ދާނިޔަލް ޑިޕާޗާ ހޯލަށް ވަދެފައި އެންމެނާއި ވަކިވެގެން އެއްފަރާތަކަށް ޖެހިލާފައި މިލާންއަށް ގުޅީ ޖަރމަނީއަށް ފުރާ ވާހަކަ ބުނުމަށެވެ. 
"މިހާ ވިއްސާރައިރު ފުރަންވާނެތަ؟" މިލާންގެ އަޑުން ކަންބޮޑުވެފައި ހުރިކަމުގެ އަސަރު ފާޅުވިއެވެ
"ޕައިލެޓަކަށް ނޫނޭ އަހަރެން ޓްރަސްޓް ކުރަނީ މިލާން، އަހަރެން ބިރެއް ނުގަނޭ ތޫފާނެއްގެ ތެރެއިންވެސް ޓްރެވެލް ކުރާކަށް..... މިލާންއަށް އެނގޭތަ؟ އިރާގެ ސާޖަރީއަށް މިދަނީ....." ދާނިޔަލްގެ ޖުމްލައިން އެކޮޅުން ބުނާނެ އެއްޗެއް ނޭގުމުން ދާނިޔަލް ހީކުރީ ލައިން ކެނޑުނީ ކަމަށެވެ.

"ދީނާ ދައްތަ ނުވެސް ބުނޭ...." އިރުކޮޅެއް ފަހުން މިލާން ގެ ޖަވާބު އައެވެ.
"މަންމަ އާއި އިރާވެސް މިލާންދެކެ ރުޅިއައިސްފައި ކަމަށް ވާނީ، މަންމަ އިންވައިޓް ކުރީމަ މިލާން ގެއަށް ނައިކަމަށް މަންމަ ބުނި، އަނެއްކާ އިރާ ދަތުރު އަންނަން އެދުނީމަވެސް އެކްސްކިއުޒެއް ދައްކާލަފައި ނައީމަ އެކުދިންވެސް އަޕްސެޓްވީކަން ޔަގީން، އަންނަމުން ކޯންޗެއް ގެނެސްދޭންވީ؟ " ދާނިޔަލް ހުރީ ހިނިތުންވެލައިގެންނެވެ.
"ލެވެންޑަރ މާ...." މިލާން ގެ ޖަވާބު ކުރެވެ.
"ތިއީ ގިފްޓަކަށް ގެންނަވަރުގެ އެއްޗެއްތަ؟ އެނީވޭސް އަހަރެން ބަލާނަން މާ ހިފައިގެން އާދެވޭތޯ....." ދާނިޔަލް ހައިރާންވީ މިލާންގެ ސާދާކަމާއި މެދުގައެވެ. އެހެން އަންހެންކުއްޖެއް ނަމަ ބުނާނީ ތަންކޮޅެއް އަގުބޮޑު އެއްޗެއް ކަން ޔަގީނެވެ. 

"ޑެނީ، މާމަ ބަލިކޮށް އުޅެނީ، ހުން އައިސްސަ ބޮލުގަޔާ ބަނޑުގައި ރިއްސާފައި މާ ވަރަކަށް ކެއްސަނީ، އަދި މޭނުބައި ކުރާ ވާހަކަ ބުނި، އެހެންވެ ހޮސްޕިޓަލަށް ދާންވެގެން މިއުޅެނީ....." މިލާން އެހެން ބުނުމުން ދާނިޔަލް ހަނދާންވީ ދެތިން ދުވަސްކުރިން މުފީދާ އާއި ދިމާވެގެން އޭނަ ވަރަށް ބަލިކަމަށް ބުނެ ދާނިޔަލް ގެ ފަރާތުން ފަރުވާއެއް ހޯދަން ބޭނުންވިއެވެ. ދާނިޔަލް ފާމަސީއަކުން ޕެރެސެޓްމޯލް ގަނެދިނެވެ. ދެ ދުވަހަށް ބަލާފައި ރަނގަޅު ނުވަންޏާ ޓެސްޓް ހަދާފައި އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކަން ދާނިޔަލް ވަނީ ބުނެފައެވެ. 

"ޓެސްޓް ހަދައިގެން ރަނގަޅު ފިޒިޝަނަކަށް ދައްކާ....." ދާނިޔަލް ފޯނު ބާއްވަމުން މާމަ އާއި އަޅާލަން އެދުނެވެ. މިލާން ހުރީ ނިކަން އުފާވެފައެވެ. ދާނިޔަލް ހާދަ ރަނގަޅޭ ހިތަށް އެރިއެވެ. 

