ނަސީބު ކަންދިމާ ކުރި ގޮތުން އެވަގުތު މަލީކް ޖުވޭދާއަށް ގޮވައިލެއްވުން ވާހަކަ މެދުކަނޑާލާފައި ނިކުންނަން ޖެހުނެވެ. އިރާ ބޭސްކައިގެން އޮތުމުން އަނެއްކާވެސް ދެލޯ މެރިއްޖެއެވެ. އެތައް އިރެއްފަހުން ލޯ ހުޅުވާލާފައި އިރާ ގަޑިން ވީއިރަކާއި މެދު ވިސްނައިލި އެވެ. މިއީ ކޮން ގަޑިއެއްބާވައެވެ. ރޭގަނޑު ވީހެއްޔެވެ؟ ނޫނީ އަދިވެސް ދުވާލުގެ ވަގުތު ހެއްޔެވެ؟ ރޭދުވާ ވަކިނުވަންޏާ އޭނައަކީ މީހަކަށްވެސް ނުވޭ ނޫން ހެއްޔެވެ؟ ބޮލުގައި ރިހެންފެށުމުން އިރާ ތެދުވާން އުޅެފައިވެސް ބާލީސް މައްޗަށް ތިރިވިއިރު ރުޅިގަދަވެގެން ގޮސް ރޮވޭވަރުވެއްޖެއެވެ.

"އިރާ، ކަމަކާއި ނުލައި ރުޅިނާދެބަލަ، މިހާރު ގޭގައި އޮތީމަ މާ ހިތްފަސޭހަކޮށް ނިދާލެވޭނެ، އިތުރުކަމަކާއި ވިސްނާކަށް ނުޖެހޭނެ...." އިރާގެ މަންމަ ކުއްލި އަކަށް ވާހަކަދެއްކި އަޑު އިވުމުން އިރާ ދިޔައީ ސިއްސައިގެންނެވެ. މަންމަ ގާތުގައި އިންކަން އެނގުމުން އުދަގޫވިއެވެ. އެހެންނޫނަސް މަންމަ އެ ދައްކާ ވާހަކަތައް އަޑުއަހަން އޭނައަށް ފަސޭހައެއްނޫނެވެ. ހައްތަހާބޮޑަށް ތަބީއަތު ޚަރާބުވެ، ސިކުނޑިއަށް ވާންވި އެވެ.

"މަންމަ ދެން ދޭބަލަ ޕްލީޒް...." އިރާ މިވަގުތު އެއްވެސް މީހަކު ކައިރީގައި ހުރުމަކަށް ނޭދެއެވެ. އޭނަ ބޭނުމީ އެކަނިވެރި ކަމެވެ. 

"ވެއިޓް ދަރިފުޅާ... މަންމަ މި ރޫމް ކުޑަކޮށް ތަރުތީބުކޮށްލާފައި ކޮމްފީ ކޮށްލާނަން...." ޖުވޭދާ މަޑުމައިތިރި ކަމާއިއެކު ބުނެލި ޖުމްލައިން އިރާގެ ހިތަށް ކުރި އަސަރު މާ ބޮޑުވިއެވެ. އޭނައަށް އަމިއްލަ ކޮޓަރި ނުފެންނަކަން ހިތަށް އަރާފައި ކެތްކުރުން ދަތިވިއެވެ.

"ގެޓް އައުޓް...." އިރާ އަޑުކޮޅަށް ހަޅޭއްލަވައި ގަތުމުން ޖުވޭދާ ހުއްޓުން އެރިއެވެ.

"ޕްލީޒް ލީވް މީ އެލޯން....." ދަރިފުޅުގެ ތަބީއަތު ހައްތަހާ ގޯސްވާ އަތަށް އެޅީއެވެ. ބޭހަކުންވެސް މީހާގެ ސިކުނޑިއަށް އަސަރުނުކޮށް ހިގައިދާނެއެވެ. އެހެންނޫންނަމަ ޑޮކްޓަރ ވަނީ އިރާގެ ހިސްޓީރިއާފަދަ ކަންތައް ކުޑަކުރަން ބޭސްތަކެއް ދީފައެވެ. އިރާ އިތުރަށް ސަކަރާތް ވެދާނެތީ ބިރުގެންފައި ހުރި ޖުވޭދާ ނުކުތްއިރުވެސް އޭނަގެ މޫނުމަތިން ފެންނަން ހުރީ ކަންބޮޑުވުމުގެ ކުލަވަރެވެ.

އިރާ ކޮޓަރީގައި އެކަނިވީކަން ޔަގީންވުމުން ކަކޫ މޭގައި ޖައްސައިލިގޮތަށް ފައިގައި ބައްދާލައިގެން އޮތެވެ. ނާޒުކްކަމާއި އަމިއްލަ ބާރެއް ނެތްކަން އިހުސާސް ކުރެވި އިންތިހާއަށް ބިރުގަނެފައެވެ. މިއީ އޭނައަށް ތަހައްމަލުކުރެވޭނެ ކަންތަކެއް ނޫނެވެ. ހޫނު ބޮޑެތި ކަރުނަތައް ދެލޮލުގެ އެސްފިޔަތަކުގައި ބޮނޑިވެގަތުމާއި އެކު ކޯތާފަތްމަތިން ދެމެން ފެށީ މާ ގިނައިރުތަކެއް ނުވެއެވެ. އިރާ ކަރުނަ ފޮހެންވެގެން މޫނުގައި އަތްޖައްސައި ލުމުންވެސް ތަދު އިހުސާސް ކުރެވުނެވެ. އަދިވެސް މޫނުގައި ހުރީ ނުހިކޭ ލަކުނުތަކެވެ. އިރާ މޮޅިވެރިކަމާއިއެކު ވިސްނައިލި އެވެ. ދެން ދުވަހަކުވެސް އިރާއަށް އޭނަ މާޒީގައި އުޅުނު ގޮތަކަށް ނޫޅެވޭނެއެވެ. ނޯމަލް ދިރިއުޅުމެއް ނުލިބޭނެއެވެ. ހީވަނީ ހަގީގަތެއްނެތް ފެންޓެސީއެއްގައި އުޅެވޭހެންނެވެ. ވަށައިގެންވާ ކޮންމެ އެއްޗެއް އޭނަގެ ނިކަމެތިކަމަށް މަލާމާތް ކުރާހެންނެވެ. މަލާމާތުގެ ހުނުމުގެ އަޑު އެތަން މިތަނުން އިވުނުކަމަށް އޭނަ ހުވާވެސްކޮށްފާނެއެވެ.

