ދާނިޔަލް ގެ ހިތް މަޝްވަރާ ދިނީ ވަގުތުން އަނބުރާލައިފައި ވޯޑުން ނިކުމެގެން ދިޔުމަށެވެ. ނަމަވެސް ނޭގޭ ބާރެއް އޭނަ ދަމާފައި މިލާން އޮތް އެނދާއި ދިމާލަށް ގެންދިޔައެވެ. މިލާންއަށްވެސް އެ ފުން ދެލޮލަށް ބަލައިލެވުނު ގޮތަށް ދުރުބަލައެއް ނުލެވުނެވެ. ދެ ޒުވާނުންނަށް ވެސް އޭރު ވޯޑުގައި ތިބި އެހެން އެންމެންގެ ސަމާލުކަން އެދެމީހުންގެ ހަރަކާތްތަކަށް ހުއްޓުނުކަމެއް ރޭކާނުލިއެވެ. 

"މިލާން، ވަޓް ހެޕެންޑް...." ދާނިޔަލް އެނދުގެ މަގަތުގައި ހުއްޓިލާފައި އަހާލުމާއި އެކު ޖަވާބަކަށްވީ މިލާންގެ ދެލޮލުގައި ގިނަވެގަތް ކަރުނަތަކެވެ. އެ ކަރުނައިގެ މުތީތައް ފެނުމުން ދާނިޔަލްގެ ހިތަށް އަސަރުކުރިއެވެ. މަޑުމަޑުން މިލާންގެ އަތުގައި ހިފައިލެވުމާއިއެކު މިލާންގެ ފިނި އިނގިލިތައް އެއަތާއި ލާމެހިގެން ދިޔައެވެ. ގަނޑުފެންކޮޅެއްފަދަ ދެއަތްތިލަ ގުޅިގެން ދިޔުމާއިއެކު ދެހިތުގައި ބުނަން ނޭގޭ ފަދަ އޮއިވަރެއް ހިނގިއެވެ. ގަނޑުފެނާއި އަލިފާން އެކުވިފަދައެވެ. ތަފާތު އިހުސާސެކެވެ. ބުނާނެ އެއްޗެއް ދާނިޔަލްއަކަށްވެސް ނޭގުނެވެ.

"ޕްލީޒް ނުރޮއި މިލާން، ޔޫ ވިލް ބީ ފައިން...." ދާނިޔަލް އެ ކުޑަ އަތަށް ފިތައިލުމަށްފަހު މިލާންގެ ނިތްކުރީގައި އަތްލިއެވެ. ރަތްވެފައިވާ އެ ދޮންމޫނުން އާވިއަރާހެން ހީވިއެވެ. ހާދަ ހޫނެވެ. ތުންފަތް ރަތްވެފައިވާވަރުވެސް އަންގައިދެނީ ހުން ގަދަ މިންވަރެވެ. ލޮލުން ކަރުނަ އޮހިގަތުމުން މިލާން އެސްފިޔަތައް ލައްޕާލިތަން ފެނުމުން ދާނިޔަލް ފެންކަޅިވިއެވެ. އޭނަގެ މިލާންއަށް ޖެހިފައި މިވަނީ ކޮން ހާލެއް ހެއްޔެވެ؟ އެންމެންގެ ތެރޭގައި މިގޮތަށް ވޯޑުގައި އެންމެ ސިކުންތުކޮޅެއްވެސް ބާއްވާކަށް ދާނިޔަލްގެ ހިތް ހަމައެއްނުޖެހުނެވެ.

ދާނިޔަލް މިލާންގެ ފައިލް ބަލާފައި ޓެސްޓްތަކެއް ހަދަން ދީފައި ވަގުތުން ކައުންޓަރަށް ގޮސް ޕްރައިވެޓް ރޫމްތަކާއި ބެހޭގޮތުން ސުވާލުކޮށްލާފައި އެއްކޮޓަރި މިލާންއަށް ހަމަޖައްސާދޭން އެންގިއެވެ. މިލާން އެހާ ބަލިއިރު އެކަނިކޮށްލާފައި ގެއަށް ދާހިތެއް ދާނިޔަލް ނުވިއެވެ. ނަމަވެސް މިރޭ ޑިނަރ އަކަށް ބައްޕަގެ އެކުވެރި އަކުވަނީ އެ އާއިލާއަށް ދައުވަތު ދީފައެވެ. 

"އަދިވެސް ރުޅިތަ؟ " ދެމީހުން ކޮޓަރީގައި އެކަނިވުމުން ދާނިޔަލް އަހާލައިފިއެވެ.

"ރުޅިއަންނާކަށް ކަމެއް ނުވެއެއްނު....." މިލާން ގެ އަޑު ކުރެހުނެވެ. ހަގީގަތުގައި އޭނަ ދާނިޔަލް ދެކެ ރުޅިއެއް ނާދެއެވެ. އަމިއްލަ ނަފުސްގެ އަގު ދާނިޔަލްގެ ކާރީގައި ނެތުމުން އޭނަ ކުރީ ހިތާމައެވެ. ހިތް ހަލާކުވީއެވެ. އެހެން ބުނަން އުޅެފައި އިތުރަށް ރޮވިދާނެތީ އަދިވެސް ބާރަށް ތުންފަތުގައި ދަތްއަޅައި ލެވުނީ އެވެ.

"އަހަންނަށް އެނގޭ، އަހަރެން އެހެން ބުނެގެން ނުވާނެ ދޯ، ހަގީގަތުގައި އަހަރެން އެގޮތަށް މީންކޮށްފައި ބުނި އެއްޗެއް ނޫން، އައިމް ސޮރީ....." ދާނިޔަލް މާފަށް އެދުނެވެ.

މިލާން އޮތީ ގަބޫލުކުރަން ދަތިގޮތަކަށް ބަލަހައްޓައި ގެންނެވެ. ތެމިފައިވާ ރީތި އެސްފިޔަތަކުގެ ތެރެއިން އެ ރީތި ދެލޯ ފެންނައިރު މައުސޫމްކަމުން ހީވަނީ އެހެންކަމެއް ހެންނެވެ. ހާދަ ރީއްޗެވެ. ރަތްކުލަ ވެރިވެފައިވާ ޗާލު ކޯތާފަތުގެ އޮމާންކަމުން ފިރުމާލަން ބޭނުންވިއެވެ. ދާނިޔަލް އިށީންނާކަށް ނޫޅެ މިލާންގެ އެނދު ކާރީގައި ކޮޅަށް ހުރިއިރު މިލާންގެ ގައިގައި ބޭކާރު ގޮތުގައި އަތްލާކަށް ނޫޅުނެވެ. އެދޭތެރޭގައި ޖެހިފައިވާ މައްސަލަ ހައްލުކުރަން ދާނިޔަލް ބޭނުމެވެ. މިލާންގެ އިތުބާރު އޭނަ ކިތަންމެހާވެސް ބޭނުމެވެ. އޭނަ މިލާންގެ ފަރާތުން ބޭނުންވަނީ އެހެން ފިރިހެނުން ފަދައިން އެންމެ ކަމެއްނޫންކަން މިލާންއަށް އަންގާދެވޭނީ އެގޮތުންނެވެ. ހިތް ކިތަންމެ ބޭނުންވިޔަސް އޭނަ ދެން މިލާންގެ ގައިގައި އެގޮތަށް އަތެއްނުލާނެއެވެ. އެދޭތޭރޭގައިވާ އަލިފާންގަނޑު ހުޅުފަޅައިގެން ގޮސްފިއްޔާ ދެމީހުން އަނދައިގެން ހިނގައިދާނެކަން ޔަގީނެވެ.

