ވެހެމުންދިޔަ ބޯ ވާރޭގެ ތިކިތަކުން ދާނިޔަލް ތެންމަމުން ދިޔަސް ހަށިގަނޑުގައި ރޯވި އަލިފާން ފިނިކުރެވޭގޮތެއް ނުވިއެވެ. މާހައުލުގައިވި ގޮތަކުން އެދެމީހުން މަގު އޮޅުވައިލުމުގައި ޝައިތާނާ ކާމިޔާބުކުރިއެވެ. މިލާންގެ މޫނުގައި ހުދު ޖަވާހިރުތަކެއްފަދައިން ވިދި ވާރޭގެ ތިކިތަކުގައި ތުންފަތް ޖައްސައިލުމުން މިލާންއަށް ކުރެވުނު ފޮނި އިހުސާސްތަކުން ދެލޯ މަރައިލެވުނުއިރު ވާނުވާ ނޭގުނެވެ. މިކުރެވުނީ ހުއްދަ ނޫންކަމެއްކަން ރޭކާލީ އިރުކޮޅެއްފަހުންނެވެ. ދާނިޔަލްއަކީ އިރާގެ ފިރިމީހާއެވެ.

"ސްޓޮޕް އިޓް ޕްލީޒް...." މިލާންގެ ރީތި ދެލޮލުން ވާހަކަދެއްކިއެވެ.

"އިޓްސް އޯކޭ ބޭބީ......" ދާނިޔަލް މިލާންގެ ކަންފަތް ކާރީގައި މަޑުމަޑުން ބުނެލިއެވެ. އެރީތި ހިނިތުންވުމުން މިލާން މޮޔަކުރުވި ނަމަވެސް އޭނަ އިރުކޮޅެއްފަހުން ހޭވެރިކަންވިއެވެ. މިލާން ދާނިޔަލްގެ މޭގައި އަތްއަޅާފައި ދުރަށް ކޮށްޕާލަން އުޅުނަސް އޭނަ ހުރިތަނުން ގުޑުވައިލުމަކީ މިލާންއަށް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އިރާ ހުއްޓާ ދާނިޔަލް މިފަދަ ކަމެއްކުރުމަކީ މާފުދެވޭވަރުގެ ކުށެއް ނޫނެވެ. އެކުއްޖާގެ ލޮލަށް ނުފެނުނޭ ކިޔާފައި އޭނަގެ ކުރިމަތީގައި މިގޮތަށް އުޅުމަކީ ދެވޭ އަނިޔާއެކެވެ. އިންސާފެއް ނޫނެވެ. ދާނިޔަލް މިލާން އާއި ދުރަށް ޖެހިލުމާއިއެކު މިލާން މަޑުކޮށްނުލާ ޓެރެސްގެ ސިޑިއާއި ދިމާލަށް ދުއްވައިގަތުމުން ދާނިޔަލް ބަލަންހުރީ ހިނިތުންވެލާފައެވެ.

"ޝީޒް ދަ ވަން ފޯރ މީ، އެހެންނޫނަސް ފުރަތަމަ މިލާން އާއި ދިމާވި ދުވަހު އަހަރެން ސޯލްމޭޓްއޭ އެބުނެވުނީ ނޭގިނަމަވެސް ރަނގަޅަށް.. އަހަންނަށް ލޯބިވެވުނީ ކަންނޭގޭ....." ދާނިޔަލް އިރާ އުޅޭގޮތެއް ބަލައިލަން އެނބުރުނު އިރު އިރާ އިނީ ޕޫލްގެ އަރިމަތީގައި އިށީދެލައިގެންނެވެ.

"މިލާން، ކޮންތާކުތަ؟ އެއްޗެކޭ ނުބުނެ ތިހިރީ ކީއްވެތަ؟ ވަރަށް ފިނިވެއްޖެ......." އިރާގެ ދަތްދޮޅިއަށް ދާންދެން ތުރުތުރުއަޅައެވެ. ދާނިޔަލް ހުރީ އެއްޗެކޭ ނުބުނާން ވެގެންނެވެ. އިރާ މިލާންއަށް ގޮވަގޮވާފައި ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އޭރު އިރުއޮއްސި އެހިސާބަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. ދާނިޔަލް ސްވިޗްތައް ޖައްސައިލުމުން ބަގީޗާގެ ބޮއްކެއް ދިއްލި ސިހުރުވެރި އައްޔަކުން އެތަން އުޖާލާކޮށްލިއެވެ. ފަނޑުއަލީގައި އިރާ ފެންނަނީ ކުޑަ ޕަރީއެއްހެންނެވެ. އެހާ ނާޒުކްވެފައި ގޮތްހުސްވެފައިވާފަދަ ގޮތަކަށެވެ. ހިނގައިގަންނަންވީ ދިމާލެއް ނޭގިހުރި އިރު ދާނިޔަލްގެ ހިތަށް ހަމްދަރުދީވަނެވެ. ލޮލަށް އަނދިރިވުމަކީ ބޮޑު އަޒާބެކެވެ. އިމްތިހާނެކެވެ. އިރާ ހާދަ ކެތްގަދައެވެ.

