"އޯކޭ ބޭބީ، މި ސޮފްޓް އަތުން ބީހިލީމަވެސް ލުއިވާހެން ހީވޭ...." ވޭނުގެ ތެރެއިން ވެސް ހީލަން މަސައްކަތް ކުރަމުން މިލާންގެ އަތުގައި ބޮސްދީފައި ރިވާން އެނދުގައި ބަންޑުން އޮށޯވެލިއެވެ. މިލާން ރިވާންގެ ގާތުގައި އިށީދެ އެ ފަށުވި އިސްތަށިގަނޑާއި ކުޑަކޮށް ކުޅެލާފައި ބޯ މަސާޖްކޮށްލަ ދޭން ފެށިއެވެ. އޭރު މިލާންގެ ހިތާހިތުން ދުޢާ ކުރީ ރިވާންއަށް އަވަސް ޝިފާއެއް ދެއްވުމަށެވެ. އިރުކޮޅެއްފަހުން ރިވާންއަށް ނިދުމުންވެސް މިލާން އިނީ ދުރަށް ދާން ނުކެރިފައެވެ. ބަލަން އިނދެވުނީ ކަމެއް ވެދާނެތީ ބިރުންނެވެ. ކުރީގައި އޭނަ އެއްވެސް ވަރަކަށް ރިވާން އާއި އަޅައެއްނުލައެވެ. ނަމަވެސް މިހާރު ތަފާތެވެ. އެދޭތެރޭގައި އަދި އެއްވެސް ކަހަލަ ގުޅުމެއް ހިނގާފައި ނުވިޔަސް އަދި މިލާންގެ ހިތުގައި ލޯބި ނެތަސް ރިވާން އަކީ އޭނަގެ ފިރިމީހާއެވެ. ހަޔާތުގެ ބައިވެރިޔާއެވެ. ރިވާންހާ ރަނގަޅު ކުއްޖަކަށް ދެރަގޮތެއްވާކަށް މިލާން ނޭދެއެވެ.

"އަހަރެން އެހާ ސެލްފިޝްތަ؟ ރިވާންއަށް ދެރަގޮތެއް ވެގެންވެސް އަހަންނަށް ކާމިޔާބުވާން މިއަދު ބޭނުމެއްނޫން، އިރާދަކުރެއްވިއްޔާ އެއީ އެހާ ބޮޑުކަމަކަށް ނުވާނެ، ފަހަރެއްގައި މައިގްރެން ކަމަށްވާނީ، ރެސްޓް ނަގާލާފައި ހެދުނުން ތެދުވާއިރަށް ރަގަޅުވާނެ.. ރިވާންއަކީ އަހަރެންގެ ލޯތްބަށް އެޅޭ ހުރަހެއްގެ ގޮތުގައި ދެކޭކަށް ނުވާނެ އެހެންނޫންނަމަ ކޮންމެފަދަ ދެރަގޮތެއް ވެދާނެ، މުޅި އުމުރަށް ގިލްޓީވާން ޖެހިއްޖެއްޔާ....... ނޫން ނޫން، އިރާދަކުރެއްވިއްޔާ ރިވާ މުޅިން ރަނގަޅުވާނެ......" މިލާންގެ ސިކުނޑީގައި އެކި ޚިޔާލުތައް އެނބުރެމުން ދިޔައެވެ.

ރިވާން ގާތުގައި މިލާން އޮށޯވެލައިގެން އޮތްއިރު ވިރެމުންދާ އުއްބައްތިތަކަށް ބަލަން އޮތީ ދެރަވެފައިވާ ކަހަލަ ގޮތަކަށެވެ. ބައެއްފަހަރު އެނބުރިލާފައި ރިވާން އޮތީ ރަނގަޅަށްތޯ ބަލައިލެވެއެވެ. ރިވާން އުދަގޫގޮތަކަށް ފުރޮޅިލުމުން މިލާން އޮންނަނީ ހިރިލާންވެސް ނުކެރިފައެވެ. އެހެން ހަދަމުން ގޮސް އެއްފަހަރު ރިވާން ގެ އަތް މިލާންގެ މޭމަތީގައި ބޭއްވި ގޮތަށް މިލާން އޮތީ ދުރުކޮށްލާން ނުކެރިފައެވެ. އެގާތްކަމުން މިލާން އޮތީ ކަންބޮޑުވެ ހިތް އަވަސްވެފައެވެ.

ދަންވަރު ރިވާން ހޭލެވުނީ އަދި މާ ގަދަޔަށް ބޮލުގައި ރިއްސާތީއެވެ. މިލާން އިނީ ރޮވޭވަރުވެފައެވެ. ރިވާން އެވަރުންވެސް މިލާންގެ ގާތުން އެދުނީ މަންމަމެންނަށް ނުގުޅުމަށެވެ. އެންމެފަހުން ހޮޑުލެވުނީމަ ރިހުން ލުއިވެ ތެދުވެ އުޅެވޭވަރުވިއެވެ. ރިވާން އަށް މިލާން ފެނުމުން ހިތް އަވަސްވެ އަމިއްލަ ނަފުސަށް ބާރު ފޯރުވަން އުދަގޫވިއެވެ. އެހެންނޫނަސް ދަންވަރު އެގަޑިއާއި މާހައުލާއި މިލާންގެ ރީތިކަމުން ހިތްތަކަށް އަސަރު ނުކުރާވަރެއްނޫނެވެ. މިލާން ހުރީ ހުދު ކުލައިގެ ނިދާހެދުމެއް ލައިގެން ކުޑަދޮރު ކާރީ ބޭރަށް ބަލާށެވެ. ދުރުން މޫދު ފެންނަން އޮތީ ހުވަފެނީގޮތަކަށެވެ. ރާޅުތައް އެއްގަމަށް ބީއްސާލާއަޑު މިއުޒިކެއް ފަދައިން ފަޒާގައި ފެތުރިފައިވެއެވެ. ކަނޑުން އަންނަ ތެތް ރޯޅިތައް ހަމުގައި ބީހިލުމުން ފިނިވެ ގައިން ހީބިހި ނަގާގޮތްވެގެން މިލާން މޭގައި އަތް އަޅާ ބާރުކޮށްލިއެވެ.

"ބޭބީ، ފިނިވެފައިތަ؟ ކުޑަދޮރު ލައްޕާލަންވީނު......" ރިވާން ޗޮކްލެޓާއި ސްޓްރޯބެރީ އަޅާފައިވާ ބޯތަށިން ސްޓްރޯބެރީއެއް ނަގާ މިލާންގެ އަނގައިގާ ލައްވާދިނެވެ. އަތުގެ އިނގިލިތައް މިލާންގެ ތުންފަތުގައި ބީހިލުމުން ރިވާންގެ ގައިގައި ކަރަންޓުގެ ރާޅުބާނިތައް ދަތުރުކޮށްލި ހެންހީވިއެވެ. ރިވާން ބަލާވަރުން މިލާން ލަދުން މަރުވާވަރުވިއެވެ. މިވަރަށް ބަލަންވާނެ ހެއްޔެވެ؟ ނަމަވެސް ފިލަން ދުވާނީ ކޮންތާކަށް ހެއްޔެވެ؟ ރިވާން މިލާންގެ ފަހަތުން އަތްގެނެސް ދޮރުކަނީގައި ވިއްދާލައިގެން ހުރިގޮތުން އެއަތުގެ ތެރެއިން ނިކުމެގެން ދެވޭކަށްނެތެވެ. 