"އިޓްސް އޯކޭ....." މިލާން އެސްފިޔަތައް ތިރިކޮށްލައިފި އެވެ.

"މިލާން، ގިނައިން އެއްޗެހި ބޯންވާނެ އިނގޭ، ކާކު މިލާންގެ ގާތުގައި މިރޭ ހުންނާނީ....." ދާނިޔަލް އަހާލައިފިއެވެ.

"ސުދާ....." މިލާންގެ ހަނދާނަށް އައީ އެ ނަން އެކަންޏެވެ. އޭނަގެ އެކަނިވެރި ކަމުގެ ކިޔާދޭން ވެއްޖެއްޔާ ދާނިޔަލް މިތާ މަޑުކުރާން ނިންމަފާނެކަން ނޭގެއެވެ. މިލާން އަދިވެސް މިއޮތީ ފެންނަ މަންޒަރުތައް ގަބޫލުކުރަން ދަތިވެފައެވެ. އިންސާނުންގެ ޚިޔާލަކީ އެހާ ފަސޭހައިން ބަދަލުވާ އެއްޗެއް ހެއްޔެވެ؟ މިލާން ހާދަ ދެރަވިއެވެ. ހިތް ހަލާކުވެފައި ހުރެ އެތިން ދުވަހު ހާދަ ވަރަކަށް ރޮވުނެވެ. އަދިވެސް އެ ޒަޚަމްވެފައިވާ ހިތަށް ޝިފާއެއް ނުލިބެއެވެ. ނަމަވެސް ދާނިޔަލް މާފަށް އެދުމުން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ.

"ހޫޒް ދެޓް..." ދާނިޔަލް އަކަށް ނޭގުނެވެ.

"ދިމާވެފައި ހުންނާނީ، ރިސެޕްޝަނުގައި އުޅޭކުއްޖެއް، އޭނަ އުޅެނީ މިހާރު އަހަރެމެން ގޭގައި، ޑެނީ ޕްލީޒް އިށީދެބަލަ.. އަހަންނަށް ވަރަށް އުދަގޫވޭ ތިހެން ކޮޅަށް ހުރީމަ......" މިލާން ނޭފަތް ދަމާލިއެވެ. މިލާން ކިޔަން ފެށުމުން ދާނިޔަލް ގޮނޑިއެއް ދަމާލައިގެން އައިސް އިށީނީ މިލާންގެ ގާތުގައެވެ.

"މިލާންގެ ހިތުގައިވެސް އަހަންނަށްޓަކާ ފީލިންގްސް ވާކަން މިއެގުނީ، އަހަރެންވެސް މިލާން ދެކެ ލައިކްވާވަރުން އެދުވަހު އެހެން ބުނީ، ކޮންމެހެން މިލާންއަކީ ނާސި ކުއްޖަކަށް ހަދާފައި ބުނި އެއްޗެއްނޫން، ލޯބިވަންޏާ އަހަރެން ދެކެނީ އެކީގައި ކޮންމެ ކަމެއް ކުރެވިދާނެކަމަށް، އެކީގައި ސްލީޕް ކުރުންވެސް އަހަރެން ދެކެނީ ޕްރައޮރިޓީއެއް ކަމަށް، އަހަރެން ކޮންމެ ކޮންމެ ގާލްއެއްގެ ކައިރީގައި މިހާރަކު އެހެނެއް ނުބުނާނަން، ސްޕެޝަލް ކުއްޖަކަށް ވީމަ އެހެން ހިތަށް އަރުވާނީވެސް، އެކަމަކު ފަހުން އެނގުނު އެބުނެވުނީ ނުބައި އެއްޗެއްކަން، ލައިކްވަންޏާ ފުރަތަމަ ނަގަން ޖެހޭނީ އެ ސްޓެޕް ނޫންދޯ...... ކުރީގައި އަހަރެން ގާލްސްއިންނާއި މެދު އެކަހަލަ ގޮތަކަށް ދެކެމުން އައީ، ނައު އައި ހޭވް ޗޭންޖްޑް އެލޮޓް މިލާން، މިލާން އާއި ދިމާވީމަ ކަންނޭގޭ މިގޮތަށް އަހަރެންގެ ފީލިންގްސް ޗޭންޖްމިވީ، އެކީގައި ސްލީޕްކުރުން އެކަނި ނޫންކަން މުހިއްމީ މިހާރު އެބަވިސްނޭ، މިލާންއާއި ދިމާލަށް ބަލަން މިހެން އިނދެވުނަސް ހިތްހަމަޖެހޭ......." ދާނިޔަލް ދެއަތްތިލައިގެ އިނގިލިތައް މަހާލައިގެން ދަތްދޮޅީގައި އަތްވިއްދާލައިގެން އިންއިރު ކޮޓަރީގެ އޮރެންޖް އަލި އެ ޓޭން މޫނަށް އެޅިފައިވާއިރު ފެންނަލެއް ނިކަން ފުރިހަމައެވެ. މުށިކުލައިގެ ގަމީހުގެ ސަބަބުން ވަކިން ފިރިހެންވަންތަކަމަށް ދައްކައެވެ. އިސްތަށިގަނޑުގައި ހީވަނީ ނުފެންނަ އަތަކުން ފިރުމާލާހެންނެވެ. ފަންކާގެ ވަޔާއިއެކު ދޭތެރެއަކުން އިސްތަށިގަނޑު ވިހުރުވޭގޮތްވެއެވެ. މުޅިތަނުގައި ހިފާފައިވާ އަރްމާނީ ކޯޑްގެ މީރުވަހުން މިލާންގެ ބަލިވެސް ރަނގަޅުވާހެން ހީވިއެވެ.

މިލާން އެސްފިޔަޖަހާނުލައި އެ މުށި ކުލައިގެ ދެލޮލުން ބަލަން އޮތްގޮތަކުން ދާނިޔަލް ކުޑަކޮށް ބްލަޝްވިހެން މިލާންއަށް ހީވިއެވެ. މިލާންއަށް މަޖާވިއެވެ. ހާދަ ރީއްޗެވެ. ފުރިހަމައެވެ. ފިރިހެންވަންތަ ޒުވާނަކު އެގޮތަށް ލަދުގަތީމަ އަދި ވަކިން ޔުނިކް ވިއެވެ. އޭނަގެ ހިތް ހާސްފަހަރު ހަދިޔާކުރެވި އެހިތުން ދެވަނަ މީހަކަށް މަގާމެއް ނުލިބޭނެކަން ޔަގީން ވީ އެވަގުތު އެކަކު އަނެކަކުގެ ލޮލަށް ބަލައިލެވުނީމައެވެ. އިރުކޮޅެއްވާންދެން އެ ޖާދުވީ ވަގުތުކޮޅު ދެމިގެން ދިޔައެވެ.

