"އެވާނީ އަހަރެންގެ ހިތުގެ ޕްރިންސްއަށް...... ނޫން، ޑެނިއަލް ނާންނާނެ، އޭނަ އަހަރެންގެ ފަހަތުން އުޅެންވީ ކީއްވެތަ؟ އޭނަގެ ވައިފް ކިހާ ރީތި، އެހާ ރީތި ދެލޮލެއް މާލެއަކުން ނުދެކެން، ކޮންފަދަ ރީތި ކުލައެއް، މައްސަލައަކީ ދެކުދިން އެކަކު އަނެކަކު ހޭޓްކުރާހެން ހީވާތީ... އެރެންޖް މެރިޖެއްގައި ވާނީ އެހެންތާ... އެހެންނޫނަސް އެހާ ކްލޯޒްއިރު މެރީކުރުވާކަށް ނުވެސް ވާނެ، ޑެނިއަލްއަކީ އިރާގެ ސްޓެޕް ބްރަދަރ... އެއް ފެމިލީވީމަ ދެން އެމީހުންވެސް ބޭނުން ނުވަނީ ކަންނޭގޭ، އިރާ ޑެނިއަލް އާއި އެކު އުޅެން ބޭނުން ނުވިއްޔާ އަހަންނަށް ހޯޕް އޮންނާނެތަ؟ ޑެނިއަލް އަހަރެން ދެކެ ލައިކްވާނެތަ؟ ޓަކިދިނީ ކޮންމެ މީހަކަށް ވިޔަސް އަހަރެންގެ ހިތް ޑެނިއަލްއަށް އިންތިޒާރު މިކުރަނީ ހާދަ ވަރަކަށޭ، އަހަރެންގެ ޑެނިއެލް އަންނާނެނަމަ........" މިލާން ލޯގަނޑު ދޮށުގައި ހުއްޓިހުރެފައި ކުޑަކޮށް އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވައިލި އިރު ހިތް ތެޅޭވަރުން ހީވީ މޭކަށިގަނޑު ފަޅާލާފައި ފުންމާލަފާނެ ހެންނެވެ. ދޮރުމަތީގައި ހުރީ ހީކުރިފަދައިން ދާނިޔަލް އެއް ނޫނެވެ. އަވަށްޓެރި އަންހެންކުއްޖެކެވެ. އެ އަންހެންކުއްޖާ ފެނުމުން މިލާންގެ ތުންފަތްމަތީގައި ވި ފަނޑު ހިނިތުންވުން ފިލައިގެން ހިގައްޖެއެވެ.

"އައިމް ސުދާ...." ސުދާ ފޮނިގޮތަކަށް ހީލައިފިއެވެ.

"އަހަންނަށް އެނގޭ....." މިލާން ހިނިތުންވެލާފައި ސުދާ ވަންނަން ތަން ދެއްކިއެވެ.

"މާމަ ކިހިނެއްތަ؟ މިލާން މަންމަ ނިޔާވި ދުވަހު އަހަރެން މޫނު ދެކެން އައީމޭ، ނަދާ ދައްތަ އެހާ ހިކިމީހާ މަރުވީމަ އޮތްލެއް ރީތިކަމުން އަހަރެން ހައިރާންވި...." ސުދާ ފެށި ވާހަކަ އަކުން މިލާންގެ ހިތަށް އުދަގޫތަކެއްވިއެވެ. މަންމަގެ ވާހަކަދައްކައިގެން މާޒީގެ ހަދާންތައް އާކުރުވާ ލޮލުން ކަރުނަ ހިލުވާލައިފި އެވެ.

"މާމަ އިނީ ނަމާދަށް، ވަރަށް އަވަހަށް ނިމޭނެ، މާމަ ނިމެންދެން އިށީދެލަންވީނު...." މިލާން ސުދާ އިށީންނަން ގޮނޑި ދައްކާލުމުން ސުދާ ގާތްގޮތަކަށް މިލާންގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"އެކްޗުއަލީ އަހަރެން އައި ސަބަބު އެނގޭތަ؟ މަންމަ ބިއުޓީ ސެލޫންއެއް ހުޅުވާލައިގެން މަސައްކަތް ފެށިތާ ދުވަސްކޮޅެއް މިވީ.... ވީ ނީޑް ގާލްސް... އަހަރެން ހިތަށް އެރީ މިލާން އެފަދަ ޖޮބަކަށް ރަނގަޅު ވާނެއޭ، މިލާންއަށްވެސް ގެ ކާރީގައި ހުރެގެން ފައިސާ ލިބުނީމަ ކިހާ ރަނގަޅު، އެހެންވެ ހިތަށް އެރީ ހެލްޕްވާނީއޭ، ކުރީ ދުވަހު މުފީދާދައްތަ މަންމަ ކާރީގައި ދެއްކި ވާހަކައިން އެގުނު ދެމީހުން ވަރަށް ޑެސްޕެރޭޓްވެފައި ތިބިކަން......" ސުދާ މިލާންގެ އޮމާން މޫނަށް ބަލަހައްޓައިގެން ހުރީ ހަސަދަވެރިކަމުގެ ލޮލަކުންނެވެ. އެންމެ ލަފެއް، ބިއްސެއްނެތް އޮމާން މޫނެކެވެ. ސުދާ ކިތަންމެ ވަރަށް ފައުންޑޭޝަން އެއްޗެހި އުގުޅާލާފައި ހުންނައިރުވެސް ފުރާވަރު އުމުރުގައި މޫނުގައި ނެގި ބިހިތަކުގެ އަސަރު ކޮންމެވެސް ވަރަކަށް އެގެން ހުރެއެވެ.

"އޯހް.. ތެންކިއު......" މިލާން އެހާ ޝައުގެއް ނެތްކަމަކަށް ވިޔަސް ހަގީގަތުގައިވެސް ވަޒީފާއެއް މުހިއްމެވެ. ފެން، ކަރަންޓް އަދި ފޯނު ބިލު އަންނަން ފެށުމުން އޭނަގެ ސިކުނޑިއަށް ބާރު ބޮޑުވާނެއެވެ.

