"މަންމަ އަށް ފްލައިޓަށް އަރަން ނުކެރޭނެ ކަން އެނގޭ، މަންމައަށް ނުދެވެންޏާ ދާނިޔަލް މެންނާއި އެކީގައި ފޮނުވަދީބަލަ، މިލާންވެސް އެހެރީ، ސާޖަރީ ހަދައިގެން އައިސް ދާނިޔަލް އާއި މެރީކޮށްފާނަން، ތަނެއް ނުފެންނަ އިރު މެނެކިންއެއްހެން ތަނެއްގައި އިށީދެލައިގެން ބޮޑު ޕާޓީއެއް ދޭއިރު ލަދުން މަރުވެދާނެ... މަންމާ މިނޫނީ ދުވަހަކު އެހެން ކަމަކަށް ނޭދޭނަން، ވެޑިން ފަސްކޮށްދީ...ޕްލީޒް...." އިރާ އެހާ އާދޭސްކުރީމަ ޖުވޭދާ ބުނީ އެކަމާއި މެދު ވިސްނާނެ ކަމަށެވެ. ނަމަވެސް ޖުވޭދާ ނިންމީ އިރާގެ ޅަކަމާއި މޮޔަކަމުން ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކަނީ ކަމަށެވެ. އިރާއަށް ހާދަ ނޭގެއެވެ. ޕާޓީއަށް ދާހާ އަންހެންކުދިންގެ ހިތްތައް އިރާ އާއި މެދު ހަސަދައިން ފުރޭނެއެވެ. ދާނިޔަލް ބޭނުން ނުވާނީ ހިއްސުތައް ސަލާމަތުން ހުރި ކޮން އަންހެންކުއްޖެއް ހެއްޔެވެ؟

އިރާ އުއްމީދު ކަނޑައެއް ނުލައެވެ. ނަމަވެސް މިޒާޖު ހުންނަ ގޮތުން ދެވަނަ ފަހަރަށް މަންމައަށް ވިޔަސް އާދޭސް ނުކުރަން އޭނަވަނީ ގަސްތުކޮށްފައެވެ. އޭނަގެ އިހުސާސް ތަކާއި މެދު މަންމަ އަޅާނުލަންޏާ ދެން ރަނގަޅު ވާނީ ހިމޭނުން ހުރުމެވެ. ދިރިއުޅުމުގައި ވާން ހުރިގޮތަކަށް ކަންތައް ހިގާނެއެވެ. އޭނަ ބޭނުންވީ މަންމަ ގާތު ދާނިޔަލްގެ ވާހަކަ ކޮންމެވެސް ވަރަކަށް އޮޅުވައިލާފައި ކިޔާދިނީ އަމިއްލަ ނަފުސްވެސް އެ ލަދުވެތިކަމުން ސަލާމަތް ކުރުމަށެވެ. އޭގައި ކޮންމެވެސް ވަރަކަށް ހަގީގަތްވެސް އެކުލެވޭތީއެވެ. މުފީދާ އެވާހަކަ ދެއްކިއިރު ދާނިޔަލް އޭނަ ރޭޕެއް ނުކުރެއެވެ. ދާނިޔަލް އެހާ ނުބައިކޮށް އޭނައާއި މެދު ކަންތައް ކުރަން ޖެހުމުގެ އަސްލަކީ އެއީ އެވެ. މުފީދާ އެވެ.

ޖުވޭދާ އެކޮޓަރިން ނިކުތް އިރު މޫނު ހީވީ ބަނަކަމުން އެހެން ކަމެއްހެންނެވެ. މޫނަށް އަލިފާން ކުލަ އަރުވާލައިގެން ހުރެ ގޮސް މުފީދާއަށް އެންގީ އެގެއިން ނުކުތުމަށެވެ.

"ފާޑުފާޑުގެ ދޮގު ހަދައިގެން އަހަރެމެންގެ ފިރިހެން ދަރިފުޅު ބަދުނާމު ކުރި މީހަކަށް މިގެއިން ޖާގައެއް ނުލިބޭނެ. ދާނިޔަލް އިރާ ރޭޕްކުރީ ކޮންއިރަކު؟ އެއީ ހަގީގަތެއްނެތް ފުލޯކު ވާހަކައެއް....." ޖުވޭދާ ދަތްތަކަށް ބާރުކޮށްލައިގެން ހުރިއިރު މުފީދާ ހުރީ ދޮރުގެ ކަނީގައި ހިފަހައްޓައިގެން ދެރަވެފައެވެ. ރޯޒާވެސް ހުރީ މޮޅިވެރިވެފައެވެ. މުފީދާގެ ހީވާގިކަމުން ރޯޒާގެ މަސައްކަތް އެތައް ގުނަ ލުއިވެފައިވެއެވެ. އެހާ ދުވަސްވާންދެން މިގޭގައި މަސައްކަތް ކުރި މީހަކު މިގޮތަށް ގެއިން ބޭރުކޮށްލާތީ ރޯޒާގެ ހިތުގައި ޝަކުވާ އުފެދުނެވެ.

"އިރާ އެކުވެރިއަކަށް ގުޅައިގެން ހުރެ ޓިކްލް ރޭޕްކުރީއޭ ބުނީމަ އެ ވާހަކަ މަގޭގާތުގައި ހަދަހަދައިގެން ދެއްކީއެއްނު...." ޖުވޭދާގެ ހިތުގައި މުފީދާ އާއި މެދު ހަމްދަރުދީއެއް ނެތެވެ. ރޯޒާ ބުނިގޮތުން މުފީދާ އޭނަގެ ގާތުން ރޭޕް ގެ މާނަ އެހިއެވެ. މުފީދާއަށްވެސް އޮޅުން އެރީއެވެ. ދާނިޔަލް އާއި އިރާ ފުރާޅުމަތީގައި ތިބެގެން ޖަހައިލި ސަކަރާތުން ނުބައި މާނައެއް ނެގުނީއެވެ. ކަންހިނގިގޮތް އޮޅުންފިލުމުން މުފީދާ މާފަށް އެދުނެވެ. އެކަމާއި ދެރަވެ ހިތާމަކުރާކަމަށް ބުނެލިއެވެ. ނަމަވެސް ޖުވޭދާ ހުރީ މާފުދޭގޮތަކަށް ނޫނެވެ. އޭނަ ބުނީ ވަގުތު ފާއިތުވެއްޖެ ކަމުގައެވެ. ތަންދޮރު ބަލައިލުމެއްނެތި އިވޭހާ އަޑަކުން ދޮގު ވާހަކަދައްކައިގެން ރަނގަޅު ޒުވާނަކު ބަދުނާމު ކުރީމަ ޖުވޭދާ އަކަށްވެސް ކެތެއް ނުކުރެވޭނެއެވެ. މުފީދާ ޖެހޭނީ ވަޒީފާ ދޫކޮށްފައި ދާށެވެ.

