"ކޮންތާކުން މަންމަގެ ޕިކްއެއް އަތުލައިގަތީ؟" ނަހުޔާން ކުޑަ ހިނިތުންވުމަކާއި އެކު ތަސްވީރާއި އެކު ފޮތުގެ ސަފުހާ ލައްޕާލާފައި ފޮތް އެނދުމައްޗަށް އެއްލާލައިފި އެވެ. އެ ތަސްވީރުގައި ވަނީ މަންމަ އާއި ބައްޕަ އަދި ނަހުޔާން އާއި ދާނިޔަލް އެވެ. ދާނިޔަލް ތުއްތުއިރު މަންމަ ދަރިފުޅު މޫނުގައި ޖައްސާލައިގެން އިނީ ކުލުނުން ފުރިފައިވާފަދަ ގޮތަކަށެވެ. އެހާ ރީތި ހިނިތުންވުމެއްގައެވެ. އެއީ ދެއްކުން ތެރި ލޯތްބެއް ހެއްޔެވެ؟ ކުދިންކޮޅު ދެކެ އެހާ ލޯބިވިނަމަ ފިރިހެނަކާއި އެކު ފިލައިގެން މަންމަ ނުދިޔައީހެވެ.

"ބައްޕަގެ ރޫމުން........" ދާނިޔަލް އޮތީ ކަންނެތްކަމުން އޮތްތަނުން ގުޑާލާނެ ހިތްވަރެއް ނެތިފައެވެ. އޭނަ މަންމަގެ ފޮޓޯއެއް ގެނަޔަސް އެހާ ޝައުގެއްނެތެވެ. އެ ވާހަކަ ދައްކަން އޭނަ ބޭނުމެއް ނުވިއެވެ. އެހެންނޫނަސް ތަންކޮޅެއް ކުޑައިރު މަންމަ އާއި ބެހޭގޮތުން ސުވާލު ކޮށްލިޔަސް ބައްޕަ ރުޅިދުރުވެ ތަބީއަތު ގޯސްވާވަރުން އެދެބެން ވަނީ އެ ވާހަކަ ނުދައްކަން ނިންމާފައެވެ. މަންމައަކީ މާޒީއެވެ. މާޒީގެ ސަފުހާތައް އަލުން ހުޅުވުމުގެ ބޭނުމެއްނެތެވެ.

"ކޮން ޚިޔާލެއްގައިތަ؟ " ދާނިޔަލް މަޑުން އޮތީމަ ނަހުޔާންއަށް އުދަގޫވިއެވެ.

""ބްރޯއަށް ވުރެ ކުރިން އަހަރެން ވިހޭނަމަ، އަހަންނަށް ބައްޕަ ވައިފްއެއް ހޯއްދަވައިދެއްވިނަމަ ކިހާ ރަނގަޅު ވާނެ، މެރީ ކުރާހިތުން ހުރެވެނީ އެއްނޫން، އެކަމާއި ވިސްނެނީ...." ދާނިޔަލް ސަމާސާ އަކަށް ހަދާފައި ބުނެލީ ހިތުގައިވާ އެއްޗެކެވެ.

އައިޒާ މިގޭތެރެއިން ކުރު އެއްޗެހި ލައިގެން އުޅޭތަން ފެންނަ ކޮންމެ ފަހަރަކު ދާނިޔަލްގެ ހިއްސުތަކުގައި އަލިފާން ހިފައިގަނެއެވެ. އެއީ ދޮންބެގެ އަންހެނުން ކަމުގައިވާއިރު އެ އަލިފާން ފިނިކޮށްލެވޭކަށް ނެތެވެ. ކިތަންމެ ވަރަށް ކަރުހިއްކައިގަތަސް އިންތިހާއަށް ކެތްކުރަން މަޖުބޫރެވެ. އައިޒާ މިފަދަ ގޮތަކަށް ހިއްސުތަކަށް ބާރު ފޯރުވަންވީ ސަބަބެއް ދާނިޔަލް އަކަށް ނުވިސްނުނެވެ.

"މިއީ ހާދަ ކެތްމަދުކުއްޖެކޭ.. ދެން ރޯދަހިފަން ފަށަންވީއެއްނު، އޭރުން އެބައިތައް ރަނގަޅުވެދާނެ.." ނަހުޔާން ބާލީހަކުން ދާނިޔަލްގެ ގައިގައި ޖެހިއެވެ. 

