"ޑޯންޓް ވޮރީ ރިވާ، ރިވާގެ ސާޖަރީ ހަދާނެ މީހަކީ ޑޭން، ރިވާއަށް ކަމެއް ވެއްޖެއްޔާ އަހަރެން ޑޭންވެސް ދުނިޔެއަކު ނުބަހައްޓާނަން...." ދާނިޔަލް ސަމާސާކޮށްލިއެވެ. އެމްއާރްއައި ސްކޭންއިން އެއީ ބެނައިން ޓިއުމަރެއްކަމަށް ދައްކާތީ ދާނިޔަލްމެން ތިބީ ހިތްހަމަޖެހިފައެވެ. މެލިގްނެންސީއަށްވީނަމަ އެމީހުންނަށް ރިވާން ގެއްލުނީސްކަން ޔަގީނެވެ. ސިކުނޑީގައި ކެންސަރު ޖެހުމަށްފަހު ސަލާމަތްވުމުގެ ފުރުސަތު ހަނިކަމުންނެވެ. ދާނިޝް ރިވާންއަށް އެ ޓިއުމަރާއި ބެހޭގޮތުންނާއި ފަރުވާއާއި ބެހޭގޮތުން ވާހަކަދެއްކުމުން ރިވާން ހީލިއެވެ.

މިލާންއަށް އިރާއާއި ޙޫރާ ފެނުމުން ހުރިހާ ދަތްތައް ފެންނަވަރަށް ހީލާފައި ދުވެފައިގޮސް އިރާގެ ގައިގާ ބައްދައިލެވުނެވެ.
"ޔޫ ލުކް ސޯ ޕްރިޓީ އިރާ، އިސްތަށިކޮޅުވެސް ދިގުވެއްޖެ...." މިލާން ޙޫރާ އުރާލިގޮތަށް ލޯބިކަމުން އެސްފިޔަޖަހައިނުލާ ބަލަން ހުރެވުނެވެ. ރީތިކުދިން މިލާން ދެކެއެވެ. އެކަމަކު މިހާ ރީތި ކުއްޖަކު ޓޫރިސްޓުކުދިންގެ ތެރެއިންވެސް ފެނިފައެއްނެތެވެ. ހުރިހާ ރީތި ސިފަތަކެއް އެއްކޮށްލައިގެން ދުނިޔެއަށް އައިސްފައިވާ ކުއްޖެކެވެ. އެ ބޮޑު ދެލޮލުން ބަލަންއިނީ ރަކިކޮށްލާފަދަ ގޮތަކަށެވެ. ޗެރީއެއްފަދަ ވަށް ތުންކޮޅު އޮމާންވެފައި "ފުލް" ކަމުން މިލާންގެ ހިތް ލޯބިންފުރުނެވެ. ޙޫރާއަށް އިރާ މިލާން ތަޢާރަފުކޮށްދިނީ ދޮންތަގެ ނަމުގައެވެ. އިރުކޮޅެއްނުވަނީސް ޙޫރާ ވަރަށް އެކުވެރިވެލާފައި މިލާންއާއި ވާހަކަދައްކަން ފެށިއެވެ. ދެއަހަރާއި ބައިވެފައިވާތީ ފުދޭވަރަކަށް ރީތިކޮށް އިނގިރޭސިބަހުން ޙޫރާ ވާހަކަދައްކައެވެ.

މިލާންއާއި އިރާ ބެންޗެއްގައި އިށީދެލައިގެން ތިބިއިރު ޙޫރާ ދުވެދުވެފައި އުޅެއެވެ. 
"އަހަރެން ވަރަށް އުފާވޭ އިރާގެ އޮޕަރޭޝަން ކާމިޔާބުވީމަ....އަބަދުއައިނު އަޅަން ޖެހޭތަ؟" މިލާންއަށް އޭރު އިރާގެ ލޮލަށް ފެންނަނީ ކިހާވަރަކަށް ކަމެއް ނޭގެއެވެ. އިރާ އަޅައިގެން ހުރި އައިނުގެ ސަބަބުން އިރާގެ ރީތިކަން ފަނޑެއްނުވެއެވެ. 
"އަލްހަމްދުލިﷲ، އައިނު އެޅީމަ ކަނައަތު ލޮލުން ކޮންމެވެސް ވަރަކަށް ފެނޭ...އެހާ ބޮޑުވަރުވެފައި ހުރެފައި މިވަރުވިކަމީ މިރެކްލްއެއް، އެންމެން ރިކޮގްނައިސްވާކަން ކިހާ ބޮޑުވަރު، އުފާވާވަރު ބުނެދޭކަށްވެސް ނޭގޭ،އައިނު ނެތިއްޔާ އަނެއްކާ އުދަގޫވާނެ....ލެފްޓް ސައިޑް އަދިވެސް ބްލައިންޑް.....އެލޮލުން ދުވަހަކު ނުފެންނާނެކަމަށް ޑޮކްޓަރު ޔަގީންކަން ދިން، ނަސީބެއް ކަންނޭގޭ ކަނައަތު ލޮލަށް ކޮންމެވެސް ވަރެއްވިކަން، މިހާރު ދެން އޯކޭ، ނަމަވެސް އަހަރެން މިވީ ނުކުޅެދޭ ގާލްއަކަށް ދޯ........އިޓް ޑަޒަންޓް މެޓަރ ނައު......" އިރާ ވެސް އިނީ ދަރިފުޅުގެ ތުއްތު ހަރަކާތްތަކަށް ބަލާށެވެ. އޭރު ޙޫރާ ދުވެ ދުވެ ހުރީ ކުޑަ ލޭ ކޮކާލެއްގެ ފަހަތުންނެވެ.

"މަންމީ މަންމީ ލުކް ބަތަރފްލައި......." ޙޫރާ ޅަގޮތަކަށް ގޮވާލިއެވެ.
"ޔާ ސްވީޓްހާޓް، މަންމީ ކެން ސީ......." އިރާ ދޭތެރެއަކުން ޙޫރާއަށް ގޮވާލާފައި އެއްޗެކޭ ބުނެލާއިރު މިލާންގެ ލޯ އެންމެ ފަހަރަކުވެސް ހޫރާއިން ވަކިކޮށެއްނުލައެވެ. ޙޫރާއަށް އަނިޔާއެއް ވެދާނެތީ އޭނަ އިނީ ބިރުގެންފައެވެ. ބައެއްފަހަރު ޅަކަމުން ބިންމަތީގައި ހަރުނުލާ ވެއްޓިދާނެހެން ހީވާފަހަރު އާދެއެވެ. ތުއްތު ޕަރީއެއްފަދައެވެ. ތަމްބްލީނާ ޓިންކަރބެލްފަދަ ކުޑަ ކުޑަ ލޯބި ޕަރީއެކެވެ. އެންމެ ރީތީ ދިގު އިސްތަށިގަނޑެވެ. ހުދު ސޯޓްކޮޅަކާއި ސްޓްރައިޕް ސްވެޓަރއެއް ލައްވާފައި ހުރިއިރު އެ ދޮންކަމާއި ހާދަ ގުޅެއެވެ. ދާނިޔަލްއާއި ވައްތަރުގޮތެއް ހުންނަހެންވެސް ހީވެއެވެ. ކުޑަ ކުޑަ ދާނިޔަލްއެކެވެ.

"ޑޭންގެ ބޭބީ ހާދަ ރީއްޗޭ.. އެސްފީނާ ނުޖެހުނިއްޔާ ރަނގަޅު، އަހަރެންގެ އީވިލް އައިސް ހުރިނަމަ ވާނެގޮތެއް ނޭގޭ، އެސްފީނާ ޖެހޭހާވަރަށް ބަލައިލެވުނީމަވެސް ކަމެއްނުވި......." މިލާން ހިތާހިތުން ކިޔާލާފައި ފޯނުން ޙޫރާގެ ވީޑިއޯ ކުރަންފެށިއެވެ. ދޭތެރެއަކުން ޙޫރާ ބައްޕަ މަތިން ހަނދާންވެ "ޑެޑީ" އޭ ކިޔައިގެން އެއްޗެއް ބުނެލައެވެ.

