މާޔޫސްވެފައި ހުއްޓާ މިލާންގެ ހިތަށް އުފާވެރިކަމެއް ލިބުނީ މިހުރިހާ އިރެއް ވާންދެން ކަޅު ސާލެއްފަދައިން ފެންނަން އޮތް އުޑުމަތީގައި ފިޔަޖަހަމުންދިޔަ ތަރިތައް ފޮރުވާލާފަދަ ކުލަކުލައިގެ އަލިތަކުން އުޑުފަޅައިގެން ދިޔަފަދަ މަންޒަރެއް ފެނިފައެވެ. ހަވާ އަރުވަން ފެށީއެވެ. އެކިކުލައިގެ އަލި ރޮގުތައް ނަށަމުން އެކި ދިމާލަށް ބުރުއްސައިގެންދާއިރު ބަލާބަލާ ފޫހިނުވާވަރުވެއެވެ.

"ވާއު، ހާދަ ރީއްޗޭ ދޯ.... އަހަރެން.. އަހަރެން އަދި މިނޫނީ ނުދެކެން..." މިލާން ރެއިލިންގައި ދެއަތްތިލަ ޖައްސާލައިގެން އެ ރީތި މަންޒަރަށް ގެއްލިފައި ހުރިއިރު އިސްތަށިގަނޑު ވިހުރެން ދޫކޮށްލާފައި އޮތެވެ.
"ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަން.... ވަރަށް ރީތި... ދުނިޔޭގައި ނުވާނެ މިހާ ފުރިހަމަކަމެއް........" ރިވާން މިލާންގެ މޫނަށް ބަލަން ހުރެ ދެއްކީ މުޅިން އެހެން ވާހަކައެކެވެ.
"ހެހެ...." މިލާން ގެ ރަކި ހުނުން ވަރަށް ރީއްޗެވެ. ރިވާން ބަލާވަރުން އޭނަ ހުރީ ލަދުން އޮޅޭގޮތްވެފައެވެ. ރިވާން އެހާވަރަށް ބަލަނީ ކީއްވެ ހެއްޔެވެ؟ އެދެއްކީ ކޮންކަހަލަ ވާހަކަ ތަކެއް ހެއްޔެވެ؟ ދާނިޔަލްވެސް މިވަރަށް ނުބަލައެވެ. ޖެހިލުމެއްނެތި ރަކިވަންދެން ބަލަން ހުންނާކަށް ނުކެރެއެވެ.

"ލަދުގަތީތަ؟ އަހަރެން މިބުނީ ހަމަ ތެދެއް..... މިލާން ވަރަށް ރީތި، އަދި ލަދުގަތީމަ ހީވަނީ.... ބުނެދޭނެ ގޮތެއްވެސް ނޭގޭ، ދުލުން ބުނެލާކަށް އަހަންނަކަށް ކުޅަދާނައެއްނޫން.... ސީރިޔަސްކޮށް މިބުނަނީ..... ތިހާ ރީތިކުއްޖެއް އަދި ނުދެކެން....." ރިވާން އެސްފިޔަ ޖަހައިނުލާ ބަލަން ހުރީ ކުޑަކޮށް ހިނިތުންވެލާފައެވެ.

"ރިވާން... ދެން އަޅެ..... ތިކަހަލަ ވާހަކަ ނުދައްކަފާނަންތަ؟" މިލާން ހިތްހަމަނުޖެހޭގޮތްވިއެވެ. ރިވާންއެއް ކަމަކު އެގޮތަށް ވާހަކަދެއްކުމުގެ ހައްގެއް ނުލިބޭނެއެވެ. އޭނަގެ ރީތިކަމަކީ ދާނިޔަލްގެ މިލްކެކެވެ. އެހެންމީހަކަށް ގޮތެއް ނުކިޔޭނެއެވެ. އެހެން ބުނެވިގެން ނުވާނެއެވެ.
"ރީތިކުއްޖެއް ރީއްޗޭ ބުނެވިދާނެއްނު...ރުޅިއައީތަ؟" ރިވާން ހުރީ މަޖާވެފައެވެ. އަންހެންކުދިން ގެ ރީތިކަން އިތުރުވާނީ ލަދުގަތީމަ ނޫނީ ރުޅިއަރުވާލީމައެވެ. މިލާން ލަދުގަތީމަ އަދި ރީތިކަމާއެވެ. އެހެންނޫނަސް އޭނަގެ ހިތަކީ މިހާރު އޭނަގެ ބާރު ފޯރާ އެއްޗެއް ނޫނެވެ. އެހިތަކީ އެކަނި މިލާންގެ އެއްޗެކެވެ. އެއީ އޭނަގެ ހިތުގެ ހަމަޖެހުމެވެ. ދުނިޔެއިން އޭނަ ބޭނުންވި އެކަނި އުފަލަކީ މިއީއެވެ. ހިތުގެ ރާނީއަކީ މިއީއެވެ. މިލާންއާއި ދޭތެރޭގައި އޭނަ މިގޮތުން ވިސްނާތާ ކޮން ދުވަހެއް ހެއްޔެވެ؟ އެކުއްޖާ ފެނުމުން އޭނަގެ މޭގައިވާ ހިތް އޮބިނޯވެގެން ތެޅިގަނެއެވެ. އެ ހިތް ނަގާފައި ދެއްކޭނެނަމައެވެ. އިންސާނަކަށް އަނެއް އިންސާނަކު ދެކެ ލޯބިވެވޭނެ އެންމެ މަތިވެރި ދަރަޖައަކަށް އޭނަ މިލާން ދެކެ ލޯބިވެއެވެ. އެ ވާހަކަ މިވަގުތު ބުނެލަންވީ ހެއްޔެވެ؟ ލަސްކޮށްފިއްޔާ މިލާން ގެއްލިދާނެކަން ނޭގެއެވެ.

"ނޫން...ރުޅިއެއްނޫން..." މިލާން އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅައިލިއެވެ.
ރިވާން ގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވާހާ ކާރީގައި ހުރިއިރު އުދުހެމުންދިޔަ އިސްތަށިގަނޑު ރިވާންގެ މޫނުމަތީގައި ބީހިލާ މީރުވަސް ނޭފަތުގައި ހަރުލެއްވިއެވެ. ރިވާން ހުރީ ކެތްކޮށްލައިގެންނެވެ. މިރީތި އަންހެންކުއްޖާ އަށްޓަކައި ރިވާންގެ ހިތް ގުރުބާންވާ ވަރުވެއްޖެއެވެ. ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އެހިތް އެކީގައި ދެވިއްޖެއެވެ. ރިވާން ބޭ އިޚުތިޔާރުގައި މިލާންގެ ކޮނޑުގައި އަތް ބާއްވާލާފައި ގަޔާއި ކާރިކޮށްލުމުން މިލާންއަށް އެނގުން ވެގެން ދިޔައެވެ. އޭނަ ވަރަށް ލަދުގަތެވެ. ރިވާންގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ނޫނީ އެއްވެސް މާނައެއް ނެތި ފޯރީގައި ކޮށްލިކަމެއް ބާވައެވެ.