"ޔޫ ލުކް ސޯ ބިއުޓިފުލް........." ރިވާން ކުޑަކޮށް ބައްދައިލުމުން ދެމޫނުވަނީ ޖެހި ބާރުވެފައެވެ. ކިރިޔާ އެނބުރިލިޔަސް އެ ދޭތެރޭގައި ވާހާ ދުރުކަމެއް ނެތިގެންދާނެއެވެ. މިލާން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހަގީގަތުގައި މިހާރު ރިވާން ބޭނުންވާކަމެއް ކުރަން ހުރަހެއްނެތެވެ. އޭނައަކީ ރިވާންގެ މިލްކެކެވެ. ނަމަވެސް ނޭގިނަމަވެސް ރިވާންގެ އަތް ދުރުކޮށްލެވެން އުޅުމާއިއެކު އެހެދުނީ ގޯހެއްކަން މިލާންއަށް ވިސްނުނެވެ. ރިވާންގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް އެހެން ކުރެވިގެން ނުވާނެއެވެ. އޭނަ ހާދަ ގޯހެވެ. ހިތް ބޭނުންވާ ގޮތަކަށް ނޫނަސް ބޭ އިޚުތިޔާރުގައި ރިވާން ދުރުކޮށްލެވުނީއެވެ. ރިވާން ގެ ދެލޮލަށް ބަލައިލުމާއިއެކު ފެނުނީ އަސަރުކޮށްފައިވާ ވަރެވެ.

"އިޓްސް އޯކޭ، އައި ކެން ވެއިޓް....." ރިވާން ރީތި ހިނިތުންވުމެއްގެ ތެރޭގައި ހިތަށް ކުރި އަސަރު ފޮރުވާލީކަން ނޭގެއެވެ. މިލާން ހުރީކަންބޮޑުވެފައެވެ. ރިވާންހާ ރަނގަޅު ޒުވާނެއްގެ ހިތަށް އަނިޔާ ދޭންވާނެ ހެއްޔެވެ؟ އެހެންނޫނަސް އޭނަ މި ދިރިއުޅުމަށް އައީ އަމިއްލަ ނަފުސަށް އެތައް ކަންތައްތަކެއް ވިސްނައިދިނުމަށްފަހު ރިވާންގެ އަންބެއްގެ ގޮތުގައި ހުރުމަށެވެ. ވީއިރު އެގޮތަށް އަމަލުކުރަންވާނެ ހެއްޔެވެ؟

"ނޫން، ރިވާ.... އެހެނެއްނޫން... އަހަ...އަހަރެން...." މިލާން ރިވާންގެ އަތުގައި ހިފާލީ ދައުވަތު ދޭފަދަ ގޮތަކަށެވެ. ދެއަތްތިލައިގެ އިނގިލިތައް ލާމެހެން އިރުކޮޅެއްވެސް ނުނަގައެވެ. ރިވާން ކުޑަދޮރު ލައްޕާލާފައި ފަރުދާތައް ދަމައިލުމަށްފަހު މިލާންގެ ދެއަތުގައި ހިފާލާފައި އެނދާއި ދިމާލަށް ޖެހިލީ ސަމާސާ ޖުމްލައެއް މިލާންގެ ކަންފަތްކާރީގައި ބުނެލަމުންނެވެ. މިލާން ލަދުންގޮސް މޫނު އަނގުރުކޮޅެއްފަދައިން ރަތްވިއެވެ. ރިވާންގެ ހިއްސުތަކުގައި އަލިފާން ރޯވެގެން ދިޔައީ ކުޑަހިދުކޮޅެއްގެ ތެރޭގައެވެ. މާ ގިނަވަގުތު ތަކެއްނުވެ އުއްބައްތިތަކުގެ އަލީގައި ފާރަށް އެޅިފައިވާ ހިޔަނި އެކައްޗެއްގެ ގޮތުގައި ފެންނަންފެށިއެވެ.

ރިވާންގެ ކައިވެނީގެ ޕާޓީއަށް މަލީކްމެން ދުރުވިނަމަވެސް ދާނިޔަލް އަކަށް ނާދެވުނެވެ. ދާނިޔަލް ކޮންމެވެސް ބަހަނާއެއް ދައްކާލާފައި ނައީ ކީއްވެކަން ރިވާންއަށް ރަނގަޅަށް އެނގުނަސް އެކަމާއި އޭނަ ކުރާނެ ޝަކުވާއެއްނެތެވެ. ހަގީގަތުގައިވެސް އެއްޒަމާނެއްގައި ލޯބިވި އަންހެންކުއްޖަކު އެހެން ފިރިހެނަކާއިއެކު އުފަލުން ހުރިތަން ދުށުމަކީ ކެތްކުރެވޭނެ ކަމެއްނޫނެވެ. އަދި އެމީހަކީ ދާނިޔަލްގެ ކޮއްކޮއަށް ވަންޏާ ހިތަށް މާ އުދަގޫވާނެއެވެ.

ރިވާން މުޅި ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރީ މިލާންއާއި އެކު ރިޒޯޓްގައެވެ. މޫދުގަޔާއި ކޮޓަރީގައި ހޭދަކުރެވުނު ވަގުތުތަކުން ރިވާންގެ ހިތަށް ވަނީ ދުވަހަކު ނުލިބޭހާ ހަމަޖެހުމާއި އުފާތައް ލިބިފައެވެ. މިލާންގެ ހިތުގައި ކޮންމެ އެއްޗެއްވިޔަސް އޭނަ ރިވާން އެދުނު އެއްވެސް ކަމަކާއި ދެކޮޅެއް ނަހަދައެވެ. ރިވާންގެ ސަމާސާތަކުން މިލާން ހެއްވަމުންގޮސް ބައެއްފަހަރު ރޮއްވާލާ ހިސާބަށް ދެއެވެ. މިލާން މިއިން ޒަމާނެއްގައިވެސް އެހާ ވަރަށް ހީހެދިކަމެއް ނޭގެއެވެ. ރިވާންގެ ފަރާތުން ލިބެމުން ދިޔަ އަޅައިލުމާއި ލޯބީގެ މަތިވެރިކަމުން އެހިތް ބަދަލުވާން ފެށީކަން ނޭގެއެވެ. 

