެ ލޯބި ފުންކަނޑެކޭ ތަފާތެއްނެތެވެ. ނަމަވެސް އައްމާރުއަކަށް އޭނަ އެހާ ގަދަޔަށް ރުއީ ކީއްވެކަމެއް ނޭގުނެވެ. އައްމާރު ހީކުރީ ވަކިވާ ވާހަކަދެއްކީމަ ކަމަށެވެ. ވަކިވާން ޖެހިދާނެ ސަބަބެއް އައްމާރުގެ ހިތަކަށްވެސް ނާރާނެއެވެ. ބޭބެއަކަށް ލިބިފައި ހުރީ އިންސާނެއްގެ ސިފައިވާ ހުރި ޝައިތާނެއްކަމުގައި އޭނަ ހިޔެއްނުކުރާނެއެވެ.

""ކާއިއާ ނެތްނަމަ، ކިހާ އުފަލުން އަހަރެމެންނަށް އުޅެވޭނީ، އިމީ ކިހާ ލޯބިން މިއުޅެނީ. އިރާދަކުރެއްވިއްޔާ ކާއިއާ އަބަދަށްޓަކާ ލަންޑަނުގައި ދިރިއުޅޭނެ. އަދި އޭނަދެކެ ލޯބިވާ އެހެން ބައިވެރިޔަކު ލިބި އެދެމީހުންނަށް އުފާވެރި ދިރިއުޅުމެއް ދެއްވާނެ. އަދި އިމީއާއި އަހަންނަށްވެސް ރަގަޅުގޮތް މެދުވެރިކުރައްވާނެ އިރާދަކުރެއްވިއްޔާ. އެންމެ މުހިއްމީ ދުޢާކުރުން، ޑިޕްރެސްވެ މީހާ ހަލާކުވެގެން ދިޔުމުން އަދި ފައިދާއެއް ނުކުރާނެ......."ސާރާ އަމިއްލަ ނަފުސަށް ވިސްނާދޭން މަސައްކަތްކުރިއެވެ.

ހަވީރު ސަޔަށް އައްމާރު ގެނެސްދިނީ ރެޑްވެލްވެޓް ކޭކަކާއި ޕިއްޒާއެކެވެ. ސާރާއަށް އެކަހަލަ ކޭކު މީރުވެގެން އުޅޭތީ އައްމާރު ސާރާގެ ހިތް ހަމަޖައްސާލަދޭން ބޭނުންވީއެވެ. ސާރާ ގަދަކަމުން ހިނިތުންވެލައިގެން ހުރިނަމަވެސް އޭނަގެ ހިތް ރޮމުން ދިޔައެވެ. އިރުއިރުކޮޅާ ފާޚާނާއަށް ވަދެ ބަލައިލިނަމަވެސް އޭނަ އުއްމީދުކުރި ކަމެއްގެ ނިޝާނެއްވެސް ނުފެނުނެވެ. ހިތް މާޔޫސްވިއެވެ. ދިރިހުއްޓާ ހިތް މަރުވީފަދަ ނުބައި އިހުސާސްތަކެއް ކުރެވެންފެށިއެވެ. އެންމެފަހުން ކެތްނުވެގެން ކައިރީގައި ހުރި ފާމަސީއަކަށްގޮސް ކިޓެއް ގަނެލައިގެން ގެއަށް އައެވެ.

"ނެގެޓިވް. އެކަމަކު މިއީ ޔަގީންކުރާ ވަރުގެ އެއްޗެއްތަ؟ " ސާރާ ނިތްކުރީގައި ވިދަ ވިދާ ހުރި ދާތިކިތައް ފޮހެލާފައި ސޯފާއަށް ވެއްޓިގަތެވެ. ސާރާ އެހެން އޮތްއިރުވެސް ފިނިވެ ގަނޑުފެންކޮޅަކަށް ވެފައިވާ އަތްތިލަ އުނގުޅާލެވުނެވެ. އަނގަޔަށް ލާފައި ނިޔަފަތިތައް ކެވުނެވެ.