އިރާ ކިޔައިދިނީ އެމެރިކާގައި އުޅުނު އުފާވެރި ދުވަސްތަކުގެ ވާހަކައެވެ. ތަފާތު މޫސުމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނީމަ އުފާވިވަރު ކިޔައިދިނެވެ. އިރާ ހީކުރީ ދުވަހަކު އެފަދަ ނަސީބެއް ނުލިބޭނެކަމަށެވެ. ހުރިހާ ހުވަފެންތައް ވިއްސިވިހާލިވީކަމަށެވެ. ނަމަވެސް ތަގުދީރުގައި ހުރިއްޔާ އިންސާނާއަށް ހާސިލުނުވާނީ ކޯންޗެއްހެއްޔެވެ؟ އެންމެ ހިތަށް ނާރާފަދަ ގޮތަކަށް ދިރިއުޅުން ބަދަލުވެގެން ހިގައިދާނެއެވެ. އޭނަގެ ދިރިއުޅުމަށް އޭނަގެ މާ ބޮޑު ބާރެއްނެތަސް އިރާއަށްވެސް ޗޮއިސްތަކެއް ލިބުނެވެ. ބޭނުންވާ ދިމާލަށް ދާނެ މަގުތައް ހުޅުވިފައިވިއެވެ. އިރާއަށް މިހާރު ގަބޫލުކުރެވެނީ ދާނިޔަލް އޭނަ ރޭޕްކުރުން އެއީވެސް ނަސީބެއްގެ ގޮތުގައެވެ. އެގޮތަށްނުވިނަމަ ފަހަރެއްގައި އޭނައަށް އޭނަގެ ލޯބި ނުލިބުނީހެވެ. އޭނައަށް ދިމާވި ހުރިހާކަމަކަށް އޭނަ ޝުކުރުކުރިއެވެ. ކޮންމެ ކަމަކަށް ސަބަބެއް ލައްވާފައި ވެއޭ ބުނާ ބަސް މިއަދު އިރާ ގަބޫލުކޮށްފިއެވެ. އެއްވެސް އަޅަކަށް މާތް ﷲ ދެރަގޮތެއް މެދުވެރިނުކުރައްވާނެއެވެ.

"ޑެނީ ހާދަ ރަނގަޅޭ، ބޭބީ ކުޑައިރު ޑެނީ އަހަރެންގެ ގާތުގައި ނެތްނަމަ ކިހާ އުދަގޫވާނެ، ހުރިހާކަމެއް އެހާ ރަނގަޅަށްކޮށްދިން، ކޮލެޖަށް ނުދާ ގަޑީގައި ވަރަށް ހެލްޕްވާނެ، ބޭބީ ފެންވަރުވަން އަދި ކާންދިނުމުގައިވެސް ޑެނީ އެއްވަނަ......ހީ އިޒް ދަ ޕާރފެކްޓް ހަޒްބެންޑް......ރިވާ ކިހިނެއްތަ؟ އަދި ދެކުދިން އެކީގައި ފެނުމުގެ ފުރުސަތެއްވެސް ނުލިބޭ...." އިރާ ކޮޅަށް ތެދުވުނުއިރު ކުޑަކޮށް ނޭވާލާން އުދަގޫވެފައި ހުރިކަން މިލާން ފާހަގަކުރިއެވެ.

"އިރާ އޯކޭތަ؟ "މިލާން ކަންބޮޑުވިއެވެ.
"މިރަށަށް އައުމާއިއެކުހެން ނޭވާލުމުގެ މައްސަލަ ދިމާވާންފެށީ، މި މާހައުލަކާއި ނުގުޅެނީކަން ނޭގޭ، އެމެރިކާއަށް ދިޔަފަހުން ވަރަށް ނޯމަލް...." އިރާ މޭގައި ކުޑަކޮށް ފިރުމާލައިފިއެވެ.

ހަވީރު މިލާން ސައި ހަދަން އުޅުނުއިރު އިރާ ވެސް އެހީތެރިވެދޭން އުޅުނެވެ. މިލާން އެކަމާއި ދެކޮޅުހެދިނަމަވެސް އިރާ ދޫނުކޮށް މިލާންއާއިއެކު މޭޒަށް އެއްޗެހި އެރުވުމުގައިވެސް އުޅުނެވެ. ސާރާ މިލާން މަސައްކަތްކުރާވަރު ފެނިފައި ބައެއްފަހަރު ދެރަވެސްވެއެވެ. ބަދިގޭގައި ގެންގުޅޭ ދެ ނޯކަރުންނަށް ޗުއްޓީ ދީފައި މިދުވަސްކޮޅު ފޮނުވައިލީ ސާރާ ވިސްނައިލާފާ މިލާންއަށް އުދަގޫ ޖެއްސުމަށެވެ. ރިވާން ހުރީ އެކަމާއި ދެރަވެފައެވެ. ނަމަވެސް މިލާން ބުނީ އޭނަ މަސައްކަތެއްނުކޮށް ހުރީމަ ފޫހިވާނެކަމުގައެވެ. މިލާން އަތްމަތި އަވަސްކޮށް ކަންތައްކުރާގޮތުން ގެވެހިކުއްޖެއްކަން އެނގެއެވެ. އެހާ ސާފުތާހިރުކޮށް ބަދިގެ ގެންގުޅޭތީ ސާރާގެ ހިތް ތައުރީފުކުރެއެވެ. ބައެއްފަހަރު ރިވާންގެ އަންބަކަށް އެއަށްވުރެ އެކަށީގެންވާކުއްޖެއް ނުލިބިދާނެއޭވެސް ހިތަށް އަރައެވެ. މިލާން ދުރުކޮށްލުމަކީ ކުރެވޭނެ މޮޔަކަމަކަށް ނުވާނެ ބާވައެވެ.

"ހާދަ މީރުވަސް ދުވައޭ، ދެކުދިންގެ މޮޅުކަން....." ސާރާ ދޮރުމައްޗަށް އެރިވަގުތު މިލާންއާއި ހަތަރުކަޅިހަމަވިއެވެ. މިލާންގެ ތުންފަތްމަތީގައިވަނީ ފަނޑު ހިނިތުންވުމެކެވެ. އަލި މޫނެކެވެ. ބައްޕައެއް ނެތުމަކީ އެކުއްޖާގެ ކުށެއްހެއްޔެވެ؟ ނިކަމެތިވިޔަސް ދީންވެރިވެފައި ހާދަ ގެވެހިއެވެ. ރިވާންގެ ހުރިހާ ޚިދުމަތެއްކޮށްދެނީ އެހާ ބަރާބަރަށެވެ. ސާރާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ދަރިފުޅު ރިވާންދެކެ ލޯބިވާލެއް ބޮޑުކަމުން ސާރާގެ ހިތުން މިލާންވެސް މަގާމެއް އަތުލީބާވައެވެ. މިލާންއަށް ދެރަގޮތެއް ވުމަށް ސާރާ ނޭދެއެވެ.

އިރުކޮޅެއްފަހުން އެންމެން މޭޒުދޮށަށް ޖަމާވާންފެށިއެވެ. ދާނިޔަލް ޙޫރާ ކޮނޑުމަތީގައި ބާއްވައިގެން ހުރެ ކޮޓަރިއަށް ވަނުމުން މިލާން އަށް ބަލައިލެވުމާއިއެކު ދުރު ބަލާލައިފިއެވެ. ދާނިޔަލްގެ ފަހަތުން ނަދީމް ރިވާންގާތު ކޮންމެވެސް ވާހަކައެއް ދައްކަމުން ވަނެވެ. ނަދީމް ފެނުމުން މިލާން ބަލަން އިނީ ދެރަވެފައިވާކަހަލަ ގޮތަކަށެވެ. ބައްޕާއޭ ކިޔާލާފައި ގޮވާލަން ހިތް ހާދަ ބޭނުމެވެ. ނަމަވެސް އެހިތްވަރު ލިބޭނީ ކިހިނެއްހެއްޔެވެ؟ ނަދީމް ގޮނޑީގައި އިށީންނެވުމުން މިލާން ކޮފީތަށްޓެއް އަޅާފައި ކާރިކޮށްލަދިން ވަގުތު ނަދީމްގެ ލޮލުގައި އަޅައިގަތީ މިލާންގެ އަތުގައި އޮތް ފަށެވެ.

