ޝުވޭކާރު ކާއިއާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ބަލައިލިއެވެ. ކާއިއާ އޮތީ އަތް ކެނޑި ޓޮޕްކޮޅަކާއި ފަށުވި ސޯޓެއްލައިގެންނެވެ. އުފާވެރި ރާގެއް އަޅުވާލާފައި މިއުޒިކާއި އެއްވަރަށް ދެފައި ހަލުވަހަލުވާ އޮތްއިރު އެކުއްޖާގެ އުފާވެރިކަން މޫނުމަތިން ފާޅުވެއެވެ.

"މޭ އައި ކަމް އިން...." ޝުވޭކާރު ހިނިތުންވެލިއެވެ.

"އޮފްކޯސް މަމް. އެހެން ދުވަހުވެސް މަންމަ ތިގޮތަށް އަހާފައެއް ނޫނެއްނު ވަންނަނީކީ...." ކާއިއާ ހެޑްސެޓް ނައްޓާލާފައި އެނދުގައި އިށީދެލިއެވެ. އެދެލޮލުގެ އުޖާލާކަން ކުރިއަށް ވުރެ ބޮޑެވެ.

"މިހާރު ބައްޕަވެސް ކައި މީހަކާއި އިންނަން ހުއްދަ އެދިނީ، މަންމައަށް އަދި ކައި ބޮޑުވީއެއްނޫން، ހެދުން އެޅުމާއި އުޅުން ހުންނަގޮތުންވެސް ކުޑަކުއްޖެކޭ ތަފާތެއްނެތް، އެކަމަކު އެހާ ކުރަން އުޅޭކަމެއް މަންމައަކަށްވެސް ހުއްޓުވޭނެހެން ހިޔެއްނުވޭ، ސޯ މަންމައަށް އެކުއްޖާގެ ފޮޓޯއެއް ހިސާބުވެސް ފެނިނުލާ، ކޮބާ މަންމައަށް ދައްކަން އުޅުނު ފޮޓޯ؟ "ޝުވޭކާރު ކާއިއާގެ ކައިރީގައި އިށީދެލާފައި ފޯނަށް ބަލައިލީ ޝައުގުވެރި ނަޒަރަކުންނެވެ. ދަނބި ދަރިފުޅު ދެކެލާހިތުން ހިތް އަވަސްވެ އަތްފައި ވެސް ފިނިވެލިއެވެ.

"ނޫން، މަންމާ، ދެން ޑިނަރ އަށް ގެނެސްފައި ދައްކާނީ...." ކާއިއާ ހިނިގަނޑެއް ޖަހައިލިއެވެ.

"އެއީ ކީއްވެތަ؟ "ޝުވޭކާރު ހިތް ހަމައެއް ނުޖެހުނެވެ. މިހާރުން މިހާރަށް އެއީ ކާކުކަން ދެނެގަންނާން އޭނަ ބޭނުންވަނީއެވެ. އެކްސިޑެންޓްވި އެ ޒުވާނާއަކީ އެ "އިމީ"އަށް ވާނެނަމައެވެ. ޝުވޭކާރުގެ ހިތުގެ ކަނަކުން މަޑުމަޑުން ބުނެލިއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އެ ޒުވާނާ ޚާއްސަވެއްޖެއެވެ. ދަރި ކުލުނު ހިތުގައި ޖެހޭގޮތްވިއެވެ. އެންމެ ނަޒަރަކުންވެސް މީހުންގެ ހިތްތައް އަތުލާފަދަ ގޮތެއްހުރި މަޑުމައިތިރި ޒުވާނަކަށްވީމަ ކަމަށްވެދާނެއެވެ.