ޖެހިގެން އައިރޭގައިވެސް ހެދުނު ރިވާން ހޭލެވުނީ އެގޮތަށް ގަދަޔަށް ބޮލުގައި ރިއްސާތީ ކެތްނުކުރެވިގެންނެވެ. އެންމެ ފަހުން ރިވާން ގަސްތުކުރީ ބޮޑުވަރުނުވަނީސް ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދުމަށެވެ. އާއިލާ މީހުންނަށް އެނގިއްޖެއްޔާ ސީރިޔަސްކޮށް ކަންތައް ނަގާފާނެތީ އޭނަ ދައްކަން ގަސްތުކުރީ އާދައިގެ ކްލިނިކަކަށެވެ. ޑޮކްޓަރަށް ވެއްޖެއްޔާ ބަލިމީހާއަށް ވެގެން އުޅޭގޮތް ކިޔައިދިނުމުން ބަލި ދެނެގަނެވޭނެކަމަށް ރިވާން ހީކުރިއެވެ. ރިވާން ޑޮކްޓަރަކަށް ދައްކައިގެން ރިހުން ކަނޑުވާ ބޭސް ހޯދިއެވެ. އެޑޮކްޓަރު ގެ ވާހަކަ ގަބޫލުކޮށްގެން ރިވާން ހުރީ ހިތްހަމަޖައްސާލައިގެންނެވެ. އެޑޮކްޓަރުގެ ފަރާތުން އިވުނީ ރިވާން އަހަން ބޭނުންވާފަދަ ބަސްކޮޅެއްވިއްޔާއެވެ. 

އެވަރލޭންޑްގެ ގޯތިތެރެއަށް މަޑުކޮށްލި ލަމްބޯގިނީއިން ފޭނބި ދާނިޔަލް އޭނަގެ ދެއަހަރުގެ ކުޑަ ދަރިފުޅު ޙޫރާ ބިންމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ލޯބިވާ ފިރިއެއްފަދައިން އަނެއް ފަރާތު ދޮރު ހުޅުވައިލަދީފައި އިރާ ފައިބަން އެހީތެރިވެދިނެވެ. ދާނިޔަލްގެ ދެމަފިރިންގެ ދަރިފުޅު ޙޫރާ ޓެޑީ އުރާލައިގެން ހުރިއިރު އަޅި ސޯޓްކޮޅަކާއި ބޮޅުތަކެއް ޖެހި ރީދޫ ޓޮޕްކޮޅެއް ލައްވާފައިވެއެވެ. ބްރައުން އިސްތަށިގަނޑު ދިގުވެފައި ބޮޑު ދެލޮލާއި އެސްފިޔަތަކުގެ ރީތިކަމުން ހޫރާ ފެންނަ ކޮންމެ މީހަކު ހައިރާންވާހާވެއެވެ. ބޮޑުވީމަ ފިރިހެންކުދިންގެ ހިތްތައް ހަލާކުކޮށްލާނެ ކުއްޖެއްކަން ޔަގީނެވެ. ދާނިޔަލްގެ ޖިންސްގައި ހިފާ ދަމަމުން ދާނިޔަލްގެ މޫނަށް ބަލަންހުރިއިރު އެ ކުޑަ ކުޑަ ދަރިފުޅު ދާނިޔަލް ދެކެ ވާ ލޯބި ރަމްޒުކޮށްދެއެވެ. އޭނަ އެހެރީ ދާނިޔަލް ގެއްލިދާނެތީ ބިރުންނެވެ. 

"ޑެޑީ، ޑެޑީ......." ދާނިޔަލްގެ އުރަށް އަރާހިތުން ހޫރާ ހުރީ އެސްފިޔަޖަހައިނުލާ ދާނިޔަލްގެ ހަރަކާތްތަކަށް ބަލާށެވެ. ނިމުނުހާ އަވަހަކަށް ބައްޕަ އުރާލާނެ ކަމުގެ ޔަގީންކަން އޮތީކަން ނޭގެއެވެ. ދާނިޔަލް ކާރުގެ ތެރޭގައި ހުރި ބައެއް ސާމާނު ގެންގޮސް ފެންޑާއަށް ލާފައި އައިގޮތަށް ޙޫރާ މެޔާއި ލާ ފިތާލަމުން މޫނުގައި ބޮސްދިނެވެ. ޙޫރާ ދާނިޔަލް އާއި ހެދި އުޅޭވަރު ފެނިފައި ބައެއްފަހަރު ދާނިޔަލްއަށް އަސަރުކޮށްގެން ފެންކަޅިވެއެވެ. މި ކުޑަ ދަރިފުޅަކީ އޭނަގެ ފުރާނައެވެ.

"ޑެޑީގެ ޑާލިން....." ދާނިޔަލްމެން އައިކަން އެނގިގެން ދީނާމެން ވެސް ގޭތެރެއިން ދުވެފައި ނުކުތެވެ. އޭރު އިރާވެސް ބަލައިގެން ހަރުފަތްމަތިން އެރިއެވެ. އިރާގެ ސާޖަރީ ހެދުމަށްފަހުވެސް ވައަތު ލޮލަށް ފެނުމުގެ ނަސީބެއް ނުލިބުނެވެ. ކަނާތް ފަރާތު ލޮލަށްވެސް ފެންނަނީ އެކަނި އައިނު އެޅީމައެވެ. އައިނު އެޅިޔަސް އެހާ ސާފެއް ނޫނެވެ. މީހުން ވަކިކޮށް އުޅެވޭވަރުވެއެވެ. އިރާ އެކަމާއި ހެއްދެވިފަރާތަށް ހަމްދުކޮށް ޝުކުރުގެ ސަޖިދަކުރިއެވެ. އެއީ ލެއްވި ރަހުމަތެކެވެ. ނިމުމެއްނެތް ޝުކުރުން އިރާގެ ހިތް ފުރިފައިވަނީ އޭނަގެ ލޯބިވާ ދާނިޔަލް އާއި ދަރިފުޅު އެހާވަރަށްވެސް ލޮލަށް ފެނުމުގެ ނަސީބު ލެއްވީތީއެވެ. އޮޕަރޭޝަން ކުރެވުނީ ޙޫރާއަށް އަހަރެއް ވުމަށްފަހުގައެވެ.