"މިލާން މި ބްރޭސްލެޓް. ކޮންތާކުން ގަތީ؟" ނަދީމްއަށް އަހާލެވުނީ ބޭ އިޚުތިޔާރުގައެވެ.
"މިއީ ކްލޯޒް ފްރެންޑެއްގެ ފަރާތުން އަޅުގަނޑަށް ލިބުނު ގިފްޓެއް....." މިލާން ނަދީމްގެ މޫނަށް އައި ބަދަލުފެނުމާއިއެކު ކުޑަކޮށް ކަންބޮޑުވާގޮތްވިއެވެ. އައިޒާގެ ފަށް އޭނަ ވަގަށް ނެގީކަމަށް ބައްޕަ ހީކޮށްގެންނުވާނެއެވެ.

"އޯވް...." ނަދީމް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ކްލޯޒްމީހެކޭ އެބުނަނީ އައިޒާ ނޫން އެހެން ކާކުހެއްޔެވެ؟ އެ ފަށް އައިޒާ އަތުން ނޫނީ މިލާންއަށް ލިބުމަކީ އެކަށީގެންވާކަމެއް ނޫނެވެ. އެހާ އަގުބޮޑު އެއްޗެއް އައިޒާ އެގޮތަށް ދޫކޮށްލައިގެން ނުވާނެއެވެ. ނަމަވެސް މިލާންއަކީ ރިވާންގެ އަނބިމީހާއެވެ.

ސާރާ ކުރީގެ ހަނދާނެއް އައެވެ. ރިވާންވެސް މިލާންގެ މޫނަށް ބަލައިލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އެ ކެވެލިކޮޅާއި ބެހޭގޮތުން އޭނަ ހުރީ މިލާން ކާރިން ހަގީގަތް އޮޅުން ފިލުވައިލަން ބޭނުންވެފައެވެ. 

"އިޓްސް އޯކޭ، ހިލޭމީހަކަށް ނޫނެއްނު އައިޒް އެފަށް ދިނީ..މިލާންއަކީވެސް ދަރިއަކަށްވެފައި މިވަނީ...." ނަދީމް ގެ ހިތަށް އެތައް އެއްޗެއް އަރާފޭބިއެވެ.

އެންމެން ކާންފެށިއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. ހީވަނީ އެންމެނަށް މާބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާހެންނެވެ. އިރާއަށް އެހާ ރަނގަޅަށް ނުފެނުނުކަމުގައިވިޔަސް ރިވާން މިލާންއަށް ބަލާ ޚާއްސަ ނަޒަރު ފާހަގަކުރެވި ރިވާން ލޯބިވާވަރު ޔަގީންވިއެވެ. ދާނިޔަލް އެންމެ ފަހަރަކުނަމަވެސް މިލާންއާއި ދިމާލަށް ބަލައެއްނުލައެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ޙޫރާއަށެވެ. ޙޫރާވެސް ދާނިޔަލްއިނީމަ އެހެން މީހެއްގެ ގާތަށް ނުގޮސް ދާނިޔަލްގެ އުނގަށް އަރާފައި އިދެ ކާއެއްޗެއްސާއި ކުޅުނެވެ. އެއްވެސް އެއްޗެއް ނުކައި އުޅޭލެއް ލޯބިކަމުން އެންމެންގެ ހިތްތަށް ފިދާވާވަރުވިއެވެ.

"ޑެނީ، ދެން ހޮސްޕިޓަލުން ޖޮބެއް ހޯދައިގެން ދާކަށް ނުވިސްނަންތަ؟ ކުޑަ ބްރޭކެއް ނަގާލާފައި އަލުން ޖޮއިން ކުރަންވީނު......" ނަދީމް ދާނިޔަލް އާއި ދިމާލަށް ބައްލަވައިލެއްވިއެވެ.

"ނޫން އަންކަލް، އަޅުގަނޑު މިހާރު ވިސްނަނީ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރަން، އަދި ކިޔެވުންވެސް މެދުކަނޑާނުލައި ކުރިއަށް ގެންދާން ނިންމައިފިން، މާލޭގައި ނޫޅެވޭނެ އެންމެ ބޮޑު ސަބަބަކީ މިރަށުގެ މާހައުލާއި އިރާ ނުގުޅޭތީ، މާލެއައުމާއެކުހެން ބްރީތިން މައްސަލަ ޖެހެންފެށީ....." ދާނިޔަލްގެ ވާހަކައިން މޭޒުދޮށުގައި ތިބި އެންމެނަށް ސިހުމެއް ލިބުނެވެ. އިރާވެސް އިނީ ގަބޫލުކުރަން ދަތިވެފައެވެ. ދާނިޔަލްއެފަދަ ނިންމުމެއް ނިންމާފައިވިޔަސް އަދި އޭނަ އަކާއި ހިއްސާއެއް ނުކުރެއެވެ. އިރާ އެކަމާއި އުފާކުރަންވީކަމެއް ނޫނީ ދެރަވާންވީކަމެއް ނޭގުނެވެ. 

"ހޫމް މިވަގުތުވެސް އިރާ ހީވަނީ ނޭވާލާން އުދަގޫވެފައިހެން..." ސާރާވެސް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ.
"އަބަދަށް އިންހޭލަރ އެއްޗެއްސަށް ޑިޕެންޑްވުމަކީ ރަގަޅުކަމަކަށް ނުވާނެ، އެހެންވީމަ ފެމިލީއަށް އެންމެ ރަނގަޅުގޮތަކަށް ވިސްނާލިއިރު އެމެރިކާގައި ދިރިއުޅުމަށް ނިންމީ...." ދާނިޔަލް އެހެން ނިންމީ އަދި އެހެން ސަބަބެއްވެސް އޮތީމައެވެ. މިލާން ތާ އަބަދުފެންނަން ވެއްޖެއްޔާ އޭނަގެ އުފާވެރި ހަޔާތަށް އޭގެ އަސަރުކުރުން އެކަށީގެންވެއެވެ. އެހެން ނުވެވެސް ހިނގައިދާނެ ޒަމާނެއް އަތުވެދާނެއެވެ. ނަމަވެސް އޭނަ މިހާރު ބޭނުމީ ރިވާންއާއި މިލާންއަށް ފުރުސަތު ދިނުމެވެ. އެދެމަފިރިން އެކީގައި އުފާވެރި ހަޔާތެއް ވޭތުކުރުމަކީ ދާނިޔަލްގެ ދުޢާއެވެ. ނަދީމްވެސް ދާނިޔަލްގެ އެ ނިންމުމަށް ތާއީދުކުރިއެވެ.

"މިހެން އުޅެމުންގޮސް އާއިލާގެ އެންމެން އެމެރިކާއަށް ބަދަލުވާނެކަން ނޭގޭ...." ސާރާގެ ވިސްނުންވެސް މިހާރު ހުންނަނީ ރާއްޖެއިން ބޭރުގައި އުޅޭގޮތަށެވެ. މާލޭގައި ގަސްއިންދާނެ ތަންކޮޅު ކުޑަވެފައި އެހާ ރީތި ގަސްތަކެއް ނެހެއްދޭތީއެވެ. ނަމަވެސް އެމެރިކާގެ މޫސުމްދެކެ ސާރާ ހާދަ ފޫއްސެއްވެއެވެ. ފިނިމޫސުމް ނާންނާނެނަމަ އޭނަ އެމެރިކާއަށް ބަދަލުވިތާ ކޮންދުވަހެއް ހެއްޔެވެ؟ ނަދީމް ދާނިޔަލް ކުރިއަށް ދާން ބޭނުންވާ ރޮގަކާއިމެދު ސުވާލުކުރެއްވިއެވެ. ދާނިޔަލް އެންމެ ޝައުގުވެރިވަނީ ނިއުރޯސާޖަރީއަށް ކަމުގައި ބުނުމުން ނަދީމް ހައިރާނެއްނުވެއެވެ. އެ ޚާންދާނަކީ ޑޮކްޓަރީ އާއިލާއަކަށްވެފައި ޒުވާނުންގެ ޝައުގު ބޮޑަށް ހުންނަނީވެސް ނިއުރޯސާޖަރީއަށްކަން ނަދީމް ދެނެލައްވައެވެ. އެ ޒުވާނުންގެ ސިކުނޑީގެ ތަނަވަސްކަމާއި މޮޅުކަމުން އެކަށީގެންވަނީ އެފަދަ ރޮގަކުން ކުރިއަށް ދާށެވެ.

