"އައިމް ސޮރީ ނަހުޔާން......." އައިޒާ ގެ ރާގުން ވެސް އޭނަ ދެރަވެފައި ހުރިވަރު އަންގައިދިނެވެ. ނަހުޔާން ހުއްޓުނީ ރީތިވާ މޭޒުގައި އަތް ވިއްދާލައި ގެންނެވެ. ރުޅިގަދަވެ އައިޒާގެ އަތުގައި ހިފާ ކޮޓަރިން ބޭރަށް ނެރެލާން ބޭނުންވިއިރުވެސް ނަހުޔާން ކެތްތެރިވިއެވެ. "ވަރި" ކިތަންމެ ދުލަށް ލުއި ލަފުޒަކަށް ވިޔަސް ނަހުޔާން އަދިވެސް ހުރީ އެބަސް ނުބުނަން ނިންމައިގެންނެވެ.

"އަހަރެން ބުނެފީމެއް ނު އިތުރު ވާހަކައެއް ދައްކާކަށް ނެތޭ...." ނަހުޔާން މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނުމުން އައިޒާވެސް ދާދި ކައިރީގައި ހުރި ކައުޗެއްގައި އަނެއް ފަރާތަށް މޫނު އަނބުރާލައިގެން އިށީނެވެ. އެވަގުތު އައިޒާގެ ލޮލުން ކަރުނަތިއްކެއް ފޮހެލިތަން އެވަގުތު ނަހުޔާންއަށް ފެނުނެވެ. 

"ޕްލީޒް އަޑުއަހާބަލަ، ނަހުޔާން ބުނާނެ އެއްޗެއް ނެތަސް އެޓެލީސްޓް އަހަރެން ބުނާ އެއްޗެއް އަޑުއެހިދާނެއްނު...." އައިޒާ އާދޭސްކުރިއެވެ.

"ބުނޭ....." ނަހުޔާން އިނީ ރުންކުރުވެފައެވެ. އައިޒާއަށް ބަލައިލެވުނު އިރު ނަހުޔާން އިނީ ދުރަށް ބަލަހައްޓައި ގެންނެވެ. އައިޒާ ހިތްވަރުކޮށްލާފައި ތެދުވެގެންގޮސް ނަހުޔާން ގެ ކުރިމަތީގައި ހުއްޓުނެވެ. ނަހުޔާންގެ ނޭފަތުގައި ޖެހުނީ އައިޒާ އާއްމުކޮށް ބޭނުންކުރާ ލޯޝަނެއްކަމަށްވާ ބިއުޓީ ރަޝްގެ މީރުވަހެވެ. އެތައް ދުވަހެއްގެ ފަހުން ކުރީގެ ހަނދާންތަކެއް އާކުރުވައިފިއެވެ. ކޮޓަރީގައި އެވަސް ހަރުލައިފިއެވެ.

"ނަހުޔާންއަށް އޮޅޭގޮތަށް އެދުވަހު އަހަންނަށް މެސެޖް ފޮނުވިފައިވަނީ، އަހަރެން ބޭނުން ނަހުޔާންއަށް ހަގީގަތް އެނގެން، އަހަރެން ނަހުޔާންއަށް ބޭވަފާތެރިވީ އެންމެ ދުވަހަކު، މެރީކޮށްގެން ހުރެ އެހެން މީހަކާއި އެކު ސްލީޕް ކުރީ އެންމެ ދުވަހަކު.. އެހެންވީމަ މިއީ ނަހުޔާންގެ ދަރިއަކަށްވުމުގެ ފުރުސަތު ބޮޑީ....." އައިޒާގެ ވާހަކަތައް ނިމިގެން ގޮތްހުސްވެފައިވާ ފަދަ ގޮތަކަށް ނަހުޔާންގެ މޫނަށް ބަލައިލުމުން ނަހުޔާން ހުރީ ނުރުހުމުގެ ލޮލަކުން ބަލާށެވެ. އައިޒާ ގެ ވާހަކަތައް ޖަޖްކުރަނީހެން ހީވިއެވެ. ނޫނީ ގަބޫލުވެސް ނުކުރަނީއެވެ.

"ބޭވަފާތެރިވެފައި އަދިވެސް އެކަން ޖަސްޓިފައި ކުރަން އުޅެނީ ދޯ...." ނަހުޔާން ގެ ރީތި ދެލޮލުގައިވާ ހަރުކަށިކަން އެހާ ފަސޭހައިން މަޑުވެދާނެކަމުގެ ނިޝާނެއް ނުފެނުނެވެ.

"ޕްލީޒް، ބިލީވް މީ.. އެ ހިގިކަމެއް ހިނގީވެސް އަހަރެންގެ ރުހުމަކުން ނޫން.. އައިމް ސޮރީ........" އައިޒާ އާދޭހުގެ ރާގަކަށް ބުނުމުން ނަހުޔާންގެ ހިތަށް ހަމްދަރުދީ ވަނެވެ. 

އައިޒާ އިނީ މަޑު ފިޔާތޮށިކުލައިގެ ގަޔަށް ދޫ ހެދުމަކާއި ޖިންސެއްލައި ގެންނެވެ. ބަނޑު އަދި ހިނދިކޮށް ހުއްޓަސް އެބަނޑުގައި އުފެދި ބޮޑުވަމުންދަނީ ނަހުޔާންގެ ދަރިއަކަށްވެއްޖެއްޔާ ނަހުޔާން ދަރިފުޅު ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އައިޒާގެ ގޮތްކުޑަކަމާއިމެދު މީހަކު ހައިރާނެއް ނުވާނެހެއްޔެވެ؟ އެފަދަ ނުބައިކަމެއްކޮށްފައި އިއުތިރާފުވެސްވީއެވެ. ނަމަވެސް ރުހުމަކުން ނޫނޭ ބުނީމަ ހީވަނީ މީހަކު ރޭޕްކޮށްލީ ހެންނެވެ. އެއެއް އޮޅުން ފިލުވާކަށް ނަހުޔާން ބޭނުމެއް ނުވިއެވެ.

