"މިއީ އާއިލާއަށް އިތުރުވާ މެމްބަރުން ތަކެއް........" މަލީކް ހިނިތުންވެލި އިރު އެ ދެލޮލުން މިއިން ޒަމާނެއްގައި ނުފެންނަހާ އުފާވެރި ވިދުމެއްވިއެވެ. ދާނިޔަލް ބުމަ އަރުވާލާ އޭނަގެ ބޭބެ އާއި ހަތަރުކަޅި ހަމަކޮށްލި އިރު އެލޮލުގައިވާ ޝުއޫރުތައް ކިޔާލާކަށް ނޭގެއެވެ. ޖުވޭދާއިނީ ހިލަބުދެއްފަދައިން ހަރަކާތެއްނެތި މޫނު ހުދުވެފައެވެ. ބޭއިޚުތިޔާރުގައި ތުންފަތުގައި ދަތްއަޅާލެވިއްޖެއެވެ. އެންމެންގެ ބޮލަށް ތޫފާން ބިންދާލީ އިންޒާރެއްވެސް ނުދީއެވެ. ނަހުޔާންމެންގެ މަންމަ އެތައް ޒަމާނަކަށްފަހު އަނެއްކާ އެމީހުންގެ ހަޔާތަށް ގެންނަން މަލީކް ނިންމެވީ ކީއްވެހެއްޔެވެ؟ އޭނަ އާއިއެކު ގެނެސްފައި ހުރި ރީތި ޅަ އަންހެންކުއްޖާ ދީނާގެ ދަރިއެއްގެ ގޮތުގައި ތައާރަފު ކޮށްދިނުމުން އެންމެ ބޮޑު ލަދުވެތިކަމެއް އިހުސާސް ކުރެވުނީ ނަހުޔާން އަށެވެ. އޮޅުމެއްގެ ތެރޭގައި ދާނިޔަލް އާއި އެކުއްޖާ އަޅުވާކިޔުނީތީއެވެ.

ދީނާގެ މޫނުމަތިން ކުރީގެ ޅަކަން ކެނޑި މޫނު ތަންކޮޅެއް ވަށްވެފައިވީ ނަމަވެސް އެރީތި ދެލޮލުން ފެންނަނީ ވިސްނުންތޫނުކަމެވެ. އަދި މައިވަންތަކަން އިތުރުކޮށްލާފަދަ ގޮތެއް އެމޫނުގައިވިއެވެ. ދީނާގެ ރީތިކަމަށް ހިޔަނި އަޅާފައިވަނީ އެކަނި މޫނުގެ އެއްފަޅީގައިވާ ބޮޑު ލަކުނެވެ. މޫނުގެ އެއްފަޅި މުޅިން ސިފަ ގެއްލުވާލާފައި ވެއެވެ. ދީނާ ނުތަނަވަސް ކަމާއިއެކު އެންމެންގެ މޫނަށް ނަޒަރު ހިންގައިލަމުން ކުޑަ ހިނިތުންވުމެއް ދިނެވެ. މަލީކްގެ ދެބެން ގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ނުރުހުމުގެ އަސަރުފާޅުވެގެން ދިޔަ ސިކުންތު ކޮޅަކަށްފަހު މަލީކްއަށް ހިތްހަމަނުޖެހިފައި ވާފަދަ ނަޒަރެއް ދިނެވެ.

"އެނގޭ މި ވާހަކަ ކުރިން މެންޝަން ކޮށްލަން ޖެހޭނެ ކަން...." މަލީކް އާދައިގެ ޖުމްލައަކުން އެ މައްސަލަ ހައްލު ކުރަން އުޅުއްވިއެވެ.

"ބައްޕަ ކައިވެނި ކުރަން އުޅެނީ އަޅުގަނޑުމެން ދޫކޮށްލާފައި ދިޔަ މަންމަ އާއި އެކުގައޭ ބައްޕަ ނުބުނުއްވީމެއްނު، އިޓް ޖަސްޓް ސްލިޕްޑް ޔޯ ބްރެއިން.. ޑިޑްންޓް އިޓް......." ނަހުޔާން ނުރުހުމަށް މަލީކްގެ ފަރުވާލެއްނެތްހެން ހީވިއެވެ. މަލީކް ނަހުޔާންގެ ލޮލާއި ދިމާލަށް ބައްލަވަން އިންނެވީ ފިސާރަ ކެރިގެންނެވެ. އިތުރަށް ނަހުޔާންމެންނާއި ޖަދަލު ކުރައްވަން ބޭނުންވެނުލައްވާތީ އޭނަ އެވާހަކަ އަކަށް ޖަވާބެއް ނުދެއްވީއެވެ.