އިރާ ތެދުވާންއުޅެފައި ބޯ ވައްޓާލަމުން ބާރުބާރަށް ހަޅޭއްލަވާގޮތަކަށް ރޯންފެށިއެވެ. އަމިއްލަ އަޑުވެސް އޭނައަށް އިވުނީ ބީރައްޓެހި ގޮތަކަށެވެ. ކުރެހި ބަރުވެފައިވާ އަޑެކެވެ. އޭނައަކީ ކާކު ހެއްޔެވެ؟ މުޅިން ބޭކާރެވެ. އަމިއްލަ ޖިސްމާއި މެދު ދެކުނީ ބޮއްޔެއްގެ ތެރޭގައި، އޭގެ އަނދިރކަމުގެ ތެރޭގައި ގެނބި ހައްޔަރުވެފައިވާ ހެންނެވެ. އިރާ އަބަދުވެސް އަނދިރިކަން ދެކެ ބިރުން އުޅުނެވެ. މިހާރު އޭނައަށް މުޅިންވެސް ފެންނަނީ ކަޅުކަމެވެ. ދެއްޔަށްވުރެ ކަޅުކުލަގަދަ އަނދިރި ކަމެކެވެ. ކުލައެއްނެތް ދުނިޔެއެކެވެ. އިރާގެ ގިސްލުންތައް އޮބެންފެށިއެވެ. "ޑެނިއެލް އިޒް ޓު ބްލޭމް، ހުރިހާކަމަކީވެސް ޑެނިއެލް ގެ ފޯލްޓް، އިޓްސް ޑެނިއެލްސް.... .އައި ހޯޕް ހީ ޑައިސް...." އިރާ މެދުކެނޑުމެއްނެތި ކިޔަމުން ދެކަންފަތުގައި އަތްއެޅީ ހީވާގޮތުން ވަގުތީގޮތަކަށް ނަމަވެސް އޭނަގެ ސިކުނޑި ގޯސްވެ ވާނުވާ ނޭގިގެންނެވެ. ހަގީގަތް އިރާގެ ސިކުނޑިއަށް އުފުލައިގަތުމަށް ނުކުޅަދާނަވިއެވެ. އިރާ މޭގައި އަތްއަޅާ ބާރުކޮށްލިއެވެ. އޭނަގެ ހަނދާނަށް އަންނަނީ ދާނިޔަލް އޭނަ އާއި ގެ ހަށިގަނޑަށް ހެދި އިހާނެތި ގޮތާއި ލޯތަރަތަރަޖަހައިގެން ދާފަދަ ގަދަ އައްޔެވެ. އެއީ ހިތުން ފިލައިގެން ނުދާނެ ބިރުވެރި ދެ ވަގުތެވެ. އެއްރޭގެ ދެ ހާދިސާއެވެ. އޭނަ މޭނުބައިކޮށް، ބަލިވެ އައްސިވާގޮތްވިއެވެ. ބުނަން ނޭގޭހާ ބޮޑަށް އައްސިވިއެވެ.

އިރާގެ ގާތުގައި އޭނަގެ މަންމަ ޖުވޭދާ ކައިވެނީގެ ވާހަކަދެއްކީ އިރާ ހަމަޖެހިލައިގެން އޮތް ގަޑިއެއްގައެވެ.

"އިރާ ދާނިޔަލް އާއި މެރީކުރުވަން މަންމަ މެން ވަނީ ނިންމާފައި....." ޖުވޭދާގެ ޖުމްލައާއި އެކުގައި އިރާ އަޑުކޮޅަށް ނޫނެކޭ ކިޔާފައި ހަޅޭއްލަވައި ގަތުމާއި އެކު އިރާގެ މޫނަށް ހޫނު އެތިފަހަރެއް އަރައިގެން ދިޔައެވެ. އެދެކަންތައް ހިގާދިޔައީ އެހާވެސް ކާރީގައެވެ. އިރާ މޫނުގައި އަތް ޖައްސާލިގޮތަށް ހީވީ އިންތިހާއަށް ދެރަވެފައި އޮތްހެނެވެ. ވަގުތުން ބާލީހުގައި މޫނު ފޮރުވިގޮތަށް މަޑުމަޑުން ގިސްލަންއޮތީ އިތުރު ބަހެއް ބުނުމަކާއި ނުލައެވެ.

"އިރާއަށް ރަނގަޅަކަށޭ މަންމަ މިގޮތަށް ހަދަން ނިންމީ، އިރާގެ ބައްޕައެއް ހުރިއެއްކަމަކު އެއީ ނަމެއްގައި ހުރި މީހެއް... ދުވަހަކު އިރާގެ ހާލު ބެލިތަ؟ ހުރިހާ ކަމެއްކޮށްދީ ކިޔަވާދީ ހެދިމީހަކީ މަލީކް، އިރާގެ ބައްޕައެއްގެ މަގާމުގައި ހުރި މީހަކީ އެއީކަން އިރާއަށް ރަނގަޅަށް އެނގޭނެ، ދާނިޔަލް މަންމައަކަށް ވެސް ރަނގަޅު މީހެއްނޫން، އެކަމަކު ދަރިފުޅުމެން ދޭތެރޭގައި ހިނގި ކަންތަކަށްފަހު އިރާ އާއި ކައިވެނި ކުރަން އެންމެ އެކަށީގެންވާ މީހަކީ އެއީ، އެހެންނޫނަސް މަލީކް އެވަނީ އަލަތު އަންހެނުން ގެއަށް ގެނެސްފައި، މަންމަ ގެއިން ބޭރަށް ލައިފިއްޔާ މަންމަ އިރާ ގޮވައިގެން ގޮސް ވަންނާނީ ކޮންތަނަކަށްތަ؟ މަންމަގެ އަތުގައި ފައިސާ ފޮތްޗެއް އޮތީއެއްނޫން........" ޖުވޭދާ ވާހަކަ ދައްކަމުން ގޮސް ރޯންފެށިއެވެ. ހީވަނީ އިރާއަށްވުރެ ޖުވޭދާ މާ ނިކަމެތިވެފައިވާ ހެންނެވެ.

އިރާ ނުކުޅެދޭ ހާލެއްގައި ވަނިކޮށް ހައްގަކާއި ނުލައި އެހާ އަނިޔާވެރިކޮށް ޖެހުނީތީ ޖުވޭދާގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އޭނަގެ މަޖުބޫރީ ހާލަތުގެ ސަބަބުން މިވަނީ ދަރިފުޅުގެ އުފާތައް ގުރުބާންކުރާ ހިސާބުގައެވެ.

އިރާގެ އުފަން ދުވަސް މިފަހަރު އެހާ ކުލަގަދަކޮށް ފާހަގަ ނުކުރެވުނަސް އެންމެން އޭނައަށް ހަދިޔާދިނެވެ. އެންމެ ހައިރާންވީ އުމުރުދުވަހުވެސް ހަދިޔާ ދީފައިނުވާ ދާނިޔަލް މިފަހަރު އިރާއަށް ޖެއްސުމަކަށް ދިން ހަދިޔާ އަކުންނެވެ. އެއީ ރަންކުލައިގެ އަސާއެކެވެ. އިރާއަށް އެއީ ކޯޗެއްކަމާއި ދާނިޔަލް ދިން އެއްޗެއްކަން އެނގުމުން ކަރުނަތައް ހިފެހެއްޓުން އުދަގޫވިއެވެ. އޭނަގެ ބާރެއްނެތްކަމާއި އަނދިރި މީހެއްކަން ބޮޑަށް އިހުސާސް ކުރުވާދިނީއެވެ. ދާނިޔަލް ހާދަ ގޯހެވެ. ރަހުމްގެ ކަންފުޅެއްވެސް ހިތުގައި ނެތެވެ. އޭނަ މިހާލުގައި އުޅެން ބޭނުމެއްނޫނެވެ. އެހެންނޫނަސް އެއްވެސް މީހަކު އޮޕަރޭޝަނުގެ ވާހަކަދައްކާ އަޑެއް ނީވެއެވެ. ޑޮކްޓަރުން އޭނައަށް އޮޅުވައިލީބާވައެވެ. ދުވަހަކު ނުފެންނާނީ ބާވައެވެ. ދިރިއުޅުން ނިމިގެންދާނީ އަނދިރި ކަމުގައި ހެއްޔެވެ؟ އިރާގެ ދެލޮލުގައި އަބަދުހެން ވަނީ އޮހެން ތައްޔާރުވެފައިވާ ކަރުނައެވެ.

