މަންޒިލެއް މަޤުސޫދެއްނެތް ދަތުރުވެރިއެއް ފަދައިން އެ އަންހެންކުއްޖާ ގަދަކަމުން ފިޔަވަޅުތައް ކުރިއަށް އަޅަމުންދިޔައިރު އެދެލޮލުން ފެންނަނީ މާޔޫސްކަމުގެ އިންތިހާއެވެ. ކުރިމަތިން ފެންނަން އޮތް ކަނޑުގެ ހަލަބޮލި ރާޅުތައް އޭނަ ދިރުވާލާ މި ހިތާމަތަކުން އެއްފަހަރާ ސަލާމަތްކޮށްދޭނެ ނަމައޭ ހިތަށް އެރިއެވެ. ވޭނުން ފުރިގެންވާ ރީތި ދެލޮލުން ކަރުނައިގެ އެންމެ ތިއްކެއް ފާޅުނުވިޔަސް އެތައް ސަތޭކަ ހިތާމައެއް އެލޮލުގައި ފޮރުވިފައިވާކަހަލައެވެ. އެހާވެސް އަސަރާއި ޖަޒުބާތުން ފުރިފައިވާ ރީތި ދެލޮލެކެވެ.

"ސާރާ، އައިމް ސޯ ސޮރީ. އެކަމަކު ސާރާގެ ފޯލްޓެއް ނޫން............." އޭނަގެ ފަހަތުން އައި އަންހެންކުއްޖާ މަޑުމަޑުން ބުނެލިއެވެ.

"އަހަރެންވެސް ބޭނުމީ މަރުވާން. އަހަރެންގެ ސަބަބުން ނޫންނަމަ.............." ސާރާއަށް ގިސްލެވި އަޑު ބެދުމުން ޖުމްލަ ފުރިހަމަ ނުކުރެވި ދޮންވެލިގަނޑު މައްޗަށް ތިރިވެވިއްޖެއެވެ. އެހިތާމައިގާ ވިލާތައްވެސް ބައިވެރިވީކަން ނޭގެއެވެ. ބުރަހެލި ވިލާތަކަށް ނުކުޅަދާނަވެގެން ވާރޭގެ ސައިލެއް ބިމަށް ފައިބައިގަތް ގޮތަށް އެދެ އަންހެންކުދިން ތެންމާލީ ކުރިން އިންޒާރު ދިނުމަކާއި ނުލައި ހަމަ ކުއްލިއަކަށެވެ. ކަނޑުގެ ރާޅުތަކުގެ އަޑުގަދަވިއެވެ.

"ތޫފާނީ ދުވަހަކަށް މިވީ. ނިކަން އުޑުމައްޗަށް ބަލާބަލަ. ކިރިޔާ ތިނެއްޖެހީ އެކަމަކު އިރުއޮއްސުނީމަވެސް އަނދިރިވާނީ މިހާކަށްހާ ވަރަށް. މިތާ ތިބުން ސޭފެއް ނޫން......" ސާރާގެ އެކުވެރިޔާ ހަމްދަރުދީ ފާޅުކުރި ނަމަވެސް އޭނަ ހުރީ މި ކަޅު ފޮއި އަނދިރިކަން ދެކެ ބިރުގެންފައެވެ. އެކަނިމާ އެކަނި މިހިސާބުގައި އުޅެނިކޮށް ޕާޓޭންތަކަށް ފެނިއްޖެއްޔާ އަވަށްޓެރި ކުއްޖެއް ކަމަށްވާ ޝިނާއަށް ޖެހުނު ހާލު ޖައްސަފާނެއެވެ. ފަހަތުގައިވާ ގަސްބޮނޑިތައް ވަޔާއި ހޫރޭތަން ފެނުމުންވެސް ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ދުވެލިއެވެ.

"އައި ޑޯންޓް ކެއަރ، އެކަނި ބައިންދާފައި ދޭ......ޕްލީޒް......"