ދާނިޔަލް އާއި ނަހުޔާން ގޭތެރޭގައި ކިތަންމެ ސަކަރާތެއް ޖެހިޔަސް އާއިލާ ތެރޭގައި ލޭބަލްވެފައި ވަނީ ހަރުދަނާ، ވަރުގަދަ ޝަޚުސިއްޔަތުގެ ގޮތުގައެވެ. ބައްޕަ ފަރާތުން އެފަދަ ރީތިކަމަކާއި، މަޝްހޫރުކަމެއް ލިބިފައިވުމުން އެދެބެން ނުދަންނަ މީހެއް މާލޭގައި މަދުވާނެއެވެ. މުއްސަނދި، ސްމާޓް، މޮޅު މީހުންނަށް ވުމުން އެތައް އަންހެންކުދިންނެއްގެ ހުވަފެންތަކުގެ ޕްރިންސުންނަށް ވެފައިވާއިރު އެތައް ބަޔަކު ދަނބިދަރިންނަށް ހަދަން އެވަރެއް ނެތްކަމެއް ދެކޭނެއެވެ. ހަގީގަތް އޮންނާނީ ބައެއްފަހަރު ފޮރުވިފައެވެ. މީހުންނަށް ގިނަފަހަރު ފެންނާނީ ހަގީގީ ސޫރައެއް ނޫނެވެ. ކޮންމެ އިންސާނެއްގެ އަނދިރި ފަރާތް ވާނީ އެހެން މީހުންނަށް ވަންހަނާވެފައެވެ. ކިތަންމެ ރީތި ފިރިހެނެއް ނޫނީ އަންހެންކުއްޖެއްގެ ޝައިތާނީ ބަޔެއް ފިލާފައި ވެދާނެއެވެ. އެބައިތައް އެނގޭނީ ހަޔާތުގެ ނަވުގައި އެކީގައި ދަތުރު ފެށީމައެވެ.

އައިޒާ ޑިއުޓީ ނިންމާލާފައި އައުމުން ކޮންމެވެސް ވަރަކަށް ހޫނުވެލާފައި ވާތީ އޭނަ ފަންކާ ބާރުކޮށްލާފައި ދޮރުތައް ހުޅުވައިލުމުން އިރުގެ ރަން އަތްވާއި އެކު ފިނި ވައިރޯޅިތަކުން ކޮޓަރި ތެރެ އެތައް ގުނަ ހިތްގައިމު ކުރުވައިފި އެވެ. އައިޒާ ހެދުން ބަދަލުކުރަން ވެގެން އަލަމާރި ހުޅުވާލުމާއި އެކު އެނބުރި ބަލައިލެވުނީ ހިނިތުންވެލަމުންނެވެ. އެއާއި އެކު ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. އޭނަ ހީކުރީ ބާތުރޫމްގައި ހުރީ ނަހުޔާން ކަމަށެވެ. 

"ދާނިޔަލް...... މިތަނަށް ވަނުމުގެ ހުއްދަ ދިނީ ކާކުތަ؟ ގެޓް އައުޓް...." އައިޒާ ހިފައިގެން ހުރި ހެދުން މޭގައި ޖައްސާލައިގެން ހުރިއިރު މޭގެ ތެޅުން އިހުސާސްކުރެވުނެވެ.

"އަހަރެންގެ ބޭބެގެ ރޫމަށް ވަންނަން ފާސް ނަގަން ޖެހޭތަ؟ އަހަންނަށް އަމުރު ކުރެވޭނީ އެކަނި ހޮސްޕިޓަލުގައި، ގޭގައި ހުންނައިރު މަށޭ ބޮސްއަކީ، ޕާސަނަލް އަދި ޕްރޮފެޝަނަލް ލައިފް ވަކިކުރަން އަހަރެން ދަންނަނީ މިގޮތަށް، ވަޓް ޑޫ ޔޫ ތިންކް......" ދާނިޔަލް ލާނެތް ގޮތަކަށް ހިނިތުންވެލައިފި އެވެ. ދާނިޔަލް ނޫކުލައިގެ ޖިންސެއް އެކަނި ލައިގެން ޒިބު އަޅުވަމުން އައިގޮތުން އައިޒާ އަށް ބަލައިނުލެވުނީ ކިރިޔާއެވެ. އިސްޖަހައިލުމާއި އެކު ތެމިފައިވާ އިސްތަށިގަނޑު އެ ތަނަވަސް ނިތުމައްޗަށް ފޭބުމުން އަތުން ރީތިކޮށްލައިފި އެވެ. ރީތި ފިރިހެނެކެވެ. ނަމަވެސް އަނިޔާވެރި އެކެވެ. އަންހެންކުދިންގެ ހިތްތައް ހަލާކުކޮށްލުމުން އެ ހިތަށް އުފަލެއް ލިބެނީކަން ނޭގެއެވެ. އައިޒާ ގެ މޫނަށް އެތައް ކުލަތަކެއް ވެރިވިއެވެ.