މިލާން އަކަށް ދުރަށް ޖެހިލާކަށް ނުކެރުނެވެ. ނަމަވެސް އޭނަގެ ހިތް ތެޅެމުން ދިޔައީ ބާރުބާރަށެވެ. ރީތި ކުލަތައް އުޑުމަތީގައި ފެވެމުންދިޔަ އިރުވެސް މިލާންގެ ޚިޔާލުގައި ވަނީ އެހެންކަމެކެވެ. އޭނަގެ ކޮނޑުގައި ލުއިކޮށް ބޭއްވިފައިވާ އަތާއިމެދު ވިސްނުމުގައި ސިކުނޑި އަވަދިނެތި ވިއެވެ. ހަވާއެރުވުން ނިންމާލީމަ ފަޒާއަށް ފުން ހިމޭންކަމެއް ވެރިވިއެވެ. އުޑުމަތީގައިވާ އެތައް ސަތޭކަ ތަރިތަކުގެ ރީތިކަމުން އުޑުގެ ޒީނަތްތެރިކަން އިތުރުކުރުވާފައިވިއެވެ.

"މިލާން ފިނިވެފައިތަ؟ ކޮންމެވެސް އެއްޗެކޭ ބުނެބަލަ... ކީއްވެ ހިމޭނުން ތިހިރީ...." ރިވާން ވާހަކަ ދެއްކީ މަޑުމައިތިރި ކޮށެވެ. އަންހެންކުދިން ހިތް އަތުލާފަދަ އަސަރެއް އަޑުގައިވިއެވެ.

"ނިދަން ދާންވީ ކަންނޭގޭ، ވަރަށް ދަންވެއްޖެ...." މިލާން އެއްފަރާތަކަށް ޖެހެން އުޅުމުން ރިވާން މަޖުބޫރު ކަމެއްނެތި މިލާންގެ ކޮނޑުން އަތް ދޫކޮށްލައިފި އެވެ.

"އިރުކޮޅަކަށް މަޑުކޮށްލާ، މިގޮތަށް ދެން ވާހަކަ ދައްކާލެވޭނެ ކަމެއްވެސް ނޭގޭ، އަހަރެން ދެކެ ބިރުގަންނާނެ ކަމެއްނެތް މިލާން، އަހަންނަކީ ގޯސްމީހެއް ނޫން، ހަމައެކަނި ވާހަކަ ދައްކާލަން ބޭނުމީ..... މިލާންއަށް ނޭގި އޮތްކަމެއް އޮޅުން ފިލުވައިދޭން އަހަރެން މިރޭ ބޭނުން..... ރަހުމަތްތެރި އަކަށް ވެވިދާނެތަ؟ ނޫނެކޭ ނުބުނާތި އިނގޭ......" ރިވާންގެ ވާހަތަކުން މިލާން ގެ ފިކުރުތައް ހައްތަހާ ބޮޑުވިއެވެ. ރިވާން ދެން ކިޔައިދިނީ ފުރަތަމަ މިލާން ފެނުނު ދުވަހުގައި ކަންހިނގި ގޮތެވެ. ދާނިޔަލް އޭރު ލޯބީގެ ކުޅިގަނޑެއް ކުޅެން އުޅުމުން ރިވާން އެކަމާއި ދެކޮޅުހެދިއެވެ. މިލާންއަށް އެހެން ނަމްބަރެއް ނަގައިގެން މެސެޖް ފޮނުވީ އެހެންވީމައެވެ. މިލާން ހުރީ ހައިރާންވެފައި އަޑުއަހާށެވެ. ފަހުން ދާނިޔަލް މިލާންދެކެ ލޯބިވާން ފެށީމަ އޭނަ މިލާންގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރިކަމަށާއި އެކަން ނާކާމިޔާބުވީ ކަމަށެވެ. މިހާރު އަނެއްކާ ރިވާންގެ ހިތް މިލާންއަށް އިންތިހާއަށް ބޭނުންވާން ފެށި ވާހަކަ މިރޭ ރިވާން ބުނުމުން މިލާން ލަދުން މަރުވާވަރުވިއެވެ. ރިވާންއަށް ހާދަ ކެރެއެވެ. ވާހަކަދައްކަން ލިބުނު ފުރަތަމަ ރޭވެސް ބޭކާރުކޮށް ނުލާ ހިތުގައިވާހާ އެއްޗެއް ފިރިހެނެއްފަދައިން ހާމަކޮށްލައިފިއެވެ. މިފަދަ ގޮތަކަށް އެހެން ޒުވާނެއްގެ ހިތުގައި އޭނައަށްޓަކައި ލޯބި އުފެދުނުކަން އެނގުނީމަ ލިބުނު ޝަރަފަކަށްވިއެވެ.

ޕައިލެޓަކާއި ޑޮކްޓަރެކެވެ. ދެބެންގެ ދެދަރި ޒުވާނުންނެވެ. ދެބެންވެސް ހަމަ އޭނަދެކެ ލޯބިވާން ފެށީހެއްޔެވެ؟ ރިވާންގެ ވާހަކަތަކަށް މިލާންއަށް އިތުބާރު ކުރެވުނީ ކީއްވެކަމެއް ނޭގެއެވެ.

"މިލާން، އަހަންނަކަށް ނޭގޭ އަހަންނަށް މިލާން ލިބިދާނެކަމެއް ނުވަތަ ނޫންކަމެއް، ނަމަވެސް އަހަރެންގެ ހިތުގައި ތި ނޫން އެއްވެސް އަންހެންކުއްޖެއް ނުވޭ، އަހަރެންގެ ހިތާއި ފުރާނަ އަދި ހަށިގަނޑަކީ އެކަނި މިލާންގެ، މި ގޮތަށް އިންސާނަކަށް އަނެކަކު ދެކެ ލޯބިވެދާނެ ކަމެއް އަހަންނަކަށް ނޭގޭ، އަހަރެން ހުރީ މި ލޯބި ނާކާމިޔާބު ވެދާނެތީ ނުބުނަން ކަމަށް، މިރޭ ހަމަ ކެތްނުކުރެވުނީ..... ވަރަށް ވަރަށް ލޯބިވޭ.. އަބަދުގެ އަބަދަށް ލޯބިވާނެ އެކަނި އަންހެންކުއްޖަކީ ތިއީ......" ރިވާން ލޯބި ފާޅުކުރުމުން މިލާންއަށް އެރީތި ދެލޮލަށް ބަލައިލެވުނެވެ. ޓެރެސްއާއި މުޅި ހިސާބު އަނދިރީގެ ތެރެއަށް ގެނބިފައިވި ނަމަވެސް އެރީތި ދެލޮލުގެ ތޫނުކަމުން މިލާންގެ ގައިން ހީބިހި ހަލުވައިލިހެން ހީވިއެވެ. ރިވާންގެ ރީތިކަމުން ވީގޮތެކެވެ.

