"ޑޮކްޓަރުންނަށް ލިބޭ ގޮތަށް ހަފްތާގެ މެދުތެރެއިން އޮފް ލިބޭ ގޮތަކަށް ނޯންނާނެއެއް ނު ނަހުޔާން...." އައިޒާ ކުއިލްޓްގައި ދެއަތުން ހިފަހައްޓައިލުމުން ނަހުޔާން އިތުރަށް އުދަގޫކުރާކަށް ނޫޅުނެވެ. އައިޒާ އޮތީ މޫޑު ގޯސްވެފައިކަން އޭނައަށް ވިސްނުނެވެ. ނަހުޔާން ފުން ނަޒަރަކުން އައިޒާގެ މޫނަށް ބަލައިލުމަށްފަހު ގައިމަތީގައި އަޅާފައިވާ ރަޖާ އެއްފަރާތް ކޮށްލާފައި ތެދުވެއްޖެއެވެ. ނަހުޔާން ނުރުހުންވިކަމަށް ހީކޮށް އައިޒާގެ ހިތުގައި ޖެހޭގޮތްވިއެވެ. މިފަހަކަށް އައިސް އައިޒާވެފައި ވަނީ ފުދޭވަރެއްގެ ޖަޒުބާތީ ކުއްޖަކަށެވެ. ދާދި ފަސޭހައިން ލޮލުން ކަރުނަ ފާއްދާލާނެއެވެ. ކުރިމަތިވަމުންދާ ކަންތައްތަކުގެ ސަބަބުން އޭނަގެ ސިކުނޑި ހީވަނީ ފަޅައިގެންގޮސްދާނެ ހެންނެވެ. އޭނަ ބަލިވެ އިނީ ހެއްޔެވެ؟ ނިތްކުރީގައި މަޑު ރިހުމެއް ވާތީ ނިތުގައި އެ ހިމަ ހޯލި އިނގިލިތަކުން ފިރުމައިލެވުނެވެ.

"ނޭގޭ، ބަލިވީ....." އައިޒާގެ ހިތަށް އުފާވެރިކަން ލިބުނު ހިނދުކޮޅަކަށްފަހު އެ އުފާތައް ބިރުވެރިކަމަށް ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ.

"ވަޓް ހެޕެންޑް......" ނަހުޔާން ގެ ރީތި ދެލޯ އަމާޒުވުމުން އައިޒާއަށް އެސްފިޔަތައް ތިރިކޮށްލެވިއްޖެއެވެ. ނަހުޔާންއަށް އެ އުފާވެރި ޚަބަރު ދީގެން އޮޅުވައިލުމުގެ މާނައެއްނެތެވެ. އޭނަ ބަލިވެއިނީ ކާކުގެ ދަރިއަކަށްކަން ޚުދު އައިޒާއަށްވެސް ޔަގީނެއްނުވިއެވެ. ދާނިޔަލް އާއި އެކު އެ ހޭދަކުރެވުނު ރޭގެ ސަބަބުން އޭނަގެ ދަރިއަކަށް ވުމުގެ ފުރުސަތު ކުޑައެއް ނޫނެވެ. ނަހުޔާންވެސް ފުރަތަމަ ރޭ ފަރުވާކުޑަކޮށްލާފައި އެފަހުން ދޭތެރެ ދުރުކުރާ ވަސީލަތް ބޭނުންކުރަނީ އައިޒާ ދެކެ ލޯބިނުވާތީއާއި ދަރިއަކު ބޭނުން ނުވާތީކަން އައިޒާއަށް އެނގެއެވެ. އެހެންނޫންނަމަ އެވަރުން ބަލައިގެން އުޅެންވީ ސަބަބެއްނެތެވެ. އައިޒާގެ ހިތުގައި ޖެހުނު ވަރުން ލޮލަށް ކަރުނަ ނައީ ކިރިޔާއެވެ. މިވީގޮތުން ނަހުޔާން އާއި ދާނިޔަލްއަށް އޮތީ އެއްވަރުގެ ފުރުސަތެކެވެ. އެހެން ހިތަށް އެރުމާއިއެކު ތިރީ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއިރު ހިތަށް ވީގޮތް ބަޔާންކުރުން ދަތިވިއެވެ.

"ޔޫ ޑޯންޓް ކެއަރ އެއްނު ދެން ކީއްކުރަން އަހަންވީ......" އައިޒާ އަނެއްފަރާތަށް އެނބުރުނީ މޮޅިވެރި ކަމާއި އެކުގައެވެ.

"އައިޒާއަށް ތިހާ ޔަގީންވަންޏާ އަހަރެން ބުނާނެ އިތުރު އެއްޗެއްނެތް....." ނަހުޔާން ތަންކޮޅެއް ބާރަށް ބާލީސް އެއްލާލާފައި ތެދުވެގެން ފާޚާނާ އާއި ދިމާލަށް ހިނގައިގަތެވެ. އައިޒާގެ ހުންނަ ގޮތްނޭގޭ މިޒާޖުގެ ސަބަބުން ރުޅި ނާންނަން ހުރި މީހަކަށްވެސް ބައެއްފަހަރު ކެތްނުކުރެވި ހިނގައިދާނެއެވެ. ބައެއްފަހަރު ހީލުމާއި އެކު ނަހުޔާން ސެޑިއުސް ކުރަން މަސައްކަތް ކުރާނެ އެވެ. ހިތްހެޔޮ ހިނިތުންވުމަކާއި އެކު ގެވެހި އަންބެއްފަދައިން ޚިދުމަތް ކޮށްދޭނެއެވެ. އަނެއްބައި ފަހަރު މިގޮތަށް ސިއްރުވެރި ވެދާނެ އެވެ. ހީވަނީ ހިތުގައި ނުއުފުލޭވަރުގެ ބުރަދަނެއް ބާއްވައިގެން އުޅެމުންދާ ކުއްޖެއްހެންނެވެ.

ނަހުޔާން ފެންވަރާލައިގެން ނުކުތްއިރު އައިޒާ ހުރީ އޭނަ ލާންވީ ގަމީސް އެއްޗެހި ނަގާ ތައްޔާރު ކޮށްލަދީފައެވެ. ކޮޓަރިއަށް ނާސްތާ ގެނެސްފައި ހުއްޓެވެ. ނަހުޔާން ކަޅުކުލައިގެ ފަޓްލޫނާއި، މަޑުނޫ ކުލައިގެ ރޮގުދެމި ގަމީސްލާފައި ޓައީ އަޅައިލުމުން ޝަޚުސިއްޔަތު އެތައް ގުނަ އިތުރުވިއެވެ. އައިޒާ އެނދުގެ މަގަތުގައި އިށީދެލައިގެން ނަހުޔާންއަށް ބަލަހައްޓައިގެން އިނީ ދެރަވެލާފައެވެ. އޭނަގެ ބަދުނަސީބު ހަޔާތަށް ލިބުނު މި އުފާކޮޅު ޖަހައިގަންނަން ދާނިޔަލް ފައި ވިއްދާނުލިނަމައެވެ. ނަމަވެސް ދާނިޔަލްގެ ސަބަބުން އަންނަން މިއުޅެނީ ހީނުކުރާފަދަ އިންގިލާބެކެވެ. އެންމެ ހިތްއެދޭފަދަ ބައިވެރިޔާ ލިބިފައި އަތުން ބީވެގެން ދާން އުޅެނީއެވެ. އޭނައަށްވެސް މިފަދަ ކަމަކާއި ކުރިމަތިލާނެ ހިތްވަރެއްނެތެވެ. ހަގީގަތް ނަހުޔާންއަށް ކިޔައިދޭންވީ ހެއްޔެވެ؟

"ނަހުޔާން....." އައިޒާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު މީހަކު ދޮރުގައި އަތުން ޖަހާލި ގޮތަކުން އައިޒާ ގެ ހިތް ތެޅިގަތެވެ. ދާނިޔަލް ދޮރުގައި އަތުން ޖަހާލާގޮތް އައިޒާ ހިތު ދަހެވެ. އެހެންމީހުން ގޮތަށް އިނގިލިތަކުގެ ހުޅުން ޓަކިޖެހުމުގެ ބަދަލުގައި ބަދަލުގައި މި ފިރިހެންވެރިންގެ އާދަ ތަފާތެވެ. އެއީ ފިރިހެން ގޮތެއްކަމަށް އައިޒާއަށް ގަބޫލުކުރެވުނެވެ.

