އައިޒާގެ ހަށިގަނޑުން ރަޖާ ވަކިވިވަގުތު ހީކަރުވައިގަތް ސިކުންތުކޮޅެއް ދިޔަނަމަވެސް ނަހުޔާންގެ ހަށިގަނޑުގެ ހޫނުކަމުން އިސާހިތަކު ހީފިލައިގެން ހިގައްޖެއެވެ. އައިޒާގެ މޫނަށް ނަހުޔާންގެ މީރުވަސްދުވާ ނޭވާގެ ހޫނުކަން އެޅުނު ވަގުތު ލިބުނު އަރާމަކުން ދެލޯ މަރައިލެވުނެވެ. އައިޒާ ނަހުޔާންގެ ކަދުރާގައި އަތް އަޅުވާލާފައި އަދިވެސް ގާތަށް ދަމައިލި އެވެ. ނަހުޔާންގެ އެހާ އޯގާތެރިގޮތެއް ނެތެވެ. އޭނަގެ އަމަލުހުރީ އައިޒާއަށް ގޯނާކޮށްލާފަދަ ގޮތަކަށެވެ. ނަހުޔާން ނޫންކަން އައިޒާއަށް ޝައްކުވާންފެށީ މާ ފަހުންނެވެ. ވިސްނައިލެވުނު އިރު ވަގުތު ފާއިތުވެއްޖެއެވެ. 

"ދާނިޔަލް...." އައިޒާއަށް ދަތްތައް ވިކައިގަނެވުނެވެ.
"ހެހެ....އަހަރެން ކީއްކުރާނީ، ހަގްކޮށްލިހާ އިރުން ފެށީ އައިޒާ....." ދާނިޔަލް ހީފައި އެނދުގެ މަގަތުގައި އިށީދެއްޖެއެވެ. އޭރު އައިޒާ ނިދާބޮކި ޖައްސާލައިފި އެވެ.

"އަހަރެން ހިތަށް ނާރާ ދާނިޔަލް ތިހާ ގޮތްކުޑަވެދާނެއޭ، ފަހަރި އާއި ބެހެން ކެރޭނީ......." އައިޒާގެ އަރުތެރެ ބެދުނެވެ. ނަހުޔާންއަށް މިކަން އެނގިއްޖެއްޔާ ވަގުތުން އޭނަ މިގެއިން ފޮނުވައިލާނެއެވެ. އެހެންނޫނަސް ދާނިޔަލް މީގެ އަހަރުތަކެއް ކުރިން އޭނައަށް އޮޅުވާލައިގެން ލޯބީގެ ނަމުގައި ވަނީ ހުރިހާ އެއްޗެއް ފޭރިގެންފައެވެ. އަލުން ދާނިޔަލް އެ ޒަޚަމްތައް ތާޒާކޮށްލައިފި އެވެ. އޮޅުވާލައިގެން އަނެއްކާވެސް އޭނަގެ ފަރާތުން އުފާތަކެއް ހޯދައިފި އެވެ. 

"ވަރަށް ގަޓް ހުރިމީހަކަށް..." ދާނިޔަލް އައިޒާގެ ޖުމްލަ އޭނަ ބޭނުންވާ ގޮތަކަށް ފުރިހަމަކޮށްދިނެވެ.

"އައިޒާ، އޮނެސްޓްލީ އަހަރެން ބުނީމެއްނު އަހަރެންގެ ފަހަރިއެއްކަމަށް ގަބޫލު ނުކުރަމޭ... އެކަމަކު އަހަރެން ބޭނުމެއްނޫން ދޮންބެއަށް އަހަންނާއި އައިޒާ އާއި ދެމެދު ކަމެއް ހިނގިކަން އެގެން...." ފަނޑު އަލީގެ ތެރެއިންވެސް ދާނިޔަލްގެ ރީތި ދެލޮލުން އައިޒާއަށް ކުޑަކޮށް ރުޅިވެރިކަން ފެނުނެވެ. ދާނިޔަލްގެ ރުޅިގަދަ މިޒާޖުގެ ބައި ކުރިންވެސް އެނގިފައިވާ އައިޒާގެ ހިތަށް ބިރުވެރިކަން ވަނެވެ. ދާނިޔަލްގެ ރީތިކަން ފިޔަވާ އިތުރު ކަމެއްނެތެވެ. އޭނަގެ ހަޔާތަށް އަންނާނީ ބަދުނަސީބު އަންހެންކުއްޖެކެވެ. ދާނިޔަލް އެކުއްޖެއްގެ ހިތަށް ދޭނެ އަނިޔާ އައިޒާއަށް އިހުސާސް ކުރެވުނެވެ.

"އޭ މާ މާތްވެގެން މަޑުން އިންނާނެ ކަމެއްނެތް، ދޮންބެއަށް އޮޅުވާލައިގެން އުޅޭއިރު ހީކުރަނީ ކީކޭތަ؟ " ދާނިޔަލް އައިޒާގެ ކޮލުގައި ބާރަކަށް ހިފައިގަތުމުން އައިޒާގެ ލޮލުން ފެންއައެވެ.

"މިގޭގައި ހުރިއްޔާ މަވެސް ލިބޭ ކޮންމެ ޗާންސެއްގެ ބޭނުން ހިފާނަން، ސަލާމަތްވާން ބޭނުމިއްޔާ ދެންވެސް ދުރަށް ދޭ.... އަހަރެންގެ ގޭގައި ހުރިއްޔާ މަވެސް ހަދާނީ ބޭނުންގޮތެއް..." ދާނިޔަލް އައިޒާ ގައިގައި އޮޅާލައިގެން އިން ރަޖާވެސް ދަމައިގެންފިއެވެ.

"ދާނިޔަލް، އަހަރެންގެ ހިތް ހަލާކުކޮށްލާފައި އަދިވެސް ހިތް ނުފުރެނީތަ؟" އައިޒާ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ލޯ އަޅައިލިއެވެ.

