ރިވާން ގެ ހިތަށް އުދަގޫވި ނަމަވެސް އޭނަ އިތުރު އެއްޗެކޭ ނުބުނެ ހިމޭންވިއެވެ. ބައެއްފަހަރު ހިތަކީ ވެސް އަމިއްލަ ބާރެއްނެތް އެއްޗަކަށް ވާ ވަގުތު އާދެއެވެ. ރިވާންއަށް މިލާން ފެނުމާއި އެކު ހިތް އަތުން ވީއްލި މިލާންގެ ހައްގަކަށްވިއެވެ. މިލާންގެ މައުސޫމް ރީތި ދެލޮލުން ރިވާންއަށް ފެނުނީ ދުވަހަކު ނުދެކޭފަދަ ތަފާތު ރީތިކަމެވެ. އަދި އެހާ މާތް ގޮތެއް ހުރި ކުއްޖެކެވެ. މަޑުމައިތިރި ކަމާއި އެ ލަދުވެތި ހިނިތުންވުންތަކުން ހިއްސުތަކާއި ކުޅެލާނެކަން ޔަގީނެވެ. އެދުވަހުން ފެށިގެން ރިވާންގެ ހިތް އިންތިޒާރު ކުރީ މިލާން އަށެވެ. 

"ރިވާން އާއި ދާނިޔަލް އާއި ދެމީހުން ކުރެ މިލާންގެ ހިތް ކާމިޔާބު ކުރެވެނީ ކާކަށް ތޯ މަވެސް ބަލާހިތްވޭ، ޕައިލެޓަކާއި ޑޮކްޓަރެއްގެ ތެރެއިން ވިން ވާ މީހަކު އެނގިދާނެތާ، އެކަމަކު ވާހަކައެއް ބުނަންތަ؟ އަހަރެން ގެ ކޮއްކޮ އާއި އެކު މިލާން ކިޔެވީ، ކޮއްކޮ ބުނާގޮތުން މިލާންއަކީ ފޮނިކަމުގެ އެއްވަނަ، ފިރިހެންކުދިންގެ ހިތްތައް ހަލާކުކުރުމުގައި ކުރީގައި އުޅޭކަމަށްވަނީ، ކޮންމެވެސް ކުއްޖަކު އަމިއްލައަށް މަރުވީ އާދޭސްކޮށްކޮށް މިލާން އާއެކޭ ނުބުނެގެން ކަމަށްވަނީ......" އައިކަންގެ ވާހަކައިން ދާނިޔަލްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. އޭނައަށް މިލާންގެ ހިތް އެނގެއެވެ. މިލާންގެ ހިތުގައިވަނީ އޭނަގެ ލޯތްބެވެ. އޭނަ އަތްލުމުން މިލާންއަށް ވާގޮތްތައް އޭނައަށް އިހުސާސް ކުރެވިފައިވެއެވެ. މިލާން ކާމިޔާބު ކުރުމަކީ އޭނަގެ ގާތުގައި ދާދި ލުއި ފަސޭހަކަމެކެވެ. މާބުރަކަށް މަލަކުން ފޮނި ބޯލުމުގައި ކުރިމަތިވާނީ ކޮން ހުރަހެއް ހެއްޔެވެ؟ ދާނިޔަލްއަށް އައި ޚިޔާލަކުން އޭނަ ހޭންފެށިއެވެ.

"އަހަރެން ނޫޅެން މޮޔަވެގެނެއް، ކުށެއްނެތް އަންހެން ކުއްޖެއްގެ ދިރިއުޅުމާއި ކުޅެލުމުގެ ބޭނުމަކީ ކޮބާތަ؟ އެއީ އަހަރެމެން ކުޅެން ތިބި ބުދުތަކެއް ނޫނޭ....." ރިވާން ވަގުތުން ދެކޮޅުހެދިއެވެ.

"ރިވާއަށް ނުކުރެވޭނެތީ ބިރުން ތިހުރިހާ އެއްޗެއް ކިޔަނީ، ބަލާތި އަހަރެން ހުއްޓާލާނީ މިލާން އާއި އެކު ސްލީޕްކޮށްފައި... ރިވާ ބޭނުމިއްޔާ ނުލިބޭނެއެކޭ ނޫން، އެކަމަކު ކިޔޫގައި ހުންނަން ޖެހޭނީ............" ދާނިޔަލްގެ ޖުމްލައިން އެންމެންނަށް މަޖާވެ ހެވުނަސް ރިވާން ހުރީ އެތެރެ އެތެރެއިން އަނދަ އަނދައެވެ. 

ރިވާން އެއްގޮތަކަށްވެސް ދާނިޔަލްގެ ކުޅޭ އެއްޗަކަށް މިލާން ހެދިޔަކަ ނުދޭނެއެވެ. ނިކަމެތި ކުއްޖެއްގެވެސް ގަދަރެއް އޮންނާން ވާނެއެވެ. މިލާން ގާތުގައި އެމީހުންގެ ގޭމްގެ ވާހަކަ ރީއްޗަށް ބުނެލާނީއެވެ. ނޫނީ އޭނަވެސް މި ކުޅިވަރުގައި ބައިވެރިވާންވީ ހެއްޔެވެ؟ ރިވާންއަށް މިލާންގެ ހިތް ކާމިޔާބު ކުރެވިއްޖެއްޔާ ފަހަރެއްގައި ދާނިޔަލްއަށް ހިތަށް އައިހާ ގޮތަކަށް ކަންތައް ކުރާކަށް ނުކެރޭނެއެވެ. ނޫނީ އޭނަ މިލާން އާއި ކައިވެނި ކުރަން އަހަންވީއެވެ. ރައްޓެހިވެގެން އުޅުމަށްވުރެ ދީނުގައި އޮންނަ ގޮތަށް ކައިވެނިކުރީމަ ދާނިޔަލްއަށް ދެން ހެދޭނެ ގޮތެއް ނޯންނާނެއެވެ. އިރާ ފަދަ ކުއްޖަކާއި މެދު ދާނިޔަލް ކަންތައްކުރިގޮތް އޭނައަށް ވަނީ އެނގިފައެވެ. އިތުރު ކުއްޖެއްގެ ހަޔާތް ބަރުބާދުކުރާތަން ބަލަން އޭނަ ހިމޭނަކުން ނުހުންނާނެއެވެ. ކޮއްކޮ އަދި އެކުވެރިއެއްގެ ހައިސިއްޔަތުން ވެސް ދާނިޔަލް ހަމަ މަގަށް އަޅުވަން އޭނަ ބޭނުންވިއެވެ.

