ދާނިޔަލްގެ ދެލޮލުގެ ތޫނުކަމުން އެ އަނދިރީގެ ތެރޭގައި ވެސް މިލާންގެ ހިތް ފޫ އަޅުވައިލިހެން ހީވިއެވެ. އެވަގުތު މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުން މިލާން ދުވަމުން ގޮސް ކޮޓަރިއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. އޭރު މިލާންގެ ހިތް ތެޅޭވަރުން ހީވަނީ އެހެންކަމެއް ހެންނެވެ. މިލާން ފާރަށް ލެނގިލައިގެން އިރުކޮޅެއްވާންދެން ހުރެލާފައި ހިތް ހަމަޔަކަށް އަޅުވައިލުމަށްފަހު އިރާއަށް ގުޅާލީ ދެމީހުން އެކީގައި ކާންވެގެންނެވެ. މިލާން ހުރީ ދާނިޔަލް އާއި އެކަނިވެލާނެ ވަގުތެއް ނުލިބިފައެވެ. ފަހުން ވިސްނައިލުމުން އެނގުނީ އޭނަ ކިޔަވަންދާ ވާހަކަ ދާނިޔަލް ގާތުގައި ބުނުން ރަނގަޅު ނޫންކަމުގައެވެ. އޭރުން ދާނިޔަލް އެމެރިކާއަށް ދިޔުން ކެންސަލް ކޮށްފާނެ ކަންނޭގެއެވެ.

ހެނދުނު ތެދުވެގެން މިލާން ބެލްކަނީގެ ދޮރު ހުޅުވާލިއިރު އުޑުމަތީގައި އެކިގޮތްގޮތަށް އެތުރިފައިވާ ވިލާތަކުންވެސް މިލާންއަށް ފެނުނީ ހިތްތައް ސޫރަވެފައިވާ ތަނެވެ. ސިކުނޑިއަށް ފެންނަނީ އެކަނި ދާނިޔަލްގެ ހިނިތުންވުންތަކެވެ. ހިތް ވިރޭފަދަ ބަލައިލުންތަކެވެ. ހިތްގައިމު އަދާތަކެވެ. ކަންފަތުގައި ހަރުލާފައި ވަނީ ދާނިޔަލްގެ ލަފުޒުތަކެވެ. ލޯތްބަކީ މިއީއެވެ. މިފަދަ ތެދުވެރި ލޯތްބެއްވުމަށްފަހު ދާނިޔަލް ގެއްލިއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. ޖެހެމުންދާ ނަލަ ވައިރޯޅިތައް ހަށިގަނޑުގައި ބީހިލުމުން މިލާން ހިނިތުންވެފައި ދެލޯ މަރާލިއެވެ. ފެންނަ ކޮންމެ ތަނެއްގެ ރީތިކަން އިތުރުވެފައި ވަނީ ހިތުގައި ލޯބި އުފެދިފައިވާތީކަން ނޭގެއެވެ. މިލާންއަށް އަދި ކާމިޔާބު ނުވިކަމުގައިވިޔަސް އޭނަދެކެ އިންތިހާއަށް ލޯބިވާ ޒުވާނަކު އެބަހުއްޓެވެ. އިރާދަކުރައްވާފައިއްޔާ ސިންޑްރެއްލާ ނޫނީ ސްނޯވައިޓްފަދަ ކުޑަކުދިންގެ ފެއަރިޓޭލްއެއްހެން އޭނަގެ ދިރިއުޅުން އުފާވެރި ގޮތަކަށް ނިމޭނެއެވެ. މިހާރު އޮތީ ދުއާކުރުމެވެ. ލޯބިވާނެ މީހަކު އެބަހުއްޓެވެ.

މިލާން ފެންވަރާލައިގެން ގަޔަށް ދޫ ގަމީހަކާއި ޖިންސެއްލުމަށްފަހު ފުނާ އަޅާލުމުންވެސް ރީތިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. އޭނަ ކާކޮޓަރިއަށް ވަންތަނުން ޖުވޭދާ ނުރުހުމުގެ ނަޒަރަކުން ބަލައިލުމުން މިލާންގެ ޅަހިތް ވިރޭގޮތްވިއެވެ. ޖުވޭދާ ފެނުމުން އޭނަ މިފަހަކަށް އައިސް ބިރުގަނެއެވެ. އެދެލޮލުން ފިއްސާލާނެހެން ހީވާ ފަހަރުވެސް އާދެއެވެ. އިރާއަށް ދޭން ކޮފީ ހަދާލައިގެން އައިއިރު އިރާ ހުރީ ފާޚާނާގެ މޫނު ދޮންނަތަށި ކާރީގައި އޯކަށް ދަމާލަދަމާލައެވެ. މިލާންގެ ސިކުނޑިން ނުބައި ސިގްނަލެއް ދިނެވެ. "ޕްރެގް" އެހެން ހިތަށް ނާރާން ވީ ސަބަބެއްނެތެވެ. އެއީ ކައިވެނި ކުރުމަށްފަހު ކޮންމެ އަންހެންކުއްޖަކަށް ދިމާވުން އެންމެ ކާރި އެއްކަމެވެ.

