ދެކުދިންގެ މޫނުގެ ބައްޓަމާއި ކުޑަ ނޭފަތުން ފެށިގެން ލޮލުގައި އެއްގޮތް ކަމެއް ހުއްޓެވެ. ޖުވޭދާ އިރުކޮޅެއްވާންދެން ދެކުދިންނަށް ބަލަން ހުރުމަށްފަހު ސޯފާ އާއި ދިމާލަށް އަންނަން ފެށުމުން މިލާން ތެދުވެ ޖުވޭދާ އިށީންނަން ތަން ދެއްކި އެވެ.

"މިލާން އިހަށް މަޑުކޮށްބަލަ.. މި ކާޑުތަކުގެ ތެރެއިން ރީތި ޑިޒައިނެއް ހޮވާބަލަ. ދާނިޔަލް އާއި އިރާގެ ވެޑިން ކައިރިވަނީނު......" ޖުވޭދާގެ ޖުމްލައިން އިރާގެ ހިތަށް ކަށިތަކެއް ހަރައިލެވުނުހެން ހީވިއެވެ. އެ ރީތި ދެލޯ ވަގުތުން ކަރުނައިން ފުރުނަސް އުފާވެފައި އިން ޖުވޭދާއަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. މިލާންވެސް ހުރީ ގަނޑުވެފައެވެ. އެކައިވެނި ވަރަށް އަވަހަށް ކުރެވޭނެކަން އެނގޭއިރުވެސް ހިތުގައި އެފަދަ ރިހުމެއް އުފެދެންވީ ސަބަބެއް ނޭގެއެވެ. މިލާންގެ ދެލޯ ހުއްޓިފައި ވަނީ ޖުވޭދާ އަތަށް ލައްވާދިން ކާޑުތަކަށެވެ. މިލާން ކަރުނަތައް ދިރުވާލައިގެން ހުއްޓަސް ހީވަނީ އޭނަގެ ހަޔާތުގައިވެސް ނިމުމުގެ ސިއްކަ ޖެހެން އުޅޭހެންނެވެ. އެހާ ނުބައި އިހުސާސް ތަކެއް ކުރެވުނެވެ.

އިރާ އުނގުގައި އޮތް ޓެޑީ ސޯފާ މައްޗަށް އެއްލާލާފައި ބާރަކަށް ހިނގައިގަތީ ފާޚާނާ އާއި ދިމާލަށެވެ.

"އިރާ، ބަލައިގެން އުޅެބަލަ.." ޖުވޭދާ އިރާ އުޅޭގޮތުން ހިތްހަމަނުޖެހިފައި އިނދެ ކުޑަކޮށް ބަލާލާފައި އަނެއްކާވެސް ސަމާލުކަން ދިނީ މިލާން އަށެވެ. މިލާންގެ މޫނަށް ވެރިވި ކުލަތައް ފެނިފައި ހިތާހިތުން ޖުވޭދާ ނެށިއެވެ. މިލާންގެ ހިތަށްވެސް އަސަރުތަކެއް ކޮށްފި އެވެ.

އިރާ އެދިޔަ ބާރުމިނުގައި ބާތުރޫމުގެ ދޮރުފަތުގައި މޫނު ޖެހުނެވެ. ނޭފަތަށް ތަދުވިއެވެ. އިރާ އެތެރެއަށްވަދެ ދޮރު ތަޅުލި ގޮތަށް ކަކޫމައްޗަށް ތިރިވިއިރު ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަންފެށިއެވެ. އޭނަގެ ކައިވެންޏެވެ. ކާޑު ފެނުމުގެ ނަސީބެއް ނުލިބެއެވެ. ހެދުން ފަހާފައި އިން ގޮތެއް ނޭގެއެވެ. ވެޑިން ތީމް އަކަށް ބާރެއް ނެތެވެ. އެވަރުންވެސް އޭނަ ފަދަ ނުކުޅެދޭ ކުއްޖެއްގެ އިހުސާސް ތަކާއި އޭނަގެ މަންމަމެން ކުޅެމުންދަނީ އެވެ. އޭނަ މިގޮތަށް ކައިވެންޏެއް ކުރާކަށް ބޭނުމެއްނޫނެވެ. އެތައް އިރެއްވީއިރުވެސް އިރާ ދޮރު ކައިރީ ބިންމަތީގައި އިށީދެލައިގެން ކަރުނަ އޮއްސަން އިނެވެ. 

"އިރާ، މަންމަ ބުނަމެއްނު ދޮރު ތަޅުލައިގެން ބާތުރޫމަށް ނުވަންނާށޭ...." ޖުވޭދާ ކަންބޮޑުވެފައި ގޮވަން ފެށިއެވެ.

"އައިމް އޯކޭ. ގައި ދޮވެލަނީ..." އިރާ އަޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. މިވަގުތު މަންމަ އާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ.

"ލަސްނުކޮށް ނިކުންނަންވާނެ.." ޖުވޭދާ ހީލިއެވެ. ދަރިފުޅުގެ ހިތަށް ކުރާނެ އަސަރެއް ޖުވޭދާ އަކަށް ރޭކާލާހެނެއް ހިޔެއްނުވެއެވެ. ޖުވޭދާ ދެކޭގޮތުން އިރާގެ ނަސީބާއި މެދު ދުނިޔޭގެ ހުރިހާ ކުދިން ހަސަދަވެރިވާނެއެވެ. ދާނިޔަލްއަކީ މާލޭގެ އެންމެ މުއްސަދި އެކެއްގެ ދަރިއެކެވެ. އެހާ ރީއްޗެވެ. ޑޮކްޓަރެކެވެ. ޝާހީ އާއިލާއެކެވެ. އެހާ މުއްސަންޖެވެ. ނެތީ ކޮން ސިފައެއް ހެއްޔެވެ؟ ކޮންމެ އަންހެންކުއްޖަކު ދާނިޔަލްގެ އެންމެ އިޝާރާތަކަށް ނަށާނެއެވެ. އެވަރުގެ އުފަލެއް ދަރިއަކަށް ހޯދައިދޭން މަސައްކަތް ނުކުރާނީ ކޮން މަންމައެއް ހެއްޔެވެ؟ އިންޑިއަން ސީރީޒްތައް ބަލަމުން ގޮސް އޭނަވެސް އެފަދަ މަންމައަކަށް ވީ ނޫންކަމެއް ނޭގެއެވެ. ދަރިފުޅުގެ އިއްފަތްތެރިކަން ނަގާލި ޒުވާނާ އާއި ގުޅުވަން އޭނަ މަސައްކަތް ކުރާތީ އަމިއްލަ ނަފުސާއިމެދު ވެސް ސަހަރޯހީވިއެވެ. އޭނަ ނޫން މަންމައަކު މިފަދަ މޮޔަކަމެއް ކުރުވާނެ ހެއްޔެވެ؟ ޖުވޭދާ ދެ ޚިޔާލެއްގައި ހުރެފައިވެސް ބޮޑަށް ބުރަވީ އެކައިވެނި ކުރުވުމަށެވެ.

