އެއީ ދޮރުފޮތިގަނޑުގައި ވައި އަޅުވާލުމުން ހީވިގޮތެއްކަން ޔަގީންވެފައި އައިޒާ ޓިޝޫ ފޮށިނެގިއެވެ. އައިޒާ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައިރު ތުންފަތުގައި ދައިގެންފައިވެއެވެ. އައިޒާއަށް ބަލައިލެވުނީ އެއްކަނުގައި ހުރި ޑަސްބިނާއި ދިމާލަށެވެ. ޓިޝޫތަކުން ޑަސްބިން ފުރާލާފައިވި ނަމަވެސް އެ ހާވާލި މީހަކަށް ވަގުތުން އޭނަގެ ސިއްރު ދެނެގެނެވިދާނެއެވެ. އައިޒާ ހެދުމުގެ ރޫތައް ފިލުވަން އަތްޖައްސާލާއިރަށް ހިތުގައިވި ބިރުވެރިކަން ބޮޑުވިއެވެ. ތުނި ބަނޑާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަގެ ބަނޑުގައި ވަނީ ކާކުގެ ދަރިއެއް ހެއްޔެވެ؟ ދާނިޔަލްގެ ވެއްޖެއްޔާ ކިހިނެއްވާނެ ބާވައެވެ. އައިޒާގެ އެސްފިޔަތަކުގައި ބޮނޑިވަމުން ދިޔަ ކަރުނަތައް ތުރުތުރުލާފައި ކޯތާފަތިން ފިރުކެން ފެށިއެވެ.

ނަހުޔާން ކާރުން ފައިބައިގެން މަޑުހިގުމެއްގައި ގެއަށް ވަންނަން އައިއިރު އައިޒާ އޭނަގެ ގާތުގައި ބުނުމަކާއި ނުލައި ގެއަށް އައީތީ އެކަމާއި ވިސްނިއެވެ. އައިޒާ ބަލިވީހެއްޔެވެ؟ ނޫނީ އެހެން ކަމަކާއި ވިސްނަނީބާވައެވެ. އައިޒާގެ ޚިދުމަތްތެރި ކަމުން ނަހުޔާންވެސް ހުންނަނީ ރަނގަޅު ފިރިއަކަށް ވާން ނިންމައިގެންނެވެ. ފިރިއެއްގެ ވާޖިބު އަދާކުރަން އޭނަ ފަހެއްނުޖެހެއެވެ. ދެރައީ މިވަރަށް މަސައްކަތް ކުރާއިރުވެސް އެހިތުގައި ލޯބި ކިޔާ އިހުސާސެއް ނުއުފެދޭކަމެވެ. އަދި ދާނިޔަލް އެހާ ބޮޑަށް އައިޒާ ދެކެ ނުރުހޭތީ އެކަމާއި މެދުވެސް ނަހުޔާން ވިސްނިއެވެ.

ނަހުޔާން ކޮޓަރީގެ ދޮރު ހުޅުވައިލި އިރު އައިޒާ ހުރީ އަތުގެ އިނގިލި ތަކާއި ކުޅެލަ ކުޅެލާ ދެކޮޅަށް ހިގާށެވެ.

"އައިޒާ؟" ނަހުޔާންގެ އަޑު އިވުމާއި އެކު އައިޒާ ސިއްސައިގެން ދިޔައީ ބިރުގެންފައިވާ މުސަޅެއް ހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނަ ބަލައިލި ގޮތުން ނަހުޔާންގެ ހިތުގައި އެތައް ޝައްކެއް އުފެދުނެވެ.

"ނަ... ނަހުޔާން... ހާދަ އަވަހަކަށް ގެއަށް އައީ...." އައިޒާ އަޅައިގަންނަމުން ވާހަކަ ދައްކަމުން ގޮސް މޭޒުމަތީގައި ހުރި އެއްޗެހި ތަރުތީބު ކުރަން ފެށިއެވެ.

"އެކްޗުއަލީ އެހެން ދުވަހަށްވުރެ މާ ލަހުން މިއަދު ގެއަށް މިއައީ.. އާރ ޔޫ އޯލްރައިޓް......." ނަހުޔާންގެ އަޑުން ކޮންމެވެސް ވަރަކަށް ހަމްދަރުދީވިއެވެ.

"ބަލީތަ؟ މޫނު ތިހިރީ ދުޅަވެ ރަތްއަރާފަ އެއްނު، އެއްވެސް މައްސަލައެއް އުޅެނީތަ؟" ނަހުޔާން އޯގާތެރިކަމާއިއެކު އަހައިލި ގޮތަކުން އަދި ބޮޑަށް އައިޒާގެ ބަސްހުސްވިއެވެ. ޖަވާބުނުދީ ބަލަން ހުރެވުނު ގޮތަކުން ހީވީ ހުވަފެނެއްގައި ހުރި ކުއްޖެއްހެނެވެ. ނަހުޔާންގެ ފުން ދެލޮލުން އައިޒާއަށް ބަލަން ހުރިގޮތަކުން ހީވަނީ އައިޒާގެ ސިކުނޑީގައިވާ ހާ އެއްޗެއް އެނގިގެން ހުރިހެންނެވެ. އެހާ ތޫނު ނަޒަރެކެވެ. އައިޒާގެ ހިތް ބިރުން އެފުށްމިފުށަށް ޖެހޭވަރުވިއެވެ. ނަހުޔާން މި ދަރިފުޅާއި މެދު ދެކޭނެ ގޮތަކާއި ބަނޑުގައިވަނީ ކާކުގެ ކުއްޖެއްކަން ކަށަވަރުނުވާތީއެވެ. އައިޒާވަނީ ނަހުޔާން އާއި ދާނިޔަލް އާއި ދޭތެރޭގައި ދެކެވުނު ވާހަކަކޮޅެއް އަހާފައެވެ. ދަރިއެއް ހޯދުމާއިބެހޭ ވާހަކައެއް ދާނިޔަލް ދެއްކުމުން އޭނަ މެއްސެއް ފޮޅުވައިލާހެން އެ ވާހަކަވެސް އެއްފަރާތްކޮށްލީ ދަރިއަކު ހޯދުން އަދި މާ އަވަސްކަމަށް ބުނެފައެވެ.

