"ވަޓް......" ނަހުޔާން ދެބުމަ ގޮށްޖަހައިލާފައި މުށްކެވުނު އަތް ޖިންސްގެ ޖީބަށް ޖަހާލައިފި އެވެ.

"ނަހުޔާން އަށް އެނގިފައެއްނެތް ދޯ، ހަގީގަތުގައި އަހަރެންގެ ހުރި ބޯއިފްރެންޑެއް، ހީ ބިޓްރެއިޑް މީ، އަހަރެންގެ ހިތް ހަލާކުކޮށްލާފައި އެހެން ގާލް އަކާއި ގުޅުނީ..........." އައިޒާ ނިޔަފަތީގައި ދަތް އަޅައިލާފައި ތެދުވެގެން ގޮސް އަލަމާރި ހުޅުވާލައިފި އެވެ.

"އެހެންވެ ބައްޕަގެ ނުފޫޒު ބޭނުންކޮށްގެން ނަހަލާލު ދަރި މަގޭ ބޮލުގައި އަޅުވާލީތަ؟" ނަހުޔާން ކުރިއަށް ފިޔަވަޅެއް ޖެހިލާފައިވެސް ކެތްތެރިވިއެވެ. މިހާ ގޮތްކުޑަކަމެއް މީހަކު ކޮށްފާނެ ކަމަކަށް އޭނަ މިހިރީ ގަބޫލު ނުކުރެވިފައެވެ. އެވެސް ބައްޕަގެ އެކުވެރިކަމުގެ ފައިދާ ނަގައިގެންނެވެ. އަންހެނުންނަކީ ހާދަ ނުބައި ބަޔެކެވެ. ނުބައިކަމުގެ ހައްދެއްނެތެވެ. ނަސްލު އޮޅުވައިލުމަކީ ނޭވާލުން ހާ ފަސޭހަކަމަކީ ކަންނޭގެއެވެ.

"ފިރިހެނުން ލަނޑު ދީފައި ދިޔައިމަ އަންހެން ކުދިންނަށްވެސް ދުނިޔޭގެ ލަދުން ސަލާމަތްވާން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ، ކިހާ ހެލްޕްލެސްވާނެ. ޕްރެގްވާނީވެސް އަންހެންކުއްޖާ........" އައިޒާ ތުންފަތުގައި ދަތްއަޅައިލި އެވެ. ނަހުޔާންއަށް ހަގީގަތް ކިޔައިދޭހިތުން ކެތްކުރެވެނީ އެއްވެސް ނޫނެވެ. އޭނަގެ އެ ދޮގުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ހިތި ސަފުހާތަކެއްކަން ބުނެދިނީމަ ނަހުޔާން ގަބޫލުކުރާނެއެވެ. ނަމަވެސް އަދި ތަންކޮޅެއް އަވަހޭ ހިތަށް އަރާފައި އައިޒާ ހިމޭންވިއެވެ.

ނަހުޔާން ހައްތަހާ ބޮޑަށް އައިޒާދެކެ ފޫހިވިއެވެ. އެހާ މިނިވަންކޮށް ލޯބިވެރިން ނަގާފައި ރަށަށް ބަދުނާމުވެފައިވާ އަންހެންކުއްޖަކު އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ވީތީ ހިތާމަކުރިއެވެ. މީހަކާއި އިނަސް ހަޔާތް ފުރިހަމަވީ ކަމަށް ނުބެލެވުނީ ނުގުޅޭ ބައިވެރިޔަކު ލިބުނީމައެވެ. މިވީގޮތުން އޭނަ ހިމޭނުން ހުންނާނެ ކަމަށް އައިޒާ ހީކުރަންޏާ އެއީ ކުށްހީއެކެވެ. ނަހުޔާންގެ ހިތް އޭނަގެ ބައްޕަ އާއި މެދުވެސް ޝަކުވާއިން ފުރުނެވެ. ރަނގަޅަށްވިއްޔާ އޭނަގެ ބައްޕައަށްވެސް އައިޒާ އިނީ ބަލިވެކަން އެނގޭނެއެވެ. އެކުވެރިޔާގެ ދަރިފުޅު ބަދުނާމަކުން ސަލާމަތް ކުރަން ބައްޕަ އޭނަގެ ދަރި ގުރުބާން ކުރެއްވީ ކަންނޭގެ އެވެ. މިއީ އިންސާފެއް ނޫނެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެއަށްވުރެ ބޮޑަށް ބައްޕަ ދަރިން ދެކެ ލޯބިވެލައްވާނެއެވެ.

"ނަހުޔާން އަހަރެން އެހެން ބުނީ މަޖަލަކަށޭ، އައި ސްވެއަރ އަހަރެން ޕްރެގްއެއް ނޫން...." އައިޒާ ހޭން ފެށުމުން އެ ރީތި މޫނު އެކީ ބަދަލުވެގެން ދިޔަހެން ހީވިއެވެ. އެ ސީރިޔަސްކަމުގެ ތެރެއިން ނާޒުކް އަދި އަންހެންވަންތަ ކުއްޖެއް ފެނުނެވެ. ނަހުޔާންއަށް އެ ސަމާސާ ކަމަކު ނުދިޔައެވެ. އޭނަގެ ހިތުގައި ޝައްކުތަކެއް އުފައްދާފަދަ ގޮތަކަށް އައިޒާ ވާހަކަ ދައްކައިގެންވެސް ނުވާނެތާއެވެ. ނަހުޔާން ފުން ނޭވަޔެއްލިއެވެ.