މުފީދާ ނަމާދުކޮށް ނިމުނުއިރުވެސް ސުދާ މިލާން އާއި އަނގަތަޅަން އިނެވެ. ހީވަނީ އެތައް ދުވަހަކުއްސުރެ ދެނެ ފަރިތަ އެކުވެރިއެއް ހެންނެވެ. މިލާން ސުދާއަކަށް ހިތް ހުޅުވާލާކަށް ބޭނުމެއް ނޫނެވެ. އޭނައަށް ސުދާ ދަސްވެފައި ނުވާތީއެވެ. ނަމަވެސް ސުދާ ހީވަނީ އަނގަޔަށް ރެވިތެޔޮ އަޅާފައިވާހެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ސުދާއާއި ބެހޭ އެތައްކަމެއް މިލާންއަށް އެނގިއްޖެއެވެ. އޭނަ މިލާން ލައްވާ ސިޔާސީ ވާހަކަދައްކަން އުޅުނެވެ. މިލާން ބުނީ ދުނިޔެއިން އެންމެ ފޫހިވާ ކަމަކީ ސިޔާސީ ދާއިރާ ކަމުގައެވެ. މިލާން ސުދާއަށް ސައި ދިނެވެ.

"ޑާޓީ ޕޮލިޓިކްސް ދޯ، އަހަރެން ދަން މުޒާހަރާތަކަށް ވެސް، ކޮންމެވެސް ދުވަހަކުން މަޖުލީހުގެ ގޮނޑިއެއްވެސް ހޯދާފައި އަހަރެން ހުއްޓާލާނީ، އެއީ މަގޭ ޑްރީމްއަކީ، ޑްރީމް ބިގް... ވޯރކް ހާޑް.. ދެން ނުވާނީ ކޮންކަމެއްތަ؟ އެމެރިކާ މީހުން ހަނދަށްވެސް ދިޔަ ގޮތަށް އަހަރެމެންނަށް ނުވާންވީ ކީއްވެތަ؟ އަހަރެން އެހާ ޕޮޒިޓިވްކޮށް ވިސްނާތީކަން ނޭގޭ މިހާތަނަށް މިއާދެވުނީ..... " ސުދާ ފްރިޖް ހުޅުވާލާފައި ފެންފުޅިއެއް ނަގައިގެން އަނގަޔަށް ފެންކޮޅެއް އަޅާލިއެވެ.

"އިރާދަކުރެއްވިއްޔާ....." މިލާންއަށް ބުނެވުނެވެ.

"ޔަޕް......ގޯޑް ވިލިން...." ސުދާ ހިތާހިތުން ދުޢާކޮށްލިއެވެ. ސުދާ ދެކޭ އެންމެ ރީތި ހުވަފެނަކީ ދާނިޔަލްގެ އަންބަކަށް ވުމެވެ. އެވަރލޭންޑްގެ ރަނިކަން ކުރެވިއްޖެއްޔާ ދުނިޔޭގެ ހުރިހާ އުފަލެއް އޭނަގެ އުނގަށް އެޅުނީއެވެ. އޭރުން އެހެން އަންހެންކުދިން ހަސަދައިން މަރުވާވަރުވާނެކަން ޔަގީނެވެ. އޭނަ ވަޒީފާއަށް އަންނާނީ ދާނިޔަލްގެ ފެރާރީ ކާރުގައެވެ. އަތުގުޅުވާލައިގެން ދެމަފިރިން އެކީގައި ހިނގާލާފައިދާއިރު އެންމެންގެ ލޯތައް އެ ދިމާލަށް ހުއްޓޭނެއެވެ. މާލެ ދުވަހަކު ނުދެކޭފަދަ ޕާޓީއެއްވެސް އޭނަ ބާއްވާނެއެވެ. ހަނީމޫނަށް ދާނީ ސްވިޒަރލޭންޑަށެވެ. އެ ރީތި ހުވަފެން ފުރިހަމަ ކުރަން ވެގެން ސުދާ މިހިރީ ދިމާވާ ކޮންމެ ހުރަހެއް ނައްތާލަން ތައްޔާރަށެވެ. ދާނިޔަލް ވާން ޖެހޭނީ އޭނަގެ މީހަކަށެވެ. ފަންޑިތަ ހައްދައިގެން ވިޔަސް އޭނަ ދާނިޔަލް ކާމިޔާބުކޮށްފައި ނޫނީ ހުއްޓައެއް ނުލާނެ އެވެ. 

"މިލާން، މާދަން ޖޮބަށް ނިކުމެވޭނެތަ؟ " ސުދާ އަނގަޔަށް ލައިގެން ހަފަން ފެށި ޗުއިންގަމުން ބޮޑު ބޮއްކެއް އަރުވާލިއެވެ.

"އަހަރެން ކޯސް ނަހަދާ ހުރިއިރު އެއްވެސް ކަމެއް ކުރާކަށް ނޭގޭނެ، ހެއަރ ޑައިކުރުން ފޭޝަލް ހެދުން އަދި ބުމަ ހެދުމަކީވެސް އެނގިގެން ރަނގަޅަށް ކުރަން ޖެހޭކަމެއްނު..." މިލާން ވަޒީފާއަކަށް ކިތަންމެ ބޭނުންވިޔަސް ނޭގޭ ކަމެއް ކުރާނެގޮތެއް ވިސްނުމަކަށް ނައެވެ. ކަސްޓަމަރުންގެ ހިތް ހަމަޖެހުންވެސް ބޭނުންވާނެތާއެވެ. ނުބައިކޮށް ބުމަ ހަދައިފިއްޔާ އަންހެންކުއްޖަކު އޭނަގެ މޫނު ނޮޅާލަންވެސް ފަހެއް ނުޖެހޭނެއެވެ.

"ފުރަތަމަ ޔޫ ކެން ވޯކް އިން ރިސެޕްޝަން...." ސުދާ ވާހަކަދެއްކި ގޮތުން ހީވަނީ އިނގިރޭސިއެއް ހެންނެވެ. އެހާވެސް ރާގުލާފައި ފޮނިގޮތަކަށް ވާހަކަދައްކާ އިރު ދިވެހިބަހަށްވުރެ އިނގިރޭސިބަސް ބޭނުން ކުރަނީ މާ ގިނައިންނެވެ. 