އިރާމެން އައުމުން އެވަރލޭންޑްގެ އުފާވެރިކަމާއި ހަލަބޮލިކަން އިތުރުވިއެވެ. ދީނާ ރޯޒާމެންނަށް ގޮވައިގެން އުޅެގަތީ އެންމެ ގަދަޔަށް ރޭގަނޑުގެ ޑިނަރ ތައްޔާރު ކޮށްލުމަށެވެ. އޭރު ސާރާވެސް އެގޭގައި އުޅެއެވެ. ސާރާ ދާނިޔަލްގެ ގައިގެ އެތަންމިތާ ފިރުމާފައި ބޮސްދިންއިރު އަސަރުކޮށްގެން ދެލޯ ކަރުނުން ފުރުނީ ކީއްވެގެކަން ދާނިޔަލްއަށް އެނގުނެވެ. އޭނަ ފެނުމުން ބޮޑުދައިތަ މާޒީ ހަނދާންވެ އެކަމާއި ހިތާމަކުރަނީކަން ނޭގެއެވެ. ދާނިޔަލް ބޭނުންވީ ބޮޑުދައިތަ ގާތުގައި އޭނައަށް ހަގީގަތް އެނގޭކަން ހާމަކުރުމަށެވެ. އޭނަގެ ހިތުގައި ސާރާ ބޮޑުދައިތަ އާއި މެދު އެއްވެސް ރުޅިވެރި ކަމެއްނުވެއެވެ. ސާރާއަކީ އޭނަގެ ދެވަނަ މަންމައެވެ. އަންހެނުންނަކީ ބައެއްފަހަރު މަޖުބޫރީ ބަޔެކެވެ. ފިރިންނަށްވުރެ ގަދަކޮށްލާފައި އުޅެވޭނީ މަދު ބަޔަކަށެވެ. ދޭތެރެއަކުން ސާރާ އެމެރިކާއަށް ދިޔަނަމަވެސް އެންމެ ފަހުން ދިޔަތާ ހަ މަސްވެފައިވާތީ އެ ހަމަސް ވެސް ވެފައިވަނީ ހަ ގަރުނަށްކަމުގައި ހީކުރެވިފައިވެއެވެ. އެހެންނޫނަސް މި ތިން އަހަރު ތެރޭގައި ދާނިޔަލް ވަނީ ފުރިހަމަ ޒުވާނަކަށްވެފައެވެ. އޭނަގެ ބައްޕަފަދައިން ހަރުދަނާ ޝަޚުސިއްޔަތެއްކަން މޫނަށް ބަލައިލިޔަސް އެނގެއެވެ. މޮޅަށް ކިޔަވައިގެން ހުރި ސާރޖަން އަކަށްވެފައި އަދި އޭގެ މައްޗަށް ކިޔަވަން ދާނިޔަލް ވަނީ ޚިޔާލުކޮށްފައެވެ. ސާރާ އެތައްފަހަރު ދާނިޔަލްއަށް ތައުރީފުކޮށް ހެޔޮ ދުއާކުރިއެވެ.

އެންމެން އެކީގައި ކައިގެން ދާނިޔަލް ކޮޓަރިއަށް ގޮސް ޙޫރާ ނިންދަވަން އުޅެގަތެވެ. ދިގު ދަތުރަކަށްފަހު ޙޫރާ އޮތީ ވަރުބަލިވެ އެސްފިޔަތައް ބަރުވެފައެވެ. ދާނިޔަލްގެ މޭމަތީގައި ބާއްވައިގެން ދަރިފުޅު ނިންދަވާލަން އޮތްއިރު އިރާއަށް ބަލަން ހުރެވުނީ ހިނިތުންވެލާފައެވެ. އެއިން ކޮންމެ މަންޒަރަކުންވެސް ހިތަށް ލިބެނީ ބުނަން ނޭގޭފަދަ ފިނިކަމެކެވެ. ދަރިފުޅުގެ ސިފަތައްވެސް ދާނިޔަލްއާއި ހާދަ ވައްތަރެވެ. ދާނިޔަލް ހުންނަނީ ހޫރުއަށްޓަކައި ގުރުބާންވާން ތައްޔާރަށެވެ. އެއީ ދާނިޔަލް އާއި އިރާގެ ލޮލުގެ އަލިކަމެވެ. އެ ދަރިފުޅާއިގެން ދާނިޔަލް އުޅޭވަރު ރަނގަޅު ބައްޕައެއްގެ މިސާލަކަށް ފުދެއެވެ. ދާނިޔަލް ދަރިފުޅުގެ ލޮލުގައި ބޮސްދީފައި ރަޖާ ރީތިކޮށްލަދިނުމަށްފަހު ތެދުވެގެން އައިސް އިރާގެ ފަހަތުން އައިސް ކުޑަކޮށް ބައްދާލައިފިއެވެ.

"ބޭބީ އަރާމުކޮށްލާކަށް ނުވޭތަ؟ މަގޭ ޓޫ ގާލްސްއިން ނިންދަވާލާފައި ބޭރަށް ދާންކަމަށް މިއުޅެނީ..... " ދާނިޔަލް ގެ އަތުގެ ތެރޭގައި އެގޮތަށް ހުރެވުމުން އިރާއަށް ހީވީ ދުނިޔޭގެ ހުރިހާ އުފާތައް ލިބޭހެންނެވެ. އިރާ ދާނިޔަލްގެ އަތުގައި ބޮސްދިނެވެ. ދުވާލު އެތައްފަހަރު ލޯބިވާ ވާހަކަ ބުނެވުނަސް އިރާގެ ހިތް ނުފުރެއެވެ. އެގޮތަށް ކާރިވެލާ ކޮންމެ ފަހަރަކު އިރާ އެހަށިގަނޑުގައި ބޮސްދީފައި އެ ރީތިކަމަށް ތައުރީފުކުރެއެވެ. ލޯބިވާވަރު ބުނެދޭނެ ގޮތެއް އިރާ ހުންނަނީ ނޭގިފައެވެ. ދާނިޔަލްއަށްޓަކައި އިރާ ވާވަރު ފެނުމުން ދާނިޔަލް ހައިރާންވާވަރުވެއެވެ. ދާނިޔަލްގެ ހެދުންތައް އިސްތިރިކޮށްދީ ކާން ތައްޔާރުކޮށް ބޫޓާއި އެއްޗެހިވެސް ޕޮލިޝްކޮށްދެނީ އެހާ ލޯބިންނެވެ. އިރާގެ ރީތި ނޫ ދެލޮލުގައި ދިރުމެއް ނެތަސް އެ ރީތި ދެލޮލުން ދާނިޔަލްއަށް ބަލަން ހުންނަނީ އެހާ ލޯބި ނަޒަރަކުންނެވެ. އެއް ލޮލުން ކުޑަކޮށް ފެންނަން ފެށުނީއްސުރެ ރޮއިގެންވެސް ދާނިޔަލްގެ ޚިދުމަތުގައި އިރާ ހުންނަނީ އަދިވެސް އެންމެ ލަފުޒުތަކެއް އަޑުއެހުމުގެ އިންތިޒާރުގައެވެ. އޭނަދެކެ ލޯބިވާކަން ޔަގީންވާނެ ދުވަހެއް އަންނާނެކަމަށް އިރާ ދުޢާކުރެއެވެ. ފަހަކަށް އައިސް އެފަދަ ދުވަހެއް ނާންނާނެ ކަމަށް ހީކުރެވެން ފެށިއެވެ. ނަމަވެސް މިހާރު އިރާ ވަނީ އަމިއްލަ އެދުމެއްނެތް ލޯތްބެކެވެ. ދާނިޔަލްގެ ފަރާތުން ދުވަހަކު އެއްޗެއް ނުލިބުނަސް އޭނަގެ ލޯބި ދާނީ ދުވަހަކަށް ވުރެ ދުވަހެއް މަތިވެރިވަމުންނެވެ.

