މިލާން ނުތަނަވަސްވީ އެއީ ރިވާންއަށް ވީމައެވެ. ގޭގައި މީހުންނެތް ތާނގައި ބައްދަލު ކުރުމާއި އެންމެންނަށް ފެންނަ ހިސާބުގައި ވާހަކަދައްކަން ތިބުން ތަފާތުވާނެއެވެ. ރިވާން ގެ ރީތި ދެލޮލުން އެވަގުތު ކޮޅުވެސް މިލާންއަށް ފެނުނީ ލޯތްބާއި އޯގާތެރި ކަމެވެ. އެ އުފާވެރި ރީތި ހިނިތުންވުމުން މިލާންގެ ހުރި ހިތާމަވެސް ފިލުވާނެހެންހީވިއެވެ. އުފާވެރި ކަމަކީވެސް ވައިރަސް އެކެވެ. އުފާވެރި ޕޮޒިޓިވް މީހުންނާއި އެކީގައި އުޅުމުން ހިތާމަވެރިޔެއްގެ ހިތާމަވެސް ކޮންމެވެސް ވަރަކަށް ފިލުވާ މާޔޫސްކަން ނައްތާލަފާނެއެވެ. ރިވާން ފެށި ވާހަކަ އަކުން މިލާން ހުރީ ލަދުގަންނަ ގޮތްވެފައެވެ.

"މިލާން ތިހާ ސާދާކޮށްހުއްޓާ ފެނުނީމަވެސް އަހަރެންގެ ހިތަށް މިވީގޮތެއް، ސީރިޔަސްކޮށް އަހަންނަށް ނޭގޭ އަހަރެން ބޭނުންވާ ކަންތައް ބުނެދޭކަށް، އެހާ ލޯބިވޭ، ހާދަ ލޯތްބޭ މަގޭ މިލާން.... އަހަރެންގެ މީހަކަށް ވާންވީނު.... އެދުވަހަކުން ކަންނޭގޭ ދެން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ، މިދުނިޔެއިން އަހަރެން ބޭނުންވާ އެކަނި އުފަލަކީ ތިއީ، ޕްލީޒް... ޖަވާބެއް ދެން ދީބަލަ......" ރިވާން ރެއިލިންގައި އެއްއަތް އަޅުވާލައިގެން ކުޑަކޮށް އެނބުރިލައިގެން ހުރިއިރު މިލާން އަކަށް އެމޫނަށް ބަލައިލާކަށް ނުކެރުނެވެ. ހަގީގަތުގައި އެހެން އަންހެންކުއްޖެއް ނަމަ ވަގުތުން އާއެކޭ ބުނެލާނެއެވެ. ޖޯސެފް މޯގަން، އިއާން މެން ގެ އެހުންނަ ރީތިކަން ރިވާންގެ ކުރިމަތީގައި ފަނޑުކޮށްލާނެއެވެ.

ސުދާއަށް މި މަންޒަރު ފެންނާނެ ނަމައެވެ. ސުދާ އަނބުރައިގަންނާނެއެވެ.

"ވެލް......" މިލާން އަތުގެ އިނިގިލިތަކާއި ކުޅެލަ ކުޅެލާހުރެ އިތުރު އެއްޗެކޭ ބުނަން އުޅުނުތަނުން އެހެން މީހެއްގެ ހިލަންވިއެވެ. ދެވަނަ ސިކުންތުކޮޅުގައި މީހަކު މިލާންގެ އަތުގައި ބާރަށް ހިފަހައްޓަމުން ދުރަށް ގެންދާން ފެށިއެވެ.

"ޑެނީ....." މިލާންއަށް ކިޔައިލެވުނެވެ.
"ހޫމް އަހަރެން......" ކޮރިޑޯރގެ ތަންކޮޅެއް ދުރަށްގޮސްފައި އޭނައާއި ދިމާލަށް މިލާން އަނބުރައިލި އިރުވެސް ދާނިޔަލް ހުރީ ބާރަކަށް މިލާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެންނެވެ. ތަދުވާހާބާރަށެވެ. ދާނިޔަލްގެ ޕޮސެސިވް އަދި ޖެލަސީބައިން މިލާންގެ ހިތަށް ކުޑަފިނިކަމެއް ލިބުނެވެ. ލޯބިވެރިޔާގެ އެ އަމަލުން ދައްކުވައިދިނީ އޭނަ ލޯބިވާ މިންވަރެވެ. އަތަށް ވި ތަދުގައި ފޮނި ރިހުމެއްވިހެން ހީވީވެސް އެހެންވީމައެވެ. އެ ބާރުގަދަ އަތުގެ ތެރޭގައި ހުރިއިރު ދާނިޔަލްގެ މިލްކެއްކަމުގެ އިހުސާސް ކުރެވުނެވެ.

"ކީކޭ ހިތަށް އަރާފައި ގޮސް ރިވާ އާއި ވާހަކަ ދައްކަން ހުންނަންވީ، އަދި ބުނީމެއްނު އިންތިޒާރު ކުރާނަމޭ، ދެދުވަހަށް ނުހުރެވުނު....... މިލާން، ހަނދާން ކުރާތި ޔޫ އާރ މައިން .... އަޑުއިވިއްޖެތަ؟ އެކަނި މަގޭ، އޯކޭ..... ކޮންމެވެސް ދުވަހަކުން މިލާން އަހަރެންގެ މީހަކަށް ހަދާނަން...." ދާނިޔަލް ދަތްތަކަށް ބާރުކޮށްލައިގެން ހުރެ އަޑު ކޮންޓްރޯލް ކުރަމުން ވާހަކަދެއްކިއެވެ. އެވަގުތު ރިވާންގެ ފިޔަވަޅުގެ އަޑު ކާޕެޓްމަތިން އިވުނެވެ.

"ޑެނީ އަހަރެންގެ ގާލްފްރެންޑްއާއި ތިގޮތަށް ދިމާކުރުމަކީ ރީތިކަމެއްނޫން...." ރިވާން ގޮސް މިލާންގެ ކޮނޑުގައި ހިފާފައި ދާނިޔަލްގެ އަތް ވީއްލުވަން އުޅުމުން ދާނިޔަލްވެސް ހުރީ ސިހިފައެވެ. ހައިރާންވިވަރުން މިލާންގެ އަތުންދޫކޮށްލާފައި ޖިންސްގެ ޖީބަށް އަތްޖަހާލިއިރު އެ ރީތި ދެލޮލުން ފެނުނީ އެކަނި ހައިރާންކަމެވެ.

"ޑެނީ..... މިލާން އާއި އަހަރެން ރޭ ނިއު ޔިއަރ ހޭދަކުރީ މިގޭގައި އެކަނި، އެވަރުން އެއްޗެއް ވިސްނޭނެކަމަށް ހީކުރަން، މިލާންއަކީ ޑެނީގެ ފަހަރި...... އެހެންވީމަ ފަހަރިގެ ގަޔަށް ތިގޮތަށް އަތްފޯރުކުރުވަނީ މާ ރީތިކަމެއް ނޫން... ނޫންތަ މިލާން، މިލާން އާއި އަހަރެން މިއުޅެނީ މެރީކުރަން، އަހަރެން މިލާން ގާތު ޕްރޮޕޯސްކުރީމަ ޝީ ސެޑް ޔޭސް...." ރިވާން ހަމަޖެހިލައިގެން ހުރެ ދެއްކި ވާހަކަތަކުގެ ސަބަބުން މިލާންގެ ހިތުގައި ރިހުމެއް އުފެދި ލޮލުގައި ކަރުނަތައް ހިލެން އުޅުނުއިރު ދާނިޔަލްގެ ލޮލުން ފެނުނީ އެ ވާހަކަތަކުން ވަރަކަށް އަސަރުކުރިކަމެވެ.