"އަހަންނަށް އުދަގޫވީ އަހަރެން ކުރި ކަމެއްގެ ބަދަލު ހިފަން ދޮންބެގެ ދިރިއުޅުމާއި ކުޅެލަން އުޅުނީމަ، އެހެން މީހަކާއި އިން ނަމަ މަގޭ މައްސަލައެއްނެތް، މިހާރު އެއްޗެއް ވިސްނިއްޖެތަ؟ އައިޒާގެ އަގެއް ނެތް މިހާރަކު... އަހަރެން ހިޔެއް ނުކުރަން އައިޒާ ތިހާ ދަށް ފެންވަރަކަށް ވެއްޓިގެންފާނެ ކަމަކަށް، މާ ދުރަށް ތި ދިޔައީ، ތިކުރީ އަހަރެން ފޮގިވް ކުރާ ޒާތުގެ ކަމެއް ނޫން، ދޮންބެ އާއި މެރީކޮށްގެން އައިޒާ ތި އެރުނީ ސަލާމަތް ނުވާހާ ފުން ވަޅުގަނޑަކަށް، ދުވަހަކު ދެނެއް މައްޗަކަށް ނޭރޭނެ. ސޮރީ ބޭބީ......." ދާނިޔަލް އިތުރު އެއްޗެކޭ ނުބުނެ އަދި ވަނީ އެ ކޮޓަރީގެ ފާޚާނާ އަށެވެ. ދާނިޔަލް ނުކުމެ ބޭނުން ކުރީ ނަހުޔާންގެ ޓީޝާޓަކާއި ޖިންސެކެވެ. އޭނަ ލައިގެން ހުރި އެއްޗެހި ދާވަށިގަނޑަށް ލާފައި ދާނިޔަލް ތާޒާވެލައިގެން ނުކުމެގެން ދިޔަތަން ބަލަން އައިޒާ އޮތްއިރު އޭނަ އޮތީ ގަނޑުވެފައެވެ. ކިޔާނެ އެއްޗެއް ނޭގިފައެވެ. ދާނިޔަލް ބުނިހެން ކުށުގެ އިހުސާސް ވާން ފެށިއެވެ. ކޮއްކޮގެ ތަންމަތި އެންމެ ރެއަކަށް ނަމަވެސް ފަޅުފިލުވާދީފައި ހުރެ ބޭބެ އާއި ކައިވެނި ކުރުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އޭނަގެވެސް ކުށެވެ. ނަމަވެސް ދާނިޔަލް ހަމަ ބޭވަފާތެރި ވާން ޖެހޭ ހެއްޔެވެ؟ އޭނަގެ މުޅި ދިރިއުޅުން ބަރުބާދު ކުރަން ޖެހޭ ހެއްޔެވެ؟ އޭނަގެ ހިތްވެސް ވަނީ މަހާއި ލެއިންނެވެ.

އައިޒާ އަވަހަށް އެނދުން ތެދުވެގެން ގޮސް އުޅެގަތީ ނަހުޔާން އައުމުގެ ކުރިން ކޮޓަރި ތެރެ ރަމަތަކޮށްލުމަށެވެ. ނަހުޔާންއަށް ކުޑަނަމަވެސް ޝައްކެއްވިޔަދޭން އޭނަ ބޭނުމެއްނޫނެވެ. އެރޭގެ ބާކީ އޮތްބައިގާ އައިޒާގެ ލޮލަށް އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. ދާނިޔަލްގެ އެ ފާފައިގެ ސަބަބުން ލިބުނު ފޮނި މީރުކަން ތަކުރާރުވާން ހިތުގެ ކަނަކުން އެދޭއިރު އޭނަ އަމިއްލައަށް ހިތަށް ލައުނަތް ދިނެވެ. ފާފަވެރިވާނެވަރު އަނދާޒާކުރެވުނެވެ. ދާނިޔަލް އަދިވެސް ހިމޭނުން ހުންނާނީއެއް ނޫނެވެ. 

ނަހުޔާންގެ އިންތިޒާރުގައި އައިޒާ ނުނިދިފައި ދޮރާއި ދިމާލަށް ބަލަން އޮތްވާ ގަޑިން ތިނެއްޖެހި ފަހުން ދޮރުތަޅުގައި ހިފާލިއަޑަށް ހިތް ތެޅިލިއެވެ. ދެވަނަފަހަރަށް ދާނިޔަލް އައީހެއްޔެވެ؟ އައިޒާގެ ހިތަށް ފިނިކަމެއް ލިބުނީ ނަހުޔާންގެ ރީތި ސޫރަ ފެނުމުންނެވެ. ކޮންމެވެސް ވަރަކަށް ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. އައިޒާ ދެލޯ މަރައިލަމުން އަނެއްފަރާތަށް އެނބުރުނެވެ. ތަފާތު ޚިޔާލުތަކުން އޭނަގެ ސިކުނޑިވަނީ ވާންވެފައެވެ. އޭނަހާ ބަދުނަސީބުކުއްޖެއް މި ދުނިޔެއަށް އުފަންވިކަމެއް ނޭގެއެވެ. ފިރިހެނެއްގެ ބޭވަފާތެރިކަމުގެ ސަބަބުން އޭނަގެ މުސްތަގުބަލު ފެންނަނީ ހާދަ ބަނަކޮށެވެ. މިހާރު މިހުރެވުނު ހިސާބަކުން އަލިކަމުގެ ތެރެއަށް ނިކުމެވުމުގެ ބަދަލުގައި ހައްތަހާ މަގު އޮޅޭނީކަން އޭނައަށް ނޭގެނީއެއް ނޫނެވެ. ނަމަވެސް އޭނަ ހިތްވަރު ބަލިކޮށެއް ނުލާނެއެވެ. ނަހުޔާންގެ ހިތް ފަތަހަ ކުރަން އޭނަ ކޮށްފައި ނުކުރާނެކަމެއް ނެތެވެ. އައިޒާ ކޮންމެވެސް އެއްޗެއް ވިސްނާލާފައި ކުޑަކޮށް ހިނިތުންވެލިއެވެ.

މަލީކްގެ އަންހެން ކޮއްކޮ ދިން ޚަބަރަކުން ޖުވޭދާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.

"ހަމަ ރަނގަޅަށްތަ؟ އަހަންނަށްވެސް ހީވިޔޭ އެހެން، މަލީކް އަބަދުހެން އެއުޅެނީ ރާއްޖެއިން ބޭރުގައި، މިރަށަށް އަޔަސް ގިނަވަގުތު ރިޒޯޓްގައި، މަލީކް އިންނަން އުޅޭ މީހާ އެނގޭތަ؟ " ޖުވޭދާގެ މޫނު ކަފަކޮޅެއްހާ ހުދުވެފައިވާތަން ފެނުމުން ސާރާވެސް ކަންބޮޑުވިއެވެ.

"އެހާ ޔަގީނެއްނޫން، ރޫމާރ އެއްކަމަށްވެސް ވެދާނެ، މި ފިރިހެނުން ދުވަހަކު ރަނގަޅެއްނުވާނެ، އަހަރެންގެ ބޭބެއަށް ވިޔަސް ކަންއޮތްގޮތްތާ ބުނެވޭނީ، އެހެންނޫނަސް ބޭބެ ނަހުޔާންގެ މަންމަ ދީނާ އާއި މެރީކުރީ ފެމިލީ ދޫކޮށްލާފައި ގޮސް ހާދަ ވަރަކުންނޭ، ވަރަށް ލޯބިވާތީ ކަންނޭގޭ އޭރު ބޭބެ ފެމިލީ ދޫކޮށްލީ، އެކަމަކު ފަހުން ދީނާ ހެދިގޮތްވެސް ބަލާބަލަ، އެހެން ފިރިހެނަކާއި ރައްޓެހިވެގެން އެއޮތް ލޯބި ދެކުދިން ދޫކޮށްލާފައި ފިލައިގެން ދިޔައީ......." ސާރާ ބޯ ހޫރާލިއެވެ.

