ދާނިޔަލް ކެތްނުކުރެވޭހާ ރުޅިގަދަވެފައިވާކަން ކޮލުގެ ކަށިގަނޑަށް ގެނައި ހަރަކާތުން ހާމަވެއެވެ. ދަތްކުނޑި ވިކާލައިގެން ހުރެ ކުރިއަށް ވުރެ ބާރު އެތިފަހަރެއް ދޮރަށް ވީއްލައިލަން އުޅެފައި ދާނިޔަލްގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރާން ފެށިއެވެ. އެގޮތަށް އިރާދެކެ ރުޅިއައުމުގެ ހައްގެއް އޭނައަށް ލިބިފައެއް ނުވެއެވެ. މާޒީއަށް ބަލައިލިޔަސް ގޯސް ހަދާފައިވަނީ ޚުދު އޭނައެވެ. އިރާއެއް ނޫނެވެ. އިރާގެ އިއްފަތްތެރިކަން ފޭރިގަތުމުން އެކަމުގެ ސަޒާ ލިބެމުންދާކަން މިއަދު ގަބޫލުކުރަން ޖެހިފައިވެއެވެ. އެކުށް ނުކުރެވުނުނަމައެވެ. ދާނިޔަލްގެ ނިތްކުރީގައިވި ރޫތައް ފިލައިފިއެވެ.

"އިރާ ބޭބީ، އާރ ޔޫ އޯކޭ؟ ކޮންމެވެސް އެއްޗެކޭ ބުނެބަލަ......" ދާނިޔަލްގެ އަޑުގައި މިފަހަރު ވީ އޯގާތެރިކަމެވެ. އެތެރެއިން ޖަވާބެއް ނުލިބުމުން ދާނިޔަލް މާޔޫސްވިއެވެ. އިރާއަށް ކަމެއްވީބާވައެވެ. ދޮރުގެ ތަޅު ހަލާކުކޮށްލަން އުޅުނުތަނާ އިރާ ހަމަޖެހިލައިގެން ހުރެ ދޮރުހުޅުވާލި އިރު މޫނު ހީވަނީ ތާޒާކަމުން މަލެއްހެންނެވެ. މޫނު ކޮންމެވެސް ވަރަކަށް ތެމިފައި ހުރުމުން އެހާ ނަލައެވެ. އިސްތަށިގަނޑު މައިތިރިކުރަން ބޭންޑެއް އަޅުވާލާފައި އޮތުމުން އިސްތަށިގަނޑު މޫނަށް އެޅި އުދަގޫކުރާފަދަ ގޮތެއްނެތެވެ. ފަށުވި ސޯޓަކާއި ގަޔަށް ހިފާފައިވާ ފިޓް އަތެއްނެތް ހެދުމުގެ ސަބަބުން އެ ދޮން ހަށިގަނޑުގެ ބޮޑުބައިވަނީ ހާމަޔަށް ހުރިތަން ފެނުނަސް ދާނިޔަލްގެ ހިތަށް ގޮތެއް ނުވިއެވެ. އަދިވެސް ދާނިޔަލްއަށް އިރާ ފެންނަނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. އިސްކޮޅުން ކުރުކޮށްލައިފިއްޔާ ބާރަ އަހަރުގެ ކުއްޖެއްގެ ގޮތުގައި މިސާލު ޖެހިދާނެއެވެ.

"އަހަރެން ހާދަ ގިނަފަހަރު އިރާއަށް ގޮވިން.. ނުފެންނަ ގޮތަށް ކަންފަތް ބީރުވީތަ؟ "ދާނިޔަލް ނުރުހުންވިކަމަށް ހަދާފައި އިރާގެ ކަންފަތުގައި ހިފާލީ ބާރަކަށެވެ. އިރާ ދާނިޔަލްގެ އަތުގައި ހިފާ ދުރުކޮށްލަން މަސައްކަތްކުރިއިރު މޫނުން ވޭނުގެ އަސަރު ކޮންމެވެސް ވަރަކަށް ފެނުނެވެ.

"ޑެނީ، އަހަރެން ހެޑްސެޓް އަޅައިގެން ހުރީމަ ގޮވިއަޑު ނާހަން.. ސޮރީ. ކިހިނެއްވީތަ؟ " އިރާ އާދައިގެ މަތިން ވާހަކަދެއްކީ އެ މަޑުމައިތިރި އަޑުންނެވެ. ކޮޓަރިއަށް އެޅިފައިވާ އިރުގެ އަލީގެ ސަބަބުން އިރާގެ ލޮލުގެ ކުލަ ވަކިން ރީތިކޮށްފެނެއެވެ. މޫނުގެ ހުރިހާ ގުނަވަނެއްފަދައިން ދެލޯ ތަންކޮޅެއް ކުޑަވިޔަސް ލޮލުގެ ރީތިކަމުން ފިރިހެންކުދިން އަޅައިގަންނާނެކަން ދާނިޔަލްވެސް ދަނެއެވެ.