"އައިޒާ...." ނަހުޔާން އައިޒާގެ ދެކޮނޑުގައި ހިފާފައި މަޑުމަޑުން ހަލުވައިލި އެވެ.

"އައި... އައި...އިޓްސް ނަތިން...." އައިޒާ އިސްއޮބައިލި އިރު ލަދުން މޫނު ރަތްވެފައެވެ. އޭނަގެ ފިރިމީހާ ކޮންމެ ފަދަމީހަކަށް ވިޔަސް އެއީ ދޮގުވެރިއެއްނޫނެވެ. ވަފާތެރި މީހެކެވެ.

"މަ މިތާ މިއޮތްހާއިރު ވާންދެން ވާހަކަދައްކަން ހުރީ ކަމަކާ ނުލައެއްނޫން، މަގޭ ވަގުތު ބޭކާރު ކުރަންވިއްޔަ ތިއުޅެނީ، ޑު ނޮޓް ލައި ޓު މީ...." ނަހުޔާން ބޭނުންވި ވަރަށް ވުރެ ބާރަށް ހަރުކަށި ގޮތަކަށް ބުނެވުނެވެ. ބޭނުން ނުވިޔަސް އޭނަހުރީ ރުންކުރުވާގޮތްވެފައެވެ. އިތުރަށް އޮޅުވާލާކަށް އައިޒާ އަކަށް ނުކެރުނެވެ.

"އައިމް ޕްރެގްނެންޓް...." އައިޒާގެ ދުލުން އެ ލަފުޒުތައް ބޭރުވީ އުދަގުލުންނެވެ. އެއާއި އެކު ދެލޯމަރާލަމުން ނޭވާ ހިފަހައްޓާލެވުނެވެ.

"ވަޓް...." ނަހުޔާން ސިހުނު ގޮތަކަށް ކުއްލި އަކަށް ބުނެލުމުން އައިޒާގެ ދެލޯމަރާ ތަގުޅިކޮށްލީ ވޭނީގޮތަކަށެވެ. "އިޓްސް އޯވަރ" އައިޒާ ހިތާމައާއި އެކު ވިސްނައިލި އެވެ.

"އަދި އެއްފަހަރު ބުނެބަލަ އައިޒާ، އަހަންނަށް އިވުނީ ރަނގަޅަށްތަ؟ " ނަހުޔާން ގެ އަޑުއިވުމުން އައިޒާ ދެލޯހުޅުވާލާފައި އޭނަގެ ކުރިމަތީގައި ހުރި ރީތި ޒުވާނާއަށް ނަޒަރު ހުއްޓާލިއެވެ. އެ ރީތި އެސްފިޔަތަކުގައި ފޮރުވިފައިވާ ކަރުނަތައް ދެންމެ ދެންމެ ފައިބައިގެންފާނެހެން ހީވިއެވެ. ނަހުޔާންގެ ސީރިޔަސް މިޒާޖުގެ ކުލަވަރެއްނެތެވެ. ދެކޯތާފަތަށް އެޅުނު އަޑިކޮޅާއިއެކު އެއޮތް ހީލިގޮތަކުން އައިޒާގެ ހިތް ފިދާވިއެވެ. އެސްފިޔަޖަހައިލަން ނޭގިފައި ބަލަން ހުރެވުނުއިރު ހިތުގައި އެތައް ޚިޔާލެއް ފިޔަޖަހަމުން ދިޔައެވެ. އައިޒާ ދެވަނަ ފަހަރަށް ވެސް އެ ޚަބަރު ދިންއިރު އައިޒާ އަދިވެސް ހުރީ ނަހުޔާން އެކަން ބަލައިގަތްގޮތް ގަބޫލުކުރުން ދަތިވެފައެވެ. ކުރީ ދުވަހު އެހެން ބުނެލާފައި ނަހުޔާން އެހާ ވަރުން ދަރިއަކު ބޭނުންވަނީ ހެއްޔެވެ؟

"އައިޒާއަށް އެނގޭތަ ތި ޚަބަރުން އަހަރެން އުފާވިވަރު...." ނަހުޔާން އައިޒާގެ ކޯތާފަތް، ދެލޯ އަދި ނިތްކުރީގައި ބޮސްދިނުމަށްފަހު ކަނދުރާގައި މޫނު ޖައްސައިލި އިރު އުފާވެރި ކަމުގެ ކަރުނަ ދެލޮގައިވިދިއެވެ. އައިޒާ ހުރީ ހިރިލާން ނޭގި، ހިތް ގުޑާފައެވެ.

"އަވަރ ޗައިލްޑް....އަވަރ ޗައިލްޑް އައިޒާ.....މައި ލިޓްލް ހާރޓް..." ނަހުޔާން އައިޒާގެ ކަންފަތްކާރީ ބުނަމުން ދިޔަ ފޮނި ފޮނި ސިއްރުތަކުން އައިޒާގެ ހިތް ހަލާކުވުން ނޫންކަމެއް ނުވިއެވެ.

"މައި ވައިފް ތެންކިއު...." ނަހުޔާންގެ އެ ޖުމްލައާއި އެކު އައިޒާ ނަހުޔާންގެ ޓީޝާޓުގައި މޫނުފޮރުވައިލިއެވެ. އެދެލޮލުން އޮހުނީ އުފާވެރިކަމުގެ ކަރުނައެއް ނޫނެވެ. ވޭނީ އަދި ކުށްވެރި އިހުސާސްތަކުން ހިތްކުދިކުދި ވާވަރުވިއެވެ. އޭނަ އެހާ ބޮޑަށް ނަހުޔާންދެކެ ލޯބިވާއިރު ނަހުޔާންގެ ހިތް އޭނައަށް ލެބުމަކީ އެކަށީގެންވާ ކަމެއްކަން އެނގިއްޖެއެވެ. އެފަދައިން އޭނަގެ މާޒީގެ ސަބަބުން އެކަމަށް ހިޔަނި އެޅިފައިވެއެވެ. ނަހުޔާންއަށް ހަގީގަތް އެނގޭނެނަމަ ވަގުތުން އޭނަ ގެއިން ނެރެލާނެއެވެ. ކުޑަ ގަދަރެއްވެސް ނުކުރާނެއެވެ. އިއްފަތްތެރިކުއްޖެއް ނޫންކަން އެނގުމާއިއެކުގައިވެސް ޝަކުވާއެއްނެތި ނަހުޔާން އަންބެއްގެ މަގާމު ދިނީ ހާދަ މާތްވީމައެވެ. އައިޒާގެ ހިތަށް ފިނިކަމެއްލިބޭނީ ކިހިނެއް ހެއްޔެވެ؟ ކައިވެނީގެ ކުރިން ލޯބިވާކަމަށް ހީކޮށް މީހަކާއިއެކީގައި ގުޅުން ހިންގުނުކަމުގެ މޮޔަވާވަރުވިއެވެ. އައިޒާ ހިތާހިތުން މާފަށް އެދުނެވެ. މަޖުބޫރީ ހާލަތުގައި ކުރެވުނު ކުށަކަށްވިޔަސް އިންތިހާއަށް ހިތާމަކުރިއެވެ.