ޖުވޭދާ އިނީ ކަންބޮޑުވެފައެވެ. މަލީކް އޭނަދެކެ ފޫހިވާންވީ ކޮން ސަބަބަކާއި ހުރެހެއްޔެވެ؟ ދީނާ ދެކެ ލޯބިވިފަދައިން އޭނަދެކެ ލޯބިނުވާކަން ޖުވޭދާއަށް ނޭގެނީއެއް ނޫނެވެ. ނަމަވެސް މަލީކް އެހެން ފަރާތަކަށް ގޮސްދާނެކަމަކަށް އޭނަ ހުވަފެނެއްގައިވެސް ދެކެފައެއްނެތެވެ. ދާނިޔަލްގެ ސިޔާސަކަމުން ދާނިޔަލްގެ ވާހަކަ ދައްކާތީ މަލީކް ހިތްހަމަނުޖެހުނީ ބާވައެވެ. މަލީކް އޭނައަށްވުރެ ދަރިން ދެކެ ލޯބިވާކަން ޖުވޭދާއަށް ދުވާލުގެ އިރު ފެންނަފަދައިން ހާމަވެއެވެ. އެއީ އެކުދިންގެ މަންމަ ދެކެ ލޯބިވާކަމުގެ ރަމްޒެކެވެ. އަނެއްކާ ދީނާ އާއި ދެވަނަ ފަހަރަށް ގުޅެން މަލީކް ނިންމީ ބާވައެވެ. ޖުވޭދާގެ ހިތް ކުދިކުދިވާވަރުވިއެވެ. ލޮލަށް ކަރުނަ އައެވެ. އެއްގޮތަކަށްވެސް އޭނަ އެހެން ވިޔަކަ ނުދޭނެއެވެ.

މަލީކް އޭނަ މިގެއިން ފޮނުވައިލަން ވާއިރަށް އޭނަވެސް ޕްލޭނެއް ރާވާނެއެވެ.

ޖުވޭދާގެ އެކުވެރިޔަކު ކުއްލިއަކަށް މާ ބޮޑަށް ބަލިވެގެން އޮޕަރޭޝަނެއް ކުރެވޭތީ ހޮސްޕިޓަލަށް ދާން ނުކުތީ ދާނިޔަލް އާއި އިރާ ހަވާލުކޮށްފައެވެ. އިރާ ހުރީ އެކަން ގަބޫލުކުރަން ދަތިވެފައެވެ.

ދާނިޔަލް އޭނަގެ ދޮންމަންމައަށް ސިއްރުން އިރާ އާއި ދިމާލަށް އެއްލޯ މަރާލިއެވެ. އިރާގެ ޅަ ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ. ދާނިޔަލްގެ ލާނެތްކަމުން ކޮށްލާ އެފަދަ ކުދި ހަރަކާތްތައް އިރާގެ ހިތުގައި ބިންވަޅު ނެގެން ފެށިތާ ދުވަސްކޮޅެކެވެ. ޚާއްސަކޮށް ވާރޭގެ ތެރޭގައި ދެމީހުން އެކީގައި ތެމިލައިގެން ހޭދަކުރި ހިނދުކޮޅަށްފަހު އިރާގެ ހިތުގައި ދާނިޔަލް ވަނީ ހަރުލާފައެވެ. ދާނިޔަލް ފެނުމުން ފައިކޮޅުގައި ވާގިދޫވާފަދަ ގޮތެއްވެސް ވެއެވެ. ހިތް ތަންކޮޅެއް އަވަހަށް ހިގަން ފަށައެވެ. ބައެއްފަހަރު ނޭވާ ހިފަހައްޓާލައިގެން އިންނަން ޖެހެއެވެ. 

ހަފްތާއެއްހާ ދުވަސްވާންދެން ވާރޭ ވެހުމަށްފަހު މިއަދު އަވި ދިއްލާލާފައި އޮތީ ހެޔޮވަރަކަށެވެ. މަޑު އަތްވެއް ދީފައި އޮތުމުން ބޭރުތެރޭގައި އުޅޭއިރު އުދާސްވާފަދަ ގޮތެއްނުވެއެވެ. ހުކުރުން އައުމަށްފަހު ކައިގެން އަދި މާ ގިނަ ވަގުތެއް ނުވިޔަސް ދާނިޔަލް ބޭނުންވީ ޓެނިސް މެޗެއް ކުޅެލުމަށެވެ. އިރާ ކޮޓަރިއަށް ވަދެފައި ހުދުކުލައިގެ ސްޕޯޓްސް ހެދުމެއް ލައިގެން ޓެނިސް ބޫޓަކަށް އަރައިގެން އައުމުން އެ ދޮންފައި ހާމަޔަށް ހުރުމުން ދާނިޔަލްގެ ލޮލުގައި އަޅައިގަތެވެ. އެކަމަކު ޖެއްސުމެއް ކޮށްލާހިތްވިއެވެ.

"ބާރބީ ދެފައި ހުރީމަ ކަމަކު ނުދޭ......" ދާނިޔަލް ގެ ހިތް އިރާގެ ލޫޅާފަތި ކަމަށް ތައުރީފު ކުރިއެވެ. 

"އެތެއްގެ ފައި ޓްރާންސްޕްލާންޓް ކޮށްދޭންވީ ނު..." އިރާ ދެރަ ނުވާންވެގެން ހީގަތް ނަމަވެސް ދާނިޔަލްގެ ލަފުޒު ތަކުން ހިތަށް ބަޔާން ނުކުރެވޭވަރަށް އަސަރުކުރިއެވެ. ކުޑަކޮށް ފެންކަޅިވާގޮތްވިއެވެ.