މިލާން މާމަ ގޮވައިގެން ހޮސްޕިޓަލަށް ދާން ތައްޔާރުވާން ހުއްޓާ ސުދާ އެގެއަށް އައެވެ. މިލާން އާއި ގުޅާލައިގެން ދޭތެރެ އަކުން އެގެއަށް ވަދެލާއިރު މިލާންގެ ހިތް އަތުލަން ކާއެއްޗެއްސާއި ކުދި ކުދި ހަދިޔާ ގެނެސްދެއެވެ. ބޮލުގައި ޖަހާ ދަތިން ފެށިގެން ޕްލާސްޓިކް ތަނޑިތަކުންވެސް ވަތްގަނޑު ދިޔައީ ފުރެމުންނެވެ. މިލާން އެހާ ގާތްކުރަން ބޭނުންނުވާ ވައްތަރުގެ އެކުވެރިއަކަށް ވިޔަސް ސުދާ މިލާންގެ ހިޔަނިފަދައިން ފަހަތުން އުޅެ ގަދަކަމުން އެ ރަހުމަތްތެރިކަން ހޯދައިފިއެވެ. މިލާން ސުދާ ސެލޫންއަށް ވަޒީފާއަށް ނުދަނީ މާމަ ބަލިކަމުން ކަމުގައި ބުނީމަ ސުދާ ހުރީ ގަބޫލު ކޮށްލައިގެންނެވެ. ހަގީގަތަކީ އެއީއެވެ. މާމަ ބަލިވެ އުޅޭތާ ހަފްތާއެއް ހާ ދުވަސްވެސް ވެއްޖެއެވެ. މިލާން އާދޭސް ކުރީމަވެސް މުފީދާ ބުނަނީ ދާނިޔަލް ދިން ބޭސްކައިގެން ރަނގަޅު ކަމަށެވެ. މިލާން ދާނިޔަލް ގާތުގައި އެކަން ދެނެހުރިކަމަށް ނުހެދުނީ ދާނިޔަލްވެސް އެކަން ސިއްރުކުރީމައެވެ.

"ވީ އާރ ކަނެކްޓެޑް ސަމްހައު، އެހެންނޫންނަމަ މާމަ އާއި މަގުމަތިން ދިމާވެގެން އަމިއްލައަށް ގޮސް ބޭސް ގަނެއެއް ނުދޭނެކަން ޔަގީން......" މިލާން ތައްޔާރުވާން ހުރިއިރު ސުދާ ޓީވީ ބަލަން އިނެވެ. މިލާން ކޮޓަރިއަށް ވަދެ ޕާރސް ހުޅުވައިލީ ޑޮލަރު މާރުކުރަން ދާންވެގެންނެވެ. ފައްސަތޭކަ ޑޮލަރު ޖެހުނުތާ ލަކުނުވެސް ނެތެވެ. މިލާން ގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނަގެ އަތުގައި މިހާރު އެންމެ ލާރިއެއްވެސް އޮތީއެއް ނޫނެވެ. ބޭނުމެއް ޖެހުނު ދުވަހު ހަދަންވީ ކިހިނެއް ހެއްޔެވެ؟ ނެގީ ކާކުހެއްޔެވެ؟ ސުދާއާއި މެދު ޝައްކު ކުރާކަށް ބޭނުމެއް ނޫނެވެ. މިލާން ކަންބޮޑުވެފައި އެތަން މިތަން ހޯދަނިކޮށް ސުދާއަށްވެސް ވެގެން އުޅޭގޮތް އެނގި އެ ޑޮލަރު ހޯދުމުގައި ބައިވެރިވިއެވެ. އެންމެ ފަހުން ސުދާ މިލާންއަށް ފަހުން ދޭގޮތަށް ދެހާސް ރުފިޔާވެސް ދީފިއެވެ. ސުދާ އިނީ ނުބައި ގޮތަކަށް ހިނިއައިސްފައެވެ.

މުފީދާ ޑޮކްޓަރަށް ދެއްކުމުން ޓެސްޓް ހަދަންދީފައި ދެމައިން ގެއަށް އައިއިރު މުފީދާ އޮތީ ވަރުބަލިވެ ތެދުވާނެވަރެއް ނެތިފައެވެ. ހުން ބުރާންތިވެފައި އޮވެ ދައްކަނީ މުޅިން ހަމަނުޖެހޭ ވާހަކަތަކެވެ. މިލާން އަތްލިއިރު އެހާ ހޫނުކަމަކަށް ނުދައްކައެވެ. މިލާން ކުރުނބާ އެއްޗެހި ދެވޭތޯ މަސައްކަތްކޮށް މުޅި ރޭގަނޑު އިނީ މާމަގެ ޚިދުމަތުގައި ހޭލައެވެ. ނިދިއައިސްގެން ގޮސް ދެލޯހުޅުވައި ނުލެވޭ ވަރުވުމުން ގޮނޑީގެ އަތްގަނޑުގައި ބޯ އަޅާލައިގެން އިރުކޮޅަކު އިނދެލާފައިވެސް ގޮސް ދެލޮލުގައި ފެންލައިގެން ލޯ ހުޅުވާލިއެވެ. މުފީދާއަށް ލޯ ހުޅުވައިލެވުނު އިރު މިލާން ނުނިދާއިންކަން އެނގުމުން އަސަރު ކުރިއެވެ. އޭނަ ކުރުނުކޮށްގެން މިލާން މާމަ ކާރީގައި އޮށޯވެލައިގެން އޮތްވާ ކުޑަކޮށް ނިދުނެވެ.