އޭރު ދީނާ އޭނަގެ ދަރިންނަށް ބަލަން ހުރީ އާދޭހުގެ ނަޒަރަކުންނެވެ. އަސަރުކޮށްފައިވާވަރު އެދެލޮލުން އެތައް ވާހަކައެއް ބުނާހެން ހީވިއެވެ. ދާނިޔަލް ވަގުތުން އިސްޖަހައިލީ ދެބުމަ ކައިރިކޮށްލަމުން އޭނަ އެކަމާއި ދެކޮޅުވެރިވެފައިވާވަރު އޮޅުމެއް ނެތި އޭނަގެ މަންމައަށް ހާމަކޮށްދެމުންނެވެ. ނަހުޔާން ހަމަ މަންމަގެ ދެލޮލަށް ބަލަހައްޓައިގެން ހުރީ ދަސްކުރަން ބޭނުންވެފައިވާ ގޮތަކަށެވެ. އަންހެނުން ނަކީ ބޭވަފާތެރި ނުބައި ބަޔެކެވެ. އޭނަގެ ހިތް ވަކިން ފޫހިވިއެވެ. ގަދަރުކުރަން ޖެހޭވަރުގެ ބަޔެއްކަމަށް ޔަގީނުންވެސް އޭނަ ނުދެކެއެވެ. މަންމައެއްގެ ރީތިނަމަށްވެސް ވިހަލީއެވެ. 

"އައި ހޭވް އޯލްރެޑީ މެރީޑް ހާރ، އަދި ގެ ނިމުނުހާ އަވަހަކަށް ދީނާ ގެއަށް ބަދަލުވާނެ..." މަލީކްގެ އަޑު އެއްވަރަކަށް ހިފެހެއްޓިފައިވެއެވެ. އޭނަގެ އާއިލާގެ ނުރުހުމާއި އެކުގައި ދެވަނަފަހަރަށްވެސް ދީނާ ހަޔާތަށް މިގެނައީ ޒުވާން ލޯތްބެވެ. އެ ހިތުން ދެވަނަ މީހަކަށް ޖާގައެއް ނުދެވުނީމައެވެ. އެތައް ދުވަހެއްވާންދެން އެކީގައި އުޅުނު ބައިވެރިޔާއަށް ޓަކައިވެސް ހިތުގައި މާ ބޮޑުއެއްޗެއް ނެތެވެ. ދާނިޔަލް ހުރީ ބަސްހުސްވެފައެވެ. ނަމަވެސް ހަގީގަތް ސިކުނޑީގައި ޖެހިގަތުމާއިއެކު އެ ރީތި ދެލޮލުން ކަނިބުރާލިހެން ހީވިއެވެ.

ދާނިޔަލް މޭޒުމަތީގައި އަތުންޖެހިލެއް ބާރުކަމުން އެތާހުރި ވާސް ވިއްސައިގެން ގޮސް އަޑުފަށްގަނޑަކާއި އެކު ތެޅިގެން ދިޔުމުން ދީނާއާއި އެކީގައި އައިސްފައި ހުރި އަންހެންކުއްޖާ ސިހި ޝޮކެއްލިބުނެވެ. ދާނިޔަލް ރުޅިވެރިކަމާއި އެކުގައި ނުކުމެގެން ދިޔައީ ދޮރު ބަންލާފައި ޖެހުމަށްފަހު އޭނަގެ މަންމަދެކެ ވާ ނަފްރަތު ރީއްޗަށް ފާޅުކޮށްފައެވެ. ޖުވޭދާ ހަރަކާތެއްނެތި އިންއިރު އޭނަ މަލީކްއަށް ހުއްޓާލި ދެލޮލުގައި ކަރުނަ ބޮނޑިވެގަތެވެ. ޖުވޭދާ އިނީ ކެތްތެރިވެލައިގެންނެވެ. އެތައް ފަހަރު ލިބާހުގެ ފަސްބައި އޮމާންކޮށްލައިފިއެވެ. ރީތިކޮށް އިސްތިރިކޮށްލާފައި އޮތްއިރުވެސް ހީވަނީ ރޫ ނުފިލައިގެން އުޅޭހެންނެވެ.

"އައި ވޯންޓް ލެޓް ޔޫ ގޯ އެވަރ އެގެއިން...." މަލީކް ގެ އަޑު ޖަޒުބާތުން ބަރުވެފައިވެއެވެ.

