ލޯބިވާ އަންހެނުންގެ ޙާލާއި މެދު ދާނިޔަލްގެ ހިތް ހަމްދަރުދީއިން ފުރި ފެންކަޅިވާގޮތްވިއެވެ. ނަމަވެސް ކަންވީގޮތް އެނގުމުން ކުޑަކޮށް އިރާ ތަޅުވާލާ ހިތްވުމުން ދާނިޔަލް އިރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

"ބޭބީ، މިހުރިހާ ދުވަހުވެސް އުޅުނީ ލޮލަށް ފެނިގެނެއްނޫން، ލަވް އިޒް ބްލައިންޑް އަހަރެން މާނަ ކުރާގޮތެއް އެނގޭތަ؟ މިގޮތަށް އަހަރެންގެ ގާލް ބްލައިންޑްވީމަ އަހަރެން ލޯބިން ގެންގުޅޭނެ ވާހަކަ، އަހަރެން އިރާގެ ލޯ ކަމުގައިވާނަން، ކޮންކަމަކާއި ބޭބީ ހާސްވަނީ؟ އަހަރެން އަބަދު ގާތުގައި ހުންނާނަމޭ......" ދާނިޔަލް ކުޑަދޮރުގައި ބުރަކަށި ޖައްސާލިއިރު އިރާ ހުރީ އޭނަގެ އަތުގެ ތެރެއަށް ހަށިގަނޑުގެ ބާރު ދޫކޮށްލައިގެންނެވެ. ހަގީގަތުގައި ދެރަވިވަރުން އިރާގެ ގައިގާ ހަކަތައެއް ނެތެވެ.

"އަހަރެން ދެރަވަނީ ޑެނީ ނުފެންނާނެތީ، ހާދަ ދެކެން ބޭނުންވޭ، މި ރީތި ޑިމްޕަލްސް ދުވަހަކު ނުފެންނާނީތަ؟ އަހަރެމެންގެ ލޯބި ދަރިފުޅުވެސް......ނޫން، ނޫން...ވަރަށް ދެރަވޭ...." އިރާ މޫނުގައި އަތްއެޅިއެވެ.

"ނުފެނުނިއްޔާ އެހެން ސެންސްތައް މާ ގަދަޔަށް ވޯކްކުރާނެ....." ދާނިޔަލް ވާހަކަދައްކަން ހުއްޓާ ހޫރާ ހޭލައިގެން މަންމަ އާއި ބައްޕަ ފެނިގެން އެނދުން ފުންމާލައިގެން އައިސް ދެމީހުންގެ ގައިގާ ހިފައިގަތެވެ. ދާނިޔަލް އެ ކުޑަ ދަރިފުޅު އުފުލާލީ ނިކަން ލުއިކޮށެވެ. ވަރަށް ލޯބިން ވާހަކަދައްކާފައި ދާނިޔަލް ދަރިފުޅަށް ބުއްފުޅި ދިނެވެ. އެއަށްފަހު އައިޒާމެންނާއި ޙޫރާ ހަވާލުކުރުމަށްފަހު އަނެއްކާ އިރާގެ ގާތަށް އައެވެ. ދާނިޔަލް އަމުރުކުރިފަދައިން އިރާ ހިރިވެސް ނުލާ އޭނަ ބުނި ތަނުގައި ބުދެއްފަދައިން ދެރަވެފައި ހުއްޓެވެ.

"ލައިކް އައި ސެޑް އެހެން ސެންސްތައް މާ ގަދަޔަށް ވޯކްކުރާނެ، އެހެންވެ މީހުން ލޯބީގެ ވަގުތުތަކުގައި ބޮކިތައް ނިވާލަނީ، އެހެން ހިއްސުތައް ބޮޑަށް ހޭލައްވަން، އެހެންވީމަ އަހަރެން ބޭނުންވާ ގަޑިއެއްގައި އިރާ ބްލައިންޑް ކޮށްލާފައި ބޭނުން ގަޑިއެއްގައި ފެންނަގޮތަށް ހަދާނީ، އިރާ ބޭބީވެސް ކަމަކާނުލައި މާބޮޑަށް ހާސްވީ، މަޖާކަމެއްނު، ޙޫރުގެ ކުޅޭ އައިނު އަޅައިގެން ހުރީމަ ފެންނާނީ ކިހިނެއްތަ؟" ދާނިޔަލް އެނދުމަތީގައި އޮތް އައިނު ނަގާފައި އިރާގެ ލޮލުގައި އެޅުވިއެވެ. އިރާގެ ކަރުނަތައް ވަގުތުން ހުއްޓުނެވެ. ބާރަކަށް ހޭންފެށިއެވެ.

"އަހަރެންގެ މޮޔަކަން.....ނޭގޭނެއްނު..." އިރާ ދާނިޔަލްގެ މޭގައި މަޑުމަޑުން ތަޅާލިއެވެ.

"މޮޔައޭ ނުކިޔަބަލަ، އަހަންނަކަށް މަޖަލެއްނުވިއޭ، އިރާ އަހަރެން ބިރުން ހަލާކުކޮށްލައިފި...." ދާނިޔަލް އިރާ ބިންމަތިން އުފުލައިލުމުން އިރާއަށް އަނެއްކާ ހަޅޭއްލަވައި ގަނެވިއްޖެއެވެ.

"ކޮންމެ ކަމެއް ކުރިޔަސް ހެޔޮ، އެކަމަކު ނޯ ޓިކްލިން ޕްލީޒް ޕްލީޒް ޕްލީޒް...." އިރާ އާދޭސްކުރަންފެށިއެވެ.

"ޓިކްލް ރޭޕްކޮށްލާނީޔޯ، ޓިކްލްރޭޕް އެ ވޯޑްގެ ސަބަބުން އަހަރެމެންގެ ގުޅުން މިހިސާބަށް އައީ، ވީއިރު އެވެސް ޚާއްސަކަމަކަށް ވާނެއްނު..." ދާނިޔަލް ލާނެތްވެލިއެވެ.

" ނޯ، ނޯ، ނޯ، ނޯ....." އިރާ ކިޔަންފެށިއެވެ.

"ޝޫ.....ޝްޝް. ޑޯންޓް ޓޯކް........" ދާނިޔަލް އިރާގެ ތުންފަތުގައި އިނގިލި ޖައްސާލައިފިއެވެ. ބައެއްފަހަރު ލޯބިން ކުރާ އެ ފަދަ އަމުރުތަކުންވެސް އިރާގެ ގައިން ހީބިހި ހަލުވައިލައެވެ. އެ ބަސްތަކަކީވެސް ހިއްސުތަކާއި ކުޅެލާފަދަ އެއްޗެކެވެ.

ސާރާ ނަދީމް ގާތުގައި އެނދުގެ މަގަތުގައި އިށީދެލައިގެން އިންއިރު ނަދީމް އޮތީ ނިތްމަތީގައި އަތްބާއްވައިގެން ދެރަވެފައެވެ. ހަގީގަތުގައި ޖުވޭދާ ބުނީ ދޮގެއެއްނޫނެވެ. ވަރިކުރުމާއި އެހެން އަންހެނުން ގާތަށް ޖެއްސުމަކީ ލިބޭ ދަރިންނަށް ދެވޭ ބޮޑު ދެރައެކެވެ. އެހެން އަންހެނަކާއި ހިތާވެގެން ތިމާގެ ހަލާލު އަނބިމީހާ ދޫކޮށްލާފައި ދާއިރު އެ މީހާގެ ހިތަށް ކުރާނެ އަސަރު ނުވިސްނެއެވެ.

"އަހަންނަށްވެސް މިލާން އާއި ދޭތެރޭގައި ކަންތައް ކުރެވުނީ އެހާ ރަނގަޅަކަށް ނޫން، ގެންގުޅޭކުއްޖެއްގެ ގޮތުގައި ކުރިން ގެންގުޅެވުނީ، އަދި ރިވާއާއި ދުރަށް ފޮނުވައިލަންވެސް ވިސްނިން، ކޮންމެހެން ނިކަމެތި ކުއްޖަކަށް ވީމައެއް ނޫން، ބައްޕައެއް ނެތް ކުއްޖެއްގެ ގޮތުގައި ނަންވީމަ އެގޮތަށް ދިމާވީ، ނަދީމްގެ ދަރިފުޅުކަން އެނގުމަށްފަހު މިހާރު އަހަރެންގެ ރިވާއާއި އެހާ އެކަށީގެންވާ ކުއްޖެއް ނެތްކަމަށް ގަބޫލުކޮށްފިން، މާފުކޮށްދީ..." ސާރާ އިނީ ދެރަވެލާފައެވެ.

"އަހަންނަށްވެސް ނޭގުނީ، އަހަރެން މިހާ މުއްސަނދި މީހެއްގެ ގޮތުގައި އުފަލުން އުޅުނުއިރު އަހަރެންގެ ދަރިފުޅު އެއުޅުނީ ކޮންފަދަ ނިކަމެތިކޮށް...." ނަދީމް ހޮސްޕިޓަލަށް ޒިޔާރަތް ކުރި ދުވަހުގެ ވާހަކަ ކިޔައިދިން އިރު އެ މުށި ދެލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.

"އަދި ވަގުތު ފާއިތެއްނުވޭ، މިލާން މާފުކުރާނެކަން ޔަގީން، އެއީ ވަރަށް ބަސްއަހާ ކިޔަމަންތެރިކުއްޖެއް، ނަދާ ރެއިޒްކޮށްފައި އެހުރީ ޕާރފެކްޓް ޑޯޓަރ އެއް...." ސާރާ ހިނިތުންވެލަމުން ނަދީމްގެ އިސްތަށިގަނޑުގައި އަތްހިންގައިލިއެވެ. އެދެމަފިރިން ދައްކަމުން ދިޔަ ވާހަކައިގެ ތެރޭގައި އެއްކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރުމުގެ ވާހަކަވެސް ދެކެވުނެވެ. އާއިލާގެ ގިނަމީހުން އެމެރިކާއާއި ޔޫރަޕަށް ނިސްބަތްވާއިރު މާލޭގައި ތިބުމުގެ މާނައެއް ދެން ނެތެވެ. މާލެއަށްވުރެ އެމީހުންގެ ބޭރުތަންތާ ހުންނަ ގެތައް ބޮޑުވެފައި އެތައް ގުނަ ހިތްގައިމެވެ. 

