ދާނިޔަލް ނަހުޔާންގެ މޫނުން ނަޒަރު ވަކިކޮށްލަމުން އިސްޖަހައިލީ ކުށްވެރިއެއް ފަދައިންނެވެ. ނަހުޔާން އިތުރު އެއްޗެކޭ ބުނަން އުޅެފައިވެސް ދާން ހިނގައިގަތުމުން ދާނިޔަލްގެ ބުމަ ގޮށްޖެހުނެވެ. ނަހުޔާން ގާތުގައި އޭނަ އާއި އައިޒާގެ ވާހަކަދެއްކީ ކާކުބާއެވެ. އެމީހަކު ކުރިމަތީގައި ހުރިނަމަ އޭނަގެ ދެއަތުން އެމީހަކު މަރާލެވޭނެކަން ނޭގެއެވެ. ކައިކައި ހުރި ޕިއްޒާފޮތި ޑަސްބިނާއި ދިމާލަށް ހޫރާލުމަށްފަހު ރުޅިފިނިކުރަން ކޮފީއެއް ބޯލަންވެގެން ކޮފީ މެޝިނާއި ދިމާލަށް ހިނގައިގަތެވެ. ކޮފީތަށި ހިފައިގެން އޭނަ ނުކުތީ އަނބުގަހާއި ދިމާލަށެވެ. ގަހުގެ ލެނބިފައިވާ ގޮފިގަނޑެއްގައި އަތްއަޅުވާލި އިރު އަނބުކޯންޏެއް އަތްފޯރާ ހިސާބުގައި އޮތަސް އޭނަގެ ސަމާލުކަމެއް ނުހުއްޓުނެވެ. މިތަނަށް އައުމުން މިލާންގެ ހަނދާންތައް ހިތަށް އުދަގޫކޮށް ތުންފަތުގައި ދަތްއަޅައިލެވުނެވެ.

ޖުވޭދާ ޓެރެސްއަށް އެރީ މަލީކް މަތީބައިގާ ވެދާނެކަމުގެ އުއްމީދުގައެވެ. އިރާ އާއިމެދު ދާނިޔަލް ކަންތައް ކުރާލެއް ނިކަމެތިކަމުން އެ ޝަކުވާ އާއިގެންނެވެ. މިއަދު އިރާ ރުއި ސަބަބެއް ނުބުނި ކަމުގައިވިޔަސް އޭނަ ހުރީ ޝައްކުވެފައެވެ. ދާނިޔަލް އަޅާނުލަނީއެވެ. ނިކަމެތި ކޮށްލަނީ އެވެ. އެހެން އަންހެނުން ކާރިއަށް ގޮސް ހިތްހަމަޖައްސާލާފައި އިރާ ބާކީކޮށްފައި ބަހައްޓަނީއެވެ. ޖުވޭދާ ގެ ލޮލުގައި އަޅައިގަތީ ދީނާ މާތަކާއި ކުޅެން އިން މަންޒަރެވެ. އަމިއްލަ ދަރިއެއްގެ ގައިގާވެސް ދީނާ އެހާ ލޯބިން ފިރުމާލާނެ ކަމެއް ނޭގެއެވެ. ދީނާގެ ރީތިކަމާއި މެދުގައި ޖުވޭދާ ވިސްނައިލި އެވެ. އެ އުމުރުގައި ލޯކާރީގައި އެންމެ ރުލެއް ޖެހިފައެއްވެސް ނެތެވެ. ހަން އޮމާން ކަމުން އެވަރެވެ. ރީތި އަންހެނެކެވެ. ޖުވޭދާގެ ހިތުގައިވާ ހަސަދައިގެ އަލިފާންކޮޅު ބޮޑުވެލިއެވެ.

"ޖުވޭ.....ވަޓްސް އަޕް...." ދީނާ ގާތްގޮތަކަށް އަހާލައިފި އެވެ. އޭނަ ޖުވޭދާ ދެކެ ހަސަދަވެރި ނުވަނީ ހެއްޔެވެ؟ 
"އަހަރެން މިހިރީ ބޯ ހަލާކުވެފައި، ދީނާގެ ދަރިފުޅު އުޅޭ ވައްތަރެއް ދީނާއަކަށް ނުހުއްޓުވޭވިއްޔަ......" ޖުވޭދާ ދުރުދުރުން ވާހަކަ ފެށިއެވެ.

"އެ އުމުރުގެ އެހެން ފިރިހެންކުދިންނަކާއި ޑެނިއަލް ތަފާތެއް ނޫން، އެހެންނޫނަސް ޑެނިއަލް އެހެރީ ކިޔަވައިގެން މޮޅުކުއްޖެއްގެ ގޮތުގައި މާލެއަށް މަޝްހޫރުވެފައެއް ނޫންތަ؟ ހީޒް އެ ޑޮކްޓަރ، މަލީކް ބުނާގޮތުން ވިއްޔާ އޭނަ ބޭރުތެރޭގައި އުޅެނީ އިއްޒަތާއި ގަދަރު ހުންނާނެ ފަދައަކުން ރީތިކޮށް، އަހަރެމެން ގާތުގައި ނުލަފާކަން ދައްކަނީ.... ވީއިރު ކޮބާ މައްސަލައަކީ؟ އިޓްސް ޕާފެކްޓްލީ ނޯމަލް... އަހަރެންގެ ކުދިންގެ ފަރާތުން އަނެއްހެން މާ ބޭޑް ކަންތައްތަކެއް އަހަންނަކަށް ނުފެނޭ...... " ދީނާ ހުރީ ހިނިތުންވެލައި ގެންނެވެ.

"ވެލް.... އެންޖެލް އަކަށް ވީމަތަ އިރާ ރޭޕްކޮށްލީ... އަދި އައިޒާ ގާތަށް ވަންނަނީ އެހެންވީމަތަ؟ މިލާންގެ ފަހަތުން އެ ހިސާބުގަނޑުގައި އެނބުރެނީ އޭނަ މާތްވެގެންތަ؟ ދީނާއަށް އެކުއްޖާގެ ނުބައިކަން ފޮރުވިފައިވާތީ ތިގޮތަށް ސަޕޯޓްދެނީ، އިރާ އަމިއްލައަށް ބުނީ އޭނައާއި އެކީގައި އުޅެން ދާނިޔަލް ބޭނުން ނުވާކަމަށް...." ޖުވޭދާ ހީކުރީ ދީނާ ގެ ގާތުގައި އެ ވާހަކަ ދައްކައިގެން ހައްލެއް ލިބިދާނެ ކަމުގައެވެ. ދާނިޔަލް ގެ އެވިޔާނުދާ އުޅުން ހުއްޓިދާނެ ކަމުގައެވެ. އެހެންނޫނަސް ދާނިޔަލް އާއި އިރާ ނުގުޅިގެން ޖުވޭދާ ގެ ޚިޔާލު ބޮޑުވެފައިވާތާ ކޮން ދުވަހެއްހެއްޔެވެ؟ އެދެމީހުން ވަކިވެއްޖެއްޔާ އޭނަ އާއި މަލީކްގެ ގުޅުން ކެނޑިދާނެކަމުގެ ކުށްހީ ކުރެވެނީއެވެ. ކަންތަކާއިމެދު ނެގެޓިވްކޮށް ވިސްނާ މީހަކަށް އަބަދު ހުރެވޭނީ ފިކުރެއްގައެވެ.

"އައިޒާގެ ގާތަށޭ.... އަހަންނަކަށް ޖުވޭ ތިކިޔާ އެއްޗެއް ނޭގުނު..." ދީނާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ހިންދެމިލާފައި ރެއިލިންއަށް ލެނގިލައިގެން ހުއްޓުނެވެ.

