ޝުވޭކާރުއާއި ފައިސަލްއާއި ދެމީހުންގެ ދޭތެރޭގައި އޮންނަ ބީރައްޓެހިކަމުގެ ސަބަބުން ކެތްނުކުރެވިގެން ޝުވޭކާރު އެހެން ކޮޓަރިއަކަށް ބަދަލުވެ އެކަނި އުޅެން ނިންމިއެވެ. ދަރިފުޅަށްޓަކާ ހިތާމަކުރަން ފަސޭހަވާނީވެސް އެކަނި ވީމައެވެ. ފާޚާނާއިން ނުކުމެގެން އައިގޮތަށް ލޯގަނޑު ކައިރީގައި ހުރެ ބަލައިލުމުން ހީވީ އެހެން މީހެއް ފެނުނުހެންނެވެ. އިސްތަށިގަނޑުގައި ފުނާ ނާޅާ ހާވާލާފައި އޮތްއިރު އެއްދިމާލަކުން ނުރައިގެ އަސަރުވެސް ފެންނަން ހުއްޓެވެ. ލޮލުގެ ކައިރީގައި ކަޅުދާއިރާއެއް ހެދިއްޖެއެވެ. ތުންފަތުގައި ކުރިން އެހުންނަ އޮމާންކަމެއްނެތި ކުރަކިވެފައިވެއެވެ. އޭނަގެ ހިތާމަތައް އޭނަގެ އުމުރުން އެތައް ދުވަހެއް ކުރިއަށް ޖައްސާލައިފިއެވެ. މިހާރު މަންމަ ބަލި އެނދުގައި އޮތްއިރާއި އޭނަގެ މޫނު ވައްތަރުގޮތެއް ހުރިކަން ފާހަގަވިއެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ.

"ދޮރު ތަޅުލާފައެއް ނޫނޭ ހުރީ. ވަދޭ..." ޝުވޭކާރު ގައިގާ ވަރުނެތަސް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމުން އޭނަ އެނބުރި ބަލައިލިއެވެ.

ފިޔަވަޅުތަކެއްގެ އަޑު އިވުމުން އޭނަ އެނބުރި ބަލައިލިއެވެ. އޭރުވެސް އެދެލޮލުގައި ގިނަވެފައިވާ ކަރުނަތައް ކޮންމެ އިރެއްގައިވެސް އޮހެން ތައްޔާރަށް ހުއްޓެވެ.

"ފައިސަލް......" ޝުވޭކާރު މަޑުމަޑުން ގޮވާލިއެވެ.

"ކޮޓަރި ބަދަލުކުރުން އެއީ ހައްލެއްނޫން. އެކަނި ޝުވޭގެ ބޮލުގައި މިކަން އަޅައިގެން އަހަރެން ދުރުން އުޅުނަސް މި މައްސަލަ ނިމުނީއެއްނޫން ދޯ، ކޮންމެވެސް އެހެން މަގެއް ފެންނާނީ އެންމެން ވާހަކަދައްކައިގެން ކަމަށް އަހަރެން ގަބޫލުކުރަނީ..އާދެބަލަ ވާހަކަދައްކާލަން...." ފައިސަލް ޝުވޭކާރުގެ ބުރަކަށީގައި މަޑުމަޑުން އަތް ޖައްސައިލަމުން އިޝާރާތްކުރީ ބެލްކަންޏަށެވެ. ދެމީހުން އެކީގައި ގޮސް ބެލްކަނީގައިވާ ގޮނޑިތަކެއްގައި އިށީނީ އެކަކު އަނެކަކުގެ މޫނު ފެންނާނެގޮތަށް ކުރިމަތީގައެވެ.

"އިމީގެ ފަރާތުން މާފު ލިބި އޭނަ އަހަރެމެންގެ ދަރިއެއްގެ ގޮތުގައި އުޅެން ފެށި ދުވަހަކުން ނޫނީ ދެމީހުންގެ ހިތަކަށްވެސް އަލުން ހަމަޖެހުމެއް ލިބޭކަށް ނެތް...." ފައިސަލްގެ ރާގުން އެކަނިވެސް އޭނަގެ ހިތުގެ ރިހުން ފާޅުވާން ހުއްޓެވެ.