އައިޒާއަށް ޔަގީންވީ ނަހުޔާން ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާކަމެވެ. އޭނަދެކެ އެފަދަ އިހުސާސްތަކެއް ނެތަސް ނަހުޔާންގެ އަމަލު ހުރިގޮތުން އެވަރު ޔަގީންކުރެވުނެވެ.

ދާނިޔަލް އެމްބީބީއެސް ހެދުމަށްފަހު އެނެސްތީޒިއާ ހަދަން ގަސްތުކުރީ އެއީ ޚާއްސަވާނެ އެންމެ ފަސޭހަ ދާއިރާކަމަށް ވިސްނާފައެވެ. ނަމަވެސް އޮޕަރޭޝަންތަކަށް ވަންނަން ޖެހޭނެކަން ހިތަށް އަރާފައި ވަކި ހިސާބަކުން ބަހަނާއެއް ދައްކައިލުމަށްފަހު ކިޔެވުން ފުރިހަމަނުކޮށް އޭނަ މާލެއައެވެ. ވަޒީފާ ހަމަޖެހުނީ އާދައިގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައެވެ. ދާނިޔަލް މަޝްހޫރުވީ އޭނަގެ ރީތިކަމުންނެވެ. ކިތަންމެ ރަނގަޅަށް މައުލޫމާތު ހުރެފައި ގާބިލު ނަމަވެސް ޝައުގެއް ނެތީމަ އޭނަ ބަލިމީހުންނާއި ދޭތެރޭގައި ކަންތައް ކުރާގޮތުން ގިނަމީހުންގެ ހިތް ހަމައެއް ނުޖެހެއެވެ. އެ ކޮޓަރިއަށް ވަންނައިރަށް ދާނިޔަލް އެމީހަކު ރިފަރ ކޮށްލަނީ ޚާއްސަ މީހަކަށެވެ. ހުންއައިސްފައިވެސް ތިންދުވަސްވެއްޖެއްޔާ އެތެރެހަށީގެ ޑޮކްޓަރަކަށެވެ. ބަނޑުގައި ރިއްސާލައިފިއްޔާ އޮޕަރޭޝަން ޑޮކްޓަރަކަށް ދާންވީއެވެ. ކަރުގައި ރިއްސައިގެން ދިޔައްޔާ އީއެންޓީއަށް، މައިގްރެއިން ވެއްޖެއްޔާ ނާރުގެ ޑޮކްޓަރަކަށް ފޮނުވާނެއެވެ. އެގޮތަށް އޭނައަށް ދައްކަން އަންނަ ގިނަ ބަލިމީހުން ރިފަރކުރާވަރުން އެންމެން ތިބެނީ ކިޔާނެ އެއްޗެއް ނޭގިފައެވެ. ދާނިޔަލް ފަރުވާކުރަން ޖެހެނީ މަދު މީހަކަށެވެ. އެވެސް އެމީހެއްގެ ގައިގައި އަތްނުލައެވެ. ސްޓެތޯ ޖައްސާލާއިރު މީހާގެ ގައިގާ އަތްނުލާން އެހާ ފަރުވާތެރިވެ އޭގެ މެދުގައި ދެއިނގިލިން ހިފަހައްޓާލައިގެން އިނދެއެވެ. ކޮޓަރިއަށް ވަންނަން ޖެހެނީ ޖެހިގެން ހުންނަ ކޮޓަރިން ބީޕީއިން ފެށިގެން އޮކްސިޖަން ހުރިވަރަށް ދާންދެން ބަލާފައެވެ. ދާނިޔަލް ފަރުވާކުޑަވިޔަސް ދައްކަން އަންނަ އަންހެންކުދިންގެ ލިސްޓު ދިގުވިއެވެ. ކޫސަނި ބަހަނާތަކުގައި އެކުދިން ވަންނަނީ އެކަނި ދާނިޔަލްގެ ރީތިކަން ދެކެލައިގެން ހިތްހަމަޖައްސާލަން ކަން ނޭގެއެވެ.

ދާނިޔަލް މިއަދު ސަލާމް ފޮނުވާފައި ޑިއުޓީއަށް ނުދެއެވެ. އައިޒާ ގެއަށް މެންދުރު އައިގޮތަށް ކައިގެން ފެންޑާއަށް ނުކުތްއިރު ދާނިޔަލް ހުރީ ކުކީ ފެންވަރުވަން ފެންޑާގެ އެއްފަރާތުގައި ވާ ގޮފިގަނޑެއްގެ މަތީގައި ބައިންދައިގެންނެވެ. ދާނިޔަލް ރަތްކުލައިގެ ޓީޝާޓަކާއި، ދިގު ސޯޓެއްލައިގެން ހުރިއިރު އެމޫނުމަތިން ފެންނަނީ ހަމަޖެހިލާފައި ހުރިކަމެވެ.

"ކޮންގްރާ........" ދާނިޔަލް ގެ ކަޅުކުލަ ގަދަ ބުމަ އަރުވައިލަމުން ހީލައިފިއެވެ. ދާނިޔަލްގެ ޖުމްލައިން އައިޒާގެ ހިތް ބިރުން ވިރޭގޮތްވިއެވެ. ދާނިޔަލް އެކުރީ ޖެއްސުމެއްބާވައެވެ. އައިޒާ ގެ ބަނޑުގައިވާ ދަރިފުޅާއިމެދު އޭނައަށް ޝައްކުކުރެވޭނެ ބާވައެވެ. ދާނިޔަލް ގެ ތޫނު ނަޒަރުން އައިޒާއަށް ހީވީ ދާނިޔަލްއަށް ހުރިހާކަމެއް އެނގިފައި ހުރިހެންނެވެ.