"އައިޒާ ބަލިވެއިނީ ދާނިޔަލްގެ ދަރިއަކަށް، ނަހުޔާން އާއި އައިޒާގެ ގުޅުން ރަނގަޅު ނޫންކަން ދީނާއަށް ފާހަގަ ނުކުރެވޭތަ؟ ބަލިވެ އިން މީހަކު ފިރިމީހާ އާއި ނުލައި ގައުމުން ބޭރަށް ދާނީ މައްސަލަ ބޮޑުވީމަކަން ނޭގޭ...." ޖުވޭދާ ހުރިހާ ވާހަކައެއް ދީނާއަށް ކިޔައިދޭން ފެށިއެވެ. ދާނިޔަލް އާއި އިރާ ގުޅުވަން މަސައްކަތްކުރަން އެދުނެވެ. ދީނާ ހުރީ ހިމޭނުންނެވެ. އޭނަގެ ޚިޔާލު ޖުވޭދާއާއި ހިއްސާކުރަން ބޭނުމެއް ނުވިއެވެ. ދީނާގެ ގާތުގައި ކުށްވެރިވީ އެ ކައިވެނި ކުރުވި މީހުންނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނާ އުސޫލުން ލޯބިވާ ދަރިންގެ ކުށް ދީނާއަށް ވަކި ފެންނާނެ ހެއްޔެވެ؟

މަޖުބޫރުން ކައިވެނި ކުރެވުމުން ދާނިޔަލް އެހެރީ ލިބެން ޖެހޭ އުފާތަކުން މަހުރޫމް ވެގެންނެވެ. އެ އުމުރުގެ ޒުވާނުން ބޭނުންވާ ކަންތައް ހުންނާނެއެވެ. އެހެން އަންހެނުން ކާރިއަށް ދާނީ އަނބިމީހާގެ ފަރާތުން އެ ހިތްހަމަޖެހުން ނުލިބޭތީއެވެ. އިރާގެ ފަރާތުން އެ އުފާތައް ލިބޭނަމަ އެހެން އަންހެނުން ކާރިއަށް ދާނިޔަލް ދިޔުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ދާނިޔަލްގެ އަންބެއްގެ ނަމުގައި އިރާ ހުރިޔަދޭށެވެ. ނަމަވެސް ދާނިޔަލްއަށް ބޭނުންވަނީ އޭނަގެ ހިތްހަމަޖައްސާދެވޭފަދަ ލޯބިވެރިޔެކެވެ.

މިލާން ކިހިނެއްވާނެ ބާވައެވެ. އަންބެއްގެ ގޮތުން ދާނިޔަލް އާއި އެކަށީގެން ނުވިޔަސް އޭނައަށް ދާނިޔަލްގެ ޚިދުމަތުގައި ހުރެވިދާނެއެވެ. އޭނަގެ އިހުސާންތެރިކަމުގެ ބަދަލުގައި މިލާންއަށް އެވަރުކަމެއްކޮށްލަ ދެވިދާނެއެވެ. އެހެންނޫނަސް ދާނިޔަލްއާއި މިލާން ގެ ދޭތެރޭގައި އޮތް ކެމިސްޓްރީ އޭނަވަނީ ލޮލުން ދެކެފައެވެ. ދެކުދިން އެކަކު އަނެކަކަށް ބޭނުންވާވަރު ކިތަންމެ ރީއްޗަށްވެސް ހާމަވެފައިވެއެވެ.

ދީނާގެ މާމައަކީ ކްރިސްޓިއަން އަންހެނަކަށް ވުމުން ދީނާ ޒުވާން އުމުރު މާމައާއި އެކު ހޭދަކުރެވުނުކަމުގެ ނަތީޖާއަކަށް ވީ އިސްލާމް ދީނާއި ދޭތެރޭގައި ހޭލުންތެރިކަން ކުޑަވުމެވެ. މަލީކް އާއި ވަކިވެގެން ގޮސް އުޅުނުއިރުވެސް އޭނަގެ އެކުވެރިންގެ ތެރޭގައި ގިނައީ އެފަދަ މީހުންނެވެ. މުސްލިމުންނަށް ވިޔަސް މުއްސަދިމީހުންގެ ތެރޭގައި ދީނީ މީހުން މަދެވެ. ގިނަމީހުން ހެއްލިފައިވަނީ ދުނިޔޭގެ ވަގުތީ އުފަލަށެވެ. ކޮންމެ ވަގުތަކުވެސް އެ އަރާމާއި އުފާތައް ދޫކޮށްލާފައި ދެލޯ އަބަދަށްޓަކައި މަރާލަން ޖެހިދާނެކަން އެމީހުން ހަނދާނެއް ނުހުރެއެވެ. ދީނާ އިސްލާމްދީނަށް ނޫޅެނީއެއް ނޫނެވެ. ބައެއްކަންތައް އޭނައަށް ނޭގިފައި ހުންނަނީއެވެ. މިސްޓްރެސް އަކީ ޖާރިޔާއިން ކަމަށް އޭނަ ގަބޫލު ކުރެއެވެ. މުސްލިމުންނަށް ޖާރިޔާއިން ގެންގުޅެވިދާނެކަމުގައި އޭނަ ހީކުރެއެވެ. އެހެންވުމުގެ ސަބަބުން މިލާންއަށް އޮޅުވާލާފައި ދާނިޔަލްގެ ގާތަށް ގެންނަން ހިތް ބޭނުންވިއެވެ. މީހަކާއި ކައިވެނިކޮށްގެން ހުރެ އެހެން އަންހެނެއްގެ ގާތަށް ދިޔުމަކީ ކޮންފަދަ ބޮޑު ފާފައެއްކަމާއިމެދު ދީނާ ވިސްނައެއްނުލިއެވެ.

"ޖުވޭ އިރާ ދައްކާހާ ވާހަކައެއް ގަބޫލުކުރަނީތަ؟ އިރާ އެފަދަ ގުޅުމެއް ބާއްވަން ބޭނުން ނުވަނީކަމަށް ވެދާނެއޭ ޖުވޭދާ ހިތަކަށް ނާރާތަ؟ " ދީނާ ހުރީ ޝައްކެއްގެ މަތީގައެވެ.

"އިރާ އެ ވާހަކަ ދެއްކީ މިލާން ގާތު..... އަހަރެން ހުރިކަން ނޭގި..." ޖުވޭދާ ކަންތައް ހިގިގޮތް ކިޔައިދިނުމުން ދީނާ ހޭން ފެށިއެވެ. ޖުވޭދާއަކީ މޮޔައެއް ހެއްޔެވެ؟ އެކަމުން އެނގެނީ ދާނިޔަލް އިރާއަށް ބޭނުން ނުވާކަމެވެ. ކިތަންމެ ވަރަށް މަޖުބޫރުކުރިޔަސް ލޯތްބަކީ ގަދަކަމުން ވެވޭނެ އެއްޗެއް ނޫނެވެ. ދާނިޔަލް އިރާ ދެކެ ލޯބިވާން ޖުވޭދާއަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އެންމެ ރަނގަޅެވެ. އިރާ ނުކުޅެދޭ ކުއްޖަކަށްވީމަ ދީނާ ހަމްދަރުދީވެއެވެ. އެކަމާއި ހިތާމަކުރެއެވެ. ނަމަވެސް ކުލުނާއި ލޯތްބަކީ ތަފާތު ދޭއްޗެވެ. މަލީކް ޖުވޭދާއާއި މެދު ކުލުނުއުފެދިފައި ވިޔަސް ލޯބިވަނީ ދީނާ ދެކެ ކަން ދީނާގެ ހިތުގެ އަޑިން ގަބޫލުކުރަން ފެށިތާ ކޮން ދުވަހެއްހެއްޔެވެ؟

"ޖުވޭ، ގިވް ދެމް ޓައިމް.... މަޖުބޫރުން ކަމެއް ހާސިލެއް ނުކުރެވޭނެ. އަހަރެންގެ ޑެނިއަލް ނިކަން ސްޓަބްން ވާނެ، އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރާއިރު ކިހާ ދުރުން އުޅެނީ، ނަހުޔާން އާއި ދެކުދިން ވަރަށް ތަފާތު...." ދީނާ މާބޮޑުކަމަކަށް ނަހަދާ ބޮލުން އެއްފަރާތްކޮށްލީމަ ޖުވޭދާގެ މޫނު ކުރިއަށްވުރެ ބަނަވިއެވެ. ޖުވޭދާ ގެ ސަބަބުން ހުރިހާ ފަރާތްތަކަށް ހަގީގަތް ފާޅުވެ އިތުރު މައްސަލަތަކަށް މަގުފަހިވުން ފިޔަވާ އެހެން ކަމެއްވީއެއް ނޫނެވެ. ހައްލުވުމުގެ ބަދަލުގައި ކަންތައް ދިޔައީ ގޯހުން ގޯހަށެވެ.