އައިޒާ ގިނަވަގުތު ހޭދަކުރަނީ އޭނަގެ ބައްޕަގެ ގެކަމަށް ވާ "އާލްޕްސް" ގައެވެ. އައިޒާ ގޭގައި އިނަސް އަބަދު އެއިން މީހަކަށް ގުޅައިގެން އަނގަ ތަޅާލަން ނީންނަ ވަގުތެއް ނުވާނެއެވެ. ވާހަކަދައްކަން އިންދާ ނަހުޔާން ފެނިއްޖެއްޔާ އައިޒާ އަވަހަށް ފޯނު ބާއްވާފައި އެހެންކަމަކާއި އުޅެގަންނަ ގޮތުން ނަހުޔާންގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ހައްތަހާ އިތުރުވިއެވެ. އައިޒާ ފޮރުވަން އުޅެނީ ކޮންކަމެއް ބާވައޭ ހިތަށް އަރައެވެ. ނަހުޔާންގެ މިޒާޖު ހުންނަގޮތުން ނަދީމް މެންގެ ގެއަށް ވަދެލުން މުހިއްމެއް ނުވެއެވެ. ދެ އާއިލާގައި ރައްޓެހިކަން އޮންނަނީ ހަމަ އެކަނި ދެ ބައްޕައިން ގެ ދެމެދުގައެވެ. އައިޒާގެ މަންމަ ނީރާ އާއި ޖުވޭދާވެސް ގުޅޭކަށް މަސައްކަތެއް ނުކުރެއެވެ. ހީވަނީ އެއްބަޔަކު އަނެއްބަޔަކާއި ޒާތީ ހަސަދައެއް ލާފައިވާހެންނެވެ.

ކައިވެންޏަށް ދެމީހުންވެސް ނެގި ދިހަ ދުވަހުގެ ކުރު ޗުއްޓީއަށްފަހު ނަހުޔާން އާއި އައިޒާ ޑިއުޓީއަށް ނުކުންނަން ފެށިއެވެ. ދެމީހުން އެއް ކާރެއްގައި އަންނަނީ އެހެން މީހުންނަށް ދައްކައިލުމަށެވެ. އެދޭތެރޭގައި ގުޅުމެއް ނެތަސް އެހެން މީހުންނަށް ރީތިކޮށްލަންވެގެން ހީލާފައި ވާހަކަ ދައްކަމުން އަންނައިރު އެތައް ބަޔެއްގެ ހަސަދަވެރިކަމުގެ ލޯތައް އެމީހުންނަށް ހުއްޓެއެވެ. ސިއްރުވެރި ނަޒަރުތައްވެސްމެއެވެ. އައިޒާގެ ހިތަށް އެކަމުން ފިނިކަމެއް ލިބޭއިރު އުދަގޫވެސްވެއެވެ. ނަހުޔާން އާއި ދިމާލަށް އަންހެންކުދިން ބަލައިލާތަން ފެނުމުން ރުޅިގަދަވެ ހިތަށް އަސަރުކުރެއެވެ. އޭނައަށް ވެވޭނެނަމަ ދުނިޔޭގެ ހުރިހާ ލޯތަކަށް ނަހުޔާން ފޮރުވީހެވެ.

މައްސަލައަކީ ނަހުޔާން އެއްގޮތަކަށް ވެސް އޭނަދެކެ ލޯބިނުވާކަމެވެ. އަދި އޭނަގެ ސިއްރު ބޭޒާރުވެއްޖެނަމަ ނަހުޔާން އަބަދުގެ އަބަދަށްޓަކައި ގެއްލިގެން ހިނގައިދާނެތީއެވެ.

ދާނިޔަލް ކާރު ޕާކްކޮށްލާފައި ފިރިހެންވަންތަ ހިނގުމެއްގައި ގޮސް ދޮރުން އެތެރެއަށް ވަނުމުން ރިސެޕްޝަނުގައި ތިބި އެތައްކުދިންނެއްގެ ލޯތައް އޭނައަށް ހުއްޓުނެވެ. ކަޅުކުލައިގެ ސޫޓެއްގައި ހުރުމުން ފިރިހެންވަންތަ ކަމާއި ރީތިކަން ފުރިހަމަކޮށްދެއެވެ. ހަފޫޓަށް ވުރެ ދިގު އިސްކޮޅެއް ލިބިފައިވާއިރު ބާމަތި ފުޅާވެފައި ސްމާޓްކަމުގެ އިންތިހާއެވެ. ބޯ އިސްތަށިގަނޑު ކޮށާލާފައި ވަނީ ގުޅޭފަދަ ގޮތަކަށެވެ. ކަޅުކުލަގަދަ ބުމަ އާއި އެކު ލިބިފައިވާ ރީތި ދެލޮލުގެ ސަބަބުން ހަލާކުކޮށްލާނީ ކިތައް އަންހެންކުދިންގެ ހިތްކަމެއް ނޭގެއެވެ. ކޮންމެ އާދައެއްގައި ފިރިހެންވަންތަ ކަމެވެ. އޭނަ ފެންނަ ކޮންމެ އަންހެންކުއްޖެއްގެ ހިތާއި ކުޅެލާފަދަ ހިތްދަމައިގަންނަ ގޮތެއް މޫނުމަތީގައި ވިއެވެ. މާޔޫސްވެފައި ތިބި ބަލިމީހުންގެ މޫނުތަކަށްވެސް ކުޑަނަމަވެސް އުފާވެރިކަމެއް ލިބުނުހެންހީވިއެވެ. ދާނިޔަލް ފިރިހެންވަންތަ ހިނގުމެއްގައި ގޮސް ލިފްޓަށް އެރިއިރު އޭނަގެ މޫނުމަތިން ފެނުނީ ހަމަޖެހޭ ގޮތެކެވެ. އެންމެންގެ ސަމާލުކަމުން ލަދުގަތްހެން ހިޔެއްނުވެއެވެ. އެފަދަ ކަންތަކަށް އޭނަ ހޭނިފައިވަނީ ކަމަށް ވެދާނެއެވެ. އެހެންނޫނަސް ދާނިޔަލް ހުރީ ނުދެނެހުރި ކަމަށް ހަދާލައިގެންނެވެ. އެއްވެސް މީހަކާއި ދިމާލަށް ބަލައިނުލާ ދިޔަގޮތުން ގިނަ މީހުން އޭނަ ލޭބަލް ކުރާނީ ބޮޑާ ޒުވާނެއްގެ ގޮތުގައެވެ.