"ފޮނިކަމުން އަނގައިން ނުބުނެވެނީތަ؟ އަހަރެން ހިތަށް އަރާ އައިޒާއަށް ދަރިފުޅުގެ ބައްޕަ ކަށަވަރުވާނެ ބާވައޭ..... އައިޒާ ބުނަން ރަނގަޅު ވާހަކައެއް، އަހަންނަށް އެނގޭ އަހަރެން ބޭބެގެ ވައިފް ގާތަށް ވަދެގެން އެކުރީ ކުށެއްކަން، އަދި އަހަރެން ބޭނުމެއްނޫން މުޅި އުމުރަށް ގިލްޓީވާކަށް، އެހެންވެ މިބުނަނީ އައިޒާ ޖެހޭނީ ތިކުއްޖާ އެބޯޓްކޮށްލަން....." ދާނިޔަލް ކިތަންމެ ހަމަޖެހިލާފައި ވާހަކަ ދެއްކިޔަސް އިންޒާރެއް ދިންހެން ހީވިއެވެ. އައިޒާ ޖެހި ބުދެއްހެން ހުރިއިރު އޭނައަށް ނުރޮވުނީ ކިރިޔާއެވެ. ދާނިޔަލް އެފެށީ ކޮން ވާހަކައެއް ހެއްޔެވެ؟ އެފަދަ ގޮތަކަށް ވިސްނަން ޖެހޭހެއްޔެވެ؟ ޚުދު އޭނައަށްވެސް ދަރިފުޅުގެ ބައްޕަ ޔަގީން ވަނީއެއް ނޫނެވެ. ނަމަވެސް އެއީ ކޮންމެ މީހެއްގެ ދަރިއަކަށް ވިޔަސް އޭނަ ދެވަނަ ފާފައެއް ނުކުރާނެއެވެ. ދާނިޔަލްއަށް އެފަދަ ފާފައެއްކުރިޔަކަ ނުދޭނެއެވެ.

"ނޫނީ އަހަރެން ނަހުޔާން ގާތުގައި ބުނަންވީތަ؟ އަހަރެން ޖެހިލުމެއް ނުވޭ.... އަހަންނަށް ޔަގީން ނަހުޔާންއަށް އެނގޭއިރަށް މަޖުބޫރުކުރާނެކަން.... ސޯ ބޭބީ، ބެޓަރ ޑޫ ވަޓް އައި ސޭ...." ދާނިޔަލް ކުކީ ގަޔަށް ފެން ސްޕްރޭކުރަމުން ގޮސް އައިޒާގެ ގަޔަށް ފެން ޖެހިއެވެ.

"ދާނިޔަލް...." އައިޒާ ލައިގެން ހުރި އޮފީސް ހެދުން ތެމުމުން އައިޒާއަށް ހަޅޭއްލަވައިގަނެވުނެވެ.

"ސޮރީ......" ދާނިޔަލް ކަންބޮޑުވިކަމަށް ހެދުނެވެ.

"ޔޫ އާރ ނޮޓް...." އައިޒާގެ ރީތި ދެލޮލުން ނަފްރަތުގެ ކަނި ބުރާލައިފި އެވެ. ދާނިޔަލް ހުރީ މަޖާވެލާފައެވެ. އައިޒާ މިގޮތަށް ރުޅިއަރުވައިލެވުމުން ހިތަށް ފިނިކަމެއް ލިބެނީ ކީއްވެގެން ކަމެއް ނޭގެއެވެ. ބައެއްފަހަރު އަމިއްލަ ނަފުސް މިކަމުން ދުރުވެގަންނަން ވިސްނައިދެއެވެ. ކޮންމެ ގޮތެއް ވިޔަސް ބޭބެގެ އަންހެނުންނަށް ވުމަށްފަހު ފަހަރިއެއްގެ މަގާމު ނުރުހުމުގައިވެސް ދޭންޖެހޭނެކަމަށް ގަބޫލު ކުރާފަހަރު އާދެއެވެ. ޝައިތާނާ މަގުދައްކައިގެން އޭނަވަނީ އެއްފަހަރު އައިޒާގެ ފަރާތުން އުފާ ހޯދާފައެވެ. ނަމަވެސް ޔަގީނުންވެސް ދެވަނަ ފަހަރަށް އޭނަ އެފަދަ ފާފައަކަށް އަރައެއް ނުގަންނާނެއެވެ. ނަހުޔާންއަށް އެނގޭ ދުވަހަކުން އޭނަ އާއިމެދު ހިތްނުބައިވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް އައިޒާ އެންމެ ކަމެއްކުރަން ޖެހޭނެއެވެ.

ދާނިޔަލް ކޮންމެ އަގެއް ދީފައި ނަމަވެސް އެ ދަރިފުޅަށް ދުނިޔެއަށް ނޭވާލެވުނަކަ ނުދޭނެއެވެ. ނަސްލު އޮޅުވާލުންފަދަ ފާފައެއް އުމުރަށް ދެމިގެން ދާނެއެވެ. ދުވަހަކު އެކަމުން ސަލާމަތެއްނުވެވޭނެއެވެ.

މަލީކް އެގޭތެރޭގައި އަލަށް އިމާރާތްކުރި ގެ ހެދުމުގެ މަސައްކަތްވަނީ ގާތްގަނޑަކަށް ނިމިފައެވެ. ދާނިޔަލް އެގޭގެ ޓެރެސްގެ ރެއިލިންގައި އަތްއަޅުވާލައިގެން ބޭރަށް ބަލަން ހުރިއިރު އުޑުގައި ވިދާ ތަރިތަކަށް ބަލަން ހުރެވުނެވެ. އޭނަ ހުރި ހިސާބާއި ކާރީގައި އޮތް ޕޫލްގައި ދުވަސްކޮޅަކުން ފެންވެރޭނެކަން ހިތަށް އަރާފައިވެސް ޚިޔާލު ދަތުރުކުރީ އައިޒާ އާއި ހަމަޔަށެވެ. އައިޒާ ބިކިނީ އެއްލައިގެން ފެނުޕަރީއެއްހެން އެ ޕޫލްގައި އުޅޭ މަންޒަރު ހިތަށް ސިފަކުރެވިފައި ދާނިޔަލް އަތުން ރެއިލިންގައި ޖެހިއެވެ.

