ކާއިއާ ރަންކުލައިގެ އޮފް އަރާ ސިޑި ހުރަސްކޮށް މައްޗަށް އަރައިގެން ދިޔައީ ވިދުވަރެއްހާ ހަލުވިކޮށެވެ. ދަމުން އަދި ޓޮޕްކޮޅުގެ މަތީގޮށްތައް ނައްޓާލައިފިއެވެ. އެތެރެއިން ލާފައި ހުރި ދެކުލައިގެ އެތިކޮޅުވެސް ހުރީ ހާމަޔަށެވެ. ކާއިއާ އައްމާރުގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަންއިރު އައްމާރު ފާޚާނާއިން ނުކުމެގެން އަންނަނީއެވެ. މިއަދު ހުރީ ތުނބުޅި ތުނިކޮށް ކޮށާލާފައެވެ. މޫނު ދޮވެލައިގެން އައުމުން ތާޒާކަމުން އަތް ހިންގާލާހިތްވިއެވެ.

"މޯނިން އިމީ......." ކާއިއާ ދޮރު ލައްޕައިލިއެވެ. އައްމާރުގެ ތޫނު ދެލޮލާއި ނަޒަރު އަމާޒުވުމުން ކާއިއާގެ ހިތަށް ޚަންޖަރެއް ޖަހައިލިފަދަ އިހުސާސްތަކެއް ކުރެވުނެވެ. އައްމާރުގެ އަތުގައި ވާ ޕްލާސްޓަރުގަނޑު އަދިވެސް ކަނޑާނުލައެވެ. ނިތްކުރިވެސް ހުރީ ބެންޑޭޖްކޮށްލާފައެވެ.

"ނޭގޭ، ތިރީބައިގެ އެއްވެސް ރޫމެއްގައި ފެނެއްނެތް. ހީވާގޮތުން މިތާ ފެން އެބަހުރި. ހޫނުވެގެން ފެންވަރާލަންކަމަށް މިއައީ؟ " ކާއިއާ އައްމާރުގެ އަތުން ތުވާލި ޖަހައިގަތްގޮތަށް ގޮސް ބާތުރޫމަށްވަދެ ދޮރުފަތް ލެއްޕުމެއްނެތި ހެދުން ގަޔާއި ވަކިކޮށްލިތަން ފެނުނެވެ. އައްމާރު ދޮރު ލައްޕާލަންވެގެން ދޮރުމައްޗަށް އެރުމުން ކާއިއާ ކައިރިއަށް ހުއްޓުނެވެ.

"މީގެ ހުކް ނައްޓަދީބަލަ ޕްލީޒް. އަތުގައި ރިއްސާވަރުން އަތް އެހިސާބަށް ފޯރުވޭވަރެއް ނުވޭ.........." ކާއިއާގެ ރީތި އިސްތަށިގަނޑު މައްޗަށް ނަގާފައި ވޫލްކޮޅުން އައްސާލަމުން އެދުނެވެ. އައްމާރު ކުޑަކޮށް ޖެހިލުންވެފައި ހުރެވެސް އެއްއަތުން އެ މަސައްކަތްކުރެވޭތޯ ބެލިއެވެ. އޭރު ސްޓީމްގެ ސަބަބުން ކާއިއާގެ ދޮން ހަށިގަނޑުގައި މުތީތައް ބަބުޅާތަން ފެނުނެވެ. އައްމާރު ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"އިމީ، ސިކްރެޓެއް ބުނަންތަ؟ މިކަން އިތުރު މީހަކަށް އެނގިގެން ނުވާނެ....." ކާއިއާ ކައިރިއަށް ޖެހިލާފައި ބުނި ވާހަކަތައް އައްމާރުއަށް އެވަގުތު ގަބޫލުކުރެވުނުގޮތެއް ވެސް ނޭގުނެވެ. ކާއިއާ ބުނިގޮތުން މިއީ ކިޔަންގެ ރޭވުމެކެވެ. އޭނައާއި އައްމާރު ވަކިކުރަންވެގެން ޑީއެންއޭ މެޗްވިކަމަށް ހަދާފައި އަންކަލްއާއި ދެމީހުންވެގެން ކުޅޭ ކުޅިގަނޑެކެވެ. އެކަން ޔަގީންކޮށްދޭން ފަހުން ފޯނުގައި ރިކޯޑްކުރެވިފައި ހުރި ކްލިޕްކޮޅު އިއްވާދޭނެކަމުގައި ކާއިއާ ބުނެލިއެވެ. އައްމާރު ހުރީ ޝައްކެއްގެ މަތީގައެވެ. މުއްސަދިންގެ ނުފޫޒު ހޮސްޕިޓަލްތަކަށްވެސް ފޯރުވުމަކީ ނުވާނެކަމެއް ނޫނެވެ. ވެދާނެއެވެ. އޭނައާއި ބެހޭގޮތުން އަޑެއް އިވިފައި އޮތީމަ ކިޔަން އެކަމުގެ ނާޖާއިޒު ފައިދާނެގީއެވެ. ކޮންމެގޮތެއްވިޔަސް އެތައް ޒަމާނަކަށް ލޯބިވެގެން މަރުދަން ޖެހިގެން އުޅުނު ލޯބިވެރިޔާ މިގޮތަށް ފެނުމުން ހިތާއި ސިކުނޑި އަމިއްލަ ނަފުސްގެ ބާރުގެ ދަށުން ގެއްލިގެން ދިޔައީއެވެ. އީމާންތެރިކަން ބަލިކަށިވީއެވެ.