އިރާ މޫނުދޮވެލާ ހަދައިގެން ތަންތަނުގައި އަތް ކާއްތަމުން ބޭރަށް ނުކުތީ ފުދޭވަރަކަށް ގިނައިރުފަހުންނެވެ. ތުވާލި ނުފެނުމުން މޫނުން ފެން ހިއްކާނުލައި މަޑުމަޑުންގޮސް އެނދަށް ވެއްޓިގަތްގޮތަށް ބާލީހުގައި މޫނު ޖަހާލައިފި އެވެ. ގަޑިން ވީއިރަކާއި މެދުވެސް ވިސްނާލާކަށް އިރާއަކަށް ނޭގުނެވެ. މި އަނދިރި ކަމުގެތެރޭގައި މާ ގިނަ ދުވަސްވާން ވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. އިރުކޮޅެއްވީފަހުން މީހެއްގެ ފިޔަވަޅުގަ އަޑަށް އިރާ ނިދާކަމަށް ހެދުނެވެ. މިލާން މަޑުމަޑުން އިރާގެ އަތުގައި ކޮށްޓާލުމުންވެސް އިރާ ހަރަކާތެއް ނުކުރިއެވެ.

"އަހަންނަށް އެނގޭ އިރާ ތިއޮތީ ހޭލާކަން، އަންޑަސްޓޭންޑްވޭ އިރާ ދެރަވާނެވަރު، އަހަރެން ކުރާނީ ކީއްތަ؟ އާއިލާއިން ހަމަޖައްސާފައިވާ ކައިވެންޏެއް ހުއްޓުވާނީ ކިހިނެއްތަ؟ އިރާ ޑެނީދެކެ އެހާ ނަފްރަތުކުރާ ސަބަބެއްވެސް ނޭގޭ، އަހަންނަށް ނޭގޭކަމެއް އިރާއަށް އެނގެނީ ބާ....." މިލާން ހިތާހިތުން އަމިއްލައަށް ވާހަކަދައްކަމުން ގޮސް ސޯފާގައި އިށީދެ ދުރަށް ބަލަންއިނީ ހިތާމައިގެ ރީތި ތަސްވީރެއް ހެންނެވެ. 

މިލާން ކާކޮޓަރީގައި ހުއްޓާ މާމަ މުފީދާ ގެނައި ކޮތަޅުތަކުގައި ހުރި އާފަލާއި، އޮރެންޖްތައް މޭވާ ވަށިގަނޑުގައި އަތުރާލުމަށްފަހު ޗީޒް ޕެކެޓްތަކެއް ފްރިޖަށްލާފައި ހިންދެމިލި އެވެ. މާމަގެ މޫނުމަތިން ވަރުބަލިކަން ފެނެއެވެ. މޫނާއި އަތުގައި ރޫތައް ޖެހިފައިވާ ވަރުން މުސްކުޅިކަމަށް ދެއްކިޔަސް އުމުރާއި ބަލާއިރު މުފީދާއަކީ ސިއްހަތު ރަނގަޅު އަންހެނެކެވެ. ނަމަވެސް މިއުމުރަށް ދިޔުމުން ދަރިން ޖެހޭނީ މާމަމެން ބަލަހައްޓާށެވެ. މިލާން އިރުކޮޅެއްވާންދެން ހިތާމަވެރި ނަޒަރުން ލޯބިވާ މާމަގެ މޫނަށް ބަލަން ހުރިއިރު ފެންކަޅިވިއެވެ. މުފީދާ މިލާންގެ ބޮލުގައި އެ ރޫޖެހިފައިވާ ދެއަތުން ފިރުމާލުމަށްފަހު ދެންއުޅެގަތީ އެހެން މަސައްކަތަކާއި ގެންނެވެ. ވިއްސަކަށް ކާށި ގާނަން ޖެހޭތީ މިލާން އެކަމާއި ސުވާލުކުރުމުން މުފީދާ ބުނީ އޭނަ ހަނާކުރާ ހަވާދު ނޫނީ މަލީކްމެންނަށް ކަމުނުދާކަމުގައެވެ. މިލާން ބޯ ހޫރާލިއެވެ. ތަފާތު ވައްތަރުގެ ޕެކެޓްތައް ބާޒާރުން ވިއްކަން ލިބޭއިރު އޭނަގެ މާމަ ލައްވާ މިހާ ބުރަ މަސައްކަތް ކުރުވައިގެން ނޫނީ މިގޭ ވެރިމީހާއަށް ކެވޭކަމަކަށް ނުވަނީހެއްޔެވެ؟ ނޫނީ ޖުވޭދާމެން ގަސްތުގައި އޭއްޗެކޭ ކިޔާފައި މާމައަށް މަސައްކަތް ޖައްސުވަނީއެވެ.


"ކީއްވެ ފުރުޓްވެސް ގަންނަން މާމަ ދާން ޖެހެނީ، މިގެއަށް ޑެލިވަރީ ކޮށްދޭން ބޯއިއެއް ހޯދާފައި ބަހައްޓަންވީއެއްނު، މާމައަކަށް ނުވާނެ ތިހުރިހާ ކަމެއް......" މިލާންއަށް ކެތްނުކުރެވިގެން އަހާލިއިރު މުފީދާ ހާމަކުރަން އޮތީ ކޮންފަދަ ސިއްރެއްކަމެއް ރޭކާނުލިއެވެ. 