"އެފަދަ ދުވަހެއް ދެކެން މިހިރީ އަމިއްލަ ފުރާނަވެސް ގުރުބާންކުރަން ތައްޔާރަށް...." ޝުވޭކާރު ހިންދިރުވައިލިއެވެ.

"އަހަރެންވެސް މިހިރީ އެހާވަރުގެ ކުށެއްކޮށްފަ. އަހަރެންގެ ކައިރިއަށް އެދަރިފުޅު ފައިސާގެ އެހީއެއް ހޯދަން އެއްފަހަރު އައި. އޭރު އޭނަގެ އުމުރުންވާނީ ސޯޅަ ސަތާރަވަރަކަށް އަހަރު. މިދެއަތުން އޭނަ ކޮށްޕަމުންގޮސް ގެއިން ބޭރަށް ލީ، ދެވަނަފަހަރަށް އެކަހަލަ ސިޗުއޭޝަނެއް އައީމަ އެ ހަނދާންތައް އާވީ.........." ފައިސަލް ޝުވޭކާރާއި ހަތަރުކަޅި ހަމަކުރިއެވެ. އަބަދު ރީތިވެލައިގެން ހުންނަ ރީތި އަންހެނާގެ މޫނުގެ ކުލަ ރީދޫވެ ބަލިމީހެއްގެ ސޫރަ ފެންނަން ފަށައިފިއެވެ. ލޯބިވާ ފަރާތެއް މަރުވުމުންވެސް ހިތާމަކުރާނީ މިހާވަރަށެވެ.

"ފައިސަލް ނިކަމެތިންނަށް އެހީވެ ގަވާއިދުން ޒަކާތްދެމެއްނު. ހާލުގައި ޖެހިފައިވާ ބަޔަކަށް ހުޅުވާ ފަންޑެއްވިއްޔާ ފައިސާދެމެއްނު. ބަލިމީހުންނަށް އެހީވާއިރު އިމީ އައުމުން އެހެން ހެދީ ކީއްވެތަ؟ ކީއްވެ އެހެން ކަންތައްކުރީ؟ ހެޔޮނުވާނެ. އަމިއްލަ ދަރިފުޅޭ އެއީ. ކިހާ ދެރަވާނެ. ކިހާ ހިތަކަށް އަސަރުކުރާނެ..." ޝުވޭކާރުގެ ހިތަށް އަސަރުކޮށްގެން ކަރުނަތިއްކެއް ލޮލުން ފޭބިއެވެ.

"އަހަރެންގެ އުސޫލެއް. މުވައްޒަފުންނަށްވެސް އަންގާފައި އޮތިން ޑޮކްޓަރުގެ ސައްހަ ލިޔުމެއް ގެނެސްގެން ނޫނީ އެގޮތަށް ފައިސާނުދޭން. ޕާޓޭން ޑްރަގް ގަންނަންވެސް އެގޮތަށް މަކަރު ހަދައިގެން ފައިސާ އަތުލާތީ އެގޮތަށް ރޫލްހަދަން ޖެހުނީ. އެދުވަހު އިމީ ފެނުނުއިރު ހީކުރެވުނީ ހަމަ ޕާޓޭއެއްހެން. އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައި ހުރީ، ހިކިކަމުންނާއި ކޯތާފަތްވަޅުވަދެފައި ހުރުމުން ހީވީ އެކަހަލަ ގޮތެއް. އެކަމަކު މަޑުމައިތިރި މައުސޫމްކަމެއް އެލޮލުގައި ހުރި. ފަހުން ދެރަވެސްވި. އެރޭ އެކަމާއި ވިސްނަން ހަދައިގެން ނުވެސް ނިދުނު. އެފަހުން ދުވަހަކު މީހަކު ކަމަކު ޖެހިގެން އައިއްޔާ އަނބުރާ ފޮނުވައެއްނުލަން....." ފައިސަލް ފެންކަޅިވިއެވެ.

"މާމަ ބައްޔޭ ކިޔާފައި ފެންވަރު ރަގަޅުހެން ހީވާ ގެތަކަށް ވަދެ ސަލާމްޖަހާ އުސޫލުން ފޭރިގަންނަ ޕާޓޭއެއްކަމަށް ހީކުރެވުނީމަ އެގޮތަށް އެވީ. މިހާރު ރިގްރެޓްކުރަން. އޭރު އެނގުނުނަމަ. އޭރު އުފަލާއިއެކު ގެއަށް ވައްދާ ބޭނުންވަރަކަށް ފައިސާ ދެވުނުނަމަ. ކުރީގެ ރަގަޅު އެންމެ މެމޮރީއެއް ނަމަވެސް ރައްކާކުރަން ލިބުނީހެއްނު...." ފައިސަލްގެ ހިތް ފުރި ބަންޑުންވަނީއެވެ. ވާހަކަދެއްކުން އުދަގޫވެގެން މެދުކަނޑާލަން ޖެހުނެވެ.