"ޑެނީއަށް ވަރަށް ހާޓްވެއްޖެކަން ޔަގީން.... ރިވާން ކީއްވެ ދޮގުހަދައިގެން ޑެނީއަށް އޮޅުވާލަނީ، އަހަރެން ޔެސް އޭ ބުނީ ކޮންއިރަކުންތަ؟ އެއި ދުވަހަކު ވާނެކަމެއްނޫން...." މިލާންގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އެންމެ ލަފުޒެއްވެސް ދުލުން ބޭރެއްނުވިއެވެ. ހީވީ މީހަކު ދުލުގައި ހިފަހައްޓާފައިވާހެންނެވެ.

"ކޮންގްރެޓްސް....." ދާނިޔަލް މިލާން އާއި ދިމާލަށް ބަލައިލުމެއްނެތި އެތަނުން ދާން ހިނގައިގަތުމުން މިލާން ބޭނުންވީ ދާނިޔަލްއަށް ގޮވާފައި ހުއްޓުވުމަށެވެ. ރިވާން ކޮށްލީ ސަމާސާއެއް ކަމަށް ބުނެ ދާނިޔަލްގެ ލޮލުގައިވި މާޔޫސީ އަސަރުތައް ފިލުވައިލުމަށެވެ. ނަމަވެސް މިލާން ބަލަހައްޓައިގެން ހުރީއެވެ. ދެލޮލުން އޮހިގަތް ކަރުނަތައް އެ ބޯ އެސްފިޔަތައް ފޫދުއްވާފައި ތިރިއަށް އޮހިގަތީ މުތީތަކެއްފަދައިންނެވެ. ރިވާން ގެ ހިތް ހަލާކުވިހެންހީވިއެވެ. މިއީ ރވިާން ބޭނުންވާގޮތެއްނޫނެވެ. މިލާން ނޫނީ ދާނިޔަލް ރޮއްވާލާކަށް އޭނަގެ ހިތެއް ނޭދެއެވެ. ނަމަވެސް މަންމަ ބުނިފަދައިން މިއީ ހުރިހާ އެންމެންގެ ދިރިއުޅުމަށްޓަކައި އެންމެ ރަނގަޅުގޮތްކަމަށް ވެދާނެކަމަށް ހިތް ބުނަނީއެވެ. އެހެން ނޫނަސް އޭނަގެ ހަޔާތަށް މިލާން އައުމަށްފަހު މިލާންގެ ރީތި ދެލޮލުން އެންމެ ކަރުނަތިއްކެއް އަޔަކަ ނުދޭނެއެވެ. އަބަދު ގެންގުޅޭނީ މިލާން އުރާލައިގެންނެވެ.

ރިވާން ގެ ތުންފަތް މިލާންގެ ލޮލުގައި ޖައްސައިލެވުނީ ބޭ އިޚުތިޔާރުގައެވެ. އެ ކަރުނަތިކިތައް ރިވާންގެ ތުންފަތުގެ ތެރެއަށް ފޭދިގެން ދިޔުމާއިއެކުހެން މިލާން ސިހިފައި ރިވާންގެ މޭގައި އަތްއަޅާ ކޮށްޕާލައިފިއެވެ.

"ރުޅިއައީތަ؟ "ރިވާން ދެރަވިއެވެ.

"ރިވާންއަށް ރަނގަޅަށް އެނގޭނެ އަހަރެން ލޯބި ވަ......." މިލާންގެ ޖުމްލަ ފުރިހަމަ ވިޔަނުދީ ރިވާން އެ ތުންފަތުގައި އިނގިލި ޖައްސާ އެ ޖުމްލަ ހުއްޓުވިއެވެ.

"އާހް މިލާން، ހާދަ މޮޔައޭ، މިލާން ބޭނުމީ މީހެއްގެ ފިރިޔެއްތަ؟ ދެ އަނބިން ގެންގުޅޭ މީހަކަށް އެހާވަރަށް ލޯބި ދެވޭނީ ކިހިނެއްތަ؟ އަހަރެންގެ ހަޔާތަށް އައިސްބަލަ، އޭރުން މިލާންއަށް އެނގޭނެ އަހަރެން ލޯބިވާވަރު، ކެއަރ ކުރާވަރު، އަހަރެން މިއުޅެނީ މަންމަ ގާތުގައި މިލާންގެ ވާހަކަ ދައްކަން، އަހަރެން ބޭނުން ވީހާވެސް އަވަހަށް އަހަރެންގެ ލޯބި ވައިފް ގެ ގޮތުގައި ހުންނަތަން ދެކެން، ބޭބީއަށް އެނގޭތަ؟ މިއަދު އަހަރެން ޑެނީ އާއި އެގޮތަށް ވާހަކަދެއްކީމަ އެނގޭ ޑެނީއަށް ހާޓްވާނެކަން، ދެރަވާނެކަން، ނަމަވެސް ފަހުން ރަގަޅުވާނީވެސް ޑެނީއަށް، އަންކަލްމެން ދެ ވައިފުން ގެންގުޅުނަސް ޑެނީއަށް އެއީ ފަސޭހަކަމަކަށްނުވާނެ، އަހަންނަށް ޑެނީގެ މިޒާޖު އެނގޭ، އޭނަ އިރާއަށް ދެރަގޮތެއް ނަހަދާނެ، ޝީޒް ޕްރެގް..." ރިވާން ހަގީގަތް ހާމަކުރިއެވެ. މަސްލަހަތަށް ބަލާފައި އޭނަ މިގޮތަށް ކަންތައްކުރީ ދާނިޔަލްގެ އާއިލާއަށްވެސް ދެރަގޮތެއް ވާން ނޭދޭތީއެވެ. ދާނިޔަލްއާއި މިލާން ގުޅިއްޖެއްޔާ އެ އާއިލާ ރޫޅިދާނެއެވެ.

އެވަގުތު ދީނާ ކޮޓަރިން ނުކުތްތަން ފެނިގެން މިލާން ބާރުބާރަށް ހިނގާލާފައި ގޮސް ސިޑިން ފޭބިއިރު އޭނަގެ މޫނުވަނީ މިލާފައެވެ. ރިވާން ދެއްކި ވާހަކަތައް މުޅިން ރަގަޅެވެ. އޭނައަށް އެކަން ނުވިސްނެނީއެއް ނޫނެވެ. ބަސްނާހާ ހިތް އެކަން ގަބޫލުކުރަން ބޭނުންނުވަނީއެވެ. ހިތަށް ލިބެމުންދާ ވޭނުގެ ސަބަބުން އެކަމުގެ އަސަރު މުޅި ހަށިގަނޑަށް ކޮށްފިއެވެ.