ދާނިޔަލް އާއި މިލާން ދާދި ގާތުގައި ހީހީފައި ވާހަކަދައްކަން ތިބިގޮތުންނާއި ދެމީހުންގެ ލޮލުގައިވި ޝުއޫރުތަކުން ވަގުތުން ދީނާއަށް އެއްޗެއް ވިސްނިއްޖެއެވެ. ދީނާ އެމީހުންނަށް ނުފެނި ތިރިއަށް އައިގޮތަށް ފުރިޖް ހުޅުވާލާފައި އޮރެންޖް ޖޫސްތަށްޓެއް އަޅައިގެން ބޯންފެށިއިރު ދީނާގެ މޫނުމަތިވަނީ ރަތްވެފައެވެ. އޭނަ ވަގުތުން މިލާންއަށް މެސެޖެއްކޮށްލި އިރު ރުޅިގަދަވެގެން މީހާ ހީވަނީ ހަލާކު ވެދާނެ ހެންނެވެ. މިލާން ތިރިއަށް އައީ ދީނާގެ މެސެޖް ފެނިފައެވެ. ދީނާ މިލާންގެ އަތުގައި ހިފައިގެން އޭނަގެ ކޮޓަރިއަށް ދިޔަގޮތަށް މިލާންގެ މޫނަށް ހޫނު އެތިފަހަރެއް ވީއްލާލައިފި އެވެ.

"މިލާން ތިއުޅެނީ ފެންވަރު އޮޅިގެންތަ؟ ދާނިޔަލްގެ ފަހަތުން އަޅުވާލައިގެން އުޅޭނެކަމެއް ނެތް އިނގޭ، އަހަރެން ތިކަމެއް ވިޔަކަ ނުދޭނަން، އަހަރެން މިހާ މުއްސަނދި ގެއަކަށް މިލާން އަމިއްލަ ދަރިއަކަށް ހަދައިގެން ގެނައީ ސްކޫލް ދައުރުގެ އެކުވެރިއެއްގެ ދަރިއަށް ކިޔައްވާދީ މޮޅުމީހަކަށް ހަދަން، ގެނައިމަ މަގޭ މޫނުމަތީގައި ކޮޅުފައިން ޖަހާފައި މިލާން ތިއުޅެގަތީ ކިހިނެއްތަ؟ ބަލަ މިލާންގެ މާމަ މުފީދާ މިހިރީ މިގޭގައި ނޯކަރުކަން ކުރަން، އަހަރެން ކިހާ ރަނގަޅު އަހަރެންގެ އަމިއްލަ ދަރިއަކަށް ހަދައިގެން މިލާން ގެނެސް ބަހައްޓައިގެން އުޅޭކަން.. ތިމާގެ ފެންވަރު ހަނދާން ނައްތާލާކަށް ނުވާނެދޯ، ހަތަރު އިރު އަނގަޔަށް ލާނެ ކާއެއްޗެއް ނުލިބިގެން އުޅެނިކޮށް އަހަންނާއި ދިމާވީ...." ދީނާގެ ދެލޮލުން އަލިފާން ކަނިބުރައިލި ހެން ހީވިއެވެ.

މިލާންގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ހިނދުކޮޅަކަށް ބަސްހުއްޓިފައި ހުރެވުނެވެ.

"އަހަރެން އެންމެނަށް އަންގާނަން ތިއީ ކާކުކަން، އިތުރަށް މިގޭގައި ހުންނަން ބޭނުމިއްޔާ އިރާގެ މެއިޑެއްގެ ގޮތުގައި ހުރޭ......" ދީނާ ރުޅިއައި ވަރުން ބޭނުންނުވި އެއްޗެހިވެސް ކިޔާލައިފި އެވެ. ހަގީގަތުގައި އޭނަގެ ޕްރިންސެއްފަދަ ޝާހީ ފިރިހެން ދަރިފުޅާއި މިފަދަ ކުއްޖަކު ލޯބީގެ ގުޅުމެއް އޮންނަތަން ދެކެން އޭނަވެސް ބޭނުމެއް ނުވާނެއެވެ. އެހެން ކޮންމެ ޒުވާނަކާއި ރައްޓެހިވާން އުޅުނުނަމަ އޭނަ ކެތްކުރީހެވެ. ނަމަވެސް އޭނައަށް މަންމަ ކިޔުއްވައިގެން މިގެއަށް ގެނައިމަވެސް މިލާން ފިޔަފަޅައިގެން އުދުހިގަތީއެވެ.

"ސޮރީ....." މިލާން ހުރީ ޖެހި ބުދެއްފަދައިންނެވެ. 

މިލާން ކޮޓަރިއަށް ވަންގޮތަށް އެނދުގެ މަގަތުގައި ކުޑަކޮށް އިށީދެލައިގެން އިންއިރު ދެލޮލުގައި އަދިވެސް މުތީތަކެއް ފަދައިން ކަރުނަ ބަބުޅައެވެ. ހަގީގަތަކީ އެއީއެވެ. ދީނާއަކީ އޭނަގެ މަންމަގެ ގާތް އެކުވެރިއެކެވެ. ކުރީގެ ރައްޓެއްސެކެވެ. މިލާންގެ މަންމަ ނަދާ ކެންސަރު ޖެހިގެން އުޅެނިކޮށް އެމީހުންގެ ހަޔާތަށް ދީނާ އައީ ލެއްވި ރަހުމަތެއް ފަދައިންނެވެ. ދީނާ މަންމަ އިންޑިއާއަށް ގެންގޮސް ބޭސްކުރުވިއެވެ. މަންމައަށް ރަނގަޅުވެގެން މާލެއައުމަށްފަހުވެސް ގަވާއިދުން ހާލު ބަލައިލާ ލާރި ފޮނުވިއެވެ. މަންމަ އޭނައަށް ކިޔަވައިދިނީ ދީނާގެ ލާރިންނެވެ. އެމީހުން ދިރިއުޅޭ ކުޑަ އިމާރާތްގަނޑުގެ ތެރޭގައި އެތައް އާއިލާއެއް ފުނިޖެހިގެން އެކި ކޮޓަރިތަކުގައި ދިރިއުޅުނެވެ. މާމަ މުފީދާ އޭނަދެކެ އިންތިހާއަށް ލޯބިވާތީ "އެވަރލޭންޑް" އިން އަންނައިރު މޭވާ އެއްޗެހި ގެނެސްދެއެވެ. މެޓާއާއި އައިސްކްރީމް އަދި ޗީޒްފަދަ އެއްޗެހިވެސް ލިބެއެވެ. ނުވީތާކަށް ފަހުން ފަހަށް މާމަ ވާހަކަފޮތްތައް ގެނެސްދޭންފެށިއެވެ. އެކަމަކު އެވަރލޭންޑަށް ދީނާގެ ދަރިއެއްގެ ގޮތުގައި ދިޔަފަހުން އޭނަ ހުންނަން ޖެހުނީ މާމައަކީވެސް ދަންނަ މީހަކަށް ހަދާނުލައެވެ. ފިލްމީ ދިރިއުޅުމެކެވެ. މިފަދަ ގޮތަކަށް ދިރިއުޅުމަކީ ބައެއްމީހުންނަށް ހަގީގަތެއްކަމަށް ގަބޫލުކުރަން ދަތިވެސް ވެދާނެއެވެ. ނަމަވެސް ބަޔެއްމީހުންގެ ދިރިއުޅުން ޑްރާމާއެއްފަދައެވެ.

