"ވަޓްސް ގޮއިން އޮން ޑެނިއަލް....." ދީނާ އެތެރެއަށް ވަދެފައި އިރާގެ ލޮލުގައި ގިނަވެފައިވާ ކަރުނަތައް ދެކެފައި ހަމްދަރުދީ ވާން އުޅުނެވެ. ނަމަވެސް މިގޮތަށް މަޖުބޫރު ކައިވެންޏަކުން އޭނަގެ ފިރިހެން ދަރިފުޅުގެ އުފާވެރިކަން ބަރުބާދު ވެގެން ދާކަށްވެސް ދީނާ ނޭދެއެވެ. ދާނިޔަލް އިރާގެ ގައިން ދޫކޮށްލާފައި ނިކުމެގެން ދާން ހިނގައިގަތީ ބުމަ ގޮށްޖަހާލައިގެން ހުރެއެވެ.

"އެއީ އެކްސިޑެންޓެއް.... ޑްރެސިންޓޭބަލްގައި ޖެހިފައި ސެންޓުފުޅި ތަކެއް ބަންޑުންވީ....." އިރާ ހިނގައިގަންނަން އުޅުމުން ދީނާ އަތުގައި ހިފެހެއްޓިއެވެ.

"ކެއަރފުލް ސްވީޓީ..... ބިއްލޫރި ކޮޅެއް ފަޔަށް ހެރިއްޖެއްޔާ އަނެއް އަނިޔާ ލިބިދާނެ....." ދީނާ އިރާ ގެންގޮސް ސޯފާގައި ބައިންދާފައި ޓިޝޫ ޕެކެޓެއް ދިއްކޮށްލުމުން އިރާ މޫނުމަތި ފޮހެލައިފި އެވެ. އޭރު އިރާ އިނީ ނޭވާ ކުރުވާގޮތްވެފައެވެ. ދީނާ އަވަސް އަވަހަށް ބެލްކަނީގެ ދޮރުތައް ހުޅުވާލާފައި ތާޒާވައި ވަންނަ ގޮތްހަދާފައި ރޯޒާއަށް ފޯނުކޮށްފިއެވެ. މި ބޮޑު ގެއިން ނޯކަރަކު ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެތީ ނޯކަރުން ގެންގުޅެން ފޯނު ދީފައި ހުރެއެވެ. ކަމަކު ޖެހޭއިރަށް ކޮންމެ ތަނެއްގައި ތިއްބަސް ގުޅާލެވޭނީ އޭރުންތާއެވެ.

"ޑްރިންކެއް ގެނެސްދެންތަ؟ " ދީނާ އިރާގެ ބުރަކަށީގައި ފިރުމާލިއެވެ. އިރާ ހުންނަލެއް ނާޒުކް ކަމުން އަތްލާންވެސް މީހަކު ބިރުގަންނާނެއެވެ. އެހާ ހޯލިއެވެ. ކުޑަ ކުޑަ ދޮން މޫނެކެވެ. ބަލިކަމުން އެވަރެވެ. މި ކުއްޖާފުޅާއި މެދު ދާނިޔަލް އަނިޔާވެރި ނުވާނެ ކަމަށް ދީނާ އުއްމީދު ކުރިއެވެ.

"ނޫން އައިމް ފައިން..." މައިދައިތަގެ ފަރާތުން ގާތްކަން ލިބެން ފެށުމުން އިރާ ލަދުގަންނަ ގޮތްވިއެވެ. އިރާ އެހެން ބުނީމަވެސް ދީނާ ކާކޮޓަރިއަށް ގޮސް ޖޫސްތަށްޓެއް ގެނެސްދިނެވެ. އޮރެންޖް ޖޫހުން ކަރުތެރެ ތެންމާލުމުން ހަގީގަތުގައި ތަންކޮޅެއް ލުއިވެލާ ކަރުތެރެއަށް ފަސޭހައެވެ. 

ރޯޒާ އަތްމަތި އަވަސްކަމާއިއެކު ކޮޓަރި ތެރޭގައި ތެޅިފައިވާ ސާމާނުތައް ނަގާފައި މޮޕްކޮށްލައިފި އެވެ. ދީނާ ޅީ ދަރިފުޅާއި ވާހަކަ ދައްކަން އިނދެލާފައި ޓެރެސްއަށް އަރައިގެން ދިޔައީ މާގަސްތަކަށް ފެންދިނުމަށެވެ. އެވަރލޭންޑްގައި ހުރެގެން ދީނާ އެކަނި ކުރާ މަސައްކަތަކަށް އޮންނަނީ މާގަސްތައް ބެލުމެވެ. އެހެން މީހަކުލައްވާ އެ މަސައްކަތް ކުރުވަން ގިނަފަހަރު އޭނަ ހިތްހަމައެއް ނުޖެހެއެވެ. އޯކިޑްފަދަ ގަސްތަކަށް އެންޑީ މާ ގިނައިން ފެން އަޅާފާނެތީ އޭނަ ކަންބޮޑުވެއެވެ. އައިޒާ ހުރިނަމަ ތަންކޮޅެއް އިތުބާރު ކުރެވިދާނެއެވެ. ދީނާ އައިޒާ މަތިން މާ ވަރަކަށް ހަނދާންވިއެވެ. އެކުއްޖާ އަންގާވެސް ނުލައި މާ ދުރަށް ދިޔައީ ކީއްކުރަން ހެއްޔެވެ؟ އަޖައިބުވަނީ އޭނަގެ ދެދަރިންގެ ކައިވެނީގެ ހަޔާތް އޮމާންކޮށް ނުދާތީއެވެ. މަލީކް ކަންތައް އެކުރީ މާ ރަނގަޅަކަށް ނޫނެވެ. އަމިއްލައަށް ލޯބިވާ ބައިވެރިޔަކު ހޯދުމުގެ ފުރުސަތު އެކުދިންނަށް ދޭންވާނެއެވެ. އެހެންނޫންނަމަ ތެދުވެރިއެއް ނުވެވޭނެއެވެ. ކައިވެނީގެ ހަގީގީ މީރުކަމެއް ނުހޯދޭނެއެވެ.

ދާނިޔަލް ބަލިމީހުން ބަލަން އިނދެލާފައި ކެންޓީނަށް ވަދެލީ ކޮފީއެއް ބޯލުމަށެވެ. އެކަނިމާ އެކަނި ކަނެއްގައި ހުރި މޭޒެއްގައި ދާނިޔަލް އިންތަން ފެނުމުން ސުދާ އާއި އެކުވެރިންނަށް އައި ފޯރިއާއި ޖޯޝާއި އެކީގައި އަވަހަށް ގޮސް ދާނިޔަލް އާއި ކައިރީގައި ހުރި މޭޒުގައި ޖައްސާލައިފި އެވެ. ފާޅުގައި ބެހެން ނުކެރުނަސް އެމީހުންގެ ވާހަކަ އަމާޒުވީ ދާނިޔަލް އަށެވެ.

"މަވެސް މިހާރު މާރސްއަށް ދާން ވަންވޭ ޓިކެޓެއް ހޯދަން އެޕްލައިކޮށްގެން މިހިރީ، އެކަމަކު މަ ދާނީ މަގޭ ލޯބިވެރިޔާވެސް ގޮވައިގެން، ޑޮކްޓަރެއްވެސް އަހަރެމެންނާއި އެކީގައި ދާން ޖެހޭނެތާ... މަ ޕޮޒިޓިވްކޮށް ވިސްނާތީ ނުވާކަމެއް ނެތް......." ސުދާ ހިތުން އޭނަގެ ވާހަކަތަކުން ދާނިޔަލްގެ ހިތް ދަމައިގަންނާނެއެވެ. ސުދާ ވަށްކަޅިއަކުން ދާނިޔަލްއަށް ބަލައިލަމުން އެއް ލޯމަރައިލި އެވެ.

"އަހަރެމެންނަށްވެސް ތި ޕޮޒިޓިވް އެނާޖީ ރޭޑިއޭޓްވޭ.... ނެގެޓިވް މީހުންނާއި ދުރަށް ދުވާށޭ އެބުނަނީ އެހެންވީމަ ދޯ.. ސުދާ ޕޮޒިޓިވްކަމުން މަވެސް މިހާރު ކަންތަކާއި ވިސްނާގޮތް ތަފާތު.. އެހާ އުފާވެރިކޮށް މި އުޅެނީ....." އެކަކު ހިނިގަނޑެއް ޖަހާލާފައި އަޑުގަދަކޮށް ވާހަކަ ދެއްކި އެވެ. 