އައިޒާ ހަލުވިކަމާއިއެކު އެނދުން ތެދުވެގެން ގޮސް ލާފައި ހުރި ނައިޓީގެ މަތިން ތަންކޮޅެއް ދިގު ހެދުމެއް ވައްޓާލާއިރަށް ދާނިޔަލް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނަވެސް ހުރީ ޑިއުޓީއަށް ދާން ތައްޔާރުވެލައިގެން ކަން ނޭގެއެވެ.

"މޯނިން ބްރަދަރ....." ދާނިޔަލް ކަތި ނަޒަރަކުން އައިޒާއަށް ބަލައިލި އިރު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އައިޒާ ނުރުހުމާއިއެކު މޫނު އަނބުރާލި ނަމަވެސް އެ ހިތް އަވަސްކޮށްލުމުގައި ދާނިޔަލް ކާމިޔާބު ކުރިއެވެ. އައިޒާގެ ހިތުގައި ފިނިރާޅެއް ދުވެލައިފިއެވެ. ދާނިޔަލް ފެނުމުން ހިތް ބިރުގަންނަން ފެށީ ކީއްވެކަން އައިޒާއަށް ނޭގެނީއެއް ނޫނެވެ. ދާނިޔަލް ރީތިވާ މޭޒުމަތިން ސެންޓުފުޅި ނަގައިގެން ސެންޓު ޖަހައިލުމުން މީރުވަހެއް ތަނުގައި ހިފާލައިފި އެވެ.

އައިޒާ އާއި ދާނިޔަލް އޮފީހުގައި ކޫސަނި މައްސަލަ ޖެހޭކަން ނަހުޔާން ދަނެއެވެ. އައިޒާ އޮފީހުގައި ދާނިޔަލް އާއި މެދު ހަރުކަށި ވާތީ ދެމީހުން އެކަކު އަނެކަކު ދެކެ ރުޅިއަންނަކަން ނަހުޔާންއަށް އިހުސާސް ކުރެވޭތާ ދެތިން ދުވަހެކެވެ. ދާނިޔަލް ވަނުމުން އައިޒާގެ މޫނަށް އެރި ކުލަވަރުތައް ނަހުޔާން ސިއްރުން ބެލިއެވެ.

ނަހުޔާން އާއި ދާނިޔަލް އެކީގައި ގޮސް ފެރާރީ ކާރަށް އަރައިގެން ދުއްވާލި އިރު ދާނިޔަލް އިނީ ގެލެކްސީ ނޯޓު ހުޅުވާލައިގެން ކޮންމެވެސް މީހަކަށް މެސެޖް ކުރުމުގައި އަވަދިނެތިއެވެ. ނަހުޔާން ގަޑިއަށް ބަލާލާފައި ލަސްވާތީ ތަންކޮޅެއް ބާރަށް ދުއްވާފައި ގޮސް ގޯޅިއެއް އަޅައިލި ތަނުން ކޮންމެވެސް އަންހެންކުއްޖެއްގެ ގައިގައި ކާރުން ނުޖެހުނީ ކިރިޔާއެވެ. ނަހުޔާން ކާރުގެ ބްރޭކް ހިފައިލުމުން ދާނިޔަލް ގެ ހުޝިޔާރުކަމުން ތަނެއްގައި ހިފާލާފައި އަދި އަނެއްކާ ހީލާފައި ފޯނަށް ގެއްލުނެވެ.

އޭނައަށް ދެންމެ ފެނުނު މަންޒަރު ދާނިޔަލްއަށް ފެނުނުނަމައެވެ. ނަހުޔާންގެ ކާރުގައި ޖެހެން ދިޔަ އަންހެންކުއްޖާ އާއިއެކު ދިޔަ އަންހެންމީހާގެ މޫނު އެއްފަރާތުން ފެނުނަސް އޭނައަށް މަންމަ އާއި ވައްތަރުވިއެވެ. އެކަމަކު އެމީހާގެ މޫނުގެ އެއްފަޅިހުރީ ހަލާކުވެފައެވެ. ނޫނީ އަނދާފައެވެ. ބޮޑަށް ވައްތަރުވީ އެ ފަން ދިގު އިސްތަށިގަނޑާއި ދިގު ކަދުރާއިންނެވެ. މާލެއިން އާއްމުކޮށް ނުފެންނަހާ ދޮންކުލައެކެވެ. އެ އަންހެންމީހާ އާއި އެކު ދިޔައީ ކުރީދުވަހު ޝޮޕިން ސެންޓަރުން ދާނިޔަލް ގައިގައި އަޅައިގަތް ކުއްޖާއެވެ. އެއީ ނަހުޔާންމެންގެ ކޮއްކޮއެއް ބާވައެވެ. ނޭގިނަމަވެސް ދާނިޔަލް އާއި އަޅުވާކިޔުނު އެމީހުންގެ އަންހެންކޮއްކޮ އަކާއި ކަންނޭގެއެވެ. އެ އަންހެންކުއްޖާގެ މޫނު ރަނގަޅަށް ދެކެފައި ހުރިކަމުން ނަހުޔާންއަށް ވަގުތުން ދެނެގަނެވުނީއެވެ. އެމީހުން އެހާ ހަލުވިކޮށް ގޮސް ފިހާރައަކަށް ވަދެ ގެއްލުމުން ނަހުޔާން ފުން ނޭވަޔެއް ދޫކޮށްލާފައި ކާރު ދުއްވާލައިފި އެވެ.

"އާތް ކުއޭކެއް އަޔަސް ޑެނީއަށް އެނގޭކަމަކަށް ނުވާނެ..... އެހާވަރަށް ގެއްލިފައި ހުންނަވަރުގެ ގާލްއަކަށް ތި މެސެޖް ކުރަނީ ކާކުތަ؟ " ނަހުޔާން ހުންގާނުގައި ހިފަހައްޓާލައިގެން އިންލެއް ބާރުކަމުން އަތުގެ ހުޅުތައްވަނީ ހުދުވެފައެވެ. ސަލާމަތްވީ ހަމަ ކިރިޔާއެވެ. 

"ބްރޯ، ބައެއްކަންތައް ނޭގި އޮތިއްޔާ ރަނގަޅު ވާނީ، އޮނެސްޓް ޖަވާބެއް ދީފިއްޔާ އަހަރެން ގެ ދުވަސް ހިނގައިދާނެ، ބަޓް އައިމް ނޮޓް ސީރިޔަސް އެބައުޓް ހާރ، އެކްސް އަކަށްވީމަ ކުޑަކޮށް ގޯނާކޮށްލަނީ، އަހަންނަށް ބައެއްފަހަރު މިސްޓޭކް ހެދޭކަން އެނގޭއިރުވެސް އެމިސްޓޭކްތަކުން އުފަލެއް ލިބޭތީ ރިޕީޓްވެސްކޮށް ލެވެނީ، އައި ބެޓަރ ސްޓޮޕް ދިސް ދޯ........." ދާނިޔަލް ފޯނު ޖީބަށް ލާފައި މޯޅި އަކަށް ދެމިލައިފިއެވެ. އެ ތުންފަތްމަތީގައިވި ލާނެތް ހިނިތުންވުން ނަހުޔާން އަކަށް ނުފެނުނެވެ. އެހެންނޫނަސް ދާނިޔަލް އާއި އައިޒާ އާއި ދޭތެރޭގައި އެއް ޒަމާނެއްގައި ލޯބީގެ ކުޅިގަނޑެއް ހިގާފައިވެދާނެކަމުގެ ޝައްކެއް ނަހުޔާން އަކަށް ނުކުރެވުނެވެ. އަދި ދާނިޔަލްގެ ނިޔަތެއް ނޭގުނެވެ.

