"ޖުވޭދާގެ ހިތުގެ ފުންމިނުން މާނަކޮށްފައި ބުނި އެއްޗެއް ނޫންކަން ނަހުޔާންއަށް އެނގުނީ ޖުވޭދާގެ ދެލޮލަށް ބަލައިލުމުންނެވެ. "ދެޓްސް ނޮޓް ޕޮސިބްލް...." ނަހުޔާން ގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމުން އޭނަ ރުޅި މައިތިރި ކުރަން މަސައްކަތް ކުރިއެވެ. އަމިއްލަ ކޮއްކޮ އެފަދަ ކަމެއްކޮށްފާނެ ކަމަކަށް ނަހުޔާން ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ.

"ގަބޫލުނުކުރެވެންޏާ އެތިބީ ދާނިޔަލް އާއި އައިޒާ، ދެމީހުން ކުރެން ގޮސް އަހާފައި ޔަގީންކުރޭ... އަހަރެންވެސް ގަބޫލު ނުކުރަން އެއްވެސް މީހަކު ތިމާގެ ބޭބެގެ އަންހެނުން ގަޔަށް އަރާފާނެ ކަމަށް، އޭނަ އިރާ އާއި ދޭތެރޭގައި ކަންތައްކުރަނީވެސް އެގޮތަށް، އަދި އަޖައިބުވާކަމަކީ ގޮތްކުޑަ ދާނިޔަލް އިރާ ގާތުގައި އޭނަ އައިޒާ އާއި އޮތް ގުޅުމުގެ ވާހަކަ ކިޔާދީފައިވާކަން، ތިމާގެ ހަލާލު އަނބިމީހާގެ ގައިގާ އަތްލާކަށް ނުކެރޭ......." ޖުވޭދާ އިރާ ދައްކާފައި ހުރި ވާހަކަތައް ކިޔައިދިނުމުން ނަހުޔާން އިތުރު އެއްޗެއް ބުނުމެއްނެތި އެތަނުން ނިކުމެގެންގޮސް އެރީ ޓެރެސްއަށެވެ. 

ރޭގަނޑު އެ ގަޑީގައި އެތަން ފެންނަލެއް ވަކިން ސިހުރުވެރިއެވެ. ބިއްތަކުގައި ހަރުކޮށްފައިވާ ބައްތިތަކުން ވެރިވެފައިވަނީ ހަނދުވަރުގައި ހުންނަފަދަ ހިތްގައިމު އައްޔެކެވެ. ވައިރޯޅިތައް މަޑުވިޔަސް ތަނުގައި ހަރުލާފައިވަނީ މަލުގެ ވަހެވެ. ނަހުޔާން ބީޗްޗެއަރ އެއްގައި އޮށޯތް ގޮތަށް ނިތްމަތީގައި އަތް ބާއްވާލައިގެން އެތައް އިރެއްވާންދެން އޮތެވެ. އުޑުގައި ރަނިކަން ކުރަމުންދާ ހަނދާއި އެތައް ސަތޭކަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އޮތްވާ އައިޒާ ނަހުޔާންގެ މަގަތުގައި އިށީދެލާ އެފަން އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ކޮންކަމަކާއި ވިސްނަނީހެއްޔޭ އަހާލީ ނިކަން ލޯބިންނެވެ. ހަވީރު އެދެމީހުންގެ ދޭތެރޭގައި ހިނގާފައިވާ ކަންތައްތަކަށް ބަލާފައި ނަހުޔާން ދެކެ ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެވަގުތުވެސް ނަހުޔާން އާއި ދާނިޔަލް ހާދަ ވައްތަރޭ ހިތަށް އެރުމުން އައިޒާގެ ހިތަށް އުދަގޫވިއެވެ. ދެ ޒުވާނުންނަށް ލިބިފައިވަނީ ދީނާގެ ރީތިކަމާއި މަލީކްގެ ސްމާޓްކަމާއި ވިސްނުންތޫނުކަމެވެ.

"ދާނިޔަލްއަކީ ނަހުޔާންގެ ކޮއްކޮއަށް ނުވިނަމަ.. އަބަދު ކުރިމަތިން ފެނުނީމަ ކިހާ އުދަގޫވާނެ.... "އައިޒާ ދާނިޔަލްގެ ސޫރަ ޚިޔާލުން ނެރެލަން މަސައްކަތްކުރިއެވެ. ކިތަންމެ ބޭނުންވިޔަސް މާޒީގެ އެ ދުވަސްތައް ހަޔާތަކުން ފޮހެއެއްނުލެވޭނެއެވެ. ހިނގާފައި ނުވާކަމަކަށް ނެހެދޭނެއެވެ.

އައިޒާގެ ހަރަކާތްތަކުން ނަހުޔާންދެކެ ލޯބިވާކަން ނަހުޔާން އަށް ޔަގީންކުރެވެއެވެ. އެހެންނޫނަސް އައިޒާ ގެ ކާރިއަށް ދާނިޔަލް އަޔަސް އެއީ އައިޒާގެ ރުހުމުގައި ހިނގާ ދިޔަކަމެއް ނޫންކަމަށް އައިޒާވަނީ ކުރިން ބުނެފައެވެ. އައިޒާގެ ވާހަކަތަކަށް ނަހުޔާން އިތުބާރުކުރަން ބޭނުންވީ ކީއްވެކަމެއް ނޭގެއެވެ. އެރީތި ދެލޮލުން ވަފާތެރިކަމާއި ތެދުވެރިކަން ނޫން އެހެން އެއްޗެއް ނަހުޔާންއަކަށް ނުފެނުނެވެ.

"ޑެނިއަލް އާއި ދެމީހުން ރުޅިވީ ކީއްވެތަ؟ އަދިވެސް ޑެނިއަލް އުދަގޫކުރޭތަ ؟ " ނަހުޔާންގެ ޖުމްލައިން އައިޒާ އިނީ ދެލޯބޮޑުކޮށްލައިގެންނެވެ.

