"ގޯ އަވޭ ޕްލީޒް....." ދާނިޔަލް މިލާން ކިޔާލި ގޮތަށް އަޑު ހިމަކޮށްލާފައި އެހެން ބުނަމުން މިލާންގެ އަތުގައި ހިފާލިއެވެ. ގަދަހެދުމެއްނެތި މިލާން ބޭރަށް ނުކުތީ އެތެރެއަށް ވަނުމުގެ ނުރައްކާތެރިކަން އަންދާޒާ ކުރެވޭތީއެވެ. ޖުވޭދާ ކޮޓަރިން ބޯ ދިއްކޮށްލާފައި އެތެރެއަށް ދެމިގަތް ވަގުތަކީ ދާނިޔަލް މިލާންގެ އަތުން ދޫކޮށްލާފައި ޖީބަށް އަތްޖަހައިލި ވަގުތުކޮޅެވެ. ޖުވޭދާ ހިޔަނިހެން ފާރައަށް ހުންނާތީ އޭނައަށް ނޭގި ދާނިޔަލްއަށް ފިޔަވަޅެއް އެޅޭކަމަކަށް ނުވެއެވެ. ދާނިޔަލްގެ ފަރުވާލެއްނެތެވެ. ޖުވޭދާ ބޭނުން ޚަބަރެއް ފަތުރަމުން ހިނގަންވީއެވެ. ދެރައީ މިރޭގެ ވާހަކަ ހަދަހަދައިގެން ޖުވޭދާ ދައްކާނެތީއެވެ.

މިލާންގެ ހަށިގަނޑު އިތުރަށް ފިނިވިޔަސް އެ މުށިކުލައިގެ ދެލޯ ދާނިޔަލްއާއި އަމާޒުކޮށްލައިފިއެވެ.

"ހާދަ ބިރުން ތިހިރީ، އަހަރެން ހިޔެއްނުކުރަން މިލާން ތިހެން ފިލައިގެން އުޅެދާނެ ކަމަށް، އަހަރެން އެވަރަށް ގުޅާއިރު އާންސާރ ނުކުރަނީ ކީއްވެތަ؟ އެދުވަހު އެހިނގި ކަންތަކަކީ ޑްރީމެއްތަ؟ އެނީވޭސް އަހަރެން ބޭނުމީ ހަމައެކަނި މީޓްކޮށްލަން.... ވާހަކަ ދައްކާލަން....." ދާނިޔަލް ވާހަކަދެއްކީ މަޑުންނެވެ. މިލާން އަތުގެތެރެއަށް ގެނެސްލާ ހިތުން އޭނައަށް ހުރެވުނީއެއް ނޫނެވެ. ނަމަވެސް އޭނަ އިންތިހާއަށް ކެތްކުރިއެވެ. ކްރީމްކުލައިގެ ހެދުމަކާއި ކަޅު ސްކިނީއެއްގައި މިލާން ފެންނަލެއް ހާދަ ނަލައެވެ.

"ދަންވަރު ރޫމްގައި މީހުން ވާހަކަ ނުދައްކާނެއްނު، އެހެންނޫނަސް އަހަރެން ބޭނުން މިރޭ ޑެނިއަލްގެ ގާތުގައި ވާހަކައެއް ބުނެލަން..." މިލާން ވިސްނައިދޭފަދަ ގޮތަކަށް ބުނެލައިފިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ އެކަކު އަނެކަކަށް އިންތިހާއަށް ބޭނުންވެފައެވެ. ނަމަވެސް އެދޭތެރޭގައި ގިރާނުކުރެވޭ ފާރެއް ވާފަދައެވެ.

"ޔާ ޔޫ އޯލްރައިޓް، ރޫމްގައި ދެމީހަކު ތިބެއްޖެއްޔާ ޑެވިލް ހުންނާނެ، އެހެންވީމައޭ އަހަރެން ރޫމަށް ވަންނަން ބޭނުންނުވީ... އެނީވޭސް ޑޯންޓްވޮރީ ގާލް، އަހަރެން ޑެވިލްއަށް ވުރެ ސްޓްރޯންގްވާނެ، އެހެންވީމަ އަހަރެން ބުނާގޮތަށް ހަދަން ޖެހޭނީ އެސޮރު، ނޮޓް ދި އަދަރ ވޭ އެރައުންޑް، އެގިއްޖެ ދޯ މިބުނި އެއްޗެއް... މިލާން މިގެއަށް ޝިފްޓްވީތަ؟ އަހަރެންނާއި އެއް ފްލޯރެއްގައި ހުރީމަ ދެން މިވީ ނެއިބަރސްއިންނަށް، ދިމާވާނެ ދޯ....." ދާނިޔަލް ފާރުގައި އަތް ވިއްދާލައިގެން ހުރިއިރު މިލާންގެ މޫނަށް ބަލާވަރުން މިލާން ރަކިވެގެން ހީވަނީ އެހެންކަމެއް ހެންނެވެ. އެދޮންމޫނަށް މަޑުމަޑު ރަތްކަމެއްވެރިވެ ކުރިއަށް ވުރެ ނުތަނަވަސްވެއްޖެއެވެ.

"އަހަރެންގެ ހުރޭ ބޯއިފްރެންޑެއް، އެހެންވީމަ ދެން ޑެނިއަލް އަހަންނަށް އުދަގޫނުކުރިއްޔާ ރަނގަޅީ، މިއުޅެނީ މެރީކުރަން...ގުޑްނައިޓް..." މިލާން ހިތްގަދަކޮށްލާފައި އެހެން ބުނެލީ އެތައް ބަޔެއްގެ މުސްތަގުބަލާއި މެދު ވިސްނާފައެވެ. ދާނިޔަލްގެ ލޯބީގައި ފަނާވެދިޔަސް އޭނަ ދާނިޔަލް އަކާއި ދެން ނުގުޅޭނެއެވެ. އިރާގެ ހައްގުގައެވެ. އިރާފަދަ ކުއްޖެއްގެ ދިރިއުޅުމަށް ވަދެގެން އޭނައަށް އެ ހަލާކުކޮށްލެވެނީ އެހެން އަންހެނެއްގެ ދިރިއުޅުމެވެ.

"ވަޓް...." ދާނިޔަލްއަށް ހީވީ އޭނަގެ މޫނުމަތީގައި އެތިފަހަރެއް ޖެހިހެންނެވެ. އެވަގުތު ދާނިޔަލް ސިހުނީ ކޮނޑުގައި ތަންކޮޅެއް ބާރަށް އެއްޗަކުން ޖެހެވުނީމައެވެ. އެނބުރި ބަލައިލިއިރު ތަންކޮޅެއް ދުރުގައި ރިވާން ހުރެފައި ބާސްކެޓްބޯޅަ އޭނައާއި ދިމާލަށް އެއްލައިލީއެވެ. އަނދިރީގެ ތެރެއިން އެ ފެހިކުލައިގެ ދެލޯ ފެނުނީ ތަންކޮޅެއް ސީރިޔަސް ކޮށްކަމުގައި ވިޔަސް ދާނިޔަލް އެނބުރި ބަލައިލުމާއިއެކު ރިވާން ހީލަމުން ހުރިހާ ޝުއޫރުތަކެއް ފޮރުވާލައިފިއެވެ. އޭރު މިލާން ވައިރޯޅިއެއްހެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

"ޑެނީ، މިރޭ ފިޝިންއަށް ދާން އުޅުނު މީހާ ގާލްސްއިންނަށް ތި ގޯނާ ކުރަނީ..... ލެޓްސް ގޯ، އެންމެން ވެއިޓިން...." ރިވާންގެ އަޑުގައި ކުޑަ ހަރުކަށިކަމެއް އެކުލެވުނެވެ.