ރިވާންއަކީ ސާރާގެ ދޮށީ ފިރިހެން ދަރިފުޅެވެ. ރިވާންއަށް އައިރިޝް މާމަގެ ފަރާތުން ފެހިކުލައިގެ ޖާދުވީ ލޮލެއް ލިބިފައިވެއެވެ. އޭނަ ގެ އެންމެ އަޅައިގަންނަ ސިފައަކަށް ވެފައިވަނީ އެ ރީތި ދެލޮލެވެ. ކަޅުކުލަގަދަ ބުމަ އާއި އިސްތަށިގަނޑާއިއެކު އެފަދަ ލޮލެއް ލިބިފައިވުމުން ރިވާންއަކީ އެންމެންވެސް ލޮލުގައި އަޅައިގަންނަފަދަ ޒުވާނަކަށްވެފައިވެއެވެ. އެހެންނޫނަސް ރިވާންގެ މަންމަގެ މަތިވެރި އަޚުލާގާއި މަޑުމައިތިރި ކަމަކީ އޭނަގެ ރީތިކަން އެތައް ގުނަ އިތުރުވާކަމެކެވެ. ދާނިޔަލްމެން ފަދަ ޒުވާނުންނާއި އެކީގައި އުޅުނަސް ރިވާން ގަވާއިދުން ނަމާދު ކުރަން ސަމާލުކަން ދެއެވެ. ހުކުރުދުވަހު އެމީހުން ދަތުރުދިޔަސް ހުކުރު ނުކުރެވޭނެތީ ހުކުރުގެ ކުރިން އެފަދަ ކަމެއްގައި ބައިވެރިވާން ދެކޮޅުހަދައެވެ. ރިވާން އެހާ ރަނގަޅު ކުއްޖަކަށް ވުމުގައި އޭނަގެ މަންމަގެ ހިއްސާ ވަރަށް ބޮޑެވެ. ރިވާން ތަންކޮޅެއް ޅައިރު ލޭގެ ކެންސަރު ޖެހިފައި ބަލިވިއެވެ. އަދި ފަނަރަ އަހަރުގައި އުސްތަނަކުން ވެއްޓިފައި ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުން އޭނަގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. ސާރާ އެހެން ކުދިންނަށްވުރެ ބޮޑަށް ރިވާންއަށް ޚާއްސަގޮތެއް ބަހައްޓަނީ އޭނައަކީ ތަންކޮޅެއް ބަލިކުއްޖަކަށްވީމައެވެ. މަރަކީ ކިހާ ކާރީގައިވާ އެއްޗެއްކަން ސާރާ ދަނެއެވެ. ރިވާންއަށް އެކަން ވިސްނައިދީ ދީނަށް އުޅެން ސާރާ ބާރުއެޅުމުގެ ސަބަބުން މިއަދު ރިވާން ވެފައިވަނީ ސާރާ ބޭނުންވިފަދަ ޒުވާނަކަށެވެ. 

މިލާންއަށް ލިބުނީ ނުދަންނަ ނަމްބަރަކުން މެސެޖެކެވެ. އެއީ ހެޔޮއެދޭ ފަރާތެއް ކަމަށާއި މި ދުވަސްކޮޅު އެއްވެސް މީހަކު ރައްޓެހިވާން އެހިނަމަވެސް ސީރިޔަސްކޮށް ނުނެގުމަށާއި "ޓްރުތް އޯ ޑެއަރ" ކިޔާ ގޭމެއްގައި މިލާން ހިމަނާފައިވާތީ ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން މިލާންއަށް އެކަން އެންގީ ކަމަށާއި ވިސްނައިގެން އުޅުމަށް މެސެޖްގައި އޮތެވެ. މިލާންގެ ހިތަށް އަނިޔާއެއް ލިބިދާނެތީ އޭނަ ކަންބޮޑުވާފަރާތަކީ ކޮބާ ހެއްޔެވެ؟ މިލާން އެތައް ފަހަރު އެ މެސެޖްކިޔެވެ. ހާދަ މޮޅަށް އިނގިރޭސި ބަހުން ލިޔެފައިވާ އިބާރާތްކޮޅެކެވެ. އެހާ ހެޔޮއެދޭ މީހަކު މިހާ ސިއްރުން އަންގަނީ ކީއްވެ ހެއްޔެވެ؟ އެއީ ދާނިޔަލްއަށް ވެދާނެބާވައެވެ. ދާނިޔަލްއަށް ބަޔަކު އޭނައަށް ކެއްސެއްދޭން އުޅެނީކަން އެނގުނީ ކަންނޭގެ އެވެ. މިލާން އެ ނަމްބަރުގެ ވެރިފަރާތް ހޯދަން އުޅުމުން ކާމިޔާބެއް ނުވިއެވެ. އެއީ ޕްރައިވެޓް ނަމްބަރެކެވެ.

އިރާ ސޯފާގައި ދެފައި ގެނެސް މޭގައި ޖައްސާލައިގެން އިންއިރު މިލާން ކާރީގައި އިނީ ވާހަކަފޮތް ހުޅުވާލައިގެންނެވެ. މިލާން ވާހަކަ ކިޔައިދެމުން ދިޔައިރު އިރާ ދޭތެރެ އަކުން ސުވާލެއް ކޮށްލައެވެ. ބައެއްފަހަރު ލޯބީގެ ވާހަކަތައް އަޑުއަހަންވީމަ އިރާއަށް އުދަގޫވާ ދުވަސްކޮޅެކެވެ. އެހެންނޫނަސް ދާނިޔަލްގެ އަނިޔާތައް ހަނދާންވާވަރުން ރުޅިގަދަވެ ރޮވޭގޮތްވާ ފަހަރުވެސް އާދެއެވެ. ދާނިޔަލްގެ ސަބަބުން ނޫންނަމަ އޭނަ އުޅޭނީ ހާދަ އުފަލުގައެވެ.