"ޖަސްޓް....." ކާއިއާ އެނދުމައްޗަށް ފައި އަރުވާފައި ވައިލެޓްކުލައިން ޕެއިންޓްކުރަންފެށިއެވެ. އައްމާރުއަށް ސަޕްރައިޒެއް ދޭނެ ގޮތަކާއިމެދު ވިސްނާއިރު ދުވަހަކު ކޮޅުން ޒީނަތްތެރިނުވާ ވަރަށް ޒީނަތްތެރިވާންވެސް އޭނަ ބޭނުމެވެ. އަގު ބޮޑު ސެންޓްފުޅިއެއް އޭނަ ޑޭޓަށް ޚާއްސަކޮށް ގެނައެވެ. ލާންވީ ހެދުމެއް އަދި ވަނީ ނުހޮވިފައެވެ.

"އޯކޭ، އިމީ ގެންނައިރު އޭނަގެ ފެމިލީއަށްވެސް އިންވައިޓް ކުރަންވާނެ އިނގޭ. ފުރަތަމަ އެންގޭޖްމެންޓްވެސް ކުލަގަދަކޮށް ބާއްވަން މަންމަމެން ބޭނުން..." ޝުވޭކާރުގެ ވާހަކައިން ކާއިއާ ކުޑަކޮށް ސިހޭގޮތްވިއެވެ. އޭނައަށް އެނގިފައިވާގޮތުން އައްމާރުއާއި އާއިލާއަކާއި އެހާ ނުގުޅެއެވެ. ބައްޕައަކީ މަޝްހޫރު ސިހުރުވެރިއެކެވެ. މަންމައަކީ ކާއިއާ ސިފަކުރާގޮތުން ޑައިނެކެވެ. އައްމާރުގެ އަންބެއް ހުންނަކަން މަންމަމެންނަށް އެންގުމަކީވެސް ކުރެވޭނެކަމެއް ނޫނެވެ. އޭރުން އޭނަގެ އަގުވެސް ވެއްޓިދާނެއެވެ. އައްމާރު އޭނައަށްޓަކާ ހަތްއަހަރުގެ ދިގު އިންތިޒާރެއްކުރިޔޭ ބުންޏަސް ގަބޫލުކުރާނީ ކާކުހެއްޔެވެ؟

ކާއިއާ އެކަމާއި ބެހޭގޮތުން ވާހަކަދައްކާކަށް ނޫޅުނެވެ. އޭނަ ޚިޔާލު ހޯދާނީ އައްމާރު ކައިރިންނެވެ. އެންގޭޖްމެންޓާއި ކައިވެނީގެ ހުރިހާ ކަމެއް ދާނީ އައްމާރު ބޭނުންވާގޮތަށެވެ. ހަޔާތުގެ ކޮންމެ މުހިއްމު ކަމެއް ނިންމާނީ އޭނަގެ ލޯބިވެރިޔާއެވެ.

ޝުވޭކާރު ކޮޓަރިން ނުކުތުމުން ކާއިއާ ދޫލަމަތީގައި ހުރި ދަބަސްތައް ހުޅުވައިގެން ހެދުންތައް ނަގަންފެށިއެވެ. ކުލަކުލައިގެ ހަވީރީ ހެދުންތަކުން އެނދުމަތި ފުރައިލިއެވެ. އެކި ހެދުން ގައިގާ ޖައްސާފައި ލޯގަނޑު ކުރިމަތީގައި ހުރެ ގޮތްގޮތަށް އަރިވެފައި ބަލަނިކޮށް ކިޔަން ކަރުކެހިލިއެވެ.

"ތިގޮތަށް ސްނީކް ކުރުމަކީ ވަރަށް ބޭޑް ހެބިޓެކޭ ކައި ނުބުނަންތަ؟ " ކާއިއާ ލޯބިން ލޯ އަޅައިލިއެވެ. ކިޔަން ހިނިގަނޑެއް ޖަހައލިއެވެ.