"ކިހި....ކިހިނެއްތަ އެގުނީ...." ނަހުޔާންގެ ކޮއްކޮގެ ވާހަކަ ނަހުޔާން ގާތުގައި ދައްކާކަށް އައިޒާއަކަށް ފަސޭހައެއްނުވިއެވެ.

"އަހަންނަށް ހުރިހާކަމެއް އެނގިއްޖެ، އަހަރެމެން މެރީ ކުރިފަހުން ޑެނިއަލް ކިތައްފަހަރު އައިޒް ކާރިއަށް އައީ...." ނަހުޔާން ކިތަންމެ އުދަގޫވިޔަސް އެނގެން ބޭނުންވިއެވެ.

"ޖަސްޓް ވަންސް...." އައިޒާ އެރޭ ކަންހިނގިގޮތް ތަފުސީލަށް ދިޔައެވެ. ދާނިޔަލްގެ ދިފާއުގައި އޭނަ ބުނެލީ އެންމެ ޖުމްލައެކެވެ. ދާނިޔަލް އޭނަގެ ބޭބެއަށްޓަކައި ބޭނުންވަނީ އެހެން އަންހެންކުއްޖެއް ކަމަށާއި އޭނައާއި ގުޅުން އޮތް ކުއްޖަކު ނަހުޔާން އާއި އެކީގައި އުޅެވުނަ ނުދޭނެކަމަށް ބުނިކަމަށެވެ. އެފަހުން ދަރިފުޅު ވައްޓާލަން އެންގިކަމަށެވެ. ނަމަވެސް އެއީ ދާނިޔަލް އެގޮތަށް އިންޒާރުކުރި އެންމެ ފަހު ދުވަހެވެ. އެއަށްފަހު އެއްވެސް ގޯނާއެއް އަދި އުދަގުލެއް ނުކުރާ ކަމަށާއި ދާނިޔަލްއަށް ވިސްނުނީ ކަމަށް އައިޒާ ޔަގީން ކުރާކަމަށް ބުނެލިއެވެ.

ނަހުޔާން ޖުވޭދާ ދެކެވެސް ފޫހިވިއެވެ. ގަސްތުގައި އޭނަ އާއި ދާނިޔަލް އާއި ދޭތެރޭގައި މައްސަލަޖައްސަން އެވާހަކަދެއްކީކަން ޔަގީނެވެ. އޭނަގެ ބޭނުމަކީ "އެވަރލޭންޑް" އަށް ޒަލްޒަލާއެއް ގެނައުމެވެ. އެންމެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުމެވެ. ދޮންމަންމައަކު ދޮންދަރިއަކަށް ދުވަހަކު ހެޔޮއެދޭނެބާވައެވެ. ޔަގީނުންވެސް ނަހުޔާން ޖުވޭދާއަށް ކާމިޔާބުވިޔަކަ ނުދޭނެއެވެ.

"ޑެނިއަލް ބްލޭމް ކުރީ އަހަންނަށް، އަހަރެން މިގެއަށް އައީ ޑެލިބެރޭޓްކޮށް އޭނަގެ ފަރާތުން ރިވެންޖް ނަގަންކަމަށް ބުނި، އެއީ މުޅިއަކުން ދޮގެއްނޫން، އަހަރެންގެ އިންޓެންޝަން އެހާ ރަނގަޅެއް ނޫން، އެކަމަކު ފަހުން ވީގޮތަކީ އައި ވޯޒް އެޓްރެކްޓެޑް ޓު ޔޫ......." އައިޒާ ނަހުޔާންގެ ތަނަވަސް މޭމަތީގައި ބޯއަޅާލިއެވެ.

"އެހެންތަ؟ އަހަންނަށް ކޮއްކޮގެ ކަމެއްކަން އެނގުނުނަމަ އެއްގޮތަކަށްވެސް އައިޒް އަކާއި ކާރިއެއް ނުވާނަން، ނޭގި މިހިސާބަށް އާދެވުނީމަ ދެން ދޫކޮށްލުން ފަސޭހައެއްނުވާނެ.....ޑެނިއަލް އޭރު އެ ހީކުރީ މުޅިން ރަނގަޅަކަށް ނޫން، ބްރަދަރަސްއިން ހުރިހާ އެއްޗެއް ޝެއަރކުރިޔަސް ވައިފް ޝެއަރއެއް ނުކުރާނެ..... ޑެނީއަށް އެކަން ވިސްނުނީ މާ ފަހުންކަން ނޭގޭ........" ނަހުޔާން މަޑުމަޑުން ބުނެލިއެވެ.

އެވަގުތު ޖުވޭދާ ބުނެލި ޖުމްލައެއް ނަހުޔާންގެ ހަނދާނަށް އައެވެ. އިރާގެ ގައިގާ އަތްނުލާ ވާހަކަ އެއީ ތެދެއްހެއްޔެވެ؟ އިރާދެކެ ލޯބިނުވާތީ ދުރުން އުޅެނީ ހެއްޔެވެ؟ ނޫނީ އެހެން މައްސަލައެއް އޮތީހެއްޔެވެ؟ ނަހުޔާން އެދެނީ ދާނިޔަލް އުފަލުން އުޅުމެވެ. އިރާދެކެ ލޯބިވުމެވެ. ނަމަވެސް މިލާންގެ ސޫރަ ނަހުޔާންގެ ސިކުނޑީގައި ކުރެހިގެން ދިޔައީ ކީއްވެކަމެއް އޭނައަކަށް ނޭގުނެވެ. ދާނިޔަލްގެ ހުންނަ ސިއްރުވެރި ގޮތެއްގެ ސަބަބުން ހިތުގައި ފޮރުވާފައިވަނީ ކޮންފަދަ ކަންތައްގަނޑެއްކަން އެނގެނީއެއް ނޫނެވެ. އިރާވެސް އެހާ ލޯތްބެވެ. ނަމަވެސް ދާނިޔަލްގެ ހިތުގައި އެހެން ނަމެއް ނުވާނަމަ އިރާއާއި ދުރުން އުޅޭނެއެކޭ ނަހުޔާންގެ ހިތެއް ނުބުނެއެވެ. ދާނިޔަލް ލޯބިވަނީ މިލާންދެކެ ހެއްޔެވެ؟ ނޫނީ އަދިވެސް ބޭނުންވަނީ އައިޒާއަށް ހެއްޔެވެ؟ ނަހުޔާންގެ ސިކުނޑީގައި އެތައް ސުވާލު މާކުތަކެއް ޖެހިގެން ހިނގައްޖެއެވެ.