"އެއީ ހަމަ ހުރިގޮތަށް ހުރި ޝައިތޯނެއް، ނުބައި ނުލަފާ މީހާ ކޮއްކޮވެސް ފޭރިގަނެ މަރައިލީ، ޖަސްޓިސް ނުލިބުނީމަ އެންމެ ދެރަވީ، އޭނައަށް ހައްގު އަދަބު ލިބުނުނަމަ އެހެން އަންހެންކުދިންގެ ދިރިއުޅުން ނަރަކައަކަށް ހަދަން ދޫކޮށްލާފައި ނުހުންނާނެ، އޮންނަން ޖެހެނީ ކަށްވަޅުގައި، މަރަށް މަރު ހިފަން ޖެހޭނީ. އެކަމަކު އެހެނެއްނުވި، ހޭޓް ހިމް، ހޭޓް އެލަފުޒުވެސް އެހާ ސްޓްރޯންގެއްނޫން، އެހާ ނަފްރަތުކުރެވޭ މީހެއް މިދުނިޔެއަކުވެސް ނެތް. އެމީހާގެ ވިކްޓިމަކަށް ދެން ވާނީ ކާކުތަ؟ އަންހެންކުދިންނަށް ނުވިސްނެނީއޭ، ރީތި މީހެއް ފެންނައިރަށް ހެއްލިގެން ކޮޓަރިއަށާއި ތަންތަނަށް ދެވެނީ އެމީހުން ރުއްސަން ބޭނުންވާތީ، ރައިޝާއާއި ކޮއްކޮއަށްވެސް ލަނޑު ލިބުނީ އެހެންވެ......" ސާރާ ވިސްނި ވަރަކަށް ހިތަށް ލިބުނު ބިރުވެރިކަން ބޮޑުވިއެވެ.

ޖެހިގެން އައި ދުވަހު އައްމާރު ޑިއުޓީއަށް ދިޔުމުން އޭނަ އެޕޮއިންޓުމެންޓެއް ހައްދައިގެން ޑޮކްޓަރަށް ދައްކަން ދިޔައެވެ. ޓެސްޓާއި ސްކޭންގެ ނަތީޖާ ލިބެންދެން އިންތިޒާރުކުރަން ޖެހުނު ސައުވީސް ގަޑިއިރަކީ ހަޔާތުގައި އައި އެންމެ ދިގު ދުވަސްކަމުގައި ވެގެން ދިޔައެވެ. އެހެންނުވާނީ ކީއްވެހެއްޔެވެ؟

ރިޕޯޓް ލިބުމުން ސާރާ ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ. ލޭގެ ޓެސްޓު ނެގެޓިވްވިކަން އެނގުމުން ވަރަށް ބޮޑު ޔަގީންކަމެއް ލިބުނެވެ. ސްކޭންވެސް ނޯމަލްއެވެ.

"ސްޓެރެސްއިންވެސް މިގޮތަށް ލަސްވެދާނެ، މިކަހަލަ ކަންތައްތަކުން ހޯމޯންއަށް ވަރަށް އަސަރުކުރުވާނެ، ކަސްރަތުކުރުމާއި ރަގަޅަށް ކެއުމަށް އަދި ނިދުމަށް ސަމާލުވާންވާނެ އިނގޭ، ތައިރޮއިޑްވެސް ނޯމަލް އެހެންވީމަ މާ ބޮޑުކަމެއް ނެތީ ބުނެވޭނީ، ޕީރިއެޑް ކުރުވަން ބޭހެއް ބޭނުންތަ؟ ނޫނީ ވެއިޓް ކުރާނީތަ؟ "ޑޮކްޓަރ ނަދާ ސުވާލުކުރިއެވެ.

"ވިލް ވެއިޓް...." ސާރާ އަވަސް އަވަހަށް ބުނެލިއެވެ. ބޭސްތަކުގެ ނުގުޅޭ އަސަރުތައް ހުންނާނެތީ އެންމެ ރަގަޅީ ބޭސްތަކުން ދުރުވުމެވެ. ޑޮކްޓަރ ދިން އިރުޝާދަށް އަމަލުކުރަން އޭނަ މަސައްކަތްކުރާނެއެވެ.