"އިރާ އެކަނިތަ؟ އަހަރެން އިރާ ހޯދަމުން މިއައީ...." ދާނިޔަލް ކުރިއަށް ޖެހިލާފައި އިރާގެ އަތުގެ މުލައްދަނޑީގައި ހިފާލީ ތަންކޮޅެއް ބާރަށެވެ.

"އަހަރެން އެއްވެސް މީހެއްގެ ހެލްޕް ބޭނުމެއް ނޫން.. ލީވް މީ އެލޯން........." އިރާ ހުރީ ދާނިޔަލް ދެކެ ހިތްހަމަނުޖެހިފައި ކަމުން އަތް ފޮޅުވައިލަން އުޅުނެވެ.

"އާން، ބާރަށް ގޮސް އެހެރަ ސިޑިން ފުންމާލާ، އެދުވަހު ކަނޑަށް އެރިފައިވެސް އަމިއްލައަށް މައްޗަށް އެރީނު......" ދާނިޔަލް އިރާގެ ހިތަށް އިތުރު ހަމަލާއެއް ދިނެވެ. އޭރު ވާރޭ ތަންކޮޅެއް ތުނިކޮށްލައިފި އެވެ.

"އަބަދުވެސް އަހަރެން އިންވެލިޑް މީހެއްކަން ރިމެއިންޑް ކޮށްދޭ މީހެއް ތި ނޫނީ ނެތް...." އިރާ ދެއަތް މޭގައި އަޅާ ބާރުކޮށްލައިގެން ހުރިއިރު މޫނު ހީވަނީ ހުދުކަމުން ކަފަކޮޅެއްހެންނެވެ.

"އިރާ ޔޫ އާރ ނޮޓް އިންވެލިޑް. އަނިދިރިވުމަކީ އަނެއްހެން މާ ބޮޑުކަމެއްތަ؟ އެހެންމީހުގެ ލޮލުން ބަލައިގެން އިރާއަށް އުޅެވިދާނެ. އެހެނޭ ކިޔާފައި ހުރިހާ ހިއްސު މަދުވީކަމަށް ހަދައިގެން އިރާ އުޅެން ޖެހިއްޖެވިއްޔަ.... އެނީވޭސް އަހަރެން ފްރޭމްކުރަން ކޮންމެހެން އަމިއްލައަކަށް މަރުވާން އުޅޭނެ ކަމެއްނެތް. އަހަރެން ނެތީސް ކޮންމެ ކަމެއްކުރިޔަސް އައި ޑޯން ގިވް އަ ޑޭމް. ބޭކާރު ވާހަކަ ނުދައްކާ ރޫމަށް ދާން ހިނގާ........." ދާނިޔަލް ކޮންމެ އެއްޗެކޭ ކިޔަސް އަމިއްލަ ނަފުސް ކުށްވެރިވާފަދަ އިހުސާސްތަކެއް ކުރެވުނެވެ. ދާނިޔަލް ތަންކޮޅެއް ބާރަށް އިރާގެ އަތުގައި ހިފައިގެން ކުރިއަށް ފިޔަވަޅެއް އެޅުމުން އޭނައާއި އެކުގައި ނުގޮސް ކުރާނެ އެއްވެސް ކަމެއް ނެތެވެ. ދާނިޔަލްގެ ބާރުގެ ކުރިމަތީގައި އޭނަ ކުޑަކުއްޖެކޭ އެއްވަރުވާނެއެވެ.

"އައި ހޭޓް ޔޫ...." އިރާ ދާނިޔަލްގެ އަތުގައި ވިކައިގަތެވެ.

"ގުޑް....." ދާނިޔަލް އެ މައުޟޫއަށް އިތުރު ވާހަކަ ދައްކާ ހިތެއްނުވިއެވެ. އެހެންނޫނަސް އެދެމީހުންގެ ކައިވެނި ނިމުމަކަށް ގެނައުން ދެން އޮތީ މާ ދުރުގައެއް ނޫނެވެ. އިރާ އާއި ކައިވެނި ކޮށްގެން ހުރެ އެހެން އަންހެންކުއްޖަކާއި ގުޅުމެއް ހިންގާކަށް އޭނަ ބޭނުމެއް ނޫނެވެ. އަނދިރި އަންހެންކުއްޖަކަށް ދެވޭ އަނިޔާއަކަށް ވެދާނެއެވެ. ވިސްނާނުލައި ކޮށްލެވޭ އެންމެ ކަމަކުން ހަޔާތަށް ފަހުން ކޮންމެފަދަ ތޫފާނެއް އަތުވެދާނެއެވެ. އޭނަ އެކުރީ ރަނގަޅުކަމެއް ނޫނެވެ. އިރާގެ ދިރިއުޅުމަށް ނުވަންނަމަ މިއަދު ބޭނުންނުވާ ޒިންމާއެއް ނަގާކަށް ނުޖެހޭނެއެވެ. ނަމަވެސް އެކަމާއި ހިތާމަކުރުމަކުން ނުވާ ކަމަކަށް ނެހެދޭނެއެވެ. އެހެންނޫނަސް އޭނަގެ އުފާތަކަށް އެއްވެސް މީހަކަށް ހުރަހެއް ނޭޅޭނެއެވެ. އޭނަ ބޭނުންވާ ކޮންމެކަމެއް ހާސިލުކުރާނެއެވެ. އެކަން ދުނިޔޭގެ އެއްވެސް ބާރަކަށް ނުހުއްޓުވޭނެއެވެ.