ރިވާންގެ ބައްޔާއި އޭނަ އޮޕަރޭޝަންކުރަނެއް ކުރަން ޖެހިފައިވާކަން އާއިލާގެ އިތުރުމީހަކަށް ނޭގެއެވެ. މަންމަމެން ފިކުރުބޮޑުވެދާނެތީ ރިވާން އޭނަގެ އެކުވެރިންގާތު އެދުނީ އަދި ސިއްރުކޮށްދިނުމަށެވެ. މިލާން ދޭތެރެއަކުން އެވަރލޭންޑަށްގޮސްފައި އިރާމެންނާއިއެކު ވަގުތުތައް ހޭދަކުރެއެވެ. ޙޫރާ ކުޑަނަމަވެސް އިރާގެ ޓެލެންޓް ލިބިފައިވާހެން ހީވެއެވެ. ބައެއްފަހަރު ޕިއާނޯގެ ފިތްތަކާއި ކުޅެލާއިރު ހީވަނީ ރީތި ރާގެއް އަޅުވައިލާހެންނެވެ.

މިލާން އެގެއަށް ދިޔަކަމުގައިވިޔަސް އަބަދުހެން ހުންނަނީ އިރާގެ ފަހަތުގައި ޖައްސާލާފައެވެ. އެންމެ ފަހަރަކަށްވެސް ދާނިޔަލްއާއި އެކަނި ބައްދަލުވެދާނެކަމުގެ ބިރު މިލާންގެ ހިތުގައި އޮވެއެވެ. ކޮންމެހެން ދާނިޔަލްގެ ފަރާތުން އުދަގުލެއް ފޯރަފާނެތީއެއް ނޫނެވެ. އެކަނިވެއްޖެއްޔާ ދެމީހުން ދައްކާނެ ވާހަކައެއްނެތި ލަދުގަންނަން ޖެހޭނެކަން މިލާންއަށް ވިސްނުނީއެވެ. ނަމަވެސް ބައެއްފަހަރު ބޭނުންހާގޮތް ނުވެ ހިގައިދާނެއެވެ. 

ޖެނުއަރީގެ ފަހުކޮޅު ވިއްސާރަ ދުވަހެކެވެ. މިލާން އެކަނިމާއެކަނި ފަޔަރގޭޓްގެ ސިޓިންރޫމްގައި އޮށޯވެލައިގެން "ވެމްޕަޔަރ ޑައިރީސް" ބަލަން އޮތްއިރު މޭޒުމަތީގައިވާ ޕޮޕްކޯން ތަށިވެސް ހުސްވަމުންދިޔައެވެ. ކުއްލިއަކަށް މީހަކު ދޮރުމައްޗަށް އެރިހެން ހީވެފައި މިލާން ބަލައިލިއިރު ދޮރުމަތީގައި ދާނިޔަލް ހުރިތަން ފެނުމުން ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. ހާސްވެފައި އަތުގައި އޮތް ރިމޯޓްވެސް މަޑު އަޑަކާއިއެކު ކާޕެޓްމަތީގައި ޖެހުނެވެ. އޭރު ސްކްރީނުން ފެންނަނީ އެހާ ހޫނު މަންޒަރެކެވެ. މިލާންގެ މޫނު ރަތްވެ އަލިފާންކޮޅަކަށްވިއެވެ.

"ކޮބާ ރިވާ، އެކަނިތަ؟" ދާނިޔަލް ހުރީ ހަމަޖެހިލައިގެންނެވެ. ޓޭންވެފައިވާ މޫނު ކުޑަކޮށް ތެމިފައި ވުމުން މާ އަސަރުގަދަކަމަށް ދައްކައެވެ. މުށިކުލައިގެ އިސްތަށިގަނޑުގައި ކުޑަކޮށް ފެންތިކިތައް ވިދާތަން ފެނެއެވެ.

"ރިވާ ބޭރަށް ދިޔައީ......." މިލާން އަވަހަށް ތެދުވެގެން އެތެރެއަށް ދާން ކަމަށް ހިނގައިގަތެވެ.
"އަހަރެން ދެކެ ބިރުންތަ ތިއުޅެނީ.....މަށަކީ މޮންސްޓަރއެއްނޫނޭ...." ދާނިޔަލް ސަމާސާގޮތަކަށްބުނެލިއެވެ.
"ބިރަ..ބިރަކުން ނޫން..." މިލާން ކަންބޮޑުވެ ތުންފަތުގައި ދަތްއަޅައިލެވިއްޖެއެވެ.
"މިލާން، އަހަރެމެން މިހެން އެކަނި ބައްދަލުކުރާކަށްނުވެސް ވާނެކަން އެނގޭ، އަހަރެމެންގެ ނަސީބުގައި ލޯބި ލިޔުއްވާފައިނެތީކަން ނޭގޭ، ދެމީހުން ވަކިވާން ޖެހުނީ، މިހާރު މިލާން ތިމެރީ ކުރީ އަހަރެންގެ ކޮއްކޮއަކާއި، އެހެންވެ އަހަރެން މިއަދު ބުނަން ބޭނުމީ އެންމެ ވާހަކައެއް، ޑޯންޓް ބްރޭކް ހިޒް ހާޓް، ދުވަހެއްގެކޮޅުންވެސް އަހަރެންދެކެ މިލާން ލޯބިވިކަމަށް ވަންޏާ ރިވާއަށް ރަނގަޅަށް ކަންތައް ކުރާތި، އަހަރެންގެ ސަބަބުން ރިވާއަށް އަދި މިލާންއަށް ދެރަގޮތެއްވާކަށް ބޭނުމެއްނޫން.....އަހަރެންވެސް މިލާންގެ މަތިން ހަނދާން ނައްތާލައިފިން، އެހެންވީމަ ލެޓްސް ބީ ފްރެންޑްސް....." ދާނިޔަލް ކުޑަ ހިނިތުންވުމަކާއިއެކު ވާހަކަ ދެއްކިއެވެ. މިލާން ހުރީ ޖެހި ބުދެއްފަދައިން ހިމޭނުންނެވެ.

"މިހާރުވެސް އަހަރެން މިލާންދެކެ ވަރަށް ވަރަށް ލޯބިވޭ، ނޭގޭ އަހަރެންގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އަހަރެންގެ ހިތުން ތި ހަނދާންތައް ފިލައިގެން ދާނެކަމެއް.....އަހަރެން ސިއްރުން ނެގި ފޮޓޯ ޑިލީޓްކޮށްލުމަކީ އަހަންނަށް ނުކުރެވުނުކަމެއް، އެ ރީތިކަން އަހަރެން މޮޔަކުރުވި، ނަމަވެސް މިއަދު އަހަންނަށް މަޖުބޫރު، އަހަރެންގެ ލޯތްބާއި ދުރަށް ދިޔައީ މަޖުބޫރުވެގެން..... ސޮރީ ....." ދާނިޔަލްގެ ހިތުގައިވަނީ އެހެން ވާހަކަތަކެވެ. ނަމަވެސް އެ ވާހަކަތަކެއް ދެން މިލާންއަކަށް ނީވޭނެއެވެ. އޭނަގެ ހިތް ކުރިއަށްވުރެ ގަދަކޮށްލަން އޭނައަށް މަޖުބޫރެވެ. އެންމެންގެ ދިރިއުޅުމަށްޓަކައި ގުރުބާންތަކެއް ވެވެން ޖެހޭނެއެވެ.

"ޑެނީ ޑޯންޓް ވޮރީ، އަހަރެން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ރިވާއަކަށް ދެރަގޮތެއް ނަހަދާނަން، އަބަދަށް ތެދުވެރިވާނަން.....އަހަރެން ނުވާނެ އަންފެއިތްފުލް މީހަކަށް...." މިލާން ސީދާ ދާނިޔަލްގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ.

އެވަގުތު މީހެއްގެ ފިޔަވަޅުތަކުގެ އަޑަށް ދާނިޔަލް އެނބުރި ބަލައިލީކާކުކަން ރަނގަޅަށް އެނގިހުރެއެވެ. މިލާން މަޑުކޮށްނުލާ ބާރުބާރަށް ސިޑިން އަރައިގެން ހިގައްޖެއެވެ.