ސާރާ އިރުކޮޅެއްވާންދެން މޫނު ފޮރުވައިގެން އިނދެލާފައި ތެދުވެގެން ދިރުމެއްނެތް ގޮތަކަށް އެކުވެރިޔާއާއި ދިމާލަށް ބަލާލިއެވެ. އެކުވެރިޔާއަށް އޭނަގެ ހިތާމަތަކާއި ޖަޒުބާތުތައް އެއްގޮތަކަށްވެސް އިހުސާސް ނުކުރެވުނީ ހެއްޔެވެ؟ ނޫންނަމަ އެކަން ހަނދާން ނައްތާލަން ބާރު އަޅަނީކަމަށް ވެދާނެއެވެ. އުފާވެރި ދިރިއުޅުމެއް ބިނާކުރަން ކުރި އުއްމީދުތައްވަނީ ގާތްގަނޑަކަށް ވަޅުލެވިފައެވެ. އެހެން އެވީ ކާކުގެ ކުށަކުން ހެއްޔެވެ؟ ކުށްވެރިޔަކީ މި އަނިޔާވެރި ދުނިޔެހެއްޔެވެ؟ އޭނަގެ ބަދުނަސީބުކަމާއި ހިތާމަތައް އެހެން މީހުންނަށް ވާރުތަކޮށް ހުރިހާ ލޯބިވާ މީހުން "ޑިޕްރެޝަން" ގެ ޝިކާރައަކަށް ވަނީ ބާވައެވެ. އޭނަ ކިތަންމެ ހިތްވަރުކުރިޔަސް އެހެން މީހުންނަށް ހިތާމަތައް އުފުލުމުގެ ކުޅަދާނަކަން ލިބިފައިނުވަނީއެވެ. އެކަނި ޑިޕްރެޝަންއެއް ނޫނެވެ. އަވަށްޓެރިން ބުނާގޮތުން ވެއްޖެއްޔާ އެމީހުން ދިރިއުޅޭ ގެއަކީ ސިހުރުގެ ހާއްޔެކެވެ. އެތަނުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވަނީ ސިޙުރުގެ ނުރައްކާތެރިކަމެވެ. އެކަން ގަބޫލުކުރަން ސާރާގެ ހިތް އެއްބަހެއް ނުވެއެވެ. ނަމަވެސް ލޯބިވާ ބައިވެރިޔާ އަތުން ބީވެގެން ދާން ފެށުމުން އޭނަ ސަލާމަތްކުރަން އޭނަ މިހިރީ ހިތާއި ދެކޮޅަށް ކުރެވުނު ކޮންމެކަމެއް ކުރަން ތައްޔާރަށެވެ.

ދެއަހަރު ކުރިން

ސާރާ އާއި އައްމާރުއާއި ކައިވެނިކުރެވުނީ ސާރާގެ ޢާއިލާގެ ރުހުމާއި ދެކޮޅަށެވެ. ވަލީ ނަގާދިނީ ކޯޓުންނެވެ. ރަގަޅު ޢާއިލާއަކަށް ނިސްބަތްވާ އަންހެންކުއްޖަކަށްވެފައި ދީނަށް ލޯބިކުރާ ޢާއިލާއެއްގެ އަންހެންކުއްޖަކަށް ވުމުން އޭނަ ތަރުބިއްޔަތު ކޮށްފައިވަނީ ކިތަންމެހާވެސް ރަގަޅަށެވެ. އޭނައަށްޓަކާ ޤުރުބާންވާން ތިބި މައިންބަފައިން ދޫކޮށްލާފައި އޭނަ އައްމާރުއާއި އިންނަން ނިންމި ދުވަހު ހިތަށް ތަދުވެސް ވިއެވެ. މަންމަމެންގެ ހިތުގައި ޖައްސާފައި އައުމުން ހަޔާތަށް އޭގެ ސުންޕާ އަސަރުކޮށްފާނެ ކަމަށް ހިތުގެ ކަނަކުން އިންޒާރު ދިނެވެ. ނަމަވެސް އައްމާރުގެ ލޮލުގެ ސިހުރުގައި ޖެހިފައި ހުރިވަރުން އެ އުދަގޫ ނިންމުން އައީ އައްމާރުއާއި އެއްކޮޅަށެވެ. ފަހުން ދިމާވެދާނެކަމަކަށް އޭރު ވިސްނާކަށް އޭނަ ބޭނުމެއްނުވިއެވެ.

މަންމަމެންނަށް އެނގުނީ އޭނަ އިންނަން އުޅެނީ މާލޭ ޒުވާނަކާއި ކަމެވެ. އިތުރަށް މަޢުލޫމާތު ސާފުކުރުވުންވެސް އެމީހުންނަށް މުހިއްމެއްނުވިއެވެ. އެކަން ނުވާނެކަމަށް ބުނެ މަންމަ ސާރާއަށް އެކިގޮތްގޮތަށް އިންޒާރުކުރިއެވެ. މަންމަ ބުނީ މާލޭ ފިރިހެނުން ވަރަށް އަވަހަށް ވަރިކޮށްފައި އެއްލާލާނެކަމުގައެވެ. އައްމާރުއާއި ވަކިކުރަން އެމީހުން ނުކުރާކަށް ކަމެއްނެތެވެ. ސާރާ ކޮޓަރީގައި ތަޅުލައިގެން ގެންގުޅުމުގެ އިތުރަށް މަންމަގެ އަތުން އެތައް އެތިފަހަރެއް އޭނަގެ މޫނަށް އެރިއެވެ. ރަގަޅު ބައިވެރިޔެއް ލިބެން ހުއްޓާ ނުދަންނަ ބީރައްޓެއްސަކާއި ކައިވެނިކޮށްގެން ސާރާގެ ދިރިއުޅުން ބަރުބާދުވެދާނެކަމަށް ބުނެ މަންމަ ދިން އިންޒާރުން ސާރާ ރުޅިގަދަވިއެވެ. އޭނަވެސް ގޮތްދޫކުރާކަށް ނޫޅުނެވެ. ނަތީޖާއަކަށްވީ އޭނަގެ ބައްޕަ އޭނަ ގެއިން ނެރެލުމެވެ.