"ވީ ވާރ ޖަސްޓް ޓޯކިން....." ދާނިޔަލް ބިންމަތިން ބޯޅަ ނަގައިފާ ދެއަތުން ދެއަތަށް ބޯޅަ އެއްލަމުން ސިޑިން ތިރިއަށް ދާން ހިނގައިގަތްއިރު ނިތްކުރީގައި ކުދި ދާތިކިތައްވިދައެވެ. ލިބުނު ފުރުސަތު ގެއްލުމުން ކޮންމެހެން އެކަމާއި ރުޅިގަދަވިކަމެއް މޫނުމައްޗަކުން ނުފެނުނެވެ. ނޫނީ ގަސްތުގައި އޭނަ ޖަޒުބާތުތައް ފޮރުވީއެވެ.

"ދެޓްސް ސޯ ރޯންގް....." ރިވާން ދާނިޔަލް އާއި އެކީގައި ހިނގައިގަންނަމުން ބުނެލިއެވެ.

ދާނިޔަލް ބުމަގޮށްޖަހައިލި އެވެ.
"ޑެނީ މެރީކޮށްގެން ހުރެ އެހެން ގާލްއެއްގެ ފަހަތުން ދުވުން، އެވެސް އަދި ގޭމެއް ކުޅެލަން، އިރާއާއި ދޭތެރޭގައި ކުޑަކޮށްނަމަވެސް ވިސްނަބަލަ، އިރާއަށް އެނގިއްޖެއްޔާ ކިހާ ދެރަވާނެ......." ރިވާން ގެ ވާހަކައިން ދާނިޔަލް އަދި ކިރިޔާ އެ ގޭމްމަތިން ހަނދާންވީއެވެ. ނަމަވެސް ރިވާން ގާތުގައި އޭނަ މިލާންދެކެ ވަނީ ތެދުވެރި ލޯތްބެއްކަމާއި މިއީ ކުޅިވަރެއް ނޫންކަން ބުނާކަށް ބޭނުމެއްނުވިއެވެ. ރިވާން ބޭނުން ގޮތަކަށް ހީކުރިޔަދޭށެވެ. އެހެންނޫނަސް މިލާން މިރޭ ހާމަކުރި ވާހަކަތަކަށްފަހު އޭނަގެ ހިތް ހަލާކުވެއްޖެއެވެ. 

"ރިޕީޓްކޮށް ރިވާ ތިކިޔަނީ އެކައްޗެއްނު.. އަހަރެން ބުނެފީމެއްނު އަހަރެން އެކަކަށްވެސް އިންޓެރެސްޓެއް ނެތޭ، އެވާހަކަ ބާއްވަމާ ހިނގާ، ކޮންތާކަށް މަހަށް ދަނީ؟" ދާނިޔަލް އެ ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ.

މިލާން ޑިއުޓީ ނިންމާލާފައި ގެއަށް ވަންނަން އައިއިރު ރިވާން ހުރީ ވަލުދޮރާށިން ވަދެވޭ މަގުގެ ކުޑަތަންކޮޅެއް ދުރުގައި ކާރު ޕާކްކޮށްލައިގެން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. އޭނަގެ ސްމާޓްކަމާއި ފިރިހެންވަންތަކަމުން މަގުންދާހާ ބަޔެއްގެ ސަމާލުކަން އޭނަ އަތުލައިގަނެއެވެ. މިލާން އޮޅިގެން ބަލައިލާފައި އިސްޖަހައިލިއެވެ. މިލާންއަށް އޭނަ ފެނުނީ މޫވީސްޓާރެއްހެންނެވެ. އަދި ދާނިޔަލް އާއި ވައްތަރުކަން ފާހަގަކުރިއެވެ. އިސްކޮޅާއި، ކަސްރަތީ ހަށިގަނޑުގެ ސަބަބުންކަން ނޭގެއެވެ.

ރިވާން އާއި މިލާން އިރުކޮޅަކަށް ނަމަވަސް ހަތަރުކަޅި ހަމަވިއިރު ހިތަށް ދުވަހަކު ނުވާފަދަ ގޮތްތަކެއްވިއެވެ. މިލާން ހާސިލުކުރަން މަސައްކަތްކުރަން ހިތަށް އަރައިގެން ފަހަތުން ދާން އުޅެފައިވެސް މަންމައަށް ފެނިދާނެތީ އެ ދޮރާށިން ވަންނާކަށް ނުކެރުނެވެ. ނޫނެކެވެ. ޖެހިލުންވާނެ ކަމެއްނެތެވެ. އެންމެ ފަހަރަކު މަނާކަމެއް ކޮށްލިޔަސް ބަހަނާއެއް ދެއްކިދާނެއެވެ. ލަސްވެފައި ހުރިވަރުން އެ ދޮރާށިން ވަނީކަމަށް މަންމަ ގާތުގައި ބުނެވިދާނެއެވެ. ރިވާން ދޮރާށި ހުޅުވާލާފައި ބަލައިލިއިރު މިލާން ގެ ހިލަމެއްނުވިއެވެ.

"ރިވާ، ކީއްކުރަނީތަ؟ " ސާރާ ބެލްކަނީގައި ހުރިތަން ފެނުމުން ރިވާން ކުޑަކޮށް ރަކިވިއެވެ. 

"ހޭއި މަމް....." ރިވާން އަތް ހޫރާލާފައި އަވަހަށް ހިނގައިގަތީ ގެއަށް ވަންނާށެވެ. މަންމަ ގާތުގައި ދައްކަންވީ އުޒުރެއް ވިސްނާލުމަށްފަހުގައެވެ. ނަސީބަކުން ސާރާ އެކަމާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ރިވާންއާއި މެދު ސާރާ ޝައްކުކުރަން ބޭނުން ނުވަނީއެވެ. އެހެންނޫނަސް ދާނިޔަލް އާއި މިލާންގެ އޮތް ސިއްރު ލޯބީގެ ގުޅުން އޭނައަށް އެނގޭއިރު އެހެން ކުއްޖަކު މިލާންގެ ފަހަތުން އުޅެދާނެކަމަށް ހީކުރަންވީ ކީއްވެހެއްޔެވެ؟ ދާނިޔަލްއާއި ރިވާންއަކީ އެކަނި އެކުވެރިންނެއް ނޫނެވެ. އެދެޒުވާނުންގެ އެއްބަނޑު އެއްބަފާކަމުގެ ގުޅުން އޮވެއެވެ. އެހާ ގާތްއިރު އެކަކާއިހެދި އުޅެދާނެކަމަކަށް ސާރާގެ ހިތެއް ނުބުނެއެވެ. ސާރާ ރިވާންއާއި އެކި ވާހަކަދައްކަން ހުރިއިރު ބެލްކަނީގައި ވާ ޕޮޓްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅެއެވެ. ރިވާން ބެލްކަނީގައި ހުރި ގޮނޑިއެއްގައި ހިތްގައިމުގޮތަކަށް އިށީދެލައިގެން އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ ބަގީޗާ ތެރެއަށެވެ. އެތައް މާގަސްތަކެއް ހެދިފައިވާއިރު އެތަނުން މިލާން ފެނިދާނެކަމުގެ އުއްމީދުގައެވެ. އަންހެންކުދިން ނިކަން މާ ބިންނަހިތްވާނެއެވެ. ގާޑެނިއާ ގަސްތައް ކާރީގައި މިލާން މާ ބިންނަން ހުންނާނެ މަންޒަރު ހިތަށް އަރުވާފައި ރިވާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ޑެނީ މިހާރު މިގެއަށް އައުން މަދީ ކީއްވެތަ؟ "ސާރާ އަހާލައިފިއެވެ.
"ޑެނީ ގޯސްކަމުން އޭނަ ގެންނަ ހިތެއްނުވޭ......" ރިވާން އެހެން ބުނީ ސަމާސާ އަކަށެވެ. ސާރާ އަމިއްލަ ކުދިންނަށްވުރެ ދާނިޔަލް ދެކެ ލޯބިވާކަން އެއީ އާއިލާ ކުދިންނަށް އެނގޭ ހަގީގަތެކެވެ. އެކަމުގެ ސިއްރެއް ރިވާންއަކަށް އެނގެނީއެއް ނޫނެވެ. ބޮޑުދައިތަކުދިންގެ ތެރެއިން ދާނިޔަލް އެއީ މާ ޚާއްސަ ކޮއްކޮއެކެވެ. ދާނިޔަލްއާއި ދިމާލަށް މީހަކު އެއްޗެކޭ ބުނެލިޔަސް ސާރާގެ މޫނު ވަގުތުން ބަނަވެދާނެއެވެ.

