"އެކަމަކު ރޭގަނޑު ދަންވަރު ޑެނީ ތިހެން މި ރޫމަށް އައުން ރަނގަޅެއްނޫން...." މިލާން އެސްފިޔަތައް ތިރިކޮށްލުމުން އެ ސިހުރުވެރި ވަގުތުކޮޅު ނެތިގެން ދިޔަކަން އެއީ ކާކުގެ ނަސީބެއްކަން ނޭގެއެވެ.

"އައި ނޯ އައި ނޯ ބޭބީ، އެކަމަކު އަހަންނަށް އިތުރު ޗޮއިސްއެއް އެބައޮތްތަ؟" ދާނިޔަލް މިލާންގެ އުނގުގައި އޮތް ބާލީސް މަތީގައި ލުއިކޮށް އަތް ބާއްވާލުމުންވެސް މިލާން ހީލިކަރުވާގޮތްވެ ދުރަށް ޖެހިލެވުނެވެ. އެއާއި އެކު އަވަހަށް ސަދުވާތައް ދުރުކޮށްލާފައި އެނދުން ފައިބައިގެން ގޮސް ބެލްކަނީގެ ދޮރުތައް ހުޅުވާލާފައި މިލާން ފުންނޭވާ ތަކެއް ދޫކޮށްލި ނަމަވެސް ހިތުގެ ވިންދު ހަމަޔަކަށް ނޭޅުނެވެ. މިލާންގެ ފަހަތުން ކަހަލަ ގޮތަކަށް ދާނިޔަލް ހަނދުވަރުގެ ރިހި އަލިން އަލިކޮށްލާފައިވާ ބެލްކަންޏަށް ނުކުތެވެ. ދިއްލިފައިވާ ވޮށެއްފަދައިން ހަނދު އުޑުގައި ރަނިކަން ކުރާތަން ފެނެއެވެ. އެ ދެލޯބިވެރިންނާއި އެކު ހަނދު ފެނުމުން މަންޒަރު ފުރިހަމަވެފައި ވެއެވެ.

"މިލާން އަހަންނަށް ޓްރަސްޓް ނުކުރަނީތަ؟ ފިލައިގެން ތިއުޅެނީ ކީއްވެތަ؟" ދާނިޔަލް ފިނިވެފައިވާ ދެއަތްތިލަ ޖިންސްގެ ޖީބަށް ޖަހާލަމުން މަޑުމަޑުން އަހާލައިފި އެވެ.

"ޑެނީ، ދިސް އިޒް ރޯންގް... އަހަރެން ބޭނުމެއްނޫން މި ރިލޭޝަންޝިޕް އިތުރަށް ކުރިއަށް ގެންދާކަށް..." މިލާން ހިތްވަރުކޮށްލި ނަމަވެސް ލޮލުގެ އެސްފިޔަތަކުގެ ފުރަގަހުގައި ކަރުނަތައް ފިލާފައި ވެއެވެ.

"ވަޓް...." ދާނިޔަލް އަށް ބުނެވުނެވެ.

"ލުކް ޑެނީ، އަހަރެން ބޭނުމެއްނޫން އިރާއަށް ދެރައެއްދޭކަށް، އިރާ އަހަރެންގެ ގާތުގައި ދެއްކި ވާހަކަ އަކުން މިސްއަންޑަސްޓޭންޑިން އެއް ހިނގީމަ އަހަންނަށް ޑެނީ އާއި މިހާ ގާތަށް އާދެވުނީ، ނޭގުމުގެ ތެރޭގައި، އަހަރެންގެ ގާތުގައި އިރާ ބުނިގޮތުން ޑެނީ އާއި ދެމީހުން އެއްވެސް ގުޅުމެއްނެތް، މަޖުބޫރު ކައިވެންޏެއްގެ ސަބަބުން އެކީގައި އުޅެން މަޖުބޫރުވީ، ފަހުން އިރާ ބުނިގޮތުން ޑިވޯސް ވެފައި ތިބީ، އެހެންވެ އަހަރެން ހީކުރީ ޑެނީ ސިންގަލް ކަމަށް، އަހަރެންގެ އުއްމީދު އާވި ސަބަބަކީ އެއީ، ފްރޭންކްކޮށް ޑެނީގެ ގާތުގައި އަހަރެން މިކިޔާދިނީ ހަގީގަތް، އަދި އަހަންނަށް އެ މަންޒަރު ނުފެނުނުނަމަ އަބަދު ހުރީހީ އޮޅުމެއްގެ ތެރޭގައި، އެކަމަކު ޑެނީ.....އައި...." މިލާން އަނެއް ފަރާތަށް އެނބުރެމުން ލޮލުގައިވާ ކަރުނަތައް ފޮހެލައިފި އެވެ.

"ކޮން މަންޒަރެއްތަ؟" ދާނިޔަލް ކުޑަކޮށް ސިހިފައި އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. މިލާން ރެއިލިންގައި އެ ނާޒުކް އަތަށް ތަދުވާހާ ބާރަށް ހިފެހެއްޓިއެވެ. ހަނދުގެ އަލިކަމުގައި ވެސް މިލާންގެ އަތުގެ އިނގިލިތަކުގެ އޮމާން ކަމުން ވިދާހެން ހީވެއެވެ. ހާދަ ނަލައެވެ. އެއަތުގައި ހިފާލާހިތުން ކެތްކުރެވުނީއެއް ނޫނެވެ.

"އަހަރެންގެ މިސްޓޭކެއް އިރާގެ ރޫމްގެ ދޮރުގައި ޓަކި ނުދީ ވަދެވުނުކަން...." މިލާން އޮޅުވައިލުމެއްނެތި ހަގީގަތް ކިޔައިދިނީ ސިކުނޑީގައިވާ ބުރަ ލުއިކޮށްލުމަށެވެ. ވާހަކަތައް ފޮރުވަން ހަދައިގެން ލަނޑު ލިބޭ ފަހަރު މަދެއްނޫނެވެ. ހިނގާފައިވާ ކަމެއްގެ ވާހަކަ އަނެކަކަށް އޮޅުން ފިލުވައިދިނުމުން އަނެއް ފަރާތުން ދިފާއުގައި ބުނާ އެއްޗެއް އަޑުއެހިދާނެއެވެ.

"އޯވް....." ދާނިޔަލްގެ ހިތަށް މާޔޫސީކަމުގެ ހިޔަނި އެޅުނެވެ. އޭނަ އެކަން ދޮގުކުރަން އެންމެ ލަފުޒެއް ބުނާކަށް ބޭނުމެއްނުވިއެވެ. ވީއިރު މިއީ އޮޅުމެއްގެ ސަބަބުން މަގުފަހިވި ގުޅުމެއްތާއެވެ. މިލާން އޭނައަށް ފޯނުކުރީ އޭނަ ހުހަށްހުރިކަމުގެ ކުށްހީކުރެވިގެންނެވެ. މީހެއްގެ ފިރިޔެއްކަން އެނގޭނަމަ މިލާންވެސް ބޭނުމެއްނުވާނެއެވެ.