ޖުވޭދާ ކޮޓަރިއަށްވަދެ ފެންވަރާ ހަދާލައިގެން ރޭގަނޑު ނިދަން ތައްޔާރުވިއެވެ. މިރޭ މަލީކް އެކޮޓަރިއަށް ދުރުވާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާތީ އޭނަ ނަލަހެދިލައިގެން ސެންޓު ޖަހާލައިފި އެވެ. އޭރު ތުންފަތުގައި ވަނީ ކާމިޔާބު ހިނިތުންވުމެކެވެ. ޖުވޭދާ ލިޕްސްޓިކް ކޮޅެއް ތުންފަތުގައި ހާކާލުމަށްފަހު އިސްތަށިގަނޑު ނިއުޅުވާލައިފި އެވެ. ރަތްކުލައިން ޑައިކޮށްލާފައި ވުމާއި އެކު ކޮޓަރިއަށް އެޅިފައިވާ މަޑު ކުލައިން އިސްތަށިގަނޑަށް އަރާ ކުލަ ނަލަކަމުން ޖުވޭދާ ގެ ހިތް އުފާވިއެވެ. މަލީކް ކޮޓަރިއަށް ވެންނެވިއިރު އޭނަގެ މޫނުމަތިވަނީ ރުޅީގެ ސަބަބުން ރަތްވެފައެވެ.

"ޖުވޭދާ... އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަން ޖުވޭދާ ތިގޮތަށް ދޭތެރެ ޖައްސަން މަސައްކަތް ކޮށްފާނެ ކަމަށް، އަހަރެންގެ ދެކަންފަތުން އަޑު އިވުނީމާ ޔަގީން މިވީ......." މަލީކް ރީތިވާ މޭޒުގައި އަތް ވިއްދާލައިގެން ހުންނެވިއިރު ދެލޮލުން ރުޅީގެ އަސަރު ފާޅުވެއެވެ. ޖުވޭދާގެ ހިތް ފިނިވިއެވެ.

"އަހަރެންގެ ކުދިންގެ ދޭތެރެ ޖެއްސީ ޖުވޭދާ ކީކޭ ހިތަށް އަރައިގެން؟ " މަލީކް ގެ ސުވާލުން ޖުވޭދާ ލަދުގަންނަ ގޮތްވިއެވެ.

"މަލީކް، އަޅުގަނޑު ނަހުޔާން ކާރީ ދާނިޔަލްގެ ހަގީގަތް ފާޅުކުރީ، ދާނިޔަލްގެ ވިޔާނުދާކަމުން އިރާ އާއި ދޭތެރޭގައި ކަންތައް ކުރިގޮތުން ކެތްނުކުރެވުނީ... ނަހުޔާން ވަގުތުން އެންމެން ކާރީގައި އެވާހަކަ ދައްކާ ގޭގެ ހަމަނުޖެހުން ގެއްލުވައިލަން ޖެހޭތަ؟" ޖުވޭދާ ވާހަކަދެއްކީ އަޅައަޅައިގެންފައެވެ.

"ނަހުޔާން ބުނީއެއްނޫން، އަހަރެންގެ ދެކަންފަތުން އަޑުއެހީ، ޖުވޭދާ ނަހުޔާން ގާތު އެ ވާހަކަ ދައްކާނީ ދާނިޔަލް ދެކެ ރުޅިއަންނާނެކަން އެނގިހުރެ ގަސްތުގައި ބޮޑު މައްސަލަގަނޑެއް ކްރިއޭޓް ކުރަން، ދޭތެރެ ޖެއްސުމަކީ ދީނުގައި ކިހާ ބޮޑު ފާފައެއްކަން ހަމަ ނޭގެނީތަ؟ ދާނިޔަލް އާއި އައިޒާގެ ގުޅުމެއް އޮތަސް އެކަން އޮތީ ސިއްރު ކުރެވިފައެއްނު، ވީއިރު އެކަން އެގޮތަށް ބޭއްވިޔަ ނުދިނީ ކީއްވެތަ؟ ޖުވޭދާގެ ފަރާތުން ނަހުޔާންއަށް އެނގޭކަށް ނުޖެހޭނެދޯ، އަންގާނީ އިންޓެންޝަނެއް އޮތީމަ، ޖުވޭދާގެ ސަބަބުން ކިހާ ބޮޑު މައްސަލައެއް ފެމިލީގައި މި ޖެހުނީ، ނަހުޔާން އާއި އައިޒާ ވަކިވާނެ، އަދި އެއަށްވުރެ އަހަރެން ދެރަވަނީ އަހަރެންގެ ފުރާނަފަދަ ލޯބިވާ ދެކުދިން ޖުވޭދާ ވަކިކުރުވީތީ....." މަލީކް ބޯ ހޫރާލެއްވިއެވެ.