"އިރާ ވަޓް ހެޕެންޑް، ކަމެއްވީތަ؟ " މިލާން ސިހިފައި ހުރެ ބުނެލައިފި އެވެ.

"ޑެނީ ދިޔައީ ފްރެންޑުންނާއި އެކު ބޭރަށް، އަވަހަށް ނާދެވޭނެއޭ ބުނީ، މިލާން ޑޯންޓް ޓެލް ހިމް އިނގޭ، އަހަރެން މިފަހަރު އަނެއްކާ ހެނދުނު މޭ ނުބައިކޮށް އުދަގޫވަނީ، ވަރަށް ޓަޔަޑްވެސް ވޭ، އަހަންނަކަށް ޔަގީނެއްނޫން ޕްރެގް ކަމެއް، ޕްރެގްވެގެން ވެސް ނުވާނެ، މަންމަ ގަވާއިދުން ކޮންމެ ދުވަހަކު ޕިލްސް ކާންދޭ. މިލާން އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟ " އިރާ އެދުނީ ކިޓެއް ގަނެގެން ގެނެސްދިނުމަށެވެ. އިރާ މިލާން އާއި ދިމާލަށް އެނބުރުނު އިރު ފެނުން ތެމިފައިވާ މޫނުވަނީ ތެމިފައެވެ. މިލާންއަށް އިރުކޮޅެއްވާންދެން އިރާ އާއި ދިމާލަށް ބަލަން ހުރެވުނު އިރު ދާނިޔަލް އާއި ހާދަ ގުޅެއޭ ހިތަށްއެރިއެވެ. ބާބީޑޯލްއެއްހާ ލޯބިކޮށް ހުރެފައި އެހާ ދޮނެވެ. މައުސޫމް ގޮތެއް އެބަހުއްޓެވެ. ދާނިޔަލް ފަދަ ފިރިހެންވަންތަ ސްމާޓް ޒުވާނަކާއި މިފަދަ ލޯބިކުއްޖަކުގެ ޖޯޑު ފުރިހަމައޭ ނުބުނާނީ ކާކުހެއްޔެވެ؟ އެދޭތެރެއަށް ވަދެވުނުކަމުގެ މޮޔަކަން ހީވެ މިލާން ލަދުގަތެވެ. އެހެންނޫނަސް މިއަދު މިއިވުނު ޚަބަރަކުން މިލާންގެ ހުވަފެނުގެ ގަނޑުވަރު ބިމާއި ހަމަކޮށްލައިފިއެވެ. އެއުފާވެރި ކުޑަ އާއިލާއަށް ހުރަސް އެޅުމުގެ އެއްވެސް ހައްގެއް އޭނައަށް ލިބިފައެއްނެތެވެ. ހިތަށް ވެފައިވާ ނުބައިގޮތަކުން މުޅިކުއްޖާ ފިނިވެއްޖެއެވެ.

"މިލާން...." އިރާ ގޮވާލައިފިއެވެ.
"ހޫމް...." މިލާން ކުރިއަށް ޖެހިލާފައި އިރާގެ އަތުގައި ހިފާލައިގެން ގެންގޮސް ބެލްކަނީގައި ބޭންދިއެވެ. އޭރު ބެލްކަންޏަށް ނިކަން ފިނިވައިރޯޅިތަކެއް ޖެހެމުން ދިޔައެވެ. ދުވަސްތަކަކަށްފަހު އަނެއްކާ މޫސުމް ގޯސްވާން އުޅެނީކަން ނޭގެއެވެ. ހެދުނު ކަފަކޮޅުތައްހެން ފެންނަމުން ދިޔަ ވިލާތައް މިހާރު އެއްވަމުންގޮސް އުޑުމަތި އޮތީ ބައްދާލާފައެވެ. ޕޮޓްތަކުގައި ހުރި މާތައް ފޮޅިފައިވާއިރު އެހިސާބުގައި ދުވަނީ ލުއި މީރުވަހެކެވެ. ބެޑް އަދި ޖަޕަނީޒް ރޯޒްގެ އެކި ކުލަކުލައިގެ ކުދި މާތައް ބައެއް ޕޮޓްތަކުގައި ފޮޅިފައިވާއިރު ކުލަތަކުގެ ވާދަވެރިކަމެއް އުފެދިފައިވާހެން ހީވިއެވެ. އިރާ އަކީވެސް އޭގެ ކުޑަކުޑަ ނާޒުކް މަލެކެވެ. އެމަލަށް ގޯނާއެއް ކުރުމުގެ ހައްގެއް ދާނިޔަލް އަކަށްވެސް ލިބިގެން ނުވާނެއެވެ.

"މިކުރެވެނީ ކޮން ކަހަލަ ޚިޔާލެއްތަ؟ އަހަންނަކަށް ނޭގޭ، ޑެނީ މިއަދުން ފެށިގެން އަހަންނަށް ގެއްލެނީ ބާ، އިރާގެ މީހަކަށް ވީމައެއްނު އެދެމީހުންގެ ކުއްޖެއްވެސް ދުނިޔެއަށް އަންނާނީ. އަހަރެން މަރުވާނީ ކަންނޭގޭ، ލައިފްގެ އެއްވެސް މާނައެއް ދެނެއްނެތް...." މިލާން އަމިއްލަ ހިތާއި ވާހަކަ ދެއްކިއެވެ. ކިތަންމެ ވަރަކަށް ކެތްކުރަން އުޅުނަސް ލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ. ތުންފަތުގައި ބާރަކަށް ދަތްއަޅައިލެވުނެވެ.