ނަދީމް ރިވާންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރުމުން އެތެރެއަށް ބަލައިލިއިރު މިލާން އޮތީ އެނދުގައި ބަންޑުން އޮށޯވެލައިގެން ކޮންމެވެސް އެއްޗެހިތަކެއް ބަލާށެވެ. ނަދީމްގެ ފިޔަވަޅުގެ އަޑު އިވިފައި މިލާން ކުޑަކޮށް ބަލާލައިފިއެވެ. އޭރު މިލާންއޮތީ ކޮންމެވެސް ކަމަކާއި ވަރަށް ދެރަވެފައިކަން ނަދީމްއަށް އެނގިލެއްވިއެވެ. ނަދީމް އެނދުގެ މަގަތުގައި ހުއްޓިލެއްވުމާއިއެކު މިލާން ހުޅުވާލައިގެން އޮތް އަލްބަމްގައިވާ ނަދާގެ ފޮޓޯ ފެނުނެވެ.

"މަންމަގެ ފޮޓޯ ބަލަނީތަ......." ނަދީމް މިލާންގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލިއެވެ.
"ކީކޭތޯ...." މިލާން ހައިރާންވިއެވެ.
"އާން ދަރިފުޅާ، ބައްޕައަށް ހުރިހާކަމެއް އެނގިއްޖެ، މި ކެވެލި ލިބުނުގޮތްވެސް މިހާރު މިއެގުނީ، މިއީ ބައްޕަ މަންމައަށް ހަދިޔާކުރި ފަށެއް، އެހެން މީހަކަށް މިހާ އަގުބޮޑު ކެވެލިކޮޅެއް ނުގަނެވޭނެ، މިބުނީ އެހާ ކުރިއަކުން..... ދަރިފުޅާ ބައްޕައަށް މާފުކޮށްދޭތި...." ނަދީމް އެނދުގެ މަގަތުގައި އިށީންނެވިއެވެ. މިލާންގެ ލޮލުން ވިދާލީ އުފާވެރިކަމުގެ ކަރުނައެވެ. ނަދީމްގެ ޝަކުވާއަކީ އެހަގީގަތް އެގުމަށްފަހުވެސް މިލާން ނުބުނެ ހުރިކަމެވެ. މިލާން ޖަވާބުދިނީ ބައްޕައަށް އޭނައާއި ދޭތެރޭގައި ޝައްކުވެގެން ސުވާލުކުރައްވާނެ ދުވަހަކަށް އިންތިޒާރު ކުރީކަމުގައެވެ. ރިވާންގެ އަންހެނުންގެ ގޮތުގައި މިގެއަށް އައުމަށްފަހު ކޮންމެވެސް ވަރަކަށް ނަދީމްއަށް މިލާންއާއި އަނގައިން ބުނަން ޖެހޭފަދަ ވަގުތުތައް ދިމާވެފައިވެއެވެ. އެފަދަ ކޮންމެ ވަގުތެއްގައިވެސް މިލާންއަށް ފެނިފައިވަނީ އޯގާތެރި ކަމެވެ. ހިނިތުންވުމެވެ. އެންމެ ފަހުން މިލާންގެ އިންތިޒާރު ފުރިހަމަވީއެވެ. އޭނައަށް ބައްޕައެއްގެ އިތުރުން ފިރިއެއްގެ ރައްކާތެރިކަމާއި ހިމާޔަތްވެސް މިއަދު ލިބިއްޖެއެވެ.

ސާރާ ރިވާންގެ ބައްޔާއި ބެހޭގޮތުން ހިތާމަކުރާވަރުން ދާނިޔަލްވެސް އޭނަގެ ބޮޑުދައިތައަށް ހިތްވަރު ދިނެވެ. ބްރެއިން ޓިއުމަރަކަށް ވުމަކީ ހަގީގަތުގައި ޝުކުރުވެރިވާން ޖެހޭކަމެއް ކަމަށާއި އެކަމާއި ދާނިޔަލް މެންނަށްވެސް އުއްމީދުތަކެއް ލިބިފައިވާކަމުގައެވެ. 

"ޑެނީ، މައި ޗައިލްޑް.. އާންޓީ ފަޚުރުވެރިވާފަދަ ކުއްޖަކަށް މިއަދު ޑެނީ ވެއްޖެ، އެންމެ އުފާވީ ރިވާގެ ފަރާތުން ޑެނީ ނަމާދުކުރާކަން އެނގުނީމަ. ދީނަށް ލޯބިކުރަން ފެށިކަން އެނގުނީ، މިއަދު އާންޓީ ބޭނުން ވާހަކައެއް ބުނަން، އެހެންނޫންނަމަ މުޅި އުމުރަށް ގިލްޓީވެފައި ހުންނަން ޖެހޭނީ، ކަށްވަޅާއި ހަމަޔަށް މިސިއްރު ގެންދަންކަމަށް ބޮޑުދައިތަ ނިންމިން، ނަމަވެސް ކޮންމެ ރެއަކު މި ކަންތައް ހަނދާންވެފައި ރޮވޭ........." ސާރާ ދާނިޔަލްގެ ނިތްކުރީގައި ބޮސްދިންއިރު އަނެއްކާ ލޮލުގައި ތާޒާކަރުނަތައް ވިދަން ފަށައިފިއެވެ.

"އާންޓީ ބުނަން ތިއުޅެނީ ކޮން ވާހަކައެއްކަން އަޅުގަނޑަށް އެނގޭ....." ދާނިޔަލް އޭނައަށް އެ އަޑު އިވުނު ދުވަހާއި އިހުސާސް ކުރެވުނުގޮތް ހިއްސާކުރަމުން ދިޔައިރު ދާނިޔަލް ހުރީ ސަމާސާ މޫޑެއްގައެވެ. ސާރާއަށް ހަމަ ރޮވުނީއެވެ. ދާނިޔަލް އެތައް ވާހަކަތަކެއް ދައްކައިގެން ސާރާ ހެއްވާލިއެވެ. އޭނަ ސާރާދެކެ ލޯބިވަނީ ހަމަ މަންމައެއް ފަދައިން ކަމަށާއި ސާރާގެ މަޖުބޫރީތައް އަންދާޒާ ކުރެވޭކަމުގައި ދާނިޔަލް ފަހުން ސީރިޔަސްވެލާފައި ބުނެލިއެވެ. އެހެންނޫނަސް ތުއްތުއިރުގެ ކަންތައް އޭނަ ހަނދާންހުރީއެއް ނޫނެވެ. މީހަކު އޭނަ ތަޅާ މަރާ އަނިޔާކުރިޔަސް އެއްޗެއް ވިސްނޭނީއެއް ނޫނެވެ. ޔަގީނުންވެސް ހަނދާން ހުންނަން ފެށީއްސުރެ ބޮޑުދައިތަވަނީ އޭނައަށް ލޯތްބާއި އަޅާލުން ދީފައެވެ. އެލޯބީގެ ސަބަބުން ސްޕޮއިލްވާހާ ބޮޑަށެވެ. ވީއިރު މާކުރީގެ ކަމަކާއި ބޮޑުދައިތަ ހިތާމަކުރަންވީ ކޮންކަމަކާހެއްޔެވެ؟
އެވަރލޭންޑްގެ ޓެރެސްގައި އައިޒާ، މިލާން އަދި އިރާ ޕޫލް ކާރީގައި ވާހަކަދައްކަން ތިބިއިރު އައިޒާ އިނީ އަދިވެސް އެ ވާހަކަ ގަބޫލުކުރަން ދަތިވެފައެވެ.

"ސީރިޔަސްކޮށް އަހަރެން މިހިރީ އަދިވެސް ގަބޫލުނުކުރެވިފައި، ދުނިޔޭގައި ހުރި އެންމެ ރަނގަޅު އެއް ގާލް މިވީ މަގޭ ސިސްއަކަށް، ވާއު، ދިސް އިޒް އެމޭޒިން...." އައިޒާއަށް އެވަގުތު އޭނައާއި މިލާންގެ ދެލޯ ބައްޕައާއި ވައްތަރުކަން ފާހަގަކުރެވުނެވެ. މުށިކުލައިގެ ދެލޮލުގެ ސަބަބުން އެދެކުދިންވެސް ފާހަގަކުރެވެއެވެ. ހަށިގަނޑުވެސް ހުންނަނީ ދާދި އެއްގޮތަކަށެވެ. އައިޒާއަށްވެސް އެކަން އެނގުނީ ކޮއްކޮކަން ޔަގީން ކުރެވުމަށް ފަހުގައެވެ. 

"ފޮނި ފޮނި ދެކުދިން....އަހަރެން ޖޭވެއްޖެ، އަހަންނަށް ސިސް އެއް ނުލިބޭނެތަ؟ " އިރާ މިލާންގެ ކޮލުގައި ހިފާ ރަތްކޮށްލައިފިއެވެ.

"ތިއީ ސެލީނާ ގޮމެޒްގެ ކުޑަ ސިސްއެއްނު، ސެލީނާ ހިމަ ކޮށްލާފައި ނޫދެލޮލާއި ދިގު އިސްތަށިގަނޑެއް ޖަހާލީމަ އެއްގޮތްވީ...." އައިޒާ ދިމާކޮށްލިއެވެ. އިރާ ދެރަވީކަމަށް ހެދުނެވެ. އައިޒާ އިރުކޮޅަކަށް ސަމާސާކޮށްލާފައި ފަހުން ބުނެލީ އިރާ އާއި މެދު އަބަދުވެސް ކޮއްކޮއެއްގެ ގޮތުގައި ބެލެވޭކަމުގައެވެ. ނަހުޔާންގެ ފަހަރިއަކަށް ވުމުން ވަރަށް ޚާއްސަވެފައިވާކަމުގައެވެ. ތިން ފަހަރިންގެ އެކުވެރިކަން ހައްތަހާ ބަދަހިވެ ގާތް އެކުވެރިންނަށް ވިއެވެ. އެކި ވާހަކަތައް ހިއްސާކޮށް ހުނުމުގައި އެތައް އިރެއްވާންދެން ތިބެވުނެވެ.