ކޮޓަރިއަށް ގޮސްފައި އިރާ ފާޚާނާއަށް ވަންގޮތަށް އަވަހަށް ތެތް އެއްޗެހި ބަދަލުކޮށްލައިގެން އައިއިރު ކޮޓަރީގައި ދުވަނީ ކޮފީގެ މީރުވަހެވެ. ހޫނު އެއްޗެއް ބޯލާހިތްވި ނަމަވެސް ދާނިޔަލްގެ ކާރީގައި ބުނުމުގެ ބޭނުމެއްނެތެވެ. ޖެއްސުންކުރަން ގެންނާނީ ގަނޑު ހިފާފައިވާ ބުއިމެއްކަން ނޭގެއެވެ. ހިތަށް އަރައިފިއްޔާ މިއޮތް ފިނިއިރު ގަނޑުފެން ބޮލަށް އަޅާލަން އެ ދާނިޔަލް ފަހެއް ނުޖެހޭނެއެވެ. އެއީ ތަންކޮޅެއް ކުރިން ނަހުޔާންއަށް ދާނިޔަލް ކުރި ޖެއްސުމެކެވެ. އިރާ ތުން އޫކޮށްލައިގެން ގޮސް ސޯފާގައި ޖައްސާލިތަނުން ދާނިޔަލް ގާތަށްއައެވެ.

"ހޮޓް ކޮފީ..... އަހަންނަށް އެނގޭ ވަރަށް ފިނިވެފައިކަން ތިހިރީ... ނޫނީ ހިނގާ ބެޑަށް، އޭރުން ހީފިލާނެ..." ދާނިޔަލް އިރާގެ ތެތް އިސްތަށިގަނޑުގައި ހިފާފައި ކުޑަކޮށް ދަމާލިއެވެ.

"ނޯ ތޭންކްސް، ކޮފީއިން ހީފިލާފާނެ..." އިރާ އަތްދިއްކޮށްލިއެވެ.

"މިހާ ފިނި ރެއެއްގައި ކޮފީއިޒް ނޮޓް އިނަފް އޭ ސްވީޓްހާރޓް....." ދާނިޔަލް ސޯފާގައި ދެފައި ދަމާލައިގެން އިށީދެލައިގެން އިންއިރު އޭނަގެ ޚިޔާލުގައި ވަނީ މިލާން އެވެ. އިރާގެ ބަދަލުގައި މިލާން ވާނެނަމަ ހާދަ ރަނގަޅެވެ.

އިރާ އިނީ ބިރުގެންފައެވެ. ގުޑިނުލާ އިންގޮތަކުން ދާނިޔަލްއަށް އިރާގެ ބިރު އިހުސާސް ކުރެވުނެވެ. ދާނިޔަލް އިރާއަށް ގޯނާކޮށްލީ ކުޑަކޮށެވެ. އިތުރު އުދަގުލެއް ކޮށްނުލާ ނުކުމެގެން ދިޔުމުން އިރާގެ ހިތަށް އުފަލާއި އެއްވަރަށް ހިތާމަ ލިބުނީ ކީއްވެކަމެއް ނޭގުނެވެ. އޭނަގެ ހިތް ދާނިޔަލްއަށް ބޭނުންވާއިރު ހަށިގަނޑު އެއްބަސްނުވަނީއެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ އެހާ ބިރުގަންނަން ޖެހުނީ ކީއްވެހެއްޔެވެ؟ ލޯބިވަންޏާ އެގޮތަށް ބިރުގަނެގެން ނުވާނެއެވެ. ލޯބިވެރިޔާއަށް ޓަކައި ކޮންމެފަދަ ކަމެއްވެސް ކުރެވެން ޖެހޭނެއެވެ. ނަމަވެސް މިރޭ އޭނަ ރީތި ގޮތުގައި ނޫނެކޭ ބުނެފިއެވެ. އެހެން އުޅެން ހަދައިގެން އޭނައަށް ދާނިޔަލް ގެއްލިގެން ހިނގައިދާނެކަން ނޭގެއެވެ. އިރާ އިނީ ޚިޔާލު ބޮޑުވެފައެވެ. ލަސްލަހުން ކޮފީ ބޮއި ނިމުމުން އޭނަ މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި ހިނގައިގަތީ އެނދާއި ދިމާލަށެވެ.

ހެނދުނު ދާނިޔަލް ޑިއުޓީއަށް ދިޔަފަހުން ސައި ބޯން ދާންވެގެން އައިޒާ އިރާ ބަލާ އައެވެ. މިފަހަކަށް އައިސް އައިޒާ ކުރިއަށްވުރެ އިރާއާއި އަޅާލާ ގާތްކަން ބާއްވައެވެ. އެކަނިވެރިކަން ފިލުވައިދޭން އާދެއެވެ. އައިޒާގެ ސީރިޔަސްކަން ކެނޑި ގާތްވަމުން ދިޔަވަރަކަށް އެއީ ކިހާ ހިތްހެޔޮ ރަނގަޅު ކުއްޖެއްކަން އިރާއަށް ޔަގީންވިއެވެ.