"ރިވާ، ޑެނީ ގޯސްވިއްޔާ އެއީ އޭނަގެ ބައްޕަގެ ކުށް.. ޑެނީއަކީ އިނޮސެންޓް ކުއްޖެއް......" ސާރާ އާދައިގެ މަތިން ދާނިޔަލްގެ ދިފާއުގައި ވާހަކަދެއްކިއެވެ.

"ޑެނީ އަމިއްލައަށް ވިސްނޭވަރުވީމަ ދެން އަންކަލްގެ ކުށެއް އޮވެގެން ނުވާނެ ނޫންތަ މަމް، އެޓްލީސްޓް ހުކުރަށް ދާނަމަ، އެގަޑީގައި އޮންނާނީ ގަދަޔަށް ނިދާފައި، ދޭތެރެއަކުން މިސްކިތަށް ނުވަންނަކަމެއް ނޭގޭ. މަންމަ ޑެނީ ދެކެ ހާދަ ވަރަކަށޭ ލޯބިވަނީ، ހީ ޑަޒަންޓް ޑިޒާވް އިޓް......" ރިވާން ލާނެތް ހިނިތުންވުމަކާއިއެކު އެހެން ބުނެލީ މަންމަ ހިތްހަމަނުޖެހޭނެކަން ރަނގަޅަށް ޔަގީންވެފައި ހުރެއެވެ.

"ރިވާ، ޑެނީގެ ހަގީގަތް އެނގޭނަމަ ރިވާ ޑެނީ އާއި ދެކޮޅަށް އެންމެ ލަފުޒެއްވެސް ނުބުނާނެކަން މަންމައަށް ޔަގީން......" ސާރާ ރިވާން ގާތުގައި ގޮނޑީގައި އިށީދެ މާޒީގެ ސަފުހާތައް ހުޅުވައިލުމުން ރިވާން އިނީ ވިސްނުންތެރި ކަމާއިއެކު އަޑުއަހާށެވެ. ސާރާ ވާހަކަދައްކަމުން ގޮސް ދޭތެރެ އަކުން ކަރުނަ ފޮހެލައެވެ. އެންމެ ފަހުން ސާރާ ހަމަ ރަނގަޅަށް ރޯންފެށުމުން ރިވާންގެ ހިތަށް އަސަރުކުރިއެވެ. އެ ރީތި ދެލޮލުގައިވެސް ކަރުނަތިކިތައް ބަބުޅަން ފެށިއެވެ.

"އިޓްސް އޯކޭ މަމް...." ރިވާން ސާރާ ގެނެސް މޭގައި ޖައްސާލަމުން މަޑުމަޑުން ބުނެލިއެވެ. މިއެނގުނު ހަގީގަތަށްފަހު ޔަގީނުން އޭނަ ދާނިޔަލް އާއި ދޭތެރޭގައި ދެކޭގޮތް މުޅިން ބަދަލުވެއްޖެއެވެ. ދާނިޔަލް އާއި ދޭތެރޭ މުޅިން އެހެން ނަޒަރަކުން ދެކެވެން ފެށިއެވެ. މަންމައަށް ދާނިޔަލް އެހާ ޚާއްސަވީ ސަބަބެއްނެތިއެއް ނޫނެވެ. ދާނިޔަލްއަށް މަންމަގެ ލޯބި ހައްގެވެ. އެކަމަކު މުޅި އުމުރަށް މަންމަގެ ލޮލުން ކަރުނަ ހިކޭނެކަމެއް ނޭގެއެވެ. ރިވާންގެ ހިތަށްވެސް ތަދުވެއްޖެއެވެ.

"އެ ގިލްޓީ ފީލިން މުޅި އުމުރަށް ދެމިހުންނާނެ، ރިވާ، މަންމަ ދަރިފުޅުމެންގެ ބައްޕަދެކެ ހިތްހަމަނުޖެހުނު ސަބަބަކީއެއީ، ދެމީހުންގެ ގުޅުން ކެނޑެން ޖެހުނީ އެކަމަކާއި ހެދި، އެހެންނޫންނަމަ މަންމަ ދަރިފުޅުމެންނަށް ޓަކައި ހިތްވަރުކުރާނަން، ނަމަވެސް އޭނަގެ ސަބަބުން އެގޮތަށް ދިމާވީ..... އެހެންނޫންނަމަ... މަންމަ ހާދަ ގިލްޓީވޭ... ޕުއަރ ޑެނީ.... ޕުއަރ ލިޓްލް ޑާލިން..... ޑެނީއަށް އެނގިއްޖެއްޔާ ޑެނީވެސް ދުވަހަކު މަންމައަށް މާފެއް ނުދޭނެ، ދަރިފުޅު އޮޅިގެންވެސް މީހެއްގެ ގާތު ނުބުނައްޗޭ......" ސާރާ އިނީ ހިތުގައި ޖެހިފައެވެ. އިންތިހާއަށް އަސަރުކޮށްފައެވެ. ރިވާން މަންމަ އެދުނުފަދައިން އުމުރަށްވެސް އެ ސިއްރު ފޮރުވަދޭން ވައުދުވިއެވެ. ޚާއްސަކޮށް ދާނިޔަލްގެ ގާތުގައި ނުބުނުމަށް އެދި ސާރާ ވައުދުކުރުވިއެވެ.