"އޯކޭ...." ނަހުޔާން ތެދުވެގެން ހިނގައިގަތީ ބާތުރޫމާއި ދިމާލަށެވެ. ނަހުޔާންގެ އެ ޖަވާބުން އައިޒާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނެވެ. އޭގެ މާނައަކީ ނަހުޔާން ކޮންމެވެސް ވަރަކަށް އައިޒާގެ ވާހަކަތައް ގަބޫލުކުރިކަމެވެ. އަދި އޭނަ މިގޭގައި ހުންނަން ހުއްދަ ދިންކަމެވެ. ނަހުޔާންއަށް ހާދަ ވިސްނެއެވެ. ނަމަވެސް ދަރިފުޅު ލިބުމަށްފަހު ޑީއެންއޭ ޓެސްޓެއް ހަދާލާފައި ނަހުޔާންގެ ކުއްޖަކަށް ނުވެއްޖެއްޔާ އޭނަ ވަރިކުރާނެކަން ޔަގީނެވެ. އޭނައަށް އޮޅުވާލައިގެން އޭނަގެ ފަރާތުން އުފާ ހޯދީ ނަހުޔާންގެ ލޯބިވާ ކޮއްކޮއޭ ބުނެފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އޭނަ އެ ސިއްރު ގިޔާމަތާއި ހަމަޔަށްވެސް ސިއްރުކުރަން މަސައްކަތް ކުރާނެ އެވެ. ލޯބިވާ ދެބެންގެ ދޭތެރޭގައި ހަމަނުޖެހުން އުފެއްދުމުގެ އަސްލަކަށް ވާކަށް ހިތެއް ނޭދެއެވެ.

ކައިވެންޏަކަށް ގެ ތައްޔާރުވަމުން އަންނައިރު އެގޭގައިވަނީ ހަލަބޮލިކަމެވެ. އާއިލާގެ މީހުންތައް އެގެއަށް އައުން ގިނަވިއެވެ. ގިނައިން ފެންނަނީ ޝާހީ މުއްސަނދި މީހުންނެވެ. ރީތިކަން ހުސްކޮށްލާފައިވާ އަންހެނުންނާއި ހައިބަތު ހުރި ފިރިހެނުންތަކެވެ. އައިޒާއަށް އެންމެން ފެންނަން ފެށުމުން ނޭގޭފަދަ އުފަލެއް ލިބިގެން ދިޔައެވެ. އަބަދުވެސް ޕްރިންސެސް އަކަށް ވާހިތުން އުޅުނު ކުއްޖެކެވެ. ހުވަފެންތައް މިވަނީ ގާތްގަނޑަކަށް ހަގީގަތަކަށްވެފައެވެ. މި ޚާންދާނަށް ނިސްބަތްނުވާ ކުއްޖަކަށްވިޔަސް އާއިލީ އެކުވެރި ބަޔަކަށްވެފައި އަދި މި ބޮޑު ޚާންދާނުގެ ޅީ ދަރިއަކަށްވުމުގެ ޝަރަފު ލިބުނުކަމަށްޓަކައި ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ.

ދީނާއަށް އައިޒާ ތައާރަފުވުމުން އައިޒާއަކީ ކަމުދާފަދަ ޅީދަރިއަކަށްވިއެވެ. މުއްސަނދި އާއިލާއެއްގެ ކުއްޖަކަށްވެފައި ކިޔަވައިގެން ހުރި ރީތިކުއްޖަކަށްވުމުން ނަހުޔާން އާއި ގުޅޭކަމަށް ހިތް ގަބޫލުކުރިއެވެ. އައިޒާ އާއި މިލާންވެސް ދިމާވިއެވެ. އައިޒާ ފާހަގަކުރީ މިލާންގެ ރީތިކަމެވެ. މަޑުމައިތިރި ކަމެވެ. ހެދުންއަޅާ ސްޓައިލް އެހާ ހިތްގައިމެވެ. ހެދުންތައް ގަޔަށް ތަންކޮޅެއް ދޫކޮށް ހުއްޓަސް އެ ރީތި ފްރޭމް މުޅިން ފޮރުވައެއް ނުލެވެއެވެ. މޭކަޕް ނުކުރިޔަސް އެ މޫނުގެ ކޮންމެ ސިފައެއް ވަކިވަކިން ރީއްޗެވެ. އައިޒާ ހައިރާންވީ އެއީ ނަހުޔާންމެން ގެ ކޮއްކޮއެއްކަން އެނގުމުންނެވެ. ނަމަވެސް މަންމަ އަކާއި ދަރިއެއްގެ ދެމެދުގައި އޮންނަންވީ ގުޅުމަށްވުރެ އެ ދޭތެރޭގައި ރަސްމީކަމެއް އޮންނަހެންވެސް ހީވެއެވެ.

"އެވަރލޭންޑް" އަށް ދީނާ އާއި މިލާން އައުމުން އެގޭގެ ދިރުން އެތައް ގުނަ އިތުރުވެފައިވެއެވެ. ދީނާ އަބަދުހެން ފެންނަނީ އުފާވެރި މޫނަކާއި އެކު ކޮންމެވެސް ކަމަކާއިގެން އުޅޭތަނެވެ. ގޭތެރޭގައި މާތަކާއި އުއްބައްތިތައް ގެންގުޅޭވަރުން ޖުވޭދާހުންނަނީ ފޫހިވެގެން ހަލާކުވާވަރުވެފައެވެ. އޭނަގެ ދަރިފުޅަކީ މިހުރިހާ ތަކެއްޗަށް އެލާޖިކްވާ ކުއްޖެއްކަން ނޭގެނީ ހެއްޔެވެ؟ ނޫނީ ގަސްތުގައި ކުރާ ޖެއްސުމެއް ހެއްޔެވެ؟ ދީނާ މާބޮނޑިތައް ހަދާފައި ވާސްތަކުގައި ޖެހުމުން ގޭތެރޭގެ ޒީނަތްތެރިކަން އިތުރުވެއެވެ. ރޭގަނޑަށް އުއްބައްތިތަކުން އުޖާލާކޮށްލުމުން ވަކިން ޝާހީކޮށް ދައްކައެވެ. 