ސުދާގެ އާއިލާއަކީ ތަނަވަސް އާއިލާއެއް ނޫނެވެ. މަންމަގެ ފިރިހެން ކޮއްކޮ އާއި މަންމައާއި ދެމީހުންވެގެން ގެ ބުރި ބުރިއަށް ހިއްލާ ވިޔަފާރިކުރަން ފެށީ ދާދި ފަހުންނެވެ. މަންމަ ސެލޫންއެއް ހުޅުވިފަހުން ސުދާ ހުންނަނީ ނިކަން ފޮނިވެފައެވެ. އެކުވެރިން ގާތުގައިވެސް އަބަދު ދައްކަނީ " ސުދާ ސެލޫން" ގެ ފެންވަރު ރަނގަޅު ކަމުގެ ވާހަކައެވެ. މަންމަ އޭނަގެ ނަން ސެލޫންއަށް ދިނުމުން އެއީ ސުދާއަށް ލިބުނު ފަޚުރަކަށްވިއެވެ.

"ހާދަ ރަނގަޅޭ، އަހަރެން މިވަގުތު ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޖޮބެއް ބޭނުން...." މިލާން ހިނިތުންވެލިއެވެ. ސުދާއަކީ މިލާން ރުހޭ މިޒާޖެއްގެ ކުއްޖަކަށް ނުވިޔަސް އެ އިހުސާންތެރިކަމުގެ ސަބަބުން ސުދާއާއި ރީތިކޮށް ވާހަކަދައްކަން މަޖުބޫރުވިއެވެ.

މިލާން ޖެހިގެން އައި ދުވަހު ވަޒީފާއަށް ނިކުންނާން ފެށިއެވެ. މިލާން ފޫހިވީ އެތަނަށް އަންނަނީ އެކަނި އަންހެންކުދިން ނޫންކަން އެގުމުންނެވެ. މަސައްކަތް ކުރަން ތިބެނީ އަންހެން މުވައްޒަފުންނަށްވެފައި އެތަނުގައި ފިރިހެނުން ވަގުތު ހޭދަކުރުމާއި މެދު މިލާންގެ ހިތުގައި ސުވާލު އުފެދޭގޮތްވިއެވެ. މާލޭގައި މަސާޖް ޕާލާތަކުގެ ވާހަކަތައް މަޝްހޫރުވެފައިވާ ދުވަސްކޮޅެއްގައި ހިތުގައި ޝައްކު އުފެދުމަކީ ނުވެނުދާނެ ކަމެކެވެ. މިއީ މަސާޖް ޕާލާއެއް ނޫނެވެ.

"ޑޯންޓް ވޮރީ މިލާން، ފިރިހެނުންނަށް ވަކި ބަޔެއް ހުންނަނީ، އެމީހުންވެސް ހެއަރ ޑައިކޮށްލާފައި ރީތިވެލަން ބޭނުންވާނެ....." މިލާންއާއި އެކުގައި މަސައްކަތްކުރާ ކުއްޖާ މިލާން ގާތުގައި ބުނެލިއެވެ. އެ ޖަވާބަކުން މިލާންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މިލާން އިންނަނީ ހާސްވެފައެވެ. ބިރުގެންފައެވެ. ރިސެޕްޝަން ކުޑަކަމުން އެތަންކޮޅުގައި ނޭވާ ހާސްވާގޮތްވެއެވެ. ކަސްޓަމަރުން ޖެހެނީ ހަނި ސިޑިއަކުން މަތީބަޔަށް އަރާށެވެ. އެތަނުގެ ދޮރުލެއްޕުމަށްފަހު ކަންތައް ހިގާގޮތެއް މިލާން އަކަށް ނޭގެއެވެ. މިތަނުގެ މުވައްޒަފަކަށް ވީމަ ތަނުގައި ހިގާކަންތައް އެނގެން ޖެހޭނެކަމަށް މިލާން ގަބޫލުކުރެއެވެ.

މިލާން ސުދާ ސެލޫންގައި މަސައްކަތްކުރަން ފެށިތާ ހަފްތާއެއް ވޭތުވެގެން ހިގައްޖެއެވެ. މިލާން ހައިރާންވަނީ އެވަރލޭންޑްގެ އެއްވެސް މެމްބަރަކު އޭނައަށް ގުޅާނުލާތީއެވެ. އިސްވެ އެމީހުންނަށް ގުޅާލަން އޭނައަކަށް ނުކެރޭނެއެވެ. އެއީ ވެރިންނެވެ. ނަމަވެސް މިހާ ދަށްވެ ނިކަމެތިވެގެން ހުރުމަކީ ރަނގަޅުކަމެއް ބާވައެވެ. އެގެއަށްވެސް ޖައްސާލަންވީއެވެ. އިރާއަށް ހަދިޔާއެއް ހިފައިގެން ގެންގޮސްދޭނީއެވެ. އިރާ ބޭނުން ވާނީ ކޮންއެއްޗެއް ބާވައެވެ. ލޯ އަނދިރި ކުއްޖަކަށް ހަދިޔާއެއް ދިނުމަކީ އުދަގޫކަމެކެވެ. އިރާއަކީ ޗޮކްލެޓް ކާހިތުން އުޅޭ ކުއްޖެކެވެ. ޗޮކްލެޓާއި އޯޑިއޯ ވާހަކަފޮތްކޮޅެއް ކިހިނެއްވާނެ ބާވައެވެ. މިލާން އެ ޚިޔާލުގައި ހުރެ ގޮސް ރިސެޕްޝަނުގައި އިށީންތަނާހެން އިސްތަށިގަނޑު ދިގުކޮށްލާފައިވާ ފިރިހެންކުއްޖަކު ވަނުމުން މިލާންގެ ހިތަށް ނުބައިގޮތެއްވިއެވެ. ދުވަންފެށި ސިގިރެޓް ވަހުން ނޯށްދަމާލަން ކެރޭ ވަރެއް ނުވިއެވެ. އޭރު އޭނަ އިނީ އެކަނިމާ އެކަނިއެވެ. މިފަދަ ތަންތަނުގައި މަދުވަނީ ވަޒީފާގެ ރައްކާތެރިކަން ކަމަށް މިލާން ނިންމީ މިފިރިހެންކުއްޖާ ވަނުމަށްފަހުގައެވެ. މި ފިރިހެންކުއްޖާ އޭނަގެ އަތުގައި ހިފާލިޔަސް ކުރާނެ މާ ބޮޑުކަމެއް ނޯންނާނެއެވެ. ވީއިރު މިއީ އަންހެންކުއްޖަކާއި އެންމެ އެކަށީގެންވާ ވަޒީފާއެއް ނޫނެވެ. 