"ހެލޯ ގާރލްސް...." ދާނިޔަލްގެ އަޑުއިވުމުން އިރާ ގެ މޫނު ބަނަވިއެވެ. ދާނިޔަލް ކޮޓަރިއަށް ވަނުމުން ތަނުގައި ހިފާލި ސެންޓުވަހުން މިލާންގެ ހިއްސުތަކާއި ކުޅެލިއެވެ. އިރާ ކިބިއްސެއް އެޅިއެވެ. ހަގީގަތުގައިވެސް ބައެއް ސެންޓުތަކުގެ ވަސްޖެހުމުން އޭނަ އެލާޖިކްވާތީ ދެރަވެސްވެއެވެ. މީރުވަސްދުވާ އެއްޗެހި ދެކެ ލޯބިވާކުއްޖަކަށް އެއީ އުދަގޫކަމެކެވެ. ކުރިއްސުރެ ދާނިޔަލްގެ ސެންޓާއި އެ މީރުވަސްދެކެ މޮޔަވެގެން އުޅުނުކުއްޖާއަށް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އޭރު އޭނައަށް ދާނިޔަލްގެ ރީތިއަތާއި ދިމާލަށް ހައިރާންކަމާއިއެކު ބަލަން އިނދެވިދާނެއެވެ.

"ކީއްކުރަން މިތަނަށް އައީ..... އަހަރެން ބޭނުމެއްނުވޭ ދާނިޔަލް މި ރޫމަށް ވަންނަން...." އިރާ ރުޅިގަދަވެގެން އުނގުގައި އޮތް ކުޝަން އަތުތެރޭގައި ބޮނޑިކޮށްލި ގޮތުން ދިރުން ހުރި އެއްޗެއްނަމަ ފުރާނަހުސްވީހެވެ.

"އައުޗް ހާދަ ހާޓްވެއްޖެ، ތިގޮތަށް ހަޒްބެންޑާއި ވާހަކަދައްކަން ހުއްދަވާނެތަ؟ " ދާނިޔަލްގެ ވާހަކަ ހުރިގޮތުން މިލާންއަށް އޮޅޭ ގޮތްވިއެވެ. ދާނިޔަލް ދެކެ އިރާ ރުޅިއަންނަނީ ނުހައްގުންކަމަށް ވެދާނެއެވެ. ފޫހިވެފައި ހުރެ އިރާ ވާހަކަ ދެއްކުމުންވެސް ދާނިޔަލް ކުރީ ސަމާސާއެވެ.

ދާނިޔަލް އަމިއްލަ ކޮޓަރިފަދައިން ހުއްދަނެތި ވަދެފައި އުޅުނުގޮތުން ހީވީ އަމިއްލަ ތަނެއްހެންނެވެ. މިލާން ނުބަލަން ހުއްޓަސް ހިތް ބާރުއެޅިވަރުން ސިއްރު ނަޒަރެއް ދިނެވެ. ހާދަ ސްމާޓެވެ. މިއަދު ވަކިން ފިރިހެންވަންތަ ކަމަށް ދައްކަނީ ތުނބުޅި ނުބާލާ ދެތިން ދުވަސްވެފައި ހުރުމުންނެވެ. އަދި ލައިގެން ހުރި ގަދަ ފެހިކުލައިގެ ޓީޝާޓާއި ޖިންސްގައި މޮޑެލްއެއްހެން ހީވިއެވެ. ދާނިޔަލް ރީތިވާ މޭޒު ކާރީގައި ހުއްޓި އިސްތަށިގަނޑާއި ކުޅެލިއެވެ. ކޮޓަރިއަށް ވެރިވެފައިވާ ރަންއަލި އެ އިސްތަށިގަނޑަށް އެޅުމުން ވަކިން ރީތިކޮށް ފެނުނެވެ. ހަމުގައިވެސްވަނީ ރަންކުލައެކެވެ. މާގިނައިން އަވީގައި އުޅުނީމަ އަރާފައިވާ ކުލައެއްކަން ނޭގެއެވެ. އެހާ އޮމާނެވެ. މިލާން ދުރު ބަލައިލަން އުޅެނިކޮށް ދާނިޔަލް ކަތި ނަޒަރަކުން ބަލައިލުމުން މިލާންގެ ހިތަށް ވެގެން ދިޔަގޮތެއް ބަޔާންކުރަން ދަތްޗެވެ. މޫނަށް ރަތްކުލަވެރިވާނެކަން އަމިއްލައަށް އިހުސާސްކުރެވި ފޮތް މޫނާއި ހަމަޔަށް އުފުލައިލެވުނީ ފިލަންވެގެންނެވެ.

"އަހަރެންގެ ހަޒްބެންޑޭ.... އަހަންނަކަށް އެކަމެއް ނޭގޭ.. އަމިއްލަ މީހާއަށް އެކަނި ތަ އެކަން އެނގެން ޖެހެނީ......." އިރާ ރުޅިގަދަވެގެން ތުން ފިތާލި އިރު ނުރޮވި އިނީ ކިރިޔާއެވެ. ލޮލަށް ފެންނަ ނަމަވެސް ދުވެފައިގޮސް ދާނިޔަލް ގެ މޭގައި އަތްއަޅާ ކޮށްޕާލެވޭނެކަން ޔަގީނެވެ. ދަތްތައް ބިނދޭހާ ރުޅިގަދަވިއެވެ. މިލާން އިސްޖަހާލައިގެން އިނީ އެދެމީހުންގެ ދޭތެރޭގައިވާ ނުތަނަވަސްކަމާއި މެދު އުދަގޫވެފައެވެ. ކޮންމެ ގޮތެއް ވިޔަސް އިރާ ދާނިޔަލް އާއި ދޭތެރޭގައި ދެރަކޮށް ކަންތައް ކުރާތަން ދެކޭހިތެއް މިލާން ނުވެއެވެ. ދާނިޔަލްގެ ނުރަގަޅު ސިފަތަކާއި އެކުގައިވެސް މިލާންގެ ހިތުންޖާގަ ހޯދި އެކަނި އިންސާނަކީ އެއީއެވެ. ޕްލޭބޯއިއެކެވެ.

"އެކަން އެނގޭނެ ދުވަސްކޮޅަކުން، އޭރުންވެސް ތިގޮތަށް ހަމަ ޗެލެންޖް ކުރާނަންތަ؟ " ދެވަނަ ސިކުންތު ކޮޅުގައި ދާނިޔަލް އައި ބާރުމިނުގައި އިރާގެ އުނގުގައި އޮތް ކުޝަން ޖަހައިގަތުމުން އިރާ ނިކަން ބޮޑަށް ސިހުނެވެ. ބިރުންގޮސް ހަޅޭއްލަވައި ގަތުމާއިއެކު ހިފައިގަނެވުނީ މިލާންގެ ގައިގައެވެ. 