"މަންމަ އެބަ އަންނަމޭ ބުނި، އެހެންވެ މަންމައަށް ވެއިޓްކޮށްގެން މިހިރީ، ޑެނީ ލަސްނުކޮށް އަންނާތި، އިނގޭނެ އަހަރެން މިސްވާނެ ވަރު، ކާރު މަޑުން ދުއްވާތި ޕްލީޒް.... " އިރާ ދާނިޔަލްގެ މެދުހަށީގައި ބައްދާލީ އެ ނާޒުކް އަތުގައި ހުރި ހުރިހާ ބާރެއްލާފައެވެ.

ދާނިޔަލް ކޮންމެ ތަނަކަށް ދާނެކަމުގައި ވިޔަސް އިރާގެ ހިތުގައި ޝައްކެއް ނުހިގާނެއެވެ. މިލާންއާއި ދޭތެރޭގައި މިހާރު ދާނިޔަލްގެ ހިތުގައި ލޯބި ވާނެބާވައޭ ހިތަށް އެރިޔަސް އެކަމުން ހިތަށް ވޭނެއް ނުލިބެއެވެ. މިވޭތުވެ ދިޔަ ތިން އަހަރު އެމެރިކާގައި ހުރިއިރު ދާނިޔަލްވަނީ އިރާއަށް އެހާވެސް ލޯތްބާއި އަޅާލުން ދީފައެވެ. އެތައް ވަގުތެއް އެކީގައި ހޭދަކޮށްލާފައެވެ. ހޫރާ ލިބުމަށްފަހު އެދަރިފުޅު ދެކޭހިތުން ކެތްނުވެގެން ރޯން ފެށުމުން ދާނިޔަލް އިރާގެ ހިތްހަމަޖައްސައިދޭން ދައްކާ ވާހަކަތަކާއި ދިން ހިތްވަރުގެ ސަބަބުން އިރާއަށް މާޔޫސްނުވެ ކުރިއަށް ދެވުނެވެ. ދާނިޔަލް ކޮލެޖަށް ދާ ވަގުތު ފިޔަވާ ހުރިހާ ވަގުތެއް ހޭދަކުރީ އިރާއާއި ދަރިފުޅަށެވެ. ވީއިރު އިރާގެ ހިތުގައި ޝައްކު އުފެދޭނެ އެއްވެސް ޖާގައެއްނެތެވެ. އޭނަގެ ފިރިމީހާއަކީ މީހަކަށް ލިބޭނެ އެންމެ ރަގަޅު ވަފާތެރި ބައިވެރިޔާއެވެ.

ދާނިޔަލް ފޯނު ރިންގްވާން ފެށުމުން ފޯނަށް ބަލާލާފައި މޫނުމަތިން ހިނިތުންވުން ގެއްލުނެވެ. އަބަދަށް ހަގީގަތާއި ދުރަށް ދުވެ ނުއެއް ފިލޭނެއެވެ. އޭނަ ޖެހޭނީ އެމީހުންނާއި ކުރިމަތިލާށެވެ. ރިވާންއަކީ ކޮއްކޮ އެކެވެ. ލޭގެ ގުޅުން ކަނޑާލާނީ ކިހިނެއް ހެއްޔެވެ؟ އަބަދުގެ އަބަދަށް ވަކިން އުޅޭނީ ކިހިނެއްހެއްޔެވެ؟ އެހެންނޫނަސް ރިވާން ސީރިޔަސް ކަމަކާއި ބެހޭގޮތުން ވާހަކަދައްކާލަން ބޭނުންވެގެންނޭ ބުނީމަ އަޅާނުލާ ހުންނާކަށް ދާނިޔަލްއަކަށް ނުކެރޭނެއެވެ. ބަހަނާއެއް ދައްކާފައި ޕާޓީއެއް ނައިސް ހުރެވިއްޖެއެވެ. މާލެ އައުމަށްފަހު ދުރުން އުޅުމަކީ ވާނެކަމެއް ނޫނެވެ. އެހެންނޫނަސް ދުރުގައި ހުރެގެންވެސް އޭނަވަނީ ރިވާންއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭނަ އައީވެސް ރިވާންއާއި މިލާންއަށް ހަދިޔާއެއް ހިފައިގެންނެވެ.

"ޖިންނިއެއް ގެންގޮސްދާނެތީ ބިރުންތަ ތިއުޅެނީ......." ދާނިޔަލް ސަމާސާކުރިއެވެ.

"ޑެނީއަށްޓަކައި އަހަރެން ޖިންނި އަކާއި ވެސް ފައިޓްކޮށްފާނަން. ޖިންނީގެ ފަހަތުން ހަވާއަށްވެސް ދާނަން........ ލަވް ޔޫ ސޯ މަޗް....." އިރާ ދާނިޔަލްގެ ދެލޮލަށް ބަލައިލީ އެހާ ފުންކޮށެވެ. އިރާ އެމޫނަށް ގަރުނެއް ވާންދެން ބަލައިލި ކަމުގައި ވިޔަސް ފޫއްސެއްނުވާނެއެވެ. 

"ޔެއާ....މައި ބްރޭވް ގާލް........" ދާނިޔަލް އިރާ އަތްދަނޑިމަތީ އުފުލާލައިގެން ގޮސް އެނދުގައި ބާއްވާފައި ދެކޮލުގައި ހިފާފައި އުދަގޫކޮށްލާފައި ދާނިޔަލް އެމެރިކާގައި އިރާގެ ބާތްޑޭއަށް ހަދިޔާއަކަށްދިން އިސްކޮޅަށްވުރެ ބޮޑު ޓެޑީ އަތުގައި ލައްވާދިނެވެ. އޭނަ އަންނާންދެން ޓެޑީގެ ގައިގާ ބައްދާލައިގެން ހީފިލުވައިލާށޭ ބުނެލީ ލާނެތް ހުނުމަކާއި އެކުގައެވެ. އެ ސަމާސާއިންވެސް އިރާގެ ހިތަށް ލިބުނީ ބުނަން ނޭގޭފަދަ ފޮނި އިހުސާސެކެވެ. ދާނިޔަލް އެގޮތަށް ކޮށްލާ ކޮންމެ ސަމާސާއެއް ކޮންމެ އަދާއަކަށް އިރާގެ ހިތް ފިދާވެއެވެ. އަލަތު ލޯތްބާއިގެން އަންހެންކުދިން އުޅޭހެން އިރާ ހުންނަނީ ކުޑަކޮށް ދީވާނާވެފައެވެ. އަބަދު ދާނިޔަލްގެ ވާހަކަ އެއް ދެއްކުން ނޫނީ އެކަމާއިމެދު ވިސްނުން ނޫންކަމެއް ނުކުރެވެއެވެ. ނަމަވެސް އިރާ އެވަގުތުވެސް އޭނަ ލޯބިވާ ވާހަކަ ބުނުމުން އެކަނި "ޔާ" އެހެން ބުނެލާފައި ދާނިޔަލް ނިންމާލިކަން ފާހަގަކުރިއެވެ. އަބަދުވެސް ދާނިޔަލްގެ ވާހަކަ ހުންނަނީ އެގޮތަށެވެ. ލޯބިވާއިރުވެސް ދުލުން އެ ލަފުޒުތައް ނުބުނާ ޒާތުގެ ލޯބިވެރިޔަކީކަން ނޭގެއެވެ.