"މިލާން، މާމަވަނީ ވަރަށް ބޮޑު ކުށެއްކޮށްފައި، އެކަމުގެ ބަދަލުގައި މާމައަށް މިހާރު މަޖުބޫރުވަނީ އެކަމުގެ ބަދަލުދޭން...." މުފީދާ ވަށައިގެން ހޯދާލާފައި މަޑުމަޑުން މިލާންއާއި ކާރިއަށް ޖެހިލިއެވެ. މުފީދާ ބުނިގޮތުން މިލާން ކުޑައިރުން ފެށިގެން އޭނަ މިގެއިން މޭވާ، ޗީޒްފަދަ ރަގަޅު ކާއެއްޗެހި މިލާންއަށް ގެންގޮސްދިނީ މިގޭ ވެރިފަރާތުގެ ހުއްދައެއްނެތިއެވެ. މިލާން ރަގަޅު ސިއްހަތެއްގައި ބޮޑުވާނީ ރަގަޅު އެއްޗެހި ކައިގެންކަން މުފީދާ ދަނެއެވެ. މޭޒުމަތީގައި ހުންނަ މޭވާ ވަށިގަނޑުގައި މޭވާ ހަލާކުވާއިރުވެސް އެގޭ މީހުން އެހާ ޝައުގެއް ހުންނަ އެއްޗަކަށްނުވެއެވެ. މޭވާ މަދުވާތީ ޖުވޭދާ ދޭތެރެއަކުން ސުވާލެއްކޮށްލި ނަމަވެސް އޭނައާއިމެދު ޝައްކެއްނުކުރެއެވެ. ޗީޒް، ކިރު، ޗޮކްލެޓްފަދަ އެއްޗެހިން ފްރިޖް ބަރާވެފައި ހުންނަ ދުވަހެއް ނުދާތީ ކޮންމެ ދުވަހަކު ބާވަތެއް މަދުވިޔަސް ރޭކާލާނީ ކާކަށް ހެއްޔެވެ؟ މާމަ ގެ ވާހަކަތަކުން މިލާންގެ ހިތަށް އަސަރުކުރިއެވެ. އޭނައަށްޓަކައި މާމަ ފާފަތަކަށްވެސް އަރައިގަތީއެވެ. އެއީ ރަގަޅުކަމެއް ނޫނެވެ. ނަމަވެސް މިއަދު އޭނައަށް މާމަ ކުށްވެރިކޮށްފައި ވާހަކަ ދެއްކިދާނެހެއްޔެވެ؟ އޭރުން މާމަގެ ހިތުގައި ޖެހިދާނެއެވެ.

"މާމަ އެކަމާއި ވިސްނާނެކަމެއްނެތް، މާމައަށް ލިބޭ ލާރިން އެއްޗެހި ގަނެ ހަމަނުކުރިޔަސް ރަނގަޅުވާނެ....." މިލާން ހިނިތުންވެލިއިރު އެސްފިޔަތަކުގެ ތިރީގައި ކަރުނަތައް ފޮރުވިފައިވެއެވެ. މާމަ އެ ކުރި ކުށަށް ތައުބާވެ ލިބޭ ލާރިން މާމަގެ ބޭނުންތަކަށް ޚަރަދުކުރަންވީއެވެ. އޭނަ މުޅި އުމުރު ދުވަހު ލިބޭފައިސާއިން އެތަން ފޫބައްދަން އެވަގުތު ނިޔަތްކަނޑައެޅިއެވެ. އޭނައަށްޓަކައި މާމައާއި މަންމަ ކިތަންމެ ފަދަ ބޮޑު ގުރުބާނީއެއްވެސް ނޭގުމުގެ ތެރޭގައި ވެފައިވާކަން އެނގިއްޖެއެވެ.

މިލާން ބޭނުންވީ އެކަނިވެރި ވެލުމަށެވެ. އެ ބޮޑު ކިއްލާއެއްފަދަ ގޭތެރެއިން އެވަގުތަށް އެންމެ ރަނގަޅު ތަނަކަށް މިލާންއަށް ފެނުނީ ތިރީބަޔެވެ. މިލާން ހުއްޓުނީ ޕޫލްކުޅޭ މޭޒެއްގެ ކާރީގައެވެ. އެކިކުލައިގެ ސޯޅަވަރަކަށް ބޯޅައާއި ދަނޑިގަނޑެއް އޮތުމުން ކުޅެލާހިތްވިއެވެ. ވެމްޕަޔަރ ޑައިރީސްފަދަ ފިލްމުތަކުން ޕޫލްކުޅޭތަން ފެނުނީމަ އޭނަ ހުންނަނީ މި ގޭމް ކުޅެލާހިތުންނެވެ. ނަމަވެސް މި ގޭމް ކުޅެލަން ހަދާނީ ކިހިނެއްކަމެއް ނޭގުނެވެ. މިލާންއަކީ ކެރަމްފަދަ އެއްޗިއްސަށް މޮޅުކުއްޖެކެވެ. މީގައިވެސް ބޯޅަތައް ފޮނުވާލަން ޖެހޭނީ ޕޮކެޓްތަކަށްކަން ނޭގެއެވެ. މިލާންގެ ހިތުގައިވާ ހުސްކަމާއި ހިތާމަތައް އެއްފަރާތްކޮށްލަން މިލާން ދަނޑިގަނޑުގައި ހިފާފައި ބޯޅަތައް ވަޅަށް ފޮނުވާލަން މަސައްކަތްކުރިއެވެ. ދޮރުމަތިން މީހެއްގެ ހިލަންވުމުން މިލާންގެ ހިތް ފުންމައިގެން ދިޔައެވެ. އޭނަ ދެލޯބޮޑުކޮށްފައި ބަލާލިއިރު ދާނިޔަލް ހުރީ މިލާން ކުޅުނުލެއް މޮޔަކަމުން ފާޑަކަށް ހިނިއައިސްފައެވެ.

"ހާދަ މޮޅޭ ލަވް... ޕްރޮފެޝަނަލް ކުޅުންތެރިއެއްތަ؟" ދާނިޔަލް ލަސް ހިގުމެއްގައި މިލާންގެ ގާތަށް އައެވެ. އިއްތިފާގުން ނަމަވެސް ދެމީހުންނަށް ލައިގެން ތިބެވުނީ ހުދު ގަމީހާއި ނޫ ޖިންސެވެ. އެއްކުލައިގައި ތިބުމުން ހާދަ ގުޅެއޭ ހިތަށް ނާރާ މީހަކު ނުވާނެއެވެ. ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާހެންނެވެ. އާދައިގެ މަތިން ދާނިޔަލް އެތަނަށް ވަނުމާއިއެކު ދުވަން ފެށި ސެންޓުވަހުން މިލާންގެ ސިކުނޑިވެސް އުދުހިގަތެވެ. ކޮންފަދަ ހިތްގައިމު ވަހެއްހެއްޔެވެ؟ އެއީ ކޮން ސެންޓެއްބާވައެވެ. މީރުވަހަކީ ދާނިޔަލްގެ ރީތިކަމުގެ އެއްބަޔެވެ.