"މިލާން އެބަހުރިންތަ؟ އާރ ޔޫ އެންގްރީ ވިތް މީ....." އިރާ ދެރަވެލާފައި އަހާލައިފި އެވެ.

"ނޫން ނޫން ނޫން... ކޮންކަމަކާތަ؟" މިލާންއަށް ހީވީ އިރާ އޭނަގެ ހިތުގައިވާ އެއްޗެއް ކިޔާލިހެންނެވެ. އަނދިރިކުދިންގެ ހިތަށް ފެންނާނެއޭ އެބުނަނީ އެމާނައިގައި ބާވައެވެ. މިލާންގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނެވެ. އިރާގެ މަގާމުގައި އޭނަ ހުރިނަމަ މިއަދު ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަ އާއި ލޯބިވާ ފިރިމީހާގެ ދިރިއުޅުމަށް އެހެން އަންހެންކުއްޖަކު ވަންނަން ބޭނުންވާނެ ހެއްޔެވެ؟ އިރާއަކީ ހާދަ ބަދުނަސީބު އަންހެންކުއްޖެކެވެ.

"އަހަރެން ބުނީމެއްނު ޑެނިއެލް އާއި އެކު ސްލީޕް ނުކުރަމޭ، އެކަމަކު އެފަހުން...... އައިމް ސޮރީ މިލާން....." އިރާ ނިޔަފަތީގައި ދައިގަތެވެ. އިރާވެސް އިނީ އުދަގޫވެފައެވެ. އިސްނެގީ ދާނިޔަލްއޭ ކިޔައިގެން މިލާންގެ ގާތުގައި ދާނިޔަލް ބޭޒާރުކުރާކަށް އިރާ ބޭނުމެއްނުވީ އިރާގެ ހިތުގައިވާ މަތިވެރި ލޯބީގެ ސަބަބުންނެވެ. ދާނިޔަލްގެ އުފަލާއި މެދު ވިސްނާލާފައި ހިތް އަދިވެސް ރޮނީއެވެ. މިލާން އާއި ދާނިޔަލް ގުޅުވަން މަސައްކަތް ކުރުމަށްފަހު މިހާރު އިރާވެސް ދާނިޔަލް އާއި ވަކިވާން ހިތެއްނުރުހެއެވެ. އަމުދުން އިރާއަށް ދަރިއަކު ލިބިއްޖެއްޔާ ދާނިޔަލް އާއި ވަކިވެގެން ދުރަށް ދެވޭނެ ގޮތެއް އިރާގެ ވިސްނުމަކަށް ނާދެއެވެ. ނަމަވެސް ދާނިޔަލް ގެ ނިންމުމާއި އިރާ ދެކޮޅެއް ނަހަދާނެއެވެ. މިއަދު އޭނަ ދޫކޮށްލާފައި ދިޔަސް ޝަކުވާއެއް ނުކުރާނެއެވެ.

"އިޓްސް އޯކޭ އިރާ، އަހަރެން އެބައަންނަން ކިޓެއް ގަނެލައިގެން......" މިލާން އަވަސްވެގަތީ އެތަނުން ނިކުމެގެން ދިޔުމަށެވެ. ޓެސްޓް ނެގެޓިވްވާން ހިތާހިތުން އެދިފައި މިލާން އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ހާދަ އަމިއްލަ އެދުން ބޮޑު އަންހެންކުއްޖެކެވެ. ތިމާއަށް ލިބެން ނެތް ނަސީބެއް އެހެން ކުއްޖަކަށް ލިބެން އުޅުނީމަ އޭނަގެ ހިތަށް ވަސްވާސްދެނީ ޝައިތާނާ ނޫން އެއްޗެއް ކަމަކަށް ނުވާނެ އެވެ. އެންމެ ގާތް އެކުވެރިޔާއަށް ދެރަގޮތެއްވާން މިލާން ގެ ހިތެއްނޭދެއެވެ. ނޫނެކެވެ. ހުރިހާކަމެއް ވާނީ ރަނގަޅަށެވެ. ކޮންމެ ކަމަކަށްވެސް ސަބަބެއް އޮންނާނެ އެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ހުރިހާކަމެއް މިންވަރު ކުރައްވާނީ އިންސާނުންނަށް އޭގެ ހިކުމަތެއް ނުވިސްނުނަސް ރަނގަޅަށެވެ. ވީމަ އޭނަ އިތުބާރު ކުރާނެ އެވެ. ހަމްދުކުރާނެއެވެ. ދެރަގޮތެއް ނުވާނެ ކަމުގެ އުއްމީދު ކުރުން ނޫންގޮތެއް މިވަގުތަކު ނެތެވެ.

މިލާން ކިޓެއްގަނެގެން އައިސް ދެކުދިންވެގެން ޓެސްޓް ކުރިއިރު ޕޮޒިޓިވްކޮށް ދެއްކުމުން މިލާންގެ ބޮލަށް އެނބުރުން އަރައިގެންދިޔައެވެ.