"ސަތޭކައެއް ހާ ހެދުން ޓެސްޓްކޮށްގެން ނޫނީ މިކުދިންނަށް ޑޭޓަކަށްދާނެ ހެދުމެއްވެސް ޗޫޒް ނުކުރެވޭތީ ހަމަ ހައިރާންވެފައި މިހިރީ......" ކިޔަން ބޯ ހޫރާލިއެވެ. އެތައް ދުވަހެއްގެ ފަހުން ކޮއްކޮގެ މޫނުމަތިން އުފާވެރިކަން ފެންނާތީ ކިޔަންވެސް ހިތްހަމަޖެހެއެވެ. މަންމަގެ ހަރުކަށިކަން ފިލާ ނިތްކުރީގައި ހުންނަ ރޫތައްވެސް ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. ބައެއްފަހަރު މަންމަ ކައިރީގައި އައްމާރުގެ އެހެން އަންބެއް ހުންނަ ވާހަކަ ބުނަން ހިތަށް އަރާމެއެވެ. ނަމަވެސް އެފަދަ ޚަބަރެއް ދީފިއްޔާ މަންމަ ކާއިއާއަށް މަޖުބޫރުކޮށްގެން އެކައިވެނި ހުއްޓުވާފާނެތީ އޭނަ ބިރުގަނެއެވެ.

"ދޮންބެއަށް އެންމެ ރީތި ހެދުމެއް ދައްކަފާނަންތަ؟ " ކާއިއާ އަހާލިއެވެ.

އައްމާރު ދައްކައިލީ އަތްދިގުކޮށް އޮތް ބޯ ނައިޓީއެކެވެ. ފިނި މޫސުމްގައި ލާކަހަލަ ހެދުމެކެވެ. ކާއިއާ ހަޅޭއްލަވައިގަތެވެ.

"އައި ހޭޓް ޔޫ........."ކާއިއާ ކިޔަންއަށް ލޯ އަޅާލުމުން ކިޔަން ހޭންފެށިއެވެ.

ކިޔަންއާއި ކާއިއާ ކިތަންމެ ވަރަށް އަރައިރުންވެ ތޮޅުނަސް ދެބެންގެ ދެމެދުގައި ގާތްގުޅުމެއް އޮވެއެވެ. އެކަކު އަނެކަކަށްޓަކާ ފުރާނަ ދުއްވާލަންވެސް ފަހެއް ނުޖެހޭނެއެވެ.

ކިޔަން ދިޔުމުން ހެދުންތައް ހުރިގޮތަށް ބަހައްޓާފައި އޭނަ ޖިންސެއްލައިގެން ޓޮޕްގެ މަތިން ގަމީހެއް ލައިގެން ކޮޓަރިން ނުކުތީ މަންމަ ކައިރިން އެއްޗެއް އޮޅުން ފިލުވާށެވެ. ހެދުންތައް ދަބަހުގައި ހުރިގޮތަށް ބަހައްޓަން މަންމަވަނީ ބުނެފައެވެ. ބައްޕަ ވިލިމާލެއިން ގަނެފައިވާ ގެއަށް ބަދަލުވާން އުޅޭތީ ކަމުގައި މަންމަވަނީ ބުނެފައެވެ. ހަލަބޮލި މާލެއާއި ވަކިން ތަންކޮޅެއް ހިތްފަސޭހަ ތަނެއްގައި އުޅެން ބައްޕަ ބޭނުންވެލައްވާކަން ކާއިއާ ދަނެއެވެ. އައްމާރުއާއިއެކު ވިއްޔާ ވިލެޖެއްގައި އުޅޭކަށްވެސް އޭނަގެ މައްސަލައެއްނެތެވެ.

ކާކޮޓަރިއާއި އަރާ ހަމަވީއިރު އޭނަގެ ބައްޕަ ބުނި ޖުމްލައެއް އަޑުއަހާފައި ކާއިއާ އަވަހަށް ފާރާއި ނިވާވެލިއެވެ.