ސުދާ ލިބުނު ޗުއްޓީގައި ލަންކާއަށް ދެވުނީމަ ހުރީ ނިކަން އުފަލުންނެވެ. އެތައް ފޮޓޯތަކެއް އެފްބީއަށް ލާފައި ފޮނިކަނޑާލައެވެ. އެ މަޖަލުގައި އުޅެފައި މާލެއަށް އައިއިރު ކިތަންމެ ކަމެއްވަނީ ބަދަލުވެފައެވެ. އޭރު އޭނަގެ ނަސީބު ބަދަލުވާން އުޅޭކަމެއް ސުދާގެ ހިތަކަށް ނާރައެވެ. ސުދާ ރިސެޕްޝަނުގައި މަސައްކަތް ކުރާއިރު މަކަރުހަދާކަމުގެ ތުހުމަތުގައި އޮފީހަށް ހާޟިރުކުރެވޭތާ ކިތަންމެ ޒަމާނެއް ވެއްޖެއެވެ. ސުދާ ކޮންމެ ފަހަރަކު ކޮންމެވެސް އެއްޗެކޭ ކިޔާފައި ބޯ ދަމައިގަންނަނީއެވެ. ބަލިމީހުންގެ ފަރާތުން އެހާ ޝަކުވާލިބެއެވެ. ބިލްތައް ހެދުމުގައި ފަރުވާކުޑަކަމުން ދިމާވާ މައްސަލަތައް ކުޑައެއް ނޫނެވެ. ހާޟިރީއަށް ފަރުވާކުޑަކަމުގެ ހައްދެއްނެތެވެ. އެންމެފަހުން ޑޮކްޓަރެއްގެ ވަގު ސޮއިކޮށްގެން ސުދާގެ ލޯބިވެރިޔަކަށް މައްސަރަކަށް މެޑިކަލް ސެޓްފިކެޓެއް ހެދުމުގެ ކުށް ސާބިތުވެ ސުދާ ވަޒީފާއިން ވަކިކުރެވުނެވެ. ސުދާއަށް ކަމުގެ ސީރިޔަސްކަން ރޭކާލީ އެ ހިސާބުންނެވެ. ރޮއިފާ އާދޭސްކުރި ނަމަވެސް މެނޭޖްމެންޓުން އޭނަގެ އަޑު އަހާނެގޮތެއްނުވިއެވެ. އެތައްފަހަރެއްގެ މަތިން އިންޒާރުދިނުމުން އިސްލާހު ނުވުމަކީ ސުދާގެ އަމިއްލަ ކަމެއްކަމަށާއި ފުރުސަތު ކިތަންމެ ފަހަރަކު ދެވުނުކަމަށް މެނޭޖްމެންޓުން އެންގިއެވެ.

"އަދި އެމީހުން ލަދުގަންނަވާލާނަން، އަހަރެން ދާނީ މިލާންގެ ކާރިއަށް، މިއީ މިލާންގެ ބައްޕަގެ ހޮސްޕިޓަލް، އަހަރެން ހުންނާނީ މިތަނުގެ ވަޒީފާގައި..." ސުދާ ފަޔަރގޭޓް ކާރީގައި މަޑުކޮށްލައިގެން ހުރެ މިލާންގެ ނަމްބަރަށް ގުޅާލައިފިއެވެ. އެތައް ފަހަރަކު ގުޅުމުންވެސް ލިބޭ ޖަވާބަކީ ސްވިޗް އޮފްކޮށްފައި ކަމުގައެވެ.

"މިލާ ނުގުޅާތާ ކޮންދުވަހެއް، މަވެސް ބިޒީކަމުން ނުދެވިފައި މިހުންނަނީ، ޚަބަރެއްވެސް ބަލައިނުލެވޭ..." ސުދާ ގޭޓްކާރިއަށް ދާން ހިނގައިގަތްތަނާ އެހެންލާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން ޒުވާނަކު ފެނިފައި އާޝޯޚުވާވަރުވިއެވެ. ރަގަޅަށް ބަލަން ހަދައިގެން އަރާފައި ހުރި ހީލް ފުރޮޅާލާފައި ފަޔަށް ތަދެއްއެރިއެވެ.

"އައުޗް އައުޗް....." ސުދާއަށް ނުރޮވުނީ ކިރިޔާއެވެ. އެވަގުތު ފަޔަރގޭޓުން ސިކުރިޓީއަކު ނުކުމެގެން އަންނަތަން ފެނިފައި ސުދާ މިލާން އާއި ބައްދަލުކުރަން ބޭނުންވާކަމަށް ބުނެލައިފިއެވެ. ސިކުއިރިޓީ ބުނީ އެ އާއިލާ އެންމެން އެމެރިކާއަށް ހިޖުރަކޮށްފި ކަމުގައެވެ. ސުދާ އަނބުރައިނުގަތީ ކިރިޔާއެވެ. ސުދާ އެންމެ ދެރަވީ އުޅެ އުޅެ މިލާންގެ ނަމްބަރުވެސް ނޭގުނީމައެވެ. މިލާންވަނީ އެފްބީވެސް ޑީއެކްޓިވޭޓް ކޮށްލާފައެވެ. ސުދާ ދެކުނު ގޮތުގައި މިލާން މާ ފޮނިބޮޑުވީއެވެ. މާ މޮޅުކަމެއް ލިބުނީމަ އެކުވެރިން މަތިން ހަނދާންނައްތާލައި އެކުވެރިން ދުރުކޮށްލީއެވެ. ސުދާއަށް ނޭގުނީ މިލާންގެ އަތުން ރުފިޔާތައް ވަގަށް ނަގާ އޭނަ ކުރިހާ ކަންތައް ސުދާގެ ކުރީގެ ލޯބިވެރިޔަކު މިލާންއަށް ކިޔައިދިންކަމެވެ. އެފަދަ އެކުވެރިންނަށް މިލާން މިހާރު ބޭނުމެއްނުވެއެވެ.

ސުދާ ގެ ހިތަށް އެންމެ އަސަރުކުރީ އެހާ ރަނގަޅު ފުރުސަތެއް ދޫކޮށްލެވުނީމައެވެ. މިލާންއަށް ލަނޑުދޭން ނޫޅެ ހެޔޮކޮށް ހިތިނަމަ މިލާންގެ ބެސްޓްފްރެންޑްގެ ގޮތުގައި އެމެރިކާއަށްވެސް ދެވުނީސްކަން ނޭގެއެވެ. އެގޮތަށް ހަސަދަލައި އަނެކަކު ދަށްކުރަން އުޅުމުން އަބަދުވެސް ލިބޭނީ ކޮންމެވެސް ދެރައެކެވެ.

ދެ އާއިލާ އެމެރިކާއަށް ފުރީ އެކީގައެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅަށްވެފައި ފިނި މޫސުމް ނިމި ގަނޑުފެންތައް ވިރެން ފަށައިފިއެވެ. ގަނޑުފެންތަކުގެ ތެރެއިން ރަތްކުލައިގެ ޓިއުލިޕް ފަދަ މާތައް ފެންނައިރު ރީތިކަމުގެ އިންތިހާއެވެ. އެއިން ކޮންމެ މަންޒަރެއް މިލާންގެ ހިތަށް ނަގައިގަނެވުނީ އާ ކަންތައް ތަކެއްގެ ގޮތުގައެވެ. ފިލްމުތަކުން ފެނުނަސް ހަގީގީ ލޮލަށް ފެނުމުން ތަފާތު އިހުސާސެއްކުރުވިއެވެ. ފްލައިޓުން ފޭބިގޮތަށް މިލާންއަށް ހީވީ ފްރީޒަރަކަށް އެރެވުނުހެންނެވެ. ރިވާން މިލާންގަޔާއި ކާރިކޮށްލައިގެން ހުރުމުން ހޫނުކަން އިހުސާސްވިއެވެ. އެހެންނޫނަސް ކެހެރި ހެދުންތަކުގެ ސަބަބުން ފިނިކަން ކުޑަވާގޮތްވެފައިވެއެވެ.

އެމެރިކާއަށް އައި ފުރަތަމަ ދަތުރުކަމުގައި ވިޔަސް އެކަމުން މިލާންގެ ހިތަށް އުފަލެއް ނުލިބުނެވެ. ރިވާންގެ ހާލާއިމެދު އިންތިހާއަށް ފިކުރުބޮޑުވެ ދުޢާކުރުން ނޫންކަމެއް މިލާންއަކަށް ނުކުރެވެއެވެ. އޮޕަރޭޝަން ދުވަސް ކާރިވާވަރަކަށް މިލާންގެ ހިތް އަވަސްވެ ފިނިވަމުން ދިޔައެވެ. ވަށައިގެންވާ މާހައުލު ފަދައިންނެވެ. ރިވާންއަށް ވެދާނެ ގޮތަކާއިމެދު ވިސްނާލާފައި މިލާންގެ ހިތް ބިރުގަންނަނީ މާ ބޮޑަށެވެ. ބައެއްފަހަރު ރޮވޭގޮތްވެއެވެ. މިއަދު މިލާންއަށް އެތައް ބަޔެއްގެ ލޯބި ލިބި މުއްސަދި އާއިލާއެއް ލިބިފައިވެއެވެ. ރިވާން ދުނިޔެއާއި ވަކިވެގެން ދިޔަކަމުގައިވިޔަސް އޭނައާއި އިންނާނެ މީހުން މަދެއްނުވާނެއެވެ. ނަމަވެސް މިލާން ގެ ހަޔާތަށް އިތުރު އެކަކުވެސް ގެންނާކަށް އޭނަ ނެތެވެ. ރިވާން ނެތިއްޔާ އޭނަގެ ހިތް ހަލާކުވެދާނެކަން ނޭގެއެވެ.