"އަހަރެން ބޭނުމެއް ނޫން ދާނިޔަލް އާއި ވާހަކަ ދައްކަން، ތިއުޅެނީ މާ ރަނގަޅަކަށް ނޫން..." އައިޒާ ހެދުން އެނދު މައްޗަށް އެއްލާލާފައި ކުރިއަށް ފިޔަވަޅެއް އެޅުމުން ދާނިޔަލް ހުޝިޔާރު ކަމާއި އެކު އައިޒާއަށް ދިޔަނުދީ އަތުގެ ތެރެއަށް ގެނައެވެ.

"ދާނިޔަލް، މޮޔަވީތަ؟ ހަމަ މިހާރު އަހަރެންގެ ގައިން ދޫކޮށްލާ، ނަހުޔާންއަށް މި މަންޒަރު ފެނިއްޖެއްޔާ ހީކުރާނީ ކީކޭ...." އައިޒާގެ ހިތް އޮބިނޯވެގެން ތެޅިގަތެވެ. ދާނިޔަލްއަށް އެ ހިތުގެ ތެޅުން އަޑުއިވޭނެބާވައެވެ.

"އަހަރެން ބޭނުން ޓެސްޓެއް ކޮށްލަން، ކުރީގައި އައިޒާ ކިހާވަރަކަށް އަހަންނަށް ބޭނުންވެގެން އުޅުނު، ހަނދާންވޭތަ؟ ކިރިޔާ އަތްލާއިރަށް އައިޒާ ހުންނާނީ މޮޔަވެފައި....." ދާނިޔަލް އައިޒާގެ ކަނދުރާގައި އިނގިލިތައް ހިންގައިލިއެވެ.

"ކޮންކަމެއް ޓެސްޓުކުރަން..." އައިޒާ ދާނިޔަލްގެ އަތް ދުރަށް ލިއެވެ.

"ނޭގިގެންތަ އަހަނީ..... ކުރީރޭވެސް ދޮންބެކަމަށް ހީކޮށްގެން ނަމަވެސް ހާދަ ބޭނުންވެފައި ހުރީ، މިހާރު މިއީ ނަހުޔާން ނޫންކަމާއި އަހަރެންކަން އެނގިހުރެ އައިޒާގެ ރިއެކްޝަން ބަލައިލަން ބޭނުން ވަނީ........." ދާނިޔަލްގެ ވާހަކައިން އައިޒާ ރުޅިގަދަވިއެވެ. ދާނިޔަލްގެ ލަދު ހަޔާތްކުޑަކަމުން އައިޒާ ހައްތަހާ ބޮޑަށް ފޫހިވިއެވެ. އެއް ދުވަސްވަރެއްގައި ލޯބިވެވުނުކަމުގެ މޮޔަހީވިއެވެ. ލޯބިވާން ވަފާތެރި ބައިވެރިޔަކު ނުލިބެނީސް ރީތިކަމަށް ހެއްލުމުން ހިތްދަތި ތަޖުރިބާއެއް ކުރެވިއްޖެއެވެ. ދެރައީ މާޒީގެ ހިޔަނި ހަޔާތަށް ބަނަ ވިލާގަނޑެއްފަދައިން އެޅިފައިވާކަމެވެ.

"ސްޓޮޕް އިޓް، އައި މީން އިޓް، ނޫނީ...." އައިޒާ އެ އަތުގެ ތެރެއިން ފޮޅުވިގަންނަން މަސައްކަތް ކުރުމުން ދާނިޔަލްގެ އެކަތަފަދަ ވަރުގަދަ އަތުގެ ތެރޭގައި އިތުރަށް ހައްޔަރުވުން ނޫންކަމެއް ނުވިއެވެ. އެ ބާރުގަދަ ހަށިގަނޑުގައި ލާ ފިތާލައިގެން ހުރުމުން ބޮޑަށް އަސަރުކުރީ ދާނިޔަލް އަށެވެ. އައިޒާގެ ރުޅީގެ ޝުއޫރުތައް ގަދަވެ އެހެން ހުރިހާ އިހުސާސްތައް ބަލިކަށި ކޮށްލައިފި އެވެ. އެހެންނޫންނަމަ ދާނިޔަލްގެ ސިހުރުގައި އޭނަވެސް ނުޖެހިދާނެ ކަމެއް ނޭގެއެވެ.