"ޑޭމިޓް. ޝީޒް ޔޯރ ސިސް، ހުއްޓާލާ......" އައްމާރުގެ ކަންފަތްދޮށުގައި މީހަކު ސިއްރުން ކިޔާލިހެން ހީވިއެވެ.

އައްމާރު ކާއިއާގެ އޮމާން އަތުގައި ފިރުމާލިއެވެ.

"ކާކު ދޮގުހަދަން ދަސްކޮށްދިނީ؟ "އައްމާރު ލާނެތް ގޮތަކަށް ހީލިއެވެ.

"ލޯބީގެ ބާރު...." ކާއިއާ ހިނިގަނޑެއް ޖަހައިލިއެވެ.

"ބޭބީ ސިސް. ދިސް އިޒް ނޮޓް ރައިޓް؟ އެކަން އެނގޭތަ؟ ބަޔަކު ދޮގުހަދައިގެންވިޔަސް އަހަރެން މިވަނީ އޮފިޝަލީގޮތުން ކައިގެ ބޭބެއަކަށް ހަދާފައި، ވީއިރު......... " އައްމާރު ބުމަ އަރުވައިލިއެވެ. ކާއިއާ ކަތި ނަޒަރަކުން ބަލާފައި ބާތްޓަބަށް ފެންއަޅަމުން ދިޔައެވެ. ސްޓީމް އޮންކޮށްފައި ހުރުމުން ދެހަށިގަނޑަށްވެސް ހޫނުވެ އަރާމު އިހުސާސްތަކެއް ކުރެވުނެވެ.

"ފޮބިޑްން ފުރުޓް ޓޭސްޓްސް ގުޑް އެއް ނު......" ކާއިއާ އައްމާރުގެ އަތުގައި ހިފާ ދަމައިލިއެވެ.

އަތުގައިވާ ޕްލާސްޓަރުގަނޑު ތެމުނުއިރުވެސް އައްމާރުއަކަށް ރޭކާނުލިއެވެ. ދެމީހުން އެކީގައި އުޅެފައިވާ ހޫނު ވަގުތުތައް އިއާދަވާކަހަލަ މާހައުލެއްގައި އޮޔާދިޔަގޮތަށް ހަށިގަނޑުވގައިވި ޒަޚަމްތައްވެސް އައްމާރު ހަނދާން ނައްތާލައިފިއެވެ. އައްމާރުއާއި ކާއިއާ ބާތުޓަބްގައި ލޯބީގެ ޖޯޝުގައި ބެހިގެން ދިޔަވަގުތަކީ ސާރާ ޚަލީސީ ގޮވައިގެން އައިސް ފާޚާނާއަށް ވަންވަގުތެވެ. ޚަލީސީއަށް ހޮޑުލެވިގެން ގައިދޮއްވަން ވަންގޮތަށް ތުއްތު ޚަލީސީވެސް ޑެޑީއޭ ކިޔަކިޔާފައި ގޮވިއެވެ. ސާރާހުރީ ޝޮކެއްގައެވެ. ހަތަރުފާރު އައިސް ޖެހި ފިތިގެން ނޭވާ ހާސްވިހެންހީވިއެވެ. ޚަލީސީގެ ދެލޯމަތީގައި އަތްއެޅުނީ ވެސް ބޭއިޚުތިޔާރުގައެވެ. އެފަދަ މަންޒަރެއް ޓީވީއިން ފެނުމުންވެސް ކަންތައް ކުރެވޭނީ އެފަދަ ގޮތަކަށް ކަންނޭގެއެވެ. ދަރިފުޅަށް އެ އަމަލު ނުދައްކަންވެގެން އޭނަ އަނބުރާލާފައި ދުއްވައިގަތް ގޮތަށް ގޮސް އަޅައިގަތީ ކިޔަންގެ ގައިގައެވެ. އޭރު ކިޔަންވެސް އައީ ޚަލީސީގެ ބޭސްކޮތަޅު ހިފައިގެންނެވެ.