"ޔޫ ނޯ ވަޓް... އަހަރެން މިއުޅެނީ ޕެރިހާއި ޒިއުރިކަށް ދާންވެގެންނޭ. ސަމަރ އެހާ ރީއްޗެއް ނުވާނެއޭ ދޮންތީ ބުނީ. އޯޓަމް ކަލަރަސްތައް ދެކޭހިތުން މައި ސިސް ހަމަ ކްރޭޒީ، އެހެންވެ މަންމަވެސް ބޭނުމީ އޯޓަމްގައި ދާން، ސީރިޔަސްކޮށް ތިއްތިބެ ވަނީ ހުރިހާ ޕްލޭންތަކެއް ކޮށް ނިންމާލާފައި، ވަރަށް ޗީޕް ތަނެއް އެއީ، އައިފުލް ޓަވަރއަށްވެސް ދެވޭނެ ބަހުގައި ވިއްސަކަށް މިނިޓުން، އެވެސް ފްރީ ރައިޑެއް...." ސުދާ ފޮނިކަނޑަން ފެށުމުން އެހެން ކުދިން ތިބީ ދެލޯބޮޑުކޮށްލައިގެންނެވެ.

"ސީރިޔަސްކޮށް ޕެރިހަށް ދަނީތަ؟ އެއީ މަގޭ ޑްރީމް... މަވެސް ގެންދަންވީނު...." އެއްކުއްޖަކު ދެލޯބޮޑުކޮށްލައިފި އެވެ.

"ޑްރީމް ބިގް އޭރުން ހުރިހާކަމެއް ވާނެ....." ސުދާ މިފަހަކަށް އައިސް ދޫމަތީގައި އޮންނަނީ އަބަދުހެން އެ ލަފުޒުތަކެވެ. އަޗާ ތެޅުން ނޫންކަމެއް ކުރާކަށް ނޭގެއެވެ.

"ތިހާ ރޮމެންޓިކް ތަނަކަށް ދާއިރު ބޯއިފްރެންޑް ނުދޭތަ؟" އެހެންކުއްޖަކު ސުވާލު ކޮށްލައިފި އެވެ.

"މަގޭ ހެންޑްސަމް ބޭނުމެއް ނުވޭ އަދި އިތުރު ފުރާނަ އަކަށް އަހަރެމެން ރައްޓެހި ވެގެން އުޅޭކަން އެނގެން، ހާދަ ގިނަ ކުދިން ޖޭވާނެ............." ސުދާ އެހެން ކުދިންނަށް ހީކުރުވާފައި އޮންނަނީ އޭނަ ރައްޓެހިވެގެން އުޅެނީ ދާނިޔަލް އާއި ކަމަށެވެ. މިއަދުވެސް އިއްތިފާގުން އާދެވުނީމަވެސް ސުދާ ބުނީ ދާނިޔަލް އޭނަ ގާތުގައި އަންނަން ބުނީކަމުގައެވެ. ސުދާގެ ޚިޔާލީ ފޮލާގެ މީރުރަހަ ކަރުތެރޭގައި ލާން ފެށީ އޭނަގެ ތިއްތިބެ ގެނެސްދިން ކުއްލި މުއްސަދިކަމުގެ ސަބަބުންނެވެ. ސުދާގެ ހުވަފެންތައް ކުރިއަށްވުރެ ރީތިވެ އުފަލުން ފުރިފައި ހުންނައިރު ސުދާ ފަހަރެއްގައިވެސް ދުނިޔޭގެ އުފާތަކަކީ ވަގުތީ އެއްޗަކަށް ވެދާނެކަމަކަށް ނުދެކެއެވެ. 

ދާނިޔަލް ކޮފީތަށި ހުސްކޮށްލާފައި، ކަންފަތުގައި އިން ހެޑްސެޓް ނެގުމުން ސުދާ ކުޑަކޮށް ރަކިވިއެވެ. ދާނިޔަލްއަށް އަޑު އިއްވަން ދެއްކި އެއްވެސް ވާހަކައެއް ދާނިޔަލްގެ ކަންފަތާއި ހަމަޔަށް ނުފޯރިކަން އެނގުމުން ހިތަށް ވީ ނުބައި ގޮތަކުން އަނގަ ހަދާލައިގެން އިރުކޮޅަކު އިނދެވުނެވެ. ރުޅިގަދަވެގެން އެތެރެ އެތެރެއިން ހަޅޭއްލަވައި ގަނެވުނެވެ. އެވަރު އޭނައަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟ ދެއްކި ވާހަކަކޮޅު އެހެންތާކު އަލުން ރިޕީޓްކޮށްފައި ވެސް ދާނިޔަލްއަށް އިއްވަން ޖެހޭނެއެވެ. އެހެންނޫނީ އެހިތުން މަގާމެއް ހޯދާނެ އެހެން ގޮތެއް ސުދާއަކަށް ނުވިސްނުނެވެ. ސުދާއަށް ނޭގުނީ ޕެރިސްފަދަ ތަންތަނަކީ ދާނިޔަލްއަށް އާ ތަނަކަށް ނުވާނެކަމެވެ. ކުޑައިރުއްސުރެ އޭނަ އުޅެބޮޑުވި ތަންތަނުގެ ވާހަކަ ދައްކައިގެން އޭނަ އިމްޕްރެސް ކުރެވޭނެ ހެއްޔެވެ؟ އޭނަ އައިސްފައި ވަނީ ސުދާ ގެ ފެންވަރަށްވުރެ އެތައް ތަނެއް މޮޅު މުއްސަނދި އާއިލާ އަކުން ކަން ސުދާއަށް ނޭގުނީއެވެ.

މިލާން ރިސެޕްޝަނުގައި އިންދާ ދީނާ ގުޅާފައި ނިކަން ރީތިކޮށް ވާހަކަ ދައްކާފައި އެގެއަށް އަންނަން ދައުވަތު ދިނުމުން މިލާންގެ ހިތަށް ނޭގޭފަދަ އުފަލެއް ލިބުނެވެ. އެވަރލޭންޑާއި ވަކިވެގެން އައިކަމުގައި ވިޔަސް ހިތުގައި އެގެއަށް ޚާއްސަ މަގާމެއް ދެވިފައިވެއެވެ. އިރާ ދެކޭހިތުންވެސް ކެތްކުރެވެނީއެއް ނޫނެވެ. އަދި ދާނިޔަލްގެ ރީތި ސޫރަ ފެނިއްޖެއްޔާ މުޅި ދުވަސް އުފާވެރިވެގެން ހިނގައިދާނެއެވެ. މާދަން ހުކުރު ވީމަ ހެނދުނު ގޭގެ މަސައްކަތްތައް ނިންމާލާފައި އެގެއަށް ދާނީއެވެ. މިލާން ފޯނު ބާއްވާފައި އުފަލުން ހިނިތުންވެލައިގެން އިނދެފައި އިސްއުފުލާލި އިރު ކައުންޓަރުގައި އަތް އަޅުވާލައިގެން ހުރި ދާނިޔަލް ފެނުމުން އާދައިގެ މަތިން ހިތް ތެޅިލިއެވެ. މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ އެ ތޫނު ދެލޮލުގައި ވި ބާރަކުންނެވެ. ފިއުޝާ ކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި އޭނަ ފެންނަލެއް ވަރަށް ރީއްޗެވެ. ކޮންމެ ކުލައަކާއި ހާދަ ގުޅެއެވެ. އޭރު މުޅިތަނުގައި ހިފާލާފައި ވަނީ ލުއި މީރުވަހެކެވެ.

"އަހަރެން މިއައީ ބެކް މަސާޖެއް ހޯދަންވެގެން...." ދާނިޔަލް އެއް ލޯ މަރާލި އެވެ.

"އެ...އެކަމަކު....." މިލާން އެއްޗެކޭ ބުނަން އުޅުނެވެ.