"ޔޫ ލުކް ސޯ ބިއުޓިފުލް.. މިހާ ބަލިއިރުވެސް........" ދާނިޔަލް ކުޑަކޮށް ހިނިތުންވެލިއެވެ. ހަގީގަތުގައި އޭނަ މިލާންދެކެ ލޯބިވާން ފެށީހެއްޔެވެ؟ އަދިވެސް އޭނައަށް ޔަގީނެއްނޫނެވެ. "ލޯބި" އެ ލަފުޒް ބޭނުންކޮށްފިއްޔާ އެ ނެގުނީ އަދި ވަރަށް އެހެން ކަހަލަ ފިޔަވަޅެކެވެ. މީހަކާއި އިނދެގެންހުރެ އެ ހިސާބަށް ދާން ވެދާނެހެއްޔެވެ؟ ނަމަވެސް އޭނަ އަޅާލާކަން މިލާންއަށް އެންގިދާނެއެވެ.

"އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ...." މިލާން ގެ ލޮލުގައި މިފަހަރު ވިދާލީ އުފަލުގެ ކަރުނައެވެ. ގަދަ ހުމުގެ ސަބަބުން އަވަސްވެފައިވާ ހިތުގެ ވިންދު އެތައް ގުނަ އަވަސްވިއެވެ. އޭނައަށް އިވޭ ވާހަކަތައް ޔަގީން ނުކުރެވިފައި އޮތްއިރު މިއޮތީ ހޭލާބާވައޭ ހިތަށް އެރިއެވެ. ހިތަށް ބަޔާންނުކުރެވޭފަދަ ފިނިކަމެއް ލިބުނެވެ. އެ ފިނިކަން މުޅި ހަށިގަނޑަށް ދަތުރުކޮށް ހީކަރުވާފަދަ ގޮތެއްވިއެވެ. ހީވީ ގަނޑުފެނުގެ ރަޖާއެއް މުޅިގައިގާ ފަތުރާލަދިންހެންނެވެ. އެރީތި މުށިދެލޯ ފަތަމުން ދިޔައީ ކަރުނައިގެ ކަނޑެއްގައިއެވެ.

"ޓްރަސްޓްމީ، އަހަރެން މިއަދު ދެއްކި ކޮންމެ ވާހަކައަކީ ހަގީގަތް، އަހަރެންގެ ހިތް ނަގާފައި ދެއްކޭނެނަމަ އެކަންވެސް ކުރާނަން...." ދާނިޔަލް ގެ ހުދުދަތްތައް ވިދާލި ގޮތަކުން މިލާންގެ ހިތް ފުރުނެވެ. އެމޫނުގައި ފިރުމާލަން ބޭނުންވިއެވެ.

"ހާދަ ރަނގަޅޭ...." މިލާން ގެ ތުންފަތް ތުރުތުރުއަޅާލިއެވެ. ދާނިޔަލްގެ ފޯނު ރިންގުވާން ފެށުމުން އޭނަ ފޯނުނެގި އިރު ބައްޕަ ހުންނެވީ ލަސްވެގެންނެވެ. ކެއުމަށް ދާން އެންމެން ތައްޔާރުވަނީ ކަމަށް ބައްޕަ ބުނުއްވިއެވެ. ދާނިޔަލް ތެދުވެ މިލާންގެ އަނދަ އަނދާހުރި ނިތްކުރީގައި ބޮސްދިނެވެ. 

"އަހަރެން ދެން ދާންވެއްޖެ، ކަމެއް ދިމާވެއްޖެއްޔާ ކޯލް މީ އެނީޓައިމް.... އިނގޭ..." ދާނިޔަލްގެ ރީތި ދެލޮލުން އެވަގުތު މިލާންއަށް ފެނުނީ މުޅިން ތަފާތު ކުލައެކެވެ. ސީރިޔަސްކަމާއި ލޯބީގެ ވިދުމެވެ. އެ ރީތި ދެލޮލަށްޓަކައި ހިތާއި ފުރާނައިން ގުރުބާންވާން އެވަގުތު މިލާން ބޭނުންވިއެވެ. މިލާން އަށް ދާނިޔަލް އާއި ދިމާލަށް އަތްދިއްކޮށްލެވުނީ ނުދާށޭ ބުނަންވެގެންނެވެ. ދާނިޔަލް ހުރީ ލަސްވެފައެވެ. އޭނަވެސް ބޭނުންވީ މުޅި މިރޭ މިލާންގެ ގާތުގައި ހުރެދިނުމަށެވެ. ނަމަވެސް އަދި ދާން މަޖުބޫރެވެ. އެހެން މީހަކަށް އޭނަ އާއި މިލާންގެ މިފަދަ ގުޅުމެއް އޮތްކަން އެނގިގެން މައްސަލަގަނޑަކަށް ހަދާކަށް އޭނަ ބޭނުމެއްނޫނެވެ. ދާނިޔަލް މިލާންގެ އަތުގެ އިނގިލި ތަކުގައި އެ ރީތި ތުންފަތް ޖައްސާލުމަށްފަހު "ގުޑްނައިޓް" އޭ ބުނެލީ ވަރަށް ހިތްގައިމު ނަޒަރަކުން ބަލައިލަމުންނެވެ.

"ޑެނީ، އަހަރެންގެ ފޯނު ގެއްލިއްޖެ....މިރޭ ނުގުޅޭނެ...." މިލާންއަށް ބުނެވުނެވެ. ދާނިޔަލް އެކަމާއި އަޅާނުލާށޭ ކިޔާފައި ނަރުސްކުއްޖެއްގެ ގާތުގައި އެދުނީ މިލާންގެ ގައިގާ ފެންފޮތިލާ ދިނުމަށެވެ. ދާނިޔަލް އެދިޔަގޮތަށް ފޯނު ވިއްކާ ފިހާރަ އަކަށް ވަދެ ސޮނީ އެރިކްސަން އެކްސްޕީރިއާ ޒެޑް ވަންއެއް ގަނެލުމަށްފަހު މިލާންއަށް ގެންގޮސްދީފައި ސިމެއް ލައްވާދިނެވެ. މިލާން އޮތީ ލަދުން ކުރާނެކަމެއް ނޭގިފައެވެ. ދާނިޔަލްގެ ފަރާތުން އެކަހަލަ އަގުބޮޑު އެއްޗެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިވަގުތު އޭނަ އޮތީ ފޯނަކަށް އެހާ ބޭނުންވެފައެވެ. ފަހުން ދާނިޔަލްއަށް އޭގެ އަގުދޭން މިލާން ހިތާހިތުން އަޒުމްކަނޑަ އެޅިއެވެ.