ރިވާން އޮޕަރޭޝަން ތިއޭޓަރަށް ވެއްދިފަހުން މިލާން އާއިލާގެ މީހުން ގާތުގައި ލައުންޖްގައި މަޑުކޮށްލައިގެން އިންއިރު މިލާން ގެ ލޮލުން ދޭތެރެއަކުން ކަރުނަ އޮހިގަނެއެވެ. ނަދީމް މިލާންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"ދަރިފުޅާ، އެވްރީތިންގް ވިލް ބީ ފައިން ގޯޑް ވިލިންގް..." ނަދީމް މިލާންއަށް ހިތްވަރު ދޭންވެގެން އެކި ވާހަކަތައް ދެއްކިއެވެ. ބައްޕަގެ ވާހަކަތަކުގައި ދީނީ ވާހަކަތަކެއް ހިމެނޭކަން މިލާން ފާހަގަކުރިއެވެ. ހިތަށް ފިނިކަމެއްވެސް ލިބުނެވެ. ބައްޕަ ބުނުއްވިފަދައިން ޑޮކްޓަރުން މެދުވެރިކޮށް ޝިފާދެއްވާ ފަރާތަށް ދުޢާކުރުމުން ކޮންމެ ފަދަ މިރެކްލްއަކުންވެސް ބަލިމީހާ ސަލާމަތްވެދާނެއެވެ. އިންސާނުންނަށް އޮތީ މަސައްކަތް ކުރުމާއި ދުޢާކުރުމެވެ. ރަނގަޅުގޮތެއް މެދުވެރިކުރައްވާ ރަހުމަތްލެއްވުމަކީ އިންސާނާއަށް ލިބޭނެ ނަސީބެކެވެ.

ރިވާންގެ އޮޕަރޭޝަން ކާމިޔާބުވިކަން އެނގުމުން އެންމެންގެ މޫނުމަތީގައިވާ ހާސްކަން ކެނޑި އެކަކު އަނެކަކަށް އުފަލާއިއެކު ވާހަކަ ދައްކަންފެށިއެވެ. މިލާން ހުރީ ރިވާން ދެކޭހިތުން ކެތްނުކުރެވިފައެވެ. ފުރަތަމަ ފަހަރު އައިސީޔޫއިން ރިވާން ފެނުމުން މިލާންގެ އުއްމީދު ފުނޑުފުނޑުވާގޮތްވިއެވެ. ރިވާން ރަނގަޅޭ ބުނަންވީ ސަބަބެއް ނޭގުނެވެ. ފަހުން ވިސްނުނީ އެހާ ބޮޑު އޮޕަރޭޝަނަކުން ރިކަވަރވާން ދުވަސްކޮޅެއް ނަގާނެކަމެވެ.

ދެމަފިރިން އެކަނިވެލާން ލިބުނު ފުރުސަތުގައި މިލާން ރިވާންގެ ކޯތާފަތުގައި ފިރުމާލާފައި މޫނުގައި ބޮސްދިނެވެ.

"ވަރަށް ވަރަށް މިސްވޭ ރިވާ ނެތީމަ، އަވަހަށް އާދޭ، ލަވް ޔޫ ރިވާ.." މިލާންގެ ލޮލުގައި ކަރުނަތިކިތައް ވިދާލިއެވެ. ރިވާން އެ ޖުމްލަތައް އަޑުއަހަން ބޭނުންވެފައިވާތާ ކޮން ދުވަހެއްހެއްޔެވެ؟ މިލާންގެ ލަދުރަކިކަމުން އެއީ ދުވަހަކު ނުވާނެކަމެއްކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް ރިވާންގެ ހިފެހެއްޓުމެއްނެތް ލޯބީގައި މިލާން ގެބެންފެށީ ދުވަހަކު ސަލާމަތް ނުވާނެފަދަ ގޮތަކަށެވެ. ލޯބީގެ އުފާވެރިކަމާއި ލައްޒަތު ހާސިލުކުރެވުނީމަ ގިނަ އަންހެންކުދިންގެ ހިތްތައް ވިރިދާނެއެވެ.

ނަދީމް މިހާރުވަނީ ނީރާވެސް އެމެރިކާއަށް ގެނެސްފައެވެ. އޯޓިޒަމް ދަރިއަކު ހުރުމުން ނަދީމް އެއްގޮތަކަށްވެސް ނީރާ ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އެ އާއިލާއަށްވެސް ނަދީމް ވީވަރަކުން ވަގުތު ދެއެވެ. މިލާން ހުންނަނީ އެ ކޮއްކޮއަށްޓަކައި ފުރާނަ ގުރުބާން ކުރަން ތައްޔާރަށެވެ. ކޮއްކޮއާއިއެކު ވަގުތުތައް ހޭދަކޮށްލެވުނީމަ މިލާންގެ ހިތަށް ހަމަޖެހުން ލިބެއެވެ. އެހާ މައުސޫމްވެފައި ރީތިކަމުގެ އިންތިހާއެވެ.

ރިވާންއަށް ފުރިހަމަ ސިއްހަތެއް ލިބުމާއި ނަދީމްގެ އާ ހޮޓަލެއް ހުޅުވުމުގެ ގޮތުން ބޭއްވި ހަފްލާއަކަށް ދިޔުމަށްފަހު މިލާން ހުންނަން ޖެހުނީ ކުޑަކޮށް ލަދުގެންފައެވެ. އެންމެންގެ ކުރިމަތީގައި ނަދީމް މިލާންއަކީ އޭނަގެ އަންހެންދަރިއެއް ކަމުގައި އިއުލާންކުރިއެވެ. ނަދީމްގެ އެކުވެރި ވިޔަފާރިވެރިންނާއި އާއިލާތަކަށް ނަދީމްގެ ދަރިފުޅުގެ ގޮތުގައި ތައާރަފު ވުމަށްފަހުގައި އެތައް ގިނަ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ. މަލީކްއާއި ދީނާވެސް ނަލަހެދިލައިގެން އެކީގައި އުޅޭތަން ފެނުނު ކޮންމެ މީހަކަށް އެ ދެމަފިރިން ގެ ދޭތެރޭގައި އޮތް ގާތްކަމާއި ގުޅުން ދެނެގަނެވޭނެއެވެ.

ނަދީމް މަލީކްމެންނާއި ވާހަކަދައްކަވަން ހުންނަވާފައި ދީނާގާތުގައި މިލާންގެ ވާހަކަ އައްސަވައިލެއްވިއެވެ. ކުރީއްސުރެ ދަންނަ އެކުވެރިއަކަށްވީމަ އެދޭތެރޭގައި އޮންނަ ގުޅުން އަދިވެސް ބަދަލެއްނުވެއެވެ.

"އަހަންނަށް ހީވަނީ ދީނާއަށް ކުރިންވެސް އެނގޭހެން، އާފްޓަރ އޯލް ނަދާއަކީ ދީނާގެ ބެސްޓްފްރެންޑް...." ނަދީމް ޝައްކުގެ ނަޒަރަކުން ބަލާލާފައި ހިނިތުންވެލިއެވެ.

"ނަދީމް، ހަގީގަތުގައި ކުރިއްސުރެ ޝައްކުތަކެއް ކުރެވުނު، ނަމަވެސް ނަދާ ހުރިހާ ވާހަކައެއް ހާމަކުރިއިރުވެސް މިލާންގެ ސިއްރު ފޮރުވާފައިވީ އެހެންވެ ސުވާލު ނުކުރަން، އެހެންނޫނަސް ނަދާއާއި ވަކިން އުޅުމަށްފަހު މިލާން ކުޑައިރު ދިމާވީ، ނަދާ ބުނިގޮތުން ނަދީމްއަށްފަހު މީހަކާއި ކައިވެނި ކުރި، އެހެންވެ ކޮންމެވެސް ވަރަކަށް އޮޅިފައިހުރީ، އެނީވޭސް މިއީ އެންމެނަށް ލިބުނު އުފަލެއް، މިލާންއަކީ ފެމިލީކަން އެނގުނީމަ އެންމެންގެ ސިކުނޑިން ބުރައެއް ލުއިވެގެންދާނެކަން ޔަގީން، ސާރާވެސް ބޭނުމެއްނުވާނެ ޅީ ދަރިއަކީ ބައްޕަނެތް ކުއްޖަކަށް ވާން، ކާކުގެ ފޯލްޓަކުންކަން ނޭގޭ އެކަމަކު އިނޮސެންޓް ކުއްޖެއްގެ ލައިފް ހަލާކުވެގެން ނުދިޔައީ ކިރިޔާ، އެހެންވީމަ ބަލަންވީ ޝާހީ ލޭ ހުރިތޯއެއް ނޫން، ރަނގަޅު ގެވެހިކުއްޖަކަށް ވެއްޖެއްޔާ ޅީދަރިއަކަށް ހަދަން ފަސްޖެހޭނެ ކަމެއްނެތް......" ދީނާ ވާހަކަ ދެއްކިއިރު ފޮރުވިފައިވާ ހިނިތުންވުމެއް ތުންފަތުގައިވިއެވެ. ނަދީމްގެ ވިސްނުން ގަދަކަމުން އެކަން ދެނެގަތެވެ. ދީނާ ކޮންމެވެސް ކަމެއް ސިއްރުކުރަނީއެވެ.

