ނޫނީ މީހަކު އޭނަ ހޭލައްވާލީ ހެއްޔެވެ؟ ކަންފަތް ކައިރީގައި ސިއްރެއް ބުނެލީ ހެއްޔެވެ؟ ދަންވަރު ކުއްލި އަކަށް ހޭލެވެންވީ ސަބަބެއް ވެސް ދާނިޔަލް އަކަށް ނުވިސްނުނެވެ.

ދާނިޔަލް ދުވެލާފައި ކަހަލަ ގޮތަކަށް މޫދު ފެންނަ ހިސާބަށް ދެވުނު އިރު ރިހިއަލީގައި މޫދާއި ގޮނޑުދޮށް ފެންނަނީ ސިހުރުވެރިކޮށެވެ. އިއްޔެ އުޑުމަތީގައި ވާހާ ވިލާތަކެއް ކެހި ހަނދު އޭގެ ފުރިހަމަ ޝާއްބަކަމާއިއެކު ވިދަ ވިދާއިން ތަން ފެނުނެވެ. ކަނޑުގެ ސަތަހައިގައި ރިހި ދޫލައެއް އެޅިފާވާހެން ހީވިއެވެ. ދާނިޔަލް ވަށައިގެން ހޯދާލާފައި ފާލަމާއި ދިމާލަށް ހިނގައިގަތީ ކޯންޗެއް ވިސްނާފައި ކަމެއް ނޭގުނެވެ. ފާލަމާއި ދާދި ކައިރިން ދާނިޔަލްއަށް ކުޑަ ހަރަކާތެއް ފެނުނުހެން ހީވިއެވެ. ދާނިޔަލް ދުވެލާފައި ގޮސް ފާލަން މައްޗަށް އެރުމާއި އެކު ފެނުނު މަންޒަރު ލޮލަށް ގަބޫލުނުކުރެވިފައި ހުރެވުނެވެ. މަހެއް ބާވައެވެ. ނޫނީ މާމެއިޑެއް ހެއްޔެވެ؟ ވަރުބަލި ގޮތަކަށް ހާވާއިރު ރާޅުތަކުގެ ތެރޭގައި ކޮންމެ ވަގުތަކުވެސް ފޮރުވިދާނެހެން ހީވިއެވެ.

"އިރާ...." ދާނިޔަލްގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނަ ސިކުންތު ކޮޅެއްވެސް ނަގާ ނުލައި މޫދަށް ފުންމާލިގޮތަށް އެ ދިމާލަށް ފަތައިގަތް އިރު ދުވަހަކު ނުލިބޭފަދަ ބާރެއް ހަށިގަނޑަށް ލިބިފައިވާހެން ހީވިއެވެ. ސުޕަރމޭންފަދަ އިހުސާސެއް ކުރެވުނެވެ. އޭނައަށް ކިރިޔާ އިރާގެ ގައިގައި ހިފައިލެވުނު ކަމެވެ. އިރާގެ ހުރިހާ ހަރަކާތްތަކެއް ހުއްޓި އަޑިޔަށް ދާންފެށީއެވެ. ސިކުންތުކޮޅެއް ލަސްވިނަމަވެސް އިރާ އަބަދުގެ އަބަދަށްޓަކައި ލޯމަތިން ގެއްލިގެން ހިނގައިދާނެ ކަންނޭގެއެވެ.

"ތޭންކް ގޯޑް......" ދާނިޔަލް އިރާ ގޮވައިގެން ފަސޭހަކަމާއި އެކުގައި ގެނެސް ފާލަން މަތީގައި ބާއްވާފައި ވިންދު ބަލައިލި އިރު ވިންދު ކިރިޔާ ޖަހާކަމެވެ. ހަނދުވަރުގެ އަލީގައި އެ ދޮންމޫނު ފެނުނީ ހުދުކުލައިގައެވެ. ތުންފަތުގައި ލޭގެ ކުލައެއްނެތެވެ. އެއްލާލެވިފައިވާ ބުދެއްހެން އޮތްއިރު ފެނުނު މީހެއްގެ ހިތަށް ރަހުމް ވަންނާނެއެވެ. އިރާ ވަރުބަލި ގޮތަކަށް ދެލޯ ހުޅުވާލާފައި ދާނިޔަލްގެ އަތް ފޮޅުވައިލަން އުޅުނު އިރު މޫނުމަތިން ބިރުގެންފައިވާކަމުގެ ކުލަވަރު ފެނުނެވެ. އޭނައަށް ފުރަތަމަ މިއޮވެވުނީ ކޮންތާކު ކަމާއި އޭނަގެ ގައިގައި އަތްލީ ކާކުކަމެއް ނޭގުނީކަން ނޭގެއެވެ.

"ރިލެކްސް ސްވީޓްހާޓް، ޔޫ އާރ ފައިން.........." ދާނިޔަލް އޭރުވެސް އިނީ ކުޑަކަކޫމަތީގައެވެ. އިރާ ނޭވާލާން ކުޑަކޮށް އުދަގޫވެފައި ހުރިނަމަވެސް ފުރާނައަކަށް ގެއްލުމެއް ވެދާނެ ކަމަކަށް ލަފާ ނުކުރެވެއެވެ. ނަމަވެސް ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އިރާ ނެތް ހިތްވަރުކޮށްލާފައި ތެދުވެ ފާލަން މަތީގައި ދެފައި ދަމާލައިގެން އިށީދެލައިފިއެވެ. ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމާއި އެކު ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. އެންމެ ފަހު ސިކުންތުކޮޅު ދާނިޔަލް އޭނަ ނުނެގިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ އެބުނާހެން "މިރެކްލް" އެކެވެ. ދެވަނަ ފަހަރަށް އޭނަ އަށް ދިރުން ދެއްވި ފަރާތުގެ ކުޅަދުންވަންތަ ކަމާއެވެ. ދެލޯ އަނދިރި ވުމަކީ އޭނަ އާއި ކުރިމަތިވި އިމްތިހާނެކެވެ. އެވަރުންވެސް އޭނަ ނަމާދަށް ފަރުވާލެއް ނުބެހެއްޓިއެވެ. އަނދިރިކުއްޖަކަށް ވިނަމަވެސް ފުރާނައަށް ގެއްލުމެއް ނެތީމަ އެހާ ހާސްނުވީއެވެ. ނަމަވެސް މިރޭގެ ބިރުވެރި ތަޖުރިބާއިން އިރާގެ ލޯ ހުޅުވިއްޖެއެވެ. ފިލާވަޅެއް ލިބިއްޖެއެވެ. މަރަކީ ކިހާ ގާތުގައިވާ އެއްޗެއްކަން ވިސްނިއްޖެއެވެ.