އޭރު ތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. ދޭތެރެއަކުން އުޑުމަތިން ވިދުވަރުގެ ރޮގުތައް ފެނިލައެވެ. އައިޒާ އެރޭ ހުރީ ނަހުޔާން އާއި ކުރިމަތިލާނެ ހިތްވަރެއް ނުލިބިފައެވެ. ފޮނި ފޮނި އުއްމީދުތަކެއް ކުރެވުނަސް އޭނަ އަވަހަށް ކޮޓަރިއަށް ވަދެ އެނދުގެ ރަޖާދަށުގައި ފޮރުވިލީ ބިރުންނެވެ. ނަހުޔާން ބުނެފާނެ އެންމެ ލަފުޒަކުން އިންތިހާއަށް ކަންބޮޑުވެފައެވެ. ވަރިކޮށްފިއްޔާ ހަޔާތުގެ ހުޅުކޮޅު ނިވުނީއެވެ. އެއްގޮތަކަށްވެސް އޭނަ އެހެން ވިޔަކަ ނުދޭނެއެވެ. އައިޒާ ނަހުޔާންގެ އިންތިޒާރުގައި އެތައް އިރެއްވީއިރުވެސް ނަހުޔާންގެ ޚަބަރެއް ނުވިއެވެ. ނަހުޔާން އޭނަ އުޅޭތީ ކޮޓަރިއަށް ވަންނަން ބޭނުންނުވީކަމަށް ވެދާނެއެވެ. ނަސީބަކުން ނިދި އައިޒާގެ ހިތާމައިގެ ބައިވެރިޔަކަށްވެ އަރާމު ކޮށް ނިދާލުމުގައި އެހީތެރިވެދިނެވެ. ހުރިހާ ޚިޔާލުތަކުން ސިކުނޑި ހުސްވެ ރީތި ހުވަފެންތަކުގެ ތެރެއަށް އައިޒާ ގަންބާލައިފިއެވެ.

އައިޒާ ހެދުނު ހޭލީ ގުގުރީގެ ބާރުއަޑުފަށްގަނޑަށެވެ. ކުޑަކޮށް ހިތް ތެޅިލިނަމަވެސް ފުދޭވަރަކަށް ހިތްވަރުގަދަ ކުއްޖަކަށްވާތީ އެހާ ބޮޑަށް ހާސްވުމެއްނެތި ތެދުވެގެން ގޮސް ބެލްކަނީގެ ދޮރުފޮތިތައް ކަހާލާފައި ބޭރަށް ބަލައިލި އިރު ދުނިޔެމަތީގައި ހީވަނީ ކަޅު ސާލެއް އޮޅާލެވިފައިވާހެންނެވެ. ދޭތެރެއަކުން ކަޅުވިލާތަކުގެ ތެރެއިން ވިދުވަރުގެ ތޫނު އަލި ފާޅުވެގެންދާތަން ފެނެއެވެ. ހެދުނު ހަތެއްޖެހިއިރުވެސް އިރު ނާރާހެން ހީވިއެވެ. އެހާ އަނދިރިކަން ގަދައެވެ. މަތިމައްޗަށް ބޯ ވިލާތައް ހެދި ބާރު ވައިރޯޅިތައްޖެހި، ތޫފާނެއް އަންނަން އުޅޭ ކަހަލައެވެ. އައިޒާ ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ޚިޔާލެއްގެ ތެރޭގައި ހުއްޓާ ފަހަތުން މީހަކު ހުއްޓުނުހެން ހީވުމުން ގައިން ހީބިހި ހަލުވައިލިއެވެ. ބަލާނުލިޔަސް އެއީ ކާކުކަން އެނގުނެވެ. 

"މޯނިން......" ނަހުޔާން އައިޒާ އާއި ދާދި ކާރީގައި ހުއްޓުނެވެ. އައިޒާ ކުޑަގޮތަކަށް ބަލާލިއެވެ. ނަހުޔާން ހުރީ ތުނި ގަމީހަކާއި ސޯޓެއްގައެވެ. ގަމީހުގެ މަތީގޮށްތައް ނާޅުވާ ހުރުމުގެ ސަބަބުން އެ ތަނަވަސް މޭމަތިން ބަޔެއްވަނީ ހާމަޔަށެވެ. ހާދަ ފިރިހެންވަންތައެވެ. އެވަގުތު އުޑުމަތިން ހުދު ރޮގުތަކެއްފަދައިން ވިދުވަރުގެ އަލި ކެނޑިގެން ދިޔުމުން އައިޒާގެ އަތް ބޭއިޚުތިޔާރުގައި ކަންފަތާއި ހަމަޔަށް ދިޔައެވެ.