ޝުވޭކާރު ދެން ކިޔައިދިނީ އައްމާރުގެ މާމަ އޭނައަށް ކިޔައިދިން ވާހަކަތަކެވެ.

"މާޒީއާއިމެދު ހިތާމަކުރުމަކުން އަލުން ރިވައިންޑްކޮށްގެން އެބައި ނުފޮހެވޭނެ. އެކަމެއް ބަދަލެއްނުކުރެވޭނެ. މިއީ އެޑިޓްކުރަން ސްޓޯރީއެއް ނޫނީ ފިލްމެއްނޫން. ހަގީގަތެއް. އަހަރެމެންވަނީ އަމިއްލަ ދަރިފުޅާއިމެދު ވަރަށް ބޮޑަށް އިހުމާލުވެ އެކުއްޖާގެ ދިރިއުޅުން ނަރަކައަށް ހަދާލާފައި. މައިންބަފައިންގެ ލޯބި އެއްވެސް ވަރަކަށް ނުލިބި އަނިޔާވެރި ބަޔެއްގެ ތެރޭގައި ބޮޑުވެފައި އެހެރީ. ދެން އޮތީ މާފަށް އެދި އޭނަގެ ހައްގުތައް އަދާކޮށްދިނުން. އިމީގެ އިތުރު އަންބެއް ހުރި ވާހަކަ ޝުވޭ ބުނީމެއްނު. އެވެސް ވާނީ އަހަރެމެންގެ ދަރިއަކަށް. މިގެއަށް އަންނާށޭ ބުނަންވީ........" އެހިސާބަށް ބުނެލާއިރަށް ފައިސަލް ހަނދާންވީ އައްމާރުއަށް އިތުރު އެހެން އަނިޔާއެއް ދެވުނުކަމެވެ. ހައްގުތަކުންވެސް މަހުރޫމް ކުރެވުނުކަމެވެ. އެއީ ހަލާލުގޮތުގައި އެދެމީހުން ދުނިޔެއަށް އުފަންކުރި ކުއްޖެއްނޫނެވެ. ދެމީހުން ލޯބީގައި ދީވާނާވެގެން އުޅުނުއިރު ކުރި ފާފައެއްގެ ނަތީޖާއެވެ. ހިތަށް ތޫނު ކަށިތަކެއް ހެރުނުފަދަ އިހުސާސެއްކުރެވި މޭގައި އަތުން ފިރުމައިލެވުނެވެ.

އަލުން އެދުވަސް އަނބުރާ ގެނެވޭނެނަމައެވެ. އެފާފަ ނުކުރެވުނުނަމައެވެ. ދީނަށް އުޅެވުނުނަމައެވެ. މިއަދު މިއޮތީ އެކަމުގެ ހިތާމައާއި ވޭން ދުނިޔޭގައިވެސް އުފުލަން ޖެހިފައެވެ. އާރާއި ބާރާއި އިއްޒަތް އަދި މުދާތަކުންވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އައްމާރު އަނބުރާ އަޔަސް މާޒީއާއިމެދު ކުރާ ހިތާމަ ނިމުމަކަށް އަންނާނެހެން ހިޔެއްނުވެއެވެ.

ކާއިއާ ފިނިވެގެން މޭގައި ކަކޫ ޖައްސާލައިގެން އޮތް މަންޒަރު ފެނިފައި އައްމާރުގޮސް ބޮޑު ރަޖާގަނޑެއް ގައިގާ އޮޅާލަދިނެވެ. އެއަށްފަހު އަމިއްލަ ކޮޓަރިއަށްގޮސް އަރާމުކުރުމުގެ އިޚުތިޔާރު ލިބުނަސް އޭނަ އެކަމަކަށް ބޭނުމެއްނުވިއެވެ. ފެންޑާއަށް ނުކުތީ ސިކުނޑިއަށް ކުޑަނަމަވެސް ލުޔެއް ހޯދަ ދިނުމަށެވެ. އޭރުވެސް އެއްރާގަކަށް ވާރޭވެހެމުންދާތަން ފެނުނެވެ. ދޭތެރެއަކުން އަންނަ ގަދަވައިރޯޅިތަކާއިއެކު ގަސްތަކާއިއެކު ވާރޭވެސް އެކު ދިމާލަށް ބުރުއްސާލައިގެން ދެއެވެ. ގަދަ ފިންޏަށް ހަށިގަނޑު ހާމަކޮށްލައިގެން ހުރިއިރު ނިދިވަނީ އޭނަގެ ލޮލާއި މުޅިން ވަކިވެފައެވެ.