ދޭތެރެއަކުން މަންމަގެ ގާތް އެކުވެރިޔާ ދީނާ ބޭރު ގައުމެއްގައި އުޅެމުން އެ އާއިލާއަށް ޒިޔާރަތްކޮށް ޙާލު ބެލިއެވެ. މަންމަގެ ކެންސަރު ހަށިގަނޑުގެ އެހެން ތަނަކަށް ފެތުރުނުކަން ޔަގީންވެ، ސަލާމަތް ނުވާނެކަން އެނގިގެން ދީނާ އެމީހުންގެ ގާތަށް އައިސް ހިތްވަރުދިނެވެ. މަންމަ ނިޔާވުމުން ދީނާ މުފީދާ ގާތުގައި ވައުދުވީ އޭނަ އަމިއްލަ ދަރިއެއްފަދައިން މިލާން ގެންގުޅޭނެ ކަމުގައެވެ. އޭރު ދީނާއާއި ބެހޭގޮތުން މުފީދާއަށް މާބޮޑު އެއްޗެއް ނޭގެއެވެ. އެގެނީ އެކަނި ނަދާގެ މުއްސަނދި ރަހުމަތްތެރިއެއް ކަމުގައެވެ. އެވަރލޭންޑަށް މުފީދާ މަސައްކަތު ދާންފެށިތާ އަދި މާ އަހަރުތަކެއް ނުވާތީ އެގެއާއި ދީނާ އާއި ދެމެދުއޮތް ގުޅުން މުފީދާއަށް ނޭގުނީއެވެ. މަލީކް އާއި ދީނާގެ ކައިވެންޏަށްފަހު މަލީކްއަށްވެސް ދީނާ ވަނީ ކަންތަކެއް ފޮރުވާފައެވެ. ދީނާވެސް އުޅުނީ ވަރަށް ފަގީރު ދިރިއުޅުމެއްކަން މަލީކްއަށް ހާމަކޮށްދޭން ގެނައީވެސް އެގޭ ގޯޅިގަނޑަށެވެ. އެންމެ ފަހުން މިވީ ކިހިނެއް ހެއްޔެވެ؟ އޭނަ މިހާ ބޮޑު ރީތި ގެއަކަށް ވައްދާފައި ނިކަމެތި މިކޮށްލީ ހާދަ ވަރަށެވެ. މަންމަހާ ބޮޑަށް އޭނައަށް ލޯބިދޭނެކަމުގެ ޔަގީންކަން އޮތްމީހާ އޭނަގެ ހިތުގައި ޖައްސާލީ ހާދަބޮޑަށެވެ. ހިތުގައި އެފަދަ ކޫރުމެއް އެޅިއްޖެއްޔާ ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ.

މިލާންއަށް ނޭގުނީ މި މުއްސަނދި ގޭގައި އޭނަގެ ދެ ދުޝްމަނުން އެބަތިބިކަމެވެ. ދެމީހުންގެ ވެސް އޮތީ އެންމެ އަމާޒެކެވެ. ނަހުޔާން ނޫނީ ދާނިޔަލް ގެ ހަޔާތަށް މިލާންގެ ހިޔަނި އެޅިޔަނުދިނުމެވެ. 

މިލާން ކާކޮޓަރިއަށް ވަންއިރު ބޯމަތީގައިވާ ބޮޑު ޗާންދަލިޔާ ގެ ހިތްގައިމު އަލިން ކޮޓަރި ވިދާ ބަބުޅައެވެ. މޭޒުމަތީގައިވެސް ބޮޑެތި ކެންޑްލްހޯލްޑަރު ތަކުގައި އުއްބައްތިތައް ޖަހާފައިވާއިރު ކޮންމެ އެއްޗެއްވަނީ ޝާހީކޮށެވެ. މޭޒުމަތީގައިވާ މޭވާ ވަށިގަނޑަށް ބަލާލާފައި އޭނަ ކޮންމެވެސް އެއްޗެއް ކާލާހިތްވިއެވެ. ސްޓްރޯބެރީ އަދި މޭބިސްކަދުރަކީ އޭނަގެ ފެވެރިޓެވެ. ނަމަވެސް ރޭގެ ހާދިސާއަށްފަހު މިގެއިން އެއްވެސް އެއްޗެއްގައި އަތްލާހިތެއް އޭނަ ނުވިއެވެ. އެހެން ދުވަހު އޭނަ ބޭނުންގޮތަކަށް އުޅެލާފައި ބޭނުން ކޮންމެ އެއްޗެއް ކައިގެން މިގޭގައި އުޅުނުއިރު ހީކުރެވުނީ އަމިއްލަ ތަނެއްހެންނެވެ. އޭނައަށް އަމިއްލަ ފެންވަރު ހަނދާން ނައްތާލެވުނީއެވެ. މިގޭ ނޯކަރެއްގެ މާމަ ދަރިއެއްކަން ހަނދާން ކޮށްލެވުނު ނަމައެވެ. މިލާންގެ ހިތަށް ތަދުވިވަރުން ތުންފަތުގައި ދަތްއަޅައިލެވިއްޖެއެވެ. 

މިލާން ކަރުހިއްކައިގެންފައި ހުއްޓަސް ޖޫސްތަށްޓެއްހާ މިންވަރު ބޯލާކަށް ބޭނުމެއް ނުވިއެވެ. އެގޮތަށް މަންމަ ރުޅިއައިސްގެން އެއްޗެކޭ ބުނާއިރަށް ހިތް ނުބައިކޮށްގެން އުޅެން ނުވާނެއޭ ހިތަށް އަރުވާފައި ކުޑަކޮށް ހީވެސް ލައިފިއެވެ. އޭނައަކީ އެހާ ހިތް ނުބައި ކުއްޖެއްވެސް ނޫނެވެ. މިލާން ފެންތަށީގެ ތެރެއަށް އައިސްކިއުބްކޮޅެއް އަޅަނިކޮށް މީހެއްގެ ހިލަންވުމުން ސިހުނުވަރުން ފެންތަށި ބަންޑުންނުވީ ކިރިޔާއެވެ.

"މިލާން، އަހަރެން އެހެން ބުނީމަ ތިހިރީ ވަރަށް ހިތްހަމަނުޖެހިފައި ދޯ......" ދޮރުމަތީގައި ހުރީ ދީނާއެވެ. ދީނާގެ ހިނިތުންވުމުން ފުރަތަމަ ފަހަރަށް މިލާންއަށް ހަރުކަށިކަން ފެނުނެވެ. އިންސާނަކު ދަސްވާން ފަށާނީ އެކީގައި އުޅެން ފެށީމައެވެ. ދީނާއަކީވެސް ދެ މޫނެއްގެ ވެރިއެކެވެ.

"ނޫން...." މިލާން ހިނިތުންވެލީ މައުސޫމް ގޮތަކަށެވެ.