މިލާންއަށް އިރާ ޕިއާނޯ ކުޅޭކަމާއި ލަވަ ކިޔަން މޮޅުކުއްޖެއްކަން މަލީކްގެ ފަރާތުން އޮޅުން ފިލުމުން އިރާ ގޮވައިގެން ގެނެސް ޕިއާނޯގެ ކާރީގައި ބޭންދިއެވެ. މިލާން އެދުނީ ލަވައެއް ކިޔައިދިނުމަށެވެ. ފުރަތަމަ އިރާ ދެކޮޅުހެދިއެވެ. ނަމަވެސް އޭނަ ތަންކޮޅެއް ކުރީއްސުރެ ދެލޯ މަރާލައިގެން އިނދެ ޕިއާނޯގެ ފިތްތަކާއި ކުޅެން އާދަކޮށްފައިވާތީ މިއީ ފޫހިފިލުވުމުގެ ބައިވެރިޔަކަށް ވެދާނެކަމަށް އިރާ ގަބޫލު ކުރިއެވެ. އިރާ މަޑުމަޑުން ޕިއާނޯގެ ފިތްތަކުގައި އަތްލިއެވެ. އެ އަތުގައިވި ޖާދޫއަކުން މިލާންގެ ހިތަށް ވެސް އަސަރުކުރިއެވެ. ހިތްހަލާކު ކުރުވާފަދަ ހިތާމަވެރި ރާގެއް އަޅުވައިލުމުން ހީވީ މިލާންގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނުހެންނެވެ.

"ހާދަ ރީއްޗޭ......." މިލާންއަށް ބުނެވުނެވެ.
"މިލާން ލަވައެއް ކިޔާދީފާނަންތަ؟ " އިރާ އާދޭސްކުރަންފެށިއެވެ.
"އިރާ ތިހާ ބޭނުމިއްޔާ......." މިލާން ކިޔަންފެށީ ބްލެކްމޯރސް ނައިޓްގެ ސްޓިލް ރިމެމްބަރ ޔޫ އެވެ. ލަވައިގެ އަޑުއިވިގެން އައިޒާ އެތަނަށް އައުމާއިއެކު މިލާން ވަގުތުން ލަވަ ކިޔުން ހުއްޓާލީ ލަދުންނެވެ. އެތަނަށް އައީ އައިޒާކަން އެނގުމުން އިރާ އިނީ ތުން ފިތާލައިގެންނެވެ. އޭނަ ވަގުތުން އެތަނުން ދާން ބޭނުންވިއެވެ. އިރާގެ ހިތުގައި އައިޒާއާއި މެދުގައި އެއްވެސް ގަދަރެއްނެތެވެ. ނަހުޔާންފަދަ ވަފާތެރި ފިރިޔަކު ހުއްޓާ އޭނަގެ ކޮއްކޮއާއި ރައްޓެހިވެގެން އުޅޭތަން ދެކެފައިވަނީ އިރާގެ ދެލޮލުންނެވެ. މީހަކު ބުނީއެއް ނޫނެވެ. އެހެންނޫނަސް ގެއިން ފިލައިގެން ދިޔުމަށްފަހު އަލުން އެނބުރި އައުމުން ނަހުޔާން އައިޒާ ގަބޫލުކުރީތީވެސް އިރާ ހައިރާންވިއެވެ. އިރާގެ އަމިއްލަ ހާލު ހުރިގޮތުން އެހެން މީހުންނާއިމެދު ވިސްނޭ ވަރު ނުވިޔަސް އޭނަ އައިޒާއާއި އަނގައިން ބުނާކަށް ނޫޅެއެވެ.

"އިރާ....." އައިޒާ އެހާ ލޯބިން ގޮވާލުމުން އިރާއަށް ވާހަކަ ނުދައްކައި އިންނާކަށް ނުކެރުނެވެ. މިލާންވެސް ކުޑަކޮށް ހެވިފައި އިނދެ އެކުދިންގެ ވާހަކައާއި ބައިވެރިވިއެވެ. ނަމެއްގައި ވިޔަސް މިއީ މިލާންގެ ދެ ފަހަރިން ވިއްޔާއެވެ. މިލާން އިރާ ގޮވައިގެން ކާކޮޓަރިއަށް ދިޔައިރު ދީނާ މުފީދާއަށް ކޮންމެވެސް އަމުރެއްކުރަން ހުއްޓެވެ.

"ކުޅި ބޯކިބާ މިގެއިން ކާނީ ކާކުތަ މުފީދާ، ޕިއްޒާ އެއްޗެއް ހަދާލާ، ރޯޒާއަށް އެނގޭނެއްނު...." ދީނާ ގެ ވާހަކަ ހުރި ގޮތުން އަސަރުކުރީ މިލާންއަށެވެ. ދީނާގެ އަނެއް ފަރާތް ފެންނަން މިފެށީ އަދި ކިރިޔާއެވެ.