"އިރާ ކަމަކާއި ނުލައި ސްކްރީމް ކުރީމަ އިއަރޑްރަމް ފަޅައިގެން ގޮއްސި....." ދާނިޔަލް ކަންފަތުގައި އަތްއެޅިއިރު އޭނަ ހުރީ ހީލަ ހީލައެވެ. 

މިގޮތަށް ލޯފަންކުއްޖަކާއި ސަމާސާ ކުރަން ވާނެ ހެއްޔެވެ؟ އިރާއަށް ދާނިޔަލް ފެންނާނީ އެއްނޫނެވެ. އެގޮތަށް އުދަގޫކުރީމަ ހާދަ ސިހޭނެއެވެ. މިލާން އިސްޖަހައިގެން އަތުގެ އިނގިލިތަކާއި ކުޅެން އިންއިރު ދާނިޔަލް ގެ ލޮލުގައި އަޅައިގަތީ އަތުގައިވާ ރަންކުލައިގެ ފަށެވެ. ހިތެއް ޖަހާފައިވާ އެ ފަށް ފެނުމުން ކުރީގެ ހަނދާނެއް ސިކުނޑީގައި ފިޔަޖަހައިލި އެވެ. އެއީ ކޮންތަނަކުން ފެނުނު އަތެއް ހެއްޔެވެ؟ ދާނިޔަލްގެ ސިކުނޑިއަށް އެ މަންޒަރު އަންނަން ސިކުންތުކޮޅެއް ނެގިއެވެ. ޝޮޕިން ސެންޓަރުގައި މިލާންގެ ގައިގާ އަޅައިގަނެގެން ފޮތްތައް ވެއްޓުނު ދުވަހު އެކުއްޖާ ފެނުނީ ނަހުޔާން އަށެވެ. ނަހުޔާން ދިމާކުރަން ފެށުމުން ދާނިޔަލް ބުނެލީ އެއީ އޭނަގެ ފުރާނައިގެ ބައިވެރިޔާއަށް ވެދާނެކަމަށެވެ.

"އައި ހޭޓް ޔޫ......" އިރާ ދަތްތަކަށް ބާރުކޮށްލައިގެން އިންއިރު އެ ދެލޮލުގެ ކުލަ ވަކިން ގަދަވެފައިވާހެން ހީވިއެވެ. ދާނިޔަލްއަށް ވީ މަޖާކަމަކަށެވެ.

"ބޭނުންގޮތެއް އިރާ ބޭބީ..... އިރާ ހޭޓްކުރިޔަސް އަހަރެން މިހިރީ އަހަރެންގެ ވައިފްއަށް ކެއަރ ކުރަން، އެހެންވެ މިހާރު މަގޭ ސިސް މެއިޑަކަށް ހަދައިދިނީ....." ދާނިޔަލް އިށީނީ އިރާގެ ގާތުގައެވެ. އިރާ ދާނިޔަލްގެ ގައިގާ ތަޅައިގެންފައި ދުރަށް ޖެހުނީމަ ދާނިޔަލް ހޭންފެށިއެވެ. އިރާ އާއި ކައިވެނި ކުރީމަ މަޖާވާނެވަރު އެނގުނީ އަދި ކިރިޔާއެވެ. ވަރަށް އުދަގޫކޮށް ޖެއްސުން ކޮށްލެވޭނެ އެވެ. އަންހެންކުދިންނަކީ ބަލިކަށި ނިކަމެތި ބަޔެކެވެ. ޚާއްސަކޮށް އިރާފަދައިން އަނދިރިވީމަ ބޭބީ އަކާއި ތަފާތެއްނެތެވެ. އެވަރުންވެސް އަޖައިބުވަނީ ބަލި ގަބޫލު ނުކުރާތީއެވެ. ޗެލެންޖް ކުރާއިރު ފިރިހެނަކަށްވުރެ އަނގައިން ދެރައެއް ނުވާނެއެވެ. އިރާ ކިތަންމެ ވަރަށް ކަޅި އަޅާލާފައި ދާނިޔަލް އިން ދިމާލަށް ބެލިޔަސް ދާނިޔަލްގެ މޫނަށް ނަޒަރު ހުއްޓައެއް ނުލެވުނެވެ. އެހެންނޫނަސް ދާނިޔަލް އާއި ދިމާލަށް އެގޮތަށް އެއްޗެހި ކިޔާއިރުވެސް އިރާގެ ހިތް ތެޅޭވަރުން ހީވަނީ އޮބި ނޯވެގެން އުޅޭހެންނެވެ. ދާނިޔަލްދެކެ ރުޅިއަންނަ ވަރަށް ބިރުވެސް ގަނެއެވެ. އޭނަގެ ހަށިގަނޑާއި ހިތުގައި ދާނިޔަލް ލެއްވި ލަކުނުތައް ދުވަހަކު ފޮހެވިގެން ނުދާނެއެވެ.

"ހާދަ ފޫހިވޭ، އަހަރެންގެ މަންމަ މަޖުބޫރު ކުރިވަރުން އަހަރެން އެއްބަސްވީ، އެކަމަކު ދުޢާކުރާނަން އޭގެ ކުރިން އަހަރެން މަރުވާން އެދި، ނޫނީ އައި ވިޝް ޔޫ ވުޑް ޑައި........" އިރާ އެންމެ ބޮޑަށް ދެރަވީ އޭނަގެ ބާރެއްނެތްކަން ވިސްނިފައެވެ.

"ގުޑް އައިޑިއާއެއް، އެހެންވިއްޔާ އަހަރެން ދިން ކޭން އިން ބޮލުގައި ޖަހާ މަރާލަންވީއެއްނު.....އަދި ތިހުރިހާ އެއްޗެހި ކިޔާފައި މާފަށްވެސް އެދޭނެ....." ދާނިޔަލް ތަންކޮޅެއް މަޑުން ވާހަކަދެއްކި އިރު އަޑުގައި ނުރައްކާތެރި ކަމެއްވިއެވެ.

"މިތަނުން ދާންވީ، ނޫނީ މިލާން ޕްލީޒް ޓެލް ޔޯރ ބްރަދަރ އަހަންނަށް އުދަގޫނުކޮށް މިތަނުން ދާށޭ..." އިރާ ފަޅަފަޅައިގެންދާވަރުވީއިރު އެ ރީތި ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"ބޭބީ ސިސް އެއިނީ މިހާރުވެސް އިރާ އާއި ދިމާލަށް ކަޅިއަޅާލައިގެން..." ދާނިޔަލް ހޭންފެށުމުން މިލާން ދެލޯބޮޑުކޮށްފައި ދާނިޔަލް އާއި ދިމާލަށް ބަލައިލި އެވެ. ދާނިޔަލް މީހުން ރުޅިއަރުވަން ހާދަ މޮޅެވެ.