"މިލާން އާއި އަލުން ބައްދަލުވެވުނީމަވެސް ވަރަށް އުފާވެއްޖެ، ސޯ ސޮރީ މިހުރިހާ ކަންތަކެއް ފެންނަން ޖެހުނީމަ، މައި ސަންސް ކެން ބީ ކުއައިޓް ސްޓަބްން....." މަލީކް މާފަށް އެދިލައްވަމުން އެދެމައިން ގޮވައިގެން ބޭރަށް ނިކުންނެވިއެވެ.

ޝޮޕިން ސެންޓަރުން ދިމާވުމަށްފަހު މިލާންގެ ހުވަފެންތަކުގެ ޕްރިންސްއަށް ދާނިޔަލް ވެފައިވެއެވެ. އެހަނދާންތައް އޭނަވަނީ ހިތުގެ ފުންމިނުގައި ރައްކާކޮށްލާފައެވެ. "ޑެނިއަލް" އެނަން އިވުމުންވެސް މިލާންގެ ހިތުގައި ހީލިކެރުވުމެއް އުފެދުނީ އެހެންވީމައެވެ. ނަމުގެ ވެރިޔާއާއި އެއްވަރަށް ނަންވެސް ރީއްޗެވެ. ތަކުރާރުކޮށް ކަންފަތުގައި އެ ނަން ކިޔެމުންދާހެން ހީވިއެވެ. ތަގުދީރުގެ ސަމާސާ ނިކަން ދެކެބަލާށެވެ. އޭނަ ގެނެސް މިއަދު ލައްގާފައި މިވަނީ ކޮން މަންޒިލަކަށް ހެއްޔެވެ؟ ދަރިއެއްފަދައިން އޭނަ ބަލާބޮޑުކުރި މަންމަގެ ފިރިހެން ދަރިން ތިބޭކަން މިއެނގުނީ އަދި ކިރިޔާއެވެ.

ދީނާ މިލާންއަށް އަމުރުކޮށްފައި ވަނީ އޭނައަކީ ދަރިއެއް ނޫންކަން އެހެން މީހަކަށް ނޭންގުމަށެވެ. އޭގެ ސަބަބެއް އޭނަ އަކަށް އެއްގޮތަކަށް ވެސް އޮޅުމެއް ނުފިލައެވެ.

ދީނާ ގާތުގައި އެމީހުން ތިބޭ ބާވެފައިވާ މުސްކުޅި އިމާރާތުން ނުކުމެގެން އަންނަންވެގެން ގުޅާލައްވާފައި ކާރުގެ ހުންގާނުގައި އަތްތަޅާލާން އިންނެވިއިރު ތުންފަތްމަތީގައި ހިނިތުންވުމުގެ އަސަރުވިއެވެ. އޭރު ގަޑިން މެންދަމުން އަލިވެ ދޭއްޖަހައިފި އެވެ. މަލީކް ބިއްލޫރިގަނޑު ތިރިކޮށްލެއްވުމާއި އެކު ނޭފަތުގައި ޖެހުނީ ތެތް ވަހާއިއެކު ސިނގްރެޓްގެ ދުމުގެ ވަހެވެ. ހިޔަނިތައް ހުރިހާ ދިމާލަކުން ނަށާތަން ފެނެއެވެ. އަދި އިވުނީ ދިރިއުޅުން ބޭކާރު ގޮތުގައި ދުއްވާލާ ޑްރަގާއި، ރަލަށް އަޅުވެތިވެފައިވާ ޅަ ޒުވާނުންގެ އަޑުކަން ނޭގެއެވެ. މަލީކްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އިރުކޮޅަކުން ހަނިކަމުން ކިރިޔާ މީހަކަށް ހިނގޭވަރުގެ ސިޑިބަރިން ދީނާ ލަގެޖް ދަމަމުން އަންނަތަން ފެނުމާއިއެކު މަލީކް ކާރުން ފައިބަންނަވާފައި އަވަހަށް ލަގެޖް ގެނެސް ކާރުގެ ޑިކީއަށް ލައްވައިފިއެވެ. މިލާން އޭނަގެ މަންމަގެ ހިޔަނިފަދައިން ފަހަތުން އައިސް ކާރަށް އެރިއެވެ. ދީނާ ކުރީ ސީޓްގައި ހަމަޖެހިލި އިރު މިލާން އިނީފަހަތުގައި ދޮރުން ބޭރަށް ބަލާށެވެ.