"މިލާން، ޔޫ އާރ ބިއުޓިފުލް، ޓެލެންޓެޑް...އެހެންވެ އަހަރެން ބޭނުންވީ މިލާން ކިޔަވާ މޮޅުމީހަކަށްވާން، އަދި މިލާންއާއި އެކަށީގެންވާ ބައިވެރިޔަކު ލިބުން، އަހަންނަށް ނަދާއަށްޓަކައި އެވަރު މިލާންއަށް ކޮށްދޭންވެގެން އުޅުނީ، ނަހުޔާންއާއި ދާނިޔަލްގެ ކޮއްކޮމެންގެ ގޮތުގައި ހުރެގެން މިލާންއަށް ހުރިހާ އުފަލެއް ލިބެން އޮތްވާ ނުބައި ދިމާލަށް ދާންފެށީމަ އަހަންނަށް އެއްޗެކޭ ބުނަން މަޖުބޫރުވީ، ދާނިޔަލް އުޅެނީ މެރީ ކުރަންވެގެން، ވީމަ މިލާން އެކަން ދަންނަންވާނެ....." ދީނާ ރީތިކޮށް ވާހަކަ ދެއްކުމުންވެސް މިވަގުތު މިލާންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ދެން ނުވެސް ލިބޭނެއެވެ. އެދޭތެރޭގައި ވާ ނާޒުކް ގުޅުމުގެ ވާ ފަށް ދީނާގެ އެންމެ ޖުމްލައަކުން ކެނޑިއްޖެއެވެ.

"މިލާން ކޮލެޖަށް ފޮނުވަންވެސް އަހަރެން ވަނީ ނިންމާފައި، މިލާން ކުރިއަށް ދާނީ ކޮން ރޮގަކުންތަ؟ ޓީޗިން ހަދަންވީއެއްނު..... " ދީނާ އޮޅުން ފިލުވިއެވެ. މިލާން އެންމެ ކުރާހިތްނުވާކަމަކީ އެއީ އޭ ބުނަން އުޅެފައިވެސް ތުންފަތުގައި ދަތްއަޅާލިއެވެ. ދީނާ އޭނަގެ ރުހުމަށް ބަލާނެ މީހެއްހެއްޔެވެ؟

ދީނާ މާފަށް އެދިފައި ރީތިކޮށް ވާހަކަދެއްކި ނަމަވެސް އޭނަ ވަނީ މިލާންއަށް މެސެޖްދީފައެވެ. އޭނަގެ ފިރިހެން ދަރިންނާއި ދުރުން އުޅެން އަންގާފައެވެ. ދީނާގެ މާތްކަމާއި، ރަނގަޅުކަމުން އިންސާނުންގެ ތެރޭގައި މަލާއިކަތުން އުޅޭނެނަމަ އެއީ އެކަކު ކަމުގައި މިލާން ހީކުރި ޒަމާނެއްވެސް އައެވެ. ނަމަވެސް މިއަދު އެކަން އެއޮތީ އެކޮޅުކޮޅުން ޖެހިފައެވެ. މުއްސަދިންގެ ތެރޭގައި އެހާ ހިތްހެޔޮމީހެއް ނޫޅޭނެއެވެ. އެމީހުން ބޭރުފުށުން މާތްގޮތެއް ދެއްކިޔަސް ހަގީގަތަކީ އެއީއެއް ނޫނެވެ. އޭނަގެ ޅަކަމުން އޭރު ނުވިސްނުނީއެވެ.

"މިލާން ބޭނުން އެއްޗެއް ގަނެލާތި..." ދީނާ މިލާން އަތަށް ފައްސަތޭކަ ރުފިޔާގެ ނޫޓު ބޮނޑިއެއް ލައްވާދިނެވެ. މިލާން އެ ހިފައިގެން ކޮޓަރިއަށް ވަންގޮތަށް ރީތިވާ މޭޒުކާރީގައި ހުއްޓިހުރެ އަގުބޮޑު އެއްޗެއްސަށް ބަލާލިއެވެ. ހަތަރު ލޯގަނޑުލާފައިވާ އިޓޭލިއަން ޑިޒައިނަކަށްވާ ރީތިވާ މޭޒުމަތި ފަޅުފިލުވާލާފައިވަނީ މުއްސަދި އަންހެންކުއްޖަކު ބޭނުންކުރާނެ ސާމާނުތަކުންނެވެ. އަގުބޮޑު ސެންޓާއި، ލޯޝަނާއި، މޭކަޕްވެސް ބްރޭންޑެޑް އެއްޗިއްސެވެ. މިވީ ދުވަސްކޮޅު މިލާން އުޅުނީ އެއިން ފެންވަރާލައިގެންނެވެ. މަލީކް އާއި ދީނާގެ ދީލަތިކަމުން އޭނައަކީ ކާކުކަން ދުވަސްކޮޅަކަށް ހަނދާން ނައްތައިލެވުނީއެވެ. މިހާރު އެ ރީތި ހުވަފެނުން ހޭލެވިއްޖެއެވެ. އެފަދަ ހުވަފެނެއް ދެވަނަފަހަރަށް ބަލާހާ އޭނަ މޮޔައެއްނޫނެވެ. 

މިލާން ލާރި ހުރިގޮތަށް ބަހައްޓާފައި ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅިއިރު ނަސީބަކުން ޖުވޭދާ އައިސް އަރާހަމަވަނީއެވެ.

"ޖުވޭދައްތާ، އަޅުގަނޑު ވާހަކައެއް ބުނެލަން ބޭނުން...." މިލާން އަތުގެ އިނގިލިތަކާއި ކުޅެލަމުން ބުނެލިއެވެ. ޖުވޭދާ ހުރީ ހަސަދަވެރިކަމުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. މިލާން ރީތިކަމުން ހީވަނީ ބޭރުކުއްޖެއްހެންނެވެ. އަދި މޫނަށް ވެރިވާ ރަތްކުލަ އޭނަގެ ރީތިކަން އިތުރުކުރުވައެވެ. އޮޅިގެން ކޮނޑުމައްޗަށް ފައިބާފައިވާ އިސްތަށިގަނޑު އެހާ ވަރުގަދަވެފައި ނަލައެވެ. ލޮލުގެ ބޯ އެސްފިޔަތައް މައްޗަށް ލެނބިފައިވާއިރު މީހަކަށް ހައިރާންވެފައި އެލޮލަށް ބަލަން ހުރެވިދާނެއެވެ. މިއީ ދީނާ ކޮންތާކުން ހޮވައިގެން އުޅޭކުއްޖެއް ކަމެއްވެސް ނޭގެއެވެ. 

"އިރާއަށް ހުރިހާކަމެއް ފްރެންޑެއްގެ ގޮތުގައި ކޮށްދޭނަމޭ އަޅުގަޑު ބުނީމެއްނު، އެކަމަކު ހިތަށްއަރަނީ މެއިޑެއްގެ ގޮތުގައި ހުރެގެން މުސާރަ ނަގާގޮތަށޭ އެކަން ކުރާނީ، ސަބަބަކީ މިހާރު ކޮލެޖަށްދާން އަޅުގަޑު ގަސްތުކުރަނީ، މަންމަ އަދި މިގޭގައި ހުއްޓަސް މަންމަގެ ލާރިއަކުން ނޫންކަން އެނގޭ ޚަރަދު ކުރާނީ، މަލީކްގެ ލާރި އަޅުގަނޑަކަށް ދީނީ ގޮތުން ހުއްދައެއްވެސް ނުވާނެހެން ހީވޭ، އެހެންވީމަ އަޅުގަނޑު ބޭނުން މުސާރަ އެއްކޮށްލައިގެން ކޮލެޖަށް ޚަރަދުކުރަން.... އަދި ޖުވޭދައްތަ މިވާހަކަ މަންމަ ގާތުގައި ނުބުނެ ސިއްރުކޮށްދެއްވައިފިއްޔާ ރަނގަޅު، ނޫނީ މަންމަ ރުޅިއަންނާނެ...." މިލާން ދެއްކި ވާހަކަތަކުން ޖުވޭދާ ހުރީ ވިސްނަންވީ އެއްޗެއް ނޭގިފައެވެ.