ރިވާންއާއި މިލާން އެކީގައި އާ އަހަރު ފެނުނު ދުވަހު ދާނިޔަލްގެ ހިތް ކުދިކުދިވިއެވެ. ހަލާކުވެފައިވާ ހިތަކާއިއެކު އޭނަ ދުރަށް ދިޔައީ ދުވަހަކު މިލާންގެ ހަޔާތަށް އޭނަގެ ހިޔަނި ނާޅަން ނިންމައިގެންނެވެ. ދުރުގައި ހުއްޓަސް އެހަނދާންތައް ހިތުން ފިލުވައިލަން ފަސޭހައެއްނުވިއެވެ. އެއިން ކޮންމެ ފަހަރަކު ދާނިޔަލް އޭނަގެ ނަފުސަށް ވިސްނައިދިނީ އޭނަގެ އަންހެނުންނާއި ދަރިފުޅަށްޓަކައި ކެތްތެރިވުމަށެވެ. ހާދަ ދުވަހު ކެތްކުރެވިއްޖެއެވެ. މިހާރު މިލާންއަކީ އެހެންމީހެއްގެ ހައްގެކެވެ. ރިވާންގެ އަންހެނުންނެވެ. އޭނަގެ ފަހަރިއެވެ. ރިވާން އޭނައާއި ދިމާލަށް އެ ބަސްތައް ބޭނުންކުރި ދުވަހު ތުނޑު ތޫނު ކަށިތަކެއް ފަދައިން އެ ލަފުޒުތައް ހިތަށްހެރި ހިތް ޒަޚަމް ކުރިއެވެ. އަދިވެސް ހިތަށް މުޅިން ޝިފާ ލިބުނު ކަމެއް ނޭގެއެވެ. ނަމަވެސް ހިތުގައިވާ ޝުއޫރުތައް ހެއްދެވިފަރާތަށް ނޫނީ ދެނެއް ނޭގޭނެއެވެ.

ދާނިޔަލް ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ނޫ ޖިންސެއްލައިގެން ހުރިއިރު ކުޑަކޮށް ރަސްމީގޮތެއް ހުއްޓެވެ. ބޮޑުދައިތަގެ "ފަޔަރ ގޭޓް" ގެއަށް ވަދެލާފައި ފުރަތަމަވެސް ގާޑެނިއާ ގަސްތައް ލޮލުގައި އަޅައިގަތުމުން މާޒީގެ ހަނދާންތައް ހިތަށް އުދަގޫކުރުވިއެވެ. މިރަށަށް އައީމަ މާބޮޑަށް ހިތަށް އުދަގޫވާންފެށިއެވެ. ހީވަނީ ކުރީގެ ޒަޚަމްތައް އަލުން ފާރުވިހެންނެވެ. މާޔޫސީކަން ވަށާ ފިއްތަމުންދާހެން ހީވެ ބޮލުގައި ރިއްސާލައިފިއެވެ. މިހެން ވެގެން ނުވާނެއެވެ. ގަދަކަމުންވެސް އޭނަގެ ބަސްނާހާ ހިތަށް ވިސްނައިދޭނެއެވެ. ދޮންބެއަށްޓަކައި އައިޒާ ދޫކޮށްލިފަދައިން މިލާންވެސް ހިތުން ފޮހެވެން ޖެހޭނެއެވެ. އިންސާނާ މަސައްކަތްކޮށްފިއްޔާ ނުވާނީ ކޮންކަމެއް ހެއްޔެވެ؟ އާއެކެވެ. އޭނަ މިލާންއާއި ދޭތެރޭގައި ބަލާނީ ފަހަރިއެއްގެ ގޮތުގައެވެ. ދާނިޔަލް ފެންޑާގައި ހުރެފައި ރިވާންއަށް ގުޅާލުމުން އިރުކޮޅެއް ނުވަނީސް ރިވާން ތިރިއަށް އައިއިރު އޭނަ ހުރީ އުފާވެރި މޫޑެއްގައެވެ.

"ޑެނީ......" ރިވާން އައިގޮތަށް ދާނިޔަލްގެ ގައިގާ ބައްދާލުމަށްފަހު ދެ އެކުވެރިން ވާހަކަދައްކަން ފެށިއިރު ހިތުގައިވާ ނުތަނަވަސްކަމެއް ދައްކައެއްނުލައެވެ. ރިވާން އެކި ވާހަކަދައްކަމުންގޮސް އޭނަ ކޮންމެ ދުވަހަކު ހެދުނު ބޮލުގައި ގަދަޔަށް ރިއްސާ ވާހަކަ ބުނެފައި ޚިޔާލަކަށް އެދުނެވެ. ތަދުކަނޑުވާ ބޭސްކެއުމުންވެސް ވަކި ލުޔެއް ނުލިބޭކަމަށާއި ހެދުނުން އެކަންތައް ބޮޑުވާންވީ ސަބަބެއް އޮޅުން ފިލުވަން ރިވާން ބޭނުންވިއެވެ.

"ނިއުރޮލޮޖިކަލް އެގްޒާމްއަކާއި އެމްއާރް އައި ސްކޭނެއް ހަދާލާއިރަށް ކޮންކަމެއްކަން ޔަގީންވާނެ......." ދާނިޔަލް ކޮންމެހެން ޑީޓެއިލްއަކަށް ނުދިޔަސް ރިވާންއަށް ވާގޮތް ކިޔައިދޭއިރަށް ބަލިއަކީ ކޮބާކަން ދެނެގަތެވެ. ރިވާން ހާސްވެދާނެތީ އޭނަ ބުނަން ފަސްޖެހުނީއެވެ. ދާނިޔަލް އިނީ ކަންބޮޑުވެފައެވެ. ރިވާންގެ ބައްޕަ ފަރާތު އާއިލާއަކީ ކެންސަރު ޖީން ވާރުތަކުރާ އާއިލާއެކެވެ. ރިވާންވެސް ކުޑައިރު ލޭގެ ކެންސަރާއި ހަގުރާމަކުރިއެވެ. އަނެއްކާ މިވާން އުޅެނީ ކިހިނެއްބާވައެވެ. ދާނިޔަލް އުއްމީދުކުރީ ރަގަޅުގޮތެއްވުމަށެވެ.