"ނޫނީ ކީއްކުރާނީތަ؟ ބުނެބަލަ، އޭރުން ބޭޒާރު ވަނީ އައިޒާ....." ދާނިޔަލްގެ އިންޒާރުން އައިޒާގެ ހިތް ފިނިވިއެވެ. އޭނަ އާއި ދާނިޔަލްގެ ގުޅުމެއް އޮތްކަން ނަހުޔާންއަށް ޝައްކެއް ވިޔަނުދޭން އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ދާނިޔަލް މުޅި އުމުރަށްވެސް އޭނަ ބްލެކްމެއިލް ކުރާނެއެވެ.

"ދާނިޔަލް ހާދަ ގޮތެއް ނެތިގެން ތިއުޅެނީ....." އައިޒާ ގެ އެ ޖުމްލައިން ދާނިޔަލް ހީލިއެވެ.

"އަހަރެން ބުނީމެއްނު ތިއީ އަހަރެންގެ ފަހަރި ނޫނޭ، މަ ލައްވާ މާ ގިނައިން އެ ވާހަކަ ހަނދާންކޮށްދޭން ވެއްޖެއްޔާ ގޯހެއް ހެދިދާނެ... އަހަރެން ފޮނިކޮޅު ބޯލި މަލަކުން މަގޭ ބްރޯ ކީއްކުރާނީ، އޭނައަށް ތިކަހަލަ ކުއްޖަކު ޑިޒާވެއްނުވޭ.... ގަބޫލުނު ކުރެވެންޏާ އަނެއްކާވެސް ޕްރޫވް ކޮށްދޭންވީތަ؟" ދާނިޔަލް ކުރި ގޯނާއަކުން އައިޒާގެ ބަސްހުއްޓުނެވެ. އޭރު ހުޅުވާފައިވާ ކުޑަދޮރު ކައިރީގައި ދެލޯ ބޮޑުކޮށްލައިގެން އެ މަންޒަރު ދެކެން ކޮންމެވެސް މީހަކު ހުއްޓެވެ. އެމީހަކު އެއްފަރާތަކަށް ޖެހިލައި ނިވާވެލިނަމަވެސް ދާނިޔަލް އާއި އައިޒާގެ އޮތް ނުބައި ގުޅުން ދެކެފައި އެމީހަކު ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ދާނިޔަލްއަށް ޝައްކެއް ވެގެން އަވަހަށް އައިޒާ ދުރަށް ޖައްސާލާފައި ބާރަކަށް ގޮސް ކުޑަދޮރުގައި އަތް އަޅުވައިލި އިރު އެމީހަކަށް ކިރިޔާ އަނބުގަހުގެ ނިވަލަށް ވަދެވުނުކަމެވެ. ދާނިޔަލް ކުޑަދޮރު ލައްޕައިލާފައި އަދި ކުރިއަށް ގެންދަން ބަލައިލި އިރު އައިޒާ ފެންނަން ނެތެވެ. ދާނިޔަލް އިސްތަށިގަނޑުގައި އަތް ހިންގައިލި އިރު އެ ތުންފަތުގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

އިރާ ރުޅިގަދަވެގެން އަތުގައި އޮތް ކަތުރުން އެހިސާބުގައި އިންދާފައިވާ މާގަސްތަކުގެ ތެރެއިން ޅަ ކުރިތައް ކޮށައި ކުދިކޮށްލި އެވެ. އެއީ މަންމަ އިންދާފައިވާ ގަސްތައްކަން ހަނދާންވީ މާ ފަހުންނެވެ. ރުޅިއަންނަ ވަގުތު އަތުން ފައިން ހެދޭ ގޯސްތަކުންފަހުން ހިތާމަކުރަން ޖެހިދާނެއެވެ. އިރާ އެކަމާއި ހަވާލުނުވީމަ ނިމުނީ އެވެ. އިރާ އެދުވަހު އުޅުނީ ކޮޓަރި ތަޅުލައިގެންނެވެ. އެނދުގައި މޫނުވަތަށް އެތައް އިރެއްވާންދެން އޮތެވެ. ދެލޮލުގައި ބާލީސް އަޅައި ބާރުކުރީ އެ މަންޒަރު ފުހެލަންވެގެންނެވެ. ނަމަވެސް ދޭތެރެ އަކުން އެ ހަނދާން އާވެ ހިތް ހަސަދައިން ފުރެއެވެ. އައިޒާ އެހާ ނަސީބު ރަނގަޅީ ކީއްވެބާވައެވެ. މީހަކާއި ކައިވެނިކޮށްގެން ހުރިއިރުވެސް ދާނިޔަލްއަށް އެ އަންހެންކުއްޖާގެ ފަރާތުން ފެންނަނީ ކޮން ރީތިކަމެއް ހެއްޔެވެ؟ އިރާ އެހާ ރީތިނުވީ ކީއްވެބާވައެވެ. އައިޒާ ފަދައިން ރީތި ހަށިގަނޑެއް ލިބުނުނަމައެވެ.