މިލާން ބޭރަށް ނިކުތްތަނާހެން އުފާވެރި ޚަބަރެއް ލިބުނެވެ. އޭނަ އަށް އޮސްޓްރޭލިއާއިން ކޯހެއް ލިބުނީއެވެ. މިވަގުތު އޭނަ ބޭނުންވަނީ މީހެއްގެ އަންބަކަށްވާކަށް ނޫނެވެ. ކިޔަވާށެވެ. ދާނިޔަލް ލިބެން ނެތްއިރު އެހެން މީހެއްގެ މިލްކަކަށްވާން ހިތް ރުހޭނެ އެއްވެސް ގޮތެއް ނެތެވެ. އެންމެ ފުރަތަމަ އެ ޚަބަރު ދިނީވެސް ރިވާން އަށެވެ. އެއީ އޭނަގެ ހުވަފެނެއްކަމަށާއި ކޮންމެހެންވެސް ކޯހަށް ދާން ބޭނުންވާތީ ރިވާންގެ އެދުން މިވަގުތު ގަބޫލުކުރެވެން ނެތްކަމަށް މިލާން ބުނެލިއިރު ރިވާން ދެރަވާނެވަރު އިހުސާސް ކުރެވުނެވެ. ރިވާން އޭނަ ދެކެ ލޯބިވާކަމަށް މިލާން ގަބޫލުކުރެއެވެ.

"އިޓްސް އޯކޭ އަހަރެން ވެއިޓްކުރާނަން..... ވަރަށް އުފާވެއްޖެ ބޭބީ ބޭނުންވާކަމެއް ފުރިހަމަ ކުރެވޭތީ....." ރިވާން ހުރީ އެހާ ފަސޭހައިން މިލާން އޭނަގެ ހަޔާތުން ނެރެ އެއްލާލާ ގޮތަކަށް ނޫނެވެ. މިލާން ފަދައިން އޭނަވެސް އޭނަގެ ހުވަފެންތައް ފުރިހަމަކުރާނެއެވެ. ކެޕްޓަނަކަށް ވާން ބޭނުންވަނީ ފައިސާއެވެ. ފެންފަދައިން އޭނައަށް ފައިސާ އޮއްސިދާނެއެވެ. މި ތިން އަހަރުތެރޭގައި އޭނައަށްވެސް މިނިވަންކޮށް އުޅެވިދާނެއެވެ. ކައިވެންޏެއް ކުރުމަށްފަހު އާއިލާއެއް ބަލަހައްޓަން ޖެހޭނެއިރު އެކަމަށް ތައްޔާރުވެސްވާން ޖެހޭނެއެވެ.

މަލީކް، ދީނާ، ނަހުޔާން އަދި ދާނިޔަލް މަލީކްގެ ކޮޓަރީގެ ކިންގްސައިޒް ބޮޑު އެނދުގައި އިށީދެލައިގެން ލިއޯންގެ އަލްބަމްގައިވާ ފޮޓޯތައް ބަލަބަލާފައި އެކި ވާހަކަދައްކަން ތިބިއިރު އެ ރީތިކަމުން ފުރިފައިވާ ކުޑަކުއްޖާއަކީ އެ ކުޑަ އާއިލާގެ އެންމެންގެ ހިތުން ޚާއްސަ މަގާމެއް ހޯދާފައިވާ ކުއްޖަކަށްވިއެވެ. ލިއޯންގެ ވާހަކަދައްކަ ދައްކާފައި ދޭތެރެއަކުން ދީނާ ރޯންފަށައެވެ.

"އަދިވެސް ހަދާންވަނީ އެންމެ ފަހުން ލިއޯން ބުނި އެއްޗެހި، އައި ވޯންޓް ޓު ކްރައި، އައި ނީޑް ޓު ކްރައި އޭ..... އަބަދު ހީވަނީ ކަންފަތުގައި އެ ޖުމްލަވާހެން......" ދީނާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ.

"މަންމަ އަބަދު ތިގޮތަށް ނުރޮއިބަލަ، މަންމަ ޑެލިބެރޭޓްކޮށް ލިއޯން ސިޑިން ވައްޓާލީ އެއްނޫން، އެކްސިޑެންޓްތައް ހިގާފާނެ....." ނަހުޔާން ދީނާގެ ކޮނޑުގައި އަތް ބާއްވާފައި ކާރިކޮށްލިއެވެ.

"ދީނާ ގެ ހިތަށް ހަމަޖެހުމެއް ދެން ލިބޭނީ ހުރިހާ ނަމާދުކޮށް ދީނަށް އުޅެންފެށީމަ، ރޫހާނީ ހިތްހަމަޖެހުން ހޯދޭނެ ގޮތެއް އެ ނޫނިއްޔާ ނޯންނާނެ..." މަލީކް މިފަހަރު ދެއްވީ އެންމެ ރަގަޅު ފަރުވާކަން ނޭގެއެވެ. ނަފްސާނީ ބައްޔަށް ބޭސްކުރެވިއްޖެއެވެ. ނަފްސާނީ މާހިރުންނާއި އާއިލާ މެމްބަރުން އެކިގޮތްގޮތަށް ވާހަކަދައްކައިގެންވެސް އެ ކަރުނަތަކަށް ހުއްޓުމެއްނައެވެ. ދީނާގެ ނަމާއި ގުޅުން ހުރި މީހަކަށްވެ އިސްލާމް ދީނާއި ކާރިވެގެން ނޫނީ ދީނާގެ ހިތަށް އުފާވެރިކަމެއް ނުލިބޭނެއެވެ. 

ޖުވޭދާ މަލީކްގެ ގާތުން ވަރިވުމަށްފަހު މާގިނަދުވަސްތަކެއް ނުވަނީސް އަރީޝްގެ އަންބަކަށްވެގެން އެގެއަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. އިރާއަށް އެކަމުން އުފަލެއް ލިބުނެވެ. ދާނިޔަލްމެންގެ އާއިލާއަށްވެސް އެންމެ ރަގަޅުވާނީ އެގޮތް ކަމުގައި އިރާގެ ހިތުން ގަބޫލުކުރެވުނެވެ. އޭރު އިރާ ފުރަން ހުރިހާކަމެއް ނިމި ދަތުރު ތައްޔާރުކޮށްފިއެވެ. އެންމެ ފަހު ވަގުތުވެސް ޖުވޭދާ އެމެރިކާއަށް ގެންދަން އިރާ މަސައްކަތް ކުރީމަވެސް ޖުވޭދާ ދެކޮޅުހެދީއެވެ. އިރާ ބަލިވެއިންކަން އެނގުމުން ހިތަށް ލިބުނު އުފާ ދެގުނަ އިތުރުވިޔަސް އޭނަ ފްލައިޓަށް އަރާކަށް އެއްބަހެއްނުވިއެވެ. ހަށިގަނޑުގައި ފުރާނަ ހުރެގެން އޭނައަކަށް ފްލައިޓަކަށް އަރާކަށް ލާހިކެއްނޫނެވެ. ބްރެޒިލްއިން ފްރާންސަށް ދަތުރުކުރި މަތިންދާ ބޯޓު އެޓްލާންޓިކް ކަނޑަށް ގެއްލުމުގެ ހާދިސާ ހިތަށް އަރުވާލިޔަސް ޖުވޭދާގެ ފައި ބިންމަތީގައި ހަރުނުލައެވެ.

އިރާ އިސްތަށިގަނޑުގައި ފުނާއަޅަން ހުއްޓާ ދާނިޔަލް ފަހަތުން އައިސް ކުޑަކޮށް ބައްދާލުމުން އިރާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.