"ނޫން، އަހަރެން މިނޫނީ ދުވަހަކުވެސް ޕޫލް ޓޭބަލެއްގައި އަތެއް ނުލަން..." މިލާން ބޭނުންވީ ވަގުތުން ދުވެ ފިލުމަށެވެ. ދާނިޔަލް ފެނުމުން ހިތަށް ވާވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އަދި "ލަވް " އެ ލަފުޒު ކިޔައިލިގޮތުން ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔަހެން ހީވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ މި އިހުސާސްތަކުގައި ގަނޑުފެން އަޅައިގެން މި އަލިފާން ނިއްވާލަން ޖެހެއެވެ. އެހެންނޫނީ އަނދައިގެންދާނީ ކިތައް މީހުންކަން މިލާންގެ ޅަހިތަށް ވިސްނެއެވެ. 

މިލާން ދުރަށް ދާން އުޅުނުއިރު ދާނިޔަލް ހުރީ ފަހަތުގައި ޖައްސާލާފައެވެ. އޭނަގެ ދެފަރާތުން ގެނެސް ޕޫލް މޭޒުގައި އަތް ވިއްދައިލުމުން މިލާން ހުރީ ނޭވާ ހިފަހައްޓާލައި ގެންނެވެ. ހެދުމުގެ ފެބްރިކް ހުރަހަކަށް ވެފައި ވިނަމަވެސް އޭނަގެ ހަށިގަނޑުގެ ނާރުތައް ހަލަބޮލިވިއެވެ. މިނޫނިއްޔާ ދާނިޔަލް އާއި މިހާ ކާރިވެފައެއް ނެތެވެ.

"އަހަރެން ޓީޗް ކޮށްދީފާނަން....." ދާނިޔަލް މިލާންގެ ނާޒުކް އަތާއިއެކު ދަނޑިގަނޑުގައި ހިފެހެއްޓިއެވެ. އޭރު މިލާންގެ އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ދާނިޔަލްގެ އަތުގެ ތެރެއަށް ވަގުތުން ވިރިގެން ދިޔަހެން ހީވިއެވެ.

މިލާންއަށް ސަލާމަތް ވެވޭނެ މަގު މުޅިން ބަންދުވިއެވެ. އެހެންނޫނަސް އިރުކޮޅެއްވާންދެން މިލާން ދުނިޔޭގެ ހުރިހާކަމެއް މަތިން ހަނދާން ނެތުނެވެ. މިއީ ދާދި އަވަހަށް މީހެއްގެ ފިރިއަކަށް ވެގެން ދާނެ ޒުވާނެއްކަމާއި އޭނައައި ދެމީހުންގެ ދޭތެރޭގައި ހުރި ފަރަގު ހަދާން ނައްތާލެވުނެވެ. އަދި އިރާފަދަ ނުކުޅެދޭ އަންހެންކުއްޖެއްގެ ހަޔާތުގެ ބައިވެރިޔާ އާއި މެދު އެއްވެސް އިހުސާސްތަކެއް ހިތުގައިވުމަކީ އިރާއަށް ދެވޭނެ އަނިޔާއެއްކަންވެސް ހިދުކޮޅަކަށް ހަދާން ނައްތާލެވިއްޖެއެވެ. އުމުރު ދުވަހު އެ އަތުގެތެރޭގައި އެގޮތަށް ހުރެލަން ބޭނުންވިއެވެ. ދެމީހުންވެސް ސިއްސައިގެން ދިޔައީ ދީނާގެ އަޑަށެވެ.

"މިލާން... ހަމަ މިހާރު ތި ތަނުން ނުކުމޭ... މޮޔަވީތަ؟ މިވަރަށް ބުނާއިރު ކަންފަތް ބީރީތަ؟ " ދީނާ ހުރީ އަލިފާންވެފައެވެ. އެ ދޮންމޫނަށް ރަތްކުލަވެރިވެފައިވެއެވެ.

"ހަމަޖެހިބަލަ މަމް. ކޮއްކޮއަށް ޕޫލްކުޅެން ދަސްކޮށްދެނީ... އަހަރެމެން މިތިބީ ނުބައިކަމެއް ކުރާކަށް ނޫނެއްނު.. މަންމަ މާ ލޭމައްޗަށް ދާވަރުގެ ކަމެއް މިތާކު ނުހިގާ..." ދާނިޔަލްގެ އަޑުގައިވި މަލާމާތުގެ ގޮތުން ދީނާ ހުރީ އިރުކޮޅެއްވާންދެން ބަސްހުއްޓިފައެވެ. ލޯބިވާ ފިރިހެން ދަރިފުޅު އޭނައާއި މިގޮތަށް ވާހަކަދެއްކުމުން ކެތްކުރެވެނީއެއް ނޫނެވެ. ނަމަވެސް ދީނާ އުޅެ އުޅެ ދާނިޔަލްއާއި ގުޅުން ރަނގަޅުވާގޮތެއް ނުވިއެވެ. ނަހުޔާން އާއި ދީނާގެ ގުޅުން މިއަށް ވުރެ އެތައް ތަނެއް ރަނގަޅުވެފައި ވާއިރުވެސް ދާނިޔަލް ހައްތަހާ ދަނީ ދުރަށެވެ. ދުވަހަކުވެސް ދާނިޔަލް އޭނައަކީ މަންމަ ކަމުގައި ބަލައިގަންނާނެ ހެއްޔެވެ؟

"ދާނިޔަލް، އަހަރެންގެ މޫނުމަތީގައި ތިގޮތަށް ވާހަކަ ނުދައްކާތި..." ދީނާ ހަރުކަށިވިއެވެ.

"ވެރީ ފަނީ..." ދާނިޔަލް ވެސް ރުޅިގަދަވިއެވެ.