ކައިވެނި ކުރުމަށްފަހު އައްމާރު ނިންމީ ސާރާ ގޮވައިގެން މާލެ އައުމަށެވެ. ހަނީމޫން ހޭދަކުރާނީ ރިޒޯޓެއްގައި ކަމަށް ބުނުމުން ސާރާއަށް އިތުރު އުފަލެއް ލިބުނެވެ. ޕެރިސް ޒިއުރިކް އަދި ލަންޑަން ފަދަ ތަންތަނަކީ އޭނަގެ ހުވަފެނީ މަންޒިލްތަކަށް ވި ދުވަސް މާޒީވެގެން ހިނގައްޖެއެވެ. މިހާރު އޭނަވެސް ބޭނުމީ ފިރިމީހާގެ ފެންވަރުގައި ދުނިޔޭގައި އުޅުމެވެ. މާލެއަކީ ރާއްޖޭގެ ރަށްތަކުން އެންމެ ދެކެން ބޭނުންވާ އެއް ރަށެވެ.

ވިލިމާލެއަށް ފެރީ މަޑުކޮށްލިއިރު އިރުއޮއްސި ރަތްވިލާލާން ފަށައިފިއެވެ. ވިލިމާލެ މަލަމަތި ފެނުމުން ރީތިކަން ފާހަގަކުރެވުނެވެ. މާލެއާއި ހާސްބައި ތަފާތެވެ. ބަލައިލާ ކޮންމެ ދިމާލަކުން ފެނުނީ ހިޔާދޭ ގަސްތަކެވެ. މަގުތަކަށް ހިޔާއަޅާފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ހިތްގައިމުކަން އިތުރުކުރުވައެވެ. އައްމާރު ދަބަސް ދަމަމުން ދިޔައިރު ސާރާ ހުރީ އައްމާރުގެ އަތުގައި ހިފާލައިގެންނެވެ. އެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އެތައް ޒަމާންތަކަކަށްފަހު މާލެއަށް ޒިޔާރަތްކުރުމުގެ ޝަރަފުވެސް ލިބިއްޖެއެވެ. އައްމާރުދެކެ ލޯބިވާ ވަރަށް އެރަށާއިވެސް ގަޔާވެވިއްޖެއެވެ.

"ކަޅު ބުޅަލެއް އެ ހުރަސްކުރީ....." ކުއްލިއަކަށް ސާރާ ކިޔާލައިފިއެވެ.

"ހެހެ. ދެން ކިހިނެކޯ ވަނީ؟ އަހަރެން ހީކުރީ އަހަރެމެންގެ ހިސާބު އަވަށްޓެރިންކަމަށް ތިގޮތަށް ސުޕަސްޓިޝަސްވެގެން އުޅުނީ. ބޭބީވެސް ދެން ހާދަ މުސްކުޅި ޚިޔާލެކޭ ތިގެންގުޅެނީ.............." އައްމާރު ސާރާގެ އަތަށް ފިތާލިއެވެ. ކައިވެނީގެ ކުރިން އައްމާރު އެހެންވެސް އޭނަގެ ގައިގާ ބީހިފައެއް ނުވެއެވެ. އައްމާރުއަކީ މާތް ރަގަޅު ޒުވާނެއްކަން އެނގެނީ އެކަނި މޫނަށް ބަލާލާފައެއް ނޫނެވެ. އެންމެ ރަގަޅަށް އެކަން ދަންނަ މީހަކީ އޭނައެވެ. އައްމާރުއާއިއެކު ރޭގަނޑު ފަޅުރަށެއްގައި އޮންނަންވެސް އޭނަ ޖެހިލުމެއް ނުވާވަރަށް އައްމާރުވަނީ އިތުބާރަކީ ކޯންޗެއްކަން ހާމަކޮށްދީފައެވެ. ދެމީހުން ރައްޓެހިވެގެން އުޅުނުއިރު ކިތަންމެ ވަގުތަކު އެއްކޮޓަރިއެއްގައި ހޭދަކުރިއެވެ. އައްމާރު ސާބިތުކޮށްދިނީ އޭނަގެ މާތްކަމެވެ. އަންހެންކުދިންނަށް ކުރާ ޤަދަރާއި އިހުތިރާމެވެ. ދެން މިހާރު މިވަނީ ކައިވެނީގެ މާތް ގުޅުމުން ގޮށްޖެހިފައެވެ. މުސްކުޅިވަންދެން އެކީގައި ވުމަކީ ސާރާގެ ދުޢާއެވެ. އަދި އާޚިރަތް ދުވަހުވެސް ދެމަފިރިން އެކީގައި ތިބޭނެކަމުގައި ސާރާ ޔަގީންކުރިއެވެ. އައްމާރުގެ މާތްކަން ޢާއިލާއިން މިވަގުތު ބަލައިނުގަތަސް ފަހުން ވިސްނޭނެކަމަށް އޭނަ އުއްމީދުކުރިއެވެ.

"އެކްޗުއަލީ އެހާ ގަބޫލުކުރަނީއެއް ނޫން....." ސާރާ އައްމާރުގެ އަތަށް ފިތާލައިފިއެވެ. އައްމާރު ބަލައިލިއިރު އެދެލޮލުގެ ރީތިކަން ސާރާގެ ހިތް ހަލަބޮލިކުރުވިއެވެ. އެދެލޮލަށް ބަލައިލާ ކޮންމެ ފަހަރަކު ހިތް ގެނބިގެންދާވާރުވެއެވެ. ބައެއްފަހަރު އެ މަޑު މުށިކުލައިގެ ދެލޮލަށް ނޫކުލަ ނޫނީ ފެހިކުލަ އަރާހެން ހީވެއެވެ.