މާމަ ވަޒީފާ އިން ކަނޑާލިކަން އެނގުމުން މިލާން އަވަހަށް މާމަ އާއި ބައްދަލުކުރަން ގެއަށް ދިޔައެވެ. މާމަ ބުނިގޮތުން އެވަރލޭންޑަށް މިހާރު ބޭނުންވަނީ ރޯޒާފަދަ ޒުވާން ކުދިންނެވެ. ތަފާތު ވައްތަރުގެ ބޭރު ކެއުންތައް ތައްޔާރު ކުރުމަކީ ޝަރުތެކެވެ. އެހެންނޫނަސް މުފީދާ ވަނީ ހިތްހަމަޖެހިފައެވެ. މިލާންއަށް ކިޔަވައިދީ މޮޅުކުއްޖަކަށް ހަދައިދޭނެ ކަމަށް ދީނާ ވައުދުވެފައި ވާތީ އިތުރަށް އެވަރލޭންޑްގައި ހުރުމުގެ ބޭނުމެއްވެސް ނެތެވެ. ގޭގައި ހުރެގެން ހެދިކާފަދަ އެއްޗެއް ހަދައިގެން އާމްދަނީ ހޯދިދާނެއެވެ. އުމުރުން ދުވަސްވިޔަސް އޭނައަށް އާރާއި ބާރު ދެއްވާފައިވެއެވެ. މުފީދާ މިލާންއަށް ހަގީގަތް ފޮރުވީ މިލާން ދެރަވެދާނެތީއެވެ. އަދި އެގޭމީހުންނާއި މެދު ހިތްބުރަކޮށްގެން އެގެއިން ނިކުމެގެން އަންނަން މިލާން ފަސްނުޖެހޭނެކަން އެނގޭތީއެވެ. މާމަ ދަރިފުޅުގެ މުސްތަގުބަލާއި މެދު ވިސްނާލާފައި މުފީދާ އެ ސިއްރު ކަށްވަޅާއި ހަމަޔަށް ގެންދަން ނިންމިއެވެ. އޭނަ އެދުނު ފަދައިން ރޯޒާ އަދި ޖުވޭދާވެސް އޭނަ ވަޒީފާއިން ކަނޑާލި ސަބަބު ފޮރުވައިދޭނެ ކަމަށް މުފީދާ އުއްމީދު ކުރިއެވެ.

ދީނާ މިލާންއަށް ހޯދަދިނީ ސައިކޮލޮޖީ ކޯހެކެވެ. ސައިކޮލޮޖީ އަކީ މިލާން އެއްގޮތަކަށް ވެސް ކުރިއަށް ދާން ބޭނުންވި ރޮގަކަށް ނުވިޔަސް ދީނާ ނިންމި ގޮތަކާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. ސައިކޮލޮޖީ ހަދައިގެން އޭނަ މޮޔަނުވިއްޔާ ރަނގަޅެވެ. މެޑިސިންއަކީ ރާއްޖެއިން ކިޔެވެން ނެތް ދާއިރާ އަކަށް ވުމާއި އެކުގައި އެ ޚިޔާލު ހިތުން ފޮހެލަން މަޖުބޫރުވިއެވެ. 

ދީނާ މިލާންއަށް ކުރީގައި ބޭނުންކޮށްފައި ހުރި ފޮތްތަކެއް ގެނެސްދިނެވެ. މިލާން ފޮތްތައް ބެލުމަށްފަހު ނިންމީ ކްލިނިކަލް ސައިކޮލޮޖީއިން ކުރިއަށް ދިޔުމަށެވެ. އޭރުން ފަހަރެއްގައި މުސްތަގުބަލުގައި ހޮސްޕިޓަލަކުން ނޫނީ ކުޑަކުދިންގެ ހިޔާފަދަ ތަނަކުން ވަޒީފާއެއް ލިބިދާނެއެވެ. ކުދިންނަށް އެހީވެވިދާނެއެވެ. މިލާންގެ ހިތުގައި ކުޑަކުދިންނާއި މެދު އެހާ ފުން ލޯތްބެއް އުފެދިފައިވަނީ އޭނަގެ ކޮއްކޮއެއް ނެތުމުން ކަންނޭގެއެވެ. މަގުމަތިން ހިނގާފައި ދާއިރުވެސް ކުޑަކުއްޖެއް ފެނިއްޖެއްޔާ އުރާލަން މިލާން ބޭނުންވެއެވެ. މިލާން ކޮލެޖަށް ދާން ފެށީމަ އަދި ޖުވޭދާ ޖައްސާނެ މައްސަލައެއް އެނގެނީއެއް ނޫނެވެ. ނަމަވެސް އިރާ މީހަކާއި އިނުމަށްފަހު އެކޮޓަރިއަށް ވަނުމަކީ މިލާންއަށް ކުރެވިދާނެ ކަމެއް ބާވައެވެ. ޕާސަނަލް އެއްޗެހިތައް ފެނިދާނެއެވެ. އެހެންނޫނަސް އެއީ ދާނިޔަލްގެ ކޮޓަރިއެވެ. އިރާއަކީ ލޯ އަނދިރި ކުއްޖެކެވެ. އޭނަ ބޭނުން ވަރަކަށް ތަންތަން ހާވާލިޔަސް އިރާއަށް ރޭކާ ނުލާނެއެވެ. އޭރުން ވާނީ ކިހިނެއްހެއްޔެވެ؟ ޖުވޭދާމެން އޭނަ އެތަނަށް ވަންނަން ހުއްދަދޭނެ ހެއްޔެވެ؟ ދީނާވެސް ރުޅިގަދަވެގެން މޮޔަވާނެއެވެ. ނަމަވެސް މިފަހުން ދީނާ ހުންނަނީ ކުރިއަށް ވުރެ މޫނު އަލިކޮށްލައިގެން ބޭރުފުށުން މިލާންއަށް މާހެޔޮވެގެންނެވެ. ދަރިފުޅާ އޭ ކިޔާލާފައި ދެއްކުންތެރި ގޮތަކަށް ދީނާ ގޮވާލާ ކޮންމެ ފަހަރަކު މިލާން ރަކިވާ ގޮތްވެއެވެ. އެއީ މަކަރުވެރި ލޯތްބެއްކަން އޭނައަށް ރަނގަޅަށް އެގުމަށްފަހު އެފަދަ ކަމަކަށް ހިތް މަރުހަބާ ކިޔާނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކު ހަގީގީ ލޯބި އެއްވެސް މީހެއްގެ ފަރާތަކުން ނުލިބޭނެކަން ނޭގެއެވެ.

މިލާން ޓެރެސްގެ ޕޫލް ކާރީގައި ހުރި ގޮނޑިއެއްގައި އިށީދެ ސައިކޮލޮޖީފޮތް ހުޅުވާލައިފި އެވެ. ހަށިގަނޑަށް ހިފާފައިވާ ޓީޝާޓް ފޮތިކޮޅަކުން ފަހާފައިވާ ފިޔާތޮށި ކުލައިގެ ހެދުން އެ ދޮން ހަށިގަނޑުގެ ވަނާތައް ރީތިކޮށް ފާޅުކޮށްދޭއިރު ކަޅުކުލައިގެ ސްކިނީއިން ފައިގެ ބައްޓަން ރީތިކޮށް ފެނެއެވެ. އެ ދިގު ގޮނޑީގައި ހަށިގަނޑު ދަމާލައިގެން އޮތްވާ ކޮންމެވެސް މީހެއްގެ ހިލަންވިހެން ހީވެގެން ކުޑަކޮށް ބަލާލިއިރު ތަންކޮޅެއް ދުރުގައި ހުރީ ސާރާގެ ދަރިފުޅު ރިވާންއެވެ. އޭނަވެސް މިގެއަށް އަންނަނީ ދާނިޔަލްގެ އެކުވެރިއަކަށްވީމަ ކަންނޭގެއެވެ. ލޮލުގެ ކުލަ ތަފާތުކަމުން ހީވަނީ ބޭރު ކުއްޖެއް ހެންނެވެ. އެހާ މާތްގޮތެއް ހުއްޓެވެ. އެ ޒުވާނާ މާފަށް އެދިފައި އަވަހަށް ދުރަށް ދާން ހިނގައިގަތުމުން މިލާން ފޮތުގެ ސަފުހާއެއް އެއްލާލިއެވެ.