"ތި ބުޅަލުގެ ދެލޯވެސް އެހާ ހަޑި، އެކަނި ދެފަޔެއް ނޫން ބޮޑުކުރަން ޖެހެނީ، ހުރިހާ ތަނެއްވެސް......" ދާނިޔަލް އިރާގެ ކުޑަ ނޭފަތުގައި ހިފާލިއެވެ. ހަގީގަތުގައި އިރާފަދަ ކުދިންނަށް ދާނިޔަލް އެހާ ޝައުގެއް ނުހުރެއެވެ. ތަންކޮޅެއް ކުޑަވެފައި "ބާބީޑޯލް" ވައްތަރަށް ހުރީމައެވެ. ނަމަވެސް އިރާގެ މޫނުމަތި ރީތިކަމާއި ކުޑަކަމުން ކޮލުގައި ވިކާ ގޯނާކޮށްލާހިތްވާ ފަހަރު އާދެއެވެ. އެހާ ފޮނި ޅަ އަޑެކެވެ. ދޭތެރެއަކުން އެހެން ހުރެލާފައި އިނގިރޭސި ލަވައެއް ކިޔާލާއިރު މަޝްހޫރު ލަވަކިޔުންތެރިން ނަށްވުރެ ހުނަރު ދަށެއްނޫނެވެ. އިރާ އާއި މެދު ކުރިން ދާނިޔަލް ދެކެމުން އައީ ކޮއްކޮއެއްގެ ގޮތުގައެވެ. އެހާ ރީތިއިރު ފާހަގަ ނުކުރެވި ހުއްޓަސް ފަހަކަށް އައިސް ދާނިޔަލް އިރާ އާއި ވެސް ސަމާސާކުރަން ފެށީ އެހެން އަންހެންކުދިން ފަދައިންނެވެ. ބޮޑަށް އެހެން ވާންފެށީ އޭނަގެ ދޮންމަންމަ އިރާ އާއި އޭނަ ދުރުކުރަން އުޅޭކަން ފާހަގަވީމަ ޖެއްސުމަށެވެ.

"ހަމަ ޖޭ ވީ...." އިރާ ދޫ ނެރެލާފައި ޓެނިސް ރެކެޓުން މަޑުމަޑުން ދާނިޔަލްގެ ބޮލުގައި ޖެހިއެވެ.

"އައްޗި، ޖޭވާނީ ތުއި އަންހެންކުދިން... ފިރިހެނުންނަކަށް ޖޭ ވާން ނޭގޭނެ..." ދާނިޔަލް ގެ އިސްތަށިގަނޑު ހޭވުމުން ވަކިން ފިރިހެންވަންތަކަމަށް ދެއްކިއެވެ. ދެމީހުން އެކަހަލަ ޒުވާބެއް ކުރަމުންގޮސް ޓެނިސް ކޯޓަށް ނިކުމެ ކުޅެންފަށާއިރަށް އިރާގެ އޮމާން މޫނުމަތީގައި ދާތިކިތައް ވިދާލައިފި އެވެ. އަވީގައި އުޅުނަސް އެ ހަމުގެ ކުލައަށް ބަދަލެއް ނާދެއެވެ. އާއްމުކޮށް ދާނިޔަލް އާއި ދިމާވަނީ ރަކިވާއިރަށް ނޫނީ ބާރަށް ހޭންފަށާއިރަށް މޫނު ރަތްވާ ދޮންކުދިންނާއެވެ. އިރާގެ ހަމުގެ ކުލަ ބޮޑަށް ހުރީ ރީދޫ ދޮންކުލަކަން ނޭގެއެވެ. ރަކިވިޔަސް އޭނަގެ މޫނު ރަތްވާތަނެއް ނުފެނެއެވެ.

ޓެނިސް މެޗް ނިންމައިލުމަށްފަހު އިރާ ދުއްވައިގަތީ ފުރާޅަށް އަރަން ބަހައްޓާފައި ހުރި ހަރުގަނޑާއި ދިމާލަށެވެ. އޭނަގެ މަންމަ ހުރެގެން ހިތަށް އެރިގޮތަކަށް ނޫޅެވޭނެތީ އިރާ ހީވަނީ އެހެން ކަމެއްހެންނެވެ. މަންމަ ނެތުމުން ފިޔަފަޅާ އުދުހެނީހެން ހީވިއެވެ. 

"ކެއަރފުލް.... ނޫނީ ވެއްޓި ތި ބާބީ ޑޯލް ބްރޭކް ވެދާނެ....." އިރާ ހަރުގަނޑުން އަރަން ފެށުމުން ދާނިޔަލް ފައިތިލައިގައި ކޮށްޓައިލުމުން އިރާ އަޑުކޮޅަށް ހަޅޭއްލަވައިގެންފައި ހަރުގަނޑުން އަތްވެސް ދޫކޮށްލައިފި އެވެ. އިރާ ބިންމަތީގައި ނުޖެހުނީ ދާނިޔަލް ހުޝިޔާރު ކަމާއިއެކު އެ ލުއި ހަށިގަނޑު ސަމާލުކޮށްލާފައި އަތުގެ ތެރެއަށް ގެނައި ގޮތަކުންނެވެ. އިރާ ދާނިޔަލްގެ އިސްތަށިގަނޑުގައި ހިފާ ވާންކޮށްލިއެވެ.

"އައުޗް.. މަގޭ ރީތި އިސްތަށިގަނޑު...." ދާނިޔަލް ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.

"ހޭޓް ޔޫ... އަހަރެން ހީލި ހުންނަވަރު ނޭގުނީތަ؟" އިރާ ކިތަންމެ ރުޅިގަދަވިޔަސް މޫނުމަތި އަލިކަމުން އެކަން ފާހަގައެއްނުވެއެވެ. އެހާ އަވަހަށް ހޭން ފަށާފާނެއެވެ. އިރާއަކީ ރުޅިއަންނަން ދަންނަ ކުއްޖެއްވެސް ނޫނެވެ. 

ދާނިޔަލް އެފަދަކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދިނުމުން އިރާ ފަހަތަށް ބަލަބަލާ އޮވެ ފުރާޅަށް އަރާފައި މަޖާވެލައިގެން ކުޑަކޮށް ނަށައިލިއެވެ. ދާނިޔަލް އަށް ބަލައިލެވުނީ ގޭޓުން ވަދެގެން އައި އައިޒާ އަށެވެ. ހިތްކިޔާހާ ރީތި ސިފަތަކެއް ހުރި ކުއްޖަކީ އެއީއެވެ. ދުރުން ފެނުނީމަވެސް ދާނިޔަލްގެ ހަށިގަނޑުގައި ވިންދު ޖަހާލައިފިއެވެ. ލޯބި ނުވިޔަސް ޔަގީނުންވެސް އޭނަގެ ހިތް ހަމަޖައްސައިދެވޭނީ އެފަދަ ކުއްޖަކަށެވެ.

އައިޒާގެ ކަތި ނަޒަރުން ދާނިޔަލް ހިނިއަންނަ ގޮތްވިއެވެ. އައިޒާ ބޭނުން ވިޔަސް ނުވިޔަސް އެހެރީ ރީއްޗަށް ސިންގާ ކޮށްޓެއްގައި ހައްޔަރުވެފައެވެ.

ދާނިޔަލް ފުރާޅަށް އެރިއިރު އިރާ ހުރީ މަޖާވެލާފައި އަނބު ބިންނާށެވެ. އަނބުގަހުންގެ ބަޔެއް ގޮފިތައް ހީވަނީ އަރާމުކޮށްލަން ފުރާޅުމަތީގައި އަރާމުކޮށްލަން ޖައްސާލާފައިވާހެންނެވެ. 