"އެކަމަކު ޕީރިއެޑް ނުވެ ތިންމަހަށްވުރެ ގިނަ ދުވަސްކުރާކަށް ނުވާނެ، އެހެން ވެއްޖެއްޔާ ޑޮކްޓަރަށް ދައްކައިގެން ބޭހެއް ކާންވާނީ އިނގޭ...." ޑޮކްޓަރ ވާހަކަދެއްކީ އޯގާތެރިކޮށެވެ.

އައްމާރު އެހާ ބުރަކޮށް އުޅެފައި ގެއަށް އައުމަށްފަހު ފާޚާނާ ދޮންނަތަން ފެންނަ ކޮންމެ ފަހަރަކު ސާރާ ދެރަވެ އެކަން މަނާކުރަން އުޅުނެވެ. މިދެތިން ދުވަހު އޭނަ އަވަދިނެތި އުޅުމުގެ ސަބަބުން އެމަސައްކަތް ނުވެފައި އޮތުމުން ސާރަ ގަސްތުކުރީ ފާޚާނާ ދޮވެލުމަށެވެ. އެކަން ނިމުނުތަނާހެން ނޭވާލާން އުދަގޫވާންފެށިއެވެ. އިންހޭލަރ ބޭނުންކޮށްގެން އޮށޯވެލައިގެން އޮތްވާ އައްމާރު ގެއަށް އައި ގޮތަށް ސުވާލުކުރަންފެށިއެވެ. ސާރާ ނުދާން ގަދަހަދަނިކޮށް ހޮސްޕިޓަލަށްވެސް ގެންދިޔައެވެ. އޭނަ އަޅާލާވަރާއި ލޯބި ފެނުމުން ސާރާގެ ހިތަށް ގޮތްތަކެއްވިއެވެ. ނެބުއިލައިޒްކޮށްގެން ގެއަށް އައުމަށްފަހު ވެސް އޭނަ ތަންމަތީގައި ބާއްވައިގެން އައްމާރު ގޭގައި ކުރަންވީހާ މަސައްކަތެއްކުރިއެވެ. އެއްޗެހި ދޮވުނެވެ. ކެއްކިއެވެ. އެއަށްފަހު ކޮޓަރިއަށް އައިއިރު ސާރާ ހުރީ ފެންވަރާލައިގެން ނުކުމެއެވެ.

"ހާދަ މީރުވަސް ދުވާ ޝޭމްޕޫއެކޭ ދޯ ބޭބީ މިއަދު ޔޫޒްކުރީ. މްމްމް............" އައްމާރު ހިނިތުންވެލަމުން އިސްތަށިގަނޑުގައި ބޮސްދީފައި ކުޅެންފެށުމުން ސާރާއަށް އަރާމުވިއެވެ.

"ލޯރިއަލް....." ސާރާ ދެލޯ މަރާލައިގެން ހުރެ ބުނެލިއެވެ.

"ހޫމް، އަދިވެސް ދެރަވެފައިތަ؟ ސްޓިލް އުފާވެފައި ހުރިހެނެއް ހިޔެއްނުވޭ....." އައްމާރު ސާރާގެ ދެލޮލަށް ބަލައިލިއެވެ.
"ނޫނޭ.........މިއަށްވުރެ ބޮޑަށް ހޭންވެއްޖެއްޔާ އަނގަގަޑު އިރިދާނެ....." ސާރާ އަނގަފުޅާކޮށްފައި ހީލަމުން އައްމާރުގެ އިސްތަށިގަނޑު ހާވާލިއެވެ.
"އެބައޮތޭ ހެޕީ ނިއުސްއެއްވެސް، ޓެސްޓް ނެގެޓިވް، ޑޮކްޓަރ ބުނީ ހޯމޯން މައްސަލައިންވެސް ލަސްވެދާނެޔޯ......." ސާރާ އިތުރަށް ކިޔައިދިނެވެ.
"ފަތަން ދާންވީ ދޯ...." އައްމާރު ޚިޔާލެއްދިނެވެ.