މިލާން ކިތަންމެ ފަހަރަކު ރިވާން ބެލްކަނީ ނޫނީ އެހެން ތަނެއްގައި ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ދެކެއެވެ. ބައެއްފަހަރު އެ ރީތި ދެލޮލުން މާޔޫސީކަމުގެ އަސަރުތައް ފެނެއެވެ. ރިވާން ފަދަ ރީތި ޒުވާނަކު ހިތާމަކުރަންވީ ކޮންކަމަކާ ބާވައެވެ. އޭނަ ބޭނުން ކޮންމެ އެއްޗެއް ދުނިޔެއިން ލިބޭނެކަން ޔަގީނެވެ. ރިވާން ފަދަ ރަނގަޅު ކުއްޖަކަށް މަދުވާނީ ކޯންޗެއްހެއްޔެވެ؟ އަންހެންކުއްޖެއްގެ ކަމަކާއި ހިތާމަކޮށްފާނެހެން ހިޔެއްނުވެއެވެ. މިލާން ބައެއްފަހަރު ކޮޓަރީގައި އެކަނިވާއިރު ރިވާން އާއި މެދު ވިސްނައިލެވެއެވެ. ރިވާން ކުރާ ހިތާމައެއް އޮޅުން ފިލުވައިލަން ހިތް ބޭނުންވެއެވެ. ނަމަވެސް ހުރިހާ ކަމަކަށްވުރެ މިލާންގެ ހިތަށް އަސަރުކުރަނީ ދާނިޔަލްއަށް އޮޅުވައިލެވުނީމައެވެ. އެގޮތަށް ބުނެވުނު ފަހުން އޭނަގެ ދެލޮލުން ހާދަ ގިނަ ކަރުނަތަކެއް އޮހޮރިއްޖެއެވެ. ހިތުގައި އަޅާ ވޭނުގެ ސަބަބުން ކެވެނީއެއް ނޫނެވެ. ނުއެއް ނިދެއެވެ. ތަންމަތީގައި ދެފަރާތަށް ފުރޮޅެން އޮތްވާ އިރުއަރާފާނެއެވެ. އެހެން އޮންނައިރު އަބަދުހެން އެސްފިޔަތަކުގެ ދޭތެރެއިން ފެންނަނީ ދާނިޔަލްގެ ރީތި ސޫރައެވެ. އެ ރީތި ހިނިތުންވުން ލޮލަށް ފެންނަހެން އަބަދު ހީވެއެވެ. އެ ކަތި ނަޒަރު އެތައް ހާސް ފަހަރު ހިތް ފޫއަޅުވާލައިފިއެވެ. ހަޔާތުގެ ނަވުގައި އެކަނި ދަތުރުކުރާން ޖެހިފައިވާއިރު މިކުރަން ޖެހުނު ބޮޑު ހިތާމައިގެ ސަބަބުން މިލާން އަވީގައިވާ މަލެއްހެން މޯޅިވާން ފެށިއެވެ. ނަމަވެސް އެކަން އެނގޭ އިތުރު އިންސާނަކު ނެތެވެ. އޭނަ ހުންނަނީ އެހެން މީހުންގެ ކުރިމަތީގައި ދެއްކުންތެރި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެންނެވެ.

މިލާން އާއި އައިޒާގެ ގުޅުންވެސް މަޑުމަޑުންގޮސް ބަދަހިވާން ފެށީ ދެކުދިންގެ މިޒާޖުގައި އެއްގޮތްކަންތަކެއް ހުރީމައެވެ. އައިޒާ އޭނަގެ ބައްޕަ ނަދީމްގެ ގެއަށްދާންވެސް މިލާންއަށް ދައުވަތު ދިނެވެ. ދެކުދިންގެ ގުޅުން ވަކި ހިސާބަކަށް ދިޔައިރު ރިވާންގެ ސިއްރެއް މިލާންއަށް އެނގުނެވެ. ރިވާން ކުޑައިރު ކެންސަރު ޖެހުމުގެ ސަބަބުން އޭނަގެ މަންމަމެން އޭނަދެކެ ޚާއްސަ ލޯތްބެއްވެއެވެ. އެކަން އެނގުމަށްފަހު މިލާންގެ ހިތް ރިވާންއަށްޓަކައި ހަމްދަރުދީއިން ފުރުނެވެ.

މިލާން ޑިއުޓީއަށް ދަމުން ކިޔަވަން އިންތިހާއަށް މަސައްކަތް ކުރެއެވެ. އޭނަގެ މުސްތަގުބަލުގެ އުޖާލާކަން ގުޅިފައިވަނީ ޅައިރު އުގެނުނު އެއްޗަކުންނާއި ނަސީބުންކަން އޭނައަށް ރަނގަޅަށް އެނގެއެވެ. މިލާން މިހާރު ހަދަނީ މުޅިންވެސް ހަވީރު ނޫނީ ރޭގަނޑު ޑިއުޓީތަކެވެ. އޭނަ ހެދުނު ޑިއުޓީ ހެދުން ހުއްޓާލީ ދާނިޔަލްއަށް ނުފެންނަން ވެގެންނެވެ. މިއަދު މިލާން ޑިއުޓީއަށް އައިތަނާހެން ސުދާއާއި ދިމާވިއެވެ. ސުދާ ހުރީ ވަރަކަށް މޭކަޕްކޮށްލައިގެން ނަލަހެދިލައިގެންނެވެ.

"މިލާން އަށް ނޫހުން އެވާހަކަ ފެނުނުތަ؟ އަސްލު ބަޔަކު އަހަރެންގެ މަންމަމެން ފްރޭމްކޮށްލީ، މަންމަމެން އެޒާތުގެ ވިޔަފާރިއެއް ނުކުރާނެކަން އަހަންނަށް ޔަގީން، އެންމެ ދެރަވީ ޔޫރަޕް ދަތުރު ފަސްކޮށްލަން ޖެހުނީމަ... އައި ފީލް ސޯ ބޯޑް އެންޑް ލޯންލީ، އަދި ކިރިޔާ ލަންކާއިން މާލެ އައިސްގެން މިއުޅެނީ، އަހަންނަށް ތިގޭގައި ހުރެވިދާނެތަ؟ " ސުދާ މިލާންގެ ގާތުގައި އިށީދެލާފައި އެހެންކުދިންނަށް އަޑުނީވޭހާ މަޑުން ބުނެލިއިރު އަނގައިގާ އޮތީ ޗުއިންގަމެކެވެ.

"ސުދާއަށް އެކަނި ހުރެވެންޏާ މައްސަލައެއްނެތް، އަހަރެން އުޅެނީ އެހެން ގެއެއްގައި، އަންހެންކުއްޖަކު އެކަނި ހުރުމަކީ ރައްކާތެރި ކަމަކަށް ނުވާނެ، ގެއިން ވައްކަންކޮށްފައި ބައެއް އެއްޗެހި ގެންގޮސްފައިވާކަން ސުދާ ހަނދާން އެބަހުރިތަ؟" މިލާން ގެ ޖުމްލައިން ސުދާ ދެލޯ ބޮޑުކޮށްލައިފި އެވެ.

"އާން ވަގުންގެ ކަންތަކާއި ހެދި އުޅެވޭކަށް ނެތް، ކުރީ ދުވަހުވެސް ފެނުނީ ގޭގެ ކުރިމަތީގައި ހުރި ގުރާ ކޮށި ހިފައިގެން ޕާޓޭއެއް ނައްޓައިލިތަން.. އަނެއް ދުވަހު ނެއިބަރއެއްގެ ގެއިން އަނބު ބިންނާން އަރާފައި އޮތްވާ އަހަރެމެން ގޮސް ޓޯޗުން އަލިއަޅުވާލީމް އެ ސޮރު އޮތީ ފައިބާން ނުކެރިފައި........" ސުދާ ހީފައި ވާހަކަދެއްކި ނަމަވެސް ހީވަނީ ކޮންމެވެސް ކަމަކާއި ހާސްވެފައި އިންހެންނެވެ. ދުވަހުގެ ބާކީ އޮތްބައިގާ ސުދާ އިރުއިރުކޮޅާ މިލާން ގާތަށް އައިސް ކޮންމެވެސް ވާހަކައެއް ދައްކާއިރު ހީވަނީ މާ ހެޔޮއެދޭ މީހެއް ހެންނެވެ. ނަމަވެސް އެއްފަހަރު މިލާން އަށް ބަލައިލެވުނުއިރު ސުދާ އިނީ މިލާންއާއި ދިމާލަށް ހަސަދައިން ފުރިގެންވާ ނަޒަރަކުން ބަލާށެވެ. މިލާން ފެނުމުން ސުދާ ވަގުތުން މޫނުމަތި ރީތިކޮށްލި ނަމަވެސް މިލާންގެ އިތުބާރު ކުރިއަށްވުރެ ބޮޑަށް ގެއްލިއްޖެއެވެ.