"އެނގިދާނެ، ޑެނިއަލްއަށް ވުރެ މާ ރީތި ކުއްޖަކާއި އަހަރެން ރައްޓެހިވެފައި ދައްކާނަން، އޭރުން ޖޭވެފައި ހުންނާނެ....." އިރާ ހިތާހިތުން ކިޔާލައިފި އެވެ. އިރާ ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނު އިރު ލޮލުގައި އާއްމުކޮށް ހުންނަ ހުދުކުލަ ގެއްލިފައިވާތަން ފެނުމުން ކަންބޮޑުވިއެވެ. މޫނުގައި ބިއްސެއް ހުރިހެން ހީވިއެވެ. އިރާ ކަންބޮޑުވެފައި އަވަސް އަވަހަށް މޫނު ދޮވެލައިގެން މާސްކެއް އެޅިއެވެ. އަދި ލޮލުގައި ކިއުކަމްބަރ ކޮޅެއް އަޅައިލަން ވެގެން ބަދިގެއަށް ދާންވެގެން ހިނގައިގަތެވެ. އެހާވަރުން ރީތިވަނީ ކާކަށް ދައްކަން ހެއްޔެވެ؟ ދާނިޔަލް ގެ ސޫރަ އެންމެ ފަހަރަކުވެސް ހިތުން ފިލައިގެން ނުދެއެވެ. ދާނިޔަލް ދައްކާފައި ހުންނަ ލާނެތް ވާހަކަތައް ހަނދާންވަނީއެވެ. ނޫނީ އެ ހީލާގޮތް ލޮލަށް ފެނެއެވެ. ހިނގާލާފައިދާއިރު އެހުންނަ ސްމާޓްކަމެކެވެ. އަދި ބަލައިލާ ކަތި ނަޒަރާއި ހިތްގައިމުއަޑެވެ. އިރާ ބޭނުންވަނީ އަޑުކޮޅަށް ހަޅޭއްލަވައި ގަތުމަށެވެ. ފުނިޖެހިފައިވާ ސިކުނޑިއަށް އެނޫން ގޮތަކަށް ލުޔެއްނުލިބޭނެއެވެ. އިރާ އެނދުގައިވާ ބާލީސްތައް ހޫރާލާފައިވެސް ތެދުވެގެން ގޮސް ކޮޓަރިތެރެ ރީތިކޮށްލީ މަންމަގެ ސުވާލެއް ކުރިމަތި ވެދާނެތީ އެވެ. އޭނަ އެއްގޮތަކަށް ވެސް އެހެންމީހުންނަށް އޭނަގެ ހިތާމަ އަންގަން ބޭނުމެއްނޫނެވެ. ޚާއްސަކޮށް އެފޮނި ދާނިޔަލް ގަނޑަށެވެ. އައިޒާ އާއިއެކު އެކުރިކަންތަކަށްފަހު އޭނަ ދާނިޔަލް ދެކެ ލޯބިވާކަށް ނޫޅެއެވެ.

އިރާގެ ޅަހިތުގައި ފަހަރަކު ގޮތަކަށް ދާނިޔަލް އާއި މެދު ޚިޔާލު ކުރެވެއެވެ. އެވަރުންވެސް ދާނިޔަލް ގޭގައި އުޅެންޏާ ސިއްރުންވެސް ބެލެނީ ދާނިޔަލް އުޅޭ ގޮތަށެވެ. ދާނިޔަލްގެ ސޫރަ ފެނުމުން ހިތަށް ލިބޭ އުފަލަކުން ހީވަނީ ކާއިނާތުގައި އުއްބައްތިތައް ދިއްލައިލެވޭހެންނެވެ. ކޮންފަދަ ފޮނި އިހުސާސް ތަކެއްކުރެވެއެވެ.