"ސާރާ، ވަޓް ހެޕެންޑް......." ކިޔަން ސާރާ ހިތްހަލާކުވެފައި ކަހަލަ ގޮތަކަށް އަޑުވީއްލާ ރޯތަން ފެނިފައި ދެކޮނޑުގައި ހިފެހެއްޓިއެވެ. އޭރު ޚަލީސީވެސް ބާރުބާރަށް ރޯންފެށިއެވެ.

"ކިހިނެއްވީތަ؟ ބުނެބަލަ އިމީއަށް ކަމެއްވީތަ؟ " ކިޔަން ހާސްވެފައި އަދި ދުއްވައިގަތީ އެކޮޓަރިއާއި ދިމާލަށެވެ.

"ނޫން، ކިޔަން ނުދޭ، އެދެމީހުން........." ސާރާ މޮޔައެއްހެން ހަޅޭއްލަވައިގަތެވެ. ކިޔަން ދޮރުމައްޗަށް އެރިއިރު ފެނުނީ އައްމާރު ޖިންސްގެ ގޮށްތައް އަޅުވަމުން ނުކުމެގެން އައިތަނެވެ. ފެންވެރިގޮތަށް ފެން ނުފޮހެ އައިކަން އަންގާދެނީ އެ ހަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތަކުންނާއި އިސްތަށިގަނޑުންނެވެ. އައްމާރު ހުރީ ނުތަނަވަސްވެފައެވެ.

"އިމީ، ސާރާ ރޮނީ ކީއްވެގެންތަ؟ " ކިޔަން އަހާލައިފިއެވެ.

"ނޭގޭ. ކޮބާތަ ސާރާ.. ޚަލީސީއަށް ކަމެއްވީތަ؟ ކީކޭ ޑޮކްޓަރު ބުނީ......." އައްމާރު ކިޔަންގެ ކޮނޑަށް އަތް ވައްޓާލަމުން އަވަހަށް ހިނގައިގަތީ ބޭރަށް ދާށެވެ. ކިޔަންގެ ހިތުގައި އެތައް ޝައްކުތަކެއް އެއްފަހަރާ ހިނގައިގަތްނަމަވެސް އެކަން ނުދައްކާ އޭނަ އައްމާރުއާއިއެކު އެކޮޓަރިން ނުކުތެވެ. އައްމާރުގެ އަތް ތެމިފައި ހުރުމުން ކިޔަން ސުވާލުކުރިއެވެ. އައްމާރު އެދުނީ އޭނައަށް ސިގިރެޓް ޕެކެޓެއް ގަނެގެން ގެނެސްދިނުމަށެވެ. ކިޔަން ގެއިން ފޮނުވާލަން ވެގެން އޭނަ ދެއްކި ބަހަނާއެކެވެ. ދުވަހަކުވެސް އޭނަ އަދި ކިޔަންގެ ކައިރީގައި ސިގިރެޓް ގަނެގެން ގެނެސްދޭކަށް ނުބުނެއެވެ. ނަމަވެސް ކާއިއާ އޭނަގެ ކޮޓަރިއަށް ވަންކަން ފޮރުވަންވެގެން އައްމާރުއަށް މަޖުބޫރުވީއެވެ.