ފަތިސް ނަމާދުކޮށްގެން ފަތަން ދާ ވާހަކަ ބުނިކަމުގައި ވިޔަސް އެކަން އައްމާރުއަށް ކުރެވުނު ކަމަކަށްނުވިއެވެ. އޭނަގެ ތާވަލް ހަމަޖެހިފައިވާ ގޮތުން ރޭގަނޑަކީ ކާއިއާއަށް ޚާއްސަކުރެވިފައިވާ ބަޔެކެވެ. ފަތިހު އިރުކޮޅަކަށް ނިދާލުމުން އައްމާރުއަށް ލިބޭނެ އެއްވެސް އަރާމެއް ނެތަސް އޭނަ އެކަމަށްވަނީ ހޭނިފައެވެ.
އާދައިގެ މަތިން ސުދާ ގުޅާފައި އާ ޚަބަރެއް އޮތިއްޔާ ކިޔާދެއެވެ.

"ބައްޕަމެން އުޅެނީ މާލެއަށް ބަދަލުވާން، ސަނާގެ ގާތިލް ދިރިއުޅުނު ތަނެއްގައި އުޅޭކަށް ބައްޕަމެން ބޭނުމެއްނުވޭ، އެހެންވެ މާލޭގެ ވަރަށް މުއްސަދި ބަޔަކަށް މިގެ ވިއްކާލަނީޔޯ، މިގެއާއި ޖެހިގެން މިހިރަ ގޭގެ ވެރިންނަކީވެސް މިބުނާ ރިޗް މީހުން، އޯނަރަކީ ފައިސަލް އެކޯ...." ސުދާ ކިޔައިދިނެވެ.
"ހާދަ ދެރައޭ، އިމީއަށް އެހާ ސްޕެޝަލްވެފައިވާ ތަނެއް މުޅިން އެހެން ބަޔަކަށް ލިބުނީ، އިމީވެސް ވަރަށް ދެރަވާނެ........" ސާރާ އެވަގުތުކޮޅުވެސް ވިސްނީ އައްމާރުއާއި ދޭތެރޭގައެވެ.

"ވަން މޯރ ތިންގް، ދެރަވެސް ވޭ މިހެން ބުނަން، މަންމައާއި ބައްޕަ މިފަހަރު ސާރާ ދެކެ މާ ގަދަޔަށް ރުޅިއައިސްފައި ތިބީ، އެހާވަރުން ވިސްނައިދޭން އުޅުނީމަވެސް އެނގިއްޖެ ދުވަހަކު މާފުނުކުރާނެކަން، އިމީއާއި ވަކިވެގެން އަޔަސް ދެން ބުނީ މަންމަމެން އުޅޭތަނަކަށް ނުވަދެވޭނެޔޯ......" ސުދާގެ ޖުމްލައިން ސާރާގެ ހިތަށް ފިނިވިއެވެ. ފުން އަސަރުތަކެއް ކުރިއެވެ. އޭނަ ދެފަރާތް ދެކެވެސް ލޯބިވެއެވެ. އެއްކޮޅުގައި ވާޖިބެވެ. އަނެއް ފަރާތުގައި ލޯތްބެވެ.
ޖެހިގެން އައި ދުވަހު އިވުނީ މަންމަމެން މެލޭޝިއާއަށް ބަދަލުވާން އުޅޭ ވާހަކައެވެ. ފުރުމުގެ ކުރިން ބައްދަލުކޮށް ހިތްހެޔޮކުރުވަން ސާރާ ބޭނުންވިއެވެ. ނަމަވެސް އެމީހުންގެ ކުރިމައްޗަށް ދާނެ ހިތްވަރެއް ނުލިބުނެވެ. މަންމަމެންގެ ރުހުން ނެތި ކައިވެނިކުރެވުނީތީ އެކަމުގެ ކޮޅުމަތި ފެންނަނީ ރަގަޅަކަށްނޫނެވެ. އެންމެ ބާއްޖަވެރި ކައިވެންޏެކޭ ނުބުނެވޭނެއެވެ. ކާއިއާ އެދޭތެރެއަށް ވަދެ ކައިވެނި ރޫޅާލާވަރު އެބަކުރެއެވެ. މުސްތަގުބަލް ފެންނަނީ ބަނަކޮށެވެ. ވަރަށް ވިސްނުންތެރިކަމާއިއެކު ފިޔަވަޅުތައް ނުނަގައިފިއްޔާ އޭނަގެ ޙަޔާތް ބަރުބާދުވެގެން ހިނގައިދާނެއެވެ.