"ގުގުރީގެ އަޑު އިވިދާނެތީ ބިރުންތަ؟ އަހަރެން ހަދާންވަނީ ޑެނިއަލް ކުޑައިރު ތިގޮތަށް ކަންފަތުގައި އަތްއަޅައިގެން އޮންނަ ހަދާން.... ދުވެލާފައި އައިސް މަގޭ ގައިގާ ބައްދައިގެން އިންނާނީ......." ނަހުޔާން މާޒީގެ ހަދާންކޮށްލިއެވެ. އެގޮތަށް ނަހުޔާންގެ ކަދުރާގައި ބައްދާލައިގެން އިންނައިރު އެ ކުޑަހިތް ތެޅޭއަޑު ނަހުޔާންއަށް އިވެއެވެ. ބޮޑުވެގެން ދާނިޔަލް ވެފައިވަނީ އޭނައަށް ވުރެން ހިތްވަރުގަދަ ފިރިހެނަކަށެވެ. އެ ކުޑަ ހިކި ކުއްޖާ ދުވަހަކު ބޮޑުނުވާނެއޭ ކިޔައިގެން ދޮންމަންމަ އެވަރަށް އުޅޭނެއެވެ. މިހާރު ދާނިޔަލްގެ އިސްކޮޅު ހަފޫޓަށްވުރެ ދިގުވެފައި ކިހާ ބިޔަ ހެއްޔެވެ؟

ދާނިޔަލްގެ ނަން އިވުމުން އައިޒާގެ މޫނުގެ ކުލަ ފަނޑުވިއެވެ. އެނަން އިވުމުން އޭނަގެ ސިކުނޑިއަށް އުދަގުލެއް ނުވާނެ ފަދަ ދުވަހެއް އަންނާނީ ކޮން އިރަކުންހެއްޔެވެ؟ އެއީ އައިޒާގެ ހަޔާތުގައި އާ ބާބެއް ފެށޭ ދުވަހަކަށް ވާނެއެވެ.

"އަހަރެންގެ ކޮއްކޮ އިނާ ވެސް އުޅެނީ އެކަހަލަ ގޮތަކަށް، މިހާރުވެސް އިންނާނީ ބިރުންކަން ނޭގޭ.... އެންމެ މަޖަލީ އަހަރެން ގޭގައި ނަމާދު ކުރާއިރު ސަޖިދައަށްދާ ކޮންމެ ފަހަރަކު އިނާ އޮންނާނީ ބޮލަށް އަރާފައި، ހަނީބަންޗް ވަރަށް އެންޖޯއި ކުރާކަމެއް އެއީ...." އިނާހު ކޮށްލާ ލޯބިކަންތައް ހަދާންވީމަ ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވި ކޮއްކޮއަށްޓަކައި ހިތްފުރެއެވެ. އޯޓިޒަމް ކުދިންނަކީ ނާދިރު ކުދިން ތަކެވެ. އެކުދިން ދިރިއުޅުމުގެ ކޮންމެ ކަމަކާއި ދޭތެރޭގައި އެހެން އިންސާނުންނާއި ކޮންމެވެސް ވަރަކަށް ތަފާތު ނަޒަރަކުން ދެކޭނެއެވެ. އިނާހު ފަދައިން ދާނިޔަލްއަކީ އުފެދުމުގައި ތޫނުފިލި ޒުވާނެކެވެ. ގޯސްވެ ނުބައި މަގު ޚިޔާރުކުރީ އަމިއްލަ އަށެވެ. ބައްޕަ ލޯބި ދީގެން ބޮޑުކުރީމަވެސް އެއުޅެނީ ކިހިނެއްހެއްޔެވެ؟

"ރިއަލީ؟ ޑެނީވެސް ކުޑައިރު ނަމާދު ކުރިއިރު ކުރާކަމެއް އެނގޭތަ؟ ބައްޕައާއި އެކު ރޫމްގައި އަހަރެމެންވެސް ނަމާދުކުރަނީ، ޑެނީ ވަރަށް ލައިކްވާކަމެއް ސަޖިދަކުރުން، ކޮންމެފަހަރަކު ސަޖިދާގައި ގިނައިރު ކުރާތީ ބައްޕަ އަހާލައިފިއްޔާ ބުނާނީ ދުއާކުރަނީއޭ.... އެކަމަކު ޑެނީ ކުރާކަމެއް ޔަގީންވީ އެއް ރޭ އިޝާގައި ވީގޮތަކުން، އެހެން ތިންވަނަ ރަކުއަތުގެ ސަޖިދައަށް ދިޔަގޮތަށް އަހަރެމެން ސަލާމްދީފައި ބަލާލިއިރުވެސް ސަޖިދައަށް ދިޔަކުއްޖާ އޮތީ ނުތެދުވެ..... ބައްޕަ ބެއްލެވިއިރު އޮތީ ގަދަޔަށް ނިދާފައި.. އޭރު އެހެން އުޅުނަސް ތަންކޮޅެއް ބޮޑުވީމަ ޑެނީއަށް ވިސްނޭނެ ދޯ، ކުޑަކުދިން ނަމާދަށް ގޮސްފައިވެސް އެގޮތަށް މަޖާ ކޮށް ސަކަރާތް ޖަހާލާނީ....." ނަހުޔާން ދާނިޔަލް ކުރާކަންތައް ހަދާންވެފައި ހީލުމުން އައިޒާއަށް އެ ރީތި ހިނިތުންވުމަށް ގެއްލިފައި ހުރެވުނެވެ. 