"އަހަރެން މިލާންއަށް މަޖުބޫރެއް ނުކުރާނަން، ބޭނުން ގޮތެއް، މިލާން އަހަރެންނަށް އާއެކޭ ނުބުންޏަސް އަހަންނަށް ހެޔޮ، އަހަރެން އިންތިޒާރު ކުރާނަން...." ރިވާން ގެ ރީތި ދެލޮލުން އެވަގުތު މިލާންއަށް ލޯބި ނޫން އެހެން އެއްޗެއް ނުފެނުނެވެ.

"މިލާން މިލާން، އަހަރެންގެ ފުރާނަފަދަ ލޯބިވާ މިލާން، އެއްޗެކޭ ނުބުނާނީތަ؟ ހިތަށް ހާދަ އުދަގޫވޭ.... ތިގޮތަށް ނުހުރެ އެއްޗެކޭ ކިޔާބަލަ.. ކޮންމެވެސް އެއްޗެއް ބުނެބަލަ... ޕްލީޒް...." ރިވާން މިލާންގެ ދަތްދޮޅީގައި ހިފާފައި ކުޑަކޮށް އުފުލައިލިއެވެ. މިލާން ހުރީ ރިވާންގެ ލޮލާއި ހަތަރުކަޅި ހަމަކުރަން އުދަގޫވެފައެވެ. ކުއްލިއަކަށް މިލާން ހަދާންވީ ސާރާގެ ހަރުކަށިކަމެވެ. ސާރާ ރުޅިއަންނާނެވަރެވެ. ދާނިޔަލްގެ މަންމަ އޭނަދެކެ ލޯބިވާވަރަށް ވުރެ މާ ބޮޑަށް ރިވާންގެ މަންމަ އޭނަދެކެ ލޯބިން އުޅޭކަން މިލާން ދަނެއެވެ. އެމީހުންގެ އިއްޒަތްތެރި ފިރިހެން ދަރިފުޅު މިލާން އާއި އަނގައިން ބުނާތަން ފެނުނަސް ސާރާގެ ގައިން ހުޅު ފަޅާފާނެއެވެ. އެ ދޮންމޫނު ރަތްކޮށްލައިގެން އަންނަގޮތަށް މިލާންގެ މޫނުމައްޗަށް އެތައް އެތިފަހަރެއް އަރުވާލާ މަންޒަރު ހިތަށްވެސް ފެނިއްޖެއެވެ. މިލާންގެ ފުރާނަ ދަމައިގަންނަން ސާރާ ފަސްނުޖެހޭނެއެވެ. މިލާންގެ ހިތް ތެޅިލިއެވެ. 

ހަގީގަތުގައި ލޯބީގައި ނާކާމިޔާބުވެފައިވާ އަންހެންކުއްޖަކަށް މިފަދަ ޒުވާނެއްގެ ލޯބި ލިބުމަކީ ރަހުމަތެކެވެ.
"ރިވާންގެ މަންމަ..... މަންމަ ގަބޫލެއްނުވާނެ...." މިލާން އަތުގެ އިނގިލިތަކާއި ކުޅެލަމުން ބުންޏެވެ.
"ކުރިން އަހަރެންވެސް ތިހެން ހިތަށް އެރިއޭ، އަހަރެންނަށް މިލާންދެކެ ލޯބިވުމަކީ އަހަރެންގެ ބަދުނަސީބުކަމަށް ހީކުރިން، މަންމަ ވަރަށް މައްސަލަ ޖައްސާނެ ކަމަށް ހީކުރެވުނު، ފަހުން އެނގުނީ މަންމަ އަހަރެންދެކެ ލޯބިވާނަމަ އަހަރެން ދުނިޔެއިން ބޭނުންވާ އެކަނި އުފަލަށް ހުރަސް ނާޅާނެއޭ، މަންމަ ބޭނުމެއްނުވާނެ އަހަންނަށް ދެރަގޮތެއްވާކަށް...." ރިވާން ގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

"އޯކޭ ރިވާން، އަހަރެން ވިސްނާނަން.....މިވަގުތު ދިޔަދީ....." މިލާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"އަހަރެން މިރޭ މިހިރީ އަދި ނުކައި، އަހަންނާއިއެކު ކޮފީއެއް ބޮއިގެން ނިދަންވީއެއްނު މިލާން، އަހަރެން އުދަގުލެއް ނުކުރާނަމޭ، މިލާން ގެ ނުރުހުމުގައި ބަލައެއްވެސް ނުލާނަން.. އަހަރެން ބޭނުމީ މިލާން އަބަދު އުފަލުގައި ހުންނަތަން ދެކެން... އަބަދު ހީހީ ހުންނަތަން ފެނުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބޭނެ......." ރިވާންގެ ވާހަކައިގައި ޖާދޫއެއްވިއެވެ. އެ ވާހަކަތައް ގަބޫލުކުރަން މިލާން ގެ ހިތް ބޭނުންވިއެވެ. ރިވާންގެ މަޑުމައިތިރި ކަމާއި ރަނގަޅުކަން މިލާންގެ ހިތުން މަގާމެއް ހޯދައިފިއެވެ. ނަމަވެސް އެއަށް ލޯތްބެއް ނުދެވޭނެއެވެ. އެހެން އަންހެންކުދިންގެ ގޮތެއް މިލާންއަކަށް ނޭގެއެވެ. ނަމަވެސް އޭނަގެ ހިތް ބަދަލެއްނުވާނެއެވެ. ރިވާންއާއި މެދު ޔަގީނުންވެސް އިހުތިރާމް އާއި ގަދަރުދެވިއްޖެއެވެ.