މިލާން ދާނިޔަލްގެ މަތިން ހަނދާންނައްތާލަން މަސައްކަތް ކުރާއިރު ދާނިޔަލްގެ ހިތަށް ލިބެމުންދާ ވޭން ވަކި ކުޑައެއްނޫނެވެ. ނަމަވެސް އޭނަގެ ހިތްވަރުގަދަކަމުން އެކަން ބޭރުފުށުން ދައްކައެއްނުލައެވެ. ގަވާއިދުން ޑިއުޓީއަށް ގޮސްފައި އަންނަގޮތަށް ޖިމުގައި ވަގުތުތައް ހޭދަކުރެއެވެ. އެކުވެރިންނާއިއެކު އުޅެފައި ގެއަށް އައިސްފައި އިރާއާއި ވާހަކަ ދައްކާލަން އިނދެއެވެ. އެ ލާނެތް ޒުވާނާ ތަންކޮޅެއް ހަރުދަނާވެ ސީރިޔަސްގޮތެއް ހުންނަން ފެށިއެވެ. އެހެންވުމުގެ ސަބަބުން އޭނަގެ ފިރިހެންވަންތަކަން ކުރިއަށް ވުރެ އިތުރުވެ އަންހެންކުދިންގެ ސަމާލުކަން ކުރިއަށް ވުރެ ބޮޑަށް ލިބެން ފެށިއެވެ.

އިރާ ބަލިވެއިން ކަމުގެ ދޮގު ޚަބަރު ޖުވޭދާ ފަތުރާލާފައި ފަހުން އެކަމާއި ދެރަވެގެން އުޅުނެވެ. ޓެސްޓް ނެގަޓިވްކަން އެނގުމުން ހިތް ހަލާކުވާވަރުވިއެވެ. ދޭތެރެ ދުރުކުރާ ބޭސްތައް ކެއުމަކީ ހަރާމް ކަމެއްކަމުގައި ބުނެ އިރާއަށް ބިރުދައްކަން އުޅެފައި ޖުވޭދާ ޚިޔާލު ބަދަލުކޮށްލައިފި އެވެ. ހަށިގަނޑަށް ގެއްލުންވާފަދަ ކޮންމެ އެއްޗެއް ދީނުގައި ހަރާމްވާނެތާއެވެ. ދަރިއަކު ބޭނުންވެގެން އުޅޭ ދުވަހަކުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. ޖުވޭދާ ގަސްތުކުރީ އޭނަގެ އަތުން އިރާއަށް ބޭސްކާން ދޭން ފަށާށެވެ. އިރާއަށް އޮޅުވާލާފައި އޭނަ ކާންދޭނީ ފޯލިކް އެސިޑް ބޭހެވެ. އޭރުން އިރާއަށް ވާނުވާ ނޭގޭނެއެވެ.

ދާނިޔަލް ޚިޔާލުތަކުގައި އިންނަވަރުން ބައެއްފަހަރަށް ކުދިގޯސްތައް ހެދޭފަހަރު ނާންނަނީއެއް ނޫނެވެ. ކުދި ކުދި އެކްސިޑެންޓްތަކުން ސަލާމަތްވަނީ ކާކުގެ ނަސީބަކުން ކަމެއް ނޭގެއެވެ. އެހެން އުޅެމުންގޮސް ކާރު މާބާރަކަށް ދުއްވާފައި ދަނިކޮށް ފާރަކަށް އަރާފައި ކާރު މުޅިން ހަލާކުވިއެވެ. އޭނަގެ އަތަށް ތަދުވެގެން ބެންޑޭޖް އޮޅަން ޖެހުން ނޫނީ މާ ބޮޑުކަމެއް ނުވިއެވެ. ގެއަށް އާދެވުނުއިރު ދާނިޔަލްހުރީ ފުދޭވަރަކަށް ނުތަނަވަސްވެފައެވެ. މިގޮތަށް އުޅެންވީ ކިހާ ދުވަހެއް ވާންދެން ހެއްޔެވެ؟ މި ހިތާމަތަކަށް ކެތްނުކުރެވިގެން އަތުން ގޯހެއް ނެހެދޭނެ ބާވައެވެ. ދާނިޔަލް ޚިޔާލުތަކެއްގައި ހުރެ ޓެރެސްއަށް އެރިއިރު ނަހުޔާން އިނީ އެކަނިމާ އެކަނި ކޮފީ ބޯށެވެ. ކޮފީގެ ދެވިހިފާފަދަ މީރުވަސް މުޅިތަނުގައި އެއްވަސްވެފައި އޮތެވެ. 

"ހައި ބްރޯ...... އަހަރެން ބޭނުން ވާހަކައެއް ދައްކާލަން..." ދާނިޔަލް ގޮނޑިއެއް ދަމާލައިގެން އިށީނުމުން ނަހުޔާން ސީރިޔަސް ނަޒަރަކުން ބަލައިލުމާއިއެކު ކަންބޮޑުވިކަމުގެ އަސަރުތައް ފެނިގެން ދިޔައެވެ.
"އަތަށް ކިހިނެއްވީތަ؟ " ނަހުޔާން ސުވާލުކޮށްލިއެވެ.
"އަހަރެންގެ ކާރު މުޅިން ޑެމޭޖްވި ބަޓް އައި ގޮޓް އަވޭ، އެކަނި އާމް ސްޕްރެއިންއެއް...." ދާނިޔަލް ކުޑަކޮށް ހިނިތުންވެލިއެވެ.

"ކޮން ވާހަކައެއް ޑެނީ ބުނަން އުޅުނީ....." ނަހުޔާން ފުންނޭވަޔެއްލިއެވެ. ދުނިޔޭގެ ގާނޫނު ހިނގާގޮތަކާއިމެދު ނަހުޔާން މިއަދު ބިރުގަނެއްޖެއެވެ. ދާނިޔަލް ކުށެއްކުރިނަމަވެސް އެގޮތަށް އަނގައިން ނުބުނެ ދުރުން އުޅޭކަށް ނުޖެހޭނެކަން މިއަދު ޔަގީންކުރެވިއްޖެއެވެ. އެކްސިޑެންޓެއް ނޫނީ ހާދިސާއެއް ކުރިމަތިވާނީ އިންޒާރު ދީފައެއް ނޫނެވެ. މަރަކީ ދާދިގާތުގައިވާ އެއްޗެކެވެ. ކާރު މުޅިން ހަލާކުވެގެން ދިޔައިރު ދާނިޔަލް ސަލާމަތްވިކަމީ ރަހުމަތެކެވެ. ދާނިޔަލްއަށް ކަމެއްވިނަމަ ނަހުޔާންއަށް ދުވަހަކު އަމިއްލަ ނަފުސަށް މާފުދެވޭނެ ހެއްޔެވެ؟ ރަނގަޅު ގޮތަކީ ކުށެއްކުރެވުނީމަ މާފު ދިނުމުގެ ރީތި ސިފަގެންގުޅުމެވެ.

"އަހަންނަށް އެނގޭ ދޮންބެ އަޕްސެޓްވާނެވަރު، އަހަރެންވެސް އެކްސްޕެކްޓް ނުކުރާ ގޮތަކަށް އައިޒާ ދޮންބެގެ ލައިފަށް އައީ، ޝީ ވޯޒް މައި ގާލްފްރެންޑް އެކަމަކު އެއްކޮށް ގުޅުން ކަނޑާލީ، އައިޒާ ބުނާނެކަން ނޭގޭ އަހަންނަކީ އަންފެއިތްފުލް މީހެކޭ، ތެދެއް، އެކަމުގައި އައިޒާގެ ކުށެއްނެތް، އަހަރެން ބޭނުންވީ ރިވެންޖްނަގަން، އެގޮތަށް އެ ރޫމަށް ވަދެގެން ނުވާނެކަމަށް ގަބޫލުކުރަން، އައިމް ސޮރީ... އެކަން އަލުން ރިޕީޓެއްނުވާނެ، އައި ޕްރޮމިސް...." ދާނިޔަލް މާފަށް އެދުމުން ނަހުޔާންގެ ހިތަށް އުދަގޫގޮތެއްވިއެވެ. ދާނިޔަލް ހާދަ ރަނގަޅެވެ. އަމިއްލައަށް އިސްވެހުރެ މާފަށް އެދުނީއެވެ. ނަހުޔާން ތެދުވެގެންގޮސް ދާނިޔަލްގެ ކޮނޑުގައި އަތް ބާއްވަމުން ހިނިތުންވެލިއެވެ.