"ހަގީގީ ބިރުވެރިކަމެއް ފެނިއްޖެއްޔާ އަދި ކިހާވަރެއް ވާނެ. އަހަރެމެންގެ ގެވެސް ހޯންޓެޑްވާނެ........" އައްމާރު ކިޔާދިނެވެ.

"ގެވެސް އޭ؟ " ސާރާގެ މޫނުގެ ކުލަ ހުދުވިއެވެ.

"ޖަސްޓް ކިޑިން. ދެން މާ ބިރުކުޑަކުއްޖަކަށް ހެދިގެން ވިއްޔަ މަގޭ ވައިފް ތިހުންނަނީ. ގޭތެރެ ވަރަށް އަމާންވާނެ.........." އައްމާރު ގުދުވެލާފައި އެމަޑު ތުންފަތް ސާރާގެ ނިތްކުރީގައި ބީއްސާލުމުން މުޅިގައިން ހީބިހި ހަލުވާލައިފިއެވެ. އައްމާރުގެ ކޮންމެ ބީހިލުމެއް މަސްތީވެފައި ޖަޒުބާތުން ފުރިފައިވިއެވެ. އަންހެންކުދިންގެ ހިތްތަކާއި ކުޅެލުމުގެ ހުރިހާ ހުނަރެއް ދަސްކޮށްލައިގެން ހުރި ޓީޗަރެކޭ އައްމާރު އެއްގޮތެވެ.

"މިރަށުގައިވެސް ރީތި މޫދެއް އެބައޮތް..... " ކުއްލިއަކަށް ސާރާ ބުނެލިއެވެ.

"ފަތަން ދާންވާނެ ދޯ އެތަނަށް....." އައްމާރު އެހިސާބާއި ބެހޭގޮތުން ސާރާއަށް މައުލޫމާތު ކޮޅެއް ދިނެވެ.

"ފެތެން އެނގޭނީ، ބްރިކެއްހެން އަޑިއަށް ދާނެ......." ސާރާ ހިނިގަނޑެއް ޖަހައިލިއެވެ.

"ތިހާ ހިކިކުއްޖެއްވީމަ ފެންމަތީގައި އޮންނާނެ، ޑޯންޓް ވޮރީ ބޭބީ، މަގޭ ގައިމަތީގައި އޮންނާނީ، އަހަރެން ފަތާލަފާނަން......." އައްމާރު ސާރާގެ ކަންފަތް ކައިރީގައި ކިޔާލައިފިއެވެ.

އައްމާރުގެ މަންމަގެ ގެކަމަށްވާ ނަބީލާ ވިލާ ހުންނަނީ ހިތްގައިމު ސަރަހައްދެއްގައެވެ. އެއްފަރާތުގައި މޫދެވެ. އަނެއްފަރާތުގައި ހިޔާދޭގަސްތަކުން ފުރިފައިވާ "ވުޑް" ކޮޅެކެވެ. ސާރާއަށް އެތަން ސިފަވީ އެގޮތަށެވެ. މަދުގަސްތަކުން ފެށިގެން މާއަޅާފައިވާ ބިޔަގަސްތަކުން ހިޔާއަޅާފައިވާ އެހިސާބުގެ ބިންގަޑު ފޮރުވާލާފައިވަނީ ހިކިފަތްތަކުންނެވެ. ވާރެއާއި ތެތްފަތްތަކުގެ ވަސް މަސްހުނިވެ އާދަޔާ ޚިލާފު ވަހެއް މާހައުލުގައި ހިފާލާފައިވެއެވެ. ރޭގަނޑުކަމުގައި ވިޔަސް ފަނޑު ބޮތްކަކުން އަލިކަން ދީފައިވާއިރު ކިތަންމެހާވެސް ރަގަޅަށް އެހިސާބަށް ލޯ ހިންގައިލެވުނެވެ. އައްމާރު ހުޅުވާލި ވަރުގަދަ ދަގަނޑު ދޮރުން އަޑެއް ކިޔުމުން އައްމާރު ސާރާގެ މޫނަށް ބަލާލާފައި އެއް ލޯ މަރާލިއެވެ.

"ކްރީކް ކްރީކް، ވަރަށް އިހު ޒަމާނުގެ ފިލްމީ ސެޓަކަށް އާދެވުނުހެން ހީވެއްޖެ، މިގެ ހާދަ ބޮޑޭ......." ސާރާ ހައިރާންކަން ފައުޅުކުރިއެވެ.