"ޑެނީ.. އިރާގެ ގާތަށް ދޭ، ޝީ ނީޑްސް ޔޫ... އަނދިރިކުއްޖަކަށް ދެރައެއް ދީގެން އަހަރެމެންނަކަށް އުފަލެއް ނުލިބޭނެ......" މިލާން ހިތާހިތުން ރުޔަސް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ހަނދުވަރުގެ އަލި އެ ދޮންމޫނަށް އެޅިފައިވާއިރު ޕަރީއެއްފަދައެވެ. ދާނިޔަލް ޖަވާބެއްނުދީ ރެއިލިންގައި އަތުގެ އަތްޖައްސައިލި ގޮތަށް ދުރަށް ބަލަހައްޓައިގެން ހުރެ ވިސްނަމުން ދިޔައީ ކޯންޗެއްކަމެއް ނޭގުނެވެ.

"ޑެނީ ކޮންމެވެސް އެއްޗެކޭ ބުނެބަލަ...." މިލާންގެ އަޑު ކުރެހިގެން ދިޔައެވެ. ދާނިޔަލް ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިގެން ހުރެ ރޮނީކަން އެނގުމުން މިލާންގެ ހިތް ފަޅިފަޅިވެގެން ދިޔަފަދަ އިހުސާސެއް ކުރެވި ނުބައިގޮތެއްވިއެވެ. ދާނިޔަލްއެކޭ އެއްފަދައިން އޭނަގެ ހިތްވެސް ހަލާކުވެއްޖެއެވެ. ނަމަވެސް ލޯބިވެޔޭ ކިޔާފައި އޭނައަށް އެހެން އަންހެންކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ވަނުމުގެ އެއްވެސް ހައްގެއް ލިބިފައެއް ނެތެވެ. އިރާ ދާނިޔަލް އާއި ދުރަށް ނުދާކަން އެނގުމަށްފަހު އޭނަ ހުންނަން ޖެހޭނީ އެވަރު ވިސްނައިގެން ސަމާލުވެގެންނެވެ. އިރުކޮޅެއްވާންދެން ދެމީހުން ދެތަނުގައި ތިބެ ކަރުނަ އޮއްސިއިރު ހަނދުވެސް ވިލާކޮޅެއްގެ ފަހަތަށް ވަދެ ނިވާވެލީ އެމަންޒަރު ދެކެން ކެތްނުކުރެވިގެން ކަން ނޭގެއެވެ. މިހާރު އަނދިރިވެފައިވާ ބެލްކަނީގައި އެ ދެ ޒުވާނުން ފެންނަނީ ހިޔަނިތަކެއް ފަދައިންނެވެ.

"ޑެނީ......" މިލާންއަށް ކެތްނުކުރެވިގެން އެންމެ ފަހުން ދާނިޔަލްއަށް ގޮވާލާފައި ގޮސް ގާތަށް ހުއްޓި އެ ރީތި އަތުގައި ހިފާލިއެވެ. ތެމިފައިވާ ދެއަތްތިލައިގައި ބޮސްދޭން މިލާންގެ ހިތް ބޭނުންވިޔަސް އެހިތްވަރެއް ނުކުރެވިފައި އަސަރާއިއެކުގައި ބަލަހައްޓައިގެން ހުރިއިރު އެ މުށިދެލޮލުގައި ކަރުނަވިދައެވެ. ހިދުކޮޅެއްވާންދެން އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނެވެ. ދާނިޔަލް މިލާންގެ އަތް މަޑުމަޑުން ދުރަށް ޖައްސާލާފައި އެތަނުން ދާން ހިނގައިގަތް ވަގުތު މިލާންއަށް ހީވީ ދުނިޔޭގައިވާހާ އެއްޗެއް ގެއްލި އޭނަ ދުނިޔެއަށް އެކަނިވީހެންނެވެ. ލޮލުގައި ވި ކަރުނަތައް އަނެއްކާ ކޯތާފަތުން ދެމިގެން ތިރިއަށް ފައިބަންފެށިއެވެ. މިހެންވެގެން ނުވާނެއެވެ. ދާނިޔަލް ދިޔަދީގެން ނުވާނެއެވެ. އެއީ އޭނަގެ ލޯތްބެވެ. ފުރާނައެވެ. ދިރިހުރުމެވެ. ދާނިޔަލްއާއި ނުލައި އޭނަގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.

"ޑެނީ...ވެއިޓް ޕްލީޒް....." މިލާން އާދޭސް ކުރާފަދަ ގޮތަކަށް ގޮވާލުމުން ދާނިޔަލް އެނބުރި ބަލައިލި އިރު އެ ރީތި ދެލޮލުގައިވަނީ ހިތް ކަތިލާލާފަދަ ހިތާމަވެރި އަސަރުތަކެވެ. މިލާންގެ ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރައިލެވުނުހެންނެވެ. ލޮލަށް ކަރުނަ ޖަމާވެގެން ދިޔުމާއިއެކު މިލާން ގޮސް ދާނިޔަލްގެ އަތުގައި ހިފާލެވުނީ ބޭ އިޚުތިޔާރުގައެވެ.

"ޑެނީ އަހަރެން އެއްގޮތަކަށް ވެސް ޑެނީ އާއި ވަކިވާކަށް ބޭނުމެއްނޫން، ނަމަވެސް ޑެނީ ވިސްނާލިޔަސް އެނގޭނެ އިރާފަދަ ލޯފަންކުއްޖަކަށް އަހަރެމެން މިގޮތަށް އަނިޔާއެއް ދީގެން ނުވާނެކަން، އިރާގެ ލޮލަށް ފެނުނު ދުވަހަކުން ޑެނީއާއި އިރާ ވަކިވެއްޖެއްޔާ އަހަރެން ހުންނާނަން ޑެނީގެ އިންތިޒާރުގައި، އައި ޕްރޮމިސް...." މިލާން ދާނިޔަލްގެ ކުރިމަތީގައި މިގޮތަށް ކަރުނަ އޮއްސާކަށް ލަދެއްނުގަނެއެވެ. ލޯބިވާކަން ދުލުން ނުބުންޏަސް ދެމީހުންނަށް އެލޯބީގެ މަތިވެރިކަން އިހުސާސް ކުރެވެނީ ކަން ނޭގެއެވެ.

"މިލާން، ޔޫ އާރ ރައިޓް، އަހަންނަށްވެސް އެނގޭ އިރާ ބޭނުމެއް ނުވާނެކަން އަހަންނާއި މިލާން އެކީގައި އުޅޭތަން ދެކޭކަށް، އިރާ ޑިވޯސްއޭ ކިޔައިގެން މިލާން ގާތުގައި ވާހަކަދެއްކީ ކޮން އިންޓެންޝަން އެއްގައި ކަމެއް ނޭގޭ، އެކަމަކު އަހަރެންވެސް ބޭނުމީ ފުރަތަމަ އިރާގެ ލޮލުގެ ފެނުން އަނބުރާ އައުން.. އައި ވިލް ބީ ބެކް.." ދާނިޔަލް ހިނިތުންވެލުމުން އަނދިރީގެ ތެރެއިން އެ ހުދުދަތްތައް ވިދާލިއެވެ.

"ޑެނީ ކޮންތާކަށް ދާން ތިއުޅެނީ..." މިލާންއަށް އެއީ އާ ޚަބަރެކެވެ.