ދާނިޔަލްގެ ކޮޓަރީގެ ތަނަވަސްކަމާއި ބޮޑުކަން އަދި ފަރުނިޗަރުގެ ރީތިކަމުން ދެކޭ ކޮންމެ މީހެއްގެ ލޯ ތަރަތަރަޖަހައިގެން ދާނެއެވެ. އެލުވާފައިވާ ބޮޑު ޗާންދަލިޔާގެ ފަނޑުއަލީގެ ތެރެއިން ކޮޓަރި ފެންނަނީ އަދި މާ ސިހުރުވެރިކޮށެވެ. ދާނިޔަލް ފާޚާނާއިން ނުކުތްތަނާ މީހަކު ޓަކިދިނުމުން ދޮރު ހުޅުވައިލިއިރު އޭނައައީ އިސްތަށިގަނޑުން ފެން ހިއްކަމުންނެވެ. އެތަނުގައި ހިފާފައިވާ ލުއި މީރުވަހުގެ ސަބަބުން މަރުވެފައިވާ ހިތްތަކަށް ދިރުން ލިބޭނެއެވެ.

"ސްވީޓްހާޓް، މަމްއަށް އިވުނު ވާހަކައަކުން ވަރަށް އަޕްސެޓްވެފައި މިހިރީ.. މަމްގާތުގައި ސީދަލަށް ބުނެބަލަ، ޑެނީ އައިޒާ އާއި އެއްވެސް ގުޅުމެއް އޮވޭތަ؟" ދީނާ ކުޑަކޮށް ބުމަ ކާރިކޮށްލައިފިއެވެ. ޒުވާން އުމުރުގައި އޭނަގެ ރުޅިގަދަކަމުން މަލީކްއަށް އޭނަ ގޮވައިގެން އުޅުން ވީ އުދަގޫކަމަކަށެވެ. ތުއްތު ތިން ދަރިން ގޮވައިގެން އެކަނިމާއެކަނި އުޅުނު ދުވަސްކޮޅު އޭނަ ރުޅިފިނިވި އެންމެ ވަގުތެއް ނުދެއެވެ. މިހާރު މިތިބީ ބޮޑެތި ވެ ޒުވާނުންނަށް ވެފައެވެ. މި އުމުރަށް އައުމުން ވަރުބަލިވާހާ މަސައްކަތްކުރަން ޖެހުނަސް ދަރިންގެ ކަންތަކާއިމެދު ހާދަ ވިސްނަން ޖެހެއެވެ.

ދާނިޔަލްގެ ހިމޭންކަމަކީ އެކަމަށް އެއްބަސްވުންކަން އެނގުމުން ދީނާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ދާނިޔަލް އެހާ ދަށު ދަރަޖައަކަށް ވެއްޓިގަންނާނެ ކަމަކަށް ދީނާ ހިޔެއްނުކުރެއެވެ. 

"ޖުވޭދާ ދޮގުހަދަނީ ކަމަށް އަހަރެން ހީކުރީ، ޑެނީ ތިހާ ވިޔާނުދާކަމެއް ނުކޮށް އެހެން މީހުންގެ ގާތުގައި ކިޔާދިންނަމަ، އިރާ ކަމުނުދަންޏާ ޑެނީ ބޭނުމީ ކާކުތަ؟ "ދީނާ އެކަން ވަގުތުން ހައްލުކުރަން ބޭނުންވިއެވެ. އޭނަ މިހިރީ މިވަގުތު ޖުވޭދާ އާއި އޭނަގެ ދަރި މިގެއިން ބޭރުކޮށްލުމަށެވެ. އެދެމައިން ވެގެން ދާނިޔަލް ބަދުނާމުކޮށް އަގު ވައްޓާލަން އުޅެނީވިއްޔާއެވެ. ދާނިޔަލް ކަމަކާއި ނުލައި އަންހެންކުއްޖަކު ރޭޕްނުކުރާނެކަން ޔަގީނެވެ. އޭނަގެ ދަރިފުޅަކީ ރީތިކަން ހުސްކޮށްލާފައިވާ ފިރިހެނެކެވެ. ނާކާމިޔާބު މީހެއް ނޫނެވެ.

ޖުވޭދާގެ ނަން އިވުނަސް ދާނިޔަލްގެ މޫނަށް ރުޅިވެރިކަމުގެ ކުލަ ވެރިވާ ސަބަބަކީ އެއީއެވެ. އޭނަގެ ވާހަކަ އެންމެން ކާރީގައި ބޭޒާރުކޮށްގެން ޖުވޭދާ ބޭނުންވަނީ ކޮންކަމެއް ހާސިލުކުރަން ހެއްޔެވެ؟ ޖުވޭދާގެ ސަބަބުން އޭނަގެ ހަޔާތް އެފުށްމިފުށަށް ޖެހުން ނޫންކަމެއް ނުވާނެއެވެ. އޭނައަށް ހަދާނެގޮތް ރަނގަޅަށް އެނގެއެވެ. އިރާ ވަރިކުރަން ކުރި ޚިޔާލުވެސް ވަގުތުން ދާނިޔަލް ފަސްކޮށްލައިފިއެވެ. ޖުވޭދާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ އެއްވެސް ކަމެއްކުރާކަށް އޭނަ ބޭނުމެއްނުވިއެވެ. އިރާ ހުންނާނީ އޭނަގެ އަންބެއްގެ ގޮތުގައެވެ.

"ޑޯންޓް ވޮރީ ބޭބީ، އެ ވިޗް މިގެއިން ނެރެލުމަކީ މަންމައަށް މާ ބޮޑުކަމެއްނޫން، މަންމަ އަކީ ކާކުކަން އޭނައަށް އަދި ނޭގިގެން ހެން ހީވަނީ އުޅެނީ، މަގޭ ދަރިންނާއި ޖައްސާލާފައި އުޅެންޏާ ހިމޭނަކުން ނުހުންނާނަން...." ދީނާ ގެ ނިތްކުރިއަށް ރޫތައް ގިނަވިއެވެ.