މަލީކް މާލެއަށް ދުރުވުމަށްފަހު އެންމެ ފުރަތަމަވެސް ފާހަގަ ކުރެވުނީ ޖުވޭދާ ބަދަލުވެފައިވާ މިންވަރެވެ. ކުރީން މޭކަޕާއި ނުލައި އުޅުނު ޖުވޭދާ އެންމެ ޒުވާންކުއްޖެއް ފަދައިން މޭކަޕްކޮށްގެން ރީތިކޮށް ހެދުން އަޅައިގެން ހުރިތަން ފެނުމުން މަލީކް ހައިރާންވިއެވެ. ހިތުގައި ސުވާލު އުފެދުނެވެ. މަލީކް އާއި ދޭތެރޭގައި ޚާއްސަގޮތެއް ބަހައްޓާކަން ފާހަގަ ކުރެވުނެވެ. ގޭތެރޭގައި އަބަދު އުޅުމުގެ ބަދަލުގައި މަލީކް އާއި އެކު ރިޒޯޓް ނޫނީ ބާޒާރަށް ގޮސްލުން ޖުވޭދާ އާދައަކަށް ހަދައިފި އެވެ. ޖުވޭދާއަށް މަލީކްގެ ވިޔަފާރި ދިރިއުޅުމުގެ ތެރެއިން ބޭވަފާތެރި ކަމުގެ ކުލަވަރެއް ނުފެނުނެވެ. ދެބައި އުމުރުގައިވެސް މަލީކް ހުންނަނީ އަންހެންކުދިން ހިތް ކިޔާހާ ސްމާޓްކޮށެވެ. ދަރިންފަދައިން ދިގު އިސްކޮޅެއްލިބިފައި ހިނދިފައިވާ ބަނޑެއް ހުރުމުން ގަވާއިދުން ކަސްރަތު ކުރާކަމަށް ހެކިދެއެވެ. 

"މަލީކް، އައި ހޭވް އެ ރިކުއެސްޓް، ދާނިޔަލް އާއި އިރާގެ ކައިވެނި ކުރުވަފާނަންތަ؟ ދެކުދިން މާގައިގޯޅިކޮށް އުޅޭތީ ހާދިސާއެއް ހިނގުމުގެ ކުރިން ހިތަށް އެރީ މިކަން ނިންމާލަން ވާނެއޭ...." ޖުވޭދާ މަލީކްއަށް އަމިއްލަ އަތުން ނާސްތާ ތައްޔާރު ކޮށްގެން ގެނެސް އެނދުގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. އާވިއަރާ ތަށިތަކުގެ މަތި ތައް ހިއްލައިލުމުން ކުޅުދިޔާވާފަދަ މީރުވަހެއް ފަތުރާލައިފި އެވެ.

"އޮފްކޯސް..... ޖުވޭ ބޭނުމިއްޔާ ތިކަން ހަމަޖެހިދާނެ..." މަލީކް އެނދުން ދެފައި ބާލައިފިއެވެ.
"ދާނިޔަލް ގަބޫލުވާނެތަ؟ " އަމިއްލަ ދަރިފުޅާއި މެދު ޔަގީންކަން އޮތަސް ޖުވޭދާ ހުރީ ޝައްކެއްގެ މަތީގައެވެ.

"އަހާލަން ޖެހޭނީ..." މަލީކް ހިނިތުންވެލިއެވެ. މިއީ ދެ އާއިލާގެ ގުޅުން ބަދަހިކޮށްލަން އެންމެ އެކަށީގެންވާ ނިންމުމެކެވެ. ދާނިޔަލް އޭނަގެ ދޮންމަންމަ އާއި ދޭތެރޭގައި އޮންނަ ބީރައްޓެހި ގުޅުން ހަރުދަނާވެ، އެކައްޗަކަށް ވެދާނެއެވެ. ދާނިޔަލް އާއި އިރާގެ ކުޑައިރުއްސުރެ އޮތް ދުޝްމިންކަން ފިލައިގެން ހިނގައިދާނެއެވެ.

