"އައި ފީލް ގިލްޓީ.....އިމީ ކިހާ ދެރަވާނެ، އުމުރަށްވެސް އަހަންނަށް މާފެއްނުކުރާނެ، ކުށްވެރިޔަކީ އަހަރެން، ދެން ހަދާނީ ކިހިނެއްބާ، ޝީ އިޒް ޑެޑް............" ސާރާގެ ހިތްވަރު މުޅިން އެލި ހަށިގަނޑު ގަނޑުފެންކޮޅެއްހާ ފިނިވިއެވެ. އޭރު ސިކުނޑިވެސް މަސައްކަތްކުރަނީއެއް ނޫނެވެ. އިސްއުފުލާލިއިރު ލޮލުގައި އަޅައިގަތީ އޭނަ މޭވާ ކޮށަން ގެނެސްފައި އޮތް ތޫނު ފިޔޮއްސެވެ. އައްމާރުވެސް ހުންނާނީ ލޯބިވެރިޔާގެ ނިމުން އައި ގޮތުން ހަމަހޭވެރިކަން ގެއްލިފައެވެ. ސިކުނޑި ހަމައިން ނައްޓާފައި ހުރެ އެފިޔޮހިން އޭނައަށް ހަމަލާނުދޭނެބާވައެވެ. މަސްހުނި ޖަޒުބާތުތަކުގެ ތެރޭގައި ޣަރަގުވަމުން ދިޔަ ސާރާ މަޑުމަޑުން ގޮސް ފިޔޮހި ނަގާފައި ފައިލްތަކުގެ ދަށަށް ލެއްވިއެވެ. މިވަގުތު އެއްވެސް މީހަކަށް އޭނަ އިތުބާރެއްނުކުރާނެއެވެ. މަސްރަހުވަނީ ގޯހުން ގޯހަށް ގޮސްފައެވެ.

"ސާރާ......." އައްމާރު ގޮވާލީ ހިތްހަލާކުވެފައިވާ ފަދަ ގޮތަކަށެވެ.

"ޝީޒް ފިނިޝްޑް، ގޯން........" އައްމާރު ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. ފިލްމަކުންވެސް އެހާ ދެރަވާފަދަ މަންޒަރެއް މިވީހާތަނަށް ސާރާއަށް ފެނިފައެއްނުވެއެވެ. އައްމާރުގެ މޫނުމަތިން އެހިނދުކޮޅު ފެނިގެންދިޔައީ ބަޔާން ނުކުރެވޭފަދަ ހިތި އަސަރުތަކެވެ. ހިތާމައިގެ އިންތިހާއެވެ. ލޮލުން ކަރުނަ ނައިކަމުގައިވިޔަސް އައްމާރު ސާރާއާއި ހަތަރުކަޅި ހަމަކުރި ވަގުތު އޭނަގެ ލޮލުން ހުރިހާ ޝުޢޫރުތަކެއް ހާމަކޮށްދީފިއެވެ. ސާރާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ވެވޭނެނަމަ އައްމާރުގެ ހުރިހާ ހިތާމަތަކެއް އޭނަ އުފުލާ އޭނަގެ ހުރިހާ އުފާތަކެއް އައްމާރުއަށް ދިނީހެވެ. ހަދާނެގޮތް ހުސްވިއެވެ. އޭނައަށް ވަކި ކުރެވޭނީ ކީއްހެއްޔެވެ؟ އެމީހުން މިތިބީ ކާއިއާއާއި އެތައް މޭލެއްގެ ދުރުގައެވެ. ހާސްވާ ކަމަކާއި ޖެހުމުން ބުއްދިފިލާ އިންސާނާއަށް ބައެއްފަހަރު ގޮތްހުސްވާ ހިސާބަށްދެއެވެ.

އައްމާރު "ވޭކްއަޕް ވޭކްއަޕް ކައި" އޭ ކިޔަކިޔާ އިންދާ ފޯނު ކެނޑިގެން އަނެއްކާވެސް އައިސް ޗާޖަށްޖެހިއެވެ. ހަދަންވީގޮތާއިމެދު ވިސްނަން އިން ސާރާއަށް ޚިޔާލެއް އައެވެ. އޭނަ ކުރީދުވަހެއްގައި އައްމާރުގެ ފޯނު ހާވާފައި އޭގެއިން އިންގްލޭންޑްގެ ނަމްބަރެއް ފެނިގެން ރައްކާކުރިއެވެ. ސާރާ އަވަހަށް އައްމާރުއަށް އެނަމްބަރަށް ޑައިލްކޮށްފައި ކާއިއާ ކޮށްގެން އުޅޭކަމުގެ ވާހަކަ ބުނަން އެދުނެވެ. އައްމާރުގެ ނަސީބު އޭނައާއި އެހީވެދިނެވެ. އައްމާރު ގުޅާއިރަށް ފޯނުނެގީ ކާއިއާގެ ބޭބެ ކިޔަންއެވެ. ކިޔަން ފޯނު ނެގުމާއިއެކު އައްމާރުގެ ހާސްކަން އޭނައަށް ފާހަގަކުރެވުނެވެ.

"ރަގަޅަށް އަޑުއަހާބަލަ ކިޔަން، އަވަހަށް ކާއިއާގެ ރޫމަށް ދޭ. އެކުއްޖާ ވަރަށް ބައިވަރު ބޭސްތަކެއް ކައިފި، ސުއިސައިޑްވާންވެގެން........" އައްމާރު ވާހަކަދައްކަން ފެށުމާއިއެކު ކިޔަން ފޯނުކަނޑާލާފައި ދުއްވައިގަތެވެ.