ދާނިޔަލް އެމްޑީގެ ކޮޓަރީގެ ދޮރު ހުޅުވައިލާފައި ވަނުމާއިއެކު އައިޒާގެ ނޭފަތުގައި ޖެހިލީ ނަހުޔާން ބޭނުންކުރާ ސެންޓުގެ ލުއިވަހެވެ. 

"އަހަރެންގެ ބޮސް މިވީ ފަހަރިއަށް ދޯ....... އިންޓެރެސްޓިން..." ދާނިޔަލް މޭޒުގައި ދެއަތް ވިއްދާލުމުން އައިޒާ އިނީ ވިސްނުންތެރި ކަމާއިއެކު ދާނިޔަލްގެ މޫނަށް ބަލަހައްޓައިގެންނެވެ. ރީތިކަމުގެ އިތުރުން ބޮޑާ ގޮތެއްވެސް ދާނިޔަލްގެ ހުރެއެވެ. ބައެއް އަންހެންކުދިން ދެކޭގޮތުގައި އެއީވެސް ފިރިހެންވަންތަކަން އިތުރުވާކަމެކެވެ.

"ދާނިޔަލް، އަހަރެން ބޭނުން ޕާސަނަލް އަދި ޕްރޮފެޝަނަލް ދިރިއުޅުން ވަކިކޮށްލާފައި ބާއްވަން، މިތާ ތެރޭގައި ދާނިޔަލްގެ ބޮސްއަށް އަހަރެން ވާނީ...." އައިޒާ ތަންކޮޅެއް ހަރުކަށިވެލިއެވެ.

"އަހަންނަށް ނޭގެނީ ކުޑަ އަންހެންކުއްޖަކަށް މިހުރިހާ ފިރިހެނުންގެ ވެރިކަން ލިބުނު ގޮތެއް...." ދާނިޔަލް ހުރީ ހީލަ ހީލައެވެ. 

"ދާނިޔަލްގެ ބޭބެ ގާތުގައި އަހަރެން ލައްވާ ވާހަކަ ދައްކުވަން ބޭނުމީތަ؟ " އައިޒާ އިންޒާރެއް ދިނުމުން ދާނިޔަލް ކަންބޮޑުވިހެނެއް ހިޔެއްނުވެއެވެ.

"އައިޒާ، ކީއްވެ ތިހެން ހެދީ..." ދާނިޔަލް ކުއްލި އަކަށް ބުމަ ކާރިކޮށްލާފައި މަޑުމަޑުން އަހާލި ނަމަވެސް އެ އަޑުގައި ނުރައްކާތެރި ގޮތެއް ހުއްޓެވެ.

"ކޮންކަމެއްތަ؟" އައިޒާ އަތުގައިވާ ފައިލެއް ހުޅުވައިގެން ގަނޑުތައް އުކަންފެށީ އެ ދެލޮލުން ސަލާމަތްވުމަށެވެ.

"ރަނގަޅަށް އެނގޭނެ އަހަރެން މިބުނީ ކީކޭކަން، މާ ރަނގަޅު ކަމެއް އިނގޭ ނޫން ތިކުރީ، އަހަރެންގެ ބޭބެ ނޫން މީހަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީތަ؟ އައިޒާ އަހަންނަށް ޖެއްސުން ކުރަން ނަހުޔާން އާއި މެރީކޮށްފައި އަދި ނޭގެޔޭ އެބަ ބުނެއެއްނު......." ދާނިޔަލް ހުރީ ލަދުގަންނަވާލާފަދަ ނަޒަރަކުން އައިޒާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ ތޫނު ބެލުމުން އައިޒާއަށް އުދަގޫވިއެވެ.

"ދާނިޔަލްއަށް އެކަން އެނގިހުރެ ނުހުއްޓުވީ ކީއްވެތަ؟ އެހެންނޫނަސް މިހާރު އަހަރެން ލޯބިވަނީ ނަހުޔާން ދެކެ، ދާނިޔަލްއަށް ވުރެ އޭނަ ހާސްބައި ރަނގަޅު...." އައިޒާގެ ހިތް އޭރު ފިނިވެގެންގޮސް އަތުން ދާހިއްލާލައިފި އެވެ. ފައިލްގައިވާ ކަރުދާސްތައް ތެމިދާނެތީ އައިޒާ ފައިލު ލައްޕާލާފައި ފިނިވެފައިވާ އަތްތިލަ އާއި މޫނު ޓިޝޫއަކުން ފޮހެލައިފި އެވެ.

"އަހަރެން މާލެ އައީ ދޮންބެގެ ވެޑިން ނައިޓަށް، ދޮންބެވެސް މަގޭގާތު ނުބުނޭ އިންނަން އުޅޭ މީހާގެ ނަން، އެއީ ދޮންބެއަށް އެމީހަކު އެހާ އިމްޕޯޓެންޓް ނުވީމަކަމަށް އަހަރެން ނިންމީ، ދޮންބެ ވޯޒް ނޮޓް އިންޓެރެސްޓެޑް، ކާކު ބޭނުންވާނީ އެރެންޖެ މެރިޖް ކުރަން، އައިޒާ ހީކުރީ މަށަށް އެނގިގެން ވަރަށް މަޖާވެފައި ހުރިކަމަށްތަ؟ އަހަރެން ބޭނުމެއްނޫން ދޮންބެގެ ލައިފް ހަލާކުވެގެންދާން، އެކަމަކު އަހަރެމެން ކުޑައިރުވެސް ކުޅޭއެއްޗެހި ޝެއަރ ކުރިން، މިހާރުވެސް ޓީޝާޓު އަދި ޖިންސް އެއްޗެހިވެސް ޝެއަރ ކޮށްގެން ލަނީ، ވީމަ ޕާފެކްޓް ވައިފެއް ލިބެންދެން ދޮންބެ ވެސް އެންޖޯއި ކޮށްލާނެތާ، އައިޒާ މޮޅުވާނެ ފިރިހެންކުދިންގެ ހިތް އުފާކޮށްލަދޭން............" ދާނިޔަލްގެ ވާހަކަތަކުން އައިޒާގެ ދެލޯ ފުރިގެން އައީ ހޫނު ކަރުނުންނެވެ. އޭނަ އަމިއްލައަށް ގަދަކޮށްލާފައި އުޅުނަސް މި އަނިޔާވެރި ފިރިހެނާގެ ބަސްތަކުންވެސް ހިތް ޒަޚަމްކޮށްލައެވެ.