ނަމަވެސް އައިޒާ އެކޮޓަރިއަށް މާ ގިނައިން އަންނާތީ އިރާ އެކަނިވި ވަގުތެއް ބަލާފައި ޖުވޭދާ އެއްޗެހި ގޮވާލީ އިރާ އަށެވެ. އިރާ ލޮލަށް ނުފެންނަ އިރު އައިޒާ ގާތުގައި އެތަނުގައި ދާނިޔަލް ހުރެ ކޮންމަފަދަ ކަމެއް ހިންގިޔަސް އިރާއަށް ނުފެންނާނެޔޭ ކިޔާފައެވެ. ނަމަވެސް އިރާގެ ހިތް ބިއްލޫރިކޮޅެއްހާ ސާފެވެ. އައިޒާ އާއި ދާނިޔަލް އެކޮޓަރީގައި އެގޮތަށް ތިބުމުގެ މާނައަކީ ކޮބާހެއްޔެވެ؟ އިރާއަށް ނުފެނުނު ކަމުގައި ވިޔަސް އެހެން މީހަކު ވަދެފާނެކަން އެމީހުންނަށް އެނގޭނެތާއެވެ. އެހެންނޫނަސް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބެން އެމީހުން ވަންނަން ވީ ކީއްވެހެއްޔެވެ؟ އެހާވަރުން އުޅޭ ބަޔަކަށް އެހެން ތަނެއްގައި ބައްދަލުނުކުރެވެންވީ ކީއްވެހެއްޔެވެ؟ އެހެންނޫނަސް އިރާއަކީ ގަމާރެއް ނޫނެވެ. އިތުރު މީހަކު އުޅެންޏާ ހިލަމެއްނަމަވެސް ވާނެތާއެވެ.

ދާނިޔަލް އެތައް ފަހަރު ގުޅިއިރު މިލާންގެ ފޯނުއޮތީ ނިވާލާފައިކަމަށް ތަކުރާރުކޮށް ބުނަން ފެށުމުން ދާނިޔަލް ފުރަތަމަ އެކަމާއި އަޅައެއްނުލިއެވެ. އޭނަ ހީކުރީ ފޯނު ޗާޖަށް ޖަހާފައި އޮތީކަމަށެވެ. ނަމަވެސް ހެދުނު އޭނަ ގުޅިއިރު ފޯނު ޖައްސައިނުލުމުން ޝައްކުތަކެއް ކުރެވުނެވެ. ދާނިޔަލް ޑިއުޓީއަށް ދާން ތައްޔާރުވާން ހުރިއިރު އެތައްފަހަރު ގޮތަކުން މިލާން އާއިމެދު ވިސްނައިލިއެވެ. މިލާން ފޯނު ނުނަގައިގެން އުޅެނީ ކީއްވެހެއްޔެވެ؟ ޑިއުޓީއިން ދިމާވީމަ ސުވާލުކޮށްލާނީއެވެ.

ދާނިޔަލް ބޭރަށް ނިކުތްއިރު މޫސުމް ހައްތަހާ ގޯސްވެފައިވެއެވެ. ބާރަށް ވައިޖެހެމުންދާއިރު ގަސްތަކުގެ ގޮފިތައް ވައިގެ ތެރޭގައި ވިހުރެމުންދާތަން ފެނެއެވެ. ދޭތެރެއަކުން އަޅިކުލައިގައިވާ ވިލާތަކުގެ ތެރެއިން ވިދުވަރުގެ އަލި ފާޅުވެގެން ދެއެވެ. ދާނިޔަލް ކާރަށް އަރައިގެން ދުއްވާލީ ލަވައެއް ޖަހާލައިގެން އިނދެއެވެ. ހޮސްޕިޓަލުގެ ކައްސާލެވޭ ދޮރުން ވަދެގެން ދިޔައިރު އާދައިގެ މަތިން އޭނަ ދިޔައީ އިސްއުފުލާލައިގެން ހުރެ ސްމާޓް ހިނގުމެއްގައެވެ. އަތްދިގު ގަމީހަކާއި ފަޓްލޫނު އޭނަގެ ފިރިހެންވަންތަކަން އިތުރުކުރުވައެވެ. ދާނިޔަލް ރިސެޕްޝަނާއި ދިމާލަށް ބަލައިލީ ހިތް ބޭގަރާރުވީވަރުން ކެތްނުކުރެވިގެންނެވެ. މިލާންގެ ރީތި ސޫރަ ދެކެލާހިތުން ކެތްކުރެވުނީއެއް ނޫނެވެ. އެހެން ދުވަހު ދާނިޔަލް ދެކެލާހިތުން ދޮރާއި ދިމާލުން ދެލޯ ދުރުކޮށްނުލެވޭއިރު މިލާން މިއަދު އިސްއޮބާލައިގެން އަމިއްލަ މަސައްކަތެއްގައި އިންއިރު މިއަދު އޭގެ ބަދަލުގައި އެދިމާލަށް އަންނަން މަޖުބޫރުވީ ދާނިޔަލްއަށެވެ.