"ވައިރަލް ފީވަރ، އެކަނި ޕެނެޑޯލް ދިނީ، ގިނައިން ދިޔާއެއްޗެހި ދޭށޯ......." ކިޔަންއާއިއެކު އައްމާރު ސިޑިން ތިރިއަށް ފޭބިއިރު ސާރާ ހުރީ ފެންޑާގައި ތެތް ޓިޝޫއިން ޚަލީސީގެ މޫނުމަތި ސާފުކުރާށެވެ. ކިޔަން ނުކުތުމާއިއެކު އައްމާރު ގޮސް ހުއްޓުނީ ސާރާއާއި ދާދި ގާތުގައެވެ. ސާރާގެ ދެލޮލުން އޭރުވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޚަލީސީވެސް ތުން ފިތަފިތާފައި ރޮމުން އައްމާރުއާއި ދިމާލަށް އަތްދިއްކޮށްލިއެވެ.

" ސާރާ. އައި ކެން އެކްސްޕްލެއިން......" އައްމާރު ޚަލީސީއަށް ސަމާލުކަމެއް ނުދިނެވެ.

"ދެން ކޯންޗެއް ބުނެދޭންވީ، ކޮއްކޮކަން އެނގިހުރެ. ގަބޫލެއްވެސް ނުކުރެވޭ. ކިހާ ދަށް ފެންވަރަކަށް ތިވެއްޓިގަތީ؟ ކިހާ ގޮތެއްނެތް މީހަކަށް ތިވީ. އަމިއްލަ ލޮލުން ފެނުނީމަ ދެން......" ސާރާގެ ލޮލުގައި އަނެއްކާވެސް ކަރުނަ ބޮނޑިވެގަތެވެ. އެފެނުނު މަންޒަރު މުޅި އުމުރަށްވެސް އޭނަގެ ހިތަށް ތަދުކުރުވާނެއެވެ. އެހެން މީހަކާއިއެކު އައްމާރު އެހާ ގާތްކޮށް އުޅުނުތަން ލޮލުން ފެނުމުން ހިތް ކުދިކުދިވެގެން ލޭތައް އޮހިގެންފިއެވެ. ކަރުނަތައް ހުއްޓުވާނެގޮތެއްވެސް ނޭގުނެވެ. އެއީ ފެނުމަށް ދުވަހަކު އޭނަ އުއްމީދުކޮށްފައިވާކަމެއް ނޫނެވެ.

"މިވަގުތު އިތުރު ވާހަކައެއް އަޑުއަހާނެ ހިތްވަރެއްވެސް ނެތް....." ސާރާ ނުކުމެގެން ދާން ހިނގައިގަތުމުން ޚަލީސީ އަތުތެރެއިން ފުންމާލަން ގަދަ ހަދަހަދާފައި ބާރަށް ރޮއިގަތެވެ. އެމަންޒަރު ފެނިފައި އައްމާރު ރުންކުރުވިއެވެ. އަމިއްލައަށް ކުށުގެ އިހުސާސްކުރެވި ރުޅިއާއި ލަދުވެތިކަން އަދި ހިތާމަ މަސްހުނިވެ ހިތުގެ ހަމަނުޖެހުން ގެއްލުވާލިއިރު ސާރާ އެކުރަނީ ރަގަޅުކަމެއްކަން ގަބޫލެއްނުކުރެވުނެވެ.

"ޚަލީސީ ރޮއްވާކަށް ނުޖެހޭ. ރުޅިއައީމަ އަދި ދަރިފުޅަށްތަ އެރުޅި ބާލަންވީ؟ " ބާރުބާރަށް ފަހަތުން ގޮސް ޚަލީސީ ގަދަކަމުން ނެގުމުން ސާރާ ހުރީ ދެލޯބޮޑުކޮށްލައިގެންނެވެ.

"ޑިސްގަސްޓިން. ހައު ކުޑް ޔޫ.........." ސާރާއަށް ބުނެވުނީ ލޮލަށް ފެނުނު މަންޒަރު ހަދާންވެފައެވެ.