"ޑެނީ، އިންސްޓަގްރާމަށް ލާން ޕިކްކޮޅެއް ނަގާދީބަލަ..." އިރާ އޭނަގެ ފޯނު ދާނިޔަލްގެ އަތުގައި ލައްވާފައި އަނބެއްގައި އަނގަ ޖެހިއެވެ. އެހެންކުދިން ފަދައިން ރީތި ޕޯސްއަކަށް ހުއްޓުމުގެ ބަދަލުގައި އިރާ ބޭނުމީ އެފަދަ ފޮޓޯތަކެވެ. އިރާ އާއި ދާނިޔަލް އަނބުކެއުމުގެ ފޯރީގައި އުޅުނުއިރު ދާނިޔަލް ދޭތެރެއަކުން އިރާ އާއި ސަމާސާއެއް ކޮށްލި އެވެ. އެހެން އުޅެމުންގޮސް އިރާގެ ފައިގައި އަތްލުމުން ވީވަރު ހަނދާންވެފައި ދާނިޔަލް އިރާގެ ބަނޑުގައި އަތްލިއެވެ.

"ސްޓޮޕް ދެޓް، ހީލިކަރުވައޭ..... ހެހެ، ސްޓޮޕް އިޓް ޕްލީޒް....." އިރާ ހިސްޓެރިކަލް ގޮތަކަށް ހެމުން ދިޔައެވެ. ދާނިޔަލް އެތަން މިތަނުގައި އަތްލި އިރު އިރާ އޮތީ މަރުވާވަރުވެފައެވެ. ފުރާޅުމަތީގައި ދެފައިތަޅާފައި ދާނިޔަލްގެ އަތުތެރެއިން ސަލާމަތްވާން ވެގެން އޭނަ އަޑުކޮޅަށް ހަޅޭއްލެވިއެވެ. އަނބުރައި ނުގަތީވެސް ކިރިޔާއެވެ. ދާނިޔަލް ހިތްފުރެންދެން އިރާ ހެއްވާލާފައި ދޫކޮށްލިއިރު އިރާގެ ދެލޮލުން ފެންފައިބައެވެ. އިރާ ވައުދުވީ އެކަމުގެ ބަދަލު ދާނިޔަލްގެ ފަރާތުން ހިފާނެކަމުގައެވެ. ފަހުން އޭނަހުރީ މަޖާވެލާފައެވެ. އިސްތަށިގަނޑު އަތުން ރީތިކޮށްލާފައި ތެދުވުނުއިރު އެދޮންމޫނުގައިވާ ދާތިކިތަކާއިއެކު އިރުގެ އަވި އެޅިފައިހުރުމުން ފެންނަލެއް ވަކިން ނަލައެވެ. ގަދަފެހިކުލައިގެ ފަތްތަކުގެ ހިޔަނި އެޅިފައިވުމުން ލޮލުގެ ނޫކުލައާއި އެކުވެގެން ހުވަފެނީގޮތަކަށް ފެނެއެވެ.

އޭރު އުޑުގައި ރަން ގްލޯބެއްހެން އިރު ދައްކާލާފައި އިނެވެ. ދާނިޔަލް އޭނަގެ ފޯނުގައި އިރާގެ ފޮޓޯއެއް ރައްކާކޮށްލިއެވެ. އެ ތަސްވީރު ނެގުނު އެންގްލްއަކުން އެ ލޮލަށް އަލިއެޅިފައިވާ ގޮތާއި މުށި އިސްތަށިގަނޑުގައި އިރުގެ ދޯދިތައް ބޮސްދޭތަން ރީތިކޮށް ފެންނަން ހުއްޓެވެ. ދާނިޔަލް އާއި އިރާ ތިރިއަށް ފޭބިގޮތަށް ބަދިގެއަށް ގޮސް ދެ ޒުވާނުންވެގެން ނޫޑުލްސް ސޫޕް ހެދިއެވެ. މިއިން ޒަމާނެއްގައިވެސް އިރާއަށް މިހާ ހިތްހަމަޖެހިގެން އުޅެވުނުކަމަކަށް ނުވިއެވެ. ދާނިޔަލް އާއި އެކު ހޭދަކުރެވުނު ވަގުތުތަކުގެ ސަބަބުން އެ ދޮންމޫނުވަނީ އުފަލުން ފަރިވެފައެވެ. މިހާ ރީތި ބޭބެއެއް ހުންނައިރުވެސް މިހާ މިނިވަންކޮށް އެކީގައި އުޅެވުނީއެއް ނޫނެވެ.

"ޑެނީ، އަހަރެން އަންނާނަން ހެދުން ބަދަލުކޮށްލައިގެން، މަންމަ ގުޅާފައި އެބުނީ މިއަންނަނީއޭ..." އިރާ ގޭތެރެއަށް ވަދެގެން ދަމުން އޭނަގެ އެކުވެރިއަކަށް ގުޅާލައިގެން ހުރެ ވާހަކަ ދެއްކީ މަޖާވެލާފައެވެ.

"ޔަޕް. މި ނޯޓީ ދާނިޔަލް ގަނޑު އަހަރެން ޓިކްލް ރޭޕް ކުރީ، ކިރިޔާ ފެއިންޓް ނުވީ...." އިރާ ކޮޓަރި އާއި އަރާ ހަމަވެފައި އެހެން ބުނިއިރު މުފީދާ ހުރީ އެތާހުރި ބޮޑު ޕޮޓެއް ސާފުކުރުމުގައި އަވަދިނެތިއެވެ. އިރާ ބުނި އެއްޗެއް އެހެން ގޮތަކަށް ނަގައިގަންނާނެ ކަމަށް އިރާ ހިޔެއްނުކުރެއެވެ. އަދި މުފީދާ އަޑުއަހާފާނެ ކަމަކަށް ވިސްނައެއް ނުލިއެވެ. މުފީދާ އެހެން މަސައްކަތަކަށް ގެއްލިފައި ހުއްޓަސް އޭނަ ނިކަން ރަނގަޅަށް އިރާގެ ޖުމްލަތަކާއިމެދު ވިސްނިއެވެ. މުފީދާ މަސައްކަތް ނިންމާލާފައި ބަދިގެއަށް ވަދެ ރޯޒާގާތުން ރޭޕްގެ މާނަ އަހާލައިފި އެވެ. ހަގީގަތް އެނގުމުން މުފީދާ ހުރީ އެވާހަކަ ޖުވޭދާގެ ކަންފަތަށް ފޯރުކޮށްދޭހިތުން ކެތްތެރިކަން ކުޑަވެލާފައެވެ. ދާނިޔަލް އާއި އިރާ ފުރާޅުމަތީގައި މާ އަޑުގަދަކުރީ ކީއްވެކަން މުފީދާއަށް ރަނގަޅަށް އޮޅުން ފިލައިފި އެވެ.