"މޯނިން މިލާން...." ދާނިޔަލް ރިސެޕްޝަނުގައި އަތް އަޅުވައިލުމުން އެހެން ކުދިން ހައިރާންކަމާއިއެކު ބަލައިލީ މިލާންގެ މޫނަށެވެ. އެމީހުން ބަލަބަލާ ތިއްބާ މިލާން އެހެން މަޚުލޫގަކަށް ބަދަލުވިނަމަވެސް އެހާ ހައިރާން ވާނެކަމެއް ނޭގެއެވެ. އޭރު މިލާންގެ ދޮން މޫނަށް ރަތްކުލައެއް ވެރިވެއްޖެއެވެ. އޭނަ ދާނިޔަލްއާއި ހަތަރުކަޅި ހަމަކޮށް ނުލާން ހުވާކޮށްގެން އިންފަދައެވެ.

"ވަޓް ކެން އައި ޑޫ ފޯރ ޔޫ. ޑޮކްޓަރ ޑެނިއަލް....." މިލާން ތަންކޮޅެއް ރަސްމީވެލިއެވެ.

"ވެރީ ފަނީ، މިލާން ފޯނު ހަލާކުވީތަ؟ ރޭއްސުރެން އަހަރެން ޓްރައި ކުރިން އެކަމަކު ނުގުޅޭ، ވެލް.... ޑިއުޓީ ނިންމާލާފައި ފޯނެއް ގަންނަން ދާނީދޯ........" ދާނިޔަލް ބުމަ އަރުވާލިއެވެ. އޭނަ އައުމުން އެ ހިސާބުގައި ހިފާފައިވާ އަގުބޮޑު ސެންޓުގެ ވަހުން ހުރިހާ އަންހެންކުދިން ތިބީ ސިހުރުގައި ޖެހިފައިހެން ހީވިއެވެ. އެ މީރުވަހާއި ލާމެހިލަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ ފުން ނޭވަޔެއްލުން ފިޔަވާ އެކުދިން ކުރާނެ ކަމެއްނެތެވެ. 

"ފޯނު ސައިލެންޓަށް ލެވިފައި އޮތީމަ ނޭގުނީ......" މިލާން އެވަރުންވެސް އިސްއުފުލާ ބަލާލާކަށް ނޫޅުނެވެ. އެވަގުތު ދާނިޔަލްގެ އެކުވެރިއަކު އެހިސާބާއި އަރާހަމަވެފައި ގޮވާލިއެވެ. ދާނިޔަލް ގުޅާލާނަމޭ ބުނެފައި ދާން ހިނގައިގަތުމުން މިލާންއަށް ރިސެޕްޝަނުގެ ކުދިންގެ ފަރާތުން މިއިން ދުވަހަކު ނުލިބޭ ވަރަށް ސަމާލުކަން ލިބުނެވެ. އެތައް ސުވާލުތަކެއް އަމާޒުވިއެވެ. ކުއްލިއަކަށް އޭނަވަރުގެ ނަސީބުގަދަ މަޝްހޫރު ކުއްޖަކު މި އުޑުގެ ހިޔާދަށުގައި ނުވާހެން ހީވިއެވެ. މިލާންގެ ހިތަކަށް މިއަދު އުފަލެއް ނުލިބުނެވެ. ރޭ އޭނަ ހާދަވަރަކަށް ރުޔެވެ. ކަރުނަތަކުން ބާލީސްފޯވިއެވެ. އެކަން ދެކޭނީ ކާކުހެއްޔެވެ؟ އެ ކަރުނަތަކަކީ އޭނަގެ ހަޔާތުގެ ބާކީ އޮތްބައިގައި އޭނަގެ އެކުވެރިޔާއެވެ. ދާނިޔަލްގެ ލޯބި އޭނައަށް ލިބެން ނެތްކަމީ އޭނަގެ ބަދުނަސީބެވެ. ރޭގައި މިލާން ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. އެހެން މީހުންނަށް އެ ކަރުނަތައް ސިއްރުކުރަން ނިންމިއެވެ. ހީކުރިވަރަށްވުރެ އޭނަ ހިތްވަރުގަދައެވެ. އެހެން ކުދިން ކާރީގައި އޭނަ އިނީ ހިނިތުންވެލައިގެންނެވެ. އޭނަގެ ހިތާމަތައް ހިތުގެ ފުން މިނުގައި ރައްކާކޮށްގެން ހުރެ މިލާން ދުނިޔެއަށް ދެއްކީ އެހެން ދަޅައެކެވެ.