މިލާން ދާނިޔަލްގެ އަތް ދުރުކޮށްލަން މަސައްކަތްކުރިޔަސް އެކަތައިގެ ބާރު އެކުލެވޭ އަތް ގުޑުވައެއް ނުލެވުނެވެ. މަންމަ ފެނުމުން މިލާންއާއި ދުރަށް ޖެހެންވެސް އޭނަ ޚިޔާލެއް ނުކުރިއެވެ. ހައްތަހާ އަތުގެ ދާއިރާ ހަނިކޮށްލާފައި މިލާންއަށް ހިރިލާނެ ފުރުސަތެއްވެސް ނުދިނެވެ. މިލާން ހިންދިރުވާލިއެވެ. ކިތަންމެ ވަރަކަށް ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިޔަސް ލޮލުގައި އެއްވެގަތް ކަރުނަތައް އެދޮން ކޯތާފަތްމަތިން ތިރިއަށް ފިރުކިގެންފިއެވެ. ދާނިޔަލް މިލާންގެ މޫނަށް އެހާ ކާރިން ބަލައިލިއިރު ފެނުނު މަންޒަރަކުން ހިތަށް ބުނަން ނޭގޭ ގޮތެއްވިއެވެ. ވަގުތުން ދާނިޔަލް މިލާންއާއި ދުރަށް ޖެހިލާފައި ރުޅިވެރިކަމާއިއެކު ބޯޅަތަކުގައި އަތުން ޖަހާ ވިއްސާލާފައި އެތަނުން ދާން ހިނގައިގަތެވެ.

ދީނާ ގެ އަތުގެ ދިލަކަން މޫނުމަތީގައި ދެވަނަފަހަރަށް އިހުސާސް ކުރެވުނު އިރުވެސް މިލާން ހުރީ ބިރުން ގުޑިލާން ނުކެރިފައެވެ.

"ބުނޭ، ދާނިޔަލް ކާރީ ހުރިހާ ވާހަކައެއް ދެއްކީތަ؟ " ދީނާ ހަޅޭއްލަވައި ގަތުމުން އަޑު ގުގުމައިގެން ދިޔައެވެ.

"ނޫން..ނޫން....ދެންމެ ދާނިޔަލް މިތަނަށް އައީ.. އެކަނި ބުނީ ޕޫލްކުޅެން ދަސްކޮށްދޭނަމޭ...." މިލާން އަޑު އެއްވަރަކަށް ހިފަހައްޓަން މަސައްކަތްކުރިއެވެ.

"ކޮއްކޮއެއްގެ ގޮތުންވެސް ވާހަކަ ނުދައްކާށޭ މަ ބުނީމެއްނު..." ދީނާ ތަންކޮޅެއް މައިތިރިވެލައިފިއެވެ. ފަހަރެއްގައި ދާނިޔަލް މިލާން އާއި ވާހަކަ ދައްކަނީ ކޮއްކޮއެއްގެ ހައިސިއްޔަތުންނެވެ. ދާނިޔަލްއަށް ހަގީގަތް އެގޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަލީކްގެ ގާތުގައި އޭނަ ވަނީ މިހާރު މިލާންގެ އަސްލު ކިޔާދީފައެވެ. ބައްޕައެއްނެތް ކުއްޖެއްކަމާއި މުފީދާގެ މާމަ ދަރިއެއްކަން މަލީކްއަށް އެނގިލެއްވުމުން މަލީކްއަށްވެސް ލިބިލެއްވީ ޝޮކެކެވެ. އޭނަ ބުނުއްވިގޮތުން ދީނާ އެގޮތަށް ގެންގުޅޭނީވެސް މާތް ބަޔެއްގެ މާތްކުއްޖެއްކަމަށް އޭނަ ހީކުރެއްވިއެވެ. ނިކަމެތި ކުއްޖެއްނަމަވެސް އެންމެ ރަނގަޅެވެ. ނަމަވެސް ބައްޕައެއް ނެތް ދަރިއަކަށް ވެއްޖެއްޔާ އެއިން ދައްކުވައި ދެނީ އާއިލާގެ ވިޔާނުދާކަމެވެ.

މިލާން އެތަނުން ނިކުމެގެން ހިނގައިގަތީ ކޯތާފަތުން ކަރުނަ ފޮހެލުމަށްފަހުގައެވެ. އޭނައަށް ކުޑަ ކުޑަ އުފަލެއްވެސް ހައްގު ނޫނީ ބާވައެވެ. ޔަގީނުންވެސް މި ބޮޑު ގެއާއި ރީތި މީހުންގެ ފަރާތުން މިހާރު ހިތަށް ލިބެނީ އަނިޔާއެވެ. އޭނަ ބޭނުމީ މާމަ ގޮވައިގެން ގޮސް ކުޑަ ގެއެއްގައި އުފާވެރިކޮށް އުޅުމެވެ. މި ހުރިހާ މުއްސަނދިކަމެއް ދެކެ މިލާން ފޫހިވެއްޖެއެވެ. ފަގީރުކޮށް އުޅުނުއިރު އޭނަ މަންމަ ގާތުގައި އުޅުނީ މާ އުފަލުންނެވެ. މަންމަ ނިކަމެތި ނަމަވެސް ލޯތްބާއި އޯގާތެރިކަމުން މިލާންގެ ހިތް ފުރާލަދިނެވެ. އެ މަންމަ ދުނިޔޭގައި ހުރިނަމަ ކޮންފަދަހެއްޔެވެ؟ މާމަ ނެތްނަމަ މިހާރު އޭނަ ދީނާ އާއި ދިމާލަށް ބުނަން ވީ އެއްޗެއް ބުނެލާފައި ނުކުމެގެން ދިޔައީ ހެއްޔެވެ؟ އޭނައަށްވެސް ނުކެރެނީއެއް ނޫނެވެ. މާމަގެ ހައްގުގައި ހިމޭނުން ހުންނަން ހިތް މަޖުބޫރުކުރަނީއެވެ. ނޫނީ ދާނިޔަލްއަށް ޓަކައިވެސް ހެއްޔެވެ؟ ދާނިޔަލްގެ މަންމައަށް ވީތީހެއްޔެވެ؟

މިލާން ފާމަސީއަށް ވަދެފައި ބޭސް ސިޓީ ދިއްކޮށްލި އިރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ނަސީބަކުން ފާމަސީގައި އޭނަ ދަންނަ އެކަކުވެސް ނެތެވެ. އައިޒާ ޑޮކްޓަރަކަށް ގުޅާފައި ވާހަކަދެއްކުމުން މިލާންއަށް ދިން ބޭސް ސިޓީއަކީ އެއްގޮތަކަށްވެސް އިރާއަށް ދޭން ގަންނަ އެއްޗެއްކަން ޑޮކްޓަރަކަށް ވެސް ރޭކާ ނުލާނެއެވެ. މިލާން އަތަށް ބޭސްކޮތަޅު އެރުމާއިއެކު ދާން ހިނގައިގަތް ތަނާ މީހެއްގެ ގައިގާ އަޅައިގެންފައި ބޭސްކޮތަޅު އަތުން ދޫވިއެވެ. އޭނައަށް ވުރެ ކުރިން އެ ކޮތަޅު ނަގަން ގުދުވީ ދާނިޔަލްއެވެ.