ދާނިޔަލް ކޮޓަރިއަށް ވަންގޮތަށް އިރާ ގާތުގައި އެދުނީ މިގެއިން ދާން ތައްޔާރުވުމަށެވެ. ދާނިޔަލް އަމިއްލަ އެޕާޓްމެންޓަކަށް ބަދަލުވަނީކަމަށް ބުނުމުން އިރާ ފަސްޖެހޭގޮތްވެފައި އެކަމާއި ދެކޮޅުހަދަން ފެށިއެވެ. އާއިލާ މީހުންނާއި ދުރުން އެކަނި އުޅެންވެއްޖެއްޔާ އަދި ހާދަ ފޫއްސެއްވާނެއެވެ. ނޯކަރަކު ހުއްޓަސް އޭނަ އެކަނިވެރިވާނެއެވެ. އެވަރލޭންޑްގައި ހުރުމުން ކޮންމެވެސް ބަޔަކު ގޭތެރޭގައި އުޅޭކަން އެނގި އެހިތަށް ކުޑަ ހަމަޖެހުމެއްލިބެއެވެ. ދޭތެރެއަކުން އައިޒާއާއި އެކީގައި ޕިއާނޯ ކުޅެލާ ނޫނީ އެހެން ސަކަރާތެއް ގަނެލެވެއެވެ. މަދުން ނަމަވެސް ޕޫލަށް އެރި ފަތައިލެވެއެވެ. މަންމަ ގަވާއިދުން ކާން ގެނެސްދެއެވެ. އެހެން ގެއަކަށް ދިޔުމަކީ އޭނަފަދަ ކުއްޖަކަށް ދެވޭ އިތުރު އަނިޔާއަކަށް ނުވާނެބާވެއެވެ.

"ޑެނިއަލް އަހަރެން ދާހިތެއްނުވޭ...." އިރާ ތުންފަތުގައި ދަތްއަޅައިލި އެވެ.

"ޔޫ އާރ ކަމިން ވިތް މީ...." ދާނިޔަލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އިރާ ސިހިފައި ދާނިޔަލް ހުރި ދިމާލަށް ނަޒަރު ހުއްޓަން މަސައްކަތް ކުރިއިރުއެވެ. މައުސޫމްކަމުގެ ދެވަނައެއްނެތް ނޫ ދެލޯ ދެ ޖަވާހިރުފަދައިން ވިދައެވެ. ކޮޓަރިއަށް މިވަގުތު އެޅިފައިވާ ގަދަފެހިކުލައިގެ އަލީގެ ސަބަބުން ނޫކުލައަށްވުރެ އެލޮލުގައި ފެހިކުލަވާހެން ހީވިއެވެ. އެންމެ ރީތި ކޮށްލަނީ އެ ލޮލުގެ ކުލައަށް ވަށައިގެންވާ މާހައުލުގެ ކުލަ ނުފޫޒު ފޯރުވާ ކޮންމެވެސް ވަރަކަށް ކުލަ ބަދަލުކުރުވާކަމެވެ.

"ޑެނިއަލް، އަހަންނަށް އެގޮތަށް އެޕާޓްމެންޓެއްގައި ނޫޅެވޭނެ، އަހަރެން ފޫހިވެގެން ހަލާކުވާނެ، އެހެންނޫނަސް އަހަންނަކީ ބޭކާރު މީހެއް، އެއްވެސް ކަމެއްކުރެވޭނީއެއް ނޫން، އެނގޭ ޑެނިއަލް ތިއުޅެނީ ކޮންމެވެސް ކަހަލަ ރިވެންޖެއް ނަގަން ވެގެންކަން، އެކަމަކު ވައި މީ....." އިރާ އިނީ އިންތިހާއަށް މޮޅިވެރިވެ ތިރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ހީވަނީ ދެންމެ ދެންމެ އެ ލޮލަށް ކަރުނަ ޖަމާވެދާނެ ހެންނެވެ. އެހާ ނިކަމެތިވެގަތުމުން ދާނިޔަލް ބޮޑަށް އަންނަނީ ރުޅިއެވެ. އަންހެނުންނަކީ ނިކަން މަކަރުވެރި ބަޔެކެވެ. ހަމްދަރުދީ ހޯދަން އެގޮތަށް އެކްޓްޖައްސާފައި އިރުކޮޅެއް ނުވަނީސް ކުލަ ބަދަކޮށްލާނެއެވެ. އިރާގެ ލޮލަށް ފެންނަ ނަމަ އަދި ސަލާމަތެއް ނުވާނެއެވެ. އާރެއް ބާރެއް ނެތަސް އަންހެންވެރިންގެ އޮންނަ ވަރުގަދަ ދުލަކާއިހެދި މީހުންނަށް ހާދަ ވަރުގަދަ އުދަގޫތައް ޖައްސުވައެވެ. އޭނަގެ ހަމަޖެހޭ ދިރިއުޅުމަށް މިއަންހެނުންނާއި ހެދި އައި ޒަލްޒަލާ ކުޑައެއް ނޫނެވެ.

"ގޮތްދައްކާކަށް އިރާ އުޅޭނެ ކަމެއްނެތް، ލޯ އަނދިރި އަނބިން ވިހާ ދަރިން ބަލާ ގޭގައި ޖެހޭ ހުރިހާކަމެއް ކުރޭ، އެހެންނޫނަސް އިރާ އެއްނު ޖުވޭދާ ކާރީ މަށޭ ކިޔައިގެން ބޭކާރު ވާހަކަތަކެއް ދެއްކީ....."

ދާނިޔަލް އެވަރލޭންޑުން ދާންކަމަށް އެޕާޓްމެންޓެއް ހޯދާ ޕެކްކުރިއެވެ. މަލީކްއަށް އެ ޚަބަރު ލިބުނީ ދީނާގެ ފަރާތުންނެވެ. ވަގުތުން ދާނިޔަލް އޭނަގެ ކޮޓަރިއަށް ގެންދަވާފައި ދެއްކެވި ވާހަކަތަކުން ދާނިޔަލްއަށް ބައްޕަގެ އެދިލެއްވުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. ބައްޕަ އޭނަ ތުއްތުއިރުއްސުރެ އެހާ ލޯބިން ގެންގުޅެ ބޮޑުކުރެއްވީމަ އެގޮތަށް ބައްޕަ ދޫކޮށްލާފައި ދުރަށް ދިޔުމަކީ ހަގީގަތުގައިވެސް އިންސާފެއް ނޫނެވެ. ބައްޕަ ބޭނުންވެލައްވަނީ ނަހުޔާން އާއި ދާނިޔަލް އަބަދު ބައްޕަގެ ކާރީގައި އެވަރލޭންޑްގައި ތިބުމެވެ. 

"އޯކޭ ޑޭޑް. އަޅުގަނޑު ދުރަކަށް ނުދާނަން......." ދާނިޔަލް ވާހަކަދެއްކީ އަދަބުވެރި ގޮތަކަށެވެ.

އެގެއިން ދާ ޚިޔާލު ބަދަލުކުރި ނަމަވެސް ނަހުޔާން އާއި ދޭތެރޭގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ނަހުޔާންގެ ކުރިމައްޗަށް ދިޔުމަކީ ދާނިޔަލްއަށް ފަސޭހަކަމެއް ނޫނެވެ. އެއްގެއެއްގެ ތެރޭގައި އުޅޭއިރު އެކަކު އަނެކަކަށް ނުފެނި އުޅުން ފަސޭހައެއް ނޫނެވެ. ނަމަވެސް ދާނިޔަލް ނަހުޔާންއާއި ވީހާވެސް ދުރުން އުޅެވޭތޯ ބަލާނެއެވެ. ދާނިޔަލްގެ މިޒާޖަށް އައި ބަދަލުގެ ސަބަބުން ސަލާމުގައި ހުރެގެން ޑިއުޓީއަށް ހާޟިރުނުވެ ހުންނަން ފެށިއެވެ. އެކުވެރިންނާއި އެކީގައި ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ގިނަވާންފެށިއެވެ. އެކަމާއި އަޅާލާނެ މީހެއް މިހާރު ހުރިހެން ހިޔެއްނުވެއެވެ. 