ދާނިޔަލް ގުޅުމުން މިލާން މާފަށް އެދިފައި އެހެން ލޯބިވެރިޔަކު ހުރިކަމަށް ބުނާނީއެވެ. ދާނިޔަލް ގަބޫލު ކުރާނެ ހެއްޔެވެ؟ އެ ގޮތްދޫނުކުރާ ފިރިހެނާ ލޯބިވެރިޔާ ކުރިމައްޗަށް ގެނެސްދޭންވެސް ބުނެފާނެއެވެ. އެފަދަ ވަގުތެއްގައި ކޮންމެ ކޮންމެ މީހެއް ގެނެސް ދައްކައިގެން ދާނިޔަލް ގަބޫލެއް ނުކުރާނެއެވެ. މިލާން ގެ ބައިވެރިޔާއަކީ ދާނިޔަލްއަށް ގަބޫލުކުރެވޭފަދަ މީހަކަށް ވާންޖެހޭނެއެވެ. އެފަދަ މީހެއް މިލާން ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ދާނިޔަލްއާއި ވާދަކުރެވޭފަދަ މީހަކު އޭނައަށްޓަކައި "ފޭކް" ލޯބިވެރިޔަކަށް ވެގެން އައިސްދާނެ ހެއްޔެވެ؟ ދާނިޔަލްގެ ރީތިކަމާއި އެއްވަރަށް ގޮތްދޫނުކުރާ ބަޔެއް ހުންނަކަން މިލާންއަށް އެނގެއެވެ. އޭނަގެ ހިތުގައިވާ ފުން ލޯބި އޭނައަށް ދާނިޔަލް ގެ ހުރިހާ ކަމެއް ދަސްކޮށްދެނީކަން ނޭގެއެވެ. ހިތް ބުނާހާ ގޮތަކަށް ކަންތައް ވެދާނެބާވައެވެ.

މިލާން ދޭނެ ޖަވާބެއްނޭގިގެން އެދުވަހު ދާނިޔަލް ގުޅީމަ ފޯނު ނަގާކަށް ނޫޅުނެވެ. އެތައް ފަހަރު މެދުކެނޑުމެއްނެތި ދާނިޔަލް ގުޅާތަން ފެނުމުން މިލާން ފެންކަޅިވިއެވެ. އޭނަ ބޮލުގައި ރިއްސުމުގެ ބަހަނާ ދައްކާފައި ބްރޭކް ގަޑި ޖެހެން ވާއިރަށް ގެއަށް ދިޔައީ ހިތަށް ކެތްނުކުރެވިގެންނެވެ. ކޮޓަރިއަށް ވަންގޮތަށް އެ ރީތި މުށިކުލައިގެ ދެލޯ ސީލިންއަށް އަމާޒުކޮށްލިގޮތަށް އެސްފިޔަޖަހައިނުލާ ބަލަހައްޓައިގެން އޮތްއިރު ފިލްމެއްގެ މަންޒަރުފަދައިން ސިފަވަމުން ދިޔައީ ވާރޭގެ އެ ހާދިސާއެވެ. ސްލޯ މޯޝަނުގައި އެ މަންޒަރު ބަލައިލެވުނު އަދަދެއްވެސް ނޭގެއެވެ. އެ ހަނދާންއާވެލާ ކޮންމެ ފަހަރަކު ގައިން ހީބިހި ހަލުވައިލައެވެ. އެއީ އުމުރަށް ރައްކާކުރެވޭނެފަދަ ހަނދާނެކެވެ.

މިލާން ހަވީރު އާޓިފިޝަލް ބީޗަށް އެކަނިމާއެކަނި ދިޔައީ ހިތް ހަމަޖައްސައިލުމަށެވެ. އެއީ ދާނިޔަލް ފެންނާނެ އެންމެ ފަހުގެ ތަންކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް ލޯބީގެ އިއްތިފާގުން މީހަކު ހައިރާންވާނެއެވެ. މިލާން ހަމަޖެހިލައިގެން ހިލަގޮނޑިއެއްގައި ޕޮޕްކޯން ޖައްސައިލި އިރަށް އެހިސާބުގައި އުޅުނު އެތައް ބަންގާޅީންނަށް ދާންދެން އޭނަގެ ރީތިކަމަށް ކަޅި ޖަހާނުލައި ބަލަން ތިއްބެވެ. މިލާންގެ ނަޒަރު ހުއްޓުނީ މޫދުގައި ތިބި ޒުވާނުންގެ ތެރެއިން އެންމެ މީހަކަށެވެ. އިޓަލީގެ ފްލޮރެންސްގައި ބަހައްޓާފައިވާ މައިކަލްއެންޖެލޯގެ ބުދުތަކަށްވުރެ ދާނިޔަލްގެ ހަށިގަނޑު މާ ފުރިހަމައެވެ. އެ މޫނާއި ހަށިގަނޑަކީ ފުރިހަމަކަމުގެ މިސާލެކެވެ. އޭނަގެ ކޮންމެ ހަރަކާތެއް މިލާންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. މިލާން އިނީ އެސްފިޔަޖަހާލިޔަސް ދާނިޔަލް ގެއްލިދާނެތީ ބިރުންނެވެ. ނަމަވެސް އިރުކޮޅެއްފަހުން ދާނިޔަލް އެނބުރިފައި ބަލާލުމާއިއެކު މިލާން އަވަހަށް ދުރު ބަލާލައިފާ ޕޮޕްކޯން ކޮތަޅަށް އަތްބޭނިއެވެ. ކާން ފެށުމުން ކޮށިނޭރީ ކިރިޔާއެވެ. އެހެރަ ތޫނު ބެލުމެކެވެ. 