"އަގު ކިހާވަރެއްވާނެ..... މިލާން ކޮށްދޭނަންތަ؟" ދާނިޔަލް ހިތްކަތިލާލާފަދަ ހިނިތުންވުމަކާއި އެކު އަހާލައިފި އެވެ.

"މިއީ މަސާޖް ޕާލާއެއް ނޫނޭ ޑެނިއަލް، ހެއަރ ކަޓް ނޫނީ ޑައިކުރުން ކަހަލަ ކަންތައް ކޮށްދެނީ، އެކަން ކުރަން ތިބެނީ ޕްރޮފެޝަނަލް މީހުން..... އައި ކާންޓް...." މިލާން ހިތް ހަމަޔަކަށް އަޅުވަމުން އަވަހަށް ކޮމްޕިއުޓަރާއި ދިމާލަށް ނަޒަރު ހުއްޓާލައިފި އެވެ. އޭރުވެސް ރަކި ހިނިތުންވުމެއް ތުންފަތް މަތީގައި ވުމުން މިލާން ފެންނަލެއް ވަކިން ރީއްޗެވެ.

އާގަނެފައި ވާހަކަ ދެއްކުނީތީ މިލާން އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. ވެރިންނާއި މެދުގައި ހިތުގައި މިފަދަ އިހުސާސްތައް އުފެދޭކަށް ނުޖެހޭނެއެވެ. މިލާން އެވަގުތުވެސް ހިތަށް ވިސްނައިދިނީ އެދެމީހުންގެ ހުރި ފަރަގެވެ. ދެމީހުންގެ ގުޅުމެއް އޮތަސް އެކުވެރި ކަމަށް ވުރެ ކުރިއަކަށް އެ ގުޅުން ނުދާނެ ކަމެވެ.

"ރިއަލީ؟ އަހަރެން އަޑުއަހާފައި އޮތީ އެގޮތަކަށް ނޫން، މިލާން އިރުކޮޅަކަށް އާދެބަލަ.... ފައިވް މިނިޓްސްއަށް...." ދާނިޔަލް އެހެން ބުނުމުން މިލާން ނުދާންވެގެން އެތައް ބަހަނާއެއް ދެއްކިއެވެ. ނަމަވެސް ދާނިޔަލް އެ އަޑު ނާހާ މިލާންގެ އަތުގައި ހިފާ ގަދަކަމުން ކަހަލަ ގޮތަކަށް މަގަށް ނިކުތެވެ. އެ ހަނި ގޯޅިގަނޑުތެރޭގައި ހިނގާ މީހުންގެ ލޮލުގައި އަޅައިގެންފާނެތީ މަޑުކޮށްލުމެއް ނެތި ދާނިޔަލް ފިޔަވަޅުތައް ކުރިއަށް އެޅިއެވެ. މިލާންގެ ހިތް އޭރު އޮބިނޯވެއެވެ. ބިރުންކަމެއް ނޫނީ ފޯރިއައިސްފައި ހުރީމަ ކަމެއް ނޭގެއެވެ.

ދާނިޔަލް މަޑުކޮށްލީ ކޮޓެޖް ގޯޅީގެ ކަންމަތީގައެވެ. އޭރު އިރުއޮއްސެމުންދާތީ އާއި ވިއްސާރައިގެ ސަބަބުން ކުރިއަށްވުރެ އެ ގޯޅިއަށް އަނދިރިކަން ވެރިވެފައި އޮތެވެ. ބިޔަގަސްތަކުގެ ދިގު ހިޔަނިތައް މަގަށް އެޅިފައިވާއިރު ހީވަނީ ފިލްމެއްގެ މަންޒަރުހެންނެވެ. މަގުމަތިވަނީ ހިމޭންކޮށެވެ. މިލާންގެ ގައިން ހީބިހި ހަލުވާލައިފި އެވެ.

"މިލާން. އަހަރެން ބޭނުމެއް ނޫން މިލާން އެ ސެލޫންގައި ވޯކް ކުރާކަށް. ޑީސެންޓް ކުދިން އުޅެން އެކަށީގެންވާތަނެއް ނޫން އެއީ......." ދާނިޔަލް ގެ އަޑުގައި ގޮތްދޫނުކުރާފަދަ ގޮތެއްވިއެވެ.

"ވަޓް........" މިލާން ގެ އަތުން ދާނިޔަލް ދޫކޮށްލިކަމުގައި ވިޔަސް އަދިވެސް އެ ފޮނި އިހުސާސްތައް ނާރުތަކުގައި ދަތުރުކުރާހެން ހީވިއެވެ. 

"ބިއުޓީ ސެލޫންއެއްގެ ނަމުގައި އެހެން ކަންތައް ގަނޑެއް ތި ތަނުގައި ހިންގާ، ޓްރަސްޓްމީ، ދުވަސްކޮޅަކުން ފުލުހުން އެތަން ރެއިޑްކުރި ވާހަކަ ނޫސްތަކުން ފެންނާނެ، އަހަރެން ބޭނުމެއްނޫން އަހަރެން ދަންނަ އެއްވެސް ކުއްޖަކު އެތަނުގައި މަސައްކަތް ކުރިކަމުގެ ނަން ވާކަށް......" ދާނިޔަލް ބަލަން ހުރި ގޮތަކުން މިލާން ލަދުން ހަލާކުވާވަރުވިއެވެ. އޭގެ މާނައަކީ ދާނިޔަލް އޭނަދެކެ ރުހޭކަން ހެއްޔެވެ؟ ނޫނީ އެއްކަލަ މެސެޖް ފޮނުވި ކުއްޖާ ބުނިފަދައިން މިއީ ފެށުން ހެއްޔެވެ؟ ދާނިޔަލް އޭނަގެ ހިތާއި ކުޅެލާފައި ދުރަށް ދާނީބާވައެވެ.

"މި ދުވަސްކޮޅު މާމައަށް ވަޒީފާއަކަށް ނުދެވޭތީ އަހަރެން ކޮންމެހެންވެސް ޖޮބެއް ބޭނުން، ޑެނިއަލްއަކަށް އަންޑަސްޓޭންޑެއް ނުވާނެ......." މިލާން ތުންފަތުގައި ދަތްއަޅައިލި އެވެ. ރީތި ބައްޓަމަކަށްވާ ތުންފަތުގެ މަޑުކަމާއި އޮމާންކަމުން ފިނިފެންމަލުގެ ފިޔައެއްފަދައެވެ. ދާނިޔަލްގެ ހިއްސުތަކާއި ކުޅެލާފަދަ ގޮތެއް މިލާންގެ މޫނުގައިވިއެވެ. 

"އަހަންނަށް އަންޑަސްޓޭންޑް ނުވަނީއެއް ނޫން.... ޑޯންޓް ވޮރީ..... އަހަރެން ވަޒީފާއެއް ހޯދަދޭނަން......" ދާނިޔަލް ޔަގީންކަން ދިނެވެ. މިލާން ހުރީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. ދާނިޔަލް މިލާންގެ އަތުން ދޫކޮށްލާފައި އޭނަގެ ޖީބުން ނެގި ވޮލެޓް ހުޅުވާލުމުން ފެނިގެން ދިޔައީ އެތައް ކާޑުތަކެވެ. އެ ލެދަރ ވޮލެޓް ހާދަ އަގުބޮޑުވާނެއެވެ. ރާއްޖެއިން އާއްމުކޮށް ފެންނަ ވައްތަރެއް ނޫނެވެ. ވޮލެޓުގައިވެސް ހައިބަވަންތަކަން ހުރެފައި މުއްސަދިކަން ހާމަކޮށްދެއެވެ. ދާނިޔަލް ދިއްކޮށްލީ ސަތޭކަ ޑޮލަރުގެ ފަސް ގަނޑެވެ. މިލާން އޭގައި ހިފަން ފަސް ޖެހުނެވެ.