"މިއީ ފަހަރެއްގައި ކިޔަވާ ހިތްވާ އެއްޗަކަށް ވެދާނެ.... ދީނާ ދައްތައަކީވެސް ސައިކޮލޮޖިސްޓެކޭ މަންމަ ކުރީދުވަހެއްގައި ބުނި ހަދާނެއްވޭ، ދީނާދައްތަ އަހަންނަށް ހެޔޮ އެދޭތީ ކަންނޭގޭ މިކަހަލަ ފީލްޑެއްގައި ކުރިއަށް ދާން ހެލްޕް އެވީ، އެންމެ ކަމަކަށް އޭނަ މަނާކުރީ، އެކަނި ޑެނިއަލް އާއި ދުރުގައި އުޅެން، އޭގަވެސް ކޮންމެވެސް ރީޒަންއެއް ވާނެ ކަންނޭގޭ، ޑެނިއަލް ގެ މިޒާޖު އެނގޭތީ އަހަރެންގެ ހާޓް ބްރޭކް ވެދާނެތީ ކަންނޭގޭ......" މިލާން ދީނާ އާއި މެދު ވެސް ނުބައިކޮށް ވިސްނާކަށް ބޭނުމެއްނުވިއެވެ.

"މި ފެމިލީ އެންމެން ކިހާ ރީތި، އެ ގްރީން ލޮލުގެ ވެރިޔާވެސް އެހާ ސްމާޓް، ދާނިޔަލް އަކަށް ދޫނުކުރޭ، އެކަމަކު އަހަރެންގެ ހިތް އަތުލައިގަނެވުނީ އެކަނި ޑެނިއަލްއަށް.... މިއަދު އަހަންނަށް މަޖުބޫރު އެތައް ބަޔަކަށްޓަކައި ޑެނިއަލް މަތިން ހަނދާން ނައްތާލަން، އިރާ، ދީނާ ދައްތަ އަދި އަހަރެންގެ އަމިއްލަ ނަފުސަށްޓަކައި ވެސް....." މިލާން ހިނިތުންވެލި ނަމަވެސް އެ ރީތި ދެލޯ ފެންކަޅިވީ އެހާ ފަސޭހަ ކަމެއް ނޫންކަން ވިސްނިފައެވެ.

އިރާގެ އާދޭސްތަކަށް ބީރުކަންފަތެއް ދީފައި ޖުވޭދާ ގަސްތުކުރީ އިރާގެ ކައިވެނި ހަމަޖެހިފައިވާ ތާރީޚަށް ކުރުވުމަށެވެ. އެކަމަށް އެންމެ ބާރު އެޅިމީހަކީވެސް ކިރިޔާއެވެ. އެކައިވެނި ކޮށްގެން އިރާ "އެވަރލޭންޑް" ގެ ރަނިކަން ކުރާ ދުވަސްދެކެން ޖުވޭދާ ބޭނުމެވެ. ކައިވެންޏަށްފަހު ދާނިޔަލް އިރާ ގޮވައިގެން ޖަރމަނީފަދަ ތަނަކަށް ގޮސް ބޭސް ކުރުވުމުން ހުރިހާ ކަމެއް ދާނީ ރަނގަޅަށެވެ. ކޮންމެވެސް ޒަމާނެއްގައި އިރާ އޭނަގެ މަންމައަށް ޝުކުރުވެރިވާނެ ކަމާއި މެދު ޖުވޭދާ ޝައްކެއް ނުކުރެއެވެ. ދުނިޔޭގައި ގިނަދުވަސްވާންދެން އުޅެ ތަޖުރިބާ ހުރީ އެމީހުންނެވެ. އެމީހުން ގޯހެއް ނަހަދާނެކަން އިރާވެސް ދަންނަންވާނެއެވެ.

ދާނިޔަލް އޭނަގެ މުށިކުލައަށްދާ އިސްތަށިގަނޑުގައި އަތް ހިންގައިލީ ސިކުންތު ކޮޅެއްގެ ތެރޭގައި ފަން އިސްތަށިގަނޑު ރީތިކޮށްލަމުންނެވެ. އަޅިކުލައިގެ ވެސްޓާއިއެކު އެތެރެއިން ލާފައިވާ ހުދުކުލައިގެ ގަމީހުގެ މަތީގޮށްތައް ހުރީ ނާޅުވައެވެ. ލާފައި ހުރި ހުދު ފަޓްލޫނު އެ ރީތި ބައްޓަމަށްވާ ދިގު ފައިގެ ރީތިކަން ހާމަކޮށްދިނުމުގައި ނުކުޅެދިފައިވެއެވެ. އެހާވެސް އޭނަ ފުރިހަމައެވެ. ސްމާޓެވެ. އަރްމާނީ ސޫޓުގައި ދާނިޔަލް މިރޭ ފެންނަނީ ބައިނަލް އަގުވާމީ މޮޑެލްއިންވެސް ފަހަތަށް ޖައްސާލާހާ ފުރިހަމަކޮށެވެ. ދާނިޔަލް އެއްފައިން އަނެއް ފަޔަށް ބުރަވޭވޭ ހުރިއިރު ފައިގާވާ އަގުބޮޑު ޕްރާޑާ ބޫޓުގެ ސަބަބުންވެސް މިރޭ އުދަގޫވާހެން ހީވިއެވެ. މަންމަދެކެ ހިތުގައި އުފެދުނު ނަފްރަތު ގެ ސަބަބުން ދާނިޔަލް ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ފިޔަވަޅު އެޅީ މަންމަ ނުގަބޫލުކަން އެނގޭތީ ޖެއްސުމަކަށެވެ. ބައްޕަގެ ބަސްއަހާ ކިޔަމަންތެރި ދަރިއަކަށް ވެގެންނެވެ. މާ ލަސްވެއްޖެއެވެ. ގޮތްދޫނުކުރުމާއި، ކަންތަކާއި ވިސްނުމަކާއި ނުލައި ނިންމުމަކީ އޭނަގެ މިޒާޖުގެ ބަޔެކެވެ. ދާނިޔަލް ގެ ދިގު އިނގިލި ތަކުން ރިހިކުލައިގެ ޓައީ އާއި ކުޅެން ހުއްޓާ ޖުވޭދާ ދޮރުމައްޗަށް އެރިއެވެ.

"ލިމޯ އަތުވެއްޖެ..." ޖުވޭދާގެ އަޑު އިވުމުން ދާނިޔަލް ޓައީ ދަމާފައި ސޯފާމައްޗަށް ފަރުވާކުޑަ ގޮތަކަށް އެއްލާލައިފި އެވެ.

އިރާ އިސްއޮބާލައިގެން އިންއިރު އެ މޫނުމަތިން ފެންނަނީ އަނިޔާލިބިފައިވާ ކަމުގެ ހުރިހާ އަސަރެކެވެ. އެތައް ފައުންޑޭޝަނަކާއި، ކޮންސީލަރއެއް ލުމަށްފަހުވެސް މޫނުމަތީގައި ވާ ލަކުނުތައް މުޅިންފޮރުވައި ނުލެވިވާއިރު މޫނު ހީވަނީ މޮޅިވެރިކަމުގެ ތަސްވީރެއްހެންނެވެ. އެއަށް ވުރެ ހިތާމަވެރި މޫނެއް ދުނިޔެއިން ފެންނާނެހެނެއް ހިޔެއްނުވެއެވެ. އިސްތަށިގަނޑު ވަކިގޮތަކަށް ހުޅިއެއް ޖަހާލާފައި އިނީ ބޮލުގައި ފަހާފައިވާ ލަކުނު ފޮރުވައިލުމަށެވެ. ނަމަވެސް ފަންކަމުން ބައެއް އިސްތަށިތައް އެ ހާމަޔަށްވާ ކޮނޑުމައްޗަށްވެސް ފައިބާފައި އޮތެވެ. އޭނަގެ މަންމަ މިހާވަރުން އޭނަ ރީތިކުރީ އޭނައަށް އިހާނެތިކޮށް ހިތާފައިވާ ކްރިމިނަލް އަކާއި ކައިވެނި ކުރުވަން ހެއްޔެވެ؟ އޭނަ އެބަޔަކަށް އިތުބާރު ކުރި މަންމަ، ދާނިޔަލް އަދި ދުނިޔެވެސް އޭނައަށް ތެދުވެރިއެއްނުވި ކަމުގެ އިހުސާސް ކުރެވުނެވެ. އޭނަގެ އަނދިރި ކަމުން ފުރިފައިވާ ދުނިޔެ އާއި ދިމާލަށް ބަލަން އިނދެވުނު ގޮތަށް ލޮލުން ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ.