އިރުކޮޅަކުން ދާނިޔަލްއަށް ވިސްނުނީ ނަހުޔާންއަށް އެކަން އެނގިއްޖެއްޔާ ކޮށްފާނެ އަސަރެކެވެ. ނަހުޔާންގެ ހިތުގައި އައިޒާއަށް ކުޑަ މަގާމެއް ދެވުނަސް އެއީ ހިތަކަށް ލިބޭނެ ވަރަށް ބޮޑު އަނިޔާއެކެވެ. ނަމަވެސް ނަހުޔާންއަށް އެކަން ނޭގި ފަރުދާގެ އަނެއްފަރާތުގައި ހުރުމުން ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟

"ފޫލިން އެރައުންޑް ދޯ.." ނަހުޔާން ހިނިތުންވެލިއެވެ.

"އަހަންނަކަށް އަދި ލޯބިވުމުގެ ނަސީބެއް ނުލިބޭ، ހިތަށް އަރާ ރޯމިޔޯމެން ފޭކް ޖެއްސީބާވައޭ، ކޮންމެ ދުވަހަކު އެތައް ރީތި ކުދިންނެއް ފެންނައިރު ލޯބި ނުވަނީ ކީއްވެބާ....." ދާނިޔަލް ގެ ވާހަކައިން ނަހުޔާން ވިސްނައިލަން މަޖުބޫރުކުރުވިއެވެ. 

ދާނިޔަލް އެކަންޏެއް ނޫނެވެ. އޭނައަށްވެސް އެފަދަ ނަސީބެއް ލައްވާފައެއް ނުވެއެވެ. ލޯބީގެ ފޮނިކަމާއި، މީރުކަން ހާސިލުކުރަން އުޅޭއިރު ކުރެވުނު ކައިވެނިން ހިތަށް ލިބޭ އުފާވެރި ކަމެއްނެތެވެ. ރޮމެންސްގެ ކުލަ ނެތް ފޫހި ކައިވެންޏެކެވެ. އައިޒާ ހަނީމޫނަށް ދާކަށް އެއްބަހެއް ނުވިއެވެ. އެހާ ސީރިޔަސްއެވެ. އޭނަ ކޮށްދެނީ ނޯކަރަކު ކޮށްދޭނެފަދަ ޚިދުމަތްތަކެވެ. ރޭގަނޑު އެކީގައި ނިދާލެވުނަސް އެއީވެސް ދެމަފިރިކަމުގެ ވާޖިބު ފުއްދާލަން ކުރެވޭކަމެއްގެ ގޮތުގައި އޮތްކަމެކެވެ. އެހެންނޫނަސް އައިޒާއަކީ އިއްފަތްތެރި ކުއްޖެއް ނޫންކަން އެގުނު ވަގުތުން ފެށިގެން ނަހުޔާންގެ ހިތުގައި އައިޒާ އާއި މެދު ކޮންމެވެސް ވަރެއްގެ ފޫހިކަމެއް އޮވެއެވެ. އައިޒާގެ މާޒީގައި އޭނަ މަޖާ ނަގާފައި ވަނީ ކިތަން ފިރިހެނުންނާއި ކަމެއް ނޭގެއެވެ. އެ ރީތިކަމުގެ ފުރަގަހުގައި ފިލާފައިވަނީ ކޮންފަދަ ނުބައި ނުލަފާ ކުއްޖެއްކަން ނޭގެއެވެ. އަދި އެ ސިއްރު މާޒީގައި ހިންގާފައިވަނީ ކޮންފަދަ ކުޅިގަނޑެއް ކަމެއް ނޭގެއެވެ. ނަމަވެސް އޭނަގެ ގާތުގައި ބައްޕަ އެދިލެއްވީމަ ކައިވެނި ކުރީ އޭނަގެ ހިތުގައި އައިޒާއަށްވުރެ ވަކިން ޚާއްސަކުއްޖަކު އަދި ނެތީމައެވެ.

ޑިއުޓީ ނިންމާލާފައި އައިގޮތަށް ދާނިޔަލް ޓީޝާޓަކާއި ސޯޓެއް ވައްޓާލައިގެން ބޭރަށް ނުކުތެވެ. އަނބުގަސް ކައިރީގައި އޭނަ ފޯނެއްގައި ހުރިއިރު އިރާ ކުޑަދޮރެއް ހުޅުވާލައިގެން ހުރެ ދާނިޔަލްގެ ރީތިކަން ސިއްރުން ބެލިއެވެ. އޭނަ ލައިގެން ހުރި ގަދަ މުށިކުލައިގެ ޓީޝާޓުގެ ހިޔަނި އިސްތަށިގަނޑަށް އެޅިފައިވާހެން ހީވެއެވެ. ގުދުރަތީ ގޮތުން މުށިކުލައަކަށް ދާ އިސްތަށިގަނޑެއް ދާނިޔަލްގެ ހުންނައިރު ބައެއް ތަންކޮޅު ރަންކުލައިން ހައިލައިޓް ކޮށްލާފައިވާހެން ހީވެއެވެ. އެހާ ހެވިލާފައި ހުރެ ސިއްރުން އެ ވާހަކަ ދައްކަނީ ކާކާ ހެއްޔެވެ؟ އައިޒާއަށް ގުޅައިގެން ކަންނޭގެއެވެ. ނަހުޔާންއަށް އެކަން އެގޭބާވައެވެ. ސުވާލުތަކުން ސިކުނޑި ބަރުވާން ފެށުމުން އިރާ ބޮލުގައި އަތް ހާކާލާފައި ހީލިއެވެ.

"އެހާ ވިޔާނުދާ ކުއްޖަކާއި ރައްޓެހިވުމަށްވުރެ މާ ރަނގަޅުވާނެ އިމޭޖިނެރީ ބޯއިއެއް ގެންގުޅުނަސް، ހިތް ހަލާކުވުން ނޫންކަމެއްނުވާނެ...." އިރާ ހީލާފައި ކިޔާލައިފި އެވެ. އޭނަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުން ބޭރަށް ނިކުތްއިރު އައިޒާވެސް ހީހީފައި ފޯނެއްގައި އިންތަން ފެނުމުން އިރާގެ މޫނުމަތި ބަނަވެލައިފިއެވެ. 

"ބޭވަފާތެރިން ހައްތަހާ އުޅެނީ....." އިރާ ޔަގީން ކުރިއެވެ.

ވައިރޯޅިއެއްގެ ހަމަލާގައި އަނބުގަހުގެ ގޮފިތަކާއި ވަކިވެގެން އުދުހިގަތް ދޮން ފަތްތައް ބިންމައްޗަށް އޮހެމުންދާއިރު ހީވަނީ ޚަރީފު އައިސްފައިވާ ހެންނެވެ. ފަތްތަކުގައި އެހުންނަ ވަސް ދާނިޔަލްގެ ނޭފަތުގައި ޖެހުނެވެ. މިފަދަ ރީތި ގެއަކާއި ބަލާފައި އެގޭގައި އޮންނަ ހުސްބިމުގައި ބަގީޗާގަސްތައް މަދެވެ. އެހާވަރުން ގަސްއިންދަން ޖުވޭދާ ނޫނީ އިރާ ފޯރިއެއް ނުހުންނަނީއެވެ. ދާނިޔަލް "ކުކީ" ގެންގޮސް ގޮފިގަނޑެއްގައި ބައިންދައިގެން ހޫނު ފެނުން ފެންވަރުވާލަން ހުރިއިރު ކުކީ އިނީ ވަރަށް ހަމަޖެހިލާފައެވެ. ދާނިޔަލް ލަވައެއް ކިޔާލަކިޔާލާ ހުރިއިރު އެ މޫނުމަތީގައި އާއްމުކޮށް ހުންނަ ފޮނިކަމެއް ނެތެވެ. ރީތި ތުންފަތުގައި ފަނޑު ހިނިތުންވުމެއް ކުޅެލާ ހުރިއިރު ހީވަނީ ދުނިޔޭގައިވާ އެންމެ އުފާވެރި ޒުވާނާހެންނެވެ.