ފަތިސް ނަމާދަށް ބަންގި ގޮވުމުން މިސްކިތަށް ދާން ހިނގައިގަތީ ދޮރު ތަޅުލާފައެވެ. ނިމިގެން ގެއަށް އައިއިރު ކާއިއާ ފެންނަން ނެތުމުން އޭނަ ޔަގީންކުރީ ކާއިއާ މަންމަމެންނާއި ސުވާލުކުރަން އެގެއަށް ދިޔައީކަމުގައެވެ. އައްމާރު ދެ ޚިޔާލެއްގައި ހުރެގޮސް ކާކޮޓަރިއަށްވަދެ ކޮފީއެއް ގިރަންފެށިއެވެ. އޭރު އެދެލޮލުން ފެންނަ މޮޅިވެރިކަން ބަލައިލި ކޮންމެ މީހަކަށް އަސަރުކުރުވާނެއެވެ. ހަމްދަރުދީވާނެއެވެ.

"ކާއިއާއަށް ހަގީގަތް އެނގުމުން އަނބުރާ އަންނާކަށް ނުކެރޭނެ. އަހަރެން ދެން ދާނީ ވަކި ކޮންތާކަށް؟ ކުޑައިރު ހާލުގައި ޖެހުނުއިރު އަޅާލުމާއި ލޯބި ލިބުނީ އެކަނި މާމަގެ ފަރާތުން. ތެދުވެރި ލޯތްބަކީ އެއީ، އަމިއްލަ މާމައެއްކަމުގައި ނުވިޔަސް މާމަ ހާދަ އަޅާލިއޭ. މާމަވެސް ކިހާ ދެރަވާނެ، މާމަގެ ހާލެއްވެސް ނޭގޭ. ޔަގީންވާކަމަކީ އެންމެ އިތުބާރުކުރާ މީހާއާއި ހަވާލުކޮށްފައި އައުމުން ދެރަގޮތެއް ނަހަދާނެކަން. އެންމެން ދޫކޮށްލާފައި ދިޔަކަމުގައިވިޔަސް އަހަރެން މާމަ ދޫކޮށްފަ ދުރަކަށް ނުދާނަން. މާމަ ކައިރިއަށް ދާނީ........" އައްމާރު ގޮނޑިއެއް ދަމާލައިގެން އިށީންގޮތަށް ކޮފީތަށްޓާއި ދިމާލަށް ބަލަހައްޓައިގެން އެތައް އިރެއްވާންދެން އެހެން އިނެވެ.

ކާއިއާ އެކަނިމާއެކަނި ބީޗަށްގޮސް އެތައް އިރެއްވާންދެން ހުރިއިރުވެސް އައްމާރުގެ ޚަބަރެއްނުވުމުން ހިތަށް އިތުރު ދަތިކަމެއް ލިބުނެވެ. އައްމާރު އޭނައާއި އަޅާނުލާވަރު ރީތިކޮށް ސާބިތުވީއެވެ. އޭނަ ނުފެނުނަސް ވަރިހަމައީތާއެވެ. އެންމެފަހުން ކަރުނަތައް ދިރުވައިލަމުން މަންމަމެންގެ ކައިރިއަށް ދާން ނިންމީ ޖަވާބު ހޯދުމަށެވެ. ކިޔަން އައްމާރުގެ ކައިރީގައި ދެއްކި ވާހަކައަކުން އައްމާރުގެ ހިތް އަނބުރާލިކަމުގައި ވާނަމަ އޭނަ އެމީހުންނަށް ދުވަހަކު މާފެއްނުކުރާނެއެވެ.