"ދޮރުތަޅުލައިގެން ނުހުންނާށޭ އެވަރަށް ބުނާއިރު ޖެހޭތަ ތަންޑު އަޅަން، ގޮތްދައްކަންވެގެން ތިއުޅެނީ، ތަންޑުތައް މިއަދު ނައްޓާލާފައި ބަހައްޓާނީ....." ދާނިޔަލް ހަރުކަށިކޮށް އެހެން ބުނެލާފައި އަމިއްލަ ނަފުސް ދެކެ ރުޅިއައެވެ. ނުކުޅެދޭ ބަލިކުއްޖަކާއި ދޭތެރޭ މިހާ ފަރުވާކުޑަކޮށް ނިކަމެތިކޮށް ކަންތައްކުރާކަށް ނުވާނެއެވެ. އިރާ ކުރިން އުޅުނީ ހާދަ އުފަލުގައެވެ. ލަވަކިޔާ މަޖާކޮށް އެހެންމީހުންނަށް އުދަގޫކުރަމުން އުޅުނުއިރު އެއީ އެވަރލޭންޑްގެ ދިރުމެވެ. ރޫހެވެ. މިހާރުވެސް ބަލިކުއްޖަކާއި ބަލާއިރު ހާދަ ހިތްވަރު ހުރެއެވެ. ޕޮޒިޓިވްކޮށް ކަންތަކާއި ވިސްނާ އުފާވެރި އަންހެންކުއްޖެކެވެ. މިލާން އާއި ދެކުދިން ލަވަކިޔާ، ޕިއާނޯ ކުޅެ ފަތާ އެ އުޅެނީ މަޖަލުގައެވެ. އިރާ އެ އަނދިރި ދުނިޔެއަށް ހޭނުނީކަން ނޭގެއެވެ. ދާނިޔަލް އިރާއާއި ދިމާލަށް ބަލަންހުރިއިރު އިރާ ރީތިވާ މޭޒުކާރީގައި ހުރެ އިސްތަށިގަނޑުގައި ބުރުސް އަޅަން ފެށިއެވެ. ކުރާނެކަމެއް ނޭގިގެން ކަން ނޭގެއެވެ. އެހާ އޮމާން އިސްތަށިގަނޑެއްގައި ބުރުސް ޖައްސާލުމުގެ ބޭނުމެއް އޮންނާނީއެއްނޫނެވެ.

"އިރާ، އަހަރެން ވާހަކައެއް ބުނަން އެބައޮތް، މިހާރު އިރާއަށް ބޭސްކާންދެނީ އިރާ މަންމައެއްނު ދޯ، މަންމަ ފަރުވާކުޑަކޮށްލާފައި އެންމެ ދުވަހެއް މިސްކޮށްލައިގެން އިރާ ޕްރެގްވެއްޖެއްޔާ އަހަރެންގެ އަމިއްލަ ނަފުސަކަށް މާފެއް ނުދެވޭނެ... އިރާ ބްލައިންޑްއިރު ޕްރެގްނެންސީ ފަދަ ބުރައެއް އުފުލާނީ ކިހިނެއްތަ؟ މިރެކްލް އަކުން އިރާގެ ލޮލަށް ރަނގަޅު ވެއްޖެއްޔާ ވިހިކުދިން ހޯދިޔަސް އައި ޑޯންޓް ކެއަރ، މިހާރަކު ނުވާނެ، އިރާ ވިސްނާގޮތެއް ނޭގޭ، އެކަމަކު މިކަމުގައި ޑިޒިޝަން ނަގާނީ އަހަރެން، އެހެންވީމަ މިއަދުން ފެށިގެން އިރާއަށް ބޭސްކާންދޭނީ އަހަރެން، ނޫނީ އިރާގެ އަތަށް އިމްޕްލާންޓް ލައްވަންވީކަން ނޭގޭ، އޭރުން ބޭސް ނުކެވިދާނެތީ ވޮރީކުރާކަށް ނުޖެހޭނެ....." ދާނިޔަލް ބޭސް ކަރުދާހުން އެއްގުޅަ ވަކިކޮށްލައިގެން އައިސް އިރާގެ ގާތަށް ހުއްޓެމުން ފެންތަށިވެސް ދިއްކޮށްލައިފިއެވެ.

"ނޫން، ނޫން، އަހަރެން ބޭސްކާކަށް ބޭނުމެއް ނޫން، ޑެނީ ދުރުން އުޅުނީމަ ވީއެއްނު..." އިރާ ހާސްވެފައި ހުރެ ބުނެލިއެވެ.