"ޑެނިއަލް...ވަޓް ވާރ ޔޫ ތިންކިން...." ނަހުޔާން އެތަނަށް ނުކުތްގޮތަށް ފެށި ވާހަކައަކުން ދާނިޔަލް ކުޑަކޮށް ހައިރާންވިއެވެ. އޭނަ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ޑެނިއަލް ބޭނުން ކޮންމެ ގާލްއެއް ލިބެން ހުއްޓާ އިރާ ނޫން ކުއްޖެއް ނުފެނުނު ރޭޕްކުރަން.... އަހަރެން ގަބޫލެއްވެސް ނުކުރަން، އެކަމަކު އެވާހަކަ ދެކެވުނުގޮތުން ހީވަނީ ހަގީގަތެއްހެން، އެހެންނޫނަސް އިރާ ހުރީ ޑެނިއަލް ދެކެ ވަރަށް ރުޅިއައިސްފައި ކަމަށް ވަނީ.....އެނީ އެކްސްޕްލެނޭޝަން؟ " ނަހުޔާން ބުމަ އަރުވާލާފައި ކުޑަކޮށް ހީލިއެވެ. ދާނިޔަލް އާއި ބެހޭގޮތުން ދޮންމަންމަ ދައްކައިގެން އުޅޭ ވާހަކަ ހަގީގަތަކަށް ނުވާނެކަން އޭނައަށް ޔަގީނެވެ.

"އިރާތަ ތިހެން ބުނީ..." ދާނިޔަލް ނަހުޔާން އާއި ހަތަރުކަޅި ހަމަނުކުރީ ގަސްތުގައެވެ. ދާނިޔަލް ކުށެއް ނުކުރިޔަސް އޭނަ އެކަމުން ދުވަހަކު ރެކޭކަށް ނޫޅޭނެއެވެ.

"ދޮންމަންމަ ބައްޕަ ގާތުގައި ދެއްކީ...." ނަހުޔާންގެ ޖަވާބުން ދާނިޔަލް ގެ ބުމަ ގޮށް ޖެހިގެން ދިޔައެވެ.

"ޖީޒް، ބައްޕަ އާއި ހަމަޔަށް ނުގެންގޮސް އޭނައަކަށް ނުހުރެވުނުދޯ......" ދާނިޔަލް ކުކީގެ ފިޔަގަނޑު ރޫޅާލައިގެން ފެން ސްޕްރޭކުރަން ފެށިއިރަށް ކުކީ ގޮފިގަނޑުގައި ދަތްއަޅައިގަތެވެ. ދާނިޔަލް ރުޅިގަދަވެގެން ގޮސް ހިތުގައި އަނދަން ފެށި އަލިފާނުގެ އެއްވެސް އަސަރެއް ބޭރަށް ފޯރިޔަނުދޭން މަސައްކަތް ކުރަމުން ދާނިޔަލް ލަވައިގެ އެހެން ބައިތެއް ކިޔާލިއެވެ.

"ޑެނިއަލް ކޫލްވެގެންގޮސް ހިތަށް އެއްޗެއް ހަމަ ނާރަނީތަ؟ އެނގޭތަ؟ ބައްޕަ ދޭން އުޅޭ ޕަނިޝްމެންޓް، އިރާ އާއި ޑެނީ މެރީ ކުރަން މަޖުބޫރުކުރާނަމޭ ބުނުއްވި، ކަމޯން ޑެނީ، އެއީ ކޮއްކޮއެއްހެން އުޅުނު ކުއްޖެއް، ކީއްވެ ޑެނީ އެފަދަކަމެއް ކޮށްލަން ހިތަށް އެރީ.. އަހަރެން އަދިވެސް ގަބޫލެއްނުކުރަން..." ނަހުޔާން މިވަގުތާއި ހަމަޔަށް ދާނިޔަލްއަށް އިތުބާރުނުކުރިޔަސް ދާނިޔަލްގެ ހަރަކާތްހުރި ގޮތުން އެހެން ކަހަލަ ޝައްކުތަކެއް ހިތުގައި ހިނގިއެވެ. ދާނިޔަލް އެގޮތަށް ހަތަރުކަޅިހަމަނުކޮށް ހުރެ ވާހަކަ ދެއްކުމަކީ އާދައެއްނޫނެވެ. އެއަށްވުރެ އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ކެރޭ ޒުވާނެކެވެ. 

"ވެލް..... އައި ހޭވް ނަތިން ޓު ސޭ ބްރޯ...." ދާނިޔަލްގެ ނިތްކުރީގައި ދާތިކިތައް ވިދަންފެށީ ހޫނުވެގެން ކަމެއް ނޫނީ ހާސްވެގެންކަމެއް ނަހުޔާންއަކަށް ނޭގުނެވެ.

"އެކަމަކު ބައްޕަ ގާތުގައި ތިހެން ސިއްރުވެގެން ނުހުރެވޭނެ، ޓެލްމީ ޑެނީ، ހަމަ މެރީކޮށްފާނަންތަ؟" ނަހުޔާން ގެ ހައިރާންކަން އިތުރުވިއެވެ. 

"ޔަޕް...." ދާނިޔަލް އެއްލޯމަރާލިއެވެ. ނަހުޔާންއަށް ޔަގީންވީ ދާނިޔަލްގެ ފަރާތުން އެކައްޗެއްވެސް އޮޅުން ނުފިލާނެ ކަމެވެ. ނަހުޔާން އެހާ ހަރުދަނާކޮށް އުޅޭއިރުވެސް ދާނިޔަލް މަޝްހޫރުވެފައިވަނީ ޕްލޭބޯއިއެއްގެ ގޮތުގައެވެ. އޭނަ ކޮލެޖްގައި ކިޔަވަން އުޅުނުއިރު އަންހެންކުދިންނަކީ އޭނަ ކުޅެންވާ ބުދުތަކެއްފަދައެވެ. އެކުވެރި ފިރިހެނުންނަށްޓަކައި ގުރުބާންވާއިރު އަންހެންކުދިންނާއި ދޭތެރޭގައި ދާނިޔަލް ހަދަނީ ހިތަށް އެރިގޮތެކެވެ. ދާނިޔަލް ގެ ފައިދަށަށް އަންހެންކުދިން ގެނައުން އޭނައަށް ދާދި ފަސޭހައެވެ. އެހެންނަމަވެސް މާލެއައިސް ވަޒީފާއަށް ދާން ފެށުމުން އެބައިތައް ރަނގަޅުވާނެ ކަމަށް އޭނަ ހީކުރިއެވެ. މާލެ ފަދަ ކުޑަ މުޖުތަމައެއްގައި އާއިލީ ގަދަރާއި އިއްޒަތް ހިފެހެއްޓުމަކީ ކިހާވަރެއްގެ މުހިއްމުކަމެއްކަން ދާނިޔަލްއަށް ނަހުޔާން ވަނީ ވިސްނާދީފައެވެ. އެހާ ގާތްއެކުވެރިންގެ ގޮތުގައި އުޅެމުންވެސް ދާނިޔަލް އަންހެންކުދިންގެ ސިއްރުތައް ނަހުޔާން އަކާއި ހިއްސާނުކުރެއެވެ. ދާނިޔަލް ގެ އުޅުމާއިމެދު ނަހުޔާން ހިތްހަމަނުޖެހި އެއްޗެކޭ ބުނެފާނެތީ އޭނަ ބިރުގަންނަނީއެވެ.

"އެހެންވެއްޖެއްޔާ އޯކޭ، އެމީހަކު ކުރިކަމެއްގެ ޒިންމާ ނަގަން ހުރިއްޔާ ރަނގަޅު...." ނަހުޔާން ދާނިޔަލްގެ ކޮނޑުގައި އަތުން ޖަހައިލިއެވެ.

"އިރާ ހިތަށް އަރާނެ މޮޔަކަމެކޭ އެކުރެވުނީ، އަހަންނާއި މެރީކުރަން އެއްބަސްވުމަކީ އިރާއަށް ކުރެވޭނެ އެންމެ ބޮޑު މޮޔަކަން......" ދާނިޔަލް ތުންފަތުގައި ދަތްއަޅާލިއެވެ.