ގެއަށް ވަންނަން ދޮރު ހުޅުވާލާފައި އެނބުރިދާންވެސް ކާއިއާ ހިތަށް އެރިއެވެ.

"އައި ހޭޓް އެވްރީވަން. އެކަނި މަގޭ އިމީދެކެ ލޯބިވަނީ...." ކާއިއާ އަމިއްލަ ނަފުސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އޭނަގެ ފިރިމީހާ ބަލައިނުގަތް ބަޔަކަށް ޒިޔާރަތްކުރުމަކީވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. ނަމަވެސް އޭނަ މިއަދު އެމީހުންނާއި ސުވާލުކުރާނެއެވެ. އޭނަގެ ދިރިއުޅުމާއި ނުކުޅެން އަންގާނެއެވެ. ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ އޭނަގޮސް ގެއަށްވަންއިރު ގެއިން އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ހިމޭންކަމުގެ އިންތިހާއެވެ. މަންމައަށް ގޮވަން އަނގަ ހުޅުވާލަފައިވެސް އޭނަގެ ދޫ ހަރަކާތެއްނުކުރިއެވެ. ބާރުބާރަށް ގޮސްފައި ކޮޓަރިތަކުގެ ދޮރު ހުޅުވަނިކޮށް ކާކޮޓަރީގެ ތެރެއިން ދޮންބެގެ އަޑު އިވުނުހެން ހީވެފައި އެދިމާލަށް މިސްރާބުޖެހިއެވެ.

ކާއިއާ ކޮޓަރިއަށްވަންއިރު އޭނައަށް ފެނުނު މަންޒަރު ސިފަވީ އުފާވެރި އާއިލީ ކަމެއްގެ ގޮތުގައެވެ. މޭޒުގެ މެދުގައި ފިހެފައި އޮތް ބޮޑު ކުކުޅެއް އޮތްއިރު ބައްޕަ ހުރީ ފަރާޓާ އެކިތަށިތަކަށް އަޅާދޭށެވެ. މަންމަ އިނީ ރާނީއެއްފަދައިން ބައްޕަލައްވާ ހޭހަން ކުރުވަން ހިމޭނުންނެވެ. ކިޔަންގެ ފޯނު މޭޒުމަތީގެ އެއްފަރާތުގައި އޮތްއިރު އޭނަ އިނީ ދަތްދޮޅީގައި އަތްވިއްދާލައިގެންނެވެ. ބައްޕަ ބުނި އެއްޗަކަށް އެންމެންކުޑަކޮށް ހީހީ ތިބެފައި ކާއިއާވަނުމުން އެދިމާލަށް ނަޒަރު ހުއްޓުނުގޮތަށް ހުނުމުގެ އަޑު ކެނޑުނެވެ.

"ކައި ދަރިފުޅާ. ހަމަ ރަގަޅު ވަގުތަކަށް ތިއައީ. އާދޭ ކުކުޅުކާން....." ފައިސަލް އިތުރު ތަށްޓެއްނެގިއެވެ.

"ނޫނޭ ބައްޕާ. އެންމެންގެ އުފާވެރިކަން ހަލާކުކޮށްލާކަށް ނޫން މިއައީ، އެންމެން ތިޔަތިބީ ވަރަށް އުފާވެފައެއްނު، ވަރަށް ހިތްހަމަޖެހިފައެއްނު......" ކާއިއާ ހަށަން ބަދެލިއިރު ދެލޮލުގެ އެސްފިޔަތަކުގެ ފުރަގަހުގައި ކަރުނަތައް އެއްވެފައިވެއެވެ.

"ކޮންކަމަކާ؟ " ކިޔަން އަހައިލިއެވެ.

"އެންމެ ރަގަޅަށް އެނގޭނީ ދޮންބެއަށް. އެކަމަކު ތިއަހަނީ ކޮންކަމަކާހެއްޔޭ....." ކާއިއާ ރުޅިގަދަވެފައި ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ.

"ކޮއްކޮ ތިކިޔަނީ ކީކޭތަ؟ ކޮންކަމަކާއި އެންމެން އުފާވާންވީ؟ މަންމަ ނުކައި އުޅޭތީ ބައްޕަ ކުކުޅެއް ގެނެސްދެއްވީ. މަންމަގެ ފެވެރިޓް ގްރިލްޑް ޗިކަން. ކޮންމެހެން އުފަލެއް ލިބި ސެލެބްރޭޓްކުރާކަށް ނޫނޭ. ވެގެން އުޅޭގޮތެއް ކިޔާދީފާނަން. ރޭ ދޮންބެ ތިގެއަށް................." ކިޔަން ތަފްސީލުކޮށް ކިޔައިދޭން މަސައްކަތްކުރިއެވެ.