"މާލޭ ބިންކޮޅު ކުޑަވިޔަސް މިރަށުގައި އަތްނުލާވެސް ކިތަންމެ ބިމެއް އެބައޮތް، ބޭބީ، އަހަންނަށް ވަޒީފާއެއް ލިބި ފައިސާ ލިބުނު ދުވަހަކުން މިރަށުގައި ތާޖުމަހަލްއެއް އަޅާދޭނަން......" އައްމާރު ސާރާ ގެނެސް މޭގައި ޖައްސާލަމުން އިސްތަށިގަނޑާއި ކުޅެންފެށިއެވެ. އެ ފިރިހެންވަންތަ ހަށިގަނޑުގެ ބާރު އިޙުސާސްކުރުވުމުގެ އިތުރުން ތާޒާ މީރުވަހަކުން ސިކުނޑިއަށް ފިނިކަމެއް ގެނެސްދިނެވެ.

"ރިއެލީ؟ " ސާރާ ރަކިވިއެވެ.

"އެހާވަރަށް ފައިސާ ލިބުނިއްޔާ.........." އައްމާރު ސާރާގެ ނިތްކުރީގައި ބޮސްދީފައި ތާޖުމަހަލް އެޅޭނީ އެވަރަށް ފައިސާ ހުރެގެންކަން ޔަގީންކޮށްދިނެވެ.

"ޔޫ ހޭވް ދަ ޕޮޓެންޝިއަލް. ވާނެ އިންޝާﷲ............" ސާރާ އައްމާރުގެ ކޯތާފަތުގައި ފިރުމާލިއެވެ. ސީދާ ހަމުގައި އަތް ބީއްސާނުލެވުނީ ދެތިންދުވަހުގެ ތުނބުޅި ހުރުމުންނެވެ. ފިރިހެނެއްގެ ޝަޚުސިއްޔަތު އިތުރުކޮށްދެނީ ތުނބުޅިން ކަމުގައި ސާރާ ދެކެއެވެ. އޮމާންކޮށްހުރި ފިރިހެނަކު ފެނިއްޖެއްޔާ ސާރާއަށް އެހާ އަޅައިގަންނަގޮތެއް ނުހުރެއެވެ. އެހެން ބުނެފިއްޔާ އައްމާރު ހިނގަނޑެއް ޖަހާލާފައި ބުނެލާނީ އަންހެންކުދިންގެ ޚިޔާލު އެކަމުގައި ތަފާތުވާނެ ކަމަށާއި އޮމާން މޫނުތަކަށް ލޯބިކުރާ އަންހެންކުދިން މަދުނުވާނެ ކަމުގައެވެ. ބައެއްފަހަރު އައްމާރުގެ ހުންނަ ސިއްރުން ފުރިގެންވާ ގޮތާއި ސިއްރުވެރި ދެލޮލުގެ ފަހަތުގައިވާ ކަންތައް އޮޅުންފިލުވާ ހިތުން ކެތްކުރެވޭވަރެއް ނުވެއެވެ. އަމިއްލަ ޢާއިލާއާއި ބެހޭގޮތުން ސުވާލުކުރިޔަސް އޭނަގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ. ސާރާ ފުރާވަރަށް އެޅީއްސުރެން ވާހަކަ ކިޔާ ފިލްމު ބަލާހެދުމުގެ ސަބަބުން އޭނަގެ ޚިޔާލުގައި އަބަދުވެސް ކުރެހިފައިވަނީ އެފަދަ ފުރިހަމަ ޒުވާނެކެވެ.

"ދުޢާއިން ނުވާނެކަމެއް ނެތްކަން ހަނދާންކުރައްޗޭ. ހޫމް ވެލްކަމް ޓު މަގޭ ޖިފުޓި............." އައްމާރުގެ ހުދުހުދު ދަތްތައް ފެންނަވަރަށް ހީލުމުން ސާރާގެ ހިތް ހުއްޓޭވަރުވިއެވެ. އެލޮލާއި ހިނިތުންވުމަށްޓަކާ ހިތް ފިދާވާވަރުވެއެވެ. އައްމާރުގެ ރީތިކަމަކީ އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުވާ ބާރެކެވެ. އިސްކޮޅުން ދިގުވެފައި ބާމަތި ފުޅާ ހަށިގަނޑެއް ލިބިފައިވުމާއިއެކު ކަސްރަތުކުރުމުން އެހެން ފިރިހެނުން ހަސަދަވެރިވާފަދަ ހަށިގަނޑެއްގެ ވެރިއެކެވެ. އައްމާރު ދަބަސްތައް ގެއަށް ވައްދާފައި ތަންކޮޅެއް ބާރަށް ނުކުމެގެން އައިސްފާ އޭނަގެ ގާތުގައި ފުރަތަމަ ފަހަރަށް މަންމަގެ މިޒާޖެއް ކިޔާދިނެވެ.

"މަންމަ ވަރަށް އެހެން ކަހަލަ ވާނެ، ކުދި ކަންތަކާ ކޫސަނި ރުޅި އަންނާނެ. އެއްޗެކޭ ބުނަންވެއްޖެއްޔާ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނެ. އެކަމާ ބޭބީ ކެތްކުރަންވާނެ އިނގޭ، މިހާރު ގޭގައި އުޅޭނެ އަހަރެންގެ އަންހެންކޮއްކޮމެން. އީމާއާއި ޒަކާ. ދެން މާމަ............." އައްމާރު ހިނިތުންވެލައިގެން ހުރެ ވާހަކަދައްކަމުން ސާރާގެ ނިތްކުރީގައި ބޮސްދިނެވެ.