"ދުރުން އުޅެވިދާނެ ކަމުގެ ޔަގީންކަން އަހަންނަކަށް ނުދެވޭނެ، އަހަންނަކީ ފިރިހެނެއް، އިހުސާސެއް ނެތް ބުދެއްނޫން، އެކަން އިރާއަށް ކޮންމެހެން އަހަރެން ބުނެދޭންޖެހޭތަ؟ ނުބުންޏަސް އެނގިފައެއްނު އޮންނާނީ، ރީތިކޮށް ބަސްއަހައިގެން މި ޓެބްލެޓް ކާލާ...." ދާނިޔަލް ގެ ރާގުގައި ގޮތްދޫނުކުރާފަދަ ގޮތެއްހުއްޓެވެ. ހީވަނީ އިރާއަށް މަޖުބޫރުކުރަން އޭނަ ނިންމާފައިވާ ހެންނެވެ.

"ޑެނީ އައި ކާންޓް...." އިރާ ތުންފިތާލި އެވެ.

"އަހަރެން ލައްވާ މަޖުބޫރުކުރުވަން ތަ ތިއުޅެނީ؟ "ދާނިޔަލް ކެތްތެރިވިއެވެ. ދެލޯ މަރާލާފައި ފުންނޭވަޔެއްދޫކޮށްލީ ރުޅި މައިތިރި ކުރުމަށެވެ. އިރާ އޭނަ ރުޅިއަރުވަން ހާދަ ކުޅަދާނައެވެ.

"ޑެނީ އަހަރެން ޕްރެގްނެންޓް، އަހަރެން ހުރީ ނުބުނަން ކަމަށް، އެކަމަކު މިހާރު އެނގިއްޖެ ސިއްރުކުރަން ހަދައިގެން މިކަހަލަ ކިތަންމެ މައްސަލައެއް ޖެހޭނެކަން، އައިމް ޕްރެގް، ޓެސްޓްހެދިއިރު ޕޮޒިޓިވް، ނޭގެނީ މަންމަ ކޮންމެ ދުވަހަކު ބޭސްކާންދޭއިރު ޕްރެގްވީގޮތެއް...."އިރާ ހިންދިރުވާލިއެވެ. އިރާގެ ވާހަކަތަކުން ދާނިޔަލް ހުރީ ޝޮކެއްގައެވެ. އިރުކޮޅަކުން ފެނުނީ ދާނިޔަލްގެ އަތުގައި ހުރި ފެން ބިއްލޫރިތަށި ފާރަށް ޖެހިތަނެވެ. އަޑުފަށްގަނޑަކާއި އެކުގައި ތަށި ތެޅިގެން ދިޔުމުން އިރާ ދެލޯބޮޑުކޮށްލި އިރު މޫނުމަތީގައި ދާތިކިތައް ވިދާ ހުދު ކަފަކޮޅެއްހެންވިއެވެ. ހާސްވެފައި ހުރިވަރު ރީތިކޮށް މޫނުން ފެނުނެވެ. ދާނިޔަލް އިރާގެ ދެއަތުގެ މުލައްދަނޑީގައި ހިފިގޮތަށް ބިންމަތިން އުފުލާލީ ދާދި ލުއިކޮށެވެ.