"އެހެން މީހުން ކޮބާތަ؟ " އިރާ ކަކޫ މޭގައި ޖައްސާލާފައި ފައިގައި ދެއަތުން ބައްދާލީ ފިނިން ސަލާމަތް ވުމަށެވެ. ދާނިޔަލް ހީކުރާނީ އޭނަ އަމިއްލައަށް މަރުވާންވެގެން މިތަނުން ފުންމައިލީ ކަމަށެވެ. ޔަގީނެވެ. މިހާރު އިންނާނީ ރުޅިއައިސްފައެވެ.

"ވަޓް ޑޫ ޔޫ ތިންކް.. އެހެން މީހުން ތިބޭނީ މި ގަޑީގައި ނިދާފައި.... ދަންވަރު ތިނެއްޖަހާއިރު ފަޅުރަށެއްގައި މޫދަށް އެރެން އިރާ އެކަނި އަންނާނީ، ހިތަށް އަރާ މޫދުން ނުނެގުނުނަމައޭ، މަރުވާން ދޫކޮށްލެވުނު ނަމައޭ........." ދާނިޔަލްގެ ބިރުވެސް ދައްކުވާލީ ރުޅީގެ ސިފައިގައެވެ. އެހެންނޫނަސް މޫޑު ގޯސްވެފައިވާ ވަރުން އޭނަ އިނީ ބުމަ ގޮށް ޖަހާލައިގެންނެވެ. ކިޔަންވީ އެއްޗެހި ގިނަކަމުން ދެތިން ޖުމްލަ ބުނެލާއިރަށް ދާނިޔަލް އަށް ވިސްނުނީ އިރާއަށް ގަޑިން ވީއިރެއްވެސް ނޭގޭނެ ކަމެވެ. އެކުއްޖާ އާއި ދިމާލަށް މިހާ ހަރުކަށިކޮށް ވާހަކަދައްކަން ވާނެހެއްޔެވެ؟ 

"އަހަރެން ބޭނުން ރޫމަށް ދާން.." އިރާ ތެދުވެ އިށީންނަމުން ކުޑަކޮށް ކެއްސާލިއެވެ.

ދާނިޔަލް އިރާގެ އަތުގައި ހިފާ ތެދުކޮށްލާފައި ފާލަންމަތީގައި އޮތް އިރާގެ ފައިވާން ފައިގައި ލައްވާދިނެވެ. ދާނިޔަލް ގުދުވެ އަސާ ހިފައިގެން އިރާ ގޮވައިގެން ކޮޓަރި އާއި ދިމާލަށް ދިޔައިރު ދެމީހުން ވާހަކައެއް ނުދައްކައެވެ. ފަސްވަރަކަށް މިނިޓުން އެމީހުން އުޅޭގެއާއި ހަމަޔަށް ދެވުމާއިއެކު ދާނިޔަލް އިރާގެ އަތުން ދޫކޮށްލައިފިއެވެ.

"ސުއިސައިޑް ކުރަންވެގެން ދަތުރު ތިއައީ....." ދާނިޔަލް ބުނެލީ ޔަގީންކަމާއި އެކުގައެވެ. އެއީ ސުވާލެއް ހެނެއް ހިޔެއްނުވެއެވެ.

"އެންމެނަށް މާ ފަސޭހަވާނެ އަހަރެން ދުނިޔޭގައި ނެތިއްޔާ، ނުކުޅެދޭ މީހަކު ހުރީމަ ކިހާ ބޮލަށް އުދަގޫވާނެ..... އަހަރެން ޖެހެނީ ކޮންމެ ކަމެއްގައި އެހެން މީހުންގާތު ކިޔަން... ވެލް...އަހަރެންގެ ހެދުމެއް ނަގާދީފާނަންތަ؟" އިރާ ފާޚާނާ ދޮރުމަތީގައި ހުއްޓިހުރި އިރުވެސް އޭނަ ރޫރޫ އަޅަމުން ދިޔައެވެ. އެކަނި ފާޚާނާގައި އުޅެވިދާނެ ކަމާއިމެދު ޝައްކެވެ. ނަމަވެސް ދާނިޔަލްގެ އެހީ ގަބޫލުނުކުރާނެ ކަން ރަނގަޅަށް އެނގޭތީ ދާނިޔަލް ހެދުން ނަގާދީފައި ގޮސް އިށީދެލީ އެނދުގައެވެ. އޭރުވެސް ދާނިޔަލް އިނީ ނުތަނަސްވެފައެވެ. ހަޔާތުގައި މިފަދަ ބިރުވެރި ކަމެއް އޭނަ ތަޖުރިބާކުރި ހަނދާނެއް ނުވެއެވެ. އިރާގެ ހާލަތާއިމެދު ވިސްނަން މަޖުބޫރުވިއެވެ.

އިރާ ހެދުން ލައިގެން ނުކުމެގެން އައިގޮތަށް ރަޖާދަށަށް ވަދެ އޮށޯވެލީ ކުރުގެޅިލައިގެންނެވެ. 

"އަދިވެސް ހީކަރުވަނީތަ؟ " ދާނިޔަލް މިފަހަރު ވާހަކަދެއްކި އިރު އަޑުގައި ރުޅިވެރިކަމެއް ނެތެވެ.