"ސްޕެޝަލައިޒް ވާން، އަހަރެން ކިޔެވުން ފުރިހަމަކޮށްލާފައި އިރާގެ ލޮލަށް ރަނގަޅު ކޮށްގެން މާލެ އަންނާނަން...." ދާނިޔަލް އެ ނިންމުން ނިންމީ ކުރިއަކުން ނޫނެވެ. މިލާންގެ ވާހަކަތަކަށްފަހު ދާނިޔަލް އަށްވެސް އެއްޗެއް ވިސްނުނީއެވެ. އަނދިރިކުއްޖަކާއި ދޭތެރޭގައި އިންސާނިއްޔަތު ކަމެއް ހުރެއްޖެއްޔާ ކަންތައް ކުރަން ޖެހޭނީ ވަރަށް ރަނގަޅަށެވެ. އިރާ އޭނަދެކެ ލޯބިވާކަން ޔަގީންވެހުރެ މިލާންގެ ގާތަށް އާދެވިގެން ނުވާނެއެވެ. އިރާގެ ލޮލުގެ އަލިކަން އަނބުރާ އައުމަށްފަހު އިރާ ދޫކޮށްލުމަކީ އޭނަގެ އަތްމަތީގައި އޮތްކަމެކެވެ. އޭރަށް އިރާއަށް އޭނަދެކެ ލޯބިވާ ހަޔާތުގެ ބައިވެރިޔަކު ހޯދިދާނެއެވެ.

"ޑެނީ ހަމަ ދާނީތަ؟" އެއީ މިލާންގެ ހިތަށް ކެތްކުރެވޭނެފަދަ ކަމަކަށް ނުވިއެވެ.

"ނުދާންވީތަ؟ މިލާން ބުނީމެއްނު އަހަންނަށް ޗާންސެއް އޮންނާނީ އިރާއަށް ރަނގަޅުވީމައޭ......" ދާނިޔަލް މިލާންގެ އަތުގައި ހިފާ ބާރުކޮށްލައިފި އެވެ. އެ ނާޒުކް ވެލްވެޓްކޮޅެއްހާ މަޑުއަތުގައި އަބަދަށް ހިފާލައިގެން ހުރެވޭނެނަމައޭ އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް މިހާރު މިއޮތީ ދުވަސްކޮޅަކަށް ނަމަވެސް ވަކިވާން ޖެހޭ ދުވަސް އައިސްފައެވެ. އޭނަގޮސް އެންމެ ރަނގަޅު ޑޮކްޓަރުންނަށް އިރާ ދައްކައިގެން ރަނގަޅު ފަރުވާއެއް ލިބޭތޯ ބަލާނެއެވެ. އެކަމަށްޓަކައި މާ ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހޭނެހެނެއް ހިޔެއްނުވެއެވެ. މިލާންގެ ލޮލުގައިވާ ކަރުނަތައް ހުއްޓުވަން ދާނިޔަލް އެލޮލުގައި ބޮސްދިނެވެ. ހާދަ ގިނައިރެއްވާންދެން އަތްނުލައި އުޅެވިއްޖެއެވެ. އެންމެ ފަހުން ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީއެވެ.

ދާނިޔަލް އާއި މިލާން ގެ ދޭތެރޭގައި ދެން ހިނގިކަމެއް ހިގީ ދެމީހުންގެވެސް އިޚުތިޔާރުން ބޭރުގައެވެ. އެހާ ހިސާބަށް ދާކަށް ދެމީހުންވެސް ވިސްނާފައެއްނެތެވެ. ނަމަވެސް ކަމެއް ހިނގާންވެއްޖެއްޔާ ކޮންމެ ކަމަކަށް ސަބަބެއް މެދުވެރިވެއެވެ. ބައެއްފަހަރު ފާފަކުރަން މަގު ދައްކަނީ އެގޮތަށް އެކަނިވެރި ތަންތާ ބައްދަލުކުރަން ހަދައިގެންނެވެ. ޚާއްސަކޮށް ދާނިޔަލް ފަދަ ރީތި ޒުވާނެއްގެ ޖާދޫގައި އަންހެންކުއްޖަކު ޖައްސާލުމަކީ މާބޮޑުކަމަކަށް ނުވާނެއެވެ. ދެމީހުން ދުރަށް ޖެހުނު އިރު ތިބީ ނޭވާ ހުސްވާން ކާރިވެފައެވެ. މިލާންގެ ދޮންމޫނު ރަތްކަމުން އަލިފާނުގެ ކުލަވެރިވެފައިވެއެވެ. ލިޕްސްޓިކަކަށް ބޭނުންނުވާފަދަ ކުލައަކުން ތުންފަތްވަނީ ފެވިފައެވެ. ހިތުގެ ވިންދު އަވަސްވެގެން އަނބުރައިގެންފާނެހެން ހީވިއެވެ.

"ޑެނީ، އަހަރެން ގެ މަތިން ހަނދާން ނައްތާނުލާތި، މިއީ އަހަރެންގެ އެފްބީ އެޑް...." މިލާން ރަކިވެފައިހުރެ ދާނިޔަލްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އަތުގައި ލިޔެދިނެވެ. ރަތްކުލައިގެ އަކުރުން ލިޔަމުން ދިޔައިރު ދާނިޔަލް ހިނިއައިސްފައި ބަލަން ހުއްޓެވެ. މިލާން އެޑްގެ ތިރީގައި ކުޑަ ހިތެއް ކުރަހާލާފައި "ލަވް ޔޫ" އޭ ޖަހައިލަމުން އެ އަތްތިލައިގާ ބޮސްދިން އިރު އަނެއްކާވެސް ލޮލުގައި ކަރުނަ ވިދަވިދާހުއްޓެވެ. މިގޮތަށް ވަކިވުމަކީ ކެތްނުކުރެވޭފަދަ ވޭނަކަށްވާއިރުވެސް ބައެއްފަހަރު އެހެންމީހުންނަށް ޓަކައި ލޯބި ގުރުބާން ކުރަން ޖެހޭތަން އާދެއެވެ. މީހުންގެ ފިރިން ޖަހައިގަތުމަކީ އަންހެނަކަށް ވެހުރެ ކުރުން ހެޔޮވާނެކަމެއްނޫނެވެ. މިލާން އުމުރު ދުވަހުވެސް ދާނިޔަލްގެ އިންތިޒާރުގައި ހުންނާނެއެވެ. ދާނިޔަލް މިއަދުވެސް ދެއަންބަށް އިންނަން އެދުނު ނަމަ މިލާން ދާނިޔަލްގެ ހައްގަކަށްވީހެވެ. ދާނިޔަލް އެގޮތަށް ބޭނުންނުވި ސަބަބެއް މިލާންގެ ވިސްނުމަކަށް ނައެވެ. އަހާލާކަށް ނުކެރުނެވެ. ދަނިޔަލްވެސް އަމިއްލަ އެދުން ބޮޑުކޮށްލާފައި އިރާގެ ޅަހިތަށް އަނިޔާއެއް ނުދޭންވެގެން އިންތިހާއަށް ކެތްކުރިއެވެ.