"މަލީކް އަމިއްލައަށް ބޭނުންވެލައްވާ ކަމެއްގެ ގޮތުގައި ހުށަހެޅިއްޔާ ރަނގަޅު ވާނީ..." ޖުވޭދާ އަވަސްއަވަހަށް މަލީކްއަށް ޚިޔާލެއްދިނެވެ. އެ ވާހަކަ ދެއްކުމަށްފަހު ޖުވޭދާ ހުރީ އުއްމީދެއްގައެވެ. ވީހާވެސް އަވަހަކަށް އެ ކައިވެނި ކުރެވިއްޖެއްޔާ އޭނަ ދޫކޮށްލާކަށް މަލީކް އަކަށް ކެރިއެއް ނުލައްވާނެއެވެ. އިރުވައި މޫސުމްގެ ރީތި ދުވަސްތައް ފެށިފައިވާއިރު މިއިން ދުވަހެއްގައި އެގޭގައި ދުވަހަކު ނުދެކޭފަދަ ޕާޓީއެއް ބާއްވައިގެން ތިމާގެ މީހުން ސިއްސުވައިލަން ޖުވޭދާ ބޭނުމެވެ. އެޚިޔާލެއްގައި ހުރެފައި އޭނަ ބަދިގެއަށް ދިޔަތަނުން މުފީދާ ވާހަކައެއް ދައްކަން ބޭނުންވެގެން އޭނަ އެއްފަރާތަކަށް ޖެހިލިއެވެ. މުފީދާގެ ވާހަކަތައް އަޑުއަހައިގެން ހުރިއިރު މުފީދާ ދަތްތަކަށް ބާރުކުރަމުން ގޮސް ދަތްތައް ބިންދައިގެން ނުދިޔައީ ކިރިޔާއެވެ. ހަމަ ރަނގަޅަށްވެސް ދާނިޔަލް އޭނަގެ މަލެއްފަދަ ދަރިފުޅުގެ އިއްފަތްތެރިކަން ފޭރިގަތީ ހެއްޔެވެ؟ ނުލަފާ ޝައިތާނެކެވެ. ނަމަވެސް އޭނަގެ އަމިއްލަ ނަފުސް ވެސް ކުށްވެރި ކުރެވުނެވެ. ދާނިޔަލްގެ މިޒާޖު ރަނގަޅަށް އެނގިހުރެ އެފަދަ މީހަކާއި އިރާ ހަވާލުކޮށްފައި އޭނަ ބޭރުގައި އުޅުނީމަ ވާންވީ ގޮތްވީއެވެ. ބަދުނާމުވާނީ ދާނިޔަލް އެއްނޫނެވެ. އިރާއެވެ. ދާނިޔަލްގެ އިއްޒަތާއި އަބުރު އޮންނާނީ ހިފެހެއްޓިފައެވެ. މިއީ އިންސާފެއް ނޫނެވެ. ނަމަވެސް ދުނިޔެމަތިން އިންސާފު ހޯދޭނެ ގޮތެއް ނެތްކަން ޖުވޭދާ ދެނެގަތެވެ. އޮތް ގޮތަކީ އެ ކައިވެނި ކުރުވަން ބާރު އެޅުވުމެވެ. ދާނިޔަލް ބޭނުންވިކަން ފުރިހަމަވީމަ އިންނަން އެއްބަސްވާނެ ކަމެއް ނޭގެއެވެ.

ޖުވޭދާ އިރާގެ ކޮޓަރިއަށް ދިޔައިރު އިރާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ދުޅަވެފައިވާ ދެލޮލުން އަންގައިދެނީ ރޮއިފަ ހުރިވަރެވެ. އެއަށްވުރެ ބޮޑަށް ޖުވޭދާ ހާސްވީ އިރާ މިއިން ދުވަހަކު ނޭވާއަށް އުދަގޫނުވާހާ ބޮޑަށް ނޭވާ ކުރުވެފައި އޮތީމައެވެ. ޖުވޭދާ ވަގުތުން ކާރުގައި ހޮސްޕިޓަލަށް ގެންދިޔުމުން އިރާ އެޑްމިޓް ކުރެވުނެވެ. އޮކްސިޖަން މާސްކް އަޅައިލުމުން އިރާ ތަންކޮޅެއް ހަމަޖެހިލައިގެން ބާލީސް މަތީގައި އޮވެ ދެލޯމަރާލައިފިއެވެ.