"އެންމެން ބޭނުންވިގޮތަށް ވެފައި އެއޮތީ....އިމީ ހުރީ ރުޅިއައިސްފަ. ހީޒް އެވޮއިޑިން މީ......" ކާއިއާ ކިޔަންގެ ޖުމްލަ މެދުކަނޑުވާލަމުން ދެލޯ އަޅައިލިއެވެ. އޭނައަށް އެވަރު ޔަގީނެވެ. އައްމާރު ބަދަލުވީ ކިޔަން އެގެއަށް ދިޔަފަހުންނެވެ.

ކާއިއާގެ ޖުމްލައާއިއެކު އޭނަގެ މަންމައާއި ބައްޕައަށް އިސްޖަހައިލަން މަޖުބޫރުވިއެވެ.

"ލިސެން ކައި..އައި ކެން އެކްސްޕްލެއިން. އިމީއާއި ކައި އެކަށީގެނެއްނުވޭ." ކިޔަން އެއްޗެކޭ ބުނަން އުޅުނެވެ.

"ކޮންމެހެން ވިސްނާދޭން ދޮންބެވެސް އުޅޭނެކަމެއްނެތް. އައި ޑޯން ކެއަރ އިމީއަކީ ދުނިޔޭގައި ހުރި އެންމެ ނުލަފާ މީހާއަށްވިޔަސް. އިމީގެ ކުށް ދައްކަ ދައްކާފައި ދޮގުހަދައިގެންވެސް އޭނަ ދުރުކޮށްލަން ތިއުޅެނީ. ނޭގޭ މިހާރު ދައްކައިގެން އުޅެނީ ކޮންތާކުން ހެދި ކޮންފަދަ ވާހަކައެއްކަމެއްވެސް. ހާދަ ކްރުއެލް ބަޔެކޭ. ދެރަވޭ މިގެއަށް އުފަންވީކަމަށްޓަކާ. މޭބީ ގާލްއެއް ނެތިގެން އެޑޮޕްޓްކުރީ......" ކާއިއާ އިތުރަށް ރުޅިގަދަވިއެވެ. މޫނު އެއްކޮށް ހޫނުވެ ރަތްވާންފެށިއެވެ.

"ދަރިފުޅާ......" ފައިސަލްއަށް ގޮވާލެވުނެވެ.

"ކައި. މަންމައަށް ހެދުނު ގޯހެއް. މިހާ ނުބައި ހިތްދަތި ސަޒާއެއް އެހެންމީހަކަށް ދުނިޔޭގައި ހުރެގެން ފެންނާނެކަމެއް ނޭގޭ. މަންމަގެ ދަރިއަކު އެހެން މީހަކާއި ހަވާލުކޮށްފައި ވީނުވީއެއް ނޭގި މިހުރިހާ ދުވަސްވޭތުވެގެން ދިޔައީ. އެންމެފަހުން އެއީ ކާކުކަން އެނގުމުން ހިތް ހަލާކުވާވަރުވެފައި އެންމެން މިތިބީ. ބުނާނެ އެއްޗެއް ނޭގި ގޮތް ހުސްވެފައި....." ޝުވޭކާރުގެ ދެލޮލުގައި ކަރުނަ ގިނަވާންފެށިއެވެ.