"އިރާ އިޓްސް ޕޮޒިޓިވް...." މިލާން ހުރީ ގަނޑުވެފައިވާ ބުދެއްހެން ހިރިލާން ނޭގިފައެވެ.

"ނުވާނެ...." އިރާގެ ހިތަށް ފިނިވިއެވެ. އަޑުކޮޅަށް ރޮއިގަންނަން އޭނަ ބޭނުންވިއެވެ. ލޯ އަނދިރި އިރު ބޭބީއެއް ލިބުމުން ވަކިން ބޮޑަށް ހިތްދަތިވާނެއެވެ. އޭނަ ހާދަ ބޮޑަށް ދަރިފުޅު ދެކެން ބޭނުންވާނެއެވެ. މިހާރުއްސުރެ ހިތުގައި އެ ދަރިފުޅާއި މެދު ލޯބި އުފެދިގަތީ ބުނަން ނޭގޭހާ ބޮޑަށެވެ. ނަމަވެސް ލޮލަށް ނުފެނިއްޖެއްޔާ ކުރާނެ އަސަރާއި ވާނެގޮތް ހިތަށް އެރުމުން އުފާވެރިކަމުގެ ބަދަލުގައި ހިތާމަ އިހުސާސް ކުރަން ޖެހުނީއެވެ. އެހެންނޫނަސް ބޭސްކަމުން އަންނަނިކޮށް ބަލިވެއިނުމުން ދަރިފުޅަށް އަސަރު ކުރާނެއެވެ. އިރާ ސޯފާއަށް އެރިގޮތަށް ކުޝަންގައި ބައްދާލައިގެން ކަކުލުގައި ބޯޖައްސާލައިގެން އިނެވެ. މިލާން ޑަސްބިނަށް ކިޓްލާފައި އައިގޮތަށް ލޯގަނޑު ކާރީގައި ހުއްޓުނު އިރު މޫނު މިލާފައިވާ ތަން އަމިއްލައަށް ފެނުމުން ހަމްދަރުދީވިއެވެ.

"ކޮންގްރާ އިރާ، އަހަރެން މިއަދު އިރާ ގާތުގައި ވާހަކައެއް ބުނާނަން، އިރާއަށް ބޭބީ ލިބެންއުޅޭ އިރު ޑެނީ އާއި ވަކިވާން ޚިޔާލުނުކުރާތި، ނޯ މެޓަރ ވަޓް ދެން ދެމީހުން ބޭބީ އަށްޓަކައި އެކީގައި އުޅެންޖެހޭނީ، ބޭބީއަކީ ފަސްޓް ޕްރައޮރިޓީއަށް ވާންޖެހޭނެ، އަހަރެން ޑެނީދެކެ ލައިކްވިޔަސް އަހަރެން ނެތިން ޑެނީ އާއި ގުޅޭކަށް، ވަރިވުމަކީ އެހާ ރަނގަޅު ކަމެއްނޫންކަން ވިސްނާލާ މީހަކަށް އެނގޭނެ، އިރާ އަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ފެންނާނެ، އަހަރެން އަބަދުވެސް ދުއާކުރާނަން އިރާއަށް ލޮލުގެ އަލިކަން ދެއްވުމަށް، ޕްލީޒް އިރާ، ޑެނީ ދެކެ ލޯބިވެގެން އެކީގައި އުޅޭ، ޑެނީގެ ހިތް އެހެން ފަރާތަކަށް ދިޔަނުދީ އިރާ ޖެހޭނެ ޑެނީ އާއިއެކު ވީހާވެސް ލޯބިން އުޅެން....." މިލާން މަޑުމަޑުން ހިނގާލާފައި އައިސް އިރާގެ ގާތުގައި ހުއްޓުނު އިރު މިލާންގެ މޫނުމަތިން ފެންނަނީ ހިތްހަލާކުވާފަދަ އަސަރުތަކެވެ. 

"މިލާން، ޑެނީ އަހަރެން ދެކެ ލޯތްބެއްނުވޭ، އެހެންވެ ބާޑްން އަކަށްވެގެން ހުންނަ ހިތެއްނުވޭ، އަހަންނަށް ޑެނީއަށް ކޮށްދެވެނީ ކޮންކަމެއްތަ؟ އިންވެލިޑް މީހަކަށް ކޮން ލޯތްބެއް ދެވޭނީ.. މިލާންއަށް އެނގޭތަ؟ އަހަރެން ޑެނީއާއި ވަކިވިޔަސް ޑެނީގެ ހަނދާނެއް ވާނެކަމީ އަހަރެންގެ ނަސީބު.. މިލާން އަހަރެން ޕްރެގް ވާހަކަ އެއްވެސް މީހެއްގެ ކާރީ ނުބުނާތި ޕްލީޒް........" އިރާ ވާހަކަދެއްކި އިރު އަސަރުކޮށްފައިވާވަރު އެ މޮޅިވެރި މޫނުންވެސް ދައްކުވައިދެއެވެ. ދެކުދިންނަށްވެސް އެކަކު ދެކެ ލޯބިވާކަމުގެ އިހުސާސްތައް ދެހިތް ފަޅިފަޅިކޮށްލައިފިއެވެ. ދެހިތަށްވެސް އެކަމުން ކޮށްފައިވާ އަސަރު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