"ނާވަސް؟ " އައްމާރު ކަންފަތްދޮށުގައި ކިޔާލުމުން ކަންފަތަށް ހީލިކެރުވިއެވެ.

"ކުޑަކޮށް، ދެން ކޮންބަޔެއް އުޅެނީ؟ " ސާރާ ހުރީ ގެއަށް ވަންނަން ޖެހިލުންވެފައެވެ.

"ބައްޕަ އާއި އެހެން މީހުން މިވަގުތު ރަށަކު ނެތް......." އައްމާރު ގެ މޫނަށް ސާރާ ބަލަން ހުރީ އިތުރު ތަފްސީލު ދޭނެކަމަށެވެ. އެހެން އުއްމީދުކުރާނީ ވެސް މޮޔައެކެވެ. އައްމާރު ގެ އަމިއްލަ ކަމެއްގައި ނޫނީ ތަފްސީލު ދިނުމަކީ ހިލައަކުން ފެން އެރުވުން ކަހަލަ ކަމެކެވެ. ކައިވެންޏަށްފަހު އައްމާރުގެ އެބައި ރަގަޅުވާނެ ކަމުގައި ސާރާ ހީކުރިއެވެ. އައްމާރު ހިތްހަމަނުޖެހިދާނެ ކަމެއް ކުރެވިދާނެތީ އޭނަ ޖެހިލުންވެއެވެ. މި ދުނިޔޭގައި މިހާރު އައްމާރު ފިޔަވާ އޭނަގެ އެއްވެސް މީހަކު ނެތެވެ. ކޮންމެ ޙާލެއްގައިވެސް ދިރިއުޅުމުގެ ހުރިހާ އުފާތަކާއި ހިތާމަތައް ހިއްސާކުރަން ހުރި އެކަނި ބައިވެރިޔާ ގާތުގައި މިވަނީއެވެ.

އައްމާރުގެ ފަހަތުން ކަހަލަ ގޮތަކަށް ގެއަށް ވަންއިރު މުށިޖަހާފައިވާ ސިޓިންރޫމްގައި ޓީވީ އަށް ގެއްލިފައި އިން އަންހެނަކު އިނެވެ. މާޖެހި ހަރުވާޅު ހެދުމެއްލައިގެން އިންއިރު ހަށިގަނޑު ފެންނަނީ ބުރަހެލިކޮށެވެ. ފިތް ފިތަށް މަސްނުކުމެފައިވެއެވެ. އެހާ ދޮން ނުވިޔަސް ހަމުގެ އޮމާންކަމުންނާއި ބޮޑު ބޮޑު ދެލޮލުގެ ސަބަބުން ޒުވާންއިރު ރީތި މީހެއްހެން ހީވިއެވެ. ސާރާ ސަލާމް ގޮވާލުމުން ޖަވާބެއް ނުދިނެވެ. އައްމާރު އޭނަގެ މަންމަ ނަބީލާއޭ ބުނެ ތަޢާރަފު ކޮށްދިނުމުން ކުޑަ ނަޒަރެއް ދީފައި މޫނު އަނބުރާލިއެވެ. ސާރާގެ މޫނަށް ލަދުވެތިކަމުގެ ކުލަ ވެރިވެގެން ދިޔައެވެ. ބިންފަޅާފައި އަޑިއަށް ދާނެނަމައެވެ.

"ރޫޑް މީހުންވެސް ތިބޭ، މިވަރެއް ނުދެކެން، އެޓްލީސްޓް ގެއަށް މެހުމާނެއް އައީމަ ގަދަކަމުން ނަމަވެސް ހީލާފައި ކުރަން އިންކަމެއް ކުރެވިދާނެއްނު، އައްމާރުގެ މަންމަ ވީމަ ދެން ކެތްކުރާނީ، އެކަމަކު ހާދަ ފޫއްސެއް ވެއްޖެ. އައްމާރުއަށް ވަޒީފާއެއް ލިބުނުހާ އަވަހަކަށް ތަނެއް ކުއްޔަށް ހޯދައިގެން ބަދަލުވާނީ، ނޫނީ ފްލެޓެއް ހޯދަން ފޯމުލާނީ، މިވަރަކުން މިގޭގައި ނޫޅެވޭނެ......." ސާރާ ހިނިތުންވެލައިގެން ހުއްޓަސް ހިތް ބަޣާވާތްކުރިއެވެ. އެތަކެއްޗެއް ހިތަށް އަރާ ފައިބަމުން ދިޔައިރު މައިދައިތަގެ ފަރާތުން ފެނުނު ނުރައްޓެހިކަން އޭނަގެ ހިތް މުޅިން ނުތަނަވަސް ކުރުވައިފިއެވެ. އެންމެ ދުވަހަކަށް ކެތްކުރެވިދާނެ ކަމާއިމެދު ޝައްކުވެފައި ހުރެވެސް އައްމާރުގެ ފަހަތުން ގޮސް އޭނަ އުޅޭ ކޮޓަރިއަށް ވަނެވެ. އެގެއާއި ބަލާފައި އައްމާރުގެ ކޮޓަރި ބޮޑެއްނޫނެވެ. ކަޅާއި މުށިކުލައިން ޕެއިންޓްކޮށް މުށިޖަހާލާފައިވާއިރު އެނދަކާއި އަލަމާރިއެއް އަދި ރީތިވާ މޭޒު ނޫން އެއްޗެއް އެތާކު ނެތެވެ. ފޫހިވެގެން ޓީވީ ބަލަން ހިތަށް އަރައިފިއްޔާ ދާން ޖެހޭނީ މައިދައިތަ ކައިރިއަށެވެ. މިގެއާއި މިގޭގެ އެއްވެސް ތަކެއްޗަކަށް އައްމާރުގެ ބާރެއް ނެތްކަން އިރުކޮޅެއްގެ ތެރޭގައި ސާރާ ދެނެގެންފިއެވެ.