"ތޭންކް ގޯޑް......." އައްމާރު ސާރާ އަތުގެ ތެރެއަށް ލަމުން ބުނެލިއެވެ. އައްމާރުއާއި ސާރާ ނިދުމެއްނެތި އިންތިޒާރުގައި ތިބީ އެކޮޅުން ލިބޭނެ ޚަބަރަކަށް ބަލަބަލައެވެ. ފަނަރަވަރަކަށް މިނިޓްފަހުން ކިޔަން ގުޅާފައި ކާއިއާ ހޮޑުލާފައި މިހާރު ރަގަޅުކަމަށާއި އެކަމަކު އިތުރު ފަރުވާ ހޯދަން މަންމަމެން ކާއިއާ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުނުމުން ސާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކާއިއާގެ މަންމައަކީ ޑޮކްޓަރެކޭ އައްމާރު ބުނި ވަގުތު އެދެލޮލުން ކޮންމެވެސް އެހެން ކަހަލަ އަސަރެއް ފެނިލިހެން ސާރާއަށް ހީވިއެވެ.

ހުރިހާ ކަމެއް ރަގަޅުވާނެކަމަށް ސާރާ ޔަގީންކުރިއެވެ.

"ޝީޒް މެންޓަލް. ހަމަ ރަގަޅަށްވެސް ސައިކޯވެއްޖެ. މިހާރު އަހަންނަށް އެކަން ޔަގީންކުރެވިއްޖެ، ސުވާލަކީ ދެން އެކުއްޖާއާއި ވަކިވާން ހަދާނީ ކިހިނެއްބާވައޭ، މިރޭ ސީރިޔަސްކޮށް އަހަރެން އެގޮތަށް ނިންމައިގެން ބްރޭކްއަޕް ވީމަ ސުއިސައިޑްވާން އެއުޅުނީ، އަބަދު އެހެން ކިޔާނެ، އަބަދު ލޯބިވާވަރު ބުނެދޭނެ، ހުރިހާ އެއްޗަކަށްވުރެ އަހަރެން މުހިއްމުކަމަށް ބުނާނެ، ވަކިވެއްޖެއްޔާ ފުރާނަ ދުއްވާލާނަމޭވެސް ބުނާނެ، އެވާހަކަ ސާރާ ކައިރީގައިވެސް ބުނީމެއްނު ދޯ، މިހާރު ސާރާއަށްވެސް ފެނިއްޖެއެއްނު، ކާއިއާ އަނެއްހެން ނޯމަލް، އެކަމަކު އަހަންނާއި ޖެހުނީމަ އެކުއްޖާ ކޮންމެފަދަ ކަމެއްވެސް ކޮށްލަން ފަހެއްނުޖެހޭ. އެހާ ލޯބިވާކަން އެނގޭއިރުވެސް ހިތަށް ނާރާ ކާއިއާއަށް މަރުވާން ކެރޭނެއޭ. އެކަންވެސް ސާބިތުކޮށްދީފި. އެނީވޭސް ތޭންކިއު ސާރާ، ސާރާގެ ސަބަބުން ނޫންނަމަ މިރޭ ކާއިއާގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެކަން ނޭގޭ، ހަދާނެއްނެތް އެގޭ މީހަކަށް ގުޅާކަށްވެސް، ފޯނުގަނޑުވެސް ނިވުނީ އެންމެ ބޭނުންވި ވަގުތު..........." އައްމާރު ސާރާ ގަޔާއި ކައިރިކޮށްލަމުން ބުނެލިއެވެ.

އައްމާރު ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ހިނިތުންވެލަމުން ސާރާ އަތުތެރެއަށް ލިއެވެ. ލޯބިވެރިޔާ ބަލިވެ އޮތްކަން އެނގޭއިރުވެސް އަންހެނުންނާއިއެކު އުފާކުރަނީއެވެ. ސާރާގެ ހިތަށް އެރިއެވެ. އެއީ އޭނަދެކެ ލޯބިވާތީހެއްޔެވެ؟ ނޫނީ ކާއިއާ މަރުން ސަލާމަތްވީމަ އައްމާރު އުފާކުރަނީހެއްޔެވެ؟ ޝައްކުތަކާއި ވަހުމުން ހިތްފުރެން ފެށިއެވެ. އެހެން މީހުންފަދައިން އައްމާރު އޭނަގެ އެކަނި މީހަކަށް ވާނެނަމައެވެ. އެގޮތަށް ވާނީ އޭނަ ކިހިނެއް ހަދައިގެން ބާވައެވެ.

ދެމީހުންވެސް ނިދީ ފަތިސްނަމާދުކޮށް ލައިގެންނެވެ. ނިދާލަން ލިބުނީ ކުޑަވަގުތުކޮޅެކެވެ. ހޭލެވިގެން އަނެއްކާ ފެނުނީ އައްމާރު ފޯނުގައި އިންދައެވެ. އައްމާރު ކާއިއާއާއި ވާހަކަދެއްކީ އެހެން ދުވަހަށްވުރެ އެތައް ގުނަ ލޯބިންނެވެ. ސާރާގެ ހިތުގައި ޖެހުނުވަރުން އެތާ ނުހުރެވިގެން ބޭރަށް ނުކުމެގެންދާ ވަރުވިއެވެ. ހިތްފަޅަފަޅައިގެންގޮސް ރޮވޭގޮތްވިއެވެ. އައްމާރުގެ އުފާތަކާއި ބައިވެރިވާންވެސް ބޭނުމެވެ. އައްމާރު އެހާ އުފަލުން އިންނަތަން ފެނުނީމަ އޭނަވާން ޖެހެނީ އުފަލެވެ. އެހެން އަންހެންކުއްޖަކު އައްމާރުއަށްޓަކާ ފުރާނައިން ގުރުބާންވާކަން އެނގުމުން ލިބެންޖެހެނީ އުފަލެކެވެ. ނަމަވެސް އެހެނެއްނުވެއެވެ. ކީއްވެހެއްޔެވެ؟ އެހާ ހިތަށް ބާރުކުރާ ސަބަބެއް ނޭގެއެވެ.