ޖުވޭދާ ބިރުގަނެއްޖެއެވެ. މަލީކް ރުޅިދުރުވެގެން ގޮސް އޭނަ މިގެއިން ފޮނުވާލާނެކަން ޔަގީނެވެ. ޖުވޭދާ ވަގުތުން މާފަށް އެދިފައި ރޮއިރޮއިފައި އާދޭސްކުރަން ފެށިއެވެ. އެއްގޮތަކަށްވެސް ނަހުޔާން އާއި ދާނިޔަލް މައްސަލަ ޖައްސަން ކުރިކަމެއް ނޫންކަމަށާއި އެފަދަ ފާފައެއް ގޭތެރޭގައި ތަކުރާރުވާތީ އެކަން ހުއްޓުވަން ބޭނުންވީކަމަށް ބުނެލިއެވެ. މަލީކް ޖުވޭދާގެ ވާހަކަތައް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ދުވަހަކުވެސް ޖުވޭދާއަށް އިތުބާރު ކުރެވޭނެ ކަމެއް ނޭގެއެވެ. ނަމަވެސް އިރާގެ ހާލަތާއިމެދު ވިސްނާފައި ޖުވޭދާ ވަރިކޮށްލާފައި ގެއިން ބޭރުކޮށްލައްވާނެ ހިތްވަރެއް ނުލިބުނެވެ. އަމިއްލަ ދަރިއަކަށް ނުވިޔަސް މަލީކް އިރާ ގެންގުޅުއްވީ އަންހެންކުއްޖަކު ނެތީމަ ޕްރިންސެސް އަކަށް ހައްދަވައިގެންނެވެ. ނަމަވެސް ޖުވޭދާގެ ދުލުގެ ނުބައިކަމުން ވީދުނު ތަން އެހާފަސޭހައިން ނުބެއްދޭނެކަން މަލީކް ދެނެލެއްވިއެވެ. ނަމަވެސް އޭނަގެ ދަރިފުޅު ނަހުޔާންގެ ހުންނަ މަޑުމައިތިރި ކަމާއި ވިސްނުންތެރިކަމުން މަސްލަހަތަށް ޓަކައި ހިމޭނުން ހުރެދާނެ ބާވައެވެ. އެހެންވެއްޖެއްޔާ އޭނަގެ ލޯބިވާ ދަރިފުޅަށްޓަކައި ފަޚުރުވެރިވާނެއެވެ.

ގޭތެރޭގައި ބޮޑު ހަނގުރާމައެއް ހިގައިފިއްޔާ މަލީކް ޖުވޭދާ މިގެއިން ފޮނުވާލައްވާނެކަމަށް ވައުދުވެލެއްވިއެވެ.

ޖުވޭދާ ބެލްކަނީގައި ހުރި ސޯފާއެއްގައި އިންއިރު މަލީކް އާއި ދީނާ އާއިމެދު ވިސްނިއެވެ. އޭނަގެ މުޅި އުމުރު މަލީކްގެ ޚިދުމަތުގައި ހުސްކުރީމަ ލިބުނީ ކޯންޗެއް ހެއްޔެވެ؟ ބޭވަފާތެރިވެ ދުރަށް ދިޔަ ދީނާއަށް ދެވަނަ ފުރުސަތުދިނީއެވެ. މަލީކް ކޮންމެ ރެއަކު ގެއަށް ދުރުވީމަ ހަށިގަނޑާއި ބޯ މަސާޖްކޮށްދީ، އަތްވާޅުވާންދެން ކޮށްދިންކަންތައް ކޮބާހެއްޔެވެ؟ މި ފިރިހެންވެރިން ދުވަހަކު ދަސްނުވާނެއެވެ. ޖުވޭދާ ނަޒަރު ހުއްޓާލީ އުޑަށެވެ. ހަނދު ވިލާތަކާއި ފީކޯތްކުޅެމުންދާ މަންޒަރު ބަލަން އިނދެލާފައި ހިނިތުންވެލައިފިއެވެ. އޭނަ ނަހުޔާން ގާތުގައި ދެއްކި ވާހަކައެއްގެ ސަބަބުން މަލީކް ރުޅިއަޔަސް އޭނަގެ ފަރުވާލެއްނެތެވެ. އޭނަ ހުންނާނީ ކުޅިބަލާށެވެ. ޖުވޭދާ ތަބަކުން ފޯއްކޮޅެއް އަނގަޔަށް ލައިގެން ތިރިއަށް ދާން ހިނގައިގަތީ އޭނަގެ މަންމައަށް ޒިޔާރަތް ކޮށްލުމަށެވެ. މަންމަ ސްޓްރޯކް ޖެހުނުފަހުން ޖުވޭދާގެ ދައްތައާއި ކޮއްކޮ ތިބެނީ މާލޭގައި އެޕާޓްމެންޓެއްގައެވެ. އެގޭގެ ކުލިވެސް މަލީކް ދައްކާދެއެވެ. އެއީ މަހުޖަނަކާއި ބަލާފައި ކޮށްދެވޭ މާބޮޑުކަމެއް ކަމަކަށް މިއަދު ޖުވޭދާ ނުދެކެއެވެ.

ޖުވޭދާ ބޮޑުކޮޓަރި އާއި އަރާހަމަވެފައި ފިޔަވަޅުތައް ގަނޑުވިއެވެ. ނަހުޔާން އާއި އައިޒާ ސޯފާއެއްގައި ދާދިކާރީގައި ތިބިއިރު ހީވަނީ އެހެންކަމެއް ހެންނެވެ. އައިޒާ އިނީ ދީވާނާ އެއްހެން ނަހުޔާންގެ ރީތި ދެލޮލަށް ބަލަހައްޓައިގެން ގެއްލިފައެވެ. ކޮންމެ ލަފުޒަކަށް ސަމާލުވެ އަޑުއަހަން އިންފަދައެވެ. ނަހުޔާން ހީލާފައި ބުނެލި އެއްޗަކުން އައިޒާ ހީގެންފައި އެއަތުތެރޭގައި ބޮނޑިވެލި އިރު ހީވަނީ މާބޮޑު އުފަލެއްލިބިފައި އިންހެންނެވެ. ޖުވޭދާ ހުރީ އާގަމަވެފައެވެ.

"އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްބާވައޭ ހިތަށް އަރައިފި. އެދެމީހުންގެ ދޭތެރޭގައި މިހުރިހާ ދުވަހު އޮތް ބީރައްޓެހިކަމުގެ ފާރު މުޅިން ދިޔައީ.. މިހާރު ހީވަނީ ދެލޯބިވެރިންހެން، ދެމީހުން ދުރުވާންވީމަ ހައްތަހާ ކާރިވީ... މިއީ ހުވަފެނެއްނޫންތަ؟" ޖުވޭދާ ދެލޯ އުގުޅާލާފައި ރަނގަޅަށް ބަލައިލުމަށްފަހު އެދެމީހުން ނުފެންނަކަމަށް ހަދާފައި ދިޔައިރު މޫނުމަތި ވަނީ މިލާފައެވެ. އޭނަ ކުރާހާ ކަމެއް ނާކާމިޔާބުވާތީ ހިތަށް އަސަރުވެސް ކުރިއެވެ. މިހެންވެގެން ނުވާނެއެވެ. މިގޭތެރޭގައި އޭނައާއި ދަރިފުޅު ހިތާމަކުރާއިރު އެހެން މީހުން ހެވިލާފައި ތިބުމަކީ އިންސާފެއް ހެއްޔެވެ؟ ޖުވޭދާއަށް ނޭގުނީ އޭނައަށް ލިބިފައިވާ ހުރިހާ ނިއުމަތަކަށް ޝުކުރުކޮށް އެހެންމީހުންނާއި ގުޅިގެން އުޅުނުނަމަ ދިރިއުޅުން އޮމާންކޮށް ކުރިއަށް ދާނެކަމުގައެވެ. ދެބަކުޓުވުމާއި، މައްސަލަތައް ޖެއްސުމާއި، ހަސަދަވެރި ކަމަކީ މީހާގެ އުފާވެރިކަން ނަގާލާ ކަންތައްކަމުގައެވެ.

ދާނިޔަލް މިލާންގެ މާމަ މަރުވިކަން އެނގުނީމަ ދެރަވިއެވެ. މިލާންގެ ލޮލުން އޮހުނު ކަރުނަތައް ހަނދާން ނައްތާލުމަކީ ފަހުންވެސް އުދަގޫކަމަކަށްވިއެވެ. ނަމަވެސް އޭނަ ބޭރުފުށުން ހަމްދަރުދީއާއި ކުލުނު ދައްކައިނުލާ ހިނިތުންވެލައިގެން ހުއްޓަސް މިލާންގެ ހިތަށް ކުރާނެ އަސަރު އިހުސާސް ކުރެވުނެވެ. މުފީދާގެ ރަނގަޅުކަމާއި، އެހީތެރިކަން ހަނދާންވިއެވެ. އޭނަ ފެނިއްޖެއްޔާ މުފީދާ ގޮވާލާއުޅުނީ އެހާ ލޯބިންނެވެ. ދާނިޔަލް މިލާންއަށް މެސެޖްކޮށްލާފައި ތައުޒިޔާ ކިޔެވެ. ހިތްވަރު ދިނުމުގެ ގޮތުން މެސެޖްކޮޅެއް ފޮނުވިއެވެ. ޑިއުޓީގައިވެސް ދާނިޔަލް ކުރިކަމަކީ މިލާންއަށް މެސެޖް ފޮނުވުމެވެ.

ޑިއުޓީ ނިންމާލާފައި ދާނިޔަލް އެކުވެރިއެއްގެ ގޭގައި އުޅެލާފައި މިލާންގެ ރީތި ސޫރާ ދެކެލާހިތުން އޭނަ ބޮޑުދައިތަ ސާރާގެ ގެއަށް ޖައްސާލިއެވެ. މިލާން އުޅެނީ ނޯކަރުންގެ ބައިގާކަން އެނގުމުން ރުޅިއަންނަ ގޮތްވެސްވިއެވެ. އެބައިގާ ގެންގުޅެން އެއީ ނޯކަރު އަންހެންކުއްޖެއް ހެއްޔެވެ؟ އޭނަ އަދި ބޮޑުދައިތަ އާއި އެ ވާހަކަ ދައްކާނެއެވެ. ނޫނީ މަންމަ ގާތުގައި ބުނެގެން އެވަރލޭންޑަށް މިލާން ގެންނަންވީ ހެއްޔެވެ؟ ދާނިޔަލް އެގެއިން ނިކުންނަމުން ބަލައިލީ ގާޑެނިއާ މާގަސްބޮނޑި ތަކަށެވެ. ހުދުކުލައިގެ މީރުވަސްދުވާ މާތަކުގައި ފެންތިކިތައް ބަބުޅާއިރު ހާދަ ލޯތްބެވެ. ދާނިޔަލް ދެތިން މާ ބިނދެލިއެވެ.

"މިލާން، ނިކުމެބަލަ، އަހަރެން މިހިރީ މިލާން އާއި މީޓްކޮށްލާފައި ނޫނީ ނުދާންކަމަށް..." ދާނިޔަލް މިލާންއަށް ގުޅާލީ ކެތްނުވެގެންނެވެ.

"ނުކެރޭނެ، ސާރާ އޮންނަނީ ވަލުދޮރާށިން ނޫނީ ނުނިކުންނަން އަންގާފައި....." މިލާންއަށް ބުނެވުނެވެ.

"މެއިން ގޭޓް ތަޅާލަންވީތަ؟ ހަމަ މިދޮރާށިން މިލާން ގޮވައިގެންދާނީ، އިރާ ދެކެލަން ކޮންމެހެންވެސް މިލާން ދާންވާނެ....." ދާނިޔަލް ކޮންމެވެސް ސަބަބެއް ދެއްކިއެވެ.

"އައި ކާންޓް....." މިލާން ހާސްވެފައި ހުރިކަން އަޑުންވެސް އެނގެއެވެ.