"ވަޓް ދަ ހެލް........ކޮން ޕްރެގްއެކޭ ކިޔާކަށްތަ؟ ތިއުޅެނީ އަހަރެން ރުޅިއަރުވާލަން ކިޔާނެ އެއްޗެއް ނޭގިގެންތަ؟ " ދާނިޔަލް ހަޅޭއްލަވައިގަތީ ދަތްކުނޑި ވިކައިލަމުންނެވެ. އިރާ ހީކުރީ ދާނިޔަލް ރުޅިގަދަވިވަރުން އޭނަވެސް ބެލްކަނިން ހޫރުވާލާނެ ކަމުގައެވެ. ސަލާމަތްވާންވެގެން ދެއަތް ދިއްކޮށްލެވުނުއިރު ހިފައިލެވުނީ ދާނިޔަލްގެ ޓީޝާޓުގައެވެ. ދެއަތުން ޓީޝާޓް ބޮނޑިކޮށްލެވުނުއިރު އެ ނީލަމެއްފަދަ ދެލޮލުގައި ބޮޑެތި ކަރުނަތިކިތައް ބަބުޅާ ކޯތާފަތްމަތިން މުތީތައް ފަދައިން ތިރިއަށް ދެމިގަތެވެ. އިރާ ބިރުގަނެ ދެރަވިވަރު ދާނިޔަލްއަށް ފެނުމުން ހިތަށް ރަހުމާއި ހަމްދަރުދީވަދެ ހިތް ކަފަކޮޅެއްހާ މަޑުވިއެވެ. އެއްވެސް ކުށެއްނެތް މައުސޫމް އަންހެންކުއްޖަކާއި މެދު މިގޮތަށް އަނިޔާވެރި ވާނީ ހާދަ ނުލަފާ ހިލަހިތެއްގެ ވެރިޔެކެވެ. ލޮލަށް ނުފެންނަ އިރުވެސް އޭނަގެ ހުރިހާ އަނިޔާތަކާއި އުދަގޫތައް ބަރުދާސްތު ކޮށްލައިގެން އެ ކުޑަކުއްޖާ އޭނަދެކެ ލޯބިވާއިރު މިގޮތަށް އެ ހިތަށް އަނިޔާދޭން ހެޔޮވާނެ ހެއްޔެވެ؟ އެ ހިތަށް ހާދަ އަސަރެއް ކުރާނެއެވެ. އެކަނިއޮވެވެސް ހާދަ ކަރުނައެއް އޮއްސާނެއެވެ. އިރާ ރޮއްވާލާފައި ހިތުގައި ޖެއްސުނީ ކިތައްފަހަރުކަމެއް ވެސް ނޭގެއެވެ. އޭނަގެ ކުށަކީ ކޮބާހެއްޔޭ ހިތަށް އަރާނެކަން ޔަގީނެވެ.

އިރާ އަނދިރި ދުނިޔޭގެ ޝިކާރައަކަށްވީ އޭނަގެ ސަބަބުންނެވެ. އިރާގެ އަނދިރިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އޭނަ އެހެން އަންހެންކުއްޖަކާއިއެކު ސިއްރުން އުފާކުރަނީއެވެ. މުސްތަގުބަލަށްޓަކައި ރީތި ހުވަފެންތައް ދެކެނީ އިރާ ބާކީކޮށްލާފައެވެ. ނަމަވެސް އިރާއަކީ އޭނަގެ ލިބެންއުޅޭ ދަރިފުޅުގެ މަންމައެވެ. 

ދާނިޔަލް އިރާ މަޑުމަޑުން ބިންމަތީގައި ބެހެއްޓީމަވެސް އިރާ ދާނިޔަލްގެ ޓީޝާޓުން ވީއްލައެއްނުލިއެވެ.

"އައިމް ސޮރީ...ނުބުނެވުނީމަ...." އިރާ މާފަށް އެދުނީ ރޮއިރޮއި ހުރެއެވެ. އިރާ ހީކުރީ ދާނިޔަލް އެހާ ރުޅިއައީ ދާނިޔަލް ގާތުގައި ނުބުނެ ސިއްރު ކުރީމަކަމަށެވެ. އިރާ ރޯތަން ފެނުމުން ދާނިޔަލްގެ ރީތި ދެލޯ ތެމިގެން ދިޔައެވެ. މިގޮތަށް އަންހެންކުއްޖަކު އެހާ މޮޅިވެރިވެލާފައި ރުއީމަ އަސަރު ނުކުރާނީ ކާކަށްހެއްޔެވެ؟ އިރާގެ ކަރުނަތައް ދެކެން މިއަދު ދާނިޔަލްއަށް ކުޅަދާނައެއްނުވިއެވެ. އޭނަ ޓިޝޫގެނެސް އިރާގެ އަތަށް ދެމުން އިނގިލި ތަކުން ކޯތާފަތް ފޮހެލަދިނެވެ.

"އިޓްސް އޯކޭ، ނައު ޑޯންޓް ކްރައި.. އިރާ މަންމައަށް އެނގޭތަ؟" ދާނިޔަލް އަހާލައިފި އެވެ.

"ނޫން.... ސޮރީ ޕްރެގްވީމަ...." އިރާ ބޯހޫރާލަމުން ޓިޝޫ ދެލޮލުގައި ޖައްސާލައިފިއެވެ. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައިވެސް ދެލޯ ދުޅަވެއްޖެއެވެ.