މީހަކު ކޮޓަރީގެ ދޮރުގައި ޓަކިދިނުމުން މިލާންގެ ހިތް ފުންމައިގެން ދިޔައެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލާފައި އޭނަ ބާރަށް ގޮސް ދޮރު ހުޅުވައިލުމާއިއެކު ދާނިޔަލްގެ ރީތި ޑިމްޕަލް ހިނިތުންވުން ފެނުމުން މިލާންގެ ހިތަށް ނޭގޭފަދަ އަނިޔާއެއް ލިބުނެވެ. ދާނިޔަލްގެ އެ ރީތިކަން އޭނަގެ މިލްކަކަށް ނުވާނެކަމަށް އެވަގުތު ސިކުނޑީގެ ކަނަކުން އިންޒާރު ދިނުމުން މިލާން ހުރީ ހުއްޓުން އަރާފައެވެ.

"މައި ޓޫ ގާރލްސް......." އެ ޖުމްލަތައް ވީ ދާނިޔަލްގެ ހިތުގައެވެ.

"ހޭއި ދެކުދިން ހާދަ ސީރިޔަސްވެފައި ހެން ހީވޭ، ކިހިނެއްވެފައި މިތިބީ......" ދާނިޔަލް ދޮރުލައްޕައިލަމުން އިރާއާއި މިލާންގެ މޫނަށް ބަލައިލުމުން އެނގުނީ ކޮންމެވެސް ކަމަކާއި ކަންބޮޑުވެ ނުތަނަވަސްވެފައި ތިބިކަމެވެ. ދާނިޔަލް މިލާންގެ ނިތްކުރީގައި އަތް ޖައްސާލާފައި މަޑުމަޑުން ތިރިއަށް އަތްތިލަ ގެނައިއިރު ތުންފަތުގައި ބީހިލުމުން މިލާންގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅުބާނިތަކެއް ދަތުރުކުރިހެން ހީވިއެވެ. ދާނިޔަލް އިތުރު ގޯނާއެއް ކޮށްލަފާނެތީ މިލާން ފަހަތަށް ޖެހިލިއިރު އޭނަ އިންތިހާއަށް ކެތްކުރަން ޖެހުނެވެ.

"އިރާ ދެރަވަނީ އެމެރިކާއަށް ގޮސްފައިވެސް ވިންޓަރގެ ރީތިކަން ނުފެންނާނެތީ، އަދި އިރާގެ މަންމަ އެމެރިކާއަށް ދާން އެއްބަސްނުވީމަ، އަހަރެން ބުނިން އިރާއަށް ރަނގަޅުވާނެއޭ، ޕޮޒިޓިވްކޮށް ވިސްނާށޭ، ވިއްސާރަ ވެހެން އެ އުޅެނީ، ހެދުންތައް ހިއްކަން އަޅުވާލާފައި މިއާދެވުނީ، އަންނާނަން އިނގޭ....." މިލާން އެތަނުން ދާނެ ފުރުސަތެއް ހޯދާންވެގެން އެއްޗެކޭ ކިޔާލާފައި ނުކުމެގެން ދިޔުމުން ދާނިޔަލްގެ ސަމާލުކަން އިރާގެ މައްޗަށް ހުއްޓުނެވެ. އޭރުވެސް އިރާ އިނީ ކުޝަން ގައި އެ އޮމާން މޫނު ޖައްސާލައިގެންނެވެ. ހީވަނީ ދެންމެ ދެންމެ ރޮވިދާނެހެންނެވެ. ފިނި ދުވަހަކަށް ވުމާއި އެކުގައިވެސް ނިތްކުރީގައި ދާހިއްލާލާފައިވެއެވެ.

"އިރާ...." ދާނިޔަލް ސޯފާގައި އިށީދެލާފައި ގޮވާލުމުން އިރާއަކަށް އިތުރަށް ކެތެއްނުކުރެވުނެވެ. ދާނިޔަލްގެ އުނގުގައި ބޯއަޅާލިގޮތަށް ދާނިޔަލްގެ ބުރަކަށީގައި ދެއަތުން ބައްދާލައިގެން އޮވެ ރޯންފެށީއެވެ. އިރާގެ އެ އަމަލުން ދާނިޔަލްގެ ސިކުނޑި ހާސްވީވަރުން ބުނާނެ އެއްޗެއް ނޭގި އިރާގެ އިސްތަށިގަނޑުގައި ފިރުމައިލަން އިނދެވުނީއެވެ. އޭރު ދާނިޔަލްގެ ޖިންސާއި ޓީޝާޓުން ބަޔެއް ތެމި ފަޔަށް ފިނިވާންފަށައިފި އެވެ.