"ބޭނުން އެއްޗެއް ހީކުރިޔަސް އަހަންނަށް މައްސަލައެއް ނެތޭ، އައިމް ނޯ އެންޖެލް ސާރާ. ކާއިއާ މިއަދު ކޮއްކޮއެއްގެ ގޮތުގައި އަހަރެންގެ ދިރިއުޅުމަށް ބަޔަކު ގެނެސް ދެއްކިޔަސް އެތައް އަހަރެއްވާންދެން ލޯބިން އެކީގައި އުޅުނީ، އެ ފީލިންގްސްތަކަކީ އަދި މީހަކު އެއްޗެކޭ ބުނެލާއިރަށް ފޮހެވިގެންދާނެ އެއްޗެއްވެސް ނޫން، އަހަންނަށް އަދި ކައި ފެނުމުން ރެސިސްޓް ކުރުން ފަސޭހައެއް ނުވޭ.....ޓު ބީ އޮނެސްޓް އަދިވެސް އަހަންނަށް އަސަރުކުރޭ ކައި ފެނުނީމަ. އައިމް ސޮރީ، އެކަމަކު ފްރޭންކޮށް ސާރާ ކައިރީ މިބުނީ......." އައްމާރުގެ ވާހަކައިން ވީ ފޫއްސެއްގެ ބޮޑުކަމުން މޫނުމަތީގައި އެތިފަހަރެއް ޖަހަން ބޭނުންވިއެވެ. އައްމާރު އޭނަ ހީކުރިކަހަލަ މާތް ޒުވާނަކަށް ނުވިއެވެ. އަންހެނަކާއި ޖެހުމުން އެންމެން ބޮލަށް މޮޔަ އެރެނީއެވެ. ކާއިއާއަށް ބޭނުންވާ ވާހަކަ އެހާ ފާޅުގައި އައްމާރު ބުނުމުން ސާރާގެ ހިތް ހަލާކުވާވަރުވިއެވެ. އޭނަދެކެ ލޯބިވާނަމަ އައްމާރު މިގޮތަކަށް ނޫޅޭނެއެވެ.

"އެކަމަށް ވަގުތު ބޭނުންވޭ......" އައްމާރު އިތުރުކޮށްލިއެވެ. ކާއިއާއަށްވުރެ ސާރާގެ މާ އަޅައިގަންނަގޮތް ހުރެފައި އޭނައަށް ސާރާގެ އެންމެ ބަލައިލުމަކުންވެސް އަސަރުކުރުވާ ވާހަކަ އޭނަ ބުނާކަށް ބޭނުމެއްނުވިއެވެ.

"އައްޗީޑި، ތިބުނަނީ ދެން ހަމަ އޭނަ ކޮއްކޮއެއްކަން އެނގޭއިރުވެސް ތިދެމީހުން އެންމެނަށް ސިއްރުން ގުޅުން ބާއްވަނީއޭތަ؟ ހީކުރިން ތިއީ ވަރަށް ދީނީ ރަގަޅު މީހެއްކަމަށް. މިހާރު އެނގިއްޖެ، އެއްވެސް މީހަކު އެހާ ފުރިހަމައެއްނުވާނެ......." ސާރާ ޔަގީން ކުރީ އައްމާރުއާއި ކާއިއާ އަބަދުހެން އުޅެނީ ދެމަފިރިންގެ ގޮތުގައި ގުޅުން ބާއްވަމުން ކަމަށެވެ. އެހެން މީހުންގެ ލޮލުގައި އަދުން އަޅުވާފައެވެ. އައްމާރުހާ މަޑުން ހުންނަ މާތް ފާޑުޖަހާ ޒުވާނަކު އެގޮތަށް ކޮއްކޮއާއި ރައްޓެހިވެގެން އުޅޭނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟

އިތުރަށް ވާހަކަ ކުރިއަށް ނުދިޔައީ ކިޔަން ސިގިރެޓް ޕެކެޓެއް ގެނެސްދިނުމުންނެވެ.

އައްމާރުގެ ފަރާތުން އެހާ ދަށުދަރަޖައިގެ އަމަލެއްފެނުމުންވެސް ދޫކޮށްލާފައި ދުރަށް ދާހިތެއް ނުވިއެވެ. ލޯބިވާލެއް ބޮޑުކަމުން އިސްލާހު ވެދާނެކަމުގެ އުއްމީދުގައެވެ. ސާރާ ފޫހިވީ ކާއިއާދެކެއެވެ. ނަފްސާނީ މައްސަލަ ހުރިކުއްޖެއް ކަމަށްވިޔަސް އޭނަ އުޅޭ އުޅުމުން އެފަދަ ކަމެއް ސާރާއަކަށް ނުފެނެއެވެ. ސާރާ ފެނިއްޖެއްޔާ ކަޅި އަޅާލާފައި އެންމެ ކުރިން ޖެހޭ ކޮޓަރިއަކަށް ވަންނާނެއެވެ. އޭނަދެކެ ކުރާ ނަފްރަތުގެ ބޮޑުކަމުން އެލޮލުން ފާޅުވޭވޭހުރެއެވެ. ސާރާ ކުރިން ހުރީ އައްމާރުގެ ކޮއްކޮކަން އެނގުމުން އެކުވެރިވާށެވެ. ނަމަވެސް އައްމާރުއާއި އޮތް ގުޅުން ބޭޒާރުވުމުން އެއީ ދެން ނުވާނެކަމެއްކަން އެނގުނެވެ. ކާއިއާގެ އުޅުން ހުންނަނީވެސް ފުރާވަރުގެ ކުއްޖެއްހެންނެވެ. ކުރު އެއްޗެހި ލައިގެން އުޅޭއިރު އުޅޭ އުޅުމުންވެސް އެހާ އަންހެންވަންތަ ގޮތެއް ނުހުރެއެވެ. ކަންފަތުގައި ހެޑްސެޓް އަޅައިގެން ލަވައަޑުއެހުމަކީ އަބަދުހެން އެކުއްޖާ ކުރާކަމެކެވެ. ނަމާދު ކޮށްއުޅޭ ބާވައޭވެސް ހިތަށް އެރިއެވެ.