ނަހުޔާން އާއި އައިޒާ ބެލްކަނީގައި ތިބެ ކުރީ ޒަމާނުގެ ވާހަކަތައް ދައްކާފައި ހޭންތިބިއިރު އެދޭތެރޭގައިވާ ބީރައްޓެހިކަމުގެ ފަރުދާ މަޑުމަޑުން ނެގެމުންދިޔައެވެ.

"ނަހުޔާން، އަހަރެން އަންނާނަން ތައްޔާރުވެލައިގެން ކޮފީ ހަދަން......." އައިޒާ އެހާ ބޮޑުކަމެއް ނަހުޔާންއަށް ސިއްރުކުރުމުން އެކަމާއި މައްސަލަ ނުޖެއްސި ކަމާއި މެދު އައިޒާ ހުރީ އިންތިހާއަށް އުފާވެފައެވެ.

ހަގީގަތުގައި ނަހުޔާން އެވާހަކަ އިވުމުން ރުޅިގަދަވެ ކެތްނުކުރެވޭވަރުވި ނަމަވެސް ވިސްނައިލުމުން އަމިއްލަ ނަފުސްވެސް ކުށްވެރިކުރެވުނެވެ. އޭނަ އަޅާނުލާ އެހާދުރުން އުޅުނު މީހާގެ ކާރީގައި އައިޒާ ބުނުމުގެ ބޭނުމެއް އޮންނާނެ ހެއްޔެވެ؟ އައިޒާ ކަންތައްކުރީ ރަނގަޅަށެވެ. ފަހުން ނަހުޔާންގެ ދަރިފުޅު ލޮލަށް ނުފެނި ވަކިވެގެން ދިޔަކަން ހިތަށް އަރާފައި ފެންކަޅިވިއެވެ. އެކަނިމާ އެކަނި އެރޭ ޓެރެސްގައި އިނދެގެން ވިސްނަން އިނދެވުނީ ކިހާއިރެއް ވާންދެންކަމެއްވެސް ނޭގެއެވެ. ފިނި ހިތަކާއިއެކު ވިސްނައިލުމަށްފަހު އަނެއްކާވެސް ނަހުޔާން އެ ކައިވެނި ރޫޅުނަ ނުދީ ކުރިއަށް ގެންދާގޮތަށް ނިންމީއެވެ. 

ނަހުޔާން އާއި އައިޒާ އެކީގައި ކޮފީބޮއިގެން ދެމީހުން އުޅުނީ ޕޫލް ކުޅުމުގައެވެ. އައިޒާ އާއި ދެމީހުން ކުޅެން ތިއްބާ ޖުވޭދާ ދެތިންފަހަރު ބޯދިއްކޮށްލާފައި ބަލާވެސްލިއެވެ. ހީވަނީ އެދެމަފިރިން އެކީގައި އުޅޭތަން ފެނުމުން ޖުވޭދާ ހިތްހަމަނުޖެހިފައި ހުރިހެންނެވެ. އައިޒާ އެކަމާއި ފަރުވާލެއް ނުބަހައްޓައެވެ. ނަހުޔާންހާ ވިސްނޭ ފިރިޔަކު ހުރީމަ އެއްވެސް މީހަކަށް އެ ދޭތެރެއަކަށް ނުވަދެވޭނެއެވެ.

ފްލައިޓުން ފޭބިއިރު އިރާ ހުރީ ޖެކެޓްލައިގެން ކަމުގައި ވިޔަސް ބުނަން ނޭގޭފަދަ ފިނިކަމެއް މޫނުގައި ބީހިލިއެވެ. ތަފާތު މާހައުލަކަށް އާދެވުމުން އިރާ ހުރީ ވަށައިގެންވާ މަންޒަރުތައް ދެކެލާހިތުން ބޭގަރާރުވެފައެވެ. ކިތަންމެ ވަރަކަށް ދެލޯބޮޑުކޮށްފައި ހޯދިނަމަވެސް ފެންނަނީ އަޖައިބެއްފަދަ ކަނު އަނދިރިކަމެކެވެ. ކުރީގެ ފިލްމުތައް ފަދައިން ކަޅާއި ހުދުން ވެސް މަންޒަރުތައް ފެންނާނެ ނަމައެވެ. އޭނަ ދާނިޔަލްއަށް ގޮވާލާފައި މަންޒަރުތައް ސިފަކޮށްދޭން އެދުނެވެ. ދާނިޔަލް ބުނީ ވަރަށް ފޫހިތަނެއް ކަމުގައެވެ. މުޅިންވެސް ފެންނަނީ މުސްކުޅި އިމާރާތް ތައްކަމުގައެވެ.