"ކުޑަކޮށް...." އިރާ ކުޑަކޮށް ހިނިތުންވެލައިފި އެވެ. ދާނިޔަލްގެ އޯގާތެރި އެންމެ ލަފުޒަކުން ހިތް ވިރިގެންދާތީ އިރާ ހައިރާންވެއެވެ. 

"އިރާ ބިރެއް ނުގަނޭތަ އެގޮތަށް ދަންވަރު ގޮސް މޫދަށް އެރެން، އަހަރެންނަށް ނުދެވުނު ނަމަ ވާނެގޮތް ވިސްނައެއް ނުލަންތަ؟ އަހަރެން ހިތަށް ނާރާ ތިއީ ސުއިސައިޑް ވާވަރުގެ ފިނޑިކުއްޖެކޭ.. ލޮލަށް އަނދިރިކުދިންނާއި ނުކުޅެދޭކުދިން ދުނިޔޭގައި ބައިވަރު އެބަތިބި......" ދާނިޔަލް އުޅުނީ ހަގީގަތް ދެނެގަތުމަށެވެ. އިރާގެ ވިސްނުން އެގޮތަށް ހުރިއްޔާ އެކުއްޖާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކައުންސިލިން ދިނުން މުހިއްމުވާނެއެވެ. ނަމަވެސް ޚުދު އޭނައަށް އެފަދަ ހާލެއް ދިމާވެއްޖެއްޔާ ކެތްކުރެވޭނެ ހެއްޔެވެ؟

"ނޫން، ނޫން، އަހަރެން ބޭނުމެއްނޫން ސުއިސައިޑް ކޮށްގެން ނަރަކައަށް ފުންމާލާކަށް، އަހަންނަށް އެނގޭ އަމިއްލައަށް މަރުވާ މީހުންނަށް ހުރި އަޒާބު.... އިރާދަކުރެއްވިއްޔާ ދުވަހަކު އެހާ މާޔޫސް ނުވާނެ... އިންސާނަކަށް މިހާ ޑިފިކަލްޓް ސިޗުއޭޝަނެއް ނާންނާނެކަން ޔަގީން، ލޯއަނދިރި ކަމަށް ކެތްކުރެވިއްޖެއްޔާ ޕެރެލައިޒްވުން ފަދަ ކަންތައް ބޮޑުކަމަކަށް ނުވެ ހިނގައިދާނެ... މީހަކަށް ބުނެދިނަސް ނުވިސްނޭނެ ލޯ އަނދިރިވުމަކީ ކިހާ މާޔޫސްވާވަރުގެ އުދަގޫކަމެއްކަން... ނަމަވެސް..... ނުކުޅެދޭކުއްޖެއް ވިޔަސް ސުއިސައިޑް ވާކަށް ނުޖެހޭނެ..." އިރާ ވަގުތުން ދާނިޔަލްގެ ވާހަކަތަކާއި ދެކޮޅުހެދިއެވެ.

އިރާ މޫދަށް ވެއްޓުނު ސަބަބު ދާނިޔަލްގެ ގާތުގައި ހާމަކުރި އިރު ބައެއްފަހަރު ތުންފަތުގައި ދަތްއަޅާލައެވެ. އޭނަގެ އިހުސާސްތައް ރަނގަޅަށް ކިޔައިދިނެވެ. ބިރުގަތްވަރު ބަޔާންކޮށް ނުދެވޭނެކަމަށް އިރާ ބުނެލިއެވެ. ކަންތައް ހިނގިގޮތް ދެރަވެލާފައި އިތުރަށް ކިޔާދިންއިރު ދާނިޔަލްގެ ހިތަށް އަސަރުކުރިއެވެ. އިރާ ބިރުގަންނާނެ ވަރު ކިތަންމެ ރަނގަޅަށްވެސް އިހުސާސް ކުރެވުނެވެ. އިރާ ވާހަކަދައްކާއިރު ދޭތެރެ އަކުން ކެއްސަން ފަށައެވެ. ކޮންމެވެސް ވަރަކަށް އިރާއަށް ލޮނުބޮވި އޭގެ އުދަގޫ ހައްތަހާ ބޮޑުވަނީ ކަންނޭގެއެވެ. ފުއްޕާމޭ ދުޅަވެ ގެއްލުމެއް ލިބިއްޖެއްޔާ އަވަހަށް ފަރުވާ ބޭނުންވާނެއެވެ. 

އިރާ ބަލިވީމަ ދާނިޔަލް ގަސްތުކުރީ އިރާ ގޮވައިގެން މާލެ ދިއުމަށެވެ. އޭނަ މަލީކް އާއި ނަހުޔާންއަށް ގުޅާފައި އިރާ މާ ބޮޑަށް ނޭވާ އަށް އުދަގޫވާތީ ވަގުތުން މާލެ ދާން ޖެހޭތީ އޭނަ ލޯންޗުން ދަނީކަމަށާއި އެހާ ހާސްވާވަރުގެ ކަމެއް ނޫންކަމުގެ ޔަގީންކަން ދިނެވެ. މޫދުގެ ހާދިސާ އޭނަ ވަގުތީގޮތުން ނަމަވެސް ސިއްރުކުރިއެވެ. ނަމަވެސް އޭނަގެ ހިތަށް މިއިން ޒަމާނެއްގައިވެސް އެހާ ބޮޑު ލޮޅުމެއް އެރިކަމެއް ނޭގެއެވެ. އެ މަންޒަރު ހިތުން ފިލައިގެން ދާނެކަމެއް ނޭގެއެވެ. އެންމެ ފަހު ވަގުތު އިރާގެ ގައިގާ ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އެހެން ހިތަށް އަރުވާލިޔަސް ގައިން ހީބިހި ނަގައިގެން ދެއެވެ. ދާނިޔަލްވެސް ބެކްޕެކް އަޅުވާ ތައްޔާރުވެލި ތަނާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވާލިއިރު އެއީ މަންމަ އާއި ބައްޕައެވެ.