"ތި ވާހަކައިންވެސް އެނގިއްޖެ ދާނިޔަލް ކިހާ ދަށްކޮށްކަން އަހަންނާއި މެދު ދެކެނީ، އަހަންނަކީ މިއީ ކުޅޭ އެއްޗެއް ކަމަށް، ނާސިއެއް ކަމަށް، ދާނިޔަލް ތިގޮތަށް ހަލާކުކޮށްލާނީ ކިތައް އަންހެންކުދިންގެ ހިތް ތަ؟ އަހަރެން ދުއާ ކުރާނަން، ދާނިޔަލް އަންހެންކުއްޖަކު ދެކެ ލޯބިވެ އެކުއްޖާއަށް ދާނިޔަލްގެ ޕާސްޓް އެނގި ދާނިޔަލް އާއި ދުރަށް ދާ ދުވަހެއް އައުމަށް އެދި......" އައިޒާގެ ކޯތާފަތްމަތިން ތިރިއަށް ދެމިގަތް ކަރުނަތައް ފޮރުވާކަށް އޭނަ މަސައްކަތެއް ނުކުރެއެވެ.

"އަހަރެން އެއްވެސް ކުއްޖަކަށް މަޖުބޫރު ނުކުރަން އަހަންނާއިއެކު އުޅެން، ލޯބިވާން ނޭދެން.... އަދި އައިޒާ ރޯވަރުކަމެއް މިތާކު ނުވެއެއްނު، ރިވެންޖް ނަގަން އަހަރެންގެ ފަހަރި އަކަށް ވެގެން އައީމަ އަހަރެން ހަމަ ލޯ މަރާލައިގެން ހުންނަންވީތަ؟ އެހެންނޫނަސް އަހަރެން އޭރުވެސް އައިޒާ ގާތު ބުނިން އަހަރެން ލޯތްބެއް ނުވެޔޭ، އަހަރެން މިއީ ރަނގަޅު މީހެއް ނޫންކަން އެނގިހުރެ ކީއްކުރަން އަހަރެންގެ ގާތަށް އައީ....." ދާނިޔަލް ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

"ހެވޭ މިހާރު، އަހަރެން ދެން ދާނިޔަލްގެ ސިމްޕަތީ ބޭނުމެއްނޫން، އަހަރެން ރުއިވަރާއި ހިތާމަކުރިވަރު ހެއްދެވިފަރާތް ދެނެވޮޑިގެންވޭ، އަހަރެން މިހާ ސްޓްރޯންގް ނޫންނަމަ މިގޮތަށް ހުންނާނެތަ؟ އެތައް ދުވަހެއް ކޮށްލާފައި މިއަދު މިރުއީ ވީ ފޫއްސެއްގެ ބޮޑުކަމުން، ދާނިޔަލްއަށް އުމުރު ދުވަހުވެސް މާފެއް ނުދޭނަން...." އައިޒާ ދާނިޔަލް އާއި ހަތަރުކަޅި ހަމަކުރުމުން ދާނިޔަލް އެއް ބުމަ އަރުވައިލި އެވެ.

"ބޭބީ، އަހަރެން ތިގޮތް ބަލާނަން، އެންމެ ފަހަރަކު ޓަޗް ކުރާއިރަށް މެލްޓްވާނެ...." ދާނިޔަލްގެ ރީތި ދެލޮލުގައި ނަށަނަށާ ހުރީ ލާނެތްކަމެވެ.

"ލަދެއް ނުގަނޭތަ؟ އަހަންނަކީ ދާނިޔަލްގެ ފަހަރިއޭ، އެވަރު ހަމަ ނޭގެނީތަ؟" އައިޒާ ކުޑަކޮށް ލޯ އަޅާލައިފި އެވެ.

"ފަހަރިއޭ. ތިއީ އަހަރެން ދުވަހަކުވެސް ގަބޫލު ކުރާނެ ކަމެއް ނޫން، އަހަރެން އޯންކުރި އެއްޗެއް ފަހަރިއެއްގެ ނަމުގައި އަޔަސް އަހަރެންގެ އެއްޗަކަށޭ ވާނީ....... އައިޒާ، ރިމެމްބަރ ދެޓް......" ދާނިޔަލް އެއްލޯ މަރާލާފައި ދާން ހިނގައިގަތުމުން އައިޒާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލައިފި އެވެ. މިވާން އުޅެނީ ކިހިނެއް ހެއްޔެވެ؟ އޭނަ ހީކުރީ ނަހުޔާންގެ އަންބަކަށް ވުމަށްފަހު ދާނިޔަލް ހުންނާނީ ކަންބޮޑުވެފައި ކަމަށެވެ. ލަދުގަންނާނެ ކަމުގައެވެ. ދެރަވެސް ވެދާނެ ކަމުގައެވެ. ނަމަވެސް އެ ބޮޑާ ފިރިހެނާގެ ހިތަށް އަސަރެއްވެސް ނުކުރިއެވެ. އެހިތުގައި ހިނގާ ކަންތައްގަނޑެއްވެސް އެނގެނީއެއް ނޫނެވެ. އޭނަ އުޅެންޖެހޭނީ ވަރަށް ވިސްނައިގެންނެވެ.