މިލާން ސުދާއަށް ގުޅާލީމަ ފޯނެއް ނުނެގީ ކާކުކަން ނޭގުނީމަ ކަމަށް މިލާން ޔަގީންކުރިއެވެ. އެތައް ފަހަރަކު ގުޅާލާފައި ޚަބަރެއް ނުވުމުން މެސެޖްވެސްކުރިއެވެ. ނަމަވެސް ޚަބަރެއް ނުވުމުން މިލާން ކަންބޮޑުވިއެވެ. މިފަދަ ތަނެއްގައި އެކަނި އޮތުމަކީ ރައްކާތެރި ކަމަކަށް ނުވާނެއެވެ. ނަސީބަކުން އެއް ތަނެއްގައި މަސައްކަތް ކުރާތީ ނަރުހުންނާއި އެކުވެރިކަން އޮތީމަ އެކުދިންގެ ފަރާތުން އެހީތެރިކަން ލިބުނެވެ. ނަމަވެސް މިލާން އޮތީ ނިދަން ނުކެރިފައެވެ. އެހެން އޮންނައިރު އިރުއިރުކޮޅާ މިލާންގެ ނޭފަތުގައި ބީހިލަނީ އަރްމާނީކޯޑްގެ މީރުވަހެވެ. ފޯނުގައިވެސް އެވަސް ހިފާލާފައިވާހެން ހީވިއެވެ. އެ ފޯނު މޫނުގައި ޖައްސައިލެވުނު އަދަދެއް މިލާންއަކަށް ނޭގުނެވެ.

"ހީޒް ސޯ ކެއަރިން އަދި ވަރަށް ރޮމެންޓިކް.... ޑެނީ އަހަރެން ދެކެ ލޯބިވޭތަ؟ އެހެން ބުނާނެނަމަ...." މިލާން ދެލޯމަރައިލައިގެން އޮތަސް އެސްފިޔަތަކުގެ ތެރެއިންވެސް ފެންނަނީ އެ ރީތި ކަމެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭންތައް ހަނދާން ނެތި ފޮނި ފޮނި ހަނދާންތަކެއްގައި މިލާން އޮތްއިރު ލޯބީގެ ފޮނި ޖަޒުބާތުގެ ތެރޭގައި ގެނބި ބުނަން ނޭގޭފަދަ ރާހަތެއް ލިބިފައިވެއެވެ. ދޭތެރެއަކުން ކުޑަކޮށް ނިދައިލެވުނަސް ހުވަފެނުގައި ފެނުނީ ދާނިޔަލްއެވެ.

ދާނިޔަލް އޭނަގެ ބައްޕަމެންނާއި އެކުގައި އެކުވެރިއެއްގެ ގެއަށް ގޮސް ކާން އިންއިރު އޭނަ އިނީ ވަރަށް ހިމޭންވެފައެވެ. ހީވަނީ އަބަދުހެން ބޮޑު ފިކުރެއްގައި އިންނަހެންނެވެ. ދުވަސްވާވަރަކަށް އެ ހަލަބޮލި ލާނެތް މިޒާޖަށް ބަދަލު އައިސް އޭނަގެ ބޭބެފަދަ ޒުވާނަކަށް ވަނީ ކަމުގައި ދީނާ ދެކުނެވެ. އެކަމަކު ދީނާ ދެރަވީ ދަރިފުޅު ކަމަކާއި މާ ބޮޑަށް ހިތާމަކުރާ ކަމާއިމެދު ޝައްކުވެފައެވެ. ނަހުޔާންވެސް އިނީ އެކަމާއި ކަންބޮޑުވެފައެވެ. ކުރީގައި ހަދާހެން ދާނިޔަލް އާއި ދިމާކުރާކަށް ނުކެރުނެވެ. ދާނިޔަލް ވިސްނަނީ އައިޒާ އާއި މެދުގައި ބާވައެވެ. ކުދި ކުދި އެކްސިޑެންޓްތައް ގޭތެރޭގައި ހިނގާއިރު ދާނިޔަލްގެ މޫނަށް އަންނަ ބަދަލުތަކުން ނަހުޔާން އެހެން މާނައެއް ނަގާއިރު ހަގީގަތަކީ އެއީއެއް ނޫންކަމެއް ނަހުޔާން އަކަށް ނޭގެއެވެ. ދާނިޔަލް އެފަދަ ވަގުތުގައި ލަދުގަންނަނީއެވެ. ފަހަރިއެއްގެ ގޮތުގައި މިހާރު ދެކެވޭތީއެވެ. ތަފާތު ހަނދާންތަކެއް އާވެފައި ނަހުޔާން އިނީ މޫޑު މުޅިން ގޯސްވެފައެވެ.

އެ މުއްސަނދި ގޭގެ މޭޒުމަތީގައި ރިހި ސްޓޭންޑްތަކުގައި ދިއްލާފައިވާ ބޮޑެތި އުއްބައްތިތަކުގެ އޮރެންޖް އަލީގައި އެންމެން ހީހީފައި ވާހަކަދައްކަން ތިބިއިރު ދާނިޔަލް ވާހަކައެއް ނުދައްކައެވެ. އެހެން މީހުން ދިމާނުކުރިޔަސް އެކަން ފާހަގަކުރެވުނެވެ. ގިނަމީހުން ހީކުރީ ދާނިޔަލް އާއި އިރާގެ މައްސަލައެއް ކަމުގައެވެ. ޚާއްސަކޮށް މިރޭ ކެއުމަށް އަންނަން އިރާ ދެކޮޅުހެދީމަ ބޮޑަށް އެކަން ޔަގީންވިއެވެ.

"ޑެނީ، ވައިފް ނުގެނައީ ކީއްވެތަ؟ " މަލީކްގެ އެކުވެރިޔާ އަހާލައިފިއެވެ.
"ހުންއައިސްގެން އުޅޭތީ..." ދާނިޔަލް އަށް ބުނެވުނީ މިލާންގެ ވާހަކައެވެ.
"އެހެންވީމަތާ ޑެނިއެލް މާ ދެރަވެފައި ތިއިނީ، ވައިރަލް ހުންގަނޑެއް ފެތުރޭ ދުވަސްކޮޅެއްވީމަ އެފަދަ ކޭސްތައް މާ ގިނަވަނީ ދޯ..... ޑެނީމެން ޑޮކްޓަރުންނަށް ވީމަ ފެމިލީއަށްވެސް ކިހާ ބޮޑު ނަސީބެއް، ކަމަކާއި ދިމާވާއިރަށް ހެލްޕްވެސް ވެވޭނެއްނު، ޑެނީ އަދިވެސް ސްޕެޝަލައިޒްވާން ދާކަށް ނޫޅެންތަ؟ " އެ ފެށުނު ވާހަކައަކުން އެންމެންގެ ސަމާލުކަން އޭނައަށް ލިބުމުން ދާނިޔަލް ޝުއޫރުތައް ފޮރުވަންވެގެން ހިނިތުންވެލިއެވެ. ނަމަވެސް ހިތްވަނީ މިލާންގެ ގާތުގައެވެ.