މިލާން ގެ ހަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވާ އެ އަނދިރި، ކުޑަ ގޯޅިގަނޑު ދޫކޮށްލާފައި ދިޔުމުން ހިތަށް ނޭގޭފަދަ އުދަގޫތަކެއްވިއެވެ. ކޮންމެ ގޮތެއްވިޔަސް ޅައިރުގެ ހަނދާންތައް ގުޅިފައިވަނީ އެތަނާއެވެ. ޚިޔާލުތަކަށް ގެއްލިފައި އިން މިލާންއަށް ހޭވެރިކަންވީ މަލީކްގެ ބަރުއަޑުން ގެއަށް އާދެވިއްޖެކަމަށް ބުނުއްވުމުންނެވެ. މިލާން ދެލޯބޮޑުކޮށްލާފައި ބަލައިލުމާއި އެކު ހީވީ ހުވަފެނެއް ފެނުނުހެންނެވެ. ފެއަރީ ޓޭލްއެއް ސިފަވެގެން ދިޔަހެންނެވެ. ފެންނަން ހުރީ ރަންމުތުގެ ކުލައިން ޒީނަތްތެރިވެފައިވާ ތިންބުރީގެ ގެއެކެވެ. އަނދިރީގެ ތެރެއިން ވިދާހެންނެވެ. އައިވަރީކުލައިގެ ސަބަބުން ޕޮލިޝް ކުރެވިފައިވާ ހެން ގެ ހީވާއިރު އެތައް ކުޑަދޮރެއްގެ ކަނިތައް ކްރީމީ ރަންކުލައަކުންވާއިރު ނިކަން ޗާލެވެ. ބޮޑެތި ވަށް ބެލްކަނީތަކުން ދައްކުވައިދެނީ އެންމެ ޒަމާނީ ޑިޒައިނެވެ.

"އިމާރާތުގެ ބޮޑުބައި ހުންނާނީ ވަރަށް ވަރުގަދަ ޕޮލީފްލަޝް ބިއްލޫރިން ހަދާލާފައިކަމުން ހަމަ މެޓަލްވަރުވާނެ، އަނެއްކާ ދުވާލު ގަޑީގައި އެއްގޮތަކަށްވެސް ބޮކިތައް ބޭނުންކުރާކަށް ނުޖެހޭނެ، އެވަރު ވިސްނައިގެން އިމާރާތްކޮށްފައި ހުންނާނީ، ދީނާ އަބަދުވެސް ބޭނުންވެއެއްނު ރަނގަޅު ވެންޓިލޭޝަން އަދި އަލިކަން...." މަލީކް އެދެމައިން ގެންގޮސް ޕީޗްކުލައިގެ ދޮރަކާއި ހަމަޔަށް ގެންދެވިއިރު ކޮންމެވެސް ވަރަކަށް ގެއާއި ބެހޭ މައުލޫމާތު ހިއްސާ ކުރެއްވި އެވެ. ދޮރުތަޅުން ފެށިގެން ދޮރުފަތުގެ ޑިޒައިނާއި މެދު ހައިރާންވެ އަނގަހުޅުވިފައި މިލާން ހުރިތަން ފެނުމުން ދީނާ ހީލާފައި މިލާންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލައިފި އެވެ. މިލާން އެހާ އުފަލުން ހުރިތަން ދެކެފައި ދީނާއަށް މަޖާވިއެވެ. މަލީކްއަށްވެސް އެކަން އިހުސާސް ކުރެވި ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަގެ އިމާރާތުންވެސް ބަޔަކަށް އުފަލެއް ހޯދައިދެވިއްޖެއެވެ. މަލީކް އެދެމައިން ގޮވައިގެން އިމާރާތުގައި ބުރެއް ޖަހާލަން ގެންދެވިއެވެ. ތިންބަޔަށް ނަގާފައި ހުރިނަމަވެސް ކޮންމެ ބަޔެއް އެހާ ތަނަވަސްވެފައި ހިތްފަސޭހަކަމުން އެތައް ބަޔަކަށް ދަތިކަމެއްނެތި އުޅެވިދާނެއެވެ. ފުރަތަމަ ފްލޯރގައި ވަނީ ޕާސަނަލް ޖިމްއަކާއި ޕޫލްއަދި ޑާރޓްފަދަ އިންޑޯ ގޭމްތައް ކުޅެލެވޭ ބަޔަކާއި، އެލްސީޑީ ޓީވީއަކާއި މަލްޓިޕްލް ވީޑިއޯ ގޭމް ސިސްޓަމެއްވާ ކޮޓަރިއެއްވެސް ހިމެނޭ ކޮޓަރި އަކާއި އެކުގައެވެ. ދެވަނަބައިގާ ސިޓިން ރޫމާއި ބަދިގެ ހިމެނޭއިރު އެންމެ މަތީބައި ޚާއްސަވެފައިވަނީ އެންމެންގެ ނިދާ ކޮޓަރިތައް ހިމެނޭގޮތަށެވެ. އެބައިގާ ނަމާދު ގެއަކާއި ސްޓަޑީއެއް ވެސް ވެއެވެ.