"ވަރަށް އުފާވެއްޖެ ޑެނީ އަމިއްލައަށް ކުށް ގަބޫލުކޮށް މާފަށް އެދުނީމަ، ޔޫ ވޮން.... ސަބަބަކީ މާފަށް އެދޭމީހާ އަކީ ހަގީގަތުގައި މޮޅުވާމީހާ، ދޮންބެ ނުޖެހޭނެ ވާހަކަނުދައްކާ ދުރުން އުޅޭކަށް، އައިމް ސޮރީ ލިޓްލް ބްރޯ..." ނަހުޔާން އާއި ދާނިޔަލް އިރުކޮޅަކުން ފެނުނީ ހީހީފައި އެކުވެރިކަމާއިއެކު ވާހަކަދައްކަން ތިއްބައެވެ. އެ މަންޒަރުން އެންމެ އުފާވީ މަލީކް އާއި ދީނާ އެވެ. އައިޒާއަށް ނަހުޔާން އާއި ދާނިޔަލްގެ އެކުވެރިކަން ފެނުމުން ހިތުގައިވާ ބޮޑު ބުރައެއް ލުއިވެގެން ދިޔަހެން ހީވިއެވެ. އެއީ އޭނަގެ ދުއާއެވެ. އޭނަގެ ސަބަބުން އެހާ ލޯބިން އުޅުނު ދެބެން ވަކިވާކަށް ޚުދު އައިޒާވެސް ނޭދެއެވެ.

ނަހުޔާންގެ ދިރިއުޅުންވަނީ ގާތްގަނޑަކަށް ފުރިހަމަވެފައެވެ. އޭނައަކީ އެކަނި ހޮސްޕިޓަލެއްގެ މެނޭޖިން ޑިރެކްޓަރެއްނޫނެވެ. އެހާ މޮޅު ޑޮކްޓަރެކެވެ. އައިޒާ އޭނަގެ ހަޔާތަށް އައީމަ ބައިވެރިޔެއްގެ ފަރާތުން ލިބެން ޖެހޭ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ނަހުޔާންއަށް ލިބުނެވެ. އައިޒާ ގެ ޚިދުމަތްތެރިކަމާއި ލޯބިވާވަރު ފެނިފައި ނަހުޔާން ހައިރާންވެ އުފާވެސްވެއެވެ. އޭނައަށްޓަކައި އައިޒާގެ ހުރިހާ ވަގުތެއްވަނީ ހުސްކޮށްލާފައެވެ. ކޮޓަރި އެހާ ތަރުތީބުކޮށް އޭނަގެ ހުރިހާ ހެދުމަކާއި އެއްޗެއްސެއް ގަވާއިދުން ދޮވެ، އިސްތިރިކޮށްދީހަދައެވެ. ކޮންމެ ދުވަހަކު ކޮޓަރީގައި ހުންނަނީ ތާޒާމާތަކުގެ ގުލްދަސްތާތަކެވެ. އައިޒާގެ އަތުން މީރުކޮށް ކައްކާފައި ނަހުޔާންއަށް މީރު އެއްޗެހި ކޮންމެ ގަޑިއަކަށް ތައްޔާރުކުރުމުގައި ވަރުބަލިކަމެއްނެތި ހުރެއެވެ. އެހާ އަވަދިނެތި އުޅުނަސް ނަހުޔާން ގެއަށް އަންނަންވާއިރަށް އައިޒާ ހުންނަނީ ފެންވަރާ ސެންޓް ޖަހާލައިގެން ލޯބިވެރިއެއްފަދައިންނެވެ. ރޭގަނޑަށް ކޮޓަރީގައި އުއްބައްތިތައް ދިއްލާލައެވެ. ކޮންމެ ރެއެއްހެން ހޭދަވަނީ އާކައިވެނީގެ ރޭ ފަދައިންނެވެ.

އައިޒާފަދަ އަންބަކު ލިބޭނީ ނަސީބުވެރިޔަކަށެވެ. ނަމަވެސް ބައެއްފަހަރު ނަހުޔާންގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ހިގާލައެވެ. އައިޒާއާއިއެކު އެންމެ ގާތްކޮށް އުޅެވޭވަގުތު ހިތަށް އަރާ އުދަގޫ ޚިޔާލުތަކުން ބައެއްފަހަރު ނަހުޔާންގެ ފޯރިކުޑަކުރުވައެވެ. މިއީ އޭނަގެ ކޮއްކޮ ދާނިޔަލްގެ ހައްގެކޭ ހިތަށް އަރަނީއެވެ. ދާނިޔަލްގެ ލޯބިވެރިޔަކު ޖަހައިގެން އުޅެވޭފަދަ އިހުސާސެއްކުރެވި އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. ދާނިޔަލް ވަނީ އައިޒާއާއިއެކު އެފަދަ ވަގުތުތައް ހޭދަކޮށްފައިކަން ހިތަށް އަރާފައި ނަހުޔާން ގެ ސިކުނޑިއަށް ބާރުކުރެއެވެ. ނަހުޔާން ބޭރުފުށުން އެކަން ނުދައްކަން އުޅުނަސް ހިތުގައި ނޭގޭފަދަ އިހުސާސްތަކެއް އުފެދޭތީ އޭނަ ފިކުރުބޮޑުވާ ވަގުތު މަދުންނަމަވެސް އަންނަން ފެށިއެވެ. 

ނަހުޔާން މިއަދުވެސް ޑިއުޓީ ނިންމާލާފައި ގެއަށް އައިސް ކާރު ޕާކްކޮށްލާފައި ސިޑިން އަރައިގެން އައިޒާ އާއިއެކުގައި ދިޔައިރު ދެމަފިރިން ދިޔައީ ހިނިތުންވެލައިގެން ތިބެ ވާހަކައެއް ދައްކަމުންނެވެ. ނަހުޔާންގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެއްލި ކަޅިއަކުން ދާނިޔަލް ފެނުނީމައެވެ. އަނބުގަހުގެ ތަންކޮޅެއް ތިރި ގޮފިގަނޑެއްގައި ދަތްދޮޅި އަޅުވާލައިގެން ވިސްނުމެއްގައެވެ.