އެގެއިން ސަލާމަތްވުމަކީ އެހާފަސޭހަ ކަމަކަށް ނުވިއެވެ. ބައްޕަގެ އެކުވެރިއަކަށް ވީތީ އިހުތިރާމް ކުރުމުގެ ގޮތުން ހުއްދަނުލިބެނީސް އެގެއިން ދާކަށް ދާނިޔަލް ނޫޅުނެވެ.

ކެތްތެރިކަން ކޮޅުންލާވަރުވީފަހުން އެގެއިން ނިކުންނާނެ ފުރުސަތެއް ލިބުމާއިއެކު ފުން ނޭވަޔެއް ލާފައި އަވަހަށް ގޮސް ކާރަށް އަރައިގެން ދުއްވާލީ ހޮސްޕިޓަލާއި ދިމާލަށެވެ. މިލާންގެ ޚަބަރު ބަލައިލަން ޖައްސާލިއިރު އެ ކޮޓަރި ހުރީ ތަޅުލާފައެވެ. ނިދާފައި އޮތީމަ އުދަގޫ ނުކުރަންވެގެން ދާނިޔަލް އެނބުރިއައި ނަމަވެސް މިލާންގެ ގާތުގައި ހުރި މީހަކު ބަލާލަންވެސް ބޭނުންވިއެވެ. އެމީހަކު މިލާން އާއި އަޅާލާނެބާވައެވެ. ގިނަގިނައިން ދިޔާއެއްޗެހި ދޭނެ ބާވައެވެ. ފެންފޮތި ލާދޭނެ ހެއްޔެވެ؟ ނިދަންއޮތްވާ ވާގޮތަކުން އައިވީ ނެއްޓިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އެއްފަހަރު ދާނިޔަލް ގެ އެކުވެރިއެއްގެ ކޮއްކޮއެއްގެ ގައިން ލޭ ހުސްނުވީ ހަމަކިރިޔާއެވެ. އެގޮތަށް އައިވީ އާއިމެދު ސަމާލުކަން ނުދީ އެހީތެރިޔާއަށް ނިދުނީއެވެ. އައިވީ ގުޅާފައި ހުރި ބައި ނެއްޓި ލޭގަނޑު އޮހި އެނދުގެ ބެޑްޝީޓް ލެއިން ފޯވާން ފެށުމުން ބަލިކުއްޖާ ބިރުން ރޮއިގަތީމަ އެތާތިބި މީހުންގެ ސަމާލުކަމަށް އެކަން ނައިނަމަ އެހިސާބުން ނިމުނީއެވެ. މަދުން ހިނގާ ކަމެއްނަމަވެސް އެއީ ހިނގާފާނެ ނުރައްކާތެރި ހާދިސާއެކެވެ.

ކޮޓަރިއަށް ވަންގޮތަށް ދާނިޔަލް ނުނިދިފައި އޮތްއިރު އިރާގެ ކޮޓަރިއަށް ދާން ހިތަށް އެރިއެވެ. ނަމަވެސް އިރާގެ މަންމަ ޖުވޭދާ އަދި އެތާ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ދާނިޔަލް ނިތްމަތީގައި އަތް ބޭއްވިގޮތަށް އެހެން އޮތްވާ އަމިއްލައަށްވެސް ހައިރާންވީ ލޮލުން އޮހުނު ކަރުނަތަކުން އަތް ތެމެން ފެށީމައެވެ. އެވަގުތު ނަހުޔާން ހުއްދަ ހޯދުމެއްނެތި ކޮޓަރީގެ ދޮރު ހުޅުވާލުމުން ދާނިޔަލް ސިހުނެވެ. އޭނަ އަވަހަށް ބަންޑުންވަމުން ލޮލުގައިވާ ކަރުނަތައް ސިއްރުކުރި ނަމަވެސް ނަހުޔާންއަށް މާ ރަނގަޅަށްވެސް ފެނުނުކަން ޔަގީނެވެ.

ހުކުރު ދުވަސްކަމަށްވާތީ ނަހުޔާން ފެންވަރާލައިގެން ފަތިސް ނަމާދަށް ގޮސްފައި އައިގޮތަށް ނުކުތީ ބެލްކަންޏަށެވެ. ފަތިހު ފަޒާ ފެންނަނީ ކޮންމެވެސް ވަރަކަށް ފުސްކޮށެވެ. ފިނިވައިރޯޅިތައް ހަށިގަނޑުގައި ބީހިލުމުން ކުޑަކޮށް ހީކަރުވާލާގޮތްވިއެވެ. ނަހުޔާން ގޮނޑިއެއްގައި އިށީދެލި ގޮތަށް ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިންގޮތުން ހީވަނީ ކަމަކާއި މާ ބޮޑަށް ހާސްވެފައި ހުރިހެންނެވެ.

"މޯނިން ލަވް، މިހިރީ ކޮފީ....." އައިޒާ ބިއްލޫރި މޭޒުމަތީގައި ކޮފީ ތަބައް ބަހައްޓާލުމާއިއެކު އެފިނި އަތުން ނަހުޔާންގެ ކަނދުރާ ވަށާލައިފިއެވެ. އައިޒާގެ ތުނި ހަށިގަނޑު ފޮރުވިފައިވަނީ އެކަނި ނަހުޔާންގެ ކޮޓްން ގަމީހަކުންނެވެ. 

"ބޮލުގައި ރިއްސަނީތަ؟" އައިޒާ ކަންބޮޑުވިއެވެ.

"އެކަހަލަ ގޮތެއް..." ނަހުޔާން ބޭ އިޚުތިޔާރުގައި ނަމަވެސް އައިޒާގެ އަތް ދުރުކޮށްލާފައި ތެދުވެ ކޮފީ މަގު ނަގައިގެންގޮސް ހުއްޓުނީ ރެއިލިން ކާރީގައެވެ. ނަހުޔާން ހެދިގޮތުން އައިޒާގެ ނުތަނަވަސްކަން އިތުރުވިއެވެ.

"ޕެއިންކިލަރ އެއް ގެނެސްދެންތަ؟ "އައިޒާ ސުވާލުކުރިއެވެ.

"ނޫން...." ކުރު ޖަވާބެކެވެ. ނަހުޔާން އެހެން ދުވަހު މިގަޑީގައި އެ ޖަހާލާ ސަކާރަތުގެ ބަދަލުގައި މާ ހިމޭންވެފައި ހުރުމުން އައިޒާގެ ހިތުގައި އެތައް ސުވާލުމާކްތަކެއް ޖެހިގެން ދިޔަޔަސް އަހާލާކަށް ނުކެރުނެވެ. އައިޒާ ގުޑިލާން ނުކެރިފައި ހުރެ އިސްޖަހާލައިފިއެވެ. ޔަގީނެވެ. ނަހުޔާން އެހެރީ ކަމަކާއި މޫޑީވެފައެވެ. އައިޒާގެ ގާތުގައި ނުބުނަންވީ ކީއްވެ ހެއްޔެވެ؟ އެދޭތެރޭގައި މިހާރު މާ ބޮޑު ސިއްރެއް ފޮރުވިފައި އޮތީއެއްނޫނެވެ.