"މިލާން ހާދަ ހާރޓްލެސްއޭ، އިރާ ލޮލަށް ނުފެންނަކުއްޖަކަށް ތިހެން ހަދާއިރު ހަމަ ހިތެއްނެތީތަ؟ ކީއްތަވާނީ އެއްފަހަރުވެސް މީޓްކޮށްލާފައި ހިތްވަރުދިނިއްޔާ، ކިހާ އުފާވާނެ، މިލާން، ފާޑުފާޑުގެ އެކްސްކިއުޒް ނުދައްކާ މިގޭގައި ހުރިތަނަކުން ނިކުންނަންވީ، ނޫނީ ސާރާ އާންޓީ އާއި ނަދީމް އަންކަލްވެސް ފިލްމެއް ބަލައިލަން ޖެހިދާނެ..." ދާނިޔަލް ހުރީ ރުންކުރުވާ ގޮތްވެފައެވެ. ދާނިޔަލް އިންޒާރުދިންތާ ފަސްމިނިޓް ނުވަނީސް މިލާން ހުރީ ދާނިޔަލްގެ ކުރިމަތީގައެވެ. އެހިސާބުގައިވާ ގިނަ ލައިޓްތައް ނިވާލާފައި ވާތީ ދާނިޔަލް ހުރި ހިސާބުގެ ގޮތުން އެ ރީތިމޫނުގެ ބަޔެއްވަނީ އަނދިރީގައި ފޮރުވިފައެވެ. އިސްކޮޅު ދިގުކަމާއި ބިޔަކަމުންވެސް މިލާން ހުރީ ދުރުބަލައިލަން ނޭގިފައެވެ.

"އަހަރެން މިއައީ..... އިރާގެ ކާރިއަށް ނުގޮސް ހުރީމަ އަސްލުވެސް ދެރަވާނެވަރު ފީލްވީ، އެންމެން މައްސަލަ ޖެއްސިޔަސް އަހަރެން އިރާގެ ގާތަށް ގޮސްދާނަން......." މިލާން ލައިގެން ހުރީ ވައިލެޓްކުލައިގެ ޓޮޕަކާއި ސްކިނީއެކެވެ. ފަޔަށް ހިފާފައިވާ ގޮތުން އެރީތި ފައި އިޝްތިހާރެއްފަދައެވެ. އިސްތަށިގަނޑު އޮޅިފައިވާއިރު ކޮނޑަށްވުރެ ދިގުކޮށް އޮތުމުން ވަކިން ރީއްޗެވެ. ދާނިޔަލް ފުންނަޒަރަކުން ބަލަހައްޓައިގެން ހުރުމުން މިލާން ލަދުން މަރުވާވަރުވިއެވެ. ތޫނުކަމުން ކަނޑިއެއްގެ މިޔަފަދަ ދެލޯ އެތަނަށް ވެރިވެފައިވާ ފަނޑުއަލިކަމުގައިވެސް މިލާންގެ ހިތް ފޫއަޅުވާލައިފިއެވެ. އެންމެ ނަޒަރަކުންވެސް މިލާންގެ ހިތަށް ހާދަ ގޮތްގޮތް ހަދާލައެވެ. އޭރު އަތްތިލަވެސް ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. 

"އެކްސްޓްރީމްލީ ހެންޑްސަމް.... އުމުރަށް ބަލަން ހުއްޓަސް ފޫއްސެއްނުވާނެ...." މިލާންގެ ހިތް ތެޅިގަތީ ދާނިޔަލް އެ މާތަކާއި ކުޅެން ހުރިގޮތް ފެނުމުންނެވެ. މިލާން ހީކުރީ ދާނިޔަލް އެމާތައް އޭނައަށް ހަދިޔާ ކުރާނެ ކަމުގައެވެ. ގާތްގަނޑަކަށް ޔަގީންވިއެވެ. ނަމަވެސް ދާނިޔަލް އެކަން ދެނެގަތީ ކަންނޭގެއެވެ. ފާޑަކަށް ހީލާފައި މާތައް އަތުތެރޭގައި ޗިސްކޮށްލާފައި އުކާލުމުން މިލާން އަނގަޔަށް ހަދައިލިގޮތް ދާނިޔަލްއަށް މަޖާވިއެވެ. އޭނަ ޖެހިލުމެއްނެތި މިލާންގެ އަތުގައި ހިފައިގެން ކާރާއި ދިމާލަށް ހިނގައިގަތެވެ. 

"މީހަކަށް ފެނިދާނެ..." މިލާން ބިރުން ހިތް ވިރޭގޮތްވިއެވެ.

"ފެނިޔަދީ، ހާދަ ފިނޑިއޭ ދޯ، ކޮންމެ ތިކަން ކަނޑުވާލަން އެބަޖެހޭ..... ގޭގައި ޕާޓީއެއް ބާއްވާ ދުވަހަކުން އެންމެން ތެރޭގައި މިލާން އާއި ކިސްކޮށްލާނީ..." ދާނިޔަލްގެ އެ ޖުމްލައިން މިލާންގެ މޫނުރަތްވިއެވެ. ދާނިޔަލް މިއީ ނުލަފާކަމެއް ދެއްވާފައިހުރި ފިރިހެނެކެވެ. އޭނައަށް އިންޒާރުދިން ކުއްޖާ ގެ ބަސްގަބޫލު ކޮށްގެން ދާނިޔަލް އާއި ދުރުން އުޅެވުނު ނަމައެވެ. މިލާން ބިރުންހުރެ ގޭގެ ބެލްކަންޏާއި ދިމާލަށް ބަލައިލީ ސާރާ ނޫނީ އެހެންމީހަކުވެސް ބަލަން ހުރިތޯއެވެ. ދެމީހުން އެކީގައި ގޮސް ކާރަށް އަރަން އުޅެނިކޮށް އެހެން ކާރެއް މަޑުކޮށްލުމުން މިލާން އަވަހަށް އަތްދަމައިގަންނަން އުޅުނެވެ. ދާނިޔަލް ހާސްވުމެއްނެތެވެ. ހައްތަހާބޮޑަށް މިލާން ގާތްކޮށްލީއެވެ. ކާރުން ފޭބީ ނަދީމް އެވެ. މިލާންއަށް ނަދީމް ފެނުނީ އަލަށެވެ. މިހުރިހާ ދުވަހު އެވަރލޭންޑް އަދި މިގޭގައި ހޭދަކުރި ދުވަސްތަކުގައި ވެސް އައިޒާގެ ބައްޕަ ފެނިފައެއް ނުވެއެވެ. ސޫޓަކާއި ފަޓުލޫނެއްގައި ހުރި އިރު މަލީކްއެކޭ އެއްފަދައިން ސްމާޓް ފިރިހެނުންގެ ތެރޭގައި ހިމެނޭފަދަ މީހެކެވެ. ވިޔަފާރިވެރިންގެ ތެރޭގައި މިހާ ރީތި މީހުން އުޅޭހެއްޔެވެ؟ ނަދީމްވެސް ދާނިޔަލް އާއި އެކުގައި ހުރީ ކޮންކުއްޖެއްކަން ޔަގީންކޮށްލަން ވެގެން މިލާންގެ މޫނަށް ބަލާލައިފިއެވެ.

ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ. ގޭގެ ސާހިބު މީހާއަށް ވީމަ އިހުތިރާމް ކުރުމުގެ ގޮތުން އިސްއޮބައިލަން ވީމަވެސް މިލާންހުރީ ބަލާށެވެ. އެމޫނުމަތިން ކޮންމެވެސް މީހަކާއި ވައްތަރުވީކަން ނޭގެއެވެ. ނޫނީ ދަންނަ ގޮތެއް ހީވީއެވެ. ނަދީމްގެ ދެލޮލުގައިވާ މުށިކުލައިގެ ސަބަބުން މޫނުމަތި ވަކިން ރީތިކަމަށް ދައްކައެވެ. ނަދީމްވެސް ކުޑަކޮށް ހައިރާންވިކަން ނޭގެއެވެ. ގޭގައި ގެންގުޅޭކުއްޖަކާއި ދާނިޔަލްގެ ގުޅުން އޮތީމަކަން ނޭގެއެވެ. ނޫނީ ނަދީމްއަށް މިލާންއަކީ ކާކުކަން އެނގޭނެބާވައެވެ.

"ޑެނިއަލް...." ނަދީމް ދާނިޔަލްއަށް ބަލައިލީ ހީލަމުންނެވެ. ދާނިޔަލް ހަމަޖެހިލާފައި މިލާންއަކީ ކާކުކަން ނަދީމްއަށް ތައާރަފުކޮށްދިނެވެ. މިލާންއަކީ މަންމަ އެޑޮޕްކޮށްފައި ކޮއްކޮއެއްގެ ގޮތުން އެމީހުންނަށް އެނގުނު ކުއްޖެއްކަމާއި މިހާރު ސާރާ ބޮޑުދައިތަގެ ގޭގައި ނޯކަރުންގެ ބައިގާ އުޅޭކަމަށްވެސް ދާނިޔަލް ބުނެދިނެވެ. މިހާރު މިގެންދަނީ އިރާ އާއި ބައްދަލުކުރުވަން ކަމަށާއި ސަލާމަތުން ގެއަށް ގެނެސްދޭނެ ކަމުގެ ޔަގީންކަންދިނެވެ. ދާނިޔަލްގެ ހުންނަ ލާނެތްކަމުން ނަދީމްވެސް ހުރީ މަޖާވެލާފައެވެ. ދާނިޔަލް ކާރަށް އެރިއިރު ވިސްނީ އައިޒާއާއި މެދުގައެވެ. އައިޒާއާއި ދާނިޔަލްގެ މާޒީ އެނގޭ ދުވަހަކުން ނަދީމް އެހާ ރީތިކޮށް އޭނައާއި ވާހަކަދައްކާނެ ބާވައެވެ.

"އެއީ ޑެނިއަލްމެން ފެމިލީ މީހެއްތަ؟ " މިލާން ކާރުގެ ކުރީ ސީޓަށް އެރިއިރުވެސް ހިތުގެ ތެޅުން މަޑެއްނުވެއެވެ.

"ބައްޕަގެ ބިޒްނަސް ޕާޓްނަރ.... އެކަމަކު ސާރާ އާންޓީ އާއި މެރީކުރީމަ ބައްޕަ އާއި ދެމީހުން ޅިޔަނުންނަށް ވެސް ވީ. ކިހާ މަޖާގޮތެއް އެވީ... އެއީ ލައިފް، އަހަރެމެންނަށް ޕްރެޑިކްޓް ނުކުރެވޭނެ ފަހުން ވެދާނެގޮތެއް. ހަމަ ހިތަށް ނާރާފަދަ ގޮތެއްވެސް ވެދާނެ...." ދާނިޔަލް ހުންގާނުގައި ކަންނެތްގޮތަކަށް އަތް ބާއްވާލައިގެން އިނދެ ބަލައިލިގޮތަކުން މިލާންގެ ހިތް އަތުން ދޫވިއެވެ.

މިލާން އިނީ ބިރުންނެވެ. އެހާ ދެރަވެފައެވެ. އޭނަގެ މޮޔަ ހިތާއި ހާދަ ވަރަކަށް ޝަކުވާ ކުރެވިއްޖެއެވެ. އެވަރުންވެސް "ދާނިޔަލް" އެނަން ހިތުން ފިލައިގެންދާ ހިނދުކޮޅެއްނުވެއެވެ. ކޮލެޖުން އައިސް ކިޔަވަންވެގެން ސައިކޮލޮޖީފޮތެއް ހުޅުވާލިޔަސް ފޮތުގެ އަކުރުތަކުގެ ތެރެއިންވެސް އެ ރީތި ސޫރަ ފެންނަހެން ހީވެއެވެ. ބައެއްފަހަރު ފޮނި ފޮނި ހީލިކެރުވުމެއް ހިތުގައި އުފެދި އެތައް އިރެއްވާންދެން އެހަނދާން ތަކުގައި އޮވެއެވެ. އަނެއްބައި ފަހަރު މާމަގެ ހަނދާންތައް އާވެފައި ރޮވެންފަށައެވެ. ރޮވިއްޖެއްޔާ ހުއްޓާލުމަކީ މިލާންއަށް ފަސޭހަކަމަކަށް ނުވެއެވެ. އެހެންވެ މިލާން މަސައްކަތް ކުރަނީ އެ ހަނދާންތައް އެއްފަރާތް ކޮށްލުމަށެވެ. ނަމަވެސް ކާމިޔާބެއް ނުވެއެވެ. އެތައް ޖަޒުބާތުތަކުން ސިކުނޑިވަނީ އޮބިނޯންނަ ވަރުވެފައެވެ.