"ނޫން އިރާ، އެއީ ތެދެއްނޫން......" މިލާން ފިނިވެފައިވާ އަތްތިލައިގެ އިނިގިލި ތަކަށް ފިތަމުން ދިޔައެވެ. 

"ޕުއަރ ގާލް. މީހަކު ބުނާއެއްޗެއްގެ ތެދު ދޮގުވެސް ނޭގޭނެ، ދެންވެސް ދަންވަރު ވާރޭގެ ތެރޭގައި ގޮސް ކާރެއްގެ ދަށަށްވަދެ ސުއިސައިޑްވާން އުޅޭ......ޕެތެޓިކް.....ހަމަވާންވީގޮތަށް ތިވީ...." ދާނިޔަލް ތެދުވެގެން ދަމުން އިރާގެ އިސްތަށިގަނޑަށް ދަމާލިއެވެ. އިރާ ދެއަތަށް ބޯ ހޫރުވާލިއިރު ލޮލުގައި ގިނަވެގަތް ކަރުނަތައް އޮމާން ކޯތާފަތްމަތިން ދަތުރުކުރަންފެށިއެވެ. ދާނިޔަލްއަށް އެ މަންޒަރު ފެނުމުންވެސް ހިތަށް އެއްޗެއް ނޭރިއެވެ. އިރާ ރީތިކޮށް ވާހަކަ ދެއްކި ނަމަ ރޮއްވާކަށް ނުޖެހުނީހެވެ. ރޯހިތުން އުޅެންޏާވާނީ މިހެންނެވެ. 

ދާނިޔަލް ދެތިން ފިޔަވަޅު އެޅިތަނާ ޖުވޭދާ ކޮޓަރިން ބޯދިއްކޮށްލައިފި އެވެ. އެއީ ދާނިޔަލް އެންމެ ފޫހިވާ އެއް މަންޒަރެވެ. މަންމަ އާއި މައިދައިތަ އަބަދު އޭނަގެ ބޯކޮޅު ބަލައިގެން އުޅެނީހެއްޔެވެ؟ އެހެންވެސް ވާނެތާއެވެ. ހަގީގަތުގައި އޭނަ އަމިއްލަ ނަފުސަށްވެސް އިތުބާރެއް ނުކުރެއެވެ. އަންހެންކުއްޖަކާއި ކާރިވެއްޖެއްޔާ އަތުން ފައިން ގޯހެއް ނެހެދޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ނަމަވެސް އެއީ މިލާންފަދަ އަންހެންކުއްޖަކާއި އެކު އެކަނިވެއްޖެއްޔާއެވެ. މިލާންއަކީ ރީތި ހުޅުކޮޅެކެވެ. ބަލައިލާ ފަރި ނަޒަރުންވެސް ފިރިހެނެއްގެ ހިތް އަވަސްކުރުވަފާނެއެވެ. "ސެކްސީ" ދާނިޔަލް ސިއްރު ނަޒަރަކުން މިލާންގެ މޫނަށް ބަލައިލި އެވެ.

އިރާގެ ފަރާތުން ނަފްރަތު އެހާ ފާޅުކަން ބޮޑުގޮތަކަށް ފެނުމުން ދާނިޔަލް އަކަށް އަސަރެއްނުކުރިއެވެ. އިރާގެ އަނދިރި ކަމަކީ ދާނިޔަލް ދެކޭގޮތުގައި އަމިއްލައަށް ބުއި ބޮނޑިއެކެވެ. އޭނަގެ ކުށެއްވާ ކަމަށް ދާނިޔަލް ގަބޫލެއްނުކުރެއެވެ. އެހެންނޫނަސް އިރާގެ މަންމަ އޭނަ އާއި އިރާގެ ކައިވެނި ކުރުވަން އެހާ ވަރުން އުޅޭ އެންމެ މުހިއްމު ސަބަބު އެނގުމުން ދާނިޔަލް ވަކިން ބޮޑަށް ފޫހިވިއެވެ. އިރާގެ ލޮލަށް ފެންނަން ދެން ކައިވެނި ލަސްނުކުރި ސަބަބަކީ ޖުވޭދާއަށް މަތިންދާބޯޓަށް އަރަން އުދަގޫވާތީއެވެ. އޭނައަށް އަމިއްލަ ދަރިފުޅަށްޓަކައި ވެސް އެފަދަ ގުރުބާނީއެއްވާން ނުކެރުނީއެވެ. ހަގީގަތުގައި ޖުވޭދާ ކުރި ދަތުރުގައި މާބޮޑަށް ޓާބިއުލެންސްގައި ޖެހުމުން ޖުވޭދާ އަނބުރައިވެސް ގަތެވެ. ޕެނިކް އެޓޭކް ޖެހުނެވެ. އެފަހުން ފިލްމަކުން މަތިންދާބޯޓެއް ފެނިލިޔަސް ޖުވޭދާގެ ހިތް ތެޅިގަނެއެވެ.

ޖުވޭދާ ބޭނުމީ ދާނިޔަލް އިރާ އާއި ކައިވެނިކުރުމަށްފަހު އިރާ ގޮވައިގެން ޖަރމަނީފަދަ ތަނަކަށް ގޮސް އޮޕަރޭޝަން ކުރުވުމެވެ. މަންމައަށް ނުދެވޭތަނަކަށް ލޯފަން އަންހެންކުއްޖަކަށް ނުދެވޭނެތާއެވެ. އެއީ ޖުވޭދާއަށް ކުރެވޭނެކަމެއް ނޫނެވެ. ދާނިޔަލް ކިތަންމެ ނުލަފަޔަސް އިރާއަށް ދެރަގޮތެއް ނަހަދާނެ ކަމަށް ޖުވޭދާގެ ހިތް ބުނަނީ އެވެ. އެކަމަކު ޖުވޭދާ ހިތަށް ނޭރީ ދާނިޔަލް އެދިން ވަރުގެ ބޮޑު އަނިޔާއެއް އަންހެންކުއްޖަކަށް ދެން ނުދެވޭނެކަމެވެ.