އެދުވަސްކޮޅު ސާރާގެ މަންމަމެންވެސް ނަބީލާވިލާ ކުއްޔަށް ދީފައި މާލެއަށް ބަދަލުވިއެވެ. އެގެއަށް ސިހުރު ހަދާފައިވާތީ އެގެއިން ރޫހާނީ ކަންތައް ފެންނަކަމަށް ކިޔާފައި ސުދާ ނަފްސާނީ މައްސަލަ ޖެހުމުގެ އަސްލަކީވެސް އެއީ ކަމުގައި މަންމަމެން ކިޔެވެ. މާލެއިން އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށުމާއިއެކު ސުދާގެ ބައްޔަށް ލުއިވާންފެށިކަމުގައި މަންމަވަނީ ބުނެފައެވެ. ސާރާއަށްވެސް އެކަން ފާހަގަކުރެވުނެވެ. އައްމާރު މާމަދެކެން ދިޔުމުން މާމައަށް އެއްގޮތަކަށްވެސް އައްމާރު ވަކިކުރާކަށް ނޭގުނެވެ. ކުޑަ ބުދެއް ހިފައިގެން ބުދު ގެންގުޅުނީ ކުޑަކުއްޖެއް ގެންގުޅޭ މިސާލުގައެވެ. މާމަގެ ހާލު ފެނިފައި އައްމާރުގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

ޚަލީސީ އެހާ ހުންގަދައިރުވެސް ޝުވޭކާރުމެންގެ ފަރާތުން އަޅާލުމާއި ލޯތްބެއް ނުލިބުނެވެ. އެކުއްޖާގެ ހާލު އޮޅުން ފިލުވާނެ މީހެއްވެސް ނެތެވެ. މަންމަމެން ކައިރީގައި ހުރިނަމަ ހާދަ ވަރެއްވާނެއެވެ. ހާދަ ވަރަކުން ގެންގުޅޭނެއެވެ. ޚަލީސީ ކިބިއްސެއް އަޅާލިޔަސް މަންމަ އެހާ ކަންބޮޑުވާނެއެވެ. މިހާރު މިފެންނަނީ އޭގެ ދިމާ އިދިކޮޅެވެ. ހިތުގައި ކިތަންމެ ޝަކުވާއެއްވި ނަމަވެސް ސާރާ އެކަން ފާޅުކުރާކަށް ނޫޅުނެވެ. އެމީހުން އަވަދިނެތި އުޅޭތީއާއިއެކު ހުން އައުން ފަދަ ކުޑަ ކުޑަކަމެއް ދިމާވީމަ ދެން ދުރުން އުޅެނީކަމުގައި އޭނަ ނިންމިއެވެ.