"އިރާ ބޭބީ، އަހަންނަށް ކަމަކުނުދޭ ބޯއިއެއްހެން އިސްތަށިގަނޑު ކޮށާލީމަ، ދެން އެންމެ އިސްތަށްޓެއްވެސް ކަނޑާނުލާ ދިގުކުރައްޗޭ، މިއީ ވެސް އިރާގެ މަންމަ ކުރާ މޮޔަކަންތައް... މަންމަ އަހަރެމެންނާއި އެކު ދާން އެއްބަސްވެއްޖެތަ؟" ދާނިޔަލް އިރާގެ ޝޭމްޕޫގެ މީރުވަސްދުވާ އިސްތަށިގަނޑުގައި މޫނުޖައްސާލިއެވެ.

"މަންމަ އެވާހަކަ ދައްކާލިހާއިރުން ގޮޓް އެ ޕެނިކް އެޓޭކް، މަމް އިޒް ޓެރިފައިޑް އޮފް ފްލައިން، އުޅެ އުޅެ ކޮންވިންސް ނުކުރެވިގެން ގިވްއަޕްކޮށްލާފައި އައީ، އެކަމަކު ވަރަށް މިސްވާނެ....." އިރާ ހުރީ ހިނިތުންވެލައި ގެންނެވެ. މިފަހަކަށް އައިސް އިރާ ހީވަނީ މާވަރެއްގެ އުފަލެއް ލިބިގެން އުޅޭހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ދާނިޔަލްގެ ފަރާތުން އޭނައަށް ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް އަދި އަޅާލުމެއް ލިބެއެވެ. ދާނިޔަލް އުޅޭގޮތުން އިހުސާސް ކުރެވެނީ ދުވަހަކު ވަކިނުވާނެކަމެވެ. އޭނައާއި ދާނިޔަލް އަދި ދަރިފުޅަކީ ކުޑަކުޑަ އާއިލާ އެކެވެ. އެފަދަ ހިތްހަމަޖެހުމެއް ލިބުމުން އިރާގެ އަނދިރިކަން މަތިން ހަނދާންނެތިއްޖެއެވެ. މުޅި އުމުރު އަނދިރީގައި އުޅެން ޖެހުނަސް ދާނިޔަލް ކާރީގައި ހުރިއްޔާ އޭނަ ޝުކުރުކުރާނެއެވެ. އިރާ ހެއްދެވިފަރާތަށް ހަމްދުނުކުރާ އިރެއް ނާދެއެވެ. އެ ހިތުގެ ދުޢާ ކޮންމެވެސް ސިފައެއްގައި އިޖާބަކުރެއްވީތީއެވެ.

"މަންމަ ސައިކޭޓްރިސްޓަކަށް ދައްކައިގެން ޓްރީޓްމެންޓް ނަގާލީމަ ރަނގަޅު ކުރެވިދާނެ....." ދާނިޔަލް މަޑުމަޑުން އަތްގެންގޮސް އިރާގެ ތުނި ބަނޑުގައި ޖައްސާލިއެވެ. ގުދުވެ ބަނޑުގައި ބޮސްދިނެވެ. ދަރިފުޅު ދެކޭހިތުން އޭނަވަނީ ކެތްތެރިކަން ކުޑަވެފައެވެ. ހާދަ ދިގު އިންތިޒާރެއް ކުރަން އެބަޖެހެއެވެ. ދަރިފުޅުވާނީ އަންހެންކުއްޖަކަށް ހެއްޔެވެ؟ ނޫނީ ފިރިހެންކުއްޖެއްބާވައެވެ. ވައްތަރުވާނީ ކާކާހެއްޔެވެ؟ މިހާރުއްސުރެ ގޫގުލްއަށް ވަދެވުނަސް ކިޔާނެ ނަމަކާއި މެދު ވިސްނެއެވެ.

"ޑެނީ..... ވަރަށް އުފާވޭ.... މިއަދު ހިތަށް ލިބޭ އުފާ ބުނެދޭނެ ގޮތެއްވެސް ނޭގޭ، ޑެނީ ހަނދާން އެބަހުރިތަ؟ ކުރިން އަހަރެން ޑެނީދެކެ ހޭޓްކުރިއިރުވެސް ހިތުގެ ކޮންމެވެސް ކަނެއްގައި އަބަދުވެސް ލޯބި ފޮރުވިފައިވޭ، ޑެނީ ތިހެން އުޅޭއިރުވެސް އަހަންނަށް އެނގޭ އަދި އަހަރެންދެކެ ނޫންކަން ލޯބިވަނީ، އަހަރެމެންގެ ދަރިފުޅު ބޭނުވެގެންކަން އުޅެނީ... އެކަމަކު އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް، އަހަންނަށް އެނގެނީ ޑެނީ މިއަދު ބަދަލުވެފައިވާ މިންވަރު، ކުރީގެ ޑެނީ ނޫން ތިއީ، ކުރިން ކިހާ ރުޅިގަދަ، ކުދި ކަންތަކާ ރުޅިގަދަވާވަރުން އަހަރެން ހުންނަން ޖެހުނީ ބިރުން....." އިރާ ދާނިޔަލްގެ ބޯ އިސްތަށިގަނޑުގެ ތެރޭގައި އަތް މަހާލަމުން އެ އިސްތަށިގަނޑާއި ކުޅެމުންދިޔައެވެ. 

"ހެހެ......ތިހެން އިތުބާރުނުކުރޭ، އަދިވެސް އިރާއަކަށް އަހަރެން ދަހެއްނުވޭ....." ދާނިޔަލް ކުޑަކޮށް ހިނިއައެވެ. ކޮންމެ ފަދަ ގޮތަކަށް ވާހަކަދެއްކިޔަސް އޭނަ އަމިއްލައަށްވެސް ބަދަލުވަމުންދާވަރު އިހުސާސްކުރެވެއެވެ. އެހެންނޫނަސް އިރާއަށް އަނިޔާއެއްކުރާކަށް މިހާރު އޭނައަށް ފަސޭހައެއްނުވާނެއެވެ.

"ނޫން ނޫން ޑެނީ، އަހަންނަށް އެނގޭ، ލޮލަށް ނުފެނުނަސް އެވަރު އެނގޭނެ...އަހަންނަށް އަނިޔާކުރިޔަސް އަހަރެންގެ ހިތް ޗޭންޖެއްނުވާނެ، އެހިތުގައިވަނީ އެކަނި ޑެނީގެ ލޯބި، އަހަރެން އިންތިޒާރުކުރަނީ ޑެނީ އަހަރެންދެކެ ލޯބިވާނެ ދުވަހަކަށް......" އިރާ ބުނަމުން ދިޔައެވެ.