"ޝުވޭ، ތަކުރާރުކޮށް މާފަށް އެދެނީ ކޮންކަމަކާ؟ ތެދަށް ބުނަންޏާ މިހާރު ޝުވޭ ފެނުނަސް ފޫހިވޭ، ވާހަކަދައްކާހިތެއްވެސް ނުވޭ. ޝުވޭ އެއްލާލި އަހަރެމެންގެ ދަރިފުޅު ނުފެންނަނީސް އަހަރެންގެ މި މޫނަކުން ކުރީގެ ހިނިތުންވުމެއް ނުފެންނާނެ، އޯކޭތަ؟ " ފައިސަލް ރުންކުރުވެލާފައިވާ ގޮތަކަށް ބުނެލިއެވެ.

ކާއިއ ނިކަން ސިއްރުން އިނގިލިތަކުގެ ކުރި ޖައްސަމުން ހިނގަމުންގޮސް ސިޑިއާއި އަރާހަމަވިއެވެ. އޭރުވެސް އޭނަގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ކޮންފަދަ ބޮޑު ސިއްރެއްހެއްޔެވެ؟ ކަމެއް ފަޅާއަރަންވުމުން ލަހެއް ފަހެއްނުވާނެއެވެ. މަންމަ އެހާ ބޮޑު ސިއްރެއް މިހާ ދުވަސްވާންދެން ފޮރުވައިގެން އުޅުނު ގޮތެއްވެސް ނޭގުނެވެ. ބައްޕައަށް އެނގުނީ ކިހިނެއްހެއްޔެވެ؟ ލިބުނު ސިހުން ފޯރިއާއި ޖޯޝަށް ބަދަލުވެ އޭނަގެ ކެތްތެރިކަން ކޮޅުންލައިގެންދާންފެށިއެވެ. ސިކުނޑީގައި އެވަރުގެ ކަމެއް ރައްކާކޮށްގެނެއް ނުހުރެވޭނެއެވެ. ދުވެފައިގޮސް ކިޔަންގެ ކޮޓަރީގެ ދޮރުފަތުގައި ހިފާލިއެވެ. ޓަކިދޭންފެށިއެވެ.

"ކަމް އިން ލިލް ސިސް...." ޓަކިދިންގޮތުން ކިޔަން އެއީ ކާކުކަން ދެނެގަތެވެ.

އޭނަ އެތެރެއަށް ވަންއިރު ކިޔަން ހުރީ ލޯގަނޑު ދޮށުގައި ބޭރަށް ދާން ތައްޔާރުވާށެވެ. ބޮޑީސްޕްރޭއާއި ސެންޓްގެ ވަސް އެއްވެގެން ތަނުގައި ހިފާލާފައިވާ މީރުވަހުން ކާއިއާ އެތެރެއަށް ނޭވާ ދަމާލިއެވެ. މީރުވަހަށް އޭނަ އިންތިހާއަށް ލޯބިކުރެއެވެ. އެއައިގޮތަށް އައިސް ކިޔަންގެ ގައިގާ ބައްދާލުމުން ކިޔަން ވެގެން އުޅެނީ ކިހިނެއްހެއްޔޭ އަހާލިއެވެ. ކޮއްކޮ މި ހަތްއަހަރު ދުވަހުގެ ތެރޭގައިވެސް މިހާ އުފަލުން އުޅުނު ތަނެއް ފެނިފައެއްނުވެއެވެ. މިދުވަސްކޮޅު އަބަދުހެން ލަވައެއް ކިޔާލައެވެ. ނަށާލައެވެ. އަބަދު ހެވިފައެވެ. ބިންމަތީގައި ފައި ހަރުލާކަމެއްވެސް ނޭގެއެވެ. އެހާވަރަށް އަނގަ ތަޅާލައެވެ. އަމިއްލަ ހަޔާތުގައި އުނިވެފައިވާ ކަންތައް ހަނދާން ނައްތާލާފައި އޭނަވެސް ކޮއްކޮގެ އުފަލުގައި ބައިވެރިވިއެވެ. އަމިއްލަ ނާކާމިޔާބާއިމެދު ކުރަމުން އައި ހިތާމަތައްވެސް މިވަނީ ނިމުމަކަށް އައިސްފައެވެ.