އެންމެފަހުން ޚަލީސީގެ ހާލު ދަށަށް ދާން ފެށުމުން ހޮސްޕިޓަލަށް ގެންދިޔުމާއިއެކު ޑޮކްޓަރު ލަފާދިނީ އެޑްމިޓްކުރުމަށެވެ. ޓެސްޓް ހަދާފައި ބުނީ ޑެންގީ ހުންކަމުގަޔާއި ރަގަޅުވާނެކަމުގައެވެ. އައްމާރުވެސް ދަރިފުޅު ކައިރީގައި ހުރިހާ ވަގުތަކުހެން އިނެވެ. ޚަލީސީގެ ދެފަރާތުގައި މަންމައާއި ބައްޕަ ތިބޭތަން ފެނުމުން އެތަނަށް ވަންނަހާ ބަޔެއްގެ ލޮލުގައި އެމަންޒަރު އަޅައިގަތެވެ. ކޮންފަދަ ފުރިހަމަ ރީތި އަދި ގުޅޭ އާއިލާއެއްބާވައޭ ހިތަށް ނާރާ މީހަކު ނެތެވެ. އައްމާރުވެސް ޚަލީސީގެ ގައިގާ ފެންފޮތިލާ ދީ އިސްތަށިގަނޑުގައި ފިރުމާހަދާއިރު ސާރާގެ ހިތަށްވެސް ސިއްރު ހަމަޖެހުމެއްލިބެއެވެ. އެދެމަފިރިންގެ ދިރިއުޅުމަށް އެޅިފައިވާ އެކަނި ހިޔަންޏަކީ ކާއިއާއެވެ. އެހެންނޫންނަމަ ކިހާ އުފާވާނެހެއްޔެވެ؟ ދޭތެރެއަކުން ދެމީހުންގެ ހަތަރުކަޅި ހަމަވާއިރަށް ސާރާގެ ހަނދާނަށް އަންނަނީ ބާތުޓަބުގެ ތެރޭގައި ކާއިއާއާއި އައްމާރު އުޅުނު ގޮތެވެ. އެއާއިއެކު އޭނަގެ މޫނުމައްޗަށް ހިތާމައިގެ ވިލާގަނޑެއް ވެރިވެދެއެވެ. ސާރާ ދެރަވަނީ ކިޔަން ފިޔަވާ އައްމާރުގެ އާއިލާގެ އެއްވެސް މީހަކު ޚަލީސީ ދެކެލަން ނައީމައެވެ. ފައިސަލްވެސް އަންނާނެކަމުގައި ސާރާ ހީކުރިއެވެ.

ޚަލީސީގެ އަނގައިން ލޭ އަންނަތަން ފެނިފައި ސާރާ ބިރުން ހަލާކުވާވަރުވިއެވެ. އޭރު އައްމާރު ހުރީ ފްރިޖް ހުޅުވާލައިގެން ކާހިތްވާކަހަލަ އެއްޗެއް ފެނޭތޯ ބަލާށެވެ.

"އިމީ. އިމީ. ބޭބީގެ އަނގައިން މިއޮތް ލޭ އަންނަނީ...." ސާރާ ހީވީ ރޮއިގެންފާނެހެންނެވެ.

"ކާމްޑައުން ސާރާ. ހަމަޖެހިބަލަ. ވެދާނެ ހުން ގަދަވީމަކަމަށްވެސް....." އައްމާރުވެސް އަވަހަށް ފްރިޖްގެ ދޮރު ލައްޕާލާފައި އައިސް ޚަލީސީގެ މޫނުގައި ފިރުމައިލިއެވެ.

"މިހާރު ހުމެއް ނެތެއްނު. ކިހާ ވަރުދެރަކޮށް މިއޮންނަނީވެސް، ކީއްވެ އިމީގެ މަންމަމެން ނާންނަނީ؟ ޝީޒް އޯލްސޯ އެ ޑޮކްޓަރ. ޚަލީސީއަށް ވެގެން އުޅޭގޮތެއްވެސް އެނގެނީއެއްނޫން...." ސާރާ އިނީ ފެންކަޅިވާގޮތްވެފައެވެ. އޭނަ ޚަލީސީގެ އަތުގައި ހިފާލިއިރު ކުދި ރަތްބިހިތަކެއް ނަގާފައި ހުއްޓެވެ. އޭނަ ހީކުރީވެސް ދޭ ބޭހަކަށް ނުގުޅިގެން ވާކަމެއްކަމަށެވެ. ނަމަވެސް ޑެންގީގެ ލޭ އަންނަ ވައްތަރުން މިކަހަލަ ނިޝާންތައް ފާޅުވެޔޭ ބުނޭ ނޫންހެއްޔެވެ؟ އިހަށް ދުވަހުވެސް ކުޑަކުއްޖަކު މަރުވި ވާހަކަ ނޫސްތަކުގައި ލިޔެފައި އޮތެވެ. ސާރާގެ ހިތުގައި ބިރުވެރިކަން ވަކި ހިއްޕާލިއެވެ.

ކޮމެންޓް 0