ނަހުޔާން އިރުކޮޅެއްވާންދެން ހިމޭނުން ހުރެ ވިސްނާލީ އަމިއްލަ ނަފުސާއި މެދުގައެވެ. ދާނިޔަލްއެކޭ އެއްފަދައިން އައިޒާ ހިތާމައިގެ ތެރެއަށް ވައްޓާލަން ހެޔޮނުވާނެއެވެ. އެންމެންގެ ދިރިއުޅުން ބަރުބާދުވެގެން ދާތަން ބަލަން ހުރުމަށް ވުރެ އޭނަގެ ގެއަކީ ދިރިހުރުންވާ ތަނަކަށް ހަދާ، އެންމެންގެ މޫނުމަތިން ހިނިތުންވުންތައް ގެނެސްދޭން މަސައްކަތް ކުރިއްޔާ މާ ރަނގަޅުވާނެއެވެ. ހަޔާތަކީ ކުރު އެއްޗަކަށް ވީއިރު ހިތާމައިގެ ތެރެއަށް ގެނބިގެން ތިބެ ނިމިގެން ދިޔުމަކީ އިންސާފެއް ހެއްޔެވެ؟ ކުރެވުނު އެންމެ ޕޮޒިޓިވް ޚިޔާލެއްގެ ސަބަބުން ނަހުޔާން އައިގޮތަށް އައިޒާގެ ނިތްކުރީގައި ބޮސްދިނީ ހިނިތުންވެލަމުންނެވެ.

"ބޭބީ، އަހަރެމެން މިއަދު ފަޅުރަށަކަށް އެކަނި ދާން ހިނގާ، ބަންދުދުވަހެއްވީމަ ހިތަށް އެރީ މި ވީކެންޑް މަގޭ ވައިފްއާއި އެކުގައޭ ސްޕެންޑް ކުރާނީ.... މިރޭ އެރަށުގައި ކޭމްޕްކޮށްލާފައި ހެދުނު ރަށަށް އަންނާނީ... މިއައިޑިއާ ކިހިނެއްތަ؟ " ނަހުޔާންގެ ޖުމްލައިން ލިބުނު އުފަލެއްގެ ސަބަބުން އައިޒާގެ މޫނު އެކީގައި އަލިވެގެން ދިޔައެވެ. ނަހުޔާންގެ ރީތި ދެލޮލަށް ބަލައިލުމާއިއެކު އައިޒާއަށް ހީވީ އެލޮލުގެ ފުންކަމުގެ ތެރެއަށް އަބަދުގެ އަބަދަށްޓަކައި ގެނބިގެން ދެވުނުހެންނެވެ.

"ހާދަ ރޮމެންޓިކް އައިޑާއެއް، މިރޭ ސާދަ ވިލޭރޭ، ފަޅުރަށެއްގައި ޓެންޓެއްގައި ނިދާލުމަކީ އަބަދުވެސް ޑްރީމެއް، މޫންލައިޓްގައި ބީޗްގައި ހިނގާލުމަކީ އެހާ ކުރާހިތުން އުޅޭކަމެއް....." އައިޒާ ވަގުތުން އުޅެގަތީ މިރޭ ކޭމްޕްދާން ތައްޔާރުވުމަށެވެ.

ނަހުޔާން ޔަގީންކުރީ ކޭމްޕް ދަތުރުގެ ސަބަބުން ސިކުނޑި ތާޒާވެ އުފާވެރިކަން އިތުރުވާނެ ކަމުގައެވެ. އަދި މެދުތެރެއިން ލިބެން އުޅޭ ބަންދު ދެދުވަހު އާއިލާ އާއި އެކީގައި ކޮންމެވެސް ކަމެއް ރާވާލާނީ އެވެ. ދާނިޔަލް އެގޮތަށް އެކަނިހުރެ ހިތާމަކުރާތަން ދެކެން އޭނަ ހިމޭނުން ނުހުންނާނެއެވެ. އެންމެން ޖެހޭނީ އެކަތިގަނޑަކަށްވެ އުފާވެރި ދިރިއުޅުމެއް އުޅޭށެވެ.

ހުކުރު ދުވަސްވީމަ އާދައިގެ މަތިން ގިނައިރުވާންދެން ނިދުމުގެ ބަދަލުގައި ފަތިހު ތެދުވެގެން ދާނިޔަލް ބެލްކަނި ހުޅުވާލި އިރު ފަޖުރުގެ ތަރި ހުރަހެއްނެތި ފެންނަން ހުއްޓެވެ. ފަތިހުގެ ފަނޑުއަލިކަމުގެ ތެރެއިން ދުނިޔެ ފެންނަނީ ވަކިން ރީތިކޮށް އަދި ހިމޭންކޮށެވެ. ދާނިޔަލް މިލާންއަށް މެސެޖްކޮށްލުމަށްފަހު ތެދުވެ ފެންވަރާލައިގެން ގަސްތުކުރީ މިލާންގެ ހާލު ބަލައިލަން ދިޔުމަށެވެ. މިލާން އަށް ވާނުވާގޮތް އެނގުން އޭނައަށް މުހިއްމެވެ. ރޭވެސް އޭނަ ލެބަށް ގުޅައިގެން ޚަބަރު ބަލައިލި އިރު މިލާންގެ ޕްލެޓްލެޓް ދަށްކަން އެނގުނީމަ އެކަމާއި ކަންބޮޑުވިއެވެ. މިލާންއަށް ދެރަގޮތެއް ވެދާނެތީ ފިކުރުބޮޑުވިވަރުން ނިދުނީއެއްވެސް ނޫނެވެ. ދާނިޔަލް ކާރަށް އަރަން އުޅެނިކޮށް ނަހުޔާން އާއި އައިޒާ ފެންޑާއަށް ނިކުތްތަން ފެނުނެވެ. 

"ބްރޯ، ކޮންތަނަކަށް މިހާ ހެދުނު......" ދާނިޔަލް ލުއިކޮށް ހިނިތުންވެލިއެވެ.

"ކޭމްޕް ދަތުރެއްގައި ދާންވެގެން ބައެއް އެއްޗެހި ގަނެލަންކަމަށް، ޑެނީ ހާދަ ފަތިހާ ހޭލައިގެން.... ޖޮގިންއަށް ތަ؟ " ނަހުޔާން ހައިރާންވިއެވެ. ޓީޝާޓާއި ޖިންސްގައި ހުރުމުން އޭނަ އެދަނީ އެފަދަ ތަނަކަށް ނޫންކަން ނަހުޔާންއަށް ޔަގީންވިއެވެ.

"ޕޭޝަންޓެއްގެ ހާލު ބަލައިލަން..." ދާނިޔަލް އަޑު އެއްވަރަކަށް ހިފަހައްޓަން މަސައްކަތް ކުރިއެވެ.

"ދޮންބެ ހާދަ އުފާވެއްޖެ، މިހާރު ރެސްޕޮންސިބިލިޓީސްތައް ނަގަންފެށިކަން މި ޔަގީންވީ.... ލަވް ޔޫ ލިޓްލް ބްރޯ....." ނަހުޔާން ދާނިޔަލްގެ ގައިގާ ބާރަކަށް ބައްދާލާފައި ނިތްކުރީގައި ބޮސްދިނެވެ. 