"ނާށި އަންދައިގެން ބޯކިބަލާއި މަސް ފިހުނީމަ ބޮސްއަށް މީރު ކަމަށް މެޑަމް ބުނުއްވާތީ......" މުފީދާ ހުރީ ހިނިތުންވެލައި ގެންނެވެ. ދީނާ މަޑުމަޑުން އެއްޗެކޭ ކިޔާލާފައި ނުކުމެގެން ދާން ހިނގައިގަތުމުން މުފީދާ ދިޔައީ މިލާންގެ ބޮލުގައި ފިރުމާލާފައެވެ. އިރާ ގޮނޑީގައި އިށީދެލާފައި ފެށީ މުފީދާ ދެކެ ރުޅިއަންނަ ވާހަކައެވެ. މުފީދާ އޭނަގެ މަންމަ ގާތުގައި ދޮގުހަދާކަމަށެވެ. މިލާން އަހައަހާ ވީގޮތެއް އިރާ ނުބުނުމުން މިލާން ހީކުރީ އިރާ ހަދަހަދައިގެން ވާހަކަ ދައްކަނީ ކަމަށެވެ. އެހެންނޫންނަމަ އޭނަގެ މާމައަކީ އެހާ ނުބައި މީހެއް ނޫނެވެ. މިލާން ގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން ވަގުތުން މާމަ ގޮވައިގެން އެގެއާއި ވީހާވެސް ދުރަށް ދާން ބޭނުންވިއެވެ. ނަމަވެސް މިލާންއަށް މާމައަށް ކޮށްދެވޭނެ މާ ބޮޑުކަމެއްނެތެވެ. ވަޒީފާ ގަނޑެއް ނެތިއްޔާ އޭނަ އުޅެންޖެހޭނެ ހާލެއް ނޭގެއެވެ. ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ؟ މާމަ ހައްޖަށް ފޮނުވާދީ ބޭސްކުރުވަންވެސް ބޭނުމެވެ. މާމަވެސް އުޅެނީ އަބަދު ކޮންމެވެސް ތަނެއްގައި ރިއްސާތީއެވެ. ނޫނީ ދެލޮލުން ފެން އަންނާތީއެވެ. މިފަހުން ނަމްބަރު އައިނެއް ހަދާފައި އޮވެއެވެ. އެއީވެސް މަލީކްމެންގެ ހެޔޮކަމެވެ. ލޭ މަތިވެފައި ހުންނާތީ ގަވާއިދުން ބޭސްކާން ޖެހެއެވެ. އެވަރުންވެސް އަދިވެސް މާމަ މިއުޅެނީ ބަޔެއްގެ ނޯކިރީކަމުގައެވެ. އަޅުވެތިކަމާއިއެކު އުޅޭއިރު އެމީހުން ހިތަށް އައިހާ އެއްޗެއް ކިޔަން ޖެހެއެވެ. އޭނައަށް ގެއެއްގެ ވެރިކަން ލިބުނު ދުވަހަކުން ނޯކަރުންނާއި މެދު ކަންތައް ކުރާނީ އާއިލާ ގޮތުގައެވެ. އެފަދަ ދުވަހެއް އަންނާނެނަމައެވެ.

މިލާންގެ ހިތުގައި އުފެދުނު ލޯބި ވަޅުލާން ޖެހުމުން ހިތާމަކުރިޔަސް އޭނަ ފަހަރެއްގައިވެސް ދީނާގެ ދަރިއަކާއި ރައްޓެއްސެއް ނުވާނެއެވެ. އޮޅިގެންވެސް އެ ބަސްނާހާ ހިތް ދާނިޔަލްއަށް ހަދިޔާ ކުރެވުނީތީ ހިތާމަކުރިއެވެ. ހިތެއްގައިވާ ލޯބި ފޮހެލުމަކީ ފަސޭހަކަމެއް ނޫންކަން މިލާންއަށްވަނީ ފިލްމުތަކާއި ވާހަކަތަކުން އެނގިފައެވެ. ލޯބީގައި ހިތާމައެކުލެވޭ ކަމާއި ހިތުގައި އަޅާ ވޭނުގެ ވާހަކަ ދެއްކޭއިރު އޭނައަށް ލޯބީގައި ނާކާމިޔާބުވެ މިގޮތަށް ކަރުނައޮއްސަން ޖެހިދާނެއޭ ހިތަކަށް ނާރައެވެ. ނަމަވެސް މިލާންއަށް އެނގެއެވެ. އޭނަ ދާނިޔަލް ފުރަތަމަ ފެނުމާއިއެކު އެވީގޮތް ބަޔާންކުރާކަށް ނޭގުނެވެ. ދީވާނާވި ވަގުތުކޮޅެކެވެ. އެދުވަހުން ފެށިގެން ލޯބިވެވުނެވެ. ޝޮޕިން ސެންޓަރުން ދާނިޔަލްގެ ގައިގާ އަޅައިގަތްދުވަހު އޭނަގެ ހިތްވަނީ އަތުން ވީއްލިގެންގޮސްފައެވެ. އުމުރަށް ދާނިޔަލްގެ އެއްޗަކަށް ވެ ނިމިފައެވެ. ނަމަވެސް އޭނަ އުމުރު ހުސްވެގެންދާއިރުވެސް ހިތުގައިވާ އެއްޗެއް އެހެން އިންސާނަކަށް ހާމައެއް ނުކުރާނެއެވެ. ޚާއްސަކޮށް ދާނިޔަލްއަށް އެކަން އެނގިގެން ނުވާނެއެވެ. އެހެންނޫންނަމަ ދެން ވާނެގޮތެއް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.

ހޫނުގަދަކަމުން ގޮސް ހީވަނީ ބިންގަނޑުންނާއި ފުރާޅުން އާވި އަރާހެންނެވެ. ފަޒާވަނީ ހިރަފުހުން ފުސްވެފައެވެ. މިލާން ރަތާއި ހުދުގެ ކޮޓްން ގަމީހެއްލައިގެން ނޫޖިންސެއްލައިގެން ހުރިއިރު ފެންނަނީ ޕަރީއެއްހެންނެވެ. އޭނަ އެވަރލޭންޑްގެ ކުރީގެ އިމާރާތުގެ އަނބުހުގެ ތިރި ގޮފިގަނޑެއްގައި އަތް އަޅުވާލައިގެން ވިސްނުމެއްގައި ހުރިއިރު ޖަބްލާނީ ކޮޅެއްކަމުން ދިޔައެވެ. ޖަންބުކުލައިގެ ތުންފަތަށް ވެރިވެފައިވަނީ ގަދަ ރަތްކުލައެކެވެ. އެހާ އަވިގަދައިރުވެސް އޭނަ ފެންނަނީ ތާޒާކޮށެވެ. 