"އިރާ މާ ބޮޑަށް ބަލިވީތަ؟ " ދީނާ އެތެރެއަށް ނަޒަރު ހިންގައިލި އިރު އިރާ އިނީ އެނދުގައި އިށީދެލައިގެންނެވެ. ހީކަރުވާފައި އިންކަން އެނގެނީ ކަކޫ މޭގައި ޖައްސާލައިގެން ކުއިލްޓުން ފޮރުވިގެން އިނުމުންނެވެ.

"ނޫން، އެހާ ގޯހެއްނޫން، ނެބިއުލައިޒް ކޮށްލީމަ ރަނގަޅުވާނެ، މޫދަށް އެރި އުޅެނިކޮށް ލޮނު ބޮވުނީކަމަށް ވާނީ........" ދާނިޔަލް ދޮރުމަތީގައި ހުރީ ލޯންޗު ޑްރައިވަރުގެ އިންތިޒާރުގައެވެ. އެމީހާ އަންނަންވާއިރަށް ނަހުޔާންވެސް ތެދުވެގެން އިރާގެ ހާލުދެކެލަން އައެވެ. ޖުވޭދާ އޮތީ ގަދަ ނިދީގައިކަމުން މީހަކު މަރުވިޔަސް އެނގޭނެހެން ހިޔެއްނުވެއެވެ. މަލީކް ގޮވާލުމުންވެސް ޖުވޭދާ ތެދުވާކަށް އުޅުނީއެއް ނޫނެވެ. އިރާ އާއި އެކުގައި އެންމެން ލޯންޗާއި ހަމަޔަށް ދިޔައެވެ. އިރާ ހުރީ ރަނގަޅަށް ކަމަށްވާތީ އެންމެން ހީކުރީ ދާނިޔަލް މާލެ ދާން ވެގެން ބަހަނާއެއް ދެއްކީކަމަށެވެ. އެހާ ބިރުވެރި ހާދިސާއެއް ހިނގާފައިވާނެ ކަމާއިމެދު އެކަކުވެސް ޝައްކެއް ނުކުރެއެވެ.

މާލެ އައުމަށްފަހު އިރާ ފިޒިޝަނަކަށް ދެއްކުމުން އެޑްމިޓް ކުރިއެވެ. ދާނިޔަލް އެކަމާއި ދެކޮޅުހަދާކަށް ނޫޅުނެވެ. މަތީބައިން ހިތްފަސޭހަ ކޮޓަރިއެއް ހޯދާފައި އޭނަ އިރާ ބާއްވައިގެން ކޮޓަރީގައި ހުރި ސޯފާއެއްގައި ހަށިގަނޑު ދަމާލިއިރު ވަރުބަލިކަމުގެ އަސަރުތައް އެ ރީތި މޫނުމަތިން ފެނެއެވެ.

"މިތަނުން ދޫކޮށްލީމަ އިރާ ގޮވައިގެން ޖަރމަނީއަށް ދާނީ... އިރާގެ ސާޖަރީ ނަހަދާ އެންމެ ދުވަހެއްވެސް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން، ރޭ އިރާއަށް ކަމެއްވިނަމަ އަހަރެން އަމިއްލަ ނަފުސަށް މާފެއް ނުދޭނަން، ކޮންމެ ގޮތެއްވިޔަސް އިރާ ބްލައިންޑްވުމުގެ ރީޒަން އަކީ އަހަރެން ކަންނޭގޭ.... އަމިއްލައަށް އެއްބަސްވާން ބޭނުން ނުވިޔަސް ދަންވަރު އިރާ ގެއިން ނިކުމެގެންގޮސް ކާރެއްގެ ދަށަށް ވަނީ އަހަރެން ރުޅީގައި ހުރެގޮސް ރޭޕްކޮށްލީމަ......." ދާނިޔަލްގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް އެނބުރެން ފެށުމުން ތެދުވެގެންގޮސް ކުޑަދޮރު ހުޅުވާލައިގެން ބޭރަށް ބަލަން ފެށިއެވެ. އެހެން ހުރިއިރު މިލާން އާއިމެދު ވެސް ވިސްނުނެވެ. އިރާ އާއި މިލާންގެ ތަފާތާއި މެދު ޚިޔާލުކުރެވުނެވެ.

މެންދުރު އާއިލާގެ އެހެން މެމްބަރުންވެސް ހޮސްޕިޓަލަށް އިރާގެ ގާތަށް އައެވެ. އެންމެން ހީކުރީ މޫދަށް ދިޔުމުން އިރާގެ ހާލު ބޮޑުވީކަމަށެވެ. ތެތްފިނި ދުވަހަކަށްވެފައި އިރާ މާގިނައިރު މޫދުގައި އުޅުނީމަ ބަލިވީއެވެ. އިރާގެ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް މިއަދު ފެންނަނީ ތަންކޮޅެއް އުފާވެރިކޮށެވެ. ހިނިތުންވުން ގިނައެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އޭނަގެ ހިތަށް ބަޔާން ނުކުރެވޭފަދަ އުފަލެއް ލިބުނީ ކަންނޭގެއެވެ. އެހެންނޫނަސް ދާނިޔަލް އޭނަ އާއި ކޮންމެވެސް ވަރަކަށް އަޅާލާކަން މިހާރު އިރާއަށް އިހުސާސް ކުރެވިއްޖެއެވެ. ދާނިޔަލް ލޯބިވަނީ ނޫންކަމެއްވެސް ނޭގެއެވެ. އިރާގެ އެންމެ ފަހު ވަގުތު ސަލާމަތް ކޮށްދޭން އައީ ލޯބީގެ ބާރުގައެވެ. ލޯބިނުވާނަމަ ފުރާނައިގެ ގުޅުމެއް ނޯންނާނެއެވެ. އިރާގެ ހީތަކަށް އިތުރު ބާރެއް ލިބުނީ އެރޭ ދެމީހުން އެކަނިވުމުން ދާނިޔަލް ޖަރމަނީއަށް ފުރާ ވާހަކަ ދެއްކީމައެވެ.