"ނޫން ނޫން، މިހާރަކު ނޫން، އިރާ ރީތިކުރުމަށް ޓަކައި އެހާވަރުން ކުރި މަސައްކަތް ހަލާކުކޮށްލަނީތަ؟ މަންމައަށްޓަކައި ވެސް ހިތްވަރުކޮށްބަލަ، މަންމަ ނީޑްސް ޔޫ....." ޖުވޭދާ ޓިޝޫއެއް ނަގާފައި އިރާގެ ކޯތާފަތުގައި މަޑުމަޑުން ޖައްސާލަމުން ހިނިތުންވެލިއެވެ. ޖުވޭދާގެ އޯގާތެރި އަޑުވެސް އެވަގުތު އިރާއަށް އިވުނީ އިޚުލާސްތެރި ކަމެއްނެތް ގޮތަކަށެވެ. އެ ހިނިތުންވުންވެސް އިރާއަށް ފެނުނުނަމަ ދެއްކުންތެރިކަމަށް ހީވާނެއެވެ. އިރާ ނޭފަތް ދަމާލިއެވެ. މިއީ އޭނަ ކުޑައިރުއްސުރެ ދެނެފަރިތަވެފައިވާ އޯގާތެރި މަންމައެއް ނޫނެވެ. މަލީކް އެހެން އަންހެނެއްގެ ފަރާތަށް ލެނބިފައިވާކަން އެނގުނުދުވަހުން ފެށިގެން އެ ލޯބިވާ މަންމަ އޭނައަށްޓަކައި މަރުވެއްޖެއެވެ. ފިރިހެނުން..... ހުރިހާވެސް ނުބަޔަކީ ފިރިހެނުންނެވެ. ނަފްރަތުވެވޭ ފަރާތަކީ އެ ނުލަފާ ފިރިހެނުންނެވެ. އިރާ ގެ ގާތުގައި ކުށްވެރިވީ ފިރިހެނުންނެވެ.

ކައިވެނީގެ ހަފްލާއޮތީ ގޮނޑުދޮށުގައެވެ. ކުލައަކީ ފިޔާތޮށި އަދި ހުދެވެ. ހުދުކުލައިގެ ކަރުދާސް ލެންޓަރންތަކުން މުޅި ސަރަހައްދު ހުވަފެނީ އައްޔަކުން ދިއްލާލާފައިވާއިރު ހުދު ދޮންވެލިގަނޑު ގާތްގަނޑަކަށް ފޮރުވިފައި ވަނީ ފިނިފެންމާ ފިޔަތަކުންނެވެ. ނިމުމެއްނެތް މިއުޒިކެއް ފަދައިން ކަނޑުގެ ރާޅުތައް އެއްގަމަށް ބީއްސާލާ އަޑު ފަޒާގައި ހަރުލާފައިވާއިރު ދޭތެރެއަކުން ލުއި މިއުޒިކެއް ކުޅެވެމުންދާތީ މާހައުލު މަސްތީކޮށްލާފައިވެއެވެ. 

ދާނިޔަލް އާއި އިރާ އިށީދެލައިގެން ތިބީ މެހުމާނުން ވަނުމަށް ހަދާފައިވާ ދޮރުކާރީގައި ހުރި ޗާލު އުނދޯއްޔެއްގައެވެ. ރަނުން ހަދާފައިވާ އެ އުނދޯލީގައި ކުޝަންތަކާއި ކަންނޭލުޖަހާފައިވާއިރު ޝާހީ ގޮތެއް ހުއްޓެވެ. ފުރިހަމަ ހަނދެއްގެ ރިހިއަލި އެ ދެމަފިރިންގެ މޫނަށް އެޅިފައިވާއިރު މި ދުނިޔެމަތީގެ ކަމެއްހެން ހިޔެއްނުވެއެވެ. އެތަނަށް ވަންނަ ކޮންމެ މީހަކު ދެލޯ ބޮޑުވެ ތަލިން ކުޅުހިކޭވަރުވަނީ އެތަނުގެ ހައިބަވަންތަ ކަމާއި ފުރިހަމަ ކަމުންނެވެ. ހުދާއި ފިޔާތޮށި ގުޅުވާލާފައިވާލެއް އެހާ ނަލައެވެ. އަތެއްނެތް ފިޔާތޮށި ކުލައިގެ ހެދުމަކުން އިރާގެ ދޮން ހަށިގަނޑު ފަޅުފިލުވާލާފައިވާއިރު އެ ހެދުމުގައިވާ އެތައް ސަތޭކަ ކުދި ރަންމުތްތައް ވިދާތަން ފެނެއެވެ. ކަކުލަށްވުރެ ތިރިއަށް ސްކާރޓް ސޮއްސާލާފައިވާ ގޮތުން ފަށުވިކަން ދައްކައެވެ. ހުދުކުލައިގެ ކެހެރިގަނޑެއްހެން ހީވާ ބަޔެއް ކޮނޑުމަތި ނިވާކޮށްލާފައި ވާތީ ވަކިން ފުރިހަމައެވެ. ހީވަނީ ޕްރިންސެސްއެއް ހެންނެވެ. ކުޑަ ފައިތިލަ ފޮރުވިފައިވަނީ ހުދުކުލައިގެ ހައިހީލްއަކުންނެވެ.

ދާނިޔަލްގެ ދެމަފިރިން ފިޔަވާ އެތަނަށް އައި ކޮންމެ މީހަކުގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމާއި ޖޯޝެކެވެ. އެދެމަފިރިންގެ މޫޑު ގޯސްވެފައިވާވަރު ދެމަފިރިންގެ މޫނަށް ބަލައިލި ކޮންމެ މީހަކަށް ފާހަގަ ކުރެވޭނެ އެވެ. އެދެމީހުންގެ ދޭތެރޭގައިވި ހިމޭންކަން ފުންވެ ނުތަނަވަސްވާން ފެށުމުން ދާނިޔަލް ފުންނޭވަޔެއް ދޫކޮށްލިއެވެ.

"ކެޓް ގޮޓް ޔޯ ޓަންގް؟ " ދާނިޔަލްގެ ބަރުއަޑުގައިވާ ޖާދޫ އާއި ރާގުން ހިތާއި ކުޅެލާނެއެވެ.

"އައި ހޭޓް ޔޫ..." އިރާގެ ތިރީ ތުންފަތް ތުރުތުރު އަޅަން ފެށުމުން ދައިގަނެވުނެވެ.

"ލައިކްވައިސް ސްވީޓްހާޓް..." ދާނިޔަލްވެސް ވާހަކަދެއްކީ ފާޑަކަށެވެ.