"މިލާންއަށް ވަޒީފާ ލިބުނު ދުވަހަކުން ޕޭ މީ ބެކް.... އެކަމަކު މިވަގުތަށް މިލާން ފައިސާ ބޭނުންވާނެ ދޯ، އަހަރެން އަތުގައި ލާރި ގިނަވެގެން ކުރާނެ ކަމެއް ނޭގިގެން ބަހާލަނީ......" ދާނިޔަލް ސަމާސާ ގޮތަކަށް ހިނިތުންވެލުމުން ކޯތާފަތުން ފެނިލި އަޑިކޮޅުން އެ ހިނިތުންވުން އެތައް ގުނަ ރީތިކޮށްލައިފި އެވެ. އާޝޯޚުވާ ފަދަ ރީތި ޒުވާނެކެވެ. ރުޅިގަދަކަމާއި ނުލަފާކަން ދިޔަތަނެއްވެސް ނޭގެއެވެ. ބުމަގޮށްޖަހާލައިގެން ހުންނަ ހުރުމުގެ އާދަވެސް ދޫކޮށްލީކަން ނޭގެއެވެ. މޫނުމަތިން މިވަގުތު ފެންނަނީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމެވެ. މިލާންގެ ލޯ ކަރުނުން ފުރުނެވެ. މިހާ ރަނގަޅު އިންސާނުންވެސް އުޅޭހެއްޔެވެ؟ މުއްސަދިންގެ ތެރޭގައި މިފަދަ މީހުން އުޅޭކަމެއް އޭނަ ނުދަނެއެވެ.

"ތެންކިއު......." މިލާން އޭގައި ހިފިއިރު ދާނިޔަލްގެ އިނގިލިތައް ބީހިލުމުންވެސް ކުރެވުނީ އެފަދަ އިހުސާސްތަކެވެ. އެހެންމީހަކު އަތްލައިގެން މިފަދަ ގޮތެއް ވެފައެއް ނެތެވެ. އެވެސް ލޯބިހެއްޔެވެ؟ ލޯބީގެ ފޮނި އިހުސާސްތަކުން މިލާންގެ ހިތްވެސް ރޫރޫއަޅައިގަތެވެ. ދާނިޔަލް އާއި މިލާން އިރުކޮޅަކަށް ވާހަކަ ދައްކަން ތިބުމަށްފަހު މިލާން ދާން ހިނގައިގަތުމުން ދާނިޔަލް ފަހަތުން އަންނާނެކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް އެނބުރި ބަލައިލިއިރު ދާނިޔަލް ފެންނާކަށް ނެތެވެ.

އެއީ ދާނިޔަލް މިލާންގެ ހިތް ކާމިޔާބުކުރަން ވެގެން ފުރަތަމަ ފެށި މަސައްކަތެވެ. ކައިލާންމެން ގާތުގައި ދާނިޔަލް ވައުދުވީ އޭނަ މާ ގިނަދުވަހެއްނުވެ މިލާން ހާސިލުކުރާނެ ކަމުގައެވެ. މިލާންގެ ރީތިކަން އޭނަގެ ހައްގަކަށް ނަހަދާނެ ގޮތަކީ ނެތްގޮތެކެވެ. ދާނިޔަލް ހިތަށް ވިސްނާދޭން މަސައްކަތް ކުރަނީ އެއީ ގޭމްގެ ބަޔެއް ކަމުގައެވެ. ހަގީގަތުގައި އޭނަގެ ހިތް އަތުން ވީއްލިގެން ދަނީކަމަށް ގަބޫލުކުރާކަށް ދާނިޔަލް ބޭނުމެއްނޫނެވެ. އިރާ އާއި މިލާން އާއި ދޭތެރޭގައި އޭނަ ދެކެން ބޭނުމީ އެއްގޮތަކަށެވެ. ތަފާތުކުރާކަށް ބޭނުމެއް ނޫނެވެ. އަންހެންކުދިންނަކީ މަކަރުވެރި ބޭވަފާތެރި ބަޔެކެވެ. ރަނގަޅު ކުދިންނެއް ނުތިބޭނެއެވެ.

ދާނިޔަލް މާލެ އައިފަހުން އަންހެންކުދިންނާއި ދުރުން އުޅުނަސް ކޮލެޖްގައި އުޅުނުއިރު އެއްފަހަރާ ދެތިން އަންހެންކުދިންނާއި ރައްޓެހިވެގެން އުޅުނެވެ. އެކުދިންގެ ނަންތައްވެސް އޭނަ ހަދާނެއް ނުހުރެއެވެ. ކޮލެޖްގެ މިސްޓަރ ޕާރފެކްޓް ގޮތުގައި މަޝްހޫރުވެފައި ވާއިރު އޭނަ ބޭނުން ކޮންމެ އަންހެންކުއްޖަކު ހަޔާތަށް ގެނައުމަކީ ދާނިޔަލްއަށް ދާދި ފަސޭހަކަމެކެވެ. އަދިވެސް އެހިތަށް ލޯބި ދަސްވެފައި ނުވާ ސަބަބަކީ އެއީކަން ނޭގެއެވެ. ދާނިޔަލްގެ އުޅުމަށް އިންގިލާބެއް ގެނުވީ އޭނަ ބޭނުންނުވެފައި ހުއްޓާ ގަދަކަމުން ކައިވެނީގެ ކަސްތޮޅު އަޅުވާލެވުނީމައެވެ.

އައިޒާ މާލެ އައުމަށްފަހު އެވަރލޭންޑަށް ނުދިޔައީ ނަހުޔާން އާއި ވަކިން ދުރުގައި އުޅެން ބޭނުން ވެގެނެއް ނޫނެވެ. ނަހުޔާން ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް އޭނަގެ ހިތުގައި ނަހުޔާން އަށްޓަކައި ދެވިފައިވާ މަގާމާއި ލޯތްބަށް ބަދަލެއް ނާދެއެވެ. އެއީ އައިޒާގެ ފުރާނައެވެ. ދިރިހުރުމެވެ. ހިތުގެ ވިންދެވެ. ނަމަވެސް ގެއަށް އާދެވުމަށްފަހު މޮޅިވެރިވެފައިވާ ވަރުން އެހެން ތަނަކަށް ދާނެ ހިތްވަރެއް ނުލިބުނެވެ. ދަރިފުޅުގެ ވަކިވުމާއި، ނަހުޔާންގެ ގާތުގައި ނުބުނެވި އެފަދަ ބޮޑުކަމެއް ނިންމުމުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް ބަލިކަށިވިއެވެ. އައިޒާ ތެދުވެ އުޅެން ފެށީ ހަފްތާއެއް ވީ ފަހުންނެވެ. މިގޮތަށް ކަރުނަ އޮއްސަން ހުރެ ނިމިގެން ދިޔަކަމުގައި ވިޔަސް ނަހުޔާން އޭނަގެ ފަހަތުން ނާންނާނެކަން އައިޒާއަށް ވިސްނުނީއެވެ. ލޯބިވަންޏާ ކާމިޔާބުކުރަން މަސައްކަތް ކުރަން ވާނެއެވެ. މިގޮތަށް ހުރެގެން ނަހުޔާންގެ ހިތާއި ހަމަޔަކަށް ނުފޯރާނެއެވެ.

ނަހުޔާން އާއި އެކުވެރިން ބާސްކެޓްބޯޅަ މެޗެއް ނިންމާލުމަށްފަހު ރީތި ގަސްދޮށުގައި އިށީދެލައިގެން ތިބިއިރު އެންމެންގެ މޫނުމަތީގައި ދާތިކިތައް ވިދައެވެ. ހޫނު ގަދަ ދުވަހަކަށް ވުމާއިއެކު ދޮންގަދަކަމުން ބިންގަނޑުވެސް އޮތީ ހޫނުވެފައެވެ. ހުރިހާ އެންމެން ރެޑްބުލް ބޯން ތިބިއިރު ކޮންމެވެސް ލާނެތް ވާހަކައެއްގައި ތިބިކަން އެނގުނީ ޖަހާލާ ހިނިގަނޑުންނެވެ. އެ އުފާވެރި ހަފްލާ ރޫޅުނީ އެކުވެރިއަކު ގެނެސްދިން މަރުގެ ޚަބަރަކުންނެވެ.

"އެއިޓީން އަހަރުގެ ގާލްއެއް ޖަސްޓް ލައިކް ދެޓް މަރުވީ. އެކުއްޖާ އައީ ވަރަށް ގަދަޔަށް ބޮލުގައި ރިއްސައިގެންކަމަށް ޒިޔާ ބުނި، ޑޮކްޓަރަކު އެޑްމިޓް ކުރާނީ ވެސް ޕެއިން ހުރިލެއް ބޮޑުކަމުންތާ..... ފޯޓްވިން ފެނެގަން ޖަހާފައި ނިންދަވާފައި އޮތްވާ ހޭނުލެވިގެން ބަލައިލި އިރު އެކުއްޖާ އޮތީ މަރުވެފައި..... މީހެއްގެ ހުރި އެންމެ އަންހެން ދަރިއެއް ކަމަށް ވަނީ....." އެ ޒުވާނާ ހުރީ ނުތަނަވަސްވެފައެވެ.