"ޑެނީ އަބަދުހެން ޚިޔާލެއްގައި ހުންނަކަން ފާހަގަކުރެވޭ، ޑެނީ އައިޒާ ދެކެ ލޯބިވަނީތަ؟ އެކަން ސިއްރުކުރަން އުޅެނީތަ؟ އެއްކޮޅުން އައިޒާ، އަނެއްކޮޅުން އެންމެ ލޯބިވާ ކޮއްކޮ، މިދުނިޔެއިން އަސްލު އެންމެ ލޯބިވާ ފަރާތަކީވެސް އެއީކަން ނޭގޭ. ވީއިރު އަހަރެންގެ ދިރިއުޅުން ފުރިހަމަވާނީ ޑެނީއަށް އުފާވެރި ލައިފެއް ލިބުނީމަކަން ޔަގީން....." ނަހުޔާން ފުންނޭވަޔެއް ދޫކޮށްލިއެވެ. އަމިއްލަ ޒަމީރާއި ވާހަކަދެއްކިޔަސް އެކަން ހައްލުކުރެވޭނެ ގޮތެއް އެނގެނީއެއް ނޫނެވެ. އެހެންނޫނަސް މަޖުބޫރު ކައިވެންޏެއްގައި ބަދެވުމުން އެފަދަ ގޮތެއް ދިމާވެދާނެއެވެ. ދާނިޔަލް އިރާދެކެ ލޯބިވާނެނަމައެވެ. ހިތާއި ފުރާނައިން ގުރުބާންވާ ވަރަށް ލޯބިވާނެނަމައެވެ. ނޫނީ އައިޒާ އޭނަދެކެ ލޯބިވާފަދައިން ދާނިޔަލްދެކެ ލޯބިވާ އަޅާލާ ބައިވެރިޔަކަށް އިރާ ވާނެނަމައެވެ. އޭރުން ތިލަފަތް ހަމަހަމަވެދާނެއެވެ. އަދި އޭނައަށް މިކުރެވޭ ކުށްވެރި އިހުސާސް ކުރެވުން ހުއްޓާލެވި ހިތަށް ފަސޭހަވެދާނެއެވެ.

ޖުވޭދާ އިރާގެ އެފަން ދިގު އިސްތަށިގަނޑު ކަދުރާ އާއި ހަމަޔަށް ކޮށައިލީ އިރާއަށް ގެންގުޅެން ފަސޭހައަކަށޭ ކިޔާފައެވެ. ކުރުކޮށް ކޮށާލާފައި ގޯލްޑެން ކޮޕަރ ކުލައިން ޑައިކުރިއެވެ. ބިއުޓީ ސެލޫން އެއްގައި ޖުވޭދާ މަސައްކަތް ކޮށްފައި ހުރުމުން އިސްތަށިގަނޑު ރީތިކޮށް ކޮށާލަން އެނގެއެވެ. އިރާގެ އިސްތަށިގަނޑު ފަންގަނޑެއްފަދަ ވެފައި ބޯކަމުން އެގޮތަށް ކޮށާލީމަ މާ ވަރުގަދަކަމަށް ދެއްކިއެވެ. ފަންކާގެ ވައިންވެސް އިސްތަށިގަނޑު ވިހުރުވޭގޮތްވެއެވެ. ޖުވޭދާއަށް މިއަދު ދަރިފުޅު ފެނުނީ މާ ލޯބިކުއްޖެއްގެ ގޮތުގައެވެ. ދާނިޔަލް މިއަދު މޮޔަނުވިއްޔާ ވެދާނެއެވެ. ޖުވޭދާ އެ މަސައްކަތުގައި އިންއިރު ދައްކަމުން ދިޔަ ވާހަކައަކުން އިރާ އިނީ އަސަރުކޮށްފައެވެ. ޖުވޭދާ ބުނިގޮތުން އޭނަވަނީ އިރާގެ ބެސްޓްފްރެންޑެއްގެ ގޮތުގައި ގެންގުޅުނު މިލާންގެ ޑައިރީ ކިޔާލާފައެވެ. އެ ޑައިރީ އިން ޔަގީންވީ މިލާން ދާނިޔަލްދެކެ ލޯބިވާ ވަރާއި އެދެމީހުންގެ އޮންނަ ގާތްކަމެވެ.

"އިރާ ޑެނިއަލް އާއި ރީތިކޮށް ވާހަކަދައްކާލާ ތަނެއް ނުފެނޭ، އަބަދު އިންނަނީ ކުޑަކުއްޖެއްހެން ތުން ދަމާލާފައި، ތިހެން އުޅެން ހަދައިގެން ޑެނީ ގެއްލިދާނެ އިނގޭ، އިރާ ގާތުގައި މަންމަ ދޭން އޮތީ އެންމެ ނަސޭހަތެއް، ކޮންމެ ގޮތެއް ހަދާފައިވެސް އަވަހަށް ދަރިއެއް ހޯދަންވީ، އޭރުން ޑެނިއަލްގެ ފައިގާ ކަސްތޮޅު އެޅިދާނެ، މިލާން ބޭނުމެއްނުވާނެ ދޮންމަންމަ އަކަށް ވާން، ދޮންދަރިއެއް ބަލަން ޖެހޭނެކަން އެނގޭއިރަށް ދުވެ ފިލާނެ، އެހެންވީމަ ދަރިފުޅު ބޭސްކެއުން ހުއްޓާލާ...." ޖުވޭދާ ގެ ވާހަކައާއި އިރާ އެއްބަސްވާގޮތެއްނުވިއެވެ.

"މަންމާ، އަހަންނަށް ދަރިއަކު ނުބެލޭނެ..." އިރާ ކަރު އެލުވައިލިއެވެ.

"އޯކޭ ދެން ބޭސްކައި ކައި އިރާ ހުރޭ..." ޖުވޭދާ ރުޅިއަތުވެއްޖެއެވެ. ޖުވޭދާ އިރާއަށް އަމުރުކުރީ ދާނިޔަލް ގާތުގައި އޭނަ ދެއްކި އެއްވެސް ވާހަކައެއް ނުބުނުމަށެވެ. މިލާން ދުރަށް ލާނެގޮތެއް ޖުވޭދާ ރާވާނެ ކަމުގައެވެ. ދާނިޔަލް ގުޅެން ޖެހޭނީ އެކަނި އިރާއާއި ކަމުގައެވެ. މިލާންއަކީ އެމީހުން ގެއަށް އޮޅުކުރި ކުޑަ ހަރުފައެކެވެ. ނޫނީ ސިހުރުހަދާ މަންޖެއެކެވެ. އެންމެންގެ ގަޔަށް ވިހަލާފައި ނޫނީ އެކުއްޖާ މިތަނުން ދުރަށް ދާނެކަމެއް ނޭގެއެވެ.

ޖުވޭދާ ކޮޓަރިން ދިޔަތަނުން އިރާ އަމިއްލަ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެ އިސްތަށިގަނޑަކީ ކުޑައިރުއްސުރެ އޭނަ ރެޕަންޒުލް ވާންވެގެން ދިގުކޮށްލާފައި އެންމެ ތަންކޮޅެއްވެސް ކަނޑާލިޔަނުދީ ގެންގުޅުނު ރީތި އިސްތަށިގަނޑެވެ. ހީވީ ގައިގެ ބަޔެއް މަދުވިހެންނެވެ. އެވަރުންވެސް މަންމައާއި ދެކޮޅު ހަދާކަށް ނުކެރުނީއެވެ. ދާނިޔަލް ހާދަ ވަރަށް ޖޯކުޖަހާނެއެވެ. މަލާމާތް ނުކުރާނެގޮތަކީ ނެތްގޮތެކެވެ. ނަމެއް ނުދީފިއްޔާވެސް ރަނގަޅު ވާނެއެވެ. އިރާ އަލަމާރި ހާވަންފެށީ ސްކާފް އެއްޗެއް ނަމަވެސް އަތުނުޖެހިގެންނެވެ. ތަންކޮޅެއް ކުރިން ފެޝަނަކަށް ކުލަކުލައިގެ ކުދި ސްކާފް އަޅައިގެން އުޅުނީމަ އެއްޗެއްހިވެސް ހުންނާނެއެވެ. އިރާ އެ މަސައްކަތުގައި އުޅެނިކޮށް ފަހަތުން މީހެއްގެ ހިލަންވިހެން ހީވިއެވެ.