ދާނިޔަލް ކޮންމެވެސް ވަރަކަށް މެހުމާނުންނާއި ބައްދަލު ކުރުމަށްފަހު މީހުންތަކުގެ ތެރެއަށް ހިނގައިގަތީ އިރާ އެކަނި ދޫކޮށްލާފައެވެ. ކޮންމެހެން މީހުންގެ ލޮލުގައި އަނދުން އަޅުވަން ހުރިހާކަމެއް ރަނގަޅުކަމަށް ހެދިގެން ހުރުމުގެ ބޭނުމެއް އޭނައަކަށް ނުފެނުނެވެ. އެވަރަށް އަދަބުވެރިވުމުގެ މާނައެއް ނެތެވެ. އޭނަ ބޭނުމީ އަމިއްލަ ނަފުސަށް ތެދުވެރިވުމެވެ. އަމިއްލަ ހިތަށް އުފަލެއް ނުލިބޭއިރު ހުރިހާ ދަތްތައް ދައްކާލައިގެން ހުރެ އެކްޓް ކުރާނެކަމެއް ނެތެވެ. ޕާޓީއަށް އައިސް ތިބި އަންހެންކުދިން ހުދު އެއްޗެހީގައި ހުރި މި ރީތި ޒުވާނާ ފެނުމުން ދެލޯ ބޮޑުކޮށްގެން ލަދެއްނެތި ނަޒަރު ހުއްޓާލައިގެން ތިބީ ކަޅިޖަހައިލަން ނޭގިފައެވެ. ޖެހެމުންދިޔަ ލުއި ވައިރޯޅިތައް އޭނަގެ ފަން އިސްތަށިގަނޑަށް ގޯނާކޮށް ވިހުރުވައިލުމުން ވަކިން ނުރައްކާތެރި ރީތިގޮތަކަށް ފެނުނެވެ. ދާނިޔަލްގެ ލޮލުގައި މިލާން އަޅައިގަތީ ތަންކޮޅެއް ދުރުގައިވާ މޭޒެއްގެ ދޮށުގައި ރޯޒް ކޮކްޓެއިލްއެއް ބޯން އިންދައެވެ. މިލާން ލައިގެން އިން މެކްސީ ފައިގެ ކުޑަހުޅާއި ހަމައިގާ އޮތްއިރު އަތްވަނީ ލޭސްއިން ހަދާފައެވެ. ފުރިހަމަކަމުން ކުޑަ ޕަރީއެއް ފަދައެވެ. ހަނދުވަރުގެ އަލި އެ ދޮންމޫނާއި ކުޅެލުމުން ވަކިން ހުވަފެނީއެވެ. މިލާންގެ މޭޒުދޮށުގައި ޖިނާން، ޖާއިން އަދި ރާހިލް ފަދަ ރީތި ޒުވާނުންކޮޅެއް އޭނައާއި ވާހަކަދައްކަން މަސައްކަތް ކުރާއިރު މިލާން އިނީ ކުޑަކޮށް ރަކިވެފައެވެ.

"މައި ސްވީޓް ސިސް، ހިގާ ޑާންސެއް ކޮށްލަން، މިހުރިހާ ބޯއިސްއިންނަށް މިލާން ދޫކޮށްފައި އަހަރެން ބަލަން ހުންނާކަށް ނުވާނެދޯ...." ދާނިޔަލް އެންމެންގެ ސަމާލުކަން ހޯދީ އެ ފިރިހެންވަންތަ އަޑުންނެވެ. މިލާން އެ ރީތި ދެލޮލަށް ބަލައިލުމާއިއެކު ވަގުތީގޮތުން ނަމަވެސް ދުނިޔެމަތިން ހަނދާން ނެތުނެވެ. ދީނާގެ އިންޒާރުތައް ހަނދާންނެތި، އޭނަގެ ފެންވަރު އޮޅެން ސިކުންތުކޮޅެއް ނުނެގިއެވެ. ދާނިޔަލް ދިއްކޮށްލި އަތުގައި މިލާން ހިފުމާއި އެކުގައި ދާނިޔަލް ލަސްލަހުން ގޮސް އެރީ ޕާޓީއަށްޓަކައި ޚާއްސަކޮށް ހަދާފައިވާ ސްޓޭޖެއްފަދަ ތަނަކަށެވެ. ލަސް މިއުޒިކްއަށް ނަށާލަމުން ދާނިޔަލް މިލާން ގެ މޫނަށް ބަލައިލީ ފުން ނަޒަރަކުންނެވެ. މިލާންއަކީ އެންމެ ރީތި އަންހެންކުއްޖާއެއް ނޫނެވެ. ނަމަވެސް އެހެން އަންހެންކުދިންނާއި ތަފާތުގޮތެއް މިލާންގެ ވެއެވެ. މައުސޫމް އަދި ސާދާކަން ވަށާލާފައި ވާއިރު ފުއްލާފަދަ ބޮޑު މުށި ލޮލާއި، ކޯތާފަތާއި، ވަށް ތުންފަތަށް ވެރިވެފައިވާ ރަތްކުލައިން މިލާން ފެންނަނީ ނާދިރު ކޮށެވެ. އޭނައަށް މިލާން އާއި ގަޔާވެވުނީ ހެއްޔެވެ؟ ދާނިޔަލް ވަގުތުން އެ ޚިޔާލު ސިކުނޑިން ނެރެއެއްލާލި އެވެ.

"މިލާންގެ ފަހަތުން އަބަދުވެސް ފިރިހެނުން އުޅޭތަ؟" ދާނިޔަލް ސަމާސާ ގޮތަކަށް އަހާލި އެވެ. މިލާން ތިރީ ތުންފަތުގައި ދަތްއަޅާލި ގޮތަކުންވެސް ފިރިހެނެއްގެ ހިތް މަގުން ކައްސާލަފާނެއެވެ. ނޭގިވެސް މިލާން ދާނިޔަލްގެ ހިއްސުތަކާއި ކުޅެލައިފިއެވެ. މިލާން އިސްއުފުލާލާފައި އެ ބޮޑު ލޮލުން ބަލައިލި އިރު އެތައް އަސަރުތަކެއް އެލޮލުގައިވިއެވެ.

"ނޫން...." މިލާން ލަދުގަންނަ ގޮތްވިއެވެ. އެއާއިއެކު މިލާންއަށް އިހުސާސް ކުރެވުނީ ދާނިޔަލް ގާތުގައި ހުރުމަކީ ކުށެއްކަމެވެ. އޭނައަށް މި ރީތި ޒުވާނާ ފެނުނު އިރުވެސް މިއީ އެހެންމީހެއްގެ ހައްގެކެވެ. މިއީ އޭނަ އާއި އެއްވެސް ގޮތަކަށް އެކަށީގެންވާ މީހެއް ނޫނެވެ. އެހެންނޫނަސް އޭނައަށް ވަނީ ނުދަންނަ ފަރާތަކުން އިންޒާރެއް ލިބިފައެވެ. ޓްރުތް އޯ ޑެއަރގެ ބައިވެރިޔަކަށް ނޭގިވެސް ވާކަށް އޭނަ ނޭދެއެވެ. ނަމަވެސް ދާނިޔަލްގެ ފަރާތުން އަދި އެފަދަ އަމަލެއް ފެނިފައެއްނުވެއެވެ. ނަމަވެސް ހިތް ހަލާކުވެ އެތިކޮޅުތަކަށް ބުރައިގެން ނުދަނީސް އޭނަ އަމިއްލަ ނަފުސާއި މެދު ސަމާލުވާން ޖެހޭނެއެވެ. އެ ޚިޔާލުތައް ހިތަށް ވެރިވެގަތުމާއިއެކު އޭނަ އަވަހަށް ދާނިޔަލްގެ އަތުގެތެރެއިން ދެމިގެން ތަންކޮޅެއް އަނދިރި ދިމާލަކަށް ޖެހިލިއެވެ.

"އިރާ ކޮބާތަ؟ " މިލާންގެ އަޑުގައި ވޭނީގޮތެއް ހުއްޓެވެ.

"ވައި ޑޫ ޔޫ އާސްކް...." ދާނިޔަލްގެ އަޑު ފިނިވެގެންދިޔައެވެ. އޭނަގެ މިޒާޖު ވަގުތުން ބަދަލުވެގެން ދިޔަކަން މިލާންއަށް ފާހަގަކުރެވުނެވެ.