"ޑޭމިޓް. އެއީ ދޮންބެގެ ވައިފްކަން ނޭގެނީތަ؟ " ދާނިޔަލްގެ ހިތް އޭނައަށް ވިސްނައިދިނެވެ.

އައިޒާ އާއި ބެހޭގޮތުން ވިސްނިވަރަކަށް އޭނަގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އޭނަގެ ފަހަރިއެއްގެ މަގާމަށް އައިޒާ އައުމަށްފަހު މިގޮތަށް އުދަގޫކުރުމުގެ ނުބައިކަން އެންމެފަހުން ހިތަށް ގެނެވިއްޖެއެވެ. ނޫނެކެވެ. އޭނަ ދެން ފަހަރެއްގައި ވެސް އައިޒާ އާއި ދިމާލަށް ބަލައިވެސް ނުލާނެއެވެ. ދަރިފުޅު ކޮންމެ މީހެއްގެ ވިޔަސް އޭނަ އެކުއްޖަކު ނައްތާލަން ނުބުނާނެއެވެ. އިތުރަށް ފާފަކުރުމުގެ މާނައެއްނެތެވެ. އަދި ނަހުޔާންއަށް އެ ހަގީގަތް އެނގި ސިކުނޑި ހާސްކުރުމުގެ މާނައެއްނެތެވެ. ދަރިފުޅު ނަހުޔާންގެ ކުއްޖަކަށް ވެފައި ނަހުޔާން އާއި އައިޒާ ވަކިވެއްޖެއްޔާ އެދަރިފުޅަށް ލިބޭ ކޮންފަދަ ބޮޑު ނިކަމެތި ކަމަކަށް ވާނެހެއްޔެވެ؟ ވެދިޔަތަނެއް އަނބުރާ ނުގެނެވޭނެއެވެ. ނަމަވެސް އޭނަ އަޒުމް ކަނޑައެޅިއެވެ. މިއަދުން ފެށިގެން އައިޒާއަކީ ނިމިފައިވާ ސަފުހާއެކެވެ. އޭނަ އެނބުރި ފަހަތަށް ބަލައެއްނުލާނެއެވެ.

އައިޒާ ބަލިވެއިންކަން އެނގުނީއްސުރެ ނަހުޔާން އަޅާލާންފެށީ އައިޒާވެސް ހައިރާންވާހާ މިންވަރަށެވެ. ލޯބި ނުވިޔަސް އެހާވަރަށް އަޅާލާ ފިރިޔަކު ލިބުނުކަމީ އޭނަގެ ނަސީބެވެ. ނަމަވެސް ދާނިޔަލް ގެ ސަބަބުން ހުރިހާކަމެއް އެކޮޅުކޮޅުން ޖެހިގެން ހިނގައިދާނެކަމުގެ ސިގްނަލް އައިޒާއަށް ކެނޑިނޭޅި ލިބެން ފެށިއެވެ.

ނަހުޔާން ހެނދުނު ހޭލިއިރު އައިޒާ ފެންނަން ނެތެވެ. އެހާވަރަށް އޭނަ ބުނެފައިވާއިރުވެސް ނާސްތާ ތައްޔާރުކުރަން ދިޔައީކަން ނޭގެއެވެ. ނަހުޔާން ފާޚާނާއަށްވަދެ ފެންވަރާލައިގެން ތައްޔާރުވެލައިގެން ބޭރަށް ނިކުތްއިރު އައިޒާ ފެންނާކަށް ނެތެވެ. މުޅި ގެ ހޯދައިލެވިއްޖެއެވެ. ފޯނުވަނީ ނިވާލާފައެވެ. ނަހުޔާން ކަންބޮޑުވެފައި ހުރެ ނާސްތާ ކޮށްލައިގެން ޑިއުޓީއަށް ދިޔައީ އައިޒާ އިމަރޖެންސީއެއް ދިމާވެގެން އެތަނަށް ދިޔައީކަމުގެ ކުށްހީގައި ހުރެއެވެ. އައިޒާ ޑިއުޓީއަށް ނާންނަކަން އެނގުމާއިއެކު ނަހުޔާން އައިޒާ ގޮސްދާނެހެން ހީވާ ހުރިހާ ތަނެއް ޗެކްކުރިއެވެ. ނަހުޔާންގެ ހިތުގައި ޝައްކުތަކެއް އުފެދެން ފެށިއެވެ. އައިޒާގެ ކޮންމެވެސް މަޖުބޫރީއަކާއި ސިއްރެއްވާކަން ނަހުޔާން ދަނެއެވެ. އައިޒާގެ ސިއްރު ލޯބިވެރިޔަކާއި އެކުގައި ފިލައިގެން ދިޔައީ ހެއްޔެވެ؟ ވީނުވީ ނޭގިފައި ހުއްޓާ ނުދަންނަ ނަމްބަރަކުން އައިޒާ މެސެޖްކުރިއެވެ. 

"ސޮރީ މިގޮތަށް ފިލައިގެން ދާން ޖެހުނީމަ، ސޮރީ ނުބުނެވުނީމަ، މިހާރު ހަގީގަތް ބުނުމުގެ ވަގުތު ޖެހުނީ، އަހަރެންގެ ބަނޑުގައި މިވަނީ ނަހުޔާންގެ ދަރިއެއް ނޫން...." އައިޒާގެ މެސެޖުން ނަހުޔާންގެ ހުވަފެންތައް ކުނޑި ކުނޑިވެ ފައިބައިގަތެވެ. ދަރިފުޅާއި މެދު ހާދަ ފޮނި އުއްމީދުތަކެއް ކުރެވުނެވެ. އެދުވަސްދެކޭހިތުން އޭނަ ބޭގަރާރު ވާވަރުވިއެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ އައިޒާ ބުނިކަން ރަނގަޅެވެ. އެހެންނޫންނަމަ މުޅު އުމުރަށް އޭނަ ހުންނަން ޖެހުނީހީ އޮޅުމެއްގެ ތެރޭގައެވެ.