ކޮންމެވެސް މީހަކު މިލާންގެ ލޮލުގައި އަތްއަޅާލުމުން މިލާން ގެ ހިތަށް ހީވީ ގަނޑުފެން ތަކެއް އަޅާލިހެންނެވެ. މުޅިގައިގާ ހީބިހިނެގިއެވެ. އެ އަތުގެ ބީހިލުމުން ވެގެން ދިޔަގޮތެއްވެސް މިލާންއަށް ބަޔާންކުރާނެ ގޮތެއް ނޭގުނެވެ. ލުއި ފިރުމާލުމަކުންވެސް އެފަދަ ގޮތްތަކެއް ވެދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ފުރާނަވެސް ދިރިގެންދާފަދަ ލުއި ސެންޓުގެ މީރުވަހުން އެކަނިވެސް އެއީ ދާނިޔަލްކަން މިލާން ދަނެގަތެވެ.

"ދާނިޔަލް..ތަދުވޭ......" މިލާންއަށް ކިޔައިލެވުނެވެ. 

"އެހާ ޑެލިކޭޓްތަ؟ ނޫނީ އަހަރެންގެ ބާރު ތަންކޮޅެއް ގަދައީތަ؟ ކުޑަކޮށް ވައިލްޑްވީމައެއް ނު ގާލްސްއިންނަށް މަޖާވާނީ....ނޫންތަ؟ އެކަމަކު މިލާންއަށް ތަދުކުރާހިތެއް ނުވޭ...ނޭގޭ ކީއްވެކަމެއް...." ދާނިޔަލް އަތް ނައްޓައިލުމުން މިލާން ހުރީ ހަތަރުކަޅި ހަމަނުކުރާންވެގެންނެވެ.

"ޑެނިއަލް ތިކިޔާ އެއްޗެއް އަހަންނަކަށް ނޭގޭ...." މިލާން ހިތްހަމަނުޖެހިފައިވާ ގޮތަކަށް ބުނެލިއެވެ.

ދާނިޔަލް އެ މޫނުގައި ފިރުމާލާ ހިތްވިއެވެ. ރީތި ތުންފަތުގެ ޝާއްބަކަމުން ދާނިޔަލްގެ ނަޒަރު އެ މޫނުން ވަކިކޮށްލަން އުދަގޫވިއެވެ. އިރުކޮޅަކަށް ނަމަވެސް އެއީ އޭނަގެ ކޮއްކޮކަން ހުރީ ހަދާންނެތިފައެވެ. އެ ހަދާންވުމުން ދާނިޔަލްގެ މޫނުގެ ކުލަ ފަނޑުވެ ފުން ނޭވައެއް ދޫކޮށްލެވިއްޖެއެވެ. "ފޮބިޑްން ފުރުޓް ޓޭސްޓްސް ދަ ބެސްޓް" ދާނިޔަލް ގެ ޚިޔާލު ބަދަލުވާން އުޅުނެވެ. އެންމެފަހަރަކުވެސް މިލާންގެ ރީތިކަން މިލްކުކޮށްލާ ހިތްވާންފެށިއެވެ. އިތުރަށް އެންމެ ފާފައެއްކޮށްލިޔަސް ރަނގަޅު ވާނެއެވެ. ދާނިޔަލްގެ އީމާންތެރިކަން ބަލިކަށިކަމުން އެފަދަ ކޮންމެ ވަގުތެއްގައި އޭނަ އޮޅުވާލަން ޝައިތާނާ ހުންނަނީ ފައި ވިއްދާލާފައެވެ.

"އަހަރެން ނުވޭ ސަމާސާ ކުރާހިތެއް...." މިލާން ގެ ހިތާއި ދެކޮޅު ހަދާލާފައި ގަދަކޮށްލަން އުޅުނެވެ. 

"ރިއަލީ؟ ކީއްވެތަ؟ ކޮންމެވެސް ސަބަބެއް އޮންނަންވާނެއްނު، އެހެންނޫނަސް ދުވާލަކަށް ވަކި މޫޑެއް ގެންގުޅެންޏާ އަހަރެން ހާދަ ފޫހިވޭ.. އަހަންނާއި ވާހަކަ ނުދައްކާށޭ މީހަކު ބުނީތަ؟ މީހުން ބުނާ އެއްޗަކަށް އިތުބާރުކުރާކަށް ނުވާނެ އިނގޭ......" ދާނިޔަލް ލާނެތް ގޮތަކަށް ހީލައިފިއެވެ. މިލާން ދެލޯ ބޮޑުކޮށްލާފައި ދާނިޔަލްއާއި ދިމާލަށް ބަލައިލިއިރު ދާނިޔަލް ހުރީ ކަޅިވެސް ޖަހާނުލައި ބަލަހައްޓައިގެންނެވެ.

"ނޫން، އެހެނެއް ނޫން........." މިލާން ކަންބޮޑުވެފައި ހުރެ ގެއާއި ދިމާލަށް ދާންފެށުމުން ދާނިޔަލް ކުރި ބެއްދިއެވެ. މިލާންގެ ނޭވާ އެތެރެހަށީގައި ތާށިވީ އަނެއް އިމާރާތުގެ ބެލްކަނީގައި ދީނާ ބަލަން ހުރިތަން ފެނުމުންނެވެ. ގަތްބިރުންގޮސް މިލާންގެ މޫނު ހުދުވެ އަނބުރައިގެންފާނެހެން ހީވިއެވެ.