"ނުރޮއި ޕްލީޒް، ވެގެން އުޅޭގޮތެއް ކިޔާދީބަލަ...." ދާނިޔަލް އެތައް ވަރަކަށް ރުއްސާލައިގެން އިރާ ތެދުކޮށްލާފައި ކޯތާފަތް ފޮހެލަދިނެވެ. އިރާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޮޅުވާލައިގެން ހަގީގަތް ސިއްރުކުރީ އެންމެ ބޭނުމެއްގައެވެ. އޭނަ ބަލިވެއިންކަން އެނގިއްޖެނަމަ މިދަތުރު ފަސްކުރުމަކީ އެކަށީގެންވާކަމެކެވެ. އެހާ ބޮޑު އޮޕަރޭޝަނެއްވީމަ ވިހަންދެން މަޑުކުރަން ޑޮކްޓަރު ލަފާ ދީފާނެއެވެ. އެހެންނޫނަސް މަންމައަށް އެނގިއްޖެއްޔާ އެމެރިކާ ދަތުރަށް ހުރަސްއަޅާފާނެއެވެ. ދާނިޔަލްއަށް ހަގީގަތް އެނގިއްޖެއްޔާ ރުޅިގަދަވެގެން ކޮށްފާނެކަމެއް އެނގެނީއެއް ނޫނެވެ. ކުށްވެރި ވާނީ އޭނަ އެވެ. މޫނުމަތީގައި ޖަހާފައި އެއްޗެހި ކިޔާނެކަން ޔަގީނެވެ. އިރާ އަޖާއިބުވަނީ ގަވާއިދުން ބޭސްކަނިކޮށް ބަލިވެއިނީމައެވެ. މަންމަ ހަނދާންކޮށް އެބޭސްކާން ނުދޭ އެންމެ ދުވަހެއް ނުދެއެވެ. ފަރުޟެއްހެން މަންމަ އެކަން ގަވާއިދުންކުރާތީ އިރާ ވިސްނަން ޖެހޭކަމެއް ނެތެވެ. ނަމަވެސް ތަގުދީރުގައި ކަމެއްވާން ހުރެއްޖެއްޔާ ވާނެއެވެ. ނުވިހާ އޮޕަރޭޝަން އަދި ރަހިމު ނަގާމީހުން ބަލިވެއިނުމުގެ ފުރުސަތު އޮންނަކަން އޭނަ ދަނެއެވެ. ވީއިރު ބޭހަކަށް އަދި ދޭތެރެ ދުރުކުރުމުގެ އެހެން ވަސީލަތަކަށްވެސް ސަތޭކަ ޕަސެންޓް ގެރެންޓީއެއް ނުދެވޭނެއެވެ. އަންނާން ހުރި ފުރާނައެއް ދުނިޔެއަށް ނޭވާލާނެ އެވެ.

ޑިސެމްބަރ މަހުގެ ފަހު ދުވަސްތަކުގެ ތެރެއިން ވިއްސާރަ ދުވަހެއްގައި މިލާން ހުރީ ޑިއުޓީއަށް ދާން ކަންނެތްވެފައެވެ. އޭނަ ހޮސްޕިޓަލަށް ދިޔައީ އާދައިގެ މަތިން ޓެކްސީއެއްގައެވެ. އުޑު ފެންނަނީ އަޅިކުލައިގައެވެ. މޫސުމް ހާދަ ގޮތް ނޭގެއެވެ. އިރެއްގައި ރީތިކޮށް އޮވެލާފައި ވިލާތަކުން އުޑުމަތި ބައްދާލަން މާގިނަ ވަގުތެއް ނުނަގާނެއެވެ. މިލާން ކާރުގެ ކުޑަ ދޮރުން ބޭރަށް ބަލަހައްޓައިގެން ވިސްނުމެއްގެ ތެރޭގައި އިންދާ ހޮސްޕިޓަލުގެ ދޮރުމައްޗަށް ކާރުމަޑުކޮށްލި އިރު ވާރޭކަނި ޖަހަން ފަށައިފިއެވެ. މިލާން ގޮސް ރިސެޕްޝަނުގެ ގޮނޑިއެއްގައި އިށީންއިރުވެސް ސުދާ އިނީ ބޭގަރާރު ކަމާއިއެކު ދޮރާއި ދިމާލަށް ދެލޯ ހުއްޓާލައިގެންނެވެ.

"އަޅެ އަދިވެސް މަގޭ ފުރާނަ ނުފެނޭ... އޭނަ ފެނުނީމަ މަގޭ ހިތަށް ވާގޮތެއް ދޯ.. ކޮންމެ ދުވަހަކު ހެދުނު އެ ސޫރަ ފެނިއްޖެއްޔާ އަހަރެންގެ ދުވަސް ކޮމްޕްލީޓްވާނެ، އާވް އައިމް ސޯ އިން ލަވް....." ސުދާ ޑްރެމެޓިކް ގޮތަކަށް މެޔާއި ދިމާލުން އަތްއަޅާލަމުން މިލާންގެ ކޮނޑުގައި ބޯ އަޅާލުމުން މިލާން ހިތްހަމަނުޖެހޭ ގޮތްވިއެވެ. ސުދާ ގެ އަޚުލާގު ދަށްކަމުން މީހުންގެ ޝަކުވާ ލިބޭއިރުވެސް މެނޭޖްމެންޓްގެ ރަނގަޅު ކަމުން ވަކިނުކޮށް ބަހައްޓާފައި ހުންނަނީ އެވެ.

"އޭނަ ރިޒައިންކޮށްފި..... އިއްޔެވެސް ޑޮކްޓަރ ޑެނިއެލް ނުދުރުވޭ، ސުދާ ކީއްކުރަން މީހެއްގެ ފިރިއެއްގެ ފަހަތުން ތިއުޅެނީ، ހުސް ބިޓެއް ސެޓްކުރަން އުޅުނިއްޔާ ވާނީ ކީއްތަ؟ ." އެކަކު ދިމާކޮށްލައިފިއެވެ.