ޖުވޭދާ އިށީދެލައިގެން އިނީ ރީތިވާ މޭޒު ކައިރީގައި ހުރި ރަތްކުލައިގެ ގޮދަޑިޖެހި ގޮނޑިއެއްގައެވެ. ޖުވޭދާ އޭނަ ފަރުވާތެރިކަމާއިއެކު ގަވާއިދުން ޑައިކޮށްލައިގެން ގެންގުޅޭ އިސްތަށިގަނޑުގައި ފުނާއަޅަން އިނެވެ. ޑައިކުރެވޭތީ ޝުކުރުހުއްޓެވެ. ނުރަތައް ފޮރުވުމުގައި ކާމިޔާބު ކުރެވޭތީ އޭނަ ދައްކަނީ އުމުރަށް ވުރެ މާ ހަގުކޮށެވެ. މުށިކުލައިގެ ބޮޑު ދެލޮލުގެ ކާރީގައި ކޮންމެވެސް ވަރަކަށް ރޫޖެހިފައި ހުރުމާއިއެކު ލޯގަނޑުން ރިފްލެކްޓްވާ ސޫރައިން އޭނަގެ ކުރީގެ ރީތިކަން ފަނޑުވެފައިވާކަމަށް ދެއްކިއެވެ. ތަންކޮޅެއް ކުރިން ޖުވޭދާ ގެ ކާމިޔާބީއަކީ އޭނަގެ ދެގޮތެއްނުވާ ރީތި ސޫރައެވެ.

"މެޑަމް، ސައި ގެންނަންތޯ..." ރޯޒާ ދޮރުމައްޗަށް އެރިއެވެ.

"ނޫން، ނޫން ޝުކުރިއްޔާ...." ޖުވޭދާ އަވަސްއަވަހަށް ބުނެލައިފިއެވެ.

"އެކަމަކު މެޑަމް މެންދުރު ކޭން ނުބައްލަވާ އިންނެވީމަ....." ރޯޒާ ޖުވޭދާގެ ހާލާއިމެދު ކަންބޮޑުވިކަން އެ ޗައިނީޒް ދެލޮލުން ހުރަހެއްނެތި ފާޅުވެއެވެ.

"ނޫން..." ޖުވޭދާ ގެ އަޑުގައި މިފަހަރު ހަރުކަށި ކަމެއްވިއެވެ. ރޯޒާ އަވަހަށް ފަހަތަށް ދެމިގަތުމުން ޖުވޭދާ ކުރަން އިން މަސައްކަތަށް ސަމާލުކަން ދިނެވެ. މޫނު ފޭޝަލްހަދާފައި ހުރުމުން މިއަދު ވަކިން އޮފްކަމަށް ދެއްކިއެވެ. ޖުވޭދާ އަގުބޮޑު ސެންޓެއް ޖަހައިލުމަށްފަހު ތެދުވުނީ ޚިޔާލުތަކެއްގައި ހުރެއެވެ. ޖުވޭދާ މިދުވަސްކޮޅު ޑައިޓްގައި ހުރީ އޭނަގެ ބަރުދަން އިތުރުވާން ފެށުމުންނެވެ. ކަސްރަތު ކުރުން ހުއްޓާލެވުނީމަ ބަނޑުލާން ފަށައިފި އެވެ. ކޮންމެގޮތެއް ހަދާފައިވެސް ފިރިމީހާ އޭނަގެ ފަރާތަށް ލަންބަން ޖުވޭދާ ހާދަ ބޭނުންވިއެވެ. މުސްކުޅިކަމުގެ ބޮޑެތި ގެއްލުންތައް އޭނައާއި ކުރިމަތިލީ މާ އަވަހަށެވެ. އޭނަގެ މަންމަގެ ބޮލުގައި ނުރަޖެހީ ފަންސާހުން މައްޗަށް ދިޔަފަހުންނެވެ. ޖުވޭދާ މަލީކް އާއިމެދު ޚިޔާލުކުރަން ފެށިތަނާހެން ފޯނު ރިންގުވާން ފެށުމުން ޖުވޭދާ ހިނިއަތުވެއްޖެއެވެ.

"އާ....ސްޕީކް އޮފް ޑެވިލް.." ޖުވޭދާ ހިތާހިތުން ކިޔާލާފައި ފޯނަށް ޖަވާބުދިނެވެ.

"ޖުވޭދާ، އަހަރެން ބޭނުން ވާހަކައެއް ބުނެލަން، މުހިއްމު ވާހަކައެއް..." މަލީކް ޑްރެމެޓިކް ކޮށް ވާހަކަ ހުއްޓާލިއެވެ. ޖުވޭދާ ބަސްހުއްޓިފައި އިންއިރު އޭނަގެ ހިތް ތެޅިގަތީ އާދަޔާޚިލާފު ބާރަށެވެ. ސާރާގެ ވާހަކަކޮޅު ހަނދާންވިއެވެ.

"މިހާ ދުވަސްކޮށްލާފައި މަލީކްއަށް ގުޅާލާން ފުރުސަތު ލިބިލައްވައިފި ދެއްތޯ.... އެންމެ ބަހެއްވިޔަސް، ވާހަކަދައްކަން ބޭނުމީ ފޯނަކުން ނޫން، ދެމީހުން ކުރިމަތީގައި ތިބެގެން..." ޖުވޭދާ އިނީ ހިތްހަމަނުޖެހިފައެވެ. އޭނަގެ މޫނުމަތި މިވަގުތު މަލީކްއަށް ފެންނާނެނަމަ ރުޅިއައިސްފައި ހުރި މިންވަރު އެނގިލެއްވީހެވެ.