މިލާން އާއި ދާނިޔަލްގެ ގުޅުން ކުރިއަށް ޖެހިލިވަރެއް އިރާއަށް އެނގިފައެއްނެތެވެ. އިރާއަށް އެނގުނީ ދާނިޔަލް އޭނައާއި ދުރުހެލިވެއްޖެކަމެވެ. އެކޮޓަރިއަށް އަޔަސް އުޅޭލެއް ދުރުކަމުން އިރާއަކަށް ސަމާސާކޮށްލާކަށް ނުކެރެއެވެ. މިލާންއާއި ގުޅުވަން އެއްފަހަރު ހިތަށް ވިސްނައިދިނަސް ތިމާގެ ފިރިމީހާ އެހެން އަންހެންކުއްޖަކާއި އެކީގައި އުފާކުރާތަން ދެކެން ނުކުޅެދޭ ބަލިކުއްޖަކުވެސް ބޭނުމެއްނުވާނެއެވެ. ނަމަވެސް ވާނެ އެއްޗެއް ވިޔަދޭށެވެ. ދާނިޔަލްގެ ލޯތްބަށްޓަކައި އަދި އުފަލަށްޓަކައި އިރާ ހިމޭނުން ހުންނަން ގަސްތުކުރިއެވެ. ހިތާމަތައް ފޮރުވައިގެން ހުރެ އުފަލާއިއެކު އިރާ އުޅެމުންދިޔައެވެ. ޕިއާނޯ ކުޅުމާއި ނެށުމުގައި ދުވަސްތައް ވޭތުކުރެއެވެ. ބައެއްފަހަރު މިލާން އިރާ އާއި އެކުގައި ވަގުތު ހޭދަކުރެއެވެ. ދެކުދިންވެސް ތިބެނީ "ދާނިޔަލް" އެ މައުޟޫއަށް ވާހަކަ ނުދައްކަން ނިންމައިގެންކަން ނޭގެއެވެ.

ސުދާ އޭނަގެ ފޮށި ހާވާލިއިރު އެފޮށީގައި އޭނަ ފޮރުވައިގެން ގެންގުޅުނު އެއްޗެހި ވަގަށް ގެންގޮސްފައިވާކަން އެނގުމުން ލިބުނު ބިރުވެރިކަމުގައި މޫނު ކަފަކޮޅެއްހާ ހުދުވިއެވެ. ޝޮކަކަށް ނުދިޔައީ ކިރިޔާއެވެ. ޔަގީނުންވެސް މި ހަފްތާތެރޭގައި މިލާން އެގެއަށް ވަދެފައެއްނުވެއެވެ. ވީއިރު އެ ގެންދާނީ ކާކުބާވައެވެ. އެމީހަކު އެހާވަރުން އެ އެއްޗެހި ގެންދާންވީ ކީއްވެހެއްޔެވެ؟ ސުދާ އޭނަގެ ލޯބިވެރިންނާއި މެދު ވިސްނައިލިއެވެ. އެންމެނަށްވެސް އޭނަ ދިރިއުޅެނީ މިގޭގައިކަން އެނގެއެވެ. މަންމައާއި ތިއްތިބެއަށް ޖަލުގެ ހުކުމް އައިކަން އެނގުނަސް އޭނަގެ ދުނިޔެ މިހާ ބޮޑަށް ހާސްވެ އެފުށް މިފުށަށް ޖެހުނުކަމެއް ނޭގެއެވެ. އެ އެއްޗެހި ވަގަށް ނެގި މީހަކަށް މިހާރު ވާނީ ހުރިހާ ހަގީގަތެއް އެނގިފައެވެ. އެއީ މިލާންގެ މަންމަގެ ސިޓީތަކާއި ހަނދާންތަކެވެ. އަލްބަމް އަކާއި ޑައިރީ އަދި ކާޑުތަކާއި އެހެނިހެން ކުދި ސާމާނު ތަކެއްވެސް ހުއްޓެވެ.

ސުދާ ރުޅިގަދަވެފައި ހުރިއިރު ހީވީ ސިކުނޑީގެ ތެރެއިން ހަޅޭއްލެވުނުހެންނެވެ. ސިކުނޑި ފަޅައިގެން ގޮސްދާނެހެން ހީވެ ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އަވަހަށް ގުޅީ ފުލުހުންގެ ތެރޭގައި އުޅޭ ލޯބިވެރިޔާ ނާޒިމް އަށެވެ. ސުދާގެ ފޮށި ފަޅާލާފައިވާކަން އެނގުމުން އެ އެއްޗެހި ނެގިމީހަކު ހޯދަދޭން ނާޒިމް ވައުދުވިއެވެ.

ސުދާ އެވަރލޭންޑް ކާރިއަށް ކާރު މަޑުކޮށްލާފައި ފޭބުމަށްފަހު އެތެރެއަށް ވަންނަން އުޅުނީމަ ސިކިއުރިޓީ އެކަން ހުއްޓުވިއެވެ. ސިކުއިރިޓީ މީހާ މިލާންއަށް ގުޅުމުން މިލާން ދޮރާށްޓާއި ހަމަޔަށް ނުކުތެވެ. މިލާންއަކީ މިގޭ ކުއްޖެއް ނޫންކަމަށާއި އެކުވެރިން އެގެއަށް ނުގެނެވޭނެކަން މިލާން އެންގުމުން ސުދާ ދަތްތައް ބިންދައިގެންދާހާ ބާރަށް ދަތްތައް ވިކައިގަތެވެ.

"މިގޭ މީހުން ދެން ހާދާ އެރަގަންޓް، ކޮން ޝާހީއެއް ވާކަށްތަ؟ ރޯޔަލް މީހުންނޭ ކިޔާފައި ދެން މާ ހެދިގެން އުޅެން ހަމަ ޖެހޭތަ؟ ހާދަ ފޫހިވޭ... އައި ވޯނަ ޓެލް ޔޫ ސަމްތިން، މިލާންގެ މަންމަ އަހަރެންގެ މަންމަ އަތަށް ފޮރުވަން ދިން ޕާރުސަލެއް ވަގަކު ގެންގޮސްފި..." ސުދާ އެކަނި މިލާންއަށް އިވޭހާ މަޑުން ވާހަކަދެއްކިއެވެ. އެ ގެންދިޔައީ މިލާން ކަމުގައި ވިޔަސް ނޫނީ މިލާންއާއި ގުޅުން ހުރި މީހަކަށް ވިޔަސް ސުދާ އެ ވާހަކަ ބުނެފައި އޮތީމަ މިލާން އަތަށް އެ ލިބުނަސް ސުދާއާއިމެދު ހިތް ގޯސްނުވާނީ މިގޮތަށް ސުދާ ދޮގުތަކެއް ހަދައިގެން އޮޅުވާލީމަ ކަމަށް ސުދާ ހީކުރިއެވެ.