އިރާ ފަހަރަކު ހެދުމެއް ގައިގައި ޖައްސައިލުމަށްފަހު ލާން ކަމުދާ ހެދުމެއް ނުފެނުނެވެ. ހުރިހާ ހެދުންތައް އެނދުމައްޗަށް އުކާލައިގެން ހުރެފައި އެންމެފަހުން ރަތާއި ކަޅުކުލައިގެ ސްޓްރައިޕް ހެދުމެއްލައިގެން ސްކިނީއެއް ލައިފިއެވެ. ތުންފަތުގައި ލިޕްސްޓިކް ޖައްސައިލީ ހެދުމާއި ގުޅުވާލަންވެގެންނެވެ. ރީތިވާން ހުރިއިރު ދާނިޔަލްގެ މަތިން ހަދާންވެފައި އިރާ ރަކިވިއެވެ.

"އެހާވަރުން ރީތި ވަނީ ހަމައެކަނި ޑެނީއަށް ޓަކައިތަ؟ ޑެނީގެ ހިތުގައި އެކައްޗެއްވެސް ވާނެކަމެއް ނޭގޭ، އެކަމަކު އަހަރެން ހާދަ ލައިކްވޭ، ހިތަށް އަރާ ޑެނީ އަހަރެން ދެކެވެސް ލައިކްވާނެ ނަމައޭ، ޑްރީމް ކުރުމަކުން ގޯހެއް ނެތް، އަބަދު ޑެނީގެ މަތިން ހަނދާން ވަނީ ކީއްވެކަމެއް ނޭގޭ، ލޯތްބަކީ މިއީތަ؟ އަހަންނަށް ޑެނީ ދެކެ ލޯބި ވެވުނީ ކަންނޭގޭ........" އިރާ ލަވައެއް ކިޔަން ހުރެލާފައި ފަޔާއި ގުޅޭފަދަ ރަންކުލައިގެ ތުނި ފައިވާނަކަށް އަރައިގެން ލުއި ވަހެއް ދުވާ ސެންޓެއް ބޭނުންކުރިއެވެ. އިރާ ގެ ތުންފަތްމަތީގައި ހުރި ފަނޑު ހިނިތުންވުން ހާމަކޮށްދެނީ އޭނަ އުފަލުން ހުރިވަރެވެ. 

އިރާ ލޯގަނޑު ކައިރީގައި ހުރެ ހިތްފުރޭވަރު ވުމުން އެންމެ ފަހު ފަހަރަށް ބަލައިލުމަށްފަހު މަޑު ހިނގުމެއްގައި އަންނަނިކޮށް ފެނުނު މަންޒަރަކުން ފިޔަވަޅު ގަނޑުވިއެވެ. ދާނިޔަލް އާއި އައިޒާ ފެނުނީ އެއް ހިޔަނި ފަދައިންނެވެ. އައިޒާ ކުޑަކޮށް ގަދަހަދަން އުޅުނުހެން ހީވިއެވެ. ދާނިޔަލް އައިޒާގެ އަތުގައި ހިފާ ދަމައިގަނެފައި އެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިތަން ފެނުމުން އިރާ ގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. އެ ކޮޓަރިތެރޭގައި ދެން ހިނގާނެ ކަންތައް އިރާގެ ސިކުނޑިއަށް ގެންނަން ބޭނުން ނުވިޔަސް އިރާއަށް ކޮންމެވެސް ވަރަކަށް ވިސްނުނެވެ.

އިރާ އެނބުރިލާފައި ދުވަމުންގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިގެން ދޫލަމައްޗަށް ތިރިވިގޮތަށް މޫނު ކަކޫތެރޭގައި ފޮރުވައިލެވިއްޖެއެވެ. އޭރު ހިތަށް އުނދަގޫވެގެންގޮސް ނުބައިގޮތެއް އެތެރެހަށްޓަށް ވިއެވެ. ގަދަޔަށް ރޯން ބޭނުންވެފައި ނުރޮވުނީމަ ވާފަދަ ގޮތެކެވެ. އިރުކޮޅެއްނުވަނީސް އިރާގެ ހިތުގައި ދާނިޔަލް އާއިމެދު ރުޅިވެރިކަން އުފެދުނެވެ. އައިޒާއަށް ޓަކައި ހިތް ހަސަދައިން ފޯވިއެވެ.

ޖުވޭދާ ގެއަށް އައިގޮތަށް ނަމާދުކޮށްލައިގެން އެކިކަންތަކާއި އުޅެމުން ދިޔައިރު ދޭތެރެއަކުން މުފީދާ ފެނިލައެވެ. ހީވަނީ ކޮންމެވެސް ބޮޑު އެއްޗެކޭ ބުނަން އުޅޭހެންނެވެ. ނަމަވެސް އެކަނިވަގުތެއް ނުވެ ހުއްޓާ މުފީދާ ގެއަށް ދާ ވަގުތު ޖެހުނީއެވެ. މުފީދާގެ ބޮޑު ދަބަސް ބުރުގާ ދަށުލައި ނިވާކޮށްލައިގެން ދަމުން ސޯފާގައި ފޮތެއް ބަލަން އިން ޖުވޭދާއަށް ސިއްރު ނަޒަރެއް ހިންގައިލިއެވެ. ޖުވޭދާއަށްވެސް އިސްއުފުލައިލެވުނީ އެވަގުތުއެވެ. މުފީދާ ކުޑަކޮށް ސިހުނެވެ. އެވަގުތު މީހެއްގެ ހިލަންވިހެން ހީވެގެން މުފީދާ އަވަސްއަވަހަށް ކުރިއަށް ހިނގައިގަތުމުން ޖުވޭދާ ފޮތުގެ ސަފުހާތައް އުކަންފެށިއެވެ.

ރޭގަނޑު ކާންވެގެން މޭޒުދޮށަށް އައީ ޖުވޭދާ އާއި ދާނިޔަލް އެކަނިއެވެ. އައިޒާ އަދި އިރާވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ކާކަށް ނުނިކުތެވެ. ނަހުޔާންގެ ޚަބަރެއްނުވިއެވެ. ޖުވޭދާ މިރޭ ދާނިޔަލް އާއި ވާހަކަ ދެއްކީ ތަންކޮޅެއް އިހުތިރާމް އާއި އެކު ރީތިކޮށެވެ. ދާނިޔަލް އިނީ ދޮންމަންމަގެ މިޒާޖު ކުއްލި ކުއްލިއަކަށް ބަދަލުވާތީ ބުނާނެ އެއްޗެއް ނޭގިފައެވެ. ފަހަރެއްގައި އޭނަ އިރާ އާއި ދޭތެރޭގައި ދެކެނީ ކޮއްކޮއެއްގެ ހައިސިއްޔަތުން ކަމާއި ނުބައި ނިޔަތެއްނެތްކަން ދޮންމަންއަށް އެނގުނީ ކަންނޭގެއެވެ. ދާނިޔަލްވެސް މިރޭ އިނީ ދޮންމަންމަގެ އުފާވެރި މިޒާޖާއި ގަޔާވެ ސަމާސާ މޫޑެއްގައެވެ. ދުރު ހިލޭ މީހުންނާއި އެހާ އެކުވެރިވުން ފަސޭހަ ނުވިޔަސް އެކުވެރިންނާއި ދުޝްމިނުންނާއި ދާނިޔަލް ނިކަން ގާތްވާނެއެވެ.