"ކޮފީ ބޮއިގެންދާނީ، އަހަރެންގެ ވައިފްއާއި މީޓްކުރަންވެސް ޖެހޭނެއްނު.........." ރިވާން ސަމާސާކޮށްލިއެވެ.
"ރިވާ، ތިކަހަލަ ސަމާސާ ނުކުރިއްޔާ ރަގަޅީ، އަހަރެން ގިވްއަޕް ނުކުރިނަމަ ހީވޭތަ ތިހަ ފަސޭހައިން ކާމިޔާބުވާނެހެން، ޓްރަސްޓްމީ ސްވީޓްހާޓް، އަހަރެން ދިނީމަ ރިވާއަށް ލިބުނީ، އެހެންނޫންނަމަ ރިވާ ހުންނަން ޖެހޭނީ ދުރުގައި ބަލަން ހުންނަން......ލިޓްލް ބްރަދަރ، އަހަރެން މަޑުން ހުރުމަކީ އަހަރެންގެ ވީކްނެސްއެއްނޫން އިގޭ....." ދާނިޔަލް ސީރިޔަސް ކަމަށް ހެދިފައި ރިވާންގެ މޭގައި އަތްއަޅާ ކުޑަކޮށް ކޮށްޕާލައިފިއެވެ.

"ހައު ކުޑް ޔޫ ޑެނީ، ޑެނީ ހުރިހާ ބްރަދަރސްއިންގެ ވައިފްއިން ދެކެ ލަވް ވަނީ ކީއްވެތަ؟ ފަރސްޓް އައިޒާ، ދެން.........އިއްތިފާގު ދޯ، އެނީވޭސް ތޭންކްސް......މުޅި އުމުރަށްވެސް އިހުސާންތެރިވާން ޖެހޭނެއޭ ކަން ނޭގޭ ޑެނީ އިންޑިރެކްޓްކޮށް ތިބުނީ، ހަގީގަތުގައިވެސް އެޕްރިޝިއޭޓްކޮށްފިން، އެނގޭ އެހާ ފަސޭހަކަމަކަށް ނުވާނެކަން، ޔޫ ކުޑް ހޭވް ފޯޓް ބެކް....އަދި ވިންވެސް ވާނެކަން އެގޭ، އަހަރެން އުޅުނީ ދަލު ބޭރުން ޖެހިގެން، އެއީވެސް ސަބަބަކަށްޓަކައި އަހަރެން ކުރިކަމެއް........އެ ރީޒަން ނޭހިއްޔާ ރަގަޅީ، އެހެންނޫންނަމަ އަހަރެން މިލާންދެކެ ކިތަންމެ ވަރަށް ލޯބިވިޔަސް އަހަރެން ޑެނީ ގެ ގާލްއަކާއި ކާރިއެއް ނުވާނަން......" ރިވާންގެ ވާހަކަތަކުން ދާނިޔަލް އެ ސަބަބު ހޯދަން ޝައުގުވެރިވިއެވެ. ދާނިޔަލް ކިތަންމެހާވެސް ރަގަޅަށް ރިވާން ދަނެއެވެ. އެގޮތަށް އެކުވެރިންގެ ލޯބިވެރިން ޖަހައިގަންނަ ވައްތަރެއްވެސް ނޫނެވެ. ނަމަވެސް އެ ސަބަބު މިއަދު އެހުމުގެ މާނައެއް ނެތެވެ.

ރިވާން އެތެރެއަށް ދާންވެގެން ތެދުވެ ދާނިޔަލްއަށް އައުމަށް އިޝާރާތްކުރިއެވެ. އޭރު ދާނިޔަލްގެ ހިތް ކޮންމެވެސް ވަރަކަށް އަވަސްވެފައިވެއެވެ. އެތައް ޒަމާނަކަށްފަހު މިލާން ފެނުމުން ހިތަށްވާނީ ކޮންކަހަލަ ގޮތެއް ބާވައެވެ. ހިތް ފިނިވާނެބާވައެވެ. މިލާންއަށް ކުރާނީ ކޮން އަސަރެއްހެއްޔެވެ؟ އެދޭތެރޭގައިވިހާ ޖަޒުބާތުތަކެއް މިހާރުވާނީ ފިނިވެފައިކަންނޭގެއެވެ. އެގޮތްމިގޮތަށް ވިސްނަމުންގޮސް ކާކޮޓަރިއާއި ހަމަޔަށް ދެވުނުއިރު މީހެއްގެ ފިޔަވަޅުގެ އަޑުއިވިފައި ދާނިޔަލް އެނބުރި ބަލާލުމާއިއެކު އިސްޖަހައިލަން މަޖުބޫރުކުރުވިއެވެ. މިލާންއާއި ހަތަރުކަޅިހަމަވި ފަޅި ސިކުންތުކޮޅު ދެހިތަށްވެސް ނުބައި އަސަރުތަކެއްކޮށްފިއެވެ. ދެމީހުންނަށްވެސް ވިސްނައިލެވުނީ އަނެކަކަށް އައިސްފައިވާ ބަދަލުތަކާއިމެދުގައެވެ. އެންމެ ސިކުންތުކޮޅަކުންވެސް މިލާން އަށް ދާނިޔަލްގެ ރީތިކަމާއި ފިރިހެންވަންތަކަން އިތުރުވެފައިވާވަރު އެނގުނެވެ. ތިންއަހަރު ވުމުން ހައްތަހާ ބޮޑަށް ރީތިވީއެވެ. ބެލިބެލިހެން ރީތިވާކަހަލައެވެ.

"މިލާން، ޔޫ ނޯ ވަޓް. ޑެނީގެ އެބަހުރި ލިޓްލް ގާލްއެއް، މިލާން މޮޔަވާނެ އެ ބޭބީ ފެނުނީމަ....." ރިވާން މިލާން ކޮފީ ހަދަން އުޅުނުއިރު މިލާންއާއި އެހީވާންވެގެން އުޅެގަތެވެ. ބައެއްފަހަރު ކުޑަކޮށް މިލާންގެ އިސްތަށިގަނޑަށް ދަމާލާ ކޮންމެވެސް ގޯނާއެއް އެވަގުތުކޮޅުވެސް ކޮށްނުލާ ހުރުމަކީ ރިވާންއަށް ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ.

އޭރު ދާނިޔަލް ކުޑަދޮރުކާރީގައި ހުރެ ސިއްރުން އެމަންޒަރު ބެލިއެވެ. ރިވާން ހީވަނީ އިރުކޮޅަކަށްވެސް މިލާންއާއި ދުރުން ހުރުން އުދަގޫވާހެންނެވެ. މިލާންވެސް މޫނު ރަތް މަލެއްހެން ހަދާލައިގެން ހުރިއިރު ރީތިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. މިލާން ހާދަ އަވަހަށް އެހެން ފަރާތަކަށް އެކީގައި ހިތްދީފިއެވެ. ހިތަކީ އެހާ ފަސޭހައިން އެހެން މީހަކަށްދެވޭ އެއްޗެއްހެއްޔެވެ؟ ހިތުގައި ކުޑަކޮށް ހަސަދައިގެ އަލިފާންކޮޅެއް ރޯވިނަމަވެސް ރިވާންއަށްޓަކައި ބައެއްފަހަރު ހަމްދަރުދީވެއެވެ.