ޓެރެސް ޒީނަތްތެރި ކުރެވިފައި ވަނީ މިލާން މޮޔަވާހާ ރީތިކޮށެވެ. ކުޑަ ބަގީޗާއެއް ހައްދާފައިވާއިރު ޕޮޓްތަކުގައި ނާދިރު ގަސްތައް އިންދާފައިވެއެވެ. ތަފާތު ކުލަކުލައިގެ މާތަކުގެ މީރުވަހުން ފަޒާ ހުވަދުލެވިފައިވެއެވެ. ވަށްކޮށްވާ ކުޑަ ފަތާފެންގަޑު ކާރީގައި ބީޗްޗެއަރތައް އަތުރާލާފައިވާއިރު ފަތާފެންގަނޑުގެ ވަށައިގެންވާ ބައި ހަދާފައިވަނީ ވެސް ބޭރުފެންނަ ބިއްލޫރިން ކަމަށް ވާތީ ފެންގަނޑަށް އެރިލުމުން ސާފުކޮށް ބޭރުގެ މަންޒަރުތައް ފެނެއެވެ. ސްޓޯރަކަށް ހުރިތަނުގެ ތެރެއިން ބޯދިއްކޮށްލުމުން މިލާންއަށް ބާބެކިއު ގްރިލްއެއް ފެނުނެވެ. ކޮންމެ ދިމާލަކުން ފެންނަނީ އަންތަރީސްވާފަދަ މުއްސަނދިކަމުގެ ކުލަވަރެވެ.

"ވާއު...." މިލާން ހުރީ ބަލާފައި ނުބަލަންވާ ދިމާލެއް ނޭގިފައެވެ. ހިތާހިތުން ކޮންމެ އެއްޗަކަށް ތައުރީފު ކުރެވުނު އަދަދެއްވެސް ނޭގެއެވެ. 

އިމާރާތް އެމީހުންނަށް ދައްކައި ނިމުމަށްފަހު މަލީކް އެދިލެއްވީ ދީނާ އޭނަގެ ކޮޓަރިއަށް ނިދަން ދިޔުމަށެވެ. އަމިއްލަ ދަރިއަކަށް ތައްޔާރު ކުރާނެ ފަދައަކުން މިލާންއަށް މިގެއިން ކޮޓަރިއެއް ތައްޔާރުކޮށްފައިވާނެ ކަމަށް ބުނުއްވިއިރު މަލީކްގެ ހިތުގައި ރާއްވަވާފައި ވަނީ ކޮންފަދަ ކަމެއްކަން މިލާން އަކަށް ނޭގެއެވެ. ޖުވޭދާއަށް ނާއިންސާފުން ކަންތައް ކުރެވިދާނެ ކަމުގެ ބިރުން މަލީކްއާއި އެކު އެކޮޓަރި ހިއްސާނުކުރަން ދީނާ ގަދަ ހަދާފައިވެސް ދޫކޮށްލަން ޖެހުނީ މަލީކް ބާރުއެޅުއްވުމުންނެވެ.

މިލާންއަށް ތައްޔާރުކޮށްފައިވާ ފުރިހަމަ ކޮޓަރި ފެނުމުން މިލާންގެ ރީތި ދެލޮލުން ކަރުނައިގެ އަސަރު ފެނިގެން ދިޔައެވެ. ކޮންމެ ކޮޓަރިއެއްވަނީ ބާތްރޫމާއި އެކީގައި ހަދާފައެވެ. މިލާން ހިނގައިގަންނަން ނޭގިފައި އިރުކޮޅެއްވާންދެން ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ. ސަދުވާ ދަމާލާފައިވާ އެނދު ހީވަނީ ރަނިކަނބަލެއްގެ އެނދުކޮޅުހެންނެވެ. ސީލިން ޑޯމްއެއްގެ ޑިޒައިނަށް ހަދާފައި ރޭގަނޑުގެ އުޑުފަދައިން ކުރަހާފައިވުމާއިއެކު ކޮޓަރީގެ ބޮކިތައް ނިވާލުމުން ކުދި ތަރިތައް ވިދަންފެށީ އަނދިރީގައި ދިއްލޭ ދަވާދުގެ ސަބަބުންނެވެ. މޫދާއި ސިޓީގެ މަންޒަރުތައް ހާމަޔަށް ފެންނަން އޮތްއިރު މިލާން ބޭނުންވެއްޖެ ހިނދެއްގައި ކުޑަ ރިމޯޓެއްގެ ބަޓްން އަކަށް ފިތާލާއިރަށް ކޮޓަރީގެ ވަށައިގެން ކާޓްންއެއް ދަމައިލެވޭނެއެވެ. އަންހެންކުއްޖަކު އެންމެ ހިތްއުފާވާ ގޮތަށް ތައްޔާރު ކޮށްފައިވާ ޒަމާނީ ތަނެކެވެ. މިލާން ރަކިވެފައި ހުރިތަން ފެނިލައްވާފައި މަލީކް މިލާންގެނެސް މޭގައި ޖައްސާލެއްވީ ހިތަށް ކުރެއްވި އަސަރަކުންނެވެ. އެކުޑަ ކުޑަ އަންހެންކުއްޖާއަށް ޒަމާނީ ކޮޓަރިއެއްވެސް މިފެނުނީ އަލަށްކަން އިހުސާސް ކުރެވުމުންނެވެ. އެފަދަ ބަދުނަސީބު ކުއްޖެއްގެ ހަޔާތަށް އުފާތަކެއް ގެނެސްދޭންވީ ވަގުތު މިއޮތީ ޖެހިފައެވެ.