އެ ފިރިހެންކުއްޖާ އިސްތަށިގަނޑު ޑައިކުރުވަން ލާރި ދައްކާފައި މިލާން އާއި ވާހަކަދެއްކީ ސަމާސާ ކުރާ ފާޑަކަށެވެ. އޭނަ ބޭނުންވަނީ މިލާން ލައްވާ އިސްތަށިގަނޑާއި ކުޅުވަންކަމުގައި ބުނުމުން މިލާން އިނީ ދަތްތަކަށް ބާރުކޮށްލައިގެންނެވެ. ނަމަވެސް އެފަދަ މީހުންނާއި ޒުވާބުކުރުމަކީ އަލިފާނަށް ޕެޓްރޯލް އުކުން ފަދަ ކަމެކެވެ.

"ބެލެންސް...." މިލާން ލާރި ކަނޑާލާފައި ބާކީ ދިނުމުން އެ ޒުވާނާ ހީލިއެވެ. ބަލައިލި ގޮތަކުންވެސް މިލާން އިނީ ބިރުގެންފައެވެ.

"ލަވް ޔޫ ދޫނި......" އެ ޒުވާނާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުން މިލާން ބުމަގޮށްޖަހައިލި އެވެ. 

މިލާން އެ ސެލޫންގައި މެންދުރުން ފެށިގެން ހަވީރު ހަޔެއްޖަހަންދެން މަސައްކަތްކުރަން ޖެހުނުކަމީ ނަސީބެކެވެ. ރޭގަނޑު ދާން ޖެހުނުނަމަ އޭނަ އުޒުރުވެރިވީހެވެ. ނަމާދަށް ބަންގިދިނީމަ ގެއަށް ވަދެ ނަމާދުކޮށްލާ ހަދައިގެން ސައިބޮއިގެން އާދެވެނީ ކިރިޔާއެވެ. ކޮލެޖަށް ދަމުން ކިޔަވަމުން ގޭގެ މަސައްކަތްކުރުމަކީ މިލާންފަދަ އަންހެންކުއްޖަކަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިހާރު މިލާން ބޭނުންވަނީ މާމަ އަރާމުކުރަން އިނުމަށެވެ. ހެދިކާ ނަހަދަންވެސް އޭނަ އޮންނަނީ އަންގާފައެވެ. ސަރުކާރުން ލިބޭ އިނާޔަތުގެ ފައިސާއިން މާމައަށް ބޭނުންވާ ޚަރަދުތައް ކުރެވޭނެއެވެ. އެހެންނޫނަސް މިލާން މަސައްކަތް މިކުރަނީ މާމައަށްޓަކައިވެސް މެއެވެ. އެހެން އުޅޭއިރުވެސް މިލާން ގެ ހިތް ސިއްރުން އެދެނީ ދީނާ އަދި އޭނަގެ ގާތަށް އައުމަށެވެ. ރަނގަޅު ވަޒީފާއެއް ހޯދަދިނުމަށެވެ. އެ އާއިލާއަށް ނިސްބަތްވާ އެތައް ކުންފުނިތަކާއި، ރިޒޯޓްތަކާއި، އޮފީސްތައް ހުންނައިރު ރައްކާތެރި ވަޒީފާއެއް ހޯދަދީފިއްޔާ ދީނާ ކޮލެޖް ފީނުދެއްކިޔަސް އޭނައަށް އެންމެ ރަނގަޅެވެ. 

އައިޒާ އަންހެނުންގެ ޑޮކްޓަރަށް ދައްކަންދާއިރު އޭނަ އާއި އެކުގައި ނަހުޔާން އަންނާނެ ނަމައޭ ހިތަށް އެރިޔަސް މިވީހާތަނަށް އައިޒާ ގެ އުއްމީދު ފުރިހަމަވެފައެއް ނެތެވެ. އޭނަ އަންނަން ޖެހެނީ އެކަނިމާ އެކަނިއެވެ. ބަލިވެ އިނުމުން ފިރިޔެއްގެ ފަރާތުން ލިބެން ޖެހޭ އެއްވެސް އަޅާލުމެއް އޯގާތެރިކަމެއް ނަހުޔާންގެ ފަރާތަކުން ނުލިބޭތީ ހިތް ޝަކުވާއިން ފުރިފައިވެއެވެ. ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކާފައި ސްކޭން ހަދާއިރު ތުއްތު ދަރިފުޅު ފެނުމުން ލޮލުން ކަރުނައާދެއެވެ. ޕްރިންޓްކޮޅުގައި ބޮސްދެވެއެވެ. އެ ތުއްތު ދަރިފުޅަށްޓަކައި ހިތް ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރެއެވެ. މިހާރު ބަނޑަށް ހަތަރުމަހަށްވުރެ ގިނަވެފައި ވިޔަސް ބަނޑު ތުނިކޮށް ހުންނާތީ އައިޒާ ބަލިވެއިންކަމެއް ބަލާފައެއް ނޭގެއެވެ. އެވެސް އޭނަގެ ރީތިކަމުގެ ބަޔަކީއެވެ. އައިޒާ ސްކޭން ހަދަން މިއަދު އައީ އެކުވެރި ޑޮކްޓަރެއްގެ ގާތަށެވެ. ދަރިފުޅު ތޮޅޭކަން އިހުސާސް ނުކުރެވޭ ކަމަށް ބުނުމުން ޑޮކްޓަރު ބުނީ އަދި މައްސަރެއްހާ ދުވަސްފަހުން އިހުސާސް ކުރެވޭނެ ކަމަށެވެ. އައިޒާ އެނދުގައި އޮށޯވެލުމުން ޑޮކްޓަރ ޕްރޯބް ބަނޑުގައި ޖައްސާލުމާއިއެކު ނިތްކުރީގައި ރޫތައް ގިނަވިއެވެ.