"ނޯ ނެވަރ މައިންޑް...ނަ..ނަތިން..." މިލާން އަޅައިގެންފާ އެހެން ބުނެލިއިރު ކޮންމެވެސް ދިމާލެއްގައި ދީނާ އެމީހުންގެ ހަރަކާތްތައް ދެކެން ހުންނާނެކަން ހިތަށް އަރާފައިވެސް ރޫރޫއަޅައިގަތެވެ. ކަނޑުން އަންނަ ފިނިވައިރޯޅި ތައްވެސް އޭނަގެ ހަމުގައި ޖެހިފައިދާއިރު ބައެއްފަހަރި ގައިން ހީބިހިނަގާލައެވެ. އެ ވައިރޯޅިތައްވެސް ފިރުމާލަނީ ދާނިޔަލް ފަދައިންނެވެ. އެހާ އޯގާތެރިއެވެ. އެފަދަ ކޮންމެ ކަމަކުންވެސް ހަނދާންވަނީ ދާނިޔަލް އެވެ.

"އަހަރެން މިދަނީ އެއްޗެއް ބޯލަން..." ދާނިޔަލް މިލާން އެކަނިކޮށްލާފައި ދުރުގައި ފިޔަވަޅުތައް އަޅަމުން ދާން ހިނގައިގަތުމުން މިލާންއަށް އިރުކޮޅެއްވާންދެން ބަލަން ހުރެވުނެވެ.

ޕާޓީ ނިމެންދެން ދާނިޔަލް އުޅުނީ އިރާއާއި ވަކިން އޭނަ އުޅެން ބޭނުންވާހާ ގޮތަކަށެވެ. އެހެންމީހުން ދެކޭގޮތަކާއި މެދު ވިސްނާކަށް ދާނިޔަލް ބޭނުމެއްނޫނެވެ. އިރާ އިނީ އުނދޯލީގައި ފަރާތަކަށް ހިރިލާންވެސް ނޭގި، ތުންފަތަށް ހިނިތުންވުމެއް ވެރިކުރާންވެސް ނޭގިފައެވެ. ނުދަންނަ ބީރައްޓެހިންނަށް ދާންދެން އޭނަގެ އަތުގައި ހިފާލާފައި ހަދިޔާއެއް ދީފައި މާނައެއްނެތް ބަސްތައް ބުނަމުންދާއިރު އިރާގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ދާނިޔަލް އެތަންމިތާގައި އުޅުނުއިރު އޭނަގެ ސިކުނޑި މިލާން ހައިޖެކްކޮށްފައިވާހެން ހީވިއެވެ. ސިކުނޑިން މިލާން ހުސްވާއިރެއް ނުދެއެވެ. ސިއްރު ނަޒަރަކުން ބަލާލާއިރު ކޮންމެވެސް ޒުވާނެއް މިލާންގެ ފަހަތުން އުޅޭތަން ފެނެއެވެ. މިލާންގެ އެހުންނަ ގޮތަކުން ގޯނާކޮށް ރޮއްވާލަން ދާނިޔަލް ބޭނުންވީ މިލާން އާދޭސްކުރަންދެނެވެ. އެފަދަ ޚިޔާލުތައް ހިތަށް ވަންނަން ފެށުމުން ދާނިޔަލް ހައިރާންވިއެވެ.

"ހާދަ ދެރައޭ އެންމެ ފަހުން ޑޭން މީހަކާއި އިނީމަ...." ކޮންމެވެސް އަންހެންކުއްޖަކު ތޫލިއަޑަކުން އެހެން ބުނުމުން އެހެން ކުދިން އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ނަމަވެސް ކޮންމެ ކުއްޖަކުވެސް ފަރިވެ، ހުރި ޒީނަތްތެރިކަމެއް ފާޅުކޮށްގެން ދާނިޔަލްގެ ސަމާލުކަން ހޯދަން އުޅުނެވެ. ނަމަވެސް ދާނިޔަލް އަންހެންކުދިންގެ އެފަދަ ސަމާލުކަން ނުފެންނަ ކަމަށް ހަދާލާފައި އެއްފަރާތަށް ޖެހެން ކުޅަދާނައެވެ. މާކުރީއްސުރެ އެފަދަ އަންހެންކުދިންގެ ފަރާތުން ސަލާމަތްވާނެ އުކުޅުތައް އޭނަ ހުންނަނީ ދަސްކޮށްގެންނެވެ. ދާނިޔަލް އެއްފަރާތަށް ޖެހިލިތަނާ އަނެއްކާވެސް ލޮލުގައި އަޅައިގަތީ އެ މޮޔަކުއްޖާއެވެ. މިލާންއެވެ. މިހާރު ފޮނި އެއްޗެއް ކާންއިންއިރު ވެސް ޒުވާނުން ކޮޅެއް އެތާ ކާރީގައި ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. މިލާން ބިރުގެންފައި ހުރެ އެތަނުން ދުރަށް ދާންވެގެން ތަންކޮޅެއް ނުފެނިގެން ވަށައިގެން ހޯދާލިއެވެ. އެމީހުން މަގުދައްކާކަށްވެސް ނޫޅުނެވެ.

ދާނިޔަލް ފަހަތުން ގޮސް މޭޒުމަތިން އެޕްލްސޮޑާ ތަށްޓެއް ނެގިތަނާހެން "އެކްސިޑެންޓް" އެއް ހިނގާ މިލާންގެ ހެދުމަށް އެ ތަށި ބަންޑުންވިއެވެ. އެއީ ދާނިޔަލް ގަސްތުގައި ހިންގާލި ކަމެއްކަން އެކަކަށްވެސް ރޭކާނުލިއެވެ.

"ވަ...ވަޓް އާރ ޔޫ ޑުއިން..." މިލާން ހުރީ ޝޮކެއްގައެވެ. އެހެން ޒުވާނުން ތިބީ މަޖާވެފައެވެ.

"ދަ ލޭޑީ ނީޑްސް ރެސްޓްރޫމް....ހޭވް އެ ޕްރޮބްލެމް...؟" ދާނިޔަލް އެހެން ބުނުމާއިއެކު މިލާންގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް އެތަނާއި މާ ދުރަށް ދިޔައެވެ. ދާނިޔަލްގެ ހަށިގަނޑުގައި އަދިވެސް ހިފާފައިވާ ބަދަލެއްނުވާ ސެންޓުގެ މީރުވަހުން މިލާން ހުރީ ދީވާނާވާގޮތްވެފައެވެ.

"ސީރިޔަސްކޮށް އެހާ އެޓެންޝަން ލިބުނީމަ އެންޖޯއި ކުރެވޭތަ؟ އެހާ ޑެސްޕެރެޓްވާނެ ކަމަކަށް ހިޔެއްނުކުރަން، އެމީހުންގެ ގައިގާ ޖެހިގަނެގެން އަތްލިޔަދޭންވެގެން އުޅުނީ......" ދާނިޔަލް މިލާން ކުށްވެރިކުރިއެވެ.

"ނޯވޭ، އައި ޑިޑްންޓް.... އަހަރެން އުޅުނީ އެތަނުން ދުރަށް ދާންވެގެން..." މިލާން ރުޅިގަދަވާން އުޅުނީމަވެސް ކެތްތެރިވެލާފައި ހިންދިރުވާލައިފިއެވެ.

"ރައިޓް...." ދާނިޔަލް އެ ޒުވާބު ނިންމާލަންވެގެން އެންމެ ލަފުޒެއް ބުނެލީވެސް މަލާމާތުގެ ގޮތަކަށެވެ.