ނަހުޔާން ހެނދުނު ހޭލިއިރު އައިޒާވެސް ޑިއުޓީއަށް ދާން ވެގެން ހެދުން އިސްތިރިކޮށްލާފައި ފެންވަރަން ތައްޔާރު ކުރުމުގައި އުޅެއެވެ. ރޭ ނިދަން ލައިގެން ހުރި ކުރު ސޯޓްކޮޅާއި، ވާކޮޅެއް އައްސާފައިވާ ރަތްކުލައިގެ ޓޮޕްކޮޅުގައި ހުރިއިރު ދޮންބަނޑުވަނީ ހާމަޔަށެވެ. ބަލިވެއިންކަމުގެ އެއްވެސް ނިޝާނެއް އެ ބަނޑުން އަދި ނުފެނެއެވެ.

"އައިޒާ، ކޮންތާކަށް ދާން ތިއުޅެނީ..." ނަހުޔާން އޮތީ ކަންނެތްވެފައެވެ. އައިޒާ ގެނައި ސްޓާރބަކްސް ކޮފީތަށީގެ ދެވިހިފާ މީރުވަސް ތަނުގައި ހިފާލާފައިވެއެވެ. ނަހުޔާން އެނދުގެ ހެޑްބޯޑަށް ލެނގިލަމުން ކޮފީތަށިން އެތިފޮދެއް ބޯލުމުން ސިކުނޑި ތާޒާވިއެވެ.

"ޑިއުޓީއަށް އަނެއްކާ ދާން ނިންމީ..." އައިޒާ ހީކުރީ ނަހުޔާން އެހާވަރަށްވެސް އަނގައިން ނުބުނާނެ ކަމަށެވެ. ފުދޭވަރެއްގެ ބީރައްޓެހިކަމެއް އެދޭތެރެއަށް ވެރިވެފައިވި ނަމަވެސް މިވަރުންވެސް އައިޒާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ނަހުޔާންގެ އެ ރީތި ދެލޮލާއި ހަތަރުކަޅި ހަމަކޮށްލާފައި ދުރަށް ބަލައިލެވުނީ އެ ތޫނުކަމަށް ކެތްނުކުރެވިގެންނެވެ.

"ނޫން އައިޒާ، އަހަރެން އައިޒާ ޖޮބަށް ފޮނުވާކަށް ބޭނުމެއްނޫން، ފޫހިވަންޏާ ގޭގައި ކުރާނެ މަސައްކަތެއް ހޯދާ....." ނަހުޔާން ގެ ޖުމްލައިން ލިބުނު ސިހުމުގައި އައިޒާއަށް ބަލައިލެވުނު އިރު ނަހުޔާން ކޮފީ މަގު ހިފައިގެން ބެލްކަންޏާއި ދިމާލަށް ހިނގައިގެންފިއެވެ. އެކަނި ޖިންސްލައިގެން ހުރުމުން ހަށިގަނޑު އިޝްތިހާރެއް ފަދައެވެ. އެހާ އޮމާންކޮށް ބުރަކަށިވެސް ފެންނަނީ ގަވާއިދުން ޖިމަށްދާތީކަން ނޭގެއެވެ. ރީތި ފިރިހެނެކެވެ. އެ ރީތިކަމުން އަސަރު ނުކުރާނީ ކޮންކުއްޖަކަށް ހެއްޔެވެ؟ މިހާ ކާރިން ހުރިހާކަމެއް ފެންނަ އިރު އައިޒާގެ ހިތަށް ވާނީ ކިހިނެއްހެއްޔެވެ؟

"ބަޓް......ހާދަ ފޫހި...." އައިޒާ ފަހަތުން ގޮސް ބެލްކަނީގައި ދަމާފައިވާ ބޯ ފަރުދާގައި ދެއަތުން ހިފަހައްޓާލައިގެން މަޑުކޮށްލިއެވެ.

"އަހަރެން ގެ ވައިފް ވެއްޖެއްޔާ ނުދާނެ، އައިޒާ އެގޮތަށް ހުންނަން ބޭނުން ނޫންނަމަ އަހަރެން ކުރާނެ ކަމެއްނެތް....." ނަހުޔާންގެ ވާހަކައިން އައިޒާ އިސްޖެހިއްޖެއެވެ. ނަހުޔާން އޭނައަށް އިތުބާރު ނުކުރަނީ އެވެ. ވަޒީފާއަށް ގޮސް އެހެން ފިރިހެނުންނާއިއެކު އުޅޭނެކަމަށް ހީކުރީއެވެ. ނަހުޔާންގެ ހިތް އޭނަގެ މައްޗަށް ސާފުކުރަން މިއަދު އޭނަ ކުރާނެ އެއްވެސް ކަމެއް ނެތެވެ. ވިހެއުމަށްފަހުވެސް ހަދާނެ ގޮތެއް އެނގެނީއެއް ނޫނެވެ. ނަހުޔާން އޭނަ އަށް އެގެއިން ޖާގަ ދިނީ ތަންކޮޅެއް ހަރުދަނާ ވިސްނުންތެރި މީހަކަށްވީމައެވެ. އަމިއްލަ ދަރިފުޅަށް ވެއްޖެއްޔާ އެކުއްޖާ ބާކީނުކުރަންވެގެން ކަން ނޭގެއެވެ. ދަރިފުޅު ލިބުމުން އައިޒާ ދޫކޮށްނުލާނެ ކަމެއްވެސް ނޭގެއެވެ. އައިޒާ ގޮސް އެނދުގައި އިށީންގޮތަށް ހިރިލާން ނޭގިއިންއިރު އެސްފިޔަތަކުގައި ކަރުނަވިދިއެވެ.

ނަހުޔާން ކޮފީ ބޮއިގެން އޭނައާއި ދިމާލަށް ބަލާނުލައި ފާޚާނާއަށް ވަނުމަށްފަހުވެސް އައިޒާ އިނީ ހިމޭނުންނެވެ. ނަހުޔާން ގެ ޚިޔާލު އޭނައަށް އެނގުމަށްފަހު އޮފީހަށް ނިކުންނާކަށް ނުކެރޭނެއެވެ.