އައިޒާ ވިސްނާލާފައި ދަބަސް ހުޅުވާލާފައި ނެގި ސާމާނު ތަކުން ކުޑަކޮށް މޫނު ތާޒާކޮށްލައިފި އެވެ. މިގޮތަށް ރޮއިގެން މުވައްޒަފުން ވާހަކަ ދައްކަން ފަށާފާނެއެވެ. ނަހުޔާން އާއި ހަމަޔަށް ވާހަކަ ދާއިރުން އޭނަ ހަޔާތުން ނެރެ އެއްލާލާނެކަން ޔަގީނެވެ. އޭގެކުރިން އޭނަ ބޭނުމީ ނަހުޔާންގެ ހިތުން މަގާމެއް ހޯދުމެވެ. ދާނިޔަލް އާއި ނަހުޔާން ވައްތަރުވީމަ އައިޒާގެ ހިތް ނަހުޔާންގެ ފަރާތަށް ލެނބެން ފެށީ އެވެ. ދާނިޔަލްފަދަ ބޭވަފާތެރި އަކަށް ނަހުޔާން ވާނެހެން ހިޔެއްނުވެއެވެ. ނަމަވެސް އޭނަ އާއި ދާނިޔަލްގެ ގުޅުން އޮތް މިންވަރު އެނގިއްޖެއްޔާ ނަހުޔާން ހަދާނީ ކިހިނެއް ހެއްޔެވެ؟

ދާނިޔަލް ފެންޑާއަށް ނުކުތްތަނާ ގޭގެ ކާރު މަޑުކޮށްލާފައި ޖުވޭދާ އާއި އިރާ ކާރުން ފޭބިއެވެ. އިރާ ލާފައި ހުރި އަތްދިގު ގަމީހާއި ނޫ ޖިންސްގެ ސަބަބުން އެ ދޮންމޫނާއި އަތް ފެންނަލެއް ނިކަން ލޯތްބެވެ.

"އިރާ، ވަޓް ހެޕެންޑް...." ދާނިޔަލް އެމީހުންނާއި އަރާހަމަވެފައި އަހާލިއެވެ.

"ކުއްލިއަކަށް މާ ބޮޑަށް ނޭވާލާން އުދަގޫވީ....." އިރާގެ ނޭފަތްވަނީ ރަތްވެފައެވެ.

"އެހެންތަ؟ ވެދަރ ޗޭންޖްވީމަ ކަންނޭގޭ، ހިނގާ އިމަރޖެންސީ ރޫމަށް..." ދާނިޔަލް އެހީވާން އުޅުނެވެ.

"ދާނިޔަލްގެ ފަރާތުން ޓްރީޓްމެންޓް ހޯދާކަށް ނޫން މިއައީ، އަހަރެން އިރާ ދައްކާނީ ރަނގަޅު ފިޒިޝަން އަކަށް..." ޖުވޭދާ ދާނިޔަލްގެ އަތް ދުރުކޮށްލާފައި އިރާގެ އަތުގައި ހިފީ ނުރުހުމުގެ ނަޒަރެއް ދެމުންނެވެ. އެމީހުންނާއި ކައިރީގައި ތިބި މީސްކޮޅަށް ޖުވޭދާ ބުނި އެއްޗެއް އެނގުނަސް ވެގެން އުޅޭގޮތެއް އޮޅުމެއް ނުފިލިއެވެ. މި ރީތި ޒުވާނާއަކީ ޖުވޭދާގެ ދޮންދަރިއެއް ކަމެއްވެސް ނޭގުނެވެ. އިރާ ލިފްޓަށް އަރަމުން ދާނިޔަލްއަށް ބަލައިލުމުން ދާނިޔަލް ހިނިތުންވެލަމުން އަތް އުފުލައިލި އެވެ.

ޖުވޭދާ މަލީކްއަށް ގުޅައިލި އިރު މަލީކް ހުރީ ޓާމިނަލުގައެވެ. ވިޔަފާރި ދަތުރެއްގައި މަލީކް ލަންޑަނަށް ފުރަނީއެވެ.

"އިރާއަކީ އެސްމެޓިކް ކުއްޖެއްކަމާއި އޭނައަށް އެމީހުން ބޭނުންކުރާ ސެންޓުތަކުން އުދަގޫވާ ވާހަކަ މަލީކް ދާނިޔަލް މެންނަށް އަންގާދީފާނަންތަ؟ މިއަދުވެސް ވަރުގަދަ އެޓޭކެއް އެއައީ އެތައް ދުވަހެއް ކޮށްލާފައި، މިހިރީ ދައްކަން ކްލިނިކްގައި، އެންމެ ރަނގަޅުވާނީ ކޮން ފިޒީޝަނެއްތަ؟ " ޖުވޭދާ ރުންކުރުވި ނަމަވެސް ރީތިކޮށް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.

"އިރާގެ ބޭބެމެން މާ މޮޅުވާނެ، ދެން ކީއްކުރަން އިރާ ދަމާފައި ތިތަނަށް ގެންދަނީ، ގޭގައިވެސް ފަރުވާދެވިދާނެއްނު....." މަލީކް އާދައިގެ މަތިން ކުދިންނަށް ތައުރީފު ކުރެއްވިއެވެ. 