"ގޯސްޓެއް ފެނުނީތަ؟ " މިލާންގެ މޫނަށް ވެރިވި ކުލަވަރު ދެކެފައި ދާނިޔަލް އެނބުރި ބަލައިލި އިރު އޭނައަށް ކިރިޔާފެނުނީ ދީނާގެ ހެދުމުގެ ފަސްބަޔެވެ.

"މަންމަ ދޯ... ކުޑަކޮށް ރޫލްސްތައް ބްރޭކްކޮށްލިއްޔާ ކީއްތަ ވާނީ، މާ ރަނގަޅުވާން ހަދައިގެން އެންޖޯއިއެއް ނުކުރެވޭނެ، ދިރިއުޅުމަކީ ކުރި އެއްޗެއް އެހެންވީމަ ބޭނުން ވަރަކަށް މަޖާކޮށްލެވެން ވާނެ......" ދާނިޔަލް ހުރީ ސަމާސާ މޫޑެއްގައެވެ. އެހެންނޫނަސް ގިނަފަހަރު މީހަކު ރުޅިއަރުވާން ވެއްޖެއްޔާ އޭނަ ކޮންމެފަދަ އެއްޗެކޭވެސް ކިޔާފާނެއެވެ. ހިތުގައިވާ އެއްޗެހި ނޫނީ އޭނަގެ ޚިޔާލު ހުންނަގޮތް މީހުންނާއި ހިއްސާކުރުން މުހިއްމެއް ނޫނެވެ.

ދާނިޔަލް އަކަށް މިލާންގެ ހަގީގަތެއް ނޭގެއެވެ. މިލާންއަށް ދީނާ ދީފައިވާ އިންޒާރުގެ ހިލަމެއްނުވެއެވެ. ނިކަމެތި ކުއްޖެއްގެ ހަޔާތުގައި ނޭގުމުގެ ތެރޭގައި އަލިފާންޖެހެން އުޅެނީކަމެއްވެސް ނޭގުނެވެ. ދާނިޔަލް އަބަދުވެސް ހިތް އެދޭހާކަމެއް ކޮށްލަނީ ފަހުން ވާނެގޮތެއް ވިސްނާލުމަކާއި ނުލައެވެ. މިލާންއާއި ދޭތެރޭގައި ކޮންމެވެސް ވަރެއްގެ އިހުސާސްތަކެއް ހިތުގައި އުފެދުނަސް އެއަށް ލޯބީގެ ނަން ދޭކަށް ދާނިޔަލް ބޭނުމެއްނުވިއެވެ. 

މިލާން ޖަވާބެއްނުދީ ކުރިއަށް ނެގި ފިޔަވަޅު ހުއްޓުވާން ހިތަށް އަރުވާފައިވެސް ދާނިޔަލް ހިމޭންވިއެވެ.

މިލާން ގެއަށް ވަނުމުން މިއަދު ދީނާ ވާހަކަދެއްކީ ނިކަން ރީތިކޮށެވެ. ނަމަވެސް މިލާން ދެވަނަފަހަރަށް ދާނިޔަލްއާއި އަނގައިން ބުނިކަން އެނގުނަސް މިލާން ދޫކޮށްލަން އޭނައަށް މަޖުބޫރުވާނެކަމަށް ދީނާ އެންގިއެވެ. ދީނާގެ ނުފޫޒުގަދަކަމުން އޭނަ ބުނި ކޮންމެކަމެއް ކޮށްލާނެ މީހެއްކަން އެނގޭތީ މިލާން އެކަމަށް ވައުދުވިއެވެ. މިލާން ހުރީ ކަރުނަތައް ހިފަހައްޓާލައިގެންނެވެ. ހިތް ރުޔަސް މިލާން ކެތްތެރިވީ އިންތިހާއަށެވެ. އޭނަ ލޯތްބަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. ނަމަވެސް އޭނަގެ ލޯބިވާ މާމައަށް ދެރަގޮތެއްވާކަށް ނޭދެއެވެ. މާމައަށް ހައްޖަށް ދެވޭނެ ދުވަހެއް ދެއްކެވުމަށާއި ދިގު އުމުރެއް ދެއްވުން އެދި ނަމާދުގެ ފަހުގައި ދުޢާކުރެވުނު އަދަދެއްވެސް ނޭގެއެވެ.

ސާރާ އާއި ޖުވޭދާ އެވަރލޭންޑްގެ މުސްކުޅި އިމާރާތުގެ ތެރޭގައި ވާހަކަ ދައްކަން ތިބިއިރު އާދައިގެ މަތިން ދެމީހުންވެސް އެކި ވާހަކަތައް ދައްކަމުންދިޔައެވެ. ދެމީހުންގެ މިޒާޖުގައި ތަފާތުކަމެއް ހުއްޓަސް އަނގަތަޅާހިތްވާތީ ދެމީހުން އެއްތަން ވެއްޖެއްޔާ މުޅި އާއިލާގައި ހިނގާހާކަމެއްގެ ވާހަކަތައް ދެކެވޭނެއެވެ. އަދި އަވަށްޓެރިންނާއި އެކުވެރިންގެ ތެރޭގައި ހިނގިކަމެއްވެސް ސިއްރުވެފައެއް ނޯންނާނެއެވެ.

"ޖުވޭއަށް ޔަގީންތަ؟ ކާކު މިލާންގެ ބައްޕައަކީ...." ސާރާ އަހާލައިފިއެވެ.

"ބައްޕައެއް ނެތްކަމަށްވަނީ....ކުޑައިރުގެ އައިޑީގައި އޮތީ މަންމަގެ ނަން އެކަނި، މިޒަމާނުގައި ނަހަލާލުދަރިން ވިހެއުމަކީ ފެޝަނެއްހެން ހީވަނީ، މަންމައަށް ކިޔަނީ ނަދާ، ދީނާ ކޮންމެވެސް ނުބަޔެއް ހަދަން ނޫޅޭނަމަ އެންމެނަށް އެހާވަރުގެ ކަމެއް ފޮރުވައިގެން ނުހުންނާނެ...." ޖުވޭދާ އެބުނި ނަދާ އަކީ ކާކުކަން ސާރާއަށް އެނގުނުކަމަކަށް ނުވިއެވެ. 