"އިރާ، އަހަރެންގެ ގާތުގައި ބުނިނަމަ.... ދެން ޕްރެގްވީމަ އެކަމާ ކުރާނެ ކަމެއްނެތް، އެއީ އިރާ މާފަށް އެދެން ޖެހޭނެ ކަމެއްނޫން އެނިގެއްޖެތަ؟ އެއީ އަހަރެންގެ މިސްޓޭކް..... ވަރަށް ދެރަވޭ އިރާ ބަލިވެއުޅެނިކޮށް މިހާ ބޮޑު ބުރައެއް އުފުލަން ޖެހުނީމަ.....ސޮރީ..." ދާނިޔަލް މާފަށް އެދުނީ ހިތުގެ އަޑިންނެވެ. މިއަދު އެހެން މީހަކު ކުށްވެރިކުރުމުގެ މާނައެއް ނެތެވެ. މިހާތަނަށް ކަންތައް ގޯސްވުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އޭނައެވެ. ޖުވޭދާވެސް އޭނަގެހުރި އެންމެ ދަރިފުޅާއިމެދު ވިސްނާނެއެވެ. މިޒާޖު ހުންނަ ގޮތަކުން އިރާއަށް ދޭންވާ ސަޕޯޓްނުދީ ފިލްމުބެލުންފަދަ ކަންތައްތަކަށް ދެވި ހިފާފައިވާ މަންމައަކަށް ވިޔަސް ގަސްތުގައި ދަރިފުޅަށް ދެރަގޮތެއް ނަހަދާނެއެވެ. އިރާގެ އުމުރުގެ ހަގުކަމާއިމެދު އޭނަ ވިސްނާނެއެވެ. އަނދިރިވެފައި އެހާ ބޮޑަށް ނޭވާލާން އުދަގޫވާ ކުއްޖަކަށް ވާއިރު ރިސްކް ބޮޑުވާނެވަރު ނޭގޭހާ ޖުވޭދާ ގަމާރެއްނޫނެވެ. އެހެންނޫނަސް ދަރިއެއް ނުހޯދި އަދި ލަސްވެފައެއް ނެތެވެ. އެހެންނޫނަސް ދެމީހުން ގުޅި އެކަކު އަނެކަކާއިއެކު އުޅެވޭނެކަމުގެ ޔަގީންކަން ނެތިއްޔާ ދަރިން ހޯދަނީ ކީއްކުރަން ހެއްޔެވެ؟ ދެރަ ލިބޭނީ ދަރިންނަށެވެ. އެއްވެސް ދޭތެރެ ދުރުކުރާ ވަސީލަތަކުން ސަތޭކަ ޕަސެންޓް ގެރެންޓީއެއް ނުލިބޭނެއެވެ. މިއީ އެކަމުގެ މިސާލެކެވެ.

އިރާގެ ގާތުގައި އަބަދު ކޮންމެވެސް މީހަކު ހުރުމަކީ މިވީގޮތުން މަޖުބޫރުކަމެކެވެ.

ދާނިޔަލް އިރާ ގެންގޮސް އެނދުގައި ބޭންދިއެވެ. އިރާގެ ބަނޑު ބޮޑުވީމަ ހުންނާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. މިހާރު ބަނޑު ތުނިކަމުން އެތެރޭގައި އެއްޗެއް ވާ ހެނެއްވެސް ހިޔެއްނުވެއެވެ. އެންމެ ސަރުބީކޮޅެއްވެސް ނެތެވެ. މޮޑެލްއިން ހަސަދަވެރިވާނެފަދަ ލޫޅާފަތިކަމެއް އިރާގެވެއެވެ. ބަނޑުބޮޑުވީމަ އިރާ ވަކިން ރީތިވާނެކަން ނޭގެއެވެ.

ދާނިޔަލް ކޮޓަރިން ދިޔައީ ޖުވޭދާ އިރާއަށް ސައި ހިފައިގެން އައީމައެވެ. އިރާ ކާހިތެއްނުވެއެވެ. މަންމަ ގެނައި އޮމްލެޓްގެ ވަސް ޖެހުމުން މޭ ނުބައިކުރާގޮތްވި ނަމަވެސް އޭނަ އިނީ އެކަން ސިއްރުކޮށްގެން ނޭފަތުގައި އަތްއަޅައިގެންނެވެ. ޖުވޭދާ ސުވާލުކުރީމަ ބުނީ ސެންޓުވަސް ދުވާތީ އުދަގޫވެގެންކަމުގައެވެ.