"ޔޫ އާ ސޯ އިންފިއުރިއޭޓިން..." މިލާން ބަލައިލީ ރުޅިވެރި ކަމާއި އެކުގައެވެ. އެ ނަޒަރު ހާދަ ލޯތްބެވެ. މިލާން ރުޅިއައުމުން މާ ރީތިހެން ހީވިއެވެ. އެ ބޮޑުދެލޮލުގެ ވިދުންގަދަވެ ކޯތާފަތުގެ ކުލަ ވަކިން ގަދަވިއެވެ. ތުންފަތްކުރިއަށް ވުރެވެސް ވަށްވިއެވެ.

އޭނަ އާއި އެކުގައި ހުރެފައި އެކަނި ދޫކޮށްލާފައި ގޮސްފައި ދެން މިކިޔަނީ ކީކޭހެއްޔެވެ؟ އެހާވެސް އަޅާލަނީހެއްޔެވެ؟

"ބޭބެއެއްގެ ޒިންމާއެއްނު އެފަދަ މީހުންގެ ކިބައިން ރައްކާތެރި ކުރުން އެހެންވެ އަހަރެންގެ ޒިންމާ އަދާކުރީ، އަހަންނަށް ނުދެވުނުނަމަ އެމީހުން ހަދާލާނެ ގޮތެއްވެސް ނޭގޭ، އަނެއް ފަރާތުގައި އޮތީ ގަސްތައް......" ދާނިޔަލް "ބޭބެ" އޭ ކިޔުމުން މިލާންގެ ހިތަށް ވީގޮތެއް ބުނާކަށް ނޭގުނެވެ. ދީނާ އެދެމީހުންގެ ލޭގެ ގުޅުމެއްނެތި އެގޮތަށް ތިމާގެ ކުރުވައިގެން އޭނަގެ ހިތް ހަލާކުކޮށްލައިފި އެވެ. މާނައެއްނެތް ލަފުޒެކެވެ. އެހެންނޫނަސް ބޭބެއަކަށް ނުވިއްޔާ ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ދާނިޔަލްއަކީ އެހެން މީހެއްގެ ހައްގެކެވެ.

"އަހަރެން އަމިއްލައަށް ވެސް ރައްކާތެރިކަން ހޯދިދާނެ...." މިލާން ރުޅިވެރި ކަމާއިއެކު ބުނެލިއެވެ.

"އިންޑީޑް؟ އަހަންނަށް ފެނުނީ އޭގެ ދިމާ އިދިކޮޅު..." ދާނިޔަލްގެ ތުންފަތް މައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވީ މިލާންގެ މޫނުން ފެނުނު ކުލަވަރުންނެވެ. މިލާން ރުޅިގަދަވެފައިހުރެ ތެތް ޓިޝޫއަކުން ހެދުމުގައިވާ ސޮޑާ ފިލުވަން ފެށިއެވެ.

" ޔޫ އާރ އެނޯއިން، އައި ވިޝް ޔޫ އާރ އަގްލީ..." މިލާން ދަތްތަކަށް ބާރުލާފައި އެހެން ބުނުމާއިއެކު ދާނިޔަލް ހޭންފެށުމުން ވަކިން ރުޅިގަދަވިއެވެ. ދާނިޔަލް އާއި މިގޮތަށް ޒުވާބުކުރެވިގެންވެސް ނުވާނެއެވެ. ހަގީގަތުގައި ދާނިޔަލްއަކީ އޭނަގެ މާސްޓަރއެކެވެ. ވެރިމީހާގެ ދަރިފުޅެވެ.

"ސޯ ޔޫ ތިންކް އައިމް ހެންޑްސަމް؟ " ދާނިޔަލް ހުރީ މަޖާވެލާފައެވެ. އެކަމަކު ސީރިޔަސް ނަޒަރެކެވެ.

"ކުޑަކޮށް...." މިލާން މަޑުމަޑުން ބުނަމުން މާ ދުރަށް ބަލަންފެށިއެވެ.

"ކުޑަކޮށް؟ " ދާނިޔަލް ބުމަ އަރުވާލީ އެ މުތީތަކެއްފަދަ ދަތްތައް ދައްކާލަމުންނެވެ.

ޖުވޭދާއަށް އެދެމީހުން އެކަނި ވާހަކަދައްކަން ތިބިތަން ފެނުމުން އެދިމާލަށް އައިއިރު ހިތާހިތުން އެތިވަރުގޮވި ނަމަވެސް މޫނުމަތިން ދައްކުވައިދިނީ އެހެން ކުލައެކެވެ. މުއްސަދި މީހުންވެއްޖެއްޔާ މި އުޅޭ އާދައިގެ އަންހެންވެރިން ފަދައިން މީހުންގެ ކުރިމަތީގައި ހަޅޭއްލަވާ އަޑުގަދަކޮށްގެން ނުވާނެއެވެ. އަދަބުވެރިވާން ޖެހޭނެއެވެ.

"ޕާޓީ މުޅިންހެން ނިމުނީ....މިލާން ދޭބަލަ ހަދިޔާތައް އެއްފަރާތް ކޮށްލަން..." ޖުވޭދާ ބުނެލައިފިއެވެ.

"އެކަންތައްކުރާނީ ސާވެންޓުން..." ދާނިޔަލް ވަގުތުން ދެކޮޅުހެދިއެވެ.

"ނެވަރ މައިންޑް. އެކަމަކު ޚާއްސަ މެހުމާނަކު ދުރުވެއްޖެ، އޭނަ އާއި ގްރީޓްކުރަން ދާންވީއެއްނު، އެހެންނޫނަސް މިތަނަށް މިރޭ އައިހާ މެހުމާނުންނަށް ފެނިލާ އެމީހުންނަށް ގްރީޓްކުރަން ހުންނަން ޖެހޭނެކަން ދާނިޔަލްއަކަށް ނުވިސްނުނު، އިޓްސް އޯލް ޔޯ ފޯލްޓް....." ޖުވޭދާ ނުރުހުމާއި އެކު ވާހަކަދައްކަން ފެށުމުން ދާނިޔަލް އެބުނާ މީހަކާއި ސަލާމްކުރަން ދާން ހިނގައިގަތެވެ. 

"ނޫނީ ކްރޭޒީ ބެޓް ހިސްޓެރިކަލް ވެއްޖެއްޔާ މާ ސަކަރާތްވާނެ....." ދާނިޔަލް ހިނިއައެވެ. ހިތަށް އަންނަ އެއްޗެއްސަށް އަމިއްލަ ބާރެއް ފޯރާނަމަ ދޮންމަންމައަށް ބެޓެކޭ ހިތަށް އަރުވާކަށް ބޭނުމެއްނުވީހެވެ. އެހެންނޫނަސް އޭނަފަދަ ޒުވާނަކާއި ތިމާގެ ހުރި އެންމެ އަންހެންދަރިއަކު ހަވާލުކުރާނީ ކޮންކަހަލަ މަންމައެއް ހެއްޔެވެ؟ ހަމަޖެހޭ މީހަކު އެފަދަ ކަމެއް ނުކުރާނެއެވެ. މަލީކްއާއި ދީނާ އެންމެފަހު ވަގުތުވެސް ދަރިފުޅާއި އަންހެނުންނަށް ހެޔޮ ދުއާކޮށް އެކުދިންނަށް ނަސޭހަތްތެރިވިއެވެ. އަގުބޮޑު ހަދިޔާތައް ދިނެވެ. ހުރިހާ މެހުމާނުން ގެއަށް ދިޔައީ ރަން ނޫނީ ރިހިން ޕްލޭޓްކުރެވިފައިވާ ފިނިފެންމަލެއް ހިފައިގެންނެވެ. އެންމެނަށްވެސް އެ މާހައުލުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނެވެ. ދާނިޔަލް ދެކުނު ގޮތުން މިހުރިހާ ދެއްކުންތެރިކަމަކީ މީހުންނަށް އެއީ ލޯބީގެ ކައިވެންޏެއް ކަމަށް ހީކުރުވަންވެގެން ކުރެވުނުހާ ބޭކާރު ކަންތައްތަކެވެ. މާނައެއްނެތް އެ ރޭ ނިމުމަކަށް އައުމުން ދާނިޔަލް ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ދާނިޔަލް އަށް ނޭގުނީ މިއީ އޭނަގެ ހަޔާތުގެ އާ ބާބެއްގެ ފެށުން ކަމެވެ.