ނަހުޔާން ހުރީ މަޖާވެފައެވެ. ދާނިޔަލް އާއި އިރާ އެހެން އުޅެމުންގޮސް އެކަކު އަނެކަކު ދެކެ ލޯބިވެއްޖެއްޔާ ބައްޕައާއި ދޮންމަންމައަށް ލިބޭނެ ބޮޑު އުފަލަކަށްވާނެއެވެ. އޭރުން އެމީހުންނަށްވެސް ދޮންމަންމަ ބަލައިގަތުން ފަސޭހަވާނެއެވެ. އެހާ ބޮޑުކަމެއް މިގޭގައި ހިނގާދިޔައިރު ދޮންމަންމަ އެހާ ހަމަޖެހިލައިގެން ހުރީ އެހެންވީމަ ކަންނޭގެއެވެ. އެއީ ދޮންމަންމަ ދެކޭ ހުވަފެނަކަށްވުމަކީ އެކަށީގެންވާކަމެކެވެ.

އިރާއަކަށް އެ ގޭތެރޭގައި ދެކެވޭ ވާހަކައެއްގެ ހިލަމެއްނުވެއެވެ. އޭލެވެލް ހެދުމަށްފަހު ޓެސްޓު ނަތީޖާ ލިބެންދެން ހުރުމުގެ ބަދަލުގައި އިރާ ގަސްތުކޮށްފައި ވަނީ ހޮސްޕިޓަލެއްގައި ކްލިނިކް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ފެށުމަށެވެ. ކޮންމެވެސް ސަބަބަކާއިހުރެ އިރާ ޑޮކްޓަރަކަށް ވާން އަޒުމް ކަނޑައަޅައިގެން އެކަމަށްޓަކައި އެޅި ބިންގަލެކެވެ. ނަމަވެސް އަދި މަންމަ އޭނަ ދުރަށް ނުފޮނުވާނެކަން އެނގޭތީ އަހަރު ދުވަހު ވަޒީފާގައި އުޅެލާފައި ދާން ހިތަށް އެރީއެވެ. އިރާ އޭނަގެ މަންމަގާތުގައި ކިޔައިގެން މާ ދަތިކަމެއްނެތި ނަހުޔާންމެން މަސައްކަތްކުރާ ތަނުން ވަޒީފާ ލިބިއްޖެއެވެ. ފުރަތަމަ ދުވަހު އިރާ ދިޔައީ އޮފީސްފާޑުގެ ގަމީހަކާއި ފަޓުލޫނެއް ލައިގެންނެވެ. އެތާ ކުދިންނަށް އެއީ ނަހުޔާންމެންގެ ކޮއްކޮއެއްކަން އެނގުމުން ޚާއްސަގޮތެއް ބެހެއްޓިއެވެ. އިރާ މެދުވެރިކޮށް ދާނިޔަލްގެ ހިތާއި ހަމަޔަށް ފޯރުމަށްޓަކައި އެކުދިން އުޅެގަތީ ވަކިގޮތަކަށް ނޫނެވެ. އެހެންނޫނަސް އިރާ ހުންނަލެއް ލޯބިކަމުން ބާރބީ އޭ ކިޔާފައި ނަން ހަރުކޮށްލިއެވެ. އިރާ އަށް އިހުސާސްވީ ރާނީއެއް ކަމުގައެވެ. އެއީ އޭނަ ކޮލެޖްގައި އުޅުނުއިރު ލިބުނު ޝަރަފެއްނޫނެވެ. އިރާއަށް ލިބުނުހާ ރީތި ނަމެއް މިލިބުނީ ދާނިޔަލްމެން ފަދަ ރީތި ޒުވާނުން ތަކެއްގެ ކޮއްކޮއަކަށް އޭނަ ވީކަމެވެ.

އިރާ ރިސެޕްޝަން ކުދިންނާއި އެކީގައި ބްރޭކް ގަޑީގައި ކޮފީއަކަށް ކެންޓީނަށް ވަނެވެ. ސުދާވެސް ގަދަޔަށް މޭކަޕްކޮށްލައިގެން ބާރު ހެދުމެއްލައިގެން އިންއިރު އޭނަ ކަޅިޖަހާނުލައި އިރާގެ މޫނަށް ބެލިއެވެ. މާލެއިން އާއްމުކޮށް ފެންނަ ޒުވާނުންނަށްވުރެ އަންހެންކުދިން އޭނައަށް މާ ބޮޑަށްވެސް ރީއްޗެވެ. ކޮންމެވެސް ކުއްޖަކު ރީތިވެގެން އެކުއްޖެއްގެ ވާހަކަ ނޫނީ އެކުވެރިން ގާތުގައި ދެއްކޭކަމަކަށް ނުވެއެވެ. ބައެއްފަހަރު ހަސަދަވެރިވާ ފަހަރު އާދެއެވެ. އޭނަ އެހެން އުޅޭތީ އަޑުއަރާފައި ވަނީ އަންހެނުންނާއި ރައްޓެހިވާން އުޅޭ މީހެއްގެ ގޮތުގައެވެ. ސުދާގެ ފަރުވާލެއް ނުހުރެއެވެ. އޭނަހުންނަނީ އެހެންކަމަށް ހެދިގެންނެވެ. ކޮންމެ ގޮތަކަށް ކަންއޮތްނަމަވެސް އޭނަ ގެ ހިތް ރީތި ފިރިހެނަކަށް ޓަކައި އިންތިޒާރު ކުރެއެވެ. ހުވަފެންތަކުގެ ޕްރިންސް އަކަށް ސުދާއަށް ފެނުނީ ދާނިޔަލް އެވެ. ދާނިޔަލް ފެނުމަށްފަހު ސުދާގެ ހިތް އަތުން ވީއްލުނު ގޮތަށް އޭނަ ހުންނަނީ ދަނޑިވަޅަކަށް ބަލަބަލައެވެ. އެހެން ހުއްޓާ ދާނިޔަލްގެ ކޮއްކޮ އިރާ އެތަނަށް އަންނަން ފެށުމުން ސުދާއަށް ހީވީ ނަސީބު އަތުގައި ހިފީހެންނެވެ.

"ދާނިޔަލް ގޭގައި އުޅޭއިރު އެހާ ފޮނިތަ؟ ކޮންކަމެއް އޭނަ ކުރަނީ.... އިގޮއިސްޓިކް ކަމުންނާއި ސެކްސީކަމުން ހިތަށް ހާދަ ގޮތްގޮތް ހަދާލައޭ.... އޭނަގެ ގާލްއެއް ހުރޭތަ؟ " ސުދާ ގެ ނަޒަރު އޭރު ހުއްޓިފައިވަނީ އިރާގެ ރީތި ދެލޮލަށެވެ. ލެންސެއް ލައްވާފައިވަނީ ކަންނޭގެއެވެ. މުއްސަނދި އަންހެންކުދިން މީހުން އޮޅުވާލަން ނުކުރާނެ ކަމެއް ނޯންނާނެއެވެ. އެހެންނޫންނަމަ ދިވެހި ދެމަފިރިއެއްގެ ދަރިއެއްގެ ނޫ ދެލޯ ހުރެގެން ވާނެ ކަމަކަށް އޭނަ ނުދެކެއެވެ. ސުދާ ހީވަނީ އިންޓަވިއުއެއް ކުރަން އުޅޭމީހެއް ހެންނެވެ. އެހެން ކުދިންނަށް އެހާ ސީދާކޮށް "ދާނިޔަލް" އާއި ބެހޭގޮތުން ވާހަކަ ދައްކަން ނުކެރެއެވެ. ސުދާ ޖެހިލުމެއްނެތި ދާނިޔަލް ގެ ދުވާލުގެ ތާވަލް އޮޅުން ފިލުވަން އުޅޭތަން ފެނުމުން އިރާ ހިތުން ހިނިއައެވެ.

"ޕުއަރ ސުދާ، ޑެނިއަލް ފަހަތުން އުޅެގެން ހިތް ހަލާކުވުން ނޫންކަމެއްނުވާނެ، އަހަންނަކަށް ހިޔެއްނުވޭ ޑެނިއަލް ލިބުން އެކަށީގެންވާހެން...." އިރާ ހިތާހިތުން ކިޔާލާފައި މިލްކްޝޭކުން ކަރުތެރެ ތެންމާލައިފި އެވެ. 