"ހިތަށް އަރާ ހަމަ ހިޔަނިހެން ފަހަތުން އުޅެއޭ ދޯ ލަވް...." ދާނިޔަލް ކޮތަޅު ހުޅުވަން އުޅުމުން މިލާން ބިރުގެންފައި އެ ކޮތަޅު ހޯދަން މަސައްކަތް ކުރިއެވެ.

"ތިހާވަރުން ފޮރުވަނީ އަނެއްކާ ކޮންޑަމްތަ؟ " ދާނިޔަލް ހޭންފެށިއެވެ. އަދި ކުޑަކޮށް އަތް ހިއްލައިލުމުން މިލާންއަށް އެއަށް އަތް ފޯރުނުކުރެވުނެވެ. މިލާން އެވަރުންވެސް އިރުކޮޅެއްވާންދެން ދާނިޔަލްގެ އަތުގައި ހިފަހިފާފައި މީހުންގެ ސަމާލުކަން ހުއްޓޭކަން ފާހަގަކުރެވި ލަދުގަނެއްޖެއެވެ. ދާނިޔަލް ކޮތަޅު ހުޅުވާލާފައި ބޭހަށް ބަލައިލާފައި ދެބުމަ ކާރިކޮށްލި ސަބަބެއް މިލާންއަކަށް ނޭގުނެވެ. މިލާން ހިނިއަންނަ ގޮތްވެސްވިއެވެ.

"ވަޓް ހެޕެންޑް.... ރުޅިއައީތަ؟ " ކޮތަޅު ލިބުމުން މިލާން މައުސޫމް ގޮތަކަށް ހިނިތުންވެލިއެވެ.

"މިލާންވެސް އެހާ ރެގިއުލަރ އެއްނޫން ދޯ...." ދާނިޔަލް ބުމަ އަރުވާލިއެވެ.

"ތިބުނީ ކީކޭތަ؟ "މިލާން ކުޑަކޮށް ހައިރާންވިއެވެ.

"ޑޮކްޓަރަށް ދެއްކީ ކީއްވެ؟ މި ބޭސްކާން ޖެހުނީ ކީއްވެތަ؟ " ދާނިޔަލް ގެ ސުވާލުތައް އަމާޒުވާން ފެށުމުން މިލާން ކަންބޮޑުވެ ނިތްކުރިން ދާތިކިތައް ވިދަންފެށިއެވެ. މިލާން ހީކުރީ މިއީ ދޭތެރެ ދުރުކުރާ ބޭހެއްކަމަށެވެ. ސިއްހީ މައުލޫމާތު އެވަރަށް ނުހޯދާތީ މިލާންއަކަށް އެއްގޮތަކަށްވެސް އެ ބޭސް އެހެން ކަމަކަށް ބޭނުންކޮށްފާނެ ކަމަކަށް ހިޔެއްނުކުރެއެވެ. ކަންބޮޑުވެ ރިތީ ތުންފަތުގައި ދަތްއަޅައިލީ އެހެންވީމައެވެ. މިލާން ހުރީ ދޮގުހަދަންވީމަ ޖެހިލުންވެފައެވެ. ދާނިޔަލް ހީކުރާނީ އޭނަ ކައިވެނި ނުކޮށްހުރެ މީހަކާއި ގުޅުން ބާއްވަނީ ކަމަށް ހެއްޔެވެ؟ އެ ދޮންމޫނަށް ފިނިފެންމަލުގެ ކުލަވެރިވާންފެށިއެވެ. މިލާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް އަނެއްކާވެސް ހިންދިރުވާލީ ކިޔާނެ އެއްޗެއް ނޭގިގެންނެވެ. ދާނިޔަލް ބަލަހައްޓައިގެން ހުރީ ޖަވާބަކަށް އިންތިޒާރު ކުރާފަދަ ގޮތަކަށެވެ. އެދެމީހުން ގެ ދޭތެރެއަށް ވެރިވެފައިވާ ނުތަނަވަސްކަން މާ ގިނައިރުވާންދެން ދެމިއޮންނާނެ ގޮތެއްނުވިއެވެ. މިނިޓެއްގެ ތެރޭގައި އެ ހިމޭންކަން މުގުރާލީ ރިސެޕްޝަން ކުދިންކޮޅެއް ކެފޭއިން ނިކުމެގެން އަންނަމުން ދާނިޔަލް އާއި އަރާހަމަވެފައި ދާނިޔަލްގެ ގައިގާ ޖެހިގަތްގޮތަށް އެ އަންހެންކުއްޖާ ކަމުން އައި އައިސްކޯން އޮތީ ދާނިޔަލްގެ ގަމީހުގައި ތަތްލަވާފައެވެ.

"ސޮރީ ޑޮކްޓަރ ޑެނިއަލް......" ސުދާ ގަސްތުގައި ކުރިކަމެއް ނަމަވެސް އޭނަ ހުރީ ދެލޯ ތަންމިނަށް ހުޅުވާލައިގެން އަނގަމަތީގައި އަތްއަޅާލައިގެންނެވެ. ސުދާ ހުރީ މިލާން ދެކެ ގަދަޔަށް ރުޅިއައިސްފައެވެ. މިލާން އަކީ އަވަށްޓެރި ކުއްޖަކަށްވެފައި ސުދާ މާ ކުރީއްސުރެ ނަފްރަތު ކުރާކުއްޖެކެވެ. މިލާން ފެނުނަސް ހިތުގައި އަނދައިގަންނަ އަލިފާނެއް ސުދާއަކަށް ނޭގެއެވެ. އެހެން އުޅެނިކޮށް ސުދާއަށް ރީތިވެގެން އުޅުނު ޒުވާނަކު ވަނީ މިލާންއަށްޓަކައި ދުނިޔެ ދޫކޮށް ގޮސްފައެވެ. މިލާން އެހާ ކާމިޔާބުވާންވީ ސަބަބެއް ސުދާއަކަށް ނުވިސްނެއެވެ. ދޮން ކުއްޖެކޭ ކިޔާފައި ވަކި ހުރިހާ ފިރިހެނުން އޭނަގެ ފަހަތުން އުޅެން ޖެހޭހެއްޔެވެ؟ އެންމެ ރަނގަޅެވެ. ހުރިހާ ފިރިހެނުން އުޅުނަސް ހެވެވެ. ދާނިޔަލްފަދަ ސްމާޓް ރީތި ޒުވާނަކު މިލާންފަދަ މަންޖެއަކާއިގެން އުޅުމަކީ ވެގެންވާނެ ކަމެއްނޫނެވެ. 