ދާނިޔަލް ފާމަސީއިން ނިކުމެގެން އައީ ބޭސްކާޑެއް ގަނެލައިގެންނެވެ. ސިކުނޑި ހަމަޖައްސައިލަން މި ނޫންގޮތެއް ދާނިޔަލްއަށް ނުފެނުނީއެވެ. އެއްޗެއް ނުކައި ހުރެއްޖެއްޔާ މޮޔަވެދާނެ ކަމުގައި ހީކުރެވުނެވެ. ސިގްރެޓް ބޯންފަށައިފިއްޔާ ބޭޒާރުވެދާނެއެވެ. އޭރުން ބައްޕަ ރުޅިދުރުވެ ވަގުތުން އެކަން މަނާކުރައްވާނެއެވެ. ބައެއްފަހަރު ޑޮކްޓަރަކަށް ވެވުނުކަމީ ނަސީބެކޭ ހިތަށް އަރަނީ މިފަދަ ވަގުތުގައެވެ. ބޭނުންވާ ބޭސްތައް ފަސޭހައިން ލިބުމަކީ ހިތްހަމަޖެހުމެކެވެ. އެމެރިކާއަށް ދާން ފުރަތަމަ ނިންމި ދުވަހު ފުރުން ލަސްކުރީ ބައްޕަ އެދިލެއްވީމައެވެ. މިހާރު އިރާ ބަލިވެއިނީމަ އެހާ ދުރަށް ދިއުން ރަނގަޅު ވެދާނެބާވައޭ ހިތާހިތުން ސުވާލުކުރެވެއެވެ. ހުރިހާ ޕްލޭންތައް ބަދަލުކުރަން ޖެހުނީބާވައެވެ.

މިލާން އަކަށް އެރޭ ނުނިދުނެވެ. ދާނިޔަލް އަންނާނަމޭ ކިޔާފައި ގޮސްފައި ފަހުން އިރާ ބަލިކަމުން ދޫކޮށްލާފައި ނުދެވޭނެއޭ ކިޔާފައި މެސެޖެއް ފޮނުވުމުންވެސް މިލާންގެ ލޮލަކަށް ނިންޖެއްނައެވެ. އެހެން ދެއަތަކަށް ފުރޮޅި ފުރޮޅި އޮވެފައި ސިކުންތު ކޮޅަކަށްވެސް ނިދައި ނުލެވި ޑިއުޓީއަށް އަންނަން ޖެހުމުން މިލާންގެ މޫނުމަތި ހުރީ ކޮންމެވެސް ވަރަކަށް މިލާފައެވެ. ދެރަވެގެން އިރުއިރުކޮޅާ ފޯނަށް ބަލައިލެވުނަސް ދާނިޔަލްގެ މެސެޖެއް މިއަދަކު ނުލިބުނެވެ. ރޭ ހޭލާހުރެފައި މިއަދު ނިދަނީކަމަށް ވެދާނެއެވެ. މިލާންގެ ރީތި ހިނިތުންވުންތަކުގެ ތެރޭގައި ހުރިހާ ހިތާމައެއް ފޮރުވައިގެން އިންއިރު ހިތަށް ވާގޮތެއް ބުނެދޭކަށް ނޭގެއެވެ. ހިތަށް ކޮށްފައިވާ ފުން އަސަރަކުން ލޮލަށް ކަރުނަ އަންނަން ކިތަންމެ ފަހަރަކު އުޅުނެވެ. ކޮންމެ ފަހަރަކު އެ ކަރުނަތައް އޭނަ ދިރުވައިލަނީއެވެ. ސުދާ އާދައިގެ މަތިން އެތަނަށް ވަންނަހާ ރީތި ޒުވާނުންގެ ވާހަކަދައްކަން އިނަސް މައިގަނޑު މައުޟޫއަކީ "ދާނިޔަލް" އެވެ. ދޭތެރެއަކުން ދާނިޔަލްދެކެ ވާ ލޯބި ހާމަކުރުމަކީ ފަރުޟެއްކަމަށް ދެކޭކަހަލައެވެ.

އެގާރަޖަހާއެހާކަށް ހާއިރު ސުދާ ކޮފީއަކަށް ނުކުތްގޮތަށް މާ ބާރަކަށް އައިސް ގޮނޑިއަށް ވެއްޓިގަނެގެން މިލާންގެ އަތް ދަމާ ގެނެސް މޭގައި ޖައްސައިލީ ހިތުގެ ތެޅުން ހުރިވަރު މިލާންއަށް އެންގުމަށެވެ.

"މާ ޑްރެމެޓިކްވެގެން ތިއުޅެނީ ހާޓްއެޓޭކެއް ޖެހުނީތަ؟ " ކުއްޖަކު ހެމުން އަހާލައިފިއެވެ.

"ޑެނިއަލްއާއި ދާނިޝްއާއި ދެމީހުން ކެފޭއިން ނިކުމެގެން ދަމުން ބަލައިލި ގޮތަކުން މަ ކިރިޔާ ފެއިންޓްނުވީ، އެހެރަ ސެކްސީ ބަލައިލުމެއް.....އާވް، އައިމް ޑެޑް...." ސުދާ ސީރިޔަސްކޮށް އެއިން ޒުވާނަކު ބޭނުންވީ މާ ވަރަކަށެވެ. ނަމަވެސް ބައެއް އެއްޗެހި ހޯދުން ފަސޭހައެއް ނުވާނެއެވެ.