"ރިއެކްޝަނެއް އައީކަމަށް ވާނީ، އެހެންނޫންނަމަ ފޯޓްވިންއަކީ ޕެއިން ނައްތާލަން ސަޅި ޗޮއިސްއެއްނު..." ދާނިޔަލް ހިނިތުންވެލާފައި އެހެން ބުންޏަސް ހިތާހިތުން ހަމްދަރުދީވިއެވެ. އެ އަންހެންކުއްޖާގެ އާއިލާއަށް ކުރާނެ އަސަރު ހިތަށް އިހުސާސްކުރެވުނެވެ. އެއީވެސް ކޮންމެވެސް ބަޔެއްގެ ދަރިއެކެވެ. ކޮއްކޮ އެއް ނޫނީ އެކުވެރިއެކެވެ. ނޫނީ ލޯބިވެރިޔެކެވެ. އެމީހުން ކެތްކުރާނީވެސް ކިހިނެއްހެއްޔެވެ؟

"ޑެނީތަ އެކުއްޖާއަށް އިންޖެކްޝަން ދިނީ؟ އޭނަ ކާރިން މެޑިކަލް ހިސްޓްރީ ނެގިންތަ؟ އެއީ ނޭވާ ލާން އުދަގޫވާ ކުއްޖެކޭ..... ދެއަހަރުން ދަށުކުދިންނަށް ފެނެގަން ދިނުމަކީ ނުރައްކާތެރި ކަމެއް އެކަމަކު ބޮޑެތި މީހުންގެވެސް އެފަދަ ކަމެއް ހުރެއްޖެއްޔާ މައްސަލަ ދިމާވެދާނެކަން އެނގުނީ....." އެ ޒުވާނާގެ ޖުމްލައިން އެންމެން ޝައްކުގެ ނަޒަރަކުން ބަލައިލީ ދާނިޔަލްގެ މޫނަށެވެ. ދާނިޔަލް ފަރުވާ ކުޑަކަމުން އިހުމާލުވީ ހެއްޔެވެ؟

ދާނިޔަލް ހިތްހަމަނުޖެހޭގޮތްވި ނަމަވެސް އެކަމާއި ބެހޭގޮތުން އިތުރު އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނައަކީ ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދޭމީހެއް ނޫނެވެ. މިވީހާތަނަށް އޭނަގެ އަތުން ބަލިމީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވާނެއެވެ. ނަމަވެސް އެހެން މީހުން ޝައްކުރިޔަސް އޭނަގެ ފަރުވާލެއްނެތެވެ. ހަމަޖެހިލައިގެން ރެޑްބުލް ދަޅު ބޯން އިނދެ އޭނަ ފޯނު ކަންފަތުގައި ޖެހިއެވެ.

"އެކުއްޖާގެ ޑޮކްޓަރަކީ ޑެނީ ކަމަކަށް ނުވާނެ، ޑެނީއަކީ ބަލިމީހުންނަށް ޓްރީޓްކުރާ މީހެއްވެސް ނޫން، ވަގުތުން ރިފަރ ކޮށްލާފައި ބޮލުން ޒިންމާ އެ ދިޔައީ، އެހެންމީހުންގެ ހެޑޭކަކަށްވާނީ، އާދައިގެ ހުމެއް ވެއްޖެއްޔާ ޕެނެޑޯލް ގުޅައެއް ދީފައި އަންގާނެ ތިން ދުވަހުން ރަގަޅުނުވެއްޖެއްޔާ ފިޒިޝަނަށް ދައްކަން.... މުސާރަ ގަވާއިދުން ނަގައިގެން މިހާ ފަސޭހަކޮށް އުޅޭ ޑޮކްޓަރެއް މި ހޮސްޕިޓަލުގައި އުޅޭނެތަ؟" އެކަކު ހީހީފައި ކިޔާލުމުން ދާނިޔަލް ކަޅި އަޅާލިއެވެ.

"ސްޕެޝަލައިޒްވެފައި ތިބޭމީހުން މާ ބޮޑު މުސާރަ ނަގައެއް ނޫންތަ؟ އެނީވޭސް ދެ ދުވަހުގެ ތެރޭގައި އެފަދަ ދެ ކޭސް މިއައީ، މިތަން ބަދުނާމުވާނެ ޑެތް ރޭޓް ތިހާ ހައިވީމަ....." ނަހުޔާން އިނީ ޚިޔާލެއްގެ ތެރޭގައެވެ. އެހެންނޫނަސް ޑޮކްޓަރުންގެ ފަރުވާކުޑަކަމުން އެފަދަ ކަމެއް ހިނގީތީ އޭނަ ފިޔަވަޅު އަޅާނެއެވެ. 

"އެކުއްޖާގެ ޕޭރެންޓުން އެހާ ތައުލީމީ ބަޔެއް ނޫން، އެހެންވީމަ އެމީހުންނަކަށް ނޭގުނު ދަރިފުޅު މަރުވީ އިންޖެކްޝަނުގެ ސަބަބުންކަމެއް.. އިރާދަކުރެއްވިއްޔާ ހޮސްޕިޓަލް ބަދުނާމެއް ނުވާނެ......" ޑޮކްޓަރަކު ކިޔާލައިފިއެވެ. ހަގީގަތަކީ އެއީ އެވެ. ގިނަފަހަރު ކޮންމެވެސް ބަޔެއްގެ އިހުމާލުން މަރުވިޔަސް އެކަން އޮންނަނީ ފޮރުވިފައެވެ. މަރުވުމުގެ ވަގުތު ޖެހުމުން ފުރާނަ ހިފެހެއްޓޭނެ އެއްވެސް ފަރާތެއްނުވާނެތީ ކޮންމެ ކަމަކަށްވެސް ސަބަބެއް މެދުވެރިވާނެއެވެ. ނަމަވެސް މަދު ފަހަރެއްގައި ނަމަވެސް ކޮންމެވެސް މީހެއްގެ އިހުމާލުން ފުރާނަ ދިޔަޔަސް މީހުންވަނީ ނޭގުމެއްގެ ތެރޭގައެވެ. ހެދޭ ގޯހަކުން ނޫނީ ފަރުވާކުޑަކުރުމުގެ ސަބަބުން ލޯބިވާ ފަރާތެއް ދުނިޔެ ދޫކޮށްދަނީ ކަމެއް ނުވިސްނެއެވެ.

އެމީހުން ވާހަކައިގާ ތިއްބާ ހޮސްޕިޓަލުގެ ހުސްބިމަށް ނުކުމެވެން ހުންނަ ދޮރުން ނިކުތް ރީތި އަންހެންކުއްޖާ ފެނުމުން ހުރިހާ ލޯތައް އެދިމާލަށް ހުއްޓުނެވެ. ނުދެނެހުރިކަމަށް ހަދާލައިގެން ރެޑްބުލް ދަޅު ތުބުގައި ޖަހާލައިގެން އިނީ ދާނިޔަލް އެކަނިއެވެ. ނަހުޔާންވެސް އިސްޖަހައިލި އިރު ހިތުގެ ތެޅުން ތަންކޮޅެއް އަވަސްވިއެވެ. މިގަޑީގައި އައިޒާ މިތަނަށް އަންނަން ޖެހުނު ސަބަބެއް އެއްގޮތަކަށްވެސް ނޭގުނެވެ.