އެހެންނޫނަސް ދާނިޔަލްގެ ވާހަކަ ދައްކަން ފެށުމުން އެހެން ކުދިން ހިތަށް ކުރާ އަސަރު އޭނަގެ ހިތަށް ނުކުރަނީއެއް ނޫނެވެ. އޭނަ ހުންނަން ޖެހެނީ އެކަން ފޮރުވައިގެންނެވެ. ދާނިޔަލްއަކީ ބޭބެއެއްގެ ގޮތަށް ދެކެން މިހާރު އަމުދުން މަޖުބޫރުވެފައިވެއެވެ. ދިރިއުޅުން އޭނަ ގެނެސް މި ވައްދާފައިވަނީ ހީނުކުރާފަދަ އުދަގޫ މަރުހަލާ އަކަށެވެ. އުމުރުން އަށާރަ އަހަރު ފުރެން މަދު ދުވަސްކޮޅަކަށްވެފައި ވާއިރު އޭނަ ވަޒީފާއެއް ހޯދައިފިއެވެ. ކުރިއަށް ދާނެ ރޮގު ކަނޑައަޅައި ނިންމައިފިއެވެ. އެއީ މުސްތަގުބަލް އަލިވެގެންދާނެ ދާއިރާއެއްކަން ޔަގީނެވެ. އަދި ނޭގިނަމަވެސް ހިތުގައި ލޯބީގެ ހުޅުކޮޅެއް ފިޔަޖަހާލާހެން ހީވެއެވެ. ނަމަވެސް ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅެނީ ކީއްވެބާވައެވެ. ކޮންމެވެސް ހުސްކަމެއް ހިތަށް ލިބިފައިވަނީ ކީއްވެހެއްޔެވެ؟

އިރާ ކޮންމެވެސް ވަރަކަށް ދާނިޔަލް އާއި ބެހޭގޮތުން އެކުދިންނާއި ހިއްސާކުރިޔަސް އެއީ މަދުވާހަކަ ކޮޅެކެވެ. އެކީގައި އުޅުނަސް އިރާއަކަށް ދާނިޔަލް ދަސްވެފައެއް ނެތެވެ. ދާނިޔަލް ކޮކަޓޫއެއް ގެންގުޅޭ ވާހަކަ އިރާ ބުނުމުން އެންމެނަށް މަޖާވިއެވެ. ތަފާތު ވާހަކަތަކެއް ދެކެވެމުންގޮސް އިރާ ކިޔަވަން ފުރަނީ ކޮންދުވަހަކުތޯ އެކަކު އަހާލައިފި އެވެ.

"ހިޔެއްނުވޭ ރަޝިޔާ ތަނަކަށް މަންމަ ފޮނުވާނެހެން، މަންމަ ނުލާ އެއްވެސް ތަނަކަށް ނުފޮނުވާނެ....." އިރާގެ ލޮލުން ކުޑަ މާޔޫސްކަމެއް ފެނުނެވެ. މަންމަ އޭނައަށްޓަކައި ފްލައިޓަށް އަރައިގެން ކުޑަ ގުރުބާނީއެއް ވެދާނެ ހެއްޔެވެ؟ ނިދާ ބޭސްކައިގެން ފްލައިޓަށް އަރަން މަންމަގާތުގައި ބުނާނީ އެވެ. އޭނަ ދެކޭ ހުވަފެނަކީ ލަންޑަނުގައި މެޑިސިން ހެދުމެވެ.

"ވޯ... ކިހާ ސަޅި، ފައިވް ޔިއަރސް ވާންދެން މަންމަގާތުގައި ބޭރު ހޯމްއެއްގައި، އިރާ ހާދަ ލަކީއޭ، އަނެއްކާ އެހާ ސަޅި ބްރަދަރސް ތަކެއް..." އެއްކުއްޖަކު އިނީ އަނގަ ހަދާލައިގެންނެވެ.

"ހެހެ...." އިރާގެ ޅަހިތަށް ފޮނި އުފަލެއް ލިބުނެވެ. ހުރިހާ ކުދިން ކައިގެން ދުފަމުން ބޭރަށް ނުކުތްއިރު ކޮންމެވެސް ވަރަކަށް އަވިދިއްލާލާފައި އޮތެވެ. އިރުގެ ދޯދިތައް އިރާގެ ދޮންމޫނުގައި ބޮސްދޭއިރު އެ ތުންފަތުގައި ހުންނަ ރަތްކުލަ އިތުރުކޮށްލާފައިވެއެވެ. އެންމެންގެ ލޯތައް އެއްދިމާލަކަށް ހުއްޓައިލުމުން އިރާއަށް އެދިމާލަށް ބަލައިލެވުމާއިއެކު އޭނަގެ ހިތް ހުއްޓުނުހެން ހީވިއެވެ. ޔަގީނުންވެސް އޭނަގެ ހިއްސުތައް އަތުން ވީއްލިގެން ދިޔަ ހިދުކޮޅެކެވެ. އޭނައަށް ފެނުނީ އޭނަގެ ކާރުން ދާނިޔަލް ފައިބައިގެން ސީދާ އޭނައާއި ދިމާލަށް ހިނގާލަފައި އަންނަތަނެވެ. އިރާއަށް ހީވީ ދާނިޔަލް ފައި އަޅަމުން އައީ އޭނަގެ ހިތްމަތީގައި ހެންނެވެ. ހިތުގައި ލުއި ރިހުމެއް އުފެދިއްޖެއެވެ. 

"އިރާ ކާރު ޕާކްކޮށްލާފައި އޮތީ ނުބައި ތަނެއްގައި..." ދާނިޔަލް އިރާ އާއި ދިމާލަށް ތަޅުދަނޑި އެއްލުމުން އިރާއަށް އޭގައި ހިފަން އަތްދިއްކޮށްލެވުނެވެ. އޭނަގެ އަތުގެ ތެރެއަށް ތަޅުދަނޑިލެވުނީ އޭނަގެ މޮޅުކަމަކުންނޫނެވެ. ދާނިޔަލް އެހެން މީހަކަށް ބަލައިލުމެއް، އަދި ހިނިތުންވެލުމަކާއި ނުލައި ދާން ހިނގައިގަތުމުން ސުދާ ނޭވާ ދޫކޮށްލި އަޑު މާދުރަށް އިވުނެވެ.

"ހުވާ، ހިތް ހަލާކުކޮށްލައިފި....." ސުދާ ހުރީ މޭގައި އަތްއަޅާ އޮބާލައިގެންނެވެ. 

"މެމޯއެއް ހަދާލައިގެން އޭނައާއި ކޮންސަލްޓް ކުރަންވީނު..." އެހެން ކުއްޖަކު ޚިޔާލެއްދިނެވެ. އިރާ ހުރީ ދެރަނުވާންވެގެން ހީލަހީލައެވެ. ނަމަވެސް ދާނިޔަލް އެހާ ފަރުވާކުޑަކޮށް ވާހަކަދައްކާލާފައި މާ ދުރުކޮށްލާފައި އުޅުމުން އިރާ ލަދުވެސްގަތެވެ. އެތައް ޖަޒުބާތުތަކުން ހިތް ފުރިގެން އައެވެ. އެހެން މީހުންނަށް އޭނައާއި ދާނިޔަލްގެ އޮތް ދުރުކަން އިހުސާސްވިޔަދޭކަށް އޭނަ އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އެދުވަހު ބާކީއޮތް ބައިގާ ވެސް އިރާ ހުރީ މަޖާވެލާފައެވެ. ސްކޫލް ދުވަސްވަރަށްވުރެ އޭނަ އަށް ވަޒީފާ މަޖާވިއެވެ.