"ތޭންކްސް.. އެކަމަކު ޖަރމަނީއަށް ދަނީ ކީއްކުރަން؟ އެއަށްވުރެ މާ ރަނގަޅުވާނެ ލަންޑަނަށް ދިޔައްޔާ...." އިރާގެ ރީތި ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ދެލޮލުގައި އަލިކަމެއް ނެތަސް ނޫ ދެލޯ ވިދާލިހެންހީވިއެވެ. ދާނިޔަލް ރަނގަޅަށް އެދެލޮލަށް ވިސްނުންތެރި ކަމާއި އެކުގައި ބަލާލާފައި ފުރަތަމަ ފަހަރަށް އެ ލޮލަށް ހިތް ތައުރީފު ކުރިއެވެ. އެދެލޯ އަނދިރިނުވި ނަމައެވެ.

"ޖަރމަނީގައި ލޮލުގެ ސާޖަރީތަކަށް ވަރަށް ފޭމަސް ތަނެއް ހުރޭ، އިރާގެ ލޮލަށް ފެނުނީމަ ހުރިހާ ތަނެއް ބަލާލަން ދާންވީ...." ދާނިޔަލް އޭރު އޮތީ ސޯފާގައި ދިގުދެމިލައިގެން ފޯނުން މިލާންއަށް މެސެޖް ކުރާށެވެ. އެކުވެރިކަމުގެ މެސެޖްތަކަށް ވިޔަސް ދާނިޔަލް މިދެދުވަހު މާ ގިނައިން މިލާންއަށް މެސެޖް ކޮށް ސަމާސާ ވާހަކަތައް ދެއްކިއެވެ. މާއަވަހަށް ލޯބި ހުށަހަޅައިފިއްޔާ މިލާންގެ ހުންނަ ގޮތަކުން ނޫނެކޭ ބުނުމަކީ އެކަށީގެންވާ ކަމެކެވެ. ދާނިޔަލް ވިސްނާލާފައި އެހާ ދުރުން އޭނަ ގެންދަނީ އެހެންވީމައެވެ. ދާނިޔަލް ވިސްނަނީ ޑޭޓަކަށް ތަންކޮޅެއް އެކަނިވެރި ތަނަކަށް ދާނެގޮތަކާއި މެދުގައެވެ. އޮޅުވާލައިގެން ފަޅުރަށަކަށް ގެންދެވިއްޖެއްޔާ މިލާން ހައްލައިލެވިދާނެއެވެ.

"މިހާރު ޔޫރަޕްގައި އޮންނާނީ ޚަރީފު މޫސުމްތަ؟ " އިރާ އަހާލިއެވެ.

"ފެށެންކަން ނޭގޭ އުޅޭނީ..... ވަކި މޫސުމެއްގައި ދާން ބޭނުމީތަ؟ " ދާނިޔަލް އިނީ މަޖާވެލާފައެވެ.

"ނޫން، ވީހާ އަވަހަކަށް ސާޖަރީ ހަދާފައި މި އަނދިރި ކާޓްން ގެ ތެރެއިން ނިކުންނަން ބޭނުމީ، އަހަރެން ސަފަރ ކުރާވަރު ޑެނިއަލްއަށް އަންޑަސްޓޭންޑް ނުވާނެ... އެހެން މީހުންނަށް ޑިޕެންޑްވެގެން އުޅޭތާ ކޮން ދުވަހެއްތަ؟ ކަރަންޓް ދިޔައިމަ އަބަދު މައްސަލަ ޖައްސާ ރުޅިގަދަވާ ހަނދާންވޭ، ނަމަވެސް އެއީ ވަގުތީކަމެއް، އެފަދަ ކުޑަ ދަތިކަމަކަށް ޓަކައި ކެތްނުކުރެވިގެން އުޅުނުއިރު ހިތަކަށް ނާރާ މިދުވަސް އައިސްދާނެއޭ، އަހަރެން ކުރީ ދުވަހެއްގައިވެސް ޑެނިއަލް ކާރީ ބުނިން އަހަންނަށް ކަމެއްކޮށްދެންޏާ މިކަން ކޮށްދޭށޭ، މިހާރު ބޭނުމީ އެކަނި ލޮލަށް ފެނުން.. އޭރުން ހުރިހާ އެހެން ކަމަކާއި ކުރިމަތިލެވިދާނެކަން ނޭގޭ.. ޑެނިއަލް ބުނެބަލަ.. އަހަރެންގެ ލޮލަށް ލިބުނު ގެއްލުމަކީ ކޮބާތަ؟ ބްލައިންޑުވުމުގެ ސަބަބަކީ ކޮބާތަ؟ " އިރާ އޭރު އިނީ އެނދުމަތީގައި އިށީދެލައިގެންނެވެ. ބޭސްކުރަން ފެށުމުން ތަންކޮޅެއް ނޭވާލާން ފަސޭހަވެ، ވާހަކަދައްކައި އުޅެވޭ ވަރުވެއްޖެއެވެ. އެހެންނޫނަސް އޮޕަރޭޝަނުގެ ވާހަކަ ދައްކަން ފެށިފަހުން އޭނައަށް ލިބިފައިވާ ހިތްވަރުގެ ސަބަބުން އެހެން ކުދި ކަންތައްތަކުގެ މަތިން ހަނދާނެއް ނެތީއެވެ.