"ހެހެ، އޯކޭ އެހެންވިއްޔާ ކޮފީ ހަދާދީފާނަން... އެހާ މީރުކޮށް ހަދާކަށް ނޭގޭނެ..." މިލާން ކުރީގައި ހުރެގެން ހިނގާލާފައި ދާންފެށިއެވެ. ރިވާން ފަހަތުން އައިއިރު މިލާން އަނދިރީގެ ތެރެއިން ތަނެއްގައި އަޅައިގެންފާނެތީ ހުރީ ސަމާލުވެގެންނެވެ. ސިޑިން ފޭބިއިރު އަރިއަޅާލާގޮތްވުމުން އަތުގައި ހިފާލެވުނެވެ. ދެމީހުންގެ އެފަދަ ކުދި ކުދި ބީހިލުންތަކުން ރިވާންގެ ހަށިގަނޑަށް ކަރަންޓުގެ ރާޅު އަންނަހެން ހީވެއެވެ. މިލާން ހުރީ ލަދުންނެވެ. ކޮފީ ހަދަން ހުރިއިރު މިލާންގެ ކޮންމެ އާދައެއް ރިވާންއަށް ކަމުދިޔައެވެ. އެހިތަށް މިލާން ފެނުމުން ވާގޮތް ބުނެދޭކަށްވެސް ނޭގެއެވެ. އެނޫން އެހެން އަންހެންކުއްޖެއް ދެން ރިވާންއަށް ކަމުނުދާނެކަން ޔަގީނެވެ. އޭނަގެ ނަސީބުގައި ލޯބި މިންވަރުކުރައްވާފައި ވާނަމަ މިލާންގެ ލޯބި ލިބޭނެއެވެ. އެ ޕަރީއެއްފަދަ ރީތި ކުއްޖާ މިލްކު ކުރަން ހިތް އެދޭތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނަ ދުވަހަކު ކަމަކާއި ސީރިޔަސް ނުވާވަރަށް މިވަނީ މިލާން ހަޔާތަށް ގެންނަން ބޭނުންވެފައެވެ. ސިއްރުން ނަމަވެސް ހެވެވެ. ނަމަވެސް އޭނަ ބޭނުންވަނީ މަންމަ މިލާން އާއި އޭނަ އިންނަން ގަބޫލުވުމެވެ.

މިލާން ކޮންމެވެސް ވަރަކަށް ރިވާންއަށް ހިތް ހުޅުވާލިއެވެ. އޭނަ އޮސްޓްރޭލިއާއިން ކޯހެއް ހޯދަން އެޕްލައިކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ޖަވާބެއް ލިބިދާނެކަމަށް މިލާން ބުނުމުން ރިވާންގެ ހިތަށް ނުބައި ގޮތެއްވިއެވެ. އޭގެ މާނައަކީ އޭނައަށް މިލާން ނުފެންނާނެއޭ ހެއްޔެވެ؟ ޚުދު އޭނަގެވެސް ހުވަފެނެއްވެއެވެ. ބްރިޓިޝްއެއަރވޭސްގެ ކެޕްޓަން އަކަށްވުމެވެ. ފްލައިކުރުމަކީ ބޮޑަށް ހޮބީއެއްގެ ގޮތުގައި ދެކެވެނީ އާއިލީ ވިޔަފާރިއަށްވެސް ކޮންމެވެސް ވަރަކަށް ޝައުގުހުރީމައެވެ. ޒުވާން އުމުރުގައި ބޭނުންވަރަކަށް ދުއްވުމަށްފަހު އާއިލާއެއް ފެށުމުން ވިޔަފާރިއެއް ފެށިދާނެއެވެ. ރިވާންވެސް އެކި ވާހަކަދެއްކިއެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ފިނިވައިރޯޅިތައް ވަދެ މިލާންއަށް ފިނިވިނަމަވެސް ކޮފީގެ ހޫނުކަމުން އަރާމުވިއެވެ. އޮރެންޖް އަލީގައި ދެކުދިން އެކި ވާހަކަ ދައްކަން ތިބިއިރު އެކުވެރިން ބަދަހިވިއެވެ. ރިވާން ބުނީ އަދިވެސް ބައްދަލުކުރަން ބޭނުން ކަމުގައެވެ.

މިލާން އޮތީ ނުނިދިފައެވެ. އެތައް ފަހަރަކު ފޯނަށް ބަލައިލެވުނެވެ. އެކިގޮތްގޮތަށް ދާނިޔަލްއަށް މެސެޖްލިޔެލާފައި ފޮހެލަނީ ދާނިޔަލްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވެގެންނެވެ. އެންމެ ފަހުން މިލާން އާއަހަރުގެ ހެޔޮއެދުންތައް ފޮނުވާލާފައި ޚަބަރެއްނުވެގެން ދެލޯ ބޭގަރާރުވިއެވެ. ރޮވެންފެށިއެވެ. ބާލީހުގައި މޫނު ޖަހާލައިގެން އޮވެ ކަރުނައިގެ ތެރެއިންވެސް ބެލުނީ ފޯނަށެވެ. އެތައް ފަހަރަކުއެވެ. ނަމަވެސް ކޮންމެ ފަހަރަކު މެސެޖެއް ލިބިގެން ބަލައިލާއިރު އެކުވެރިއެއް ނޫނީ އެކީގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ހެޔޮއެދުމެވެ. އެންމެ ފަހުން މިލާން އެނދު މައްޗަށް ފޯނު އެއްލާލާފައި ތެދުވެގެން ގޮސް ބެލްކަނީގައި އިށީދެ ބޭރަށް ބަލަހައްޓައިގެން އިނީއެވެ. އެގޮތަށް އިންއިރު ދާނިޔަލް އާއި ރިވާން އަޅާކިޔުނެވެ. ދާނިޔަލް ލޯބިން ވާހަކަދައްކާ އިރުވެސް ޖެހިލުންވާފަދަ ގޮތެއްހުރެއެވެ. އެހާ ލޯބިން މުޚާތަބު ކުރަން އުދަގޫވާކަން އިހުސާސް ކުރެވެއެވެ. އިރާފަދަ ނުކުޅެދޭ އަންބެއްގެ އެއްވެސް ކުށެއްނެތި އެހެން އަންހެންކުއްޖެއްގެ ކައިރިއަށް އަންނަންވީމަ ނޭގިނަމަވެސް އަމިއްލަ ނަފުސް ކުށްވެރި ކުރެވެނީކަން ނޭގެއެވެ. ރިވާން ފަދައިން އެހާ އޮމާންކޮށް ކުރިއަށްދާން ނުކެރެނީ ސަބަބެއް އޮވެގެންނެވެ. ދާނިޔަލްއަކީ އެހެން މީހެއްގެ ހައްގެކެވެ. ފިރިޔެކެވެ. ރިވާންގެ ލޯބިވެރިޔެއް އަންބެއް ނެތީމަ އޭނަގެ އިހުސާސްތައް ކޮންޓްރޯލް ކުރުމުގެ މާނައެއް ނެތެވެ. ބޭނުންކުއްޖެއް ދެކެ ލޯބިވުމުގެ ހައްގު އަދި އޭނައަށް ލިބިފައިވެއެވެ. އެ ތަފާތު މިލާންއަށް ފާހަގަ ކުރެވުނީ މިރޭ ރިވާން އުޅުނު ގޮތުންނެވެ. ދެއްކި ވާހަކަ ތަކުންނެވެ.

ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިލާން މޫނުގައި ދެއަތްތިލަ އަޅާ ފޮރުވާލައިފި އެވެ.

ރިޒޯޓްގެ މާހައުލު އުފާވެރިކަމުގެ ހައްދެއްނެތެވެ. ވަރުގަދަ ހަފްލާއެއްގައި ގަދަޔަށް ކައިގެން ނެށުމުގެ ޕްރޮގްރާމެއްވެސް އޮތެވެ. ހަވާއެރުވުމުގެ ހަރަކާތްތައް އެހާ ފޯރިގަދައެވެ. "ވޫޝް" އަޑު ފަޒާގައި ގުގުމާލާފައި ކުލަކުލައިގެ އަލިރޮގުތައް އުޑުމަތީގައި ދެމިލައިގެން ދާއިރު ރީތިކަމުން އާޝޯޚުވާވަރުވެއެވެ. އެންމެން އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރި އިރު އިރާ ވަރުބަލިވެފައި ވާތީ މާކުރިން ނިދާލައިފި އެވެ. އެކަމާއި ދާނިޔަލްގެ ޝަކުވާއެއްނެތެވެ. ލޯ އަނދިރިކުއްޖަކަށް މަންޒަރުތައް ނުފެންނައިރު ބައިވެރިވާހިތް ނުވަންޏާ މަޖުބޫރެއް ނުކުރެވޭނެއެވެ. ނަމަވެސް ދާނިޔަލް އެކަނިވެރިކަމުގެ އިހުސާސްތައް ކުރިއެވެ. ބައެއްފަހަރު ފެންކަޅިވާގޮތްވެއެވެ. އުފަލުން ތިބި އެހެން މީހުންނަށް ދާނިޔަލްގެ ހިތަށް ކުރާ އަސަރެއް ނުފެނެއެވެ. މުޅިންވެސް ފެންނަނީ ހުނުމާއި ސަކަރާތް ޖަހާތަނެވެ. އެކަކު އަނެކަކުގެ ގައިގައި ތަޅާ މޫދަށްލުންވެސް އޮތެވެ. މިރޭ ޖުވޭދާ ރިޒޯޓަކަށް ނާދެއެވެ. އެކުވެރިއެއްގެ ޕާޓީއަކަށް ކޮންމެހެންވެސް ދާންޖެހޭކަމަށް ބުނެފައި މާ ފަރިވެލައިގެން އާ ހެދުމެއް ލައިގެން ސެންޓް ޖަހައިލުމުން މުޅިގެ އެއްވެސްވާވަރުވިއެވެ. އިރުއޮއްސުނު އިރު ޖުވޭދާ ވަނީ އެބުނާ އެކުވެރިއެއްގެ ގެއަށް ދާން ނުކުމެފައެވެ. އެއީ ދީނާގެ ނަސީބެވެ. އާއަހަރު ގެ މި އުފާވެރި ރޭ ޖުވޭދާގެ ހިޔަނި ނޭޅި މަލީކް ދީނާ ހިތަކަށް ލިބުނީއެވެ. 

ދާނިޔަލް އެކުވެރިންގެ ގާތުގައި ވާހަކައެއް ދައްކާލަން ހުރެފައި ބަލައިލިއިރު ފެނުނީ ނަހުޔާން އާއި އައިޒާ އަތުގުޅުވާލައިގެން މޫދާއި ދިމާލަށް ހިނގާފައި ދިޔަތަނެވެ. އެ ދެމަފިރިން މިރޭ އުޅުނުގޮތުން ދާނިޔަލްއަށް ޔަގީންވީ އެދޭތެރޭގައި އޮތް ފުރިހަމަ ލޯތްބެވެ. އެކުވެރިކަމުގެ އިންތިހާއެވެ. އެކީގައި ނަށާލިއިރު ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާހެންނެވެ. އޭނަގެ ނަސީބުގައި އެފަދަ ލޯތްބެއް ލައްވާފައެއް ނެތެވެ. އިރާ އާއި އެކީގައި ހަޔާތް ވޭތުކުރާނެ ގޮތް ހިތަށް ތަސައްވަރު ކުރެވުނަސް ހިތުގައި ދިލަފަށެއް އުފެދެއެވެ.

މިއީ ކޮންފަދަ ދިރިއުޅުމެއް، ބްލައިންޑްކުއްޖަކާއި އެކު އުޅެވޭނީ ކިހިނެއްތަ؟ ނަމަވެސް އެކީ އުޅެން މަޖުބޫރު، އެހެންގޮތެއް އަހަންނަކަށް ނޯންނާނެތަ؟ އަހަންނަށް މިލިބެނީ ކުރި ކުށުގެ ސަޒާ، އިރާ އާއި މެދު ކަންތައްކުރި ގޮތުން މިއަދު މި ޒިންމާ ނަގަން މިޖެހުނީ، އެހެންނޫންނަމަ އަހަރެން... އަހަރެންގެ ފިއުޗަރ ހަލާކުކޮށްލީ އަމިއްލައަށް..." ދާނިޔަލް ފޫހިކަމާއިއެކު ކޮޓަރި ބަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ފިނި ވައިރޯޅިތައް ޖެހެމުންދާއިރު ދުރުދުރުން ރާޅު ބީއްސާ އަޑާއި ޒުވާނުންގެ ހުނުމުގެ އަޑުން ދަންވަރުގެ ހިމޭންކަން މުގުރާލާފައިވެއެވެ. ދާނިޔަލް ހަނދާންވީ ކޮޓަރީގައި ފޯނު ބާއްވާފައި އާދެވުނު ހަނދާނެވެ. މިލާންއަށް ގުޅަން ހިތަށް އަރާފައިވެސް ހިތާއި އެއްބަސް ނުވީއެވެ. މިލާންއަށް ގުޅައިގެން އިތުރަށް އެ ހިތަށް އަނިޔާ ދިނުމުގެ މާނައެއްނެތެވެ.