މިލާން ރިސެޕްޝަނުގައި އިންއިރު އެ ރީތި މޫނުމަތިން ފެންނަނީ މޮޅިވެރިކަމުގެ އަސަރުތަކެވެ. ވައިލެޓްކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރިއިރު އޭނަ ފެންނަނީ ސްޓައިލިޝްކޮށެވެ. އިސްތަށިގަނޑަށް ވެރިވެފައިވާ މުށިކުލައިގެ ސަބަބުން އޭނަ ހީވަނީ ބޭރުކުއްޖެއްހެންނެވެ. މޫނުމަތިން ފެންނަނީ ފޮޅިފައިވާ ފިނިފެންމަލެއްގައި ހުންނާނެފަދަ ތާޒާކަމެކެވެ. މިލާން ކެތްތެރިވެލައިގެން އިނަސް އޭނަގެ ބޭގަރާރުވެފައިވާ ދެލޯ އިރުއިރުކޮޅާ ދޮރާއި ދިމާލަށް ހުއްޓެވެ. ހިތުގައި ކުރެހިފައިވާ ތަސްވީރު ދެކޭހިތުން މޮޔަވަނީއެވެ. މިވަރުން ދަންޏާ އޭނަ މަރުވެދާނެއެވެ. މިލާން ގަޑިއަށް ބަލައިލިއެވެ.

"މިއަދުވެސް ޑެނީ ހަމަ ނާންނާނެތަ؟ އަނެއްކާ ޑެނީ ބަލިވީތަ؟ " މިލާންގެ ރީތި ދެލޯ ފެންކަޅިވިއެވެ.

މިލާންގެ އެކުވެރިކުދިން އޭރު ތިބީ އޮންލައިންކޮށް ނޫސްކިޔާށެވެ. ޑިއުޓީ ބަދަލުވެގެން ބައިގަޑިއެއް ހާއިރުވެގެން މަސައްކަތް ފެށިއިރުވެސް އެކުދިން އާދައިގެ މަތިން ނޫސްތަކަށް ވާހަކަކިޔަން ނޫނީ އެފްބީއަށް ވަނުމަކީ އާއްމުކަމެކެވެ.

"މިއޮތް ޚަބަރެއް ބަލާލަބަލަ މިލް، ސުދާ މަންޒިލަކީ ސުދާމެންގެތަ؟ އެގޭ މަންމަ އާއި ބޭބެ ޕޮލިހުން ހައްޔަރުކޮށްފި ކަމަށްވަނީ..... އެގެއިން ބައިވަރު މަސްތުވާ އެއްޗެއްސާއި ލާރިވެސް އަތުލެވުނު، އަދި އެމީހުން ހިންގާ ސުދާ ސެލޫން ބަންދުކޮށްފި....." ކުއްޖަކު މިލާންއަށް ގޮވާލާފައި އެ ޚަބަރު ކިޔާލަން އެދުނެވެ. މިލާން ހަނދާންވީ ދާނިޔަލް ދިން އިންޒާރެވެ. ވީއިރު ދާނިޔަލް އެ ހާމަކުރީ ހަގީގަތެވެ. މިލާން ގެ ހިތަށް އަސަރުކުރިއެވެ. ސުދާ ހާދަ ދެރަވާނެއެވެ. ކުށްވެރިޔަކީ ސުދާ ނޫނަސް އެކުއްޖާއަށް ލިބުނު ލަނޑު ދެރައެއްނޫނެވެ. އެގޮތަށް މީހަކަށް ދެރައެއް ލިބޭކަށް މިލާން ނޭދެއެވެ. ސުދާ ފްރާންސް ތަންތަނަށް ދާން އެއުޅުނީ އެ ލާރިގަނޑުގައެވެ. ހަލާލު ނޫން ގޮތުގައި ލާރި ހޯދައިގެން ދުނިޔޭގައި އުޅޭމީހުން މިވަނީ ގިނަވެފައެވެ. އެފަދަ ކަންތައްތަކުގެ ނަތީޖާ އާޚިރުގައި ނިކަން ހިތިވާނެއެވެ. ސުދާގެ ކުށެއްނެތް ކަމުގައި ވިޔަސް އޭނަގެ މަންމައާއި ކޮއްކޮގެ ސަބަބުން ސުދާގެ ނަން ކިލަބުވީއެވެ.

މިލާން އާއި ޚިލާފަށް އެހެން ކުދިން ސުދާއަށް ޖެއްސުންކޮށްފައި އެ ވާހަކަ ދެއްކިއެވެ.

"ފޮނި ކަނޑާފައި ޕެރިސްތަންތަނަށް ދިޔަ މަންޖެ އެންމެ ފަހުން ދާން އެއުޅެނީ ޖަލަށް ކަން ނޭގޭ، ހަލާލުގޮތުގައި އެއްޗެހި ހޯދައިގެން ތަންތަނަށް ދާންއުޅޭނަމަ އެގޮތަށް ލަނޑު ނުލިބޭނެ......" އެކިފަރާތް ފަރާތުން ސުދާއަށް މަލާމާތުގެ ލަފުޒު އަމާޒުވިޔަސް މިލާން އިނީ ދުރަށް ބަލަހައްޓައިގެން ވިސްނުމެއްގައެވެ. ކިތަންމެ ވަރަކަށް ދާނިޔަލްގެ ރީތި ސޫރަ ހިތުން ފިލުވައިލާން އުޅުނަސް އެކަމެއް ނުކުރެވުނެވެ. ބޯ ވާރޭގެ ތެރޭގައި އެކުރެވުނީ ކޮންފަދަ ފޮނި ފޮނި އިހުސާސްތަކެއް ހެއްޔެވެ؟ އެ ރީތި ހަނދާންތަކުގެ ސަބަބުން ބައެއްފަހަރު މޮޔައެއްފަދައިން ހީލެވެއެވެ.

"މިލާން މޮޔަވީތަ؟ އެކުވެރިޔާގެ ހަޒްބެންޑްއާއި ދޭތެރޭ ވިސްނާލަން ލަދުގަންނަން ޖެހޭނެ، ހަމަ މިހާރު ތިކަން ހުއްޓާލާ، އެހެންނޫނަސް އަމިއްލަ ހިތަށް އަނިޔާ ދިނުމުގެ ބޭނުމަކީ ކޮބާތަ؟ ހިތް ހަލާކުވެގެން ދިޔުމުގެކުރިން ސަމާލުވާން ޖެހޭނެ..... ނޫނީ ފަހުން މޮޔަވެދާނެ..." މިލާން އަތުގައި އޮތް ކެވެލިކޮޅާއި ކުޅެލަމުން ހިތަށް ވިސްނައިދިނެވެ. ބަސްނާހާ މޮޔަ ހިތެކެވެ. ހިތަށް ހާދަ ތަދެއްވެއެވެ. ހީވަނީ މީހަކު ހިތުގައި ހިފާ ބާރުކޮށްލާފައިވާ ހެންނެވެ. ނަމަވެސް އޭނަ އެއްގޮތަކަށްވެސް ދާނިޔަލްގެ ގާތަކަށް ނުދާނެއެވެ. ދާނިޔަލްއަކީ އިރާގެ މީހެކެވެ. އެދެމީހުން ކޮޓަރީގައި އުޅޭނެގޮތް ހިތަށް އަރާފައި މިލާންގެ ހިތަށް ނުބައިގޮތެއްވިއެވެ. މަރުވެގެން ދިޔަސް އޭނަ ދެން ދާނިޔަލް އާއި އަނގައިން ނުބުނާނެއެވެ. ދާނިޔަލް އޭނައަށް އޮޅުވައިލީއެވެ. ބޭވަފާތެރި ކެހިވެރިއެކެވެ. އޭނަގެ ހިތާއި ރަނގަޅަށް ކުޅެލައިފިއެވެ.