އިރާގެ އެ ސުވާލުން ހަގީގަތުގައި ދާނިއަލްއަށް އުދަގޫވިއެވެ. އިރާއަށް އެންމެ އެކަށީގެންވާ ވަގުތު ރަނގަޅު ޑޮކްޓަރެއްގެ ފަރުވާ ނުލިބުނީ ކަމުގައި ބުނަންވީ ހެއްޔެވެ؟ އެހޮސްޕިޓަލް ނޫން އެހެން ތާކަށް އިމަރޖެންސީކޮށް ގެންދެވިގެން ރަނގަޅު ފަރުވާއެއް ދެވުނުނަމަ އިރާގެ ލޮލުގެ ފެނުމަށް އަސަރު ނުކުރީހެވެ. މަލީކްވެސް ފަރުވާކުޑަކޮށްލެއްވީއެވެ. އެކްސިޑެންޓެއްވެފައި ދެލޮލުގެ ފެނުމުން މަހުރޫމްވާން ޖެހެނީ މަދު ހާލަތެއްގައެވެ. އިރާ ހިމެނެނީ އެފަދަ ބަދުނަސީބު އަންހެންކުދިންތަކުގެ ތެރޭގައެވެ. ސެންޓްރަލް ނާވަސް ސިސްޓަމްގެ ހުރިހާ ބަޔެއްފަދައިން އޮޕްޓިކް ނާރުވެސް ވަކިވަރަކަށް އުފެދި ޑިވެލޮޕް ވުމަށްފަހު އޭގެ ފަހުން އުފެދުން ހުއްޓި އަމިއްލައަށް ރިޕެއަރ ވާއެއްޗެއް ނޫނެވެ. އެހެންވުމާއިއެކު އޮޕްޓިކް ނާރަށް ލިބޭ ގެއްލުން ގިނަފަހަރު ދާއިމީކަމަކަށް ވެދެއެވެ. އިތުރު ފަރުވާއަށް އިރާ ބޭރަށް ގެންދިޔަސް މުޅިން ރަނގަޅުވެދާނެ ކަމާއިމެދު ދާނިޔަލް ޝައްކެވެ. ނަމަވެސް އުއްމީދު ކުރަނީ "މިރެކްލް" އަކަށެވެ. ފަހަރެއްގައި ޑޮކްޓަރުންނަށް ނޭގި ކޮންމެވެސް އެހެން މައްސަލައެއް މިސްވެފައި ހުރެދާނެއެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ނޫނީ ހުރިހާކަމެއް ނޭގި ހުރެދާނެތީއެވެ. 

"އަހަންނަކަށްވެސް ނޭގޭ، އެކަން އެނގޭނީ އިތުރު ޓެސްޓްތައް ހެދީމަ.... އަހަރެން ޓިކެޓް ބުކްކޮށްފިން......" ދާނިޔަލްގެ ޖުމްލައިން އިރާއަށް ހީވީ ދުނިޔޭގެ ހުރިހާ އުފާތަކެއް ގެނެސް އޭނަގެ އުނގަށް އަޅާލަދިންހެންނެވެ. ދާނިޔަލްއަކީ އޭނައަށް މި ހާލު ޖެއްސިމީހާ ކަމެއް އޭނަ ހަދާނެއްނެތެވެ.

ދާނިޔަލް އާއި އިރާ އާއި އެކީގައި މަލީކްގެ ދެމަފިރިންނާއި އަދިވެސް ދާނިޔަލްގެ ދެތިން އެކުވެރިޔަކު ޖަރމަނީއަށް ދާން ނިންމިއެވެ. ނަހުޔާން ނުގޮސް މަޑުކޮށްލީ އައިޒާ ބަލިވެއިންއިރު އެކަނި ދޫކޮށްލާފައި ދުރަށް ނުދާންވެގެންނެވެ. އޭނަގެ މަންމަވެސް ލަފާ ދީފައިވަނީ އެގޮތަށެވެ. އައިޒާ ކިތަންމެ ސިއްހަތު ރަނގަޅުކޮށް ހުއްޓަސް ފިރިމީހާގެ އެހީތެރިކަން ބޭނުންވާނެއެވެ. އައިޒާ ބަލިވެ އިނީމަ މަންމަ ގާތުގައި ހުންނަނީ ކަމުގައި ބުނެ އޭނަގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފައިވީ ކަމުގައި ވިޔަސް ދޭތެރެއަކުން އެވަރލޭންޑަށް އައިސްފައި ވަގުތުކޮޅެއް ހޭދަކޮށްލާ ހަދައެވެ. ނަހުޔާން ފެނުމުން އައިޒާ ހުންނަނީ ފާޑަކަށް ބަސްހުސްވެފައެވެ. ކުށްވެރިކަމުގެ އިހުސާސްތައް ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި ވަކިއަޅާހެން ހީވިއެވެ. ނަހުޔާންގެ ގާތުގައި އެވާހަކަ ބުނަން ކިތަންމެ ފަހަރަކު އަނގަ ހުޅުވާލާފައިވެސް އޭނަގެ ޒަމީރު އެކަމަށް ހުއްދަ ނުދިނުމުގެ ސަބަބުން އެންމެ ލަފުޒެއްވެސް ބޭރުކޮށެއް ނުލެވުނެވެ. ކޮންމެވެސް ދުވަހަކުން ނަހުޔާންއަށް އެނގި ސުވާލުކުރަން ދެން ހިމޭނުން ހުރުން ނޫންގޮތެއް ނެތެވެ.

ހުޅުލެއަށް ދިޔައިރު ލޯންޗަށް އަރަން އުޅުނުއިރު ނަހުޔާން އޭނަގެ އަތުގައި ހިފެހެއްޓުމުން އައިޒާގެ މޫނަށް ލަދުވެތިކަމުގެ ރަތްކުލަވެރިވިއެވެ. މިފަހަކަށް އައިސް ނަހުޔާންގެ ފަރާތުން އަޅާލުން ލިބެން ފެށީމަ އައިޒާގެ ފިކުރާއި ޚިޔާލު ވަކިން ބޮޑުވިއެވެ. ނަހުޔާން އެހުރިހާކަމެއް ކޮށްދެނީ އޭނަ ބަލިކަމަށް ހީކޮށްފައެވެ. ދަތުރުދިޔަ ދުވަހުވެސް އައިޒާގެ ކޮންމެކަމަކާއި ނަހުޔާން ސަމާލުވިކަން އޭނައަށް ނޭގުނީއެއް ނޫނެވެ. ދީނާއާއި މަލީކްވެސް އަޅާލާވަރު އައިޒާއަށް ވަނީ ފެނިފައެވެ.