ޖުވޭދާ ގެ ތިމާގެ މީހަކު ބުނިގޮތުން ދާނިޔަލް އޭނަ ވާހަކަދައްކަން އިންދާ ބޭސް ސިޓީ ލިޔެ ނިންމާލައިފި އެވެ. އެހާ ފަރުވާކުޑަ ޑޮކްޓަރުންނަށް ދައްކައިގެން ހުރި އެންމެ ދަރިފުޅު ހަލާކުކުރަން ޖުވޭދާ ނޭދެއެވެ. ނަމަވެސް މަލީކް ބުނުއްވި އެއްޗަކާއި ދެކޮޅުފަށާކަށް ނުކެރުމުން އަމިއްލައަށް އެތެރެހަށީގެ ޑޮކްޓަރެއް ހޯދައިގެން ދައްކަން ޖުވޭދާ ނިންމިއެވެ. އިރާ އިނީ ގޮޑިއެއްގައި އިށީދެލައިގެން ހިމޭންވެފައެވެ. ނޭވާލެވެނީ އުދަގުލުންކަން އެ ދޮންމޫނަށް އެކަނި ބަލައިލިޔަސް އެނގެއެވެ. މޫނު ހީވީ ކަފަކޮޅެއްހެންނެވެ. މޭމަތިން ނޭވާގެ ހަރަކާތްތައް ފާޅުވެއެވެ.

"ޖަސްޓް އެ މިނިޓް ދަރިފުޅާ...." ޖުވޭދާ ހިނގައިގަތީ ކައުންޓަރާއި ދިމާލަށެވެ. މުއްސަނދިކަމުގެ ގޮތުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ މީހާގެ އަންހެނުންނަށްވިޔަސް އޭނަ އެހެން މީހުންނަށް ވުރެ ކުރިން ޚިދުމަތް ލިބިގަންނާކަށް ނޫޅުނެވެ. އެހެން މީހުންނަށް އޮތް އުސޫލަކުން އޭނަވެސް ދަރިފުޅަށް ފަރުވާ ހޯދަން ބޭނުންވުމުން ހީކުރިހާ ފަސޭހައެއްނުވިއެވެ. އިމަރޖެންސީ ރޫމްގެ ވާހަކަ ދާނިޔަލް ދެއްކީތީ އެތަނަށް އިރާ ގެންދާކަށްވެސް ޖުވޭދާ ނޫޅުނެވެ.

"މަންމާ، އުދަގޫވަނީ...." އިރާ ނިކަން ހިތްވަރުކޮށްލައިގެން އިންދާ އެ ނޫކުލައިގެ ދެލޮލުން ކަރުނައިގެ ތިކިތައް ވިދަންފެށިއެވެ. އޭރު ކުރީ ގޮނޑިބަރީގައި ތިބި އަންހެންކުދިންގެ ލޯތައް ހުއްޓިފައިވަނީ އިރާގެ މޫނަށެވެ. 

"މާ ލަހެއްނުވާނެ، ކެތްކޮށްލާ....." ޖުވޭދާ މެމޯކޮޅުގައި ވާ ނަމްބަރަށް ބަލައިލުމަށްފަހު ފުން ނޭވަޔެއް ދޫކޮށްލިއެވެ. އިރާ އޭނަގެ މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮށޯތީ ކެތްނުކުރެވިގެންނެވެ. ޖުވޭދާގެ ހިތަށް އަސަރުކުރިއެވެ. އޭނަގެ ގާތުގައި ކުށްވެރިވީ މަލީކްއެވެ. މަލީކްއަށް ގުޅައިލީމަ މަލީކް އެހީތެރިވި ނަމައެވެ. މިތާގައި މަލީކް ނުދަންނަ މީހަކު ހުންނާނެ ކަމެއް ނޭގެއެވެ. ކޮންމެ ޑޮކްޓަރަކަށް ގުޅާލާފައި ބުނުއްވިނަމަވެސް ކުރަންހުރިކަމެއް ދޫކޮށްލާފައި އަންނާނެކަން ޖުވޭދާއަށް ޔަގީނެވެ. ނަމަވެސް މަލީކްގެވެސް އަމިއްލަ ދަރިއަށް ނުވީމަ އަޅާނުލީކަމަށް ޖުވޭދާ ނިންމައިފިއެވެ. އެކަނި ނުބައިވާނީ ދޮންމަންމައެއް ނޫނެވެ. ދޮންބައްޕަވެސް ހެވެއް ނުވާނެއެވެ. ޖުވޭދާ އިރާގެ ބޮލުގައި އޯގާތެރިކަމާއިއެކު ފިރުމަންފެށިއެވެ.

މަލީކްގެ ގެ އަޅާފައިވާ "އެވަރލޭންޑް" ގެ ގޯތިތެރޭގައި ވާ ހުސްތަނުގައި ގެއެއް ހަދަން ކޮންސްޓްރަކްޝަން ބަޔަކާއި ހަވާލުކުރުމުން އެ ބިން ސާފުކުރަންފެށިއެވެ. ޖުވޭދާ ދެކޭގޮތުން ހިރަފުހާއި ދުމުގެ ތެރޭގައި އިރާއަކަށް ނުހުރެވޭނެއެވެ. ޖުވޭދާ ބޭނުންވީ ވަގުތީގޮތުން ނަމަވެސް އެ އާއިލާ އެޕާޓްމެންޓަކަށް ބަދަލުވުމަށެވެ. ނޫނީ އިރާގެ އެލާޖީ މައްސަލަ އަތްނުފޯރާފަށަށް ގޮސްދާނެއެވެ. މަލީކް ބުނުއްވީ ވައި ސާފުކުރާ މެޝިނެއް ބެހެއްޓީމަ އިރާއަށް އުދަގުލެއްނެތި އުޅެވިދާނެކަމަށެވެ. ޖުވޭދާ ހައިރާންވިއެވެ. މަލީކްގެ އެފަދަ ކޮންމެ ނިންމުމަކުން ޖުވޭދާއަށް ފެނުނީ އިރާ އާއި އަޅާނުލާކަމެވެ. ނަމަވެސް މިއަދު ދެކޮޅު ހަދާފައި ޖުވޭދާ ވަކި ދާނީ ކޮންތަނަކަށް ހެއްޔެވެ؟