"އެނީތިން ރޯންގް......." އައިޒާގެ ނޭވާވެސް ހުއްޓުނުހެން ހީވިއެވެ.

"ވަން މިނިޓް އިޒީ..." ތާނިޔާ އިންތިހާއަށް ދެރަވިނަމަވެސް އެހާ އަވަހަށް އެ ވާހަކަ ބުނަން ބޭނުމެއްނުވިއެވެ. އެހެންވެ ދުރުދުރުން ފެށީ ނަހުޔާންގެ ވާހަކައެވެ. ހިތާމަވެރި ޚަބަރެއް ދޭއިރު ހިތްވަރުދޭން ނަހުޔާން ހުންނަންވާނެ ކަމުގައި ތާނިޔާ ދެކުނެވެ. އެހެންނޫންނަމަ އައިޒާއަށް ވެދާނެ ގޮތަކާއި މެދު ޚިޔާލު ކުރުން ދަތްޗެވެ.

"އަހަންނަށް އެނގޭ، ކޮންމެވެސް ކަމެއްވެއްޖެ، ތާނީ ބުނެބަލަ ޕްލީޒް، ކުރީދުވަހެއްގައި އަހަރެން ޕެސްޓިސައިޑަކަށް އެކްސްޕޯސްވީމަވެސް ހިތަށް އެރި މައްސަލައެއް ޖެހިދާނެޔޭ، އެކަމަކު ހިޔެއްނުކުރަން މިހާ އަވަހަށް.. އަވަހަށް ބުނެބަލަ. ބޭބީ އެބްނޯމަލްތަ؟ ނުކުޅެދޭބަލި ކުއްޖަކަށް ވިޔަސް އައި ލަވް މައި ބޭބީ......." އައިޒާގެ އަޑު ކުރެހިއްޖެއެވެ. 

"އިޒީ އަހަންނަކަށް ހާޓްބީޓެއް ނުފެނޭ......" ތާނިޔާ ބޯ ހޫރާލީ ނާ އުއްމިދީ ގޮތަކަށެވެ. އައިޒާގެ މުޅި ދުނިޔެ އަނިދިރިވެގެން ދިޔަކަމުގެ އިހުސާސް ކުޑައިރުކޮޅަކަށް ނަމަވެސް ކުރެވުނެވެ. ތެދުވެ އެނދުމަތީގައި އިށީދެވުނު ގޮތަށް އަތް ޖައްސައިލެވުނީ ބަނޑުގައެވެ. އެވީ ކިހިނެއް ހެއްޔެވެ؟ އަލުން ދަރިފުޅުގެ ހިތް މަސައްކަތް ކުރަން ނުފަށާނެ ހެއްޔެވެ؟ ކުށްވެރިޔަކީ އޭނައެވެ. އޭނަ ފަރުވާ ކުޑަކޮށްލީއެވެ. ދަރިފުޅު ރައްކާތެރިކޮށް ނުދެވުނީއެވެ. ގަނޑުވެފައިވާ ސިކުނޑި ރަނގަޅަށް މަސައްކަތްކުރަން ފެށުމުން އައިޒާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ހިފެހެއްޓުމެއް ނެތި އޮހިގަތެވެ. ތާނިޔާ ދެއްކި އެއްވެސް ވާހަކައެއް އައިޒާއަކަށް ނީވުނެވެ. އައިޒާގެ ރުއިން ހުއްޓުވާނެ ގޮތެއް ތާނިޔާއަކަށް ނުވިސްނުނެވެ. އެތައް އިރެއްފަހުން އައިޒާ ހަމަޔަކަށް އެޅި މޫނު ދޮވެލައިގެން އައިއިރު އެ ރީތި ދެލޯ ހީވަނީ ދުޅަވެގެން އެހެން ކަމެއް ހެންނެވެ. އައިޒާ ތާނިޔާ ލައްވާ ވައުދުކުރުވީ އެއްވެސް އިންސާނެއްގެ ގާތުގައި އެ ވާހަކަ ނުބުނުމަށެވެ. ނަހުޔާންއަށްވެސް އެކަން އެނގިގެން ނުވާނެކަމަށް އައިޒާ ނިންމިއެވެ. އޭނަ އެކަނިމާ އެކަނި ބޭރު ގައުމަކަށް ދާނީއެވެ. ދަރިފުޅާއި އެކު އޭނަގެ ހިތުން ބަޔެއްވެސް ނެތިގެން ދިޔައީއެވެ. އެހާ ހުސްކަމެއް މިއަދު ހިތަށް ލިބިއްޖެއެވެ. އެކަނިވެރިކަމުގެ ބައިވެރިޔަކަށް ދަރިފުޅު ވެދާނެކަމަށް ހުއްޓާ އެ އުއްމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ. ނަހުޔާން ވެސް ގެއްލުނީއެވެ.

އައިޒާ ބޭރު ގައުމަކަށް ފުރަން އުޅޭކަން ނަހުޔާންއަށް އެގުނީ ގުޅާފައި ބުނީމައެވެ. ނަހުޔާން އާއި ބައްދަލު ކުރުމެއްނެތި ފުރާތީ ހިތްހަމަނުޖެހުނަސް ނަހުޔާން އިތުރު އެއްޗެކޭ ނުބުނެ ހިމޭންވިއެވެ. އައިޒާ އުޅޭނެ ގޮތަކަށް އުޅެފާނެތާއެވެ. އައިޒާއަކީ އޭނަގެ މީހެއްކަމަށް ނަހުޔާންގެ ހިތް އަދި ގަބޫލެއް ނުކުރެއެވެ.