އެދުވަހު ތިން މީހުން އެކީގައި ކޮފީ ބޯން ތިބިއިރު ގިނައިން ވާހަކަދެއްކީ ދާނިޔަލްއާއި ރިވާންއެވެ. މިލާން ހީވަނީ ބައިންދާފައި އިން ހިލައިގެ ބުދެއްހެންނެވެ. ބައެއްފަހަރު މޫނު ރަތްވަނީ އެކަނި އިނދެ ކޯންޗެއް ވިސްނާފައިކަމެއްވެސް ނޭގެއެވެ. ދާނިޔަލް ސިއްރުން މިލާންގެ މޫނަށް ބެލިއެވެ. އަމިއްލަ ނަފުސަށް މަލާމާތްވެސް ކުރިއެވެ. އިރާއަށް ބޭވަފާތެރިވެވޭފަދަ ގޮތަކަށް އޭނަ އުޅެނީ ކީއްވެއްޔެވެ؟

"ޑެނީ، މާދަން ހޫރު ގޮވައިގެން އާދެބަލަ، މިލާން ބޭނުންވޭ ބޭބީ ދެކެލަން، މިލާން އެހާ ބޭނުންވާކަމެއް މިހާރު ނެތްކަމަށްވަނީ........" ރިވާންގެ އެ ޖުމްލައިން މިލާން ލަދުން ހަލާކުނުވީ ކިރިޔާއެވެ. ފެންތަށި ތުބުގައި ޖެހިގޮތަށް ކޮށިއަރައިގެން ކެއްސަންފެށިއެވެ.

"ކެއަރފުލް ބޭބީ...." ރިވާން ކަންބޮޑުވިއެވެ.
"ރިވާ، އެހެން ނުބުނަމެއްނު......" މިލާން ގެ ދޮންމޫނު ރަތްކޮށްލައިގެން އިނދެ ބުނެލައިފިއެވެ. ދާނިޔަލްއިނީ މަޖާވެފައެވެ. 
"އޯކޭ މާދަން ހޫރު ގޮވައިގެން އަންނާނަން، ރަގަޅަށް ސައި ހަދަންވާނެ އިނގޭ....." ދާނިޔަލް އެންމެ ފަހު ޖުމްލަބުނެލިއިރު ހިނދުކޮޅަކަށްނަމަވެސް މިލާންއާއި ނަޒަރު ސީދާވިއެވެ. ދެހިތުގައިވާ ލޯބީގެހުޅުކޮޅު އަލުން ރޯވެދާނެކަމުގެ ބިރު ހީވާދަރަޖައަކަށް ދިޔައެވެ. މިލާން އަވަސްއަވަހަށް ދުރަށް ބަލާލިއިރު އަތްހީވަނީ ގަނޑުފެންކޮޅެއްހެންނެވެ. ރިވާން އެއަތުގައި ހިފާލާފައި ފިތާލަމުން ބަލައިލީ ކުޑަކޮށް ނުރުހުމުގެ ނަޒަރަކުންނެވެ. މިލާން ކުޑަކޮށް ހާސްކޮށްލަން ބޭނުންވީއެވެ. މިއަދު އޭނަ ރުޅިއައުމުން މިލާން ބިރުގަންނާނެކަންވެސް އެނގެއެވެ. ކަންތައްވީވެސް އެހެންނެވެ. މިލާން ދެލޯބޮޑުކޮށްލާފައި ބިރުން ހުރިއިރު ރީތިކަމުން ރިވާންގެ ހިތް ނުވިރުނީކިރިޔާއެވެ. 

ރިވާން ގެ ޓެސްޓްތަކާއި އެމްއާރްއައި ސްކޭން ހެދުމަށްފަހު ރިޕޯޓްބަލާ ދާންވުމުން ރިވާން ހަވާލުކުރީ ދާނިޔަލްއާއެވެ. އެހެންނޫނަސް ބަލި އެނގޭކަށް ރިވާން ބޭނުމެއްނުވެއެވެ. ދެރައީ ކޮންމެ ދުވަހަކު ހެދުނު ބޮލުގައި ރިއްސާވަރުން ކެތްނުކުރެވޭހިސާބަށް ދިޔުމެވެ. ލޮލުގެ ފެނުން ގެއްލިދާނެތީ ބިރުގަންނަ ހިސާބަށްވެސް ދެއެވެ. ރިވާން "ކޮޓެޖް"އަށް ދިޔައީ ދާނިޔަލްއާއި އެކީގައި ކާރުގައެވެ. ދާނިޝް އެމީހުންނާއި ބައްދަކުރިއިރު ހުރީ ސަމާސާ މޫޑެއްގައެވެ. އެހެންވެ ރިވާން ހީކުރީ ޓެސްޓްތަކުގައި ނުބަޔެއް ނޫޅެނީ ކަމުގައެވެ. ދާނިޝް އެޚަބަރު ރިވާންއަށް ދިނީ ދުރުދުރުންނެވެ. ވިސްނާދޭ ފާޑަކަށެވެ. އެހާ ޒުވާން އުމުރުގައި ނިއުރޯސާޖަނަކަށްވެފައި އޭނަ އަމިއްލަ ނަފުސާއިމެދު އޮންނަ އިތުބާރާއި ޖެހިލުންކުޑަކަމުން ހައިރާންވާހާވެއެވެ. ރިސްކްނަގަން ކެރުމުގެ އެއްވަނައެވެ.

"ރިވާ، ވީހާވެސް އަވަހަށް ސާޖަރީ ހަދާފައި ޓިއުމަރ ނަގަން ޖެހޭނީ......" ދާނިޝް ފާރަށް ލެނގިލައިގެން ހުރިއިރު އެ ރީތި ދެލޯ ވިދާހެން ހީވެއެވެ. ކުޑަކޮށް އަނދިރީގެ ތެރެއިން ތިން ޒުވާނުންފެންނަލެއް ނިކަން ހިތްގައިމެވެ.
"އައިމް ޑައިން ރައިޓް ؟އަހަންނަށް ކުރިންވެސް އެނގުނު....ކެންސަރަށް ވެދާނެކަމަށް ހިތަށް އަރުވާފައިވެސް އެހެން ގަބޫލުކުރާކަށް ބޭނުމެއްނުވި.........." ރިވާން ފިނޑިވާކަށް ބޭނުމެއްނޫނެވެ. މަރަކީ ގާތުގައިވާ އެއްޗެއްކަން އޭނަ ދަނެއެވެ. ނަމަވެސް ހިތާމައަކީ މިލާން އާއި އާއިލާ ދޫކޮށްލަން ޖެހޭތީއެވެ. އޭރުން މިލާންއަށް ވާނެގޮތަކާއި މެދު މިހާރުވެސް ވިސްނަން ޖެހިއްޖެއެވެ. މިލާން އެކަނިވިޔަދޭކަށް އޭނަ ބޭނުމެއްނޫނެވެ. 

ކޮމެންޓް 0