ގޭތެރޭގައި އަޅާފައިވާ ބޯ ދޫލައިގެ ސަބަބުން މީހެއްގެ ފިޔަވަޅުގެ އަޑުވެސް ފޮރުވައިދޭނެއެވެ. އެ އަޑުއަހަން އެތާ މީހަކު ހުރިކަމެއް ޖުވޭދާ މެންނަކަށް ނޭގުނެވެ. ފާރުގައި ކަންފަތް ހުރެޔޭ ބުނާ އުސޫލުން އެ ސިއްރުވެސް އެއޮތީ ބޭޒާރުވެފައެވެ. ނަމަވެސް ބައެއްފަހަރު އަންހެންވެރިން ފަދައިން އެންމެންނަކީ ސިއްރުތައް ހާމަކުރަމުން ދުވާނެ ބަޔެއް ނޫނެވެ. އެނގޭ ކަންތައް އޮންނާނީ އެމީހެއްގެ ހަމައިގައެވެ.

މިލާން ކޮޓަރީގައި އިނދެ ނަމާދުކޮށްލައިގެން ގުރުއާން ކިޔަވަން ވަރަށް ގިނައިރުވާންދެން އިނެވެ. މާމަ ދަސްކޮށްދީފައި އޮންނަނީ ގިނަގިނައިން ރަސޫލާއަށް ސަލަވާތްކިޔެވުމަށް ކަމަށްވާތީ އެންމެ މަދުވެގެން ސަތޭކަ ފަހަރު ސަލަވާތް ނުކިޔާ ދުވަހެއްވެސް ނުދާނެއެވެ. މާމަމެން ކުރީގައި ރަސޫލާގެ އީދު މީލާދީގައި މާލޫދުކިޔުއްވާ ބޮނޑިބަތް ކައްކާ ހަދައެވެ. އެއީ ބިދުއައެއްކަމެއް އޭރަކު ނޭގެއެވެ. އީދުމީލާދީ އެގޮތަށް ފާހަގަކޮށްގެން ނުވާނެކަމެއް އޭރަކު ނޭގެއެވެ.

މިލާން ގިނައިރުތަކެއް ވާންދެން އަޅުކަން ކުރެވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ވިދުވަރުގަދަ ދެލޮލުގެ އަލިކަން ވަކިން ގަދަވިއެވެ. ހިތުގައިވާ ނަން ހިތުން ފިއްލަވަން ކުޅަދާނަ ފަރާތެއްވެއެވެ. އެކަށީގެންނުވާ ޒުވާނަކާއި ހެދި އުޅުމުގެ މާނައެއް ނެތެވެ. ދީނާއަށް ހީވަނީ އެމީހުންނަކީ އާދައިގެ އިންސާނުންނަށްވުރެ މާ މަތީގައި އުޅެން ޖެހޭ ބަޔެއްހެންނެވެ. ޚާންދާނުގެ މޮޅުކަމުން ކިބުރުވެރިވާން ޖެހޭހެއްޔެވެ؟ މި ޒަމާނުގައި އާއިލީ މޮޅުކަން އެހާ މުހިއްމުބާވައެވެ.

މިލާން އިރާއަށް އެހީތެރިވެދީފައި ފެންވަރައި ހަދާލީވެސް އެކޮޓަރިންނެވެ. އަމިއްލަ ކޮޓަރިއެއް ލިބުނީމަ އޭނަ ދޫކޮށްލާފައި އިރާގެ މެއިޑެއްގެ ގޮތުގައި ޚާއްސަވެގަތީ އަމިއްލަ އަށެވެ. އޭނަ ނިދަނީ އިރާގެ ކޮޓަރީގައި ހުންނަ ސޯފާގައެވެ. އެވެސް އޭނަ ނިދި ހަރު ތަންމައްޗަށްވުރެ އެތައް ގުނަ އަރާމެވެ.

މިލާން ނިމިގެން ތިރިއަށް ދާންކަމަށް ކޮޓަރިން ނިކުމެވުނުކަމުގެ މޮޔަހީވިއެވެ. ބެލްކަނީގައި ދާނިޔަލްއާއި އޭނަގެ އެކުވެރި ޒުވާނުންތަކެއް ކޮންމެވެސް ވާހަކަތަކެއް ދައްކަން ތިއްބެވެ. އެމީހުން ފެނުމުން މިލާން އެތެރެއަށް ވަންނަން އުޅެލާފައި ޚިޔާލުބަދަލުވިއެވެ. ނޯކަރު ކުދިން ގޭގެ ވެރިން ފެނުނީމަ ތުއިވާންވީ ސަބަބެއް ނެތެވެ. މިލާން އިސްއުފުލާލައިގެން ހުރެ އެމީހުންނާއި ދާދި ކާރިން ލާފައި ދިޔައިރު އޭނަ ފައި އޮޅުވާނުލަން މަސައްކަތް ކުރިއެވެ. މިލާން ސިޑިއާއި އަރާހަމަވީއިރު އެމީހުން ކޮންމެވެސް އެއްޗެކޭ ކިޔާފައި ހީގަތީމަ ލަދުން އޭނަ ނުވިރުނީ ކިރިޔާއެވެ. އޭނައަށް އެނބުރި ބަލައިލީވެސް ރަކިވީވަރުން ބޭ އިޚުތިޔާރުގައެވެ. ދާނިޔަލް އާއި ހަތަރުކަޅި ހަމަވުމުން އެއް ލޯމަރާލި ގޮތުން ރަނގަޅަށްވެސް ފައި އަރިއަޅާލިއެވެ. ވިސްނައިގެން ހުރެފައި ޑިޒައިނަރ ސިޑީގެ ރެއިލިންގައި ނުހިފެހެއްޓުނުނަމަ އޭނަގެ ދުވަސް ދާނެކަން ޔަގީނެވެ.