"އެހެން ބުނުން އެހާ މުހިއްމުތަ؟ " ދާނިޔަލް ހޭންފެށިއެވެ. 
"ޑެނީ ލޯބިވަންޏާ ބުނާނެ...ލޯބިނުވާތީ އެހެން ބުނަން ބޭނުންނުވާނީ...." އިރާ މިފަދައިން ލޯބީގެ ވާހަކަދައްކަން ފެށީމަ ދާނިޔަލްއަށް ނޭގޭ އުދަގޫތަކެއްވެ ހިތުގައި ރިހުމެއް އުފެދެއެވެ. ތުންފަތުގައި ބާރަށް ދަތްއަޅައިލެވުނީ އެވަގުތު މިލާންގެ ހަނދާންތައް ހިތަށް އުދަގޫކުރުމުންނެވެ. އާއެކެވެ. އޭނަގެ ލޯތްބަކީ މިލާންއެވެ. ހިތުގައިވަނީ އެހަނދާންތަކެވެ. މިލާންގެ ގާތުގައިވެސް އެ ލަފުޒު ބުނުން ފަސޭހަނުވީ އޭގެ މާނައެއް ނެތީމައެވެ. އޭނަގެ މަޖުބޫރީގެ ސަބަބުންނެވެ. ރިވާންއާއި މިލާން އެކީގައި ފެނުމުން ހިތަށް ކުރި އަސަރު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. އެއީ އެކަން ވާންވީގޮތެވެ. މަޖުބޫރުކަމެއްނެތި މިލާންދެކެ ލޯބިވެވޭނީ ރިވާންއަށެވެ. ނަމަވެސް އެހާ ފަސޭހައިން އެގުޅުމަށް ހިތް މަރުހަބާ ނުކިޔާނެއެވެ. އެމެރިކާއަށް ފުރުމަށްފަހު ރިވާން އަދި މިލާން އުޅޭގޮތެއް ނުފެންނާނެކަން އެއީ ނަސީބެކެވެ.

ދާނިޔަލް އިރާ ގޮވައިގެން އެމެރިކާއަށް ފުރިދުވަހު މިލާން ހުރީ ގޭގެ ބެލްކަނީގައި އެމަންޒަރު ބަލާށެވެ. އެންމެ ފަހު ވަގުތު ކާރަށް އަރަމުން ދާނިޔަލް އެދިމާލަށް ބެލުނީ ލޯބީގެ ބާރުންކަމަށް މިލާން ގަބޫލުކުރިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ސިކުންތުކޮޅަކަށްފަހު ދާނިޔަލް އަވިއައިނުން އެރީތި ދެލޯ ފޮރުވާލުމުން ލޮލުގައި ކަރުނަގިނަވިއެވެ.

"ޑެނީ އަބަދަށްޓަކައި އަހަންނާއި ވަކިވީތަ؟ ނޫނީ އަނބުރާ އަންނާނެތަ؟ ޑެނީ ބުނިފަދައިން ދިރިއުޅުމުގައި ކޮންމެފަދަ ޓްވިސްޓެއްވެސް އައިސްދާނެ، ކޮންމެވެސް ސަބަބަކާއި ހުރެ އަހަރެމެން ގުޅޭނެ ގޮތެއްވެދާނެ، ގިޔާމަތް ދުވަހުން ވިޔަސް...... އައި ވިލް ވެއިޓް...ލަވް ޔޫ..." މިލާން އަނެއް ފަރާތަށް އެނުބުރުނެވެ.

މިލާން ފުރުމުގެ ކުރިން އޭނަ ދީނާ ގާތުން ހުއްދައަށް އެދުނެވެ. އޮސްޓްރޭލިއާއިން ކޯސްލިބުމުން ވަޒީފާ ދޫކޮށްލާފައި ފުރަނީކަމަށާއި ދީނާގެ ފަރާތުން ލިބުނު ހުރިހާ އެހީތަކަށް ޝުކުރުވެރިވިއެވެ.

"އޯކޭ މައި ޗައިލްޑް، އަހަރެން ވަރަށް އުފާވެއްޖެ މިއަދު މިލާން ހަރުދަނާ އަންހެންކުއްޖަކަށްވެ ބްރައިޓް ފިއުޗަރ އެއްގެ ކޮޅުމަތި ފެންނަން ފެށީމަ، ޔޯރ މަމް ވިލް ބީ ޕްރައުޑް އޮފް ޔޫ، މިލާންގެ ނަސީބު އޮތީ ކުރިއަށްކަން ނޭގޭ...ގޯޑް ބްލެސް ޔޫ...." ދީނާ މިލާންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

ތެންކިއު އާންޓީ..." މިލާންގެ ހިތަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. ދީނާ މިލާންގެ ހިތުގައި ޖެހޭފަދަ ގޮތަކަށް އަމަލުކޮށްފައި ވިނަމަވެސް ދާނިޔަލްގެ މަންމައަށްވީތީ ހިތުގައި ލޯތްބާއި އިހުތިރާމް އުފެދިފައިވެއެވެ. ދާނިޔަލް ލޯބިވާ ކޮންމެ މީހަކު އަދި އެއްޗަކަށް މިލާންގެ ހިތުގައި ލޯބި އުފެދިފައިވަނީ އެ ލޯބީގެ މަތިވެރިކަމުންނެވެ. ވީމާ މިލީނާގެ ހިތުގައި އުއްމީދުގެ ދޯދިފަށެއް ނުވާނީ ކީއްވެހެއްޔެވެ؟ މިލާން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ އެލޯބީގެ ހައްގުގައެވެ. މަގެއް ފެނިދާނެކަމުގައި ހީކުރެވިގެންނެވެ. އޮޅުން ބޮޅުންވެ ހަދާނެގޮތް ހުސްވެފައިވާ މިފަދަ ވަގުތެއްގައި ވެސް މިލާން މިހިރީ އެހިތްވަރުގައެވެ. ތިންއަހަރުފަހުން ހަޔާތަށް ކޮންމެ ފަދަ ބަދަލެއްވެސް އައިސްދާނެއެވެ. ރިވާންގެ ހިތްވެސް ބަދަލު ވެދާނެއެވެ. އޭނަގެ މައިންބަފައިން މަޖުބޫރު ކޮށްގެން ބައިވެރިޔަކު ހޯދަދީފިއްޔާ ރިވާންއަށް އެނޫން ގޮތެއް ނޯންނާނެއެވެ.

ރިވާންގެ ގާތުގައި މިލާން ކިޔަވައިގެން އެނބުރި އަންނާނެކަމަށް ބުނީ އެކަނި ރިވާންގެ ހިތް ހަމަޖައްސައިލަދިނުމަށެވެ. ދާނިޔަލް އޭނައަށް ނުލިބިއްޖެއްޔާ އެހެން މީހެއްގެ ލޯބި މިލާން ބޭނުމެއްނޫނެވެ. އެހެންނޫނަސް ރިވާން އާއި ރައްޓެހިވުމަކީވެސް ގިޔާމަތްވާނެކަމެކެވެ. ރިވާންގެ މަންމަ އެކައިވެންޏާއި ގަބޫލުވާނެގޮތެއް ނޯންނާނެއެވެ. އެހެން މީހުންގެ ބަދު ދުޢާތައް އިތުރަށް ނުހޯދާ ދުރަށް ދިޔުމަށްވުރެ މޮޅުގޮތެއް ނެތެވެ.