"އިނާމެއް ލިބުނީމަ ނޫނީ މިހާ އުފާވެރި ޚަބަރެއް ނުދެވޭނެ..."ކާއިއާ އެންގިއެވެ.

ކިޔަން އައިފޯނެއް ގަނެދޭން ބުނުމުން ކާއިއާ ބުނެލި ޚަބަރަކުން ކިޔަން ހުއްޓުން އެރިއެވެ. ނުބައިގޮތެއްވެސް ވިއެވެ. މަންމަ ތުއްތު ދަރިއަކު އެއްލަލާފާނެކަމަށް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ކާއިއާ ހަދަހަދައިގެން އެހާ ބޮޑު ވާހަކައެއް ނުދައްކާނެއެވެ. އެއީ ދޮގުހަދާ އުޅޭ ކުއްޖެއްނޫނެވެ.

"މާލޭގައިތަ؟ އެކުއްޖާ ދޮންބެމެނަށްވުރެ ކުޑަތަ؟ ގާލްއެއްތަ؟ ނޫނީ ބޯއިއެއްތަ؟ " ކިޔަން އެއްފަހަރާ އެތައްސުވާލެއް ކުރިމަތިކުރިއެވެ.

"އެ ސެންޓެންސް އަޑު އިވުނުގޮތަށް ކިޔާދިނީމަވެސް ދޮންބެ ސުވާލުކުރަނީ ޑަމްބޯއެއްހެން، ހައު އައިމް ސަޕޯސްޑް ޓު ނޯ، ދޮންބެ މޮޅިއްޔާ ބައްޕައަށް ހެލްޕްވާންވީނު އެކުއްޖާ ހޯދަދޭން. ކުޑް ބީ މައި ޓްވިން، އޭރަށް މަޖާވާނެ، ދެކުދިން ލިބުނީމަ މަންމައަށް ނުލިބޭނެތީ އެއްލާލީކަމަށްވާނީ. މަމް ކުރާ ސްޓުޕިޑް ކަންތައް، ނޮޓް ސްޓުޕިޑް، ހަމަ އޯފުލް ކަމެއް އެކުރީ، ހައު ކުޑް ޝީ ޑޫ ދިސް.........."ކާއިއާގެ ޝުއޫރުތައް އެކިގޮތްގޮތަށް ފާޅުކުރަމުން ސޯފާއަށް ވެއްޓިގަތެވެ.

"ކައި، ބުނަންތަ؟ އިމީ ކައިރީ މިވާހަކަ ބުނެގެން ނުވާނެ......ނޫނީ އޯލްރެޑީ އަނގަ ގަދަކަމުން އޮބިނޯންނަ ކުއްޖެއްވީމަ ފެމިލީ ސިކްރެޓްތައްވެސް ކިޔައިދެންތަ؟ "ކުއްލިއަކަށް ކިޔަން ކަމެއް ހަނދާންވިއެވެ. އެއް ބުމަ އަރުވާލަމުން ބަލަން ހުރީ ވިސްނުންތެރި ނަޒަރަކުންނެވެ.

"ނުބުނަން، އެކަމަކު އެއްވެސް ކަމެއް ސިއްރެއްނުކުރަން، އައި ހޭވް ޓު ޓެލް ހިމް އެވްރީތިން..." ކާއިއާ ފޯނު ނެގިއެވެ.