"އާހް..... ހޮރިބްލް ހެއަރކަޓް.. އަހަރެންގެ ވައިފް ގޮވައިގެން ދެން ނުކެރޭނެ މީހުންގެ ތެރެއަށް ދާކަށް. ތިއަށް ވުރެ މާ ރަނގަޅުވާނެ އަގްލީބެޓީ ގޮވައިގެން ދިޔަސް......." ދާނިޔަލްގެ އަޑުއިވުމުން އިރާ ލަސްލަހުން އެނބުރުނެވެ. ދާނިޔަލް ހުރީ މަޖާވެފައެވެ. އޭނަ އިރާއާއި ދިމާކޮށްލަން އެހެން ބުނިކަމުގައިވިޔަސް ހަގީގަތުގައި އެ ގޮތަށް ކޮށާލާފައި އޮތީމަ އިރާއާއި ގުޅެއެވެ. ކުލަ އެހާ ހިތްގައިމެވެ. އެ ދޮންމޫނާއި އިންތިހާއަށް ގުޅެއެވެ. އެކަނި ކަމުނުދާ ތަންކޮޅަކީ ކުޑަކުއްޖެއްހެން ހީވާތީއެވެ. އައިޒާއާއި މިލާންގެ އެހުންނަ ހިތްދަމައިގަންނަ ގޮތް އިރާގެ ނެތީމައެވެ.

"އަހަންނަށް އެނގޭ....." އިރާ އިންގޮތަށް ސޯފާއަށް ތިރިވެ ކުދި ބާލީހެއް މޭގައި ޖައްސާ ބާރުކޮށްލައިފި އެވެ. ދާނިޔަލް އިށީނީ އިރާއާއި ދާދި ކާރީގައެވެ.

"ޖަސްޓް ކިޑިން، ޔޫ އާރ އޭޒް ކިއުޓް އޭޒް އެ ބަޓްން.. މިއީ އަހަރެންގެ މަމް އިން ލޯ ކުރިކަމެއް ކަން ޔަގީން، އެކަނި ހެއަރއަށް ކޮންސެންޓްރޭޓް ކޮށްލާފައި ދިޔައިރު އިރާގެ ނިޔަފަތިތައް ކަނޑާލަދޭކަށް ނޭގުނެއްނު، އެހެންނޫނަސް ބުޅަލެއްހެން އަހަރެންގެ ލޯ ސްކްރެޗްކޮށްފާނެތީ އަހަރެން ޖެހޭނެ ކުރީބައިގާ ވިސްނަން، އަންހެންކުދިންގެ ވެޕަންއަކީ މިއީ ވިއްޔަ...." ދާނިޔަލް ނިޔަފަތިކަނޑާ ދަތްޗެއް ހިފައިގެން އައިސް އިރާގެ ހިމަހޯލި އަތުގައި ހިފާލުމުން އިރާ އިނީ ހިމޭނުންނެވެ. އެވަގުތު އެކުރެވުނު ފޮނި އިހުސާސްތަކާއި ގައިން ހީބިހި ހަލުވައިލިގޮތަކުން އިރާ އިނީ ހައިރާންވެފައެވެ. އަތްތިލަ ގަނޑުފެންކޮޅަކަށްވެ ދާނިޔަލްގެ އަތުގެ ތެރެއަށް ވިރިގެންދާނެހެން ހީވިއެވެ. ނުފެނުމުން އެހެން ހިއްސުތައް މާ ގަދަޔަށް މަސައްކަތްކުރަނީކަން ނޭގެއެވެ. އިރާ އެއްޗެކޭ ބުނަން އުޅެފައިވެސް އަޑު ބޭރެއްނުވިއެވެ. އަތްތިލަ ދާނިޔަލްއަށް ދީގެން އިންއިރު ހަށިގަނޑުގައި ކަރަންޓު ރާޅުބާނިތަކެއް ދުވިއެވެ. 

"އައުޗް...." އެންމެފަހުން އިރާއަށް ބުނެވުނެވެ.
"ސޮރީ....ވަރަށް ބަލައިގެންނޭ މިއުޅެނީ...." ދާނިޔަލް ކަތި ނަޒަރަކުން ބަލާލައިފިއެވެ. އިރާ އިނީ ތުންފަތުގައި ބާރަކަށް ދަތްއަޅާލައިގެންނެވެ. އިރުކޮޅެއްވާންދެން ދެމީހުން ހިމޭނުން ތިބިއިރު އެތަނަށް ވެރިވެފައިވަނީ އަޖައިބެއްފަދަ ހިމޭންކަމެކެވެ. ދެހިތުގެ އަޑު ފިޔަވާ އެހެން އެއްވެސް އަޑެއްނީވެއެވެ.

"ޑެނިއަލް، އަހަރެން ވާހަކައެއް ބުނަންތަ؟ " ހިމޭންކަން މުގުރާލީ އިރާއެވެ.
"ޓެލްމީ...." ދާނިޔަލް ބުމައަރުވާލާފައި އިރާގެ މޫނަށް ބަލައިލިއެވެ.
"އަހަންނަށް އެނގޭ ކޮންމެވެސް ކުއްޖަކު ޑެނިއަލްދެކެ އިންތިހާއަށް ލޯބިވާކަން، ޝީޒް ބިއުޓިފުލް...... ޕާރފެކްޓް..." އިރާ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިލާން ދާނިޔަލްދެކެ ލޯބިވަންޏާ އިރާ އެދެމީހުން ދުރުކުރުވާކަށް ބޭނުމެއްނޫނެވެ. އޭނައަކީ އެއްވެސް މީހެއްނޫނެވެ. ލޯއަނދިރި އަންހެންކުއްޖަކަށް ފިރިމީހާއަށް ޚިދުމަތެއް ކޮށް ނުދެވޭނެއެވެ. އޭނަ ދާނިޔަލް ދެކެ ލޯބިވަންޏާ ދާނިޔަލްއަށް ބުރައަކަށްވެގެން ނުހުރެ އުފާވެރި ހަޔާތެއް ހޯދަދޭން ބޭނުންވާނެއެވެ. މިލާންއާއި ދާނިޔަލް ގުޅޭނެއެވެ. ކަޅުކުއްޖެކޭ ބުނެގެން ދާނިޔަލް އޮޅުވައިލިނަމަވެސް މަންމަ ބުނާގޮތުން އެއީ ދޮން އަންހެންކުއްޖެކެވެ. މުށިކުލައިގެ ރީތި ދެލޯ ލިބިފައިވާއިރު ހީގަތީމަ މޫނު ރަތްވާ ވައްތަރުގެ ކުއްޖެކެވެ.

އެފަދަ އަންހެންކުއްޖަކު ދާނިޔަލްއަށް ލިބެން ހުއްޓާ އިރާ ދާނިޔަލްގެ ދިރިއުޅުން ބަރުބާދުކުރާކަށް ބޭނުމެއްނޫނެވެ. ދާނިޔަލްއަށްޓަކައި އޭނަ ދުރަށް ދާނީއެވެ. ދާނިޔަލްގެ ލޯތްބަށްޓަކައެވެ. އިރާގެ އެސްފިޔަތައް ތެމެން ފެށިއެވެ.

"އެންޑް ހޫޒް ދެޓް، ތިހާ ޔަގީންކަމާއިއެކު ތިބުނަނީ އަހަރެންދެކެ ލޯބިވާ ކުއްޖަކީ އިރާތަ؟ " ދާނިޔަލް އުޅުނީ ސަމާސާ ކޮށްލާށެވެ. ނަމަވެސް އިރާގެ ދެލޮލަށް ބަލައިލުމާއިއެކު ދާނިޔަލްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އިރާ ހަމަ ރަގަޅަށް ރޮނީއެވެ.

ކޮމެންޓް 0