ދީނާ ނަދީމް ގާތުގައި ހަގީގަތް ހާމަކުރީ އެކަނިވެރި ވަގުތުކޮޅެއް ލިބުމުން ނިކަން ސިއްރުންނެވެ. ނަދީމް އާއި ދީނާ އަދި މަލީކްމެން ޒުވާން ދުވަސްވަރު ދިރިއުޅުނީ އެހާ ރަނގަޅަކަށް ނޫނެވެ. ލާރި ހުރުމުން ޔޫރަޕްގޮތްތައް މިޒާޖުގައި އަށަގެންފައިވެއެވެ. ރާބުއިންފަދަ ކަންތައް ކުރެވުނީއެވެ. އެހެން އުޅެމުންގޮސް އެއްރޭ ނަދީމް ރާ ބޮއިގެން ހުރެ ދީނާގެ ގެއަށް އައިސް އެ ކޮޓަރިއާއި ހަމަޔަށް ވަނީއެވެ. އޭރު މަލީކް ރަށުގައި ނޫޅުއްވައެވެ. އެ ހާދިސާއަށްފަހު ނަދީމް އެކަން ހަނދާންހުރިހެނެއް ހިޔެއްނުވެއެވެ. އެހެންނޫނަސް ދީނާއަކަށް އޭރު އެއީ މާބޮޑުކަމަކަށްނުވިއެވެ. އެހެންނޫނަސް ނަދީމް ހަމަހޭވެރިކަން ނެތި ކުރިކަމަކުން އޭނަ ކުށްވެރި ކުރެވޭނެ ގޮތެއް ނެތްކަމުގައި ދީނާ ގަބޫލުކުރިއެވެ. އެވާހަކަ ނުދައްކާ ސިއްރުކޮށްލައިގެން ހުރެ ދީނާ ދިރިއުޅުމާއިގެން ކުރިއަށް ދިޔައެވެ. ލިއޯންއަކީ ނަދީމްގެ ދަރިއެއްކަން ދީނާއަށް ރަނގަޅަށް ޔަގީންވީ އެ ހާދިސާ ހިނގި ދުވަސްވަރަކީ ކޮބައިކަން ދީނާއަށް ރަނގަޅަށް އެނގޭތީއެވެ. އެހެންނޫނަސް ނަދީމްގެ އޯޓިޒަމް ދެކުދިން ލިބުމުންވެސް އެކަކުވެސް އެމީހުންނާއި މެދު ޝައްކުނުކުރިކަން ނަސީބެކެވެ. ދީނާ މިހާރުވަނީ އެކަމާއި ތައުބާވެފައެވެ. ލިއޯން ދުނިޔޭގައި ހުރިނަމަ ކޮންމެވެސް ދުވަހަކުން ބޭޒާރުވާނެކަން ޔަގީނެވެ.

"އެހެންވެ މިހާރު ހިތަށް އަރަނީ ފިރިމީހާގެ އެކުވެރިންނާއި އެގޮތަށް އަނގަ ތަޅުވާ ގެއަށް ގެނައުމަކީ ރަނގަޅުކަމެއް ނޫނޭ، މަލީކްވެސް ނަދީމްއަށް މާ ބޮޑަށް ވިއްޔަ ޓްރަސްޓްކުރީ، މިވީ ކިހިނެއް؟ އިރާދަކުރެއްވިއްޔާ މި ސިއްރު ދެން ބޭޒާރެއް ނުވާނެ، އަހަރެންގެ އީވިލް ބަޔެއް ހުންނަކަން ނަދީމްއަށް އެނގޭނެ، މިލާން ގެ ހަގީގަތް އެގުނީމަވެސް ނަދީމްއަށް އަންގަން ބޭނުންނުވީ ބަދަލުހިފަންކަމަށް، އެކަމަކު އެއީވެސް ރަނގަޅުގޮތެއް ނޫން. ޔޫ ނޯ ވަޓް، ޑެނީ މިލާން އާއި މެރީކުރިނަމަވެސް ވަރަށް ދެރަގޮތެއް ވާނެ، ސަބަބަކީ ޑެނީ ކުރިން އައިޒާއާއި ރައްޓެހިވި، ދެ ސިސްޓަރސް އިންނާއި އެކީ ކަމެއް ނުހިގަންވެގެން އިރާ އާއި ޑެނީ ގުޅުނީ، ތަގުދީރުގައި ކޮންމެ ކަމަކަށްވެސް ސަބަބެއް ވާނެ، ނަދީމް، އަހަރެމެން ޕާސްޓްގައި އުޅުނުގޮތުން ކުދިންނަށް އިބުރަތެއް ހާސިލުވެއްޖެއްޔާ ރަނގަޅު ދޯ....." ދީނާ ހިނިތުންވެލާފައި ދާން ހިނގައިގަތްއިރުވެސް ނަދީމް ހުންނެވީ ބަސް ހުއްޓިފައެވެ. ލޮލުން ކަރުނަހިލިފައެވެ. އެ ފާފަ ކުރެވުނީ އޭނަ ރާބުއީމައެވެ. ހަރާމްކަމެއް ކޮށްފިއްޔާ ދެން އަރައިގަނެވޭނީ ފާފަ ތަކަށެވެ. އޭނަގެ ކުދިންނަށް އޭނަ ވިސްނައިދޭނެއެވެ. ނަސޭހަތްތެރިވެ ރަނގަޅު މަގުދައްކާނެއެވެ. ދުނިޔޭގެ ކޮންމެ ތާކު ތިއްބަސް ރަނގަޅަށް އުޅެވިދާނެއެވެ.

ހަފްލާ ނިމިގެން ގެއަށް ދާންވެގެން ނަދީމްއާއި ސާރާއިއެކު އެކާރަށް ރިވާންއާއި މިލާންވެސް އެރިއެވެ. ނަދީމްގެ ދެމަފިރިންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެދެމަފިރިންގެ ދަރިން ނޭގުމުގެ ތެރޭގައިވެސް ގުޅިފައިވާތީއެވެ. މިހާރު އެމީހުންގެ ހުވަފެނަކީ އަވަހަށް އާއިލާއަށް މެމްބަރެއް އިތުރުވުމެވެ. އޭރުން ވަކިން ބޮޑަށް އެ އާއިލާގެ އުފާވެރިކަން އިތުރުވާނެއެވެ. ގެ ވެސް ފަޅުފިލާނެއެވެ.

ރޭނގަޑު ކެއުމަކަށް މަލީކް އޭނަގެ ކޮއްކޮ ސާރާއާއި އާއިލާއަށް ދައުވަތު ދިނުމުން ހަވީރުއްސުރެ އެންމެން އުޅުނީ އެގޭގައެވެ. މަލީކްމެން ބޮޑެތި މީހުން ވާހަކަދައްކަން މަތީބައިގާ ތިބިއިރު ޒުވާނުން އުޅުނީ ސިޓިންރޫމްގެ މަޑު ސޯފާތަކުގައި ހީފިލުވައިލަން ޖައްސާލާފައެވެ. މޭޒުމަތީގައި ހުރި ސްޕައިސީ އެޕްލް ސައިޑަރ ތަށި ތައް ލަސްލަހުން ހުސްވަމުން ދިޔައެވެ. ބަހާރު މޫސުމްގެ ކުރީކޮޅަށްވީނަމަވެސް އަދިވެސް މާހައުލު އޮންނަނީ ގަނޑު ހިފާފައެވެ. އެހެން ފަހަރަށްވުރެ ފިނިގަދަ ދުވަސްކޮޅަކަށްވީމަ ކަންނޭގެއެވެ. ދޭތެރެއަކުން ދޫނި ސޫފާސޫފީގެ ލަވައިން ފަޒާގެ ހިމޭންކަން މުގުރާލައެވެ.

"ސީރިޔަސްކޮށް އިރާ އަނެއްކާ ޕްރެގްތަ؟ ފުޓްބޯޅަ ސެޓެއް ހަމަ ކުރަންތަ ޑެނީ ތިއުޅެނީ..... " ނަހުޔާން އިނީ ގަބޫލުކުރަން ދަތިވެފައެވެ. އިރާ އިނީ ރަކިވެގެން ހީލަ ހީލައެވެ. ދާނިޔަލް ކޮންމެފަދަ ސަމާސާއެއް ވެސް ކޮށްފާނެއެވެ.

"ދޮންބެމެންގެ ކުއްޖެއް ނެތީމަ އެންމެނަށް ބަހާލާނީ، ރިވާއާއި ދޮންބެއަކަށް ނުކެރޭވިއްޔާ އެފަދަ މަސައްކަތެއް ކޮށްލަން.. މޭކިން ބޭބީސްއަކީ ވެސް މަސައްކަތެއް........" ދާނިޔަލްގެ ސަމާސާއިން އެންމެން ހޭންފެށިއެވެ. އިރާ ރަކިވެފައި ދާނިޔަލްގެ އަތުގައި އޮޅުލައިގެން މުލައްދަނޑީގައި މޫނު ފޮރުވާލައިފިއެވެ. 

"ޑެނީ ތިކަމުގައި ސެލްފިޝްވާނެވަރު އެނގޭ ހޫރު ގެންގުޅޭގޮތުން....ބަހާލާނީއޭ ބުނާނެ އެކަމަކު ޔަގީން ބާރަ ދަރިން ލިބުނަސް ޑެނީ އެންމެ ކުއްޖެއްވެސް ދޫކޮށްނުލާނެކަން..." ރިވާން ގެ ވާހަކައަށް އެންމެން ތާއީދުކުރިއެވެ. އެންމެން ސަމާސާކުރަން އެތައް އިރަކު ތިބެލާފައި ނަހުޔާން އާއި އައިޒާ އެކަނިވެލަން ނުކުތީ ގޭގެ ފަހަތު ފެންޑާއަށެވެ. ފިނިގަދަވިޔަސް އެކަކު އަނެކަކުގެ ހަށިގަނޑުގެ ހޫނުން ހީފިލާ އަރާމުވިއެވެ. އައިޒާ ހުރީ ކުއްޖަކު ހޯދާހިތުންނެވެ. އައިޒާ ފެށީ އެ ވާހަކައެވެ.