"ޑެނީ ދޮގުނަހަދާ، އަހަންނަށް އެނގޭ މައުންޓެއިން ތަކާއި ގާޑްންތައް އަދި ކުދި ކޮޓެޖްތައް ފެންނަކަން..... ސާޖަރީ ހަދައިގެން ފެނުނު އިރަކުން ޑެނީ ދޮގުހެދިކަމަށް ވަންޏާ ލަނޑެއް ދޭނަން......" އިރާ ހީލިއެވެ. ހަގީގަތުގައި އިރާ ހުރީ ނިކަން ބޮޑަށް އުފާވެފައެވެ. ލޮލަށް ރަނގަޅުވާނެ ކަމުގެ އުއްމީދު އެހާ ބޮޑެވެ. ދާނިޔަލް އިރާގެ ގަނޑުފެންކޮޅެއްފަދަ އަތުގައި ހިފަހައްޓާލައިގެން ހުރެ ކުރިއަށް ދިޔައެވެ. އެތައް ބަޔެއްގެ ނަޒަރު އެދިމާލަށް ހުއްޓިފައިވިއެވެ. މިހިސާބުގައި ގިނައީ އެކި މަންޒިލްތަކަށް ދަތުރުކުރާ މުސާފިރުންނެވެ. ތަފާތު ކުލަތަކުގެ މީހުންނެވެ.

ދާނިޔަލް އަތުގައި ހިފާލުމުން އިރާގެ ހިތަށްވެސް ފިނިވެގެން ދިޔަހެން ހީވިއެވެ. ބިރުވެރި ރެއެއްގެ ހަދާން އާކުރުވިނަމަވެސް އެ އަތުގެ ހިފެހެއްޓުމުން މިފަހަރު އިރާއަށް ރައްކާތެރިކަމާއި ސަލާމަތްކަން އިހުސާސްވިއެވެ. ދުވަހަކު އެ އަތުން ދޫކޮށްނުލާނެނަމައޭ އިރާގެ ހިތަށް އެތައް ފަހަރު އެރިއެވެ.

މިލާންގެ ޅަކަމުން އޭނަގެ މާމަ މުފީދާގެ ހާލު ދަށަށް ދިޔައިރުވެސް ވިސްނައިގަންނާކަށް ނޭގުނެވެ. ޓެސްޓްގެ ނަތީޖާ ބަލައި ދިޔުމުން ޑޮކްޓަރ ވަގުތުން މުފީދާ އެޑްމިޓްކުރަން ލަފާ ދިނެވެ. ޑޮކްޓަރަށް އެއީ ސްކްރަބް ޓައިފަސް ކަން ޔަގީންވީ ބަނޑުގައި އިން ތަންކޮޅު ފެނުމުންނެވެ. އެތަންކޮޅު ހީވަނީ ސިގިރެޓުން އަނދާފައި ހުރި ނިޝާނެއް ހެންނެވެ. މިލާން ސްކްރަބް ޓައިފަސް އަޑުއެހީ އަލަށެވެ. އަދި އެއީ މީދަލުގެ ކެހެރިފަދަ ތަންތާ އުޅޭ ކުޑަ ސެއްޅިއެއް ދަތްއަޅައިގެން ހަށިގަނޑަށް ވާސިލުވާ ޖަރާސީމަކުން ޖެހޭ ނުރައްކާތެރި ބައްޔެއްކަން މިއެގުނީ އާއިލާއިން އެ ބަލި ފެނުނީމައެވެ. ކުރީކޮޅު އެ ބައްޔަށް ފަރުވާ ނުކުރެވިއްޖެއްޔާ ފުރާނައަށް ގެއްލުންވާކަން އެނގުމުން މިލާންގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް މިލާން އުއްމީދު ކަނޑައެއްނުލިއެވެ.