ދެދުވަސްވީއިރު އޭނަގެ އެންމެ ކައިރީގައި ހުރެގެންވެސް ކާއިއާ އައްމާރު ފޭރިގެންފިކަމުގެ އިހުސާސް ސާރާއަށް ކުރެވިއްޖެއެވެ. އައްމާރު ގެއަށް އަންނަގޮތަށް ފަތިހު ހަތަރެއްޖަހަންދެން އިންނަނީ ކާއިއާއާއި ވާހަކަދައްކާށެވެ. އަންބެއް ހުންނަކަން އޭނަ ހަދާނެއް ނުހުރެއެވެ. ވާނީ އެހެންނޫން ހެއްޔެވެ؟ އޭނައަށްޓަކާ މަރުދަންޖެހޭ އަންހެންކުއްޖަކު ހުއްޓާ އެހެން ފަރާތެއް ފެންނާނެހެއްޔެވެ؟ ސާރާގެ ހިތަށް ވާ ތަދުގެ ސަބަބުން ނިދެނީއެއް ނޫނެވެ. އޭނަވެސް އޮންނަނީ ފަތިސްވަންދެން ނުނިދިފައެވެ. އެގޮތަށް ހިތާމަކުރުމުގެ ސަބަބުން ދެލޮލުގެ ވަށައިގެން ކަޅުދާއިރާއެއް ހެދި ކޯތާފަތް ވަޅުވަދެއްޖެއެވެ. ނުއެއް ކެވެއެވެ. އަބަދު ދެލޯ ތެމެނީއެވެ. ނުރޯން ކެތްކުރާއިރުވެސް އެކަނިވާއިރަށް ދެލޮލުން ކަރުނަ ފައިބައިގަނެއެވެ. އެވާހަކަ އޭނަ ހިއްސާކުރާނެ އެއްވެސް ފަރާތެއް ނެތެވެ.

އައްމާރު ބޭސްފިހާރައަށް ވަންނައިރަށް ކައުންޓަރުގައި ތިބި ދެއަންހެންކުދިން ބަލާލީ ޝައުގުވެރި ނަޒަރަކުންނެވެ.

"މޫޑްސް އެބަހުރިތަ؟ "އައްމާރު ޖެހިލުންވިޔަސް އެކަން ނާންގާ ފިރިހެންވަންތަ އަޑަކުން ސުވާލުކުރިއެވެ. އަންހެންކުއްޖާގެ މޫނު ރަތްވާގޮތްވިއެވެ. އެހާ ރީތި ފިރހެނަކު އައިސް އަދި އެ އެދުނީ ކޮންފަދަ އެއްޗަކަށްހެއްޔެވެ؟ މާޔޫސްވެސްވިއެވެ. އެހާ ކެރިގެން ހުރެ އަހަން ކެރޭނީ މީހެއްގެ ފިރިޔަކަށްވީމައެވެ.

"ކޮންވައްތަރެއްތަ؟ " ދެން ހުރި ކުއްޖާ ސުވާލުކުރިއެވެ.

އައްމާރު ބޭނުން ވައްތަރުގެ ދެތިން ޕެކެޓް ހިފައިގެން ނުކުތްއިރު އޭނަގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ އަސަރުތަކެވެ. ދަމުން ގާޑިއާއަކުން ރަތް ކުންނާރުތަކެއް ފެނިގެން ސާރާއަށް މީރުވާނެތީ ގެންގޮސްދިންއިރު އޭނަގެ ދޮންތަ ސުދާ ހުރެފައި ފާޑަކަށް ދިމާކުރަންފެށިއެވެ.

"ސާރާ ނުވެސް ބުނަމެއްނު، ކޮންދުވަހަކުން ހުތް ކުންނާރު ކާހިތްވީ؟ " ސުދާ ސުވާލުކުރިއެވެ.

"ދޮންތާ......އެކަމަކު...." ސާރާ އެއްޗެކޭ ބުނަން އުޅުނެވެ.

"އިޓްސް އޯކޭ އޭ، ކޮންގްރާ ދެކުދިން....." ސުދާ ބޭނުންވާގޮތް ވުމަށް އެދޭވަރުން ކަމުގެ ހަގީގަތް ބަލާކަށްވެސް ނޫޅުނެވެ.