"ވަޓް އިޒް ދިސް ޑެނީ، އަހަރެން ކިހިނެއް ގަބޫލުކުރަންވީ....." ރިވާން ހުރީ އަސަރުކޮށްފައެވެ. އޭނައަށް އަދިވެސް މިލާން އޭނަދެކެ ލޯބިނުވާކަން ރަނގަޅަށް އިހުސާސްކުރެވެއެވެ. މަޖުބޫރުވެގެން އޭނައާއިއެކީގައި އުޅުނަސް ދާނިޔަލްއާއި މިލާންގެ ހިތުގައި އެކަކު އަނެކަކަށްޓަކައި އިހުސާސްތައް ލައްވާފައިވާކަމާއި އެކަން ބަދަލުކުރަން އޭނަ ކުރާނެ މާބޮޑުކަމެއްނެތްކަން އެނގެއެވެ. މީހަކު ލޯބިވެގެން އަޅާލައިގެން ހިތް ބަދަލުވާނެނަމަ މިލާންގެ ހިތް އޭނައަށް އެނބުރުނީހެވެ. އެހާވަރަށް އޭނަ މިލާންއަށް ލޯބިދެއެވެ. ނަމަވެސް އޭނައަށް ވީ ނާކާމިޔާބެވެ.

"ރިވާ، ލޮލުން ކަމެއް ފެންނައިރަށް ހަގީގަތް ނުބަލާ ކުށް ހީނުކުރޭ، އަހަންނާއި މިލާންގެ ތިބުނާފަދަ ގުޅުމެއްނެތް، އެކަމަކު ރިވާ، ޓޭކް ގުޑް ކެއަރ އޮފް ހާރ، މިލާންއަކީ އަހަންނަށް ވަރަށް ޚާއްސަވި ކުއްޖެއް، ރިވާގެ އަންހެނުންނަށް ނުވިނަމަ އަހަރެން ގެ ލައިފަށް އޭނަ ގެންނާނަން.......މިކަމުގައި އެކަކު އަނެކަކަށް ކުށްވެރިކުރުމުގެ މާނައެއްނެތް، ރިވާއަށް ރަނގަޅަށް އެނގޭނެ މިތާގައި ގޯސްހެދުނީ ކިހިނެއްކަމާއި ކަންތައްވީގޮތް...." ދާނިޔަލް ރިވާންގެ ކޮނޑުގައި އަތްބާއްވައިލީ ގާތްގޮތަކަށެވެ.
"އައި ބިލީވް ޔޫ ޑެނީ...." ރިވާންވެސް ހިނިތުންވެލިއެވެ.

"ރިވާ، އަހަރެންވެސް ނެތިން ދެން އަހަރެންގެ ބޭބީއަށް ދޮންމަންމައެއް ހޯދާކަށް، އަހަރެންގެ ދިރިއުޅުމަށް އިތުރު މީހަކު ދެން ނުގެންނާނަން، މިއަދު އިރާ މަރުވިކަމުގައިވިޔަސް އަހަރެން ދިރިހުންނާނީ އަހަރެންގެ ޙޫރުއަށްޓަކައި، އެހެންވީމަ ރިވާ ހާސްނުވޭ، މިލާން އިޒް ޔޯރސް....." ދާނިޔަލް ދިން ޔަގީންކަމަކުން ރިވާންގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. އޭނަ ދުނިޔެއިން އެންމެ އިތުބާރުކުރާ އެކަކީ ދާނިޔަލްއެވެ. އެހެން މީހުންނަށް ނޭގުނު ކަމުގައިވިޔަސް އެދެބެއިން ވަނީ ކުޑައިރުވެސް ގުޅިފައެވެ. ކިރުގެ ގޮތުން ގުޅުމުން ދެބެންނަށްވެފައެވެ. ވުމާއިއެކު އެ ގުޅުން ކަނޑައިލެވޭނެ އެކަކުވެސް ދުނިޔެއަކު ނެތެވެ.

ނަދީމް އައިޒާގެ ގާތުން އެ ކެވެލިކޮޅުގެވާހަކަ އަހައިލީ އެ ކަން ހިތުން ފިލުވައިލަން އުދަގޫވެގެންނެވެ. މިލާންއަށް އައިޒާ ހަދިޔާކުރިކަމީވެސް ނަދީމް ހައިރާންވާވަރުގެ ކަމެކެވެ. އައިޒާގެ އެކުވެރިންނަށް ހަދިޔާކުރިޔަސް ބައްޕަ ދިން އެއްޗެއް އެގޮތަށް ދޫކޮށްލަފާނެކަމަކަށް ހިތް ގަބޫލުނުކުރެވުނީއެވެ. އައިޒާއާއި ވާހަކަ ދައްކައިލުމުން ނަދީމް ހައިރާންވެ އަންތަރީސްވާވަރުގެ ޚަބަރެއް ލިބުނެވެ. ހަގީގަތުގައި އެއީ މިލާންގެ އަތުގައި އޮތް ކެވެލިކޮޅެއްކަމަށާއި އެކަން ހިނގިގޮތާއި މިލާން ވައްކަންކުރީކަމަށް ހީކޮށް އެދުވަހު ޖެހުނު މައްސަލަތައްވެސް އައިޒާ އޭނަގެ ބައްޕައަށް ކިޔައިދިނެވެ. ނަދީމްއަށް ޝޮކެއް ލިބިލެއްވިއެވެ. މިލާންގެ ފަށަކަށްވާނަމަ އެވަރލޭންޑްއިން ހޮވި އެއްޗެކޭ ބުނަންވީ ކީއްވެހެއްޔެވެ؟ ހަގީގަތަކީ ކޮބާހެއްޔެވެ؟ ނަދީމް އަށް އެރޭ އެއްގޮތަކަށްވެސް ނުނިދުނެވެ. ފަތިހު ފަތިހާ ހޭލައިގެން ނަމާދުކުރުމަށްފަހު އާދައިގެމަތިން ނިދަން އޮށޯތުމުގެ ބަދަލުގައި ނަދީމް ކާކޮޓަރިއަށް ވެންނެވީ ކޮފީއެއް ބޯލުމަށެވެ. އޭރު މިލާން ހުރީ ކާކޮޓަރީގައި ކޮފީ ހަދާށެވެ. އޭރު ތުނިކޮށް ވާރޭވެހޭއަޑު އިވެއެވެ.

"މިލާން، ކޮފީއެއް ހަދައިދީބަލަ..." ނަދީމް ކުޑަކޮށް ހިނިތުންވެލުމުން މިލާން ކުދި ދަތްތައް ފެންނަވަރަށް ހީލިއެވެ.
މިލާން ގިރާލި ކޮފީތަށި ނަދީމްގެ ގާތުގައި ބަހައްޓާފައި މޭޒުގެ ކާރީގައި ހުރި އަނެއް ގޮނޑީގައި އިށީދެލުމުން ނަދީމް އިނީ ދައްކަވަން ވީ ވާހަކައެއް ނޭގިފައެވެ. މިފަހަކަށް އައިސް މިލާން ނަދީމްއަށް ކޮފީ ހަދައިދިނުންފަދަ ކަންތައް ކޮށްދޭއިރު ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭހެން ހީވެއެވެ. ބަލަނީވެސް ވަރަށް ތަފާތު ނަޒަރަކުންނެވެ. ބައްޕައަކާއި ދިމާލަށް ބަލައިލާނީ އެފަދަ ގޮތަކަށްކަން ނޭގެއެވެ. އައިޒާފަދައިންނެވެ. ނަދީމް މިލާންގެ މަންމައާއި ބެހޭގޮތުން ސުވާލުކުރަން އުޅެނިކޮށް ސާރާ އެތަނަށް އައުމުން އެ ފުރުސަތު ގެއްލުނެވެ.

ނަދީމް އޮފީހަށް ދާންވެގެން ކާރަށް އަރުއްވަނިކޮށް ޖުވޭދާ އާއި ދިމާވެގެން މާ ބޮޑު ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނުމުން ނަދީމް ލަސްވަނީކަމަށާއި ފަހުން ޖުވޭދާއާއި ބައްދަލުކުރާނެކަމަށް ބުނުއްވާފައި ކާރަށް އެރުމުން ޖުވޭދާ ހީލިއެވެ. ބައެއްފަހަރު ރަގަޅު ޚަބަރު އަޑުއަހާލުން ލަސްވަނީވެސް އިންސާނާއަށް ނޭގިއެވެ. ޖުވޭދާ ހުންނަނީ މިލާންގެ އުޅުން ހުންނަގޮތުން ހައިރާންވެފައެވެ. އޭނައާއި ސާރާގެ ގާތްގުޅުމުގެ ސަބަބުން އެގެއަށް އަންނަ ވަގުތުތައް ގިނަވެފައި ސާރާ މިލާން ގެންގުޅެނީ ނޯކަރެއްފަދައިންކަން ޖުވޭދާ ދަނެއެވެ. ވީއިރު މިލާން ހާދަ ކެތްގަދައެވެ. އެހުންނަނީ ނަދީމްއަކީ އޭނަގެ ބައްޕަކަން ސިއްރުކޮށްލައިގެންތާއެވެ. އެހާވަރުން މިލާން ހަގީގަތް ސިއްރުކުރަނީ ކީއްވެބާވައެވެ. ކޮންމެގޮތެއްވިޔަސް ޖުވޭދާއަށް މިއަދު އިތުރަށް ކެތްނުކުރެވޭނެއެވެ. ސާރާގެ ގާތުގައި ހަގީގަތް ކިޔާދޭހިތުން ގައި ހިރުވަންފެށިއެވެ. ގެއަށް ވަންއިރު ސާރާ ހުރީ ޟުހާ ނަމާދުކުރާށެވެ.