ނަހުޔާން ވިސްނާލާފައި ތެދުވެގެން އައިޒާ އާއި ދިމާލަށް ހިނގައިގަތުމުން އެކުވެރިންވެސް އެތަނުން ދާން ހިނގައިގަތީ އެދެމަފިރިންނަށް ފުރުސަތުދޭން ވެގެންނެވެ. އައިޒާ އައިސްބްލޫ ޖިންސަކާއި ރީދޫކުލައިގެ ޓޮޕެއްލައިގެން އިސްތަށިގަނޑު މައްޗަށް އައްސާލާފައި ހުރިއިރު ޔޫރަޕްގެ މޮޑެލްއެއްފަދައެވެ. ހާމަޔަށް ހުރި ކަދުރާއާއި އަތްފަދަ ތަންތަން އޮމާންކަމުން އަތްލިޔަސް ކައްސާލަފާނެހެން ހީވެއެވެ. އައިޒާގެ އަތުގައި ކޮތަޅެއް އޮތެވެ.

"ނަހުޔާން، އައިމް ސޮރީ.... އެގޮތަށް އެކަނި ބޭރަށް ދިޔުމަކީ ރަނގަޅުކަމެއް ނޫންކަން އެނގޭ، އެކަމަކު ހިތާމަތަކާއި ދުރަށް ދާން އެނޫންގޮތެއް ނެތީ..... އަދި..." އައިޒާ ހިންދިރުވާލާފައި ވާހަކަފެށިއެވެ. ނަހުޔާންގެ ތޫނު ދެލޮލުގެ ސަބަބުން ވާހަކަ ކުރިއަށް ގެންދިޔުން ފަސޭހައެއްވެސް ނޫނެވެ.

"މާލެ އައީ ކޮން ދުވަހަކު؟ "ނަހުޔާން އެގޭކަމަކަށް ހަދާނުލިއެވެ.

"ވީކެއް ވެއްޖެ...." އައިޒާ ކަންބޮޑުވިއެވެ.

"އައިޒާ ދުރުގައި އުޅެން ބޭނުމިއްޔާ އަހަރެންގެ މައްސަލައެއްނެތް، އެކަމަކު އަހަރެންގެ ވައިފްވީމަ އަހަންނަށް އެނގުމުގެ ހައްގު ނެތްތަ؟ މާލެ އައިއްސަ އަންގާ ނުލާ..... އައިމް ސަޕްރައިޒްޑް..." ނަހުޔާން ހިނިތުންވެލިއެވެ. ހިތް ދުވަހަކު މާފު ނުދޭން ބޭނުންވިކަމުގައި ވިޔަސް ވާހަކަ ދެއްކީ ރީތިކޮށެވެ. އައިޒާ ބަލިވެއިން އިރު އެހާ ނިކަމެތިކޮށްލާކަށް ނުވާނެއެވެ. އައިޒާ ވިހެއުމުން ދަރިފުޅު އޭނަގެ ކަން ޔަގީންވެފައި ފަހުން ދުވަހެއްގައި އެދެމަފިރިން ހަމަޖެހިގެން އުޅެވޭފަދަ ދުވަހެއް އަތުވެއްޖެއްޔާ އޭނަ މާޒީ ހަނދާންކޮށްފައި ހިތާމަކޮށްގެން ނުވާނެއެވެ.

"އައި ވޯޒް ސިކް، ތެދުވެ އުޅޭނެ ވަރެއްވެސް ނެތީ، ނަހުޔާން ގުޅާވެސް ނުލަމެއްނު..." އައިޒާ ރަކިގޮތަކަށް ހީލިއެވެ. ދެމީހުންގެ ވާހަކަ ކުރިއަށް މިދަނީ މާނައެއްނެތް ގޮތެއްގައެވެ. އިހުސާސްތައް ފޮރުވައިގެން ތިބެއެވެ. ދެހިތުގައިވާ ޝަކުވާ އަނެކަކާއި ހަމަޔަށް ނުފޯރައެވެ. އެހެންނޫނަސް އައިޒާގެ ހިތުގައި ފިނި ރާޅެއް ދުވެލީ އޭނަ އެހާ ބޮޑުކަމެއް ނިންމިއިރު ނަހުޔާންގެ ހުއްދަ ނުހޯދީމައެވެ. ނަހުޔާންގެ ދަރިފުޅަށް ކަމެއް ވެއްޖެއްޔާ ނަހުޔާންއަށް އެނގުމުގެ ހައްގު އޮންނާނެއެވެ. އެހާ ބޮޑު ހައްގެއް އޭނަ ނިގުޅައިގަތީއެވެ. ނަހުޔާން ދުވަހަކު މާފެއް ނުކުރާނެއެވެ. އޭނަގެ މޮޔަކަމުން ހައްތަހާ ބޮޑަށް އަމިއްލަ ހިތަށް އަނިޔާ ދެވެނީއެވެ. ނަހުޔާންގެ ކުށެއްނެތި ނަހުޔާން އާއި ހައްތަހާ ދުރަށް މި ދުވަނީ އޭނައެވެ.

"މިއީ ކުޑަ ގިފްޓެއް..... އައި ވިލް ބީ ބެކް... ނަހުޔާން ބޭނުން ވި ދުވަހަކުން..." އައިޒާ ނަހުޔާންގެ އަތަށް ކޮތަޅު ލައްވާފައި ދުރަށް ދާން ހިނގައިގަތުމުން ނަހުޔާން ހުރީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. އައިޒާގެ ހިތުގައި އުފެދިފައިވާ ލޯބި ނަހުޔާން ނުދެނެހުރި ކަމަށް ހަދާލަން ހުއްޓަސް އިހުސާސް ކުރެވެއެވެ. ނަމަވެސް އެހާ ފަސޭހައިން ނަހުޔާން އެކަން ގަބޫލުކުރަންވީ ކީއްވެހެއްޔެވެ؟ އައިޒާ ކައިވެނީގެ ކުރިން އެހެން މީހަކާއި ގުޅުން ބޭއްވުމަށްފަހު އެމީހާ އައިޒާގެ ހަޔާތަށް ފަހުން އަންނާނީވެސް އައިޒާގެ ފަރާތުން ހަމަ އިޝާރާތެއް ވީމައެވެ. ނޫނީ ހަގީގަތަކީ ކޮބާހެއްޔެވެ؟ ނަހުޔާން ކޮތަޅު ހުޅުވާލުމެއްނެތި ހިނގައިގަތީ ކާރު ޕާކްކޮށްލާފައިވާ ދިމާލަށެވެ.

އެމީހުންގެ ފަޅުރަށަކަށް އާއިލާ ގޮވައިގެން މަޖާކޮށްލަން ދިޔުމަކީ ދީނާގެ ރޭވުމެކެވެ. ފުރަތަމަ ދާނިޔަލް ނުދާން އުޅެފައިވެސް ބައްޕަ އެދިލެއްވީމަ ހިތާއި ދެކޮޅަށް ދަތުރުގައި ބައިވެރިވިއެވެ. އިރާވެސް އޭނަގެ މަންމަ ގާތުގައި ނުދާން ވަރު ދައްކާލާފައި ހުއްޓާ ދީނާ އެންމެ ފަހަރަކު ބުނެލާއިރަށް ބަސްއަހާ ކުޑަކުއްޖަކު ފަދައިން ދަތުރުދާން ތައްޔާރުވިއެވެ. އޭރުވެސް ދާނިޔަލްއާއި އިރާ ތިބީ އެކަކު އަނެކަކާއި ވާހަކަ ނުދައްކަން ހުވާކޮށްގެން ހެން ހީވެއެވެ. ދަތުރުމަތީގައިވެސް ދެމީހުން އުޅުނީ ބީރައްޓެހިން ފަދައިންނެވެ. ނަހުޔާން އާއި އައިޒާވެސް ތިބީ އެފަދަ ގޮތަކަށެވެ. އާއިލާގެ މެމްބަރުން ގެ ދޭތެރޭގައި މިއޮތް ދުރުހިލޭކަން ނައްތާލަން ދީނާ ހިތާހިތުން ވައުދުވިއެވެ.

ދުވަހަކީ އުޑުމަތީގައި ވިލާ ބޯ ދުވަހެކެވެ. ދުނިޔެމަތި ފިނިކޮށް އޮތީމަ މޫދުގައި އުޅެން މާ ރަނގަޅު ދުވަހެއްހެން ހީވިއެވެ. ދޭތެރެއަކުން ހުދުކުލައިގެ ފަރުބަދަ ފަޅިވަރުގެ ވިލާތައް ކެހިލާފައި އިރު ސިއްރުން ބަލައިލާ ފަހަރުވެސް އާދެއެވެ. 