ދާނިޔަލް ހޮސްޕިޓަލަށް ގޮސް ކާރުން ފޭބިތަނާހެން ނަހުޔާންގެ މެސެޖެއް ލިބުނެވެ. ކަންތަކާއި ޕޮޒިޓިވްކޮށް ވިސްނުމަށާއި ކުރިން ފެނުނު އުފާވެރި ދާނިޔަލް އަބަދު ދެކެން ބޭނުންވާކަމުގައި ނަހުޔާން ލިޔެފައި އޮތެވެ. ދާނިޔަލް ހީލިއެވެ. ނަހުޔާން އަޅާލާވަރު އެގުނީމަ އުފާވެސްވިއެވެ. އެކަމަކު އޭނަގެ ދޮންބެއަށް ނޭގުނީއެވެ. ޅައިރު ކިތަންމެ އުފަލުން އުޅުނަސް ވަކި އުމުރެއްގައި ހިތެއްގައި ލޯބި އުފެދިއްޖެއްޔާ ހިތާމައާއި ރިހުން އިހުސާސް ކުރަން ޖެހޭނެއެވެ. ލޯބީގައި އެކުލެވެނީ އެކަނި އުފަލެއްނޫނެވެ. ޚުދު އޭނައަށް ދިމާވެފައިވަނީ އެފަދަ ގޮތެކެވެ. މިލާން ހަޔާތަށް އައުމަށްފަހު ލިބުނީ އެކަނި އުފާވެރި ކަމެއް ނޫނެވެ. އެތައް ހިތާމަތަކެއް ތަހައްމަލުކުރަން ޖެހިއްޖެއެވެ. އަބަދާ އަބަދުހެން މިއުޅެވެނީ އެފިކުރުގައެވެ. އެކަނި މިލާންއެއް ނޫނެވެ. އިރާގެ ނިކަމެތި ކަމާއި މެދު އެހާ ރަހުމް އުފެދެއެވެ. ހީވަނީ ދެފަރާތުން ފިއްތުންތައް ކުރިމަތިވެ ބޯ ގޮވާފާނެ ހެންނެވެ.

ދާނިޔަލް ދޮރު ހުޅުވައިލުމާއި އެކު މިލާން ބަލައިލި އިރު އެ ދޮންމޫނު މަތިން އަދިވެސް ވަރުބަލިކަމުގެ އަސަރުތައް ފެނެއެވެ.

"މޯނިން ގާލް... ކިހިނެއްތަ؟ " ދާނިޔަލް ފެނުމުން މިލާންގެ ދޮން ކޯތާފަތަށް މަޑު ރަތްކުލައެއް ފާއްދާލައިފިއެވެ.

"ފައިން، ޑެނީ، ރޭގަ ފޯނު ލިބުނީމަ އުފާވިވަރު ބުނެދޭނެގޮތެއް ނޭގޭ، އެކަމަކު ޑެނީ ގެނެސްދިނީ މާ އެކްސްޕެންސިވް ފޯނެއް......" މިލާން ރަކި ހުނުމަކާއިއެކު ބުނެލިއެވެ.

"ޕޭ މީ ބެކް ތަންކޮޅެއް ފަހުން..." ދާނިޔަލް ހޭންފެށިއެވެ. ކޮންމެ ފަހަރަކު އެގޮތަށް އަގު ފަހުން ދައްކާށޭ ދާނިޔަލް ބުނިކަމުގައި ވިޔަސް އެއީ ދުވަހަކު ދާނިޔަލް އަގު ހޯދާނެ އެއްޗެއްސެއް ނޫނެވެ. ހިތުން ރުހުމުން ލޯބިވާ ފަރާތަކަށް ދޭ ހަދިޔާއެއްގެ އަގު ހޯދާނެ ގޮތަކީ ނެތްގޮތެކެވެ. އެވަގުތު ދާނިޔަލް ހަނދާންވީ އިރާގެ މަތިންނެވެ. އިރާގެ ހާލު ރަނގަޅު ބާވައެވެ. އަބަދާ އަބަދު ނޭވާނުލެވިގެން އުޅޭ ކުއްޖަކަށް ވާއިރު ޖުވޭދާ އަޅާލާނެ ކަމެއް އެނގެނީއެއް ނޫނެވެ. ނަމަވެސް މިލާންގެ ރީތި މޫނަށް ބަލައިލުމުން އަނެއްކާ އެހެން ހުރިހާކަމެއް ހަނދާން ނައްތާލަން މަޖުބޫރު ކުރުވިއެވެ. ދާނިޔަލް ގެ ސަމާސާ އުފާވެރި ވާހަކަތަކުން މިލާން އޮތީ ނިކަން ހިތް ހަމަޖެހިފައެވެ. އެވަރުންވެސް ލޯބިވާ ވާހަކަ ބުނާކަށް ދާނިޔަލް ނޫޅުނެވެ. އެއަޑުއަހާހިތުން މިލާންއަށް ކެތްކުރެވެނީއެއް ނޫނެވެ.

ދާނިޔަލް ގެއަށް އައީ އެގާރަޖަހަން އުޅެނިކޮށެވެ. އޭރު ގޭތެރޭގެ ކޮންމެވެސް ދިމާލަކުން މިއުޒިކެއްގެ އަޑު ފުރޭނިގެން ބަގީޗާތެރެއަށް އިވިއިވި ހުއްޓެވެ. ދާނިޔަލް އިރާގެ ކޮޓަރީގެ ދޮރުހުޅުވާލި އިރު އެކޮޓަރި ވަނީ ހުހަށެވެ.

"ވެއަރ އާރ ޔޫ ލިޓްލް ގާލް..." ދާނިޔަލް ގޭތެރޭގައި ބުރެއް ޖަހާލާފައި އެންމެފަހުން އިރާ ހުރިތަން ދެނެގަތެވެ. އިރާ އިނީ ޕިއާނޯ ކުޅޭށެވެ. ތަނުގައި އަޅާފައިވާ ބޯ ދޫލައިގެ ސަބަބުން ފިޔަވަޅުގެ އަޑު ނީއްވާ ދާނިޔަލް ކުރިމަތީގައި ހުއްޓި ހުރެ ވީޑިއޯ ނަގަން ޖައްސާލިއިރު އިރާ އަކަށް ރޭކާނުލިއެވެ. އޭނަ ރާގާއި އެއްވަރަށް ލަވަކިޔަމުންދާލެއް ފުރިހަކަމުން ދާނިޔަލްގެ ގައިން ހީބިހިހަލުވައިލިއެވެ. ހާދަ އަސަރުގަދައެވެ.