"އަހަރެންވެސް ހުރިހާ ސުންނަތް ނަމާދުކުރަންވީކަން ނޭގޭ، މަރުވާނީ ކޮންއިރަކުކަމެއް ނޭގޭ، ބައެއްފަހަރު ސާރާ ފެނުނީމަ އިންސްޕަޔަރ ވޭ، ދީނީކަންތައްތަކުގައި ސާރާ ހިފަހައްޓާވަރުން ހައިރާންވޭ، ދެރައީ އެކަނި މިލާންއާއިމެދު އެގޮތަށް ކަންތައްކުރާތީ، ހިންދީ ފިލްމު ބަލަބަލާފައި ނުބައި ބައި ކުޅުމަށްވުރެ ރަނގަޅު މަންމައެއް އަދި މައިދައިތައަކަށްވުން ކިހާ މުހިއްމު، އެހެންނޫނަސް އަހަރެންގެ މާޒީގައިވަނީ ގޯސްތައް ހަދާފައި، އަހަރެން ޖެހޭނީ ރަނގަޅުވާން، މިއަދުން ފެށިގެން އެންމެ ނަމާދެއް ދޫކޮށްނުލާ ކުރަންވީ، ސީރީޒްތައް ބެލުން މަދުކޮށްލަންވީ، އަޒުމްކަނޑައަޅައިފިއްޔާ ނުވާނީ ކޮންކަމެއްތަ؟ އެހެންނޫނަސް މާތް ﷲ ދެއްވި ނިއުމަތްތަކާއިމެދު ޝުކުރުވެރިވުން ހައްގު، އަހަންނަށް ލިބުނީ މީހަކު އެންމެ ހިތްއެދޭފަދަ ދަނބިދަރިފުޅު، އަދި އެހާ ލޯބި ދަރިންކޮޅެއް....ރަނގަޅު ފިރިޔެއް....." ޖުވޭދާ ބެލްކަނީގައި ހުރި ސޯފާއެއްގައި އިށީދެލައިގެން އިންއިރު އޭނަ ހިތާހިތުން އަމިއްލަ ނަފުސަށް ވިސްނައިދިނުމަށްފަހު ތުންފަތް މައްޗަށް ހިނތުންވުމެއް ވެރިވެގެން ދިޔައެވެ.

ރިވާން އޭނަގެ މަންމަ ނަމާދު ނިންމާލާފައި ދޮޅި ބޭލުމުން މަންމަގެ ގާތުގައި އެނދުގައި އިށީދެ ޚާއްސަ ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނެފައި ފެށީ އޭނަގެ ބަލީގެ ވާހަކައެވެ. ޑޮކްޓަރަށް ދެއްކުން ބުނީ މާ ބޮޑު މައްސަލައެއް ނެތްކަމަށާއި އެކަމަކު ރަގަޅުވާނީ ސާޖަރީ ހަދައިގެންކަމަށެވެ. ރިވާން އެހިސާބަށް ބުނާއިރަށް ސާރާއަކަށް ނުހިފެހެއްޓުނެވެ. ލޮލުގެ ނޫރުފަދަ ދަރިފުޅު ރިވާންގެ ބަލި ފޮރުވަނީކަމުގައިވެސް ހީކުރެވުނެވެ. ސާރާއެހާ ގަމާރެއް ނޫނެވެ. ބައެއްފަހަރު ކެންސަރު އެހެން ތަނެއްގައި އަލުން ޖެހިއްޖެއްޔާ ރަގަޅުވުމުގެ ފުރުސަތު ކުޑަކަން އޭނަ ދަނެއެވެ. ސާރާގެ ލޯ ފުރިގެން ފައިބަންފެށި ކަރުނަތައް ކޯތާފަތް ތެންމަން ފެށިއެވެ.

"ޕްލީޒް މަންމާ، ނުރޮއި، އިރާދަކުރެއްވިއްޔާ މަންމަގެ ދުއާއިން ރަގަޅުވާނެ..." ރިވާން މަންމަ ގެނެސް މޭގައި ޖައްސައިލަމުން އާދޭހާއިއެކު ބުނަމުން ސާރާގެ ހިތްހަމަޖައްސައިދޭން ވާހަކަތަކެއް ދެއްކިއެވެ. ޖުވޭދާ ކޮޓަރިއަށް ވަންއިރުވެސް ފެނުނީ ސާރާ ރޯން އިން މަންޒަރެވެ. ސާރާ އުދަގުލުން ކަރުނަތައް ދިރުވާލައިފިއެވެ. ސާރާ އެއްގޮތަކަށްވެސް މާލެއިން އޮޕަރޭޝަންކުރުވާކަށް ގަބޫލެއްނޫނެވެ. އެމެރިކާގެ އެންމެ ފެންވަރު ރަގަޅު ހޮސްޕިޓަލުގައި ނޫނީ އެފަދަ ނާޒުކް އޮޕަރޭޝަނެއް ކުރެވިގެން ނުވާނެއެވެ. ދާނިޝްމެން ބޭނުމިއްޔާ ރިވާންއާއިއެކު އެމެރިކާއަށް ދެވިދާނެއެވެ. މާލޭގައި އެފަދަ ކަމެއްކުރަން ހަދައިގެން ގެއްލުމެއްވެއްޖެއްޔާ ވާނެގޮތެއް ނޭގެއެވެ. ސާރާ ޖުވޭދާ ގާތުގައި އެވާހަކަ ދައްކާފައި އިރުއިރުކޮޅާ ލޯ ފޮހެލައެވެ.

"ކޮބާތަ މިލާން، މިލާންއަށް އެނގޭތަ؟ "ރިވާން ނުކުމެގެން ދިޔައިރު އެ ރީތި ދެލޮލުގައިވެސް ވިދަވިދާ ހުރީ ކަރުނައެވެ. މަންމަ އެގޮތަށް ކަރުނަ އޮއްސާތަން ފެނުމުން ރިވާންއަށް ވަރަށް އަސަރުކުރިއެވެ.

"ނޭގޭ، އަހަރެމެން އެމެރިކާއަށް ދިޔަސް މިލާންއަށް ދުވަސްކޮޅަކަށް މިގޭގައި ހުރެވިދާނެ، އެކުއްޖާގެ ސުންޕާކަމުންކަން ނޭގޭ، ކުއްލިއަކަށް ރިވާގެ ބޮލުގައި ރިއްސާންފެށީ މިދުވަސްކޮޅާއި ދިމާކޮށް، އަހަންނަށް ވެގެން އުޅޭގޮތެއް ނޭގެނީއެއް ނޫން، މިލާން މޮޔަވަނީ އަހަރެމެންގެ ޑެނީ އާއިހެދި، ހުރިހާ ފިރިހެނުންނަށް ހިތްކިޔާ މީހަކާއި އިނީމަ ރިވާ ގެ ބޮލުގެ ރިހުމަކަށްވީ، އެހެންނޫންނަމަ ކުއްލިއަކަށް މިހާރު މިކަންތައް ނުފެށޭނެ...." ސާރާ ހިތުން އެގޮތަށް ގަބޫލުނުކުރިޔަސް ކުށްވެރިކުރަން ބޭނުންވީ މިލާންއެވެ.

"ނޫން ސާރާ، މިލާން ގޮވައިގެން ދާންވާނީ، މިލާންގެ ބައްޕައަކީ ކާކުކަން އެނގުމަށްފަހު ސާރާ މިގޭގެ ރަނިކަން ވަގުތުން ދޭނެކަން މަށަށް ޔަގީން...." ޖުވޭދާ ދައްކަން ފެށި ވާހަކައަކުން ސާރާ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.