"އަހަރެން ހިތަށް އަރައިފި އަލަމާރިން ކޮންމެވެސް އެއްޗެއް މަދޭ، މާމަ އެކަހަލަ އެއްޗެކޭ ބުނެފައި އޮތީމަ.. އިޓްސް އޯކޭ ސުދާ....ނޯ ބިގް ޑީލް...." މިލާންއަށް އޭނަގެ އަލަމާރިން މަންމަގެ އެއްޗެހި ގެންދިޔައީ ސުދާކަން އެވަގުތު ޔަގީންވިއެވެ. ނަމަވެސް މިލާން ހުރީ ނުދެނެހުރިކަމަށް ހަދާލައިގެންނެވެ. ސުދާ ހީކުރަނީ އޭނައަކީ ގަމާރެއް ކަމަށް ހެއްޔެވެ؟ ސުދާގެ މިޒާޖު މިލާންއަށް މުޅިން ދަސްވިތާ ކޮން ދުވަހެއްހެއްޔެވެ؟ 

ޖެހިގެން އައި ދުވަހު މިލާން އަށް ޕޯސްޓުން ލިބުނު ޕާރުސަލް އެރީ ޖުވޭދާގެ އަތަށެވެ. ޖުވޭދާ ގަސްތުކުރީ އޭގައި ހުރި އެއްޗެއް ބަލައިލުމަށެވެ. ގޭގައި ގެންގުޅޭ ކުދިންނަށް އަންނަ އެއްޗެހި ގޭގެ ވެރިން ޗެކްކުރަން ޖެހޭނެއެވެ. ޖުވޭދާ އެ ޕާރުސަލް ކަނޑާލީ ކޮޓަރިއަށް ވަދެ ނިކަން ހަމަޖެހިލައިގެން އެނދުމަތީގައި އިށީނުމަށްފަހުގައެވެ. ޖުވޭދާ ޔަގީންކުރީ އެއީ މިލާންގެ ލޯބިވެރިޔެއްގެ ފަރާތުން ލިބޭނެ ހަދިޔާއެއް ކަމަށެވެ. މިލާން ރީތިކޮށް ބޭޒާރުވާނެކަމުގެ ޔަގީންކަމާއިއެކު ޖުވޭދާ އެ އެއްޗެހި ކިޔާލުމުން ލިބުނީ ޝޮކެކެވެ. މި ލިބުމަށްފަހު މިލާންގެ ނަސީބު ވަގުތުން ބަދަލުވެގެން ދާނެއެވެ. ޖުވޭދާ އެންމެ އެންމެ ބޮޑަށް ހައިރާންވީ މިލާންގެ ބައްޕައަކީ ރާއްޖޭގައި ހުރި އެންމެ މުއްސަދި އެކަކުކަން އެނގުނީމައެވެ. ނުވީތާކަށް މިލާންއަކީ ނަހަލާލަށް ލިބިފައިވާ ކުއްޖެއް ނޫންކަންވެސް ޔަގީންވިއެވެ. އޭނައަކީ ދެމީހެއްގެ ތެދުވެރި ލޯބީގެ ހުރި އެންމެ ނިޝާނެވެ. މިލާންގެ މަންމައާއި ބައްޕަގެ ކައިވެނީގެ ސެޓްފިކެޓްވެސް ހެއްކަކަށް ފުދެއެވެ. މިލާންގެ ބައްޕައަށް ހަގީގަތް އެނގޭދުވަހަކުން ވާނީ ކިހިނެއްބާވައެވެ. ހާދަ ދެރަވާނެއެވެ. އަމިއްލަ ދަރިފުޅުގެ ހާލާއިމެދު ހާދަ ހިތާމަކުރާނެއެވެ. 

މީހެއްގެ ދަރިއެއްގެ ސިއްރު އެނގިހުރެ ފޮރުވުމަކީ ފާފައެއްކަން ޔަގީނެވެ. މީހެއްގެ އަމާނާތަކަށް އޭނަ ޚިޔާނާތެއް ނުވާނެއެވެ. ނަމަވެސް ޖުވޭދާގެ ސިކުނޑީގައި ޝައިތާނާ ވަކި ހިއްޕާލީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. މިލާންއަކީ ކިހާ ފެންވަރެއްގެ އަންހެންކުއްޖެއް ކަން އެނގޭއިރަށް ދީނާ ކޮންމެ ފަދަ އުކުޅަކުންވެސް ދާނިޔަލްގެ އަންބަކަށް ހަދާފާނެއެވެ. ދާނިޔަލްއަށް ދެވަނަ އަންބެއް ހޯދައިދޭނެ ބަހަނާއެއް ދީނާ ވަގުތުން ހޯދާނެކަން ޔަގީނެވެ. އެ ޚިޔާލުތަކުގެ ސަބަބުން ޖުވޭދާގެ ހިތް ބަދަލުވެ ވަގުތުން އެ ޕާރުސަލް ބަންދުކޮށްލާފައި އަލަމާރީގެ ވަށްގަނޑަށް ލާފައި ފޮރުވާލައިފިއެވެ. 

ނަހުޔާން ކިތަންމެ ވަރަކަށް ދާނިޔަލް ގޮވައިގެން ދަތުރުދާން އުޅުނަސް ދާނިޔަލް ކޮންމެވެސް ބަހަނާއެއް ދައްކާފައި ނުދާތީ އެއީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. އަމިއްލަ ކޮއްކޮ ހިތާމައިގާ ހަލާކުވެގެން ދާތަން ބަލަން ހުރުމަކީ ނަހުޔާންއަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. ދާނިޔަލް ބޭރުފުށުން އުފާވެރިކަން ދައްކައިގެން ހުއްޓަސް އެދެލޮލުގައިވާ ވޭން ނަހުޔާން އަކަށް ނުފޮރުވެއެވެ. ގިނަ ވަގުތު އަވިއައިނުން ލޯ ފޮރުވައިގެން ހުންނަނީ އެހެންވީމަކަން ނަހުޔާން ދަނެއެވެ. އަމިއްލަ ނަފުސް ކުށްވެރި ކުރެވުމާއި އެކު ނަހުޔާން ދާނިޔަލް އާއި އެކު ވަގުތު ހޭދަކުރެވޭތޯ ބަލައެވެ. މިއަދުވެސް ގެއަށް އައިގޮތަށް ނަހުޔާން ދާނިޔަލް އާއިއެކު ރާޒުވާ ކުޅެން އިންއިރު ދާނިޔަލް ހީހީފައި އުޅުނުގޮތުން ހީވަނީ އެންމެ އުފާވެރި ޒުވާނާހެންނެވެ. ނަހުޔާން މުހިއްމު ފޯނެއް އައިސްގެން އެއްފަރާތަކަށް ޖެހިލިވަގުތު އައިޒާ އެތަނަށް ކޮފީ ތަބައް ހިފައިގެން އައެވެ. ނަހުޔާން ކޮންމެ ކަމެއްގައި އުޅުނަސް އެގޮތަށް ކޮފީ ގެނައުމަކީ އައިޒާގެ ވާޖިބެއްކަމަށް އޭނަ ދެކެއެވެ.

"ދޮންބެ ދިޔައީތަ؟ "އައިޒާ ކޮފީތަބައް ބިއްލޫރި މޭޒުމަތީގައި ބެހެއްޓިއެވެ. ކަޅުކުލައިގެ ޓޮޕަކާއި ޖިންސެއްގައި އައިޒާ ފެންނަނީ އެމެރިކަން މޮޑެލްއެއްހެންނެވެ. ދާނިޔަލްގެ އެންމެ ނަޒަރަކުން އެ މޫނުމަތިން މިލާން ފެނިލިހެން ހީވިއެވެ. އުފުލިފައިވާ ކޮލުގެ ކަށިގަނޑާއި މުށިދެލޮލުގައި މާ ބޮޑު ތަފާތެއްނުވެއެވެ. 