"އައިމް ނޮޓް ޕްރެގްނެންޓް........" ސާރާ ހެމުން ބުނެލިއެވެ. އައްމާރު ފާޑަކަށް ރަކިވެފައި ހީލަ ހީލާ ހުރީ ދޮންތަ ހުރުމުން އެއްވެސް އެއްޗެކޭ ކިޔަން ނުކެރިފައެވެ. ބައެއްފަހަރު އައްމާރު ބަސްއަހާވަރުންގޮސް އެންމެންގެ ލޯބި ލިބޭ ކުއްޖަކަށްވެފައިވެއެވެ. އޭނަގެ އާއިލާ ކޮންމެ ގޮތަކަށް އުޅުނަސް ސާރާ ބުނާފަދައިން އައްމާރު ކިހާ ރަގަޅުހެއްޔެވެ؟

ކޮޓަރިއަށްވަދެފައި އައްމާރު ގެނެސްފައި ހުރި ޕެކެޓްތައް ދައްކާލުމުން ފުރަތަމަ ސާރާއަށް އެކަމުގެ މަގުސަދެއް ނުވިސްނުނެވެ. ދޭތެރެ ދުރުކުރަން ޖެހޭ ސަބަބެއްވެސް ނުވިސްނުނެވެ. ވިސްނެންފެށީ ފަހުންނެވެ. އެކި ވާހަކަތައް ދައްކަމުންގޮސް އެވާހަކަފެށުނީއެވެ.

"ސާރާ ޕެރެގްވެއްޖެއްޔާ ކާއިއާއަށް އެނގިގެން އޭނަ ގޯހެއް ހަދާފާނެ، އެތައްފަހަރު ހުވާކޮށްފައި ބުނި އޭނައަށް އަހަރެމެންގެ އެއްވެސް ގުޅުމެއް އޮތްކަން އެނގިއްޖެއްޔާ މަރުވާނަމޭ، މިއަދު ބުނެފި އަހަރެމެން މެރީކުރިޔަސް އޯކޭއޭ. އެކަމަކު ނޯ ޓަޗިން އޭ........" އައްމާރު ހިނިތުންވެލާފައި ކިޔާދިންއިރު ސާރާގެ ހިތަށް ކުރި އަސަރު ބަޔާންކުރުން ދަތްޗެވެ. ސާރާއަށް ޖެހެނީ އެހިތާމަތައް ހިތުގެ ފުންމިނުގައި ފޮރުވާށެވެ. މިފަދަ ހިތްދަތިކަމެއް އެހެން ފަރާތަކަށް ލިބޭނެހެއްޔެވެ؟ ހުރިހާ އުފަލަކުން އޭނަ މަހުރޫމް ކުރުވަން ކާއިއާ ޖެހޭހެއްޔެވެ؟ ފިރިމީހާއާއި ކައިރިވާން ޖެހެނީ ކާއިއާގެ ހުއްދަ ލިބިގެންނެވެ. ދަރިއެއް ހޯދެންވީ ކާއިއާގެ ހުއްދަ އޮތީމައެވެ. އަމިއްލަ ބާރެއް އިޚުތިޔާރެއްނެތެވެ. ކާއިއާއަކީ އަންހެނަކަށްވާނަމަ އެހެން އަންހެނުންގެ އިހުސާސްތަކާއި ޖަޒުބާތުތައް އެނގި ގަދަރުކުރަން ޖެހޭނެއެވެ. އެކަނި ވިސްނަންވީ ތިމާގެ އުފަލަކަށް ނޫނެވެ. ފިރިމީހާ ހިއްސާކުރަން ދަސްކުރަންވާނެއެވެ. ނަމަވެސް އޭނަގެ މާވަރުގަދަ ހަތިޔާރެއްވެއެވެ. ބިރުދެއްކުމުގެ އެއްވަނައެވެ. އަމިއްލައަށް މަރުވާނަމޭ ބުނެފިއްޔާ އައްމާރު ނުކުރާނީ ކޮންކަމެއްހެއްޔެވެ؟ ދުވަސްކޮޅަކުން ވަރިކުރަން އަންގާނެއެވެ.

ޝަކުވާތައް ހިތުގައި ފުރި ބަންޑުންވީއިރުވެސް އޭނަ އެކަން ވަންހަނާކުރިއެވެ. ކަރުނަތައް ދިރުވާލައިގެން ހިމޭނުން އޮތްއިރު ހިތުގެ އުދާސްތައް އޭނަ ފޮރުވިއެވެ.

ޖެހިގެން އައި ދުވަހު ސާރާ ޑިއުޓީއިން ގެއަށް އައިއިރު މަންމައާއި ބައްޕައާއި ވާހަކަދައްކަން ބޭރުގައި ނުދަންނަ ފިރިހެނަކު އިނެވެ. އެމީހާގެ ނަމަކަށް ކިޔަނީ އިބްރާހިމްބެއެވެ. އެމީހާގެ ދެލޮލުގައި މަކަރުވެރިގޮތެއް ހުރިކަން ސާރާއަށް ފާހަގަކުރެވުނެވެ. އޭނަ ސުދާ ކައިރިން އެމީހާގެ ވާހަކަ އެހުމުން ބުނީ މަންމަމެންގެ ދުރުތާ ތިމާގެ މީހެއްކަމަށެވެ. އޭނަ ވަރަށް ކުރީއްސުރެން މާލޭ މީހަކާއި އިނދެގެން އުޅޭކަމަށާއި ދިވެހިބޭހަށް ވަރަށް މޮޅު މީހެއްކަމަށް ސުދާ ބުނެލިއެވެ. ބައްޕަގެ އުނަގަނޑުގައި ރިއްސާތީ މަސާޖްކޮށްލަދޭން އަންނަނީކަމަށާއި އެއީ ވަރަށް ރަގަޅުމީހެއްކަމަށް ސުދާ ބުނުމުން ސާރާ އެކަން ގަބޫލުކުރިއެވެ. އެގޮތަށް ގެއަށް އަންނަ ބީރައްޓެހިންނަށް ޝައްކުގެ ނަޒަރުން ބަލަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެމީހާ ސާރާއަށް ބަލައިލީވެސް ބިރުގަންނަފަދަ ގޮތަކަށެވެ. ބައެއްފަހަރު އެއީ އެއްވެސް މާނައެއްނެތް ބެލުމަކަށްވެދާނެއެވެ.