"ކައިގެ ހުރިހާ ސިއްރެއް އޭޓު ޒެޑް ކިޔާދިނަސް ހެވޭ، އެކަމަކު މިއީ މަމްގެ ޑާކް ސިކްރެޓެއް، މަމްގެ އަގު ވެއްޓިދާނެ، މަމް ކުއްޖަކު އެއްލާލިއޭ ބުނީމަ އަހަރެމެންނަށް މާ ބޮޑުކަމަކަށް ނުވިޔަސް އެހެން މީހުންގެ ނަޒަރުގައި އެފަދަ ނުބައި އަންހެނަކު ނުވާނެ، އެހާ ރަހުމެއްނެތް މީހެއްގެ ގޮތުގައި ލޭބަލްވާނީ، މަމްއާއިމެދު އިމީ ދެކޭގޮތް ބަދަލުކުރާކަށް ނުވާނެ......." ކިޔަން ވިސްނާދިނެވެ.

"އެކަމަކު މި ފެމިލީގެ ހުރިހާކަމެއް އިނގޭނެ، އިމީއަށް އެނގޭ މަމްގެ ހަރުކަށިކަމާއި ސްޓަބްންކަން އަދިވެސް ފެމިލީ ސިކްރެޓްސް....." ކާއިއާ ތުންތަޅުވައިލިއެވެ.

"ތި އަނގަގަޑު ފަހާލަންވީ، އެނީވޭސް ހުރިހާ ސިއްރެއްކިޔާދިނަސް ހެވޭ، އަސްލު ނުބުނަން ޖެހޭ ވާހަކައަކާއި ދިމާމިވީ ކިރިޔާ. ދޮންބެމެންނަކަށް ނޭގޭ އަދި އެކުއްޖާ އެއްލައިލި ސަބަބެއް......" ކިޔަން ތުންފަތުގައި ދަތްއަޅައިލިއެވެ.

"މޭބީ މަންމަގެ އެހެން ލޯބިވެރިޔެއް ހުރީ، އަދި....." ކާއިއާ ފެށިއެވެ.

"ޝަޓަޕް...." އައްމާރު ކާއިއާގެ ނޭފަތުގައި މަޑުމަޑުން ހިފާލިއެވެ.

ދެކުދިންނަށް މައިންބަފައިންގެ ސިއްރު ފަޅާއެރިޔަސް އަދި އެކަން އެނގުނުކަމަކަށް ނަހަދާ ހިމޭނުން ތިބެން އެއްބަސްވިއެވެ. މަންމައާއި ބައްޕަ އެހާ ލޯބިން އުޅެފައި އެދޭތެރޭގައި މައްސަލަ ޖެހެންވީ ކީއްވެކަން އެނގުނީ ވެސް އަދި ކިރިޔާއެވެ. ކިޔަން ހީކުރީ ކާއިއާގެ މައްސަލައިގާ ޚިޔާލު ތަފާތުވުން އުޅޭތީ އެދެމަފިރިން ވާހަކަ ނުދައްކަނީކަމުގައެވެ. މިހާވަރުގެ ބޮޑު މައްސަލަގަނޑެއް އޮތްކަން އެނގުމުން އެއީ ވުން އެކަށީގެންވާކަމެއްކަމުގައި ގަބޫލުކުރިއެވެ.