މިލާން ގެ މާމަ އައިސީޔޫއަށް ވެއްދިދުވަހު ކުރީކޮޅު ހާލުދެރަވިއެވެ. ނަމަވެސް ފަހުން ލޯ ހުޅުވާލާ ވާހަކަދައްކާ ސިކުނޑި ރަނގަޅުކަން އެނގުމުން މިލާން ގެ އުއްމީދު އާވިއެވެ. މުފީދާ އުމުރު ދުވަހު އެއްވެސް މީހެއްގެ އަތަށް ނުދީ ގެންގުޅުނު އަލަމާރިގަނޑުގެ ތަޅުދަނޑިވެސް މިލާން އާއި ހަވާލުކުރިއެވެ. އޭގައިވާ ކޮންމެ އެއްޗަކީ މިލާންގެ އެއްޗެއްކަމުގައި ބުނެލީ ހިނިތުންވެލަމުންނެވެ. މުފީދާ މިހާރު ބޭނުމީ އެކަނި މިލާންގެ ހެޔޮ ދުޢާކަމަށާއި ހުރިހާކަމެއް ރަނގަޅުވެދާނެ ކަމަށް މިލާން ގާތުގައި ބުންޏެވެ. މުފީދާ އެހާ ރީއްޗަށް އޮވެފައި އޮކްސިޖަން ދަށަށް ދާންފެށީ ކުއްލި އަކަށެވެ. ޑޮކްޓަރު މިލާންގެ ގާތުގައި ބުނީ މާމަ ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމާއި ބަލި އެނގުނީ ވަގުތި ފާއިތި ވީފަހުން ކަމަށެވެ. މިލާން އިނީ ޝޮކެއްގައެވެ. ލޮލުގައި އެންމެ ކަރުނަ ތިއްކެއްވެސް ނެތެވެ.

މިލާން އައިސީޔޫގެ ބޭރުގައި އިންތިޒާރުގައި އިންއިރު ސުދާ އާއި އެހެން އަވަށްޓެރިޔަކުވެސް ކާރީގައި ހިތްވަރުދޭން ހުއްޓެވެ. މިލާންގެ ކަރުނަތައް ހުއްޓުމަކަށް ނައެވެ. ހިތާހިތުން ދުއާކުރަމުން ދިޔައީ މާމަގެ އުމުރު ދިގުވުމަށެވެ. އެންމެ ފަހުން މުފީދާގެ ހާލު މާ ދަށަށް ދާން ފެށުމުން މިލާން މެން އެތެރެއަށް ވެއްދިއެވެ. އޭރު އޮކްސިޖަން އެންމެ ގަދަޔަށް ދީފައި ހުރިއިރުވެސް ފަސްދޮޅަހަށް އަރާފައި އެއަށްވުރެވެސް ދަށަށް ދަނީއެވެ.

"ނޫން ނޫން..." މިލާންގެ ހިތް ފަޅައިގެން ދިޔަހެން ހީވިއެވެ. ނަމަވެސް ރޯކަށްވެސް މިލާންއަކަށް ނޭގުނެވެ. އޮކްސިޖަން ހުރިވަރު މަޑުމަޑުން ގޮސް ތިރީހަށް އެރިއެވެ. ހިތުގެ ރޭޓް ސުމަކަށް އެރުމުން މިލާން ހުރީ ގަނޑުވެފައެވެ. މާމަ ޝަހާދަތް ކިޔާފައި އަބަދުގެ އަބަދަށްޓަކައި ދެލޯމަރާލިއެވެ. އޭނަގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހުރިހާ ތަނެއް އަނދިރިވިހެން ހީވި ވަގުތުކޮޅަކަށްފަހު ނަސީބަކުން އަނބުރައިނުގަންނަނީސް އޭނަ ގޮނޑިއެއްގައި ޖައްސާލައިފިއެވެ. މިލާންގެ އުފާވެރި ހަޔާތް ކުއްލިއަކަށް ނިމިގެން ދިޔަހެން ހީވިއެވެ. ދުނިޔެއިން އެންމެ ލޯބިވާ އެކަކު އަބަދުގެ އަބަދަށްޓަކައި އޭނައާއި ވަކިވެގެން ދިޔައީއެވެ.

މުފީދާއާއި ތިމާގެ މީހުން މުފީދާ ގެއަށް ގެންގޮސް ހުރިހާކަމެއް ބެލެހެއްޓިއެވެ. މިލާން މާމަގެ ގާތުގައި އެންމެ ފަހު ވަގުތާއި ހަމަޔަށް ކެތްތެރިކަމާއި އެކުގައި ހުރިއިރު މާމަ މަރުވީ ކަމުގައި ގަބޫލުކުރާކަށް އޭނަ ބޭނުމެއްނުވިއެވެ. ހިތާހިތުން އޭނަ މާމައާއި އެތައް ވާހަކަތަކެއް ދެއްކިއެވެ. އޭނަ ދުނިޔެއަށް އެކަނި ދޫކޮށްލާފައި ދިޔައީތީ ޝަކުވާކުރިއެވެ.