ކާއިއާވެސް އަނެއްކާ ސާރާއާއި އެކުވެރިވެ އައްމާރުއާއި ދެމީހުންގެ ކައިވެނި އަވަސްކުރަން ބާރުއަޅަން ފެށިއެވެ. ކުރިންވެސް ނިންމި ތާރީޚަށް ކައިވެނި ނިންމަން އެދުނެވެ. ކާއިއާ ވައިބަރ ގްރޫޕެއް އުފައްދައިގެން ތިންމީހުން ލައްވާ ވާހަކަދައްކުވަން ފެށިއެވެ. ސާރާ ރުޅިއަންނަނީ އެގްރޫޕްގައިވެސް އޭނައަށް އައްމާރުގެ މައްޗަށް އެއްވެސް ހައްގެއް ނެތުމުންނެވެ. ކާއިއާ ތުއިވެލާފައި އައްމާރުދެކެ ލޯބިވާކަމަށް ބުނެ ދައްކާ ވާހަކަތައް ފެނިފައި ސާރާއަށް ނުބައިގޮތެއްވެއެވެ. އައްމާރު ކާއިއާއަށް ޖަވާބުދިނުމުން ހިތަށް ތޫނުތަދުތަކެއްވެއެވެ. ޒަހަރުތިއްކަކަށްފަހު ތިއްކެއް ބޮއިބޮއި ފުރާނަ ހުސްވާންދެން އޭނަ ކެތްކޮށްގެން ހުންނަންވީ ހެއްޔެވެ؟ ލަސްލަހުން އޭނަ މަރުވެގެންދާހެން ހީވެއެވެ.

އައްމާރުއާއި ސާރާގެ ކައިވެނި ކުރެވުނުކަމަށް ކާއިއާ ހީކުރި ދުވަހު މައްސަލަ ގޯސްވިއެވެ. ކާއިއާ ހީކުރިފަދައިން އޭނައަށް އެކަން ހަޖަމެއްނުކުރެވުނެވެ. ކެތްތެރިކަން ކޮޅުންލައިގެންގޮސް ރުއިން ނޫންކަމެއް ނުކުރެވުނެވެ. އައްމާރުއަކީ އެކަނި އޭނަގެ ހައްގެއްކަމަށް ކަނޑައަޅާ ނިންމާފައިވަނިކޮށް އެހެން އަންހެންކުއްޖަކު އައްމާރުގެ ހަޔާތަށް އަންނަން ޖެހޭނެކަމަކަށް ކާއިއާ ގަބޫލެއްނުކުރެއެވެ. ބޭސްތަކެއްކައިގެން ހާލު ދެރަވެ އެޑްމިޓްކުރުމަށްފަހުވެސް ކާއިއާ އަދިވެސް ބޭނުންވަނީ މަރުވާށެވެ. އައްމާރުގެ ލޯބި ނުލިބޭ ދުނިޔެއެއްގައި އުޅުމަށްވުރެ މަރުވުންވެސް ހިތަށް ފަސޭހައެވެ.

ކާއިއާ ކޮޓަރީގައި އޮތްއިރު ފްރެންޗް ދޮރުފަތްތަކުން ބޭރުގެ މަންޒަރުތައް ފެންނާން ހުއްޓެވެ. ގަނޑުފެންތައް ވިރުމަށްފަހު ދުނިޔެ ފެންނަނީ އެކަނިވެރިކަމާއި ވީރާނާވެފައިވާ ކަހަލަގޮތަކަށެވެ. ގަނޑުފެން ވެހިފައި އޮންނައިރު ބަލާލަން ރީތިކަމުގައި ވިޔަސް އެފިނިކަންދެކެ ކާއިއާވަނީ އަމަށަކު ފޫއްސެއްނޫނެވެ.

"ދިސް ބްލީކް ވިންޓަރ، އެންޑް .......އިންގްލެންޑް....." ކާއިއާ ދަތްތައް ކާރުވައިގެންފާ ފައިން ފާރުގައި ޖެހިއެވެ. މޭޒުމަތީގައި އޮތް ފިޔޮއްސަކުން އަތުގައި ކާއްތަންފެށިއެވެ. އެގޮތަށް ކަނޑަމުންގޮސް އޭނަގެ ދޮންއަތް ވަނީ ލަކުނުތަކުން ފުރިފައެވެ.