އެތައް ދުވަހަކު ވާރޭ ވެހުމަށްފަހު މިއަދު އަޅިވިލާތައް ތަންކޮޅެއް ތުނިކޮށްލާފައި ވުމުން މޫސުމް ފެންނަލެއް ނިކަން ހިތްގައިމެވެ. ވައިރޯޅިތަކުގައި މަޑުވެފައި މީރުވަސް ފަތުރާލައެވެ. ހުރިހާ ގަސްތައް ތެމި ތާޒާވެފައިވާއިރު ފަތްތަކުގެ ފެހިކަން އެހާ ގަދައެވެ. ވައިލެޓް، ލެވެންޑަރ، ފިނިފެންމާ ފަދަ މާތައް ހިނިތުންވަމުން އާ ދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. މަލީކްއާއި ދީނާ ޓެރެސްގެ އުނދޯލީގައި ކޮންމެވެސް ވާހަކައެއް ދައްކާފައި ހޭންތިބިއިރު ހީވަނީ ޒުވާން ދެލޯބިވެރިން ހެންނެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. މަލީކް ދީނާގެ ކަށި އިނގިލީގައި އޮތް ޖަވާހިރު އަނގޮޓިއާއިއެކު އަތްތިލައިގާ ބޮސްދިނެވެ.

"މިއީ އެއްގޮތަކަށްވެސް ފަސްގަނޑަށް އަތްކޮށްޕާލައިގެން އުޅެންވީ އަތެއްނޫން، މިއީ އެކަނި ޖަވާހިރުތަކުން ފަޅުފިލުވާލާފައި ބޮސްދޭން ބަހައްޓަންވީ އަތްތިލައެއް. އެންޑީ ގަސްތައް ބަލަހައްޓަން ހަވާލުކޮށްލާފައި ދީން ދެން ތި މަސައްކަތް ހުއްޓާލަންވީ އިނގޭ..... "މަލީކްގެ ޖުމްލައިން ދީނާގެ ހިތަށް ލިބުނީ ބަޔާންނުކުރެވޭފަދަ އުފަލެކެވެ. 

ނަމަވެސް އެ ހިދުކޮޅުގެތެރޭގައި ދީނާގެ ޚިޔާލަށް އައީ މާޒީގެ ހިތާމަވެރި ހާދިސާއެކެވެ. މަލީކްއާއި އޭނަގެ ދޭތެރޭގައި ހުރަސްވީ ދުވަހަކު ގިރާނުކުރެވޭނެ ފަދަ ފާރެއްކަމަށް ދީނާ ހީކުރިއެވެ. ނަމަވެސް ލޯބީގެ ބާރުގައި އެ ފާރު ކުނޑިކުނޑިވެގެން ފައިބަންފެށީއެވެ. މަލީކް ހިތުގެ އަޑިން މާފުކުރާނެ ބާވައެވެ. އެއީ މާފުކުރުން ހައްގު ކުށެއް ނޫނެވެ. ދީނާ އަދިވެސް އަމިއްލަ ނަފުސަށް މާފެއް ނުދެއެވެ. އެންމެ ލޯބިވާ ދަރިފުޅު ދާނިޔަލް އާއި އޭނަ ދުރުން އުޅެނީ އަމިއްލަ ނަފުސަށް އެކުށުގެ ސަޒާ ދިނުމަށެވެ. ހިތުން ލޭ އޮހޮރުވަމުންނެވެ. މިވަގުތު މަލީކް ކާރީގައި އެ ވާހަކަ ދެއްކުން ރަނގަޅު ވާނެބާވައެވެ.

ދެމީހުން އެކި ވާހަކަތައް ދައްކަމުންގޮސް ދީނާ އެ ވާހަކަ ފެށިއެވެ. ދާނިޔަލް ގާތު ލިއޯންގެ ވާހަކަ ބުނުމުން އެކަމަށް އެހާ ސަމާލުކަން ނުދިންކަމަށާއި ފަހުން ސުވާލު ނުކުރާކަމަށް ބުނެލިއެވެ.

"ޝުޑް އައި ޓެލް ދެމް؟ ޑެނީމެން އަހަރެންދެކެ ހޭޓް ކުރާނެތަ؟ " ދީނާ އަހާލައިފިއެވެ.

"އެއީ އެކްސިޑެންޓެއް......" މަލީކްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެ ހަނދާންތައް ލޮލުން ކަރުނަ އޮހޮރުވާލައިފި އެވެ. ދީނާ ކުޑަކޮށް މަލީކްގެ މޫނަށް ބަލާލާފައި މަލީކް ފެންކަޅިވިތަން ފެނުމާއިއެކު ދީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ. އެހަނދާން އާވިޔަސް އޭނަގެ ގައިން ހީބިހިހަލުވާލާ ފިނިކުރުވައެވެ. ޑިޕްރެޝަންއަށް ބޭސްކާންފެށީ އެ ހާދިސާއަށް ފަހުގައެވެ. ހިތަށް ލިބެނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟

"ނޫން، އޭރު މަލީކް ގަބޫލުކުރީ އެހެންގޮތަކަށް، ދެމީހުން ވަކިވާން ޖެހުނު ސަބަބަކީ އެއީ......" ދީނާ ކޯތާފަތް ފޮހެލިއެވެ.

"މާޒީގެ އެ އަނދިރި ދުވަސްތައް ހަނދާން ނައްތާލުން ރަނގަޅުވާނީ، ޑެނީމެންނަށް އެކަން އަންގާނެ ކަމެއްނެތް، މިހެން ބުނާއިރު އަހަންނަށް އެނގޭ ޑެނީ އަދި ލިއޯންއަކީ ކާކުހޭ ކިޔައިގެން ސުވާލު ކުރާނެކަން، ޑެނީ ކަމަކާއި ހިތްހަމަނުޖެހިފައި ހުންނަ ދުވަސްކޮޅަކަށްވީމަ މަޑުން އެހުންނަނީ، އެހެންނޫންނަމަ ތިމާގެ ބޭބެއެއް ހުރިކަން އެނގުނީމަ ދޯ.....ދީން..." މަލީކް ގަދަކަމުން ހިނިތުންވެލެއްވިއެވެ.

"އަހަރެން ދީން ދިޔަފަހުން ދުވަހަކު ކުއްޖަކަށް ހާޓް ނުކުރަން، ވަރަށް ލޯބިން ގެންގުޅުނީ، ދެކުދިންނަކީ އަހަރެންގެ ފުރާނަ، ސްޕެޝަލީ ޑެނީ ބޭނުން ކޮންމެ ކަމެއްކޮށް ދިނިން، ދޭތެރެއަކުން ލާރި އަތުލައިގެން ކޮންމެވެސް އެއްޗެއް ގަތުމުގެ އާދަ ހިފީ ޑެނީ ވަރަށް ކުޑައިރު، ހަނދާންވޭ ޑެނީ އަށް ފަސް އަހަރުގައި އެނާޖީ ޑްރިންކް ދަޅެއް ގަނުވައިގެން ބޯން އުޅެނިކޮށް އަތުލި ހަނދާން، ޑެނީ އަށް ޝޮކެއް ލިބުނު، ކުޑަކުދިން ކެފެއިން ހުންނަ އެއްޗެހި ބޯން ނުވާނެކަމުގަޔާއި، މަރުވެދާނެކަމަށް ބުނިން، ކިތަންމެ ވިސްނާދިނަސް ޑެނީއަކަށް އެދުވަހު ނުވިސްނުނު، ވަރަށް ރޮއިފާ ސޯފާގައި އޮވެފައި ނިދިއިރު އަހަރެން ދެކެ ރުޅިއައިސްފައި އޮތީ.... ޕޭރެންޓުންނަށް އެކަން ވިސްނުނަސް ކުދިންނަކަށް ނޭގޭނެތާ.... އެދުވަހު ޑެނީ ހޭލެވުނީމަ ބުނިން ދަރިފުޅަށް އެނާޖީ ޑްރިންކް ފެނުނީ ހުވަފެނުގައޭ، ބައްޕަ ދަރިފުޅު ރޮއްވާނުލާނެކަން އެނގޭ ނޫންހެއްޔޭ، އެއީ ރިއަލް ކަމެއްނޫންކަން އަންގާދޭން އަހަރެން ބޭނުންވީ.... ޑެނީ އޭރުވެސް ވަރަށް ވައިސް، އެއީ ހުވަފެނުގައި ވީކަމެއް ނޫނޭ، ޑެޑީ އެނާޖީ ޑްރިންކް އަތުލީއޭ، އެނީވޭސް ފަހުން ހީ ވޯޒް ފައިން..... ޑެނީއަށް ގަބޫލުކުރެވުނު ޑެޑީ އެ މަނާކުރީ ކީއްވެކަން، އެފަހުން ކޮންމެ އެއްޗެއް ގަނެގެން ކެޔަސް އަހަރެންގެ ހުއްދަ ހޯދާނެ......" މަލީކް މާޒީގެ ހަނދާން އާކޮށްލެއްވިއެވެ. ނަހުޔާން އާއި ދާނިޔަލްގެ ކުޑައިރުގެ ވާހަކަތައް ކިޔާދޭން ފެށްޓެވީމަ ދީނާއަށް ކުރެވުނީ އުދަގޫ އިހުސާސްތަކެވެ. ލޮލުން ކަރުނަ ހިލުވާލިއެވެ. އެކުދިންގެ ގާތުގައި ހުރެވުނު ނަމައެވެ. ދާނިޔަލް މަންމައަކަށް އެންމެ ބޭނުންވި ދުވަހު އޭނައަށް ނުދެވުނު ނަމައެވެ. އެ މާތް ގުޅުން އޭނަވަނީ ކަނޑާލާފައެވެ. ރަނގަޅު މަންމަ އަކަށް ވުމުގައި އޭނަ ނާކާމިޔާބުވީއެވެ.