ދާނިޔަލް މޫދުން އަރައިގެން އަންނަމުން މިލާންއަށް ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ. އެއީ އޭނައާއި އެކު އެކުވެރިން ތިބުމުން ދާނިޔަލް ހެދިގޮތެއްކަމަށް މިލާންގެ ހިތަށް ވިސްނައިދިނަސް ހަމަޖެހުމެއް ނުލިބުނެވެ. ހީވީ ހިތް ކުނޑިކުނޑިވެ ފައިބައިގަތްހެންނެވެ. ހިތަށް ބުނަން ނޭގޭފަދަ އަސަރެއް ކުރުވައިފިއެވެ. 

އެވަގުތު ހުޅުލޭ އެއަރޕޯޓަށް ޖައްސަން އައި ފްލައިޓަކަށް ނަޒަރު ހުއްޓައިލަމުން މިލާން ދާނިޔަލް މަތިން ހަނދާން ނައްތާލަން މަސައްކަތްކުރިއެވެ. މިއަދު ނޫހުގައި ގަތަރުއެއަރލައިނުން ކެބިންކްރޫއިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ އޮތުމުން ބައެއްކުދިން އެކަމަށް ޝައުގުވެރިވެގެން އެ ވާހަކަ ދެއްކިއެވެ. އޭރު މިލާން އެވާހަކައަށް ފޯރިއެއް ނެތެވެ. ކެބިންކްރޫއެއްގެ މުސާރަ ބޮޑުވެފައި ގަތަރަށް ދިރިއުޅުން ބަދަލުކުރަން ޖެހުމުން މިލާންފަދަ ކުއްޖަކަށް މާ ރަނގަޅު ވާނެތާއެވެ. އޭނަގެ އެއްވެސް މީހަކު މި ދުނިޔޭގައި ނެތްއިރު އެހެން ކަމަކާއި އުޅުން މާރަނގަޅު ވާނެކަން ނޭގެއެވެ. ކެބިންކްރޫއަކަށް ވެގެން ރާއްޖެ ދޫކޮށްލާފައި ދާންވީއެވެ. ޕެރިސް، ނިއުޔޯކް އަދި ލަންޑަން ފަދަ ހުރިހާ ތަނެއް ދެކެލަން ރަނުގެ ފުރުސަތެކެވެ. ނަމަވެސް ދާނިޔަލްގެ ހަނދާންތަކާއި ދުރަށް ދެވިދާނެހެއްޔެވެ؟ މިލާން ފުން ނޭވަޔެއްލާފައި ތެދުވެއްޖެއެވެ.

ދާނިޔަލް އެނދުގައި ބަންޑުން ކަހަލަގޮތަކަށް އޮށޯވެލައިގެން އޮތްވާ މީހަކު އެނދުގެ މަގަތުގައި އިށީދެލިއެވެ. ދާނިޔަލް އިނގިލިތަކުން ބިންމަތީގައި ތަޅާލަން އޮތްއިރު އޭނަ އޮތީ ފުންވިސްނުމެއްގައިކަން ބަލައިލިކޮންމެ މީހަކަށް އެނގޭނެއެވެ. ދީނާ ދާނިޔަލްގެ އިސްތަށިގަނޑު ހާވާލިއިރު ދަރިފުޅާއި މެދު ހަމްދަރުދީވިއެވެ. އިރާ މި ކޮޓަރިއަށް ނުގެންނާނީ ކޮންމެވެސް ސަބަބެއް އޮތީމަކަން ދީނާ ދަނެއެވެ. އެ ގުޅުން ރަނގަޅު ވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ދީނާ އަކަށް ނުފެނެއެވެ. ދީނާ އެކި ސުވާލުތައް ކުރަމުން ދިޔަވަރަކަށް ދާނިޔަލް އޮތީ ރުންކުރުވާގޮތްވެފައެވެ. ނަމަވެސް މިފަހަކަށް އައިސް އޭނަ ކިތަންމެ ވަރަކަށް މަންމަދެކެ ނަފްރަތުކުރިޔަސް އެކަމެއް ނުދައްކައެވެ. އިންތިހާއަށް ކެތްކުރެއެވެ. ސުވާލަށް ޖަވާބު ނުދީ ނުހުރެއެވެ.

"ސްވީޓްހާޓް، މަންމަ މިހުރިހާ ދުވަހު ހުރީ މި ވާހަކަ ނުބުނަންކަމަށް، ޔޫ އެންޑް ނަހުޔާން ހެޑް އެ ބްރަދަރ. ހީ ވޯޒް އޯޓިސްޓިކް..... މަންމަ އާއި ބައްޕަ އަސްލު ބްރޭކް އަޕްވީ ލިއޯން........." ދީނާގެ އަޑު ކުރެހުނެވެ. އެތައް ޒަމާނެއްކޮށްފައި އެ ހަނދާންތައް އޭނަގެ ދެލޯ ފެންކަޅި ކޮށްލައިފި އެވެ. ހަގީގަތް ދާނިޔަލްއަށް ކިޔާދޭންވީބާވައެވެ. އޭރުން ދާނިޔަލް އޭނަ ދެކެ ހައްތަހާ ބޮޑަށް ނަފްރަތު ކުރާނީކަން ނޭގެއެވެ. ދާނިޔަލް ބުމަ ކާރިކޮށްލިގޮތުން އޭނަ އޮތީ ހައިރާންވެ އަންތަރީސްވެފައިކަން ދީނާއަށް އެނގުނެވެ.