އިރާގެ ހިތުން ދާނިޔަލްގެ ޚިޔާލު ނެރެ އެއްލައިލަން އިރާ ބޭނުންވީ ދާނިޔަލްގެ އެ ބޭވަފާތެރި ކަމުންނެވެ. އެއީ ފަސޭހަކަމަކަށް ނުވިޔަސް ދާނިޔަލްގެ ފަރާތުން ހިތި ތަޖުރިބާއެއް ކުރުމަށްވުރެ ދުރާލާ ރައްކާތެރިވުން ބުއްދިވެރިކަމަށް އޭނަގެ ހިތުގެ ކަނަކުން އިންޒާރުދިނެވެ. ދާނިޔަލްގެ ބޮޑާކަމާއި، ބޭވަފާތެރިކަމުން އެއްވެސް އަންހެންކުއްޖަކަށް އޭނައާއި އެކީގައި ހިތްހަމަޖެހިގެން ނޫޅެވޭނެއެވެ. ދެލޮލުން ކަރުނަ ހިކުނަ ދޭނީއެއްނޫނެވެ. އެއަށް ވުރެ އިރާއަށް ފައިދާ ކުރާނީ ދާނިޔަލްއާއި މާ ގާތްނުވެ އަބަދަށްޓަކައި ދުރަށް ދިޔައީމައެވެ.

އިރާ އަބަދުވެސް މިގޮތަށް ރީތިކޮށް ހެދުން އަދި ދަބަސްއަޅުވާލައިގެން ވަޒީފާއަކަށް ދާހިތްވެއެވެ. ނަސީބަކުން އޭނައަށް ހަމަޖެހުނީ ހެނދުނު ޑިއުޓީ އެކަންޏެވެ. ގެއަށް އައުމަށްފަހު އިރާއަށް އިންތިޒާރު ކުރެވެނީ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތަށެވެ. ކުރާހިތުން ކުރާކަމަކަށް ވާނީ ވަރުބަލިވުމެއްނެތެވެ. އެހެންނޫނަސް އެއީ ކޮންފަދަ ފަސޭހަ ވަޒީފާއެއް ހެއްޔެވެ؟ މާބޮޑުކަމެއް ކުރާކަށް ނުޖެހެއެވެ. ޝައުގުވެރި ކުރުވަނިވި ކަންތައް ކަމަށްވާތީ އިރާ ހުންނަނީ ނިކަން އުފާވެފައެވެ. ސުދާ ރޭގަނޑު ޑިއުޓީ ހަދާދޭން އެދުމުން އިރާ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. މަންމަ ފަހަރެއްގައި އެކަމާއި ދެކޮޅުހަދާފާނެ ކަންނޭގެއެވެ. ނަމަވެސް ރޭގަނޑު ޑިއުޓީ މާ ފަސޭހަވާނެ ކަންނޭގެއެވެ. އެކަނި ލިބޭނެ ގެއްލުމަކީ ރޭގަނޑުގެ އަރާމު ފޮނި ނިދިން މަހުރޫމްވުމެވެ.

"އައި ހޭޓް ނައިޓް ޑިއުޓީސް، އިރާ އަހަރެންގެ ޑިއުޓީ ހަދާދީބަލަ، ޑާލިން ޕްލީޒް..." ސުދާ އާދޭސްކުރިއެވެ.

"އަހަރެން މަންމަ ކާރިން ހުއްދަ ހޯދާނަން.." އިރާ ހުރީ އެކުވެރިން ބުނާ ކޮންމެ ކަމެއް ކޮށްދޭހިތުންނެވެ.

"އިރާ މަންމައަށް ކޮންވިންސް ކޮށްދީބަލަ، އެހެންނޫނަސް ހުރިހާ ކުދިން އީކުއަލް ވާންޖެހޭނެ ދޯ، ކޮންމެހެން މޮޅުމީހެއްގެ ކުއްޖަކަށްވީމަ ވަކިގޮތެއް އޮތީމަ އެއީ ފެއަރގޮތަކަށް ނުވާނެކަން މަންމައަށް ކިޔާދެއްޗޭ، ޝީ ކެން އަންޑަރސްޓޭންޑް......." ސުދާ އަދިވެސް ބޮޑަށް އިރާގެ ސިކުނޑިއަށް އެރެން މަސައްކަތް ކުރިއެވެ. އިރާގެ ޅަކަމުން ސުދާގެ މަކަރުވެރިކަމެއް ނޭގުނެވެ. އަބަދު ކޮންމެވެސް ބަހަނާއެއް ދައްކައިގެން ސުދާ ހުންނަނީ ތަންކޮޅެއް ބޮލަށް ފަސޭހަކޮށްލައިގެންނެވެ.

އިރާ މެޑިސިންއަށް އުފެދުނު ޝައުގެއްގެ ބޮޑުކަމުން އެދުވަހު ގެއަށް ދިޔަގޮތަށް ދޮންބައްޕަގެ ކުޑަ ލައިބްރަރީއިން ގެނައި މެޑިސިން ފޮތެއް ބަލަން އޮތްވާ މަލީކް ސުވާލު ކުރެއްވިއެވެ. އިރާ އޭނަގެ ހިތުގައިވާ އެއްޗެއް ހިއްސާކޮށްލުމުން މަލީކް އިރާ ކިޔަވަން ލަންޑަނަށް ފޮނުވަން ނިންމެވިއެވެ. އިރާ އުފަލުން ބިންމަތީގައި ފައި ހަރުނުލިއެވެ. ހީވީ ހިތްވެސް އުދުއްސައިގަތް ހެންނެވެ. އުފަލުންގޮސް އެ ވާހަކަ ވަގުތުން ދުނިޔެއަށް އިއުލާންކުރަން ބޭނުންވިއެވެ. އިރާ އެފްބީ ހުޅުވާލާފައި އޭނަ ޅައިރު ލަންޑަނުގައި ނަގާފައިވާ ދެތިން ފޮޓޯއެއް ލުމުން ވަރަށް ގިނަ ކޮމެންޓުތައް އައެވެ.

"އޯވ، ނެޗުރަލީ ބްލޫ އައިސްތަ؟ ގަބޫލެއްވެސް ނުކުރެވޭ، ވަރަށް ޖޭވެއްޖެ، އަހަރެން ހީކުރީ ކޮންޓެކްޓް ލެންސް ކަމަށް، އޯސަމް ބޭބް....." ސުދާ ކޮމެންޓު ކޮށްލިއެވެ. އިރާ ކޮމެންޓުތައް ކިޔަން އިނީ ނިކަން މަޖާވެ ހިނިއައިސްފައެވެ. އެވަގުތުކޮޅުވެސް ސުދާ އޭނަގެ ގާތުގައި އެދުނީ އޭނަގެ ރޭގަނޑުގެ ޝިފްޓްތައް އިރާ ހަދައިދިނުމަށެވެ. އިރާ ދެފައި އެނދުގައި ތަޅަންފެށިއެވެ. ސުދާއަށް ހާދަ ނުވިސްނެއެވެ. އޭނަވެސް ރޭގަނޑުގެ އަރާމު ނިދިކޮޅު ދޫކޮށްލާފައި ގޮސް އެތާ ފޫހިކޮށް އިންނާކަށް ބޭނުމެއްނޫނެވެ. ދާނިޔަލް ރޭގަނޑު ޑިއުޓީ ހަދާނަމަ ގުރުބާން ވެވިދާނެއެވެ. ސުދާގެ ހިތުގައި އަޅައިގެންފައިވަނީ ކޮންފަދަ ކަމެއްކަން އިރާ ދެނެގެން ސުދާ ދެކެ ވަކިން ބޮޑަށް ފޫހިވިއެވެ. ލަންޑަނަށް ކިޔަވަން ދެވުމަކީ އޭނަގެ ނަސީބެވެ. ސުދާއަށް ދެން އޭނަގެ ފަރާތުން މާ ބޮޑު ފައިދާގަނޑެއް ނުނެގޭނެއެވެ.

ޖުވޭދާގެ މަންމަ މާބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އިރާ އިރުއޮއްސެންދެން ގެއަށް ނުގޮސް ހުރެފައި ގެއަށް އައީ މާބޮޑަށް ވަރުބަލިވާން ފެށުމުންނެވެ. ރޮއި ރޮއި އޭނަގެ ދެލޯވަނީ ދުޅަވެފައެވެ.