އެންމެން މޫދުގައި އުޅުނުއިރު އިރާވެސް ސީބެޑަކަށް އަރާފައި އޮތެވެ. ބައެއްފަހަރު ފަތާލާ ހެދިއެވެ. ތަނެއް ދޮރެއް ނުފެނުނު ކަމުގައިވިޔަސް އެހެން މީހުންގެ އުފާތަކާއި ބައިވެރިވެ އިރާ ހީހެދިއެވެ. ދޮންވެލިގަނޑުމަތީގައި ދުވެ ބޮލިތައް ހޮވީ އަތްލައިގެންނެވެ. ބައެއްފަހަރު އޮޅިގެން ކިރު ކަކުންޏެއްގައި އަތްލެވިއްޖެއްޔާ އަޑުކޮޅަށް ހަޅޭއްލަވައި ގަނެއެވެ. އެވަރުންވެސް އިރާ މުޅި ދުވަސް ހޭދަކުރީ އަތިރިމަތީގައެވެ. އެތައް ޒަމާނަކަށްފަހު އިރާގެ ހިތަށްވެސް އުފާތަކެއް ހާސިލު ކުރެވިއްޖެއެވެ. ދީނާ ދޭތެރެއަކުން ދާނިޔަލް އާއި ދިމާލަށް ކޮންމެވެސް ސަކަރާތެއް ޖަހާލާފައި ވާހަކައެއް ބުނެލައެވެ. ދާނިޔަލްއަށް ދީނާ ލޯބިން ކިޔާލަނީ"ހަނީ" ނޫނީ "ޑާލިން" ފަދަ ނަމެކެވެ. ދާނިޔަލް ބުމަގޮށްޖަހާލައިގެން ހުރެފައިވެސް ދީނާ ކަމަކު ބުނެފިއްޔާ އެކަމެއް ކޮށްދޭތަން ފެނެއެވެ. އެ ދެމެދުގައިވާ ގަނޑުފެންތައް ކޮންމެވެސް ވަރަކަށް ވިރެން ފަށައިފިކަމުގެ ހެއްކެކެވެ.

ރޭގަނޑު ބާބެކިއު ހެދިއިރު ލަވަ ބާޒީއާއި ބިރުވެރި ހަންޑި ވާހަކަތައް އެކަކު އަނެކަކަށް ކިޔާދީފައި މަޖާކުރިއެވެ. ރޭގަނޑު ކެއުންވެސް ނިމުނީ އުފާވެރިކޮށެވެ. ތާރީޚީ ހަދާންތަކަކާއި އެކުގައެވެ. ނަހުޔާން އާއި އައިޒާވެސް ތަންކޮޅެއް އެކުވެރިކޮށް ވާހަކަދައްކާތަން ފެނެއެވެ. އުފާވެރި ދުވަހެއް ނިމުނުއިރު އެންމެން ވަރުބަލިވެފައިވާތީ ދިހައެއް ޖެހިއިރަށް އެންމެން ކޮޓަރިތަކަށް ވަދެ ނިދާލައިފިއެވެ. އިރާވެސް އެނދުގެ މަޑު ތަންމަތީގައި ޖެހުމާއިއެކު ނައިޓްމެއަރއެއް ނުފެނި ފޮނި ނިންޖަކަށް ގެނބުނީ އިރުކޮޅެއްގެ ތެރޭގައެވެ. އިރާ ހޭލެވުނުއިރު އޭނަ އޮތީ ނިދިފިލާ ތާޒާވެފައެވެ. ގަޑިންވީއިރެއް ލަފާކޮށްލާކަށް ނޭގުނެވެ. އޭނަ އޮތީ ބަނޑުހައިވެފައެވެ. އެންމެން އޭނަ ނިންދަވަން ބާއްވާފައި ހެދުނު ފަތިހާ ތެދުވެގެން މޫދަށް ދިޔައީހެއްޔެވެ؟

"ޕެތެޓިކް.... އަހަންނަށް މީހަކު ބުނެނުދެންޏާ އެއްވެސް އެއްޗެއް ނޭގޭ.. އިޓްސް ލައިކް.... ނޭގޭ ބުނާނެ އެއްޗެއްވެސް.. ހީވަނީ އަނދިރި ދުނިޔެއެއްގައި އަބަދަށްޓަކައި ބަދެވިފައިވާހެން.... އަހަރެން ބޭނުމެއްނޫން މިގޮތަށް ކޮޓަރިއެއްގައި ބަންދުވެގެން އޮންނާކަށް، އެކަނި ހިނގާލަން ދާންވީކަން ނޭގޭ...." އިރާ ތެދުވެގެން އަތްކާއްތަމުންގޮސް ފާޚާނާއަށް ވަދެ މޫނުދޮވެލާ ހަދައިގެން ނިކުތްއިރުވެސް ދާނިޔަލް އޮތީ ފުން ނިދީގައެވެ. އޭރު މެންދަމުން ތިނެއްޖެހީއެވެ.

އިރާ ދާނިޔަލް އެނދުގައި އޮތްތޯ ބަލާކަށް އަތްލާކަށް ނޫޅުނެވެ. ބޮޑަށް ޔަގީންކުރީވެސް މީހަކު ކޮޓަރީގައި ނެތްކަމަށެވެ. ނޭވާލާ އަޑު ނީވެންޏާ އޭނައަށް އެނގޭނީ ކޯންޗެއް ހެއްޔެވެ؟ އިރާ ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު ހަށިގަނޑުގައި ފިނިވައިރޯޅިއެއް ބީހިލިއެވެ. އިރާއަށް ނުފެނުނު ކަމުގައި ވިޔަސް ދަންވަރު އެގަޑީގައި މާހައުލު ނިކަން ހިމޭންވެފައި ހިތްގައިމެވެ. މިގަޑީގައި ދިރޭ ފުރާނައެއް ގެއިން ބޭރުގައި އުޅޭކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ކަނޑުގެ ރާޅުތައް ގޮނޑުދޮށަށް ބީއްސާލާ އަޑު ފަޒާގައި މިއުޒިކެއްހެން ގުގުމާލާފައިވެއެވެ. ރޭގަނޑަށް ފޮޅޭ މާމެލާމެލީގެ މީރުވަސް އިރާގެ ނޭފަތުގައި ޖެހުނެވެ.

"ސޯ ކާމް، ޕީސްފުލް......" އިރާ ހިނިތުންވެލިއެވެ. ފައިވާން އަތުން ހިފަހައްޓާލައިގެން ހުރެ ދޮންވެލިގަނޑުމަތިން ހިގަމުން ދިޔައީ އަސާވެސް ހިފައިގެންނެވެ. އެ ކުޑަ ފިޔަވަޅުގެ ނިޝާންތައް ދޮންވެލިގަނޑަށް ދޫކުރަމުން ދިޔައިރު ފަޔަށް މަސާޖުވާހެން އިރާއަށް ހީވިއެވެ. ހާދަ ހިތްފަސޭހައެވެ. އޭނަ ނިކުމެގެން މިއުޅެނީ އެހެން މީހަކު ނެތްދިމާލަކަށް ބާވައެވެ. މީހެއްގެ ހިލަމެއްނުވެއެވެ. އިރާ ފިކުރެއް ޚިޔާލެއްނެތް ކުޑަކުއްޖެއްފަދައިން ހިނިތުންވެލައިގެން ހުރެގޮސް ފާލަން މައްޗަށް އަރައިފިއެވެ. އެއީ ފާލަން ކަން އެނގުނު ނަމަވެސް އިރާ ބިރެއް ނުގަނެއެވެ. ފަތަން އެނގޭތީ އެތަނުން ވެއްޓުނަސް ފާލަމުގައި ހިފައިގެން މައްޗަށް އެރިދާނެކަމުގެ ޔަގީންކަން އޮތީ އެހާ ބޮޑަށެވެ. "ބިރު " އެ އިހުސާސްތައް އެއްފަރާތް ކޮށްލާފައި ކުރިއަށް ހިގަމުން ދިޔައީ އަސާއަކީ މަދަދުގާރެއް ކަމުގައި ހަދައިގެންނެވެ. އޭނައަށް އެކަނި އުޅެވިދާނެކަން އެހެން މީހުންނަށްވެސް އެގެންވާނެއެވެ. އިރުކޮޅަކުން ފާލަމުގެ އެންމެ ކޮޅަށް ދެވިއްޖެއެވެ.