ދާނިޔަލް މަޑުމަޑުން އެއްޗެކޭ ބުނެލާފައި އަދި ހިނގައިގަތީ މިލާންގެ ފަހަތުންނެވެ. ސުދާގެ ހިތް ކަތިލާލާފައެވެ.

"ވެއިޓް މިލާން...." ދާނިޔަލް މިލާންގެ ފަހަތުން ގޮސް ކާރަށް އަރަންދެން ސުދާ ހުރީ އެސްފިޔަޖަހާ ނުލައެވެ. އެހެންކުދިންވެސް ތިބީ ހަސަދަވެރިކަމުގެ ނަޒަރަކުން އެދިމާލަށް ބަލަހައްޓައިގެންނެވެ. މިލާން އާއި ދާނިޔަލްގެ ގުޅުމެއް އޮންނަންވީގޮތެއް ސުދާގެ ވިސްނުމަކަށް ނައެވެ. އައިޒާ އާއި ވާހަކަ ދައްކާނަމަ މިލާން ގެ ޚަބަރު އޮޅުން ފިލުވަން ފަސޭހަވީހެވެ. އައިޒާ އާއި އޭނަގެ ގުޅުންވެސް މިހާރު އެހާ ރަނގަޅެއް ނޫނެވެ. ހޮސްޕިޓަލް ތެރޭގައި ޖެހުނު މައްސަލައެއްގައި ސުދާ ލައްވާ ބަޔާނެއް ނެގި ހިސާބުން ފެށިގެން ސުދާ ހުންނަނީ އިންތިހާއަށް ރުޅިގަދަވެ ބަދަލު ހިފާލެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ސުދާ ދެކޭގޮތުގައި އައިޒާ ހިސާބަށްވުރެ ފޮނީއެވެ. ވަޒީފާއަށް އައުން ހުއްޓާލީވެސް އެތާ ކުދިންނާއި އަނގައިން ބުނަން ޖެހިދާނެތީއެވެ. 

"އަހަންނަށް އެ ގާލް އެނގޭ، އޭނަގެ ބައްޕައެއްވެސް ނުހުރޭ، ޑެނިއަލްފަދަ ޕްރިންސަކު ހައްލާލައިގެން އެ ވިޗް އުޅޭއިރު ޑެނިއަލް އަކަށް އެއީ ކާކުކަމެއް ނޭގޭނެ، މަ ޑެނިއަލްގެ ނަމްބަރަށް ގުޅާފައި ނަމަވެސް މިލާންއަކީ ކާކުކަން ބުނެދޭނަން... މަށަށް ނުލިބި ލާހިކެއްނޫން މިލާންއަށް ޑެނިއަލްއާއި ކާރިވާކަށް...." ސުދާ އަނދައިގަތެވެ.

ދާނިޔަލް އާއި އިރާގެ ކައިވެންޏަށް ތާރީޚު ކަނޑައަޅައިފި އެވެ. ބާކީ އޮތީ އެންމެ ހަތްދުވަހެވެ. މިއަންނަ ހުކުރުދުވަހު ރިޒޯޓެއްގައި ކާވެނީގެ ހަފްލާ ކުލަގަދަގޮތަކަށް ބާއްވަން ހުރިހާ ތައްޔާރީތަކެއް ވަމުން އައެވެ. ބީޗް ޕާޓީއެއް ބާއްވަން އުޅޭއިރުވެސް އިރާއަކަށް އެކަމުގެ އިޝާރާތެއް ލިބިފައެއްނެތެވެ. އޭނައާއި މަޝްވަރާކުރުމުގެ ބޭނުމެއް އޮތްހެން ޖުވޭދާއަކަށް ހިޔެއްނުވެއެވެ. ކައިވެނި ގާތްވަމުން އައިއިރު ދާނިޔަލް ވެސް ހޮސްޕިޓަލުން ޗުއްޓީ ނަގައިފިއެވެ. ދާނިޔަލް ހުންނަނީ ވަރަށް ހަމަޖެހިލައިގެންނެވެ. އޭނަގެ ނުރުހުމުގައި ކުރެވޭ ކައިވެންޏެއްހެން އެހެން މީހަކަށް ހީކުރުވާފަދަ ވާހަކައެއްވެސް ނުދައްކައެވެ. ޗުއްޓީ ލިބުމުން ގިނަވަގުތު ހޭދަކުރީ އެކުވެރިންނާއިއެކު އެތަން މިތާގައެވެ. ހޫނުގަދަކަމުން ކޮންމެމީހަކުވެސް އޭސީގެ ދަށުގައި ނޫނީ ޕޫލްގައި ހޭދަކުރަން ބޭނުންވާފަދަ ދުވަހެކެވެ. ޓެމްޕްރޭޗަރ ތިރީސް ތިނެއްގައިވިޔަސް ހީވަނީ ސާޅީހުގައި ވާހެންނެވެ.

"ޑެނީ....ސީރިޔަސްކޮށް އިރާއާއި މެރީކުރެވޭތީ އުފަލުން ތިހިރީ..." ނަހުޔާން އަހާލައިފިއެވެ.

"ޝައްކުވީތަ ބްރޯ..." ދާނިޔަލް ފެންގަނޑުން މައްޗަށް އަރާ ސިޑީގެ ރެއިލިންގައި އެއްއަތުން ހިފަހައްޓާލަމުން އަނެއް އަތުން މޫނުގައިވާ ފެން ފޮޅާލުމުން ރީތިކަމުން ހީވީ އެހެން ކަމެއްހެންނެވެ. އޮމާން މޫނަށް ރަންއަލި އެޅިފައިވާއިރު ހުވަފެނީގޮތަކަށް ފެނެއެވެ. މިލާން އަށް އެ މަންޒަރު ފެނިފައި އަވަހަށް ފަހަތަށް ދެމިގަތުމުން ނަހުޔާން އެނބުރި ބަލައިނުލި ނަމަވެސް ދާނިޔަލް ހުރީ މިލާން ސިޑިން ފޭބިދިމާލަށް ބަލަހައްޓައިގެންނެވެ. ޓެރެސްއަށް ވަންނަ ދޮރަކީ އެތެރެއިން ތަޅުލެވޭ ގޮތަށް ހުންނަ ބަޔެކެވެ. އެކަނި ފަތާލަން ބޭނުން މީހަކަށް މިނިވަންކަން އޮންނާނެއެވެ. އެމީހުން ތަޅުނުލާ ތިބުމުން މިލާންއަށް އެތަނަށް އާދެވުނީއެވެ. މިލާން މަޑުކޮށްލިނަމައެވެ.