"ޝިޓް ޝިޓް... ރަނގަޅަށްވެސް ރިޒައިން ކުރީތަ، ބޯ ހަލާކު......." ސުދާ މާޔޫސްވިއެވެ.
"ދޮގެއްތަ މިލާން، އެ ޓޫ ބްރަދަރސް އިންވެސް މިތަނުން ދަނީކަމަށް ވަނީ..." އެކުއްޖާގެ ޖުމްލައާއި އެކު ސުދާ ރޯވައްތަރު ޖައްސާލައިފިއެވެ.
"ވީއިރު އެހެން ތަނަކުން ވަޒީފާއެއް ހޯދަން މަސައްކަތް ކުރަންވީ، އިރުއަރާތަނުން އެހާ ރީތި މޫނު ފެނުނީމަ ކޮންމެ ދުވަހަކު ވާރކްރުމުގެ ހިތްވަރު ލިބޭ، ޑެނިއެލްމެން ކުއިޓް ކުރީމަ މިތަނުގައި ހުރުމުގެ ބޭނުމެއް މަށަކަށް ނުފެނޭ.. މިލާން ކިހާ ލަކީ، އެގޭގައި އުޅޭއިރު ކިހާ ޗާންސް އޮންނާނެ، މަ ނަމަ އެ ރޫމަށްވެސް ވަންނާނަން... އެ ބޯއިގަނޑު ރޮލާ ކާލާފައި މަ ނޭވާވެސް ލާނީ....." ސުދާގެ ވާހަކައިން ހުރިހާ ކުދިން މަޖާވެގެން ހިނިއައިސްފައި އެކި އެއްޗެހި ކިޔަން ފެށިއެވެ.

"މިއީ މިނިކާ މަންޖެއެއް ދޯ... ދެން ނޫސްތަކުން ފެންނާނީ މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއަކުގެ ކޮޓަރިއަށް އަރާ ކާ އެއްޗެއް ވަދެ އެ ކުއްޖާ ކާލި ހޫނު ޚަބަރުކަން ނޭގޭ....." ހުރިހާކުދިންވެސް ސުދާ އާއި ދިމާކުރި އިރު މިލާން އިނީ ހިމޭންވެފައެވެ. އެމީހުންގެ ސަކަރާތާއި ބައިވެރިވުމަކީ އޭނަ މިވީހާތަނަށް ކުރާކަމެއްނޫނެވެ. ހިތާމަތައް ފޮރުވަން މިލާން ކުޅަދާނަކަމުން އެހިތް ހަލާކުވާއިރުވެސް އެކުވެރިންނަށް ރޭކާނުލި ސަބަބަކީ އެއީއެވެ. އެހިމޭންކަމާއި މަޑުމައިތިރިކަމެވެ.

"ސީރިޔަސްކޮށް ޑެނިއަލް ފެނުނީމަ ގޮސް ބައްދައިނުގަނެ ހުރެވެނީ ހަމަ ކިރިޔާ، ހީޒް ޓޯޓަލީ ހޮޓް އަދި އެ ޑިމްޕަލްއަށްޓަކައި މަ ފުރާން ދުއްވާލަފާނަން....." ސުދާ މީހަކަށް އިވިދާނެތީ ފަރުވާލެއް ނުބަހައްޓާ ދާނިޔަލްގެ ރީތިކަމުގެ ވާހަކަދައްކާއިރު ހީވަނީ އޭނަގެ މީހެއްހެންނެވެ. 
"ސާބަހޭ ސުދާ....." އެކަކު ސުދާގެ ކޮނޑުގައި ބޮނޑިއެއްއެޅިއެވެ.

މިލާން ޑިއުޓީ ނިންމާލާފައި ގެއަށް ދާންވެގެން ނިކުތްއިރު އުޑުމަތި ބަނަކޮށްލާފައިވާ ގޮތުން ހީވަނީ ދެންމެ ދެންމެ ވެހެން ފަށާފާނެހެންނެވެ. މިލާން ޓެކްސީއެއް ހޯދަން ދެތިންފަހަރު ގުޅާފައި ބިޒީވުމުން ގަސްތުކުރީ ހިނގާލާފައި ދިޔުމަށެވެ. އަވަސްވެލައިގެން ގެއަށް ދިޔުމުގެ މާބޮޑު ބޭނުމެއް އޮތީއެއް ނޫނެވެ. މިލާން ގޯޅިއަކުން އަނބުރާލި ތަނާހެން މަގުގައި ތިބި ފިރިހެންކުދިން ތަކެއް މިލާންގެ ފަހަތުގައި އަޅުވައިގެން އަންނަން ފެށުމުން މިލާން ބިރުން އަވަދިނުވީ ކިރިޔާއެވެ. އޭނަ ފިޔަވަޅުތައް އަވަސްކޮށްލުމުން އެ ޒުވާނުން އޭނަ އާއި އަރާހަމަކުރި ގޮތަށް ސެލީނާ ގޮމެޒް އާއި ވައްތަރޭ ކިޔައިގެން ގަޔަށް އަތްފޯރުކުރާވަރު ވެއްޖެއެވެ. ވިއްސާރަވެފައި ތަންކޮޅެއް މީހުން މަދު މަގަކަށްވާތީ އެކަމަށް ސަމާލުކަން ދީ އެހީއެއްވާނެ މީހަކުވެސް ނެތެވެ. އެވަގުތު މަދަދު ލިބުނީ ހީނުކުރާފަދަ ގޮތަކަށެވެ. ކާރެއް މަޑުކޮށްލާފައި ބިއްލޫރިގަނޑު ތިރިކޮށްލުމާއިއެކު އޭގައި އިން މީހެއްގެ ހައިބަވަންތަކަމުން އެ ޒުވާނުން ފަސްޖެހޭގޮތްވިއެވެ. އޭރު މިލާންގެ ލޮލުގެ އެސްފިޔަތަކުގައި ބޮނޑިވެފައިވާ ކަރުނަތައް ކިރިޔާ ނުއޮހިހުރިކަމެވެ.