"ދެން ހިތް އެމީހުންގެ ފައިދަށަށް ވައްޓާލާފައި އައިނަމަ... އެހާ ގާތުން ފެނުނީމަ ކަމެއްކޮށްލާކަށް ނުކެރުނު....." ކުދިން ދިމާކުރުމުން ސުދާ ފޮނިވެލިއެވެ. އެހާ ރީތި ޒުވާނުންނާއި އަޅުވާ ކިޔުމަކީ އޭނަގެ ނަސީބެކެވެ. އަޅުވާކިޔައިގެން ސިހުރުގައި ޖެހިއްޖެއްޔާ ހާދަ ރަނގަޅެވެ. އެ ޚާންދާނުގެ ކޮންމެ ޒުވާނެއް ލިބުނަސް އޭނައަށް ޝާހީ ރަނިކަނބަލެއްހެން އުޅެވިދާނެއެވެ. ލަންޑަނުގެ ރާނީގެ އާއިލާ ޝާހީވެ، ކެނެޑީ އާއިލާ މަޝްހޫރުވެފައިވާ ފަދައިން ދާނިޔަލް މެންނަކީ ރާއްޖޭގެ އެއްވަނައިގެ އާއިލާއެވެ. އެހާ ރީތިވެފައި މަޝްހޫރު އެހާ ތައުލީމީ ހަރުދަނާ ޒުވާނުން އުޅޭ އާއިލާއެކެވެ. އެފަދަ އާއިލާއަކަށް ނިސްބަތްވާން ނޭދޭނީ ކާކުހެއްޔެވެ؟ އެމީހުންނަށް ގުދުރަތުން ހުރިހާކަމެއް ހަދިޔާކުރައްވާފައިވެއެވެ. އިންސާނުންނަށްވީތީ ކޮންމެވެސް އުނިކަންތައްތަކެއް ހުންނައިރުވެސް އެވަރުގެ އާއިލާއެއް ދުނިޔެއަކު ނުވާނެކަން ޔަގީނެވެ.

މިލާން އިނީ ދެރަވެފައެވެ. ސުދާއަށް ދާނިޔަލް ފެނުނު ކަމަށްވާނަމަ އޭނަ އުޅެނީ ހޭލައެވެ. އެކުވެރިންނާއިއެކު ކޮފީގައި އުޅޭއިރު މިލާންގެ ހިތްހަމަޖައްސައިލަދޭން މެސެޖް ނުކުރަނީ ކީއްވެހެއްޔެވެ؟ އެތައް ސަތޭކަ ފަހަރު ބޭގަރާރުކަމާއިއެކު ފޯނަށް ބަލައިލެވުނީ ކަރުނަވީ ދެލޮލުންނެވެ. ދާނިޔަލް ހިތްހަމަނުޖެހޭވަރުގެ ކޮންކަމެއް ކުރެވުނީ ބާވައެވެ. ވީގޮތެއް ނޭގި ރުޅިވީހެއްޔެވެ؟

"ސްޓުޕިޑް، އަދިވެސް ޑެނީގެ ފަހަތުން ނުފިލާނީތަ؟ އެއީ އިރާގެ މީހެއް، އެކަނި އިރާގެ ހައްގެއް، ޑެނިއެލް އާއި އިރާ ޕޭރެންޓުންނަށްވާން އުޅޭއިރުވެސް ތި މޮޔަގަނޑު ހަމަ ދޫކޮށްނުލާނީތަ؟ ތި ބަސްނާހާ ހިތަށް ވިސްނާދީ......." މިލާން ގެ އެތެރެހަށި އަދަމުންދިޔައީ ބުނަން ނޭގޭފަދަ އަލިފާނަކުންނެވެ. އެހެން ކުދިން އުފާވެރިކޮށް ހީފައި މަޖާކޮށްއުޅޭއިރު އޭނަ މިއިންނަނީ މަންމަންވެފައެވެ. އެއިން މަޖަލެއްގައި ބައިވެރިނުވެފައެވެ. ކާހިތެއްނުވެފައެވެ. ހެދުނުއްސުރެ އެއްޗެއް އަނގަޔަށްނުލައި އިނުމުން އަނބުރައިގެންފާނެ ހެންވެސް ހީވިއެވެ. އެވަރުންވެސް ކާންދާން ޚިޔާލެއްނުކޮށް މިލާން އިނީ ކޮމްޕިއުޓަރ ސްކްރީނަށް ބަލަހައްޓައިގެންނެވެ. 