"އަދި ދެއަހަރުފަހުން އައިޒް، މެރީކޮށްގެން އެންޖޯއިކޮށްލަން ދުވަސްކޮޅެއް ނަގަންވާނެ، އެނގޭ ކުދިން ތިބީމަ ލޯބިވާނެވަރާއި ލައިފް އުފާވެރިވާނެވަރު، ޑެނީ ކިހާ ހެޕީ، ޙޫރު ފެނުނީމަ ހިތަށް އަރާ އަހަރެމެންގެވެސް ކުއްޖެއް ހުންނާނެނަމައޭ، އެކަމަކު އަދި ވީ ވިލް ވެއިޓް...." ނަހުޔާން ހަނދާންވަނީ އޭނަގެ މަންމައާއި ބައްޕައަށް ކާރީގައި ތިންކުދިން ލިބިގެން ޖެހުނު މައްސަލަތަކެވެ. އޭނައަށް ގިނަކުދިން ލިބުނަސް މެނޭޖްކުރަން އެނގޭނެއެވެ. މަންމަގެ ފަރާތުން ނަހުޔާންވަނީ އެތައް ނަސޭހަތެއް އަޑުއަހާފައެވެ. އެހެންވެ ނަހުޔާން ވިސްނަނީ ކުރީއްސުރެ ވިސްނުންތެރި ކަމާއިއެކު އާއިލާ ރޭވުމަށެވެ. ނަހުޔާން އާއި އައިޒާ އެތައް ދަމެއްވާންދެން ލޯބިން ވާހަކަތަކެއް ދައްކަން ތިބިއިރު ހީވަނީ އެއް ހިޔަނިހެންނެވެ. އެކަކު އަނެކަކަށް ބަލާއިރު ލޮލުން ފެންނަނީ ނިމުމެއްނެތް ލޯބީގެ އަސަރުތަކެވެ.

ރިވާންއާއި މިލާން ކާރު ޕާކްކޮށްލާފައި އެމީހުންނަށް އަލަށް ރެޖިސްޓްރީވި ގެއަށް ވަންނާން ހިނގައިގަތީ އަތު ގުޅުވާލައިގެންނެވެ. ގެއަކީ ނަދީމް މިލާންއަށް ހަދިޔާކުރި ރީތި ގެއެކެވެ. ރިވާންއަށް ދޮންބައްޕަ ދެއްވީ ކާރެކެވެ. ރިވާން ހުރީ މިލާންއަށް ގެއެއް ހަދިޔާކުރަން ނިންމައިގެންނެވެ. އެ ޚިޔާލަށް އަމަލީ ސިފައެއް ނުގެނެވިގެން އުޅެނިކޮށް ދަރިފުޅު ދެކެ ވާ ލޯބީގެ ރަމްޒަކަށް ބައްޕަވެސް މިވަނީ މިލާންއަށް އެހާ އަގުބޮޑު ހަދިޔާއެއް ދީފައެވެ. ވީއިރު މިގޭގައި ދިރިއުޅުމުގެ ބާކީ އޮތްބައި އުފަލާއިއެކު ހޭދަކުރެވިދާނެއެވެ. ރިވާން އެދުނީ ބިސްމި ކިޔާފައި ދޮރު ހުޅުވުމަށެވެ.

"ހެހެ، އަހަރެން އަބަދުވެސް އެގޮތަށޭ ކަމެއް ފަށަނީ....ވާއު ބިއުޓިފުލް..." ފަތްތަރުމަތިން އަރާފައި ގޭގެ ދޮރުހުޅުވާލުމާއިއެކު ގޭގެ ރީތިކަމުން މިލާން އާޝޯޚުވާވަރުވިއެވެ. އެހެންނޫނަސް ގޭގެ ވަށައިގެންވާ ބަގީޗާއާއި ބިޔަގަސްތަކުގެ ސަބަބުންވެސް މިލާންހުރީ ބުނަން ނޭގޭހާ އުފާވެފައެވެ. މިއީ އަބަދުވެސް މިލާންގެ ޚިޔާލުގައި ކުރެހިފައިވާ ހުވަފެނީ ގެއެވެ. ބަގީޗާއެވެ. ގަސްތަކަށް ދެވިހިފާފައިވާކުއްޖަކަށް ލިބުނު ރީތި ފުރުސަތެކެވެ.

"އައި ލަވް ޔޫ ރިވާން....." މިލާން ހިނިތުންވެލާފައި ރިވާންގެ ދެއަތްތިލައިގާ ހިފުމާއިއެކު އަތުގެ އިނގިލިތައް މަހައިލެވިގެންދިޔައެވެ.

"އަހަރެންވެސް އެހާ ލޯބިވޭ އަހަރެންގެ ފުރާނަޔާ، އަހަރެންގެ މިލާންއާއި ނުލައި ދުނިޔެއަށް ނޭވާއެއްލާކަށްވެސް ބޭނުމެއްނޫން، ތިއީ އަހަރެންގެ ހިތުގެ ހަމަޖެހުން، ހިތުގެ ވިންދު، އަބަދުގެ އަބަދަށްޓަކައި އަހަރެން މިލާންދެކެ ލޯބިވާނަން، އައި ޕްރޮމިސް، މިހިތުގެ ހުރިހާވެސް އުފަލަކީ ތިއީ، އަހަރެން އަބަދުވެސް ހިތަށް އަރާ އަހަންނަށް ލޯބީނެ ނަސީބު ލިބޭނެ ބާވައޭ، ރޮމެންޓިކް މީހަކަށްވީމަކަން ނޭގޭ މިލާން ފެންނައިރަށް އެނގުނު ތިއީކަން އަހަރެންގެ ހިތުގެ ރާނީއަކީ، ކޮންމެ ގޮތެއް ހަދާފައިވެސް މިލާން ހާސިލުކުރަން ހިތް ބޭނުންވި، ނުލިބިދާނެތީ ހިތާމަކުރިވަރު މިލާންއަށް އެނގޭނެނަމަ، އޭރުއްސުރެ އަހަރެންގެ ދުޢާއަކީ އަހަންނަށް މިލާން ލިބުން، މިއަދު އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ ނަސީބު ރަގަޅުމީހާ ކަމުގައިވެއްޖެ.......ތެންކިއު ސްވީޓްހާޓް...އަހަރެން ހާދަ ލޯބިވެޔޭ، ކިހިނެއް ބުނެދޭނީ......" ރިވާން މިލާންގެ މޫނަށް ބަލަން ހުރީ ހިތްބަންޑުންވާފަދަ ގޮތަކަށެވެ. އެ ރީތި ދެލޮލުން އަބަދަށް އެގޮތަށް ބަލަން ހުންނާނެނަމައޭ މިލާންގެ ހިތަށް އެރިއެވެ. އަވިދޭ ރީތިދުވަހެއްގެ ވިލުފަދައިން އެ ދެލޯ ރީއްޗެވެ. ފެހިކަންގަދަ ދެ ޖަވާހިރަށް އިރުގެ އަލިކަން އެޅި ބަބުޅާހެން ހީވިއެވެ. ބެލިބެލިހެން ރީތިވަނީއެވެ. މިލާން އެލޮލުގެ ތެރެއަށް ގެނބެން ބޭނުންވިއެވެ. ރިވާންގެ ލޯބީގެ ސަބަބުން މިލާންގެ ހިތުން ދާނިޔަލްގެ ހަނދާންތައް ފަނޑުވާން ފަށައިފިއެވެ.

ލޯތްބަކީ އެންމެ ފަހަރަކު ވެވޭ އެއްޗެކޭ ބުނަނީ ހަގީގަތެއް ނޫނެވެ. ލޯބި އެކި ސިފައިގާ އެކި އިންސާނުން ދެކެ ވެވޭނެއެވެ. ތެދުވެރި ލޯތްބަކީ ފިރިމީހާދެކެ ވެވޭ ވަފާތެރި ލޯތްބެވެ. އެލޯބި މިލާންއަށް މިވަނީ މިންވަރު ކުރައްވާފައެވެ. މާޒީގައި އޭނަ ކޮށްފައިވާ ކޮންފަދަ ރަނގަޅުކަމެއްގެ އިނާމުކަން ނޭގެއެވެ. ގުދުރަތުގެ އިހުސާންތެރިކަން ހާދަ ބޮޑެވެ.

ރިވާން ހީލާފައި ބުނީ މިފަދަ ގެއެއް ހަދިޔާކުރުމަކީ އޭނަވެސް ދެކުނު ހުވަފެނެއްކަމަށެވެ. ރިވާން މިލާން އަތްދަނޑިމައްޗަށް އުފުލާލައިގެން ގޭގެ މާސްޓަރ ބެޑްރޫމާއި ދިމާލަށް ދިޔައެވެ. ވަށައިގެން ފެންނަން ހުރި ބިއްލޫރި ދޮރުތަކުން މަންޒަރުތައް ފެންނަލެއް ހާދަ ހިތްގައިމެވެ. ފިނިކަމުން ހީކަރުވައިގެން އޮތް މިލާން ބޭނުންވީ ރިވާން އެއަށްވުރެ ކާރިވުމަށެވެ. އެއަށްވުރެ ގާތުން އެ ރީތި މޫނަށް ބެލުމަށެވެ. މިލާން ރިވާންގެ ކަނދުރާގައިއަތް އަޅުވާލައިގެން އޮތްއިރު ރިވާން ލަސްލަހުން ސިޑިން އެރިއެވެ. އެ މޫނުމަތީގައި ވަނީ ހަމަޖެހުމުގެ ކުލަވަރެވެ. އެއްވެސް ވަރުބަލިކަމެއްނެތެވެ. އެ ކަސްރަތީ ރީތި ހަށިގަނޑާއި ދިގު އިސްކޮޅުގެ ސަބަބުން މިލާންގެ ހިތް ފިދާވާވަރުވިއެވެ. އެހެންމީހުންނަށް މިއިން މަންޒަރެއް ފެންނާނެނަމައެވެ. ސުދާއަށް އެނގޭނެނަމައެވެ. އޭނައަށް އެފްބީ ޑީއެކްޓިވޭޓް ކުރެވުނުކަން ރަގަޅެވެ. ސުދާފަދަ ކިތަންމެ ކުދިންނެއް ހަސަދައިން ހިތް ފުރޭނެކަން އޭނައަށް ޔަގީންވެއެވެ. އޭނަ އެހެންކުދިންނަށް ކަން ދައްކާކަށް ބޭނުމެއްނޫނެވެ. އޭނަ ބޭނުމީ މިފަދަ އެކަނިވެރި ދިރިއުޅުމެކެވެ. އޭނަގެ ލޯބިވެރިޔާއާއި އޭނަގެ އުފާވެރި ދިރިއުޅުން އެކަނި ހިއްސާކުރުމެވެ. އެހެންނޫނީ އެ އުފާވެރިކަމަށް އެސްފީނާ ޖެހިދާނެއެވެ.