ދާނިޔަލް ބެލްކަނީގެ ރެއިލިންގައި ދެއަތް ޖައްސާލައިގެން ހިތްގައިގޮތަކަށް ހުއްޓިލައިގެން ހުރިއިރު ވައިރޯޅިތައް އެ ފަން އިސްތަށިގަނޑާއި ސަމާސާކޮށްލައެވެ. ފެންވަރާ ތާޒާވެލައިގެން ހުރިއިރު ދެތިންދުވަހު ޝޭވްނުކޮށް ހުރުމުން ފިރިހެންވަންތަކަން މާ އިތުރުކަމަށް ދައްކައެވެ. ހީވަނީ ރީތި ސްތެޗޫއެއް ހެންނެވެ. އައިޒާ އާއި ނަހުޔާން އެހެންލާފައި ދަނިކޮށް އެނބުރި ބަލައިލެވުނު ކަމަށްޓަކައި ދާނިޔަލް ރުޅިގަދަވިއެވެ. ހެއްވައީ އައިޒާ އާއި ހަތަރުކަޅި ހަމަކުރެވުނުތަން ނަހުޔާންއަށް ފެނުނީމައެވެ. އައިޒާ ލައިގެން ހުރީ އެހާ ނިވާކަން ކުޑަ ޓޮޕްކޮޅަކާއި ސްކިނީއެކެވެ. އައިޒާ ފެނުމުން ދާނިޔަލްއަށް މިއަދު ކުރެވުނީ ލަދުވެތިކަމުގެ އިހުސާސްތަކެވެ. އަމިއްލަ ކޮއްކޮ އަކާއި އަޅައިގެން އުޅުނީމަ ވާފަދަ ލަދުވެތި ކަމެކެވެ. ރެއިލިންގައި ތަންކޮޅެއް ބާރަށް ހިފައިލެވުނެވެ. އެ ޚިޔާލުތަކާއި ދުރުވާންވެގެން ދާނިޔަލް ގަސްތަކުގެ ތެރެއަށް ނަޒަރު ހިންގައިލިއިރު އެންޑީ ކާރު ދޮންނަން ހުއްޓާ ފެނުނެވެ. ކާރު ދެތިން ފަހަރު ދޮވެލިތަން ފެނުމުން ދާނިޔަލް ހިނިއައެވެ. ބައެއްފަހަރު އެންޑީ ހުންނަނީ މަސައްކަތަށް ގޮސް ހުސްވެފައިކަމަށް އޭނައަށް ފާހަގަކުރެވެއެވެ. އަބަދު ތަނެއް ދޮވެލަން، ސާފުކުރަން ނޫނީ ގަހަށް ފެންދޭން ހުންނައިރު ހީވަނީ އެހެން ކަމެއްހެންނެވެ. އެންޑީ ދުވަހަކު ކަމަކުން ހުސްވެ އަރާމުކުރަން ހުރިތަނެއް ދާނިޔަލްއަށް ފެނިފައެއްނުވެއެވެ. 

ދާނިޔަލްއަކީ ސާފުތާހިރުކަމަށް ލޯބިކުރާ ޒުވާނަކަށްވާތީ އެ ކޮޓަރި އަބަދުހުންނަން ޖެހެނީ އޮފް އަރުވާފައެވެ. އެންޑީ ކޮންމެ ދުވަހަކު ދެއިރު ވެކިއުމްކޮށް މޮޕްލާ، އަދި ފާޚާނާތެރެ ސާފުކޮށް ހަދާތީ އެތަނުގެ އޮފްގަދަކަމުން މީހަކު ހައިރާންވާނެއެވެ. ބޫޓެއްގައިވެސް ހިރަފުސްކޮޅެއް ނުހުންނާނެއެވެ.

އެންޑީފަދަ ފަގީރު ޒުވާނުންގެ ދިރިއުޅުން އެގޮތަށް ދުއްވާލާތީ ފުރަތަމަ ފަހަރަށް ދާނިޔަލްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަސީބެއްނެތް ބަޔެކޭ ހިތަށް އެރިއެވެ. ބަންގާޅީންފަދަ މީހުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވުނެވެ. އެއިން ކޮންމެ މީހެއްގެ ދިރިއުޅުމުގެ ކޮންމެވެސް ވާހަކައެއް އޮންނާނެއެވެ. ކޮންމެ މީހަކު އެހާ ބުރަކޮށް އުޅެނީ ބަނޑު ފުރާނަ މުއްތިކުރުމަށެވެ. މައިންބަފައިންނާއި ދަރިން، ބައިވެރިޔާ ނޫނީ ތިމާގެ މީހުންނަށްޓަކައި ކޮންމެ މީހަކު ހާދަ މަސައްކަތެއް ކުރާން ޖެހިފައެވެ. އެހާވަރުން ހޯދާ ލާރިން ދުނިޔޭގެ ހުރިހާ އުފާތަކެއް ހޯދޭނެބާވައެވެ. އޭނަ ފަދައިން މުއްސަދި އާއިލާއަކަށް އުފަންވުމުގެ ނަސީބު ލިބިއްޖެއްޔާ މަސައްކަތެއްނެތި އުމުރު ދުވަހު އުޅެވިދާނެއެވެ. މައިންބަފައިންނަށް ބަރޯސާވެގެން އޭނަ ފަދައިން ދިރިއުޅުން އަރާމުގައި ހޭދަކޮށްލެވިދާނެއެވެ. ބޭނުންތަނަކަށް ދަތުރުކޮށް، ހަތްތަރީގެ ފެންވަރުގެ ގެތަކުގައި އުޅެ، މީރު ކާއެއްޗެއްސާއި ބޭނުންވަރަކަށް ރީތި އަންހެންކުދިން ހޯދިދާނެއެވެ. 