"އައިޒާ ގޭގައި އުޅޭނެ، މަންމަ އައިޒާ ގާތުބުނިން އިރާ ބަލާދެއްޗޭ، މަންމައަށް މިރޭ ގެއަކަށް ނުދެވޭނެ..." ޖުވޭދާވެސް ހުރީ ޓިޝޫއެއް ހިފައިގެންނެވެ. ޖުވޭދާގެ މަންމަ އުޅުނީ ދައްތައެއްގެ ގާތުގައި ކަމުގައިވިޔަސް ޖުވޭދާގެ ހިތުގައި މަންމައަށް ޚާއްސަ ލޯތްބަކާއި ގަދަރެއް ދެވިފައިވެއެވެ. މަންމަ އުޅުނީ ރާއްޖެތެރޭގައި ކަމަށްވާތީ ތަންކޮޅެއް ދުރުން އުޅެވުނަސް މާލެ ގެނައުމަށްފަހު މަންމަ ފެނުމުން ޖުވޭދާއަށް ކުރި އަސަރެއްގެ ބޮޑުކަމުން ކަރުނަތައް އޮހިގަތްގޮތަށް ހިފަހައްޓައެއް ނުލެވުނެވެ.

"އޯކޭ މަންމާ..." އިރާ އިސްޖަހާލައިގެން ހުރެ ހޮސްޕިޓަލުން ނިކުންނާން ހިނގައިގަތެވެ. އިރާ ގެއަށް އައީ އޭނަގެ ދޮންބައްޕަ މަލީކްގެ ކާރުގައެވެ.

ހުޅަނގު މޫސުމްގެ ވިއްސާރަ ފެށިފައިވާތީ މެންދުރުވީ އިރަށް އުޑުމަތި ބޮޑެތި ފަރުބަދަފަޅިވަރުގެ ވިލާތަކުން ބައްދާލިގޮތަށް ނިކަން ބޮޑަށް ބަނަކޮށްލިއެވެ. އިރުގެ އަލިން މަހުރޫމްވުމުން އޭރުއްސުރެ ހީވީ އިރުއޮއްސިފައިވާހެންނެވެ. އިރާ ގެއަށް ވަންނަން ދިޔައިރު އައި ވިލާގަނޑެއްގައި އަނބުގަހުގެ ގޮފިތައް ފުރާޅުގައި ކޭއްތިގަންނަ އަޑު އިވިލުމުން ގައިން ހީބިހި ހަލުވާލިއެވެ. ބާރު ވައިރޯޅިތަކުން ހިމާޔަތްވާނެގޮތެއް ނެތިފައި ތިބި ގަސްތަކުގެ ގޮފިތައް އެގޮތް މިގޮތަށް ހޫރެމުންދާއިރު އިވެމުންދާ އަޑުފަށްގަނޑު ފަޒާގައި ހަރުލާފައިވެއެވެ. މިއިން ކޮންމެ މަންޒަރެއް އިރާއަށް ހިތްގައިމު ވިޔަސް މިއަދު މާބޮޑު ޝައުގެއްނެތެވެ. އޭނަ ހުރީ އެއަށް ވުރެ މާ ބޮޑަށް ހިތުގައި ޖެހި ދެރަވެފައެވެ. ނަމާދުކޮށްލައިގެން ދުޢާ ކުރީ މާމައަށް ޝިފާ ދެއްވުން އެދިއެވެ.

ދާނިޔަލް ކާރު ޕާކްކޮށްލާފައި ދުވެލާފައި އައިސް ގެއަށް ވަންނައިރަށް އޭނަ ތެމިއްޖެއެވެ. މޫނުމަތިން ފެންފޮޅާލުމަށްފަހު ސިޓިން ރޫމަށްވަންއިރު އެތަން ދިއްލާލާފައި ވަނީ އުއްބައްތި ތަކުންނެވެ. ކުޑަދޮރެއް ހުޅުވާލާފައި ހުރުމުން އަންނަ ވައިރޯޅިތަކާއިއެކު ހުޅުކޮޅުތައް ނަށާލާއިރު ތަނުގައި ރަސްކަން ކުރަނީ ހިޔަނިތަކެވެ. ދާނިޔަލް ހަމަޖެހިލައިގެން ކައުޗްގައި އޮށޯވެލައިގެން ޗެނެލްތައް ބަދަލުކުރަމުން ދިޔައިރު އޭނައަށް މިވަގުތު ގޭގައި އައިޒާ އާއި އިރާ ނޫން މީހަކު ނޫޅޭކަން ހަނދާނަށް އައެވެ.

ދާނިޔަލް އަށް ފެނުނު މަންޒަރަކުން އޭނަގެ ލޭގެ ހިނގުން އަވަސްވެލައިފިއެވެ. ވަށައިގެން އެނބުރެމުންދާ ތޫފާނާއި، އުއްބައްތިތައް އަދި ހޫނު މަންޒަރުތަކުން ހިތް އޮބި ނޯންނަވަރު ވާން ފެށުމުން ދާނިޔަލް ގެ އެތެރެހަށީގައި އުފެދިގަތް އަލިފާން ނިއްވާލަން ބޭނުންވިއެވެ. މިގަދަ ފިނިކަމަކުންވެސް އެ އަލިފާން ނިއްވާލެވޭނެހެން ހީނުވީއެވެ. ބާރު ގުގުރިއަކާއިއެކު ވާރޭ އޮއްސައިގަތްއިރު ހީވީ ރަށް ޣަރަގު ނުވަނީސް ވާރޭ ހުއްޓާނުލާނެހެންނެވެ. ވާރޭގެ މުތީތައް ބިއްލޫރި ކުޑަދޮރުތަކުގައި ޖެހިފައި ތިރިއަށް ދެމިގަނެގެންދާތަން ބަލަން ދާނިޔަލް އިނެވެ. ނިމުމެއްނެތް ވާރޭގެ ތިކިތަކެވެ. ގޭތެރެއަށް ވެރިވެފައިވަނީ ބަޔާންނުކުރެވޭފަދަ ހިމޭންކަމަކާއި ފަޅުކަމެކެވެ. ދާނިޔަލްގެ ފަށުވި އިސްތަށިގަނޑު އިނގިއްޔަށް އޮޅާލާފައި އަނެއްކާ ރީތިކޮށްލާފައި އުޅޭގޮތުން ވިސްނުމެއްގައި އިންކަން އެނގެއެވެ. މޫނުމަތިން ހަމަޖެހޭގޮތް ދެއްކިނަމަވެސް ސިކުނޑިވަނީ ހަލަބޮލިވެފައެވެ.

ދާނިޔަލް މޭޒުމަތީގައި އަތުގެ އިނގިލިތަކުން ތަޅާލަ ތަޅާލާއިންއިރު އުދަގޫވެފައި އިނެވެ. އޭނަ ނުކުރާ ކުށެއް ބޮލުގައި އެޅުވީއެވެ. ރަހަބަލަން ހިތަށްވެސް ނާރުވާ މޭވާއެކެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ބައްޕަމެން ކައިވެނި ކުރުވަން އުޅޭ އަންހެންކުއްޖާއަކީ އޭނަ އެއްގޮތަކަށްވެސް ގަޔާވާފަދަ ކުއްޖެއްނޫނެވެ. "ހައު ވެރީ ވެކްސިން......" ދާނިޔަލް ތެދުވެގެން ދިޔަގޮތަށް އަނދިރި ކޮށްލާފައިވާ ކޮރިޑޯއިން ގޮސް އޭނަ ވައަތް ފަރާތުގައި ހުރި ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލާފައި އަނބުރާލިއެވެ.

ދާނިޔަލް ތަޅުގައި ހިފާފައި އަނބުރާލުމުން މަޑު އަޑެއް ކިޔާލާފައި ހުޅުވުނުއިރު އެއީ އެއްގޮތަކަށްވެސް އޭނައަށް މަރުހަބާ ކިޔާނެތަނެއް ނޫންކަން އެނގެއެވެ. ދާނިޔަލްގެ ރީތި ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

ކޮމެންޓް 0