"ކާރަށް އަރާ...." ޑޮކްޓަރ ނަދީމްގެ ބަރު އަޑުގައި އަމުރުވެރި ކަމަށްވުރެ އޯގާތެރި ގޮތެއްހުރިކަން މިލާންއަށް ފާހަގަވިއެވެ. މިލާން އަވަސްވެލާފައި ކާރުގެ ފަހަތުސީޓަށް އަރާފައި ވަގުތުން މޫނުގައި ދެއަތް އެޅީ ލޮލުގައިވާ ކަރުނަތައް ފޮރުވަންވެގެންނެވެ. ނަދީމް ވާހަކަތަކެއް ނުދެއްކި ކަމުގައިވިޔަސް މިލާންއަށްޓަކައި ހިތް ހަމްދަރުދީއިން ފުރުނެވެ. އެއުމުރުގެ އަންހެންކުއްޖެއްވީމަ ނަދީމްއަށް ދެކެވުނީ އަމިއްލަ ދަރިފުޅު އައިޒާ އާއި ދޭތެރޭ ދެކޭ އުސޫލުންނެވެ. އެހެންނޫނަސް އެ މުށިދެލޮލުގައި އައިޒާ އާއި ވައްތަރުގޮތެއް ހުރިކަމުން މާބޮޑަށް ދަރިކުލުނު ހިތުގައި ޖެހުނެވެ. "ދަރިފުޅާ" އޭ ކިޔާފައި ގޮވާލަން ބޭނުންވި އަންހެންކުއްޖެކެވެ. ނަދީމްގެ ޝަޚުސިއްޔަތުގެ ސަބަބުން އޭނަ އެގޮތަށް ދިމާވާ އަންހެންކުދިންނާއި ވާހަކަ ދައްކާފަދަ ގޮތެއް ނުހުންނާތީ އެވަރލޭންޑަށް މިލާން ލާފައި ނަދީމް ކާރުދުއްވާލި އިރު ތުނިތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. މިލާން ދުވެލާފައި ގޮސް ފެންޑާއަށްވަދެ މޫނުގައި ވާ ފެންތިކިތައް ފޮހެލާފައި އެނބުރުނުއިރަށް ގޮސް ވަދެވުނީ ދާނިޔަލްގެ އަތުތެރެއަށެވެ. ފިނިވެފައި ހުއްޓާ އެ ހަށިގަނޑުގެ ހޫނުކަން އަދި ސެންޓުގެ މީރުވަހުން މިލާންގެ ހިއްސުތަކާއި ކުޅެލީ ދާދި އަވަހަށެވެ.

"މޫސުމް ކިހާ ރީތި، ތައްޔާރުވެލައިގެން އަހަންނާއި އެކު ތަނަކަށް ދާން ކެރޭނެތަ؟ "ދާނިޔަލް އަހާލައިފިއެވެ.

"ޑެނީ، އަހަރެން...." މިލާން އެއްޗެކޭ ބުނަން އުޅެފައިވެސް "ގުޑްބައި" ކިޔަން މި ފުރުސަތުގެ ބޭނުން ކުރާހިތްވިއެވެ. މިއީ ދެމީހުންގެ އެންމެ ފަހުގެ ބައްދަލުވުންކަމަށް ހިތްބުނާތީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް މިލާން ދެކުނެވެ.

"އޯކޭ، ރަސްމީކޮށް ތަ ހެދުން އަޅަންވީ. ނޫނީ މޫދަށް އެރެންތަ؟" މިލާން ހިތުގެ ހިނގުން ހަމަޔަކަށް އަޅުވައިލަމުން ހީލިގޮތުން ކޯތާފަތުން ފާޅުވި އަޑިކޮޅު އެމޫނުގެ ރީތިކަން އިތުރުކުރުވިއެވެ. ދާނިޔަލް ހުރީ އެސްފިޔަޖަހައިލަން ނޭގިފައެވެ. އިރާގެ ހުންނަ ޅަކަމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ އަޅައިގަންނަ ގޮތެއް މިލާންގެ މޫނުމަތިން ފާޅުވާތީ ހިތް ވަކިން ބޮޑަށް އެދެނީއެވެ.

ކޮމެންޓް 0