ކާއިއާ ބުމަގޮށްޖަހާލައިގެން ހުރިއިރު އޭނައަށް މާ ބޮޑު އެއްޗެއް ވިސްނުނުކަމަކަށް ނުވިއެވެ. ފައިސަލް ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ކާއިއާގެ ކައިރިއަށް ޖެހިލާ ގަޔާލައްކޮށްލަމުން އެތަނުން ބޭރަށް ގެންދިޔައެވެ. ދުރުދުރުންގޮސް އޭނަގެ ދަރިފުޅަށް އައްމާރުއަކީ ކާއިއާގެ ބޭބެކަން އަންގާ އެހިތަށް އެކަން ފަހުމްވީއިރު ކާއިއާ ހުރީ ޝޮކެއްގައެވެ. މަސްހުނި ޖަޒުބާތުތަކެއްގެ ސަބަބުން އެކަން ބަލައިގަންނާނެ ގޮތެއްވެސް އެވަގުތަކު ނޭގުނެވެ. ފައިސަލް ކާއިއާ ކޮޓަރިއަށް ގެންގޮސް ސޯފާގައި ބޭންދިއެވެ. އެންމެނަށް އެކަމުގައި ހެދުނު ގޯސްތައް ކިޔައިދީ ނިމުނުއިރު ކާއިއާއަށް އެއީ ކިހާވަރެއްގެ ބޮޑުކަމެއްކަން ވިސްނިއްޖެއެވެ. ނަމަވެސް އޭނައިނީ ބުދެއްފަދައިން ހިމޭނުންނެވެ. ސުވާލަކަށް ޖަވާބުދޭކަށްވެސް ބޭނުމެއްނުވިއެވެ. ރޯކަށްވެސް ނޭގުނެވެ. ކާއިއާއަކީ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްކަން އެނގޭތީ ފައިސަލް ހުރީ އޭނަ ކޮށްފާނެކަމަކަށް އިންތިހާއަށް ބިރުގެންފައެވެ. ނުރުއިމަކީ އަދި އެއަށްވުރެ ބޮޑު ބިރެކެވެ.

ބާލީސް މޭމަތީގައި ބާއްވައިގެން ކާއިއާ ސީލިންއަށް ބަލަން އެހެން އޮތްއިރު ލޮލުން އެއްވެސް ކަހަލަ އަސަރެއްނުފެނުނެވެ. ފައިސަލް ނަފްސާނީ ޑޮކްޓަރަކާއި ވާހަކަދައްކައިގެން ގެނުވި ބޭހެއް ކާންދިނުމުން ދެކޮޅު ހެދުމަކާއިނުލައި ބޭސްގުޅަ ކެއިގޮތަށް ދެލޯ މަރާލައިގެން އޮތީއެވެ.

"ކައި އާރ ޔޫ އޯކޭ؟ "ކޮއްކޮއަށް ވާގޮތާއިމެދު ބިރުންހުރި ކިޔަން ކައިރިއަށް ޖެހިލާފައި ފިނިކަމުން ގަނޑުފެންކޮޅެއްފަދަ އަތްތިލައިގާ ހިފާލިއެވެ.

"އައިމް ޕާފެކްޓްލީ އޯކޭ....." ކާއިއާގެ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

ކިޔަން ބޭރަށް އައިގޮތަށް މަންމައާއި ސުވާލުކުރުމުން ބުނީ ކާއިއާވަނީ ޝޮކެއްގައި ކަމުގައެވެ. އޭނައަށް އެ ޚަބަރު ލިބުމުން އެކަން ނަގައިގަތީ އެމީހުން ހީކުރި ގޮތަކަށްނޫނެވެ. ކާއިއާގެ އެހިމޭންކަން ޝުވޭކާރުމެންގެ ހިތަށް މާ ބޮޑަށް ބިރުވެރިކަން ގެނެސްދިނެވެ. އެކުއްޖާގެ ސިކުނޑީގައި އުފެދެމުންދާ ހަލަބޮލިކަން ކޮންމެ ވަގުތެއްގައިވެސް ގަދަވެ ތޫފާނެއްގެ ސިފަ ޚިޔާރުކުރާނެކަން ޔަގީނެވެ. ނޭގެނީ ކޮން ވަގުތެއްގައި ކިހިނެއް ކަމެވެ. ނަފްސާނީ މާހިރެއްގެ ލަފާ ހޯދަން މަޖުބޫރުވީވެސް އެހެންވެއެވެ.

ސާރާއަށް އޮސްޓްރޭލިއާއިން ލިބުނު ސްކޯލަޝިޕުން އެހާ ބޮޑު އުފަލެއް ނުލިބުނެވެ. އައްމާރުގެ ޚަބަރެއްނުވެ އޭނަ ކައިރީގައި ނުބުނެ ފުރައިގެންދާނީ ކިހިނެއްހެއްޔެވެ؟ މާމައަކީ އޭނަގެ ކައިރީގައިވާ ބޮޑު އަމާނަތެކެވެ. މާމައަށް ކަމެއްވެއްޖެއްޔާ އޭނަ އައްމާރުއަށް ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ ނީޒާގެ އާއިލާއަށް އިތުބާރުނުކުރަނީއެއްވެސް ނޫނެވެ. ދެން އޮތީ އޭނަގެ ހާލަތު މިވަގުތުހުރިގޮތެވެ. ނަމަވެސް ހުރިހާ ކަމަކާއިއެކުގައިވެސް އޭނަ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެއްސުމުގެ ފުރުސަތު ލިބުމުން ދޫކޮށްލާހިތެއްވެސް ނުވިއެވެ.