"އަހަރެން މާދަން ރަށަށް ދާނަން....."މަލީކް ވާހަކަދެއްކެވިއިރު އަންހެނެއްގެ އަޑު ދާދިކާރިން ޖުވޭދާގެ ތޫނު ކަންފަތަށް އިވުނެވެ. ޖުވޭދާ ނުރުހިފައި ހުރެ ބުމަ ހިއްލާލިއެވެ. މިހާ ފާޅުކަން ބޮޑުކޮށް އެފެއަރ ކުރިއަށް ގެންދަވަން މަލީކް އަށް ކެރުނުކަމެވެ. މަލީކް އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލުމުން ޖުވޭދާ އެނދުގެ މަގަތުގައި އިށީދެ ފޯނަށް ބަލަން އިނެވެ. މަލީކް އޭނަ މި ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނަން ބޭނުންވީ ހެއްޔެވެ؟ މަލީކް މަޑުމަޑުން އޭނައާއި ދުރަށް ދާކަމުގެ އިހުސާސްކުރެވެން ފެށިތާ ދުވަސްކޮޅެކެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ މި އާއިލާއާއި ވަކިވެގެން ނުދާނެއެވެ. މި ޝާހީ އާއިލާއާއި ވަކިވެގެން ކުރީގެ ދިރިއުޅުމަށް ދާކަށް އޭނަ އެއްގޮތަކަށްވެސް ނުދާނެއެވެ. ފަގީރު ދިރިއުޅުމަކަށް ކެތްކުރެވޭނެ ގޮތެއް ދެން ނެތެވެ.

" އިރާ، އާން އިރާ، ވީހާވެސް އަވަހަކަށް މިކައިވެނި ކުރެވުނިއްޔާ އަހަރެން ވާނީ ދާނިޔަލްގެ މަންމައަށް، އޭރުން މަލީކްއަކަށް ލާހިކެއްނޫން އަހަރެން ދުރަށް ފޮނުވާލަން...މަގޭ ކުޑަ ދަރިފުޅާ، ފަގީރުކަމަށްވުރެ މިދިރިއުޅުން މާ ރަނގަޅުވާނެ، ބަނޑު ފުރާނަ މުއްތިކުރާނެ ގޮތެއް ނެތިފައި ތިބުމަށްވުރެ ރަނގަޅުވާނީ ދާނިޔަލް އާއި ކައިވެނި ކުރިއްޔާ..." ޖުވޭދާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލިއެވެ.

ދޮންމަންމަ ޖުވޭދާ ދާނިޔަލް އާއި ވީހާވެސް އަވަހަށް ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން ދާނިޔަލް އޭނަގެ އަގުބޮޑުކާރުގައި ހޮސްޕިޓަލާއި ދިމާލަށް މިސްރާބުޖެހިއެވެ. އިރާގެ ކަމަކާއި މަޝްވަރާކުރަން ދެން އޮތީ ކޮންކަމެއް ހެއްޔެވެ؟ ދާނިޔަލް ރުޅިގަދަވެފައި ހުއްޓަސް ބައްޕަގެ ހައްގުގައިވެސް ކޮންމެވެސް ވަރަކަށް ދޮންމަންމައަށް އިހުތިރާމްކުރަން ހިތަށް ބާރުއަޅައެވެ. ހިތާހިތުން ލައުނަތްދީފައިވެސް އޭނަ އެތަނަށް އައި ސަބަބަކީ އެއީއެވެ. ޖުވޭދާ ބުނިގޮތުން އިރާ އޮތީ ދުއިސައްތަ އެއްވަނަ ކޮޓަރީގައެވެ. ދާނިޔަލް އެކޮޓަރިއާއި އަރާހަމަވީއިރު ދޮންމަންމަގެ ތޫނު އަޑުން ބާރުބާރަށް ވާހަކަދައްކާ އަޑާއި ބައްޕަ މައިތިރިބަހުން އެވާހަކަ އާއި ބައިވެރިވެއެވެ. ދާނިޔަލް ފެނުމުން މަލީކް ސޯފާގައި އޭނައާއި ގާތުގައި ދާނިޔަލް އިށީންނަން އިޝާރާތްކުރަމުން ހިނިތުންވެލިއެވެ.

"ޓޭކް އެ ސީޓު، މިހާރު ވަގުތު ޖެހުނީ މައި ސަން..." މަލީކް އިނީ ސީރިޔަސްވެފައެވެ. ދާނިޔަލް އަދަބުވެރި ކަމާއިއެކު ސޯފާގައި އިށީނީ މޮޑެލްގޮތަކަށެވެ. އޭނަ އައުމުން ތަނުގައި ހިފާލި ސެންޓުގެ ވަހުން ޖުވޭދާ އިނީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އިރާ އެލާޖިކްވާކަން އެނގޭއިރުވެސް އެކަން ހަނދާން ހުންނަހެން ހިޔެއްނުވެއެވެ. އިރާއޮތް އެނދުކާރީގައި ކާޓްން ދަމާފައި ހުރުމުން އިރާ އޮތް ހާލެއް ދާނިޔަލްއަކަށް ރޭކާނުލިއެވެ. އެންމެ ދުވަހަކު ވަދެލިގޮތަށް އިރާއަށް އޭނަ ޒިޔާރަތްކުރީ އެއްނޫނެވެ. އިރާއޮތީ ނިންދަވާ އިންޖެކްޝަނެއްގެ ބާރުގައި ނިދިފައިކަމަށް މަލީކް ބުނުއްވިއެވެ.

"ދަރިފުޅާ، މަމްގެ ފަރާތުން ހުރިހާ ވާހަކައެއް އިވިއްޖެ، އިތުރު ސުވާލެއް އަދި ބަޓް އެއް ކިޔައިގެން ނުވާނެ، ދަރިފުޅު ކުރި ވިޔާނުދާކަމުގެ ބަދަލުގައި އިރާއާއި ކާވެނިކުރަން ޖެހޭނީ، އިރާ ލަދުން ސަލާމަތްކުރަން ހުރީ ހަމަ ޑެނީ...އިރާ ހޮސްޕިޓަލުން ދޫކޮށްލާތަނުން މި ކައިވެނި ކުރެވޭނެ...." މަލީކްގެ ވާހަކަތަކުން ހިތްހަމަޖެހިފައި އިން ޖުވޭދާ ބޯ ޖަހަމުން ދިޔައެވެ.

"މޭކްސް ސެންސް ޑޭޑް، މާ ފޮޅުވާލިމީހަކަށް މެރީކުރަން ޖެއްސީމަ....." ދާނިޔަލް ރުޅިގަދަވި ނަމަވެސް ބަލަން އިނީ ތަށިމުށިޖަހާފައިވާ ބިންގަނޑާއި ދިމާލަށެވެ.