"ތިންހާސް ކިހިނެއްވާނެތަ؟ " ޖުވޭދާ ވަގުތުން އަގު ކަޑައަޅައިފިއެވެ.

"ރަނގަޅުވާނެ....." ކިތަންމެ ކުޑަ އެއްޗެއް ލިބުނަސް އަމިއްލަ ކަންތައް ކޮށްލެވިދާނެއެވެ. އަމިއްލަ ޚަރަދުގައި ނުކިޔެވެންޏާ އޭނަ ކޮލެޖަށްވެސް ނުދާނީއެވެ. ނިކަމެއްޗެއްގެވެސް އަގެއް އޮންނަން ވާނެއެވެ. މިލާން ހިތުގެ އަޑިން އަޒުމްތަކެއް ކަނޑައެޅުމަށްފަހު އިރާގެ ކޮޓަރިއަށްވަންއިރު އިރާ އޮތީ ބާލީހުގައި މޫނު ޖަހާލައިގެންނެވެ. އިރާ ފޫހިވާނެވަރު މިލާންއަށް އިހުސާސްކުރެވުނެވެ. ދެރަވާނެވަރުވެސް އެނގެއެވެ. ހުރިހާ މުއްސަނދިކަމެއް އެއްފަހަރާ ނިގުޅައިގަނެވުނަސް މިހާ ހިތްދަތިވާނެކަމެއް ނޭގެއެވެ. މިއީ އިންސާނަކަށް ކުރިމަތިވެދާނެ އެންމެ ބޮޑު ބަދުނަސީބެވެ. މިލާން އޭނަ އައިކަން އަންގާލީ އިރާ ސިއްސުވާނުލައި މަޑުމައިތިރި ކޮށެވެ. އިރާ އޮތީ ރޯންކަން އެނގުނީ އިރުކޮޅެއްފަހުންނެވެ. އިރާ ހަމަޔަކަށް އެޅެން ވަގުތު ނެގިއެވެ.

"މިލާން، މަންމަ ބުނި މިއަދު ހެދުން ޑިޒައިންކުރާމީހުން އަންނާނެއޭ، އަހަރެން ބޭނުމެއްނޫން މެރީކުރާކަށް، ބްލައިންޑްކޮށް ހުއްޓާ އެވަރުން މެރީކުރުވަނީ ކީއްވެތަ؟ އޯކޭ ދެން އެމީހުން އެހާވަރުން ބޭނުންވާނަމަ މެރީކުރާނީ، އެކަމަކު ބުނިން ޕާޓީއެއް ނުބާއްވާށޭ، ކިހާ ހިއުމިލިއޭޓްވާނެ، އަހަންނަށް އެއްވެސް މެހުމާނެއް ފެންނާނީއެއް ނޫން، އަހަރެންގެ ބަދަލުގައި މި ސިފައިގާ އިން މެނެކިން އެއް ބޭންދިޔަސް މާ ރަނގަޅުވާނެ، އެކަކަށްވެސް އަންޑަސްޓޭންޑް ވާނެނަމަ އަހަރެންގެ މަންމައަށް ފީލްވާނެ އަހަންނަށް ވާނެގޮތް، އެކަމަކު....." އިރާ ދެލޯ ފޮހެލާފައި އެނބުރުނެވެ. 

މިލާންވެސް ޖަޒުބާތީވާގޮތްވިއެވެ. އިރާގެ ހާލާއިމެދު އެ ހިތް ރޮނީ މާވަރަކަށެވެ. އެ ކުޑަކުއްޖާގެ ރީތި ދެލޮލުން ފެންނަ ހިތް ހަލާކުވާފަދަ އަސަރުތަކުގެ ސަބަބުން މިލާންއަށް ކެތްކުރެވުނީއެއް ނޫނެވެ. ލޮލުގައި ކަރުނައިގެ މުތީތަކެއް އުފެދިގަތީ އެހެންވީމައެވެ. 

މިލާން މަންމަ މަތިން ހަނދާންވިއެވެ. މަންމަ މަރުވުމުގެ ކުރިން އޭނަ އުޅުނީ އުފަލުންނެވެ. ނިކަމެތިކަމާއި އެކުގައިވެސް އޭނަ އަށް މަންމަގެ ފަރާތުން ލޯބި ލިބުނެވެ. މަންމައާއި މާމަވެސް އޭނައަށްޓަކައި ގުރުބާންވާވަރުވިއެވެ. ނަމަވެސް މަންމަ އޭނަ މިބޮޑު ދުނިޔެއަށް އެކަނިކޮށްލާފައި އެދިޔައީއެވެ. އިތުބާރު ކުރާނީ ކާކަށްހެއްޔެވެ؟ އެހެން މީހަކު މަންމަ ކިޔުއްވިޔަސް އެހެން މީހަކަށް މަންމައަކަށް ނުވެވޭނެއެވެ. އެ ލޯބީގެ ޒައްރެއްގެ މިންވަރު ނުދެވޭނެއެވެ.

"އިރާ، ދެރަނުވޭ، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ... އަހަރެން ދުޢާ ކޮށްދޭނަން އިނގޭ، ކޮފީ ގެންނަންތަ؟" މިލާން އިރާގެ ކޯތާފަތް ފޮހެލަދިނެވެ. މިލާންގެ ރީތި ދެލޮލުގައިވާ ކަރުނަތައް އިރާއަކަށް ނުފެންނާނެއެވެ. އިރާ މިލާން އެހާ ރީތިކޮށް ބުނީމަ ދެކޮޅު ނަހަދާ މިލާންވެސް އޭނައާއި އެކީގައި ސައިބޯން އެދުނެވެ. މިލާން ބަދިގެއަށް ވަދެފައި އައީ އިރާ ބޭނުންވާގޮތަށް ކޮފީ ހަދައިގެންނެވެ. އިރާ ކުއްލިއަކަށް މިލާން ހުންނަ ސިފަ އެނގެން ބޭނުންވެގެން ސުވާލުކުރަން ފެށިއެވެ. މިލާން ހީލާފައި އެއްޗެކޭ ބުނަން އުޅެނިކޮށް ދޮރުމަތީގައި ދާނިޔަލް ހުރިތަން ފެނިފައި ހިތް އުދުހިގެން ދިޔަހެންހީވިއެވެ. މިއަދު ދާނިޔަލް ފެންނަލެއް މާ ރީއްޗެވެ. ބަލައިލި ޖާދުވީ ގޮތަކުން މިލާންއިނީ ނޭވާލާން ނޭގިފައެވެ.

"ބަބުރެއްހާ ކަޅު ކުއްޖާގަނޑެއް، ކަޅުކަމުން ކެމެރާއަކަށްވެސް ނާރާ، މިލާންގެ ބައްޕައަކީ އެފްރިކަން އެއްހެން ހީވޭ، އިރާ ގާތުގައި އިނީމަ ހީވަނީ އިރު ކޭތަހިފާފައިހެން...." ދާނިޔަލް ކޮށްލީ ސަމާސާއެކެވެ. ދާނިޔަލްގެ އަޑުއިވުމުންވެސް އިރާ ސިހުނެވެ. ބާލީސް އަތުތެރޭގައި ބޮނޑިކޮށްލަމުން އަނެއް އަތުން މިލާންގެ އަތުގައި ހިފެހެއްޓީ މިލާންއަށް ތަދުވާހާ ބާރަށެވެ.