"ސާރާދެކެ އަހަރެން ލޯބިވޭ، އެއީ އިމީދެކެ އެހާ ބޮޑަށްލޯބިވާތީ، ފަހަރެއްގައި އަހަންނާއި އިމީ މެރީކުރުމަށްފަހު ތިންމީހުންނަށް އެއްގެއެއްގައި އުޅެވިދާނެ، ބަޓް ހުރިހާ ރޭތަކެއް އިމީ ހޭދަކުރާނީ އަހަރެންގެ ރޫމްގައި، އަހަރެންގެ އެނދުގައި، ފަހަރެއްގައި ދުވާލު ސާރާއާއި އަނގައިން ބުނެލަން ވަގުތުތަކެއް ދެވިދާނެ، ސާރާއަށް އެނގެންވާނެ އިމީއަކީ އަހަރެންގެ ޚާއްސަ މީހެއްކަމާއި އެއްވެސް މީހަކާއި އަހަންނަށް އިމީ ޝެއަރ ނުކުރެވޭނެކަން. ގެއާއި އެހެން ހުރިހާ އެއްޗެއް ހިއްސާ ކުރިޔަސް އަހަރެން ނުރުހެން ސާރާ އިމީއާއި ދިމާލަށް ބަލާލަންވެސް. ހީޒް އޮންލީ މައިން....." ކާއިއާ އެކިގޮތްގޮތަށް ސެލްފީ ނަގާފައި އައްމާރުއަށް ޕޯސްޓްކުރިއެވެ. އެފްބީގައި ލޯބި އިޢުލާންކުރިއެވެ. އައްމާރުއާއި އެންގޭޖްކޮށްފި ކަމަށް ލިޔުނެވެ. ހުރިހާ ސޯޝަލް މީޑިއާއެއްގެ ޕްރޮފައިލަށް" އައިލަވް އައްމާރު" ޖަހާފައިވާ އިމޭޖްތައް ލިއެވެ. އޭރު ކާއިއާގެ ގިނައީ އިނގިރޭސި އެކުވެރިންނެވެ. ކާއިއާގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވަނީ އިނގިރޭސިވިލާތުގައި ކަމުން އޭނައަށް އަމިއްލަ ފަސްގަނޑުން މާގިނަ އެކުވެރިންތައް ޚިޔާރުކުރާނެ ފުރުސަތެއް ނުލިބުނެވެ. ޚާއްސަކޮށް އޭނަގެ މަންމައަށް އައްމާރުއާއި ރައްޓެހިވެގެން އުޅޭކަން އެނގުމަށްފަހު މިއީ އޭނަގެ ޖައު ކަމުގައި ވެގެން ހިނގައްޖެއެވެ.

އައްމާރުއަށް ގުޅައިގެން ދެތިންގަޑިއިރުވީފަހުން އައްމާރު ދެއްކިވާހަކަތަކުން ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. އައްމާރު ވަޢުދުވީ ސާރާގެ ގައިގާ އަތްނުލާނެކަމަށެވެ. އޭނަ ނިދަން އޮތީވެސް ބިންމަތީގައެވެ. ސާރާ އެނދުގައި ނިދާފައި އޮތްތަން ކެމެރާއިން ދެއްކުމުން ކާއިއާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ޝުވޭކާރުއާއި ކުޑަ ކުޑަ ޢާއިލާ މެންދުރު ކެއުމުގައި އުޅުނުއިރު ކާއިއާ ކޮޓަރިއަކުން ނުނިކުމެއެވެ. ޝުވޭކާރު ހުންނަނީ ކާއިއާ އުޅޭގޮތަކުން ފޫހިވެ އެކުއްޖާއާއިމެދު ކަންތައްކުރަންވީ ގޮތް ނޭގި ބޯ ހަލާކުވާވަރުވެފައެވެ. ތިމާގެ ފެންވަރުގެ މީހަކު ހޯދިނަމަ އެމީހުންނަށް މިހުރިހާ މުސީބާތެއް ނުޖެހޭނެއެވެ. ކިތަންމެ ލޯބިން އުޅުނަސް ކާއިއާގެ އެހެރަ މައްސަލަތަކެއްގެ ސަބަބުން އޭނަ ކޮށްފާނެކަމަކާއިމެދު ބިރުހީވިއެވެ. ކިޔެވުމަށް މޮޅުވެފައި ހުރިހާ ރޮގަކުން ކުރީގައިއުޅޭ ކުއްޖަކަށްވިޔަސް އައްމާރުއާއި ޖެހޭއިރަށް އެކުއްޖާއަށް ވާގޮތް ދެނެ ވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

ޝުވޭކާރަކީ މޮޅު އޮޕަރޭޝަން ޑޮކްޓަރެކެވެ. އިގިރޭސިވިލާތުން ތައުލީމު ހާސިލުކުރުމަށްފަހު އެތަނުން ވަޒީފާ ލިބި ތަނަވަސް ދިރިއުޅުމެއްފެށިއިރު އޭނަވަނީ ދުވަހަކު ދިވެހިރާއްޖޭގެ ފަސްގަނޑުގައި ފައި ބީއްސާނުލަން ހުވާކޮށްފައެވެ. އޭގެ ސަބަބުން އޭނަވަނީ އެންމެ ގާތް އެކުވެރިންނާއި ފިރިމީހާއަށްވެސް ސިއްރުކޮށްފައެވެ. އެކަން ދެނެހުރީ އެންމެ އަންހެނެކެވެ. އެމީހާއާއި ޝުވޭކާރުގެ ގުޅުމެއް އަނެއްހެނެއް ނޯވެއެވެ. އެމީހާއަށް މަހުން މަހަށް ފައިސާ ލިބޭނެގޮތް ހަމަޖައްސާފައި އޮތުމުން މިވީ އަހަރުތަކުގެ ތެރޭގައި އެމީހާގެ ފަރާތުން އެއްވެސް ޝަކުވާއެއް އަޑުއިވިފައެއްނެތެވެ.

ކާއިއާގެ ޚަބަރެއްނުވެ ލަސްވާންފެށުމުން ޝުވޭކާރު ދޮރު ހުޅުވާލިއިރު ކާއިއާ ހުރީ ހުރިހާ ކުޑަދޮރުތަކެއް ހުޅުވާލައިގެންނެވެ. ފިނިކަމުން ކަށިތައް ތޮރުފާލާފަދަ ފިނިރޯޅިއެއް ޝުވޭކާރުގެ ހަމުގައި ބީހިލިއެވެ.