ރިވާން ބޭރުން އަންނައިރު މިލާންއަށް ދޭން ޗޮކްލެޓެއްފަދަ ކުޑަ ހަދިޔާއެއް ނަމަވެސް ނުގެންނަ ފަހަރެއް މަދުވާނެއެވެ. މިލާން ހިތް އުފާކޮށްލަން ލިލީ ނޫނީ ފިނިފެންމަލެއް ނަމަވެސް ގެނެސްދޭނެއެވެ. މިލާންއަށް ސޮނީ އެކްސްޕީރިއާ ޒެޑް ޓޫ، އައިޕެޑް އަދި ލެޕެއްވެސް މި ދުވަސްކޮޅުގެ ތެރޭގައި ގަނެލަދީފިއެވެ. މިލާންގެ އެކައުންޓަށް ހިފެހެއްޓުމެއްނެތި ފައިސާ ޖަމާކުރަނީ މިލާންއަށް ނޭގިއެވެ. މިލާންގެ ޕާރސް އެހާ މުއްސަދިއެވެ. މިލާންއަކީ މުއްސަދި ބައްޕައެއްގެ ވާރިސަކުކަން އެނގޭއިރުވެސް އޭނަގެ ހިތްތިރިކަމުން އެހުންނަނީ އެކަން ދުނިޔެއަށް ހާމަކުރަން ބޭނުންނުވެފައެވެ. ރިވާން ކޮޓަރިއަށްވަންއިރު މިލާން ހުރީ ބެލްކަނީގައިވާ ޕޮޓްތަކުގައި ހުރި މާގަސްތަކަށް ފެންދޭށެވެ. ކަޅުކުލައިގެ ސްކިނީއަކާއި ރީދޫ ޓޮޕެއްލައިގެން ހުރިއިރު ދޮންމޫނަށް އިރުގެ އަލިކަން އެޅި އިތުރަށް ސިހުރުވެރިކޮށްލާފައިވެއެވެ.

"ފޯރ މައި ބިއުޓިފުލް ވައިފް...." ރިވާން ގެނައި ކުޑަ އައިލަވް ޔޫ ޓެޑީ އަކާއި ރަތް ފިނިފެންމާތައް މިލާންގެ އޮމާން ކޯތާފަތުގައި ބީއްސާލަމުން ފުން ނަޒަރަކުން ބަލައިލިއެވެ. މިލާންއަށް ވަރަށް ބޮޑަށް އެދޭކަން އެ ލޮލުން ފެންނަން ހުއްޓެވެ. މިލާން ގެ ތުންފަތަށް ރަކި ހިނިތުންވުމެއްވެރިވިއެވެ. ޝުކުރުވެރިކަމާއިއެކު އޭގައި ހިފުމަށްފަހު މިލާން ކޮޓަރީގެ ޒީނަތަކަށް އެއެއްޗެހި ބެހެއްޓިއެވެ. ރިވާން ފަހަތުން އައިސް އޭނަގެ އަތުތެރޭގައި މިލާން ހައްޔަރުކޮށްލަމުން ކުޑަ ގޯނާއެއްކޮށްލިއެވެ. އެންމެ ފަހުން ބެލްކަނީގައިވާ ސޯފާއެއްގައި ރިވާންގެ އުނގުގައި މިލާން ބައިންދައިގެން އެކި ވާހަކަދައްކަމުން ދިޔައިރު މިލާން ގެއްލިދާނެކަމުގެ ބިރު ކުޑަކޮށް ހީވިއެވެ. ރިވާން އޭނަގެ ބަލީގެ ޚަބަރުވެސް މިލާންއަށް ކިޔައިދިނެވެ. އޮޕަރޭޝަނަށް އެމެރިކާއަށް ދާން ޖެހޭކަމަށް ބުނެލިއެވެ. އެ ޚަބަރުން މިލާންއަށް ލިބުނީ ޝޮކެކެވެ. ރިވާންގެ ދެލޮލަށް އޭނަ ބަލަން އިނީ ގާވެފައިވާ ބުދެއްހެންނެވެ. ބޮޑެތި ކަރުނަތައް އެ ރީތި ދެލޮލުގައި ބަބުޅަން އިރުކޮޅެއްވެސް ނުނެގިއެވެ.

"ރިވާ، ތިހެން ނުބުނޭ، ތިއީ ދޮގެކޭ ބުނޭ، ސަމާސާއަކަށް ބުނި އެއްޗެއް ދޯ، އިރާދަކުރެއްވިއްޔާ އެހާ ދެރަގޮތެއް ނުވާނެ، ޑޮކްޓަރުންނަށް އޮޅުނީކަމަށްވާނީ، އަދި ޓެސްޓް ރިޕީޓްކުރުވަ ބަލަ...އެވާނީ މައިގްރެއިންއަށް. ޓިއުމަރަކަށް ނުވާނެ........" މިލާން ގެ އެސްފިޔަތަކުގައި ހަރުލާފައިވާ ކަރުނަތައް ތިރިއަށް ދެމެން ފެށުމުން ރިވާން އެ ލޮލުގައި ބޮސްދިނެވެ. ރިވާން ނުރޯށޭ ބުނަމުން އަދިވެސް ބޮޑަށް ކާރިކޮށްލިއިރު ރިވާންއަށް ފުން އަސަރުތަކެއް ކޮށްފައިވިއެވެ.

މިލާން ނަމާދުކޮށްގެން އެތައް އިރެއްވާންދެން ރިވާންއަށް ޝިފާދެއްވުމަށް އެދި ދުޢާކުރިއެވެ. މިލާން އަމިއްލަ ނަފުސަށް ވަޢުދުވިއެވެ. އޭނަގެ ހަޔާތަށް ރިވާން ފިޔަވާ ދެން އެއްވެސް މީހަކަށް ދެން ފުރުސަތެއް ނެތެވެ. ދާނިޔަލްއަކަށްވެސް ދެން އޭނަ އެ މަގާމެއް ނުދޭނެއެވެ. ރިވާން އޭނަގެ ހަށިގަނޑު މިލްކްކުރި ފަދައިން އަދި ހިތްވެސް ހާސިލުކުރާނެ ދުވަހެއް އަންނާނެއެވެ.

ނަދީމް "ފަޔަރގޭޓް" ކާރީގައި ކާރު ޕާކްކޮށްލާފައި ފައިބަންނަވާއިރަށް ޖުވޭދާ ދުރުގައި ބަލަން ހުރެފައި އައިގޮތުން ހީވަނީ އޭނައަށް އިންތިޒާރުކުރާތާ ވަރަށް ގިނައިރުވެއްޖެހެންނެވެ. ހަގީގަތުގައި އެ ޚަބަރު ދޭހިތުން އޭނައަށް ކެތްވަނީއެއް ނޫނެވެ. އެފަދަ ވާހަކައެއް އިވުމުން ނަދީމްގެ މޫނަށް ވެރިވާނެ ކުލަވަރު ދެކެން އޭނަ ބޭނުމެވެ. ފިލްމީ މަންޒަރުތައް ބަލަމުންގޮސް ދިރިއުޅުމުގެ މިފަދަ ކޮންމެކަމެއް ޖުވޭދާއަށް ފެންނަނީ ޑްރާމާގެ ސިފައިގައެވެ. އެހެންނޫނަސް މިއީ އާއްމު ދިރިއުޅުމުގައި އާއްމުކޮށް ދިމާވާފަދަ ކަމެއް ނޫނެވެ. ނަދީމް ގޮވައިގެން ގަސްތަކުގެ އެފަރާތަށް ގޮސްފައި ސިއްރު ވާހަކަތަކެއް ދައްކަން ޖުވޭދާ ހުރިއިރު އެ މަންޒަރުފެނުނު ކޮންމެ މީހަކު މާނަކުރާނީ އެހެން ގޮތަކަށެވެ. ޖުވޭދާގެ ވާހަކައިން ނަދީމްގެ ހަޔާތުގެ އެންމެ ބޮޑު ޝޮކް ލިބުނެވެ. އޭނަގެ އަންހެންދަރިއަކު ދުނިޔޭގައި ހުރެ އުމުރުން އެކާވީސްއަހަރުވީއިރު އެކަން އެގުމަކީ ކިހާ ބޮޑުކަމެއްކަން އެގޭނީ އެފަދަ ކަމެއް ތަޖުރިބާ ކުރެވުނު މީހަކަށެވެ. ނަދީމް ބޭނުންވީ ވަގުތުން ދަރިފުޅާއި ބައްދަލުކުރުމަށެވެ.