ދީނާ ދޮރުމަތީގައި ހުރިތަން ފެނުމުން މިލާން ގެ ހިތް ތެޅިގަތީ ކުރިއަށްވުރެ ބާރަށެވެ. އޭނަ ރަނގަޅަށްވެސް ދީނާދެކެ ބިރުގަނެއްޖެއެވެ. ހީވަނީ ދީނާ ހުންނަނީ ފާރައަށް ހެންނެވެ. ދާނިޔަލް އާއި މިލާންގެ ހަރަކާތްތައް ބަލަން ނުހުންނަނަމަ މިގޮތަށް ވަގުތުން އަންނާކަށް ނޭގުނީހެވެ.

"ދާނިޔަލް، އަދި ކައިވެންޏެއް ނުކުރެވެއެއްނު، ތިގޮތަށް އަންހެންކުދިންގެ ބެޑްރޫމަށް ވަނުމަކީ ރަނގަޅު ކަމެއްނޫން...." ދީނާ ހުރީ ހަށަން ބަދެލައިގެންނެވެ. އެވަގުތު ދީނާގެ މޫނުމަތިން ދާނިޔަލްއަށް ފެނުނީ ހަރުކަށިކަމެވެ. ދާނިޔަލް ފޫހިވިއެވެ. މިގޮތަށް އޭނަކުރާކަންތަކަށް ފާޑުކިޔުމުގެ ހައްގު މަންމައަށް ދިނީ ކާކުހެއްޔެވެ؟ އޭނަ ނުރުހުމާއި އެކު ބުމަ ގޮށްޖަހާލައިފި އެވެ. 

"މަމް، އަހަރެން ކޮންމެ ކަމެއްކުރިޔަސް ބެހެވޭތަ؟ ސްޓޭ އައުޓް އޮފް މައި ލައިފް.. މިހުރިހާ ދުވަހުވެސް އުޅުނުތަނެއްގައި......." ދާނިޔަލްގެ އެ ޖުމްލައާއިއެކު ދީނާގެ އަތުގެ ހޫނު އެތިފަހަރެއް ދާނިޔަލްގެ މޫނަށް އަރައިގެން ދިޔުމުން ދާނިޔަލްއަށް ޝޮކެއް ލިބުނެވެ. އެތައް ޒަމާނެއްފަހުން އައިގޮތަށް ދަރިންނަށް ވެރިކަން ކުރަން ފަށާފާނެ ކަމަކަށް ދާނިޔަލް ހިޔެއްނުކުރެއެވެ. އޭނަގެ ގައިގާ އެފަދަ އެތިފަހަރެއް ޖެހުމުގެ ހިތްވަރު ހުންނާނެކަމަކަށް ނުދެކުނެވެ. ނަމަވެސް މަންމަ ކޮންމެ ތަނެއްގައި ހުއްޓަސްވާނީ މަންމައަށެވެ. ނުވަމަސް ދުވަސް ވާންދެން ބަނޑުގައި ބޭއްވުމުގެ އަގު ކަން ނޭގެއެވެ. ރުޅި ގަދަވެގެންގޮސް ލޭ ކެކުނުނަމަވެސް ދާނިޔަލްއަށް އޭނަގެ މަންމަގެ ގަޔަށް އަތްލާކަށް ނުކެރުނެވެ. މުށްކަވާލި އަތް ޖަހައިލެވުނީ ޖިންސްގެ ޖީބަށެވެ. 

"އައިމް ޔޯރ މަދަރ ދާނިޔަލް، ބޭނުން ވިޔަސް އެކަމެއް ބަދަލެއްނުވާނެ.... އަދި މަންމައަށް ދަރިންގެ މައްޗަށް އަމުރުކުރެވޭނެ، ހުކުމްވެސް ހިންގޭނެ، އެހެންނޫންނަމަ ދާނިޔަލް އުފަންވާނީ އެހެން އަންހެނެއްގެ ބަނޑުން......" ދީނާގެ ކޮންމެ ޖުމްލައެއްގައި ހަރުކަށިކަން ވިއެވެ. ދާނިޔަލް ބުމަގޮށްޖަހާލައިގެން އަލިފާންވެފައި ހުރެ އެތަނުން ނިކުމެގެންދާން ހިނގައިގަތްއިރު މިލާން އިނީ ނޭވާ ހިފަހައްޓާލައި ގެންނެވެ. ދީނާ ހިނިތުންވެލުމާއިއެކު އެ މޫނުމަތި ބަދަލުވެގެން ދިޔައީ ހާދަ ރީތިކޮށެވެ. މިހާރު ދީނާ ހީވަނީ ދުނިޔޭގައި ހުރި އެންމެ ރަނގަޅު އިންސާނާހެންނެވެ. މޫނު އަލިވެ ކޯތާފަތް އުޖާލާވެއްޖެއެވެ.

"މިލާން، މިރޭ މިއުޅެނީ ޝޮޕިންއަށް ދާން، ބްރައިޑްސްމެއިޑަކަށް މިލާން ހުރެލަންވާނެ، އެހެންވީމަ ހެދުން ފަހަން ފޮތިކޮޅަކާއި އެއްޗެހި ގަންނަން ދާންކަމަށް....ނުވައަކަށް ތައްޔާރުވާތި...." ދީނާ ހަގީގަތުގައި ހުރީ މިލާންއާއި ދިމާލަށް ހަރުކަށިކޮށް ވާހަކަ ދެއްކުނީތީ ދެރަވެފައެވެ. މިލާންދެކެ އޭނަގެ ހިތުގައި ކުލުނާއި ހަމްދަރުދީވިއެވެ. އެހެނޭ ކިޔާފައި އަމިއްލަ ދަރިއަކު ގުރުބާނެއް ނުކުރެވޭނެއެވެ. މިލާން ކިތަންމެ ރަނގަޅުވިޔަސް ދީނާގެ ދަރިންނާއި އެކަށީގެނެއް ނުވެއެވެ. ނަމަވެސް އޭނަ މިލާންގެ ހިތަށް އަނިޔާއެއް ދެވުނުކަމުގައި ވާނަމަ އެކަން ހިތުން ފިލާވާރަށް އެއްޗެހި ހަދިޔާކުރާނެއެވެ. ދީނާއަށް ނޭގުނީ ލާރިއާއި އަގުބޮޑު އެއްޗެއްސަކުންވެސް ހިތެއްގައި އެޅިފައިވާ ކޫރުމެއް ނުފިލާނެކަމެވެ. ދީނާ އިރުކޮޅެއްވާންދެން އެތަނުގައި ވާހަކަ ދައްކަން އިނުމަށްފަހު ނުކުތުމުން އަނެއްކާވެސް އިރާ ފެށީ ކައިވެނިކުރަން ބޭނުން ނޫން ވާހަކައެވެ.

"ހީވަނީ އިރާ ދާނިޔަލް ދެކެ ހޭޓްކުރާހެން.." ކުޑަ ޝައްކެއްވުމުން މިލާންއަށް ނާހައެއް ނީދެވުނެވެ.

"ޔަޕް...." އިރާ ތުންފަތުގައި ދަތްއަޅާލިއެވެ.