މިލާން ވަޒީފާއިން ވަކިވާން ސިޓީ ލާފައި އޮތްކަން އެނގޭއިރަށް ސުދާ ކުރުނުކޮށް މިލާންގެ ފަހަތުން އުޅެން ހަދައިގެން މިލާން މަޖުބޫރުވެގެން ކޯސްލިބުނު ވާހަކަ ބުނެފިއެވެ. ސުދާ ހައިރާންވެ އަނގަ ހުޅުވުނުގޮތަށް ހުއްޓާ އެހެންލާފައި ދިޔަ މެއްސެއް ތަންވަޅު ބަލާފައި ކަރުތެރެއަށް ވަދެއްޖެއެވެ. ސުދާ އޯކަށް ދަމަމުންގޮސް ހޮޑުނުލެވުނީ ކިރިޔާއެވެ. މިލާންއަށް އެފަދަ ނަސީބެއް ލިބުމުން އެކަން ނަގައިގަތުން އުދަގޫވިނަމަވެސް ސުދާ އެކްޓްކުރިއެވެ. 

"ކޮންގްރެޓްސް ޑާލިން، ކޮންތަނަކަށްތަ ދަނީ...." ސުދާ ގެ ހިތުގައި އޭރު ހަސަދައިގެ އަލިފާންގަނޑު ރޯވެ އަދައިގެންފިއެވެ. އެއާއިއެކު ހަނދާންވީ އޭނަ މިލާންގެ ބައްޕަ އެނގުނަނުދީ އެއްޗެހިތަކެއް ފޮރުވި ދުވަސް މަތިންނެވެ. އެހެން މީހަކަށް ލިބެން އުޅޭ ނިއުމަތެއް ލިބިޔަނުދީ ހިފަހައްޓަން އޭނައަކީ ކޮން ބާރެއް ލިބިފައިވާ މީހެއް ހެއްޔެވެ؟ ހަގީގަތް ބުނެދިންނަމަ މިލާންވާނީ މުއްސަދިކުއްޖަކަށެވެ. އެކަމުގެ ފައިދާ ފަހަރެއްގައި ސުދާއަށް ލިބުމަކީ އެކަށީގެންވާކަމެކެވެ. މިލާންއާއިއެކު އޭނަވެސް ކިޔަވަން އޮސްޓްރޭލިއާއަށް ދެވިދާނެއެވެ. ނަމަވެސް މިވީ ކިހިނެއްހެއްޔެވެ؟

"ސިޑްނީއަށް....އަހަރެން އެހާ އުފަލެއްނުވޭ، ރާއްޖެ ދޫކޮށްލާފައި އެހެން ތަނަކަށް ދާހިތެއްނުވޭ، އެކަމަކު ކިޔަވައިގެން ތިބީމަކަން ނޭގޭ ފިއުޗަރ އެއް އޮތީ. އެޓްލީސްޓް ޑިގްރީއެއްނެތިއްޔާ ކިޔެވިކަމަކަށް ނުވާނެ...... ސުދާވެސް ޓްރައިކުރޭ..." މިލާން ހެޔޮހިތުން ބުނެލިއެވެ.

ސުދާ އޭރުވެސް ހުރީ އަނގަ ނުބައިވެފައެވެ. އަދިވެސް ކަރުތެރެ ހިރުވާހެންހީވިއެވެ. ސުދާއަށް މިއަދު ލިބެނީ ހައްތަހާ ހިތްނޭދޭޒާތުގެ ޚަބަރުތަކެވެ. ޖުވޭދާގެ ފަރާތުން ޚަބަރުލިބިގެން އެކުވެރިއަކުވަނީ ދާނިޔަލްގެ އަންހެނުން ބަލިވެއިން ވާހަކަބުނެފައެވެ. އެހިސާބުން ފެށިގެން ހިތް މަރުވާވަރުވިއެވެ. މޫޑު ޚަރާބުވެފައި ހުރިވަރުން ހިނގައިގަތްތަނާ ފައިއަރިއަޅާލާފައި ޓައިލްސްމައްޗަށް ވެއްޓި ފަޔަށް ތަދެއްއެރިއެވެ. އެކަންތަކުން ނިމިގެން ކޮފީއެއް ބޯލައިގެން އައުމާއިއެކުހެން މިލާންދިން ޚަބަރަކުން އޭނަ މިހިރީ ގަނޑުވާވަރުވެފައެވެ. އޭނައަށް އެފަދަ ނަސީބެއް ނުލިބޭނީ ހެއްޔެވެ؟ ތަގުދީރާއި ޝަކުވާކުރަން އިންއިރު ސިކުނޑި ފުނިޖެހި ހީވަނީ އެތައް ޓަނެއްގެ ބުރަދަން އެކުލެވިފައިވާހެންނެވެ. ބޮލަށް ބަރުވެގެންގޮސް މީހާ ހަލާކުވާވަރުވިއެވެ.

"އަހަރެން ސައިކެޓްރިސްޓަށް ދައްކަން ދާންވީކަން ނޭގޭ....." ސުދާ ހިތާހިތުން ކިޔާލިއެވެ. މިލާން ސިޑްނީއަށް ދިޔުން ހުއްޓުވަން ކޮންމެވެސް ކަމެއް ރާވަންވެއްޖެއެވެ. މީހެއްގެ ގާތުގައި ބުނެފައި ރޭޕްކުރުވަން ފޮނުވަންވީއެވެ. ނޫނީ ސައިކަލެއްގައި ޖައްސާ އެކްސިޑެންޓެއް ކުރުވަންވީއެވެ. ކޮންމެވެސް ގޮތެއްހަދާލަން ޖެހޭނެއެވެ. އެވަރަށް އިތުބާރުކުރާ ރައްޓެއްސަކަށް އޭނަގެ ހުރީ ކާކުބާވައެވެ. ތިއްތިބޭގެ އެކުވެރިންގެ ގާތުން އެހީއަކަށް އެދެންވީހެއްޔެވެ؟ ސުދާ އެކިގޮތްގޮތަށް ވިސްނަމުންދިޔައިރު ބައެއްފަހަރު ޚިޔާލު ބަދަލުވާންވެސް އުޅެއެވެ. އެއްފަހަރު އިބުރަތެއް ލިބުނީމަ އިސްލާހު ނުވާނީ މޮޔައެކެވެ. އޭނަ ހަމަ އެހާ ގަމާރުހެއްޔެވެ؟ އެހެން އުޅެނިކޮށް ފަޅާއަރައިފިއްޔާ މަންމަމެންނެކޭ އެއްފަދައިން ޖަލުގައި ދުވަސް ހޭދަކުރަންޖެހިދާނެއެވެ.

ލިބިފައިވާ ވަޒީފާއާއި ދެއްވާފައިވާ ނިއުމަތަށް ހަމްދުކޮށްލައިގެން ކެތްތެރިކަމާއި އެކުގައި އިންނަން ހިތް މަޝްވަރާދިނެވެ. މިލާންއަށް ހެޔޮކޮށް ހިތައިގެން ފަހަރެއްގައި އޭނައަށް އިނާމެއް ލިބިދާނެއެވެ.

މިލާން ފުރިތާ މާ ގިނަދުވަހެއްނުވެ އެވަރލޭންޑްގެ އެހެން މެމްބަރުން އެމެރިކާއަށް ފުރާ އެގެ އަނެއްކާ ހުސް ތަނަކަށްވެއްޖެއެވެ.