ނަހުޔާން ކޮޓަރިއަށް ވަނުމުން އެކަނިވެރިކަން އިހުސާސް ކުރެވުނެވެ. އައިޒާ އާއި ދެމީހުން ދެ ބީރައްޓެހިންހެން އުޅުނަސް އައިޒާ ހުރުމަށް ނަހުޔާންގެ ހިތް އެދެއެވެ. އައިޒާ ކޮޓަރި ތަރުތީބުކޮށް ރީތިކުރާ ގޮތާއި މެދު ނަހުޔާންގެ ހިތް ތައުރީފު ކުރެއެވެ. ކޮންމެ ދުވަހަކު ތާޒާ މާތައް ބަހައްޓައެވެ. ކޮންމެ އެއްޗެއް ބަހައްޓަނީ އެހާ ރީތިކޮށެވެ. ބާތުރޫމް ތެރެވެސް އެހާ ރޮމެންޓިކްއެވެ. އުއްބައްތިތައް ދިއްލާލާފައި ހުންނައިރު އެހާ ހިތްގައިމެވެ. ބިއުޓީ ރަޝްފަދަ މީރުވަހުން ނަހުޔާންގެ ހިއްސުތަކާއި ކުޅެލާ ވަގުތުތައް މަދެއް ނޫނެވެ. ކުރު ހެދުންތައް ލައިގެން ހުންނައިރު ބައެއްފަހަރު ނަހުޔާންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާހާވިއެވެ. ނަހުޔާންގެ އިހުސާސް ތަކުގައި ދެން އަބަދަށްޓަކައި ގަނޑުފެން އަޅަންވީހެއްޔެވެ؟ އަދި އައިޒާ ދިޔުމުން އެހާ ރީތިކޮށް ތަރުތީބުކުރާނީ ކާކުހެއްޔެވެ؟ ނަހުޔާން މޭޒުމަތީގައިވާ ފްރޭމް ނަގާފައި ބަލައިލިއެވެ. އެއީ ކައިވެނީގެ ރޭގައި ނަގާފައިވާ ފޮޓޯއެކެވެ. ދެމަފިރިންވެސް ތިބީ ހިނިތުންވެލައިގެންނެވެ. ނަމަވެސް އުފާވެރިކަމެއް ނެތެވެ.

"އަހަރެން މިވަރަށް އަމިއްލަ ނަފުސާއިމެދު ވިސްނާއިރު ޑެނީވެސް އުޅެނީ ހިތާމައިގާ، ޑެނީ އަހަންނަށް ކިޔާދިން ވާހަކަތަކަށްފަހު އަމިއްލަ ހާލަށްވުރެ ބޮޑަށް ކޮއްކޮއާއި މެދު ކަންބޮޑުވޭ، އެރެންޖް މެރިޖް ކަމުނުދާ ސަބަބަކީ މިއީ..... ޑެނީއަށްވެސް އުފަލެއް ލިބޭނެނަމަ، އަހަރެން ހިތާމައިގާ ހަލާކުވެގެން ދިޔަޔަސް ހުރި އެންމެ ކޮއްކޮ އުފަލުގައި ހުންނަތަން ދެކެން ބޭނުމީ......." ނަހުޔާން ބެލްކަނީގައިވާ ގޮނޑިއެއްގައި އިށީންގޮތަށް ދެއަތްތިލައިގެ އިނގިލިތައް މަހާލައިގެން ދުރުން ފެންނަ އިމާރާތްތަކުގެ ކުދި ބޮކިތަކަށް ބަލަހައްޓައިގެން އިނެވެ. އެއިން ކޮންމެ އިމާރާތެއްގައި ދިރިއުޅޭނީ ތަފާތު ވައްތަރުގެ އިންސާނުންނެވެ. އުފަލާއި ހިތާމައިގެ ސަފުހާތައް ގުނަމުންދާ މީހުންނެވެ. އޭނަ ފަދައިންނެވެ. އެތައް ޚިޔާލުތައް ނަހުޔާންގެ ސިކުނޑިއަށް އުދަގޫކުރިއެވެ. އައިޒާ އާއި މެދު ކަންތައް ކުރެވޭގޮތުން އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އަންބެއްގެ މަގާމުގައި ހުރެ ބަލިވެ އިނުމުން އަޅާލެވެންވެސް ޖެހޭނެއެވެ. އޭނަ ޑޮކްޓަރަކަށް ވެހުރެ އެހެން މީހުންނާއި މެދު އޯގާތެރިކޮށް ކަންތައްކުރާ މީހާއަށް ވެފައި މިހިރީ ކިހިނެއްހެއްޔެވެ؟ އައިޒާ ބުނާގޮތުން އޭނަގެ ކުށެއްނެތެވެ.

ނަހުޔާން އަނދިރިކޮށްލާފައިވާ ބެލްކަނީގައި އެހެން އިނީ ކިހާ އިރެއް ވާންދެން ކަމެއް ނޭގެއެވެ. އެންމެ ފަހުން ވިއްސާރައިގެ އަލާމާތްތައް ފެނި ވައިރޯޅިތައް ބާރުވެލިއެވެ. ނަހުޔާންގެ އިސްތަށިގަނޑާއި ގޯނާކޮށް ދޮރުތަކުގައި ވައި އަޅުވާ ސަމާސާކުރަނީ ކަހަލައެވެ. ވައިގެ ބޫން އަޑުވެސް ފަޒާގައި ހަރުލާފައިވަނީ މިޔުޒިކެއް ފަދައިންނެވެ. ފިނިކަން ގަދަވާން ފެށުމުން ނަހުޔާން ބެލްކަނީގެ ދޮރުތައް ލައްޕާލާފައި އޭނަ ކޮޓަރިއަށް ވަދެއްޖެއެވެ.