"ފޯނެއްގައި ދިޔައީ، އަންނަންވީނު ކުޅެލަން..." ދާނިޔަލްއަށް އެވަގުތު ގަސްތަކުގެ ތެރޭގައި ފިލައިގެން ހުރި ޖުވޭދާ ފެނުމުން އައިޒާ އާއި ހިނިތުންވެލަމުން ދައުވަތު ދިނެވެ.

"ރާޒުވާ ކުޅޭކަށް ނޭގޭ...." އައިޒާ ތެދުވެ ހިންދެމިލިއެވެ.

"އަހަރެން ދަސްކޮށްދީފާނަން، ދޮންބެ މިހާ ފޯރި ހުންނަކަމެއް އައިޒާއަށް އެނގެންވާނެ އެއްނު، އިށީދެބަލަ...." ދާނިޔަލް ގެ ވާހަކަދެއްކުމުގައި ހުރި އެކުވެރި ގޮތަކުން ހިތްވަރު ލިބިފައި އައިޒާ ގޮނޑި ދަމާލައިގެން އިށީދެއްޖެއެވެ. ބެލްކަނީގައި ތިބިއިރު ބަގީޗާގެ ގަސްތައް ރީތިކޮށް ފެނެއެވެ. އަނބުގަހުގެ ގޮފިތަކުގެ ހިޔާ ކޮންމެވެސް ވަރަކަށް އެޅިފައި އޮންނާތީ ބެލްކަނި ނިކަން ހިތްގައިމެވެ. ދާނިޔަލް ކޮފީތަށްޓެއް ނަގާފައި ލަސްލަހުން ބޯން ފަށަމުން އައިޒާއަށް ބުނެދޭން ފެށިއެވެ. ނަހުޔާން ގުޅާފައި އޭނަ އިމަޖެންސީއަކަށް ހޮސްޕިޓަލަށް ދާން ޖެހުނީއޭ ބުނުމުން ދާނިޔަލްއަށް ލިބުނު ރަނުގެ ފުރުސަތަކަށްވިއެވެ. އައިޒާ އާއި އެކުވެރިކަން ބަދަހިކޮށް ފަހަރިއެއްގެ މަގާމު ދޭން މިއަދު ދާނިޔަލް ވަނީ ބޭނުންވެފައެވެ.

"އައިޒް އައިމް ސޮރީ، މިއަދު މާފަށް އެދެން ބޭނުން.. އަހަރެންގެ ޕާސްޓްގެ ސަބަބުން ދޮންބެގެ ލައިފް އަށް އޭގެ އެއްވެސް އަސަރެއް ކުރާތަން ދެކޭކަށް ބޭނުމެއް ނޫން، ކޮންމެ މީހަކަށްވެސް ޔަންގް އިރު ނުބައިކަމެއް ކުރެވިދާނެ، އެކަން ރަނގަޅުކުރަން އަހަރެމެންނަށް މަސައްކަތް ކުރެވިދާނެ ދޯ.. އައިޒް، އަހަރެމެން ކުރިކަމެއް ކުރީވެސް ޒުވާން އުމުރުގެ ޖޯޝްގައި، މިހާރު މެޗުއަރވީމަ އެނގޭ އެއީ ކޮށްގެންވާނެ ކަމެއް ނޫންކަން، އެކަން ހިނގާފައި އޮތީމަ ދެން ބަދަލެއް ނުކުރެވުނަސް އެކަން ހަނދާން ނައްތާލާފައި އާ ލައިފެއް ފެށިދާނެކަން ނޭގޭ، ކެން ވީ ބީ ފްރެންޑްސް....." ދާނިޔަލްގެ ޖުމްލައިން އައިޒާގެ ހިތަށް ނޭގޭފަދަ އުފަލެއް ލިބުނެވެ. ދާނިޔަލް ދިއްކޮށްލި އަތުގައި އައިޒާ ހިފީ އެދޭތެރޭގައި ދެން އޮންނާނީ ސާފު ތާހިރު ގާތް ގުޅުމެއްކަމުގައި ވައުދުވަމުންނެވެ. އެ މަންޒަރު ބަލަން ޖުވޭދާ ހުރިކަން ޔަގީންވެފައި ދާނިޔަލް ހިނިއައެވެ. ޖުވޭދާ އެގޮތަށް އުޅުމުގެ ބޭނުމެއް ދާނިޔަލް އަކަށް ނުވިސްނެއެވެ. މަންމަ އާއި ދެމީހުން އެކަކު އަނެކަކާއި ޖައްސާލައިގެން އުޅުމުގެ ބަދަލުގައި ޖުވޭދާ އުޅެނީ ގޭތެރޭގެ މަސްލަހަތު ނަގާފައި އެކަކު އަނެކަކާއި ޖައްސުވާލާށެވެ. އެއީ ކިހާވަރެއްގެ ނުބައިކަމެއްކަން ޖުވޭދާއަށް ހަމަ ނޭގެނީހެއްޔެވެ؟ 

އެހެންނޫނަސް ދާނިޔަލްއަށް މިއަދު އެހެން އެއްޗެއްވެސް ދަސްވިއެވެ. އައިޒާއަށްޓަކައި އޭނަގެ ހިތުގައި ފަހަކާއި ޖެހެންދެން އޮތީ ލޯބި ނޫންކަމާއި އެއީ އައިޒާގެ ހުންނަ އަޅައިގަންނަ ސިފަތަކުން ފިރިހެނުން ރުހޭފަދަ ގޮތެއް ހުރީމަ ބޭނުންވަމުން އައީކަމަށާއި އެއަށް ލޯބީގެ ނަން ނުދެވޭނެކަމެވެ. ބޭބެގެ އަންހެނުންނަށް ވުމުން މަޑުމަޑުންގޮސް އެބައި ނެތި އެއީ ކޮއްކޮއެއް ކަމުގައި ދެކެވޭ ހިސާބަށް އައުމުން ދާނިޔަލް މިހާރު އައިޒާއަކަށް ބޭނުމެއްނުވެއެވެ. ހިތުގައިވަނީ އެކަނި މިލާންގެ ލޯތްބެވެ. ދެންހުރީ އިރާއެވެ. އިރާގެ ބަލިކަމާއި ނުކުޅެދޭކަމުގެ ސަބަބުން ހިތުގައި އުފެދިފައިވާ ހަމްދަރުދީ އަކަށްވެސް ލޯތްބެކޭ ނުކިޔޭނެއެވެ. ދާނިޔަލްގެ ހިތުގައި މިހާރު ޝައްކެއް ނެތެވެ. ކޮންމެ އަންހެންކުއްޖަކަށް ޓަކައި ހިތުގައިވާ އިހުސާސް ތަކަކީ ކޮބާކަން އޭނައަށް މިއަދު އެނގިއްޖެއެވެ.