މިރޭ ރިވާން ޑިއުޓީ ނިންމާލާފައި ރިޒޯޓަށް ނައީމަ ދާނިޔަލް ހުރީ ޝައްކެއްވެފައެވެ. ރިވާންއަށް ގުޅީމަ ފޯނު ނުނަގާ އުޅުނީމަ އަދި ވަކިން ބޮޑަށް ބިރުގަތެވެ. މިލާން އަތުން ބީވެގެން ދިޔަސް އޭނަގެ އެކުވެރިއަކަށް ލިބޭތަން ދެކެން ހުރެވޭނެ ހެއްޔެވެ؟ އެފަދަ މޮޔަ ޚިޔާލުތައް ސިކުނޑިއަށް އަންނަންވީ ސަބަބެއް ނޭގުނަސް ދާނިޔަލް ގެ ހިތް ނުތަނަވަސްވީ އިންތިހާއަށެވެ. މީހަކަށް ގުޅާލެވޭނީ ކޮޓަރިއަށް ގޮސް ފޯނު އަތުގައި ޖެހިގެންތާއެވެ. ކަންނެތް ހިނގުމެއްގައި ދާނިޔަލް ދަނިކޮށް އޭނަގެ މަންމަ ގޮވައިލުމުން ދާނިޔަލް އެނބުރި ބަލާލައިފިއެވެ.

"ޑެނީ..... މަންމައަށް ހިޔެއްނުވޭ މިރޭ ޑެނީ މާ އުފާވެފައި ހުރިހެން...... ކެއީ އެހާ ކުޑަކޮށް....." ދީނާ ހުރީ ދެރަވެފައެވެ. ދީނާއަށް އޭނަގެ ދަރިފުޅު ނަހުޔާންގެ އުފާވެރިކަން ފެނުމުން ހިތް އުފަލުން ފުރޭއިރު ކުޑަދަރިފުޅަށްޓަކައި އެހިތް ރޮނީއެވެ. ތަންކޮޅެއް ކުރިން ނަހުޔާންމެން މޫދުގައި ސަކަރާތެއް ގަނެލާފައި ކިންގްސައިޒް ކުއިލްޓެއް ގޮނޑުދޮށުގައި ފަތުރާލައިގެން އޭގެ ތެރޭގައި ހީފިލުވާލަން ތިއްބެވެ. އަހާލުމުން ބުނީ ތަރިތައް ބަލާލަނީކަމުގައެވެ. އާއަހަރުފެށުން އެ ފާހަގަކުރަނީ އެންމެ އިޝްގީކޮށެވެ. ލޯބީގެ ނަމޫނާއެއް ފަދައިންނެވެ. ދާނިޔަލްއާއި އެކުގައި ނަށާލާނެ ބައިވެރިޔަކު ނެތްތާ އޭނަ އުޅުނީ އެކަނިވެރިކޮށެވެ.

"ނޫނޭ، އައި ހޭޑް އެ ގްރޭޓް ޓައިމް މަމް...." ދާނިޔަލް އުޅުނީ އޮޅުވާލާށެވެ.

"މަންމަގެ ދަރިއަކަށް މަންމަ އަކަށް އޮޅުވައެއް ނުލެވޭނެ، ހީހީފައި އުޅުނަސް ޑެނީ ކަމަކާ ވިސްނާކަން މަންމައަށް އެނގޭ. ޑެނީ، ކީއްވެ މިލާން ނުގެނައީ، ޑެނީގެ ވައިފްއަކު ހުއްޓަސް އަދި މިސްޓްރެސްއެއް ގެންގުޅުން އެއީ މައްސަލައެއްނޫން......." ދީނާގެ ވާހަކައިން ސިކުނޑިއަށް ޝޮކެއް ލިބުނަސް ދާނިޔަލްގެ މޫނަކުން އެކަން ހާމައެއް ނުކުރެއެވެ. މަންމައާއި އެއްވަރަށް ހިނގާލާފައި ދިޔައިރު މަންމަގެ ވާހަކަތަކާއި މެދު ވިސްނައިލަން މަޖުބޫރުކުރުވިއެވެ. މިލާންއަށް މިސްޓްރެސްއެއްގެ މަގާމުދިނުމަކީ އޭނަ ދުވަހަކު ބޭނުންވާ ގޮތެއް ނޫނެވެ. އެއަށް ވުރެ އެ ލޯބި މާ މަތިވެރިއެވެ. އެދޭތެރޭގައިވާ ގުޅުން މަންމައަށް އެނގޭނެނަމައެވެ. މިލާންއަކީ މަންމަ ހީކުރާފަދަ އަންހެންކުއްޖެއް ނޫނެވެ. އިއްފަތްތެރި މާތްކުއްޖެކެވެ. ބައްޕައަކީ ކޮންމެފަދަ މީހަކަށްވިޔަސް މާތްލޭ ހަށިގަނޑުގައި ދަތުރުކުރާކުއްޖެކެވެ. މިލާން އޭނަގެ ހަޔާތަށް އައީ އެކަނި ތަންމަތި ފަޅުފިލުވާލަދޭކަށް ނޫނެވެ. އެކަން އޭނަ ކުރާނެނަމަ ކުރާނެތާ ކޮންދުވަހެއް ހެއްޔެވެ؟

ދާނިޔަލް ހުނުމަކުން އެ ވާހަކަ އޮއްބާލުމަށްފަހު ފެށީ މިރޭގެ ރީތިކަމުގެ ވާހަކައެވެ. އެކި ވާހަކަދައްކަމުން ގޮސް ދާނިޔަލް މިރޭ އޭނަގެ މަންމަގާތުން ކޮންމެވެސް ވާހަކައެއް އޮޅުން ފިލުވައިލަން ބޭނުންވެގެން ސުވާލު ކުރިއިރު މަންމަގެ ފަރާތުން ރަގަޅު ޖަވާބަކަށް އުއްމީދެއް ނުކުރެއެވެ. ނަމަވެސް ކަންތައް ހިނގީ ދާނިޔަލް ހީކުރިގޮތަކަށް ނޫނެވެ.

"މަންމާ އަޅުގަނޑު މިހިރީ މަންމަ ގާތުން އެއްޗެއް އަހާލަން ކަމަށް، ލިއޯން މަރުވީ ސިޑިން ވެއްޓިފައޭ ބައްޕަ ބުނުއްވި، އެކަމަކު އަޅުގަނޑަށް ހީވި ބައްޕަ ކަމެއް ފޮރުވަން މަސައްކަތްކުރާހެން...... އެކަމުގެ ހަގީގަތް މަންމައަށް އެނގޭތަ؟ ވަޓް ރިއަލީ ހެޕެންޑް؟" ދާނިޔަލް ސުވާލުކޮށްލިއެވެ.