ދާނިޔަލް އެކުވެރިންނާ އެކީގައި މޫދުގައި އުޅެލާފައި ގެއަށް އައިއިރު އޭނަގެ ތޮބީއަތުވަނީ އިންތިހާއަށް ގޯސްވެފައެވެ. އައިކަން އާއި ރިފްވާނު ދެއްކި ވާހަކައަކުން އޭނަ ހައިރާންވެ އަންތަރީސްވިއެވެ. މިލާން މަސައްކަތް ކުރަނީ ކޮޓެޖް އާއި ދާދި ގާތުގައި ހުންނަ ސުދާ ސެލޫންގައެވެ. ސެލޫންއެއްގެ ގޮތުގައި ނަން އޮތް ކަމެވެ. އެތަނުގައި ހިންގަނީ ކޮން ވިޔަފާރިއެއްކަން ދާނިޔަލްގެ އެކުވެރިންވަނީ ތަޖުރިބާކޮށްފައެވެ. މިލާން ހާދަ ގޮތްކުޑައެވެ. އޭނަ މިލާންއާއި ރައްޓެހިވާން ނިންމި ނިންމުންވެސް ބަދަލުކުރާން މަޖުބޫރުވިއެވެ. މާގިނަ މާބުރުތައް ޖައްސާ މަލެއް އޭނައަކަށް ކަމަކުނުދާނެއެވެ. އެންމެ ރެއަކަށްވެސް ތަންމަތި ފަޅުފިލުވައިލަން އޭނަ ބޭނުންވަނީ ތާޒާ މަލެކެވެ. އޭނަ ހީކުރީ މިލާންއަކީ ވަރަށް މާތް ކުއްޖެއް ކަމުގައެވެ. މިލާންގެ ހަގީގަތް އެނގުމުން އައި ރުޅިއަކުން ދުވަސް ޚަރާބުވީއެވެ. 

ދާނިޔަލް މަތިނެތް ކާރުން ފޭބިއިރު އެހިސާބަށް ވެރިވެފައިވާ ބަގީޗާ އަލީގައި އޭނަގެ ޓޭންވެފައިވާ މޫނު ފެންނަލެއް ނިކަން ރީއްޗެވެ. ފަން އިސްތަށިގަނޑު ތެމިގެން މޫނަށް ފައިބާފައި އޮތެވެ. ދާނިޔަލް ދިގު ފިޔަވަޅުތަކެއްގައި ގޮސް ފެންޑާއާއި އަރާހަމަވިއިރު ޖުވޭދާ ދޮރުމައްޗަށް ނުކުތީއެވެ. ކްރީމް ކުލައިގެ ހެދުމެއްލާފައި ލުއިކޮށް މޭކަޕްކޮށްލާފައި، ގަހަނާތަކުން ބަރާވެގެން ހުރިއިރު މާބޮޑަށް "ފޭކް" ގޮތެއް ހުރިކަމަށް ދާނިޔަލް ދެކުނެވެ. އޭނަގެ މަންމަ އާއި ހާދަ ތަފާތެވެ. މަންމަ އެހާ ދެއްކުންތެރިގޮތެއް ނުހުންނައިރުވެސް މީހުން އެނބުރިފައި ބަލާނެއެވެ. 

"ދާނިޔަލް ތިއުޅެނީ ކޮން ވައްތަރަކަށްތަ؟ އިރާ ގޮވައިގެން ސާޖަރީހަދަން ދާންވީމަ ވަގުތު އޮންނަކަމަކަށް ނުވޭ، އެކުވެރިންނާއި އެކު ކުޅިވަރު ކުޅެންވީމަ ޒިންމާދާރު މީހަކަށް ވަނީ...." ޖުވޭދާ ހުރީ ލޯ އަޅާލައިގެންނެވެ.

"އަހަރެން ކަމެއް ނެތި އެނބުރެން ޖެހުނަސް ނުދާނަމޭ ބުނެފައި އޮންނާނީ..." ދާނިޔަލް ހީލި ބޮޑާގޮތަކުން ޖުވޭދާގެ ހިތުގައި ހީވީ ރޯވިހެންނެވެ. ރުޅިއަންނަ ވަގުތު ފޮރުވައިގެން ހުންނަ ސިއްރު ބޭޒާރުވާ ފަހަރުވެސް އާދެއެވެ.

"އަހަންނަށް އެނގޭ، ދާނިޔަލްގެ ވިޔާނުދާކަމުން މިއުޅޭ ޕާޓޭންނަށް ވުރެ މާ ނުބައި، ދާނިޔަލްގެ ބައްޕަ ގާތުގައި އަހަރެން ނުދައްކާ މިހުންނަނީ ރަނގަޅު ޓައިމެއް ނުވެގެން.. އިރާ ކިޔާނުދިންނަމަ މިއިން އެއްވެސް ވާހަކައެއް އަހަންނަކަށް ނޭގޭނެ، އިރާ ބުނިގޮތުން އައިޒާ ބަލިވެއިނީ ދާނިޔަލްގެ ދަރިއަކަށް، އަހަރެން ހައިރާންވަނީ ދާނިޔަލް މީހުންގެ އަނބިން ކާރިއަށް ވަންނައިރު އިރާގެ ގައިގާ އަތްލާން ނުކެރޭތީ.... އިރާ ވަކި ހުތުރީތަ؟ އިރާ އަނދިރިވިޔަސް ތި އައިޒާއިންނަށް ވުރެ ހާސްބައި ރީތި..." ޖުވޭދާ ދެއްކި ވާހަކައިން ދާނިޔަލް ފުރަތަމަ ހައިރާންވެ އަންތަރީސްވިއެވެ. އެއިވުނު ވާހަކަތަކަކީ އޭނަ ހީކޮށްފައިވާ ގޮތުން ގިޔާމަތާއި ހަމަޔަށް އޭނަ ސިއްރުކޮށްފައިވާ ކަންތައްތަކެވެ. ޒާތީ ކަންތައްތަކެވެ. ބެޑްރޫމް ސިއްރުތައް އެގޮތަށް ކޮޓަރިން ބޭރަށް ނިކުންނަން ޖެހޭހެއްޔެވެ؟ ރުޅިގަދަވެގެން ގޮސް އަލިފާންވެފައިހުރެ ޖަވާބެއްނުދީ ބާރަކަށްގޮސް ލިފްޓަށް އެރިއިރު ވާނުވާ ނޭގުނެވެ. އިރާހާ ލަދުކުޑަ ނުބައި ކުއްޖަކު ދުނިޔޭގައި ލައްވާފައިވާނެ ކަމެއް ނޭގެއެވެ. އޭނަގެ ފަހަތުން އުޅެ ޖާސޫސުކޮށްގެން ގޮސް އޭނަގެ ނުބައި މަންމަ ކާރީގައި ކުޓުވާނީ ހާދަ ނުލަފާވީމައެވެ.