"ކޯންޗެއްތަ ތި ވިސްނަނީ...." މާސްޓަރބެޑްރޫމްގެ ބޮޑު އެނދުގައި މިލާން ބާއްވާލާފައި ރިވާން މަގަތުގައި އިށީދެލާފައި މިލާންގެ މޫނުގައި ބޮޑުވާ އިނގިލިން ބީއްސާލުމުން މިލާންގެ ލޯ ކަރުނުން ފުރޭގޮތްވިއެވެ. ދުވަހަކު އުފާނުވާވަރަށް މިއަދު އޭނަގެ ހިތް އުފާވެއްޖެއެވެ.

"ނުރޮއި ބޭބީ، ކީއްވެ ރޮވެނީ، އަހަރެން މިހިރީ އަހަރެންގެ ލޯތްބަށްޓަކައި ކޮންމެކަމެއް ކޮށްދޭން....." ރިވާން ގުދުވެ މިލާންގެ ކަރުނައިން ފޭދިފައިވާ އެސްފިޔަތަކުގައި ބޮސްދޭންފެށިއެވެ.

"އުފަލުން މީހުން ރޮއޭ ބުނާއަޑު ރިވާ ނާހަންތަ؟ ޔޫ މޭކް މީ ސޯ ހެޕީ....." މިލާން އާއި ރިވާންގެ ހަތަރުކަޅި ހަމަވީވަގުތު ދެހިތަށްވެސް އިންގިލާބެއް ގެނުވިއެވެ. ފަރުދާތައް ކަހާލާފައިވާ ދިގު ކުޑަދޮރުތަކުން ބޭރުގެ މަންޒަރު ފެންނައިރު އެދިމާލަށް ލެނބިފައިވާ ޗެރީގަހެއްގައި ވާ ދޫނިޖޯޑެއްނިކަން ލޯބިން ތުންގުޅުވާލައިގެން ތިބިތަން ފެނުނެވެ. އެދެމަފިރިންނަށްވެސް އިތުރަށް ދުރުގައި އެންމެ ހިދުކޮޅަކަށްވެސް ތިބުން އުދަގޫކަމަކަށްވިއެވެ. 

ދާނިޔަލް އޭނަގެ މަންމައާއި ބައްޕަގެ ގާތުގައި ވާހަކަދައްކަން ހުރެލާފައި ދަމުން ދެމަފިރިންގެ ގައިގާ ބައްދާލިއެވެ. އެދެމީހުންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު މިއަދު ޒިންމާދާރު ހަރުދަނާ ޑޮކްޓަރަކަށް އަދި ފިރިޔަކަށްވެފައިވާތީ އެދެމީހުން ފަޚުރުވެރިވާހާވެއެވެ. އެންމެ ރީތި ސިފައަކީ މައިންބަފައިންނަށް ކުރާ ގަދަރެވެ. އަދި އެމީހުންގެ ހާލު ބަލައިލާ އެކީގައި ވަގުތު ހޭދަކޮށް ސަމާސާކޮށް އުޅޭކަމެވެ. ޕްލޭބޯއިއަކުން މިފަދަ ޒުވާނަކަށް ބަދަލުވުމަށް މަސައްކަތްކުރިއްޔާ އެކަން ނުކުރެވޭނީ ކާކަށްހެއްޔެވެ؟ ދާނިޔަލްއަކީ މިސާލެކެވެ. އެފަދަ ޒުވާނަކު ތިމާގެ އަންހެނުންނަށް ވަފާތެރިވީ ލޯބިވެރިޔާވެސް ގުރުބާންކޮށްލާފައެވެ. ދާނިޔަލް މިލާންގެ ހަނދާންތައް ފޮހެލަން އެންމެ ފަހުން ކުރި ކަމަކީ އެހާ ރީތި ފޮޓޯއެއް ފޮހެލުމެވެ. ފެންވަރަން ހުއްޓާ ސިއްރުން ނެގި އެ ފޮޓޯގެ ވާހަކަ މިލާންގެ ގާތުގައި ނުބުނެވުނީތީ ދާނިޔަލް ޝުކުރުވެރިވިއެވެ. އެހެންނޫންނަމަ މިލާން އަބަދު އެކަމާއި ލަދުން އުޅުނީހެވެ.

"ނަސީބެއް އަހަންނަށް މިލާން ލައިފަށް ނުގެނެވުނުކަން، އައިޒާއާއި އެކީގައި ސްލީޕްކޮށްފައި އޭނަގެ ސިސްއަކާއިއެކީގައި ލައިފެއް ފެށީމަ އެހާ ރީއްޗެއްނޫން... އަހަންނަށް އެންމެ ރަގަޅުގޮތަކަށް މިވީ، އިރާއަކީ މަގޭ ދަރިފުޅުގެ މަންމަ، ދުވަހަކުވެސް ދަރިފުޅާއި މަންމަ ވަކިކުރާކަށް ބޭނުމެއްނޫން، އިރާ ދުނިޔެދޫކޮށްފައި ދިޔަނަމަވެސް ހޫރުއަށް ދުވަހަކު އެހެން މަންމައެއް ނުހޯދާނަން...." ދާނިޔަލް ހިތާހިތުން ވައުދުވުމުންވެސް ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ. އޭނަގެ ހަޔާތަށް އިރާ އައީ އަނދިރި އަދި ބަލިކުއްޖެއްގެ ގޮތުގައެވެ. އެފަދަ ކުއްޖެއްގެ ބައިވެރިޔަކަށް ވާން ރަގަޅީވެސް އޭނަފަދަ ޑޮކްޓަރެކެވެ. އޭނަ މިއަދު އުފަލާއިއެކު އެކަން ގަބޫލުކޮށްފިއެވެ. އިރާއަކީ އެކަނި އޭނަގެ އެވެ. ކުޑައިރު އުނދޯލިން ވައްޓާލާ ތުންފަތް ފަޅައިލިގޮތަށް ޖިސްމާނީ އަދި ނަފްސާނީގޮތުން އެތައް ގެއްލުމެއްވުމަށްފަހުވެސް އިރާވީ އޭނަގެ މީހަކަށެވެ. އޭގެ ކުރިން އެމަލުގައި އެއްވެސް މީހަކު ބީހިފައެއްނެތެވެ. އެ މާ ފޮޅުވައިލި މީހަކީވެސް ޚުދު އޭނައެވެ. އިތުރަށް އެ ނާޒުކް މަލަށް އަނިޔާނުކޮށް އުމުރަށްވެސް ބަލައިގެން ގެންގުޅޭނެއެވެ. އިރާދަކުރެއްވިއްޔާ އޭނަ އަދި އިރާގެ ލޮލަށް މުޅިން ރަގަޅުކުރާނެއެވެ. މޮޅަށް ކިޔަވައިގެން އޭނަ އިރާއަށްޓަކައި މަސައްކަތްކުރާނެއެވެ.

ދާނިޔަލް ޖިންސްގެ ޖީބަށް ދެއަތް ޖަހާލައިގެން ހިނގާލާފައި ދިޔައިރު މޫނުމަތީގައިވަނީ ޔަގީންކަމެކެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރު އެތައްތަނެއް މިވަނީ ބޮޑުވެފައެވެ. ގޭގެ ތެރޭގައި ފައި އެޅުމައިއެކު އިރާ އުދުހުލާފައި ކަހަލަގޮތަކަށް އައިސް ދާނިޔަލްގެ އަތުތެރެއަށް ވަނީ އަބަދުގެ އަބަދަށް އެ އަތުގެ ހިމާޔަތުގައި ހުރުމަށް ހިތްއެދޭތީއެވެ. އަބަދަށްޓަކައި އެ ބާރުގަދަ އަތުގެ ތެރޭގައި ވުމަށެވެ.

"ވަރަށް ބައިވަރު މަސައްކަތްކޮށްލާފައި މިއައީ، ދޮވެ، އިސްތިރިކޮށް ގެ ސާފުކޮށްފައި ބޭބީ ނިންދަވާލާފައި މިއައީ، އައިމް ޓަޔަޑް އެކަމަކު ވަރަށް ހިތްހަމަޖެހިއްޖެ......" އިރާ ދާނިޔަލްގެ ހަށިގަނޑުގެ އެތަން މިތަނުގައި ބޮސްދޭންފެށިއެވެ. އިރާ ދާނިޔަލް ފެންނަ ކޮންމެ ފަހަރަކު އެވަރަށް އުޅޭތީ ދާނިޔަލްވެސް ހައިރާންވެއެވެ. އޭނަދެކެ އެވަރަށް ލޯބިވާ ކުއްޖަކު ދުނިޔެއަކުން ނުލިބޭނެއެވެ. ދާނިޔަލް އިރާ ބިމުން އުފުލައިލިގޮތަށް މޭގައި ޖައްސާ ހައްޔަރުކޮށްލިއެވެ. އޭރު އިރާގެ ހިތްވަނީ އަވަސްވެފައެވެ. ދާނިޔަލް އަދިވެސް ބޮޑަށް ކާރިވެލިއެވެ.

"އެންމެފަހުން ޑެނީއަށް ވިސްނިއްޖެ ދޯ..." އިރާ ހީގަތެވެ.
"ކޯންޗެއް..." ދާނިޔަލް ބުމައަރުވައިލިއެވެ.
"އަހަންނަކީ އެކަނި ޑެނީގެ ކަން، ޔޫ ކެން ހޭވް މީ އެނީ ޓައިމް އެނީވެއަރ އެނީވޭ...ވަރުބަލިވިޔަސް ހެވޭ......" އިރާ އާއި ދާނިޔަލްގެ ހަތަރުކަޅިހަމަވިއެވެ. އޭނަގެ ހަށިގަނޑާއި ހިތަކީ ދާނިޔަލްގެ ހައްގެކެވެ. އެކަނި ދާނިޔަލްގެ މިލްކެކެވެ. 