"ފިރިހެނުންގެ ކަންތައް ހުންނަގޮތުން މިހާދިސާތައް ހިގަނީ، ހިތަށް އަރާއިރަށް އިނދެ ވަރިކުރަމުން އުޅޭއިރު ދަރިން ދީފައި ދުރަށް ދަނީ، އެވަރަށް ބިޓުންގެ ގާތަށް ޖައްސާނެ، އެހެންވެ މިފަދަ ދެރަ ކަންތައް ދިމާވަނީ، ނަދީމްވެސް ކުރިން ވިސްނެވިނަމަ...." ޖުވޭދާ ނަދީމްގެ ހިތް އިތުރަށް ޒަޚަމްކުރިއެވެ. ނަދީމްގެ ހަނދާނަށް އައީ މިލާންއާއި ދިމާވި އެކި ދުވަސްތަކެވެ. އޭގެތެރެއިންވެސް ހަނދާނުން ނުފިލީ އޭނަ އެތަނެއްގެ ވެރިއަކަށް ހުރި ހޮސްޕިޓަލުގައި އާދައިގެ ވޯޑެއްގައި ދަރިފުޅު ނިކަމެތިކޮށް އޮތް ދުވަހެވެ. ނަދީމް ފެންކަޅިވިއެވެ.

ދާނިޔަލް އޭނަގެ ޕެންޓްހައުސް ސުއިޓެއް ވަރުގެ ތަނަވަސް ރީތި ކޮޓަރިއަށް ވަންއިރު ތަޅުންމަތީގައި އޮތީ ޙޫރާ ގެ ކުޅޭ އެއްޗިއްސެވެ. ދާނިޔަލް ހުރިހާ އެއްޗެހި ބިންމަތިން ނަގާފައި ކުޅޭއެއްޗެހި ލާ ބަޔަށް ގެންގޮސް ތަރުތީބުކޮށްނިމިގެން އައިއިރުވެސް އިރާއާއި ޙޫރާ ތިބީ އޭނަގެ ކިންގްސައިޒް ބެޑްގައި ނިދާލާފައެވެ. ވިއްސާރަ ދުވަހަކަށްވީމަ ޙޫރާ ނިންދަވަން އޮވެ އިރާވެސް ނިދީކަން ނޭގެއެވެ. އެހެންނޫނަސް ނޭވާއަށް އުދަގޫވާތީ ބޭސްކެއުމުން ތަންކޮޅެއް ވަރުބަލިވީކަން ނޭގެއެވެ. އިރާގެ މައުސޫމް މޫނަށް ބަލަން އިރުކޮޅެއްވާންދެން އިނދެލާފައި ހަމްދަރުދީވާގޮތްވިއެވެ. އިރާ ކެއްސަންފެށުމުން އިރުގަނޑަކަށްވެސް ނިދާން އޮވެވުނުކަމަކަށްނުވިއެވެ. އިރާ ތެދުވުނުއިރު ދާނިޔަލް އެނދުގެ މަގަތުގައި އިންތަން ފެނުމުން ވަގުތުން ކަނދުރާއަށް އަތް ވައްޓާލައިފިއެވެ.

"އަހަންނަށް ހުވަފެނުގައިވެސް ފެނުނީ ޑެނީ.....ލަވް ޔޫ ސޯ ސޯ މަޗް މައި ޕްރިންސް....." ދާނިޔަލް ހިނިތުންވެލުމުން ކޯތާފަތުން ފާޅުވި އަޑިކޮޅުގައި އިރާ ތުންފަތް ޖައްސައިލީ ނިކަން ލޯބިންނެވެ. އިރާ ދާނިޔަލްގެ ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި ކުޅެލަމުން އަދިވެސް ބޮޑަށް ކާރިވެލިއެވެ.

"ބްރަޝްނުކޮށް ހުރެ ސްމޫޗްކުރާތީ ޕަނިޝްމެންޓެއް ދިނީ..." ދާނިޔަލް އިރާގެ ކުޑަ ނޭފަތުގައި ހިފުމުން އިރާ ހަޅޭއްލަވައިގަންނަން އުޅެފައި އަނގަމަތީގައި އަތްއެޅީ ދަރިފުޅު ހޭލެވިދާނެތީއެވެ.

"ޑެނީ ގަނޑާ، ތަދުވެޔޭ...." އިރާ ނޭފަތް ގުރުޑުކޮށްލިއެވެ. ދާނިޔަލް އަތުތެރެއަށް ގެނެސް ފިތާލާފައި ކޮލުގައިވެސް ބާރަކަށް ހިފާލިއެވެ. އެކަހަލަ ކުދި ގޯނާތަކާއި އުދަގޫތައް ކޮށްލެވުނީމަ ދާނިޔަލްއަށް މަޖާވެއެވެ. ކޮންމެ ގޮތެއް ހެދިޔަސް އިރާގެ ބާރެއް ނެތީމަ ކުރާނެ ކަމަކީ ހަޅޭއްލެވުމެވެ. އާދޭސްކުރުމެވެ. މިފަހަކަށް އައިސް އެ މައުސޫމްކަމާއި ލޫޅާފަތިކަން ދާނިޔަލްއަށް ކަމުދާންފެށިއެވެ. އަބަދާއަބަދު އިރާ ހުންނަނީ ކުޑަކުއްޖެއްފަދައިންނެވެ. ދާނިޔަލް ގެންގުޅޭ ކުޅޭބުދެއްފަދައިންނެވެ. ބޭނުންގޮތަކަށް ގެންގުޅެ، އުފުލައިލެވެއެވެ. ދުވަހަކު ތަފާތުވުމެއްނެތް އެ ރީތިކަން ދާނިޔަލްއަށް ވަނީ ވަރަށް ބޮޑަށް ޚާއްސަވެފައެވެ. މިހާރު އިރާއާއި ނުލައި އުޅުމަކީ އޭނައަށް ކުރެވޭނެކަމެއް ނޫނެވެ. އެ ކުޑަ އާއިލާދެކެ ދާނިޔަލް ކިތަންމެވަރަކަށްވެސް ލޯބިވެއެވެ. އިރާއާއި ދާނިޔަލް އެކަހަލަ ސަކަރާތެއް ޖަހަން ތިބެފައި އިރާވަނީ ފާޚާނާއަށެވެ.
ދިހަވަރަކަށް މިނިޓްފަހުން އިރާ ބޭރަށް ނިކުމެފައި އެނދުމަތީގައި އޮތް އޭނަގެ އައިނު އެޅިވަގުތު އެއްވެސް ތަނެއް ދޮރެއް ނުފެނުމުން މެޔަށް ފިނިފެން އެއްޗެއް އޮއްސައިލެވުނުހެން ހީވިއެވެ. އިރާ ކަރު ފަޅައިގެންދާފަދަ ގޮތަކަށް ހަޅޭއްލަވައިގަތުމުން ދާނިޔަލް ބެލްކަނީގައި ހުރެފައި ދުވެފައި އައީ ވިދުވަރެއްހާ ހަލުވިކޮށެވެ.

"ވަޓް ހެޕެންޑް ބޭބީ....." ދާނިޔަލް އިރާގެ އަތުގައި ހިފާފައި ތަޅުވައިގަތްއިރު އެ މޫނުމަތިން ފާޅުވަނީ ހާސްކަމެވެ. އޭރު އިރާ ހީވަނީ ހިސްޓީރިޔާ ޖެހިފައިވާކުއްޖެއްހެންނެވެ. ރޮއި ރޮއި ހަލާކުވާން ތައްޔާރުވެއްޖެއެވެ.

"އަހަ..އަހަންނަށް ނުފެނޭ....ޑެނީ، އަހަންނަށް އެއްވެސް ތަނެއް ނުފެނޭ.....އައިމް ސޯ ސްކެއާޑް...." އިރާ ބާރުބާރަށް ރޮއިގެންފައި ދާނިޔަލްގެ ގައިގާ ހިފައިގަތީ ކަނޑުގައި ވުމުން ފަތަން ނޭގޭ ކުއްޖަކު އެހީތެރިޔެއްގެ ގައިގާ ހިފައިގަންނާނެފަދަ ގޮތަކަށް ބިރުން ފުރިފައިވާ ހާލުގައެވެ. 

ކޮމެންޓް 0