"އަހަންނަށް ޑެނީ ރަނގަޅަށް އެނގޭ، އަދި މީހަކާއި އިންނަން ވަރަށް މެޗުއަރ އެއްނުވޭ، ލޯބިނުވެ މީހަކާއި މެރީކޮށްގެން އުޅެވިދާނެތަ؟ ފެއިތްފުލްކޮށް ހުރެވޭނެތަ؟ އަހަންނަށް އެކަމާއި މެދު ޝައްކުވަނީ. އެހެންނޫނަސް ފުރަތަމަ ސްޓެޕްމަމް ކާރީގައި ބުނޭ އިރާ ސާޖަރީ ހައްދައިގެން އައީމައޭ މެރީކުރާނީ، އޭނަވެސް ކުޑަ ސެކްރިފައިސް އެއް ވާންޖެހޭނެދޯ..." ނަހުޔާން ހުރީ ދޮންމަންމަ ޖުވޭދާ ދެކެ ހިތްހަމަނުޖެހިފައެވެ.

"މާ ލަހުން ދޮންބެ ތި ވާހަކަ ބުނީ...." ދާނިޔަލް ހީލިއެވެ.

"އަހަރެންވެސް ބޭނުމެއްނުވޭ ބައްޕަ ކުރައްވާކަމަކާއި އެހާ ދެކޮޅުހަދަން، އެކަމަކު ޑެނީ ރިފިއުޒްކޮށްފިއްޔާ އޯކޭވާނެ....." ނަހުޔާން އެހާ ވަރަށް އެ ވާހަކަ ދެއްކީ އިރާ އެކައިވެންޏާއި ދެކޮޅުކަން އެނގުމުންނެވެ. އިރާ ފަދަ މަޖުބޫރީކުއްޖަކަށް އިތުރު އަނިޔާއެއް ދޭން އޭނަގެ މަންމަ އުޅޭ ސަބަބެއް ނަހުޔާންއަކަށް ނުވިސްނެއެވެ. 

"ހެހެ..." ދާނިޔަލް ތުންފަތުގައި ދަތްއަޅާލިއެވެ.

"ކޮބާ ތީގެ މާނައަކީ؟ " ނަހުޔާން ހައިރާންވިއެވެ. ދާނިޔަލްގެ ހަމަޖެހޭކަމާއި އުފާވެރިކަމުން ނަހުޔާންގެ ހިތަށްވެސް ފިނިކަމެއް ލިބުނެވެ. އޭނަ ވިސްނައިދިނީ އިރާއާއި މެދު ވިސްނުމަށެވެ. އަޅާލުމަށެވެ. އިރާ ދެރަވާފަދަ ގޮތަކަށް ކަންތައް ނުކުރުމަށެވެ. ނަހުޔާން އެވަރަށް ވިސްނައިދިން އިރުވެސް ދާނިޔަލް އާއި މިލާން އާއި ދޭތެރޭގައި އަނދަމުންދަނީ ކޮންފަދަ އަލިފާނެއްކަން އޭނަގެ ވިސްނުންތޫނުކަމުން ވަނީ ދެނެގެންފައެވެ. ދާނިޔަލްއަށް މިލާން ދެކެ ލޯބިވެވިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އިރާއަށް ދެރަގޮތެއްވާކަށް ނަހުޔާން ބޭނުމެއްނޫނެވެ. އޭރު ދާނިޔަލްވެސް ވިސްނަމުން ދިޔައީ މިލާން އާއި މެދުގައެވެ. ނަމަވެސް އޭނަ އާއި މިލާން އާއި ދޭތެރޭގައި މުޅި އާއިލާ ދެކެނީ ބޭބެ ކޮއްކޮގެ ގޮތުގައެވެ. އެހެން ހިތަށް އެރިޔަސް ދާނިޔަލް ހިނި އާދެއެވެ. މަންމަ ބޭޒާރުކޮށްލާނެ ގޮތަކާއިމެދު ޚިޔާލުކޮށްލެވުނެވެ.

ޖުވޭދާ އިނީ އިރާދެކެ ހިތްހަމަނުޖެހިފައެވެ. ކައިވެންޏަށް ކާޑު ހަދާ ހުރިހާކަމެއް ނިމުމުން އިރާ މިހާރު ދާނިޔަލް އޭނަ ރޭޕްނުކުރާކަމަށް ބުނީ ކީއްވެހެއްޔެވެ؟ ދާނިޔަލްގެ ކުށެއްނެތި މަޖުބޫރުން ކައިވެންޏެއް ކުރުވަން ޖެހެނީ ކީއްވެހެއްޔެވެ؟ "ޓިކްލް ރޭޕް" ގެ މާނަ ނޭގިހުރެ މުފީދާ އޭނަގެ މަންމަ ގާތުގައި ވާހަކަ ދައްކައިގެން ދާނިޔަލް ކުށްވެރިވީ ކަމަށް މިހާރު އިރާ ބުނުމުން ޖުވޭދާގެ ހިތުގައި ދާނިޔަލްއާއި މެދު ހަމްދަރުދީ އުފެދުނެވެ. ނަމަވެސް މިވީގޮތް މާ ރަނގަޅެވެ. ދާނިޔަލް އަކީ ހާދަ މާތް ޒުވާނެކެވެ. އެހާ ބޮޑު ތުހުމަތެއް އެޅުވީމަވެސް ހިމޭނުން ހުންނާނީ ކިހާ ރަނގަޅު ވީމަހެއްޔެވެ؟ ޖުވޭދާގެ ލޮލަށް ކަރުނަ އައެވެ. އޭނަގެ ވާން އުޅޭ ދަނބިދަރިފުޅުގެ މޫނުމަތީގައި ޖެހުނު ދުވަހަށް ހިތް ލައުނަތް ދިނެވެ. ދުނިޔޭގައި އަތް ފުނާ އެޅިޔަސް މިހާ ރަގަޅު ދަނބިދަރިއެއް އަންހެނަކަށް ނުލިބޭނެއެވެ.

"މަންމާ، އަހަރެން ބުނާ އެންމެ ވާހަކަ އެއް އަޑުއަހާލަފާނަންތަ؟ " އިރާ އާދޭސްކުރިއެވެ.

ކޮމެންޓް 0