"ހައިހީލް އަކަށް އަރައިގެންތަ ސްވީޓީ..." ދީނާގެ ޖުމްލައިން އައިޒާގެ މޫނު ވަކިން ރަތްވިއެވެ. އޭނަ ބުނާނީ ކީކޭހެއްޔެވެ؟ ބަލިވެއިން ދުވަސްވަރު އޭނަވެސް އުޅުނީ ބަލައިގެންނެވެ. މިހާރު އެދުވަސްތައް މާޒީއާއި އެކުވެގެން ހިގައްޖެއެވެ. މަންމައަކަށް ވުމުގެ ނަސީބެއް ދެން ލިބޭނެ ބާވައޭ ހިތަށް އެރިއެވެ.

"މިހެދުމާއި ގުޅޭނީ މިކަހަލަ ފައިވާނަކާއި ވީމަ އަޅުގަނޑު ހިތަށް އެރީ މިއަދު ލާނީއޭ....." އައިޒާ ސީޓެއްގައި އިށީންއިރު ނުތަނަވަސްކަން މޫނުމަތިން ފާޅުވިއެވެ. ދީނާ ބުނެލީ ބަލިވެއިންނަ ދުވަސްވަރު ހުރިހާ ގޮތަކުން ބަލައިގެން އުޅެންވާނެ ކަމަށެވެ. އެމީހުން އަންނަންދެން އައިޒާ އެވަރލޭންޑްގައި ނަހުޔާން އާއިއެކުގައި އުޅެން ދީނާ އެދުނެވެ. ދީނާގެ ވާހަކަތަކަށް އައިޒާ އެއްބަސްވުމުގެ ގޮތުން އާއެކޭ ބުނަމުން ދިޔައިރު ހިތަށް ބިރުވެރިކަމެއް ލިބިފައިވެއެވެ. މިގޮތަށް އޮޅުވާލުމަކީ ރަނގަޅު ކަމެއްބާވައެވެ. އޭނަގެ ބައްޕަ ނަދީމް އާއި މަލީކްގެ ރަހުމަތްތެރިކަން އާއިލީ ގާތްކަމަކަށް ބަދަލުކޮށްލީ ހާދަ އުއްމީދަކާއި އެކުގައެވެ. އޭނަވެސް ބައްޕަމެން ދެރަވާފަދަ ކަމެއްކޮށްލަން ބޭނުމެއްނޫނެވެ. މި ޝާހީ ޚާންދާނާއި ގުޅުމަކީ ބައްޕަގެ ހުވަފެނަކީކަން ނޭގެއެވެ. އެކަމަށް އެންމެ ބާރު އެޅި އެކަކީ އައިޒާގެ ބައްޕައެވެ. ބައްޕަ އާއި މަލީކްގެ އެކުވެރިކަން ހީނަރުވާފަދަ އެއްވެސް ކަމެއްކޮށްލުމަކީ ރަނގަޅު ކަމެއް ކަމަށް އޭނަ ނުދެކެއެވެ. އެހެންނޫނަސް އޭނަގެ ހިތުގައިވާ ލޯބީގެ ހުޅުގަނޑު ބޮޑުވަމުންގޮސް ކެތް ނުކުރެވޭ ހިސާބަށް ހިގައްޖެއެވެ. ނަހުޔާން އާއި ވަކިވިޔަސް އެހެން ފިރިހެނަކާއި ގުޅުމެއް ބޭއްވުމަކީ އުމުރު ދުވަހުވެސް އޭނަ ކުރާނެކަމެއް ނޫނެވެ.

ނަހުޔާން އާއި އައިޒާ އެކީގައި ގޮސް ކާރަށް އެރިއިރު އެ ސަރަހައްދުގައި ތިބި އެތައް ބަޔެއްގެ ލޮލުގައި އެ ޒުވާން ދެމަފިރިން އަޅައިގަތެވެ. ރީތިކަމާއި ފުރިހަކަމަކުން އެހާ ގުޅޭ ޖޯޑެއް ދުވަހަކު ނުފެންނަ ފަދައަކުން ބަލަން ތިބެވުނެވެ. ނަހުޔާން ކުރީ ސީޓު އައިޒާއަށް ހުޅުވާލަދިނުމަށްފަހު ޑްރައިވަރ ސީޓަށް އެރިއެވެ. ކާރުތެރޭގައި ހިފާފައިވަނީ ނަހުޔާން ބޭނުންކުރާ ހިތްގައިމު ސެންޓުގެ ވަހެވެ.

"އައިޒާ ބޭނުމިއްޔާ ގެއަށް ގެންގޮސްދީފާނަން..." ނަހުޔާން ކުޑަ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

"ނޫން، އެވަރލޭންޑަށް ދާނީ.. ނަހުޔާންއަށް އަހަރެން ދިން ގިފްޓް ކަމުދިޔަތަ؟ " އައިޒާ އަތުގައިވާ ގަޑިއާއި ކުޅެންއިންއިރު ހިތުގައި އެނބުރެނީ އެންމެ ވާހަކައެކެވެ.

"ސޮރީ، އަދި ހަމަ ބަލާނުލެވިފައި މިހިރީ...." ނަހުޔާން މާފަށް އެދުނެވެ.

"އިޓްސް އޯކޭ..." އައިޒާ އިނީ މަގަށް ބަލާށެވެ. ނަހުޔާން ރުޅިއައި ކަމުގައި ވިޔަސް އޭނައަކަށް އިތުރަށް ކެތެއް ނުކުރެވޭނެއެވެ. ސިކުނޑީގައި ޚިޔާލުތައް ގިނަ ބޯ ފަޅައިގެން ނުދަނީސް ހުރިހާ އުދާސްތަކެއް ބޭރުކޮށްލަން ކޮންމެހެންވެސް ޖެހޭނެއެވެ. ނަހުޔާންއަށް ވިސްނޭނެކަން ނޭގެއެވެ. ނަހުޔާން އާއި ދާނިޔަލް ހާދަ ތަފާތެވެ. 