"މަންމަ ބުނި އަހަރެން އަދި މިކަމާއި ހިތާމަކުރާނެއޭ، އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ، ކީއްވެ މަންމަމެންވެސް އެގޮތަށް ބަދު ދުޢާކުރީ؟ އެހެން ބުނެލާ ޖުމްލައެއްވެސް ދުޢާއަކަށް ވެދާނެ........ " ސާރާ ދަބަހުން ބޭނުންވާ ސާމާނު ނަގާފައި ރީތިވާ މޭޒުމަތީގައި އަތުރަން ފެށިއިރު ތަފާތު ޚިޔާލުތައް ސިކުނޑީގައި ފުނިޖެހެމުން ދިޔައެވެ. ތިރީ ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ.

އައްމާރުވެސް ދަބަހުން ނިދަން ލާ ޕިޖާމާއެއް ނަގާފައި އޭނައަށް ހިނިތުންވުމެއް ހަދިޔާކުރިއެވެ.

"މިރެއަށް ރީތި ނައިޓީއެއް ލާންވާނެ އިނގޭ......" އައްމާރުގެ ޖުމްލައިން ސާރާ ލަދުގަނެއްޖެއެވެ. އައްމާރުއާއިއެކު ކިތަންމެ ދުވަހަކު ކޮޓަރީގައި ތަޅުލައިގެން އުޅުނަސް އަނބިމީހާގެ ގޮތުގައި ކުރިމަތިލާން ޖެހުނީ މިރޭކަން އޭނަ ހުރީ މުޅިންހެން ހަނދާން ނައްތާލައިގެންނެވެ. ސާރާގެ މޫނަށް ޖަންބުކުލަވެރިވެގެން ދިޔުމާއިއެކު އަވަހަށް ދަބަސް ހުޅުވާލާފައި ހެދުންތައް ދައްކަން ފެށިއެވެ.

"އެކަމަކު މިހާރު ލައިގެން މިހިރީވެސް ވެޑިން ހެދުމޭ......." ސާރާ އައްމާރުގެ މޫނަށް ނުބަލާ ވާހަކަދެއްކިއެވެ.

"އަހަންނަށް އެނގޭ، އެކަމަކު ބޭނުމޭ ތިކުއްޖާ ނައިޓީއެއްގައި ހުއްޓާ މިރޭ ފެންނަން، ކޮންފަދަ ދިގު އިންތިޒާރެއް މިކުރެވުނީ؟ ދެކޭހިތުން ހަމަ. ކިހާ ފޮރުވިގެން ތިހުންނަނީ؟ " އައްމާރުގެ ވާހަކައިން ސާރާ ރަކިވެފައި ހޭންފެށިއެވެ. އައްމާރު ހުރީ މަޖާވެފައި ކަހަލަގޮތަކަށް ބަލާށެވެ.

ހުދުކުލައިގެ ހެދުމެއްގައި ރަންކުލައިގެ ލޭސް އަޅާފައިވާއިރު އެހެދުމާއި ސާރާގެ ދޮންކަން އިންތިހާއަށް ގުޅެއެވެ. އިސްތަށިގަނޑުން ހުޅިއެއްޖަހާ ލާފައި ކައިވެނީގެ މޭކަޕް ކޮށްދީފައިވަނީ މަޝްހޫރު ސެލޫން އަކުންނެވެ. އެންމެން ރުޅިވީއިރުވެސް އެކުވެރި އަންހެންކުއްޖަކު އޭނައަށް ފައިސާގެ ދީލަތި އެހީއެއް ދިންކަމުން ސާރާއަށް އެ ފުރުސަތު ލިބުނީއެވެ. ޙަޔާތުގައި އެރޭ އަންނާނީ އެންމެ ރެއަކުއެވެ. މާމުއި ހަނދުގެ ދުވަސްތައް ހިތުން ނުފިލާފަދަ ދުވަސްތަކަށް ހެދުން މުހިއްމުކަމުގައި އެކުވެރިޔާވަނީ ބުނެދީފައެވެ. ކޮންމެ ވަގުތެއް މިނިޓެއް ސިކުންތެއްވެސް ބޭކާރުކޮށް ނުލާން އޭނަ ނަސޭހަތްތެރިވެދިނީ ކަމުގެ އިސް މާހިރެއް ފަދައިންނެވެ. ސާރާ ދަބަސް ހާވަން ހުއްޓާ ފަހަތުން އައިގޮތަށް އައްމާރު ކަނދުރާގައި ބޮސްދިނުމުން ހީބިހި ނަގައިގަތެވެ.