ތިންއަހަރުފަހުން ރާއްޖެއާއި މީހުންގެ ދިރިއުޅުމަށްވެސް ވަނީ އެތައް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ތޮއްޖެހިފައިވާ މާލޭގެ ހަލަބޮލިކަން އިތުރުވެ ހަނިމަގުތަކުގައި ދަތުރުކުރަންވުމުން ރިވާން ހުރީ ވަރަށް ފޫހިވެފައެވެ. ލަންޑަންފަދަ ބޮޑު ސިޓީއެއްގައި ބާރު ސްޕީޑްގައި ދުއްވާލާނެ ތަން އޮވެފައި އޭނަގެ ފެރާރީ ކާރުގައި މާލޭގެ މަގުތަކުގައި ދުއްވާލަން ނުކުތުމުން ހިތަށް ދަތިކަމެއް ނޫނީ ނުލިބެއެވެ. ރިވާން ހުޅުލޭ ފެރީއަކަށް އަރާ އިށީދެލާފައި ގަޑިއަށް ބަލާލިއިރު ތުންފަތްމަތީގައި ކުޅެލަކުޅެލާ ހުރީ ފަނޑު ހިނިތުންވުމެކެވެ. މިލާންއަށް އޮސްޓްރޭލިއާއިން ކޯސް ހޯދަދީ އޭނަ އުޅޭ ހުރިހާ ގޮތެއް ގާތުން ބަލަމުން އައި މީހަކީ ރިވާންއެވެ. މިލާން ގެ ހުވަފެންތައް ފުރިހަމަ ކޮށްދޭން ރިވާން ނުކުރަނީ ކޮންކަމެއްހެއްޔެވެ؟ އެހާ ބޮޑަށް ލޯބިވިއިރު މިލާންއާއި އެތައްހާސް މޭލު ދުރުން އުޅުނީވެސް މިލާންއަށްޓަކައެވެ. ހިތްމަތީގައި ހިލަ ބަހައްޓައިގެން އޭނަ ހާދަ ދިގު އިންތިޒާރެއް ކޮށްފިއެވެ. އެތައް އަންހެންކުދިންނެއް ރިވާންގެ ފަހަތުން ދުވިއެވެ. މަންމަމެން ބޮޑުދައިތަމެން އޭނަގެ ކައިވެނި ހަމަޖައްސަން ރީތި އަންހެންކުދިންނެއް ހޯދަދިނެވެ. މުއްސަދި އާއިލާތަކުގެ ކުދިން ތިބީ އިންނަން ތައްޔާރަށެވެ. ނަމަވެސް އޭނަގެ ހިތުގެ ޕްރިންސެސްއަކީ އެކަނި މިލާންއެވެ. އެހެން އަންހެންކުއްޖަކު އޭނަގެ ހަޔާތަށް ދުވަހަކު ނުގެންނާނެކަމަށް އޭނަވަނީ އަމިއްލަ ނަފުސަށް ވައުދުވެފައެވެ.

ފްލައިޓްޖައްސާ ގަޑިއަށް ރިވާން ބަލާ ދިޔުމުން މިލާންއަށް ސަޕްރައިޒެއް ލިބޭނެކަން ޔަގީނެވެ. ރިވާންގެ ހިތް އަވަސްވެ އަތްތިލަ ކުރިއަށްވުރެ ފިނިވިއެވެ. މާ ދުރަށް ބަލަން އިންއިރު ފެރީގެ އަނެއްފަރާތުގައި އިށީދެލައިގެން ތިބި އެންމެންގެ ސިއްރު ނަޒަރު ރިވާންއަށް ހުއްޓިފައިވާ ކަމެއް އޭނައަކަށް ރޭކާލާ ހެނެއްހިޔެއް ނުވެއެވެ. 

ރިވާން މިލާން ބަލާ އައިސްފައި ހުރިތަން ފެނުމުން މިލާން ލަދުން މަރުވާވަރުވިއެވެ. ރިވާން ހައިރާންވީ ތިން އަހަރުފަހުން ފެނުނީމަ މިލާން ކުރިއަށްވުރެ ދޮންވެ ރީތިކަން އިތުރުވެފައިވާތަން ފެނިފައެވެ. ހެދުމުގެ ސްޓައިލުން ހީވަނީ ޔޫރަޕްކުއްޖެއް ހެންނެވެ. ނިވާވާގޮތަށް ހެދުން އަޅާފައި ހުއްޓަސް ސްޓައިލިޝް ވެވިދާނެއެވެ. ބޮޑުވާވަރަކަށް މިލާންގެ ގައިގާ އަޅައިގަންނަގޮތް އިތުރުވީއެވެ. މިލާންވެސް ހުރީ ރިވާންގެ ފިރިހެންވަންތަކަމުން ޖެހިލުންވާ ގޮތްވެފައެވެ. ކުރިއަށްވުރެ ސީރިޔަސްވެފައި ފިރިހެންވަންތަގޮތެއް ހުރިއިރު ވެސް މޫނުމަތިން ފެންނަ އުފާވެރިކަމަކަށް ބަދަލެއްނާދެއެވެ. ދެތިން ދުވަސްވާންދެން ތުބުޅި ބާނުލާ ހުރުމުން ވަކިން ހިތްދަމައިގަންނަގޮތެއް ހުއްޓެވެ. އެތަނުގައިވާ އަންހެންކުދިންގެ ނަޒަރު ރިވާންއަށް ހުއްޓެމުންދިޔަ ސަބަބަކީ އެއީއެވެ.

"އޯވް މިލާން، ހަމަ މިލާންތަ؟ އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ.....މިއީވެސް ކިހާބޮޑު އިއްތިފާގެއް...." ރިވާން ހައިރާންވީމަކަށް ހަދާފައި މިލާން ގެ ގައިގާ ކުޑަގޮތަކަށް ބައްދައިލުމުން މިލާން ލަދުން ހަލާކުވާވަރުވިއެވެ. އެހެންނޫނަސް ބަލަންތިބި މީހުން ވިސްނާނެގޮތެއް ނޭގެއެވެ. މިލާންއާއިމެދު ރިވާންއަދިވެސް ވިސްނަނީ އެގޮތަށްހެއްޔެވެ؟ ނޫނީ ރިވާން ކައިވެނިކުރީހެއްޔެވެ؟ ފަހަރެއްގައި ހުޅުލެއަށް އައީ ލޯބިވެރިޔާ ބަލާކަން ނޭގެއެވެ.

"ޔޫ ލުކް ބިއުޓިފުލް...." ރިވާން މިލާންގެ ކަންފަތްކާރީގައި އެހެން ބުނެލާފައި ގަނޑުފެންކޮޅެއްފަދަ ފިނިއަތްތިލައަށް ފިތާލައިފިއެވެ.

"ރިވާ...ރިވާން......ދެން ތިއީ ކޮންކަހަލަ ވާހަކައެއްތަ؟ އަހަރެންގެ ގާތުގައި އަދިވެސް ނުބުނަމެއްނު ރިވާން މިތަނަށް އައި ސަބަބު. ކާކު ބަލާ ތިއައީ، ޔަގީނުންވެސް އަހަރެން އަންނަކަން އެނގިފައެއްނުވާނެ......" މިލާން ރަކިގޮތަކަށް ހިނިތުންވެލައިފިއެވެ.