ދާނިޔަލް އެމެރިކާއަށް ކިޔަވަން ދާން އުޅޭ ޚަބަރު ފުރަތަމަ ދިނީ އޭނަގެ މައިންބަފައިންނަށެވެ. ދަރިފުޅާއި ވަކިވާން ޖެހޭނެތީ ހިތަށް އަސަރުކުރި ނަމަވެސް ދާނިޔަލް ގެ އެ ނިންމުމާއި ދެކޮޅު ހަދާކަށް މަލީކް އަދި ދީނާ ބޭނުމެއް ނުވިއެވެ. އެދެމަފިރިންގެ ދަރިފުޅު މިހާރަށްވުރެ މަޝްހޫރު ހަރުދަނާ ޒުވާނަކަށް ވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ އެދެމީހުންނަށެވެ. އެހެންނޫނަސް ދާނިޔަލް އިރާގެ ފަރުވާއަށްޓަކައި ބޭރަށް ފުރަން އުޅެންޏާ އެކަމަށް ހުރަސްއަޅާކަށް ނުވާނެއެވެ. ފަހަރެއްގައި ވަކިން އުޅެންފަށާއިރަށް އެދެކުދިންގެ ގުޅުން ރަނގަޅުވެ އުފާވެރި ކަމާއި އެކު ދިރިއުޅެވިދާނެއެވެ.

އިރާ ބެލްކަނީގެ ރެއިލިންގައި އަތް ކާއްތަމުން ހިނގާލާފައި ދަނިކޮށް ދާނިޔަލް ސިޑިން އަރައިގެން އައެވެ. އިރާގެ ނިކަމެތިކަމާއި މެދު އެފަދަ ވަގުތުގައި ވިސްނާލަން ދާނިޔަލްއަށް މަޖުބޫރުވެއެވެ. ފިޔާތޮށިކުލައިގެ ސްކިނީ އަކާއި ރީދޫކުލައިގެ ޓޮޕެއްގައި ހުރުމުން އެދޮންކަން ވިދައެވެ. ފަން އިސްތަށިގަނޑު އިރުއިރުކޮޅާ މޫނަށް ފައިބައިގަތީމަ އަތުން ރީތިކޮށްލާގޮތް އެހާ ލޯތްބެވެ.

"އިރާ، އަހަންނާއި އެކު އެމެރިކާއަށް ދާން ކެރޭނެތަ؟ މަންމަ ނުލާ...." ދާނިޔަލްގެ އަޑު އިވުމުން އިރާގެ ހިތްތެޅިލިއެވެ.

"އޮފްކޯޒް، ހެޔޮ ޖުޕިޓަރއަށް ދިޔަސް، ނޫނީ ގްރޭވަށް ވިޔަސް، ޑެނީ ބުނި ކޮންމެ ތަނަކަށް ގޮސްދާނަން، އެންޑް ޑެނީ ތި ބުނީ އެމެރިކާގެ ވާހަކަ، ކާކު ނުދާނީ، މިއީ ޑިސެމްބަރވީމަ ސަޅިވާނެ.....ކިހާ ދުވަހަކަށް ޑެނީ އެކޮޅަށް ދަނީ......" އިރާ ހީގަނެފައި އެހާ އަވަހަށް ތުން ފިތާލީ އަމިއްލަ ހާލަތު ހަދާން ވެފައެވެ. އެއިން މަންޒަރެއް ނުފެންނާނެކަން އެނގިފައި ހިތަށް ކުރި އަސަރަކުންނެވެ. ތަނެއް ނުފެނުނަސް ދާނިޔަލް އާއިއެކު ގެންދަންޏާ ދާނީއެވެ. އެންމެ ކުޑަވެގެން މޫސުމް އިހުސާސް ކޮށްލެވުނަސް އެއީ އޭނަފަދަ ކުއްޖަކަށް ބޮޑުވަރެކެވެ. އެހެންނޫނަސް މާހައުލު ބަދަލުކޮށްލީމަ އޭނަގެ ނޭވާއަށް އުދަގޫވުން ލުއިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑޮކްޓަރުންވަނީ މަޝްވަރާދީފައެވެ. ލިބުނު ފުރުސަތެއް ދޫކޮށްލާނީ މޮޔައެކެވެ.

"ދިޔައިމަ އެނގޭނީ...." ދާނިޔަލް އެހާ ޝައުގު ހުރިހެނެއް ހިޔެއްނުވެއެވެ.

"ދެމީހުން އެކަނިތަ؟ "އިރާ ކަންބޮޑުވެފައި ހުރެ ސުވާލު ކުރިއެވެ. މިލާން އާއި ދާނިޔަލްގެ ގުޅުމެއް ނެތްނަމަ މިލާން ގެންދަން ބުނަން ކެރުނީހެވެ. ނަމަވެސް މިލާންގެ ނަން ކިޔާލާކަށް މިއަދަކު އިރާއަށް ނުކެރުނެވެ. އެނަން ހިތަށް އެރީމަވެސް ކޮންމެވެސް ކަހަލަ އުދަގޫތަކެއް ވެއްޖެއެވެ. ތިމާގެ ފިރިމީހާ ލޯބިވަނީ އެހެން އަންހެންކުއްޖަކު ދެކެކަން އެނގޭއިރު ހިތަށް އުފަލެއް ލިބޭނެހެއްޔެވެ؟ ދާނިޔަލް އެކަމަށް އެއްބަސްނުވިޔަސް މިލާންދެކެ ލޯބިވާކަން ޔަގީނެވެ. އެހެންނޫންނަމަ ޕްރައިވެޓް ރޫމަކަށް ބަދަލުކޮށް އެކްސްޕީރިއާ ޒެޑް ވަންއެއް ދޭންވީ ކީއްވެއްހެއްޔެވެ؟

"އެކޮޅުން މެއިޑެއް ހޯދާނީ......" ދާނިޔަލް އިރާގެ މައުސޫމް މޫނަށް ބަލައިލި އެވެ. އެ ނޫކުލައިގެ ދެލޮލަށް ފެނުމަށްފަހު އިރާގެ ހިތް އެމެރިކާގެ ޒުވާނަކަށް ހަދިޔާކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އޭނަގެ އާއިލާގެ ގިނަމީހުން ނިސްބަތްވަނީ އެމެރިކާއަށް ކަމަށް ވާއިރު އެތަނުން އިރާ ހިތް އެދޭފަދަ ކިތަންމެ ޒުވާނަކު ފެނިދާނެއެވެ. އިރާގެ މި ހުންނަ ޅަ ފާޑު އަދިވެސް ދާނިޔަލްއަކަށް ކަމަކުނުދެއެވެ. މިލާންފަދަ އަޅައިގަންނަ ގޮތެއްހުންނަން ޖެހޭނެއެވެ. ޅަގޮތަށް ތިބޭކުދިން ކަމުދާ މީހުން ތިބޭނެކަން ނޭގެއެވެ. ދާނިޔަލް ބެލްކަނިން ބޭރަށް ބަލަންފެށިއެވެ. ދިރިއުޅުމުގައި މިހާ ބޮޑު ނިންމުމެއް މި ނިންމަނީ ހިތުގައި ހިލަ ބަހައްޓައިގެން މުސްތަގުބަލަށްޓަކައެވެ. ވަފާތެރި ފިރިޔެއްގެ ގޮތުގައި ހުރެ އިރާއަށް ފަރުވާ ހޯދަދީ މި ބޮޑު ޒިންމާއިން ސަލާމަތްވާނެ ގޮތެއް އޭނަ މި ހޯދަނީ މުޅިން އެހެން ނިޔަތެއްގައެވެ. ކުރެވުނު ބޮޑު ކުށުގެ ކައްފާރާއެއްގެ ގޮތުންވެސް މެއެވެ.