މުފީދާ އަސުރު ނަމާދަށް ވަޅުލުމަށްފަހު މިލާން ހުރީ ދެން ހަދާނެގޮތެއް ނުވިސްނިފައެވެ. އެކޮޓަރީގައި އެކަނިމާއެކަނި ދިރިއުޅޭކަށް މިލާންއަކަށް ނުކެރޭނެއެވެ. އެއީ އަންހެންކުއްޖަކު އުޅެން އެހާ ރައްކާތެރި ތަނެއް ނޫނެވެ. ވަށައިގެން ދިރިއުޅެނީ އާވާރާ ޒުވާނުންނެވެ. ސުދާ އަކަށް މިލާން އިތުބާރެއް ނުކުރެއެވެ. އޭނަގެ މާމަވެސް ވަސިއްޔަތް ކޮށްފައިވަނީ އޭނަ ނެތް ދުވަހަކުން ދީނާގެ ގާތަށް އެހީއަށް އެދި ދިޔުމަށެވެ. ދީނާގެ އިހުސާންތެރިކަން ހަނދާން ނައްތާނުލުމަށާއި، އަބަދަށްވެސް ދީނާ ބުނާގޮތަށް ހަދައިގެން އުޅެން މާމަ ވަނީ ވަސިއްޔަތް ކޮށްފައެވެ. ދީނާ ގާތަށް ނުދަންޏާ މިލާންގެ ބައްޕަގެ ގާތަށް ދިޔަސް އެންމެ ރަނގަޅު ކަމަށް މާމަ ވަނީ ބުނެފައެވެ. އަލަމާރީގައި ހުރި އެއްޗެހި ބަލާލީމަ ބައްޕައަކީ ކާކުކަން އެނގޭނެކަމަށް މާމަވަނީ ބުނެފައެވެ. ނަމަވެސް މާމަ މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން ދެއްކި ވާހަކަތަކާއި މެދު މިލާން އޭރު ނުވިސްނީ މާމަ ގެ ބުއްދި ރަނގަޅުނޫން ކަމަށް ހީކޮށްފައެވެ. އެވަރުންވެސް އަލަމާރި ހުޅުވާނެ ހިތްވަރެއް ނުލިބުނެވެ. ބައްޕައަކީ ކާކުކަން ދެނެގަންނާކަށް މިލާން ބޭނުމެއްނުވިއެވެ. ގަނޑުވެފައިވާ ސިކުނޑިން ވިސްނޭނީ ކޯންޗެއްހެއްޔެވެ؟ 

މިލާން ކޮޓަރި ތަޅުލާފައި ކާރަކަށް ގުޅައިގެން މިސްރާބުޖެހީ އެވަރލޭންޑަށެވެ. އޭރު ދުނިޔެއަށް ހީވަނީ ތޫފާނެއް އައިސްފައިވާހެންނެވެ. އޭނަގެ ހަޔާތަށް އައި ތޫފާން ފަދައިންނެވެ.

"ކޮންތަނަކަށް ދާންވީ..." ޑްރައިވަރު ދެވަނަ ފަހަރަށް އަހައިލިއިރުވެސް މިލާން އިނީ ދޮރުގެ ބިއްލޫރީގައި މޫނު ޖައްސާލައިގެން ބޭރަށް ބަލާށެވެ. ސިކުނޑިއަށް ބާރުކުރާވަރުން ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެއް ދިމާލެއްގައި ތޫނުކޮށް ވިންދުޖަހާފައި ލޮލުގައިވެސް ރިއްސަން ފަށައިފިއެވެ.

"އެގޭގެ ނަން ހަނދާނެއްނެތް، ހުރިގޮތަށް ދުއްވާ، ގެއާއި ހަމަޔަށް ދެވުނީމަ އަހަރެން ބުނާނަން....." މިލާން އެވަގުތު ހިތަށް އެރި އެއްޗެއް ބުނެލައިފިއެވެ.

ޑްރައިވަރު ބޯ ހޫރާލައިފިއެވެ. މި މޮޔަކުއްޖާ އަރުވައިގެން އޭނަ މުޅި މާލޭގައި ބުރުޖަހަން ވީހެއްޔެވެ؟ ދާންވީ މަންޒިލް ނޭގެންޏާ ކާރުން ފައިބަންވީއެވެ. ކިތަންމެ ރީތި އަންހެންކުއްޖަކަށް ވިޔަސް އޭނަގެ ޝައުގެއްނެތެވެ. މިޒާތުގެ އަންހެންކުދިން ނިކަން ނުރައްކާތެރިވާނެއެވެ. 

"އެވަރލޭންޑް....." މިލާން ހުވަފެނެއްގައި އިނދެފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.

"އޯކޭ..... މަޝްހޫރު ގެއެއްނު އެއީ، އެގޭ ކުއްޖެއް ޓެކްސީއެއްގައި އިނީ ކީއްކުރަންތަ؟" ޑްރައިވަރ ވާހަކަދައްކަން ފެށުމުން މިފަހަރު މިލާން އަނގައިން ނުބުނެ އިނީއެވެ. އެވަރލޭންޑް ކާރިއަށް ކާރު މަޑުކޮށްލުމުން މިލާން ލާރި ދީފައި ކާރުން ފޭބުމާއިއެކު ވާރޭގެ ބޮޑެތި ތިކިތައް އެއްފަހަރުން އޭނަ ތެންމާލައިފިއެވެ.

ކޮމެންޓް 0