ދާނިޔަލް ކޮޓަރީގެ ދޮރު ހުޅުވާލިއިރު އަތްމުށްކެވިފައިވެއެވެ. އެ ރީތި ދެލޮލުން އަލިފާން ކަނިބުރާހެން ހީވިއެވެ. އިރާ އިނީ އެނދުމަތީގައި އިށީދެލައިގެން ޓެޑީބެއަރ ގައިގާ ބައްދާލައިގެން މޮޅިވެރިގޮތަކަށެވެ. ދާނިޔަލްގެ ފިޔަވަޅުގެ އަޑު ހިތުދަސްވެފައިވާތީ އެއީ ކާކުކަން ވަގުތުން އިރާ ދެނެގަތެވެ.

"ޑެނިއަލް...." އިރާ އެއްޗެކޭ ބުނަން އުޅުނެވެ.

ދާނިޔަލް އައި ބާރުމިނުގައި އިރާގެ އަތުގައި ހިފާ އެނދުން ބޭލުވިގޮތަށް ހޫރުވާލުމުން ގޮސް އަޅައިގަތީ ރީތިވާ މޭޒުގައެވެ. އިރާ ނޭގި އިންދާ އައި ކުއްލި ހަމަލާއިން ދިފާއު ވާނެގޮތެއް ނޭގިފައި އަތް ދިއްކޮށްލެވުނީމަ މޭޒުމަތީގައި ހުރި އެއްޗެހިވެސް ބިމަށް ވެރުނެވެ. ދެތިން ސެންޓްފުޅި ވެއްޓި ތެޅިގެން ދިޔަ އަޑުފަށްގަނޑުން ހީވީ ކުޑަވަރެއްގެ ބޮމެއް ގޮއްވައިލެވުނު ހެންނެވެ. އިރާ ބިރުން ހުރިވަރުން ހަޅޭއްލަވައެއްވެސް ނުގަނެވުނެވެ. މޭޒުގައި އަޅައިގަތް ގޮތަށް އެނބުރި ބަލައިލި ނަމަވެސް އަނދިރިކަމުން ތަނެއް ދޮރެއް ފެންނަނީއެއް ނޫނެވެ. ކިތަންމެ ވަރަކަށް ދެލޯބޮޑުކޮށްފައި ހޯދިޔަސް އަނދިރިކަން ފިޔަވާ އެހެން އެއްޗެއް ނުފެނެއެވެ. ދިފާއުވާން އޭނަ ކުރާނެ ކަމެއްނެތެވެ. އިރާ މޭގައި އަތް އަޅާ ބާރުކޮށްލައިގެން ހުރިއިރު އެ ދެލޮލުގައި ކަރުނަތިކިތައް ވިދައެވެ.

"މާ އިނޮސެންޓްވާން ނަހަދާތި، ކިތަންމެ ވަރަށް ރުޔަސް މަގޭ ހިތަށް އަސަރެއްނުކުރާނެ..... އަހަރެން އަތުން މަރުވާނެ އިނގޭ....." ދާނިޔަލް އިރާގެ އިސްތަށިގަނޑުގައި ހިފާ އަތަށް އޮޅައިގަތެވެ. އަނިޔާކުރެވެނީ އެއްވެސް އާރެއް ބާރެއްނެތް ނުކުޅެދޭ ކުއްޖެއްކަމެއްވެސް ދާނިޔަލް އަކަށް ނުވިސްނުނެވެ. ރުޅިއައިސްފައިވާލެއް ގަދަކަމުން އޭނަގެ ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރެއެވެ. ޝައިތާނާ ރަނގަޅަށް އޭނަގެ ވިސްނުމުގައި ވަކި ހިއްޕާލާފައި ނުބައިކަންތަކަށް ހިތްވަރު ދިނެވެ.

"މަން...މާ......." އިރާ ބިރުންގޮސް ހަޅޭއްލަވައި ގަންނަން އުޅުމުން ދާނިޔަލް އިރާގެ އަނގަމަތީގައި އަތްއަޅާފައި މޭޒުގައި ޖައްސާ ފިތާލިއެވެ. އެ ބާރުގަދަ ހަށިގަނޑާއި މޭޒާއި ދޭތެރޭގައި ތާށިކޮށްލުމުން އިރާއަށް ނޭވާނުލެވުނުހެން ހީވިއެވެ. މޫނު ކަފަކޮޅެއްހާ ހުދުވިއެވެ.

"ކަލޭގެ މަންމައަކަށްވެސް ނާދެވޭނެ، ތިހެން ސަފަރ ކޮށްކޮށް މުޅި އުމުރަށް ހުންނަން ޖެހޭނީ...." ދާނިޔަލްގެ ނޭވާގެ ހޫނުކަން އިރާގެ މޫނަށް އެޅުނެވެ.

"އަތަށް ތަދުވަނީ....އަތަށް ތަދުވަނީ....ޔޫ ބްރޯކް މައި އާމް..." އިރާ ކުއްލިއަކަށް ރޯންފެށިއެވެ.

"އެކަނި އަތެއް ނޫން ބިންދާލާނީ، ތި ދޫ ވެސް ދަމައިގަންނާނަން، އޭރުން ތި އަނގަ ގަނޑު މައިތިރިވާނީ...." ދާނިޔަލް އިރާގެ އަނގައިގާ ހިފާ ފިތައިގަތުމުން އިރާ އެ އަތް ނައްޓުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެ ނާޒުކް ދެއަތުން އެކަތައިގެ އަތެއް ދުރުކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ އަޑުގަދަވެގެން ކޮންމެވެސް މީހަކު ދޮރުމަތީގައި ހުއްޓުނު ކަމުގެ އިހުސާސް ކުރެވިގެން ދާނިޔަލް ބަލައިލީ ލޯ ހަނިކޮށްލަމުންނެވެ. ދޮރުވެސް ލައްޕާނުލައިހުރެ އޭނަ އިރާއަށް އެހާ އަނިޔާކުރި އިރު އެހެން މީހަކަށް އެމަންޒަރު ފެނިދާނެތީ އެކަމާއިވެސް ވިސްނައިލީއެއް ނޫނެވެ. ރުޅި އިސްކޮށްގެން ތިމާގެ އަތުން ކުރެވުނު ނުބައިކަން ދާނިޔަލްއަށް ރޭކާލީ އިރުކޮޅަކުންނެވެ.

ކޮމެންޓް 0