"އަހަރެންވެސް ކުލަ ބަދަލުކުރަން ކެމީލިއަން އަކަށް ވުރެ ދެރައެއް ނުވާނެއޭ މި ފިރިހެން ދަރި ހިތަށް އަރާނެކަން ނޭގޭ..." ޖުވޭދާ ހިތާހިތުން ކިޔާލައިފިއެވެ. ޖުވޭދާއަށް ނޭގުނީ ދާނިޔަލްމެން ފަދަ ފިރިހެނުން ބުނަން ބޭނުންވާ އެއްޗެއް ސީދަލަށް ބުނާނެކަމެވެ. ހަސަދަވެރިވުމާއި، ދޭތެރެ ޖެއްސުން އަދި ސިއްރުން މީހުން ނެތްތަންތާ ވާހަކަދެއްކުމުގެ އާދަ ނުގެންގުޅޭކަމެވެ.

ނަހުޔާން އާއި ދާނިޔަލް ޝޮޕިން ސެންޓަރަކަށް ވަދެލާފައި ނަހުޔާން ހުއްޓުނީ ޗޮކްލެޓް ހަރުގަނޑު ކައިރީގައެވެ. ތިމާގެ ކުއްޖަކު ޗޮކްލެޓް ކާހިތުން އުޅޭވަރުން އޭނަ ޑިއުޓީ ނިންމާލާފައި އަންނަމުން މިތަނަށް މަޑުކޮށްލީއެވެ. ދާނިޔަލްވެސް ނަހުޔާން ނިމެންދެން ފޮތް ހަރުގަނޑު ކައިރީގައި ފޮތްތަކެއް ބަލައިލަން ހުއްޓާ އެތަނަށް ވަދެގެން އައި ރީތި އަންހެންކުއްޖަކު ހުއްޓުނީ ދާނިޔަލްއަށް ފުރަގަސްދީގެން އޭނަގެ ފަހަތުގައި ކަހަލަ ގޮތަކަށެވެ. ދެމީހުންގެ ބުރަކަށި ކިރިޔާ ނުޖެހޭކަމެވެ. ކޮންމެ މީހަކު ކިރިޔާވެސް ފަހަތަށް ޖެހިލައިފިއްޔާ ލައިގަންނާނެކަން ޔަގީނެވެ. އިރުކޮޅަކުން ދެމީހުންނަށް އެނބުރުނީ އެކީގައެވެ. އަންހެންކުއްޖާގެ ގައިގައި ދާނިޔަލް ޖެހުނުލެއް ބާރުކަމުން އެ ކުއްޖާގެ އަތުގައި ހުރި ފޮތްތައް ބިމަށް ފައިބައިގަތެވެ. އެ ރީތި ކުއްޖާ ގުދުވެ ފޮތްތައް ނަގަން އުޅުނު ވަގުތު ދާނިޔަލްވެސް ފޮތެއް އެ ނާޒުކް އަތަށް ލައްވައިދިންއިރު އެ ފިރިހެންވަންތަ އަތުގެ ބީހިލުމުން ގައިން ހީބިހިނެގިއެވެ. ނޭފަތުގައި ޖެހުނު ހިތްގައިމު ސެންޓެއްގެ ވަހުން ވެސް އަޖައިބެއްފަދަ އަސަރެއްކުރުވިއެވެ. ދާނިޔަލްއަށް ފެނުނީ އެކަނި އެ ހިމަ ހޯލި އިނގިލިތައް ލާފައިވާ ދޮން އަތެވެ. އަތުގައި އަޅާފައިވާ ހިތެއްޖަހާފައިވާ ރަންކުލައިގެ ކެވެލިކޮޅެވެ.

"ސޮރީ...." އެ އަންހެންކުއްޖާ ހައިރާންވީ ދުނިޔެއިން އިވުނު އެންމެ ފިރިހެން ވަންތަ އަޑަށް ވީމައެވެ. ދާނިޔަލް ގެ މިޒާޖު ހުންނަގޮތުން އެހެން ދިމާވާ ބީރައްޓެހި ކުދިންނަށް ބެލުމުގެ އާދައެއް ނުހުރެއެވެ. މަގުން ހިގާފައިދާއިރު ވެސް މީހުންނަށް ބެލުމަކީ އޭނަގެ އަމުދުން ނެތް ސިފައެކެވެ. އެހާ ކައިރިން ބުދެއްފަދަ އަންހެންކުއްޖެއް ފެނުމުންވެސް ދާނިޔަލްއަށް ބަލައިނުލެވުނީ އެހެންވީމައެވެ. އޭނައަށް ނޭގުމުގެ ތެރޭގައި އެ ހިގި ކުޑަ އެކްސިޑެކްޓަކުން ޅަ ހިތެއް ގައި ލޯބީގެ އުއްބައްތި އެއް ދިއްލައިލެވުނު ކަމެއް އޭނައަކަށް ނޭގުނެވެ. ހަޔާތުގެ ދަތުރުގައި އެގޮތަށް ހިގާ ކުދިކުދި އެންމެ ކަމެއްގެ ސަބަބުން ދިރިއުޅުމަށް ކިތަންމެ ވަރުގަދަ އިންގިލާބެއްވެސް ގެނެސްފާނެއެވެ. އެ އެކްސިޑެންޓް ނަހުޔާންއަށް ފެނުމުން އޭނަ ހުރީ ނުދެނެހުރިކަމަށް ހަދާލައިގެންނެވެ. ދާނިޔަލް އަރާހަމަވުމުން އެއަންހެންކުއްޖާއޭ ކިޔައިގެން ދިމާކުރަންފެށުމުން ދާނިޔަލް ހޭންފެށިއެވެ.

"ޑެނީ އާއި އެހާ ގުޅޭ ކުއްޖެއް އަދި ނުދެކެން، އަދި އެންމެ ހެއްވައީ ދެމީހުންވެސް ތިބީ ކަޅު ޖިންސާއި، ނޫކުލައިގެ ޝާޓްގައިވީމަ، ހީވީ ދެމީހުން ގަސްތުގައި ޑޭޓަކަށް ކިޔާފައި އެތަނަށް އައީހެން......" ނަހުޔާން އާއި ދާނިޔަލް އެކީގައި ހިނގާފައި ކާރަށް އަރަން ދިޔައިރު އެހެން ލާފައި ދާ ކޮންމެ މީހެއްގެ ނަޒަރުގެ އަމާޒަކަށް އެ ޒުވާނުން ވިއެވެ.