"ވައި އާރ ޔޫ ޑުއިން ދިސް ޓު މީ...." ކުއްލިއަކަށް މިލާން އަހާލައިފިއެވެ.

"އަހަރެން ކަމެއް އެބަކުރަންތަ؟ " ދާނިޔަލް ކާރު ދުއްވަމުން ދިޔައީ ތަންކޮޅެއް އަނދިރި މަގުތަކުންނެވެ. 

"އެނގޭނެ އަހަރެން މިބުނީ ކީކޭކަން.. މިގޮތަށް ކާރުގައި އަހަރެން އައުމަކީވެސް މަނާކަމެއް....." މިލާން އިނީ މާ ދުރަށް ބަލަހައްޓައިގެންނެވެ.

"ރިއަލީ؟ " ދާނިޔަލް އެއްބުމަ އަރުވާލީވެސް މިލާންގެ ހިތަށް ތަދުކޮށްލަމުންނެވެ. އެއިން ކޮންމެ އަދާއެއް މިލާންގެ ހިތް މޮޔަކުރުވަނީއެވެ. މިލާން ބޭނުންވަނީ ދުވެ ފިލުމަށެވެ. އޭނަގެ ކުރީގެ ސާދާ ދިރިއުޅުމަށް އެނބުރިގޮސް ފިލުމަށެވެ. މި އާދެވުނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ މާ މައްޗަށް އެރެވިއްޖެއެވެ. ނުދާންވީ ހިސާބަށް ދެވިއްޖެއެވެ. އަމިއްލަ ފެންވަރު ހަނދާން ނައްތާލެވިއްޖެއެވެ. އޭނަގެ އާއިލާގެ ނިކަމެތިކަމާއި ދާނިޔަލްމެންގެ ޝާހީކަމާއި އަޅުވާ ކިޔޭނެ ގޮތެއްވެސް ނެތެވެ. ދާނިޔަލް މިލާން ގޮވައިގެން އެވަރލޭންޑަށް ގޮސްފައި އިރާ އާއި ދެކުދިން ބައްދަލުކުރުވީ އެގޭގެ ބެލްކަނީގައެވެ. މިލާންއާއި އިރާ އެކަކު އަނެކަކު ގައިގާ ބައްދާލާފައި އުޅުނުގޮތްތައް ދެކެން ބެލްކަނީގެ ރެއިލިންއަށް ލެނގިލައިގެން ދާނިޔަލް ހުރީ ބަލާށެވެ. އެދެކުދިންގެ ރީތިކަމާއި ހުރި ތަފާތުތައް ސިކުނޑިގެން ދެނެގަންނަނީކަން ނޭގެއެވެ.

މިލާންއާއި އިރާއަށްވެސް މިދުވަސްކޮޅު ލިބިފައިވާ ހިތާމަތައް ދެކުދިން ހިއްސާކޮށް އެކަކު އަނެކަކަށް ހިތްވަރުދިނެވެ. މިލާންގެ މާމަ މަރުވިކަން އިރާއަށް އެނގުނީ ޖުވޭދާގެ ފަރާތުންނެވެ.

މިލާން ކޮލެޖުން އަންނަމުން އޭނަގެ އަމިއްލަގެއަށް ވަދެލީ މާމަގެ އަލަމާރީގައި ހުރި އެއްޗެއް ދެކިލުމުގެ ބޭނުމުގައެވެ. ބައްޕައަކީ ކާކުކަން އެނގެންވެސް ބޭނުންވީއެވެ. މިލާން އަލަމާރި ހުޅުވާލިއިރު އެއްޗެހި ބަހައްޓާފައި ހުރީ ތަރުތީބުންނެވެ. މާމަގެ ހެދުންތަކާއި، ބޭނުންކުރާ ސާމާނުތަކުގެ އިތުރުން ދުއާފޮތްތަކާއި އެހެނިހެން ދީނީ ފޮތްތައް ހުއްޓެވެ. ކުރީ ޒަމާނުގައި ބޭނުންކުރި ގަހަނާތަކާއި، އަތަރުފަދަ ތަކެތި ފެނުމުން މާމަގެ ހަނދާންވެ ލޮލުން ކަރުނަހިލުނެވެ. އަލްބަމްތަކެއްވެސް ފެނުނެވެ. އެއީ މިލާން ދުވަހަކު ދެކެފައިނުވާ އެއްޗެއްސެވެ. މިލާން ފުރަތަމަ ނެގީ އަލްބަމެވެ. އަލްބަމުގެ ގަނޑުތައް އުކާލަން ފެށުމާއިއެކު މަންމައާއި ޒުވާން ފިރިހެނެއްގެ ފޮޓޯ ފެނުމާއިއެކު މިލާން ވިސްނުންތެރި ކަމާއިއެކު އެފޮޓޯއަށް ނަޒަރު ހުއްޓާލިއެވެ.

"އޯ ގޯޑް،.... އަހަންނަށް މިއީ ކާކުކަން އެނގިއްޖެ، މަންމަ އާއި މިހާ ކާރީގައި ހުންނާނީ މަންމަގެ ސްޕެޝަލް މީހެއްވީމަތާ... އިޓްސް ނޮޓް ޕޮސިބްލް..........." މިލާން އިނީ ދެލޯބޮޑުކޮށްލައި ގެންނެވެ.

ކޮމެންޓް 0