އިރާ ހޫނު ފެނުން ފެންވަރާލައިގެން ރަތްކުލައިގެ ސްވެޓަރަކާއި ނޫ ޖިންސެއްލައިގެން ބޭރަށް ނުކުތީ މޫސުމް ރީތިކަމުން އެ މަންޒަރު ދެކިލުމަށެވެ. ގޭގެ ފުޅާ ފެންޑާގައިވާ ތަބަކަށް ލެނގިލައިގެން ކުރިމަތިން ނިއުޅެމުންދާ ވިއްސާރައިގެ ކުލަވަރުތަކަށް ބަލަން ހުރީ ހުވަފެނެއްގައިވާ ކުއްޖެއް ފަދައިންނެވެ. އިރާ އަބަދުވެސް ވާރޭ މޫސުމަށް ލޯބިކުރެއެވެ. ވާރޭ ކޮޅެއް ވެހިލާއިރަށް އޭނަ ތެމިލާހިތްވެއެވެ. ނޭވާލާން އުދަގޫވާތީ ބޭރަށް ނިކުންނަން މަންމަ މަނާ ނުކުރާނަމަ އިރާ މިގޮތަކަށް ނުހުންނާނެއެވެ.

"ދަރިފުޅާ، އެތެރެއަށް ވަދެބަލަ، ހާދަ ފިންޏޭ... ނޫނީ އެޑްމިޓްކުރަން ޖެހިދާނެ..." ޖުވޭދާ ކާކޮޓަރި އާއި ދިމާލަށް ދަމުން އިރާއަށް އެންގިއެވެ.

އުޑުމަތީގައި އަޅިކުލައިގެ ވިލާތައް ހަލުވިކަމާއިއެކު ދަތުރުކުރަމުންދާއިރު އޭގެ މަތިން ހުދުވިލާ ފަށަލައެއް ފެނެއެވެ. ތިރިތިރިން އުދުހިފައިދާ ވިލާތަކުގެ ބާރުމިނުގައި ވައިޖެހެން ފެށުމުން އިރާ އަމިއްލަ ނަފުސާއި މެދު ސަމާލުވެ ތަބުގައި ބައްދައިލި އިރު އިސްތަށިގަނޑު ވަޔާއި އެކު އެގޮތްމިގޮތަށް އުދުހިގަތެވެ. ވަޔާއިއެކު ވާރޭ އަންނަން ފެށުމުން ވާރޭގެ ބޮޑެތި ތިކިތައްވެސް ބުރުއްސައިގެންދައިރު ފަޒާގައި ވަނީ ބޫން އަޑެކެވެ.

"ޔޭ، ހާދަ ސަޅިއޭ...." އެ ހިތްގައިމު މަންޒަރު އިތުރަށް ރީތިކޮށްލީ ގޭޓުން ވަދެގެން އައި ދާނިޔަލް އެވެ. އޭނަ ލައިގެން ހުރި ހުދުކުލައިގެ ގަމީސް ތެމިގެން ބައެއް ދިމާލުން ހަށިގަނޑުގައި ތަތްވެފައިވާއިރު އެ ރީތިކަން ވަނީ ހާމަޔަށެވެ. ދާނިޔަލް ފެންޑާއަށް އެރިއިރު މޫނަށް ފައިބަމުން ދިޔަ ފެންތިކިތަކުގެ ތެރެއިން ފެނުނުލެއް ރީތިކަމުން އިރާގެ ހިތުގައިވެސް ތަފާތު ވިންދެއް ޖަހާލައިފިއެވެ. ދާނިޔަލް އާއި ސަމާސާކޮށް އުޅޭއިރުވެސް ހިތުން އެއީ ބޭބެއެއް ކަމަށް ގަބޫލުކުރަން ދަތިވާފަހަރު އާދެއެވެ. އެހާވެސް ދާނިޔަލް ރީއްޗެވެ. ނޫނީ މަންމަ އަޅުވާކިޔާވަރުން ސިހުރު ޖެހުނީ ހެއްޔެވެ؟

"ވާރޭގައި ފެންވަރާލަން ހިނގާބަލަ...." ދާނިޔަލް އިރާގެ ސިކުނޑީގައި ހިގަމުންދާކަމެއް ރޭކާނުލައިހުރެ އެ ނާޒުކް އަތުގައި ހިފައިލިއެވެ. ދާނިޔަލްގެ ތެމިފައިވާ އަތްތިލަ ޖެހުމާއިއެކު އިރާގެ ގައިން ހީބިހިނަގާލިއެވެ.

"ނޫން، މަންމަ ރުޅިއަންނާނެ...." އިރާ ރަކިވުމުން އަނެއްކާވެސް ބަލަން ފެށީ ވެހެމުންދާ ވާރެއަށެވެ.

"މަނާ ކަންތައްކުރުމުން ލިބޭ ޕްލެޝަރ ބޮޑުވާނެކަން އިރާ ނުދަންނަންތަ؟ އަޑުއަހަމެއްނު، ފޮބިޑްން ފުރުޓް ޓޭސްޓްސް ސްވީޓެސްޓް...." ދާނިޔަލް އިރާގެ މެދުހަށީގައި ހިފާ އުފުލާލިކަން އިހުސާސް ކުރެވުނުއިރު އިރާއަށް ހުރެވުނީ ވާރޭގެ ތެރޭގައެވެ. ވާރޭގެ ފިނިތިކިތައް ހަމަލާދޭން ފެށުމުން ހީކަރުވައިގަތް ނަމަވެސް ކޮންމެވެސް ވަރަކަށް ދާނިޔަލްގެ ހޫނު އިހުސާސް ކުރެވުނެވެ. ވާރޭގެ ތިކިތަކުގެ ތެރެއިން ދާނިޔަލް ފެންނަލެއް ހާދަ ނަލައެވެ. ހުވަފެނީއެވެ. އެވަގުތު ޖެހި ބާރު ގުގުރި އަކާއިއެކު އިރާ ދާނިޔަލްގެ ގައިގާ ހިފައިގަތްއިރު އޭނަ ރޫރޫއަޅަމުން ދިޔައެވެ. އެއީ ޖުވޭދާއަށް ވެސް ފެންޑާއަށް ނުކުމެވުނު ވަގުތެވެ.