ވިލިމާލޭގައި އިމާރާތްކުރި ގެއަށް ބަދަލުވުމުން ކިޔަންއާއި ކާއިއާވެސް ތިވީ ވަރަށް ހިތްހަމަޖެހިފައެވެ. އެގެއާއިޖެހިގެން ހުރި "ނަބީލާވިލާ" އަކީ އައްމާރުގެ ގެކަން ކާއިއާއަށް އެނގުނީ އެގެއަށް އައުމަށްފަހު މަންމަމެން ދެއްކި ވާހަކައަކުންނެވެ. މަންމަމެން ގަނެގެން މިއުޅެނީ އައްމާރުގެ ގެކަމަށް ހީކުރެވިފައެއްނުވެއެވެ. ވަގުތުން އޭނަ ދިޔައީ އެގެ ބަލައިލުމަށެވެ. ގެ ކުރިމަތީގައި އޮތީ ޖަންގައްޔެއްފަދަ ކުޑަ ތަންކޮޅެކެވެ. ގޭގެ ކޮޓަރިތައް ހުޅުވައިގެން އޭނަ ވަދެ ބެލިއެވެ. ހުރިހާ ތަނެއްވަނީ ސާފުކޮށް އޮފް އަރުވާފައެވެ. ސާރާގެ އާއިލާ މީހުން މިވަނީ މިގެއިން އައްމާރުމެން ގެ ނިޝާންތައް ފޮހެލާފައި ކަން ނޭގެއެވެ. އައްމާރު އުޅުނީ މަތީބައިގެ ކޮޓަރިއެއްގައިކަން އެނގޭތީ އެތަނަށްވެސް އޭނަ ޒިޔާރަތްކުރިއެވެ. އެތަނުންވެސް އައްމާރުގެ ނަން ޖެހި ގަނޑުކޮޅެއްހާ މިންވަރުވެސް ނުފެނުނެވެ. ކޮންމެގޮތެއް ވިޔަސް މިއީ އައްމާރު ކުޑައިރުގެ ހަނދާންތައް ގުޅިފައިވާތަން ކަމުން އޭނައާއި އައްމާރު ކައިވެނި ކުރި ދުވަހަކުން ދިރިއުޅޭނީ މިތަނުގައެވެ. މާބޮޑު ބަދަލުތަކެއް ނުގެނެސް ތާރީޚީކޮށް ގެ ބެހެއްޓިދާނެއެވެ.

ކާއިއާ ބެލްކަނީގައި ހުރެފައި އައްމާރުއަށް ގުޅިއެވެ. އޭރު އިރުއޮއްސި ރަތްވިލާތައް ލާންފެށިއެވެ.

"ހޭއި ބޭބީ، ކޮންތާކުތަ؟ " ކާއިއާ އަހައިލިއެވެ.

"މާލޭގައި، ކޮންތާކު ބޭބީ ތިއުޅެނީ؟ ހާދަވަރަކަށް ގުޅައިފީމޭ. ފޯނުވެސް ސްވިޗް އޮފްކޮށްލައިގެން......" އައްމާރު ބުނެލިއެވެ.

"އިމީގެ ފެމިލީ މީހުން ކޮބާތަ؟ " ކާއިއާ ހީހީފައި ސުވާލުކުރިއެވެ.

"އެބައުޅޭ. ވަރަށް މިސްވެޔޭ، ހަގްކޮށްލާހިތުން ހަމަ........" އައްމާރު އެހެން ބުނެލަމުން ވީޑިއޯ ކޯލް ކުރިއެވެ. ކާއިއާ ހީލާފައި ފޯނުގައި ތުންފަތްޖެއްސިއެވެ. އައްމާރުގެ ރީތި މޫނު ފެނުމުން ދުވަސް ފުރިހަމަވެގެން ދިޔަހެން ހީވިއެވެ. ދެން އައްމާރުއާއި ބައްދަލުވެ އޭނަގެ މީހަކަށްވާން މާ ގިނަ ދުވަހެއްނެތެވެ. ކުޑައިރުއްސުރެން ދެކުނުހާ ހުވަފެންތައް ފުރިހަމަވަނީއެވެ. ދުނިޔެއިން އޭނައަށް މަދުވާ އެއްޗެއް އައްމާރު ނޫނީ ނެތެވެ. އައްމާރު އައުމަށްފަހު ދިރިއުޅުން ފުރިހަމަވީއެވެ. ދަރިންނަށް ކިޔާނެ ނަމަށްދާންދެން އޭނައާއި އައްމާރުވަނީ ހަމަޖައްސާފައެވެ.

ކޮންމެވެސް މީހެއްގެ ހިލަންވެގެން ކާއިއާ ފަހަތަށް ބަލާލާފައި ހަޅޭއްލަވައިގަނެވެން އުޅުނެވެ.

ކޮމެންޓް 0