ދީނާ މިލާންގެ ނިތްކުރީގައި ބޮސްދީފައި ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ނުކުތުމުން މިލާން އެކަނިވިއެވެ. މިލާން ބެލްކަންޏަށް ނިކުތުމާއިއެކު ފިނި ވައިރޯޅިއެއް ހާމަޔަށްވާތަންތަނުގައި ފިރުމާލީ ލޯބިވެރިޔެއްހާ އޯގާތެރިކޮށެވެ. ރެއިލިންގައި އޮޅިފައިވާ ވެޔޮތަކުގައި މާތައް ފޮޅިފައިވާއިރު އެތައް މާގަސް ޕޮޓްތަކާއި އެކު ވިންޑްޗައިމް ބެލްކަނީގައި އެލުވާލާފައިވާ ގޮތުން ތަނުގެ ޒީނަތްތެރިކަން އެތައް ގުނަ އިތުރުކުރުވައެވެ. މިލާން އިރުކޮޅެއްވާންދެން ހެއްލާ ގޮނޑީގައި ދެލޯމަރާލައިގެން އިންއިރު ދުރުން މޫދާއި ސިޓީގެ ރީތި މަންޒަރުތައް ފެނެއެވެ. މިލާން ބާތުރޫމަށް ވަނީ ހެދުން ބަދަލުކުރާށެވެ. ރޯމަން ތަނެއްހެން ހީވީ އެތަނުގައި ހުރި މާބްލް ކޮލަމްތަކާއި، ބިއްލޫރި ޝަވަރު އަދި ވަށް ބާތުޓަބުންނެވެ. މިލާން ފަދަ އަންހެންކުއްޖަކަށް މިއީ މުޅިން ބީރައްޓެހިތަނެއްކަމުގެ އިހުސާސް ކުރެވުނެވެ. މިއީ އޭނަ އާއި އެކަށީގެންވާފަދަ ތަނެއްނޫނެވެ. މިފަދަ ތަނެއްގެ ސަބަބުން ފެންވަރުވެސް އޮޅިދާނެއެވެ. މިލާން އެނދުގައި އޮށޯތް އިރު އޭނައަށް ނޭގުނީ އޭނަ ޕްރިންސެސްފަދަ ކަމާއި، އެތަނާއި އެންމެ އެކަށީގެންވާކަމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މިލާން އޮށޯތުމާއިއެކު ފޮނި ނިންޖަކަށް ގެނބުނެވެ. ދިރޭ އެއްޗެއް ގަޔަށް އަރާފާނެތީ އާއި، ހަރު ގޮދަނޑިތަކުގައި ނިދުމުގެ ސަބަބުން ބައެއްފަހަރު ގަޔަށް ނަރު ވަންނަކަމުގެ އުދަގޫތަކާއި ހުރިހާ ކަމަކުން ސަލާމަތްވެގެން އޮވެއެވެ.