"ޔޫ ޝޯން ލައިކް ހެވަން ފަޔަރ
އެންޑް ލެފްޓް މީ ކްރައިން އިން ދަ ޑާރކް
ހައު ކުޑް އެނީވަން ބީ ސޯ ހާޑް
ޑިޑް ޔޫ ތިންކް އައި ހޭޑް އެން އަންބްރޭކަބްލް ހާރޓް....." އިރާ އަމިއްލަ ރާގަކަށް ލަވައެއް ކިޔާލިއިރު ހީވީ ހަމަ ދާނިޔަލް އާއި ދިމާލަށް ބުނެލި އެއްޗެއްހެންނެވެ. ދާނިޔަލް އެތާހުރިކަން އެނގިގެން ހުރެ ގަސްތުގައި ކިޔާލި ލަވައެއް ހެންނެވެ. ދާނިޔަލްގެ ހިތަށް ނުބައި ގޮތެއްވިއެވެ. އިރާގެ ހިތުގެ އިހުސާސާއި ކޮށްފައިވާ އަސަރު ލަވައެއްގެ ސިފައިގާ އެ ގެނެސްދިނީއެވެ. އެވަރުންވެސް އެ އިހުސާސްތައް ނުދެނެހުރިކަމަށް ދާނިޔަލް ހެދެންވީ ހެއްޔެވެ؟ އިރާ ދުލުން ބުނެލާގޮތަށް އޭނަ ދެކެ ނަފްރަތުވާކަމަށް ނިންމަންވީ ހެއްޔެވެ؟ ކޮޓަރި ތެރޭގައިވާ ބިއްލޫރި ދޮރުތަކުގެ ފަރުދާތައް ކަހާލާފައި އޮތުމުން އިރުގެ އަލި މުޅިތަނަށް ފަތުރާލާފައިވެއެވެ. އެދޮންމޫނުގެ އަލިކަން ވަކިން ވިދައެވެ. ކަޅު އެސްފިޔަތަކާއި ހިމަ ދިގުބުމައިގެ ސަބަބުން އެ ނީލަން ކުލައިގެ ލޮލުގެ ރީތިކަން ބަޔާންކުރަން ދަތްޗެވެ. އެ ލޮލުގައި ދިރުމެއްނެތޭ ބުނާނީ ކާކުހެއްޔެވެ؟ ދާނިޔަލް އިރާ އާއި ކާރިއަށް ޖެހިލިއެވެ. މިހާރު އެދޭތެރޭގައި ވަނީ އެންމެ ދެތިން އިންޗީގެ ދުރުމިނެވެ.

ދާނިޔަލް އެއްފަރާތަކަށް ޖެހިލަން އުޅުނު ވަގުތު އިރާ ކިބިއްސެއް އަޅާލިއެވެ. ދެލޯ ބޮޑުކޮށްފައި ހޯދާލައިފި އެވެ. ދާނިޔަލްގެ ސެންޓްގެ ވަސް ނޭފަތުގައި ޖެހުނީ އަދި ކިރިޔާ ކަންނޭގެއެވެ.

"ޑެނީ....." އިރާ ވަށައިގެން ހޯދާލި އިރު އޭނަ އިނީ ކުޑަކޮށް ރަކިވާގޮތްވެފައެވެ.

"އާރ ޔޫ ދެއަރ......" އިރާ އަދިވެސް އިނީ ފަހަތަށް އެނބުރިގެންނެވެ. ދާނިޔަލް އެވަގުތުކޮޅުވެސް އިރާއާއި މެދު ހަމްދަރުދީވިއެވެ. އެކުއްޖާފުޅުގެ ހާލު ހިތަށް އެރީމަ ބުނަން ނޭގޭފަދަ ގޮތެއްވިއެވެ. ކުޑަކުއްޖެއްފަދައިން އެހެންމީހުންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާފަދަ ކުއްޖެކެވެ. ކޮންމެފަދަ ކަމެއް މީހަކު ކޮށްލިޔަސް ދިފާއުވާނީކީ އެއް ނޫނެވެ. ހާދަ ބާރެއްނެތެވެ. ދެލޮލުގެ އަލިކަން ނެތުމަކީ އަޒާބެކެވެ. ބޮޑު ވޭނެކެވެ. އެހުރިހާކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ޚުދު ދާނިޔަލް ކަމަށް އޭނަގެ ޒަމީރު އެއްބަސްވިތާ ކޮން ދުވަހެއް ހެއްޔެވެ؟ އިރާގެ ހިތްވަރާއިމެދު ހިތް ތައުރީފުކޮށް އެ ރީތި ލޮލަށް ފެނުމަށް އެދި ހިތާހިތުން ދުއާކުރެވުނެވެ. އިރާ ދޫކޮށްލާފައި ދުރަށް ދެވޭނީ އެލޮލަށް ފެނުމަށް އިރާދަކުރެއްވި ދުވަހަކުންނެވެ. ދާނިޔަލް މަޑުމަޑުން އެތަނުން ނިކުމެގެން ބޭރަށް ދިޔަގޮތަށް ކޮޓަރިއަށް ވަދެ ޓީޝާޓަކާއި ސޯޓެއްލައިގެން އިރާގެ ކޮޓަރިއަށް ދާން ގަސްތުކުރިއެވެ. އޭނަ ލެޕްހުޅުވާލައިގެން އިނދެ ލޯ އަނދިރިވުމާއި ބެހޭގޮތުން ހުރި ލިންކުތަކެއް ކިޔާލަންފެށިއެވެ. އޭނަ ރިސާޗް ހަދަން ބޭރު ގައުމަކަށް ދާންވީކަން ނޭގެއެވެ. އިރާގެ ލޮލަށް ފަރުވާއެއް ލިބޭތޯ މިހާރުއްސުރެ މަސައްކަތް ކުރަންވީއެވެ.

އިރާ އިރުކޮޅެއްފަހުން ކޮޓަރިއަށް ވަންގޮތަށް އޭނަގެ މަންމަ އަށާއި ދާނިޔަލްއަށް ގޮވިއެވެ. ދާނިޔަލް ހީކުރީ އިރާ ކޮންމެވެސް ކަމަކު ބޭނުންވެގެން އުޅޭކަމަށެވެ. ނަމަވެސް ވިސްނައިލުމުން އެނގުނީ އެކޮޓަރީގައި މީހަކު ނެތްކަން ޔަގީންކުރަންވެގެން ހެދިގޮތެއް ކަމުގައެވެ. މީހެއްގެ ހިލަމެއްނުވުމުން އަވަހަށް ގޮނޑިއެއް ދަމައިގެންގޮސް ދޮރު ލައްޕާލާފައި ހުރިހާ ތަންޑުތައް އަޅުވަންފެށިއެވެ. އެހާވަރުން ތަންޑުތައް އެޅުވީ ދާނިޔަލްވެސް ތަޅުދަނޑިން ދޮރު ހުޅުވާލަފާނެތީ އެކަމަށް ހުރަސް އަޅަންވެގެންނެވެ. ދާނިޔަލް ސިހޭ ގޮތްވިއެވެ. އިރާ އެއުޅެނީ ކީއްކުރަން ބާވައެވެ.

"ސުއިސައިޑް...." ދާނިޔަލްގެ ހިތުގައި ޖެހުނީ އެގޮތަށެވެ. އަނދިރި ކުއްޖަކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށްކަން ނޭގެއެވެ. 

ކޮމެންޓް 0