ޑޮކްޓަރ ޝުވޭކާރު ކާރު ޕާކްކޮށްލާފައި އެގެއާއި ދިމާލަށް ބަލައިލިއެވެ. އެ އިމާރާތްވަނީ ފަސްބުރިއަށް ހިއްލާލާފައެވެ. މިގެއިން އެ އަންހެންމީހާ ހޯދާނީ ކިހިނެއްހެއްޔެވެ؟ ކުއްލިއަކަށް ހަނދާންވީ އެއަންހެންމީހާގެ ނަމްބަރު އޭނަގެ އަތުގައި އޮތްކަމެވެ. އެ އަންހެނާ ކިތަންމެ ގާތްވާން މަސައްކަތްކުރިޔަސް ޝުވޭކާރު ހުރީ އެފަދަ ގުޅުމެއް ބާއްވަން ތައްޔާރަކަށް ނޫނެވެ. ޝުވޭކާރު އެނަމްބަރަށް ގުޅާލާފައި ތިންވަނަ ފަންގިފިލާއަށް އެރިއެވެ.
"ނައީމާ....." އެ އަންހެންމީހާ ހީލިގޮތުން ހީވީ ކޯލްގެޓް އިޝްތިހާރެއްހެންނެވެ.

"ޝުވޭ....." ޝުވޭކާރު ގޭތެރެއަށް ނަޒަރު ހިންގާލިއިރު ހިތް ބާރު ބާރަށް ތެޅުނެވެ.

"އެދަރިފުޅަށް އަހަރެން ދިން ނަމަކީ އަކްސަމް. ރަޝިއާގައިވީ، ޑޮކްޓަރުކަން ކިޔަވަނީ. އަހަރެމެން އަކްސަމް ގެންގުޅުނީ ވަރަށް ލޯބިން، އަމިއްލަ ދަރިއަކަށްވެސް އެހާ ލޯބި ދެވޭނެކަމެއް ނޭގޭ، އަކްސަމްގެ ބައްޕަ މިދިޔަ އަހަރު ނިޔާވުމަށްފަހު އަހަރެމެން ދެމައިން ވަނީ އެކަނިވެފައި. އޭނައަކަށް ނޭގޭނެ އަހަރެމެންނަކީ ހަގީގީ މައިންބަފައިން ނޫންކަމެއް. އެނޫން ދަރިޔަކު އަހަރެމެންގެ ނެތް. އެދަރިފުޅަކީ ލެއްވި ރަހުމަތެއް. އެނަސީބު އަހަރެމެންނާއި ވަކިވެއްޖެއްޔާ އަހަރެން ދުނިޔެއިން މޮޔަވެދާނެ......." ނައީމާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