އެމީހުންނަށް މިހާ ދުވަސްވީއިރު އެކަން ފޮރުވައިގެން ބައްޕަ ހުންނެވުމުގެ ސަބަބެއް އެއްގޮތަކަށްވެސް ދާނިޔަލްއަކަށް ނުވިސްނުނެވެ. އޯޓިސްޓިކް ކުއްޖެއް ވީމަ މައިންބަފައިން ވަކިވެދާން ޖެހިދާނެ ހެއްޔެވެ؟ ބަލި ކުއްޖަކު ހުރީމަ ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވާންވީ ނޫންހެއްޔެވެ؟

އެވަގުތު މަލީކް ގުޅުއްވާފައި އަންނަން އެދުމުން ދީނާ ފަހުން ހަމަޖެހިލައިގެން އެ ވާހަކަ ދައްކާނީކަމަށް ބުނެފައި ދިޔުމުން ދާނިޔަލްގެ ޚިޔާލު ހައްތަހާ ބޮޑުވިއެވެ.

ނަހުޔާން ފްރިޖް ހުޅުވާލިއިރު އޭނަގެ މަންމަ ދީނާ ކޮޓަރިއަށް ވަންނަނީއެވެ.

"މަމް، ނެތްތަ ޕިއްޒާ...." ނަހުޔާން ހިނިތުންވެލާފައި ހިންދެމިލިއެވެ. އޭރު ދާނިޔަލް ބަދިގެއާއި ދިމާލުން ނިކުތީ ޕިއްޒާފޮއްޗެއް އަނގައިގާ ޖަހައިގެންނެވެ. އެކަނި ޖިންސްލައިގެން ހުރިއިރު ހީވަނީ ޖިންސް އިޝްތިހާރެއް ކުޅެލަން ތައްޔާރުވެލައިގެން ހުރި މޮޑެލްއެއްހެންނެވެ. ހީވާގޮތުން ޕޫލުން ފެންވަރާލައިގެން އައިގޮތަށް ތުވާލި ކޮނޑުގައި އަޅުވާލިގޮތަށް ޕިއްޒާކާހިތުން ދާނިޔަލް ކާކޮޓަރިއަށް ވަދެލީއެވެ.

"ދަރިފުޅު ބަނޑުހައިވީތަ؟ މާބުރަކޮށް އުޅޭތީ އެހެންވަނީ......" ދީނާ ހޯދަހޯދާ ނުފެނިގެން ނަހުޔާންއަށް ޓަކައި ބާބެކިއު ޗިކެން ޕިއްޒާއެއް ހަދާނީކަމަށް ބުނެފައި ކޮފީހަދައިދޭން އުޅެގަތެވެ. 

"އެންމެ ފަހުގެ ސްލައިސް މި ކާލަނީ، ކިހިނެއް އެނގޭނީ ދޮންބެ ނުކައި ހުންނާނެކަމެއް، އެނީވޭސް ޝެއަރ ކޮށްލަފާނަން......" ދާނިޔަލް ޕިއްޒާފޮތިން ބާކީއޮތްބައި ނަހުޔާންއަށް ދިއްކޮށްލައިފިއެވެ. އޭރު ދީނާ ނަހުޔާންއަށް ކާން ހަދާފައި ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ މާ ވަރަކަށް ހެވިލާފައި ހުރެ އެއްފަރާތަކަށް ޖެހިލައިފިއެވެ. ދާނިޔަލް ހުރީ އޭނަގެ ގާތުގައި މަންމަ ދެއްކި ވާހަކައަށްފަހު ބާކީ އޮތް ބައި އޮޅުން ފިލުވާހިތުން ޝައުގުވެރިވެފައެވެ. ނަހުޔާންއަށް ހަގީގަތް އެނގޭބާވައެވެ. 

"ދީފާ އަނބުރާ އަތުލަން ބޭނުންވެދާނެއްނު....." ނަހުޔާން އެ ޖުމްލަ ބުނެލިގޮތުން ދާނިޔަލް ސިހިފައި ނަހުޔާން އާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ. އެދޭތެރެއަށް ވެރިވި ނުތަނަވަސްކަން ވަޅިއަކުން ކަނޑާލެވޭހާ ފުންވިއެވެ. ނަހުޔާންގެ ރީތި ދެލޮލުން ފެންނަނީ ސީރިޔަސްކަމެވެ. ނަހުޔާން އެބުނި އެއްޗެއްގެ މާނަ ރަނގަޅަށް އެނގި ދާނިޔަލް ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. 

ކޮމެންޓް 0