"މިހާ ކުޑަކުއްޖަކަށް އެހާ އަނިޔާވެރި ވާނީ ނުބައި ނުލަފާ ފިރިހެނެއް، ހާދަ ފޫއްސެއްވެއްޖެ، ކިތަންމެ ރަނގަޅަށް ކަންތައްކުރިޔަސް އެ ދަރި އިސްލާހެއް ނުވާނެ، އޭނަގެ މަންމަގެ ނުބައި ނުލަފާކަން ވާރުތަކޮށްފައިކަން ނޭގޭ ހުރީ....." ޖުވޭދާ ހިތާހިތުން އެއްޗެހި ކިޔަން އިންދާ ދާނިޔަލް ދޮރުމައްޗަށް އެރިއެވެ. ތަފާތު ސިފައެއްގައެވެ. މަލާއިކަތަކަށް ވެގެންނެވެ. ނޫ ޖިންސާއި ހުދު ގަމީހެއްގައި ހުރިއިރު އެ ފުރިހަމަ ހިނިތުންވުމުން އަންހެންކުދިންގެ ހިތްތައް ހަލާކުކޮށްލަފާނެއެވެ. ދާނިޔަލް އައީ ލިލީ މާބޮނޑިއެއް ހިފައިގެންނެވެ.

"ހޭއި އިރާ.... ކިހިނެއްތަ؟ މާ ގިނައިން ބަލިވާން ވެއްޖެއްޔާ ދުވަސްކޮޅަކުން ހުލިވެދާނެ..... ދިސް އިޒް ފޯރ ޔޫ..." ދާނިޔަލް ސްމާޓް ހިގުމެއްގައި އައިސް އެނދާއި އަރާހަމަވިއެވެ. ޖުވޭދާގެ ނޭފަތުގައި ޖެހުނީ ލުއި މީރުވަހެކެވެ. ދާނިޔަލްގެ ރީތިކަމާއި މީރުވަސް އެކުއެކީގައި ވާހެން ހީވެއެވެ.

"ތޭންކްސް..." އިރާ ހިތުގައިވާ އެއްޗެއް ފޮރުވަމުން ކުޑަކޮށް ހިނިތުންވެލިއެވެ.

"ދާނިޔަލް ގެނައި ކޮކަޓޫގެ ސަބަބުން ކަންނޭގޭ އިރާ މިހާ ހާލު ބޮޑުވީ. ދާނިޔަލް ޑޮކްޓަރަކަށް ވީއިރު އެއީ އެސްމޭޓިކް ޕޭޝަންޓުންނަށް އެހާ ރަނގަޅު ޕެޓެއް ކަމެއް ނޭގުނެއްނު، އޭގެ ފެދަރގައި ޕައުޑަރެއް ހުރޭ އެހެންވެ އިރާ މިހާ ސިވިއަރ އެޓޭކެއް އައީ... އިރާ އިންނާނީ އަބަދު އެ ކުކީ އަކާއި ކުޅެން....." ޖުވޭދާ އިނީ ކެތްތެރި ވެލައިގެންނެވެ.

"އޯހް......" ދާނިޔަލް އެނގުނު ކަމަކަށް ހަދައި ނުލިއެވެ. ހަގީގަތުގައި ކުޑައިރުއްސުރެ އިރާ އާއި އެއޮންނަ ގޮތް ނޭގޭ ގުޅުމުގެ ސަބަބުން އޭނަގެ ހިތުގައި އިރާއަށް މާ ބޮޑު ލޯތްބެއް ނެތީކަން ނޭގެއެވެ. އިރާ އާއި އަޅާލެވޭނަމަ އޭނަ އެފަދަ ކަންތައްތައް ހަނދާން ހުންނާނެއެވެ. ހަގީގީ އަންހެން ކޮއްކޮ ނަމަ އެވަރު ވިސްނާނެއެވެ. ނަމަވެސް އިރާގެ ކަންތަކުގައި އޭނަ ކޮންމެ ފަހަރަކު ފަރުވާކުޑަކޮށްލެވެނީއެވެ. 

އައިޒާ ހެދުނު ތެދުވުނުއިރު އޭނަ ހުރީ މޭނުބައިކުރާގޮތްވެފައެވެ. ވަރުބަލިވާފަދަ ގޮތެއް އިހުސާސް ކުރެވުމުން އޭނަ ދެވަނަފަހަރަށް ބާލީސްމައްޗަށް ތިރިވެ ރަޖާގަނޑު ދަށުގައި ހަމަޖެހިލައިފިއެވެ.

"އައިޒާ، އޮފް ޑޭ އެއްތަ؟ " ނަހުޔާން މޯޅިއަކަށް ދެމިލާފައި ކުއިލްޓް ދަމައިގަންނަން އުޅުނެވެ. 

ކޮމެންޓް 0