"އިރާ...." ޖުވޭދާގެ އަޑު ގުގުރީގެ ތެރެއިން ވެސް އިރާއަށް އިވުނީ ފުދޭވަރަކަށް ބާރަށެވެ.

"މަމް، ކޮބާތަ މައްސަލައަކީ؟ އިރާވެސް ވާރެ އާއި ފެންވަރާލަން ވެގެން ނުކުތީ....." ދާނިޔަލް ހުރީ ސަމާސާ ކުރާފަދަ މޫޑެއްގައެވެ.

"އިރާ ވީޒިން ހުއްޓާ ތިގޮތަށް ވާރެއަށް ނެރެލީމަ އެނގެނީ ހެޔޮއެދޭވަރު، ގަސްތުގައި އިރާއަށް ލަނޑެއްދޭން ވެގެން ކުރިކަމެއްކަން އަހަންނަށް އެނގޭ........" ޖުވޭދާގެ ޖުމްލައިން ދާނިޔަލްވެސް އިރާގެ ބަލީގެ މަތިން ހަނދާންވިއެވެ. އެހާ ހިކިކޮށް، ނާޒުކްކޮށް ހުންނައިރު އޭނައަށް ވަގުތީގޮތުން ވެސް އެކަން ހަނދާން ނައްތައިލެވުނީއެވެ.

ދާނިޔަލްއަށް ކަމުނުދިޔައީ ދޮންމަންމަ އެ އެޅުވި ދޮގު އިލްޒާމެވެ. އޭނަ އިރާއަށް ދެރަގޮތެއް ވާކަށް ނޭދެއެވެ. ދާނިޔަލްގެ ހުންނަ މިޒާޖުގެ ސަބަބުން ވަގުތުން ތަބީއަތު ގޯސްވެ ދޮންމަންމަ ރުޅިއަރުވައިލާހިތްވިއެވެ.

"އަހަންނަށް ހީވަނީ ދޮންމަންމަ ތިހާ ކަންބޮޑުވަނީ އިރާ އާއި އަހަރެން ގޯސްމަގަކުން ހިނގައިދާނެތީހެން، އަހަރެން މިހިރީ މިހާރުވެސް އިރާ އާއި ކައިވެނި ކުރަން. އެ ނޫންގޮތަކަށް ދޮންމަންމަގެ ބޮލުގެ ރިހުން ކެނޑޭނެކަމަކަށް ނުފެނޭ، އޭރުން އަހަރެން ހުރެދާނަން އިރާގެ ސިކިއުރިޓީ އަކަށްވެސް، ބަލިވިޔަސް އެހީވާން ހުންނާނެ ގާތުގައި، މަންމަ ބޯ ހަލާކުނުވަނީސް ގޮތެއް ނިންމާލައިފިއްޔާކަން ނޭގޭ ރަނގަޅުވާނީ، ނޫނީ ސްޓްރޯކެއް ޖެހިދާނެ.......ގަބޫލުތަ؟ " ދާނިޔަލް ހިޔަލަށް ޖެހިލިއިރު އެ ދެލޮލުގައި ނަށަނަށާހުރީ ލާނެތް ވިދުވަރެކެވެ. ޖުވޭދާގެ މޫނު އަނގުރު އަލިފާންގަނޑެއްހެން ރަތްވިއެވެ. ހުރިހާ ރުޅިއެއް ބޭލުނީ ކުށެއްނެތް އިރާ އަށެވެ. އިރާގެ މޫނުމަތީގައި ޖުވޭދާ ޖެހި ބާރު އެތިފަހަރުގެ ސަބަބުން އިރާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ވާރޭގެ ތިކިތައް އެސްފިޔައިގާ ހަރުލާފައިވާތީ އެ ކަރުނަތިކިތައް ވާރެޔާއި އެކުވިއެވެ.

ޖުވޭދާ އިރާގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ގޭތެރެއަށް ގެންދަން ފެށުމުން ދާނިޔަލް ތަބުގައި އަތްއަޅުވާލައިގެން ހުރިއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. އޭނަ ހުރީ ގެއަށް ވަންނަ ހިތް ނުވެފައެވެ.

އައިޒާ އަބަދުވެސް ނިދަން އޮންނަނީ ކޮޓަރި އަނދިރި ކޮށްލައިގެންނެވެ. ހުރިހާ ބޮކިތައް ނިއްވާލުމުން މާ އަރާމުކޮށް ނިދައިލެވޭހެން ހީވެއެވެ. ފިނގަދަ ރެއަކަށް ވުމުން ރަޖާގެ ދަށުގައި ނިވާވެލައިގެން އޮތްއިރު ނަހުޔާން ގެއަށް އަންނާނެ އިރަކަށް އިންތިޒާރު ކުރެވުނެވެ. އައިޒާއަށް ހޭލެވުނީ މީހަކު މޫނުގައި ފިރުމައިލުމުންނެވެ.

"ނަހުޔާން..." އައިޒާއަށް އެ އަތުގައި ހިފައިލާފައި ގާތަށް ދަމައިލެވުނެވެ. އަނދިރީގެ ތެރެއިން ވަކި މީހަކު ރަނގަޅަށް އޮޅުން ނުފިލިކަމުގައި ވިޔަސް ދަންވަރު އެގަޑީގައި އެތަނަށް އަންނާނެ އެހެން މީހަކު ނުވާނެކަން އައިޒާއަށް ޔަގީންވިއެވެ. ނަހުޔާން ވާހަކަ ދައްކަން ބޭނުމެއްނުވިއެވެ. 

ކޮމެންޓް 0