"އަހަރެން މިއައީ އެކުއްޖާ ގެންދާކަށްނޫން، ހަމައެކަނި އޭނަގެ ފޮޓޯއެއް ބަލައިލަން ބޭނުންވަނީ. އޭނައަކީ ކާކުކަން ދެނެގަތުން މިއަދު ވަރަށް މުހިއްމު. އެހެންނޫނީ މިސްޓޭކެއް ހެދިދާނެ......." ޝުވޭކާރު ތަފްސީލުކޮށް ކިޔާދޭކަށް ބޭނުމެއްނޫނެވެ. ނަމަވެސް އޭނައައީ އެކުއްޖާ ހޯދުމުގެ ޝައުގެއް ހުރެގެން ނޫންކަން ނައީމާއަށް އަންގާދޭން ބޭނުންވިއެވެ. ކުޑައިރުވެސް އެކުއްޖާއާއި ދިމާލަށް އޭނަ ރަގަޅަށް ބަލައިލަންވެސް ބޭނުންނުވީ ހިތުގައި ލޯބި އުފެދިދާނެތީއެވެ. މައިވަންތަކަން ހޭލައިގެންފާނެތީއެވެ. މަންމައިން ދަރިންދެކެ ވާ ލޯތްބަކީ މަތިވެރި މިސާލެކެވެ. އެލޯތްބަށް އޭނަވަނީ ގޮންޖަހާފައެވެ. އަމިއްލަ ދަރިޔަކު ވިހޭގޮތަށް އެއްލާލަފާނެކަމުގައި އަންހެނަކު ގަބޫލެއްނުކުރާނެއެވެ. އޭނަވަނީ އެއީ ވެދާނެކަމެއްކަން ސާބިތުކޮށްދީފައެވެ.
ޝުވޭކާރު އިށީންނަން އިޝާރަތްކޮށްލާފައި ނައީމާ ދުއްވައިގަތީ މި މާތް އަންހެނާ ބުނި ކަންތައް ވީހާވެސް އަވަހަށް ކޮށްދިނުމަށެވެ.
ނައީމާމެން އުޅެނީ ވަރަށް މުއްސަދިކޮށެވެ. މަޑު ގޮދަޑި ޖެހި ސޯފާތަކާއި ބޯ ދޫލައެވެ. ފާރުގައި ތަފާތު ވައްތަރުގެ ލެންޓަރންތައް ދިއްލާލާފައި ހުއްޓެވެ. ޝުވޭކާރުވަނީ އޭނަގެ ދަރިފުޅު މުއްސަދިކޮށް ގެންގުޅެން ކޮންމެ މަހަކު ބޮޑު މުސާރައެއް ދީފައެވެ. އެމުސާރަ ނައީމާ ބޭނުންކޮށްފައިވަނީ ހެޔޮގޮތުގައެވެ. ދަރިފުޅު ޑޮކްޓަރުކަން ކިޔަވާކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޝުވޭކާރު ބުނީ ދެންމެ ސައިބޮއިގެން ކަމަށާއި އެއްޗެއް ތައްޔާރުކުރާނެކަމެއް ނެތްކަމުގައެވެ. އިރުކޮޅެއް ނުވަނީސް ނައީމާ އައީ ފޮޓޯ އަލްބަމެއް ހިފައިގެންނެވެ.