"ބޭބީ، އަހަރެން ބުނީމެއްނު ކައިވެނި ކުރާ ރޭ އަހަރެންގެ ވަރަށް ބޮޑު ސިއްރެއް ފާޅުކުރަން ބޭނުމޭ. އަދި ސާރާއާއި އަހަރެން ކުރަން ބޭނުންވާ ސުވާލެއްވެސް އެބައޮތް..........." އައްމާރުގެ ޖުމްލައިން ސާރާގެ ހިތަށް ގޮތެއްވިއެވެ. ހިތް އަވަސްވާންފެށިއެވެ. އައްމާރު ބުނަން އުޅެނީ ކޮންފަދަ ވާހަކައެއް ބާވައެވެ. އަހަން އުޅެނީ ކީކޭހެއްޔެވެ؟ އޭނައަކީ ހުޅުވިފައިވާ ފޮތެކެވެ. އޭނަގެ ޢާއިލާގެ ވަނަވަރާއި އޭނަގެ ހުރިހާ މައުލޫމާތެއްހެން އައްމާރުއަށް އެނގޭނެއެވެ. އައްމާރުފަދައިން އެންމެ ލޯބިވާ މީހާއަށް ކަންތައް ތައް ފޮރުވައިގެން ހުންނަން ޖެހޭނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

"ފައިވް މިނިޓްސް އިނގޭ ބޭބީ. ޖަސްޓް ފައިވް މިނިޓްސް. އަންނަންވާއިރަށް މި ރަތްކުލައިގެ ނައިޓީ ލާތި އިނގޭ. ރަތްކުލައާއި ސާރާގެ ހަމާއި ވަރަށް ގުޅޭ.........." އައްމާރު އެ އިޝްޤީ ހިނިތުންވުމުން އަދި އެއްލޯ މަރާލުމަށްފަހު ސާރާ ގަނޑުކޮށްލާފައި ފާޚާނާއަށްވަދެ ދޮރު ލައްޕާލުމުން ސާރާ ހުރީ ޖެހި ބުދެއްހެންނެވެ. މަސްހުނި ޖަޒުބާތުތަކުން ސިކުނޑި ފިއްސަންފެށިއެވެ. ހިތުގެ ތެޅުން މަޑުކޮށްލަން މޭގައި ދެއަތްތިލަ ޖައްސާ ބާރުކޮށްލަމުން ސާރާ ދެލޯ މަރާލައިފިއެވެ.

ސާރާ ނައިޓީ ލުމުން ހަށިގަނޑުގެ ބޮޑުބައި ހާމަޔަށް ފެންނާން ހުއްޓެވެ. ކޮޓަރީގައި ނިދާބޮކި ދިއްލާފައި ހުރިއިރު އެބޮކީގެ އަލިކަންވެސް އިރުގެ އަލިކަމެކޭ އެވަގުތު އޭނައަށް ތަފާތެއްނުވިއެވެ. ތެޅިތެޅިވާ ހިތަކާއިއެކު އައްމާރުގެ އިންތިޒާރުގައި ގަޑިއަށް ބަލަން އިންދާ އައްމާރު ނުކުމެގެން އައީ މާވަރަކަށް ސެންޓު ޖަހާލައިގެންނެވެ. މަސްކުގެ ހިތްގައިމު ވަސް މުޅި ކޮޓަރީގެ ތެރޭގައި ހިފާލުމުން ސާރާ ފުންނޭވާއެއް ލަމުން ހިނިތުންވެލިގޮތުން އޭނަ އެވަހާއި ގަޔާވިވަރު އައްމާރުއަށް އެނގުނެވެ.

އައްމާރު ސާރާގެ ކައިރީގައި އިށީދެލާފައި ބަލައިލުމުން ސާރާ ސިހުނެވެ. އެދެލޮލުގެ ރީތިކަން ވަކިން ރީތިވެފައިވާހެން ހީވިއެވެ. މަސްތުން ފުރިފައިވާ ދެލޮލުން ބަލަމުން ދިޔަގޮތުން އެކަނި އޭނަގެ ހަށިގަނޑުގެ ނާރުތައް ހަލަބޮލިވެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.

"ގޯޑް. ތިހިރަ ދެލޮލުގެ ފުރިހަމަކަމެއް......" ސާރާއަށް ބުނެވުނެވެ.

"ރިއެލީ؟ " އައްމާރު އިނީ ކަޅިވެސް ޖަހާނުލާ އެ ކަތި ނަޒަރުން ބަލާށެވެ.

"އަހަރެން ބުނަން މިއުޅޭ ވާހަކަ ބުނުމަށްފަހުވެސް ސާރާ އަހަރެން ދެކެ ތިގޮތުގައި ލޯބިވާނަންތަ؟ އަހަންނަށްޓަކާ ހިތުގައިވާ ޖާގައެއް ބަދަލެއް ނާންނާނެތަ؟ " އައްމާރުގެ މޫނުމަތިން ސީރިޔަސްކަން ފާޅުވިއެވެ.

ކޮމެންޓް 0