ދާނިޔަލް އާއި އިރާ ދަތުރަށް ތައްޔާރުވަމުން ދިޔައިރު މިލާން ހުންނަނީ މިލާފައެވެ. އެ ދޮންމޫނުގައި ދިރުމެއްނެތެވެ. ދާނިޔަލް މެން ފުރުމުން އޭނައަށް އެވަރލޭންޑް މަރުހަބާ ކިޔަން ޖެހޭ އެއްވެސް ސަބަބެއްނެތްކަން މިލާންއަށް އެނގެއެވެ. ހިތް ރޮނީ އެހެންވީމައެވެ. ނަމަވެސް ދާނިޔަލްގެ ގާތުގައި ނިކަމެތިވެގެން އާދޭސްކުރާކަށް ނުކެރޭނެއެވެ. އޭނަ ގޮވައިގެން އެމެރިކާ ތަނަކަށްގޮސް އެހެން ގެއެއްގައި ބަހައްޓައިދޭން އެދިއްޖެއްޔާ ދެން ވާނެގޮތެއް އެނގެނީއެއް ނޫނެވެ. މިލާންއަށް ޔަގީންވަނީ ދާނިޔަލް ފުރުމުން އޭނަގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނެކަމެވެ. އެހެން ހުއްޓާ މިލާންއަށް އިވުނީ ދީނާއާއި މަލީކް ދެއްކި ސިއްރު ވާހަކަތަކެވެ. އެދެމަފިރިންނާއި ނަހުޔާން އަދި އައިޒާވެސް ދާނިޔަލް ކިޔަވާ ނިމެންދެން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރަން ނިންމި ވާހަކައެވެ. ދާނިޔަލް އެކަނި އެހާ ދުރުގައި ބަހައްޓައިގެން ހުންނާކަށް ދީނާއަށް ދެން ކެތެއްނުކުރެވޭނެއެވެ. އާއިލާއިން އެގޮތަށް ދާނިޔަލްއަށް ސަރޕްރައިޒެއް ދޭން އުޅޭކަމެއް އޭރު ދާނިޔަލްއަކަށް ނޭގެއެވެ. އެމީހުން ފުރާނީ ދާނިޔަލްމެން ދާތާ ހަފްތާއެއްހާ ދުވަސްފަހުންނެވެ. ޖުވޭދާ މަތިންދާ ބޯޓަކަށް ނާރަން ހުވާކޮށްފައިވާތީ އޭނަ އެއްގޮތަކަށްވެސް ދާކަށް ޚިޔާލެއްނުކުރާކަން މިލާންއަށް އެނގުނެވެ. އެއީ މިލާންގެ ބަދުނަސީބެވެ.

ދާނިޔަލް ފުރަންދެން ކޮންމެ ރެއަކުހެން ސިއްރު ސިއްރުން މިލާންގެ ކޮޓަރިއަށް އާދެއެވެ. އެ މަންޒަރު ބަލަން ދޮރުގެ ފަރުދާތައް ދުރުކޮށްލައިގެން ކޮންމެރެއަކު ޖުވޭދާ ހުރެދާނެ ކަމަކަށް ދާނިޔަލް ހިޔެއްނުކުރެއެވެ. ރޭގަނޑު ދަންވަރު މިލާންގެ ކޮޓަރިއަށް ދާނިޔަލް ދާނީ ކޮން ބޭނުމެއްގައިކަން އެނގިގެން ޖުވޭދާ ހުންނަނީ އެތެރެއެތެރެއިން އަނދާލާފައެވެ. އެންމެން ފުރުމުން މިލާންއަށް އޭނަ ކުޅިދައްކާލާނެއެވެ. މިލާން މައުސޫމް ސިފައެއްގައި ހުރެ ތިމާގެ ހަށިގަނޑު ވިއްކާލާއިރު ލަދެއްނުގަނެއެވެ. އަގުބޮޑު ފޯނު އެއްޗެހި ލިބުނުގޮތް ޖުވޭދާއަށް މިރޭކާލީ ކިރިޔާއެވެ. ދާނިޔަލްވެސް ހާދަ ގޮތްކުޑައެވެ. ދީނުގައި އޮންނަނީ މިފަދަ ފިރިހެނުން ރަޖަމު ކުރުމަށެވެ. އެކަން ރާއްޖޭގައި ނުކުރާންވީ ކީއްވެ ހެއްޔެވެ؟ އޭނަގެ ދަރިފުޅަށް އޮޅުވާލާފައި ކޮންމެ ރެއަކު ސިއްރުން އެދަނީ ނާސި ލޯބިވެރިޔާގެ ކާރިއަށް ވިއްޔާއެވެ. ޖުވޭދާއަށް ފެނުނުކަން އަންގާނުލައި ކަމަކު ނުދާނެއެވެ.

ދާނިޔަލް އާދައިގެ މަތިން ކޮރިޑޯއިން ހިނގާލާފައި އައީ އެ ފިރިހެންވަންތަ ހިނގުމުގައެވެ. ކްރީމް ކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެން ހުރިއިރު ބިޔަކަމާއި ސްމާޓްކަމުން އެމެރިކަން މޮޑެލްއެއްފަދައެވެ. އަންހެންކުދިންގެ އީމާންތެރިކަން ހަލާކުކޮށްލަން ޝައިތާނާ މިހުންނަނީ ހާދަ ފުރިހަމަ ސިފައެއްގައެވެ. ޖުވޭދާ ކޮޓަރިން ނުކުމެ އަނދިރި ކޮރިޑޯގެ އެއްފަރާތުގައި ނިވާވެލައިގެން ހުއްޓާ ދާނިޔަލް ގޮސް ދޮރުހުޅުވާލުމާއިއެކު ދެން ފެނުނީ މިލާން ދޮރުމައްޗަށް ނުކުތްތަނެވެ. ހީވީ ދާނިޔަލް ކެތްނުލަވާފައި ހުރިހެންނެވެ. ވަގުތުން މިލާން ބިމުން އުފުލައިލާފައި އަތުތެރެއަށް ގެންނަމުން ކުރިކަމަކުން ޖުވޭދާ އަނގަމަތީގައި އަތްއެޅިއެވެ. ދެވަނަ ސިކުންތުކޮޅުގައި ދާނިޔަލް ފައިން ޖައްސާ ދޮރު ލައްޕާލައިފިއެވެ.

"މިރޭ ލާހިކެއްނޫން މިގޭތެރޭގައި އެ ފާފަ ކުރާކަށް، އޭނަގެ ބައްޕައާއި މަންމަ ގެނެސް ދައްކާނީ..." ޖުވޭދާ ފުން ނޭވާތަކެއްލިއެވެ. ރުޅިގަދަވެގެންގޮސް ޖުވޭދާ ތުރުތުރު އަޅަންފެށިއެވެ. 

ކޮމެންޓް 0