ދާނިޔަލް ބެލްކަންޏަށް ނުކުތްއިރު ފެނުނު މަންޒަރަކުން އޭނަގެ ހިތަށް ނުބައި އިހުސާސްތަކެއް ކުރެވުނެވެ. އޭނަގެ މަންމަ އާއި ބައްޕަ އަތުގުޅުވާލައިގެން ބަގީޗާ ތެރޭގައި ހިގާލަން ދާއިރު ޅަ ލޯބިވެރިން ފަދައެވެ. އެއީ މިވީހާތަނަށް އޭނައަށް ލިބިފައި ނުވާ ނަސީބެކެވެ. އުމުރުން ދުވަސްވެ މުސްކުޅިވިޔަސް އަލަތު ލޯބި ފަނޑުވުމެއް ނާންނަނީކަން ނޭގެއެވެ. އެހެންނޫންނަމަ ބައްޕައަށް ބޭވަފާތެރިވި މަންމައަށް އަލުން ބައްޕަގެ ހަޔާތުން ފުރުސަތެއްވެސް ނުދިނީހެވެ. ނަމަވެސް ތެދުވެރި ލޯބި ހުރިހާ ފާރުތަކެއް ގިރާކޮށްލާނެއެވެ. އެކީގައި އުޅޭތާ އެތައް ޒަމާނެއް ވުމުންވެސް ޖުވޭދާއަށް ބައްޕަގެ ހިތުން އެފަދަ މަގާމެއް ނުހޯދުނެވެ. ދާނިޔަލް ވެސް އެފަދަ ލޯތްބަކަށް ބޭނުންވިއެވެ. ދާނިޔަލް އިރުކޮޅެއް ވާންދެން އަނދިރީގައި މަންމަމެންގެ ހަރަކާތްތައް ދެކެން ހުރުމަށްފަހު ފަހަތަށް ޖެހުނީ ބަލަން ނުވާ މަންޒަރެއް ފެނިދާނެތީއެވެ.

މިލާން ކުޑަދޮރުތައް ހުޅުވާލުމުން ހެޔޮވަރަކަށް ވައިރޯޅިތައް ވަދެ ކޮޓަރި ފިނިކޮށްލާފައިވެއެވެ. މިލާން އޭނަގެ މަލެއްފަދަ ހަށިގަނޑު ތުވާއްޔަކުން ހިއްކާލާފައި ނޫ ޖިންސަކާއި ރަތްކުލައިގެ ހެދުމެއް ލުމުން ހެދުމުގެ ހިޔަނި މޫނަށް އެޅުނުހެން ހީވިއެވެ. މިލާން އެންމެ ފުރަތަމަވެސް ކުރީ އަސުރު ނަމާދެވެ. މަންމަ ސައިބޯން ގޮވުމުންވެސް މިލާން އިނީ ބޭރަށް ނިކުންނަ ހިތްނުވެފައެވެ. ހައިރާންވީ ރޯޒާ ތަބަކެއްގައި ސައި ގެނެސް މޭޒުމަތީގައި ބަހައްޓާފައި ދިޔައީމައެވެ. މިލާން ލަދުގަތެވެ. އޭނައަކީ ރަނިކަނބަލެއް ފަދައިން އުޅެން ހޭނިފައިވާ ކުއްޖެއް ނޫނެވެ. ހަތަރެސްފަޔަށް ނޯކަރެއް ހުރުމަކީ ހުވަފެނެއްގައި ވެސް ދެކެފައިވާ ކަމެއް ނޫންވިއްޔާއެވެ. ނަމަވެސް މިގެއަށް އައިފަހުން ފެންނަނީ މުޅިންވެސް އިހުސާސް ކުރެވެނީ އެފަދަ ގޮތެކެވެ.

ދާނިޔަލްގެ ކުރިމައްޗަށް ދާންޖެހިދާނެތީ އޭނަ ތިރިއަށް ފައިބާ ހިތް ނުވީއެވެ. ދާނިޔަލް ފެނުމުން ހިތަށް އަންނަ ހަލަބޮލިކަމާއި، އެ ހިތްގައިމު ނަޒަރުން މޫނަށް ވެރިވެދާ ރަތްކުލަ އެހެން މީހުންނަށް ނުފޮރުވިދާނެހެން ހީވަނީއެވެ. މިލާން އަމިއްލަ ނަފުސަށް އަޑުލިއެވެ. ދުނިޔޭގެ ނަޒަރުގައި ދާނިޔަލްއަކީ އޭނަގެ ބޭބެ އެކެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ ހިތްކިޔަން އެނޫން ފިރިހެނަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީ ހެއްޔެވެ؟ ހިތަކީ އަމިއްލަ ބާރެއްނެތް އެއްޗަކަށް މިއަދު ވެފައިވާ ހިނދު މިލާންއަށް ކުރާނެ މާ ބޮޑުކަމެއް ނުފެނުނެވެ. ހިތުން އެ ރީތިކަން ފިލުވައިލެވެންވެސް ނެތެވެ.