ދާނިޔަލްގެ ކޮޓަރި ތަނަވަސްވެފައި ފަރުނީޗަރުތައް އަގުބޮޑުވެފައި ރީއްޗެވެ. ފިރިހެންކުއްޖަކާއި އެކަށީގެންވާހާ މޮޅަށް ޑިޒައިނަރުންވަނީ ތަން ތައްޔާރުކޮށްލާފައެވެ. ބާތުރޫމްވެސް ހީވަނީ ކުޑަވަރެއްގެ ކޮޓަރިއެއްހެންނެވެ. ޖަކޫޒީ އާއިއެކު ރެއިން ޝަވަރ ސިސްޓަމްގެ ސަބަބުން އަމިއްލަ ކޮޓަރީގައި ހުރެގެންވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހުމުގެ ތަޖުރިބާކޮށްލެވިދާނެއެވެ. ދާނިޔަލް އިނިގިރޭސި ލަވައެއްކަމަށްވާ ލައިފްހައުސްގެ "ޔޫ އެންޑް މީ" އަޑުއަހާލަން ހުރެ ތުބުޅި ބޭލިއިރު އެ ރީތި މޫނުމަތިން ފެންނަނީ ހަމަޖެހިފައިވާކަމުގެ އަސަރެވެ. ގަދަކޮށްލަންވެގެން އެ ގަދަ ބުމަ ގޮށްޖަހާލައިގެން ހުރުން އާދަވެފައިވިޔަސް އެކަނި ވުމުން މޫނުމަތީގެ ހަރުކަށިކަން މަޑުވެ ރީތިކަން ފުރިހަމަވެފައިވެއެވެ. ރީތި ބައްޓަމަށްވާ ތުންފަތުން ފެންނަނީ ހިނިތުންވުމުގެ އަސަރެވެ.

"ސަމްތިން އެބައުޓް ޔޫ ނައު...
އައި ކާންޓް ކުއައިޓް ފިގަރ އައުޓް...
އެވްރީތިން ޝީ ޑަޒް އިޒް ބިއުޓިފުލް
އެވްރީތިން ޝީ ޑަޒް އިޒް ރައިޓް...." އެ ލަވައިން ތަންކޮޅެއް ކިޔައިލުމާއިއެކު ދާނިޔަލް ގެ ޚިޔާލަށް ކުއްލިއަކަށް މިލާން ވެރިވުމުން އަދި އަނގަޔަށް ގޮތެއް ހަދާލިއެވެ. މިލާންގެ ޚިޔާލު ދޭތެރެއަކުން ވެރިވާތީ އޭނަ ރުޅިއައީއެވެ. ދާނިޔަލް އަމިއްލަ ހިތަށް ވިސްނައިދޭން ބޭނުންވީ އަދި އެހެން ގޮތަކަށެވެ.

"ޖަކޫޒީ އެއްޗެހިން އެކަނި އަހަރެން ކުރާނެ ކަމެއްނެތް، މިލާން ފަދަ އަންހެންކުއްޖަކު ފެންވަރަން ބައިވެރިވެލާނަމަ ސަޅިވާނެ، ރެއިންޝަވަރެއް އެކީގައި ނަގާލާނެ ދުވަހެއް އަންނާނެބާ، އިރާ އާއި އެކީގައި ކުރެވޭނީ ކޮންމަޖަލެއް، ބޭބީއެއްހާ ޅަ މީހެއް، މިލާން މިހާރު ވީ ކޮންތާކުބާ، ނިދާލާފައި އޮންނަ އިރު މިލާން އޮންނާނީ ކިހިނެއްތަ؟ މިލާން ޓަބަށް އެރިގެން ފެންވަރާލާހިތްވާނެތަ؟ ނޫނީ ދެތިން މިނިޓުން ފެންވަރާލާ ރީތިވާ ކަހަލަ އަންހެން ކުއްޖެއްބާ، އޭނަ ލައިކް ވަނީ ކޮން ލަވަތަކެއް ދެކެތަ؟ ހެވީ މެޓަލް ލަވަދެކެވެސް ލައިކް ވެދާނެކަން ނޭގޭ..... މިވަރަށް މިލާންގެ މަތިން ހަނދާންވަނީ ކީއްވެތަ؟ ވެދާނެ ބޭނުން އެއްޗެއް ނުލިބުނީމަ އަހަރެން ކޮންމެ ގޮތެއް ހަދާފައިވެސް ހޯދަން ބޭނުންވާތީ ހިތުން ނުފިލަނީ ކަމަށް، ހޫމް އެނޫން ސަބަބެއްނެތް، ލިބުނީމަ ދެން ކޮން މަޖަލެއްތަ؟ އަހަންނަކަށް އެކަކު ޚާއްސަކޮށްލައިގެން ނުހުރެވޭނެ...." ދާނިޔަލް ފެންވަރާލައިގެން ބާތުރޫމުން ބޭރަށް ނިކުމެ ހުރެ ތައްޔާރު ވާންފެށިއެވެ.

ދީނާ ދެކެ ދާނިޔަލް ނަފްރަތު ކުރިޔަސް މަންމަ އުޅޭ ގޮތުން ރުހެވޭފަހަރު އާދެއެވެ. އެ އުމުރުގައި ވެސް އެހާ ޒުވާންވެފައި ސްޓައިލިޝްއެވެ. ވަގުތާއި އެކަށީގެންވާ ގޮތުން ހެދުން އަޅައެވެ. ބަގީޗާގައި ގަސްތައް ހައްދަން އުޅެންޏާ ޓީޝާޓަކާއި ޓައިޓެއްލައިގެން އުޅެފާނެއެވެ. ހަވީރަށް ވަކި ހެދުމެއް އަޅާ ލުއިކޮށް މޭކަޕެއްކޮށްލާ މަދު ގަހަނާއެއް ބޭނުންކޮށްލައެވެ. ކަންފަތުގައި ހަރުކޮށްލާ ވިދާ ޖަވާހިރެއް ނޫނީ ހިމަ ފަށެއް ކަރުގައި އަޅާލުމުން އެވީއެވެ. ޖުވޭދާ ފަދައިން އިސްތަށިގަނޑު ޑައިކުރަން ނުޖެހެނީ އަދިވެސް އިސްތަށިގަނޑުގައިވާ މުށިކުލައަށް ބަދަލެއް ނާންނާތީކަން ނޭގެއެވެ. ޖުވޭދާ ފަދައިން އެތައް ގަހަނާއެއް ބޭނުންކޮށްގެން މާ ދެއްކުންތެރިވާގޮތެއް ނުހުރެއެވެ. ނަމަވެސް ދާނިޔަލްގެ އެކުވެރިންގެ ތެރޭގައިވެސް މިހާ ރީތި މަންމައެއް ހުންނާނެކަމެއް ނޭގެއެވެ. މައްސަލައަކީ ދާނިޔަލްއާއި އޭނަގެ މަންމަގެ އޮތް ބީރައްޓެހި ގުޅުމެވެ. ދީނާ އެހެނޭ ކިޔާފައިވެސް ދާނިޔަލްއާއި ދިމާލަށް ބުނަން ޖެހޭ އެއްޗެއް އޮތިއްޔާ ބުނެލާކަށް ފަހެއް ނުޖެހޭނެއެވެ. 