ދީނާގެ ދެލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. އެވާހަކަ ނުދައްކަން މަލީކްވަނީ އަންގަވާފައެވެ. ހަގީގަތުގައި އާއަހަރުފެށުމުން އޭނަވަނީ ދަރިންނާއި އޮތް ގުޅުން ކުރިއަށްވުރެ ގާތްކުރަން ވިސްނާފައެވެ. އެއީ ދާނިޔަލްމެންނަށް އެނގެން ޖެހޭނެ ސިއްރެކެވެ. ހަގީގަތް އެނގުނަސް އޭނަދެކެ ދާނިޔަލްމެން ނަފްރަތެއް ނުކުރާނެއެވެ. 

"ޑެނީއަކީ ވަރަށް އަންޑަސްޓޭންޑިން ކުއްޖަކަށް ވާތީ މަންމަ ކިޔައި މިދެނީ ހަގީގަތް.. ދަރިފުޅާ، މި ހަގީގަތް އެނގުމަށްފަހު ދަރިފުޅު ބޭނުންގޮތަކަށް މަންމައާއި މެދު ދެކެންވީ... މަންމައަކީ ކުށްވެރިއެއް.. ވަރަށް ބޮޑު ކުށްވެރިއެއް........" ދީނާ މާޒީގެ ސަފްހާތައް ހުޅުވައިލިއިރު ދެމީހުންނަށްގޮސް ތިބެވުނީ ރަށު ފުއްޓަރު ފަރާތާއި ދިމާލުގައެވެ. އެދިމާލުގައި ވެއްޓިގައި އޮތް ރުއްގަނޑެއްގެ މަތީގައި ދާނިޔަލް އޭނަގެ މަންމައާއި ދާދިގާތުގައި އިށީދެލައިގެން އެމޫނަށް ބަލަން އިނީ ޝައުގުވެރި ކަމާއި އެކުގައެވެ. 

މަލީކް އާއި ދީނާގެ ކައިވެނި ކުރެވުނީ މަލީކްގެ އާއިލާ އެހާ ގަބޫލުވެގެނެއްނޫނެވެ. ދީނާ ކްރިސްޓިއަން ކުއްޖެއް ކަމަށް އެމީހުން ގަބޫލުކުރާތީ އެކަމަށް އެމީހުންގެ ތަރުހީބު ނުލިބުނީއެވެ. ނަމަވެސް މަލީކްގެ ބައްޕަ އެކަމަށް ހުއްދަދެއްވީ ވަކިން އުޅެން ޝަރުތުކޮށްލާފައެވެ. މަލީކް ޖެހޭނީ ދިރިއުޅުމަށް އަމިއްލަ މަސައްކަތްކުރާށެވެ. ބައްޕަގެ މުއްސަދިކަމުން އެއްވެސް މިންވަރެއް ދޭކަށް ބައްޕަ ބޭނުމެއްނުވިއެވެ. މަލީކްއާއި ދީނާ ވަކިން އެޕާޓްމެންޓެއްގައި އުޅެންފެށުމުން އެކަން ބަލައިގަތުން ދީނާ އަކަށް ފަސޭހައެއްނުވިއެވެ. ކުރީކޮޅު ދެމަފިރިން އުޅުނީ ނިކަން ލޯބިންނެވެ. ރެސްޓޯރެންޓް ތަކުން ކައިގެން އެތަން މިތަނުގައި ބުރުޖަހަމުން ދަނިކޮށް ދީނާ ބަލިވެއިނުމުން ކަންތައް މަޑުމަޑުން ބަދަލުވަމުން ދާންފެށިއެވެ. ދީނާގެ މިނިވަންކަން ގެއްލި ތަބީއަތު ގޯސްވެ މީހާގެ ހިތްވަރުބަލިވެއްޖެއެވެ. މަލީކް އަބަދުހެން ބުރަކޮށް އުޅެމުންދަނީ އަންހެނުންނާއި ދަރިފުޅަށްޓަކައި ކަން އެނގޭއިރުވެސް ދީނާގެ ޝަކުވާ ގިނަވާންފެށިއެވެ. އެހެންއުޅެނިކޮށް ލިއޯން ލިބުމަށްފަހު ހާލަތު އިތުރަށް ގޯސްވިއެވެ. ލިއޯން ދާދި ކުޑައިރު ނަހުޔާންއަށް ބަލިވެއިނުމުން ދީނާ މޮޔަވާވަރުވިއެވެ. ރުޅިގަދަވެގެން މަލީކް ގަޔަށް ބޮލަށް އަރާ ފީކުކުޅެއްހެން އުޅޭ ދުވަސް ގިނަވާންފެށިއެވެ. ލިބޭ ލާރިކޮޅުން ކޮންމެގޮތެއް ހަދާފައިވެސް މަލީކް ގެއަށް ނޯކަރަކު ހޯދިއެވެ. އަތްގާތް ކޮށްލަދީ ކައްކާ ސާފުކޮށްދޭނެ މީހަކު ހުރިނަމަވެސް ދަރިފުޅު ބެލުން ދީނާއަށް ވީ ނުކުޅަދާނަވާފަދަ މަސައްކަތަ ކަށެވެ. މަލީކް އަވަދިނެތި އުޅެފައި ގެއަށް އައުމުން ދީނާގެ ފަރާތުން ހިތްހަމަޖެހުމެއް ލިބުމުގެ ބަދަލުގައި ތަހައްމަލު ކުރަން ޖެހުނީ ޝަކުވާއާއި ހިތްދަތިކަމެވެ.