ދާނިޔަލް އޭނަގެ ކޮޓަރީގެ ބެލްކަންޏަށް ނިކުމެ ރެއިލިންގައި އަތްއަޅުވައިލަމުން މައްޗަށް ބަލައިލިއިރު އުޑުމަތީގައި އެތައް ތަރިތަކެއް ވިދާ ބަބުޅާތަން ފެނެއެވެ. ކުދި ކުދި ޖަވާހިރުތައް އުކާލާފައިވާހެން ހީވިއެވެ. އެކަނިވެލުމުން ހިތާމަ ވަށާލާ ސިކުނޑިއަށް ފިތަންފެށިހެން ހީވުމުން ގަޑިއަށް ބަލާލާފައި ދާނިޔަލް ނުކުތީ އެކުވެރިއެއްގެ ގާތަށް ދިޔުމަށެވެ. ސިޓިންރޫމްގައި ޓީވީ ޖައްސާފައި ހުރިއިރު ފިލްމެއްގެ މަންޒަރުން މަންމައަކު ތުއްތު ދަރިފުޅު ޕްރޭމަކަށް ލައިގެން ދާތަން ފެނިފައި ދާނިޔަލްގެ ހިތުގައި ނޭގޭފަދަ ޝައުގުވެރިކަމެއް އުފެދުނެވެ. ތުއްތުކުދިންގެ ލޯބި ހަރަކާތްތަކުން ބުނަން ނޭގޭފަދަ ފިނިކަމެއް ހިތަށް ލިބޭގޮތްވިއެވެ. ދާނިޔަލް ލުއިކޮށް ހީލާފައި ގޮސް ކާރަށް އެރިއެވެ.

ދާނިޔަލް ރިވާންއާއިއެކު ސައިކަލް ދުއްވަމުންދަނިކޮށް މަގުމަތިން މިލާން ފެނުނުހެން ހީވެގެން ދާނިޔަލްގެ ސަމާލުކަން މަގުމައްޗަށް ކުޑަވިއެވެ. އެއީ ކޮންކުއްޖެއްކަން ޔަގީންކޮށްލަންވެގެން އެދިމާލަށް ބަލަން ހަދައިގެން މަގުން ހުރަސްކުރަން އުޅުނު ކާރަކާއި ނުޖެހުނީ ހަމަ ކިރިޔާއެވެ. ދާނިޔަލް ބްރޭކް ހިފާލިގޮތަކުން ރިވާން ވިއްސައިގެން ގޮސް ޖެހުނީ ކަނޑުގައެވެ. ދާނިޔަލް ސައިކަލް ދަށުވިޔަސް މާބޮޑު އަނިޔާއެއް ނުވިއެވެ. މިނިޓްކޮޅެއްގެ ތެރޭގައި އެތައްބަޔަކު އެހިސާބަށް އެއްވެ އެމީހުންނަށް އެހީވާން އުޅުނެވެ. ދާނިޔަލް ރިވާން ސަލާމަތްކުރަން މޫދަށް ފުންމާލިއިރު ރިވާން އަށް އަނިޔާއެއްވެދާނެތީ ބިރުވެސްގަތެވެ. 

ދާނިޔަލް އާއި ރިވާން ކަނޑުގެ ގަދަ އޮޔާއި ދެކޮޅަށް ފަތަން މަސައްކަތްކުރި އިރުވެސް ވާހަކަދެއްކީ އެވީ ކަންތައް މަޖަލަކަށް ހަދަމުންނެވެ. ނަމަވެސް ދިރިއުޅުމަކީ ކިހާ ކުރު އެއްޗެއްކަމާއި ކޮންމެ ވަގުތަކުވެސް ދުނިޔެއާއި ވަކިވާން ޖެހިދާނެކަން އެ ކުޑަ ހާދިސާއިންވެސް ސާބިތުކޮށްދީފިއެވެ. އެފަދަ ކޮންމެ ކަމެއްގައި ވިސްނާމީހަކަށް އިބުރަތެއްވާކަން ޔަގީނެވެ. ދާނިޔަލްއާއި ރިވާން މިއަދު ސަލާމަތްވީ އުމުރުގައި ތަންހުރީމައެވެ. އެހެންނޫންނަމަ ފުރާނައަށް ނުރައްކާވާފަދަ އެތިފަހަރެއް ކުރިމަތިވީހެވެ. މަގުމަތީގައި ދުއްވާއިރު ރީތި އަންހެންކުދިންނަށް ބެލުންފަދަ ސަމާލުކަން ކުޑަވާފަދަ ކަމެއްކޮށްގެން ތިމާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ މޮޔަކަމެކެވެ.

"ވާއު ދެޓް ވޯޒް އެ ކްލޯޒް ކޯލް...." ހިކިފަސްތަނުގައި ފައި ޖެހުމުން ދާނިޔަލް ހީލާފައި ރިވާންގެ ގައިގާ ބައްދާލިއެވެ.

ކޮމެންޓް 0