އިރުއޮއްސި ވަގުތުތަކެއް ފާއިތުވެގެން ދިޔަފަހުން މިލާން ބޮކި ނިވާލައިގެން އޮވެ ވިސްނީ ދާނިޔަލް އާއި މެދުގައެވެ. އެ ރީތިކަމާއި، ސްމާޓް ކަމާއި މެދުގައެވެ. މިވީހާތަނަށް އޭނަގެ ޅަހިތްވަނީ ހުހަށެވެ. އެއްވެސް ފަރާތަށްޓަކައި އެހިތުގައި ވިންދު ޖަހާފައެއްނުވެއެވެ. ކަމުދާ މީހަކުވެސް ނުފެނެއެވެ. އޭނަގެ އެކުވެރި ކުދިން މީހުންނަށް ހިތްކިޔަމުން އުޅުނުއިރު އޭނަގެ ހިތުގައ އެފަދަ ޝައުގެއް ނެތީމަ އޭނަ ގެ ބަޔެއް މަދީކަމަށް ހީކުރެވުނެވެ. ހުރިހާ ހިއްސުތައް ހަމަކަން އެނގުނީ ޝޮޕިން ސެންޓަރުގައި ހިނގި ކުޑަ އެކްސިޑެންޓަށް ފަހުގައެވެ.

"އަބަދަކު ފިލައިގެން މިހެން ނޯވެވޭނެ..." މިލާން އޭނައަށް މަންމަ ދިން އާ ފޯނު ހިފައިގެން ނުކުމެގެން ހިނގައިގަތީ ޓެރެސްގެ ސިޑިއާއި ދިމާލަށެވެ. ހީވަނީ އެހެން އެންމެންނަށް އޭނަ އެކަނިވެރިވާން ބޭނުން މިންވަރު ދެނެގެން ފުރުސަތު ދީފައި ގޮސްފައިވާހެންނެވެ. ބޭނުންވިފަދަ މާހައުލެއް ލިބުނެވެ. މިލާން ރެއިލިންގައި ދެއުޅަބޮށި ޖައްސާލައިގެން ހުރެ އުޑާއި ދިމާލަށް ބަލައިލިއިރު އުޑު ވިދާ ބަބުޅަމުން ދިޔައީ އެތައް ސަތޭކަ ތަރިތަކުންނެވެ. ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ހުއްޓާ މީހަކު ފޯނުން ވާހަކަދައްކަމުން އަންނަ އަޑުއިވުމާއިއެކު މިލާންގެ ހިތް ދިރޭރަހަފޮދެއްހެން އެނބުރިގަތެވެ. އެކަނި ހުރެވެސް ރަކިވިއެވެ. އަވަސްއަރުވާލާފައި ދާން އުޅެގަތުމުން އޭނަ ގެ ކަކޫމައްޗަށް ވެއްޓުނީ ފައި އޮޅިގެން ނޫންކަމެއްވެސް ނޭގުނެވެ. ބާރުގަދަ އަތެއްގެ އެހީގައި އޭނަ ކޮޅަށް ނެގިއެވެ. ސިކުންތުކޮޅެއްގެ އެހީއަކަށްފަހު އޭނަގެ ހިތުގެ ވެރިޔާ އެދިޔައީ ދެވަނަ ފަހަރަށް ބަލައިވެސް ނުލައެވެ.

މިލާން ގޮސް އިށީދެލީ އެތާހުރި އުނދޯއްޔެއްގައެވެ. ލަވަ އަޑުއަހާލައިގެން އިނދެ ހިތަށް ހަމަޖެހުމެއް ލިބޭތޯ މަސައްކަތް ކުރާށެވެ.

"އައި ހޭޑް އެ ޑްރީމް އޮފް ޔޫ އެންޑް އައި
އެ ތައުޒަންޑް ސްޓާރސް ލިޓްއަޕް ދަ ސްކައި
އައި ޓަޗްޑް ޔޯ ހޭންޑް ޔޫ ވާރ ގޯން
ބަޓް މެމަރީސް އޮފް ޔޫ ލިވް އޯން...."
ލޯތްބަކީ މިއީހެއްޔެވެ؟ ލޯބިވެވެނީ މިހެން ހެއްޔެވެ؟ މަންމައަށް އެނގިއްޖެއްޔާ އޭނަ އާއި މެދު ދެކޭނީ ކޮންގޮތަކަށް ހެއްޔެވެ؟ މިލާން އެހެން އިންއިރު ހީވީ ކޮންމެވެސް މީހަކު އޭނަގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރިހެންނެވެ. މިލާން ގެމޫނަށް އުދަގޫކުރަމުން ދިޔަ އިސްތަށިކޮޅުތައް އަތުން އެއްފަރާތް ކޮށްލާފައި ތެދުވެ ވަށައިގެން ހޯދާލައިފި އެވެ.

ކޮމެންޓް 0