ސާރާ އެންމެ ފަހު ވަގުތު ނިންމީ މާމަ ގޮވައިގެން އޮސްޓްރޭލިއާއަށް ދިޔުމަށެވެ. އޭނަގެ ނަސީބު ރަގަޅުކަމުން އޭރު ދޮންބެ ސާހިލްގެ ދެމަފިރިންވަނީ ދިރިއުޅުން އޮސްޓްރޭލިއާއަށް ބަދަލުކޮށްފައެވެ. އެމީހުންގެ ކައިރީގައި އޭނައާއި މާމައަށް ދިރިއުޅެވިދާނެކަމުގެ ޔަގީންކަން ސާހިލްވަނީ ދީފައެވެ.

އައްމާރު މިސްކިތަށް ދިޔައިރު ގޭގެ ދޮރުތަޅުލާކަށް ހަނދާނެއްނެތެވެ. އޭނަގެއަށް އައިސް ފޯނުނަގަން ބަލައިލިއިރު ޗާޖަށް ޖަހާފައި ހުރި ފޯނެއްނެތެވެ. ރަގަޅަށް ވިސްނައިލުމުން އެނގުނީ މީހަކު އެގެއަށްވަދެ އެތައް ސާމާނެއް ގެންގޮސްފައިހުރިކަމެވެ. ފަރުވާކުޑަކަމުން އަގުބޮޑު ފޯނުވެސް ގެއްލިގެންދިޔައީއެވެ. އެތަން މިތަން ހޯދާފައި ނުކުތްއިރު ފިޔަވަޅުގެ އަސަރުވެސް ހުއްޓެވެ. އޭނަގެ ބަދުނަސީބާއިމެދު ހިތާހިތުން ޝަކުވާކުރެވުނެވެ. ނޫނެކެވެ. އަމިއްލަ އިޚުތިޔާރުވެސް އޮތެވެ. ފަރުވާކުޑަކޮށްލާފައި ގޭގެ ދޮރުތަޅުނުލާ ދިޔުމަކީ އޭނަ އެކަމުގެ ޒިންމާ ނަގަންޖެހޭނެކަމެކެވެ. އަމިއްލަ މުދަލަށް ޣާފިލުވެވުނީއެވެ.

"ޑޭމިޓް، ވަޓް ނައު......ހީވަނީ އަބަދު ކޮންމެވެސް ބޮޑު ދެރައެއް ލިބެން އުޅެނީހެން...." އައްމާރު ސޯފާއަށް ވެއްޓިގަންނަމުން ބޮލުގައި ދެއަތުން ހިފެހެއްޓަމުން ދެލޯ މަރައިލިއެވެ. ރޭގައި އެއްގޮތަކަށްވެސް ނުނިދާ ހުރުމުން ނިދީގެ އަސަރުވެސް ކޮށްފައިވަނީ ނިކަން ބޮޑަށެވެ. ގަދަކަމުން ލޯ ހުޅުވަމުންވެސް އޭނަ ގަނެފައިވާ ޗެރީސްކޯލް ދުންފަތްދަޅުން އެތިކޮޅެއް ކޮލުތެރެއަށް ލިއެވެ. އޭގެ ރަހަ އަނގައިގެ ތެރެއަށް ފޭދިގެން ދިޔުމުން ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ދެންވެސް ބެލީ ސިގްރެޓެއް ބުއިމަށެވެ. ދެތިން ސިގްރެޓް ބޮވުނުފަހުން ވީގޮތެއް ނޭގި ނިދީގެ ފުން އާލަމަށް ގެނބުނެވެ.

އެންމެފަހުން ހޭވެރިކަންވާން ފެށީ ކޮންމެވެސް މީހަކު އޯގާތެރިކަމާއިއެކުގައި އިސްތަށިގަނޑުގައި ފިރުމަންފެށުމުންނެވެ.

ކޮމެންޓް 0