"ޑެނިއެލް....." މަލީކް ރުޅިދުރުވެގެން އިންޒާރުގެ ރާގަކަށް ގޮވާލެއްވިއެވެ.

"އަހަރެން ބުނާގޮތަށް ހަދަން ޖެހޭނީ އެންޑް ދެޓް އިޒް ފައިނަލް....ދާނިޔަލް އަމިއްލަ ނަފުސަށް ހޯދައިގަތްކަމެއް ތިއީ، ޒުވާންކަން ބޭކާރުގޮތުގައި ވޭތުނުކޮށް ދެންވެސް ހަރުދަނާ ފިރިހެނަކަށް ވެވޭތޯ ބަލަންވީނު...." މަލީކް އޭނަގެ ފިރިހެންދަރިފުޅަށް ބައްލަވައިލެއްވި އިރު ހަރުކަށިކަމާއިއެކު ލޯބިވެސް އެދެލޮލުން ފެނުނެވެ.

"އަޅުގަޑަކަށް ލޯފަން އަންހެނަކާއި ކައިވެންޏެއް ނުކުރެވޭނެ، މުޅި އުމުރު ހެލްޕްލެސް އަދި ބޭބީއެއްފަދައިން ޕެތެޓިކް މީހަކަށް ކެއަރކުރުމުގައި ވޭސްޓްކުރެވިދާނެތަ ޑޭޑް...." ދާނިޔަލް ދަތްކުނޑި ވިކައިލަމުން ކިޔާލައިފިއެވެ. އޭނަ ގެ ކޮލުގެކަށިގަނޑަށް ބާރުކޮށްލާފައި ދޫކުރަމުން ދިޔަގޮތުން ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރާކަން އެނގުނެވެ.

"އޯވް ނޮޓް ޓު ވޮރީ ސްވީޓީ.....އަހަރެން ވަނީ އިރާގެ ދެލޯކަމުގައި ޚާއްސަ މެއިޑެއް ހަމަޖައްސަން ނިންމާފައި، ދާނިޔަލް ހަމަ ފިރިމީހާގެ ނަމުގައި ހުންނަންވީ، އެއީ މައްސަލައެއްނޫން، ދާނިޔަލް ނުޖެހޭނެ އިރާގެ ޚިދުމަތުގައި ހުންނަން އިނގޭ...." ޖުވޭދާ އެދޭތެރެއަށް ވަންއިރު އެ އަޑު މާމުޔަށް ވުރެ ފޮންޏެވެ.

"ޑެނިއަލް، އިތުރު ޝަކުވާއެއްނުކުރާތި އިނގޭ...." މަލީކް ގެ އަޑުގައި އަމުރުވެރި ކަންވިއެވެ. ދާނިޔަލް ބޭނުމިއްޔާ ބައްޕަގެ ވާހަކަތަކަށް ގޮންޖެހިދާނެއެވެ. އެހެން ހަދަން ބޭނުންނުވަނީއެވެ. ހުރިހާ ނުބައި ސިފަތަކާއި އެކުގައިވެސް އިންސާނެއްގެ ރަނގަޅު ކަމެއްހުރެދާނެއެވެ.

އެހިސާބުން ނަހުޔާންވެސް އެކޮޓަރިއަށް ވަނުމުން މަލީކްގަޑިއަށް ބައްލަވާލެއްވިއެވެ. މަލީކް އެންމެނާއި މެހުމާނަކު ބައްދަލުކުރުވަން ބޭނުންވާކަމަށް ބުނުމުން ހުރިހާ އެންމެން ތިބީ ޝައްކެއްގެ މަތީގައެވެ. އަނެއްކާ އިންނަން އުޅޭ މީހާ ތައާރަފުކޮށްދޭން އުޅުއްވަނީބާވައެވެ. މަލީކް ބޭގަރާރު ކަމާއި އެކުގައި ބަލަން އިނީ ދޮރާއި ދިމާލަށެވެ. ޖުވޭދާއިނީ ހިތްދަތިވެ ލޮލުން ކަރުނަ ހިލިފައެވެ.

އެވަގުތު އެކޮޓަރީގެ ދޮރު ހުޅުވާލާފައިވަން މީހަކު ފެނުމުން ނަހުޔާން އާއި ދާނިޔަލްވެސް ސިހިގެން ދިޔައެވެ. އަދި ފަހަތުން ފަނޑު ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލައިގެން ހުރެ ވަނީ ނިކަން ރީތި އަންހެންކުއްޖެކެވެ. ހީވީ އެކުއްޖާގެ ދޮންކަމުން ކޮޓަރިއަށް އަލިވެގެން ދިޔަހެންނެވެ. އެހާ ތޫނު ދެލޮލެވެ. އިސްކޮޅާއި އެއްވަރަށް ރޫފައެޅިފައިވާއިރު ކުޑަކޮށް އޮޅިފައިވާ އިސްތަށިގަނޑު ކޮނޑާއި ހަމަޔަށް ފޯރައެވެ. ހުދު ޓޮޕް ގަޔަށް ދޫކޮށް އޮތްއިރުވެސް އެ ރީތި ފްރޭމް ހާމަޔަށްވެއެވެ. ކަޅުކުލައިގެ ސްކިނީއިން ފައިގެ ބައްޓަން ފުރިހަމަކަން އަންގައިދެއެވެ.

ދާނިޔަލް މޭޒުމަތީގައި އަތުން ބާރަކަށް ޖަހާލުމުން އެ ރީތި އަންހެންކުއްޖާ ސިހިފައި ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. ދާނިޔަލް ރޭބަން އައިނު އަޅާލުމަށްފަހު ތެދުވެ އިސްތަށިގަނޑު އަތުން ރީތިކޮށްލައިފިއެވެ.

"ދަރިފުޅާ، ބައްޕަ ބޭނުން ދަރިފުޅު މިތާގައި މަޑުކުރަން، ވަރަށް މުހިއްމުކަމެއް ނިންމަން ހުރިހާ އެންމެންގެ ޚިޔާލު ބޭނުން..." މަލީކްގެ ޖުމްލައިން ދާނިޔަލްގެ ފިޔަވަޅުތައް ގަނޑުވިއެވެ. 

ކޮމެންޓް 0