އިތުރަށް ދައްކާނެ ވާހަކައެއް ނޭގި ދެމަފިރިން އަނގައިން ނުބުނެ ތިބުމުން ކާރުތެރެއަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. އެ ހިމޭންކަން މުގުރާލަން ނަހުޔާން ލަވައެއް ޖެއްސިއެވެ. އެއީ އައިޒާއަށް އެހާ ކަމުދާ ލަވައެއް ނޫނެވެ. ނަމަވެސް ހިމޭންކަމަށްވުރެ ތާކުން ތާކުނުޖެހޭ ލަވައެއް އަޑުއެހިޔަސް ރަނގަޅުވާނެއެވެ. ގެއާއި ހަމަޔަށް ފޯރިތަނާހެން އުޑުމަތި ބަނަކޮށްލާފައި ތުނިކޮށް ވާރޭވެހެން ފެށިއެވެ. އައިޒާ އުޅުނީ ކޮފީ ހެދުމާއިގެންނެވެ. ނަހުޔާން ބުނީ ބުރަކޮށް ނޫޅުމަށާއި އަރާމުކުރުމަށެވެ.

"ތެންކިއު ނަހުޔާން... އެކަމަކު އަހަންނަށް ތިއިން އެއްވެސް ކަމެއް ހައްގެއްނޫން..." ނަހުޔާން ބިއްލޫރި ކުޑަދޮރު ކާރީގައި އިށީދެލައިގެން އިންއިރު ވާރޭގެ ތިކިތައް ފަޒާގައި ކުދި ކުދި މުތީތަކެއް ފަދައިން ފައިބާތަން ފެނެއެވެ. އެއީ ބަލާބަލާ ފޫހިނުވާފަދަ މަންޒަރެކެވެ.

"ތިބުނި އެއްޗެއް ނޭގުނު....." ނަހުޔާން ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު އައިޒާގެ މޫނަށް ބަލާލި އިރު އައިޒާ ހުރީ އިސްޖެހިފައެވެ. އޭނަ ކޮފީތަށި ހިފައިގެން ޖައްސާލީ މޭޒުދޮށުގައެވެ.

"ނަހުޔާންއަށް އަންޑަސްޓޭންޑް ވާނެ ކަމަށް ހޯޕް ކުރަން، އަހަރެން މިހާރު ޕްރެގްއެއްނޫން...." އައިޒާގެ ޖުމްލައިން ނަހުޔާންގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. ބަލަހައްޓައިގެން އިނީ ތަފާތެއްނެތް ނަޒަރަކުންނެވެ. ހީވީ އައިޒާ ބުނި އެއްޗެއް ރަނގަޅަށް އޮޅުން ނުފިލީހެންނެވެ. ނޫނީ ލިބުނު ޝޮކް ދައްކަން ބޭނުންނުވީއެވެ. ނަހުޔާން އާއި އައިޒާގެ ހަތަރުކަޅި ހަމަވި ސިކުންތު ކޮޅަކަށްފަހު ނަހުޔާން އަނެއްކާ ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ. ސުވާލެއް ކޮށްނުލައި އިނީ އައިޒާ ތަފްސީލަށްދާނެ ކަން އެނގޭތީކަން ނޭގެއެވެ. އައިޒާ ކަންތައް ހިނގިގޮތް ކިޔައިދޭން ފަށާފައި އެތައް ފަހަރު ދެލޯ ފޮހެލިއެވެ. ނަހުޔާން އިނީ ބަލާވެސް ނުލާ އަޑުއަހާށެވެ.

"އަހަރެން ނަހުޔާން ގާތުގައި އިރާ އާއި ބެހޭ ގޮތުން ވާހަކައެއް ދައްކާލަން ބޭނުން، އައިޒާ ބޭރަށް ދާންވީނު....... ދެތިން މިނިޓްވަރުވާނީ......." ޖުވޭދާ އައިޒާގެ ވާހަކަ މެދުކަނޑާލުމާއިއެކު ނަހުޔާން އާއި އައިޒާ އެއްފަހަރާހެން އެނބުރި ދޮރާއި ދިމާލަށް ބަލާލައިފިއެވެ. ޖުވޭދާ ހުރީ ހިނިއައިސްފައެވެ.

އައިޒާ ވަގުތުން އަމުރަށް ބޯލަނބާލައިގެން ސިޑިން ފޭބިގޮތަށް ގޭގެ ފެންޑާގައި ވާ ސޯފާއެއްގައި ކޮފީތަށި ހިފައިގެން އިންއިރު އެ ރީތި ދެލޮލުން އުއްމީދުގެ އަލިކަމެއް ފާޅުވިއެވެ. ޔަގީނުންވެސް ހިތުން ބޮޑު ބުރައެއް ލުއިވެގެން ހިގައްޖެކަމުގެ އިހުސާސެއް ކުރެވުނެވެ. ނަހުޔާން ފަހަރެއްގައި އޭނައަށް މާފުކޮށްފާނެކަން ނޭގެއެވެ. އަލުން ގުޅުން ބޭއްވުމަކީ އެކަށީގެންވާކަމެކެވެ. 

"އަހަރެން ލޯބިވާވަރު އެނގިއްޖެއްޔާ ނަހުޔާންވެސް ގަބޫލުކުރާނެ، އެހެން އަންހެންކުއްޖަކު މިގޮތަށް ލޯބިވާނެ ކަމެއް ނޭގޭ، އަހަރެންގެ ހިތަކީ ނަހުޔާންގެ މިލްކެއް، އުމުރު ދުވަހުވެސް ފެއިތްފުލްކޮށް ހުންނާނަން، އެކަމަކު އެންމެ ފަހަރަކުވެސް ލޯބިވެޔޭ ބުނެބަލަ... އެދުވަހަކުން އުފަލުންގޮސް އަހަރެން މޮޔަނުވާނެތަ؟ އުއްމީދުކުރުމަކީ ގޯހެއްނޫން.... ދާނިޔަލްވެސް ހިޔެއްނުވޭ އަހަންނަށް އުދަގޫކުރާނެ ހެނެއް، އެ ޗެޕްޓަރ ކްލޯޒްވީ....." އައިޒާ ވާރޭވެހޭ މަންޒަރު ބަލަން އިނދެލާފައި ހިނިތުންވެލިއެވެ.

ކޮމެންޓް 0