"ސީރިޔަސްތަ؟ އަލުން އެކުއްޖާ ހޯދަން ދާންވީ ކަންނޭގޭ، އެވާނީ މަގޭ ސޯލްމޭޓަށް........" ދާނިޔަލް ފަހަތަށް އެނބުރިބަލާލައިފި އެވެ.

"އެކަމަކު ޑެނީގެ ޓައިޕެއްނޫން އިނގޭ، އޭނަ ބޮޑަށް ވައްތަރީ އިރާއާއި.... ބާބީ ވައްތަރު ކަމަކު ނުދެއެއްނު..." ނަހުޔާން ޑްރައިވަރު ސީޓަށް އެރިއެވެ. ދެމީހުން އެހާ ގާތްކޮށް ވާހަކަދެއްކި އިރު ދާނިޔަލް ހަދާންވީ އައިޒާގެ މަތިންނެވެ. އައިޒާ އާއި ރައްޓެހިވެފައި ދޫކޮށްލެވުނުކަމުގެ މޮޔަވެސް ހީވިއެވެ. އެގޮތަށް އެކި ކުދިންނާއި ގުޅެން ހަދައިގެން ބައެއްފަހަރު ހަޔާތް އޮޅުން ބޮޅުމެއްގެ ތެރެއަށް ވެއްޓިގެން ހިގައިދާނެއެވެ. އެހެންނޫނަސް އައިޒާ ފަދަ ހިތް ބޭނުންވާ އަންހެންކުއްޖަކު ލިބިދާނެހެއްޔެވެ؟ އޭނައަށް އެންމެ ކަމުދަނީ އައިޒާފަދަ ހަރުކުދިންނެވެ. މާ ޅަކޮށް ތިބީމަ ހުންނާނީ ކޮން ތަޖުރިބާއެއް ހެއްޔެވެ؟ އެފަދަ ޚިޔާލުތަކެއްކޮށްފައި ދާނިޔަލް އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ބޭބެގެ އަންހެނުންނަށް ވުމަށްފަހު އައިޒާއަށް މިގޮތަށް ގޯނާކުރުން ހެޔޮވާނެ ހެއްޔެވެ؟ ނޫނީ ނަހުޔާން ގާތު ހަގީގަތް ކިޔައިދޭންވީ ހެއްޔެވެ؟ އޭރުން ނަހުޔާން ވިސްނާފައި އެންމެނަށް ރަނގަޅުގޮތަކަށް ނިންމާނެއެވެ. ފޮރުވައިގެން ތިބީމަ ގޯސްހެދުން ނޫންކަމެއް ނުވާނެއެވެ.

ޖުވޭދާ އާއި އައިޒާވެސް ގޮނޑުދޮށުގައި އުޅެލާފައި މައްޗަށް އަރައިގެން ދިޔުމުން ދާނިޔަލް އާއި އިރާ އެކަނިވިއެވެ. ދާނިޔަލް ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ކަކުލާއި ހަމަޔަށް އޮތް ސޯޓެއްގައެވެ. އިރާވެސް ފަށުވި ސޯޓްކޮޅަކާއި ބަނޑުފެންނަވަރުގެ ޓޮޕެއްލައިގެން ރާޅު ބީއްސާ ހިސާބުގައިހުރިއިރު ހުޅިލާފައި އަންނަ ރާޅުތައް އެ ދޮން ދެފަޔަށް ހަމަލާދެމުން ދިޔައެވެ.

"ޓަޗް ފޯރ ދަ ވެރީ ފަސްޓް ޓައިމް..." ދާނިޔަލް ރީތި ލަވައެއްގެ ރާގު އަޅުވާލާފައި އިރާގެ ސޯޓުގައި ހިފާ ކުޑަކޮށް ދަމާލުމުން އިރާ ރުޅިގަދަވިއެވެ.

"ގެޓް ޔޯ ހޭންޑްސް އޮފް މީ......." އިރާގެ އަތުގެ ހޫނު އެތިފަހަރެއް ދާނިޔަލްގެ މޫނަށް އެރުމުން ދާނިޔަލް ހޭންފެށިއެވެ. އިރުކޮޅަކުން ދާނިޔަލް ހުނުން ހުއްޓާލިއިރު އެ ދެލޮލުން ކަނިބުރާހެން ހީވިއެވެ. އޭރު އިރާއަށް އެއްޗެއް ވިސްނިގެން ދާނިޔަލް އަތު ނުޖެހޭންވެގެން މޫދަށް އެރިގެން ދުވަންފެށިއެވެ. ބަރު ލޮނުގަނޑު ގެތެރެއިން ދުވުން ހީކުރިހާ ފަސޭހައެއްނުވިއެވެ. ފައި ބަރުވެގެން ކުރިއަށް ފިޔަވަޅު ނެގުން ފަސޭހައެއް ނޫނެވެ. ދާނިޔަލް އޭނައަށްވުރެ އެތައް ގުނަ ހަލުތްވެވެ. އޮއްސެމުންދިޔައިރު ގެ ސަބަބުން އެހިސާބަށް ކަޅު އަނދިރިކަން ވެރިވާން ހިދުކޮޅެއްވެސް ނުނެގިއެވެ. ދާނިޔަލް އިރާ މޫދުގެ ތެރެއިން ދަމާފައި ގެނަސް އެ ހުދު ދޮންވެލިގަނޑު މައްޗަށް ކޮށްޕާލިގޮތަށް އޭނަގެ ގައި މައްޗަށް ޖެހިގަތީ ޝިކާރަވެރި ސިންގާއެއް ފަދައިންނެވެ. ދާނިޔަލްގެ އަތް އިރާގެ އަނގަމަތީގައި އަޅާ ބާރުކޮށްލުމުން ހަޅޭއްލަވަން އިރާ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.

"ހާޓްނުކޮށްބަލަ...." އިރާ ޅަ އަޑަކުން ބުނެލިއެވެ. ދާނިޔަލްއަށް އަޑު އިވުނުހެން ހިޔެއްނުވެއެވެ. އޭނަ އިރާއަށް ކުރަން ފެށި ގޯނާތަކަށް ކެތްނުވެގެން އަތްތިލައިގައި ދަތްއަޅައިގަތީ ބާރުބާރަށެވެ. އިރާގެ އަނގައިގައި ލޭ ރަހަ ލާންފެށުމުން އިރާ ބިރުވެރިގޮތަކަށް ލޯ ބޮޑުކޮށްލާފައި ދާނިޔަލްގެ މޫނަށް ބަލާލިއެވެ.

ކޮމެންޓް 0