"ކާއި، މާ ފިނިވާން ހަދައިގެން ފްލޫ ޖެހިއްޖެއްޔާ ވާނީ ކިހިނެއްތަ؟ ދޮރުތައް ލައްޕާލާފައި ކާން އާދޭ......" ޝުވޭކާރު އަމުރުވެރި ރާގަކަށް ބުނެލިއެވެ. އަބަދުވެސް އެންމެނަށް ފެންނަނީ ޝުވޭކާރުގެ ހަރުކަށި ސިފައެވެ. ގަދަބުމައިގެ ސަބަބުން ހައްތަހާބޮޑަށް އެސިފަ އިތުރުވާހެން ހީވެއެވެ. އޭރު އެނދުމަތީގައި ވިހުރުވި ވިހުރުވި ހުރީ އައްމާރުގެ އެކި ސައިޒުގެ ކުރެހުންތަކެވެ. ކާއިއާގެ އެންމެ މޮޅު ހުނަރަކީ ކުރެހުންތެރިއަކަށްވިކަމެވެ. ކުޑައިރުއްސުރެ ޕެއިންޓްކުރުމާއި ކުރެހުމަށް އެކުއްޖާ ލޯބިކުރެއެވެ. އެއީ ކާކުގެ ފަރާތުން ވާރުތަވީ ސިފައެއްކަމެއްވެސް ނޭގެއެވެ. ޝުވޭކާރު އެކުރެހުންތަކަށް ބަލަން އުޅެފައިވެސް ޚިޔާލުބަދަލުކުރިއެވެ. ކާއިއާ މޮޔަވެގެން އުޅޭ ފިރިހެންކުއްޖާގެ ސޫރަ ދެކޭކަށްވެސް އޭނަ ނެތެވެ.

"ވެލް ހީ ގޮޓް މެރީޑް......." ކުއްލިއަކަށް ކާއިއާ އަނގަޔަށް ގޮތެއް ހަދާލައިގެންހުރެ އޭނަގެ މަންމައަށް އެ ޚަބަރު އެންގިއެވެ.

"ބޭޑް ނިއުސް......" ޝުވޭކާރުގެ ސިކުނޑިން އެތައް ޓަނެއްގެ ބުރަދަން ލުއިވެގެން ދިޔަފަދަ އިހުސާސްތަކެއް ކުރެވުނެވެ. ނަމަވެސް އޭނަގެ ދުލުން އެކަން ފާޅުކުރާކަށްނެތެވެ. ކާއިއާގެ ނަފްސާނީ މައްސަލަތަކުގެ ހައްލަކީ ހަރުކަށިވުމެއްނޫނެވެ. އޭނަ ރަގަޅުވާނީ އޯގާތެރިވެވިގެންނެވެ.

"މިހާރު އަޅުގަނޑު މާލެ ދިޔަސް އޯކޭތަ؟ ސަމަރ ހޮލިޑޭގައި ޖެންމެންގެ ފެމިލީވެސް މާލެ ދާކަމަށް ބުނި.........." ކާއިއާ ތަންކޮޅެއް ރީތިކޮށް ވާހަކަދެއްކިއެވެ.

"ތިކަމާއި ވިސްނާނަން، ކާއި ޕްރޫވްކޮށްދޭން ޖެހޭނެ ބަސްގަބޫލުކުރާ ކުއްޖެއްކަން، އޯކޭ؟ "ޝުވޭކާރު ދެވަނަފަހަރަށްވެސް ހަދާންކޮށްލަދިނީ ދޮރުތައް ލެއްޕުމަށެވެ.

ކާއިއާ ހިތާހިތުން ތަފާތު ރޭވުންތައް ރާވަމުން ދިޔައިރު ތަގުދީރުގައި ވާންހުރިކަމެއް އެއްގޮތަކަށްވެސް ރޭކާނުލައެވެ. އިންސާނުން ކިތަންމެ މޮޅަށް ތަދުބީރުކުރިޔަސް ބައެއްފަހަރު އެމީހުންގެ ނަސީބުގައި ނެތްކަމެއް ވުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ނަމަވެސް މަސައްކަތްކުރުމަކީ އިންސާނުންނަށް އޮތްކަމެކެވެ. ކާއިއާވެސް ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައީ އޭނަގެ ލޯބި ހާސިލުކުރުމަށެވެ. ލޯތްބަކީ ކޯންޗެއްކަން އެނގުނީއްސުރެން އެހިތުގައި އައްމާރު ނޫންމީހަކު ނެތެވެ. އެޒުވާނާއަށްޓަކާ އޭނަގެ ހިތްވަނީ ހިބަކޮށްދީފައެވެ.

އައްމާރު ނަބީލާގެ ކައިރީގައި ދެތިންކޮތަޅު ބެހެއްޓިއެވެ. މުސާރަ ލިބުމުން ހަދިޔާ ގެނައުމުން ނަބީލާ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނެވެ. ޖިދާންދެކެ އެހާ ލޯބިވާއިރުވެސް ޖިދާންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ލޯތްބެއް ލިބެނީއެއްނޫނެވެ. އައްމާރުއާއި ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައްކުރެވުނުއިރުވެސް އެކުއްޖާ ހާދަ ރަގަޅެވެ. އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެކެވެ. ނަބީލާގެ ހިތަށް ކޮންމެވެސް ކަހަލަ އަސަރުތަކެއްކުރިއެވެ.