"އެ ވާހަކަދައްކާނީ ގެއަށް ގޮސްފައި....." ރިވާން މިލާންގެ ޓްރޯލީ އަތުލައިގެން ދާން ހިނގައިގަތުމުން މިލާން ދުވަމުން ދުވަމުން ރިވާންއާއި އަރާ ހަމަކުރިއެވެ. ރިވާން މިލާން އާއިއެކު ފެރީއަށް އެރިއެވެ. އަދިވެސް މިލާންއިނީ ވާނުވާ ނޭގިފައެވެ. ރިވާން އޭނަ ބަލާ އަންނަން ޖެހުނު ސަބަބެއް ހިތަށް ގެނައުން ދަތްޗެވެ. މާލޭގައި އުޅޭ އެއްވެސް އެކުވެރިއެއްގެ ގާތުގައި އޭނަ އަންނަ ވާހަކައެއް ބުނެފައެއް ނުވާނެއެވެ. ރިވާންއަކީ އެފްބީއައި އެޖެންޓެއްބާއެވެ.

ރިވާން މިލާން ގޮވައިގެން ފެރާރީގައި އެގެއަށް ދިޔުމުން ވަންނާން ޖެހިލުންވެފައި ހުރެފައިވެސް ގޭތެރެއަށް ފައިއެޅުމާއިއެކު ސިޓިންރޫމްގައި އިން ސާރާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލާފައި އައިސް މިލާންގެ ގައިގާ އޮޅުލައިގަތެވެ.

ރިވާން މިލާންއާއި ކާވެނިކުރަން ބޭނުންވާކަމަށް ކުރީ ދެތިން ދުވަސްކުރިން ހާމަކުރުމުން ހީވީ ސާރާގެ ބޮލަށް އުޑުވެއްޓުނުހެންނެވެ. ސާރާ ވަގުތުން އެކަމާއި ދެކޮޅުހެދިއެވެ. ނަމަވެސް ރިވާން މިލާންދެކެ ލޯބިވާވަރު ހާމަކުރުމުން ސާރާއަށް މަޖުބޫރުވީ އިހަށް އެކައިވެންޏާއި ގަބޫލުވުމަށެވެ. ކައިވެންޏަށްފަހު ކޮންމެވެސް ގޮތަކުން މިލާން އެއްފަރާތްކޮށްލުމަކީ ސާރާއަށް އުދަގޫކަމަކަށް ނުވާނެއެވެ. އޭނަގެ ލޯބިވާ ފިރިހެންދަރިފުޅުގެ ހިތަށް އަނިޔާއެއް ދިނުމުގެ ބަދަލުގައި މިލާންއަކީ ބޭވަފާތެރިއަކަށް ހަދާފައި ދުރަށް ފޮނުވާލީމަ ރަގަޅުވާނެއެވެ. ސާރާ އަކީ ނުބައިމީހެއް ނޫނެވެ. ނުބައިބައި ކުޅޭކަށް އޭނަ ބޭނުމެއްނުވެއެވެ. ނަމަވެސް އޭނަގެ މާތް ފިރިހެން ދަރިފުޅާއި މިފަދަ ނާސި އެއްގެ ދަރިއަކު އެކަށީގެނެއްނުވެއެވެ. އެކައިވެނި ދެމިގެން ދާން އޭނަ ދޫކޮށްލައިފިއްޔާ އޭނަ ގެ އާއިލާގެ ފަރާތުން ހާދަ މަލާމާތެއް ކުރާނެއެވެ. މިހާރުވެސް ލަދުން ސާރާ ހަލާކުވަނީއެވެ. ސާރާ މިލާންއަށް ކޮޓަރިއަށް ދައްކައިދީ ހުރިހާކަމެއް ކުރިއިރު މިލާން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހިތް ބިރުން ފިނިވެއްޖެއެވެ. އޭނައަށް ނޭގި ރިވާން މިއޮތީ އޭނައާއި ކައިވެނިކުރަން ނިންމާ ތާރީޚު ހަމަޖައްސާފައެވެ.

މިލާން މާޒީގެ ހަނދާންތަކުގެ ތެރެއަށް ފީނައިގެން އެތައް އިރެއްވާންދެން އޮތުމަށްފަހު ކިތަންމެ ވަރަކަށްވެސް ކަރުނަ އޮއްސިއެވެ. ދާނިޔަލްގެ ހަޔާތަށް އަނެއްކާ އޭނަ ހަމަ ދާންޖެހޭހެއްޔެވެ؟ ދެމަފިރިއެއްގެ ދޭތެރެއަށްވަދެ އެ އާއިލާގެ އުފާވެރިކަން ވިއްސިވިހާލިކޮށްލަން ޖެހޭހެއްޔެވެ؟ މިހާރު ދާނިޔަލްގެ ކުޑަ ދަރިފުޅުގެ ސަބަބުން އެ އާއިލާވާނީ ފުރިހަމަވެފައެވެ. މިލާން ބެލްކަންޏަށް ނުކުތްއިރު ހަނދުގެ އަލިކަމުން މުޅި ހިސާބުވަނީ ދިއްލާލާފައެވެ. ބޯޅައެއްހެން ދިއްލިފައިއިން ސާދަ ވިލޭރޭގެ ހަނދުގެ ސަބަބުން މާހައުލަށް ލިބިފައިވާ ރީތިކަން ގަލަމަކުން ބަޔާނެއް ނުކުރެވޭނެއެވެ. މިލާން ވިސްނުމެއްގެ ތެރޭގައި ހުއްޓާ ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވިފައި އެއީ ކާކުކަން މިލާން ދެނެގަތެވެ. ލޮލުގައިވި ކަރުނަތައް ފޮހެލާފައި ލަސްލަހުން އެނބުރުނުއިރު ކުރިމަތީގައި ހުރީ ރިވާންއެވެ. ހަނދުވަރުގެ އަލީގައި ރިވާން ފެންނަނީ ހާދަ ރީތިކޮށެވެ.

"ރިވާން ތިކުރީ ކީއްތަ؟ އަހަންނަކަށް އަދިވެސް ގަބޫލުނުކުރެވޭ...." މިލާން ކުރީ ޝަކުވާއެކެވެ.
"ބޭބީ ހިތްހަމަނުޖެހުނީތަ؟ އަހަރެން ބޭނުންވީ ސަޕްރައިޒެއް ދޭން، އަހަރެން ހާދަ ދިގު އިންތިޒާރެއް ކޮށްފިން، ކިހިނެއް އިތުރަށް ކެތްކުރާނީ. އަހަރެން ފުރަތަމަ ދުވަހުވެސް ބޭނުންވީ އަހަރެންގެ ވައިފް ގެ ގޮތުގައި މިލާން އަހަރެންގެ ގާތަށް އައުން.. އަހަރެން މިލާންދެކެ ވަރަށް ވަރަށް ލޯބިވޭ، ހީނުކުރާވަރަށް އަހަރެން މިލާންއަށް ލޯބިދޭނަން، ދުވަހަކު މިލާން ދޫކޮށްލާފައެއް ނުދާނަން، އެހެރަ ފެންނަ ހަނދު ހެކިކޮށް މިބުނަނީ... ޕްލީޒް ޕްލީޒް މިލާން ބޭބީ...... ވިލް ޔޫ މެރީ މީ......" ރިވާން ގެ އެ ޖުމްލައިން މިލާންގެ ހިތްވެސް ހުއްޓުނުހެން ހީވިއެވެ.

ވަގުތު އެހާ ނާޒުކެވެ. އެންމެ ޖުމްލައަކުން އޭނަގެ ހަޔާތުގެ ހުރިހާކަމެއް ބަދަލުވެގެން ހިގައިދާނެއެވެ. 

ކޮމެންޓް 0