ބާރު ވައިރޯޅިތަކުގެ ތޫނު ހަޅޭކުގެ އަޑު ފަޒާގައި ގުގުމާލާފައިވެއެވެ. ބައެއްފަހަރު ގަދަ ވަޔާއިއެކު ކުޑަދޮރުތައް ތަޅުވާލާ، ބެލްކަނިތަކުގައި އަޅާފައިވާ ވިންޑްޗައިމްސްތައް އެކަތި އަނެއްކައްޗާއި ޖެހޭ އަޑުވެސް އިވިލަނީ ތަފާތު ގޮތަކަށެވެ. އެންމެ ވިލާކޮޅެއްނެތް އުޑު މިހާރު ހީވަނީ އެކަނި ބޯ ވިލާތަކުން އުފެދިފައިވާހެންނެވެ. މަތިމައްޗަށް ފެންނަނީ ފަރުބަދަފަޅިވަރުގެ ބޮޑެތި ވިލާގަނޑުތަކެވެ. އިރާގެ ކޮޓަރީގައި މިހާރުވަނީ އެންމެ އައްޔެކެވެ. މީރުވަސްދުވާ ތެލެއް އަންދަމުންދާ ބައްތިއެއްގެ ފަނޑު އައްޔެވެ. އާފަލު ދަނޑެއްގައި އާފަލު މާތައް ފޮޅޭއިރު ދުވާނީ މިފަދަ ހިތްތަކަށް ފަރުވާއަކަށްވާ ފަދަ ވަހެކެވެ. 

ތުނިތުނި އެތައް ފަށުވި ޝީޓްތަކުން ޑިޒައިންކުރެވިފައިވާ ސަދުވާގެ ތެރޭގައި ފޮރުވިފައިވާ އިރާ އެނދުގައި އިށީދެލައިގެން އިންއިރު އޭނަގެ ކުށްވެރިޔާ ކޮންމެފަދަ ވަގުތެއްގައިވެސް ކޮޓަރިއަށް ވަދެފާނެ ކަމުގެ ބިރުން ހިތް ތެޅެމުންދިޔައީ އޮބިނޯންނަވަރަށެވެ. ނާޒުކު ރަތް ފިނިފެންމާ ފިޔަތައް އެނދުމަތީގައި އިރާގެ ގައިދަށުވެފައިވާކަން އަތްލުމުން އެނގުނެވެ. މިހާވަރުން މަންމަމެން މިރެއަށްޓަކައި ތައްޔާރު ކުރަންވީ ކީއްވެހެއްޔެވެ؟ މާކުރީއްސުރެ އޭނައަކީ ފޭރި ނިމިފައިވާ ކުއްޖެކެވެ. މަންމަ އޭނަގެ ހެދުން ބަދަލުކުރުމުގައިވެސް އެހީތެރިވެނުދީ އެންގީ އެއީ ފިރިމީހާގެ ޑިއުޓީކަމުގައެވެ. އެތައް ފަހަރެއްގެ މަތިން ރިބަންތަކާއި ކުޅެން އުޅެވެސް އެ ފަށްތައް މޮހާލުމުގައި ކާމިޔާބެއްނުވިއެވެ. އެހާވަރުގެ ކުޑަކަމެއްވެސް އަމިއްލައަށް ކޮށްނުލެވޭތީ ބާރެއްނެތް ވަރު އިހުސާސްކުރެވުނެވެ. ދާނިޔަލް އޭނަގެ ހެދުން ބާލުވާ ބުދެއްހެން ހިތަށް އެރިހާ ގޮތަކަށް ގެންގުޅުމަކީ އޭނައަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. މީހަކު ދޮރުގެ ތަޅުގައި ހިފާލިއަޑަށް އިރާ ސިހިއްޖެއެވެ. ބާރަށް ދޮރުލައްޕާލެވި، ދޮރުތަޅުލެވި ދާނިޔަލްގެ ފިޔަވަޅުގެއަޑުވެސް އިރާއަށް އިވުނީ ބިރުވެރި ގޮތަކަށެވެ. ލޮލަށް ނުފެނުމުން އިވުމުގެ ހިއްސު ވަކިން ތޫނެވެ. އިރާ ބިރުންގޮސް އަނބުރައިގަންނަ ގޮތްވެފައި އަވަހަށް ބާލީސްތަކާއި ކުޝަންތަކުގެ ތެރެއަށް ފަހަތަށް ޖެހުނުއިރުވެސް އޮށޯވެ ނިދާކަމަށް ހެދެން ހިތަކަށް ނޭރިއެވެ.

ދާނިޔަލްއައީ އާއިލީ އެކުވެރިންނާއި އެކު ބުއިމަކަށް ބޭރަށް ގޮސްފައެވެ. އޭނަ ލައިގެން ހުރި ސޫޓު ބާލާފައި ކަންނެތް ގޮތަކަށް ކޮނޑާއިދިމާލަށް އެއްލާލުމަށްފަހު އެނދާއި ދިމާލަށް ބަލައިލެވުނީ ސަދުވާގެތެރެއިން ހަރަކާތެއްކޮށްލިހެން ހީވެފައެވެ. ދާނިޔަލް ބޮކިތައް ދިއްލައިލުމާއި އެކު އެނދުގައި އިށީދެލައިގެން ކަނަކަށް ގުޅައަކަށް ޖެހިގެން އިން އިރާ ފެނުނެވެ. އިރާ ބިރުގެންފައިވާވަރު ޔަގީންކުރެވުނީ މޭގައި އަތްއަޅާލައިގެން ކުޝަންތަކަށް ލެނގިލައިގެން ލޯބޮޑުކޮށްގެން އިންގޮތުންނެވެ. ދާނިޔަލްގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

"ހޯޕިން ފޯރ ސަމްތިން ކިޓެން؟" ދާނިޔަލް ދެއަތުން ސަދުވާތައް ދުރުކޮށްލައިގެން ހިފަހައްޓާލައިގެން ހުރިއިރު އެ ރީތި ދެލޮލުގައި ނަށަނަށާހުރީ ލާނެތްކަމެވެ. އަންހެންކުދިން މިހާ ބިރުން އުޅެނީ ކީއްވެހެއްޔެވެ؟ ހުރިހާ ކުދިންނެއް ނޫނެވެ. ގިނަކުދިން ތިބެނީ އޭނައާއި އެކު އެކަނިވެލާނެ ފުރުސަތެއް ނުލިބިފައެވެ. އިރާއަކީ ތަފާތު ކުއްޖެކެވެ. ތަންކޮޅެއް ޅަވީމަހެއްޔެވެ؟ މިލާންވެސް ހަދާނީ މިހެން ހެއްޔެވެ؟ 

ދާނިޔަލްގެ އަޑު އެހާ ކާރިން އިވުމުން ވަކިން ބޮޑަށް ފަހަތަށް ޖެހެމުން މޭގައި ކަކޫޖައްސާލައިގެން އިނީ ދާނިޔަލްގެ ފަރާތުން ދިފާއުވާންކަން ނޭގެއެވެ.

ކޮމެންޓް 0