"އަހަންނަށް އެނގޭ، އެކަމަކު ހީވޭތަ އަހަރެންގެ ލިޓްލް ގާލް ވަރުބަލިކޮށްފައި ބަހައްޓާނެހެން، އަހަރެން މިހާ މަސައްކަތްކުރަނީ އަހަރެންގެ އާއިލާ ހެޕީކޮށްގެންގުޅެން، އިރާ އިންނާނީ މިގޭ ރާނީގެ ގޮތުގައި، އަހަރެންގެ ރާނީކަމުގައި ވެގެން ވަށައިގެން ނޯކަރުން ގެންގުޅެން ޖެހޭނީ، އަހަރެން ބޭނުމެއްނުވޭ މި ރީތި އަތުގައި ދެން ކޫރުމެއް އެޅޭކަށް....." ދާނިޔަލް އިރާގެ ނާޒުކް އަތްތިލައިގާ ބޮސްދިނެވެ. ދާނިޔަލްގެ ކޮންމެ ވާހަކައަކުން އިރާއަށް ހީވީ ދުނިޔޭގެ ހުރިހާ އުފާތަކެއް އުނގަށް އެޅެމުންދާހެންނެވެ. ހަވީރު ދާނިޔަލް ބޭރަށްގޮސްފައި އައިއިރު އިރާ އިނީ ކޮޓަރީގައި އުއްބައްތިތައް ދިއްލާލައިގެން ހުދު ނައިޓީއެއްލައިގެންނެވެ. ކަކުލުން މައްޗަށް އޮތް ވާކޮޅުލާފައިވާ ނައިޓީގެ ސަބަބުން ހަށިގަނޑުގެ ބޮޑުބައިވަނީ ހާމަޔަށެވެ. ދާނިޔަލް އިރާ އަށް ގެނެސްދިނީ ހިތުގެ ބައްޓަމަށް ހަދާފައިވާ ގަހަނާ ސެޓެކެވެ. ހުދު ޖަވާހިރުތަކުން ދަޅައަޅާއިރު ރީތިކަމުން ލޯތަރަތަރަ ޖަހައިގެންދާ ވަރުވެއެވެ. ދާނިޔަލްގެ އަތުން އިރާގެ އަތާއި ފައި އަދި ކަނދުރާގައި އެ އަޅުވައިދިންއިރު އިރާއަށް އުފަލުންގޮސް ރޮވުނެވެ. އެތައް ގޮތަކަށް ޝުކުރު އަދާކުރެވުނީ އެއްޗެއް ލިބިގެނެއް ނޫނެވެ. ދާނިޔަލްގެ އަތުން ކޮންމެ އެއްޗެއް ލިބުނަސް އެއީ އިރާގެ ގާތުގައި ދުނިޔޭގައިވާ އެންމެ އަގުބޮޑު އެއްޗެއްސެވެ.

"މައި ލިޓްލް ގާލް ކިހާ ބްރޭވް، އަހަރެން ގެ ފަރާތުން އެތައް ގެއްލުމެއްވީމަވެސް ޓޮލެރޭޓްކޮށްގެން ހުރީމަ އަހަރެން ބޭނުންވޭ ދުނިޔޭގައިވާ ހާ އެއްޗެއް ގެނެސްދޭން، އަބަދަށްޓަކައި ޗެރިޝްކުރަން ބޭނުން، އިރާ ބޭބީ، އައިމް ސޮރީ ފޯރ އެވްރީތިންގް، އަހަންނަށް ކިހާ އަނިޔާއެއް ކުރެވުނު........" ދާނިޔަލް މަޑުމަޑުން ބުނެލިއެވެ. 

"ނުބުނޭ، އެހެން ނުބުނޭ ޑެނީ، އަހަރެން މާކުރިއްސުރެ މާފުކޮށްފިން، ޑެނީ އަހަރެން ރޭޕްކުރިޔަސް ކޮންމެ ކަމެއްކުރިޔަސް އަހަރެން ނަށް ތިނޫން އިންސާނެއް ދެކެ ލޯތްބެއް ނުވެވޭނެ، އަހަރެން ބޭނުމީ އެކަނި ޑެނީ، ޑެނީގެ ލޯބި، އޭރުން ދުނިޔޭގެ ހުރިހާ އުފާތައް އަހަންނަށް ލިބުނީ، ޑެނީ ޑެނީ، އަހަރެން ކިހިނެއް މި ލޯބި ބަޔާންކޮށްދޭނީ، އަހަރެން ކުޑައިރުވެސް އަސްލު ލޯބިވިފަރާތަކީ އެކަނި ތިއީ، އަބަދު ބޭނުންވާ މީހަކީ ޑެނީ، މިއަދު މިވަނީ ހުރިހާ ނަސީބެއް ލިބިފައި، ތިއީ އަހަރެންގެ ފުރާނަ، ދުނިޔޭގެ އެއްވެސް ކަމަކުން އަހަންނަށް މިހާ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ނުލިބޭ.....ލަވް ޔޫ ސޯ މަޗް ޑެނިއެލް...." އިރާގެ ވާހަކަތަކުން ދާނިޔަލް ހިނިތުންވެލިއެވެ.

ކޮޓަރީގައިވާ ހިތްގައިމު އަލީގެ އިތުރުން ލުއި މިއުޒިކެއް ޖަހާލާފައިވާތީ ތަނުގެ އިޝްގީކަމުން ހިތްތަކުގައި ރޯނުވާވަރެއްނޫނެވެ. އިރާ މަޑުރަގްމަތީގައި ފައި ޖެއްސިގޮތަށް ދާނިޔަލްގެ ގަމީހުގެ ގޮށްތައް ނައްޓަންފެށިއެވެ. ދެމަފިރިންވެސް މިހާރު ފުރިހަމަކުރަން ބޭނުންވާ ހުވަފެނަކީ އަދި އެއްކުއްޖަކު އަވަހަށް ހޯދުމެވެ. ހޫރާގެ އެކަނިވެރިކަން ފިލާނީ ކުޑަކޮއްކޮއެއް ހުރީމައެވެ. އިރާވެސް އޭނައަށްވީގޮތަށް އެންމެ ކުއްޖަކުން ނިންމާލާކަށް ބޭނުމެއްނޫނެވެ. މުޅި ރޭ ތަންކޮޅެއް ލަސް ދިގު ރެއަކަށް ހަދަން ނިންމައިގެން އަވަހަށް އެނދުގައި އޮށޯވެލިއިރު ދެމަފިރިންނަށްވެސް ލިބިފައިވަނީ މަތިވެރި އުފާތަކެކެވެ. ދެހަށިގަނޑު ލާމެހިގެން ދިޔައީ އެތައ ވައުދުތަކެއް ވަމުންނެވެ.

އިރާ ދާނިޔަލްގެ ފުން ދެލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ހުރިހާކަމެއް ހަނދާން ނެތިފައި އަބަދަށް އެ އަތުގެ ތެރޭގައި ވުމަސް އެދިހުރެއެވެ.

"ލަވް ޔޫ ބޭބީ ގާރލް. ވަރަށް ބޮޑަށް ލޯބިވޭ......." ދާނިޔަލްގެ އެ ޖުމްލައިން އިރާގެ ހިތް ހީވީ ގަނޑުފެނުން ތެންމައިލެވުނުހެންނެވެ. ދިގު އިންތިޒާރަކަށްފަހު އިރާގެ ކަންފަތަށް ރީތި މިއުޒިކެއް ވިރުވާއެޅުނުހެން އިވިގެން ދިޔައީ އޭނަ އަބަދުވެސް އެ ޖުމްލައަކަށް އެދި އިންތިޒާރުކުރި ޖުމްލައެވެ. އިރާއަށް މިއަދު އޭނަ ކުރި ދިގު އިންތިޒާރާއި ކެތްތެރިކަމުގެ އިނާމު ލިބިއްޖެއެވެ. އޭނަގެ ލޯބިވާ ދާނިޔަލްގެ ލޯބި ހާސިލުކުރެވި އުފާވެރި ހަޔާތެއްގެ ބިންގާ އެޅެވިއްޖެއެވެ. އޭނަގެ ބަލިކަމާއި، ނުކުޅެދޭކަމާއިއެކުގައިވެސް ދާނިޔަލް އޭނަދެކެ ލޯބިވާކަން ޔަގީންކުރެވިއްޖެއެވެ. 

"އަހަރެންގެ ޑެނިއެލް.. ޔޫ އާރ.....މައިން އޮންލީ.....ޑެނިއެލް، ޑެނިއެލް......" އިރާގެ ދުލުން އެ ނަން ކިޔައިލެވުނީ ކިތައްފަހަރުކަމެއްވެސް ނޭގުނެވެ. ދާނިޔަލްއަށް އަދިވެސް އެ ކުޑަ ހަށިގަނޑު އަތުތެރޭގައި ލާ ފިތައިލެވުނެވެ. އޭރު ދެލޮލުގައިވެސް ވިދަވިދާހުރީ އުފާވެރިކަމުގެ ކަރުނައެވެ. ދާނިޔަލްގެ ފުން ހުނުމާއިއެކު އެޅުނު އަޑިކޮޅުގެ ސަބަބުން އިރާގެ ހިތް ހާސްފަހަރު ވިރުނެވެ. ހިތް ފިދާވިއެވެ. ބޭނުންވަމުންގޮސް ހަކަތަހުސްވީ އިރު އިރާ އަދިވެސް ދާނިޔަލްއަށް ބޭނުންވިއެވެ. ދާނިޔަލް ދެކެ ދީވާނާވާވަރަށް ލޯބިވެވިއްޖެއެވެ. އާފެށުމަކުން އުފާވެރި ދިރިއުޅުމެއް ފެށުނީއެވެ.

ނިމުނީ

ކޮމެންޓް 0