"އެއީ ކީއްވެތަ؟ " މިލާންގެ އެ ސުވާލުން އިރާ ހިންދިރުވައިލިއެވެ. ދާނިޔަލްގެ ނުބައިކަން މިލާންއަށް އެނގިފައެއް ނުވާނެއެވެ. ބޭބެއަކު ކުރިކަންތައް އިރާއަށް ކިޔައިދެވޭނީ ކިހިނެއްހެއްޔެވެ؟ އަނިޔާވެރި ކަމާއިއެކު އޭނަގެ އިއްފަތްތެރިކަން ފޭރިގަތްވާހަކަ ބުނެފިއްޔާ މިލާންވެސް ދާނިޔަލް ދެކެ ނަފްރަތު ކުރާނެއެވެ. އޭނަ އެ ވާހަކައެއްވެސް މީހެއްގެ ގާތު ބުނާކަށް ބޭނުމެއްނޫނެވެ. އެފަދަ ހިތްވަރެއް އޭނަގެ ނެތެވެ. އެ ހަނދާންތައް އާކޮށްގެން ހިތުގައިވާ ޒަޚަމްތައް އިތުރަށް ފުންވުން ނޫންކަމެއް ނުވާނެއެވެ.

"ދާނިޔަލްވެސް އަހަރެން ދެކެ ހޭޓްކުރޭ... ހީ ހޭޒް އެ ގާރލް ފްރެންޑް، އޭނަ ލޯބިވާކުއްޖެއް ހުރޭ..... އަހަރެންގެ ލޮލުން ފެނުނީ ދެމީހުން......." އިރާގެ އަޑު ކުރެހުނެވެ. 

"އޯވް..." މިލާންވެސް ދެލޯމަރާލީ ހިތަށް ލިބުނު އަނިޔާއަކުންނެވެ. އެވަގުތު މިލާންއަށް ވިސްނުނީ ލޯ އަނދިރިކުއްޖެއްގެ ގާތުގައި އޭނަ މޫނަށް ކޮންމެ ޝުޢޫރެއް ގެނެޔަސް ނޭގޭނެކަމެވެ. އިރާގެ ކާރީގައި އިނދެގެން ކިތަންމެ ވަރަށް ލޮލުން ކަރުނަ އޮހިޔަސް އޭނަގެ އަޑު ކޮންޓްރޯލްކުރަން އެނގިއްޖެއްޔާ ރޯކަމެއް މި ކުއްޖާފުޅަކަށް ނޭގޭނެއެވެ. ކިހާ ދެރަހެއްޔެވެ؟ މިލާންގެ ހިތް ހަމްދަރުދީއިން ފުރި ބަންޑުންވިއެވެ. ކޮއްކޮއެއްފަދަ އިހުސާސްތަކެއް ކުރެވުނެވެ. ގެނެސް ބައްދައިލަން ހިތަށް އެރިއެވެ. 

"މިލާން، އޭނައަކީ ޕްލޭ ބޯއި އެއް....އަހަންނާއި މެރީކުރިޔަސް އޭނަ އެހެންމީހުން ގާތަށް ދާނެކަން ޔަގީން، އެހެންނޫނަސް ބްލައިންޑް ކުއްޖަކާއި އިނުމުގެ މާނައެއް ނެތެއްނު، އޭނަ ރެފިއުސްކުރިއްޔާ ވާނީ ކީއްތަ؟ ނުބައި އިންޓެންޝަނެއް ނެތްނަމަ އޭނަ ކޮންމެހެން ލޯބިނުވާ މީހަކާއި އިންނާނެތަ؟ އެއީ ހާރޓްލެސް މީހެއް..... ސޮރީ މިލާން، އަހަންނަށް އެނގޭ ބޭބެއެއްގެ ވާހަކަ އަޑުއަހަން ފަސޭހައެއް ނުވާނެކަން...." އިރާ ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް އެނދުން ފައި ބޭލިއިރު މިލާން އެއްގޮތަކަށްވެސް އިރާއަށް ނުފެންނަ ހަނދާނެއްނެތެވެ. އިރާގެ ފައިން ޖެހިފައި ކޮފީ މަގު ބަންޑުންވެ ފަޔަށް ހޫނު ކޮފީ ވެރުމުން އިރާއަށްވެސް ހަޅޭއްލަވައި ގަނެވިއްޖެއެވެ.

"އޫޕްސް އައިމް ސޮރީ...." އިރާ ހުރީ އަނގަމަތީގައި އަތްއަޅާލައިގެންނެވެ.

"އިރާ ނޫނޭ ސޮރީ ބުނަންވީ، އަހަންނޭ، އިރާ....... އަހަރެން ހަނދާން ނެތުނީ.. ސޮރީ. އައިމް ރިއަލީ ސޮރީ.........." މިލާން އިރާގެ އަތުގައި ހިފައިގެން ބާތުރޫމަށް ވައްދާފައި ފައި ދޮވެލަދިނެވެ. އަދި ކޮޓަރި މޮޕްކޮށްލާފައި އިރާއަށް ކޮފީ ދިނުމާއިގެން އުޅުނު އިރު އެ ދެލޮލުގައި ވަނީ ނުތަނަވަސްކަމެވެ.

ނަހުޔާން ޑިއުޓީ ނިންމާލާފައި އައިގޮތަށް މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. ބުރަ ދުވަހަކަށްފަހު އޭނަ ހުރީ އަރާމުކޮށްލަން ބޭނުންވެފައެވެ. ސިޑިބަރިން ދުވެލާފައި ކަހަލަ ގޮތަކަށް މަތީބަޔަށް އަރައިގެން ދިޔައިރު ބެލްކަނީގައި އައިޒާ މަޑުކޮށްލައިގެން ހުރިތަން ފެނުމުން ނަހުޔާން ގެ ފިޔަވަޅުތައް މަޑުޖެހިލި އެވެ. ހައިރާންކަން އިންތިހާ ދަރަޖައިގެ ރުޅިވެރިކަމަށް ބަދަލުވާން ހިދުކޮޅެއްވެސް ނުނެގިއެވެ. 

"ނަހުޔާން، އަހަރެން އެނބުރި މިއައީ ސަބަބެއް އޮތީމަ..." އައިޒާގެ ރީތި ދެލޮލުގައި ކަރުނަތިކިތައް ވިދަން ފެށިއެވެ. އެހާ ހިތްވަރުގަދަ އަންހެންކުއްޖަކު އެހާ ފަސޭހައިން ރޮވޭތީ ނަހުޔާން ހައިރާންވިއެވެ. އަނގައިން ބުނެލާ ބަހާއިއެކު ކަރުނަ އޮހެން ޖެހޭހެއްޔެވެ؟

"އަހަންނާއި ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނީންނާނެ...." ނަހުޔާން ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ. އައިޒާ ލަދުން ހުރެވެސް ނަހުޔާން ކޮޓަރި ހުޅުވާލުމާއިއެކު އަތުތެރެއިން ދެމިގަތެވެ. އެއީ އައިޒާއަށްވެސް ފަސޭހަކަމެއް ނޫނެވެ. ނަހުޔާންއަށް އެފަދަ މެސެޖެއް ފޮނުވާލާފައި އޭނައާއިމެދު އެންމެ ބޮޑަށް ހިތް ގޯސްކުރުވާފައި މިގޮތަށް އައުމަކީ ނަހުޔާން މަރުހަބާ ކިޔާނެ ކަމެއް ނޫންކަން އެނގެއެވެ.

ކޮމެންޓް 0