"އަހަންނަކީ ޑޮކްޓަރެއް އެކަމަކު އެންޑީފަދައިން މަސައްކަތަށް ޑެޑިކޭޓްވެގެން ނުހުރެވޭ، ޑިއުޓީއަށް ދާންވީކަން ނޭގޭ، ބައެއްފަހަރު މީހަކުކޮށްލާ އާދައިގެ ކަމަކުން އިންސްޕަޔަރވަނީ މިހެންވީމަކަން ނޭގޭ.. އަހަރެންގެ ދިރިއުޅުމުގެ ސްޓޯރީވެސް އަހަރެން ބޭނުންގޮތަކަށް ލިޔުމުގެ ފުރުސަތު އޮންނާނެ، އެކަނި ނަސީބެއްނޫން އެހީވާނީ، އެމީހެއްގެ ބުރަ މަސައްކަތް އެކަމުގައި ރޯލެއްކުޅޭނެކަން ޔަގީން، އަހަރެން މިހެން ދުރުގައި ހުއްޓަސް ބޭނުން އެއްޗެއް ހާސިލެއް ނުކުރެވޭނެ، މިހާރު ދުނިޔެއިން މިލާން ނޫނީ ބޭނުންވާ އެއްޗެއްނެތް. އަހަރެންގެ ނަސީބުގައި ލިޔުއްވާފައި ނެތީ އެންމެ އެއްޗެއް، އެއީ ކަން ނޭގޭ އަހަރެން ހޯދަން ބޭނުންވާ އުފަލަކީ......." ދާނިޔަލް ވިސްނުމެއްގެ ތެރޭގައި އިރުކޮޅަކު ހުރިއިރު އެހެން މީހުން ގެ ހަރަކާތްތައް ފެނުނީމަ އަމިއްލަ ހާލާއިމެދު ހަމްދަރުދީވިއެވެ. މަންމައާއި ބައްޕަ ޒުވާން ދެ ލޯބިވެރިން ފަދައިން އަތުގުޅުވާލައިގެން ހިނގާލަނީއެވެ. ނަހުޔާން ކާރަށް އެރުމުން އައިޒާ ލޯގަނޑުގައި މޫނު ޖައްސާލައިގެން އިރުކޮޅަކު ހުރެލާފައި ހިނިތުންވެލި އިރު މޫނުވަނީ މަލެއްހެން ފަރިވެފައެވެ. ޖުވޭދާ އާދައިގެ މަތިން ޓީވީ ދޮށުގައި ހުރިހާ ދަތްތައް ދައްކާލައިގެންނެވެ. ގޭގައި ގެންގުޅޭ މީހުންނަށް ދާންދެން އުފަލުން ހިނިތުންވެލައިގެންނެވެ. އެހެންމީހުންގެ ދިރިއުޅުން ފުރިހަމަވެފައިވާއިރު އޭނަގެ ދިރިއުޅުން މިދަނީ ކޮން ދިމާލަކަށް ހެއްޔެވެ؟ ލޯބިނުވިޔަސް އެހެން މީހުންނަށް އެންމެ ކުޑަވެގެން ކައިވެނީގެ އުފާ ލިބިގަނެވޭނެއެވެ. އެހާވަރުގެ ހިތްހަމަޖެހުމެއްވެސް އޭނައަކަށް މިންވަރު ނުކުރެއްވިއެވެ. އޭނަގެ ޚިދުމަތުގައި އައިޒާ ފަދައިން ހުންނާނެ އަންބެއް ނެތެވެ. 

"ޑޭމިޓް، އަހަންނަށް މިކަމަކަށް ކެތެއްނުކުރެވޭނެ... މުޅި އުމުރު މިގޮތަށް ސްޕެންޑްކުރަން ވެއްޖެއްޔާ އައި ވިލް ގޯ ކްރޭޒީ.... އިރާއަށްޓަކައި އަހަރެންގެ ފީލިންގްސްތައް ގުރުބާން ކޮށްލާކަށް އަހަރެން ނުޖެހޭނެ.. އަހަރެންގެ ހެޕިނެސް އަހަރެން އަމިއްލައަށް ހޯދާނީ........" ދާނިޔަލް ކޮޓަރިއަށް ވަދެ ޑިއުޓީއަށް ދާން ތައްޔާރުވެލައިގެން ތިރިއަށް ފޭބިއެވެ.

"އެންޑީ، ތެންކްސް ކާރު ދޮވެލަ ދިނީތީ، އެހެންނޫނަސް ރޫމް ކްލީންކުރާގޮތް ބަރާބަރު......." ދާނިޔަލް ވޮލެޓް ހުޅުވާލާފައި ސަތޭކަ ޑޮލަރެއް އެންޑީ އަތަށް ލައްވާފައި ކާރުގެ ދޮރު ހުޅުވާލައިފިއެވެ. އެންޑީގެ ހިތް ދާނިޔަލް އަށްޓަކައި ޝުކުރުން ފުރުނެވެ. ދޭތެރެއިން އެގޮތަށް ކުދި ހަދިޔާތައް ދިނުމަކީ ދާނިޔަލްގެ އާދައެކެވެ. ނަމަވެސް މިހާބޮޑު އެއްޗެއް އެއްފަހަރާ ދީފައެއް ނުވެއެވެ. 
ދާނިޔަލް ކާރު މަޑުކޮށްލީ އޭނަގެ ބޮޑުދައިތަ ސާރާމެންގެ ގެކާރިއަށެވެ. އެގޭގެ ވަލުދޮރާށްޓަކީ އާއްމުކޮށް ގޭގެ ނޯކަރުން ބޭނުންކުރާ ބަޔަށްވިޔަސް ދާނިޔަލް ގެއަށް ވަނީ އެ ދޮރުންނެވެ. މިގަޑީގައި ނަދީމް ގޭގައި ނޫޅޭނެކަން ދާނިޔަލްއަށް ޔަގީނެވެ. ސާރާ އާއި ނަދީމް އަދި ކުދިން އަޅުކަމަށް ފަރުވާ ބަހައްޓާކަން ދާނިޔަލްއަށް އެނގެއެވެ. އަސުރު ގަޑިވީމަ ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ގޭގެ ފަހަތުބައިގާވެސް އޮތީ ތަފާތު ވައްތަރުގެ މާގަސް އިންދާލާފައެވެ. ޚާއްސަކޮށް އެތައް ސަތޭކަ ހުދު އޯކިޑްމާ ފޮޅިފައިވާއިރު މުޅި ފަޒާގައި ހިފާފައިވަނީ އެ މީރުވަހެވެ. ދާނިޔަލް ދިގު ފިޔަވަޅުތަކެއްގައި ގޮސް މިލާން އުޅޭބައިގެ ދޮރުގެ ތަޅުގައި ހިފާލިއިރު ތަންޑުހުރީ އަޅުވާފައެވެ. ދާނިޔަލް މިލާންއަށް މެސެޖްކޮށްލާފައި އެންގީ ދޮރު ހުޅުވުމަށެވެ.

ޖަވާބެއް ނައުމުން ދާނިޔަލްގެ ކެތްތެރިކަން ކޮޅުން ލާންފެށިއެވެ.
"ޕްރޭކުރަނީ..." މިލާން ކުރު ޖަވާބެއްދިނެވެ.
"އޯކޭ އައިމް ވެއިޓިން...." ދާނިޔަލްގެ ނިތްކުރީގައި ރޫތައް ގިނަވިއެވެ. މިލާން ގަސްތުގައި އޭނަގެ ހިތް ތަޅުވަނީއެވެ. ނަމާދަށް ނުފަށާކަމުގައިވާނަމަ އެންމެ މިނިޓަކަށް ފެނިލާފައި އެހެން ނުބުނެވުނީ ކީއްވެހެއްޔެވެ؟ މިލާން ދެކެލާހިތުން ކެތްނުކުރެވިގެން އުޅޭއިރު އެކުއްޖާ އެއުޅެނީ އޭނައަށް ޖެއްސުކުރާށެވެ. އޭނަގެ ހިތާއި ފުރާނައިން މިލާންއަށް އެދޭތާ ކޮން ދުވަހެއްހެއްޔެވެ؟ 

ކޮމެންޓް 0