"ކޮބާ ސާރާ؟ " ނަބީލާ އަހާލިއެވެ.

"ސާރާ ބިޒީކަމުން ނާދެވުނީ، ކޮބާ މާމަ ހާލު ކިހިނެއްތަ؟ " އައްމާރު ދޮރުން ބޯ ދިއްކޮށްލިއިރު މާމަ އޮތީ އެނދުގައި އެކަނިމާއެކަނިއެވެ. އޮރެންޖް ބޮއްކެއް ދިއްލާފައި ހުރުމުން މާމަ އުޅެނީ ބިރުން އެކަނި ނޯވެވިގެންނެވެ. ނަބީލާ ބުނީ ކުރީ ދުވަހެއްގައި ކައްސާލައިގެން ވެއްޓި ފަޔަށް ތަދުވެގެން ނުހިނގެނީކަމުގައެވެ. އައްމާރު މާމަގެ އަތުގައި ހިފާލުމުން މާމަ އުފާވިކަން އެނގުނެވެ. ހެމުން ރޮއިވެސް ހެދިއެވެ. އޭނައަށް ކާ އެތިކޮޅެއް ނުދޭކަމަށާއި އެކަނި ބާއްވާފައި ބިރުގަންނަވާކަމުގައި ބުނެ ޝަކުވާކުރަންފެށިއެވެ. އޭނަ އެންމެ ލޯބިވާ ދަރިއަކީ އައްމާރު ކަމަށާއި އޭނަ އެހެން ތަނަކަށް ގެންދިޔުމަށް އެދި އާދޭސްކުރިއެވެ. އައްމާރުގެ ލޯ ތެމުނެވެ.

"އިންސާނުންގެ ހިތްތައް މިހާ ގަދައީ ކީއްވެ؟ މަންމަ އެހާ ރަހުމް ކުޑައީ ކީއްވެ؟ އަމިއްލަ މައިމީހާއާއި ދޭތެރޭގައި މިހެން ކަންތައްކުރަން ހެޔޮނުވާނެ، ނިކަމެތިކަމާއި ބަލިކަށިކަމުގެ އަސީރަކަށްވެފައިވާ ހިނދު އެހެން މީހުންގެ އޯގާތެރިކަން ކިހާ ބޭނުންވާނެ، ސާރާ ކައިރީގައި ބުނަންވީ އެގޭގައި މާމަ ބާއްވަދޭށޭ، އެއާއިލާއިން އެއްބަސްވާނެ ގޮތެއްވެސް ނޯންނާނެ، މީހަކަށް މުސާރަ ދީފައި މާމަ ބަލަހައްޓާދޭން ބުނަންވީ........" އައްމާރު ހިތާހިތުން ވާހަކަދެއްކިއެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންއިރު ލޮލުގެ ކުރިމަތީގައި އެހެން މަންޒަރެއްވެސް ފެނިލިއެވެ. ފެންކަޅިވިއެވެ. ނިކަމެތި މުސްކުޅިންނާއި ކުޑަކުދިންނަށްޓަކާ އޭނަގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

ނަބީލާ ބޭރުގައި އެއަޑުއަހަން ހުރެފައި ކުއްލިއަކަށް ރުޅިގަދަވެފައި ވަދެ އެތިވަރު ގޮވައިގަތުމުން މާމަ ބިރުން ހިމޭންވިއެވެ. ކުޑަކުޑަ ދެލޮލުން ފެނުނީ ބިރުވެރިކަމެވެ. އައްމާރުގެ އަތަށް ބާރުކޮށްލެވުނީ އެހީއަށް އެދިއެވެ.

"މަންމަ މަތިމައްޗަށް ދޮގުހަދަމުން އުޅުނަސް ހޭޖެހޭ މީހެއް ތިވާހަކަ ގަބޫލެއްނުކުރާނެ، ބަނޑުފުރެންދެން އަޅައިގެން އޮތަސް ކެވޭކަމަކަށް ނުވާނެ، ކުޅި އެއްޗެހި ނުކެވޭ، ރޮށި ނޫނީ ބަނަހެއް ނޫނީ ކެވެނީއެއްނޫން، ވާވަރަށް އެއެއްޗެހި ކައިގެން އޮވެވެސް ތިކިޔަނީ ކާން ނުދެއޭ، ބިރުގަންނަވަނީއޭ. ހޫމް ނިދާ ގަޑި މިއީ، އައްމާރުވެސް ދޭ......" ނަބީލާ އައްމާރު ނުކުންނަން އަތުން އިޝާރާތްކުރިއިރު މޫނު ހީވީ ކަޅުފޮއި ރޭގަނޑެއްހެންނެވެ. އައްމާރުގެ މޫނުގެ ކުލަވެސް ބަދަލުވިއެވެ. ބާރުބާރަށް ހިނގާލާފައި ނުކުމެގެން ދިޔައިރު އީމާ އާއި ޒަކާ ކޮންމެވެސް ކަމަކާއި އަރައިރުންވާން ތިބެފައި އައްމާރު އަށް ގޮވިއެވެ. އޭނަ އިވުނުކަމަށް ހަދާނުލާ ދޮރު ހުޅުވާލާފައި ނުކުތީ ހާމަ ވައިކޮޅަކަށް އެވަގުތު ބޭނުންވެގެންނެވެ.

ރައިޝާ ސާރާއަށް ގުޅާފައި ދިން ޚަބަރަކުން ސާރާގެ ފައިދަށުން ބިންގަޑު ދެމިގަތްހެން ހީވިއެވެ.

ކޮމެންޓް 0