ޝުވޭކާރުގެ ދަރިފުޅު އަކްސަމް ކުޑައިރުއްސުރެން ފެށިގެން މިހާތަނަށް ނަގާފައިވާ އެތައް ފޮޓޯއަކުން އަލްބަމް ފުރިފައިވެއެވެ. ޝުވޭކާރުގެ ދޮންކަން ލިބުނަސް އޭނައަކާއި ވައްތަރުގޮތެއް ނެތެވެ. ނަމަވެސް ގަދަ ބުމައާއި ވަރުގަދަ އިސްތަށިގަނޑެކެވެ.
"ނައީމާ މި ސިއްރު ކަށްވަޅާއި ހަމަޔަށް ގެންދަން މިއަދު ހުވާކޮށްދޭންވާނެ، އޭގެ ބަދަލުގައި ބުނި ކޮންމެ އެއްޗެއް ދޭން ތައްޔާރަށް މިހިރީ....." ޝުވޭކާރު އަލްބަމް ބަލައިލިއިރު މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. އެއީ ދަރިފުޅުކަމުގައި ވިޔަސް އޭނައަކަށް އެކުއްޖާ މުހިއްމެއްނުވިއެވެ. ލޭގެ ގޮތުން ގުޅުން ހުރި ފަރާތެއް ކަމުގައި ގަބޫލުކުރާކަށްވެސް ހިތެއް ނޭދުނެވެ.
"ކުއްޖާއަށް ކިޔަވައިދޭން ހަދައިގެން މިހިރީ ހައްޖަށްވެސް ނުދެވިފައި، ހައްޖަށް ގޮސް ބޭސްކުރެވޭނެ ގޮތް ހަދައިދީފިއްޔާ ކިތަންމެހާވެސް ރަގަޅު....." ނައީމާ ހުރީ ލަދުންކަން ނޭގެއެވެ. އިސްޖަހާލައިގެން އިނީ ޝުވޭކާރުގެ މޫނަށް ބަލަން ނުކެރިފައެވެ. ލައްކައިން ފައިސާދީފައި ހުރިއިރު އަނެއްކާވެސް ކަމަކު ކިޔަން ޖެހުނީމައެވެ.
"ނައީމާގެ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނަން، މިއަދު އަލުން ނައީމާ ހޯދައިގެން މިގެއަށް އަންނަން ޖެހުނު ސަބަބަކީ ދަރިފުޅުގެ ބައްޕައަށް އެކުއްޖާ ގެ ސިއްރު އެނގުމަށްފަހު އެކުއްޖާ ހޯދަން މަސައްކަތްކުރަން ފަށާފައިވާތީ، ނައީމާގެ ކައިރިން އަހަރެން އެދެނީ އެންމެކަމެއް، މީހަކަށް ޝައްކެއް ވެގެން ސުވާލުކުރިޔަސް އެކުއްޖާގެ ހަގީގަތް އޮޅުން ފިލުވަން އުޅުނަސް އެ ސިއްރު ހިފަހައްޓާދޭތި....." ޝުވޭކާރުގެ އަޑުގައި އެއްވެސް އަސަރެއްނެތެވެ.
ނައީމާވެސް ހައިރާންވިއެވެ. ޝާހީކަމާއި ރީތިކަމުގެ ކުލަތަކުން ޖަރީވެފައިވާ މި ރީތި އަންހެނާގެ ހިތް އެހާ ހަރީ ކީއްވެހެއްޔެވެ؟ ބަނޑުއަޅާ ވިހޭދަރި އެއްލާލަން ކެރޭނީ ހިތުގައި ރަހުމްގެ ކަންފުޅެއްވެސް ނުވާ މީހެކެވެ. ބައްޕަ އެކުއްޖާ ހޯދަން މަސައްކަތް ފެށުމުން އެކަމަށް ހުރަސް އަޅަން މި އަންހެނާ އުޅެގަތުމަކީވެސް އަޖައިބެކެވެ.
"ހެއްދެވިފަރާތް ގަންދީ ހުވާކުރަން، ދުވަހަކު އަހަރެންގެ ދުލުން މި ސިއްރު ފާޅެއް ނުކުރާނަން، އަހަރެންގެ ދަރިފުޅަށް އެހާ ބޮޑު ސިހުމެއް ދޭކަށް ލާހިކެއްނޫން. އެންމެ ރަގަޅުވާނީ ވެދިޔަ ކަންތައް ހަނދާން ނައްތާލީމަ......" ނައީމާ ޔަގީންކަން ދިނެވެ.
ޝުވޭކާރު އެގެއިން ނުކުތީ މަގުގެ ދެކޮޅު ބަލާލާފައި ނިކަން ސިއްރުންނެވެ. އޭނަ ލޮލުގައި އަވި އައިނު އަޅަމުން ހަށިފުރާ ނޭވާއެއްލިއެވެ. އަމިއްލަ ދަރިފުޅު ލޮލުން ފެނުމަށްފަހު އޭނަގެ ހިތަކަށް އެއްވެސް ކަހަލަ އަސަރެއްނުކުރިއެވެ. ކުލުނޭ ކިޔާ އެއްޗެއްވެސް އޮންނަކަން އޭނަ ދަނެއެވެ. އެހާ ތުއްތު އިރު އެއްލާލެވުމުން އެހުރިހާ ޖަޒުބާތެއް ނެތިގެން ދަނީކަން ޝުވޭކާރަށް ޔަގީންވިއެވެ. އޭނަގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.
ޝުވޭކާރު އަވަސްއަރުވާލާފައި ބަލާނުލާ ދޮރު ހުޅުވާލަން ހަދައިގެން ހިނގީ ހީނުކުރާފަދަ ހިތާމަވެރި ހާދިސާއެކެވެ. ސައިކަލުގައި އައި ޒުވާނެއްގެ ގައިގާ އަޅައިގެންފާ އެޒުވާނާ ވިއްސައިގެންގޮސް ޖެހުނުތަން ފެނިފާ ޝުވޭކާރަށް ދުއްވައިގަނެވުނެވެ.
"ސޮރީ ސޮރީ، އައިމް ސޮރީ........" ޝުވޭކާރު އެޒުވާނާއާއި ދިމާލަށް ގުދުވެލިއިރަށް މީހުންތައް އެކިދިމާލުން އައިސް އެތަން ފުރާލައިފިއެވެ.

ކޮމެންޓް 0