ލޮލަށް ފެންނާނެ ނަމައެވެ. ކަނޑުގެ ނޫކުލައިގެ ރާޅުތައް ދެކިލާހިތްވަނީއެވެ. އުޑު ކަނޑުގައި ބޮސްދޭ މަންޒަރު ފެންނައިރު ހާދަ ޗާލުވާނެއެވެ. ދުވަހަކުވެސް މި ރީތި މަންޒަރުތައް ދެން ނުފެންނާނީބާވައެވެ. އިރާ ފާލަމުގެ ކޮޅުގައި އިށީދެލައިގެން އިންއިރު ފާލަމަށް ބީއްސާލާ ރާޅުތަކުން ބުރައިގެން އަންނަ ލޮނުތިކިތައް ހަމުގައި ޖެހި އިތުރަށް ހީކަރުވާގޮތްވިއެވެ. ވިއްސާރައީ ކަން ނޭގެއެވެ. މާ ބޮޑަށް ފިނިވެ ރޫރޫއަޅާން ފެށުމުން އިރާ ތެދުވުނީ ކޮޓަރިއަށް އެނބުރި ދިޔުމަށް ނިންމައިގެންނެވެ. އިރާ ފައި އެޅުނުގޮތަކުން ކައްސާލުމުން ހަށިގަނޑު ސަމާލުނުކުރެވި އޭނަ ގޮސް ޖެހުނީ މޫދުގެ ލޮނުގަނޑުގައެވެ. އޭރު އަސާ އޮތީ ފާލަން މަތީގައި ބޭއްވިފައެވެ. އިރާ އަޑިޔަށް ދިޔުމާއިއެކު ފެނުން ބޯ ހިއްލާލާފައި ފަތައިގަތީ ފާލަން ހުރިކަމަށް ލަފާކުރެވުނު ދިމާލަށެވެ. އިރާގެ ނަސީބު ތަންކޮޅެއް ދެރައެވެ. އޭނަގެ ހިތް މިފަހަރު އެހީއެއް ނުވިއެވެ. ދައްކަދިނީ ނުބައި މަގެވެ. އިރާ ފަތައިގަތީ ރަށާއި ދުރަށެވެ. އޮއި ފުދޭވަރަކަށް ގަދަކަމުން އިރާ ކަންބޮޑުވިއެވެ.

"ޑެނީ......" އިރާ އެހީއަށް އެދި އަޑުކޮޅަށް ގޮވާލިއެވެ.

ކޮންމެވެސް މީހަކަށް އެއަޑު އިވިގެން އަންނާނެކަމުގެ ޔަގީންކަމުގައި އިރާ އޮޔާއި އެއްކޮޅަށް ފަތަންފެށިއެވެ. ނަމަވެސް އިރުކޮޅަކަށްވުރެ އިރުކޮޅެއް ދިޔައީ އަތްފައިގެ ބާރު ދޫވެ ވަރު ދެރަވަމުންނެވެ. އަނދިރިކަމުން ތަނެއް ދޮރެއް އެނގެނީއެއް ނޫނެވެ. އެވަރުންވެސް އިރާ އުއްމީދު ދޫކޮށެއްނުލިއެވެ. ހިތާހިތުން ސަލާމަތަށް އެދި މާތް ﷲ އަށް ދުއާކޮށްލާފައި ހިތްވަރުކޮށްލާފައި ފާލަން ހުރި ދިމާލަށް ދާން މަސައްކަތް ކުރިއެވެ. އަތްފައި ލޮޑުވަނީއެވެ. އެންމެ ފަހުން ލޮނުގަނޑުގެ ތެރެއަށް ގެނބެން ފެށުމުން އިރާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.

އެއްވެސް މީހަކަށް އޭނަ ނުފެނުނީއެވެ. އެހެން އެވީ އޭނަ ގެ މޮޔަކަމުންނެވެ. އެހެންނޫނަސް އޭނަގެ ސަބަބުން އެހެން އެންމެނަށް ވެފައިވަނީ ބުރައަކަށެވެ. ހަޔާތުގެ ކުޑަކުޑަކަމެއްގައި އެދެން ޖެހެނީ އެހެންމީހުންގެ އެހީއަށެވެ. މަންމައަށްވެސް އޮންނަނީ އޭނައާއި އަޅާލުން ބުރަކަމަކަށްވެފައެވެ. މިލާންވެސް އޭނަ ދޫކޮށްލާފައި ދިޔައީއެވެ. މިއަދު ދަތުރު ދާންވީމަ އޭނަ ގުޅާފައި އެމީހުންނާއި އެކުގައި އަންނަން އެދުނީމަވެސް މިލާން ބަހަނާއެއް ދައްކާފައި ނައީއެވެ. ދާނިޔަލް އެހެރީ އޭނަ ދުނިޔެއިން ނައްތާލަން ބޭނުންވެފައެވެ. އެންމެންވެސް ކުޑަ ދުވަސްކޮޅަކަށް އޭނަ މަތިން ހަދާން ކުރާނެކަން ނޭގެއެވެ. ދާނިޔަލްވެސް ދެރަނުވާނެ ކަމެއް ނޭގެއެވެ. ހަފްތާއެއްހާ ދުވަހުން އެންމެން ހަމަޔަކަށް އެޅިދާނެއެވެ.

އިރާ ކަނޑުގެ ލޮނުގަނޑާއި ހަށިގަނޑު ހަވާލުކުރީ ހުރިހާ ހަކަތައެއް ހުސްވެ އަތްފައި ހަލުވާނުލެވޭނެ ކަން ޔަގީންވުމުންނެވެ. ޝަހާދަތް ކިޔައިގެން އަބަދަށްޓަކައި ލޯމަރާލުން ނޫންގޮތެއް ނެތެވެ.

ފަހަރެއްގައި އެއީ ދިރިތިބި އެހެންމީހުންނަށް ފިލާވަޅަކަށްވެގެން ހިނގައިދާނެއެވެ. އިރާގެ މަންމައަށް އޭނަ އަށްޓަކައި ކުޑަ ގުރުބާނީއެއް ވާކަށް ނުކެރުނެވެ. ދާނިޔަލްވެސް ޖުވޭދާ ދެކެ އައި ރުޅި ބާލަނީ ކުށެއްނެތް މައުސޫމް ކުއްޖަކަށެވެ. ތަގުދީރުގައި ކޮންމެ ކަމަކަށްވެސް ވަކި ވަގުތެއް ކަނޑައަޅާފައިވާނެއެވެ.

ދާނިޔަލް ހޭލެވުނީ މިލާންގެ ހުވަފެނެއް ފެނިގެންނެވެ. ހަނދާން ކުރަން އުޅެ އުޅެ އެހުވަފެން މަތިން ހަނދާނެއް ނުވިއެވެ. ދާނިޔަލް ސްވިޗް ޖައްސާލާފައި އަނެއް ފަރާތަށް އެނބުރުނުއިރު އިރާ އޮތް ފަޅިވަނީ ހުހަށެވެ. ފާޚާނާގައި ވީކަން ނޭގެއެވެ. ހީވީ އޭނަގެ ހިތަށް އެރި އެއްޗެއްގެ ޖަވާބު ލިބުނުހެންނެވެ. އެވަގުތު އައި ވައިރޯޅިއަކާއި އެކުގައި ކޮޓަރީގެ ދޮރު ހުޅުވިފައި ލެއްޕުނީއެވެ. ދާނިޔަލް ސިހުނެވެ. ދާނިޔަލް ގަޑި ބަލާލާފައި ވިދުވަރެއްހާ ހަލުވިކޮށްގޮސް ފާޚާނާގެ ތެރެއަށް ބޯ ދިއްކޮށްލައިފި އެވެ. އިރާ ފެންނާކަށް ނެތެވެ. ސިކުނޑީގެ ކަނަކުން ނުރައްކަލުގެ އިންޒާރު ދިނީ އެވަގުތުގައެވެ. ހުވަފެނުގައި ފެނުނީ ރަނގަޅު ކަމެއް ނޫންކަންވެސް ހަނދާނަށް އައީ ކިރިޔާއެވެ. 

ކޮމެންޓް 0