ލިއޯން އެހެން ކުދިންނާއި މުޅިން ތަފާތެވެ. ލިއޯން އޯޓިސްޓިކް ކުއްޖެއް ކަމަށް ޑޮކްޓަރު ނިންމެވީ އުޅުން ހުންނަ ގޮތުންނާއި ވާހަކަނުދައްކާތީ ހަދަން ޖެހޭ ޓެސްޓްތައް ހެދުމަށްފަހުގައެވެ. ލިއޯން ނަހުޔާން އަކަށް ޝައުގެއް ނުހުރެއެވެ. ކޮއްކޮއާއި މެދު ކަންތައް ކުރަނީ ލިއޯން ގެންގުޅޭ ބުދާއި ދޭތެރޭ ކަންތައް ކުރާ އުސޫލުންނެވެ. ބުދު ބިންމައްޗަށް ޖަހާލާ ގޮތަށް އޭނަ ބޭނުންވަނީ ކޮއްކޮވެސް ބިންމައްޗަށް ހޫރާލާށެވެ. އަބަދުހެން އުޅެނީ ނަހުޔާންއަށް ގޯނާކޮށް އުދަގޫ ކުރުމަށެވެ. އަނިޔާއެއް ކޮށްފާނެތީ ދީނާ ހުންނަން ޖެހެނީ ފާރައަށެވެ. އެކަމަށް ހުރަސް އެޅީމަ ލިއޯން ދެކެނީ އޭނަ ބާކީވަނީކަމަށެވެ. މަންމަ ކޮއްކޮ ދެކެ ބޮޑަށް ލޯބިވަނީ ކަމުގައެވެ. ދާނިޔަލް ވިހަންވާއިރަށް ލިއޯން ސިޔާސަކަމުންނާއި ބޮޑާހާކާވަރުން ދީނާ ގެ ރުޅި ފިނިވާވަގުތެއް ނުދެއެވެ. އޭރު މަލީކް ގެއަށް ދުރުވުން މާ މަދުކޮށްލައްވައިފި އެވެ. މަލީކް އަވަދިނެތި އުޅުއްވާފައި ގެއަށް ވަންނަވާ އަރާމުކޮށްލަން ޖެހޭ ގަޑީގައިވެސް ދީނާގެ ޝަކުވާތަކުގެ ސަބަބުން ޖެހެނީ ދަރިންނަށް ކަންތައް ކޮށްދޭށެވެ. ލިއޯން ބަލިކުއްޖަކަށްވީމަ އޭނަ ފެންވަރުވާ ހުރިހާކަމެއް ކުރުވަނީ މަލީކްއެވެ. ދީނާ ރުޅިގަދަވަގެން ބައެއްފަހަރު ރޫޅޭވަރުވެ ލިއޯންގެ ގައިގައި ހިފާ ތަޅުވައިގަނެއެވެ. ލިއޯން އާއި ދިމާލަށް ބާރަށް އަޑުލާން ޖެހެއެވެ. އެގޮތަށް ހަދާފައިވެސް ރޭގަނޑު ދަރިފުޅު ނިދުމުން އެ މައުސޫމް މޫނަށް ބަލާފައި ދީނާއަށް ރޮވެއެވެ. 

މޫނުކޮޅުގައި ބޮސްދީފައި މަންމަ އެހެން ނަހަދާނެ ކަމަށް އެތައް ވައުދެއްވެއެވެ. މާފަށް އެދެއެވެ. މަންމަ ބައެއްފަހަރު ރުޅިގަދަވަނީ ބައްޕަ ކަންތައް ކުރާގޮތުންނޭ ބުނެ ލިއޯންގެނެސް މޭގައި ޖައްސާލައިގެން އެތައް އިރެއްވާންދެން އޮންނައިރު އަނެއްފަރާތުގައި ނަހުޔާން ނިދާލާފައި އޮވެއެވެ. އެހެން އޮންނަ އިރު ބައެއްފަހަރު ބަނޑުގައިވާ ދަރިފުޅު ތޮޅޭކަމުގެ އިހުސާސް ކުރެވުމުން ދީނާގެ ހިތް ލޯބިން ފުރެއެވެ.

ދީނާގެ ކުދިންނަކީ އޭނަގެ ދުނިޔެއެވެ. ހަށިގަނޑުގެ އެއްބަޔެވެ. ނަމަވެސް ރުޅިގަދަވާ ވަގުތު ލިއޯން އާއި ދޭތެރޭގައި ހަރުކަށި ކޮށް ކަންތައް ކުރުން ހުއްޓައެއް ނުލެވުނެވެ. ބައެއްފަހަރު ނަގާފައި ސޯފާއަށް އެއްލައިލެވެނީ ތަންކޮޅެއް ބާރަށެވެ. އެގޮތަށް އެއްދުވަހު ރުޅިގަދަވެ އަމިއްލަ ނަފުސް ކޮންޓްރޯލް ނުކުރެވި ހުރި ވަގުތެއްގައި ކޮށްޕައިލެވުނީމަ ލިއޯންގެ ބޯ އެނދުގައި ޖެހި ރޯން ފެށުމުން ދީނާ ދަރިފުޅަށްވުރެ ބާރަށް ރުޔެވެ. ލިއޯންގެ ކުޑަ ހަށިގަނޑުގެ އެތަން މިތާގައި ބޮސްދީފައި މާފަށް އެދުނެވެ. ދުވަހަކު އަނިޔާއެއް ވާފަދަ ކަމެއް ނުކުރަން ދީނާ އެތައް ފަހަރަކު ވައުދުވިއެވެ. އެރޭ ލިއޯންގެ މޫނު ތެމުނީ ދީނާގެ ކަރުނަތަކުންނެވެ. އެފަހުން ދީނާ އިސްލާހުވިއެވެ.

އެއީ ވިއްސާރަ ތޫފާނީ ރެއެކެވެ. ވިދުވަރުގެ އަލިން ލޯތައް ކަނުކޮށްލާއިރު ގުގުރީގެ ހަރުއަޑުން ދޮރުފަތްތަކަށް ދާންދެން ތެޅިލައެވެ. ގޭގައި ގެންގުޅޭ މީހާ ބަލިވެގެން ނާދެވުމުން ދީނާ އުޅެންޖެހުނީ ދުވާލު ހަތަރުދަމު ތަނެއްގައި ބުރަކަށި ޖައްސާނުލާ އަވަދިނެތިއެވެ. ދާނިޔަލްއަށް ގާތުން ދޭންއުޅުނީމަ ލިއޯންގެ ކަންތައް ބޮޑުކަމުން އެކަމެއް ނުކުރެވިގެން ދާނިޔަލް ބާރަކަށް ރޯންފެށުމުން އެ އަޑު ވާރޭގެ ތެރެއަށް ގެނބުނެވެ. އެއަށްވުރެ ކަންތައް ބޮޑުވީ ގެއިން ކަރަންޓް ކެނޑުނީމައެވެ. އިމަރޖެންސީ ލައިޓްތައް ހަރުކުރަން މަލީކްގާތުގައި ދީނާއަށް ބުނެވުނު އަދަދެއް އޭނަ ހަނދާނެއްނެތެވެ.

"މަންމީ......" ލިއޯން މަޑުމަޑުން ގޮވާލިއިރު އެތުއްތު އަޑު ބިރުންގޮސް ރޫރޫއެޅިއެވެ.

ކޮމެންޓް 0