"ކެއަރފުލް ބޭބީ ސިސް..." ދާނިޔަލް ގެ ރާގުގައި މަލާމާތުގެ ގޮތެއް ހުއްޓެވެ. ބެލްކަނީގެ ރެއިލިންގައި އަތް ޖައްސާލައިގެން ހުރި އިރު މޫނުގައި ބޮޑާކަމެއް ހުރިތަން މިލާންއަށް ފެނުނެވެ. މަންމަ ފަދައިން ދާނިޔަލްވެސް އޭނަ އާއި މެދު އެހާ ދަށްކޮށް ވިސްނަން ފެށީކަން ނޭގެއެވެ. 

ދާނިޔަލްގެ އެކުވެރިން ބެލްކަނީގައި ތިބެގެން ވާހަކަދައްކަން ތިބިއިރު މިލާންއަކީ ދާނިޔަލްގެ ކޮއްކޮކަން އެނގިފައެއްނެތެވެ. އެމީހުން މިލާންއޭ ކިޔައިގެން ދިމާކުރުމުން ދާނިޔަލް ހުރީ މަޖާވެލާފައި ހީލަ ހީލައެވެ. އެއީ ކޮއްކޮކަން ބުނެދިނުން އޭނައަކަށް މުހިއްމެއް ނުވިއެވެ. ނަމަވެސް ދާނިޔަލްގެ ބޮޑުދައިތަ ސާރާގެ ދަރިފުޅު ރިވާންއަށް މިލާންއަކީ ދީނާގެ ދަރިފުޅުކަމަށް އެނގިފައިވެއެވެ. އޭނަ ހުރީ ދާނިޔަލްގެ ހަރަކާތާއި މެދު ކުޑަ ޝައްކެއްވެފައެވެ. ދާނިޔަލް މިލާން އާއި މެދު ކޮއްކޮއެއްގެ ގޮތުން ދެކޭކަމަކަށް ރިވާން ގަބޫލެއް ނުކުރެއެވެ. ރިވާން އެއްބުމަ އަރުވާލާފައި އެހެން އެކުވެރިޔެއްކަމަށްވާ އައިކަންގެ ގައިގާ ކޮނޑުން ޖަހައިލިއެވެ.

"ހޭއި ކެން... ހިނގާބަލަ ޓުރުތް އޯ ޑެއަރ ކުޅެން..." ރިވާންގެ ޖުމްލައިން ދާނިޔަލް ބަލައިލި ގޮތުން ހީވީ ކުއްލި އަކަށް އޭނަގެ އެކުވެރިން އެފަދަ ވަގުތެއްގައި ބުނަން ނުޖެހޭނެފަދަ ވާހަކައެއް ބުނިހެންނެވެ. އެކުވެރިން އޭލިއަނުންނަށް ބަދަލުވި ނަމަވެސް އެހާ ހައިރާންވާނެކަމެއް ނޭގެއެވެ.

"ވަޓް. މޮޔަވީތަ؟ " ދާނިޔަލް އަހާލިއެވެ.

"ކޮންއިރަކުންތަ ތިހާ ފިނޑިވީ...." ރިވާން ހުރީ ކޮންމެވެސް ސަބަބަކާއިހުރެ ދާނިޔަލްއާއި ނުރުހިފައެވެ.

"ތެދެކޭ، އަބަދު ބޯރިން ޑޮކްޓަރެއްގެ ގޮތުގައި އުޅެ އުޅެ ސީރިޔަސްވާން ފެށީތަ؟ ބައެއްފަހަރު ކުޑަކޮށް ސިލީ ގޭމެއްކުޅެލިޔަސް ތި މާސްޓަރމައިންޑަކަށް އަސަރެއްނުކުރާނެ....." ކައިލާންވެސް ބައިވެރިވެލިއެވެ.

"އަހަރެންތަ ފިނޑިވެގެން މިއުޅެނީ، ގޭމެއް ނުކުޅުނަސް އަހަން ބޭނުންވާ އެއްޗެއް ނިކަން އަހާބަލަ........" ދާނިޔަލް ރިވާންއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ރިވާން އަނެއްކާ އޭނައާއި މިލާންގެ ގުޅުމެއް އޮތްކަމަށް ހީކޮށް ހަސަދަވެރިވީ ހެއްޔެވެ؟ ދާނިޔަލް އެ ގޭމްގައި ބައިވެރިވީ އެމީހުން ކުރަން އުޅޭ ސުވާލު ރަނގަޅަށް އެނގިހުރެ ސުވާލަށް ވުރެ ބޮޑަށް ޑެއަރއަށް ދާންވެގެންނެވެ. އޭނަ އެއްގޮތަކަށްވެސް އެކުވެރި އަކަށްވެސް ހިތް ހުޅުވައެއް ނުލާނެއެވެ. "ޓްރުތް" އޮންނާނީ ހިތުގައި ފޮރުވިފައެވެ.

"މިލާން އާއި ރައްޓެހިވޭ...." އައިކަން ދާނިޔަލް އާއި ދިމާލަށް ބުނި އެއްޗަކުން ރިވާން ދިޔައީ ސިއްސައިގެންނެވެ. މި ގޭމްދިޔައީ އޭނަ ބޭނުންވިގޮތަކަށް ނޫނެވެ. މީހަކު ހިތުގައި ގޮށްމުށްކަވާފައި ޖެހިހެން ހީވިއެވެ. ކާމިޔާބު ވީ ދާނިޔަލް އަށެވެ. އޭނަގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. 

ކޮމެންޓް 0