އެވަރލޭންޑްގެ ބެލްކަނީގައިވެސް ޕޮޓްތަކުގައި އެކިކުލަކުލައިގެ މާތައް އިންދާފައިވެއެވެ. ދާނިޔަލް ރެއިލިންއަށް ލެނގިލައިގެން ހުރިއިރު މިއަދު ކޮންމެ އެއްޗަކާއިމެދު ވިސްނުނެވެ. އުޑުމަތީގައި ވިލާކޮޅެއްނެތި ފީރޯޒެއްފަދައިން ފެތުރިފައިވާއިރު ހާދަ ހިތްގައިމެވެ. ގަސްތަކުގައިވާ މާތަކާއި ވައިރޯޅި ސަމާސާ ކޮށްލާތަން މިފެނުނީ އަލަށެވެ. ހާދަ ނާޒުކް މާތަކެވެ. ބަގީޗާތެރޭގައި ކުދި ކޮކާތަކާއި މާބުރުތައް މަލަށް ތިރިކޮށްލާފައި މަލުގެ ރީތިކަމުން އުފާ ލިބިގަނެލާފައި އެހެން މަލަކަށް ޒިޔާރަތް ކުރާނެއެވެ. ދާނިޔަލްއަށް އެކަން ވެސް ފާހަގަކުރެވުނެވެ.

ރަތްކުލައިގެ ފިނިފެންމާތައް ލޮލުގައި އަޅައިގަތުމާއިއެކު ޚިޔާލަށް ވެރިވީ މިލާންއެވެ. ދާނިޔަލް ރަތްމާތަކުން ބަރާވެފައިހުރި ޕޮޓަށް ބަލައިލުމަށްފަހު މާތައް ބިނދެލައިފިއެވެ. އަތަށް ކަށި ހެރި ލޭތައް އޮހުނަސް އޭނަގެ ފަރުވާލެއްނެތެވެ. މިއީ މަންމަ ވަރަށް މަސައްކަތުން ހައްދާ ގަސްތަކަކަށްވިޔަސް އޭނައަށް މާ ބިނުމުގެ ހައްގު އޮންނަންވާނެއެވެ.

ދާނިޔަލް ގެ ހިތް އެދުނީ މިވަގުތު މިލާން އާއި ބައްދަލުކުރުމަށެވެ.

މިލާން ސައިބޮއި ނިމިގެން ސިންކު ކާރީގައި ތަށި ދޮންނަން ހުރިތަން ފެނުމުން ދާނިޔަލް އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުއްޓެވެ. މިލާން ހުރީ ވަރަށް ސާދާ ހެދުމެއްގައެވެ. ދޫ ޓީޝާޓަކާއި ހަރުވާޅެއްލައިގެން އިސްތަށިގަނޑު މައްޗަށް ނަގާފައި އައްސާލާފައެވެ. ދިގު ކަނދުރާގެ ރީތިކަން ހާމަޔަށް ފެންނަން ހުއްޓެވެ. މޫނު އޮމާންކަމުން ދުވަހަކު އެމޫނުގައި ބިއްސެއް ނުނަގާކަން ދާނިޔަލްއަށް ޔަގީންވިއެވެ. ބައެއްކުދިން ޓީން ދުވަސްވަރު އޮށާޅައާއިގެން ސަލާމަތް ނުވެވިފައިވާއިރު މިލާން ހިމެނެނީ ނަސީބު ރަނގަޅުކުދިންގެ ތެރޭގައެވެ.

"މޯނިން މިލާން...." ދާނިޔަލް ގެ ޖާދުވީ އަޑު ކަންފަތުގައި ޖެހުމާއިއެކު މިލާން ދޮވެ ދޮވެ ހުރި ތަށި ސިންކުތެރެއަށް ވެއްޓި ތެޅިއްޖެއެވެ. ކަންބޮޑުވިވަރުން އަދި މިލާން ތެޅުނު ތަށީގައި ހިފުމުން އެ ނާޒުކް އަތްތިލަ ކެނޑުނެވެ. ދާނިޔަލްގެ ސަބަބުން އޭނައަށް ކުރާ އަސަރު ރީއްޗަށް ބޭޒާރުވީއެވެ. އޭރު ލަދުންގޮސް މިލާންގެ މޫނު ހީވަނީ އަލިފާން ކޮޅެއްހެންނެވެ.

"އަހަރެން ފެންނަނީ ގޯސްޓެއްގެ ގޮތުގައިތަ؟ ފެންނައިރަށް ބިރުން އަތުގައިވާ އެއްޗެއް ވިއްޔާ ވެއްޓޭ، ފުރަތަމަ ފަހަރު ޔޫ ޑްރޮޕްޑް ދަ ބުކްސް....." ދާނިޔަލް އަތުގައިވާ ފިނިފެންމަލުގެ ފިޔަތަކުގައި އިނގިލި ތަކުން ފިރުމައިލި އިރު މިލާންގެ އަތުގެ ލޭއޮހުނުތަން ފެނުމުން އުދަގޫވެސްވިއެވެ. ނަމަވެސް ދާނިޔަލްގެ ހަމްދަރުދީ އޭނަ މީހަކަށް އަންގައެއްނުލާނެއެވެ. ދާނިޔަލް ދެކޭގޮތުގައި ހަމްދަރުދީ އާއި ލޯތްބަކީ އެހެންމީހުންނާއި ހިއްސާކުރަން ޖެހޭ އެއްޗެއް ނޫނެވެ. އޭނަ ހުންނާނީ އޭނަގެ ގޮތުގައެވެ. އޭނަގެ ނުބައިކަމުން ރުޅިއަންނަ މީހަކު ދުރުން އުޅޭށެވެ. ހުރިހާ ސިފަތަކާއި އެކުގައި ގަބޫލުކުރާ މީހެއްވެއްޖެއްޔާ އެނިމުނީއެވެ. 

ކޮމެންޓް 0